ބަދަލުވާ ޙަޔާތް (ނުވަވަނަ ބައި): ހިތް ސާފުކުރާނީ ކިހިނެއް؟
މިހާ ހިސާބަށް އައިއިރު ހިތުގެ މުހިއްމު ކަމާއި ގުޅޭގޮތުން އަޅުގަނޑުމެން ވަރަށް ވާހަކަ ދައްކައިފީމުއެވެ. ހިތާއި ރޫޙު ތާހިރު ކުރުން މުހިއްމީ ކީއްވެކަމާއިމެދު ވާހަކަ ދައްކައިފީމެވެ.
މިއަދު އަޅުގަނޑު ވާހަކަ ދައްކާނީ އެ ހިތް ތާހިރުކޮށް ރައްކާތެރިކުރާނެ ގޮތްތަކާއި ބެހޭގޮތުންނެވެ. ހިތަކީ އަޅުގަނޑުމެންގެ ރޫޙާނީ ދުޅަހެޔޮކަމަށް ކިހާ މުހިއްމު ގުނަވަނެއްކަން އެނގުމުން، އެ ހިތް ރައްކާތެރި ކުރަން އަޅުގަނޑުމެން ޖެހޭނެއެވެ.
ގަނޑުވަރެއްގެ ވަށައިގެން ވެސް ބޮޑެތި ފާރުތައް ލެވިފައިވެއެވެ. ހިތުގެ ރައްކާތެރިކަމަށްޓަކައި ވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ މިއީއެވެ. ހިތުގެ ވަށައިގެން އަޅުގަނޑުމެންވީ ފާރުތަކެއް ލާށެވެ. އެ ހިތް ރައްކާތެރިކުރާށެވެ. އެ ހިތަށް ބޭނުންވާ ކަންތައް ފޯރުކޮށްދޭށެވެ. އެ ހިތް ބަލަހައްޓާށެވެ. އެ ހިތް ދުޅަހެޔޮ ގޮތުގައި ބަހައްޓައި ރައްކާތެރި ކުރުމަށެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ސޫރަތަކަށް ނުބައްލަވައެވެ. އަދި ތިޔަބައިމީހުންގެ މުދަލަކަށް ނުބައްލަވައެވެ. އެހެނެއްކަމަކު އެކަލާނގެ ބައްލަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.
އެހެންކަމުން މީގެ ތެރެއިން މުހިއްމީ އަޅުގަނޑުމެންގެ ހިތްތަކާއި ޢަމަލުތަކެވެ. އަޅުގަނޑުމެން ދިރިއުޅެނީ ބޭރުފުށުގެ ރީތިކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ދުނިޔެއެއްގައެވެ. އިންސްޓަގްރާމްއިން އެކަން އަދި އިތުރަށް ގޯސްވެގެންދެއެވެ.
އެހެނަސް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މުހިއްމުވަނީ އަޅުގަނޑުމެންގެ އީމާންތެރިކަމާއި، އަޅުގަނޑުމެންގެ ހިތްތަކާއި، އަޅުގަނޑުމެންގެ ޢަމަލުތަކެވެ.
މި ހުރިހާ ކަމަކީ އެކީގައި ހުންނަ ކަންތައްތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އީމާންތެރިކަމާއިމެދު ވަޙީކުރައްވާއިރު، އެކަލާނގެ ޢަމަލުތަކާއިމެދު ވެސް ވަޙީކުރައްވައެވެ. އެކަލާނގެ ތަކުރާރުކޮށް ވަޙީކުރައްވާފައިވެއެވެ.
الّذِيْنَ آمَنُوا وَعَمِلُوا الصّالِحَاتِ
“އީމާންވި މީހުންނާއި ހެޔޮ ޢަމަލުތައް ކުރި މީހުންނެވެ.”
މިއީ މުހިއްމު ނުކުތާއެކެވެ. އެހެނީ ބައެއް މީހުން ބުނެއެވެ. އަހަރެންގެ އީމާންތެރިކަން ވަނީ އަހަރެންގެ ހިތުތެރޭގައެވެ. އަހަރެން ނަމާދު ކުރަނީ އަހަރެންގެ ހިތު ތެރެއިންނެވެ. އަހަރެންގެ ޙިޖާބު ވަނީ އަހަރެންގެ ހިތުތެރޭގައެވެ.
