ދާރިސް (ނަވާޅީސްވަނަ ބައި)
އޭގެ އަނެއް ދުވަހު ހިބާމެން ސްކޫލުން ބާއްވަން އުޅޭ ސައިންސް އަދި ޓެކްނޮލޮޖީ ފެއާރގެ ވާހަކަ ކުދިންނަށާއި ބެލެނިވެރިންނަށް ވެސް އެންގުނެވެ. ފެއާރއާއި ގުޅޭ މަޢުލޫމާތު ކުދިންނަށް ދެވުނު ގަނޑުކޮޅެއްގައި ވީއިރު އެދުވަހު ގެއަށް ދިޔުމުގެ ކުރިން ކުލާސް މުދައްރިސުން ވެސް ދަރިވަރުންނަށް ފެއާރއާއި ގުޅޭ މަޢުލޫމާތުތައް ދިނެވެ.
“މި ފެއާރއަށްޓަކައި ތިކުދިން ބޭނުން ކަހަލަ ޕްރޮޖެކްޓެއް ހެދިދާނެ…ސައިންސްގެ ކެޓެގަރީއިން ހަދަންޏާ ތި ކުދިން މިހާރު ކިޔަވާފަ ހުރި ޓޮޕިކްތަކާ ގުޅުން ނެތް އެއްޗެއް ހެދިޔަސް މައްސަލައެއް ނެތް. ޓެކްނޮލޮޖީގެ ކެޓެގަރީއިން ހެދިދާނެ އެއްޗެއްގެ މިސާލެއް ތި ކުދިންނަށް އެނގޭތަ؟”
ގެއަށް ދިޔުމުގެ ކުރިން ކުދިންނާއި ވާހަކަ ދައްކަމުން ހިބާ އެ ސުވާލު ކުރުމާއިއެކު ކުދިން އަތްމައްޗަށް ނަގައި ޖަވާބު ދޭން ފެށިއެވެ. ބައެއް ކުދިން އެ ކުދިން ކިޔަވާފައި ހުރި އެއްޗެހީގެ މިސާލުތައް ދެމުން ދިޔައިރު އަނެއްބައި ކުދިން އެ ކުދިންނަށް ފަސޭހައިން ހެދިދާނެ ޓެކްނޮލޮޖީގެ އާލާތްތަކުގެ ނަންތައް ވެސް ކިޔަމުން ދިޔައެވެ. އޭގެ ތެރެއިން އެއްކުއްޖަކު ލެޕްޓޮޕެއް ހެދިދާނެއޭ ބުނުމުން ދެން ތިބި ކުދިން ހޭންފެށީ އެއީ ނުވާނެ ކަމެއް ކަމަށް ބުނުމުންނެވެ.
“އެހެން ނުބުނައްޗޭ ކުދިން! މިސް ކުޑައިރު ހަމަ މި ސްކޫލްގަ ބޭއްވުނު ފެއާރގެ ތެރެއިން ކުއްޖަކު ހެދި ލެޕްޓޮޕެއް. ކޮމްޕިއުޓަރުގެ ބައިތައް އެކި ތަންތަނުގެ އެއްކޮށްގެން. އެއީ އަދި މި ރަށު މީހުންނަށް ލެޕްޓޮޕަކީ ކޮބައިކަން ނޭނގޭ ދުވަސްވަރެއްގަ.”
ހިބާ އެހެން ބުނުމާއިއެކު ކުދިން އަޖާއިބުވެފައިވާ ފަދަ ގޮތަކަށް ދެލޯ ބޮޑުކޮށްލަމުން ހަމަ ޙައިރާންކަމުގެ އެކި ބަސްތައް ބުނަން ފެށިއެވެ. އެ ހުރިހާއިރު ހިމޭނުން އިން މާޒިން ވެސް ކުއްލި ގޮތަކަށް ހިބާއަށް ބަލައިލިއެވެ.
“އެހެންވީމަ ހުރިހާ ކުދިން ވެސް ވީހާވެސް ކްރިއޭޓިވް ޕްރޮޖެކްޓްތައް ހެދޭތޯ މަސައްކަތް ކުރައްޗޭ…ވެއާރ ދެއާރ އިޒް އަ ވިލް…ދެއާރ އިޒް އަ ވޭ. އިން ޝާ ﷲ. ދޯ މާޒިން؟”
ހިބާ އެހެން ބުނެލީ މާޒިން އެންމެ ފަހުން ލިޔުނު އިނގިރޭސި ލިޔުމުގައި ހުރި ބަސްތައް ހަނދާން ކުރަމުންނެވެ. އެ ލިޔުން ވަރަށް ފުރިހަމަވީތީ ހިބާ ވަނީ އެ ލިޔުން ހުރިހާ ކުދިންނަށް ކިޔައިދީފައެވެ. އެހެންކަމުން ހިބާ އެ ބުނެލި ބަސްތަކަށް ގިނަ ކުދިން އެކީގައި ބޯޖެހިއިރު ބައެއް ކުދިން ‘ލައްބަ’ އޭ ވެސް ބުންޏެވެ. އެވަގުތު ވެސް މާޒިން ވަކި އެއްޗެކޭ ނުބުނެ، އެކި ދިމަދިމާލަށް ކަޅި ހިންގުން ނޫންކަމެއް ނުކުރިއެވެ.
**
އެދުވަހު ގެއަށް ދިޔުމަށްފަހު ހިބާއަށް ސްކޫލްގައި ބޭއްވެން އުޅޭ ފެއާރގެ ވާހަކަ ދާރިސްގާތު ދެކެވުނެވެ.
“ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރއެކޭ؟ އަހަރުމެން ކުޑައިރު ހެދި ގޮތަށް؟” ސިޓިންގް ރޫމުގެ ސޯފާގައި ޓީވީއިން ޚަބަރު ހުޅުވައިގެން އިން ދާރިސް، ކައިރީގައި އިން ހިބާ ކައިރިން އެހިއެވެ.
“އާނއެކޭ! އަހަރެން އެ އައިޑިއާ ދިނީވެސް. އެންޑް އައިމް ސޯ އެކްސައިޓެޑް! ބުނީމެއްނު އަހަރެންގެ އޯޓިޒަމް ހުންނަ ސްޓޫޑެންޓްގެ ވާހަކަ؟ ވެސް ހުރީ ވަރަށް އެކްސައިޓްވެފަހެން ހީވަނީ. ހީ ރިމައިންޑްސް މީ އޮފް ޔޫ!” ހިބާ ދާރިސްއަށް ބަލަން އިނދެ ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“ކޮން ކުއްޖެއް؟ އެއްކަލަ….މާޒިންތަ؟” ދާރިސް އެ ނަން ކިޔައިލީ ހިސާބެއްގެ އުދަގުލަކާއި އެކީކަން ހިބާއަށް ފާހަގަވިއެވެ.
“ހުމް….މާޒިން. ދާރިސް ބޭނުންތަ މާޒިންއާ ބައްދަލުކޮށްލަން؟ ބުނީމެއްނު ތިމަންނައަށް އެކުއްޖާއަށް ހެލްޕްވެސް ވެވިދާނެއޭ؟” ހިބާ ދާރިސްއަށް ފަރުވާތެރިކަމާއިއެކީ ބަލަން އިނދެ ސުވާލުކުރިއެވެ. އޭނަ އުއްމީދު ކުރި ފަދައިން މާޒިންއާއި ބައްދަލުކުރުމުގެ ވާހަކައިން ދާރިސްގެ މޫނުމަތިން ނުތަނަވަސްކަމެއް ފާޅުވިއެވެ.
“އާނ އެކަމަކު….މި ދުވަސްކޮޅު ފެއާރގެ ކަންތަކާއިހެދި އެ ކުއްޖާ ވެސް ބިޒީވާނެއެއްނު؟ އަދި އެކުއްޖާގެ މަންމް…އެކުއްޖާގެ ޕޭރެންޓް އެ ގޮތަށް ބީރައްޓެއްސަކާއި ބައްދަލުކުރަން ހިތްހަމަނުޖެހިދާނެދޯ؟” ދާރިސް އެހެން ބުނެލިއިރު ކަޅި އެއްދިމާލަކަށް ހުއްޓައިގެން ހުންނަން ދަތިވެފައިވިއެވެ. އަދި އޭނައަށް ނޭނގިވެސް އެއްއަތުގެ އިނގިލިތަކުގެ ނިޔަފަތިތައް އަނެއް އަތުގެ ނިޔަފަތިތަކާއި ހޭކެމުން ދިޔައެވެ.
ދާރިސްއަށް ނޭނގުނެއްކަމަކު ހިބާއަށް އެ ޙަރަކާތްތަކާއި، އޭގެ ފަހަތުގައިވި ސަބަބުތައް ވެސް އެނގުންވިއެވެ.
