އެ ރުޅިވެރިކަމަށް ޖަވާބުދޭށެވެ!
ތިބާ ތިހިރީ ތިބާގެ ކުރިމަތީގައި ރުޅިވެރިކަމާއެކީ އަޑުހަރު ކުރަމުންދާ ތިބާ ލޯބިވާ ފަރާތެއްގެ ކުރިމަތީގައެވެ. އެމީހަކު ދެރަ ކުރުމަށްޓަކައި ތިބާއަށް ކަމެއްކުރެވިފައިވާކަން ތިބާއަށް އެނގެއެވެ. އެހެނަސް ތިބާ އަމިއްލަ ނަފްސުގެ ދިފާޢުގައި ހިތާހިތުން ވެސް ވާހަކަ ދައްކަމުން އެބަ ދަމުއެވެ. ތިބާ އެގޮތަށް ކަންތައް ކުރީ ތިބާވެސް ކަމަކާމެދު ދެރަވެފައި ހުންނާތީވެ ކަމަށް ބުނެއެވެ. އެހެންނޫނީ ތިބާގެ ކުށެއް އޮތްކަން ވެސް ތިބާގެ ނަޒަރިއްޔާތަކުން ތިބާއަކަށް ނުފެނެއެވެ. ތިބާގެ ގޮށްމުއްކެވި ތިބާގެ ލޭ ހޫނުވެގެން ދިޔަދިޔަހެން ތިބާގެ މޫނުވެސް ރަތްވެގެންދެއެވެ. ތިބާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވަނީ ކަން ތިބާއަށް އެނގި ކުރިމަތީގައި ހުރި މީހަކާއި ދިމާލަށް ބުނެވިދާނެ އެންމެ ހަރުކަށި ޢިބާރާތްތައް ތިބާގެ ސިކުނޑީގައި ދައުރުވަމުން އެބަދެއެވެ.
ތިބާ ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟
އަހަރުމެންގެ ތެރެއިން އެކި މީހުން އެފަދަ ޙާލަތެއްގައި ކަންތައް ކުރާނީ އެކި ގޮތްގޮތަށެވެ. އާލު ޢިމްރާން ސޫރަތުގައި މުޙުސިނަކު އެފަދަ ޙާލަތެއްގައި ކަންތައް ކުރާނެ ގޮތް ﷲ ސިފަކުރައްވާފައިވެއެވެ. މުޙުސިނަކީ އިޙްސާންތެރިވާ މީހާއެވެ. މާނައަކީ ކުރާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރާ މީހާއެވެ. އިޙްސާންތެރިކަމަކީ އަހަރުމެންގެ ރޫޙާނިއްޔަތުގެ ގޮތުން އަހަރުމެންނަށް ދެވޭނެ އެންމެ މަތިވެރި ދަރަޖައެވެ. ރޫޙާނިއްޔަތުގެ އެންމެ ދަށު ދަރަޖައަކީ އިސްލާމްއެވެ. އެއީ ﷲ އަށް ކިޔަމަންވެ ހަމައެކަނި ދީނުގައި ކަނޑައެޅިފައިވި ހުދޫދުތަކުގެ ތެރޭގައި އުޅުމެވެ. އިސްލާމްއަށްވުރެ މަތީ ދަރަޖައަކީ އީމާންއެވެ. އީމާންކަމަކީ ހިތުގައި އެއްވެސް ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ. އެއީ އެމީހަކު ﷲ ގެ އާޔަތްތަކާއިމެދު ވިސްނައިގެންނާއި އެހެނިހެން ހެކިތަކެއް ފެނުމުގެ ސަބަބުންނެވެ. އީމާންއަށްވުރެ މަތީ ދަރަޖައަކީ އިޙްސާންއެވެ. އިޙްސާންތެރިކަމަކީ ކުރާ ކޮންމެ ކަމެއް ﷲ ބައްލަވައި ވޮޑިގެންވާކަން ހަނދާކޮށްގެން އެކަމެއް ކުރުމެވެ. އިޙްސާންތެރިވާ މީހާ އެކަން ހަނދާނުގައި ބަހައްޓާތީ އޭނައަށް ކުރާ ކޮންމެ ކަމެއް ކުރެވެނީ އެންމެ ފުރިހަމައަށެވެ. (އިސްލާމް، އީމާން، އިޙްސާން ގެ ވާހަކަ ރިވާވެފައިވާ ޙަދީޘް ބައްލަވާ)
އަޅުގަނޑު މި ވާހަކަތައް ޙިއްސާކުރީ ކީއްވެތޯއެވެ؟ އެއީ މުޙުސިނުންގެ މަޤާމަކީ ކިހާ މަތިވެރި މަޤާމެއްކަން ސިފަކޮށްދިނުމަށެވެ. މީގެ އިތުރުން ވެސް ﷲ ކިތަންމެ ފަހަރެއްގެ މަތިން މުޙްސިނުންދެކެ އެކަލާނގެ ލޯބިވެވޮޑިގެންވާ ވާހަކަ ވަޙީކުރައްވާފައިވެއެވެ. ދެން އަޅުގަނޑުހެން ތިބާގެ ހިތަށްވެސް އަރާފާނެއެވެ. ހަމަ ޔަޤީނުންވެސް އަހަންނަށް ނުކުރެވޭފަދަ ރަނގަޅުކަންތައް އެމީހުން ކުރާނެއެވެ. އެހެނަސް އާލު އިމްރާން ސޫރަތުގައި މުޙްސިނުން ކުރާ ބައެއް ކަންތައް ސިފަކުރެވިފައިވީއިރު އެ ކަންތައްތަކުގެ ސާދާކަމުން އަޅުގަނޑު ޙައިރާންވިއެވެ. މި ޕޯސްޓުގައި އަޅުގަނޑު ޙިއްސާކޮށްލާނީ އޭގެ ތެރެއިން އެންމެ ކަމެކެވެ. އެއީ ހަމަ ގައިމުވެސް އަހަރުމެން އެންމެންނަށް ކުރެވިދާނެ ކަމެކެވެ.
وَالْكَاظِمِينَ الْغَيْظَ
“…އަދި އެމީހުންނަކީ ރުޅިވެރިކަން ދިރުވާލާ މީހުންނެވެ…..” ސޫރަތް އާލު ޢިމްރާން، 134
ބަސްތައް ޚިޔާރުކުރެވިފައިވާ ގޮތާއިމެދު ވިސްނާލާށެވެ. އެމީހުންނަކީ ރުޅި ނާންނަ މީހުންނޭ އާޔަތުގައި އޮތަސް ދޭހަވާނީ ގާތްގަނޑަކަށް އެއްމާނައެކެވެ. އެހެނަސް އަހަރުމެންނަށް އެންމެ ފުރިހަމައަށް ފަހުމްވުމަށްޓަކައި ﷲ އެ ވަނީ ޙާލަތެއް ސިފަކުރައްވާފައެވެ. މީހަކު އެއްޗެއް ހަފާ ކަމަށްވާނަމަ އޭނަ ކަނީކަން އަހަރުމެންނަށް އެނގޭނެއެވެ. އެހެނަސް އެމީހަކު އެ އެއްޗެއް ދިރުވައިފިނަމަ އޭނަ ފުރަތަމައިނުން އެއްޗެއް ކެއިކަމެއްވެސް އަހަރުމެންނަކަށް ނޭނގޭނެއެވެ.
އަބަދުވެސް ﷲ ބައްލަވާވޮޑިގެންވާކަން ހަނދާން ބަހައްޓާ މުޙުސިނަކު އުނދަގޫ ޙާލަތެއްގައި ކަންތައްކުރަނީ މިފަދަ ގޮތަކަށެވެ. އޭނަ ރުޅި އައުމުން އެ ރުޅިވެރިކަން އޭނަގެ މޫނުންވެސް ނުފެންނާނެއެވެ. އޭނަ އެގޮތަށް ކަންތައް ކުރަނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަހަރުމެންގެ ތެރެއިން މީހެއްނަމަ އެފަދަ ޙާލަތެއްގައި އަހަރުމެން ހަމައިން ނެއްޓިގެން ހިނގައިދާނެއެވެ. އެހެނަސް މުޙްސިނަކަށް އޭނަގެ އަމިއްލަ އިޙްޞާޞްތަކެއްގެ މައްޗަށް ވެސް ބާރު ފޯރުވެނީ އޭނަގެ ރައްބު އޭނަ ބައްލަވާވޮޑިގެންވާކަން އޭނަ ހަނދާން ބަހައްޓާތީވެއެވެ. މި ޙާލަތު އޭނައަށް ކުރިމަތިވެފައިވަނީ އިމްތިޙާނެއްގެ ގޮތުންކަން އޭނައަށް ވިސްނޭތީވެއެވެ. އަދި އޭނަގެ ވެރިރަސްކަލާނގެ އޭނަ ދެން ކަންތައް ކުރާނެ ގޮތް ބައްލަވާވޮޑިގެންވާކަން އޭނައަށް ޔަޤީންވާތީވެއެވެ. އަދި އެވަގުތުކޮޅުގައި އެހެން އެއްވެސް ކަމަކަށްވުރެ އެކަލާނގެ ރުހިވޮޑިގަތުން އޭނައަށް މުހިއްމުވުމުންނެވެ.
