ބަދަލުވާ ޙަޔާތް (ދިހަވަނަ ބައި): ހިތުގެ އޮކްސިޖަނާއި ކާނާ
މިއަދު އަޅުގަނޑުމެން ވާހަކަ ދައްކާނީ ހިތް ރައްކާތެރިކޮށް ހިތާއިމެދު އަޅާލާނެ ގޮތްތަކާއިމެދުގައެވެ. މިއީ ހިތުގެ ސިއްޙަތަށް ނުހަނު މުހިއްމު ކަމެކެވެ. އަދި ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ވެސް ދުޅަހެޔޮ އުޅުމެއް ބިނާކުރަން މުހިއްމު ކަމެކެވެ.
ހިތާއިމެދު އަޅާލުމާއިމެދު ވާހަކަ ދައްކާއިރު، ހަށިގަނޑާއިމެދު އެންމެ ފުރަތަމަ ވިސްނާލަމާ ހިނގާށެވެ. ހަށިގަނޑު ދުޅަހެޔޮ ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަންތައްތަކެއް ވެއެވެ. މީގެތެރެއިން އެންމެ ފުރަތަމަ އެއްޗަކީ އޮކްސިޖަނެވެ. އޮކްސިޖަނާއި ނުލައި މަދު ސިކުންތުކޮޅަކަށް ނޫނީ މިނެޓްކޮޅަކަށް މެނުވީ މީހަކު ދިރިއެއް ނުހުންނާނެއެވެ. މިނެޓްކޮޅެއް ފަހުން މީހާ ވަރަށް ބަލިކަށިވާނެއެވެ. އެއަށްފަހު އެމީހަކު މަރުވާނެއެވެ. މިކަން ވަނީ ނުހަނު ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
ހިތަށްވެސް ވާނީ މިކަހަލަ ގޮތެކެވެ. ހިތަށް ‘ރޫޙާނީ އޮކްސިޖަން’ ނުލިބޭނަމަ، ހިތް ވެސް ބަލިކަށިވެ، އެކި ބަލިތައް ޖެހި، މަރުވެގެންދެއެވެ. މި ‘ރޫޙާނީ އޮކްސިޖަން’ އަކީ ކޮބައިތޯއެވެ؟ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ގޮތުގައި، ހިތަށް އެއާއި ނުއުޅެވޭނެ އެއްޗަކީ ﷲ ގެ ހަނދުމަކުރުމެވެ. ޒިކުރުކުރުމެވެ.
ޒިކުރަކީ ކޮބައިހެއްޔެވެ؟ ޒިކުރުގެ ތެރޭގައި ވަރަށް ގިނަ ބާވަތްތަކުގެ ކަންތައް ހިމެނެއެވެ. އެއީ ﷲ ހަނދުމަކުރުމަށް ކުރެވޭ އެކި ކަންތަކެވެ. އެންމެ މުހިއްމު ބާވަތުގެ ޒިކުރަކީ ނަމާދެވެ. މިއީ ހިތަށް ބޭނުންވާ އެންމެ މުހިއްމު ރޫޙާނީ އޮކްސިޖަނެވެ. ވަގުތުން އަދާ ކުރެވޭ ފަރުޟު 5 ނަމާދެވެ. ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ ފަދައިން ހިތަށް އެ ނަމާދު ބޭނުންވެއެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާއި ބެހޭގޮތުންނެވެ. އެމީހަކު ނަމާދު ޤާއިމުކޮށްފައިވާނަމަ އެމީހަކު ކާމިޔާބުވާނެއެވެ. އަދި އެމީހަކު ނަމާދު ޤާއިމުކޮށްފައި ނުވާނަމަ އެމީހަކު ނާކާމިޔާބުވެދެއެވެ. އަދި އެމީހަކު ކިތަންމެ ބޮޑުވެގެންވާ ރީތި އެހެން ޢަމަލުތަކެއް ކޮށްފައިވިޔަސް، އަޅުގަނޑުމެން ﷲ ގެ ޙަޟްރަތަށް ދިޔުމަށް އެންމެ މުހިއްމު ޒަރިއްޔާ ކަމަށްވާ ނަމާދު އެމީހަކު ކޮށްފައި ނުވާނަމަ، އެމީހަކު ކާމިޔާބެއް ނުވާނެއެވެ.
ނަމާދަކީ އަޅުގަނޑުމެންގެ ހިތްތަކަށް ދިރުންދޭ ‘އޮކްސިޖަނެވެ.’ ދިރިއުޅުމުގައި އެހެން ކަމެއް ކުރެވޭނީ ނަމާދު ކޮށްގެންނެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. ﷲ މަތިން ހަނދުމަކުރާ މީހާއާއި، އެކަލާނގެ މަތިން ހަނދުމަނުކުރާ މީހާގެ ތަފާތަކީ ދިރުން ހުރި މީހަކާއި މަރުވެފައިވާ މީހެއްގެ ތަފާތެވެ.
