ދާރިސް (ނަވާވީސްވަނަ ބައި)
“އަސްލު….މި ޕްރޮފެޝަންއަށް އައުމުގެ ވެސް ޕޮޓެންޝަލް ހުރިހެން ހީވީމަ މި ޕްރޮފެޝަން ޚިޔާރުކުރީ. މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑަށް އެނގުނީ އަޅުގަނޑުގެ ބައްޕަ އެއްދުވަހު ގެއަށް ގެނެސްގެން އުޅުނު ކުއްޖެއްގެ ސަބަބުން. އޭރު ރާއްޖޭގަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއިމެދު އެހާ ބޮޑު ހޭލުންތެރިކަމެއް ނޯވޭ. އެކަމަކު އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަ އެ ސްޕެޝަލް ނީޑްސް ކުއްޖާއަށް ހެލްޕްވާން ވަރަށް މަސައްކަތް ކުރިން. އަޅުގަނޑު އަމިއްލައަށް ވެސް އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން އެކުއްޖާ ކުރިއަރައިގެން ދިޔަ ގޮތް ފެނިފަ….އިޓް ވޯޒް ސޯ ސެޓިސްފާއިންގް އަސްލު. ހީ ވޯޒް މައި އިންސްޕިރޭޝަން. އަނެއްހެން ބުނަންޏާ…ހެހެ..” ނޭނގުމެއްގެ ތެރެއިން ވެސް ހިބާ އެފަދަ ދިގު ޖަވާބެއް ދިން އިރު އެއިން އީތަން ސާރ ގެ ހިތް އަތުލުމުގެ ނިޔަތެއް އެހިތުގައިވިއެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސަށް ނަފްރަތު ކުރެވެން ފެށި ވަގުތު ހިބާއަށް ނޭނގުނީ އެ ވާހަކަ ތަކުން އީތަން ސާރއަށް ގެނުވި ބަދަލެވެ.
ހިބާ ލުއި ހީލުމަކާއިއެކީ ބުނި ވާހަކައިން ހިތަށް ކުރި އަސަރާއިއެކީ މޭޒުމަތީގައި ބޭއްވިފައި އޮތް އީތަންގެ އަތުގެ އިނގިލިތައް ކުޑަކޮށް ލެނބިގެން ދިޔައެވެ. ހިބާގެ ޙަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމީ ހަމަ އޭނަގެ ސަބަބުންތޯ ހިތަށް އެރި ވަގުތު އެ ހިތް ވިރިގެންދާން އުޅުނުހެން އީތަންއަށް ހީވިއެވެ.
“ހިބާގެ ބައްޕައަކީ ވެސް ވަރަށް މޮޅު މުދައްރިސެއް ދެއްތޯ؟” ޝަހީދުބެ މަތިން ހަނދާންކުރަމުން އަމިއްލަ ޚިޔާލުތަކުގައި އިނދެ އީތަންއަށް ބުނެވުނެވެ.
“ހީ ވޯޒް….” ހިބާ އެހެން ބުނެލީ ފޭދިގެން ދިޔަ ހިނިތުންވުމަކާއިއެކީ އިސްޖަހައިލަމުންނެވެ. ހިބާއަށް ވެގެން ދިޔަގޮތް ނުފެނުނެއްކަމަކު ހިބާ ބުނެލި ބަސްތަކުން ހިތަށް ލިބުނު ސިހުމަކާއިއެކީ އީތަންއަށް އިސްއުފުލައިލެވުނެވެ.
ޝަހީދުބެގެ ވާހަކަ މާޒީގައި އުޅުނު މީހެއްގެ ގޮތުގައި ހިބާ ބުނެލީ ކީއްވެތޯ ހިތަށް އެރި ހިނދު ނުބައި ޚިޔާލެއް އޭނަގެ ސިކުނޑިއަށް ވެރިވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މިހާރު ޝަހީދުބެ މުދައްރިސެއްގެ ގޮތުގައި ނޫޅެނީތޯ ވެސް ހިތަށްއެރިއެވެ. ހިބާ އެ ބުނި ބަސްތަކުގެ މާނަ އެފަދައިން ނަގަން ހިތް އެދުނު ވަރުން އީތަންއަށް އެގޮތަށް ނިންމުނެވެ. ޝަހީދުބެ އެ ދުވަސްވަރު ފަށައިގެން އުޅުނު ވިޔަފާރި ކުރިއަރައި ތަނަވަސްވުމުން ސްކޫލްގެ މާޙައުލާއި ޝަހީދުބެ ދުރުވީ ކަމަށް ނިންމުނެވެ.
“ސާރ މި ގަޑީގަ މި ސްކޫލަށް އައީ ކީއްވެތޯ؟” ބައްޕަ ނެތްކަމުގެ ހިތާމަ ފާޅުވިޔަ ނުދިނުމަށްޓަކައި ހިބާ ހިނިތުންވުމެއް ފަތުރަމުން މަޢުޟޫއު ބަދަލުކުރިއެވެ. އޭގެ ސަބަބުން އެ މޫނުމަތިން ދެންމެ ފެނުނު އަސަރު ދޭހަކުރުމުގައި އޮޅުން އެރި އީތަންއަށް ވެސް ވާހަކަ ބަދަލުކުރަން މަޖުބޫރުވިއެވެ.
“މައިކަލް ސާރ ކައިރި ބުނީ މިހާއިރު ވީއިރުވެސް ފަރީދުބެ ހުރީ މި ސްކޫލާއި ދުރުގަ ހުރި ފިހާރައެއްގަ ކަމަށް. ހިބާ 2 ޖަހާއިރު ނިމެއެއްނުދޯ؟ އެހެންވެ ހިތަށްއެރީ ހިބާ ބަލާ އަންނާނީއޭ.” އީތަން ހިނިތުންވުމަކާއެކީ ބުންޏެވެ.
“އޮހް! އަސްލު 3 ޖަހާއިރު ނިމެން އޮތީ. ކުރިން އޮތީ 2 ޖަހާއިރު ނިމޭ ގޮތަށް އެކަމަކު ސެޝަންގެ ތެރޭގަ ހުއްޓާ ޓައިމް އެކްސްޓެންޑް ކުރީ. ފަރީދުބެއަށް މެސެޖެއް ކޮށްފަ ބުނިން ނިމޭ ގަޑި ބަދަލުވީ ވާހަކަ. އެހެންވެ ކަންނޭނގެ އަދިވެސް ފިހާރައަކަށް ގޮއްސަ ހުރީ…” ހިބާ ކިޔައިދިނެވެ.
“އޮހް…ހެހެ…” އީތަން ގަދަކަމުން ކަހަލަ ގޮތަކަށް ހީލީ، ގަތް ލަދާއި އެކީގައެވެ. އޭނަ ތެޅެމުން ފޮޅެމުން ހިބާ ބަލާ މި އައީ ކަމުގެ ދެކޮޅު ވެސް ނުބަލައިތާއޭ ހިތަށްއެރިއެވެ. އިތުރަށް ލަދުގަންނަ ގޮތްވީ ހިބާގެ ތުންފަތްމައްޗަށް ވެރިވި ލުއި ހިނިތުންވުމުން ހިބާއަށް ވެސް އެކަން އެނގުނުހެން ހީވުމުންނެވެ. އެ ހީވި ހީވުމާއިއެކު އީތަންއަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.
“މިހާރު ދެން ހިބާ ސްކޫލަށް އަންނަން ފެށީމަ ކޯޑިންގްގެ ބައި މެދުކަނޑައިލަން ޖެހޭނީދޯ؟ ބިޒީއެއްނު؟ އަދި ވީޓީގެ އެޕްލިކޭޝަންގެ ކަންތަކުގަ އޮފީހަށް ވެސް ދާންޖެހޭނެ ބައެއް ދުވަސްދުވަހު….”
“އާދެ….އެކަމަކު އެއްކޮށް މެދުކަނޑާލާކަށް ބޭނުމެއްނޫން. ވީކެންޑްސްގައާއި ސްކޫލްގަ އެހާ ބުރަ ނުވާ ދުވަސްތަކުގަ އޯކޭ ވާނެ. މިއަދު އަސްލު އަދި ކިރިޔާ މި ސްކޫލްގަ ހަދަން އުޅޭ ރިސާޗްއަކަށް ސްކޫލްގެ ކުދިންނާއި އަޅުގަނޑުމެން ދެކެ ފަރިތަ މި ވަނީ. މި ދުވަސްކޮޅު ސާރގެ ސެޝަންތައް ކުރިއަށް ގެންދިޔަޔަސް ރަނގަޅުވާނެ. މާ ބޮޑަށް ބުރަވާ ދުވަސްދުވަހު ސެޝަން ކެންސަލް ކުރަން އަޅުގަނޑު ބުނާނަން. އޯވާރވޯކްކޮށްފަ ސްޓްރެސްވީމަ އޭގެ ނޭދެވޭ އަސަރުތައް އަޅުގަނޑަށް ވަރަށް ބޮޑަށް ކުރެވޭ…”
“އެހެންތޯ؟” އީތަންއަށް އެހެން ބުނެލެވުނީ ވިސްނުމަކަށް ގެއްލެމުންނެވެ. ޝަހީދުބެ ހުއްޓާ ހިބާ އެފަދައިން ބުރަކޮށް އުޅެންޖެހޭނީ ކީއްވެތޯ އީތަންގެ ހިތަށްއެރިއެވެ. ތަޢުލީމީ ދާއިރާއަކީ ވެސް ބުރަކޮށް އުޅެންޖެހޭ ދާއިރާއަކަށްވުމުން ހިބާއަށް ވީ ގޮތެއްތޯ ހިތަށްއެރިއެވެ.
