ބަދަލުވާ ޙަޔާތް (ހަވަނަ ބައި): ތިބާގެ އެންމެ ބޮޑު ކަންބޮޑުވުން
ބަދަލުވާ ޙަޔާތް 6
ރަސޫލާ ﷺ ދެ ބައެއްގެ ވާހަކަ ސިފަކުރައްވާފައިވާ ވަރަށް ފުން ޙަދީޘެއްވެއެވެ. މި ދެބައިމީހުން ދުނިޔެ ދެކެނީ ތަފާތު ދެ ނަޒަރިއްޔާތަކުންނެވެ. އެހެން ގޮތަކަށް ބުނާނަމަ މި ދެބައި މީހުން އެންމެ ބޮޑަށް ސަމާލުކަން ދެނީ ތަފާތު ދެ ކަމަކަށެވެ. ރަސޫލާ ﷺ ސިފަ ކުރައްވަނީ އެމީހުންގެ أَكْبَرُ هَمَّ އެވެ. أَكْبَرُ هَمَّ ގެ މާނައަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ.
ރަސޫލާ ﷺ ސިފަކުރައްވާ ގޮތުގައި އޭގެ ތެރެއިން އެއްބައި މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެހެންނޫނީ އެމީހުން އެންމެ ބޮޑަށް ސަމާލުކަން ދެނީ ދުނިޔަވީ މި ޙަޔާތަށެވެ. އަނެއްބައި މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެހެންނޫނީ އެމީހުން އެންމެ ބޮޑަށް ސަމާލުކަން ދެނީ އުޚްރަވީ ޙަޔާތަށެވެ. ޙަދީޘުގައި ރަސޫލާ ﷺ ސިފަކުރައްވާފައިވަނީ މި ދެ ނަޒަރިއްޔާތުގެ ނަތީޖާތަކެވެ.
އެންމެ ފުރަތަމަ އަޅުގަނޑުމެން ބަލައިލާނީ ދުނިޔަވީ ޙަޔާތަށް އެމީހުންގެ އެންމެ ބޮޑު ސަމާލުކަމެއް ދޭ މީހުންނަށެވެ. ރަސޫލާ ﷺ ސިފަކުރައްވާ ގޮތުގައި މީގެ 3 ނަތީޖާއެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކީ جَعَلَ الْفَقْرُ بَيْنَ عَيْنَيْهِ އެވެ. މިއީ މިކަން ސިފަކޮށްދޭން ޙަޤީޤަތުގައި ވަރަށް ޝައުޤުވެރި ގޮތެކެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ އެމީހުންގެ ލޮލުގެ ދެމެދުގައި ފަޤީރުކަން ލައްވަވާ ކަމެވެ. ބަހުން ބަހަށް ޙަދީޘްގެ އެ ބައި މާނަ ކުރެވޭނީ މިހެންނެވެ.
ނިކަން ޚިޔާލަށް ގެންނާށެވެ. ތިބާ ލާރި ފޮއްޗެއް ނަގައި ދެލޮލުގެ ދެމެދަށް ވާ ގޮތަށް އެލުވައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ކުރިއަށް ބަލައިފިނަމަ ތިބާއަށް ފެންނާނީ ކޯޗެއް ހެއްޔެވެ؟ ތިބާއަށް ފެންނާނީ އެންމެ ލާރިއެކެވެ. ކަނާތް ފަރާތަށް ބަލައިފިނަމަ ފެންނާނީ ކޯޗެއް ހެއްޔެވެ؟ އެންމެ ލާރި ފޮއްޗެކެވެ. ވާތް ފަރާތަށް ބަލައިފިނަމަ ފެންނާނީ ކޯޗެއް ހެއްޔެވެ؟ އެންމެ ލާރި ފޮއްޗެކެވެ. ތިރަށް ބެލިޔަސް މައްޗަށް ބެލިޔަސް ފެންނާނީ އެކައްޗެކެވެ. ތިބާ ކޮންމެ ޙާލަތެއްގައި ވިޔަސް ތިބާއަށް ފެންނާނީ އެންމެ ލާރި ފޮއްޗެކެވެ.
