ބަދަލުވާ ޙަޔާތް (ސޯޅަވަނަ ބައި): ތޫފާންތަކާއި ކުރިމަތިލުން
ހިތާއި ނަފްސު ﷲ އާއި ދިމާލަށް ކުރާ މި ދަތުރުގައި އަޅުގަނޑުމެންނަށް ދަތިތަކާއި ކުރިމަތިވާނެއެވެ. މި ދުނިޔޭގައި އިރު އަބަދުމެ އަރާފައެއް ނުހުރެއެވެ. މޫސުން އަބަދު ރަނގަޅަކަށް ނޯވެއެވެ. އަޅުގަނޑު މިވަގުތު މިހިރަ ރަށަށް ވެސް ވާރޭ ގުގުރި ޖަހައި ވެހެނީއެވެ.
ދުނިޔެއަކީ ފުރިހަމަ ތަނެއް ނޫނެވެ. އަޅުގަނޑުމެންނާއި ޠޫފާންތަކާއި ކުރިމަތިވާނެއެވެ. އޭގެ ތެރެއިން ބައެއް ޠޫފާންތަކަކީ އަނެއް ޠޫފާންތަކަށް ވުރެ ހަލާކުކަން ބޮޑު ޠޫފާންތަކެވެ. ބައެއް ޠޫފާންތަކަކީ އެހެން ޠޫފާންތަކަށްވުރެ ވަރުގަދަ ޠޫފާންތަކެވެ. މައިގަނޑު ނުކުތާއަކީ އަޅުގަނޑުމެން އުޅެނީ ފުރިހަމަ ދުނިޔެއެއް ގައެއް ނޫންކަމެވެ.
އަޅުގަނޑުމެންނަށް އަޑިގުޑަންތަކާއި ކުރިމަތިވާނެއެވެ. ބައެއްފަހަރު ބަންދުވެފައިވާ މަގުތަކާއި ކުރިމަތިވާނެއެވެ. ބައެއްފަހަރު ސްޕީޑް ބްރޭކަރުތަކާއި ދިމާވާނެއެވެ. ބައެއްފަހަރު ބޮޑެތި ޤުދުރަތީ ކާރިސާތަކާއި ވެސް ދިމާވާނެއެވެ. ވަށައިގެން ހިނގާ ކާރިސާތަކާއި ދިރިއުޅުމުގައި ވެސް ހިނގާ ކާރިސާތަކެވެ. އެހެންކަމުން ސުވާލަކީ އަޅުގަނޑުމެން މި ކަންތަކުން އަރައިގަންނާނީ ކިހިނަކުންތޯއެވެ؟
ދަތި އުދަގޫތަކާއި ކުރިމަތިލާން އަޅުގަނޑުމެންނަށް ނޭނގިއްޖެނަމަ، އަޅުގަނޑުމެން މި ދަތުރުގައި ކާމިޔާބެއް ނުވާނެއެވެ. އަޅުގަނޑު ކޮންމެވެސް ތަނަކުން ކިޔުނު ބަސްކޮޅެއްގައި އޮތެވެ.
ހަމައެކަނި މޫސުން ރަނގަޅު ޙާލުގައި ތިބާ ދަތުރު ކުރާނަމަ، ތިބާއަށް މާ ދުރަކަށް ނުދެވޭނެއެވެ.
އާނއެކެވެ. ތިބާ ދަތުރު ކުރަނީ ހަމައެކަނި އިރު އަރާފައި ހުންނަ ވަގުތުތަކުގައި ކަމަށްވާނަމަ، ތިބާއަށް މާ ދުރަށް ނުދެވޭނެއެވެ. ތިބާ ދަތުރު ކުރަނީ ހަމައެކަނި ދުވާލު ގަޑީގައި ކަމަށްވާނަމަ ތިބާއަށް މާ ދުރަށް ނުދެވޭނެއެވެ.
އަޅުގަނޑުމެން ވާންޖެހޭނީ ނަފްސާނީ ގޮތުންނާއި، ޖަޒުބާތީ ގޮތުންނާއި، ރޫޙާނީ ގޮތުން ވެސް ރަނގަޅު މޫސުމާއި ގޯސް މޫސުމުގެ ތެރެއިން ވެސް ދަތުރު ކުރެވޭނެހާ ބާރު ލިބިފައިވާ ބަޔަކަށެވެ. ހަލާކުވުމެއް ނެތިއެވެ.
އެހެންކަމުން ދަތި އުދަގޫތަކާއި ތަދުގެ ވާހަކަ މި ސިލްސިލާގެ ތެރެއިން ދެއްކުން މުހިއްމެވެ. އެހެނީ އަޅުގަނޑުމެން ވާހަކަ ދައްކަނީ ރޫޙާނިއްޔަތުގެ އުސޫލުތަކާއި، ހިތުގެ ވާހަކައާއި، ﷲ އަށް ކުރާ ދަތުރުގެ ވާހަކަ ކަމަށްވާނަމަ، އެ ދަތުރުގައި ކުރިމަތިވާނެ ހުރަސްތަކުގެ ވާހަކަ ވެސް އަޅުގަނޑުމެން ދައްކަން ޖެހެއެވެ. އެ ދަތުރުގައި ކުރިމަތިވާނެ ދަތިތަކުގެ ވާހަކަ ދައްކަންޖެހެއެވެ.
އަޅުގަނޑު ފަށަން ބޭނުންވަނީ ސުވާލަކުންނެވެ. އަޅުގަނޑު މި ސުވާލު މި ކުރަނީ މިއީ ވަރަށް ގިނަ މީހުންނަށް ދަތިވެގެން އުޅޭ ސުވާލަކަށްވާތީވެއެވެ. މި ސުވާލުގެ ސަބަބުން ބައެއް މީހުން އެއްވެސް ދީނަކަށް ޤަބޫލު ނުކުރާ ހިސާބަށް ވެސް ދެއެވެ. އެމީހުން އިލާހަކު ވާކަމަށް ޤަބޫލުކުރަން ބޭނުންނުވާ ހިސާބަށް ވެސް ދެއެވެ. އެ ސުވާލަކީ:
ނުބައި ކަންތައް ރަނގަޅު މީހުންނާއި ކުރިމަތިވަނީ ކީއްވެ ހެއްޔެވެ؟
އަޅުގަނޑު މިވަގުތު މި ސުވާލު ކުރަނީ ތިބާއާއެވެ. އެހެންކަމުން އިރުކޮޅަކަށް މަޑުކޮށްލަމުން މި ސުވާލުގެ ޖަވާބާއިމެދު ވިސްނާށެވެ. ތިބާގެ ޖަވާބަކީ ކޮބައިހެއްޔެވެ؟ ނުބައި ކަންތައް ރަނގަޅު މީހުންނާއި ކުރިމަތިވަނީ ކީއްވެ ހެއްޔެވެ؟
*******
ސުވާލުގެ ޖަވާބާއިމެދު ވިސްނައިފިނަމަ ކުރިއަށް ދަމާ ހިނގާށެވެ. ތިބާގެ ސިކުނޑިއަށް އަންނަނީ ކޮންކަހަލަ ޖަވާބުތަކެއް ހެއްޔެވެ؟ އަޅުގަނޑު މީހުންނާއި ވާހަކަ ދެއްކި ދެއްކިހެން އަދި މި ނަސޭޙަތްތައް ޙިއްސާ ކުރިހެން އަޅުގަނޑަށް އެކި ޖަވާބުތައް އިވިފައިވެއެވެ. ބައެއް މީހުން ބުނެއެވެ. އެއީ ﷲ އަޅުގަނޑުމެން އިމްތިޙާން ކުރެއްވުމަށްޓަކައެވެ. އެއީ ފާފަތައް ފުއްސެވުމަށްޓަކައެވެ. އަޅުގަނޑުމެން އިތުރަށް ވަރުގަދަ ކުރެއްވުމަށެވެ. މުސްލިމް އަޚުންނާއި އުޚްތުންގެ ފަރާތުން މިފަދަ ތަފާތު ޖަވާބުތައް އަޅުގަނޑަށް އިވިފައިވެއެވެ.
އެއީ ހައްތަހާ ވެސް ތެދު ވާހަކަތަކެވެ. އެހެނަސް އަޅުގަނޑަށް އަބަދުވެސް ދެވޭ ޖަވާބަކީ، ރަނގަޅު މީހުންނަށް ދުވަހަކުވެސް ނުބައި ކަންތަކެއް ދިމަލެއް ނުވެއެވެ.
ރަނގަޅު މީހުންނަށް ދުވަހަކުވެސް ނުބައި ކަންތަކެއް ދިމަލެއް ނުވެއެވެ.
ދެން ތިބާ އަޅުގަނޑުގާތު ބުނާނަމުއެވެ. ނުބައި ކަންތައް ރަނގަޅު މީހުންނަށް ވާ ޙާލަތްތަކެއް އެތައް މިސާލެއް ތިމަންނާ ކިޔައިދީފާނަމެވެ. އެހެނަސް އަޅުގަނޑު ތަކުރާރުކޮށް ބުނާނަމެވެ.
ރަނގަޅު މީހުންނަށް ދުވަހަކުވެސް ނުބައި ކަންތަކެއް ދިމަލެއް ނުވެއެވެ.
ކީއްވެ ހެއްޔެވެ؟ އަޅުގަނޑު މި މާނަ ކުރަނީ ކިހިނެއް ހެއްޔެވެ؟
ރަސޫލާ ﷺ ގެ ޙަދީޘެއްގައިވެއެވެ.