“ޔޫ އާރ ރައިޓް ދާރިސް….މާޒިން މި ދުވަސްކޮޅު ބިޒީވާނެ. އެހެންވީމަ ފަހުން ދުވަހަކުން އަހަރެން ދާރިސްއާއި މާޒިން ބައްދަލުކޮށްދޭނަން. އެންޑް….އިޓްސް އޯކޭ، ދާރިސް. އެނގޭ އަހަރެން ގާތު މާޒިންއަށް އެހީވެދޭނަމޭ ބުނެވިފަ އޮތީމަ ދާރިސް އެކަން ކޮށްދޭން ވަރަށް ބޭނުންކަން. އެކަމަކު ދާރިސްއަށް އެކަން ކުރަން މާ ދަތިވަންޏާ….ކޮށްނުދެވުނަސް އަހަރެން ދާރިސްއަށް ނަފްރަތެއް ނުކުރާނަން. އެކަމާއިހެދި ދާރިސްއަށް ފާޑު ނުކިޔާނަން. އެކަމާއިމެދު އިތުރު ސުވާލެއް ވެސް ނުކުރާނަން. އެންޑް އައި ވިލް ސްޓިލް ލަވް ޔޫ ދަ ސޭމް!”
ހިބާ ވާހަކައިގެ މެދުތެރެއިން ދާރިސް ޙަރަކާތް ކުރަމުން ދިޔަ ދެ އަތުގެ މަތީގައި އަތް އަޅައި، ލަސްލަހުން ބޮޑުވާ އިނގިލިން އެ އަތުގައި ފިރުމަމުން، މަޑުމައިތިރި އަޑަކުން ދެއްކި ވާހަކައިން ދާރިސް މުޅިން ހިމޭންވާ ގޮތްވިއެވެ. އިސާހިތަކު ދާރިސްގެ އަތުގެ ޙަރަކާތްތައް ހުއްޓި، ކަޅިވެސް އެއްދިމާލަކަށް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި ދާރިސް ހިބާއަށް ބަލައިލީ، ހިބާ އޭނަގެ ޙަޔާތުގައިވި ކަމަށްޓަކައި ޝުކުރުކުރާ ޙާލުގައިކަން އެ ލޮލަށް ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ހިބާ އޭނައާއި ހިނިތުންވެލުމުން ދާރިސް ހިބާގެ ގައިގައި ބައްދައިލީ ވެސް އެވަގުތު ހިތުގައި އުތުރިއަރައިގެން އައި ލޯތްބާއި އެކީގައެވެ.
**
އެ ދުވަހަކީ ހަމްނާމެންނަށް އިތުރު ގަޑި އޮންނަ ދުވަހަކަށްވުމުން އެ ގަޑީގައި ވެސް ހަމްނާ ވީ ސްކޫލްގައެވެ. ލައިޝާމެންނާއި އޭނައާއި ދެމެދު ކަންތައްވެފައިވި ގޮތުން ހަމްނާ ސްކޫލް ތެރޭގައި އުޅޭގޮތް މުޅިން ބަދަލުކުރަން ޖެހިފައިވިއެވެ. އެދުވަހު ސްކޫލަށް އައިއިރު ވެސް ލައިޝާމެންގެ ކައިރީގައި އޭނަ ޢާއްމު ގޮތެއްގައި އިށީންނަ ގޮނޑީގައި އެހެން ކުއްޖަކު އިނެވެ. އެހެންކަމުން ހަމްނާ ގޮސް އިށީންނަން ޖެހުނީ ކުލާހުގައި ވަރަށް މަޑުމައިތިރިކޮށް އުޅޭ އަންހެން ކުދިންގެ ގޮނޑިބަރީގައެވެ.
ހަމްނާ ގޮސް އެ ގޮނޑީގައި އިށީނދެ އެކުދިންނާއި ހިނިތުންވެލިއެއްކަމަކު، އެ ކުދިން ހަމްނާއަށް ލުއި ގޮތަކަށް ބަލައިލުން ނޫންކަމެއް ނުކުރިއެވެ. އެ ކުދިންނަކީ ވެސް އޭނަ ލައިޝާމެންނާއި އެކީ އުޅުނުއިރު، ލައިޝާގެ ހުތުރު ބަސްތަކާއި މަލާމާތްތައް އަމާޒުވެފައިވާ ކުދިންނަށްވީތީވެއެވެ. އެކަން އެނގުންވުމުން ހަމްނާ އެ ކުދިންނަށް މަޢާފަށް އެދެން ވެސް ބޭނުންވިއެވެ. ޚުދު އޭނަގެ ދުލުން އެ މަލާމާތް ނުކުރިއެއްކަމަކު، ތިމާގެ އަޚާ ނުވަތަ އުޚްތާ އެފަދަ ޙާލަތެއްގައި ދިފާޢު ކުރުމަކީ ވެސް އޭނަގެ ވާޖިބެއްކަން އެނގޭތީވެއެވެ. އެހެނަސް އެ މަލާމާތްތަކުން އެކުދިންނަށް ކޮށްފައިވާނެ އަސަރުގެ ފުންކަން އަންދާޒާވެސް ކުރަން ހަމްނާއަށް ދަތިވިއެވެ. މަޢާފަށް އެދެންވީ ގޮތެއް ވިސްނައިގަންނަން ވެސް ނޭނގުނު ސަބަބަކީ އެއީއެވެ.
ނަތީޖާއެއްގެ ގޮތުން ހަމްނާގެ އެ ދުވަސްވެސް މުޅިންހެން ހޭދަވެގެން ދިޔައީ އެކަންޏެވެ. ފިލާވަޅު ހަދަމުން ދިޔައިރު ކައިރީގައި އިންނަ ކުއްޖާއާއި ސުވާލުކުރުމަކީ ހަމްނާގެ އާދައަށް ވިޔަސް އެ ދުވަހު އެގޮތަށް ނެހެދުނެވެ. ޢާއްމު ގޮތެއްގައި އޭނައަށް އުދަގޫ މާއްދާތަކާއި ގުޅޭ ސުވާލުތައް އޭނައަށް ދޭހަ ކުރެވެނީ، އެފަދައިން އެކުވެރިންނާއި މަޝްވަރާ ކުރުމުން ކަމަށްވުމުން، އެދުވަހު ފިލާވަޅުތައް ވެސް ރަނގަޅަށް ހެދޭ ގޮތެއް ނުވިއެވެ. އަދި އަމުދުން އެ ދުވަހު އިންޓަވަލް ގަޑީގައި ހަމްނާ ކެންޓީނަށް ދިޔުމުން އޭނައަށް އެއްވެސް މޭޒެއްގެ ދޮށުގައި އިށީންނަން އެއްވެސް ކުދި ބަޔަކު ފުރުސަތެއް ނުދިނެވެ. އެ ކުދިންނަށް އެގޮތަށް ކަންތައް ކުރަން އެންގިފައިވި ފަދައަކުންނެވެ. ކެންޓީނުން ނިކުންނަން ދިޔައިރު ލައިޝާ އޭނައަށް ދިން ނަޒަރުން އެކަން ޔަޤީން ކުރެވުނެވެ.
އެދުވަހު ކެންޓީނުން އެގޮތަށް ނިކުންނަން ޖެހުމުން ހިތަށް ކުރި އަސަރާއިއެކީ އެދުވަހު ނައުފަލް ހުރިނަމައޭ ހިތަށްއެރިއެވެ. އޭނަގެ ލޯބިވެރިޔާގެ ގޮތުގައި ނައުފަލް ލައިޝާމެންނާއި ދެކޮޅަށް އޭނަ ދިފާޢުކުރީސްކަމަށް ހިތް ބުންޏެވެ. އެހެނަސް ނައުފަލާއި އޭނައާއި ދެމެދު އޮތް އެ ގުޅުމަކީ ވެސް އޭނަ ނިންމައިލަން އުޅޭ ގުޅުމެއްކަން ހަނދާންވި ވަގުތު ލިބުނު މާޔޫސްކަމުން ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. އެދުވަހު ކެންޓީނުން ގަނެގެން އައި ޗޮކްލެޓެއް ހަމްނާ އެކަނި ކުލާހުގައި އިނދެ ކަމުން ދިޔައިރު، އެ އިޙްސާސާއިއެކީ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. އެވަގުތު ހިނދުކޮޅަކަށް ނަމަވެސް އޭނައަށް ތައުބާ ނުވެވުނު ނަމައޭ ހިތަށްއެރިއެވެ. އެދުވަހު ޤުރުއާނުގެ އެ ތަފްސީރު ކިޔެން ނުފެށުނުނަމައޭ ހިތަށްއެރިއެވެ.
އެހެނަސް ހަމްނާ އަވަސްއަވަހަށް އެ ޚިޔާލުތައް ސިކުނޑިން ފޮޅުވައިލިއެވެ. އޭނައަށް ޙަޔާތުގައި ލިބޭނެ އެންމެ އަގުހުރި ނިޢުމަތަކީ އެ ތައުބާއާއި، ތައުބާގެ ސަބަބުން ލިބުނު ހިދާޔަތްކަން ހިތަށް ޔަޤީން ކުރެވިފައިވުމުންނެވެ. އެހެންކަމުން ހަމްނާއަށް އެވަގުތު ހިތާހިތުން އޭނަގެ ޙާލަތް ބަދަލު ކުރެއްވުމަށް އެދި ދުޢާ ކުރެވުނެވެ. އޭނަގެ އެ އިޙްސާސްތަކުން އަރައިގަތުމަށް އެހީވެދެއްވުމަށް އެދި ދުޢާ ކުރެވުނެވެ.
