ބަދަލުވާ ޙަޔާތް (އަށާރަވަނަ ބައި): އިމްތިޙާންތަކަށް އިޖާބަ ދިނުމުގައި ތިބާގެ ޢުމުރަކީ ކޮބާ؟
ކުރީ ބައިގައި އަޅުގަނޑުމެން ވާހަކަ ދެއްކީ އުދަގޫ އިމްތިޙާންތަކަށް ދެވޭ އިޖާބަތަކާއި މެދުގައެވެ. އަދި މުއުމިނުންގެ ގޮތުގައި އަޅުގަނޑުމެން އިޖާބަ ދޭންވީ ގޮތާއި މެދުގައެވެ.
އިމްތިޙާންތަކަށް އިޖާބަ ދެވޭ ގޮތުގެ ތެރޭގައި ރުޅިވެރިކަން ހިމެނެއެވެ. އަޅުގަނޑުމެން މުއުމިނުންގެ ގޮތުގައި އެއްކިބާވާން ޖެހެނީ މިފަދައިން އިޖާބަ ދިނުމުންނެވެ. އެފަދައިން އިޖާބަ ދެވިއްޖެނަމަ ކަންކުރާނެ ގޮތާއި މެދު ވެސް އަޅުގަނޑުމެން ވާހަކަ ދެއްކީމެވެ. އަދި އެކަން އިޞްލާޙު ކުރާނެ ގޮތާއިމެދު ވެސްމެއެވެ. އެހެނީ އަބަދުވެސް އުއްމީދު ވާނެއެވެ. ﷲ ގެ ރަޙްމަތުން އެކަކުވެސް އުއްމީދު ކަނޑާލައިގެން ނުވާނެއެވެ. އެހެންކަމުން ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ އެކަލާނގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވަން ޖެހެއެވެ. އަދި ކެތްތެރިވުމަށް އެހީވެދެއްވުމަށް އެދެން ޖެހެއެވެ. އަދި އެ ކެތްތެރިކަން ފަސޭހަ ކޮށްދެއްވުމަށް އެދެން ޖެހެއެވެ.
އިމްތިޙާންތަކަށް އިޖާބަ ދެވޭ ދެވަނަ ގޮތަކީ صَبر އެވެ. صَبر އާއި ގުޅިގެން މީހުން ގެންގުޅޭ ނުބައި ޚިޔާލުތަކަށް އަޅުގަނޑު އަލިއަޅުވައިލީމެވެ.
އިމްތިޙާންތަކަށް އިޖާބަ ދެވޭ ތިންވަނަ ގޮތަކީ رِضَاء އެވެ.
މީގެއިން ކޮންމެ އިޖާބައެއްގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟
ފުރަތަމަ އިޖާބައަކީ ރުޅިވެރިކަމެވެ. ﷲ ގެ ތަޤްދީރަށް ރުޅިވެރިކަމާއިއެކީ އިޖާބަ ދީފިނަމަ އެއީ ޢަޒާބު ޙައްޤު ޢަމަލެކެވެ. އެހެނީ މިއީ ﷲ ގެ ނިންމެވުމާއިމެދު ސުވާލު އުފައްދައި އެ ނިންމުމާއި ދެކޮޅަށް ދާން މަސައްކަތް ކުރުމެވެ. މިކަމުން އަޅުގަނޑުމެން ރައްކާތެރިކޮށްދެއްވުމަށް އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން އެދެމެވެ.
ދެވަނަ އިޖާބައަކީ صَبر އެވެ. صَبر ގެ ޘަވާބަކީ ކޮބައިހެއްޔެވެ؟ ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވިއެވެ. މިއީ ބުޚާރީގައި ވާ ޙަދީޘެކެވެ.
“ކަށްޓެއް ހެރުންހާ ކުޑަ ކަމަކަށް ވިޔަސް، އެއްވެސް ވަރުބަލިކަމެއް، އެއްވެސް ބަލިމަޑުކަމެއް، އެއްވެސް ހިތާމަވެރިކަމެއް، އެއްވެސް މޮޅިވެރިކަމެއް، އެއްވެސް ހިތްދަތިކަމެއް، އެއްވެސް ކަންބޮޑުވުމެއް މުއުމިނެއްގެ މައްޗަށް ނާދެއެވެ. އޭގެ ސަބަބުން ﷲ އެ އަޅާގެ ފާފަ ފުއްސަވާ ކަމެއް ފިޔަވައެވެ.”
އެހެންކަމުން ކެތްތެރިކަމާއިއެކު އިމްތިޙާންތަކަށް އިޖާބަ ދިނުމުގެ ޘަވާބަކީ މިއީއެވެ. އެއީ ތިބާ ކޮންމެ ކަމެއް ތަޙައްމަލު ކުރަމުން ދިޔަޔަސް، ކަށްޓެއް ހެރުން ފަދަ ކުޑަ ކަމެއް ދިމާވިޔަސް، (މިއާއި ބަލާއިރު އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭ ތަދުތަކުގެ ބޮޑުކަން ޚިޔާލަށް ގެންނަވާ)، އެއްވެސް ޒާތެއްގެ ތަދެއް އިޙްސާސް ކުރެވޭ ހިނދު އަޅުގަނޑުމެން ރަނގަޅަށް އިޖާބަ ދީފިނަމަ، ކެތްތެރިކަމާއިއެކު އިޖާބަ ދީފިނަމަ އޭގެ ސަބަބުން އަޅުގަނޑުމެންގެ ފާފަތައް ފޮހެވިގެންދާނެއެވެ.
އެހެން ޙަދީޘެއްގައި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. އެކަލޭގެފާނު ގަދަ ހުމެއްގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް ޞަޙާބީއަކު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެއީ ޢަބްދު ﷲ ގެފާނެވެ.
ޢަބްދުﷲ ގެފާނު ވިދާޅުވިއެވެ. ރަސޫލާ ﷺ ގަދަ ހުމެއްގެ އާލާސްކަންފުޅެއްގައި ވަނިކޮށް ތިމަންކަލޭގެފާނު އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވީމެވެ. އަދި ވިދާޅުވީމެވެ. ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ތި އުޅުއްވަނީ ގަދަ ހުމެއްގެ އާލާސްކަންފުޅެއްގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ! ތިޔަބައިމީހުންކުރެ ދެމީހުންގެ ހުން ތިމަންކަލޭގެފާނުގެ ހަށިކޮޅުގައިވެއެވެ. ތިމަން ވިދާޅުވީމެވެ. އެއީ ކަލޭގެފާނަށް އޭގެ ދެގުނަ ޘަވާބު ލިބިވަޑައިގަންނަވާނެތީ ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ! އޭގެ ސަބަބުން ގަހުން ފަތްތައް ފައިބާ ފަދައިން ﷲ އޭނަގެ ފާފަތައް ފުއްސަވައި ދެއްވާ އުދަގުލެއް ފިޔަވައި އެއްވެސް މުސްލިމަކަށް ކަށްޓެއް ހެރޭހާ ކުޑަ މިންވަރެއްގެ އުދަގުލެއް ތަޙައްމަލު ކުރަން ނުޖެހެއެވެ.
މި ޙަދީޘްގައި އެވާ މަންޒަރު ނިކަން ޚިޔާލަށް ގެންނާށެވެ. ޙަރީފު މޫސުމުގައި ގަހަކުން ފަތްތައް ފައިބައިގެން އަންނަ ގޮތެވެ. ކެތްތެރިކަމާއިއެކު އިމްތިޙާންތަކަށް އިޖާބަދޭ މުއުމިނަކަށްވާނީ މިފަދަ ގޮތެކެވެ. صَبر އާއި އެކީގައެވެ. އެހެންނޫނީ رِضَاء އާއި އެކީގައެވެ. އަދި އެއީ ޠާހިރުވުމެއް ވެސްމެއެވެ.
ނުބައި ކަންތައް ރަނގަޅު މީހުންނަށް ދިމާވަނީ ކީއްވެތޯ އެހޭ ސުވާލަށް އަޅުގަނޑުމެން އަނބުރާ ގޮއްސިނަމަ، މުއުމިނަކަށްޓަކައި ޙަޤީޤަތުގައި ވެސް ދިމާވާ އެއްވެސް ކަމެއް ގޯހެއް ނުވާނެ ކަމެވެ. ތިބާ އިމްތިޙާން ކުރެވުމުން ތިބާ އެއަށް ކެތްތެރިވަމުއެވެ. އެހެންކަމުން އެއީ ތިބާއަށް ރަނގަޅު ކަމެކެވެ. ކީއްވެ ހެއްޔެވެ؟ ރަނގަޅުވަނީ ކީއްވެ ހެއްޔެވެ؟ އެއިން ތިބާ ޠާހިރުވެގެން ދާތީވެއެވެ. އެއިން ތިބާގެ ފާފަތައް ފޮހެވިގެން ދާތީވެއެވެ. ގަސްތަކުން ފަތްތައް ފައިބައިގެން އަންނަ ފަދައިންނެވެ. އެހެން ޙަދީޘަކުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި، ޙަޔާތުގައި އެތައް ކަމެއް ތަޙައްމަލު ކޮށްފައިވާ މީހަކު ﷲ ގެ ޙަޟްރަތަށް ދާ ހިނދު އެމީހެއްގެ އެއްވެސް ފާފައެއް ނުހުރެއެވެ. އެމީހުން ﷲ ގެ ޙަޟްރަތަށް ދަނީ އެއްވެސް ފާފައެއް ނެތިއެވެ. އެހެނީ އެބައިމީހުންނަށް ކުރިމަތިވި އިމްތިޙާންތަކުގެ ސަބަބުން އެމީހުން ވަނީ ޠާހިރުވެފައެވެ. އެމީހުންނަށް ދިމާވި ދަތި އުދަގޫ ތަކުގެ ސަބަބުން ގަހުން ފަތްތައް ފައިބާ ފަދައިން އެމީހުންގެ ކިބައިން އެމީހުންގެ ފާފަތައް ސާފު ކުރެވިގެން ދިޔައެވެ.
ކެތްތެރިކަމާއިއެކު އިމްތިޙާންތަކާއި ކުރިމަތިލުމުގެ ޘަވާބަކީ މިއީއެވެ. އެ ޠާހިރުވުމެވެ.