عَجَباً لأمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ لَهُ خَيْرٌ، وَلَيْسَ ذَلِكَ لأِحَدٍ إِلاَّ للْمُؤْمِن: إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْراً لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خيْراً لَهُ
“މުއުމިނެއްގެ ޙާލަތަކީ އަޖާއިބުކުރުވަނިވި އެއްޗެކެވެ. އޭނަގެ ހުރިހާ ޙާލަތަކީ ރަނގަޅު ޙާލަތްތަކެވެ. މުއުމިނު އަޅާ ބޭނުންވާ ކަމެއް އޭނައަށް ލިބިއްޖެނަމަ، އެ އަޅާ ޝުކުރުވެރިވެއެވެ. އެހެންކަމުން އެއީ އޭނައަށް ހުރި ރަނގަޅު ކަމެކެވެ. އަދި މުއުމިނު އަޅާ ބޭނުންނުވާ، ދަތިކަމެއް ކަމެއް ދިމާވެއްޖެނަމަ، އެ އަޅާ ކެތްތެރިވެއެވެ. އެހެންކަމުން އެއީ އޭނައަށް ހުރި ރަނގަޅު ކަމެކެވެ.”
މި ޙަދީޘްގައި ރަސޫލާ ﷺ އަލިއަޅުއްވާފައިވަނީ މިއީ ހަމައެކަނި މުއުމިނު އަޅާގެ ޙާލަތްކަމަށެވެ. މީގެ މާނައަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ މީހެއްގެ ކިބައިގައި އީމާންތެރިކަން ވެއްޖެނަމަ، އެމީހަކަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވެއެވެ. ފިލްމުތަކުން ފެންނަ ނަގުލީ އާދަޔާ ޚިލާފު ބާރެއް ނޫނެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ‘ސުޕާރހީރޯ’ ފިލްމުތައް ކަމުދެއެއް ނޫންހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟ އެއީ އާދަޔާ ޚިލާފު ބާރެއް ލިބިގެންވާ އިންސާނަކަށްވުމުގެ އެދުން އަޅުގަނޑުމެންގެ ކިބައިގައި ވާތީވެއެވެ. އިންސާނަކަށްވީތީ ހުންނަ ބަލިކަށިކަމުގެ ހައްދުތަކުން އަޅުގަނޑުމެން އަރައިގަންނަން ބޭނުންވެއެވެ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޒާތަށްވުރެ ބާރުގަދަވާން ބޭނުންވެއެވެ.
ސުބްޙާނަ ﷲ އެވެ! ޙަޤީޤީ ބާރުގަދަކަމަކީ މިއީއެވެ. އެއީ ޙަޤީޤީ އީމާންތެރިކަން ތިބާގެ ކިބައިގައި ވާނަމަ، ތިބާއަކީ ޙަޤީޤީ މުއުމިނަކަށްވާނަމަ، ތިބާގެ ކިބައިގައި މި އާދަޔާ ޚިލާފު ބާރު ވެއެވެ. ތިބާއަށް ވާ ކޮންމެ ކަމެއް ތިބާއަށްޓަކައި ރަނގަޅު ކަމަކަށް ހެދުމުގެ ބާރެވެ. މިއީ ކިހާ އަޖާއިބުކުރުވަނިވި ބާރެއް ހެއްޔެވެ؟ ތިބާއަށް ވާ ކޮންމެ ކަމެއް ތިބާއަށްޓަކައިވާ ރަނގަޅު ކަމަކަށް ވެގެން ދިޔުމެވެ.
ކިހިނެއް ހެއްޔެވެ؟ އަދި ކީއްވެ ހެއްޔެވެ؟ އަޅުގަނޑު ދެން ދައްކާނީ އެ ވާހަކައެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މީހަކަށްޓަކައި ހެވެއް އިރާދަކުރައްވާނަމަ، ﷲ އެ އަޅަކު އިމްތިޙާން ކުރައްވައެވެ.
މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ އިމްތިޙާންތަކަކީ މުއުމިނު އަޅާއަށް ރަނގަޅު ކަމަކަށްވެގެން ދަނީ ކިހިނެއް ހެއްޔެވެ؟
އަނެއްކާވެސް އަނބުރާ އަނެއް ސުވާލަށް ދަމާ ހިނގާށެވެ. ނުބައި ކަންތައް ރަނގަޅު މީހުންނާ ދިމާވަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގައިވާ މައްސަލައަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެ ސުވާލުގައި ހެވާއި ނުބައިގެ މާނަ ކުރެވޭ ގޮތުގައި ކުށެއްވެއެވެ.