ހަމްނާއަށް ނޭނގުނު ކަމަކީ އޭނަ އެ ދުޢާގައި އެދުނު އެހީވީ، އެ ދުޢާ ކުރުމުގެ ކުރިން ވެސް އޭނައާއި ހަމައަށް އައުމުގެ މަގުމަތީގައި ކަމެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެއަށް ތައުބާވާ އަޅުންނަށް ހިދާޔަތުގެ މަގު ފަސޭހަކޮށްދެއްވައެވެ. އަދި އެކަލާނގެއަށް ތަޤްވާވެރިވާ އަޅުންނަށް، ކޮންމެ ދަތި ޙާލަތަކުން ވެސް ނިކުންނާނެ މަގެއް ދައްކަވައި، ހީވެސް ނުކުރާ ގޮތްގޮތުން އެ އަޅުންނަށް ރިޒުޤު ދެއްވުމަކީ އެކަލާނގެ ގެ ވަޢުދު ފުޅެކެވެ.
މުޅި އެ ދުވަސް ތެރޭގައި ހަމްނާ އުޅުނު ގޮތް އެންމެ ގާތުން ދެކެމުން ދިޔައީ ނަބީހެވެ. އޭނަ ފަދައިން ހަމްނާ ވެސް ރަނގަޅު މަގަށް އެޅުމުން ކުދިންގެ ތެރޭގައި ބާކީވެގެން ދިޔަ މަންޒަރު ފެނި، ނަބީހްގެ ހިތް ދެރަވިއެވެ. ހަމްނާ އެކަނިމާއެކަނި އަމިއްލަ ކަރުނަތައް ފޮހެމުން ކުލާހުގައި އިނދެ ކަމުން ދިޔަ މަންޒަރު ބަލަން ނަބީހަށް ކެތް ކުރެވުނީއެއްވެސް ނޫނެވެ. އެހެންކަމުން އެދުވަހުގެ ސެޝަން ނިމުމުގެ ވެސް ކުރިން، ހަމްނާއަށް އެހީވެވިދާނެ ގޮތަކާއިމެދު ނަބީހަށް ވިސްނައިލެވުނެވެ. އޭނައަށް ޖެހުނު ޙާލުގައި ހަމްނާ އުޅޭތަން ދެކެން ބޭނުން ނުވުމުން، އެދުވަހުން އެދުވަހަށް ވެސް އެ ލިބުނު ޚިޔާލު ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް ނަބީހް ފެށިއެވެ.
“ދޮންބޭ….މިއަދު ހިނގާބަލަ ރަޝީދުބެއާއި ރަޝީދުބެގެ ފެމިލީއަށް ހަވީރު ސަޔަކަށް އިންވައިޓްކޮށްލަން….ރަޝީދުބެ މާލެއިން އައިފަހުން އަދި ދިމަލެއްވެސް ނުވެއެއްނު؟” ނަބީހް ގެއަށް ދިޔަ މަގުމަތީގައި ދޮންބެއާއި ވާހަކަ ދެއްކިއެވެ.
“ހުމް ރަނގަޅު ޚިޔާލެއް….ސިޔާއްކޮ ކައިރި ބުނެލިނަމަ ސްކޫލް ތެރެއިން. އޭރުން ފަސޭހަވީހެއްނު؟” ދޮންބެ ބުންޏެވެ.
“ކަމޯން ދޮންބެ! ޔޫ ނޯ ހައު ޝީ އިޒް….ސްކޫލް ތެރޭގަ ވިއްޔާ އަހަރެން ނުވެސް ދަންނަ ކަމަށް ހެދިގެން އުޅޭ ކުއްޖެއް އެއީ…” ނަބީހް ބޯހޫރުވައިލަމުން ބުނެލި ވާހަކައިން ދޮންބެ ވެސް ހީލަމުން އެހެންދޯއޭ ބުންޏެވެ.
ދޮންބެއާއިއެކީ ނަބީހަށް ވެސް ހީލެވުނީ އޭނަގެ ބޮޑުބޭބެއެއްގެ ހުރި ހަމައެކަނި އަންހެން ކުއްޖާ ކަމަށްވާ ސިޔާރާގެ ގޮތް ހަނދާންވުމުންނެވެ.
ސިޔާރާއަކީ ވެސް ސިޔާރާގެ ބައްޕައާއި މަންމަގެ ފަރާތުން ދީން އުނގެނެން މަސައްކަތް ކުރާ، ދީނަށް ލޯބިކުރާ ކުއްޖެކެވެ. ސްކޫލް ތެރޭގައި ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދޭތެރެ ދޭތެރެއިން އިސްނަގައިގެން ޕްރޮގްރާމްތައް ހިންގުމަކީ ސިޔާރާއާއި އޭނަގެ އެކުވެރިންގެ އާދައެކެވެ. މި ހުރިހާ ކަމަކާއިހުރެ ސިޔާރާއަކީ މިވަގުތު ހަމްނާއަށް ހޯދައިދެވިދާނެ ރަނގަޅު އެކުވެރިއެއްކަމަށް ނަބީހަށް ޤަބޫލުކުރެވުނެވެ.
ސިޔާރާއާއި ހަމްނާ އެކުވެރި ކުރުވުމަށްޓަކައި އެދުވަހު ހަވީރު ސައިގެ ތެރެއިން ނަބީހް ސިޔާރާއާއި ވާހަކަ ދެއްކިއެވެ.
“ހަމްނާ؟! ޔޫ މީން އެއްކަލަ ލައިޝާމެންނާއެކީ އުޅޭ ހަމްނާ؟” ސިޓިންގް ރޫމުގެ ސޯފާތަކުގައި ތިބެ ސިޔާރާއާއި ނަބީހް ވާހަކަ ދައްކަމުން ދިޔައިރު އެ ދެމީހުންގެ ބައްޕަމެންނާއި ނަބީހްގެ ޢާއިލާ އެހެން މީހުން ވެސް ތަފާތު ވާހަކަތަކުގައި ތިއްބެވެ.
“ހުމް….ހަމްނާ ވެސް އިސްލާމް ކްލަބްގެ ތި ގްރޫޕަށްލާން ރަނގަޅުވާނެހެން އަހަންނަށް ހީވަނީ…” ނަބީހް ބުންޏެވެ.
“އާރ ޔޫ ނަޓްސް؟! އެ ލައިޝާމެންނަކީ އަހަރުމެން އަތުން ލިޔެގެން ގޮއްސަދޭ ބްރޯޝާރތައް ވެސް ހޯދާފަ ކުދިކުދިކޮށްލާ މީހުން!”
“ލައިޝާމެންނެކޭ ނުއެއް ބުނަމެއްނު؟ ހަމްނާއޭ ބުނީ. ހަމްނާ މިހާރު އެމީހުންނަކާ ފްރެންޑެއްނޫނޭ…”
“އޯ ޔާ…ތިކަހަލަ ރޫމާރއެއް އަޑު އެހީމޭ. ރޫމާރގެ ތެރެއިން ނަބީހްގެ ނަން ވެސް އިވުނު. އަނެއްކާ ތީނަ އެމީހުންގެ މެދުގަ ފަނި ހެދީތަ؟”
“މައި ގޯޑް! އިވޭހާ ވާހަކަތައް ޤަބޫލުކުރަން ވެސް ނުވާނެކަން ސިޔާއްކޮއަށް ކަންނޭނގެ އެންމެ ރަނގަޅަށް އެނގޭނީ….އެނީހައު އައި ވޯންޓް ޔޫ ޓު ހެލްޕް ހަމްނާ. ހަމްނާ އަސްލު ދީނާއިމެދު އުނގެނެން ފެށި ފަހުން ލައިޝާމެންނާއި ދުރުވެ އެކުވެރިން ނެތިފަ އެ ހުންނަނީ މިހާރު. ޕްލީޒް ހެލްޕް ހާރ…” ނަބީހް ތަކުރާރުކޮށް އެހެން ބުނެލިއިރު އެ މޫނުމައްޗަށް ވެރިވި ހިތާމަވެރިކަން ސިޔާރާއަށް ވެސް ފާހަގަވި ފަދައެވެ. އެހާ ހިސާބުން އޭނަ ވެސް އެ ވާހަކަ ސީރިއަސްކޮށް ނެގިއެވެ.
“ހުމް….އެންމެ ރަނގަޅު. ތިކަން ވެ ނިމުނުކަމަށް ބަލާ، އިން ޝާ ﷲ. އެކަމަކު ނަބީހް އެ ހަމްނާއާއިމެދު މާ ބޮޑަށް ކަންބޮޑުވަނީ ކީއްވެބާ؟ ޔޫ ލައިކް ހާރ؟” ސިޔާރާ ލާނެތް ހިނިތުންވުމަކާއިއެކީ ކޮށްލި ސުވާލުން ނަބީހް ނުތަނަވަސްވާ ގޮތްވިއެވެ.
