ބަދަލުވާ ޙަޔާތް (ފަންސަވީސްވަނަ ބައި): ޚިދުމަތް ކުރުން
އަޅުގަނޑުމެންނާއި ޚަލްޤުތަކުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ކުރެވޭނެ އެއްގޮތެއްގެ ގޮތުގައި އަޅުގަނޑުމެން ދަސްކުރީ މަޢާފު ކުރުމާއި ގުޅޭ ގޮތުންނެވެ. އަޅުގަނޑުމެން މިފަދައިން ޚަލްޤުތަކުންނާއި ގުޅުން އިޞްލާޙު ކޮށްފިނަމަ އަޅުގަނޑުމެންނާއި ﷲ އާއި ދެމެދު އޮތް ގުޅުން ވެސް އިޞްލާޙު ވެގެން ދާނެ ކަން އަޅުގަނޑުމެން ދަސްކޮށްފީމެވެ.
އެފަދައިން ގުޅުން އިޞްލާޙު ކުރެވޭނެ އަނެއް ގޮތަކީ ޚިދުމަތް ކުރުމެވެ. ޚިދުމަތް ކުރުމަކީ އަޅުގަނޑުމެންނަށް މީހުންނަށް އެހީވުމުގެ ތެރެއިން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް ވެސް އެހީވެވިދާނެ ގޮތެކެވެ. ކީއްވެ ހެއްޔެވެ؟ މީގެ އެއް ސަބަބު ރަސޫލާ ﷺ ގެ ޙަދީޘަކުން އަޅުގަނޑުމެންނަށް އެނގެއެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. މުއުމިނެއްގެ ކިބައިން ދުނިޔަވީ ހިތާމައެއް ފިލުވައިފި މީހަކަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ޤިޔާމަތް ދުވަހު އެ މީހެއްގެ އެއް ހިތާމަ ފިއްލަވައި ދެއްވާނެއެވެ. ބޭނުމެއް ޖެހިފައިވާ މީހެއްގެ ބޭނުން ފުއްދައިދިން މީހަކަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދުނިޔެއާއި އާޚިރަތުގައި ވެސް އެ މީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވާނެއެވެ. މުސްލިމަކު ދިފާޢު ކުރި މީހަކު، ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދުނިޔެއާއި އާޚިރަތުގައި ވެސް ދިފާޢު ކޮށްދެއްވާނެއެވެ. އަޅަކު އެހެން މީހުންނަށް އެހީތެރިވަމުން ދާހާ ހިނދަކު ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް އެހީތެރިވެވޮޑިގެންވާނެއެވެ.
އެހެންކަމުން އަޅުގަނޑުމެން މި ގުޅުން އަނެއްކާވެސް އެބަ ފެނެއެވެ. މިއީ އެއްކަލަ ‘ޕްލެޓިނަމް ރޫލް’ އެވެ. އެހެން ނޫންތޯއެވެ؟ މި ޤަވާޢިދުން ބުނާ ގޮތުގައި ﷲ ތިބާއާއި މެދު ކަން ކުރައްވާނީ ތިބާ އެހެން މީހުންނާއި މެދު ކަން ކުރާ ފަދައިންނެވެ. މި ޙަދީޘުން އަޅުގަނޑުމެންނަށް އޭގެ މިސާލުތައް ލިބިގެންދެއެވެ. ތިބާ ބޭނުން ޖެހިފައިވާ މީހަކަށް އެހީތެރިވެއްޖެނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ ބޭނުންޖެހިފައިވާ ވަގުތު އެހީތެރިވެވޮޑިގެންވާނެއެވެ. ތިބާ މީހަކު ދިފާޢު ކޮށްފިނަމަ، އެހެންނޫނީ އެ މީހެއްގެ އައިބުތައް ފޮރުވައިފިނަމަ، ﷲ ތިބާގެ އައިބުތައް ފަރުދާ އަޅުއްވާނެއެވެ. މިއީ އެއްވެސް ފައިދާއެއް ނެތް ގޮތުގައި މީހެއްގެ އައިބުތަކާއި ކުށްތަކުގެ ވާހަކަ ދެއްކުމުން ދުރުވާ ވާހަކައެވެ. މިސާލަކަށް ތިބާ އަނިޔާވެރި ކައިވެންޏެއްގައި އުޅެމުން ދާ ހިނދު އެހީއެއް ހޯދަން ބޭނުންވިއެއްކަމަކު ފިރިމީހާ ނުވަތަ އަނބިމީހާގެ އައިބުތައް ތިބާ ފޮރުވާކަށް ނުޖެހެއެވެ. މީހެއްގެ ނޭދެވޭ ވާހަކަތައް ދެއްކުން ހުއްދަ ހަމައެކަނި ޙާލަތަކީ އެއިން ކަމަކަށް އެހީ ހޯދުމެވެ. އެހެންނޫންނަމަ އެއީ ދައްކަން ޖެހޭ ވާހަކަތަކެއް ނޫނެވެ. އެހެންކަމުން އެހެން މީހުންގެ އައިބުތައް ތިބާ ފޮރުވައިފިނަމަ ﷲ ވެސް ހަމަ އެކަން ތިބާއަށްޓަކައި މާ ފުރިހަމައަށް ކޮށްދޭނެއެވެ. މީހެއްގެ އުދަގުލެއް ފަސޭހަ ކޮށްދީނަމަ ﷲ ތިބާއަށްޓަކައި ފަސޭހަ ކޮށްދެއްވާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ އެހީފުޅު ހޯދޭނެ އެންމެ އަވަސް ގޮތަކީ އެހެން މީހަކަށް އެހީވުމެވެ. އަދި ﷲ ވަޢުދުވެ ވޮޑިގެންވަނީ އެކަކު އަނެކަކަށް އަޅުގަނޑުމެން އެހީވާހާ ހިނދަކު އެކަލާނގެ އަޅުގަނޑުމެންނަށް އެހީތެރިވެ ވޮޑިގެންވާނެ ކަމަށެވެ.
ޚިދުމަތް ކުރުމަކީ ނުހަނު ޝައުޤު އުފެދޭ މަޢުޟޫއެކެވެ. އެހެނީ ޚިދުމަތް ކުރުމާއި ގުޅޭ ގޮތުން ވަރަށް ގިނަ ދިރާސާތަކެއް ކުރެވިފައިވެއެވެ. އުފާވެރިކަމާއި ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅޭ ދިރާސާތަކެވެ. ޕޮޒިޓިވް ސައިކޮލޮޖީގެ ބައްޕަގެ ލަޤަބު ލިބި ލައްވާފައިވާ މާރޓިން ސެލިގްމެން ވިދާޅުވެފައި ވެއެވެ. “އަޅުގަނޑުމެން ސައިންޓިސްޓުން ކޮށްފައިވާ ހުރިހާ ދިރާސާއަކަށް ބުރަވެ ހޯދިފައިވާ ގޮތުން، އެހެން މީހަކަށް ހެޔޮކަމެއް ކޮށްދިނުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަގުތުން އިންޤިލާބީ އިތުރުކަމެއް ޔަޤީންކަމާއި އެކު ގެނެސްދޭ ހަމައެކަނި ކަމެވެ.”
މިއީ ކިހާ ބާރުގަދަ ނިންމުމެއް ހެއްޔެވެ؟ މިއިން އެނގެނީ މީހަކަށް އެހީވުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ ރައްކާތެރި ކޮށްދެއްވަނީ ހަމައެކަނި އާޚިރަތުގައެއް ނޫނެވެ. އެހެނެއްކަމަކު އޭގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް މި ދުނިޔޭގައި ވެސް އުފާވެރިކަން ދެއްވައެވެ. އެހެން މީހުންނަށް ހެޔޮކަމެއް ކޮށްދިނުމުންނެވެ. އެހެން މީހުންނަށް އެހީވުމުންނެވެ. ބޭނުންޖެހިފައިވާ މީހަކަށް އެހީވުމަށް އަތް ދިއްކޮށްލުމުންނެވެ. އަޅުގަނޑުމެން ނިކަމެތިވެ ދެރަވެފައިވާ ޙާލަތެއްގައި، އެ ޙާލަތު ރަނގަޅުކޮށް ތެދުވެވޭނެ އެންމެ އަވަސް ގޮތަކީ، އެފަދަ ޙާލަތެއްގައިވާ އެހެން މީހަކު ތެދުކުރަން މަސައްކަތް ކުރުމެވެ. ސުބްޙާނަ ﷲ އެވެ.
އަދި އެނގޭ ހެއްޔެވެ؟ ތިބާގެ އަމިއްލަ ރިޒުޤު އިތުރު ކުރެވޭނެ އެންމެ އަވަސް ގޮތަކީ ވެސް، އެ ރިޒުޤަކީ ފައިސާއަށް ވިޔަސް، ވަގުތު ވިޔަސް، ތިބާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ކުޅަދާނަ ކަމެއް ވިޔަސް، ތިބާ އެ އިތުރުކޮށް ބަރަކާތް ލައްވަން ބޭނުންވާނަމަ، އޭގެއިން ބައެއް ﷲ އަށްޓަކައި ބޭނުން ކުރާށެވެ.
މިސާލަކަށް ﷲ ތިބާއަށް ހުނަރެއް ދެއްވިއެވެ. ތިބާ ﷲ އަށްޓަކައި އެ ހުނަރު ބޭނުންކޮށްފިނަމަ ﷲ ތިބާއަށްޓަކައި އެ ހުނަރު އިތުރު ކޮށްދެއްވައެވެ. ﷲ ތިބާއަށް ފައިސާ ދެއްވާފައިވާނަމަ، ތިބާ އެ ފައިސާގެ ބައެއް ﷲ އަށްޓަކައި ހޭދަ ކުރާނަމަ، ﷲ ތިބާއަށްޓަކައި ފައިސާ އިތުރު ކޮށްދެއްވައެވެ. ޞަދަޤާތުގެ ސަބަބުން މުދާ މަދު ނުވާނެ ކަމުގެ ޔަޤީންކަން ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދެއްވިއެވެ. ހަމައެކަނި މަދު ނުވަނީއެއް ނޫނެވެ. ޞަދަޤާތުގެ ސަބަބުން މުދާ އިތުރުވާނެ ކަމަށްވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.
ޞަދަޤާތަކީ އިންވެސްޓްމެންޓެކެވެ. ﷲ ‘ބޭންކުގައި’ ކުރެވޭ ޞަދަޤާތެކެވެ. މިއީ ދުވަހަކުވެސް ގެއްލުމެއް ނުލިބޭނެ އިންވެސްޓްމެންޓެކެވެ. މިއީ ޔަޤީންކަމާއިއެކު ބަދަލެއް ލިބޭނެ އިންވެސްޓްމެންޓެކެވެ. އަދި ބަދަލުގައި ލިބެނީ ގުނާ ޢަދަދު ނުކުރެވޭހާ ވަރާއި ހިސާބަށެވެ.