ގިނަ މީހުން ހެވާއި ނުބައި މާނަ ކުރަނީ ހަމައެކަނި ދުނިޔަވީ ނަޒަރިއްޔާތަކުންނެވެ. މީހުންނަށް ހީކުރެވޭ ފަދައެވެ. އެކަމަކުން ގިނައިން ދުނިޔެ ލިބޭ ކަމަކީ ރަނގަޅު ކަމެކެވެ. އަދި އެކަމަކުން ދުނިޔެ ގެއްލޭ ކޮންމެ ކަމަކީ ނުބައި ކަމެކެވެ. އެހެންނޫންތޯއެވެ؟
މިއީ ހަމައެކަނި މައްސަލަ ހުރި ނަޒަރިއްޔާތެއް ނޫނެވެ. މިއީ ވަކި ހުދޫދެއް ކަނޑައެޅިފައިވާ ނަޒަރިއްޔާތެކެވެ. އެ ނަޒަރިއްޔާތުގެ މުރާދަކީ، އަހަރުމެންގެ ދިރިއުޅުމަކީ ހަމައެކަނި މި ދުނިޔޭގެ ޙަޔާތް ކަމެވެ. މި ޙަޔާތް ނިމުމުން ނިމުނީ ކަމެވެ. YOLO އެވެ. ތިބާ އުޅެނީ ހަމައެކަނި އެންމެ ފަހަރަކުއެވެ. އެ ނިމުނީއެވެ.
މިފަދަ ނަޒަރިއްޔާތެއް ގެންގުޅޭނަމަ، އެ ސުވާލާއި ހެދި ތިބާގެ ހިތުގައި ޝަކުވާތަކެއް ވާނެއެވެ. އެހެނީ ރަނގަޅު މީހުންނަށް ބައެއްފަހަރު ދުނިޔެ ގެއްލިގެންދެއެވެ. އަދި ބައެއްފަހަރު ނުބައި މީހުންނަށް ވަރަށް ގިނައިން ދުނިޔެ ލިބިގެންދެއެވެ. އެހެންކަމުން ހަމައެކަނި ދުނިޔެއަށް ތިބާ ބަލާނަމަ، އެ ސުވާލުން ތިބާ އޮޅުން އަރާނެއެވެ.
ތިބާގެ ނަޒަރިއްޔާތުން ފެންނަނީ ހަމައެކަނި މި ދުނިޔެ ކަމަށްވާނަމަ، އެ ސުވާލަކީ އޮޅުން އަރާ ސުވާލަކަށް ވާނެއެވެ. އެހެނަސް އަޅުގަނޑުމެންގެ ޙުދޫދަކީ ހަމައެކަނި މި ދުނިޔަވީ ޙަޔާތް ނޫންކަން މުއުމިނުންގެ ގޮތުގައި އަޅުގަނޑުމެންނަށް އެނގެއެވެ. އަޅުގަނޑުމެން އުޅެނީ ހަމައެކަނި އެންމެ ފަހަރަކުއެއް ނޫނެވެ. އެހެނެއްކަމަކު މި ޙަޔާތަށްފަހު އިތުރު އެހެން ޙަޔާތެއްވެއެވެ. ދުނިޔޭގައި ކަންތައް ވާ ގޮތް އަޅުގަނޑުމެންނަށް ފަހުމްކުރެވޭނެ ހަމައެކަނި ގޮތަކީ ދިރިއުޅުމާއިމެދު އެފަދަ ނަޒަރިއްޔާތެއް ގެންގުޅުމުންނެވެ.
އާނއެކެވެ. ބައެއްފަހަރު ރަނގަޅު މީހަކަށް ދުނިޔޭގެ އެއްޗެއް ގެއްލިދާނެއެވެ. އަދި ބައެއްފަހަރު ނުބައި މީހަކަށް ދުނިޔޭގެ އެއްޗެއް ލިބިދާނެއެވެ. ވަރަށް ގޯސްކޮށް އުޅޭ ވަރަށް މުއްސަނދި މީހުން އުޅެއެވެ. އަދި ވަރަށް އާރާއި ބާރު ލިބިފައިވާ ނުބައި މީހުން އުޅެއެވެ. އަދި މަޝްހޫރު ކަމާއި މަތީ މަޤާމާއި ނަން ލިބިފައިވާ ނުބައި މީހުންވެސް އުޅެއެވެ. އެހެންނޫންތޯއެވެ؟
ހަމަ މިފަދައިން މީގެއިން އެއްވެސް ނިޢުމަތެއް ލިބިފައި ނުވާ ރަނގަޅު މީހުންވެސް އުޅެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ، ހެވާއި ނުބައިގެ ހުދޫދަކީ ހަމައެކަނި މި ދުނިޔެއެއް ނޫންކަމެވެ.
އެހެންކަމުން ހެވާއި ނުބައިގެ ރަނގަޅަށް ތަޢާރަފު ކުރާނީ ކިހިނެއް ހެއްޔެވެ؟ ހެވާއި ނުބައިގެ ރަނގަޅު ތަޢާރަފަކީ ކޮބައިހެއްޔެވެ؟ މިހާ ހިސާބުން އަޅުގަނޑު އެހެން ސުވާލެއް ކުރަން ޖެހެއެވެ. ވަރަށް ގިނަ މީހުން މި ސުވާލު ކުރާތީވެއެވެ. އެ ސުވާލަކީ، މިވެނި ދަތި ޙާލަތަކީ އިމްތިޙާނެއްތޯ ނޫނީ ޢަޒާބެއްތޯއެވެ؟
މިއީ ވަރަށް ގިނަ މުއުމިނުން ޢާއްމުކޮށް ކުރާ ސުވާލެކެވެ. އަޅުގަނޑު އިމްތިޙާނު ކުރެވެނީ ހެއްޔެވެ؟ ނޫނީ އަޅުގަނޑަށް ޢަޒާބެއް ލިބެނީ ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑާއިމެދު ރުހިވޮޑިގެންނުވަނީ ހެއްޔެވެ؟ އެހެންނޫނީ ﷲ އަޅުގަނޑު އިމްތިޙާން ކުރައްވަނީ ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ވަރަށް ސާދާއެވެ. އެ ޖަވާބު އެނގެނީ އިތުރު އެހެން ސުވާލެއް ކުރުމުންނެވެ. މި ޙާލަތް ތިބާ ﷲ އާއި ގާތް ކުރުވީ ހެއްޔެވެ؟ އެހެންނޫނީ ﷲ އާއި ދުރު ކުރުވީ ހެއްޔެވެ؟
ﷲ އާއި ތިބާ ގާތް ކުރާ ކޮންމެ ޙާލަތަކީ، ގެއްލުމެއް ލިބޭ ޙާލަތަކަށް ވިޔަސް، ދަތި އުދަގުލެއް އެކުލެވޭ ޙާލަތަކަށް ވިޔަސް، އިމްތިޙާނެއްގެ ގޮތުގައި އައި ޙާލަތަކަށް ވިޔަސް، ތިބާއަށްޓަކައި ރަނގަޅު ޙާލަތެކެވެ.
އަދި ތިބާ ﷲ އާއި ދުރު ކުރުވާ ކޮންމެ ޙާލަތަކީ، ދުނިޔެ ލިބޭ ޙާލަތަކަށް ވިޔަސް، ވަރަށް ބައިވަރު ލާރިއާއި މުދާ ލިބޭ ޙާލަތަކަށް ވިޔަސް، ބާރާއި މަތީ މަޤާމު ލިބޭ ޙާލަތަކަށް ވިޔަސް، ތިބާއަށްޓަކައި ނުބައި ޙާލަތެކެވެ.
އެހެންކަމުން ހެވާއި ނުބައިގެ ރަނގަޅު ތަޢާރަފެއް އަޅުގަނޑުމެންނަށް އެނގޭނަމަ ބައިވަރު ސުވާލުތަކަށް ޖަވާބު ލިބިގެންދާނެއެވެ. އަޅުގަނޑު މިވަނީ އިމްތިޙާނެއްގައިތޯ ނޫނީ ޢަޒާބެއްގައިތޯއެވެ. ﷲ އަޅުގަނޑާއި މެދު ރުހިވޮޑިގެންވޭތޯ ނުވަތަ ރުހިވޮޑިގެން ނުވޭތޯއެވެ. އޭގެ ޖަވާބަކީ، ތިބާއަށް ދިމާވާ ޙާލަތްތަކަށް ތިބާ އިޖާބަ ދެނީ ކިހިނެއް ހެއްޔެވެ؟
އަޅުގަނޑުމެން ޙާލަތްތަކަށް ރަނގަޅަށް އިޖާބަދޭނަމަ، އަޅުގަނޑުމެން އިޖާބަ ދެނީ ﷲ އާއި ގާތްވާން މަސައްކަތް ކުރަމުން ކަމަށްވާނަމަ، އެއިން އެނގެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިމްތިޙާން ކުރައްވާ ކަމެވެ. އަދި އަޅުގަނޑުމެން އެ އިމްތިޙާނުން ފާސްވެއްޖެ ކަމެވެ. އަދި އެ ޙާލަތަކީ އަޅުގަނޑުމެންނަށް ރަނގަޅު ޙާލަތެއްކަމެވެ.
އެހެނަސް، އެއްވެސް ޙާލަތެއް އަޅުގަނޑުމެން ﷲ އާއި ދުރު ކުރުވާނަމަ، އެއީ އަޅުގަނޑުމެންގެ ނަފްސުތަކަށް ބަދަލެއް އަންނަންޖެހޭ ކަމުގެ ނިޝާނެކެވެ. އަޅުގަނޑުމެންގެ ނަފްސުގައި އިޞްލާޙު ކުރަންޖެހޭ ކަންތައް ހުރި ކަމުގެ ނިޝާނެކެވެ.