އެހެންކަމުން ﷲ ހަނދުމަކުރުމަކީ ހިތުގެ ދިރުމަށް އެހާވެސް މުހިއްމު ކަމެކެވެ. ކުރިން ވެސް ދެންނެވިހެން ޒިކުރުކުރުމުގެ އެންމެ މުހިއްމު ބާވަތަކީ ނަމާދެވެ.
ނަމާދަކީ ތިބާއަށް ނުކޮށް ދޫކޮށްލެވޭ ވަރު ކަމެއް ނޫނެވެ. ނަމާދު ނުކުރެވޭ އެކި އެކި ސަބަބުތައް އަޅުގަނޑަށް ވަރަށް ގިނައިން އިވިފައިވެއެވެ. މިސާލަކަށް ތިމަންނައަށް އޮފީހުގައި އުޅެމުން ނަމާދެއް ނުކުރެވޭނެއެވެ. މިވެނި އެވެނި ކަމަކާއިހެދި އަހަންނަށް ސްކޫލްގައި ނަމާދެއް ނުކުރެވޭނެއެވެ. ކޮންމެވެސް އަންހެނަކު އަޅުގަނޑު ގާތު ބުންޏެވެ. އަހަންނަށް މަސައްކަތުގައި އުޅެމުން ނަމާދު ނުކުރެވޭނެއެވެ. އަހަރެން ކިޔަވައިދެނީ ޕްރީސްކޫލް ކްލާހަކަށް ކަމަށްވުމުންނެވެ. އަދި ކުދިން ދޫކޮށްލާފައި ނުދެވޭނެތީވެއެވެ. އަޅުގަނޑު ސުވާލު ކުރީމެވެ. ތިބާ ފާޚާނާއަށް ދަނީ ކިހިނެއް ހެއްޔެވެ؟ އެ އަންހެން މީހާ ޖަވާބުގައި ބުންޏެވެ. އަޅުގަނޑު ކޮންމެވެސް އެހެން މުދައްރިސެއް ގާތު ކުލާހުގައި މަޑުކޮށްދިނުމަށް އެދުމަށްފަހު ދަނީއެވެ.
މިއިން އެނގޭ ކަމަކީ އެދުމެއް އޮތް ކަމަށްވާނަމަ ގޮތެއް ވެސް އޮންނާނެ ކަމެވެ. އިންސާނުންނަށް ފާޚާނާއަށް ދިޔުމަކީ ނުހަނު މުހިއްމު ކަމެކެވެ. ތިބާ ފާޚާނާއަށް ދާން ޖެހިއްޖެނަމަ ތިބާ ކޮންމެވެސް ގޮތެއް ހޯދައިގެން ދާނަމުއެވެ. ދިގު މަގެއްގެ މެދުގައި ވިޔަސް، ސަހަރާއެއްގެ މެދުގައި ވިޔަސް، އިމްތިޙާނެއްގެ މެދު ތެރެއިން ވިޔަސް، މުހިއްމު ބައްދަލުވުމެއްގެ މެދުތެރެއިން ވިޔަސް، ނިކަން އަރާމުކޮށް ނިދިފައި އޮތްވާ ކަމަށްވިޔަސް، ތިބާ ފާޚާނާއަށް ދާނަމުއެވެ.
މިއީ ތިބާ ކަމެއް މުހިއްމުކޮށްފިނަމަ، ތިބާ އެއްވެސް ކަމަކަށްޓަކައި އެކަމެއް ޤުރުބާން ނުކުރަން ނިންމައިފިނަމަ ކަންތައް ވާ ގޮތެވެ. އެހެންނޫންތޯއެވެ؟ ތިބާ ހުރީ ކޮން ބައްދަލުވުމެއްގައި ކަން މުހިއްމެއް ނޫނެވެ. ތިބާ އެމްކެޓް (MCAT) ހަދަމުން ދިޔަޔަސް، ތިބާގެ ޙަޔާތުގެ އެންމެ މުހިއްމު އިމްތިޙާން ހަދަމުން ދިޔަ ކަމުގައި ވިޔަސް، ތިބާ ވަރަށް ބޮޑަށް ފާޚާނާއަށް ދާންޖެހިއްޖެ ނަމަ ތިބާ އެކަމަކަށް ފަރުވާލެއް ނުބަހައްޓާނަމުއެވެ. ތިބާ ފާޚާނާއަށް ގޮސް އަނބުރާ އައިސް އިމްތިޙާން ކުރިއަށް ގެންދާނަމުއެވެ.
