ބަދަލުވާ ޙަޔާތް (ހަތަރުވަނަ ބައި): ޙަޤީޤީ ލޯތްބާއި އެހެނިހެން ލޯބީގެ ތަފާތު
މި ބައި ފެށުމުގެ ކުރިން އަޅުގަނޑު ތި ބޭފުޅުންނަށް މިސާލެއް ދޭނަމެވެ. އެ މިސާލު އަޑުއެހުމަށްފަހު، އިރުކޮޅަކަށް ވިސްނުމަށްފަހު ސުވާލަށް ޖަވާބުދޭށެވެ.
މިސާލު ކިޔައިދިނުމުގެ ކުރިން އަޅުގަނޑު ބުނަން ބޭނުމެވެ. މިއީ ހީކުރާ ޖަވާބު ދިމާވުމަށްވުރެ ނުވުން ގާތް ޙާލަތެކެވެ. އެހެންކަމުން މި ކުރަން އުޅޭ ސުވާލާއިމެދު ފުންކޮށް ވިސްނާށެވެ.
އަޅުގަނޑު ކުރިން ވެސް ވަރަށް ގިނަ މީހުންނާއި މި ސުވާލުކޮށްފައިވެއެވެ. އެހެނަސް ގިނަ މީހުންނަށް ރަނގަޅު ޖަވާބެއް ނުދެވެއެވެ. އެހެންކަމުން ފުންކޮށް ވިސްނާފައި ޖަވާބުދޭށެވެ.
މިއުޅެނީ ދެމީހުންނެވެ.
އޭގެ ތެރެއިން އެކަކު އުޅެނީ ބަނޑުހައިވެގެންނެވެ. މުޅި ދުވަހު އުޅެވުނީ ނުކައެވެ. އެދުވަހު އޮފީހަށް ދާންޖެހުނީ އަވަސްއަރުވާލައިގެންނެވެ. އެހާ ރަނގަޅު ނާސްތާއެއް ނުކުރެވެއެވެ. މެންދުރުގެ ކެއުމަށް އެހާ ގިނަ ވަގުތެއް ނުލިބެއެވެ. ދެތިން މަދުކޮޅެއް ކާލުން ނޫންކަމެއް ނުކުރެވުނެވެ. ދުވަހުން އަނބުރައި 3 ޖަހައިފިއެވެ. އެހާ ހިސާބަށް ދިޔައިއިރު އޭނަ ހުރީ ހަމަ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. މި މީހާއަށް ބަނޑުހައިވެފައިވާ މީހާއޭ ކިޔަމާ ހިނގާށެވެ.
ދެވަނަ މީހާއަކީ ހައިހޫނުކަމާއި ކުރިމަތިލާފައިވާ މީހެކެވެ. މިއީ ހަމައެކަނި ދެ ތިން ގަޑިއިރުގެ ކެއުން ގެއްލިފައިވާ މީހެއް ނޫނެވެ. މިއީ ހައިހޫނުކަން ކުރިމަތިވެފައިވާ ޙާލަތެއްގައި އުޅެމުންދާ މީހެކެވެ. މި މީހާއަށް ހަފްތާތަކެއް ވަންދެން ރަނގަޅު ކާއެއްޗެއް ލިބިފައެއް ނުވެއެވެ. މި މީހާއަށް ހައިހޫނުވެފައިވާ މީހާއޭ ކިޔަމާ ހިނގާށެވެ.
އަޅުގަނޑު މި ދެމީހުންނަށް ވެސް ވަރަށް މީރު ޗީޒްކޭކު ފޮއްޗެއް ދޭނަމެވެ. ތިބާއަށް އެންމެ މީރު ޗީޒްކޭކް ޚިޔާލަށް ގެންނާށެވެ. ބަނޑުހައިވެފައިވާ މީހާއަށާއި ހައިހޫނުވެފައިވާ މީހާއަށް ވެސް ހަމަ އެކަހަލަ ޗީޒްކޭކް ފޮއްޗެއް އެރުވެއެވެ.
ސުވާލަކީ މިއީއެވެ. މި ދެމީހުންކުރެ ޗީޒްކޭކުގެ މީރުކަމުގެ ލައްޒަތު ލިބިގަންނާނީ ކާކު ހެއްޔެވެ؟
އިރުކޮޅެއް ވަންދެން މި ސުވާލާއިމެދު ވިސްނުމަށްފަހު ކިޔާށެވެ.
……………………………………………………………………………………………………………………………
ސުވާލާއިމެދު ވިސްނަން ލިބުނު ފުރުސަތަށްފަހު، ސުވާލުގެ ޖަވާބާއިމެދު މަޝްވަރާ ކުރަމާ ހިނގާށެވެ. ގިނަ މީހުން މި ސުވާލަށް ދޭނެ ޖަވާބަކީ ހައިހޫނުވެފައިވާ މީހާއެވެ. އެ ޗީޒްކޭކުގެ ލައްޒަތު އެންމެ ބޮޑަށް ލިބިގަންނާނީ ހައިހޫނުވެފައިވާ މީހާ ކަމަށެވެ.
އެހެނަސް އެއީ ނުބައި ޖަވާބެވެ.
މިކަމާއިމެދު ފުންކޮށް ވިސްނައިފިނަމަ ތިބާއަށް އެނގޭނެއެވެ. މީހަކު ހައިހޫނުވެފައިވާނަމަ، މީހަކަށް ރަނގަޅު ކާއެއްޗެއް ނުލިބި ހަފްތާތަކެއް ފާއިތުވެފައިވާނަމަ، އެ ޗީޒްކޭކުގައި ދޭ މީރު ކެރެމަލްއާއި މެދު އެމީހަކު އަޅައެއް ނުލާނެއެވެ. ޗީޒްކޭކުގެ ދަށްބައިގައި ބަޓަރު ހުރިވަރާއިމެދު ނުއެއް ވިސްނޭނެއެވެ. އެ ޗީޒްކޭކުގެ ފެންވަރާއިމެދު އެއްގޮތަކަށް ވެސް ނުވިސްނޭނެއެވެ. އެމީހަކަށް އެއީ ހަމަ ކާއެއްޗެކެވެ. އެމީހަކަށް ހުސް ޕާންފޮއްޗެއް ދިނަސް އެމީހަކު އެ ވެސް ކާލާނީ ޗީޒްކޭކު ކެއިހާ ވަރަށެވެ. އެހެނީ އެމީހަކު ވަނީ ހައިހޫނުވެފައެވެ. އެމީހަކަށް ރަހަތައް މުހިއްމެއް ނުވާނެއެވެ. ކްރީމްގަނޑެއް މުހިއްމެއް ނުވާނެއެވެ.
އެހެނަސް ދެން ހުރި މީހާއާއިމެދު ވިސްނަމާ ހިނގާށެވެ. ކުޑަކޮށް ބަނޑުހައިވެފައި ވިޔަސް ކާއެއްޗަކަށް ދަހިވެތި ނުވާ މީހާއެވެ. އެމީހާއަށް އެ ޗީޒްކޭކު ފޮތީގެ ލައްޒަތު މާ ބޮޑަށް ލިބިގަނެވޭނެއެވެ. އެމީހާ ހުރީ އިއްޔެ ރަނގަޅަށް ކައިގެންނެވެ. ނޫނީ ގަޑިއިރުތަކެއް ކުރިން ކައިގެންނެވެ. އެހެނަސް އެމީހަކު ހުރީ ކުޑަކޮށް ބަނޑުހައިވެފައެވެ. އެމީހަކަށް ޗީޒްކޭކު ފޮތި ރަހަބަލާފައި ބުނެވޭނެއެވެ. މިއީ ވަރަށް މީރު ޗީޒްކޭކެކެވެ. މީގައި ހުރި ކެރަމަލް ވަރަށް މީރެވެ. އަދި ދަށްބައި ވެސް ވަރަށް މީރެވެ.