حُسْنُ الظَّن بِاللّه އަކީ ކޮބައިހެއްޔެވެ؟ ދަތި އުދަގޫތަކާއި ހިތްދަތިކަމާއި އިމްތިޙާންތަކާއި ކުރިމަތިލާއިރު، ގެންގުޅެވޭނެ އެންމެ ބާރުގަދަ ހަތިޔާރަކީ حُسْنُ الظَّن بِاللّه އެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ އޭގެ މާނައަކީ އަބަދުވެސް ﷲ އާއި މެދު ރަނގަޅަށް ހީކުރުމެވެ. އަބަދުވެސް އެންމެ ރަނގަޅު ހީކުރުން ﷲ އާއިމެދު ހީކުރުމެވެ. މި ވާހަކަ އިތުރަށް ތަޢާރަފު ކުރާނީ ކިހިނެއް ހެއްޔެވެ؟
އަޅުގަނޑު މިސާލެއް ދޭނަމެވެ. މި ދަރުސް ނިންމާލާފައި ތިބާ ބޭރަށް ތިބާ ދިޔައިރު، ތިބާގެ މަންމަ އިނީ ކާރު ތެރޭގައެވެ. އަދި މަންމަ އުޅެނީ ތިބާ ގޮވައިގެން ކޮންމެވެސް ތަނަކަށް ދާށެވެ. ތިބާ ކާރަށް އަރަމުއެވެ. އަދި މަންމަ ކައިރިން އަހަމުއެވެ. އަހަރުމެން މި ދަނީ ކޮންތަނަކަށް ހެއްޔެވެ؟ ޖަވާބުގައި މަންމަ ބުނެއެވެ. ކަންބޮޑުނުވާށެވެ. ތިބާއަށް އިރުކޮޅަކުން އެނގޭނެއެވެ.
މިހާ ހިސާބުން ތިބާ ކަންބޮޑުވެގެން ފުލުހުންނަށް ގުޅާނަން ހެއްޔެވެ؟ ނޫނެކެވެ. އެހެނަސް ތިބާގެ މަންމަ ތިބާ ގެންދަނީ ކޮންތަނަކަށް ކަމެއް ތިބާއަށް ނޭނގެއެވެ. ނޭނގުނަސް ތިބާ ކަންބޮޑު ނުވަނީ ކީއްވެ ހެއްޔެވެ؟ ތިބާ ފުލުހުންނަށް ނުގުޅަނީ ކީއްވެ ހެއްޔެވެ؟ ޖަވާބު ނުހަނު ސާދާއެވެ. ތިބާގެ މަންމައަށް ތިބާ އިތުބާރު ކުރަމުއެވެ. ތިބާގެ މަންމައަށް ތިބާ އިތުބާރު ކުރަމުއެވެ.
މަންމަ ތިބާ ގެންދަނީ ކޮންތަނަކަށްކަން ނޭނގުނަސް، ކާރު ދަނީ ކޮން މިޞްރާބަކަށްކަން ތިބާއަށް ނޭނގުނަސް، އެ ދާ މަގުތަކަކީ ތިބާއަށް އާ މަގުތަކަށް ވިޔަސް، ދަތުރުގެ މަންޒިލަކީ ކޮބައިކަން ތިބާއަށް ނޭނގުނަސް، ތިބާގެ މަންމައާއިމެދު ތިބާ ހީކުރަނީ ރަނގަޅު ހީކުރުމެކެވެ. حُسن الظّنّ އަކީ މިއީއެވެ.
މަންމައާއިމެދު އަބަދުވެސް ރަނގަޅު ހީކުރުމެއް ހީކުރުމަކީ، ތިބާ ދާތަނެއް ތިބާއަށް ނޭނގުނަސް، ތިބާއަށް ފަހުމް ނުކުރެވުނަސް، މަންމަ އެ ކުރާ ކަމަކީ ތިބާއަށް ރަނގަޅަކަށް ކުރާ ކަމެއްކަމުގެ ޔަޤީންކަން އޮތުމެވެ.
މައްސަލަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް، އަޅުގަނޑުމެންގެ މަންމަމެންނަށް އިތުބާރު ކުރެވެއެވެ. އަޅުގަނޑުމެންނަށް ޑޮކްޓަރަކަށް ވެސް އިތުބާރު ކުރެވެއެވެ. ޑޮކްޓަރެއްގެ ކައިރިއަށް ތިބާ ދިޔުމުން ޑޮކްޓަރު ބުނެއެވެ. މި ޙާލަތުގައި ޖެހޭނީ އޮޕަރޭޝަނެއް ކުރާށެވެ. ތިބާގެ ހަށިގަނޑުގައި މިވެނި މައްސަލައެއް އެބަހުއްޓެވެ. އެހެންކަމުން ޖެހޭނީ އޮޕަރޭޝަނެއް ކުރާށެވެ. އަޅުގަނޑުމެން ޖެހޭނީ ތިބާ ވަޅިއެއްގެ ދަށަށް ލާށެވެ.
ތިބާ ޖަވާބުގައި ބުނަމުއެވެ. އެންމެ ރަނގަޅެވެ. އަހަރެން ޑޮކްޓަރަށް އިތުބާރު ކުރަމުއެވެ. އަހަރެން އިތުބާރު ކުރަމެވެ.
މިހެން ބުނާއިރު، ތިބާއަށް ސިކުނޑީގެ ސާރޖަރީއެއްގެ ތަފްޞީލުތައް އެނގޭ ހެއްޔެވެ؟ ސާރޖަރީގެ ހުރިހާ މަރުޙަލާތަކާއި، ޑޮކްޓަރު ތިބާއާއިމެދު ހަދާނެ ހުރިހާ ކަމެއް ތިބާއަށް އެނގޭ ހެއްޔެވެ؟ ނޫނެކެވެ. އެހެނަސް ތިބާ އެ ސާރޖަރީއަށް އެއްބަސްވަނީ ކީއްވެ ހެއްޔެވެ؟ ޑޮކްޓަރު ތިބާއަށް ހެޔޮ އެދޭކަމަށް ތިބާ ޤަބޫލު ކުރާތީވެއެވެ.