“ލައިކް…އެއްނޫން.” ނަބީހް އެހެން ބުނުމާއިއެކު ސިޔާރާ ކުއްލި ގޮތަކަށް އެތެރެއަށް ނޭވައެއް ލަމުން އަނގަމަތީގައި ދެއަތް އަޅައިލިއެވެ.
“އެހެންވެއްޖެއްޔާ ލަވްތަ؟ ސުބްޙާނަ ﷲ!”
“ސިޔަ-“
“ނަސީރުބެ ނަބީހަށް ކަމުދާ ކުއްޖް…..އިއޫ!!!”
ސިޔާރާ ނަބީހަށް ފުރުސަތެއް ނުދީ، ނަބީހްގެ ބައްޕަގާތު ހަރުއަޑުން އެ ވާހަކަ ބުނަން ފެށިތަނާ ހުއްޓުމެއް އައީ، ނަބީހް އަވަސް ޙަރަކާތްތަކާއިއެކީ މޭޒުމަތީގައި ހުރި ބިސްކޯދުތަށިން ބިސްކޯދެއް ނަގައި، ސިޔާރާގެ ސައި ތަށްޓަށް އަޅައިލުމުންނެވެ. އެއާއިއެކު ސިޔާރާ ދަތްކުނޑި ވިކަމުން ނަބީހަށް ލޯ އަޅައިލިއިރު ރުޅިން މޫނު ރަތްވެފައިވިއެވެ. އެ މަންޒަރު ފެނި، ނަބީހްގެ ބައްޕަ ނަބީހްގާތު އެހެން ނެހެދުމަށް ބުންޏެވެ. ނަބީހް ޖަވާބުގައި ކޮޅަށް ތެދުވަމުން ‘އޫޕްސް’ އޭ ބުނެ ޒާތަކަށް ސިޔާރާއަށް މަޢާފަށް އެދިލިއެވެ. އެއަށްފަހު އާ ސައި ތަށްޓެއް ބޭނުންތޯ ރާގަކަށް އައިލުމުން ސިޔާރާ ދެންވެސް ނުރުހުންވެފައި އިނދެ ދެން ހެވޭ ބުނެލަމުން ސަމުސަލެއް ނަގައި ސައިތަށިން ބިސްކޯދު ނެގުމުގެ މަސައްކަތް ފެށިއެވެ.
**
އޭގެ އަނެއްދުވަހުގެ އެސަމްބްލީގައި، ލައިޝާއާއި ދާދި އެއްވަރަކަށް މަޝްހޫރުކަން ލިބިފައިވާ ކުއްޖެއް ކަމަށްވާ ސިޔާރާ ސްޕީޗެއްދިނެވެ. ސިޔާރާއަކީ ހަމްނާއާއި މުޅިން ތަފާތު ސްޓްރީމެއް ކިޔަވާ ކުއްޖަކަށްވުމުން ސިޔާރާއާއި ހަމްނާ މާ ގިނައިން ބައްދަލުވެފައެއް ނުވެއެވެ. އެހެނަސް ސިޔާރާއަކީ ދީނީ ޕްރޮގްރާމްތައް ސްކޫލްގައި ހިންގާ ކުއްޖެއްކަން ހަނދާންވުމުން، އެ ކުއްޖާއާއި ގުޅޭ އިތުރު އެހެންކަމެއް ނޭނގުނަސް، ހިތުގައި އެކުއްޖާއަށްޓަކައި ފުން ލޯތްބެއް އުފެދުނެވެ.
“މިފަހަރު އަޅުގަނޑުމެން ސްކޫލްގައި ހިންގަން މިއުޅެނީ ރަސޫލު ބޭކަލުންގެ ދުޢާތަކާއި ގުޅޭ ޕްރޮގްރާމެއް….މި ޕްރޮގްރާމްގައި އަޅުގަނޑުމެން ޙިއްސާކުރާނީ ޤުރުއާނުގައި އައިސްފައިވާ އެކި ރަސޫލު ބޭކަލުންގެ ދުޢާތައް. މިގޮތުން މުޅި މި މަސްތެރޭ އަޅުގަނޑުމެން އިސްލާމް ކްލަބްއިން އެސަމްބްލީތަކުގައި އެ ދުޢާތައް ޙިއްސާކޮށް ސްކޫލްގެ އެކި ތަންތާނގައި އެ ދުޢާތައް ޑިސްޕްލޭ ވެސް ކުރާނަން އިން ޝާ ﷲ! މީގެ އިތުރުން މި މަހުގެ ކޮންމެ ހަފްތާ ބަންދެއްގަ އަޅުގަނޑުމެން އޭގެ ތެރެއިން ބައެއް ދުޢާތައް ތަފްޞީލުކޮށްދޭ ދަރުސްތަކެއް ވެސް ބާއްވާނަން. އެ ދަރުސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ގަނޑުތައް މިއަދު އަޅުގަނޑުމެން ހުރިހާ ކުދިންނާއި ޙިއްސާކުރާނަން. ވީހާވެސް ގިނަ ކުދިން މި ޕްރޮގްރާމްގައި ބައިވެރިވާނެކަމަށް އުއްމީދުކުރަން އިން ޝާ ﷲ!”
ސިޔާރާ އިނގިރޭސި ބަހުން ދެއްކި ވާހަކަ އިވިގެން ދިޔަދިޔަހެން، ހަމްނާގެ މޫނުމައްޗަށް އުޖާލާވި ހިނިތުންވުމެއް ވެރިވީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެވަގުތު އޭނައަށް ސިޔާރާގެ އެ މަޤާމުގައި ހުރެވުނުނަމައޭ ހިތަށްއެރިއެވެ. އެއީ ކޮންމެހެން ސިޔާރާގެ މަޝްހޫރުކަމުގެ ސަބަބުންނެއް ނޫނެވެ. އެހެނެއްކަމަކު ސިޔާރާ އެ ހިންގާ ޕްރޮގްރާމްގެ ސަބަބުން ސިޔާރާއަށް ލިބޭނެ ޘަވާބުގެ ގިނަކަމާއި މަތިވެރިކަން އެނގުންވީތީވެއެވެ. ހަމަ އެހިނދު އޭނައަށް ވެސް އެފަދަ ގިނަ ޘަވާބުތައް ލިބޭނެފަދަ ޢަމަލުތަކާއި ހަމައަށް ދިޔުމުގެ ފުރުސަތެއް ދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.
ހަމްނާއަށް ނޭނގުނު ކަމަކީ އޭނަގެ އެ ދުޢާއަކީ ވެސް އެ ދުޢާ ހިތަށް ވެރިވުމުގެ ކުރިން ވެސް އިޖާބަވެގެންވި ދުޢާއެއް ކަމެވެ. އޭނަގެ މައްޗަށް އޮތް ﷲ ގެ ރަޙްމަތުގެ ބޮޑުކަން ހަމްނާއަށް އެނގުންވާން ފެށީ އެދުވަހު ވެސް އިންޓަވަލް ގަޑީގައި، ކުލާހުގައި އެކަނި އިން ވަގުތެއްގައެވެ. އެދުވަހު ކާ ހިތެއް ވެސް ނެތުމުން ހަމްނާ އިނީ އެދުވަހު ދެވުނު ގޭގެ މަސައްކަތެއް ކުލާހުގައި އިނދެ ނިންމާށެވެ. އެ މަސައްކަތަށް މެދުކެނޑުމެއް އައީ، ކޮންމެވެސް ކުއްޖަކު ކުލާހުގެ ދޮރުމައްޗަށް އަރައި ސަލާމް ގޮވައިލުމުންނެވެ.
“އައްސަލާމްޢަލައިކުމް!” ކުލާހުގެ ހުޅުވިފައިވާ ދޮރުގައި ދެވުނު ޓަކިއާއި އެކީ، އެ އަޑު އިވުމުން ހަމްނާއަށް ބަލައިލެވުނެވެ.
“ވަޢަލައިކުމުއް…ސަލާމް..” ހަމްނާ ވަކި ވިސްނުމެއްނެތި ޖަވާބު ދެމުން، އެ ދިމާލަށް ބަލައިލި ހިނދު، ސިޔާރާ ފެނިފައި ލިބުނު ޙައިރާންކަމުން އަޑު ކެނޑިގެން ދިޔައެވެ.
“ހަމްނާދޯ ތިއީ؟” ސިޔާރާ އުޖާލާވި ހިނިތުންވުމަކާއިއެކީ ކުލާހަށް ވަދެގެން އަންނަމުން ސުވާލުކުރިއެވެ.