އެހެންކަމުން ތިބާގެ އަތުގައިވާ ކޮންމެ އެއްޗެއް، ތިބާއަށް ލިބިފައިވާ ކޮންމެ ރިޒުޤެއް ﷲ އަށްޓަކައި ހޭދަ ކުރާށެވެ. ވަގުތުވެސް މެއެވެ. ތިބާއަށް އިތުރު ވަގުތުކޮޅެއް ލިބިފައިވާނަމަ، އެ ވަގުތުގައި ބަރަކާތް ލައްވަން އެދޭނަމަ އެ ވަގުތުކޮޅުން ބައެއް ﷲ އަށްޓަކައި ހޭދަ ކުރާށެވެ. އޭރުން ﷲ ތިބާގެ ދެން ހުރި ވަގުތުތައް ތިބާއަށްޓަކައި އިތުރު ކޮށްދެއްވާނެއެވެ.
މިއީ ވަރަށް މުހިއްމު ރޫޙާނީ ޙަޤީޤަތެކެވެ. އެއީ ތިބާގެ އަތުގައި ހުރި އެއްވެސް އެއްޗެއްގައި ބަރަކާތް ލައްވަން އެދޭނަމަ، އެއީ ފައިސާއަށް ވިޔަސް، ހުނަރަށް ވިޔަސް، ވަގުތަށް ވިޔަސް، ތިބާ އެއިން ބައެއް ﷲ އަށްޓަކައި ހޭދަ ކޮށްފިނަމަ ﷲ ތިބާއަށްޓަކައި އިތުރު ކޮށްދެއްވައެވެ.
ދެން އަޅުގަނޑު ވާހަކަ ދައްކާނީ އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ މައިންބަފައިންނާއި އޮންނަ ގުޅުމާއި ބެހޭގޮތުންނެވެ. މި ރޫޙާނީ ޤަވާއިދުތައް އެ ގުޅުމަށް ފެތެނީ ކިހިނެއް ހެއްޔެވެ؟ ޤުރުއާނުން އަޅުގަނޑުމެންނަށް އެނގޭ ފަދައިން، ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންގެ ޙައްޤުތައް ސިފަކުރައްވާފައިވަނީ ވަރަށް ބާރުހުރި ބަސްފުޅުތަކާއި އެކީގައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا
“….އެއީ، اللَّه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ….” ސޫރަތުލް ބަޤަރާ، 83
ﷲ ފިޔަވައި އެހެން އެއްވެސް އެއްޗަކަށް އަޅުކަން ނުކުރުމަށް އެންގެވުމާއިއެކު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ މައިންބަފައިންނަށް އިޙްސާންތެރިވުމަށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އިޙްސާން ކަމަކީ ކަން ކުރުމުގައި އެންމެ ފުރިހަމައަށް ކުރުމެވެ. އަޅުގަނޑުމެން މައިންބަފައިންނާއި މެދު ކަން ކުރަންޖެހޭނީ މިފަދައިންނެވެ.
ސޫރަތުލް އިސްރާގެ 23 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا
“އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.” ސޫރަތުލް އިސްރާ، 23.
އަނެއްކާވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ފުރަތަމަ ބަޔާން ކުރައްވަނީ ޝިރުކާއި ބެހޭގޮތުންނެވެ. އެކަލާނގެ ފިޔަވައި އެހެން އެއްޗަކަށް އަޅުކަން ނުކުރުމަށް އަންގަވަމުންނެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. މައިންބަފައިންނަށް އިޙްސާންތެރިވުމަށެވެ. މައިންބަފައިންނަށްޓަކައި ހެޔޮ ކަންތައް ކޮށްދިނުމަށެވެ.
މި އާޔަތްތަކުން މައިންބަފައިންނަށް ކުރަންވީ އިޙްތިރާމަށް އޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ އަމުރުފުޅުގެ އަޅުގަނޑުމެންނަށް އެނގެއެވެ.
ބޮޑެތި ފާފަތަކުގެ ތެރެއިން އެންމެ ބޮޑެތި ފާފަތައް ރަސޫލާ ﷺ އުނގަންނައި ދެއްވާފައިވާ ޙަދީޘެއް ވެއެވެ. އެ ފާފަތަކަކީ ކޮބައި ހެއްޔެވެ؟ ރަސޫލާ ﷺ އެ ކަންތައްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބަޔާން ކުރެއްވީ ﷲ އަށް ޝިރުކު ކުރުމާއި މައިންބަފައިންނާއި މެދު ގޯސްކޮށް ކަންތައް ކުރުމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ އިދިކޮޅެވެ.