މިއަށްފަހު އަޅުގަނޑުމެން ވާހަކަ ދެއްކީ رِضَاء އާއި ގުޅޭ ގޮތުންނެވެ. އެއީ ހިތްހަމަޖެހުމެވެ. އިމްތިޙާންތަކާއިމެދު ހިތްހަމަޖެހުމުގެ ޘަވާބަކީ ކޮބައިހެއްޔެވެ؟
މިފަދައިން ހިތްހަމަޖެހުމަކީ އިމްތިޙާންތަކަށް އިޖާބަ ދިނުމުގެ އެންމެ މަތީ ދަރަޖައެވެ. މިއީ ދިމާވާ ކޮންމެ ކަމަކާއި ގުޅިގެން އަމާންކަމާއި ހަމަޖެހުން ހިތުގައި ބޭއްވުމެވެ. ﷲ ތަޤްދީރު ކުރައްވާ ކޮންމެ ކަމަކާއި ގުޅިގެން ވެސްމެއެވެ.
މީގެ ޘަވާބަކީ ކޮބައިހެއްޔެވެ؟ މިބައިމީހުންގެ ހަމައެކަނި ފާފަތައް ފޮހެވޭނީއެއް ނޫނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ފަދައިން އިމްތިޙާންތަކަށް އިޖާބަދޭ މީހުންގެ ދަރަޖަ ވެސް މަތިވެގެން ދާނެއެވެ. އެމީހެއްގެ ދަރަޖަ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތުގައި އުފުލިގެން ދާނެއެވެ.
ނުހަނު ބާރުގަދަ އަދި ހަމަޖެހުން ގެނުވާ ޙަދީޘެއް ވެއެވެ. ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައް ތަޙައްމަލުކޮށްފައިވާ މީހުންނާއި، ވަރަށް ގިނަ އިމްތިޙާންތަކާއި ކުރިމަތިލާފައިވާ މީހުންގެ ހިތަށް މި ޙަދީޘުން ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ.
އެ ޙަދީޘުގައި ވެއެވެ. ވަކި ދަރަޖައަކަށް ދިޔުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރައްވާ އަޅުންވެއެވެ. ހަމައެކަނި އެ އަޅުންގެ ޢަމަލުތަކުގެ ސަބަބުން އެ އަޅުންނަށް އެ ދަރަޖައާއި ހަމައަށް ނުދެވޭނެކަން އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން އެކަލާނގެ ޙަޟްރަތުގައި އެ އަޅުންނަށް އެހާ ހިސާބަށް ދެވޭނެ ފަދައިން، އެކަލާނގެ އެ އަޅުން އިމްތިޙާން ކުރައްވައެވެ.
އެހެންކަމުން މިއީ އަޅުގަނޑުމެންގެ ދިރިއުޅުމާއި މެދު ދެކެން ވަރަށް ތަފާތު ގޮތެކެވެ. މިއީ އަޅުގަނޑުމެންގެ ދަތި އުދަގޫތަކާއި އިމްތިޙާންތައް ފަހުމްކުރަން ނުހަނު ތަފާތު ނަޒަރިއްޔާތެކެވެ.
އަޅުގަނޑު އިތުރަށް ވެސް އެއްޗެއް ބުނެދޭން ބޭނުމެވެ. އެއީ، އަޅުގަނޑުމެން އިމްތިޙާން ކުރެވެނީ ހަމައެކަނި ދަތި އުދަގޫތަކުން ނޫންކަމެވެ. ބައެއްފަހަރު އަޅުގަނޑުމެން ބަލާއާއި، ފިތުނައާއި، އިމްތިޙާންތަކުގެ ވާހަކަ ދައްކާއިރަށް ދަތި އުދަގޫތައް އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވެއެވެ.
އެހެނަސް ފަސޭހައިން ވެސް އަޅުގަނޑުމެން އިމްތިޙާން ކުރެވެއެވެ. ހަދިޔާތަކުން ވެސް އަޅުގަނޑުމެން އިމްތިޙާން ކުރެވެއެވެ. ހުރިހާ ކަމެއް އަޅުގަނޑުމެން ބޭނުންވާ ގޮތަށް ދާ ދިޔުމުން ވެސް އަޅުގަނޑުމެން އިމްތިޙާން ކުރެވެއެވެ. މިއީ ވެސް ހަމަ އިމްތިޙާންތަކެވެ. މިއީ އިމްތިޙާންތަކަށް ވަނީ ކީއްވެކަން އަޅުގަނޑު ކިޔައިދޭނަމެވެ. އަދި މި އިމްތިޙާނުން ފާސްވާނެ ގޮތްވެސް ކިޔައިދޭނަމެވެ. (އިން ޝާ ﷲ)
އެހާ ހިސާބަށް ދިޔުމުގެ ކުރިން އަޅުގަނޑު މިސާލެއް ދޭން ބޭނުމެވެ. އަޅުގަނޑުމެން އިމްތިޙާންތަކަށް އިޖާބަދޭ ގޮތް ފަހުމްވެގެންދާނެ މިސާލެކެވެ.