މީގެ ފަހަތުގައިވާ ސަބަބަކީ މިއީއެވެ. އެ ވަގުތުގައި ފާޚާނާއަށް ނުގޮއްސިނަމަ ކުރިމަތިވެދާނެ ލަދުވެތިކަން، އެވަގުތު އެތަނުން ތެދުވެގެން ދިޔުމަށް ކުރިމަތިވެދާނެ ދަތިތަކަށްވުރެ ބޮޑެވެ. ނިދާއިރު ވެސް ވަނީ މިކަހަލަ ގޮތެކެވެ. ފަތިސް ނަމާދު ވަގުތެވެ. ތިބާ އެވަގުތު ވަރަށް ގަދައަށް ފާޚާނާއަށް ދާން ޖެހިއްޖެނަމަ، ތިބާ ތެދުވާނަމުއެވެ. ނުތެދުވެ އެނދުގައި އޮވެ ތިބާ އެކަން ކުރީ ކުޑައިރުއެވެ. ޙަޤީޤަތަކީ ބޮޑެތި މީހުންގެ ގޮތުގައި ކިތަންމެ ވަރުބަލިވިޔަސް، އެނދު ކިތަންމެ އަރާމުވިޔަސް، ފާޚާނާއަށް ދާންޖެހުމުން ތިބާ ނިދިން ވެސް ހޭލާނަމުއެވެ. ތިބާ އެނދުން ތެދުވެގެން ދާނަމުއެވެ. މީގަ އަޖާއިބުވާ ތަންކޮޅަކީ ބައެއްފަހަރު އަޅުގަނޑުމެން ފަތިސް ގަޑީގައި ހޭލާފައިވެސް ފާޚާނާކޮށްގެން ނަމާދުނުކޮށް ނިދާކަމެވެ.
މި މިސާލު އަޅުގަނޑު މި ނެގި ސަބަބަކީ، އެދުމެއް އޮވެއްޖެނަމަ ގޮތެއް ހޯދޭނެކަން މިއިން ވަރަށް ރަނގަޅަށް އެނގޭތީވެއެވެ. ތިބާ އެއްވެސް ކަމަކަށްޓަކައި އެކަން ޤުރުބާން ނުކުރަން ނިންމައިފިނަމަ އެކަމެއް ވާނެކަމެވެ. އެއާރޕޯޓުގައި ވިޔަސްމެއެވެ. އެހެންނޫންތޯއެވެ؟ ފްލައިޓް ބޯޑުކުރަމުން ދިޔަޔަސް ދާންވެއްޖެނަމަ ހަމަ ޖެހޭނީ ދާށެވެ.
އެހެންކަމުން އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ޙަޔާތުގައި ނަމާދަށް ދޭންޖެހޭ މަޤާމު ދޭށެވެ. އެއްވެސް ކަމަކަށްޓަކައި ނަމާދު ޤުރުބާން ނުކުރެވޭނެ މަޤާމެވެ. ނަމާދަކީ އޮކްސިޖަނެވެ. މިއީ އަޅުގަނޑުމެންނަށް ޤުރުބާން ކުރެވޭނެ ކަމެއް ނޫނެވެ. ޙަޔާތުގައި ބައެއްފަހަރު ކަންތައް ދިމާވާނެއެވެ. ބައެއްފަހަރު ތިބާ ‘ބިޒީ’ ވެދާނެއެވެ. ބައެއްފަހަރު ތިބާ ވަރުބަލި ވެދާނެއެވެ. ބައެއްފަހަރު ތިބާގެ ގައިގައި ހަމަ އެއްވެސް ހިތްވަރެއް ނުހުރެދާނެއެވެ. ތިބާ ވަރަށް ރުޅިއައިސް ދެރަވެފައި ހުރެދާނެއެވެ. ތިބާ ބޭނުންވާ ގޮތް ނޫން ގޮތްގޮތަށް ކަންތައް ހިނގާފާނެއެވެ. ކޮންމެ ކަމެއް ދިމާވިޔަސް ތިބާ ނޭވާލަމުން ގެންދާނަމުއެވެ. އެއީ ތިބާ ދިރި ހުންނަނީ ނޭވާލުމުން ކަމަށްވާތީވެއެވެ.