އަޅުގަނޑު ތިބާއާއި ސުވާލެއް ކޮށްލަން ބޭނުމެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިހާ ވަރަށް މައިންބަފައިންނަށް އިޙްސާންތެރިވުމާއި ގުޅޭ ގޮތުން ވަޙީ ކުރައްވާފައިވަނީ ކީއްވެ ހެއްޔެވެ؟ މި ހުރިހާ ވާހަކައަކާއި އެކީ ވެސް ކުދިންނަށް ހެޔޮކޮށް ހިތުމާއިމެދު އެއްވެސް ވާހަކައެއް ނެތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ވާހަކަ ވަޙީ ނުކުރެއްވީ ކީއްވެ ހެއްޔެވެ؟ ކުދިންނަށް ހެޔޮކޮށް ހިތުމަށް މައިންބަފައިންނަށް އަމުރު ނުކުރެއްވީ ކީއްވެ ހެއްޔެވެ؟ އެހެންނޫނީ ކުދިންނަށް ރަޙުމްކުރުމަށް މައިންބަފައިންނަށް އެންގިފައި ނުވަނީ ކީއްވެ ހެއްޔެވެ؟ މިއީ ނުހަނު ޝައުޤު އުފެދޭ ސުވާލެއް ނޫންހެއްޔެވެ؟
މީގެ ޖަވާބަކީ، މައިންބަފައިންގެ ހިތުގައި ދަރިންނަށްޓަކައި ވާ ލޯތްބަކީ އިންސާނީ ތަބީޢަތުގައިވާ ކަމެއް ކަމެވެ. އެއީ އަޅުގަނޑުމެންގެ ފިޠުރަތުގައި ލައްވާފައިވާ ކަމެކެވެ. މަޔަކު ނޫނީ ބަފައަކު ދަރިއަކަށް ދޭ ރަޙުމާއި ލޯތްބަކީ ދަސްކޮށްދޭންޖެހޭ އެއްޗެއް ނޫނެވެ. އެކަމަށް އަމުރު ކުރާކަށް ނުޖެހޭނެއެވެ. އެކަމާއިމެދު ހަނދާންކޮށްދޭކަށް ނުޖެހޭނެއެވެ. އެހެނީ އެއީ އަޅުގަނޑުމެންގެ ‘ޑީއެންއޭ’ ގައިވާ ކަމެކެވެ. މި ލޯބި ޖަނަވާރުންގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް ފެންނާނެއެވެ.
އެހެނަސް ކުދިން މައިންބަފައިން ބެލުމަކީ ޖަނަވާރުންގެ ތެރެއިން ފެންނަ ކަމެއް ނޫނެވެ. އެހެނަސް މަންމައަކު އޭނަގެ ކުޑަ މީހާ ރައްކާތެރި ކުރާ ގޮތަކީ ނުހަނު ވަރުގަދަ ޖަޒުބާތުތަކެއް އެކުލެވޭ ކަމެކެވެ. ޖަނަވާރުންގެ ތެރެއިން ވެސް މި ކަން ފެނެއެވެ.
މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. ޙަދީޘަކުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ގެ ނިމުމެއް ނެތް ރަޙުމަތްފުޅު 100 ބަޔަށް ބެއްސެވިއެވެ. މި ދުނިޔޭގައި އެކަލާނގެ ލެއްވީ އެ 100 ބައިގެ ތެރެއިން އެންމެ ބައެކެވެ. އެހެންކަމުން މި ދުނިޔެއިން އަޅުގަނޑުމެންނަށް ކޮންމެ ތަނަކުން ފެންނަ ރަޙުމަކީ ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅު އެއް ބައެވެ. އެ ރަޙުމަތްފުޅުގެ ބާކީ 99 ބައި އެކަލާނގެ ރައްކާ ކުރެއްވީ ޤިޔާމަތް ދުވަހަށެވެ.
އެހެންކަމުން ރަސޫލާ ﷺ ޙަދީޘް ކުރެއްވި ގޮތުގައި މި ދުނިޔެއަށް ފެތުރުއްވި ﷲ ގެ ރަޙްމަތްފުޅު، ޖަނަވާރަކު އޭގެ ދަރިފުޅާއިމެދު ކަންކުރާ ގޮތުން ވެސް ފެންނަ ކަމަށެވެ. މަންމައަކު ދަރިއަކާއި މެދު ކަންކުރާ ގޮތުން އެ ރަޙްމަތްފުޅު ފެނިގެންދެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅުގެ އެއްބައެވެ. އަދި ﷲ ގެ ޙަޟްރަތުން އަޅުގަނޑުމެންގެ މައްޗަށް ވާ ރަޙްމަތް، މައެއްގެ ހިތުގައި ދަރިއަކަށްޓަކައިވާ ލޯތްބަށްވުރެ ވެސް މަތިވެރިވެގެން ވާ ކަން އަޅުގަނޑުމެންނަށް އެނގެއެވެ.
އެހެންކަމުން އެންމެ ބޮޑަށް ބާރު އެޅިގެން ދަނީ މައިންބަފައިންނަށް ކަމޭހިތުމަށެވެ. އެހެނީ މިއީ މައިންބަފައިންގެ ހިތުގައި ދަރިންނަށްޓަކައިވާ ލޯބި ފަދައިން ތަބީޢީ ގޮތުން އަންނަ ކަމަކަށް ނުވާތީވެއެވެ. އެހެނަސް މިއީ އަޅުގަނޑުމެންގެ އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ އަޅުގަނޑުމެން އެއާއި އެއްގޮތަށް އުޅެންޖެހޭ އުޞޫލެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ﷺ މި ކަމަށް އެހާ ބޮޑަށް ބާރު އެޅުއްވީ މި ސަބަބުތަކާއި ހުރެއެވެ.
މިސާލަކަށް ތިބާ މައިންބަފައިންނަށް ކަމޭހިތައި މައިންބަފައިން އުފާ ކޮށްދޭން ކުރާ އެއްވެސް ކަމެއް ކާމިޔާބު ނުވާނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ބައެއްފަހަރު މައިންބަފައިން ދަރިންނާއިމެދު ކުރާ އުއްމީދުތަކާއި އަމުރުތަކަކީ އެ ކުދިންނަށް ފުރިހަމަ ނުކުރެވިދާނެ ކަންތަކެވެ. މިސާލަކަށް މައިންބަފައިން ބުނެފާނެއެވެ. ތިމަންމެން ތީނައާއިމެދު އުފާވާނީ ކޮންމެހެން ވެސް ޑޮކްޓަރަކަށް ވެ ދެބެންގެ ދެ ދަރިއަކާއި ކައިވެނިން ގުޅުމުންނެވެ.
