މާ ބޮޑު ބުރައެއް ނެތި ޙަޔާތުގައި ކުރިއެރުން ހޯދިދާނެ ފަސޭހަގޮތެއް!
لَئِن شَكَرْتُمْ لَأَزِيدَنَّكُمْ
“…. ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ….” ސޫރަތް އިބްރާހީމް، 7
މި އާޔަތަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އާޔަތެކެވެ. އެހެނީ މިއީ އަޅުގަނޑަށް ޤުރުއާނުގެ ތަފްޞީލީ މާނަތަކާއި ޢަރަބި ބަހާއި ބެހޭގޮތުން އެއްވެސް ވަރަކަށް ނޭނގެނީސް އެންމެ ފުރަތަމަ އުނގެނުނު އާޔަތެވެ. މިއީ ތބާވެސް ޤުރުއާނާއެކީ ދަތުރެއް ފަށަން ރަނގަޅު އާޔަތެކެވެ. ވަކިން ޚާއްޞަކޮށް ތިބާ ހިތްދަތިކަމެއްގެ ތެރޭގައި ވާނަމައެވެ.
މި އާޔަތުގެ ފުރިހަމަކަން ދެނެގަތުމަށްޓަކައި މިއީ ކޮން ތަނެއްގައި ކާކުގެ ދުލުން ބުނެވުނު ބަސްތަކެއްކަން ދެނެގަންނަމާ ހިނގާށެވެ. މިއީ މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުން، ބަނީ އިސްރާއީލުގެ މީހުންގާތު ވިދާޅުވި ބަސްތަކެވެ. ބަނީ އިސްރާއިލުގެ ވާހަކަ ތިބާއަށް އެނގޭނަމަ، ފިރުޢައުނުގެ ދަށުން އެމީހުން އަޅުންގެ ގޮތުގައި އުޅުނު އިރު އެމީހުންނަށް ކުރިމަތިވި އިމްތިޙާނާއިމެދު ތިބާއަށް އެނގޭނެއެވެ. ފިރުޢައުނު އެމީހުންގެ ތުއްތު ފިރިހެން ދަރިން މަރަމުން ދިޔައެވެ. މިއީ ބުނެލަން ފަސޭހަ ބަސްތަކެވެ. އެހެނަސް އެބައެއްގެ ލޯ ކުރިމަތިން އެބައެއްގެ ތުއްތު ދަރިފުޅު ކަތިލެވިގެންދާ މައިންބަފައިންގެ ހިތަށް ކުރާނެ އަސަރު ތިބާ ތަޞައްވުރު ކުރާށެވެ. އެ ދަރިފުޅު ސަލާމަތް ކުރަން އެމީހުންނަށް އެއްވެސް ކަމެއް ނުކުރެވޭ ޙާލުގައެވެ.
އެހެނަސް ﷲ ގެ އިރާދަފުޅުން ބަނީ އިސްރާއީލުގެ މީހުން ފިރުޢައުނުގެ ކިބައިން ސަލާމަތްވެއެވެ. މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޢަސާކޮޅުން ކަނޑު ދެބައިކުރެއްވުމުން އެމީހުންނަށް އެ ދެބައިގެ މެދުން ކަނޑު ހުރަސްކުރެވޭ ހިނދު ފިރުޢައުނު ޢަރަޤުވެގެންދެއެވެ.