“ލައްބަ…” ހަމްނާ ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ ޖަވާބުދިނެވެ. އެއްދުވަހު އޭނަ ލައިޝާމެންނާއިއެކީ ހުއްޓާ ސިޔާރާ ދިން ގަނޑެއް ލައިޝާ ވީދައިލި ގޮތް ހަނދާންވެފައެވެ. ހަމްނާ ހީކުރީ އެދުވަހުގެ ނުރުހުންތެރިކަން ސިޔާރާގެ ވާހަކައިން އިވިގެން ދާނެކަމަށެވެ. އެހެނަސް….
“ހަމްނާ ބިޒީ ގަޑިއެއްތަ؟ ބިޒީ ނޫނިއްޔާ ސިޔާ މިއައީ އެއްކަލަ ޕްރޮގްރާމްއާއި ގުޅޭ ޕޭމްފްލެޓްއެއް ދީފަ އެއާއި ގުޅޭ ގޮތުން ކިޔައިދޭންވެގެން…” ސިޔާރާ ދެންވެސް ނުފިލާ ހިނިތުންވުމަކާއިއެކީ އެކުވެރިކަން އިސްކުރިއެވެ. އެހިނދު ސިޔާރާގެ އަތުގައި އޮތް ގަނޑާއި، މުށިކުލައިގެ ކަރުދާސް ކޮތަޅު ހަމްނާގެ ލޮލުގައި އެޅިއެވެ. އެހިނދު އޭނަގެ ބަނޑުހައިވެފައި އިން މިންވަރު އެނގުންވީ، ބާރގާއެއްގެ މީރުވަސް ލިބި ކުޅު ދިޔާވުމުންނެވެ. އެހެނަސް ހަމްނާ އަވަސްއަވަހަށް އެކަން ހަނދާން ނައްތައިލެވޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ.
“އެހާ ބިޒީއެއް ނޫން….ހަމަ ކިޔައިދޭންވީ އެ ޕްރޮގްރާމާއި ގުޅޭ ގޮތުން. މިއަދު އެސަމްބްލީގަ އިވުނު ގޮތުން ވެސް ވަރަށް އިންޓްރެސްޓް ޖެހިއްޖެ އެއަށް….” ހަމްނާ އޭނަގެ ގަލަން ބާއްވައި ފޮތް ވެސް ލައްޕައިލަމުން ސިޔާރާއަށް ސަމާލުކަން ދިނެވެ.
“ހެހެ…..މީތި ކުޑަކޮށް ކިޔައިލައްޗޭ. އަނެއްހެން ހުރިހާ ތަފްޞީލެއް މީގަ ހުންނާނެ. އެކަމަކު ހަމްނާ ކައިރިއަށް މި އައީ ކުޑަ ކަމަކު އެދެންވެގެން. އިފް ޔޫ ޑޯންޓް މައިންޑް…” ސިޔާރާ ހަމްނާގެ އަތަށް ޕޭމްފްލެޓް ދިނުމަށްފަހު ބުންޏެވެ.
“ޔެސް އިން ޝާ ﷲ. ކޮށްދެވޭވަރު ކަމެއްވިއްޔާ ކޮށްދޭނަން…”
“އަސްލު މި ވާ ގޮތަކީ މިފަހަރުގެ ޕްރޮގްރާމްގެ ގޮތުން ޕްރޮގްރާމަށް ތައްޔާރުވުމަށް އެކްޓިވްކޮށް އުޅޭނެ އިތުރު ކުއްޖަކު ބޭނުން އެބަވޭ. އިސްލާމް ކްލަބްގަ ބައިވަރު ކުދިން އުޅޭ. އެކަމަކު ޢާއްމު ގޮތެއްގަ ކަންތައް ތައްޔާރު ކުރުމުގަ އުޅޭނީ ސިޔާއާއި ސިޔާގެ ތިން ފްރެންޑުން….އަޑު އިވުނު ގޮތުގަ ހަމްނާ ވެސް ދީނަށް ޝައުޤުވެރިކަން ހުންނާތީ ހަމްނާގާތު އެ ކްލަބްގެ އެކްޓިވް މެމްބާރއަކަށް ވާން ރިކުއެސްޓްކުރަން މިއައީ…”
ސިޔާރާ ބުނެލި ވާހަކައިން ލިބުނު ހިސާބެއްގެ ޝޮކާއިއެކީ ހަމްނާގެ ދެލޯ ބޮޑުވިއެވެ. ދުޢާއެއް އޭނައަށް ކުރެވުނުތާ އަދި އެހާ ގިނައިރެއްވެސް ނުވަނީސް އެ ދުޢާ އިޖާބަވެގެން ދިޔަކަން އޭނައަށް އެނގުންވި ފުރަތަމަ ފަހަރަކީ އެއީއެވެ.
“އައި….އޮފްކޯސް އައި ވިލް ޑޫ އިޓް އިން ޝާ ﷲ! ސިޔާރާގެ ނޮލެޖް ހުންނަ ވަރަށް އަހަރެން ހުންނާނެހެން ހިއެއްނުވޭ. ބަޓް އައި ވިލް ޓްރައި. ކޮށްދެވެން އޮތް ކޮންމެ ކަމެއް ވެސް ކޮށްދޭނަން އިން ޝާ ﷲ!” ހަމްނާ ހިތަށް ވެރިވެގެން ދިޔަ އާދަޔާ ޚިލާފު އުފާވެރިކަމާއިއެކީ ވާހަކަ ދެއްކިއެވެ.
“ހެހެ….ތިހެން ނުބުނޭ. ﷲ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ޢިލްމު އިތުރުކޮށްދެއްވާ. ސިޔާ ޢިލްމު އުނގެނޭތާ ގިނަ ދުވަސްވެފައި ވިޔަސް ހަމްނާގެ އިޚްލާޞްތެރިކަމާއި ތަޤްވާވެރިކަމުގެ ސަބަބުން ސިޔާއަށް އާޔަތަކުން ނުލިބޭ އެތައް ޢިބްރަތެއް ހަމްނާއަށް ލިބިދާނެ….އެހެންވީމަ ނޮލެޖް ނެތޭ ނުބުނައްޗޭ…ކުޑަ ކަމެއް ނޫން ހަމްނާއާއި ޙަވާލުކުރަން މި ޚިޔާލުކުރަނީ ވެސް. އެ ޓާސްކްގެ ތަފްޞީލު މިރޭ މެސެޖަކުން ފޮނުވާނަން އިނގޭ؟ ހަމްނާގެ ނަންބަރެއް އޮވޭތަ؟”
ސިޔާރާ އެހެން ބުނުމާއިއެކު ހަމްނާ އާނއެކޭ ބުނެ ވަގުތުން ދަބަސް ތެރެއިން ނޯޓު ފޮތެއް ނަގައި އޭނަގެ ނަންބަރު ލިޔެލުމަށްފަހު އެ ގަނޑުކޮޅު ސިޔާރާއަށް ދިނެވެ.
“އޯލްރައިޓް! މިރޭ އިސްލާމް ކްލަބްގެ ގްރޫޕަށް ހަމްނާ އެޑް ކުރާނަން އިނގޭ؟ އެންޑް….ދިސް އިޒް ފޯ ޔޫ. ހަމްނާ ފެނޭތޯ ކެންޓީނަށް ދިޔައިމަ ކުއްޖަކު ބުނި މިހާރު ހަމްނާ މި ކެންޓީނަކުން ނުކާނެއޭ…އެކްސްޓްރާ ކްލާސް އޮންނަ ދިގު ދުވަހެއްދޯ މިއީ؟ އެހެންވީމަ މި ކާލާ….މަންމަ މާ ބޮޑަށް ކަންބޮޑުވާތީ އަހަންނަށް އެކްސްޓްރާކޮށް ހަދައިދޭ ބާރގާއެއް މިއީ….” ސިޔާރާ އޭނަގެ އަތުގައި އޮތް މުށިކުލައިގެ ކޮތަޅު ދިއްކޮށްލުމުން ހަމްނާ އޭތި ހޯދަން ޖެހިލުންވާ ގޮތްވިއެވެ.
“އެކަމަކު….މިއަދު އެކްސްޓްރާ ކްލާސް އޮންނާތީ ނޫންތަ މަންމަ އެކްސްޓްރާ އެއްޗެއް ފޮނުވީ؟” ހަމްނާ އެ ހޯދުމެއްނެތި އެހިއެވެ.
“ނޫނެކޭ! އަހަންނަކީ އެހާ ގިނައިން ކާ ހިތްވާ މީހެއްނޫން. މަންމަ ކައިރި ބުނެބުނެ އެކަން ޤަބޫލެއް ނުކުރެއޭ. މި އަހަރެން ހަމްނާއަށް ނުދިނިއްޔާ މީތި އުކާނީއޭ ހަމަ….އެއަށްވުރެ މާ ރަނގަޅުވާނެދޯ ޘަވާބެއް ހޯދައިލިއްޔާ. ދެން މާ ބޮޑަށް ނުވިސްނާ މި ކާލާ. މީރުވިއްޔާ އަހަންނަށްޓަކައި ދުޢާކޮށްދެއްޗޭ!” ސިޔާރާ އެ ވާހަކަ ދައްކަމުން ހަމްނާގެ އެއްއަތް ހިއްލައި އޭނަގެ އަތުގައި އޮތް ކޮތަޅު އެ އަތާއި ޙަވާލުކުރިއެވެ. ސިޔާރާގެ އެ ޙަރަކާތުންނާއި ބުނެލި ވާހަކައިން ހަމްނާއަށް ހިނިތުންވެލެވުނެވެ.
ހަމްނާ އިން ޝާ ﷲ އޭ ބުނެ ސިޔާރާގެ ހަދިޔާ ޤަބޫލުކުރުމުން، މާދަމާއިން ފަށައިގެން އިސްލާމް ކްލަބްގެ ‘އެކްޓިވް’ ކުދިން އިންޓަވަލް ކުރާނީ އެކީގައިކަމަށް ސިޔާރާ ބުންޏެވެ. އެއީ ޕްރޮގްރާމާއި ގުޅޭ ކަންތައް މަޝްވަރާކުރުމުގެ ގޮތުންނެވެ. ހަމްނާ އުފަލާއިއެކީ އެއަށް އެއްބަސްވިއެވެ. އެއަށްފަހު ސިޔާރާ ދިޔުމަށްފަހު ވެސް އިރުކޮޅެއް ވަންދެން ހިނިތުންވުމެއްގައި އިނދެވުނެވެ. އޭނަ ދުލުން ކުރާ ދުޢާތަކާއި ދުލާއި ހަމައަށް ނުގެންނަ ދުޢާތައް ވެސް އިޖާބަ ކުރައްވާ ރަސްކަލާނގެއަށް ޙަމްދު ކުރެވޭ ޙާލުގައެވެ.
އެދުވަހަށްފަހު ހަމްނާގެ ޙަޔާތުގައި ފެށިގެން ދިޔައީ މުޅިން އާ ބާބެކެވެ. ސިޔާރާ ވަޢުދުވި ފަދައިން ހަމަ އެރޭ ހަމްނާ އިސްލާމް ކްލަބްގެ ޙަރަކާތްތައް ރާވާ ކުދިންގެ ވައިބާރ ގްރޫޕަށް ވެއްދުނެވެ. ހަމްނާ އެ ގްރޫޕަށް އާވިއެއްކަމަކު އެކުދިން އެރޭވެސް ހަމްނާ ބީރައްޓެހިވިޔައެއް ނުދިނެވެ. ހަމްނާއަށް ގްރޫޕް ފުރަތަމަ ބަލައިލިއިރު ވެސް ގްރޫޕްގެ ހުރިހާ ކުދިން ހަމްނާއަށް މަރުޙަބާ ކިޔައި ގްރޫޕަށް އާ ކުއްޖަކު އައީތީ އުފާ ފާޅުކޮށްފައިވިއެވެ. ހަމްނާ އެ މެސެޖުތަކުގެ ޖަވާބަކަށް ޝުކުރު އަދާކުރިއެވެ. އަދި އެކުދިންނާއިއެކީ މަސައްކަތް ކުރަން ކެތްމަދުވާ ވާހަކަ ބުންޏެވެ.
ސިޔާރާ އެރޭވެސް ޕްރޮގްރާމަށްޓަކައި އެކި ކުދިން ކުރަންޖެހޭ ކަންތައް ގްރޫޕްގައި ލިޔުނެވެ. ހަމްނާއާއި ޙަވާލު ކުރެވުނީ ސުލައިމާން ޢަލައިހިއްސަލާމްގެ ދުޢާތަކާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތެވެ. އެ ވާހަކަ ލިޔުމަށްފަހު ސިޔާރާ ހަމްނާ ކައިރިން އެންމެ ރަނގަޅުތޯ އެހިއެވެ. ހަމްނާ އެއަށް އާނބަސް ދިނީ އޭނަ އެދުވަސްވަރު ތަފްސީރު ކިޔަމުން ދިޔަ ސޫރަތުން ސުލައިމާން ޢަލައިހިއްސަލާމްގެ ދުޢާއެއް ފެނިފައިވީތީވެއެވެ.
އޭގެ އަނެއް ދުވަހުން ފެށިގެން ހުރިހާ ކުދިން އެކީގައި ޕްރޮގްރާމްގެ ޢަމަލީ މަސައްކަތްތައް ފެށިއެވެ. ސިޔާރާ ބުނިހެން އިންޓަވަލް ގަޑީގައި ހުރިހާ ކުދިން ބައްދަލުކޮށް އިތުރު މަޝްވަރާތަކެއް ކުރެވުނެވެ. އަދި އެދުވަހުން ފެށިގެން އެކުދިން ގޭގައި ވެސް ވީޑިއޯ ކޯލްކޮށްގެން ވެސް ޕްރޮގްރާމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ދިޔައެވެ. އެ މަސައްކަތަށްޓަކައި ގިނަ ވަގުތު ހޭދަކުރަން ވިޔަސް ނަމާދު ވަގުތުން އަދާ ކުރުމާއި ޤުރުއާން ކިޔެވުމަށް ފަރުވާ ކުޑަ ނުކުރުމަށް ސިޔާރާ ހަމްނާއަށް ނަސޭޙަތްތެރިވިއެވެ. އެހެނީ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ ޢަމަލުތަކަކީ އެކަލާނގެ ފަރުޟު ކުރައްވާފައިވާ އަޅުކަންތަކެވެ. އެކަލާނގެ އާޔަތްތައް ޙިއްސާކުރުމުގެ މަސައްކަތަކީ އެ ލޯބިފުޅު އިތުރަށް ލިބޭނެ މަގެއްގެ ގޮތުން ކުރާ ކަމެކެވެ.
މީގެ އިތުރުން އެ މަސައްކަތް ކުރިޔަސް ސްކޫލްގެ ކިޔެވުމަށް ވެސް ފަރުވާ ކުޑަ ނުކުރުމަށް ސިޔާރާ ބުންޏެވެ. އެހެނީ ކިޔެވުމަށް ފަރުވާ ކުޑަ ކުރަން ފަށައިފިނަމަ ދީނާއި ދުރު ކުދިން އެމީހުންނާއި ދިމާލަށް އިނގިލި ދިއްކުރަން ފަށާނެއެވެ. އެ ދީނަކާއިގެން އުޅޭތީ ނުވެސް ކިޔެވޭ ކަމަށް ބުނާނެ ކަމަށް ސިޔާރާ ބުނެލީ އަމިއްލަ ތަޖުރިބާއިންނެވެ. އެހެންކަމުން އެމީހުން ވާންޖެހޭނީ ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ ނަތީޖާ ނެރޭ ނަމޫނާ ކުދި ބަޔަކަށްކަމަށް ސިޔާރާ ބުންޏެވެ.
ހަމްނާ ސިޔާރާގެ އެ ހުރިހާ ނަސޭޙަތެއް ޤަބޫލުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ހަމްނާގެ ޙަޔާތަށް އިހުނަށްވުރެ ވެސް ބޮޑެތި ބަދަލުތައް އަންނަން ފެށިއެވެ. މުޅި ދުވަސް ހޭދަވެގެން ދަނީ ﷲ ގެ ހަނދުމައިގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމާދުކުރަނީ ވެސް ﷲ އަށްޓަކައެވެ. ސްކޫލްގެ ކިޔެވުން ކިޔަވަނީ ވެސް އެކަލާނގެ އޭނައަށް ދެއްވި ޤާބިލިއްޔަތުކަމަށް ޝުކުރުވެރިވެ، އެކަލާނގެއަށް އިޙްސާންތެރިވުމަށެވެ. އެކަލާނގެ ދީން އުނގެނި އެ ދީން ފަތުރަން މަސައްކަތް ކުރަމުން ދިޔައީ، އެކަލާނގެ ގެ ލޯބިފުޅާއި ގާތްވުމުގެ ބޭނުމުގައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ހިތަށް ލިބިފައިވަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އެ ހިތްހަމަޖެހުމުގެ ސަބަބުން ވަށައިގެން ތިބޭ މީހުންނަށް އެކި ގޮތްގޮތުން އެހީވުމަށް ހިތުގައި އޮތް އެދުން ވެސް ބޮޑުވެފައިވެއެވެ. ފަހަކަށް އައިސް ހަމްނާ ގޭގެ ތެރޭގައި އުޅެމުން ގޭގެ މަސައްކަތްތައް ވެސް ކުރަމުން ދިޔައީ ދޮންތަގެ ބުނުމެއް ނެތިއެވެ. އަދި ކުލާހުގައި އޭނަގެ ކައިރީގައި އުޅޭ ކުއްޖަކު އެއްޗެއް ނެތިގެން އުޅޭނަމަ އެ އެއްޗެއް ދެވެނީ، ދެވަނަ ވިސްނުމެއްވެސް ނެތިއެވެ. އެހެންކަމުން ހަމްނާ ލަސްލަހުން އެ ކުދިންނާއި ވެސް އެކުވެރިވާން ފެށިއެވެ.