މީގައި މައްސަލައަކީ، ހިތުތެރެއިން ނަމާދު ކޮށް، ހިޖާބުވެ، ރޯދަހިފިޔަސް އެކަންތައް ބޭރުފުށުން ވެސް ފެންނަން ޖެހޭކަމެވެ.
މީގެ ސަބަބަކީ އަޅުގަނޑުމެންގެ ހިތުތެރޭގައިވާ އެއްޗެއް އަޅުގަނޑުމެންގެ ޢަމަލުތަކަށް އަސަރު ފޯރުވާތީވެއެވެ. އަދި އަޅުގަނޑުމެންގެ ޢަމަލުތައް ވެސް އަޅުގަނޑުމެންގެ ހިތުގެ ޙާލަތަށް އަސަރު ފޯރުވައެވެ. ހިތާއި ޢަމަލުތައް ވަނީ ގުޅި ލާމެހިފައެވެ.
ހިތަކީ ހަށިގަނޑުގެ ވެރިޔާ ކަމަށް އަޅުގަނޑުމެން ބުނީމުއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހިތުގެ ޙާލަތު ފެނިގެން ދާނީ އަޅުގަނޑުމެންގެ ޢަމަލުތަކުންނެވެ. އެހެނަސް އަޅުގަނޑުމެންގެ ޢަމަލުތައް ވެސް އަޅުގަނޑުމެންގެ ހިތުގެ ޙާލަތަށް އަސަރު ފޯރުވައެވެ.
މިސާލަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ވަޙީ ކުރެއްވިއެވެ.
كَلاَّ بَل رَانَ عَلَى قُلُوْبِهِم
މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެމީހެއްގެ ހިތުގައި رَان ލެވިގެން ދެއެވެ. އެހެންކަމުން މީހަކަށް ފާފަތައް ކުރަމުންދާ ކަމަށް ވާނަމަ، ހިތުގައި ކަޅު ތިތްކެއް ޖެއްސިގެން ދެއެވެ. އެ ފާފައިގެ އަސަރު ހިތަށް ކުރެއެވެ.
މީހަކު އެމީހެއްގެ ޢަމަލުތަކާއިމެދު ފަރުވާލެއް ނުބަހައްޓާނަމަ އެއިން ހިތަށް ނޭދެވޭ އަސަރުކުރެއެވެ.
އެހެންކަމުން ދެ ކަންތައް ވެސް މުހިއްމުކަން އަޅުގަނޑުމެންނަށް އެނގެންޖެއެވެ. އީމާންތެރިކަމާއި ޢަމަލުގެ ހަމަހަމަކަން އަޅުގަނޑުމެންގެ ދިރިއުޅުމަށް ގެންނަން ޖެހެއެވެ. އީމާންތެރިކަމުގެ އަހުލުވެރިންނަށް އަޅުގަނޑުމެން ވާ ފަދައިން ހެޔޮ ޢަމަލުތަކުގެ އަހުލުވެރިންނަށް ވެސް ވާންޖެހެއެވެ. މި ދެ ކަންތައް ވަތްކެއް ނުކުރެވޭނެއެވެ. ޢަމަލުތަކުން ނުފެނުނަސް ތިބާގެ ހިތް ވަނީ އީމާންތެރިކަމުން ފުރިފައޭ ތިބާއަކަށް ނުބުނެވޭނެއެވެ.
ހަމަ އެހެންމެ އީމާންތެރިކަމާއި ނުލައި ކުރެވޭ ޢަމަލުތަކުގެ އަގެއްނެތެވެ. އެ ޢަމަލުތަކަކީ ހުސް ޢަމަލުތަކެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ﷲ ގެ ޙަޟްރަތަށް ގެނެވޭނެ މީހަކީ ޢިލްމުވެރިޔާއެވެ. އަދި ވަރަށް ގިނައިން ޞަދަޤާތް ކުރި މީހާއެވެ. އަދި ޝަހީދުވި މީހާއެވެ.