ނަމާދުވެސް ވާންޖެހޭނީ މިކަހަލަ ގޮތަކަށެވެ. މީހުން އަޅުގަނޑު ކުރެން ސުވާލުކުރެއެވެ. އަހަރެން ވަރަށް ބޮޑަށް ‘ޑިޕްރެސް’ ވެފައިވާނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް އަމިއްލަ ނަފްސު ތެދުވެސް ނުކުރެވެއެވެ. އަހަންނަށް އެނދުން ނުތެދުވެވެއެވެ. އަހަރެން ނަމާދު ކުރާނީ ކިހިނެއް ހެއްޔެވެ؟
މީގެ ޖަވާބަކީ، ބައެއްފަހަރު ހަމަ ޙަޤީޤަތުގައި ވެސް މިފަދަ ޙާލަތްތައް ދިމާވާނެ ކަމެވެ. ހަމަ ކުޑަވެސް ވަރެއް ނެތްހެން ހީވާ ޙާލަތަށް ގޮސްދާނެއެވެ. އެހެނަސް އަޅުގަނޑުމެން ނޭވާލުން ހުއްޓާ ނުލާ ފަދައިން، އަޅުގަނޑުމެން ނަމާދުކުރަމުން ގެންދަންވާނެއެވެ. ތިބާ ނަމާދުކުރަން ފަށައިފިނަމަ، އެ ދަށް ޙާލަތުގައި ވެސް ތިބާ ނަމާދު ކުރަމުން ގެންދާނަމަ، ބައެއްފަހަރު އެއީ ހަމަ ކުރެވޭ ޙަރަކާތްތަކެއްހެން ތިބާއަށް ހީވެދާނެއެވެ. ބައެއް މީހުން ބުނެއެވެ. އަހަންނަށް ނަމާދުގެ އަސަރު އިޙްސާސެއް ވެސް ނުވެއެވެ. އަހަރެން ހަމައެކަނި މި ޙަރަކާތްތައް ކުރަނީއެވެ.
ބައެއްފަހަރު ތިބާ ހަމައެކަނި މި ޙަރަކާތްތައް ވެސް ކުރަންޖެހޭނެއެވެ. ވަކި ހިސާބަކުން ތިބާގެ ޙާލަތު އަނެއްކާވެސް ރަނގަޅުވާން ފަށާނެއެވެ. މިއީ ތިބާގެ ޙާލަތު އިހުނަށްވުރެ ދަށަށް ދިޔުމުން ރައްކާތެރިވެވޭނެ ގޮތެކެވެ.
މީހަކު ދަށް ޙާލަތަކަށް ގޮއްސިނަމަ، އެ ޙާލަތުގައިވެސް އެމީހަކު ނަމާދުގައި ހިފަހައްޓައިފިނަމަ، އެމީހަކަށް ކުރެވޭނީ ހަމައެކަނި ޙަރަކާތްތަކަށް ކަމަށްވެސް ވެދާނެއެވެ. އެހެނަސް އެއީ ވަކި ވަގުތަކަށެވެ. ވަކި ހިސާބަކުން އެމީހުންނަށް އެ ޙާލަތުން އަރައިގަނެވޭނެއެވެ. އެ ޙާލަތަށްވުރެ ދަށް ޙާލަތަކަށް ދިޔުމުން އެމީހުން ރައްކާތެރިވާނެއެވެ.
މީހަކު ދަށް ޙާލަތަކަށް ގޮސް އެމީހެއްގެ ނަމާދު ދޫކޮށްލައިފިނަމަ، އެހެން ގޮތަކަށް ބުނާނަމަ ‘އޮކްސިޖަން’ ދޫކޮށްލައިފިނަމަ، އެމީހެއްގެ ޙާލަތު އިތުރަށް ގޯސްވެގެން ދާނެއެވެ. އެމީހަކު އިތުރު އަނދިރިގަނޑުތަކުގެ ތެރެއަށް ދާނެއެވެ.
މިއީ ހަމަ ބަލި މީހެއްގެ މިސާލެވެ. މިސާލަކަށް ތިބާ ރޯގާއެއް ޖެހި ތިބާގެ ގައިގައި ވަރެއް ނެތެވެ. ތިބާ އެ ޙާލަތުގައި ނޭވާލުން ހުއްޓާލައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ތިބާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ޙާލަތު އިތުރަށް ގޯސްވެގެންދާނެއެވެ. ތިބާ މަރުވެސް ވެދާނެއެވެ.
މީގެ ބަދަލުގައި ތިބާ އެ ޙާލަތުގައި ވެސް ނޭވާ ލަމުން ގެންދާ ކަމަށްވާނަމަ، އޮކްސިޖަން އެތެރެ ކުރަމުން ދާ ނަމަ ތިބާ ވަކި ހިސާބަކުން ރަނގަޅުވާން ފަށާނެއެވެ.
ހިތާއިމެދު އަޅާލުމުގެ ތެރޭގައި، ‘ޒިކުރު ޗެލެންޖެއް’ އަޅުގަނޑު ފަރުމާކޮށްފައިވެއެވެ. ޒިކުރަކީ ހިތުގެ އޮކްސިޖަނާއި ކާނާއެވެ. ޒިކުރު ޗެލެންޖްގެ އެންމެ ފުރަތަމަ ކަމަކީ ނަމާދެވެ. ދެވަނަ ކަމަކީ ދުވަހުގެ ތެރޭގައި ކިޔޭ ޒިކުރުތަކެވެ.