ހޮނިހިރު ދުވަހެއްގައި ހަމްނާ ސިޔާރާމެންނާއި އެކީ ސްކޫލަށް ދިޔައީ، އެމީހުން ހޯދި ދުޢާތަކާއި ގުޅޭ ޕޯސްޓަރުތައް ސްކޫލްގެ ފާރުތަކުގައި ޑިސްޕްލޭ ކުރުމަށެވެ. ހަމްނާ ދުޢާތައް ތަތްކުރަމުން ގޮސް އޭނަގެ އަތަށް ދެވުނު އެންމެ ފަހު ދުޢާ ޑިސްޕްލޭ ކުރި ހިނދު، ހުއްޓުން އެރިއެވެ. އެ ދުޢާއަކީ، މި ވޭތުވެދިޔަ ދުވަސްކޮޅުގައި އޭނަގެ ޙަޔާތުގައި ހިނގައިދިޔަ ކަންތައް ޚުލާޞާކުރާ ދުޢާއެއްހެން ހީވުމުންނެވެ.
ސުލައިމާން ޢަލައިހިއްސަލާމްގެ އެ ދުޢާގެ ކުރީކޮޅުގައި އެކަލޭގެފާނު ވަނީ، އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ މައިންބަފައިންނަށް ދެވުނު ނިޢުމަތްތަކަށް ޝުކުވެރިވުމަށް ވާގި ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި ﷲ ރުހިވޮޑިގެންވާފަދަ ޢަމަލުތައް ކުރެއްވުމަށް ވެސް ވާގި ދެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އެއަށްފަހު ދެން ހުރި ބަސްތަކުން ކުރި އަސަރުން، ޕޯސްޓަރަށް ބަލަން ހުރެ، ހަމްނާއަށް ވައި އަޑުން އެ ބައި ކިޔައިލެވުނެވެ.
“وَ أَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِيْن…” އެ ބަސްތައް ކިޔައިލެވުނު ހިނދު ހަމްނާއަށް ހިނިތުންވެލެވުނެވެ. އޭގެ މާނައަކީ ތިމަންއަޅާ އިބަރަސްކަލާނގެ ރަޙްމަތްފުޅުން އިބަރަސްކަލާނގެ ގެ ޞާލިޙު އަޅުތަކުންގެ ތެރެއަށް ވެއްދެވުމަށެވެ. މި ދުނިޔޭގައި ވެސް ޞާލިޙު އަޅުތަކުންގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބުމަކީ ކިހާ ބޮޑު ރަޙްމަތެއްކަން އޭނައަށް މިހާރު އިޙްސާސް ކުރެވެއެވެ.
އެ އިޙްސާސުގެ ތެރެއަށް ހަމްނާ ގެއްލެން އުޅުނު ހިނދު، އެ ޚިޔާލުތަކުން ނިކުމެވުނީ، ފަހަތުން ނުހަނު ދަންނަ އަޑެއް އިވިގެން ދިޔުމުންނެވެ.
“ހަމް!” އެ އަޑު އެތައް ދުވަހެއް ފަހުން އިވިފައި ހަމްނާގެ ދެލޯ ބޮޑުވީ ހިނދު، އަތް ފައި ފިނިވާ ގޮތްވިއެވެ. ހިތުގެ ތެޅުން އަވަސްވެ، ނޭވާ ކުރުވެގެން ދިޔަ ގޮތުން ބިރުގަންނަހާވަރު ވިއެވެ. އެހެނަސް ހަމްނާ ހުރިހާ ހިތްވަރެއް އެއްކުރަމުން ފަސްއެނބުރިލިއެވެ. އެހިނދު އެތާ ހުރީ، ރަތްކުލައިގެ ފުޓުބޯޅަ ޖޯޒީއެއްގައި ހުރި ނައުފަލް ނޫން ދެވަނަ މީހެއްނޫނެވެ.
“ލޯންގް ޓައިމް ނޯ ސީ، ލަވް!” ނައުފަލް އެހެން ބުނެލި ހިނދު އެ ލޯ މަތިން ފެނުނު އަސަރުންނާއި، ތުންފަތްމަތިން ފެނުނު ހިނިތުންވުމުން ހަމްނާގެ ހިތް އަނެއްކާވެސް ބަލިކަށިވާން ފެށިހެން އޭނައަށް ހީވިއެވެ. އެހިނދު ކުރު އާހެއްގެ އަޑު އަނގައިން ބޭރުވެގެން ދިޔައީ، އިސާހިތަކު އެ ހިތް ވަށައިލަން ފެށި ނާއުއްމީދީ އިޙްސާސްތަކެއްގެ ސަބަބުންނެވެ.
**
ސައިންސް އެންޑް ޓެކްނޮލޮޖީ ފެއާރ އޮންނަ ތާރީޚް ޖެހެން އެންމެ 5 ދުވަހަށް ވެފައިވުމުން ހިބާ ފުދޭވަރަކަށް މަސައްކަތް ބުރަވެފައިވިއެވެ. އެހެނަސް ހިބާ ވީހާވެސް ވަރަކުން ދާރިސްއަށް ވެސް ވަގުތު ދެމުން ދިޔައެވެ. އެހާ ހިސާބަށް ދިޔައިރު ދާރިސްއަށް ވެސް ވަނީ އެ ފެއާރއަށް ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ދިޔުމަށް ދަޢުވަތު ލިބިފައެވެ.
“އައި ސްޓިލް ކާންޓް ބިލީވް ދިސް އިނގޭ…..ކުރިން އަހަރެން ކިޔަވާފަ ހުރި ސްކޫލަކަށް ޗީފް ގެސްޓެއްގެ ގޮތުގަ މި ދަނީ ފުރަތަމަ ފަހަރަށް…” ދާރިސް އެހެން ބުނެލީ، ވައިބާރ މެދުވެރިކޮށް އޭނައަށް ލިބުނު ދަޢުވަތު ކާޑަށް ބަލަން އިނދެއެވެ.
“އައި ނޯ ރައިޓް؟ އެންޑް ދަ ބެސްޓް ޕާޓް….ދާރިސް ދުވަހަކުވެސް ކާމިޔާބު ނުވާނެއޭ ބުނި ޓީޗާސް އަދިވެސް އެބައުޅޭ އެ ސްކޫލްގަ. އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ހަމަ އެކަހަލަ ވިސްނުމެއްގަ އުޅެނީ. އިސްމާޢިލް އީތަންއަކީ ކާކުކަން އެމީހުންނަށް އެނގޭނެނަމައޭ ހިތަށް އެބައަރާ. ހައު އައި ވިޝް!” ހިބާ ލެޕްޓޮޕުން މަސައްކަތެއް ކުރަން ކިޔަވާ މޭޒުދޮށުގައި އިނދެ، ރާގަކަށް ބުނެލި ގޮތުން ދާރިސްއަށް ހީލެވުނެވެ.
ހަމަ އެވަގުތު ހިބާގެ ފޯނު ރިންގުވާން ފެށުމުން، ހިބާ ދާރިސްއަށް ބަލަން އުޅެފައިވެސް މޭޒުމަތީގައި އޮތް ފޯނުގެ ސްކްރީނަށް ނަޒަރެއް ދިނެވެ. އެހިނދު އެ ސްކްރީނުން ‘މާޒިން’ ގެ ނަން ފެނިފައި ހިބާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލީ، އެ ގުޅަނީ ކާކުކަން އެނގި، ދާރިސް ވެސް އެތާނގައި ހުރިކަން އެނގުންވުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް ކޮޓަރިން ބޭރަށް ދާން ހިތަށްއެރިއެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި އެ ޚިޔާލު ބަދަލުކޮށްލަމުން ހިބާ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ސަލާމް މާޒިން މަންމާ!” ހިބާ ދާރިސްއަށް އިވޭނެ ވަރަށް އެހެން ބުނެލީ ޤަޞްދުގައެވެ. ދާރިސްއަށް ނުބެލިއެއްކަމަކު ދާރިސް އެވަގުތު އެދިމާލަށް ބަލައިލިކަން ހިބާއަށް ޔަޤީން ކުރެވުނެވެ.
އެ ބަލައިލުމަށްފަހު ދާރިސް އުދަގުލެއްވެގެން އުޅޭ ފަދައަކުން އެނދުން ތެދުވެ، ކޮޓަރިން ނިކުމެގެން ދިޔައެވެ. ހިބާއަށް އެކަން އެނގުންވީ ދާރިސްގެ ފިޔަވަޅުތަކުގެ އަޑުންނެވެ.
“ވަޢަލައިކުމުއްސަލާމް ހިބާ…ވަރަށް ބޮޑަށް މަޢާފަށް އެދެން ހިބާއަށް މިހާ ބުރަވާނެ ދުވަސްކޮޅެއްގަ ގުޅަން ޖެހުނީތީ. އެކަމަކު މި ގުޅައިލީ މާޒިން ގޮތްދޫނުކޮށްގެން ހަދާނެ ގޮތެއް ނޭނގިގެން ހަމަ…” މުނީރާ އެކޮޅުން ވާހަކަ ދެއްކި އަޑު އިވުނެވެ.
