ނަމާދުގެ ޙަޤީޤީ ރީތިކަމުގެ ލައްޒަތު ލިބިގަންނާނީ ކިހިނެއް؟ (ހަތްވަނަ ބައި)
ކުޑަ ސިހުމެއް!
ދެން އަޅުގަނޑުމެން މި އަންނަނީ مَالِكِ يَوْمِ الدِّيْن (ޤިޔާމަތް ދުވަހުގެ ވެރިރަސްކަލާނގެ) އާއި ހަމައަށެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތުގައި مَالِك މި ބަސް ބޭނުން ކުރައްވާފައިވަނީ ކީއްވެ ހެއްޔެވެ؟ އެއީ ޤިޔާމަތް ދުވަހު މި ދުނިޔޭގައި އެކަލާނގެ ޚަލްޤުތަކުންނަށް ދެވުނު ހުރިހާ އާރާއި ބާރާއި ވެރިކަމެއް އެއްކޮށް ނެތި ގޮސްފައިވާނެތީވެއެވެ. އެދުވަހަކުން ހުރިހާ ވެރިކަމަކާއި ބާރެއް ލިބިގެން ވާނީ ޙަޤީޤީ ރަސްގެފާނަށެވެ! އެކަލާނގެ އިޒުނަ ދެއްވުމުން މެނުވީ އެދުވަހަކުން އެއްވެސް މީހަކަށް އެންމެ ބަހެއް ވެސް ބުނެއެއް ނުލެވޭނެއެވެ. މި ބަސް އަންނަ ދެގޮތެއްވެއެވެ. އެއީ مَالِك (ތަކެއްޗާއި ތަންތަނުގެ މިލްކުވެރިކަން) އަދި مَلِك (މީހުންގެ މައްޗަށް އޮންނަ ވެރިކަން) އެވެ. މި ދެ މާނައިން ވެސް ދޭހަވެގެން ދަނީ އެ ބޮޑުވެގެންވާ ދުވަހުގައި ﷲ ގެ ބާރުވެރިކަމާއި ކުޅަދުންވަންތަކަމެވެ!
“އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. (1) އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ. (2) އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ. (3) އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ. (4) އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ. (5) އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ. (6)” ސޫރަތުއްތަކްވީރު، 1-6
“(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ.” ސޫރަތުލް ޢަބަސަ، 34-36
“ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ.” ސޫރަތުލް ޙައްޖު، 2
“އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ…” ސޫރަތުލް އަންބިޔާ، 104
“އަދި އުޑުތައްވާހުށީ، ފަށްޖަހައިލައްވާފައިވާ حال، އެކަލާނގެ قدرة ތެރިކަމުގެ ކަނާތްޕުޅުގައެވެ.” ސޫރަތުއްޒުމަރު، 67
“ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ.” ސޫރަތުއްޒުމަރު، 68
އެއަށްފަހު ދެން ބާކީ ހުންނާނީ ކާކު ހެއްޔެވެ؟ ތާޅަފިލި ފުމެލެއްވި މަލާއިކަތާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަލާއިކަތާގެ ރޫޙުވެސް ނަންގަވައެވެ. ދެން ބާކީ ހުންނާނީ ކާކު ހެއްޔެވެ؟ އެކަކުވެސް ނެތެވެ! ދެން އަޅަމެންގެ ވެރި ރައްބު ވަޙީކުރައްވާނެއެވެ. “ހުރިހާ ވެރިކަމެއް މިއަދު ލިބިގެންވަނީ ކާކަށް ހެއްޔެވެ؟” އެއްވެސް ޖަވާބެއް ނާންނާނެއެވެ. “ހުރިހާ ވެރިކަމެއް މިއަދު ލިބިގެންވަނީ ކާކަށް ހެއްޔެވެ؟” އެއްވެސް ޖަވާބެއް ނާންނާނެއެވެ. “ހުރިހާ ވެރިކަމެއް މިއަދު ލިބިގެންވަނީ ކާކަށް ހެއްޔެވެ؟” ދެންވެސް މަރުހިމޭންކަމެވެ. އެއަށްފަހު ﷲ ސުބުޙާނަހޫ ވަތަޢާލާ އަމިއްލަފުޅަށް ޖަވާބު ދެއްވާނެއެވެ.
“…އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه އަށެވެ.” ސޫރަތުލްޣާފިރު، 16
“ދެން އަނެއްފަހަރު ތާޅަފިލި ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ.” ސޫރަތުއްޒުމަރު، 68
“އަދި ބިން، އެ ބިމުގެ ވެރިރަސްކަލާނގެ نور ފުޅުން އަލިވެގެންދާނެތެވެ.” ސޫރަތުއްޒުމަރު، 69
“އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު އަންނާނެތެވެ. އަދި ملائكة ން ސަފުސަފަށް ވަޑައިގަންނަވާނެތެވެ.” ސޫރަތުލްފަޖްރު، 22
އަދި މީގެ އިތުރުން އިރު އަޅުގަނޑުމެންގެ ބޯތަކާއި ވަރަށް ކައިރި ކޮށްލެވޭނެއެވެ. 50،000 އަހަރުގެ ދިގުމިނަށް ދިގުދެމިގެންދާ ދުވަހެއްގައެވެ! އެދުވަހެއްގެ ބިރުވެރިކަމުން އަޅުގަނޑުމެން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބު ކުރިއަށް އޮތީއެވެ.
މި ވަގުތަށް مَالِكِ يَوْمِ الدِّيْن މި ބަސްތަކާއި މެދު ވިސްނައި މިއާއި ގުޅިގެން އަޅުގަނޑުމެން ޚިޔާލަށް ގެންނަންޖެހޭ މަންޒަރުތައް ހަނދާންކުރަމާ ހިނގާށެވެ. ނަމާދުގައި މި ބަސްތައް ކިޔަވާ ހިނދު، އިރުކޮޅަކަށް މަޑުކޮށްލާށެވެ. މި ބަސްތަކަށް އަޅުގަނޑުމެންނަށް ބީރު ކަންފަތެއް ދެވިގެން ނުވާނެއެވެ. އަދި އަމުދުން މި ބަސްތަކަށް ނުވަދެވޭނެހާ ވަރަށް އަޅުގަނޑުމެންގެ ހިތްތައް ބަންދުވެގެން ވެސް ނުވާނެއެވެ. އެހެނީ ޙަޤީޤީ މުސްލިމެއްގެ ހިތް އަބަދުވެސް އުއްމީދާއި ބިރުވެރިކަމާއި ދޭތެރޭ ދަތުރު ކުރާނެއެވެ. ﷲ ގެ ރަޙްމަތަށް ކުރެވޭ އުއްމީދާއި، އެކަލާނގެ ގެ ނުރުއްސެވުމާއި ޢަޒާބަށްވާ ބިރުވެރިކަމެވެ.
ނުނިމޭ