ރަސޫލާ ﷺ މި ޙަދީޘް ކުރައްވަނީ ކީކޭ ހެއްޔެވެ؟ މީގެ މާނައަކީ މީހަކު މި ދުނިޔެއަކީ އެމީހަކު އެންމެ އަހަމިއްޔަތުކަން ދޭ ކަމަށް ހަދައިފިނަމަ، އެމީހުންނަށް ދުވަހަކުވެސް ލިބިފައިވާ މިންވަރަކުން ހިތްހަމައެއް ނުޖެހޭނެއެވެ. އެމީހުންނަށް އަބަދުވެސް އިޙްސާސް ކުރެވޭނީ އެމީހުން ފަޤީރު ހެންނެވެ. ފަޤީރުކަން ވެސް އެމީހުންގެ ލޮލުގެ މެދުގައި ލައްވަވާފައެވެ.
އެހެންކަމުން ތިބާގެ މިލްކުގައި ކޮންމެ އެއްޗެއް ހުއްޓަސް، ކޮންމެ ޙާލަތެއްގައި ވިޔަސް، ތިބާގެ ހިތް ދުވަހަކުވެސް ނުފުރޭނެއެވެ. ދުވަހަކުވެސް ތިބާގެ ހިތެއް ހަމައެއް ނުޖެހޭނެއެވެ. ތިބާގެ ޙަޔާތުން ކޮންމެވެސް ކަމެއް އުނިވާ ކަހަލަ އިޙްސާސެއް ތިބާއަށް އަބަދުވެސް ކުރެވޭނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ޙާލަތަކީ މިއީއެވެ. އެހެންނޫންތޯއެވެ؟ ސަޤާފަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިކަން ފެނެއެވެ. އަދި އަމުދުން މީޑިއާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ވެސް މި ޚިޔާލެވެ. ތިބާގެ އަތުގައި އާ ކާރެއް އޮތަސް އެންމެ ފަހުގެ ކާރު ތިބާއަށް ބޭނުންވާނެ ކަމަށް އިޝްތިހާރުތަކުން ވިސްނައިދޭން މަސައްކަތް ކޮށްދެއެވެ. ތިބާގެ އަތުގައި އާ އައިފޯނެއް އެބައޮތެވެ. އެހެނަސް ކަން ހިނގާގޮތް ތިބާއަށް އެނގެއެވެ. އާ އައިފޯނެއް ނިކުންނައިރަށް އެ ފޯނު ގަންނަން ޖެހެއެވެ. ކޮންމެ ކަމެއްވެސް ‘އަޕްގްރޭޑް’ ކުރެވިދާނެ ގޮތެއް އަބަދުވެސް އޮވެއެވެ. އަބަދުވެސް ތިބާގެ އަތުގައި އޮތް އެއްޗަށްވުރެ ރަނގަޅު އެއްޗެއް ފެނޭތޯ ތިބާއަށް މަސައްކަތް ކުރެވެއެވެ.
އަޅުގަނޑުމެންނަށް ދަސްކޮށްދެވެނީ އަޅުގަނޑުމެންގެ އަތުގައި އަބަދުވެސް ގިނައިން ހުންނަން ޖެހޭކަމެވެ. އަޅުގަނޑުމެންގެ އަތުގައި ފުދޭވަރަށް އެއްޗެހި ނެތްކަމެވެ. މިއީ މި ދުނިޔެ ތިބާގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހެދުމުގެ ނަތީޖާއެކެވެ. ނުވަތަ އެގޮތަށް ކަންތައް ކުރުމުން ޖެހޭ ބައްޔެކެވެ.
ދުނިޔެ އެމީހެއްގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހެދުމުގެ ދެވަނަ ނަތީޖާއަށް ބަލަމާ ހިނގާށެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. فَرَّقَ اللَهُ لَهُ أَمْرَ هُ. އެމީހެއްގެ ކަންތައް އެކި ދިމަދިމާލަށް ދިޔުމެވެ.
