ނޫނެކެވެ! އެއީ އިއްތިފާޤެއް ނޫނެވެ!
ނުހަނު ތަޖުރިބާކާރު މުދައްރިސެއްގެ އެހީއާއިއެކީ ތިބާ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރާތަން ޚިޔާލަށް ގެންނާށެވެ. އެ ޕްރޮޖެކްޓް ބިނާވެގެންވާ މާއްދާ ތިބާއަށް ރަނގަޅަށް ނޭނގުނަސް އެ މުދައްރިސަށް ނުހަނު ރަނގަޅަށް އެނގެއެވެ. އަދި އެ މުދައްރިސަކީ ތިބާއާއި ނުހަނު ގާތްވެފައި ޕްރޮޖެކްޓް ނިމޭއިރު ތިބާ ކާމިޔާބުވާން އެދޭ މުދައްރިސެކެވެ.
އެހެންކަމުން ތިބާ އެ މުދައްރިސްގެ އެހީއާއިއެކީ ޕްރޮޖެކްޓްގެ މަސައްކަތް ފަށަމުއެވެ. ބައެއްފަހަރު ތިބާ ކުރާ މަސައްކަތާއި އެ މުދައްރިސް އެއްބަސްވެއެވެ. އަނެއްބައި ފަހަރު ތިބާގެ ޚިޔާލުތައް ބަދަލުކުރުމަށް އެ މުދައްރިސް ބުނެއެވެ. އަދި ބައެއްފަހަރު ތިބާ ކޮށްފައިވާ މަސައްކަތް އެއްކޮށް ބަދަލުކުރަން ވެސް އެ މުދައްރިސް އަންގަފާނެއެވެ. އެހެނަސް އެކަމާއިމެދު މައްސަލަ ޖެއްސުމެއްނެތި ތިބާ އެ ބަދަލުތަކާއިމެދު އެއްބަސްވެ އެއާއި އެއްގޮތަށް ޢަމަލުކުރަމުއެވެ. އެހެނީ ތިބާގެ މުދައްރިސްގެ ޢިލްމަށް ތިބާ އިތުބާރު ކުރާތީވެއެވެ. އަދި އެ މުދައްރިސް ހުރިހާ ގޮތަކުން ވެސް ތިބާގެ ކާމިޔާބީއަށް އެދޭކަން ތިބާއަށް ޔަޤީން ކުރެވޭތީވެއެވެ.
އެއްވެސް މިސާލަކަށްވުރެ ﷲ ސުބުޙާނަހޫ ވަތަޢާލާ މަތިވެރިވެ ވޮޑިގެންވެއެވެ. މިވަގުތު މިކަން ޚިޔާލަށް ގެންނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއާއި މެދު ކަންތައް ކުރައްވާ ގޮތާއިމެދު ވިސްނާށެވެ. ބައެއްފަހަރު ތިބާގެ ރޭވުންތަކާއި ﷲ ގެ ރޭއްވެވުންތަކާއި އެއްގޮތްވެއެވެ. ޙަޔާތުގައި ތިބާ އެދޭ ގޮތަށް ކަންތައްވުމަށް ﷲ އިރާދަކުރައްވައެވެ. އަނެއްބައި ފަހަރު އެކަލާނގެ ތިބާއަށްޓަކައި އެހެން ގޮތެއް ރާއްވަވައެވެ. އެހެނީ ތިބާއަށް ޙައްޤުވެގެން ވަނީ އެއަށްވުރެ ފުރިހަމަ ނިޢުމަތެއްކަން އެކަލާނގެ ދެނެވޮޑިގެންވަނީއެވެ. ނޫނީ ވަކި ކަމަކުން ދުރުވުމުން ތިބާ ﷲ އާއި ގާތްވެގެންދާނެކަން އެކަލާނގެ ދެނެވޮޑިގެންވަނީއެވެ. އެހެންނޫނީ ތިބާ ރާވައިގެން ހުރި ރޭވުންތަކުން ތިބާއަށް ލިބެން އުޅޭ ގެއްލުމުން އެކަލާނގެ ތިބާ ރައްކާތެރި ކުރައްވަނީއެވެ.
މުޞީބާތެއް ކުރިމަތިވާ ހިނދު ކިޔަން ރަސޫލާ (ޞ.ޢ.ވ) އަންގަވާފައިވާ ބަސްތަކަށް ނިކަން ބައްލަވާށެވެ.
قَدَرَ اللّه وَمَا شَاء فَعَل
“އެއީ ﷲ ތަޤްދީރު ކުރެއްވި ގޮތެވެ. އަދި އެކަލާނގެ އިރާދަކުރެއްވި ގޮތަށް އެކަލާނގެ ކަންތައް ކުރެއްވިއެވެ.”
(ޞަޙީޙް މުސްލިމް)
މި ބަސްތައް އަޑުއިވުމުން ހިތަށް ހަމަޖެހުމެއް ނުލިބޭ ހެއްޔެވެ؟ ޙަޔާތުގައި އެއްވެސް ކަމެއް ހިނގަނީ އިއްތިފާޤަކުން ނޫންކަން އެނގުމުންނެވެ. މުޞީބާތެއް ޖެހުމުގެ މާ ކުރިން އެކަން އަޅުގަނޑުމެންނަށްޓަކައި ﷲ ކަނޑައަޅުއްވައި ލިޔުއްވާފައިވާކަން އެނގުމުންނެވެ. އަދި ﷲ އީ އަޅުގަނޑުމެންދެކެ އެންމެ ލޯބިވެވޮޑިގެންވާ އަދި އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އެނގުމުންނެވެ.
ރަސޫލާ (ޞ.ޢ.ވ) މި ބަސްތައް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވީ ހަމައެކަނި ދަތި ވަގުތުކޮޅެއްގައި ބުނެލާ ބަސްތަކެއްގެ ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު އެ ބަސްތަކުން ދަސްކޮށްދެއްވާފައިވަނީ މުޞީބާތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ވިސްނުން ބައްޓަންވެފައި ހުންނަންވީ ގޮތެވެ. އަޅުގަނޑުމެންނަކީ އެފަދަ ވިސްނުމެއް ގެންގުޅޭ ބަޔަކަށްވަމާ ހިނގާށެވެ.
މާތް ﷲ އަޅަމެންނަކީ ހުރިހާ ޙާލަތްތަކެއްގައިވެސް އެކަލާނގެއަށް ވަކީލުކުރާ އަޅުންކަމުގައި ލައްވާށި! އާމީން!
ޙަދީޘް ރެފަރެންސް: