އެ ހުރިހާ ކަމެއް ތިބާއަށް ދޭހަކުރެވޭނެއެވެ!
“މި ވަގުތުކޮޅުގައި އަހަންނަށް ފެންނަން ނެތް ހެވަށްޓަކައި އަހަރެން ﷲ އަށް ޙަމްދުކުރަމެވެ…”
އަޅުގަނޑަށް މި ބަސްތައް ބުނެވުނީ، ވަރަށް ހިތާމަވެރި ދުވަހެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އޭރު އަޅުގަނޑުގައި ލޮލުން ކަރުނަ އޮހޮރެމުން ދިޔައިރު މޭގައި ރިހުމެއްވިއެވެ. އެއީ މިއަދާއި ހަމައަށް ވެސް ދިގު ދެމިގެންދާނެ ރިހުމެއް ކަމަށް އަޅުގަނޑަށް އޭރު ހީވެފައިވިއެވެ. އެހެނީ އެ ރިހުން އަޅުގަނޑުގެ ކިބައިން ވަކި ނުވާތާ ވަރަށް ޒަމާންވެފައިވީތީވެއެވެ. އަދި އެދުވަހު ކަންތައް ދިމާވެގެން ދިޔަ ގޮތުން އެ ތަދު އިތުރަށް ގޯސްވެފައިވިއެވެ.
ނޫނެކެވެ. އަޅުގަނޑު އެއްގޮތަކަށް ވެސް އެ ބަސްތައް ބުނެލީ އަޅުގަނޑު މާތް މީހަކަށްވީތީވެއެއްނޫނެވެ. އަދި އެ ހިތާމައިން ދުރު ވެވިދާނެ ގޮތެއް އަޅުގަނޑަށް ފެންނާތީވެއެއްވެސް ނޫނެވެ. އަޅުގަނޑުގެ އީމާންތެރިކަން ދުވަހަކުވެސް ދަށްނުވާވަރަށް އޭރު ދަށްވެފައިވިއެވެ. ކޮންމެހެން ކުރަންޖެހޭ އަޅުކަމެއް ނޫނީ އަޅުގަނޑަށް ނުވެސް ކުރެވެއެވެ. އެއްވެސް ކަހަލަ އަލިމަގެއް ނުވާ އަނދިރި ހޮހޮޅައެއްގައި އަޅުގަނޑު ބަންދުވެފައިވިހެން ހީވިއެވެ.
އަޅުގަނޑަށް އެ ބަސްތައް ބުނެވުނީ ކީއްވެތޯއެވެ؟ ކޮންމެވެސް ގޮތަކުން، އަޅުގަނޑު ﷲ އާއި މެދު އުނގެނިފައިވާ ޢިލްމުގެ ކުޑަ މިންވަރެއް، އެ ވަގުތު އަޅުގަނޑުގެ ސަލާމަތަށްޓަކައި އައީއެވެ. ޙަޔާތުގެ އެހާތަނަށް އައިއިރު ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުގެ ކަންތައް ފުރިހަމައަށް ބެލެހެއްޓެވި ގޮތް އަޅުގަނޑުގެ ހަނދާނަށް އައެވެ. އެކަލާނގެއީ އެންމެ ރަޙީމްވަންތަ، އެކަލާނގެ އަޅުންދެކެ ލޯބިވެވޮޑިގެންވާ، އަދި އެންމެ މޮޅު ރޭވުންތައް ރާއްވަވާ، އަދި އެކަލާނގެ އަޅުންނަށް ދަތިތަކުގެ ތެރެއިން ނެރޭނެ މަގު ދައްކަވާ، އަދި ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ރަސްކަލާނގެކަން ހަނދާންވެގެން ދިޔައެވެ. އެކަލާނގެ ގެ ރީތިވެގެންވާ ނަންފުޅުތައް ހަނދާންވެގެން ދިޔައެވެ. މީގެ އިތުރުން ސޫރަތުލް ފާތިޙާއާއި ބެހޭގޮތުން އުނގެނޭއިރު، ތަކުރާރުކޮށް އަޅުގަނޑަށް އުނގެނިފައިވާ އެއްކަމެއް ސިކުނޑީގައި ބިންވަޅު ނެގިފައިވިއެވެ.
ސޫރަތުލް ފާތިޙާގެ ފުރަތަމަ އާޔަތަކީ (الْحَمْدُ لِلّهِ رَبِّ الْعَالَمِيْن) އަކީ ޢަރަބި ބަހުގައި ޖުމްލާ އިސްމިއްޔާއެކެވެ. މާނައަކީ ނަމަކަށް ބިނާވެފައިވާ ޖުމްލައެކެވެ. ޢަރަބި ބަހުގައި ޖުމްލައެއް ކަމެއްގެ ބަދަލުގައި ނަމަކަށް ބިނާވެފައިވުމުން އޭގެ މާނައަކީ، އެ ޖުމްލައިގައި ބުނެވޭ ކަމަކީ ތާ އަބަދަށް ދެމިގެންދާނެ ކަމެކެވެ. މީގެ މާނައަކީ ﷲ ގެ ޙަމްދު އަބަދުވެސް ދެމިވޮޑިގެންވާކަމެވެ. އެކަލާނގެއަށް ޙައްޤުވާ ތަޢުރީފާއި ޝުކުރު އަބަދުވެސް އެގޮތުގައި ދެމި ހުރެއެވެ. އެކަލާނގެ އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެންނަށްޓަކައި ކޮންމެ ކަމެއް ތަޤްދީރު ކުރެއްވިއްޔަސް، އެކަމަށްޓަކައި އެކަލާނގެއަށް ޝުކުރުކޮށް ޙަމްދުކުރުން ޙައްޤުވެގެންވެއެވެ. އަޅުގަނޑު މި ބަސްތައް ތަކުރާރު ކޮށްލާނަމެވެ.
