ނާދިރުކަމެއްގެ މައްޗަށް ކާމިޔާބު ހޯދުން
ދުވަހަކުވެސް އެކަމަކުން އަރައިނުގަނެވޭނެހެން ހީވާފަދަ ގޮންޖެހުމަކާއި ތިބާ ކުރިމަތިލާން ޖެހުނު ހެއްޔެވެ؟ އެއީ ތިބާ ދެ ހަފްތާ ވަރެއް ވަންދެން ނަހަދާ އޮތް އެސައިންމެންޓަކަށް ވެދާނެއެވެ. އެހެންނޫނީ ތިބާގެ ދިރިއުޅުމުގައި އެތައް ނާކާމިޔާބީތަކާއި ކުރިމަތިލާންޖެހުނު ސަބަބު ކަމުގައިވާ ތިބާގެ ކަންނެތްކަން ކަމުގައި ވެދާނެއެވެ. އެހެންނޫނީ ނަމާދު ކުރެވޭނެހެން ތިބާއަށް ތިބާގެ ވަގުތުތައް ރާވަން ‘ނޭނގުން’ ކަމުގައި ވެދާނެއެވެ. އެހެންނޫނީ ފަތިސް ނަމާދަށް ހޭލުމުގައި ތިބާ ނާކާމިޔާބުވާކަން ކަމުގައިވެދާނެއެވެ. ނުވަތަ ތިބާ އަމިއްލަ ބާރުގެ ދަށަށް ގެންނަން ނޭނގޭ އެދުންތަކާއި އިޙްޞާޞްތަކަށް ވެދާނެއެވެ. އެހެންނޫނީ އެއްދުވަސްވަރެއްގައި ތިބާގެ ހިތުތެރޭގައިވި އިޚްލާޞްތެރި ނިޔަތްތައް ފާސިދުވަމުންދާކަން އެނގި އެއަށް ގެންނާނެ ޙައްލެއް ހަމަ އެއްގޮތަކަށްވެސް ނޭނގުން ކަމުގައި ވެދާނެއެވެ.
މި ޙާލަތްތަކުގައި އަހަރުމެންނަށް އެހީވެދޭން ޖެހޭ އާޔަތް އަހަރުމެން އެންމެންނަށް ވެސް އެނގެއެވެ. އެއީ ވަރަށް ގިނައިން ފޭސްބުކާއި ވައިބާރ ގްރޫޕްތަކުގައި ދައުރުވާ އާޔަތެކެވެ.
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ
އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ!” ސޫރަތުލް ބަޤަރާ، 45
ތިބާގެ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެނަސް އަޅުގަނޑަށް ހަމަ ޔަޤީނުންވެސް މި އާޔަތް ދޭހަކުރަން ދަތިވި ދުވަސްވަރެއްއައެވެ. ކެތްތެރިކަން ކުޑަ މީހަކަށް ކެތްތެރިވެވޭނީ ކިހިނެއްހެއްޔެވެ؟ އެ 5 މިނެޓުގެ ނަމާދު މީހެއްގެ ޙާލަތް ބަދަލުކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ މިއީ މި އާޔަތް ފެންނަ ކޮންމެ ފަހަރަކު އަޅުގަނޑުގެ ޚިޔާލުތަކުގައި ދައުރުވަމުން ދިޔަ ސުވާލުތަކެވެ. އެހެނަސް އޭރު އަޅުގަނޑަށް ނޭނގުނު ކަމަކީ މަތީގައި ބަޔާން ކުރެވިފައިވީ ހަމައެކަނި އެ އާޔަތުގެ އެއްބައި ކަމެވެ. އަދި އަޅުގަނޑުގެ ސުވާލުތަކުގެ ޖަވާބު ފޮރުވިފައިވީ އެ އާޔަތުގެ ފަހު ބަޔާއި، ޖެހިގެން އޮތް އާޔަތުގައި ކަމެވެ. މި އާޔަތުގެ ފުރިހަމަ މާނަ ތިރީގައި މިވަނީއެވެ.
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ
އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ) ސޫރަތުލް ބަޤަރާ، 45
މި އާޔަތުން އެނގޭ ގޮތުން “ޚާޝިޢޫން” އޭ ކިޔާ ބަޔަކަށް ފިޔަވައި “ޞަބްރު” އާއި ނަމާދުން އެހީތެރިކަން ހޯދަން ދަތިވާނެއެވެ. “ޚާޝިޢޫން” އަކީ ކޮން ބައެއް ހެއްޔެވެ؟ އެއީ އެމީހުން ނަމާދު ކުރާއިރު ބިރުވެރިކަމެއް އިޙްޞާޞް ކުރެވޭ ބައެކެވެ. އެ ބިރު ގަތުމުން ގައިގެ މަސްތަކުން ވަރުދޫވާހެން ހީވާފަދަ ބިރުވެރިކަމެކެވެ.