އެހެންކަމުން މިފަދަ ‘އަމުރު’ ތަކަކީ ދަރިއަކަށް ފަހަރެއްގައި ފުރިހަމަ ނުކުރެވިދާނެ ކަންތަކެވެ. އަދި ދަރިއެއްގެ މައްޗަށް މިފަދަ އަމުރެއް ކުރުމަކީ އިންސާފެއް ވެސް ނޫނެވެ.
ދަރިއެއްގެ ގޮތުން މިފަދަ ޙާލަތްތަކުގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ ބައެއް މީހުން މިފަދަ މަޤާމަކަށް އައުމުން އިންތިހާ ދަރަޖައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެއެވެ. އެމީހުންނަށް ވިސްނޭ ފަދައެވެ. މައިންބަފައިން ނުރުހުން ކޮށްފިނަމަ އަހަންނަށް ﷲ އަށް އުރެދެވެނީއެވެ.
އެއީ ޙަޤީޤަތާއި އެއްގޮތް ޚިޔާލެކެވެ. ތިބާގެ މައިންބަފައިންނަށް ނުބައިކޮށް ހިތައި ބޭއިންސާފުން ކަންކުރާނަމަ ތިބާއަށް އެ އުރެދެވެނީ ﷲ އަށެވެ. އެހެނަސް މީގެ މެދުމިނަކީ ކޮބައިހެއްޔެވެ؟ މައިންބަފައިން ބޭއިންސާފުން ކުރާ އަމުރުތަކާއިމެދު ކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެހެން ވެސް އަދާ ކުރަންޖެހޭނީ ވަކި ވަޒީފާއެއް ކަމަށް ބުނެ، ކޮންމެހެން ވެސް އިންނަން ޖެހޭނީ މިވެނި މީހަކާއޭ ބުނަމުން އެހެން ނަހަދައިފިނަމަ ކަން ވާނެ ގޮތް ބުނާ ހިނދު ކަން ކުރާ ކިހިނެއް ހެއްޔެވެ؟
އަޅުގަނޑުމެން ޖެހޭނީ މެދުމިނެއް ހޯދާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއާއި ކުރައްވާނީ ކޮން ސުވާލެއް ހެއްޔެވެ؟ ތިބާގެ މައިންބަފައިންނަށް ތިބާ އަދާ ކުރަންޖެހޭ ޒިންމާތަކަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ، ޙަޔާތުގެ އެހެން ހުރިހާ ކަންތައްތަކެއް ވެސް ފަދައިން، ކަމެއްގެ ނަތީޖާއާއިމެދު އަޅުގަނޑުމެންނާއި ސުވާލެއް ނުކުރެވޭނެއެވެ.
ކަމެއްގެ ނަތީޖާއާއިމެދު އަޅުގަނޑުމެންނާއި ސުވާލެއް ނުކުރެވޭނެއެވެ.
އަޅުގަނޑުމެންނާއި ހަމައެކަނި ސުވާލު ކުރެވޭނީ އަޅުގަނޑުމެން ކުރި މަސައްކަތަކާއި މެދުގައެވެ. ތިބާގެ ޒިންމާ ތިބާ އަދާ ކުރިން ހެއްޔެވެ؟ ތިބާއަށް ކަން ކުރެވޭނެ އެންމެ ފުރިހަމައަށް ތިބާ ކަން ކުރިން ހެއްޔެވެ؟ ތިބާގެ މައިންބަފައިންނާއިމެދު ތިބާ ކަންކުރީ އިންސާފުން ހެއްޔެވެ؟ ތިބާ އެމީހުންނަށް ރަޙުމް ކުރިން ހެއްޔެވެ؟ އިޙްތިރާމާއި އެކީ ވާހަކަ ދެއްކިން ހެއްޔެވެ؟ މި ކަންތަކާއިމެދު ތިބާއާއި ސުވާލު ކުރެވޭނެއެވެ.
އެއަށްފަހު ތިބާގެ މައިންބަފައިން ރުހުނަސް އަދި ނުރުހުނަސް، ފުދުނަސް އަދި ނުފުދުނަސް، އެކަމާމެދު ތިބާއާއި ސުވާލު ނުކުރެވޭނެއެވެ. އެހެނީ ބައެއް މައިންބަފައިން ދަރިންގެ ކިބައިން ކޮންމެހެން ޙާޞިލު ކުރުވަން ބޭނުންވާ ކަންތަކަކީ ދަރިންނަށް ޙާޞިލު ނުކުރެވިދާނެ ކަންތަކެވެ. މިސާލަކަށް ތިބާއަށް ޑޮކްޓަރަކަށް ނުވެވިދާނެއެވެ. އަދި ޑޮކްޓަރަކަށް ވެވުނަސް އެކަމާއިމެދު މުޅި ޢުމުރު ދުވަހު ހިތްހަމަ ނުޖެހުމުގައި އުޅެން ޖެހުނީހެވެ. ތިބާއަށް ތިބާއާއި އެއްބަނޑު އެއްބަފާ ކުއްޖަކާއި ކައިވެނި ނުކުރެވިދާނެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ މައިންބަފައިން އެދޭ ބައެއް ކަންތައް އަޅުގަނޑުމެންނަށް ފުރިހަމަ ނުކުރެވޭ ޙާލަތްތައް އަންނާނެއެވެ. އެ ޙާލަތްތަކުގައި އަޅުގަނޑުމެންނަށް ވީ އެންމެ ފުރިހަމައަށް ކަން ކުރުމުން ފުދުނީއެވެ. މިއީ އަޅުގަނޑުމެން ދަސްކުރަންޖެހޭ ކަމެކެވެ. އަދި އެ ކަމެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވާގިއަށް އެދެންޖެހޭ ކަމެކެވެ. އެހެނީ މައިންބަފައިންނަކީ ސުވަރުގެއަށް ދެވޭ ދޮރަކަށް ވެދާނެއެވެ. އަޅުގަނޑުމެން މައިންބަފައިންނަށް އިޙްސާންތެރިވެއްޖެ ނަމައެވެ.
މީގެ ބައިވަރު މިސާލުތަކެއް ވެއެވެ. އެއްދުވަހަކު ފިރިހެނަކު ރަސޫލާ ﷺ ގެ އަރިހަށް އައެވެ. އަދި އެކަލޭގެފާނު އަރިހުގައި ޖިހާދަށް ދާން ބޭނުންވާ ވާހަކަ ބުންޏެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މައިންބަފައިން ދުނިޔޭގައި އެބަ ތިބި ހެއްޔެވެ؟ މަންމަ ދުނިޔޭގައި އެބަ ހުރި ހެއްޔެވެ؟ އެމީހާ ޖަވާބުގައި ބުންޏެވެ. އާނއެކެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. އެނބުރި ގޮސް އެމީހުންނަށް ޚިދުމަތް ކުރާށެވެ. އެކަމުގައި ޖިހާދަށްވުރެ ވެސް ބޮޑު އަޖުރެއް ތިބާއަށް ލިބޭނެއެވެ.
އެހެންކަމުން މައިންބަފައިންނަކީ ސުވަރުގެއަށް ދެވޭ ދޮރަކަށް ވެދާނެއެވެ. އެހެންކަމުން މި ފުރުޞަތުގެ ބޭނުން އަޅުގަނޑުމެންނަށް ވީ އެންމެ ފުރިހަމައަށް ހިފާނީ ކިހިނެއް ކަމާއިމެދު އަޅުގަނޑުމެން ފަރުވާތެރި ވާން ޖެހެއެވެ. ވަރަށް ގިނަ ‘ޕްރެޝަރުތަކުގެ’ ދަށުގައި ވެފައިވާ ކުދިން އަޅުގަނޑަށް ފެނިފައިވެއެވެ. މައިންބަފައިން ބޭނުންވި މީހަކާއި ކައިވެނި ނުކުރެވުނީތީ ތިމަންނާއަކީ ނުބައި މީހެއްތޯ ހިތަށް އަރަމުންދާ ކުދިންނެވެ. އެހެންނޫނީ ޑޮކްޓަރަކަށް ނުވެވުނީތީ އަހަންނަކީ ގޯސް މީހެއްތޯ އެ ކުދިންނަށް ވިސްނެއެވެ.
ކޮންމެވެސް ޕޯސްޓަކުން އަޅުގަނޑު ދުށީމެވެ. މި ފެނިފައި އަޅުގަނޑުގެ ހިތް ކުދިކުދި ވިއެވެ. ކޮންމެވެސް މީހަކު ޑޮކްޓަރަކަށް ވުމަށް މެޑިކަލް ސްކޫލަށް ދާން މަސައްކަތް ކުރިއެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވިއެވެ. އޭގެ ސަބަބުން އެމީހާ ޑިޕްރެޝަނަށް ދިޔަ ވާހަކަ އެމީހާ ކިޔައިދެއެވެ. އަދި އަމިއްލައަށް މަރުވާން ބޭނުންވި ވާހަކަ ވެސް ކިޔައިދިނެވެ. އެ ޙާލަތުގައި ވެސް ޑޮކްޓަރަކަށް ވުމަށް ނާކާމިޔާބުވީތީ އެމީހާގެ ބައްޕަ އެއީ އަމިއްލަ ދަރިއެއް ނޫންކަމަށް ބުނަމުން ދިޔަ ވާހަކައެވެ.
އެހެންކަމުން މިފަދަ ޙާލަތްތައް ވެސް އާދެއެވެ. ބައެއް މައިންބަފައިން ބުނެއެވެ. މިވެނި މީހަކާއި ކައިވެނި ނުކޮށްފިނަމަ ތިއީ އަހަރެންގެ ދަރިއެއް ނޫނެވެ. އެވެނި މީހަކާއި ކައިވެނި ކޮށްފިނަމަ ތިއީ އަހަރެންގެ ދަރިއެއް ނޫނެވެ. އެހެންކަމުން މިކަހަލަ ވަރަށް ދަތި ޙާލަތްތައް ކުރިމަތިވެއެވެ.
މިފަދަ ޙާލަތްތަކުގައި މެދުމިން ޚިޔާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ކަމަކަށް ﷲ އަށް އިޚްލާޞްތެރިވުން މުހިއްމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތެދުވެރިވުމެވެ. އިޚްލާޞްތެރިކަމާއި ޞިދުޤެވެ. އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއިއެކު ތިބާ ރަނގަޅު ދަރިއަކަށް ވާން ބޭނުންވުމެވެ. ތިބާގެ މައިންބަފައިންނަށް އިޙްސާންތެރިވާން ތިބާ ބޭނުންވުމެވެ. މައިންބަފައިންނަށް އިޙްސާންތެރިވެ ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް ތިބާ ބޭނުންވުމެވެ. އެއަށްފަހު ﷲ ގެ ޙަޟްރަތުން އެކަމަށްޓަކައި ވާގިއަށް އެދުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެހީފުޅަށް އެދުމެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެހީފުޅާއި ނުލައި އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ.
ދެވަނަ ކަމަކަށް، ތިބާގެ އަމިއްލަ ފަރާތުން ކުރަންޖެހޭ ކަންތައް، މައިންބަފައިންނަށް ޢަދުލުވެރިކަމާއިއެކު ކުރުމެވެ. ތިބާއަށް ނުކުރެވޭނެ ކަމެއް އެމީހުން އެދުމުން ތިބާ ނުކޮށްފިނަމަ ﷲ ތިބާއަށް ކޯފާވެވޮޑިގެނެއް ނުވާނެއެވެ. ތިބާއަށް ކުރެވެން ހުރި ކަމެއް އެންމެ ފުރިހަމައަށް ކުރުމަށްފަހު ތިބާ އޭގެ ނަތީޖާ ﷲ ގެ ޙަޟްރަތަށް ދޫކޮށްލާނީއެވެ. އަދި އެކަން ތިބާއަށް ފަސޭހަކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާނީއެވެ.
ބައެއް ޙާލަތްތަކުގައި ﷲ ރުހިވޮޑިގެންނުވާ ފަދަ ކަމެއް އަޅުގަނޑުމެން ލައްވާ ކުރުވަން ވެސް މައިންބަފައިން ބޭނުންވެދާނެއެވެ. މިސާލަކަށް އެމީހުންގެ އަންހެން ދަރިފުޅު ބުރުގާ އަޅަން މައިންބަފައިން ބޭނުން ނުވެދާނެއެވެ. އެހެންނޫނީ އެ އަންހެން ދަރިފުޅު ބުރުގާ ނަގާލުމަށް މައިންބަފައިން ބާރު އަޅާފާނެއެވެ. މީގެ ފަހަތުގައިވާ ސަބަބަކީ ބުރުގާ އަޅައިގެން އުޅޭނަމަ އިންނާނެ މީހަކު ނުވާނެއެވެ.
ސައިކޮލޮޖީގެ މި ދާއިރާގައި މަސައްކަތް ކުރާއިރު ވަރަށް ގިނަ އަޖާއިބު ކުރުވަނިވި ވާހަކަތައް އަޅުގަނޑަށް އިވެއެވެ. މިސާލަކަށް ގެއެއްގެ އަންހެން ކުއްޖަކާ ދެވަން ފިރިހެން ކުއްޖެއްގެ ޢާއިލާއިން އަންނަނަމަ، ކުރެވޭ އެންމެ ފުރަތަމަ ސުވާލަކީ، އަންހެން ކުއްޖާ ބުރުގާ އަޅާތޯއެވެ. އެ ސުވާލު ކުރެވެނީ ބުރުގާ އަޅާ ކުއްޖެއް އެމީހުން ބޭނުން ވާތީއެއް ނޫނެވެ. ބުރުގާ އަޅާ ކުއްޖެއް ބޭނުމެއް ނުވާތީއެވެ.
އެހެންކަމުން މިފަދަ ގޮންޖެހުންތަކާއި މީހުންނާއި ކުރިމަތިވެއެވެ. ބައެއްފަހަރު ޢާއިލާ މީހުން ވެސް އަންހެން ކުއްޖާ ބުރުގާ އެޅުމާއި ދެކޮޅެވެ. ބައެއްފަހަރު ޢާއިލާ މީހުން ބުރުގާ ނަގާލަން ވެސް ބާރު އަޅައެވެ. ބައެއްފަހަރު މައިންބަފައިންނަކީ ކާފިރުންނަށް ވެސް ވެދާނެއެވެ. އާ މުސްލިމުންގެ ޙާލަތުގައެވެ. އެ މީހުން މުސްލިމުންނަށް ވާން އެ އެމީހުންގެ މައިންބަފައިން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެދާނެއެވެ. އެހެންނޫނީ އެ މީހުން ނަމާދު ކުރުމާއި އެ މައިންބަފައިން މުޅިން ދެކޮޅުވެރި ވާނެއެވެ.
އެހެންކަމުން ﷲ ރުހިވޮޑިގެންވާ ގޮތާއި މައިންބަފައިން އެދޭ ގޮތާއި ދެމެދު އިޚްތިލާފެއް ވެދާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މިކަމާއި ގުޅޭ ގޮތުން ވަޙީ ކުރައްވާފައިވެއެވެ. ސޫރަތުލް ޢަންކަބޫތު ގެ 8 ވަނަ އާޔަތުގައެވެ.
وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْنًا ۖ وَإِن جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۚ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
“އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި، އަމުރު ކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު ޢިލްމެއް ލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ ޝަރީކު ކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! ތިޔަބައިމީހުން އެނބުރި ދިއުންއޮތީ، ތިމަންރަސްކަލާނގެޙަޟްރަތަށެވ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެކަންތަކަށް ޖަޒާ ދެއްވާހުށީމެވެ.)” ސޫރަތުލް ޢަންކަބޫތު، 8
އެހެންކަމުން ޚަލްޤުތަކުން ރުއްސުމަށްޓަކައި އަޅުގަނޑުމެން ﷲ ރުހިވޮޑިގެންނުވާ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ. މައިންބަފައިންނަށް ކިޔަމަންވުމަށް ވެސް ﷲ ރުހިވޮޑިގެންނުވާ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
އެހެނަސް ދެންވެސް އަޅުގަނޑުމެން މައިންބަފައިންނަށް އިޙްތިރާމް އަދާ ކުރަންޖެހޭނެއެވެ. މިއީ ނުހަނު މުހިއްމު އުޞޫލެކެވެ. ﷲ ރުހިވޮޑިގެންނުވާ ކަމެއްގައި ތިބާ މައިންބަފައިންނަށް ނުކިޔަމަންތެރިވާ ހިނދު ވެސް، ތިބާ އެކަން ކުރަންޖެހޭނީ އިޙްސާންތެރި ކަމާއި އެކީގައެވެ.