ބޭއިޚްތިޔާރުގައި އޭނައަށް ކުރެވުނު ސުވާލަށް ހިބާ ޖަވާބު ދިނުމުން އީތަންއަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.
“އެހެންވީމަ ސާރ ދެން ދިޔައީ އިނގޭ…” އީތަން އެހެން ބުނެ ތެދުވެލަން އުޅެފައިވެސް ކައިރީގައި އިން ތޯމަސްއަށް ބަލައިލިއެވެ. ކުލަ ޖެއްސުމަށް ހުރިހާ ސަމާލުކަމެއް ދީގެން އިން ތޯމަސް އެވަގުތު އީތަންގެ އަތުން ދޫކޮށްފައިވިއެވެ. އީތަން ހިބާއަށް ބަލައިލުމުން ހިބާ އަތުގެ ޙަރަކާތުން ކުޑަކޮށް މަޑުކޮށްލަދެއްޗޭ ބުންޏެވެ.
“ތޯމަސް….ތޯމަސް ގޮވައިގެން އައި މިސްޓަރ އީތަން ވަރަށް އަވަހަށް ދާން ޖެހިއްޖެ އިނގޭ. މިސްޓަރ އީތަންއަށް ދިޔުމުގެ ކުރިން ސާރއަށް ތި ކުރެހުން ދައްކައިލަން ބޭނުންތަ؟” ހިބާ ތޯމަސް ކައިރިން އެހިއެވެ.
ހިބާ ވާހަކަ ދެއްކި ގޮތް ލޯބިކަމުންނާއި އެ ކުއްޖާގެ އިޙްސާސްތަކާއިމެދު ވިސްނައިލި ގޮތުން އީތަންގެ ޖަޒުބާތުތަކަށް އިތުރު އިންޤިލާބެއް އައުން ނޫންކަމެއް ނުވިއެވެ. އެކުއްޖާއަށް އެ ކުރެހުމުން ލިބޭނެހާ ވެސް އުފަލަކީ އެހެން މީހެއްގެ ތަޢުރީފުތާއޭ ހިތަށްއެރިއެވެ. އޭނަ އެހާ ގާތުގައި ހުރެފައި ދާ އަޑު އިވިއްޖެނަމަ އެ ކުއްޖާ ދެރަވެދާނެކަން އީތަންއަށް އެނގުންވީ އެވަގުތެވެ.
“ލައްބަ ބޭނުން ދައްކައިލަން. މި ނިމުނީ….ބަލާ!” ތޯމަސް އަވަސްއަވަހަށް ކުލަ ބާއްވަމުން ގަނޑު ނަގައި އީތަންއާއި ވީ ފަރާތަށް އަނބުރައި ދައްކައިލީ ހިސާބެއްގެ އުދަގުލާއި އެކީގައެވެ.
ދަނބުކުލައިގެ މާތައް ހުރި ބަގީޗާއެއް ކުރެހިފައިވީއިރު ބައެއް ވިނަތައް ދިގުވެފައި އަނެއްބައި ވިނަތައް ކުރެވެ. ބައެއް މާތަކުގެ ފިޔަތައް ކަރުގަނޑާއި ނުގުޅި ދުރުގައި ކުރެހިފައިވިއެވެ. އީތަން އެއްފަހަރު އެ ކުރެހުމަށް އަނެއްފަހަރު ހިބާއަށް ބަލައިލިއެވެ. އެހިނދު އީތަން ބުނެފާނެ އެއްޗަކާއި މެދު ހިބާ ވެސް ނުތަނަވަސްވެފައިވިއެވެ. ހިބާ ނުތަނަވަސްވީ އީތަން އަދި ރަނގަޅުކުރަންޖެހޭ ކަންތައް އެބަހުރި ކަމަށް ބުނެ ތޯމަސް ދެރަވާނެފަދަ ބަސްތަކެއް ބުނެފާނެތީވެއެވެ. އެހެނަސް….
“ވާވް! ހާދަ ރީއްޗޭ…..މި ކުރެހުން ސާރގެ ކޮޓަރީގެ ފާރުގަ ހަރު ކުރަން ލިބިދާނެތަ ތޯމަސް؟” އީތަން އެ ގަނޑު ހޯދަމުން އަޖާއިބުވާ ފަދަ ރާގަކަށް ސުވާލު ކުރިއެވެ. އީތަންގެ އެ ބަސްތަކުން ހިބާގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަން އެކުލެވިގެންވި ހިނިތުންވުމެކެވެ.
“އަސްލުވެސްތަ؟ އެހާ ރީތިތަ؟ އަޅުގަނޑު ބޭނުންވަނީ ކުރެހުންތެރިއަކަށްވާން. އެކަމަކު މިހާރު ނުފެންނާތީ އެހާ ރީއްޗަށް ނުކުރެހޭ ކަމަށް އެންމެން ބުނަނީ…” ތޯމަސް ދެރަވެފައި ބުންޏެވެ.
“އެންމެންނެއް ނޫނެއްނު؟ ސާރ މި ބުނީއެއްނު ރީއްޗޭ؟ އުފެއްދުންތެރިކަމަކީ އެންމެންނަށް އެއް ނަޒަރިއްޔާތަކުން ފެންނަ ކަމެއް ނޫން. ސާރއަށް ރީތި އެއްޗެއް ތޯމަސްއަށް ރީތި ނުވެދާނެ. ތޯމަސްއަށް ރީތި އެއްޗެއް އެހެން މީހަކަށް ރީތި ނުވެދާނެ. އެހެންވީމަ ތޯމަސްއަށް ސަޕޯޓްކުރާ މީހުންގެ އަޑަށް ބޮޑަށް ސަމާލުކަން ދޭންވާނީ…ހަނދާން ބަހައްޓައްޗޭ!”
އީތަން ތޯމަސްއަށް ހިތްވަރު ލައިދިނެވެ. އީތަން ސާރ އިނގިރޭސި ބަހުން ދައްކައިލި ވާހަކަތަކުން ހިބާގެ ހަނދާނަށް އައީ ކޮންމެވެސް ދުވަހަކު އޭނަ ވެސް އިނގިރޭސިން ބުނެލި ހަމަ އެ ބަސްތަކެވެ.
“ކްރިއޭޓިވިޓީ އިޒް ސަބްޖެކްޓިވް! އަހަންނަށް ރީތި އެއްޗެއް ދާރިސްއަށް ރީތި ނުވެދާނެ. ދާރިސްއަށް ރީތި އެއްޗެއް އެހެން މީހަކަށް ރީތި ނުވެދާނެ. ސޯ ފޯކަސް އޮން ދޯޒް ހޫ ސަޕޯޓް ޔޫ، އޯލްވޭސް!”
އީތަން ސާރއާއި ދިމާލަށް ބަލަން އިނދެ ޚުދު އޭނަގެ އެ ބަސްތައް ކަންފަތުގައި ގުގުމައިލި ހިނދު ހިބާގެ ގައިން ހީބިހި ނެގިއެވެ. އީތަން ސާރ އެހިނދު އޭނައަށް ބަލައި ހިނިތުންވެލީ ވަގުތު އޭނައަށް އެތައް ފަހަރެއްގެ މަތިން މި ހީވާ ހީވުމުގެ ފަހަތުގައި ސަބަބެއްވާނެތޯ ހިތަށްއެރިއެވެ. ހަމަ އެވަގުތު އީތަން ސާރ ތޯމަސްއާއި ސަލާމް ކުރުމަށްފަހު، ފަހު ފަހަރަށް ހިބާގާތު ދަނީއޭ ބުނުމަށްފަހު ދާން ފެށިއެވެ. އީތަން ސާރ ދަމުން ދިޔަ މަންޒަރު ބަލަން ވެސް ވިސްނުމަކަށް ގެއްލިފައި ހިބާއަށް އިނދެވުނެވެ.
އެހެނަސް މާ ގިނައިރެއްނުވެ ކޮންމެވެސް އެހެން ކުއްޖަކު ކުދިކުދި ކަރުދާސް މާ ތަކުން ހަދައިގެން އައި މާ ކޯންޏެއް ގެނެސް ހިބާގެ ބޮލުގައި އެޅުމުން ނަޒަރު އެހެން ދިމާލަކަށް ބަދަލުވެގެން ދިޔައެވެ. ހިބާ އެ މާ ކޯނި ބޮލުން ނަގައި އެކުއްޖާއަށް ބަލައިލަމުން މިއީ ތިމަންނައަށް ދިން އެއްޗެއްތޯ ބުނެ އެ މާކޯންޏަށް ތަޢުރީފު ކުރިއެވެ. ހިބާ ވާހަކަ ދެއްކި އަޑަށް އީތަންއަށް ކުލާހުގެ ދޮރާއި ހަމައަށް ގޮސް އަނެއްކާވެސް ފަހަތް ބަލައިލެވުނެވެ. ހިބާ އެހެން ކުޑަ ކުއްޖަކާއި ވެސް ލޯތްބާއިއެކީ ހިނިތުންވެގެން އިން ތަން ފެނިފައި އީތަންއަށް ވެސް ހިނިތުންވެލެވުނެވެ. ހިބާއަށް ބަލަން އެތައް އިރެއް ވަންދެން ހުންނަން ބޭނުންވިއެއްކަމަކު އީތަން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތެވެ.
**
ސްކޫލުން އަނެއްކާވެސް އަނބުރައި އޮފީހަށް ދިޔަ މަގުމަތީގައި އީތަންގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއްވިއެވެ. އޭގެ ފަހަތުގައިވީ ހިބާގެ ހަނދާންތައް ނޫން އެހެންކަމެއް ނޫނެވެ. ސްކޫލްގައި ހިނގައިދިޔަ ކަންތައް ހަނދާންވަމުން ދިޔަދިޔަހެން މާޒީގެ ޚިޔާލުތައް ވެސް އޭނަގެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. މިއަދު އޭނަ ތޯމަސްއަށް ހިތްވަރު ލައިދިން ގޮތަކީ އެއްދުވަސްވަރެއްގައި ޚުދު އޭނައަށް ވެސް ހިތްވަރު ލައިދެވުނު ގޮތަކަށްވީތީވެއެވެ.
“ހިބާ ވާއި ޑިޑް ޔޫ ޑޫ ދެޓް؟ އަހަރެންގެ ލިޔުން ކީއްކުރަން ހިބާގެ މަޖައްލާއަށްލީ؟!”
އެއްދުވަހު ހިބާ ތަންކޮޅެއް ލަހުން ސްކޫލުން ގެއަށް އައި ދުވަހެއްގައި ގެއަށް ވަދެގެން އައުމާއިއެކު ދާރިސް ޝަކުވާ ކުރިއެވެ. އެދުވަހަކީ ސްކޫލްގެ ދިވެހި ކްލަބްއިން ހިންގުނު ޙަރަކާތެއްގެ ދަށުން ސްކޫލްގެ ހަތަރު ހައުސްއިން ކުދިންތަކެއް އިސްނަގައިގެން ހައުސްގެ ކުދިންގެ ދިވެހި އެކި ލިޔުންތައް ހިމަނައިގެން ފޮތެއް ތައްޔާރު ކުރީއެވެ. ހިބާގެ ހައުސްއިން އިސްނެގި ކުދިންތަކުގެ ތެރޭގައި ހިބާވެސްވިއެވެ. ހިބާއަކީ ދިވެހި ކްލަބްގެ މެމްބަރަކަށްވުމާއި އެކީގައެވެ.
“އޮބްވިއަސްލީ އެ ލިޔުން ރީތިވީމަދޯ ހިމަނާނީ؟” ހިބާ ބޫޓު ބޭލުމަށްފަހު އެތާހުރި ހަރުގައި ބަހައްޓަމުން ބުންޏެވެ.
“އެކަމަކު….އޭތި ރީއްޗެއް ނޫނޭ! ޓްރޯލީއެއްގެ ނަޒަރުން ދުވަހެއް….އަގް އިޓްސް ސޯ ބޭޑް. އެ ލިޔުމާއިހެދި ހިބާގެ މަޖައްލާއަށް ސްކޯރ ދަށްވާނެކަން ޔަޤީން. ކީއްކުރަން އަހަރެން ކައިރިން ނުވެސް އަހާ އެކަން ކުރީ؟”
“ތިހެން ބުނާނެކަން އެނގޭތީ….އެނީވޭސް، އަހަރެން އޭތި ރީތިވެގެެން އެ ހައުސްގެ އެޑިޓާރސްއަށް ދެއްކީމަ އެމީހުންވެސް ރީތިވެގެން އުޅުނޭ އޭތި. ކިތަންމެ ކުރުކޮށް ލިޔެވިފަ ހުއްޓަސް!”
“އެމީހުން ހިބާ ދެރަ ނުކުރަން ބުނީ ކަމަށްވާނީ. މަޖައްލާތައް ނެރުނުފަހުން މުޅި ސްކޫލްގެ ކުދިން އެ ލިޔުން ކިޔާފަ ހީހީ އުޅުނު އަޑު އެހީމޭ އަހަރެން….އެ ލިޔުން މަޖައްލާ އިން ނުނެގޭނެތަ ދެން؟”
ދާރިސް ހާސްވެފައި އެ ވާހަކަތައް ދައްކަން ފެށުމުން ހިބާ ދާރިސްގެ ނަމުން ގޮވައި ދާރިސްގެ ކުރިމަތީގައި އައިސް މަޑުކޮށްލިއެވެ. އެހިނދު ވެސް ދާރިސްގެ ކަޅި އެކި ދިމަދިމާލަށް ދަމުން ދިޔައެއްކަމަކު ހިމޭންވިއެވެ.
“ކްރިއޭޓިވިޓީ އިޒް ސަބްޖެކްޓިވް! އަހަންނަށް ރީތި އެއްޗެއް ދާރިސްއަށް ރީތި ނުވެދާނެ. ދާރިސްއަށް ރީތި އެއްޗެއް އެހެން މީހަކަށް ރީތި ނުވެދާނެ. ސޯ ފޯކަސް އޮން ދޯޒް ހޫ ސަޕޯޓް ޔޫ، އޯލްވޭސް!”
ހިބާ މަޑުމައިތިރި އަޑަކުން ބުނެލި ވާހަަކައިން ދާރިސްއަށް އެ ބަސްތަކާއިމެދު ވިސްނަން މަޖުބޫރުވިއެވެ. ވިސްނިގެން ދިޔަދިޔަހެން ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިތުރު ހަމަޖެހުމެއް ލިބުނީ ހިބާގެ ފަަހަތުން އައި ޝަހީދުބެ ވާހަކަ ދެއްކުމުންނެވެ.
“ހަމަ ތެދެއް ހިބާ އެ ބުނީ. ބޭބެއަށް ވެސް ރީތި ދާރިސްގެ ލިޔުން. އިހަކަށް ދުވަހު ދިވެހި ލިޔުންތައް ލިޔަން ފެށި ކުއްޖަކާ ބަލާ…” ޝަހީދުބެ ބުންޏެވެ.
“ހުމް…މަޖައްލާގެ ދެން އަންނަ ބައިގަ ވެސް ދާރިސްގެ ލިޔުމެއް ހިމަނާނަން. އެންޑް އިޓްސް ކޮމްޕީޓްލީ މައި ޗޮއިސް!”
ހިބާ އެ ފަހު ބަސްތައް ބުނެލީ ދާރިސް އަނެއްކާވެސް އެ ބުނި ބަސްތަކަށް އިންކާރު ކުރަން އުޅުމުންނެވެ. ދާރިސް އިތުރު އެއްޗެކޭ ނުބުނުމުން ހިބާ ހިނިތުންވުމަކާއިއެކީ އެތަނުން ދާން ހިނގައިގަތެވެ. ޝަހީދުބެ ވެސް ހަމަ އެ ޒާތުގެ ހިނިތުންވުމަކާއިއެކީ ދިޔައީ، ދާރިސްގެ އިސްތަށިގަނޑާއި ކުޑަކޮށް ކުޅުމަށްފަހުއެވެ.
އެދުވަހު ހަވީރު ދާރިސް ކޮޓަރީގައި ހުރެފައި ސިޓިންގް ރޫމަށް ދިޔަ މަގުމަތީގައި، ސިޓިންގް ރޫމުގައި ތިބި ޝަހީދުބެއާއި ހިބާ ވާހަކަ ދައްކާ އަޑު އިވިފައި އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“ހަމަ ވަރަށް ރަނގަޅަށް ހިބާ ތި ހެދީ އިނގޭ. ދާރިސް ޢާއްމު ގޮތެއްގަ އެއްބަހެއް ނުވާނެ އެހެން ބަޔަކަށް އަމިއްލަ އެއްޗެއް ދައްކާކަށް. މި ހުރިހާ ދުވަސް ވަންދެން ބުލީގެ ޝިކާރައަކަށް ވެސް ވީމަ ކަންނޭނގެ އެހެންވަނީ. އަހަރުމެން ޖެހެނީ ދާރިސްގެ ސްޓްރެންތްސްތައް ވެސް ދާރިސްއަށް ދައްކަން. އޭރުން މަޑުމަޑުން އިމްޕްރޫވް ވާނެހެން ބައްޕައަށް ހީވަނީ…” ޝަހީދުބެ ބުނި އަޑު އިވުނެވެ.