ދެން ތިބާ ސުވާލުކޮށްފާނެއެވެ. ނަމާދުން އެހީ ލިބިގަތުމަށްޓަކައި އެފަދަ ބިރެއްގަތުން މުހިއްމީ ކީއްވެ ހެއްޔެވެ؟ އޭގެ ފަހަތުގައި ސަބަބުތަކެއްވެއެވެ. އޭގެ ތެރެއިން އެއްސަބަބަކީ އަހަރުމެން ނަމާދުގައި ވަރަށް ގިނައިން ބޭނުން ކުރާ ބަހެކެވެ. އެއީ “ރައްބު” މި ބަހެވެ. މިސާލަކަށް އަލްޙަމްދުލިއްލާހި ‘ރައްބި’ލްޢާލަމީން، ސުބްޙާނަ ‘ރައްބި’ޔަލް ޢަޟީމް، ‘ރައްބަ’ނާ ލަކަލް ޙަމްދު….މި ފަދަ ޢިބާރާތްތަކެވެ. “ރައްބު” ގެ މާނަތައް ވަރަށް ބައިވަރެވެ. އެހެނަސް އެ ބަސް ގިނައިން ބޭނުން ކުރެވެނީ އެ ފަރާތެއްގެ ދަށުން އަޅުން ގެންގުޅޭ ފަރާތަކަށެވެ. އަދި އެ އަޅުން އެއްވެސް ޝަކުވާއެއްނެތި ބޯލެނބުމަށް އަމުރުތައް ދޭ ފަރާތަކަށެވެ. އެހެންކަމުން އަހަރުމެން ﷲ އަކީ އަހަރުމެންގެ ރައްބުކަމަށް ބުނާނަމަ އޭގެ މާނައަކީ އަހަރުމެންނަކީ އެކަލާނގެ އަޅުން ކަމެވެ. އަދި ކުރީ ޒަމާނުގައި އުޅުނު އަޅުންނާއި އެއްގޮތަށް އަހަރުމެންނަށް ކުރެވިފައިވާ އަމުރުތަކާއި ގުޅިގެން އަހަރުމެން ކަންތައް ކުރި ގޮތާއި މެދު އަހަރުމެންނާ ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެކަމެވެ. ނަމާދުގައި އަހަރުމެން އަހަރުމެންގެ ރައްބު ކުރިފުޅުމަތީގައި ތިބެނީ އެ ސުވާލުތައް ކުރެވޭނެ ދުވަހަކުން އަހަރުމެން ތިބޭނެ ފަދައިންނެވެ. އަހަރުމެން ނަމާދުގައި ވެސް ތިބެނީ އަހަރުމެންގެ ނަޒަރުތައް ތިރިކޮށް މަޑުމޮޅިވެފައެވެ. އަދި އެއްވެސް ބޭނުމެއްނެތް ޙަރަކާތެއް ނުކޮށް ހަމައެކަނި އަހަރުމެންގެ ރައްބު ރުހިވޮޑިގެންވާފަދަ ބަސްތައް ކިޔުމުގައި މަޝްޣޫލުވެފައެވެ. މިއީ ހަމަ އެދުވަހަކުން ވެސް ކަންތައް ވާނެގޮތެވެ. ޖެހިގެން ވާ އާޔަތުގެ ރީތިކަން މިހާރު ތިބާއަށް އިޙްޞާޞް ކުރެވޭނެއެވެ. އެ އާޔަތުގައިވަނީ މިހެންނެވެ.
الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو رَبِّهِمْ وَأَنَّهُمْ إِلَيْهِ رَاجِعُونَ
“އެއުރެންނީ، އެއުރެންގެ ރައްބު އާއި ބައްދަލުވާނޭ ބަޔަކުކަމާއި، އެކަލާނގެ حضرة އަށް އެނބުރި رجوع ވަނިވި ބަޔަކުކަން ކަށަވަރުކޮށް يقين ކުރާ މީހުންނެވެ” ސޫރަތުލް ބަޤަރާ، 46
ދެން ވިސްނާލާށެވެ. އަހަރުމެންނަކީ ހަމަ ޔަޤީނުންވެސް އަހަރުމެންގެ ރައްބު އާއި ބައްދަލުވާނެކަން ޔަޤީންކުރާ ބަޔަކު ކަމުގައި ވާނަމައާއި، ކޮންމެ ނަމާދަކީ އެ ބައްދަލުވުމުގެ މަތިން ހަނދާންކޮށްދޭ ކަމެއް ކަމުގައި ވާނަމަ އެ ނަމާދުގެ ސަބަބުން އަހަރުމެންގެ އުޅުމަށް ބަދަލެއް ނާންނާނެ ހެއްޔެވެ؟ އެއިން އަހަރުމެން ވަގުތުތައް ހޭދަކުރާ ގޮތަށް ބަދަލެއް ނާންނާނެ ހެއްޔެވެ؟ އަހަރުމެންގެ ވާޖިބުތައް އަދާ ކުރުމުގައި އަހަރުމެން އިތުރަށް ޒިންމާދާރު ނުވާނެ ހެއްޔެވެ؟ މި ދުނިޔެއަށްވުރެ މާ ބޮޑު ކަމަކާއި ކުރިމަތިލާން ޖެހޭކަން ހަނދާންވެ، ނިޔަތްތައް އިޚްލާޞްތެރިވެގެން ނުދާނެ ހެއްޔެވެ؟ މި ދުނިޔެއަކީ އެހެން ނޫނަސް ދެމިއޮންނާނެ ތަނެއް ނޫންކަން ހަނދާންވެ، ލިބޭ ގެއްލުމެއްގެ ހިތްދަތިކަން ކުޑަވެގެން ނުދާނެ ހެއްޔެވެ؟ ސުބްޙާނަ ﷲ!
ދެން ތިބާއަކީ ނަމާދުވެސް ‘ނުކުރެވޭނެ’ މީހެއް ކަމުގައި ތިބާ ބުނެފާނެއެވެ. އޭރުން ތިބާ އެހީ ހޯދާނީ ކިހިނަކުން ހެއްޔެވެ؟ “ޞަބްރު” ގެ މަތިން ހަނދާންކޮށްލަން ޖެހޭ ވަގުތަކީ އެއީއެވެ. މި އާޔަތުގައި ވަނީ ޞަބްރު އާއި ނަމާދުން އެހީތެރިކަން ހޯދުމަށެވެ. ޞަބްރު އަކީ ހަމައެކަނި ކެތްތެރިކަމެއް ނޫނެވެ. އަހަރުމެންގެ ރައްބު އެންގެވި އަމުރުތަކާއި އެއްގޮތަށް އުޅުމުގައި ދެމި ހުރުމަކީ ވެސް ޞަބްރުއެވެ. އަދި ފާފައެއް ކުރުމުގެ ބާރު އޮތްވާ ވެސް އެ ފާފައަކުން ދުރުވެގަތުމަކީ ވެސް ޞަބްރުއެވެ. އެހެންވީމަ ކުރީކޮޅު މި އެހީ ހޯދުން ވެގެން ދާނީ ނުހަނު އުނދަގޫކަމަކަށެވެ. ނަމާދު ކުރާއިރު އެފަދަ ބިރުވެރިކަމެއް ތިބާއަށް އިޙްސާސް ނުކުރެވިދާނެއެވެ. އަދި ތިބާގެ ނަމާދަކީ އެއިން އެހީތެރިކަން ލިބޭނެފަދަ ނަމާދެއް ނޫންހެން ތިބާއަށް ހީވެދާނެއެވެ. އެހެނަސް އަހަރުމެންގެ ރައްބަކީ އަހަރުމެން ކުރާ ކޮންމެ ޤުރުބާނީއަކާމެދު މޮޅަށް ދެނެވޮޑިގެންވާ އަދި އެކަމަށް އަޖުރު ދެއްވާނެ ރައްބުކަން ހަނދުމަކުރާށެވެ. އަދި ތިބާގެ އެދުމާއި ދެކޮޅަށް ގަދަކަމުން އެތައް ޤުރުބާނީއެއް ކޮށްފައި ކުރެވޭ އެ ނަމާދަކީ ތިބާގެ އީމާންތެރިކަން ދުވަހަކުވެސް ވަރުގަދަ ނުވާވަރަށް ވަރުގަދަ ކުރުވާ ނަމާދަށް ވެދާނެއެވެ.
މާތް ﷲ އަޅަމެން ޚާޝިޢޫންގެ ތެރެއިން ލައްވައި އަޅަމެންނަކީ ނަމާދާއި “ޞަބްރު” އިން އެހީ ލިބެން އެކަށޭނަ ބަޔަކު ކަމުގައި ލައްވާށި! އާމީން!