މީގެއިން ކޮންމެ މީހެއް ކައިރިން ﷲ ސުވާލުކުރައްވައެވެ. ތިމަންރަސްކަލާނގެއަށްޓަކައި ކުރީ ކޮންކަމެއް ހެއްޔެވެ؟ ޢިލްމުވެރިޔާ ޖަވާބު ދޭނެއެވެ. އަހަރެން އުނގެނި އުނގަންނައި ދިނީމެވެ. އިބަރަސްކަލާނގެއަށްޓަކައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދަންނަވާނެއެވެ. ތިއީ ދޮގެކެވެ. ތިބާ އެކަން ކުރީ މީހުން ތިބާއަކީ ކިހާ ޢިލްމުވެރި މީހެކޭ ބުނާނެ ކަމަށްޓަކައެވެ. އަދި މީހުން އެހެން ބުންޏެވެ. އެހެންކަމުން އެމީހަކު ނަރަކައަށް ވައްދައިލެވެއެވެ.
ދެން ހުރި މީހަކީ ވަރަށް ދީލަތި މީހެކެވެ. ވަރަށް ގިނައިން ޞަދަޤާތް ކުރި މީހެކެވެ. އެ މީހާ ކުރެން ﷲ ސުވާލުކުރައްވައެވެ. ތިމަންރަސްކަލާނގެއަށްޓަކައި ކުރީ ކޮންކަމެއް ހެއްޔެވެ؟ އެމީހާ ޖަވާބުދޭނެއެވެ. އަހަރެން އިބަރަސްކަލާނގެއަށްޓަކައި ފައިސާ ހޭދަ ކުރީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދަންނަވާނެއެވެ. ތިއީ ދޮގެކެވެ. ތިބާ އެކަން ކުރީ ތިބާއަކީ ކިހާ ދީލަތި މީހެއް ކަމަށް މީހުން ބުނާނެ ކަމަށްޓަކައެވެ. އަދި މީހުން އެހެން ބުންޏެވެ. އެހެންކަމުން އެމީހަކު ނަރަކައަށް ވައްދައިލެވެއެވެ.
ދެން ހުރީ މި ދުނިޔޭގައި ޝަހީދުވި މީހެކެވެ. އެ މީހާ ކުރެން ﷲ ސުވާލުކުރައްވައެވެ. ތިމަންރަސްކަލާނގެއަށްޓަކައި ކުރީ ކޮންކަމެއް ހެއްޔެވެ؟ އެމީހާ ޖަވާބުދޭނެއެވެ. އަހަރެން އިބަރަސްކަލާނގެއަށްޓަކައި ޖާނުން ފިދާވީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދަންނަވާނެއެވެ. ތިއީ ދޮގެކެވެ. ތިބާ އެކަން ކުރީ މީހުން ތިބާއަކީ ކިހާ ހިތްވަރުގަދަ ހަނގުރާމަވެރިއެކޭ ބުނާނެތީވެއެވެ. އަދި މީހުން އެހެން ބުންޏެވެ. އެހެންކަމުން އެމީހަކު ނަރަކައަށް ވައްދައިލެވެއެވެ.
މިތާނގަ ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ މިއެވެ.
وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ
“އަދި އިންސާނާޔަށް އޭނާ ކުރި ޢަމަލެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ.” ސޫރަތުއްނަޖްމް، 39
އެއްވެސް މީހަކަށް އެމީހަކު ކުރި ޢަމަލެއްގެ ޖަޒާއެއް ނޫނީ ނުލިބެއެވެ. މަތީގައި ބަޔާން ކުރެވުނު ޙަދީޘްގައިވި ތިން މީހުންނަށް ލިބުނީ އެމީހުން އެކަމަކަށްޓަކައި މަސައްކަތް ކުރި ޖަޒާއެވެ. އެމީހުން މަސައްކަތް ކުރީ ކޮން ކަމަކަށްޓަކައި ހެއްޔެވެ؟ އެމީހުން މަސައްކަތް ކުރީ މީހުން އެމީހުންނާއި މެދު ހާދަ ހިތްވަރުގަދައޭ، ހާދަ ޢިލްމުވެރިއޭ ހާދަ ދީލަތިއޭ ބުނުވުމަށެވެ. އެ މީހުންނަށް ލިބުނީ އެމީހުން ބޭނުންވި އެ ޖަޒާއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ޙަޤީޤީ މަޤްޞަދުތަކާއިމެދު ވިސްނުން ވަރަށް މުހިއްމެވެ. އެހެނީ މީހަކަށް ލިބޭނީ މީހަކު އެކަމަކަށްޓަކައި މަސައްކަތް ކުރި ކަމެކެވެ. ދާންވީ މަންޒިލަކީ ކޮބައިކަން ނޭނގި ތިބާއަށް އެތަނަކަށް ނުއެއް ދެވޭނެއެވެ. ތިބާއަށް ދެވޭނެ ހަމައެކަނި މަންޒިލަކީ ތިބާ އެ ދިމާލަކަށް މިޞްރާބުޖެހި މަންޒިލެކެވެ. ތިބާގެ މިޞްރާބަކީ އެހެން ދިމާލެއް ކަމަށްވާނަމަ އެ މަންޒިލަކަށް ނުއެއް ދެވޭނެއެވެ.
އެހެންކަމުން ޙަދީޘްގައިވާ ތިން މީހުންނަށް ލިބުނީ އެމީހުން އެ ނަތީޖާއަކަށްޓަކައި މަސައްކަތް ކުރި ނަތީޖާއެވެ. އެ ނަތީޖާއަކީ ﷲ އެއް ނޫނެވެ. އެ ނަތީޖާއަކީ މީހުންނެވެ. މީހުންގެ ތަޢުރީފެވެ.
މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި ވަރަށް ފަސޭހައިން އަޅުގަނޑުމެން އެކަމެއްގައި ބެދިދާނެ ކަމެއްވެސްމެއެވެ. މިއީ رِئَاء ގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާނައަކީ އަޅުކަމުގައި ދެއްކުންތެރިވުމެވެ.
އަޅުގަނޑުމެން މިއަދު އުޅެމުން މިދަނީ ހުރިހާ ކަމެއް ހުރިހާ އެންމެންނަށް ދައްކައިލެވޭ ދުނިޔެއެއްގައެވެ. އެހެންކަމުން މި ދެއްކުންތެރިކަމުން ރައްކާތެރިވާން އަޅުގަނޑުމެންނަށް އިތުރަށް ދަތިވެގެންދެއެވެ. އެހެނީ، ތިބާ ހެނދުނުގެ ނާސްތާއަށް ކެއީ ކޯޗެއްކަން އެންމެންނަށް އެނގެންޖެހެއެވެ. ތިބާ ކުރާ ހުރިހާ ކަމަކާއި ބުނާ ހުރިހާ ބަހެއް، ދުނިޔޭގެ ޗާޓުގައި ތިބާ ސީދާ ހުރި ހިސާބުވެސް މީހުންނަށް އެނގެންޖެހެއެވެ. ތިބާ ‘ޗެކް-އިން’ ކުރަން ޖެހޭތީވެއެވެ. އޭރުން ތިބާ އެވަގުތަކު ހުރި ތަނެއް އެންމެންނަށް އެނގޭނެތާއެވެ.
އެހެންކަމުން މި ޒަމާނުގައި މި ވެގެން ދަނީ އިތުރު ފިތުނައަކަށެވެ. ހުރިހާ ކަމެއް އެންމެންނަށް ދައްކަން ބޭނުންވާ އެދުން ކުޑަ ކުރުން ވަނީ ދަތިކަމަކަށެވެ. ވަކިން ޚާއްޞަކޮށް އަޅުކަންތަކަށް އަންނައިރު މިއީ ނުރައްކާތެރި ކަމެކެވެ. އަޅުކަމުގައި ވެސް އަޅުގަނޑުމެން މީހުންގެ ރުހުން ހޯދަން ބޭނުންވާކަމެވެ. އަޅުކަމުގައި ވެސް މީހުން އަޅުގަނޑުމެންނަށް ތަޢުރީފުކުރަން އަޅުގަނޑުމެންނަށް އެދެވޭތީވެއެވެ. މިއީ ހިތް ޠާހިރުކުރުމުގައި އަޅުގަނޑުމެން ނިކަން ވިސްނާލަން ޖެހޭ ތަންކޮޅެކެވެ.
މިސާލަކަށް މީހަކު އޭނަގެ ނިޔަތާއިމެދު ސުވާލު އުފެދިފައިވާނަމަ، އެމީހަކު ހަދާނީ ކިހިނެއް ހެއްޔެވެ؟ ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. އަހަރެންގެ ނިޔަތް ރަނގަޅުހެން އަހަންނަށް ހިއެއްނުވެއެވެ. ބުރުގާ އެޅުމާއި މިސްކިތަށް ދިޔުމާއި ނަމާދު ކުރުމުގެ ނިޔަތް ސާފެއް ނޫނެވެ. މިއީ އަހަރެން ދެއްކުންތެރިކަމަށްޓަކައި ކުރާ ކަންތަކެއްހެން ހީވެއެވެ.