“ހުމް….މިއަދުވެސް އަސްލު ހެޕީވެފަ ދާރިސް ހުންނާނީ. ނުދެއްކިޔަސް. ދާރިސްއަށް ހެލްޕް ވެވިދާނެ އެހެން ގޮތްތައް ވެސް އަހަރެން ޚިޔާލުކޮށްފަ އެބަހުރި. ބައްޕައާއި ޝެއާރކޮށްލާނަން ބައްޕަ ފްރީވީ އިރަކުން…” ހިބާ ބުންޏެވެ.
ހިބާ އެ ޙިއްސާކުރަން އުޅޭ ވާހަކަ އެނގެން ބޭނުންވި ވަރުން ދާރިސްއަށް ކުރިއަށް ހިނގައިވެސް ގަނެވުނެވެ. އެހެނަސް ހަމަ އެވަގުތު އެހެން މީހުން ދައްކާ ވާހަކައެއް އެމީހުންގެ އިޒުނައާއި ނުލާ އަޑުއަހައިގެން ނުވާނެކަމަށް، ޝަހީދުބެ ބުނި ހަނދާން އާވެފައި ދާރިސް ސިޓިންގް ރޫމަށް ނިކުތެވެ. އޭނަ ފެނުމާއެކު ޝަހީދުބެ ‘އަނހަ ދާރިސް’ އޭ ކިޔައި ގޮވައިލިއެވެ. އެއާއިއެކު ހިބާ ވެސް ދާރިސްއަށް ބަލައި ހިނިތުންވެލަމުން ހޯމްވޯކް ނިންމައިފިންތޯ އެހިއެވެ. ދާރިސް ހީކުރި ގޮތާއި ޚިލާފަށް ދެންމެ ދެކެވުނު ވާހަކަ އޭނަގެ ހާޒިރީގައި އެ ދެމީހުން ނުދެއްކިއެވެ. އަދި އޭނައަށް އެ ވާހަކައާއިމެދު ސުވާލެއްވެސް ކުރާކަށް ނުކެރުނެވެ. ދާރިސް ހީކުރީ ހިބާ އޭނައަށް ދޭންއުޅޭ އިތުރު އެހީއަކީ ދިވެއްސާއި އިސްލާމް މާއްދާގެ ފިލާވަޅުތައް ހެދުމަށް ވެވޭ އެހީއަކަށްވާނެ ކަމަށެވެ. އެހެނަސް….
“ދާރިސް ހިނގާބަލަ މިއަދު ފިލްމެއް ބަލައިލަން…” ހިބާގެ ‘އެހީ’ ފެށިގެން ދިޔައީ ޖެހިގެން އައި ހުކުރު ދުވަހު ބުނެލި އެ ބަސްތަކުންނެވެ.
“ކޮން ފިލްމެއް؟” ދާރިސް ފަތްޖެހި ގޮނޑީގައި ފޮތެއް ހިފައިގެން އިނދެ އެހެން ބުނެލީ ހިސާބެއްގެ ޙައިރާންކަމަކާއި އެކީގައެވެ. ހިބާ ދުވަހަކުވެސް އޭނަގާތު އެފަދަ އެދުމެއް އެދިފައިވެސް ނުވުމުންނެވެ. ކާމޭޒުދޮށުގައި އިން ޝަހީދުބެއަށް ބަލައިލެވުނީ ބޭބެ ނުރުހުންވެދާނެއޭ ހިތާއެވެ. އެހެނަސް ޝަހީދުބެ ނުހަނު ހަމަޖެހިގެން އިނދެ ހަވީރު ސައިބޮމުން ދާރިސްއާއި ހިނިތުންވެލިއެވެ. އެއިން ދާރިސް އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ.
“ނުބައި ފިލްމެކޭ ހިތާތަ ބައްޕައަށް ތި ބަލަނީ؟ ޓޫ ބޭޑް….ބޭނުންވިޔަސް އެކަހަލަ ފިލްމެއް ނުއެއް ބެލެނޭ.” ހިބާ އެ ފަހު ބަސްތައް ސިއްރުން ބުނުމުން ޝަހީދު ދުރުގައި އިނދެ ކަރުކެހިލިއެވެ.
“އޯލްރައިޓް އެނީވޭސް، ވަރަށް ރީތި މޯރަލްއެއް ހުރި އިސްލާމިކް ޝޯޓް ފިލްމެއް އެއީ. އެކަމަކު އެ ފިލްމުން އެއްވެސް ވާހަކައެއް ދައްކާފައެއް ނެތް. ބައްޕަ ބުނީ އެ ފިލްމު ސިފަކޮށްދީފަ ދިވެހިން ވާހަކައެއް ލިޔުނީމަ ސްކޫލް ލައިބްރަރީއަށް ވެސް ލެވިދާނެ ނޫންހެއްޔޭ. އަހަރެން ބޭނުން އަހަރެންގެ ނަމުގަ އޮތް ފޮތެއް ލައިބްރަރީއަށް ހަދިޔާކުރަން. ދާރިސް އަހަންނަށް ހެލްޕްވިއްޔާ ދާރިސްގެ ނަން ވެސް އެފޮތަށް އަރާނެ…”
“އެކަމަކު….އަހަންނަށް ވުރެ ރީތި ޢިބާރާތްތައް ހިބާގެ ލިޔުމުގެ ހުރެއެއްނު؟ އަހަރެން-“
“ލިޔެދޭށޭ ނުބުނަމެއްނު؟ ލިޔާނީ އަހަރެން. އަހަރެން ލިޔާއިރު ދާރިސް ވަރަށް ޑީޓެއިލްކޮށް ކިޔައިދެއްޗޭ ފިލްމުން ވާ ގޮތް. ބަލަމުން ލިޔަމުން ހަދަންވީމަ އުދަގޫވާތީ އެހީއަށް މި އެދެނީ.”
ހިބާ ބުންޏެވެ. ދާރިސް އެ ވާހަކައާއިމެދު ވިސްނައިލުމަށްފަހު އެންމެފަހުން ‘އޯކޭ’ އޭ ބުނެލިއެވެ.
އޭގެ އިރުކޮޅެއްފަހު ދާރިސް އޭނަ އިން ގޮނޑީގައި އިނދެ ޓީވީއަށް ނަޒަރު ހުއްޓައިގެން އިންއިރު، ސިޓިންގް ރޫމުގެ އެއްފަރާތެއްގައި ހުރި ފަތްޖެހި ގޮނޑީގައި އިނދެ ހިބާ ފޮތެއްގައި ވާހަކަ ލިޔަމުން ދިޔައެވެ.
“އެ ފިރިހެން ކުއްޖާ ބައްޕައާއެކީ ފިހާރައަށް ދަނީ.” ފިލްމުގެ ފުރަތަމަ މަންޒަރު ފެނުމާއިއެކު ޕޯޒްކޮށްލަމުން ދާރިސް އަވަސްއަވަހަށް ބުންޏެވެ.
“ހުމް….ދެމީހުން ތިބީ ހެޕީކޮށްތަ؟ ކުއްޖާގެ މޫނު ހުރިގޮތް ސިފަކޮށްދީބަލަ…” ހިބާ ޓީވީގެ ސްކްރީނަށް ބެލުމެއްނެތި ލިޔަމުން ސުވާލުކުރިއެވެ. އެއާއިއެކު ދާރިސް ފަރުވާތެރިކަމާއިއެކީ ކުޑަ ކުއްޖާގެ މޫނަށް ބެލިއެވެ.
“ބައްޕައަށް ބަލައިގެން ހުރިއިރު އެކުއްޖާގެ ބުމަ ހުރީ މައްޗަށް ހިއްލިފަ. ލިޕްސްގެ ކޯރނާސް ހިއްލިފަ ކުދިކުދި ދަތްތައްވެސް އެބަ ފެނޭ. ސް…ސްމައިލްކޮށްގެން ދޯ އެހެރީ…” ދާރިސް ހިސާބަކުން ޖެހިލުންވީ އެ ބަސްތަކުން އޭނަ ހާސްވެގެން ދިޔަ ދުވަހުގެ މަތިން ހަނދާންވުމުންނެވެ. އެކަން ފާހަގަވެ ހިބާ އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“ހުމް…..ހެޕީކޮށްދޯ އެކުއްޖާ އެހެރީ؟” ހިބާ ހިނިތުންވުމަކާއިއެކީ އެހިއެވެ.
“އާނ ހެޕީކޮށްހެން ހީވަނީ. ދެން ބައްޕަ ވެސް އެކުއްޖާއަށް ބަލައިގެން ހުރިއިރު ލޯ ހަނިވެފަ ލޮލުގެ ކޮޅުން ރޫތައް އެބަ ފެނޭ. ބައްޕަވެސް ހުރީ ސްމައިލްކޮށްގެން ހެން ހީވަނީ….”