އެ ޒިކުރުތަކަކީ ކޮބައިހެއްޔެވެ؟ އެއީ ރަސޫލާ ﷺ އެކަލޭގެފާނުގެ މުޅި ދުވަހުގެ ތެރޭގައި ކިޔުއްވި އެކި ޒިކުރުތަކެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ ކޮންމެ ޢަމަލަކަށްޓަކައި ދުޢާއެއް ކިޔުއްވިއެވެ. ގެއިން ނިކުންނަ ވަގުތާއި، ގެއަށް އަނބުރާ ވަންނަ ވަގުތާއި، ކާން ފަށާ ވަގުތާއި، ކައި ނިމޭ ވަގުތާއި، ފާޚާނާއަށް ވަންނަ ވަގުތާއި ފާޚާނާއިން ނިކުންނަ ވަގުތާއި، ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ވެސް ކިޔާ ދުޢާ އެކަލޭގެފާނުގެ އަރިހުން އަޅުގަނޑުމެންނަށް ދަސްވެފައިވެއެވެ.
ދަތުރު ކުރާއިރު ކިޔާ ދުޢާއާއި، ބިރުގަންނަ ހިނދު ކިޔާ ދުޢާއާއި، ދެރަވުމުން ކިޔާ ދުޢާއާއި، ޙަޔާތުގައި ދިމާވާ ހަމަ ކޮންމެ ކަމަކަށް އެކަލޭގެފާނު ދުޢާތައް ކުރެއްވިއެވެ. އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ މި ދުޢާތައް އަޅުގަނޑުމެންގެ ދުވަސްތަކުގައި ހިމެނި ވަރަކަށް އަޅުގަނޑުގެ ހިތުގެ ޙާލަތު ރަނގަޅުވަމުން ދާނެ ކަމެވެ. މި ދުޢާތަކަކީ ވަރަށް ކުޑަކުޑަ ކަންތަކެއްހެން ތިބާއަށް ހީވެދާނެއެވެ.
އެހެނަސް އެއީ ކުޑަކުޑަ ކަންތައްތަކެއް ނޫނެވެ. އެހެނެއްކަމަކު މިއިން ކޮންމެ ދުޢާއެއް ކިޔުމަކީ ބޭހެއް ކެއުން ފަދަ ކަމެކެވެ. އެއީ ނުހަނު މޮޅު އަދި ބާރުގަދަ ބޭހެއް ކެއުން ފަދަ ކަމެކެވެ. ސުވާލަކީ ކޮން ކަމަކާއި ގުޅޭ ބޭހެއްހެއްޔެވެ؟ ޖަވާބަކީ އެއީ ހުރިހާ ކަމަކާއިވެސް ގުޅޭ ބޭހެއް ކަމެވެ.
އެއީ އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮ ކަމާއި، ޖަޒުބާތީ ދުޅަހެޔޮ ކަމާއި ރޫޙާނީ ދުޅަހެޔޮކަމަށް ވެސް ރަނގަޅު އަސަރު ކުރާނެ ބޭހެވެ. އަޅުގަނޑުމެންގެ ދުވަހުގެ އާދަކާދަތަކުގެ ތެރޭގައި މި ދުޢާތަކާއި ޒިކުރުތައް ހިމެނުމުން، އަޅުގަނޑުމެން އެހެން މީހުންނާއި އެކީ އުޅޭ ގޮތް ވެސް ބަދަލުވެގެން ދެއެވެ. އަދި އަޅުގަނޑުމެންގެ ދުވަސް ކުރިއަށް ދާ ގޮތް ވެސް ހަމަ އެއްކޮށް ބަދަލުވެގެންދާނެއެވެ.
އެހެންކަމުން އަޅުގަނޑުމެން މަސައްކަތެއް ނުކޮށް ޙަޔާތް ބަދަލެއް ނުވާނެއެވެ. މި ޙަލަޤާތަކުގެ ނަމަކީ ބަދަލުވާ ޙަޔާތެވެ. މިސާލަކަށް އަޅުގަނޑަކީ ޕާރސަނަލް ޓްރެއިނާރ އަކަށް ވެފައި އަޅުގަނޑު ޖިސްމާނީ ދުޅަހެޔޮ ކަމުގެ ވާހަކަ ރެއާއި ދުވާލު ދެއްކިޔަސް، ހަމަ އެކަނި އެ ވާހަކަތައް އަޑުއަހާފައި މީހަކު ޖިސްމާނީ ގޮތުން ދުޅަހެޔޮ ވެދާނެ ހެއްޔެވެ؟ އެމީހަކު ‘ފިޓް’ މީހަކަށް ވެދާނެ ހެއްޔެވެ؟ ނޫނެކެވެ. ތިބާ ޖެހޭނީ ގެއަށް ގޮސް އެ އިވުނު ވާހަކަތަކާއި އެއްގޮތަށް ޢަމަލު ބަހައްޓާށެވެ.