“މައްސަލައެއްނޫނޭ ގުޅިޔަސް. ކިހިނެއްވީ މާޒިންއަށް؟” ހިބާ އެހިއެވެ.
“އެ ބުނާ ސައިންސް ފެއާރއަކަށް މާޒިން ހަމަ ކޮންމެހެން ވެސް ހަދަން ބޭނުންވަނީ ރޮބޮޓެއް. އެހެންނޭ ކިޔާފަ އަހަންނަށް އެބަ ދައްކާ ބޭރުގެ ކޮންމެވެސް ކުންފުންޏަކުން ކުޑަކުދިންނަށްޓަކައި ހަދައިގެން އުޅޭ ރޮބޮޓްތަކެއް. ބުނީ އޭގެ އެއްޗެއް ގަނެދިނިއްޔާ މާޒިން ބޭނުން ގޮތަކަށް އޭތި މޫވް ކުރާ ގޮތަށް ހަދާނަމޭ….މާޒިން މަންމަ ބުނިން އެގޮތަށް ގަންނަ އެއްޗެއް ނޫނޭ ފެއާރގަ ހުންނަންވާނީ. އެހެންނޫނަސް އެ އެއްޗެއް ގަތަސް ފެއާރ އޮންނަ ދުވަހަކަށް އޭތި މިހާ ހިސާބަށް ނާންނާނެއޭ. ބުނީމަ ވެސް ބުނަނީ ހިބާ މިސް ބުންޏޯ މި ކަހަލަ ރަށަކުން ނުފެންނާނެ ކަހަލަ ކްރިއޭޓިވް އެއްޗެކޯ ފެއާރއަށް ހަދަންވާނީ. އޭތި ގަތަސް މާޒިން ބޭނުން ގޮތަކަށް އޭތި ޑިޒައިންކޮށްފަ އޭތި ލައްވާ މާޒިން ބޭނުންވާ ކަންތައް ކުރުވާނަމޯ…” މުނީރާ ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ހިބާއަށް ލޯ މަރައިލަމުން ނިތުގައި އެއްއަތް ޖައްސައިލެވުނީ، މާޒިންގެ އެ ޚިޔާލުގެ ފަހަތުގައި ވަނީ އޭނައަށް ބުނެދެވުނު ގޮތްކަން އެނގުންވުމުންނެވެ.
“ހިބާ އަޅެ ވާހަކަ ދައްކާލަބަލަ މާޒިންއާ. ފެއާރގަ ބައިވެރި ނުކުރުވިއްޔާ ވެސް އެހާ މައްސަލަ ޖައްސާނެ. ސްކޫލަށް ދިޔުން ވެސް ހުއްޓާލަފާނެ ހިތަށްއެރިއްޔާ…” މުނީރާ ބުންޏެވެ.
“ހުމް….މާޒިން ބައިވެރި ކުރުވަންވާނެ ހަމަ ކޮންމެހެން ވެސް. މިސްވެސް ވަރަށް ބޭނުން މާޒިން އެ ފެއާރގަ ޕްރޮޖެކްޓެއް ހުށަހަޅާތަން ބަލަން.”
“އެކަމަކު ކިހިނެއް މި ކުއްޖާގެ އެ ޚިޔާލަށް ހަދާނީ ހިބާ؟ އެކަހަލަ ރޮބޮޓެއް ހަދައިދޭނެ މީހަކު މި ރަށުން ފެންނާނީއެއް ވެސް ނޫން!”
މުނީރާ އެ ބުނި ބަސްތަކާއިއެކީ ހިބާ ހުއްޓުންއެރީ، ދާރިސްގެ ސޫރަ ލޮލަށް ސިފަވެ، ލިބިގެން ދިޔަ ޚިޔާލަކުންނެވެ. އިސާހިތަކު ހިތަށް ލިބުނު ޖޯޝާއިއެކީ ހިބާއަށް ވާހަކަ ދެކެވުނެވެ.
“މާޒިންއަށް އެހީވެވިދާނެ ގޮތެއް އެބައޮތް…” ހިބާ އެ ވާހަކަ ބުނަމުން ކޮޅަށް ތެދުވެ އެންމެ ފުރަތަމަ ބަލައިލީ އެނދާއި ދިމާލަށެވެ. އެތަނުން ދާރިސް ނުފެނުމުން ހިބާ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލި ހިނދު، އެ ދޮރުމައްޗަށް ދާރިސް އެރީއެވެ. އެހިނދު ހިބާއަށް ދާރިސް ފެނި، ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ.
ނުނިމޭ
Jana
January 3, 2022 @ 2:52 pm
Salaam kiyuntherin! Dhen oiy bai Saturday night ga In Sha Allah! 😀 Kuree baige comment thakah In Sha Allah mirey reply kohdheynan.
Much love! Stay safe <3 <3 <3
Jana
January 3, 2022 @ 2:56 pm
Hamna finally got to enter a ‘perfume shop’. Thanks to a special someone! 😉 ❤
Anonymous
January 3, 2022 @ 5:23 pm
😉❤
Ibaa
January 3, 2022 @ 5:25 pm
Masha Allah story vrh reethi hama. Varah bodah inspire vey mi story kiyiyma. Alhamdulilahi. Adhi ranagalhu maguga saabithu vumah ithuru hihvaru vx libigendheh. Alhamdulilahi. Jazakillahi khairan sis. May Allah bless you. Ameen. Much love.
Jana
January 10, 2022 @ 5:47 am
I too was inspired when I wrote this episode. Siya ge character aky hama mi episode liyamun dhiyairu libunu idea eh Alhamdhulillah!
May Allah bless you more. Ameen! Much love! ❤
Friend
January 3, 2022 @ 6:03 pm
Jana sis..wow Hama….WOW..I love it ..it is so nice maashaa Allah 💝💖
Waiting for the next part 😍😍😘
Jana
January 10, 2022 @ 5:48 am
hehe…Jazaakillah khairan for the support. Alhamdhulillah! ❤
eunoia
January 3, 2022 @ 7:16 pm
Thankiu nabeeh!..✨I hope hamna will be safe from naufal!
Is dhaaris gonna meet muneera and maazin!??oh my! 😱 can’t wait to know what will happen!
Tgc ingei jana sis! <33
Jana
January 10, 2022 @ 5:49 am
Yes dho? Nabeeh ah vvvv bodu thank you eh 😍 Naufal hadhaa gotheh balamaa.
They met dho? 😃 Adhi varah maja vaane e dhemeehun 😄❤
Tgc eunoia! 💕
Dhonthi
January 4, 2022 @ 9:39 am
Assalaamu alaikum 😊 Janaa dhahtha haalu kihineii??
Mi part varah reethi..Masha Allah 😍😍😍😍
I am so so happy….hamnaa ahh hidhaayathu libuneema….plus hamnaa ahh rangalhu new friends libuneema..aslu aee dhw rangalhu ekuverinnakee..dhuniye aa aakhirathuga ves ekuga vaakahala..dheenaa behey mauloomaathu dhee ithurah dheenuga saabithuvaan ehee vedhey hiyyvaru dhey kahala..hamnaa ge kureege ekuverin was eyge opposite dhw..
Mi part ga varah inspiring vaahaka thah ebahuri.. jazaakillah khair Janaa dhahthaa for those inspiring vaahaka thakah….
Aww….Alhey Hama alhugandu guess kuri gothah maazin e ulhenee second dodo hadahan dhw….I am so curious..
Next part kiyaalaa hithun meenee mihaaru….
I am waiting..
Janaa dhahtha ge Thi masaiikathugai Allah barakaai lavvaashi..😊😊 Aameen
Stay safe Janaa dhahthaa 😊
Jana
January 10, 2022 @ 5:59 am
Wa’alaikumussalaam. Jana hama rangalhu Alhamdhulillah! Dhonthi ge haalu ves rangalhu kamah ummeedhu kuran.
Jana ves varah happy vefa inspire vi mi bai libunu iru. Hama haqeeqathuga ves hidhaayathuge matheega saabithuvaan masakkaiy koffi nama Allah e magu aharumennah takai faseyha kohdhevva. Ey rangalhu ekuverin medhuveri vegen ves. Adhi ehen goiy gothun ves In Sha Allah. Rangalhu ekuverinnaky dhe dhuniyeyge baajjaverikamah magu fahi kuruvaa aguhuri niumatheh 😊
Yes hama Dhonthi guess kuri gothah robot eh hadhan e ulheny. balamaa vaagotheh.
Maai Allah alhamen kuraa komme heyo amaleggai barakaaiy lavvashi. Ameen! Stay safe you too ❤
mish
January 5, 2022 @ 7:21 am
this is my fav part mulhi story ga ves <3<3<3
i dont know what to say
words cant explain anything sis…..
all the best …maasha allah…baarakallah.. lots of love<3<3<3
Jana
January 10, 2022 @ 6:00 am
Awwwn! 🥰 Adhives eba aadhey hama mikahala Jana varah liyaa hiyvvaa baithah In Sha Allah.
Alhamdhulillah! Jazaakillah khairan for the support! ❤