މި ހުރިހާ ކަމަކަށްފަހު، ހިތްތައް ޒަޚަމްވެފައިވި ގިނަ ޢަދަދެއްގެ ބަޔަކާއި މޫސާ ޢަލައިހިއްސަލާމް ކުރިމަތިލާން ޖެހެއެވެ. އެ ޒަޚަމްތަކަކީ އެތައް ދުވަހެއް ވަންދެން އެމީހުން ތަޙައްމަލުކުރި ވޭންތަކެއްގެ ސަބަބުން ލިބިފައިވި ޒަޚަމްތަކެވެ. އަދި އެވަގުތު ވެސް ހުރިހާ މައްސަލައެއް ޙައްލުވީއެއްނޫނެވެ. ފިރުޢައުނުގެ ކިބައިން ސަލާމަތްވުމަށްފަހު ވެސް އެމީހުންނަށް ތިބެވުނީ ސަހަރާއެއްގައެވެ. ކާނާއާއި ބޯނެ ފެން މަދުވުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުން މަރުވެދާނެކަން އެމީހުންނަށް ވިސްނިފައިވެއެވެ. މި ވަގުތުކޮޅުގައި މޫސާ ޢަލައިހިއްސަލާމް އެމީހުންނަށް ނަޞޭޙަތްކޮޅެއް ދެއެވެ. މި ނަޞޭޙަތުގައި ހިމެނޭނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ އެކަލޭގެފާނު އަންގަވާނީ ކެތްތެރިވުމަށް ހެއްޔެވެ؟ އެހެން ނޫނީ ﷲ ގެ ޤަދަރު ޤަބޫލުކުރުމަށް ހެއްޔެވެ؟ އެހެންނޫނީ ﷲ އިރާދަކުރެއްވި ގޮތާއިމެދު އުފާކުރުމަށް ހެއްޔެވެ؟
މޫސާ ޢަލައިހިއްސަލާމްގެ ނަޞޭޙަތް ކޮޅުގައި މީގެ ތެރެއިން ވާހަކައެއް ނެތެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ގެ ވަޢުދުފުޅެއްގެ މަތިން މޫސާ ޢަލައިހިއްސަލާމް ހަނދުމަކޮށްދެއެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
” އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން ޝުކުރު ނުކޮށްފިނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ” ސޫރަތް އިބްރާހީމް، 7
ޝުކުރުވެރިވާށޭ ހެއްޔެވެ؟ އެއީ މި ނަޞޭޙަތުގައި ވާނެކަމަށް ތިބާ އެއްގޮތަކަށް ވެސް އުއްމީދު ކުރި ވާހަކައެއް ހެއްޔެވެ؟ އެމީހުންގެ ދަރިންތައް އެތައް އަހަރެއް ވަންދެން މަރަމުން ދިޔަ ބަޔަކު ޝުކުރުވެރިވުމަށް ތިބާ އުއްމީދު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ވަކިން ޚާއްޞަކޮށް ސަހަރާގައި އެ ތިބި ވަގުތު އަސާސީ ބޭނުންތައް ވެސް ނުފުދޭ ޙާލަތެއްގައި އެމީހުން ވަނިކޮށެވެ. އެމީހުން ޝުކުރުވެރިވާނީ ފަހެ ކިހިނެއް ހެއްޔެވެ؟
އެހެނަސް މި ނަޞޭޙަތުގެ ތެރެއިން ﷲ މި އުނގަންނައިދެއްވަނީ އަގުހުރި ފިލާވަޅެކެވެ. އެއީ އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް ޝުކުރުވެރި ވުމަކާނުލާ ކެތްތެރި ނުވެވޭނެކަމެވެ. އަދި ޙާލަތްތައް ކިތަންމެ ދަތިވިޔަސް ޝުކުރުވެރިވާންވީ ކަމެއް އަބަދުވެސް އޮންނާނެ ކަމެވެ. އަޅުގަނޑުމެން ޝުކުރުވެރިވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ﷲ ވަޙީ ކުރައްވާ ގޮތުގައި އަޅުގަނޑުމެން ޝުކުރުވެރިވެއްޖެނަމަ އެކަލާނގެ ހަމަ ޔަޤީނުންވެސް އަދި ހަމަ ކަށަވަރުންވެސް އަޅުގަނޑުމެންނަށް އިތުރުކޮށްދެއްވާނެއެވެ. އަޅުގަނޑު “ހަމަ ޔަޤީނުންވެސް” އިތުރު ކުރީ އާޔަތުގައި ފޮރުވިފައިވި ޢަރަބީގެ ސަބަބުންނެވެ. لَأَزِيدَنَّكُمْ ގައި ވާ لَ އާއި ن ގެ މަތީގައިވާ ޝައްދާގެ ސަބަބުން އެ ބަހުގެ މާނަ ގަދަވެގެންދެއެވެ. އެހެންކަމުން ﷲ އެ ވަޢުދުވެވަޑައިގަންނަވަނީ އަޅުގަނޑުމެން ކުޑަ ހިނދުކޮޅަކަށް ވެސް ޝުކުރުވެރިކަން ދައްކައިފިނަމަ އެކަލާނގެ ހަމަ ޔަޤީނުންވެސް އަދި ހަމަ ކަށަވަރުންވެސް އަޅުގަނޑުމެން އިތުރު ކޮށްދެއްވާނެ ކަމަށެވެ. އިތުރު ކޮށްދެއްވާނީ ކޮން ގޮތަކުން ހެއްޔެވެ؟ އެކަން ﷲ އަންގަވާފައެއް ނުވެއެވެ. އެއީ ތަފާތު މީހުން އިތުރުވުން އެދޭނީ ތަފާތު ގޮތްގޮތުންނެވެ. ބައެއް މީހުން ބޭނުންވަނީ މުދަލުން އިތުރުވުމެވެ. ބައެއް މީހުން އެދެނީ އީމާންތެރިކަމާއި ހިދާޔަތް އިތުރުވުމެވެ. ބައެއް މީހުން އެދެނީ ރަނގަޅު ޞިއްޙަތު އިތުރުވުމެވެ. ބައެއް މީހުން ބޭނުންވަނީ ޢިލްމާއި، ޙިކްމަތާއި ހަމަޖެހުން އިތުރުވުމެވެ. އަދި އަޅުގަނޑުމެން އިތުރުވުން އެންމެ ރަނގަޅީ ކޮން ގޮތަކުން ކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
އެހެންކަމުން ތިބާ ހިތްދަތިކަމެއްގެ ތެރޭގައި ވާނަމަ، ތިބާގެ ވެރިރަސްކަލާނގެ ތިބާއަށްޓަކައި ކޮށްދެއްވާފައިވާ ކަންތައްތަކުގެ މަތިން ހަނދާން ކުރާށެވެ. އެއީ ތިބާގެ ބޯމަތީގައިވާ ހިޔާ ކަމަށްވިޔަސް، ތިބާގެ ތަށީގައިވާ ކާއެއްޗެއްހި ކަމަށްވިޔަސް، ތިބާ ލަމުންދާ ނޭވާ ކަމަށްވިޔަސް އަދި ތިބާގެ މޭތެރޭގައި ތެޅެމުންދާ ހިތް ކަމުގައިވިޔަސްމެއެވެ. މި ނިޢުމަތްތަކާމެދު ފުންކޮށް ވިސްނާށެވެ. މި ނިޢުމަތްތައް ތިބާގެ ވެރިރަސްކަލާނގެ ތިބާއަށް ނުދެއްވި ނަމަ ތިބާ އުޅޭނެ ޙާލު ތަޞައްވުރު ކުރާށެވެ. ޝުކުރުވެރިކަމުގެ އެ ވަގުތުކޮޅު އިޙްސާސް ކުރާށެވެ. ދެން ތިބާގެ ވެރިރަސްކަލާނގެ ތިބާއަށް ކުރެއްވި އިތުރު ކުރެއްވުމުގެ އެ ވަޢުދުފުޅު ފުރިހަމަ ވާނެ ކަމަށް އުއްމީދު ކުރާށެވެ.
މާތް ﷲ އަޅަމެންނަކީ އެކަލާނގެއަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވައި އަޅަމެންނަކީ އެ އިތުރުވުން ޙައްޤުވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި
June 4, 2021 @ 4:14 pm
Fahuge dhiraasaathakun dhakkaa gothugai ves shukuruveri vumaky kaamiyaabee ah nuhanu muhimmu kamekeve. Amilla viyafaarithakaai bodethi muassasaathah kaamiyaabu kamaa eky kuriaruvaa faraaiy thakuge eh aadha aky emeehun shukuruverivaa kanthah komme dhuvaheh nimeyiru list kurumeve. Nafsaanee balimadu kamuge faruvaa ah ekamuge maahirun balimeehunnah dhey naseyhathaky ‘gratitude journal’ eh gengulhumeve. Ey shukuruverivaa kanthah note kuran gengulhey fothekeve.
Hama yageenunves alhugandumenge haqeeqaiy emme molhah dhenevodigenvaa faraathakay alhamenge rabbeve. Allah eve.
June 4, 2021 @ 5:48 pm
Love these posts!! May Allah SWT bless you❤
June 5, 2021 @ 5:11 am
May Allah bless you too. Ameen! <3
June 7, 2021 @ 4:40 am
Vvv inspiring love this Jana 🥰
June 8, 2021 @ 3:05 pm
Alhamdhulillah! Glad you got inspired. Please do share the msgs you benefit from with your friends In Sha Allah <3