މިއީ ކޮންމެވެސް ދަރަޖައެއްގައި އަޅުގަނޑުމެންނަށް އިޙްސާސް ކުރެވިފައިވާނެ ކަމެކެވެ. ތިބާގެ އެންމެ ބޮޑު ސަމާލުކަން ދެވިފައިވަނީ މި ދުނިޔެއަށް ކަމަށްވާނަމަ މިފަދަ ޙާލަތެއް ތިބާއަށް ދިމާވެދާނެއެވެ. މިސާލަކަށް ތިބާ ޙަޔާތުގެ އެއްކަމެއްގައި ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރަމުއެވެ. އެހެނަސް ދެން ހުރި ކަންތައްތައް ދަނީ ބޮއްސުންލަމުންނެވެ. އެހެންނޫނީ މިސާލަކަށް ތިބާ މަސައްކަތް ކުރަނީ ތިބާގެ ޙަޔާތުގައި އުޅޭ އެކަކު އުފާކޮށްދިނުމަށެވެ. އެހެނަސް ދެން ތިބި މީހުންނަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ.
ތިބާގެ ޙަޔާތުގެ ކަންތައް އެކި ދިމަދިމާލަށް ދިޔުމަކީ މިއީއެވެ. މި ޙާލަތުގައި އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ފުރިހަމައެއް ނުކުރެވޭނެއެވެ. އަޅުގަނޑުމެންގެ ވިސްނުން ވާނީ އެކި ދިމަދިމާލަށް ގޮހެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކަންތައް ވެސް އެކި ދިމަދިމާލަށް ދާނެއެވެ. އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނީ ޙަޔާތުގެ ކަންކަމުގައި އެއްވެސް ތަރުތީބެއް ނެތް ހެންނެވެ.
މިއީ މި ދުނިޔެ އެ މީހެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ހެދުމުގެ އެއް ނަތީޖާއެވެ. ޙަޔާތުގެ ހުރިހާ ކަމެއް ވިއްސިވިހާލިވެގެންދާނެއެވެ.
ދުނިޔެއަށް މީހެއްގެ އެންމެ ބޮޑު ސަމާލުކަން ދިނުމުގެ ތިންވަނަ ނަތީޖާއަކީ، އެމީހަކަށްޓަކައި ދުނިޔެއިން ލިޔުއްވާފައިވާ ކަމެއް ފިޔަވައި އެހެން އެއްވެސް ކަމެއް އެމީހަކަށް ނުލިބުމެވެ. އެހެންކަމުން މިއީ ޓްރެޑްމިލްގައި ދުވުމުގެ މިސާލެކެވެ. ޓްރެޑްމިލްއެއްގައި ދުވުމުން ވަނީ ކިހިނެއް ހެއްޔެވެ؟ ތިބާ ވަރަށް ވަރުބަލިވާނެއެވެ. އެހެނަސް ވަކި ތަނަކަށް ނުއެއް ދެވޭނެއެވެ. ތިބާގެ މަޤާމު ތިބާ ދުލެއް ނުކުރަމުއެވެ. ކިތަންމެ ވަރުބަލިވި ކަމުގައި ވިޔަސްމެއެވެ.
ދުނިޔެ ފަހައި ދުވުމުގެ އަސްލަކީ މިއީއެވެ. މިކަމުން ތިބާ ވަރަށް ވަރުބަލިވާނެއެވެ. ބައެއްފަހަރު މިކަމާއިހެދި މީހުން މަރާއި ވެސް ކުރިމަތިލާން ޖެހެއެވެ. އެހެނަސް އެ މީހަކަށްޓަކައި ލިޔުއްވާފައިވާ ކަމެއް ނޫނީ އެމީހަކަށް ނުލިބޭނެއެވެ.
ދުނިޔެ ފަހައި ދުވުމުގެ ދަޅައަކީ މިއީއެވެ. އަވާމެންދުރެއް ފަދައިންނެވެ. އަބަދުވެސް އެއްޗަކާއި ހަމައަށް ދެވޭހެން ތިބާއަށް ހީވާނެއެވެ. އެހެނަސް އެހާ ހިސާބަށް ދެވޭއިރު އެއްވެސް އެއްޗެއް ނޯވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ﷲ އާއި ޝަރީކު ކުރާ މީހުންގެ ޢަމަލުތަކުގެ މިސާލަކީ ސަހަރާއެއްގައިވާ އަވާމެންދުރެއްގެ މިސާލެވެ.
ކިހާ ރީތި މިސާލެއް ހެއްޔެވެ؟ އެމީހުން ސަމާލުކަން ދިން ކަންތައް ގޯސްވުމުން އެމީހުންގެ ޢަމަލުތައް ވަނީ ސަހަރާއެއްގައިވާ އަވާމެންދުރެއް ފަދައިންނެވެ.
يَحْسَبُهُ الضَّمْآنُ مَاءً
“ކަރުހިއްކައިގެންފައިވާ މީހާއަށް އެއީ ފެންހެން ހީވެއެވެ.”
އަޅުގަނޑުމެންވެސް ވަނީ ދުނިޔޭގެ ކަންތަކަށްޓަކައި ކަރުހިއްކައިގެންފައި ނޫންހެއްޔެވެ؟ ތިބާ މަތީ މަޤާމް ބޭނުމެވެ. ބާރު ބޭނުމެވެ. ފައިސާ ބޭނުމެވެ. މީހުންގެ ރުހުން ބޭނުމެވެ. މަޝްހޫރުވާން ބޭނުމެވެ.
ކޮންމެ ކަމެއްވިޔަސް، ތިބާ ތި ދަނީ އޭގެ ފަހަތުން ދުވަމުންނެވެ. ތިބާ އެކަމަށްޓަކައި ކަރުހިއްކާފައިވާނަމަ ތިބާގެ ހިތަށް އަރާނެއެވެ. އެހެރީ ފެނެވެ. އެކަމެއް ލިބުމުން އަހަރެންގެ ކަރުހިއްކުން ފިލާނެއެވެ. އެއިން އަހަންނަށް އުފާވެރިކަން ލިބޭނެއެވެ. އަޅުގަނޑުމެން އަބަދުވެސް ދަނީ އުފާވެރިކަމުގެ މި ދަޅަތަކުގެ ފަހަތުން ދުވަމުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ ވަރަށް ވެސް ބާރުގަދަ ބަސްތަކެވެ. އެމީހަކަށް އެހާ ހިސާބަށް ދެވޭއިރު އެއްވެސް އެއްޗެއް ނެތްކަން އެމީހާއަށް އިޙްސާސް ކުރެވެއެވެ.
މިގޮތަށް ކަންތައްވުމުން އެމީހަކު ވަރަށް ބޮޑަށް މާޔޫސްވާނެއެވެ. އެއީ ޙަޔާތުގައި މީހުން ތަޙައްމަލު ކުރާ މާޔޫސްކަމެވެ. އެހެނަސް ޙަޤީޤަތަކީ ތިބާ ދުނިޔެ ފަހައި ދުވާނަމަ، ދުނިޔެއަކީ ތިބާގެ އެންމެ ބޮޑު އަހަމިއްޔަތަށްވާނަމަ، ދުނިޔެއަކީ ތިބާ އެންމެ ބޮޑު ސަމާލުކަން ދޭ ކަން ކަމަށްވާނަމަ އަދި އެއީ ތިބާގެ އެންމެ ބޮޑު ލަނޑުދަނޑިކަމަށްވާނަމަ، ތިބާގެ ހުރިހާ މަސައްކަތަކީ އެއްކަލަ އަވާމެންދުރާއި ދިމާލަށް ދާ ކަރުހިއްކައިގެންފައިވާ މީހާގެ މިސާލެވެ. ތިބާއަށް ހީވާނީ ތިބާއަށް ފެން ލިބެނީ ހެންނެވެ. އެހެނަސް އެހާ ހިސާބަށް ދާއިރު އެއްވެސް އެއްޗެއް ނުހުންނާނެއެވެ.
ދުނިޔޭގެ އަސްލަކީ، ތިބާއަށްޓަކައި ލިޔުއްވާފައިވާ ކަމެއް ނޫނީ ތިބާއަށް ދުނިޔެއިން ނުލިބޭނެ ކަމެވެ. އެހެނަސް ދުނިޔެ ފަހައި ދިޔުމުގައި ތިބާ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހި، ވަރުބަލިވެއެވެ.
ދެން އަނެއްބައި މީހުންގެ ވާހަކަ ދައްކަމާ ހިނގާށެވެ. އެމީހުންނަކީ، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އާޚިރަތް ކަމުގައި ހެދި މީހުންނެވެ. މި މީހުންގެ މި ނަޒަރިއްޔާތުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެއީ މަތީގައި ބަޔާންކުރެވުނު ނަތީޖާތަކުގެ އިދިކޮޅެވެ.
ކުރީގައި އަޅުގަނޑުމެން ވާހަކަ ދެއްކީ އެމީހެއްގެ ލޮލުގެ ދެމެދުގައި ފަޤީރުކަން ލައްވަވާ ކަމެވެ. ފަޤީރު ކަމުގެ އިޙްސާސެވެ. އެއީ އަބަދުވެސް އެއްޗެއް ނެތްކަމަށް ޤަބޫލުކުރެވޭ ވިސްނުމެވެ. އަހަރެން އިތުރަށް ބޭނުމޭ އިތުރަށް ބޭނުމޭ ކިޔޭ ވިސްނުމެވެ. އާ އައިފޯނެއް، ނުވަތަ އާ ލެޕްޓޮޕެއް، ނުވަތަ އާ ކާރެއް އޮތުމަކުން ނުފުދެއެވެ. މިކަން ތަފާތު ސިފައިގައި ވެސް އާދެއެވެ.
މިސާލަކަށް އެ އަންހެނެއްގެ ބުރަދަނާއިމެދު ހިތްހަމަޖެހިފައިވާ އަންހެނަކާއި އަދި މިހާތަނަށް އަޅުގަނޑު ދިމާވެފައެއް ނުވެއެވެ. އެމީހުން އަބަދުވެސް ބޭނުންވަނީ ބަރުދަން ލުއި ކުރުމަށެވެ. މަދު ޙާލަތްތަކެއްގައި ބަރުދަން އިތުރު ކުރަން ބޭނުންވެއެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުން އަމިއްލަ ބަރުދަނާއި މެދު ހިތްހަމައެއް ނުޖެހެއެވެ.
އަޅުގަނޑުމެން އަބަދުވެސް މި ތިބެނީ އަޅުގަނޑުމެންގެ ނަފްސުގެ ޙާލާއި މެދު ނުފުދޭ ކަމަށް ނިންމައިގެންނެވެ. އަބަދުވެސް އަޅުގަނޑުމެން ބޭނުންވަނީ ޙާލަތު ބަދަލުކުރާށެވެ. އެހެންނޫނީ އެއްޗެއް އިތުރަށް ލިބިގަންނާށެވެ. މިއީ ވެސް މީޑިއާގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާ އަސަރުތަކެވެ. މީޑިއާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ދުނިޔެއަށް ސަމާލުކަން ދިނުމަށެވެ. އަދި އަޅުގަނޑުމެންގެ މިހާރުގެ ޙާލަތުން ނުފުދޭނެ ކަމަށް ވިސްނައިދިނުމަށެވެ. މިއީ އެއްގޮތަކަށް ވެސް ލިބިފައިވާ އެއްޗަކުން ހިތްހަމަޖައްސާލުމަށް ދަސްކޮށްދޭ ސަގާފަތެއް ނޫނެވެ. އޭގެ ބަދަލުގައި އިތުރަށް ލިބިގަތުމާއި، އަޕްގްރޭޑް ކުރުމާއި، ވިޔަފާރި ކުރުމުގެ ސަގާފަތެކެވެ. ކާރު އެހެން ކާރަކަށް ބަދަލުކުރުމާއި ދެންވެސް އެހެނިހެން އެއްޗެހި ވެސް ބަދަލުކުރުމުގެ އާދައެކެވެ.
މިއީ މުޅިންވެސް ދުނިޔެއަށް އަހަމިއްޔަތުކަން ދިނުމުން ވާ ގޮތެވެ. އެހެނަސް ތިބާ އާޚިރަތަށް ތިބާގެ އެންމެ ބޮޑު އަހަމިއްޔަތުކަން ދީފިނަމަ، ހިތަށް ހަމަޖެހުން ލިބިގެން ދެއެވެ. ހަމަޖެހުން ހޯދޭނެ ހަމައެކަނި ގޮތަކީ މިއީއެވެ. ސަމާލުކަން ދޭންޖެހޭ ކަމަށް ސަމާލުކަން ދީގެންނެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ގޮތުން އެންމެ ބޮޑު މުއްސަނދި ކަމަކީ ހިތްހަމަޖެހުމެވެ. އުފާވެރިކަމާއި ގުޅޭ ދިރާސާތަކުން ވެސް މިކަން އެނގެއެވެ.
ސައިކޮލޮޖީގެ އެންމެ ޒަމާނީ ފަރުވާތައް މިހާރު ގުޅިފައިވަނީ ޕޮޒިޓިވް ސައިކޮލޮޖީއާއެވެ. އުފާވެރިކަން ދިރާސާކުރަން މި ޒަމާނުގައި ވަރަށް ގިނަ ސައިކޮލޮޖިސްޓުން މަސައްކަތް ކުރެއެވެ. ނަފްސާނީ ދުޅަހެޔޮކަން އިތުރުވާނެ ގޮތަކަށް އުޅޭނީ ކިހިނެއް ކަމާއިމެދު ދިރާސާ ކުރެވެއެވެ.
މި ދިރާސާތަކުން ދައްކާ ގޮތުގައި އުފާވެރިކަން ލިބެނީ ކޮންމެހެން ދުނިޔަވީ ގިނަ މުދާތައް ލިބިގެނެއް ނޫނެވެ. މީގެ ތެރެއިން އެއް ދިރާސާއެއްގައި ބަޔަކު މީހުން ހަތަރު ބަޔަކަށް ބެހުނެވެ. އަދި ފުރަތަމަ ބައިގެ މީހުންނަށް އަމިއްލަ ނަފްސަށްޓަކައި އެއްޗެހި ގަންނަން ފައިސާ ދެވުނެވެ. ދެވަނަ ބައިގެ މީހުން ގާތު ބުނެވުނީ ފަރުދީ ގޮތުން އެހެން މީހުންނަށް ޚިދުމަތް ކުރުމަށެވެ. ތިން ވަނަ ބައިގެ މީހުން ގާތު ބުނެވުނީ އިޖުތިމާޢީ ގޮތުން އެހެން މީހުންނަށް ޚިދުމަތް ކުރުމަށެވެ. ހަތަރު ވަނަ ބައިގެ މީހުންނަކީ ‘ކޮންޓްރޯލް’ ގްރޫޕެކެވެ.
މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުން، އުފާވެރިކަން އިތުރުވި ހަމައެކަނި މީހުންނަކީ އެހެން މީހުންނަށް ޚިދުމަތް ކުރި މީހުންނެވެ.
އަޅުގަނޑުމެން އަމިއްލަ ނަފްސުތަކަށްޓަކައި ލާރި ހޭދަކުރުމުން އުފާވާނެކަމަށް ބުނެ އެމީހުން ދައްކަނީ ދަޅައެކެވެ. ސެކިއުލާރ ސައިކޮލޮޖީއިން ވެސް ދައްކަނީ އެއީ ޙަޤީޤަތެއް ނޫންކަމެވެ. ސެކިއުލާރ ސައިކޮލޮޖީއިން ވެސް ދައްކަނީ ޙަޤީޤ އުފާވެރިކަމަކީ ހިތުގެ ހަމަޖެހުން ކަމެވެ.
އެހެން ދިރާސާއަކުން ވެސް ދެއްކިގޮތުގައި، ތިބާގެ އަމިއްލަ ނަފްސަށްޓަކައި ލާރި ހޭދަކުރުން ވަކި އުފާވެރިކަން އިތުރެއް ނުވެއެވެ. މިއީ ހަމައެކަނި ދީނީ ނަޒަރަކުން ބުނާ ބުނުމެއް ނޫނެވެ. މިއީ ސައިކޮލޮޖީގެ ދާއިރާއިން ސެކިއުލާރ ހޯދުންތަކުން ނިންމިފައިވާ ނިންމުންތަކެވެ. ތިބާގެ އަމިއްލަ ނަފްސަށްޓަކައި ހޭދަކުރުމުން އުފާވެރިކަން އިތުރު ނުވާކަމެވެ. އެހެނެއްކަމަކު އެހެން މީހުންނަށްޓަކައި ހޭދަ ކުރުމުން އުފާވެރިކަން އިތުރުވާ ކަމެވެ.
މިއީ އިންސާނެއްގެ ފިޠުރަތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ބައްޓަން ކުރެއްވި ގޮތެވެ. ސެކިއުލާރ ސައިކޮލޮޖިސްޓުންނަށް މިކަން އެނގިފައިވަނީ މިހާރެވެ.
އަޅުގަނޑުމެން މި ބަލައިލާ ޙަދީޘްގައިވާ ގޮތުން ޙަޤީޤީ އުފާވެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ އަޅުގަނޑުމެން އަހަމިއްޔަތުކަން ދޭ ކަން ރަނގަޅުވެގެންނެވެ. އާޚިރަތަށް އަހަމިއްޔަތުކަން ދިނުމުން ހިތުގައި ހަމަޖެހުން ލައްވަވައެވެ.
އާޚިރަތަށް ސަމާލުކަން ދިނުމުގެ ދެވަނަ ނަތީޖާއަށް ރަސޫލާ ﷺ ޙަދީޘް ކުރައްވަނީ، އެމީހެއްގެ ކަންތައް އެއްކުރެވިގެންދާ ކަމެވެ. މިއީ ދުނިޔެއަށް އަހަމިއްޔަތުކަން ދިނުމުގެ ނަތީޖާގެ އިދިކޮޅެވެ. އާޚިރަތަކީ އެމީހެއްގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހެދުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ޙަޔާތުގެ ހުރިހާ ކަމެއް ބަލަހައްޓަވައެވެ. ހުރިހާ ކަމެއް ރަނގަޅަށް ދިޔުމަށް މަގުފަހި ކުރައްވައެވެ. އެހެންކަމުން ތިބާގެ ޙަޔާތުގެ ހުރިހާ ކަމެއްވެސް ވާނީ ހަމައަކަށް އެޅިފައެވެ. އަދި ތިބާއަށް އެކަމުގެ އިޙްސާސް ކުރެވެއެވެ.
މިކަމާއިމެދު ވިސްނޭނެ އަނެއް ގޮތަކީ ކިފާޔަތެވެ. މާނައަކީ ހުރިހާ ކަމެއް ހިނގާ ގޮތާއި މެދު ތިބާ ހިތްހަމަޖެހިފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ހުރިހާ ކަމެއް ބަލަހައްޓަވާކަން އިޙްސާސް ކުރެވޭތީވެއެވެ. މިއީ އާޚިރަތަށް އަހަމިއްޔަތުކަން ދިނުމުގެ ނަތީޖާއެވެ.
އާޚިރަތަށް ސަމާލުކަން ދިނުމުގެ ތިންވަނަ ނަތީޖާއަށް ބަލަމާ ހިނގާށެވެ. މިއީ އަޖާއިބު ކުރުވަނިވި ކަމެކެވެ. ދުނިޔެ ފަހައި ދުވުމަކީ އަވާމެންދުރެއްގެ ފަހަތުން ދުވުން ކަހަލަ ކަމެއްކަމަށް އަޅުގަނޑުމެން ބުނެފީމެވެ. އަވާމެންދުރާއި ހަމައަށް ދެވޭއިރަށް އެތާ އެއްވެސް އެއްޗެއް ނެތްކަން އެނގިގެންދެއެވެ.
އެހެނަސް އާޚިރަތް އެމީހެއްގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހަދައިފިނަމަ، ޙަދީޘްގައިވާ ގޮތުން، ދުނިޔެ އެމީހެއްގެ ގާތަށް އަންނާނެއެވެ. މިއީ ވަރަށް ވަރުގަދަ ޙަޤީޤަތެކެވެ.
އެހެންކަމުން މިއިން ނިންމޭ ނިންމުމަކީ މިއީއެވެ. ތިބާ ދުނިޔެ ފަހައި ދުވަން ފަށައިފިނަމަ ދުނިޔެއާއި އާޚިރަތް ވެސް ގެއްލޭނެއެވެ. ބައެއް މީހުން ގެންގުޅޭ ބޯދާ ޚިޔާލަކީ، ދުނިޔެ ފަހައި ދުވެފިނަމަ އިތުރަށް ދުނިޔެ ލިބޭނެއެވެ. އެމީހުން އިތުރަށް މުއްސަނދި ވާނެއެވެ. އިތުރަށް ކާމިޔާބުވާނެއެވެ.
އެހެނަސް ޙަޤީޤަތަކީ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބުންވަނީ އާޚިރަތަށް އަހަމިއްޔަތުކަން ދިނުމުން ކަމެވެ.
އެހެންކަމުން ދުނިޔެ ހޯދަން މަސައްކަތް ކޮށްފިނަމަ ދުނިޔެއާއި އާޚިރަތްވެސް ގެއްލިދެއެވެ. އެހެނަސް އާޚިރަތް ލިބިގަންނަން މަސައްކަތް ކޮށްފިނަމަ، އެ މަސައްކަތުގެ ތެރެއިން ދުނިޔެ ވެސް ލިބެއެވެ. ދުނިޔެއިން އިންސާނާ ލޯބިވާ ކަންތައް ﷲ ދެއްވައެވެ. އާޚިރަތް ހޯދުމުގެ މަގުގައެވެ.
އަދި އެނގޭތޯއެވެ؟ ޙަދީޘްގައިވާ ގޮތުން ދުނިޔެ އެކަމަށް ދެކޮޅު ހެދިޔަސް އާޚިރަތަށް އަހަމިއްޔަތުކަން ދޭ މީހަކާއި ދިމާލަށް ދުނިޔެ އަންނާނެއެވެ. ދުނިޔެ އެމީހެއްގެ ގާތަށް އަންނަން ޖެހިލުން ވިޔަސް ދުނިޔެ އަންނަން ޖެހޭނެ ކަމެވެ. މިއީ ﷲ ގެ ތަޤްދީރަށް ވީތީވެއެވެ. މި ދުނިޔޭގައި ތިބާގެ ރިޒްޤު ތިބާއަށް އަންނާނެ ކަމެވެ. އެކަން އެއްވެސް މީހަކަށް ނުހުއްޓުވޭނެ ކަމެވެ. ދުނިޔޭގެ ކަމެއް ތިބާއަށް ލިބެން ﷲ އަމުރު ކުރައްވައިފިނަމަ، އެކަކަށްވެސް އެކަން ނުހުއްޓުވޭނެއެވެ. މިކަން މިހެން ވާނީ އަޅުގަނޑުމެން އާޚިރަތަށް އަހަމިއްޔަތުކަން ދިނުމުންނެވެ.
ނުނިމޭ