އެހެންކަމުން އިންސާނުންގެ ގޮތުގައި އަޅުގަނޑުމެންނަށް ޑޮކްޓަރަށް އިތުބާރު ކުރެވެއެވެ. މަންމައަށް އިތުބާރު ކުރެވެއެވެ. އެހެނަސް އަޅުގަނޑުމެންނަށް ﷲ އަށް އިތުބާރު ނުކުރެވެއެވެ.
އަޅުގަނޑުމެން ހަމައެކަނި ﷲ އަށް އިތުބާރު ނުކުރަނީއެއް ނޫނެވެ. ﷲ އާއި މެދު حًسنُ الظَّن ވެސް ނުގެންގުޅެވެނީއެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ޙަޔާތް ވަކި މިޞްރާބަކަށް ގެންދަވަން ފެއްޓެވުމުން، އަޅުގަނޑުމެންނަށް އެ ދާ މަންޒިލެއް ނޭނގެއެވެ. އަޅުގަނޑުމެން އެކި ގޯޅިތަކުން އަޅަމުން، ދަނީ ކޮން މިޞްރާބަކަށްކަން ނޭނގޭ ޙާލު އަޅުގަނޑުމެން އުޅެމުން ދަމުއެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހާސްވެ، ކަންބޮޑުވެސް ވާން ފަށައެވެ. ﷲ އަބަދުވެސް ކަންކުރައްވާނީ އަޅުގަނޑުމެންނަށް ރަނގަޅަށްކަން، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޔަޤީނެއް ނުކުރެވެއެވެ.
حًسنُ الظَّن މުހިއްމުވަނީ މި ޙާލަތްތަކުގައެވެ. އަބަދުވެސް ﷲ އާއިމެދު ރަނގަޅަށް ހީކުރުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވިޔަސް، އަދި އެކަލާނގެ ނިޢުމަތެއް މަޙްރޫމް ކުރެއްވިޔަސްމެއެވެ. ތިބާ ހީނުކުރާ ދިމާލަކަށް ﷲ ތިބާ ގެންދަވާނަމަ، އޭގެ ނަތީޖާ ނޭނގޭ ދިމާލަކަށް ގެންދަވާނަމަ، އެ ވާގޮތެއް ރަނގަޅަށް ނޭނގޭ ދިމާލަކަށް ގެންދަވާނަމަ، މިފަދަ ޙާލަތުގައި ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ކަން ކުރައްވަނީ ތިބާއަށް ރަނގަޅަކަށްކަން ޔަޤީން ކުރުމެވެ. حُسْنُ اظَّنّ بِا للّه އަކީ މިއީއެވެ.
ޑޮކްޓަރެއްގެ ޙާލަތުގައި ކަން ވަނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެންނަށް މުޅިން ބީރައްޓެހި މީހަކު އަޅުގަނޑުމެން ހޭނައްތުވައި އަޅުގަނޑުމެންގެ ހަށިގަނޑުން ބައެއް ފަޅާލުމަށް އަޅުގަނޑުމެން އިޒުނަ ދެނީ ކިހިނެއް ހެއްޔެވެ؟ ބައެއްފަހަރު އަޅުގަނޑުމެންގެ ސިކުނޑިއެވެ. އަޅުގަނޑުމެންގެ ހިތެވެ. މޭމަތިއެވެ. އަޅުގަނޑުމެންގެ ހަށިގަނޑަށް ބަދަލުތައް ގެނައުމަށެވެ. އެފަދަ ކަމެއް ކުރުމަށް އަޅުގަނޑުމެންނަށް ޑޮކްޓަރަކަށް އިތުބާރު ކުރެވެނީ ކީއްވެ ހެއްޔެވެ؟ އެކަން އެގޮތަށް ކުރުވަން އަޅުގަނޑުމެންނަށް ޖައްސަނީ ކޮން ކަމެއް ހެއްޔެވެ؟
ޖަވާބަކީ ދެކަމެކެވެ. ފުރަތަމަ ކަމަކީ، ޑޮކްޓަރު ކުރާ ކަމެއް ޑޮކްޓަރަށް އެނގޭކަން ތިބާ ޤަބޫލު ކުރުމެވެ. ނިކަން ޚިޔާލަށް ގެންނާށެވެ. ތިބާ ދަނީ ޑޮކްޓަރަށް ދައްކާށެވެ. ސާރޖަރީއަށް ޚާއްޞަ ޑޮކްޓަރެކެވެ. އެ ޑޮކްޓަރު މެޑިކަލް ސްކޫލަށް ދިޔަ ކަމާއިމެދު ތިބާގެ ހިތުގައި ޝައްކު އުފެދެއެވެ. ވާހަކަ ހުންނަ ގޮތުންނާއި އެހެން ޢިޝާރާތްތަކުންނެވެ. އެ ޑޮކްޓަރު ކިޔެވިކަމާއިމެދު އޮތީ 50% ގެ ޔަޤީންކަމެކެވެ. ތިބާ ޔަޤީނެއް ނޫނެވެ.