ޝައިޠާނާ މި ޙާލަތުގައި ތިބާ ލައްވާ ކުރުވަން ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟ ޝައިޠާނާ ބުނާނެއެވެ. އެ ހެޔޮ ޢަމަލު ކުރުން ދޫކޮށްލާށެވެ. ބައެއްފަހަރު ޝައިޠާނާ މިކަމާއި ގުޅިގެން އަޅުގަނޑުމެން ލައްވާ ހެޔޮ ޢަމަލުތައް ކުރުން ހުއްޓުވައެވެ. ތިބާގެ ނިޔަތާއިމެދު ސުވާލު އުފައްދަމުންނެވެ. ޝައިޠާނާގެ ނިޔަތަކީ ތިބާގެ ހެޔޮ ޢަމަލު ހުއްޓުވުމެވެ.
މިސާލަކަށް ޝައިޠާނާ ބޭނުންވަނީ އުޚްތަކު ބުރުގާ އެޅުވުން ހުއްޓުވާށެވެ. ޝައިޠާނާ ބުނާނެއެވެ. ތިބާ ތިކަން ކުރަނީ ހަމައެކަނި ދެއްކުންތެރިކަމަށްޓަކައި ނޫންހެއްޔެވެ؟ ބުރުގާ އަޅަނީ މީހުން ތިބާއަށް ބަލައި ތިބާއަކީ ކިހާ ދީންވެރި އަދި ޞާލިޙު ކުއްޖެއް ކަމަށް މީހުން ބުނާނެ ކަމަށްޓަކައި ނޫންހެއްޔެވެ؟ އެހެންކަމުން ބުރުގާ ނަގާލަންވީ ނޫންހެއްޔެވެ؟
އެހެންކަމުން ބައެއްފަހަރު ޝައިޠާނާ މި ބަހަނާގައި ތިބާ ލައްވާ ހެޔޮ ޢަމަލުތައް ކުރުވުން ހުއްޓުވައެވެ. ޝައިޠާނާ ބުނާނެއެވެ. ތިބާ ތި ނަމާދުކުރަނީ މީހުން ތިބާއަކީ ކިހާ ދީންވެރި މީހެކޭ ބުނާނެތީ ނޫންހެއްޔެވެ؟ ތިބާ މިސްކިތަށް ގޮސް ނަމާދުކުރަނީ މީހުންނަށް ފެންނާނެތީވެއެވެ. އެހެންކަމުން މިސްކިތުގައި ނަމާދު ނުކުރާށެވެ. ގޭގައި ނަމާދު ކުރާށެވެ.
އެހެންކަމުން މިކަން ޝައިޠާނާގެ ރޭވުމަށް ވެސް ބައެއްފަހަރު ވެގެންދެއެވެ. ތިބާގެ ޚާލިޞްނުވާ ނިޔަތް ބޭނުންކޮށްގެން، ތިބާ ލައްވާ ހެޔޮ ޢަމަލު ކުރުން ހުއްޓުވުމެވެ.
ތިބާގެ ނިޔަތްތަކާއިމެދު ތިބާ ޝައްކު އުފެދޭނަމަ، އެންމެ ރަނގަޅު ގޮތަކީ ތިބާ އެ ހެޔޮ ޢަމަލު ކުރުމުގައި ދެމި ހުރުމެވެ. ހަމަ އެއާއިއެކު ތިބާގެ ނިޔަތް ޚާލިޞް ކުރުމަށް އެހީވެދިނުމަށް ﷲ ޙަޟްރަތުން އެދެމުން ދިޔުމެވެ. މި ދެކަންތައް އެކީގައި އަންނަން ވާނެއެވެ. އެ ޢަމަލު ކުރަމުން، ނިޔަތް ރަނގަޅު ކުރަން ވެސް މަސައްކަތް ކުރަމުން ދާންވާނެއެވެ.
އެހެންކަމުން ހެޔޮ ޢަމަލާއި ނުލައި ހިތް ފުރިހަމައެއް ނުވެއެވެ. އަދި ރަނގަޅު ހިތަކާއި ނުލައި ކުރެވޭ ހެޔޮ ޢަމަލުތައް ފުރިހަމައެއް ނުވެއެވެ. ރަނގަޅު ހިތަކާއި ހެޔޮ ޢަމަލުތައް ވެސް މުހިއްމެވެ.
ނުނިމޭ