މި ޚިޔާލުގެ ބޭނުމަކީ ކޮބައިތޯއެވެ؟ މިއިން ލިބޭ ފިލާވަޅެއްވެއެވެ. އެއީ ތިބާ ކަމަކަށްޓަކައި ދަހިވެތިނުވާ ވަރަކަށް، ތިބާއަށް އެކަމެއް ލިބުމުން އެކަމެއްގެ ލައްޒަތު ތިބާއަށް ލިބިގަނެވޭނެއެވެ.
އެހެންކަމުން ލޯތްބާއިމެދު ވެސް ވިސްނަމާ ހިނގާށެވެ. މީހަކަށް ލޯބި ނުލިބި ހުރުމުގެ ސަބަބުން ލޯތްބަށް ދަހިވެތިވެފައިވާނަމަ، ދެގޮތެއް ދިމާވެދާނެއެވެ. އެއްގޮތަކީ، ކިތަންމެ ދަށް ފެންވަރެއްގެ ‘ޗީޒްކޭކެއް’ ލިބުނަސް އެމީހަކު އެ ހޯދައިގެން ޤަބޫލުކުރާނެއެވެ. އެއީ ހަމަ ކާއެއްޗަކަށް ވާތީވެއެވެ. ކޮންމެ ޒާތެއްގެ ކާއެއްޗެއް ވެސް އެމީހަކަށް ފުދޭނެއެވެ.
މިއާއި ލޯތްބާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ މިއާއި ލޯބީގެ ގުޅުންތަކާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
އަޅުގަނޑަށް ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. ވަކިން ޚާއްސަކޮށް ވަރަށް ގިނަ އުޚްތުންނަށް މި ޙާލަތް ދިމާވެއެވެ. އެ އުޚްތުންނަށް 25 ނޫނީ 27 އަހަރު ފުރެނީއެވެ. އެ އުޚްތުންގެ ޢާއިލާތަކުން އެހާ ހިސާބުން ބުނަން ފަށައެވެ. ތިހިރީ އަދިވެސް ކައިވެންޏެއް ނުކޮށެވެ. ކައިވެނި ނުކޮށް ހުރެ މިވެނި ޢުމުރަކަށް ތިޔަ ދަނީއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ކޮންމެހެން ވެސް ކައިވެންޏެއް ކުރުމުގެ އެދުމެއް އުޚްތުންގެ ހިތުގައި އުފެދެއެވެ. މި ޙާލަތުގައި އެ އުޚްތުން ޚިޔާރު ކުރާ ބައިވެރިއަކީ އެންމެ ކަމުދާ ބައިވެރިޔާއަށް ނުވިޔަސް އެ ޤުރުބާނީކުރަން ތައްޔާރުވާނެއެވެ. ކޮންމެ ފަދަ މީހަކަށް ވެސް އާނއެކޭ ބުނަން އެ އުޚްތުންނަށް މި ޙާލަތުގައި މަޖުބޫރުވެވޭ ފަދައެވެ.
އެމީހަކު ނޭވާލައެވެ. ހަމައެކަނި އެ ސިފަ ހުއްޓަސް އެމީހަކާއި އިންނަން އެއްބަސްވާންޖެހޭ ފަދައެވެ. އެމީހަކު ނަމާދު ނުކުރެއޭ ބުންޏަސް އެއީ މައްސަލައެއް ނޫންކަމަށް ބުނެއެވެ. ކޮންމެ މީހަކާއި އެކީ ވެސް ޙަޔާތެއް ފަށައިގަތުމުން ރަނގަޅުވާނެކަމަށް އަޅުގަނޑުމެންނަށް ވިސްނައިދެވެއެވެ. މި ވިސްނުމަށް އަޅުގަނޑުމެން ހެއްލިގެން ދަނީ އަޅުގަނޑުމެން ލޯތްބަށްޓަކައި ދަހިވެތިވެފައިވާނަމައެވެ.