3 މީހުން ޚިޔާލަށް ގެންނާށެވެ. 3 ޢުމުރެއްގެ 3 މީހުންނެވެ. މީގެ ތެރެއިން އެކަކީ 6 މަހަށްދާ ޅަ ކުއްޖެކެވެ. ދެވަނަ މީހަކީ 10 އަހަރުގެ ކުއްޖެކެވެ. ތިންވަނަ މީހަކީ ބޮޑު މީހެކެވެ.
މި ތިން މީހުން ވެސް ޑޮކްޓަރަށް ދައްކަން ދެއެވެ. އެއަށްފަހު ޑޮކްޓަރު ބުނެއެވެ. ތިބާއަށް ބޭނުންވަނީ އިންޖެކްޝަނެކެވެ. މި އިންޖެކްޝަނުގައި ބޭހެއްވެއެވެ. އެ އިންޖެކްޝަނުން ބަލި ރަނގަޅުވާނެއެވެ.
މި ތިން މީހުންނަށް މި ޙާލަތުގައި ވާނެ ގޮތާއިމެދު ނިކަން ޚިޔާލަށް ގެންނާށެވެ. ޅަ ކުއްޖަކަށް އިންޖެކްޝަން ދޭ ހިނދު ވާ ގޮތާއި، 10 އަހަރުގެ ކުއްޖަކަށް އިންޖެކްޝަން ދޭ ހިނދު ވާ ގޮތާއި ބޮޑު މީހަކަށް އިންޖެކްޝަން ދޭ ހިނދު ވާގޮތެވެ. ތިން މީހުންނަށް ވެސް ދެވެނީ އެއްޒާތެއްގެ އިންޖެކްޝަނެކެވެ. ތިން މީހުންނަށް ވެސް ކުރެވެނީ އެއް ތަޖުރިބާއެކެވެ. ތިން މީހުންނަށް ވެސް ތަޙައްމަލު ކުރެވެނީ އެއް ތަދެކެވެ. އެހެނަސް އިންޖެކްޝަން ޖަހާ ވަގުތު އެ ތިން މީހުންނަށް ވާނެ ތަފާތު ގޮތްތަކާއިމެދު ވިސްނާށެވެ.
**************
ތިބާއަށް ވިސްނުނީ ކޮން ކަމެއް ހެއްޔެވެ؟ ޅަ ކުއްޖާއާއިމެދު ވިސްނައިފިނަމަ، ޅަ ކުއްޖަކަށް ތިބާ ދުވަހަކުވެސް އިންޖެކްޝަނެއް ދޭން ޖެހިފައިވިނަމަ، އެ ކުއްޖަކު އެއާއިމެދު އެހާ އުފަލެއް ނުވާކަން ތިބާއަށް އެނގޭނެއެވެ. އިންޖެކްޝަނެއް ދެވޭ ކޮންމެ ޅަ ކުއްޖެއް ހަޅޭއްލަވައި، ނުހަނު ގަދައަށް ރުޅި އައިސް އެ މޫނުމަތިން ވެސް އެ ނުރުހުންތެރިކަން ފެންނާނެއެވެ. އަދި އަމުދުން އެ ކުއްޖާ ޑޮކްޓަރުދެކެ ރުޅި އަންނާނެއެވެ. މިއީ އެއްގޮތަކަށް ވެސް އެ ކުއްޖާ އެކަމާއިމެދު އުފާވާނެ ކަމެއް ނޫނެވެ. އެހެންކަމުން މި ތަޖުރިބާއަށް ރުޅިވެރިކަމާއި އިންތިހާ ދަރަޖައިގެ ނަފްރަތުން އިޖާބަ ދެވެއެވެ.
10 އަހަރުގެ ކުއްޖާއަށް ބަލާލަމާ ހިނގާށެވެ. 10 އަހަރުގެ ކުއްޖަކަށް އިންޖެކްޝަން ދެވޭ ހިނދު އެ ކުއްޖާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ މި ޙާލަތު އެ ކުއްޖާއަށް ކޮންމެވެސް ވަރަކަށް ކިޔައިދެވޭނެއެވެ. އެ ކުއްޖާ އިންޖެކްޝަން ޖެހުމާއިމެދު އުފާވެގެން ނުއުޅުނަސް، އެ ޢުމުރުގެ ކުއްޖަކަށް މިއީ އެ ކުއްޖާއަށް ރަނގަޅަކަށް ކުރެވޭ ކަމެއްކަން ބުނެދެވޭނެއެވެ. މިއިން އެ ކުއްޖާއަށް ޝިފާއެއް ލިބޭކަން ބުނެދެވޭނެއެވެ.
އެހެންކަމުން އެ ޢުމުރުގެ ކުއްޖަކު ޑޮކްޓަރަށް ޙަމަލާއެއް ދޭން ބޭނުން ނުވެދާނެއެވެ. އެހެނަސް އެ ކުއްޖާ މި ތަޖުރިބާއާއިމެދު މާ ބޮޑަށް އުފަލެއް ނުވާނެއެވެ. އެ ޙާލަތު ފަހުމް ވިޔަސްމެއެވެ.
ތިން ވަނަ މީހަކީ ބޮޑު މީހާއެވެ. އެ އިންޖެކްޝަނުން އެމީހާ މަރުން ސަލާމަތް ކުރެވެނީ ކަން އެމީހާއަށް ފުރިހަމައަށް ވިސްނިފައިވެއެވެ. އެހެން ނޫން ހެއްޔެވެ؟ އެހެންކަމުން އެ މީހާ ޑޮކްޓަރަށް ޖަވާބުދޭނީ ކިހިނެއް ހެއްޔެވެ؟ ބޮޑު މީހަކު އެ ޙާލަތުގައި ހަޅޭއްނުލަވާނެއެވެ. ރުޅިއެއް ނާންނާނެއެވެ. ހަމައެކަނި އަމިއްލަ ނަފްސު ހަމައަކަށް އަޅުވަނީއެއް ވެސް ނޫނެވެ. އެމީހާ ޑޮކްޓަރާއި ސަލާމްކޮށް ޑޮކްޓަރަށް ޝުކުރު އަދާ ކުރަނީއެވެ. ބޮޑު މީހެއްގެ އިޖާބަވަނީ މުޅިން އެހެން ދަރަޖައެއްގައެވެ.
އަޅުގަނޑުމެން ދެއްކި ވާހަކައާއި މި މިސާލާއި އޮތް ގުޅުމަކީ ކޮބައިހެއްޔެވެ؟ މި މިސާލުގައި ވަނީ އަޅުގަނޑު ކިޔައިދިން އިމްތިޙާންތަކަށް ދެވޭ ތިން އިޖާބައިގެ މިސާލެވެ.
ރުޅިވެރިކަމުގެ އިޖާބައަކީ ޅަ ކުއްޖާގެ މިސާލެވެ. އިންޖެކްޝަނުގައި ވަނީ ކޯޗެއްކަމުގެ އެއްވެސް މަޢުލޫމާތެއް މި ކުއްޖާއަށް ނޭނގެއެވެ. ޅަ ކުއްޖާއަށް ފެންނަހާ ވެސް އެއްޗަކީ ތަދެވެ. ފެންނަހާ ވެސް އެއްޗަކީ އިންޖެކްޝަނުގެ ކަށްޓެވެ. އެ އިންޖެކްޝަނުގައި ވާ ބޭހެއް އެ ކުއްޖާއަށް ނުފެނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އިޖާބަދޭ ގޮތަކީ މިއީއެވެ. އެހެންވަނީ ކީއްވެ ހެއްޔެވެ؟ އެއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ކިބައިގައި އެ ތަދުގެ ފަހަތުގައިވާ ސަބަބު ފަހުމް ކުރެވޭ ޙިކުމަތްތެރިކަމާއި ރޫޙާނީ ވިސްނުމެއް ނެތީތީވެއެވެ. ބައެއްފަހަރު އަޅުގަނޑުމެންނަށް ފެންނަހާ ވެސް ކަމަކީ އަޅުގަނޑުމެން ބޭނުންވި ކަމެއް ނުލިބުނު ކަމެވެ. އެހެން ނޫންތޯއެވެ؟ އަހަންނަށް އެ މަޤާމް ނުލިބުނެވެ. އަހަންނަށް އެ ވަޒީފާ ނުލިބުނެވެ. އަހަންނަށް އޭނައާއި ކައިވެނި ނުކުރެވުނެވެ. އަހަންނަށް އެ ކާރު ނުގަނެވުނެވެ. އަހަރެން ލޯބިވި ކޮންމެވެސް އެއްޗެއް އަހަންނާއި ވަކި ކުރެވިގެން ގޮއްސިއެވެ.
މި ފަދައިން ވާހަކަ ދައްކާ މީހަކަށް ފެންނަހާ ވެސް އެއްޗަކީ ތަދެވެ. އެހެން ގޮތަކަށް ބުނާނަމަ އެމީހަކަށް ހުސްވެސް ފެންނަނީ އިންޖެކްޝަނުގެ ކަށްޓެވެ. ކަން މިހެން ވަނީ އެމީހަކަށް އެ ޙާލަތު ފަހުމް ނުކުރެވޭތީވެއެވެ. އެމީހަކަށް އެ ކަށި ފަހަނަޅައި ހުރީ ކޯޗެއްކަން ނުފެނެއެވެ. އެމީހަކަށް ބޭސް ނުފެނެއެވެ. އެމީހަކަށް ފަރުވާއެއް ނުފެނެއެވެ. އެމީހަކަށް ފެންނަހާ ވެސް އެއްޗަކީ ތަދެވެ.
ދެވަނައަށް މިސާލުގައި ހުރީ 10 އަހަރުގެ ކުއްޖާއެވެ. 10 އަހަރުގެ ކުއްޖާއަށް ތަންކޮޅެއް ރަނގަޅަށް ޙާލަތު ފަހުމް ކުރެވެއެވެ. އެ ކުއްޖަކު އެކަމާއިމެދު މާ ބޮޑަށް އުފާ ނުވިޔަސް އެ ކުއްޖާއަށް ކެތްކުރެވިދާނެއެވެ. މިއީ އަޅުގަނޑުމެން އިމްތިޙާންތަކަށް އިޖާބަދޭ ގޮތްތަކުގެ ތެރެއިން ކެތްތެރިކަމުގެ މިސާލެވެ.