ދާރިސް ކިޔައިދެމުން ދިޔަ ވަރަކަށް ހިބާ ހޫންލައްވަމުން ލިޔަމުން ދިޔައެވެ. ދާރިސް ކޮންމެ މަންޒަރެއް ބަލާފައިވެސް އެންމެ ފުރަތަމަ ކިޔައިދެނީ އޭގައި އުޅޭ މީހުންގެ ވަށައިގެން ފެންނަ މަންޒަރުތަކެވެ. މީހުންގެ މޫނުތަކުން ފެންނަ އަސަރުތައް ކިޔައިދެނީ ހިބާ ބާރު އެޅުމުންނެވެ. ބައެއް މަންޒަރުތަކުން މޫނުމަތީގެ އަސަރު ކިޔައިދިނުމަށްފަހު ވެސް ފިލްމުގައި އުޅޭ މީހުންނަށް ކުރެވޭ އިޙްސާސް ދާރިސްއަށް ކިޔައިދޭކަށް ނޭނގެއެވެ. އެކަމާއިހުރެ ހިސާބަކަށް ދެރަވެ ލަދުވެސް ގަތެވެ. ދެރަވީ ހިބާއަށް އެންމެ ފުރިހަމައަށް އެހީ ނުވެވޭތީވެއެވެ. ލަދުގަތީ އޭނައަށް އެވަރުގެ ކަމެއް ކުރަން ވެސް ނޭނގޭތީ ހިބާ އޭނައަށް ފޫހިވެދާނެތީވެއެވެ. އެހެނަސް އޭނައަށް ނޭނގޭ ކޮންމެ ފަހަރަކު ހިބާ ނުރުހުންނުވެ އޭނައަށް ބުނެދެވުނު ގޮތް ރަނގަޅު ކޮށްދެމުން ދިޔަ ގޮތުން ހިތަށް ތަސައްލީއެއް ލިބުނެވެ. ކޮންމެ ގޮތެއްވިޔަސް ފިލްމު ނިމުމުން އޭނަގެ ‘ނާޤާބިލިއްޔަތު’ކަމުން އޭނަ އަރައިގަންނާނެކަމުގެ ޔަޤީންކަން ހިބާއަށް ދޭން ބޭނުންވިއެވެ.
“އަސްލު….އަހަންނަށް ބައެއްފަހަރު އުދަގޫވޭ މީހުންގެ އިޙްސާސްތައް ދެނެގަންނަން. ނޭނގެ ކީއްވެކަމެއް. ހިބާ އެ އެކްސްޕްރެޝަންސްތައް ޑީޓެއިލްކޮށް ކިޔައިދޭށޭ ބުނީމަ ވަރަށް އޮބްޒާވްކޮށްގެން ކިޔައިދޭން މި އެނގުނީ. އެކްސްޕްރެޝަންގެ ފަހަތުގައިވާ ފީލިންގް ދެނެގަންނަން ވެސް އަހަންނަށް އުދަގޫ. އަހަރެންގެ އިމޯޝަނަލް އިންޓެލިޖެންސް ދަށްވީމަ ކަންނޭނގެ އެހެން އެވަނީ. އަދި ދަސްކުރާނަން އެހެން މީހުންގެ ފީލިންގްސްތައް ދެނެގަންނާނެ ގޮތް އިން ޝާ ﷲ….”
އޭނަގެ ބަލިފައި ހިބާގެ ކުރިމަތީގައި ފޮރުވަން ބޭނުންވި މިންވަރުން ދާރިސްއަށް ދިގުކޮށް ވާހަކަ ދެއްކުނެވެ. ވާހަކަ ދެއްކުމުގެ ތެރެއިން ހިބާ ގޮނޑިން ތެދުވެލުމުން ދާރިސްއަށް ވެސް ތެދުވެލެވުނީ ބޭއިޚްތިޔާރުގައެވެ. ދާރިސް ކަންބޮޑުވެފައި ހުރި ގޮތް ފެނިފައި ހިބާ ހީލިއެވެ.
“އިޓްސް އޯކޭ ދާރިސް. ކޮންމެ މީހެއްގެ ވެސް ވީކްނެސެސް ހުންނާނެދޯ؟ މިސާލަކަށް އަހަންނަށް ރުޅި ކޮންޓްރޯލް ކުރުމަކީ ވަރަށް އުދަގޫކަމެއް. އެއީ ދާރިސްއަށް ވަރަށް ފަސޭހަކަމެއްދޯ؟ ހަމަ އެގޮތަށް އަހަންނަށް ފަސޭހަކަމެއް މިއަދު ދާރިސްއަށް އުދަގޫ ކަމެއްގެ ގޮތުގަ ތި ފެންނަނީ. އަހަރުމެންގެ ބަލިކަށި ސިފަތަކަކީ އަހަރުމެން ކަޓުކުރުވާ ސަބަބެއް ނޫން. އިޓް އޮންލީ މޭކްސް އަސް ހިއުމަން!” ހިބާ ބުންޏެވެ.
މިފަހަރު ވެސް ހިބާ ދެއްކި ވާހަކަތަކުން ދާރިސްއަށް ކުރުވިގެން ދިޔައީ އެއްކަލަ ދުވަހު އޭނަގެ ލިޔުމުގެ ވާހަކަ ދެކެވުނު ދުވަހު ކުރެވުނު އިޙްސާސްތަކެވެ. ހިބާގެ ވާހަކައާއި މެދު ވިސްނައިލެވުމުން އޭނައަކީ ވެސް އަގެއް ހުރި މީހެއްކަމުގެ އިޙްސާސް ކުރެވުނެވެ.
“އޯލްސޯ….އަހަންނަށް ހީވަނީ ދާރިސް އަސްލު އަބަދު ތިރި ބަލަބަލާ ހުންނާތީވެހެން އެކްސްޕްރެޝަންސް ނަގައިގަންނަން ނޭނގެނީ. ކީއްވެ ސީދާ ކުރިމައްޗަށް ނުބަލަނީ؟” ހިބާ އެ ސުވާލުކޮށް ނިންމައިލީ ދާރިސްގެ ކުރިމައްޗަށް ގޮސް ހުއްޓި، ދާރިސްގެ ތިރިކުރެވިފައިވި ނަޒަރުން ވެސް ހިބާގެ ސޫރަ ފެންނާނެހެން ތިރިވެލަމުންނެވެ. ނުހަނު ގާތުން ކުއްލި ގޮތަކަށް ހިބާގެ ސޫރަ ފެނުމުން ދާރިސް ދިޔައީ ސިއްސައިގެންނެވެ. އަވަސްވެގެން ދިޔަ ހިތުގެ ތެޅުމާއިއެކީ ދާރިސްއަށް ފަހަތަށް އެތައް ފިޔަވަޅެއް އަޅައިލެވުނެވެ. އެހިނދު އޭނައަށް ވީ ގޮތުން ހިބާއަށް ހެވެން ފެށި އަޑަށް ގަތް ލަދާއިއެކީ ދާރިސް އެތެރެއަށް ދާން ހިނގައިގަތެވެ.
އެ ހަނދާން އާވެގެން ދިޔުމުން ކާރުގައި އިން އީތަންއަށް ވެސް ހީލެވުނެވެ. އެދުވަހުގެ އެވަގުތު ޝަހީދުބެ އެތާ ނެތީ ނަސީބު ރަނގަޅުކަމުންތާއޭ ހިތަށްއެރިއެވެ. އެ ނޫންނަމަ އޭނަގެ މޫނުމައްޗަށް ވެރިވި ކުލަވަރާއިމެދު ވެސް ސުވާލު ކުރީސްކަން ޔަޤީނެވެ. ކޮންމެ ގޮތެއްވިޔަސް ހިބާއާއި ޝަހީދުބެ ވެގެން އެދުވަހު އޭނައަށް ވާން ފެށި އެހީއިން ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ޙާލަތު ވަރަށް ބޮޑަށް ކުރި އަރައިގެން ދިޔައެވެ.
އެފަދައިން ތަކުރާރުކޮށް ފިލްމުތަކުން ފެންނަ މީހުން ސިފަކުރަމުން ގޮސް ޙަޤީޤީ ދިރިއުޅުމުގައި ފެންނަ މީހުންގެ މޫނުމަތިން ފެންނަ އަސަރުތައް ވެސް ނަގައިގަންނަން އޭނައަށް ފަސޭހަވާން ފެށިއެވެ. އަދި އަމުދުން އެދުވަހު އޭނަގެ ބަލިކަށިކަން ހިބާއަށް ހާމަ ކޮށްދިނުމުން، ހިބާ އެއްދުވަހު ގޭގައި ހުރި ނޫސް މަޖައްލާތައް ހިފައިގެން އައިސް އޭނަ ލައްވާ ހުރިހާ އުފާވެރި މޫނުތަކާއި، ހިތާމަވެރި މޫނުތަކާއި، ރުޅިވެރި މޫނުތައް ވަކިކޮށް ކަފައިލިއެވެ. އަދި ކުޑަ މޮނީޓަރު ފޮތެއް ހިފައިގެން އައިސް ކޮންމެ ޞަފްޙާއެއްގައި ވަކި ވައްތަރެއްގެ މޫނުތައް ތަތްކޮށް އެއީ ކޮން އިޙްސާސެއްކަން އެ ޞަފްޙާގައި ލިޔުނެވެ. އެ މަސައްކަތް ނިންމުމަށްފަހު ހިބާ އެ ފޮތުގެ ބޭރުގަނޑެއްވެސް ލައްވަން އުޅުނެވެ. އެހެނަސް އެދުވަހު ރީތި ގަނޑެއް ފެންނަން ނެތުމުން މަންމަގެ ކޮޓަރިން ފެނުނު ފޮތި ގަނޑަކުން ފޮތުގެ ބޭރުގައި ފޮތި ލެއްވިއެވެ. އަދި އޭގެ ބޭރުގައި ‘ސަރވައިވަލް ގައިޑް ފޯ ދާރިސް’ އޭ ލިޔުނެވެ.
އެ ދުވަހަށްފަހު ދާރިސްއަށް ދަސްކޮށްދޭ ކޮންމެ އާ ކަމެއް ހިބާ އެ ފޮތަށް އަރުވައެވެ. އޭނައަކީ އަބަދުވެސް ކޮންމެ ދުވަހަކު އެއްގޮތަކަށް ކަންތައް ކުރަން ބޭނުންވާ މީހެއްކަމަށް ހިބާ ގާތު ބުނުމުން، ހިބާ ސްކޫލަށް ދާ ދުވަސްތަކުގެ ތާވަލަކާއި، ބަންދު ދުވަހެއްގެ ތާވަލެއް އޭނައަށްޓަކައި އެ ފޮތުގައި ހެދިއެވެ. އަދި ތަނަކަށް ދާންޖެހޭނަމަ ކުރީ ބައިގައި އެކަން ތާވަލުގައި ހިމަނައެވެ. އެފަދައިން ކަންތައް ކުރުމުން ދުވަހަށް ބަދަލެއް އަޔަސް އޭނަގެ ޙަރަކާތްތައް މާ ލަސްވެގެން ނުވާކަން އީތަންއަށް ފާހަގަވާން ފެށިއެވެ.
އެއީ އޯޓިޒަމް ތެރަޕީއަކީ ކޯޗެއްކަން އޭނައަށާއި، ޚުދު އޭނައަށް އެހީވި ފަރާތަށް ވެސް ނޭނގޭ ޙާލު އޭނައަށް ލިބުނު ފުރަތަމަ ‘ތެރަޕީ’ތާއޭ ހިތަށްއެރިއެވެ. އެއީ ހިބާއާއި ޝަހީދުބެ އޭނައަށްޓަކައި ކޮށްދިން ބުރަ މަސައްކަތްކަން މިއަދު އެނގުންވެއެވެ. އެހެންނޫނީ އެދުވަސްވަރު ހިބާ ބުނާ ފަދައިން، އޭނައަށް ‘ކޮލިޓީ ލައިފެއް’ ހޯދައިދިނުމަށް ހިބާ ވެދޭ އެހީއެކެވެ.
“ކޮންމެހެން ދާރިސްގެ ޝުކުރެއް ހޯދާކަށް ނޫން މިކަން މި ކުރީ. ދާރިސްއަށް ކޮލިޓީ ލައިފެއް ހޯދައިދޭން ކުރި މަސައްކަތެއް މިއީ. އަހަންނަށް ބަދަލެއް ދޭން ބޭނުންވަންޏާ ވަރަށް މޮޅުވެގެން ވަރަށް އުފަލުގަ އުޅެލާ. ލައިކް….ސަޅި ޖޮބަކަށް ދާރިސް މިހާރު ތި ހުރި އައިޑިއާތަކުން އިންވެންޝަންތައް ހަދައިގެން ވޯލްޑް ފޭމަސްވެލާ. އޭރުން ބައްޕައާއި އަހަރެން ވެސް އުފާވާނީ.”
އެއްދުވަހު ދާރިސް ކާމޭޒުދޮށުގައި ހިބާއާއިއެކީ ފިލާވަޅު ހަދަން އިނދެ ހިބާ އޭނައަށް ވެދޭ އެހީއަށްޓަކައި ޝުކުރު އަދާކުރުމުން، ޖަވާބުގައި ހިބާ ބުންޏެވެ. އެ ޖަވާބުން ދާރިސްއަށް ހީލެވުނެވެ.
“އެންމެ ރަނގަޅު. ސަޅި ޖޮބެއް ހޯދައިގެން ފުރަތަމަ އިންވެންޝަން ހަދައިގެން އެންމެ ފުރަތަމަ އެ ޚަބަރު ދޭނީ ހިބާއަށާއި ޝަހީދުބެއަށް އިން ޝާ ﷲ!” ދާރިސް ފުރިހަމަ ހިނިތުންވުމަކާއި އެކީ ބުންޏެވެ.
އެހިނދު ހިބާވެސް ހީލިއެއްކަމަކު ދާރިސް ބުނި ވާހަކައިން ހިބާގެ ހިނިތުންވުން ކުޑަކޮށް ފޭދުނެވެ. ހަމަ އެހިނދު ހިބާ ވާހަކަ ދެއްކިއެވެ.
“އެދުވަހަކުން ބައްޕައާ އަހަންނާ ދެމީހުންނެއް ނޫން ކަންނޭނގެއެއްނު ކައިރީގަ އުޅޭނީ؟ ފިއުޗާރގަ ހުންނާނެއެއްނު ވައިފްއެއް ވެސް. އެ މަޤާމުގަ ހުންނާނެ ކުއްޖަކު ފެނިއްޖެތަ؟” ހިބާ އެސުވާލުކޮށްލީ ދެކޮޅަށް ނަޒަރު ދެމުން ބައްޕަ ނެތްކަން ޔަޤީން ކުރަމުންނެވެ.
ހިބާ އެ ސުވާލު ކޮށްލުމާއިއެކު ދާރިސް ހިބާއަށް ބަލައިލިއެވެ. އެއާއިއެކު ޖެހިލުންވެގެން ދިޔަ ޒާތަށް އިސްޖަހައިލިއެވެ. އެ ސުވާލު ކުރެވުނު ކަމާއިމެދު ހިތާމަކުރެވޭ ފަދައަކުންނެވެ. ހިބާގެ ސުވާލުން ހަނދާންވެގެން ދިޔަ ދުވަހުން ޚުދު ދާރިސް ވެސް ލަދުގަންނަ ގޮތްވިއެވެ. އޭނަ ހިބާއަށް ލޯބި ހުށަހެޅި ދުވަހެވެ. ގަތް ލަދާއިއެކީ ކޯތާފަތް ރަތްވެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ދަތިވި ވަގުތު އަނެއްކާވެސް ހިބާގެ އަޑު އިވުނެވެ.
“މޮޔަ ސުވާލެއްދޯ މި ކުރެވުނީ؟ ހެހެ….އަދި އަހަރުމެން އެ ޢުމުރަކަށް ނުވެސްދޭ. އެ ޢުމުރަށް ދިޔައީމަތާ އެނގޭނީދޯ؟ އައި ވިޝް ޔޫ ހޭވް އަ ހެޕީ ލައިފް!” ހިބާ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން ބުނެލިއެވެ.
ހިބާ ބުނެލި ބަސްތަކުން ދާރިސްގެ ދެބުމަ ކައިރިވިއެވެ. ހިބާ އެ ވާހަކަ ދެއްކި ގޮތުން އޭނަގެ މުސްތަޤްބަލުގައި ހިބާ ނުހުންނާނެހެން ހީވުމުންނެވެ. އޭނަ އެގޮތް ބޭނުން ނުވާކަމަށް ހިބާ ދެކޭހެން ހީވުމުންނެވެ. އެކަން އެނގުންވުމުން ދާރިސްއަށް ވާހަކަ ދެކެވުނެވެ.
“ނޫނޭ….މިހާރު ވެސް އަހަރެން ނިންމައިފިން އެ މަޤާމުގަ ހުންނާނީ ކޮން ކުއްޖެއްކަން. އަހަރެން އެދުވަހު ބުނެލި ބަސްތައް ހަނދާން ނެތުނީތަ ހިބާ؟ އަހަރެން އެދުވަހު އެހެން ބުނީ ކެޝުއަލްކޮށް ނޫނޭ. ހިބާއަށްވީ ވަޢުދެއްގެ ގޮތުގަ އަހަރެން އެ ބަސްތައް ބުނީ. އޭރުވެސް ބުނިހެން ހިބާ އެ ބަސްތައް އަޑުއަހަން ތައްޔާރުވި ދުވަހަކުން އަނެއްކާވެސް އަހަރެން އެ ބަސްތައް ބުނާނަން. ހިބާ ދެންމެ ތި ބުނިހެން އަދި އަހަރުމެން އެ ޢުމުރަށް ނުވެސް ދޭ. ވީ ހޭވް އަ ލޮޓް ޓު ޑޫ އިން ލައިފް. ހިބާ ރައުފް މަތިން ހަނދާން ނެތި އިމޯޝަނަލީ ސްޓޭބަލް ވިޔަސް އަދި ހިބާ އެފަދަ ގުޅުމަކަށް ތައްޔާރެއް ނޫން. އަހަރެން ވެސް ތައްޔާރެއް ނޫން. އަހަރެން ދެކޭ ގޮތުގަ އައި ލަވް ޔޫ ގެ މާނައަކީ ކޮމިޓްމެންޓަކާއިއެކީ ދެމީހުން އެކީގަ އުޅުން. މެރީކޮށްގެން މުޅި ޢުމުރު އެކީގަ ހޭދަކުރުން. އޭގެ ކުރިން ދެމީހުންގެ ފައިމައްޗަށް ކޮޅަށް ތެދުވަން ދަސްކުރުން މުހިއްމެއްނޫންތަ ހިބާ؟”
ދާރިސްއަށް އޭނަގެ އިޙްސާސްތައް ބަންޑުން ކުރެވުނެވެ. އޭނަ ހުށަހެޅި ލޯބީގެ މަތިން ހިބާ ހަނދާން ނެތުނީހެން ހީވި ހީވުމާއިއެކީ ވީ ދެރައިން ވެސްމެއެވެ. ދާރިސްގެ ވާހަކަތައް އިވިފައި ހިބާ ބުނާނެ އެއްޗެއް ވެސް ނޭނގިފައި އިނެވެ. ދެމީހުން ތިބި ގޮތަށް ތިއްބާ ހަމަހޭވެރިކަމެއް ލިބުނީ ޝަހީދުބެ އައިސް ދާރިސްގެ ކައިރީގައި ހުރި ގޮނޑި ދަމައިލުމުންނެވެ.
އެދުވަހުގެ ހަނދާން އާވެގެން ދިޔަދިޔަހެން އީތަންއަށް ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓައިލެވުނެވެ. އެދުވަސް ފަދައިން ހިބާ މިއަދު ވެސް އޭނަ ހުށަހެޅި ލޯބީގެ މަތިން ހަނދާން ނެތިފައިވީހެން ހީވުމުންނެވެ. ހިބާ ހަނދާން ހުންނާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ އަހަރު ވީއިރު ޙަޔާތުގައި ދިމާވި ކަންތައްތަކުންނާއި މަސައްކަތް ބުރަވެގެން ދިޔުމުން އޭނަ ވެސް ވީ ހިބާ މަތިން ހަނދާން ނެތިފައެވެ. އޭނަ ވެސް ދިޔައީ އަމިއްލަ ދިރިއުޅުމެއް އުޅެމުންނެވެ. ހިބާވެސް މިހާތަނަށް އައިއިރު އެ ވަނީ ދިރިއުޅުމެއް ބިނާކޮށްފައެވެ. ހިބާ ވަނީ އެ ދިރިއުޅުން ބިނާކޮށް އޭނައަށް ވުރެ ވެސް ކުރި އަރައި ޙަޔާތުގެ ބައިވެރިއަކަށްވާނެ މީހަކު ވެސް ޚިޔާރުކޮށްފައެވެ. އޭނަ ހިބާއަށްޓަކައި ކުރަންވީ އުފަލެއް ނޫން ހެއްޔެވެ؟
އީތަން ސިކުނޑިއަށް ވެރިވި އެ ޚިޔާލަށް ހިނިތުންވެވޭތޯ ބެލިއެވެ. އެހެނަސް މޭތެރޭގައި އޮތް ހިތް ޖެހިފިތި ބާރުވާން އުޅުނުހެން ހީވުމުން އެ ހިނިތުންވުން ފުރިހަމައެއް ނުވިއެވެ. ދެމީހުންވެސް އެކަކު އަނެކަކާއި ގުޅެން ދިރިއުޅުމުގެ ނުހަނު ރަނގަޅު ފައްތަރެއްގައި ވަނިކޮށް ދިމާވެފައިވި މި ޙާލަތުގެ ސަބަބުން ހިތަށް އުދަގޫވިއެވެ. އޭނައަކީ ކާކުކަން އޭނައަށް ހިބާގާތު ބުނެވޭނެނަމައޭ ހިތަށްއެރިއެވެ. ހިބާ އެ އިންނަން އުޅޭ މީހަކާއި ވަކިވެދާނެ ގޮތެއްވުމަށް އެދެވުނެވެ.
އެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން އޭނަގެ ވިސްނުން އެ ދަނީ ކިހާ ގޯސް މިޞްރާބަކަށްކަން އެނގުންވިއެވެ. އިސާހިތަކު އީތަން އެ ޚިޔާލު ފޮޅުވައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ﷲ ކޮންމެ ކަމެއް ވެސް މެދުވެރި ކުރައްވާނީ އެންމެ ރަނގަޅަށް ކަމަށް އަމިއްލަ ޒަމީރަށް ވިސްނައިދެމުންނެވެ.
**
އެދުވަހު ހިބާއަށް ގެއަށް ދެވުނުއިރު ޢަޞްރު ނަމާދު ވަގުތުވެފައިވިއެވެ. ވެފައިހުރި ވަރުބައްޔާއި އެކީވެސް ފެންވަރައި ތާޒާވެލައިގެން ހިބާ ނަމާދުކޮށްލިއެވެ. އެއަށްފަހު އޭނަ ކޮޓަރިން ބޭރަށް ދިޔައީ، ފަރީދުބެ އޭނައަށް ދޭން ގަނެގެން އައި ބިސްކޯދު، ޝަބީދައްތައާއި ޙިއްސާކޮށް ހަވީރު ސައި ބުއިމަށެވެ. ޝަބީދައްތައަށް ވެސް އެ ބިސްކޯދު ވަރަށް ކަމުދާކަން އެނގޭތީވެއެވެ.
އެހެނަސް ކޮޓަރިން ނިކުމެގެން ގޮސް ކާގެއަށް ވަންނަން ދިޔަ މަގުމަތީގައި ވެސް ޝަބީދައްތައާއި ވަލީދުބެގެ އަޑު ހިބާއަށް އިވުނެވެ. ކާގޭގެ ކުޑަދޮރުން ދެމީހުން ޖެހިޖެހިގެން ތިބި ގޮނޑީގައި އިށީނދެގެން ތިބިތަން ހިބާއަށް ފެނުނެވެ. އިވެމުން ދިޔަ އަޑުތަކުން ޝަބީދައްތަ ނުހަނު ބަލި އަޑަކުން ކާން ދެކޮޅު ހަދަމުން ދިޔަހެން ހިބާއަށް ހީވިއެވެ.
“ކުޑަކުޑަކޮށްނޭ ކާނީ ޝަބީ. އެއްކޮށް ނޫން. ބަލާބަލަ މިހިރަ ރީތި ލޮލުގެ ކައިރީގަ ވެސް ޑާރކް ސާރކްލްސް ހެދިފަ އެހާވަރަށް ހޮޑުލެވުނީމަ… ސްކިން ކެއާރއަށް ކުރި އެ ހުރިހާ ޚަރަދެއް ބޭކާރެއްނު؟” ވަލީދުބެ އެ ވާހަކަ ފެށީ ކަންބޮޑުވުމަކާއިއެކީ ކަމަށްވިޔަސް ވަކި ހިސާބަކުން ސަމާސާ ރާގެއް އަޅުވައިލިއެވެ. ވަލީދުބެ އެހެން ބުނުމާއެކު ޝަބީދައްތަ ވަލީދުބެގެ މޭމަތީގައި ޖަހައިލަމުން ސަމުސަލުގައި ހުރި އެއްޗެއް ކެއެވެ.
އެ ދެމީހުންގެ ޙަރަކާތްތައް ފެނިފައި ހިބާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ދެމަފިރިންގެ ދެމެދުގައިވާ ލޯބީގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެވުނެވެ. އެއަށްފަހު ހިބާ އޭނަގެ އަތުގައި އޮތް ކޮތަޅަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. މިވަގުތު ޝަބީދައްތަގެ ކައިރިއަށް ދިޔުން ރަނގަޅެއް ނުވާނެކަން ދަނެގެން ހިބާ އަނެއްކާވެސް ކޮޓަރިއަށް ދިޔައެވެ.
ހިބާ ކޮޓަރިއަށް ވަދެ އެކަނިވުމާއިއެކު، އެ އެކަނިވެރިކަން އޭނައަށް އިޙްސާސް ކުރެވުނީ މާ ބޮޑަށެވެ. ދެންމެ ފެނުނު ފަދަ މަންޒަރުތަކުން ބައެއް ދުވަސްތަކުގައި އޭނަގެ އިޙްސާސްތައް ކޮޅުންލާ ގޮތްވަނީއެވެ. އެފަދަ ޙާލަތްތަކުގައި މީހަކާއި އިންނަން އެންމެން އެކީގައި ބުނާ ބަސްތައް އެއްފަހަރާ ހަނދާންވެގެން ދެއެވެ. އަދި އޭނައާއި އިންނާނެ މީހެއް ނެތީތީ ދެރަވެގެންދެއެވެ. މިއީ ހިބާއަށް ދޭތެރެދޭތެރެއިން ކުރެވޭ އިޙްސާސަކަށް ވުމުން ހިބާ އެއަށް މާ ބޮޑު ސަމާލުކަމެއް ނުދީ ވޭތޯ ބެލިއެވެ. އިޙްސާސަކީ ބަދަލުވާ އެއްޗެއްކަން އެނގޭތީވެއެވެ. އިޙްސާސެއް ކުރެވެން ފެށުމުން އެހެން ކަންކަމަށް ސަމާލުކަން ދޭން ފަށައިފިނަމަ އެ އިޙްސާސް ފޭދިގެން ދާނެކަން ދަސްވެފައިވާތީވެއެވެ.