ދެން އަހަރުމެންގެ އަމިއްލަ ނަފްސުތަކާއި ސުވާލުކޮށްލަމާ ހިނގާށެވެ. އެކަލާނގެ ރުހިވޮޑިގަތުން އެހެން އެއްވެސް ކަމަކަށްވުރެ އަހަރުމެންނަށް މުހިއްމު ހެއްޔެވެ؟ މީހަކާއި ޖަދަލުކޮށް ‘މޮޅު’ވެގެން ތިބާއަށް މި ދުނިޔޭގައި ލިބޭނީ ފަހެ ކޯޗެއް ހެއްޔެވެ؟ ތިބާގެ އަޑުހަރުކޮށްގެންނާއި ރުޅިވެރި މޫނެއް ދައްކައިގެން ތިބާ ސާބިތުކޮށްދޭން އުޅެނީ ކޮންކަމެއް ހެއްޔެވެ؟ އެގޮތަށް ކަންތައް ކުރުމުން ތިބާއަށް އިންސާފެއް ލިބޭނީ ހެއްޔެވެ؟ ތިބާގެ އަޑުހަރު ކުރުމުން ތިބާގެ ޤަދަރު އުފުލިގެން ދަނީ ހެއްޔެވެ؟ ކާމިޔާބުވުމަކީ އެންމެ ގަދަ ރުޅި ދެއްކީ ތިމަންނަކަން ސާބިތުކުރުން ހެއްޔެވެ؟ އެހެން ނޫނީ މުޙުސިނަކަށްވުމަށްޓަކައި އެފަދަ ޙާލަތެއްގައި ހިމޭންކަން ޚިޔާރުކުރުން ހެއްޔެވެ؟ މިއީ އެފަދަ ޙާލަތެއްގައި ތިބާއާއި އަޅުގަނޑުވެސް އަމިއްލަ ނަފްސުތަކާއި ކުރަންޖެހޭ ސުވާލުތަކެވެ.
ސުވާލަކީ، ދެން ތިބާ ހަދާނީ ކިހިނެއް ހެއްޔެވެ؟
(އެއްވެސް ޙާލަތެއްގައި ތިބާއަށް ތިބާގެ ދިފާޢުގައި ވާހަކަ ނުދެއްކޭނެކަމަށް އަޅުގަނޑު ނުބުނަމެވެ. ބައެއް ޙާލަތްތަކުގައި އަހަރުމެން ވާހަކަ ދައްކަންޖެހޭނެއެވެ. އެހެނަސް ހަނދާންކުރަންޖެހޭ މައިގަނޑު އެއްކަމެއް އެބައޮތެވެ. އެއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ނަޞޭޙަތާއި އެއްގޮތަށް އަހަރުމެން އަމިއްލައަށް ރުޅި އައިސްފައި ހުންނަ ވަގުތުގައި ހިމޭންކަން ޚިޔާރުކުރުމެވެ. އަހަރުމެން ބުނަން އުޅޭ ބަސްތަކާއިމެދު ސާފުކޮށް ނުވިސްނޭ ޙާލަތެއްގައި އަހަރުމެން ވާހަކަ ދެއްކުން ބުއްދިވެރިއެއްނޫނެވެ. އެފަދަ ޙާލަތެއްގައި ހިމޭންކަން ޚިޔާރުކުރުން މުހިއްމީ އެހެންވެއެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފަ
Magnolia
December 15, 2022 @ 7:17 pm
Ma sha Allah v v iburaitheri vahaka kolheh
❤️❤️❤️
Jazakillah khairan kaseeran ukhthy 😘😘
Thiba ge thimassakathuga Allah tha’alaa barakaai lahvaashi ..aameen 🥰🥰🥰