އެހެންކަމުން ތިބާ ‘ހައިހޫނު’ ކަމުގެ ޙާލަތުގައިވުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ. މި ސިފަކުރަނީ ތިބާ ޖަޒުބާތީ ގޮތުން ހައިހޫނުވެފައިވާ ވާހަކައެވެ. އެހެންނޫނީ ބޭރުފުށުން މީހުންގެ ދުލުން އިވޭ ވާހަކަތަކުން ތިބާ ވަނީ އެމީހުން ބުނާ ގޮތަށް ހެދުމަށް ދަހިވެތިވެފައެވެ. ކޮންމެ މީހަކާއި ވެސް އިންނަން އެއްބަސްވެވެނީ އެހެންވެއެވެ.
އެއްކަލަ މިސާލުގައި ހުރި ހައިހޫނުކަމުގައިވާ މީހާއާއިމެދު ހަނދާންކުރާށެވެ. ހަފްތާތަކެއް ވަންދެން ކާން ނުލިބި ހުރި މީހަކު ޗީޒްކޭކު ހަދާފަ ހުރި ގޮތަކާއިމެދު ނުއެއް ވިސްނާނެއެވެ. އެމީހަކަށް އެއީ ހަމަ ކާ އެއްޗެކެވެ.
ތިބާ ޖަޒުބާތީ ގޮތުން ހައިހޫނުވެފައިވާނަމަ، އަދި އެތެރެފުށުން އެއްކޮށް ‘ހުސްވެފައި’ ވާނަމަ، އެ ޗީޒްކޭކުގައި ފުސްޖަހާފައި ހުއްޓަސް ތިބާ ޗީޒްކޭކް ކާނަމުއެވެ. މިއީ އަޅުގަނޑުމެންނަށް ފަހުމް ކުރެވޭނެ ޙާލަތެކެވެ. މީހަކު އެހާ ހައިހޫނުވެފައިވާނަމަ ކޮންމެ އެއްޗެއް ވެސް ކާލަފާނައެވެ.
އަޅުގަނޑުމެން ވެސް ކަމަކަށް މާ ބޮޑަށް ބޭނުންޖެހިފައިވާނަމަ، ވަކިން ޚާއްސަކޮށް ލޯތްބަށް މާ ބޮޑަށް އެދެމުންދާނަމަ، ޤަބޫލުކުރަން ނުޖެހޭ ކަންތަކަށް ވެސް އަޅުގަނޑުމެން ރުހުން ދިނުން ގާތެވެ. މިސާލަކަށް އަނިޔާއެވެ. މީހަކު ތިބާއާއިމެދު ކަންތައް ކުރަނީ ތިބާއަށް ޙައްޤުވާ ވަރަށްވުރެ ދަށްކޮށް ކަމަށްވާނަމަވެސް ތިބާ އެކަން ޤަބޫލުކުރާނަމުއެވެ. ތިބާ ލޯތްބަކަށް މާ ބޮޑަށް ބޭނުންވެފައިވާތީވެއެވެ. ނޫނީ ކުރިން ބުނިފަދައިން ‘އަންހެލްދީ އެޓޭޗްމެންޓެއް’ މީހަކަށްޓަކައި ހުރުމުންނެވެ.
މި ޙާލަތުގައި ތިބާ ވަރަށް ބޮޑަށް ބަލިކަށިވެގެންދެއެވެ. ތިބާ ލޯތްބަށް މާ ބޮޑަށް ބޭނުންވެފައިވާތީ ތިބާ ބައިވެރިއަކާއިމެދު އެދޭ ކަންތައް ވެސް ތިބާ ޤުރުބާން ކޮށްފާނެއެވެ. ތިބާއަށް ޙައްޤުވާވަރަށްވުރެ ދަށްކޮށް ތިބާއާއި މެދު ކަންތައް ކުރާ މީހަކަށް ވެސް ތިބާ ރުހުން ދީފާނަމުއެވެ.
މީގެ ޙައްލަކީ ކޮބައިތޯއެވެ. ޙައްލަކީ މިއީއެވެ. ތިބާގެ އަތް ހުސްކޮށް ހުއްޓާ ޚަލްޤުތަކުންގެ ކައިރިއަށް ނުދާށެވެ. ތިބާ އެތެރެފުށުން ‘ހުސްކޮށް’ ހުރި ވަގުތެއްގައި ޚަލްޤުތަކުންގެ ކައިރިއަށް ނުދާށެވެ. އެހެނީ އެފަދަ ޙާލަތެއްގައި ތިބާ ޚަލްޤުތަކުންގެ ކައިރިއަށް ގޮސްފިނަމަ، އެމީހުން ކޮންމެ ގޮތަކަށް ތިބާއާއިމެދު ކަންތައް ކުރިޔަސް ތިބާ ޤަބޫލުކުރާނަމުއެވެ.
ސައިކޮލޮޖީގެ ނަޒަރަކުން މި ޙާލަތަށް ބަލަމާ ހިނގާށެވެ. ތިބާ މައްކާއަށް ދިޔަނަމަ ވަރަށް ގިނައިން މަގުމަތިވެފައިވާ މީހުން ފެންނާނެއެވެ. ވަރަށް ގިނަ އާދޭސްކުރާ މީހުން ފެންނާނެއެވެ. މައްކާ ނޫނަސް މިކަހަލަ މާޙައުލަކަށް ގޮސް، އާދޭސްކުރާ މީހަކު ޖެހިގެން ހުންނަ އާދޭސްކުރާ މީހާ ގާތުން އެއްޗެއް އެދޭތަން ތިބާ ދުށިން ހެއްޔެވެ؟ އާދޭސްކުރާ އެކަކު އަނެއް އާދޭސްކުރާ މީހާ އަތުން ލާރިއަށް އެދޭ މަންޒަރު ދުށިން ހެއްޔެވެ؟ މިއީ ނުވާ ކަމެކެވެ.
ސަލާންޖަހާ މީހަކު ދުވަހަކުވެސް އެހެން ސަލާންޖަހާ މީހެއްގެ އަތުންނެއް ނުހޯދާނެއެވެ. ސަލާންޖަހާ މީހުން ސަލާންޖަހާނީ އެމީހުންގެ ނަޒަރުގައި މުއްސަނދި މީހެއް ކައިރީގައެވެ. އެއީ ކީއްވެ ހެއްޔެވެ؟
މީގެ ފަހަތުގައި ސަބަބުތަކެއްވެއެވެ. އަދި މީގައި އަޅުގަނޑުމެންނަށްޓަކައި ޢިބްރަތްތަކެއްވެއެވެ. ފުރަތަމަ ކަމަކީ، ސަލާންޖަހާ މީހުންނާއިމެދު އެހެން މީހުންގެ ހިތުގައި ނުރުހުންތެރިކަމެއް ވާ ކަމެވެ. ސަލާންޖަހާ މީހަކާއި ދުރުވުމަށް އެދުމަކީ އިންސާނީ ތަބީޢަތުގައިވާ ކަމެކެވެ. އެކަލާނގެ ޙަޟްރަތުގައި ސަލާންޖަހާ އަޅުންދެކެ ލޯބިވެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ.
އެހެންކަމުން ތިބާ އެތެރެފުށުން ހުސްކޮށް ވާ ޙާލު ޚަލްޤުތަކުންގެ ކައިރިއަށް ގޮސްފިނަމަ، ޚަލްޤުތަކުން ތިބާއާއި ދުރުވާން ބޭނުންވެއެވެ. ޙަޤީޤަތަކީ އަޅުގަނޑުމެން އެންމެންނަކީ ވެސް ‘ސަލާންޖަހާ’ މީހުން ކަމެވެ. އަޅުގަނޑުމެން އެންމެންނަކީ ފަޤީރުންނެވެ. މުއްސަނދިވެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.
އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް ވަނީ ކޮންމެވެސް ބޭނުމެއް ޖެހިފައެވެ. އެ ބޭނުންތައް ފުއްދައިދެވޭނެ ހަމައެކަނި ފަރާތަކީ ﷲ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ
“އޭ މީސްތަކުންނޭވެ! اللَّه އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ” ސޫރަތް ފާޠިރު، 15
ﷲ އަކީ الْغَنِيُّ އެވެ. މުއްސަނދިވެވޮޑިގެންވާ ފަރާތަކީ ﷲ އެވެ.
އަޅުގަނޑުމެން އެތެރެފުށުން ހުހަށް ތިބެ ޚަލްޤުތަކުންގެ ކައިރިއަށް ދިޔުމުގެ މިސާލަކީ، ސަލާންޖަހާ މީހަކު އެހެން ސަލާންޖަހާ މީހެއްގެ ކައިރިން އެދުން ފަދަ ކަމެކެވެ. މިއީ ބުއްދި ޤަބޫލުކުރާ ކަމެއް ނޫނެވެ. އެހެނީ އެންމެންނަކީ ވެސް ފަޤީރުންނެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް ފަޤީރު ސަލާންޖަހާ މީހުންނެވެ. މުއްސަނދިވެވޮޑިގެންވަނީ ﷲ އެވެ.
ސަލާންޖަހާ މީހަކު ހަމައެކަނި އެދޭނީ މުއްސަނދި ފަރާތެއްގެ ގާތުންނެވެ. ސަލާންޖަހާ މީހުން ސަލާންޖަހާނީ ރަސްގެފާނުގެ ކިބައިންނެވެ.
ޖަޒުބާތާއި ގުޅުންތަކުގެ ނަޒަރަކުން ވިސްނައިފިނަމަ، އެއްވެސް މީހެއްގެ ކިބައިން ސަލާން ނުޖެހުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ހަނދާން ބަހައްޓާށެވެ. އެމީހުންނަކީ ވެސް ތިބާ ފަދައިން ސަލާންޖަހާ މީހުންނެވެ. އެންމެންނަކީ ވެސް ފަޤީރުންނެވެ.
ސައިކޮލޮޖީގެ ނަޒަރަކުން ވިސްނައިފިނަމަ، ގުޅުންތަކުގައި އާދޭސްކުރާ މީހުންނަށް އެހެން މީހުން ނުރުހޭ ގޮތްވެއެވެ. އެހެންކަމުން ޚަލްޤުތަކުންގެ ކިބައިން ތިބާ ސަލާންޖަހައިފިނަމަ ތިބާ އަނބުރާ އަންނާނީ ހުސްއަތާއެވެ. އެއީ ތިބާއަކީ ސަލާންޖަހާ އެހެން މީހެއްގެ ގާތުން އެދުނު ސަލާންޖަހާ މީހަކަށްވާތީވެއެވެ. ހަމަ މިއާއިއެކު ތިބާ އެގޮތަށް ކަންތައް ކޮށްގެން ތިބާއާއި ދުރަށް ޚަލްޤުތަކުން ފައްސާލަނީއެވެ.
ޙަޤީޤީ ދިރިއުޅުމުގައި މި ހުރިހާ ކަމެއްގެ މާނައަކީ ކޮބައިހެއްޔެވެ؟ ތިބާގެ ޙަޔާތުގައި މިވަގުތު ވާ ގުޅުންތަކުގައި، ޢާއިލާއަށް ވިޔަސް އަދި އެކުވެރިންނަށް ވިޔަސް، ތިބާގެ ވަގުތާއި ސަމާލުކަމަށް މާ ބޮޑަށް އެދޭ މީހުންނާއި ދުރުވާން ތިބާގެ ހިތް އެދޭނެއެވެ. އެފަދަ މީހަކާއި ތިބާ ވަރަށް ގިނައިން ޒުވާބުވެސް ކުރަން ޖެހިދާނެއެވެ. އެއީ އެމީހަކު ހުރިހާ ޖަޒުބާތަކަށްޓަކައި ތިބާއަށް ބަރޯސާވާތީވެއެވެ. ތިބާގެ ކައިރިން ސަލާންޖަހާތީވެއެވެ. އެމީހެއްގެ ނަޒަރުގައި ތިބާއަށް ދުވަހަކުވެސް އެންމެ ފުރިހަމައަށް ކަމެއް ނުކުރެވޭނެއެވެ. ތިބާ އެ މެސެޖަށް ރިޕްލައި ދިނީ މާ ލަހުންނެވެ. ތިބާ ފޮނުވި މެސެޖުގައި އެހާ ގިނަ އިމޯޓިކޮންއެއް ނެތެވެ. ތިބާއަށް އޭނަ ކުރި ޕޯސްޓަކަށް ‘ލައިކެއް’ ދެވުނީ މާ ލަހުންނެވެ.