ކެތްތެރިވާ މީހުން ރުޅިވެރިކަން އިސްނުކުރާނެއެވެ. އެހެނަސް އެ ކުއްޖަކު ޑޮކްޓަރާއި ސަލާމްކޮށް ޝުކުރެއް އަދާ ނުކުރާނެއެވެ. ނަމަވެސް އެކުއްޖާ ކެތްތެރިވާން މަސައްކަތް ކުރާނެއެވެ. މިއީ ޘަވާބު ލިބޭނެ ފަދަ އިޖާބައެކެވެ.
އެންމެ ފަހަކަށް މިސާލުގައި ހުރީ ބޮޑު މީހާގެ މިސާލެވެ. ބޮޑު މީހަކަށް އެ ޙާލަތު އެއްކޮށް ފަހުމް ކުރެވޭނެއެވެ. އެމީހާއަށް ފުރިހަމައަށް ފަހުމް ކުރެވޭތީ، ރޫޙާނީ ގޮތަކުން ބުނާނަމަ އެމީހެއްގެ بَصِيرَة ހުރީތީ، ޙަޔާތުގައި ކުރިމަތިވާ ޙާލަތްތަކާއިމެދު ފުންކޮށް ވިސްނުމުގެ ޤާބިލުކަން ހުރީތީ، އެ މީހާ އިޖާބަ ދޭނީ ހަމައެކަނި ކެތްތެރިކަމުންނެއް ނޫނެވެ. އެހެނެއްކަމަކު އެއާއިއެކު އެމީހެއްގެ ހިތްހަމަޖެހި ޑޮކްޓަރަށް ޝުކުރުވެސް އަދާ ކުރާނެއެވެ.
رِضَاء އަކީ މިއީއެވެ. ޙާލަތާއި މެދު ފުންކޮށް ވިސްނާ މީހުންނަށް އެ ޙާލަތުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުން ރައްކާތެރި ކުރައްވަނީކަން ފަހުމްވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޙާލަތުގެ ތެރެއިން އެމީހުންނަށް ފަރުވާއެއް ދެނީކަން ފަހުމްވާނެއެވެ. އެހެންނޫނީ ރައްކާތެރި ކުރައްވަނީކަން އެނގޭނެއެވެ. އެ އިމްތިޙާން އައީ ތަދުގެ ސިފައިގައި ކަމަށްވިޔަސް މެއެވެ. ގެއްލުމެއްގެ ސިފައިގައި އައި ކަމަށް ވިޔަސް މެއެވެ. ވަކިވުމެއްގެ ސިފައިގައި އައި ކަމަށް ވިޔަސްމެއެވެ. އަޅުގަނޑުމެން ހިތްދަތި ކުރުވާ ފަދަ ކަމެއްގެ ސިފައިގައި އައި ކަމަށް ވިޔަސްމެއެވެ.
ޙާލަތްތަކާއިމެދު ފުންކޮށް ވިސްނާ މީހަކަށް މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އެމީހަކަށްޓަކައި ހެވެއް ފެންނާނެއެވެ. މި ޙާލަތަކީ އެމީހުންނަށް ރަނގަޅު ޙާލަތެއްކަން އެމީހުންނަށް ފެންނާނެއެވެ. މި ޙާލަތުގެ ސަބަބުން ﷲ ގެ ޙަޟްރަތުގައި އެމީހުންގެ ދަރަޖަ އުފުލޭނެކަން އެމީހުންނަށް އެނގޭނެއެވެ. އެ ޙާލަތުން އެމީހުންނަށް ކަންތައް ދަސްވެއްޖެކަން އެނގޭނެއެވެ. އަދި އެ ޙާލަތުގެ ސަބަބުން އެމީހުން ވަރުގަދަވީ ކަން ވެސްމެއެވެ.
މިފަދަ މީހަކަށް ކެތްތެރިކަމުގެ އިތުރަށް ހަމަޖެހުމާއި އެކު އިޖާބަ ދެވޭނެއެވެ. މި މީހަކު އޭނަ ތަޖުރިބާކުރި ޙާލަތަށްޓަކައި ޝުކުރުވެރި ވެސް ވާނެއެވެ. އެމީހަކު ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވާނެއެވެ. އެ ޙާލަތުގެ ސަބަބުން އެމީހުންނަށް ލިބުނު ކަންތަކުގެ ސަބަބުންނެވެ. އެ ތަޖުރިބާގެ ސަބަބުން ލިބުނު ނިޢުމަތްތަކެއްގެ ސަބަބުންނެވެ.
އެހެންކަމުން އިމްތިޙާންތަކަށް އަޅުގަނޑުމެން އިޖާބަ ދޭ ގޮތްތަކާއި މެދު ވާހަކަ ދައްކާއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާއި މެދު ކަން ކުރައްވާ ގޮތަށް ނަޒަރު ހިންގުން ވަރަށް މުހިއްމެވެ. އެކަލާނގެ އަޅުގަނޑުމެންނަށް ފޮނުއްވާ އިމްތިޙާންތަކަށް އަޅުގަނޑުމެން އިޖާބަ ދޭ ގޮތާއި، ﷲ އަޅުގަނޑުމެންނާއި މެދު ކަން ކުރައްވާ ގޮތާއި ބޮޑު ގުޅުމެއްވެއެވެ.
ޙަދީޘެއްގައި ރަސޫލާ ﷺ އިމްތިޙާނެއްގެ ތެރޭގައިވާ މުއުމިނަކު ސިފަ ކުރެއްވީ މަޑު އަދި ޅަ ގަހެއްގެ މިސާލުންނެވެ. އަދި އިމްތިޙާނެއްގެ ތެރޭގައިވާ ކާފިރަކު ސިފަކުރެއްވީ ގަސްގަނޑު ހަރު، ދިގު ގަހެއްގެ . ގޮތުގައެވެ.
މި މިސާލާއިމެދު ވިސްނައިފިނަމަ ވައިޖެހުމުން މަޑު އަދި ޅަ ގަހަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ރަސޫލާ ﷺ ޙަދީޘް ކުރެއްވި ގޮތުގައި އެ ފަދަ ގަސްތައް ވައިޖެހުމުން ލެނބިގެންދެއެވެ. ވައި ހުއްޓުމުން ސީދާވެގެން ދެއެވެ. އެ ގަސް ބިންދައިގެނެއް ނުދެއެވެ. އެ ގަސް މަޑުވީމައެވެ.
އެހެނަސް މިއާއި ޚިލާފަށް ގަސްގަނޑު ހަރު ދިގު ގަހަކަށް ވައި ޖެހުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ގަދަ ވައެއް ކަމަށްވާނަމަ، އަދި ގަސް ރަނގަޅަށް ހަރުވެފައިވާ ނަމަ، ވައި އަންނަ އިރަށް އެ ގަސް ބިންދައިގެންދާނެއެވެ.
ދަތި އުދަގުލެއް ކުރިމަތިވާ ހިނދު މުއުމިނަކާއި ކާފިރަކާއި ދެމެދު އޮތް ތަފާތަކީ މިއީއެވެ. ވަރަށް ގިނަ މީހުން ބެދޭ މަޅިއެކެވެ. މުޞީބާތެއް ކުރިމަތިވުމުން، ނުވަތަ އިމްތިޙާނެއް އެމީހުންނާއި ކުރިމަތިވުމުން، އެތެރެ ފުށުން ‘ހަރުވާން’ ޖެހޭ ކަމަށް އެމީހުން ޤަބޫލު ކުރެވެއެވެ. އެހެންނޫންތޯއެވެ؟ މިއީ صَبر ކަމަށްވެސް ބައެއް މީހުންނަށް ހީކުރެވެއެވެ. އެފަދަ މީހަކު ބުނާނެއެވެ. އަހަރެން ރަނގަޅެވެ. އަހަންނަށް ހަދަންވީ ގޮތް އެނގެއެވެ. ހުރިހާ ކަމެއް ވެސް ރަނގަޅެވެ. އެތެރެފުށުން ހަރުވުމުން މި އިމްތިޙާނުން ފާސްވަނީ ކަމަށް އެމީހުންނަށް ހީކުރެވެއެވެ.
މިފަދައިން ހަރުވުމުގެ އެއް ނަތީޖާއަކީ އެހީއަށް ވެސް އެދެން އެމީހުން ޖެހިލުންވުމެވެ. މިފަދައިން ހަރުވުމުން އެމީހުންގެ އަމިއްލަ ނަފްސުތަކުން އެމީހުންނަށް ފުދޭ ކަމަށް އެމީހުންނަށް ހީކުރެވެއެވެ. އަދި ހުރިހާ ކަމެއް އަމިއްލައަށް ކުރަން އެމީހުން މަސައްކަތް ކުރެއެވެ. އަދި މި އިމްތިޙާނަށް ދެވޭނެ އެންމެ ރަނގަޅު އިޖާބައަކީ މިއީ ކަމަށް އެމީހުންނަށް ހީކުރެވެއެވެ. އެހެނަސް ޙަޤީޤަތަކީ މިއީއެއް ނޫނެވެ.
މި ވާހަކަ ބުނެދޭން މިސާލެއް ދޭނަމެވެ. ތިބާ އުޅެނީ އިމްތިޙާނެއް ހަދާށެވެ. ތިބާގެ ޕްރޮފެސަރު ތިބާއަށް އިމްތިޙާން ކަރުދާސް ދެއެވެ. ތިބާ އިމްތިޙާން ހަދަމުން ދާ ވަގުތު އިމްތިޙާނުން ވާނުވާއެއް ތިބާއަށް ނޭނގެއެވެ. އިމްތިޙާން ވަރަށް ވެސް އުދަގުލެވެ. ތިބާއަށް ޖަވާބުތައް ނޭނގެއެވެ. ތިބާއަށް އަތް ހިއްލައި ޕްރޮފެސަރު ގާތު ތިމަންނައަށް ނޭނގެއޭ ތިމަންނާއަށް އެހީވެދޭށޭ ބުނެވިދާނެ ހެއްޔެވެ؟ ތިބާއަށް އެހެން ނެހެދޭނެއެވެ.