ރޫޙާނީ ދުޅަހެޔޮކަމުގެ ޙަޤީޤަތަކީ ވެސް މިއީއެވެ. އަޅުގަނޑުމެން މަސައްކަތް ނުކުރަނީސް އަޅުގަނޑުމެންގެ ޙަޔާތް ރޫޙާނީ ގޮތުން ވެސް ބަދަލެއް ނުވާނެއެވެ. މިއީ ހަމައެކަނި ފިލާވަޅުތަކެއް ނޫނެވެ.
އެހެންކަމުން ދުވަހުގެ އާދަކާދަތަކުގެ ތެރޭގައި ޒިކުރުތައް ހިމެނުން ވަރަށް މުހިއްމެވެ. އަޅުގަނޑު ނަސޭޙަތްތެރިވަނީ ‘މައި ދުޢާ’ ނަމަކަށް ކިޔާ އެޕެއް ޑައުންލޯޑް ކުރުމަށެވެ. މި އެޕްލިކޭޝަނަކީ ޙިސްނުލް މުސްލިމް ފޮތުގައި ވާ ހުރިހާ ދުޢާތައް އެއްކުރެވިފައިވާ އެޕްލިކޭޝަނެކެވެ. ‘ޙިސްނުލް މުސްލިމް’ މި ބަހުގެ މާނައަކީ މުސްލިމެއްގެ ރައްކާތެރިކަމެވެ. އެ ފޮތުގައިވާ ދުޢާތަކުގެ ބޭނުމަކީ ހިތުގެ ވަށައިގެން ރައްކާތެރި ފާރެއް ލުން ކަން އެ ބަހުން ވެސް އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. މި ރައްކާތެރިކަން އަޅުގަނޑުމެންނަށް ލިބެނީ ﷲ މަތިން ހަނދުމަކޮށްގެންނެވެ.
ޙިސްނުލް މުސްލިމްއަކީ ރަސޫލާ ﷺ ގެ ދުޢާތަކާއި، ދުވަހުގެ އެކި ވަގުތުތަކުގައި ކިޔަންޖެހޭ ޤުރުއާނުގެ ބައެއް އާޔަތްތައް ހިމެނިފައިވާ ފޮތެކެވެ.
ޙިސްނުލް މުސްލިމްގައި ވާ ދުޢާތައް ހިމެނޭ ‘މައި ދުޢާ’ އެޕްލިކޭޝަންގައި ވަރަށް ބައިވަރު ޒިކުރުތައް ހުންނާނެއެވެ. މީގެ ތެރެއިން ދުވަހުގެ ތެރެއަށް ލާންވީ ކޮން ދުޢާތަކެއް ހެއްޔެވެ؟ އަޅުގަނޑުގެ ނަސޭޙަތަކީ މިއީއެވެ. އެޕްލިކޭޝަންގައި ދުޢާތައް ‘ސްޓާރ’ ކުރެވެން ހުންނާނެއެވެ. ދުޢާތައް ސްޓާރ ކުރުމުން ތިބާއަށް ޒިކުރުތަކުގެ އަމިއްލަ ކަލެކްޝަނެއް ހެދޭނެއެވެ.
އެހެންކަމުން ފެށުމުގެ ކުރިން ތިބާގެ އަމިއްލަ ކަލެކްޝަނެއް ހަދާށެވެ. މި ކަލެކްޝަނަކީ ތިބާގެ ޚަޒާނާއެވެ. ޒިކުރުތަކުގެ ޚަޒާނާއެކެވެ. އެހެންކަމުން އެޕްލިކޭޝަންގައިވާ ކޮންމެ ސެކްޝަނަކަށް ގޮސް ތިބާ ވަކި ދުޢާތައް ‘ސްޓާރ’ ކުރާށެވެ. އެއަށްފަހު އެޕްލިކޭޝަންގެ ފުރަތަމަ ޞަފްޙާގެ މަތީގައިވާ ތަރިއަށް ފިތާލުމުން ތިބާއަށް ތިބާގެ ކަލެކްޝަން ފެންނާނެއެވެ. ތިބާއަށް ތިބާގެ ޚަޒާނާ ލިބިގެންދާނެއެވެ. އެއީ ތިބާ ކޮންމެ ދުވަހަކު ކިޔާނެ ޒިކުރުތަކުގެ ޚަޒާނާއެކެވެ.