އެހެންކަމުން އަޅުގަނޑުމެން ބޭނުންޖެހިފައިވާ ޙާލު ޚަލްޤުތަކުންގެ ގާތަށް ދިޔުމަކީ ގުޅުމަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
މީގެ ޙައްލަކީ ކޮބައިހެއްޔެވެ؟ ޙައްލަކީ ތިބާ އެތެރެފުށުން ‘ފުރިފައިވާ’ ޙާލު ޚަލްޤުތަކުންގެ ގާތަށް ދިޔުމެވެ. މިއީ ވަރަށް މުހިއްމު ނުކުތާއެކެވެ. އަޅުގަނޑުމެން އެންމެންނަކީ ސަލާންޖަހާ މީހުންނެވެ. އެއީ އަޅުގަނޑުމެންގެ ތަބީޢަތުގައިވާ ކަމެކެވެ. އަޅުގަނޑުމެން އަބަދުވެސް ވަނީ ކޮންމެވެސް ކަމަކަށް ބޭނުންޖެހިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ޚަލްޤު ކުރެއްވީ އެފަދައިންނެވެ. އަޅުގަނޑުމެންނަކީ އަމިއްލައަށް އަމިއްލަ ނަފްސުގެ ހުރިހާ އެދުމެއް ފުއްދޭނެ ބައެއް ނޫނެވެ. ކަންކަމަށް އެދި އާދޭސް ކުރުމަކީ އަޅުގަނޑުމެންގެ ތަބީޢަތެވެ.
އެހެނަސް އަޅުގަނޑުމެން އެ ސަލާންޖަހަން ޖެހޭނީ ﷲ ގެ ޙަޟްރަތުގައެވެ. އެހެންކަމުން ތިބާގެ އެތެރެފުށް ‘ފުރުއްވައިދިނުމަށް’ އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވައިފިނަމަ، ޖަޒުބާތީ ގޮތުންނާއި ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ފުރުއްވައިދިނުމަށް އެދިއްޖެނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ ފުރުއްވައިދެއްވާނެއެވެ. އޭރުން ތިބާ ވާނީ ޚަލްޤުތަކުންގެ ކައިރިއަށް ގޮސް ދީލަތިވެވޭނެ ފަދަ މަޤާމެއްގައެވެ.
މިއީ ވަރަށް މުހިއްމު ނުކުތާއެކެވެ. ޙަޤީޤީ ލޯތްބާއި ‘އަންހެލްދީ އެޓޭޗްމެންޓް’ ގެ ދެމެދުގައި ވާ ފަރަޤުވެސް މި ނުކުތާއިން އަޅުގަނޑުމެންނަށް އެނގޭނެއެވެ. ޙަޤީޤީ ލޯބިވާ މީހަކީ، އެމީހަކު އެތެރެފުށުން ފުރިފައިވާ ޙާލު ޚަލްޤުތަކުންގެ ކައިރިއަށް ދިޔުމުން، ލޯބި ދިނުމަށް ތައްޔާރުވެގެން ހުންނަ މީހާއެވެ. މީހަކު މުއްސަނދިނަމަ އެމީހަކު އެވަނީ އެހެން މީހުންނަށް ދެވޭނެ ފަދަ މަޤާމެއްގައެވެ. އެމީހުން ފުރިފައިވާނަމަ އެމީހުން އެވަނީ އެހެން މީހުންނަށް ދީ، ދީލަތިވެވޭނެ މަޤާމެއްގައެވެ.
މީގެ ބަދަލުގައި ‘ލޯތްބެއް’ ބިނާވެގެން ވަނީ އިންތިހާއަށް ކަމަކަށް ބޭނުންވެ، ދަހިވެތިވެފައިވާ ޙާލުގައި ކަމަށްވާނަމަ، އެ ލޯބި އެ އަންނަނީ އެތެރެފުށުން ހުސްކޮށް ހުރި މީހެއްގެ ފަރާތުންނެވެ. ތިބާވަނީ ބޭނުންޖެހި، ދަހިވެތިވެ، ހުސްވެފައިވާ ޙާލަތެއްގައި ކަމަށްވާނަމަ، ތިބާ ވަނީ ހަމައެކަނި އެހެން މީހުންގެ ފަރާތުން ހޯދަން އެދޭ ފަދަ މަޤާމެއްގައެވެ. ‘އަންހެލްދީ އެޓޭޗްމެންޓް’ ނުރައްކާތެރިވަނީ މިހެންވެއެވެ. އެހެނީ އެ ބިނާވެގެންވަނީ ‘ތިމަންނައަށް ދޭށޭ’ ‘އަހަރެން ބޭނުންވެއޭ’ ތަކުރާރުކޮށް ބުނާ ޙާލަތަކަށެވެ. އެ ގުޅުންވެގެންދަނީ މުޅިން ވެސް ހޯދަން ބޭނުންވާ ގުޅުމަކަށެވެ. އަދި ދިނުން ވަރަށް މަދު ގުޅުމަކަށެވެ.
މިއީ ކޮންމެހެން ތިބާއަކީ ނުބައި މީހަކަށްވުމުން ދިމާވާ ޙާލަތެއް ނޫނެވެ. އެހެނެއްކަމަކު އެއީ ތިބާގެ ކިބައިގައި ދޭނެ އެއްޗެއް ނެތުމުން ދިމާވާ ޙާލަތެކެވެ. ތިބާ އެތެރެފުށުން ހުސްވުމުން، ތިބާގެ އަތްވެސް ހުހެވެ. ދޭނެ އެއްޗެއް ތިބާގެ އަތުގައި ނެތެވެ. ތިބާއަށް ކުރެވޭނެހާ ވެސް ކަމަކީ ހޯދުމެވެ.
މި ދެންނެވި ފަދައިން ޙަޤީޤީ ލޯތްބާއި، ‘އަންހެލްދީ އެޓޭޗްމެންޓް’ ގެ ވާހަކަ ކިޔައިދިނުމުން ބައެއް މީހުން ބުނެއެވެ. ތި ބުނާ ޙަޤީޤީ ލޯތްބަކީ ހިތްހަރުވުމެވެ. އެހެނަސް ޙަޤީޤަތަކީ އޭގެ އިދިކޮޅެވެ. ގުޅުމެއްގައި ދެމީހުން ސަމާލުކަން ދެނީ އަނެކާގެ ފަރާތުން ހޯދުމަށްވުރެ އަމިއްލަ ނަފްސު ‘ފުރުވުމަށް’ ކަމަށްވާނަމަ، އެ ގުޅުން ރަނގަޅުވެގެން ދިޔުމުގެ އިތުރުން، އެ ގުޅުމަކީ ހަމައެކަނި ހޯދުމުގެ ބަދަލުގައި، އެކަކު އަނެކަކަށް ދޭން ބޭނުންވާ ގުޅުމަކަށް ވެސް ވެގެންދެއެވެ. އެ ގުޅުމަކީ ހަމަޖެހުން ލިބޭ ގުޅުމަކަށް ވެގެން ދެއެވެ.
ނުނިމޭ