ބައެއްފަހަރު އަޅުގަނޑުމެންނަށް ﷲ އާއިމެދު ކަންތައް ކުރެވެނީ ޕްރޮފެސަރާއިމެދު ކަންތައް ކުރާ ގޮތަށެވެ. އަޅުގަނޑުމެން އިމްތިޙާން ކުރެވޭ ހިނދު އަޅުގަނޑުމެންނަށް ހީކުރެވޭ ފަދައެވެ. އަހަރެން މިކަން ކުރަންޖެހޭނީ އަމިއްލައަށެވެ. އަހަންނަށް އަތްމައްޗަށް ހިއްލައި އެހީއަށް ނޭދެވޭނެއެވެ. އަހަންނަށް ﷲ ގެ ޙަޟްރަތުން އެހީއަށް ނޭދެވޭނެއެވެ. އެހެނީ އެ ވެގެން ދާނީ އިމްތިޙާނުން ‘ފާސް ނުވުމަށެވެ.’
އަޅުގަނޑުމެންނަށް ހީވާ ފަދައެވެ. އަޅުގަނޑުމެން އެ އިމްތިޙާނާއި ކުރިމަތިލާންޖެހޭނީ އަމިއްލައަށް އެކަނިމާއެކަންޏެވެ. އެހެނަސް މިއީ މުޅިން ވެސް ކުށްހީއެކެވެ. އަޅުގަނޑުމެން އަތް އުފުއްލައި އެކަލާނގެ ޙަޟްރަތުން އެހީއަށް އެދުމަށް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. ﷲ އާއި ޕްރޮފެސަރާއި އެއްފަދައެއް ނޫނެވެ. އަޅުގަނޑުމެންގެ ދަތި އުދަގޫތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެހީތެރިވެވޮޑިގެންވާ ފަރާތަކީ ﷲ އެވެ. އަޅުގަނޑުމެން އެކަލާނގެ ޙަޟްރަތުން އެދުމާއިމެދު އެކަލާނގެ ރުހިވޮޑިގެންވެއެވެ. އަޅުގަނޑުމެން އަތް ހިއްލައި އެހީއަށް އެދުމަށް އެކަލާނގެ ރުހިވޮޑިގެންވެއެވެ.
ހުރިހާ ރަސޫލުން އެބޭކަލުންގެ އިމްތިޙާންތައް ކަނޑައްތު ކުރެއްވީ މިފަދައިންނެވެ. ﷲ އަށް ރުޖޫޢަވެ އެކަލާނގެ ގެ އެހީފުޅަށް އެދެމުންނެވެ. ޔަޢްޤޫބް ޢަލައިހިއްސަލާމް ވިޔަސް، ޔޫނުސް ޢަލައިހިއްސަލާމް ވިޔަސް، މި ރަސޫލުންނާއި ނަބީންގެ ދުޢާތަކަށް ތިބާ ބަލައިފިނަމަ، އެ ހުރިހާ ދުޢާއެއްގައި އެއްކަމެއް އެއްގޮތްކަން ތިބާއަށް ފާހަގަވާނެއެވެ. އެބޭކަލުންގެ އެންމެ ދަތި އުދަގޫ ޙާލަތްތަކުގައި ކުރެއްވި ދުޢާތަކަށް ބަލައިފިނަމަ، އެ ދުޢާތަކުގައި އެބޭކަލުން ﷲ ގެ ޙަޟްރަތުގައި ތަވާޟުޢުވެރި ވެވަޑައިގަންނަވައެވެ. އަދި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ އެކަލާނގެ ގެ އެހީފުޅަށް އެދިވަޑައިގަންނަވައެވެ.
ޠޫފާނަކުން އަރައިގަންނާނެ ހަމައެކަނި ގޮތަކީ މިއީއެވެ. ތިބާ ‘އަޑިއަށް’ ގޮސްގެންނެއެވެ. ތިބާގެ އަމިއްލަ ހިތް ތިރި ކުރަމުންނެވެ. އަދި ﷲ ގެ ޙަޟްރަތުން ހިޔާވަހިކަމެއް ހޯދަން މަސައްކަތް ކޮށްގެންނެވެ. ތިބާގެ އަމިއްލަ ނަފްސަށް ތިބާއަށް ބަރޯސާއެއް ނުވެވޭނެއެވެ. ތިބާއަށް ހިތް ހަރުވެސް ނުކުރެވޭނެއެވެ. އެހެން ހަދައިފިނަމަ ތިބާ ވާނީ އެއްކަލަ ގަސްގަނޑު ހަރު ގަހަށެވެ. އެ ގަސް ފަސޭހައިން ބިންދައިގެން ދެއެވެ.
އަޅުގަނޑުމެންގެ ހުރިހާ ދަތި އުދަގޫތައް ފަސޭހަކޮށްދެއްވުމަށް އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން އެދެމެވެ. މިއީ ރަސޫލާ ﷺ ކުރެއްވި ދުޢާއެކެވެ.
اللّهُمَّ لاَ سَهْلَ إِلاَّ مَا جَعَلْتَهُ سَهْلاُ وَأَنْتَ تَجْعَلُ الْحَزَنَ إِذَا شِئْتَ سَهْلاً
“ޔާ ﷲ! އިބަރަސްކަލާނގެ ފަސޭހަ ކުރެއްވި ކަމެއް ނޫނީ ފަސޭހައެއް ނުވެއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރައްވައިފިނަމަ އުދަގޫ ކަމެއް ވެސް ފަސޭހަކަމަކަށް ވެގެންދެއެވެ.”
ނުނިމޭ