އެހެނަސް އެވަގުތު ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ހަނދާނަށް އަންނަން ފެށީ އެއްދުވަސްވަރެއްގައި އޭނަގެ އެކަނިވެރިކަން ފިލުވައިދިން ފިރިހެން ކުއްޖާއެވެ. އަދި މުސްތަޤްބަލުގައި އެ އެކަނިވެރިކަން ފިލުވައިދޭނެކަމަށް ވަޢުދުވީ ފިރިހެން ކުއްޖާއެވެ. އެއީ ދާރިސް ނޫން ދެވަނަ ކުއްޖެއް ނޫނެވެ.
ސްވިޓްޒަލޭންޑަށް އައިފަހުން ދިހަވަނަ ފަހަރަށް ދާރިސް ކޮބައިތޯ އޭނަގެ ހިތް ސުވާލުކުރިއެވެ. މިއަދު އޭނަ ވަނީ ދާރިސް ބުނާ ފަދައިން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފައެވެ. މިއަދުވެސް ދާރިސް އޭނަގެ ޙަޔާތުގައި ވިނަމަ، ދާރިސް އޭނައާއި ގުޅޭނެތޯ ހިތަށްއެރިއެވެ.
އެނދުމަތީގައި އިނދެ ކުރެވެން ފެށި އެ ޚިޔާލުތައް ފޮޅުވައިލުމަށް ހިބާ ބޯހޫރުވައިލިއެވެ. އެތައް އަހަރެއް ކުރިން ދިމާވި ފިރިހެން ކުއްޖަކާއި އަލުން ދިމާކުރުމުގެ ހުވަފެންތައް ދެކުމުގެ ބޭނުމެއް ނެތެވެ. ދާރިސް ބުނާހެން އެ ވާނީ ބޭކާރު ‘އިމޯޝަނަލް އިންވެސްޓްމެންޓް’ އަކަށެވެ. އޭނަ ޖެހޭނީ އޭނަގެ ޙަޔާތުގެ ބައިވެރިއެއް ﷲ ގެ އިރާދަފުޅުން އަންނަންދެން ކެތް ކުރާށެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވާނީ އެންމެ ރަނގަޅު ވަގުތުގައެވެ.
މިފަދަ ޚިޔާލެއްގައި ހިބާ ވަނިކޮށް އެނދުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ފަރީދުބެގެ ނަން ފެނިފައި ހިބާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ހެލޯ ހިބާ….ހިބާ މިރޭ 8 ޖަހާއިރު ބޭބެއާއިއެކީ ޑިނާރއަކަށް ދާންވީއެއްނު؟ ހިބާއާއި ކުއްޖަކާ ބައްދަލުކުރުވަން ބޭނުން…” ފަރީދުބެ ބުނެލި ވާހަކައިން ހިބާގެ ނޭވާ ހިނދުކޮޅަކަށް މެދުކެނޑުނެވެ. މިއީ ދާދި ދެންމެއަކު އޭނަގެ ހިތަށް ވެރިވި ޖުމްލަތަކުގެ ޖަވާބުތޯ ހިތަށްއެރިއެވެ.
“ކް….ކޮން ކުއްޖެއްތޯ ބޭބޭ؟” ހިބާއަށް އަހައިލެވުނެވެ. ކުރީ ފަހަރު ކުރެވުނު ހިތި ތަޖުރިބާގެ މަތިން ވެސް ހަނދާން ކުރަމުންނެވެ.
“އެނގޭނެ އައިމަ. އެ ގަޑިއަށް ފްރީވެލާ އިނގޭ؟”
“އެކަމަކު…..މިރޭ އީތަން ސާރއާއެކީ އެއްކަލަ އޮންލައިން ކްލާސްވެސް އޮންނާނެ. ސާރއާ ވާހަކަ ދައްކާލާފަ ބޭބެއަށް އެބަ އަންގަން.”
ހިބާ ބުންޏެވެ. އެއާއިއެކު ފަރީދުބެ އެކޮޅުން އޯކޭ ދިނުމުން ހިބާ ފޯނު ކަނޑައިލިއެވެ. އަދި އީތަން ސާރއަށް މެސެޖެއް ކުރަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ހިބާއަށް އީތަން ސާރގެ މެސެޖެއް އައެވެ. އެ މެސެޖުގައި އޮތީ އީތަން ސާރ ވެސް އެރޭގެ ކެއުމަކަށް ބޭރަށްދާން އުޅޭތީ އެރޭގެ ސެޝަން ކެންސަލްވީ ވާހަކައެވެ.
ނުނިމޭ
Mish
September 22, 2021 @ 3:44 pm
Oh my god Eethan aa hiba aa dhemeehun eh thanakah dhaneetha????
Wow wow wowww
Jana
September 23, 2021 @ 2:40 pm
Mish ge reaction in Jana ah hevijje. hehe….mi week ga ehaa busy vefa tired nuvi nama i would have had the same reaction lol. E dhe meehun dhimaavaane kamah balamaa dho Mish? 😉
Alhamdhulillah! (All praise and thanks belong to Allah) <3
Aayaa
September 23, 2021 @ 7:15 am
Maazy ge bai maa dhigu vany.. ekm vhk v salhi ma sha Allah.. waiting for next
Jana
September 23, 2021 @ 2:41 pm
Maazy ge bai e oiy nimeny ingey Aaya. Mi baiga thankolheh repeat koh baeh ai hen heevi dho? e bai muhimmuvaane dhen anna bayakah 😉 hehe…Alhamdhulillah! Next part Wednesday ga In Sha Allah.
Changing friend
September 23, 2021 @ 1:28 pm
Sister, Alhugandu varah beynun Jenny Islamic story eh from you.
Hopefully will get it Insha Allah 💝💖
If you can’t ei massala eh noon
Jana
September 23, 2021 @ 2:49 pm
Hi Changing friend. I’m assuming you want a jinni Islamic story from me? 🙂 hehe…guess eh kolly ingey mi.
Jinni islamic plot eh jana plan kurin. Ekamaku ekahala vaahaka thah liyan ehaa confident nuveema nuliyany. Ekahala vaahaka thakah readers interest hunnaane varu ves neyngeythy. Hithah arany regular story egga thikahala kuda thankolheh himanaalaany ey. Thi genre ga ves jana genesdheyn beynunvaa msg thah hunnaathy. Dhen visnaalaafa istikhaara koffa final kuran jeheyny In Sha Allah. 🙂
Jazaakallah Khairan for prompting the idea, Changing friend ^_^
Changing friend
September 24, 2021 @ 9:14 am
Excuse me sis
I am sorry but my tab autocorrected me or maybe I wrote wrong
I didn’t say jinni Islamic story
I was gonna say funny Islamic story
Really sorry
استغفر الله
Love your stories so much
Maashaa Allah 💝💖
Jana
September 24, 2021 @ 1:48 pm
Oooh! Makes so much more sense now 😀 hehe….had guessed that it was autocorrected. But my wild guess was wildly wrong I see. My bad!
Writing a funny Islamic story is also a goal and a dream that I have. This whole journey of mine started because I wanted to write Islamic stories that go beyond the tawba of a character. To show how beautiful life becomes with the teachings of Islam. I too do feel that I need to take a step further and bring humour and more character variation into my stories.
Jazaakallah Khairan for prompting an idea again, Changing friend. Will surely have these notes with me when I plan the next story In Sha Allah. Much love! <3 <3 <3
Changing friend
September 24, 2021 @ 2:31 pm
Jazakillahi khairan
And it is my job to correct someone when they made a mistake u
Ukhthee, it jazakillahi khairan when you you it for me
Hopefully u understand why I corrected you
May Allah bless you and your work
Insha Allah 💝💖
Jana
September 24, 2021 @ 3:43 pm
Of course Changing friend its completely fine! ^_^ No hard feelings at all! <3
May Allah bless you too and may Allah bless every good we do. Ameen! <3
Nimah
September 27, 2021 @ 8:07 am
Reading a story of yours after a long time. That too at a time when my life is going downhill. Whenever I read your stories it inspires me to be a better Muslim. And alhamdhulillah I really felt better after reading this story and followingsome of the advices given. I don’t know how to explain things but jazakillah khairan for writing such stories ❤
May Allah bless you with all good things
Jana
September 27, 2021 @ 3:01 pm
Alhamdhulillah! (All praise and thanks belong to Allah).
No doubt its only Allah Who increases us in guidance and gives us reminders right when we need them. And its only He Who takes us out from darkness into light. And indeed its only He Who Knows what’s best for us though our hearts complain because we do not see the bigger plan Allah has written for us. No doubt in His Hands is all good whether we realize it or not.
I planned the plot of this story with a lot of emotional healing tips and healthy coping mechanisms because I thought its really important for us muslims to know. Because at the end of the day, we need to take care of our hearts in order for our iman to flourish. (though Allah does heal our hearts when we turn towards Him) I sure hope I am able to communicate these messages through the story and the posts. In Sha Allah I plan on writing a series on emotional healing and other such topics as well.
May Allah bless you more with good things both in this world and in the next. Ameen!