އެހެންކަމުން ތިބާއަށް އިޙްތިރާމާއި އެކީ ވެސް ތިބާގެ އުޞޫލުތަކުގައި ހިފެހެއްޓޭނެއެވެ.
މިއީ ކޮންމެވެސް ޞަޙާބީއަކަށް ދަސްކޮށްދެއްވުނު ފިލާވަޅެކެވެ. އެ ޞަޙާބީ މުސްލިމްވުމަށް އެ ޞަޙާބީގެ މަންމަ ދެކޮޅު ހެދިއެވެ. އެހެންކަމުން އެ މަންމަ، އެ ޞަޙާބީއަށް ބިރު ދެއްކިއެވެ. އެ މަންމަ ބުނި ގޮތުގައި އެ ޞަޙާބީ އިސްލާމް ދީން ދޫ ނުކޮށްފިނަމަ އެ މަންމަ އަމިއްލަ ނަފްސަށް އަނިޔާވެރިވާނެއެވެ. އޭގެ ޖަވާބުގައި ޞަޙާބީ ދެންނެވިއެވެ.
މަންމަގެ 100 ރޫޙު ވެފައި، ކޮންމެ ރޫޙެއް ވަކިވަކިން މަންމައާއި ވަކިވެދިޔަޔަސް ތިމަންކަލޭގެފާނު މި ދީން ދުލެއް ނުކުރާނަމެވެ.
ޞަޙާބީ އެ ޖަވާބު ދިން ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ﷲ ގެ އާޔަތްތަކުން އެކަލޭގެފާނަށް ދަސްކޮށްދެވިގެން ދިޔައެވެ. އެ މަންމަ ކާފިރުވުމަށް އަންގަމުން ދިޔަ އެ ޙާލަތުގައި ވެސްމެއެވެ. މައިންބަފައިން ގޯސްކަމެއް ކުރަން ބުނާ ހިނދުވެސް އިޙްތިރާމް އަދާ ކުރުން އޮވެއެވެ. ތިބާ އެކަމެއް ނުކުރިޔަސް ތިބާ މައިންބަފައިންނަށް އިޙްސާންތެރިވާން ޖެހެއެވެ. އިޙްތިރާމް ކުރަންޖެހެއެވެ. މިއީ ވަރަށް މުހިއްމު އުޞޫލެކެވެ.
ތިބާއަށް އެނގޭނެ ފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلاَ تَقُلَّهُمَا أُفٍّ
“…އެދެމީހުންނާއި ދިމާލަށް ‘އުފް’ ވެސް ނުބުނާށެވެ…” ސޫރަތުލް އިސްރާ، 23
މި އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ސިފަ ކުރައްވަނީ މައިންބަފައިން މުސްކުޅިވާ ޙާލަތުގެ ވާހަކައެވެ. މީގެ މާނައަކީ މައިންބަފައިންނަށް އިޙްތިރާމް ކުރަންޖެހެނީ ހަމައެކަނި އެމީހުން މުސްކުޅިވީމައެއް ނޫނެވެ. އެހެނެއްކަމަކު މީހުން މުސްކުޅި ވާ ވަރަކަށް އެމީހުންގެ ކަންތައް އުދަގޫވަމުން ދާނެތީވެއެވެ. މި އާޔަތުގައި މައިންބަފައިންގެ މުސްކުޅި ޢުމުރަށް އަލިއެޅުވިފައިވަނީ މިހެންވެއެވެ. އެމީހުން އުދަގޫވާ ގޮތްގޮތަށް ކަން ކުރުމުން ‘އުފް’ ވެސް ނުބުނުމަށެވެ. އެ ޙާލަތުގައި ތިބާގެ ކޮޅަކީ ރަނގަޅު ކޮޅަށް ވިޔަސް ތިބާ އެމީހުންނާއި މުޚާތަބު ކުރާ ގޮތް ރަނގަޅުވާން ޖެހޭނެއެވެ. އުފް ވެސް ބުނެގެން ނުވާނެއެވެ. ‘އުފް’ އަކީ ކޮބައިހެއްޔެވެ؟ އެއީ މި ޒަމާނުގައި ކަޅި މައްޗަށް ހިންގައި ފުން ނޭވައެއް ދޫކުރުމެވެ. ތިމާ ކަމަކާއި ނުރުހުންވީ ކަން ދެއްކުމެވެ. އެހެންނޫނީ މައިންބަފައިން ބުނާ އެއްޗަކަށް އިޙްތިރާމް ނުކުރާކަން ދެއްކުމެވެ.
ނިންމައިލުމުގެ ގޮތުން ބުނެލާނަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްވެސް ނަތީޖާއަކާއި މެދު އަޅުގަނޑުމެންނާއި ސުވާލެއް ނުކުރައްވާނެއެވެ. އެހެނެއްކަމަކު އެކަލާނގެ ސުވާލު ކުރައްވާނީ އަޅުގަނޑުމެން ކުރި ކަންތަކާއި މެދުގައެވެ. އަޅުގަނޑުމެންގެ މައިންބަފައިންނަށް އަޅުގަނޑުމެން އިޙްސާންތެރިވީ ގޮތާއި މެދުގައެވެ. އަދި ޚަލްޤުތަކުންނަށް ވެސް އިޙްސާންތެރިވީ ގޮތާއި މެދުގައެވެ. އަދި އެކަމަށްޓަކައި ﷲ ގެ ޙަޟްރަތުން ވާގިއަށް އެދުނު ގޮތާއި މެދުގައެވެ.
ނުނިމޭ