މި ޚަޒާނާއަށް ލާނީ ކޮންކޮން ޒިކުރުތަކެއް ހެއްޔެވެ؟ އެންމެ ފުރަތަމަ ރައްކާތެރިކަމާއި ގުޅޭ ދުޢާތައް ހުޅުވާށެވެ. އެ ބައިގެ އައިކޮންގައި ހުންނާނީ އައްޑަނައެކެވެ. ރައްކާތެރިކަމާއި ގުޅޭ ދުޢާތަކުން ދުޢާތައް ނަގާށެވެ. ކީއްވެތޯއެވެ؟ އެއީ މި ދުޢާތަކަކީ ހުރިހާ ޒާތެއްގެ ނުރައްކަލަކުން އަޅުގަނޑުމެންނަށް ރައްކާތެރިކަން ހޯދައިދޭ ދުޢާތަކެވެ. ހަމަ ލޮލަށް ފެންނަ ނުރައްކާތަކާއި ޣައިބުގައިވާ ނުރައްކަލުން ވެސްމެއެވެ. މި ދެގޮތުން ވެސް އަޅުގަނޑުމެންނަށް ނުރައްކާތައް ކުރިމަތިވާކަން އަޅުގަނޑުމެންނަށް އެނގެއެވެ. ޝައިޠާނާއާއި އޭނަގެ އައުލުންގެ ފަރާތުންނެވެ. އަދި ހަމަ އެހެންމެ ޙަސަދައާއި އެސްފީނާއާއި ސިޙުރުގެ ވެސް ނުރައްކާތަކެވެ.
އަޅުގަނޑުމެންނަށް ދަސްކޮށްދެވިފައިވާ ގޮތުން މި ހުރިހާ ނުރައްކަލަކުން އަޅުގަނޑުމެންނަށް އޮތް ރައްކާތެރިކަމަކީ އެ ދުޢާތަކެވެ. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް ތިބެންވާނީ އަޅުގަނޑުމެންގެ ‘ދަގަނޑު ދަހަނާ’ އަޅައިގެންނެވެ.
ރައްކާތެރިކަމާއި ގުޅޭ ދުޢާތަކުން ދުޢާތައް ސްޓާރ ކުރުމަށްފަހު، ފާފަ ފުއްސެވުމަށް އެދޭ ދުޢާތަކުގެ ބަޔަށް ދާށެވެ. މިއީ ތައުބާވެ، އިސްތިޣްފާރު ކުރުމަށެވެ. ރަސޫލާ ﷺ ގެ ޙަދީޘުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އިސްތިޣްފާރު ކުރުމުން 3 ކަމެއްވެއެވެ. ފުރަތަމަ ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ދަތި އުދަގުލަކުން އަޅުގަނޑުމެން ރައްކާތެރި ކުރެއްވުމެވެ. ކަންކަމާއިމެދު ހާސްވުމުން އެކަލާނގެ އަޅުގަނޑުމެން ރައްކާތެރި ކުރައްވާނެއެވެ. އަދި އަޅުގަނޑުމެން ހީވެސް ނުކުރާހާ ދިމަދިމާލުން ﷲ އަޅުގަނޑުމެންނަށް ރިޒުޤު ދެއްވާނެއެވެ. މިއީ ގިނަގިނައިން އިސްތިޣްފާރު ކުރުމުގެ ނަތީޖާއެވެ. އިސްތިޣްފާރު ކުރުމަކީ އަޅުގަނޑުމެންގެ ދުވަހުގެ އާދަކާދަތަކުގެ ތެރޭގައި ހިމެނެންޖެހޭ ކަމެކެވެ.
ފާފަ ފުއްސެވުމަށް އެދޭ ދުޢާތަކުގެ ބަޔަށްފަހު، ހިތާމައާއި ކަންބޮޑުވުމާއި ގުޅޭ ދުޢާތަކުގެ ބަޔަށް ދާށެވެ. މި ބައިގެ ތެރެއިން ވެސް ބައެއް ދުޢާތައް ނަގާށެވެ. އަދި އެންމެ ފަހު ބަޔަކަށް ހެނދުނާއި ހަވީރުގެ ޒިކުރުތަކަށްދާށެވެ. މި ބައިގެ ތެރެއިން ވެސް ބައެއް ދުޢާތަކާއި ޒިކުރުތައް ނަގާށެވެ. މި ޒިކުރުތަކަކީ ރަސޫލާ ﷺ ފަތިސް ނަމާދު ނިންމުމަށްފަހު ކިޔާ ޒިކުރުތަކާއި، ޢަޞްރު ނަމާދު ނިންމުމަށްފަހު ކިޔާ ޒިކުރުތަކެވެ.
ޒިކުރުތަކުގެ މި ‘ޚަޒާނާ’ އެޕްލިކޭޝަންގައި ތައްޔާރު ކުރެވުމުން ހަދާނީ ކިހިނެއް ހެއްޔެވެ؟ ފަތިސް ނަމާދަށްފަހު ކޮންމެ ދުވަހަކު އެޕްލިކޭޝަން ހުޅުވައި މަތީގައި ހުންނަ ތަރިއަށް ފިތާލާށެވެ. އަދި ތިބާ އެއްކުރި ޒިކުރުތައް ކިޔާށެވެ.
އަޅުގަނޑު އެއް ނުކުތާ ފާހަގަކޮށްލާނަމެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ގޮތުން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ކުޑަވިޔަސް އާދަކޮށް ކުރެވޭ ޢަމަލުތަކެވެ. އެހެންކަމުން ތިބާ މި ޒިކުރުތައް ކިޔުމަކީ މާ ބޮޑުކަމަކަށް ނަހަދާށެވެ. ބައެއް މީހުން ގެންގުޅޭ ވިސްނުމަކީ ހުރިހާ އެއްޗެއް ނުކިޔުނިއްޔާ އެއްވެސް އެއްޗެއް ނުކިޔާނެ ކަމަށެވެ. އެމީހުން ބުނާނެއެވެ. 500 ދުޢާ ކިޔާ ނުލެވެންޏާ އަހަރެން ދެން އެއްވެސް ދުޢާއެއް ނުކިޔާނަމެވެ.
މި ޚިޔާލަށް ނުހެއްލޭށެވެ. އެއީ ޝައިޠާނާގެ ރޭވުމެކެވެ. ޝައިޠާނާ ބުނާނެއެވެ. ހުރިހާ ޒިކުރެއް ނުކިޔެންޏާ އެއްވެސް ޒިކުރެއް ނުކިޔާށެވެ. ނޫނެކެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންވަނީ ކުޑަވިޔަސް އާދަކޮށް ކުރެވޭ ޢަމަލުތައް ދެކެއެވެ.
އެހެންކަމުން ތިބާ ފަށަނީ މަދު ޒިކުރުތަކާއި ދުޢާތަކުން ކަމަށްވިޔަސް، ތިބާ އާދަކޮށް އެ ޒިކުރުތަކާއި ދުޢާތައް ކިޔާނަމަ، ވަރަށް ބޮޑެތި ނަތީޖާތައް ތިބާއަށް ފެނިގެންދާނެއެވެ. ޙަޔާތަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އަދި އެއިން ތިބާއަށް ޖަޒުބާތީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ރޫޙާނީ ގޮތުންނާއި ހުރިހާ ގޮތަކުން ވެސް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެއެވެ.
އެހެންކަމުން ފަތިސް ނަމާދަށް ފަހު އާއި ޢަޞްރު ނަމާދަށްފަހު އެޕްލިކޭޝަނުން ތިބާ އެއްކުރި ދުޢާތައް ކިޔަން އާދަ ކުރާށެވެ. އަދި ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ވެސް ކިޔަން އާދަ ކުރާށެވެ. އެޕްލިކޭޝަން ގައި ނިދުމާއި ގުޅޭ ޒިކުރުތަކަށް ވެސް ވަކި ބައެއް ހުންނާނެއެވެ. އެތަނުން ވެސް ތިބާ ކޮންމެ ރެއަކު ކިޔާނެ ބައެއް ޒިކުރުތައް ނަގާށެވެ.
އެހެންކަމުން ޒިކުރު ޗެލެންޖްގައި ހިމެނޭ ކަންތައްތަކަށް އަދި ބަލާލަމާ ހިނގާށެވެ. އެންމެ ފުރަތަމަ ކަމަކީ ނަމާދެވެ. ނޫނީ ‘އޮކްސިޖަނެވެ.’ ދެވަނަ ކަމަކީ ޒިކުރުތަކެވެ. ތިންވަނަ ކަމަކީ ޤުރުއާނެވެ. ﷲ ގެ ފޮތާއި އަޅުގަނޑުމެންގެ ގުޅުމެއް އޮންނަންވާނެއެވެ. އެއީ ހަމައެކަނި ގިނަގިނައިން ކިޔެވުމެއް ނޫނެވެ. ހަމަ އެއާއިއެކު އާޔަތްތަކާއި މެދު އުނގެނި ވިސްނައި ފިކުރުކޮށް އެއާއި އެއްގޮތަށް ޢަމަލު ކުރުމެވެ. އަދި ހަމަ އެހެންމެ ޤުރުއާނުގެ އާޔަތްތައް އިތުރަށް ރަނގަޅަށް ފަހުމްވުމަށް، ތަފްސީރުން ރަސޫލާ ﷺ ގެ ޙަޔާތާއި އެކަލޭގެފާނުގެ ބަސްފުޅުތައް އެ އާޔަތްތަކާއި ގުޅިގެން އައިސްފައިވާ ގޮތް ދަސްކުރުމެވެ.
ނުނިމޭ