އެ ވަގުތު ތިބާއަށް ހަމަހިމޭންކަން ޚިޔާރު ކުރެވޭނެ ހެއްޔެވެ؟ ތިބާ އެ ޑޮކްޓަރު ލައްވާ ސާރޖަރީ ހައްދަން އެއްބަސްވާނަން ހެއްޔެވެ؟ ތިބާގެ ހިތުގައި އެ ޑޮކްޓަރަށްޓަކައި އިތުބާރު އޮންނާނީ ކިހާ ވަރަކަށް ހެއްޔެވެ؟ ތިބާ ހުންނާނީ ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.
މީހެއްގެ ޢިލްމާއިމެދު ތިބާއަށް ޝައްކު ކުރެވޭ ވަރަކަށް ތިބާ ހާސްވާ ވަރުވެސް ބޮޑުވާނެއެވެ.
އެހެނަސް މިސާލަކަށް އެ ޑޮކްޓަރަކީ އެ ދާއިރާއިން އެންމެ މޮޅު ޑޮކްޓަރުކަން ތިބާއަށް އެނގެއެވެ. އެއީ ސާރޖަރީގެ ދާއިރާގައި އެންމެ ފުންނާބު އުސް ޑޮކްޓަރެވެ. އެ ޑޮކްޓަރު ހަމައެކަނި މެޑިކަލް ސްކޫލަށް ދިޔައީއެއް ނޫނެވެ. އެ ސްކޫލުން ފާސްވީ އެންމެ މަތީ ވަނަތަކާއި އެކީގައެވެ.
މިކަންތައް އެނގުމާއިއެކު ތިބާގެ ހާސްކަމަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެ ހާސްކަން ކުޑަވެގެން ދެއެވެ. އެހެންނޫންތޯއެވެ؟ ތިބާއަށް އެ ޑޮކްޓަރަށް އިތުބާރު ކުރެވޭތީވެއެވެ.
ދެން ޚިޔާލަށް ގެންނާށެވެ. އެ ޑޮކްޓަރަށް ޢިލްމު ލިބިފައިވެއެވެ. އެހެނަސް އެ ޑޮކްޓަރު އުޅެނީ ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި ކަމެއް ތިބާއަށް ޔަޤީނެއް ނޫނެވެ. އެ ޑޮކްޓަރުގެ ނިޔަތާއިމެދު ތިބާ ޔަޤީނެއް ނޫނެވެ. ތިބާގެ ހާސްކަމަށް ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެ ހާސްކަން އިތުރުވާނެވެ.
އެހެނަސް މިސާލަކަށް މި ޑޮކްޓަރަކީ ތިމާގެ މީހަކަށް ވާނަމަ، އެ ޑޮކްޓަރަކީ ތިބާގެ މަންމަ، ނޫނީ ބައްޕައަށް ވެއްޖެނަމަ، ތިބާގެ ހާސްކަމަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިފަހަރު އެ ޑޮކްޓަރުގެ ކިބައިގައި ހަމައެކަނި ޢިލްމު ހުރީއެއް ނޫނެވެ. އެ ޑޮކްޓަރަކީ ތިބާއަށް ހެޔޮ ވެސް އެދޭ ޑޮކްޓަރެކެވެ. އެހެންކަމުން ތިބާގެ ހާސްކަން ދަށްވެގެން ދެއެވެ.
އަޅުގަނޑު މިތާނގައި އަލިއަޅުވާލާ ނުކުތާއަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެން ﷲ ގެ ޢިލްމުފުޅަށް އިތުބާރު ނުކުރަން ހެއްޔެވެ؟ ﷲ ކުރައްވާ ކޮންމެ ކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާކަން އަޅުގަނޑުމެން ޤަބޫލު ނުކުރަން ހެއްޔެވެ؟ އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށްޓަކައި ރާއްވަވާނީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށްކަން އަޅުގަނޑުމެން ޤަބޫލު ނުކުރަން ހެއްޔެވެ؟
އަޅުގަނޑުމެން ޙަޤީޤަތުގައި ވެސް މިފަދައިން ވިސްނާނަމަ، އަޅުގަނޑުމެންނަށް ﷲ އަށް ވަކީލު ކުރެވޭނެއެވެ. ޙަޔާތުގައި ކަންތައް ހިނގާގޮތް އަޅުގަނޑުމެންނަށް ފަހުމް ނުވިޔަސް ހާސްނުވެ ﷲ އަށް އިތުބާރު ކުރެވޭނެއެވެ.
ނުނިމޭ