މާތް ﷲ އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެންނަށްޓަކައި ކޮންމެ ކަމެއް ތަޤްދީރު ކުރެއްވިއްޔަސް، އެކަމަށްޓަކައި އެކަލާނގެއަށް ޝުކުރުކޮށް ޙަމްދުކުރުން ޙައްޤުވެގެންވެއެވެ.
އެހެންކަމުން ކޮންމެ ކަމެއް ދިމާވިޔަސް އަޅުގަނޑުމެންނަށް ބުނެވެންވާނެއެވެ. ޔާ ރައްބެވެ! މިވަގުތު މި އަޅާއާއި ދޭތެރޭ ވަމުން މިދަނީ މި އަޅާއަށް ދިމާވާނެ އެންމެ ރަނގަޅު ގޮތެވެ. މިއަޅާއަށް އެކަން ނުފެނުނަސް މި އަޅާ މިކަމަށްޓަކައި އިބަރަސްކަލާނގެއަށް ޝުކުރުވެރިވަމެވެ!
އެނގޭތޯއެވެ؟ އެ ބަސްތައް އަޅުގަނޑަށް ބުނެވުނުތާ ދުވަސްކޮޅެއް ފަހުން އޭރު އަޅުގަނޑުގެ ޙަޔާތުގައި ކަންތައް ވެގެން ދިޔައީ، އަޅުގަނޑަށް ދިމާވާނެ އެންމެ ފުރިހަމައަށްކަން ހަމަ ޙަޤީޤަތުގައި ވެސް އަޅުގަނޑަށް އެނގުންވެގެން ދިޔައެވެ. އެ ތަދުގެ ފަހަތުގައިވި ސަބަބު އަޅުގަނޑަށް ސާފުކޮށް ފެނިގެން ދިޔައެވެ. ހިތުގައިވި ޒަޚަމްތަކަށް ﷲ ގެ ރަޙްމަތްފުޅުން ޝިފާ ލިބި، އެ ތަދު ފޭދިގެން ދިޔަދިޔަހެން، އެ ޒަޚަމްތައް ލިބުމުގެ ކުރިން އަޅުގަނޑަށް ލިބިފައި ނުވާފަދަ ހިތްވަރެއް ލިބުނު ކަހަލަ އިޙްސާސެއް ކުރެވުނެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސާއިމެދު އެތައް ކަމެއް ދަސްވެ، އެ ތަޖުރިބާގެ ސަބަބުން އެތައް ބަޔަކަށް އެހީވެވުނެވެ. ސުބްޙާނަ ﷲ!
އެހެންކަމުން ރަސޫލާ (ޞ.ޢ.ވ) ވަރަށް ގިނައިން الْحَمْدُ لِلّهِ عَلَى كُلِّ حَالٍ (ހުރިހާ ޙާލަތެއްގައި ވެސް އެންމެހާ ތަޢުރީފަކާއި ޝުކުރެއް ޙައްޤުވެގެންވަނީ ﷲ އަށެވެ.) މި ބަސްތައް ޙަދީޘްކުރައްވާކަން އަޑު އިވޭ ހިނދު ދަންނާށެވެ. ރަސޫލާ (ޞ.ޢ.ވ) އެ ޙަދީޘް ކުރެއްވީ ޙަޤީޤަތް ނޫން އެހެން އެއްވެސް ކަމެއްނޫނެވެ! އަދި ތިބާ ވެސް ތިބާގެ ޙަޔާތުގައި ހިތްނޭދޭ ގޮތަށް ކަމެއް ހިނގާއިރު އެ ބަސްތައް ބުނެފިނަމަ، އެ ބުނެވެނީ ވެސް ހަމަ ޙަޤީޤަތްކަން ޔަޤީންކުރާށެވެ!
އެހެންކަމުން الْحَمْدُ لِلّه ކިޔާށެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކުވެސްމެއެވެ. ޙައްލު ނުވާ ޙާލަތްތަކަށްޓަކައި ޙަމްދުކުރާށެވެ. އެ ނުފިލާ ތަދަށްޓަކައި ޙަމްދުކުރާށެވެ. އޮޅުންބޮޅުންވެ ދޭހަ ނުކުރެވޭ އިޙްސާސްތަކަށްޓަކައި ޙަމްދުކުރާށެވެ. ތިބާގެ އަތްދަށުން ދޫވެގެންދާ ކޮންމެ ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށްޓަކައި ރާއްވަވާ ރީތި ރޭވުންކަން ދަންނާށެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ތިބާ ޙަމްދުގެ ބަސްތައް ކިޔައި އެ ބަސްތަކުގެ ތެދުކަން ހިތަށް ވިސްނައިދިންހާ އަވަހަކަށް، އެ ކަންތައް ތިބާއަށް ދޭހަކުރެވިގެންދާނެއެވެ. (އިން ޝާ ﷲ)