މި ދުނިޔޭގެ ދިރިިއުޅުން ‘ކުޅިވަރެއް’ ކަމުގައި ނޫނީ ނުވަނީ ކީއްވެ ހެއްޔެވެ؟
ސޫރަތުލް ޢަންކަބޫތުގެ މި އާޔަތް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އިވިފައި ވާނެއެވެ.
وَمَا هَٰذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ ۚ لَوْ كَانُوا يَعْلَمُونَ
“މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ.” ސޫރަތުލް ޢަންކަބޫތ،
64.
.
އާޔަތުގެ ފުރަތަމަ ބައިގައި ވަނީ މިހެންނެވެ.
“މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެއެވެ…”
މި ދުނިޔޭގެ ދިރިއުޅުން ކުޅިވަރަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދަން ކަމެއް ޚިޔާލު ކޮށްލަމާ ހިންގަވާށެވެ. ބަޔަކު ކުޅެލާ ‘ރޯލް ޕްލޭއެއް’ ނޫނީ ޑްރާމާއެއް ޚިޔާލަށް ގެންނަވާށެވެ. މި ޑްރާމާގައި ރަސްގެފާނާއި އަޅުންނާއި ނޯކަރުން ފެނިގެންދެއެވެ. ޑްރާމާގައި ރަސްގެފާނަށް ހުންނަ މީހަކަށް ވަރަށް ބާރު އޮވެފައި އަޅުންނަށް ތިބޭ މީހުންނަށް އެއްވެސް ބާރެއް ނެތެވެ. ޑްރާމާގައި ނޯކަރުންނަކީ މާ ބޮޑު ޤަދަރެއް ލިބޭ ބަޔަކަށް ނުވެދާނެއެވެ. އެހެނަސް ޑްރާމާ ކުޅެ ނިމޭއިރަށް އެ ހުރިހާ އެންމެން އެހެން ބަޔަކަށް ވެދެއެވެ. ރަސްގެފާނަކީ ރަސްގެފާނެއް ނޫނެވެ. އަދި އަޅުންނާއި ނޯކަރުންނަށް ތިބި މީހުންނަކީ ވެސް އެމީހުންގެ އަމިއްލަ ޝަޚްޞިއްޔަތެއް ތިބޭ ބަޔަކަށް ވެގެންދެއެވެ
.
އަޅުގަނޑުމެންގެ މި ދުނިޔޭގެ ދިރިއުޅުމާއި މަތީގައިވާ މިސާލާއި ވަކި މާ ބޮޑު ތަފާތެއް ނެތެވެ. މި ދުނިޔޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ބާރާއި، މުދަލާއި މަޝްހޫރުކަން ދެއްވާފައިވީއިރު އަނެއްބައި މީހުން ނިކަމެތިކަމުގައި ލެއްވިއެވެ. އެހެނަސް މި ދުނިޔޭގެ ދިރިއުޅުން (މި ‘ކުޅިވަރު’) ނިމުމަކަށް އަންނައިރަށް އަޅުގަނޑުމެންގެ ޙަޤީޤީ ދިރިއުޅުން ފެށިގެން ދެއެވެ. އަޅުގަނޑުމެންގެ ޙަޤީޤީ ޝަޚްޞިއްޔަތާއި އެއްގޮތަށް އަޅުގަނޑުމެންނާއިމެދު ކަންތައް ކުރެވޭނެ ދިރިއުޅުމެވެ. ސުބްޙާނަ ﷲ
!
އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ނަފްސުތަކާއި ސުވާލުކުރަމާ ހިނގާށެވެ. މާތް ﷲ މި ދުނިޔޭގައި އަޅުގަނޑުމެންނަށް ދެއްވި ތަކެއްޗާއި ލަޤަބުތަކާއި ނުލައި އަޅުގަނޑުމެންނަކީ ޙަޤީޤަތުގައި ކޮން ބައެއް ހެއްޔެވެ؟ އެހެނީ އާޚިރަތް ދުވަހު ﷲ ގެ ޙަޟްރަތަށް އަޅުގަނޑުމެން އެންމެން ހާޒިރުވާނީ އެކަލާނގެ އަޅުންގެ ގޮތުގައެވެ. އެދުވަހު މުހިއްމު ވާނެ ހަމައެކަނި ކަމަކީ އަޅުގަނޑުމެންނަކީ އެކަލާނގެ ރުހިވޮޑިގެންވާ ބައެއްތޯ ނުވަތަ ނޫންތޯއެވެ.
މާތް ﷲ އަޅުގަނޑުމެންނަކީ އެކަލާނގެ ރުހިވޮޑިގެންވާ އަޅުންކަމުގައި ލައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި