ދާރިސް (ބައްތިރީސްވަނަ ބައި)
ރިސޯޓެއްގައި އޮތް ފަތާ ފެންގަނޑެއްގެ ކައިރީގައި ބެހެއްޓިފައިވި ހުދުކުލައިގެ ގޮނޑިއެއްގެ ކައިރިއަށް އާސިފް އަންނަމުން ދިޔައީ ހަވީރުގެ ވަގުތެއްގައެވެ. އެވަގުތު ދެމުން ދިޔަ ލުއި އަވީގައި، އާދައިގެ ހިނގުމެއްގައި ގޮސް އާސިފް އެ ގޮނޑީގެ ކައިރިއަށް ގޮސް ހުއްޓިލިއެވެ. އެހިނދު ގޮނޑީގައި އޮށޯވެ އޮތީ ހުދުކުލައިގެ ގަމީހަކާއި، ކަކުލާއި ހަމައަށްދާ ސޯޓަކާއިއެކީ މޫނުމަތީގައި ތޮތްޕެއް އަޅައިގެން އޮތް މެދު ޢުމުރުގެ ފިރިހެނެކެވެ. ފިރިހެން މީހާ އޮތް ގޮތް ފެނިފައި އާސިފް ލުއިގޮތަކަށް ހީލިއެވެ.
“ޑޭޑް ހަމަ އާރްއެންއާރްގަ ދޯ މި ދުވަސްކޮޅު؟” އާސިފް ހިނިތުންވުމަކާއިއެކީ އެހިއެވެ.
“ކިތަންމެ އާރްއެންއާރްއެއް ހަދަން އުޅުނަސް އާސިފްއަށް ކުޑަކުޑަ ކަމެއް ނުކުރެވޭތީ ފިކުރުކުރަންޖެހިގެން މިއުޅެނީ…” އެ ފިރިހެން މީހާ އޮތް ގޮތަށް އޮވެ ބުންޏެވެ. އެއާއިއެކު އާސިފްގެ ހިނިތުންވުން ފޭދުނެވެ.
“ޑޭޑް އައި އޭމް ޓެލިންގް ޔޫ ހީ އިޒް ޑެޑް! އޮފީހުގަ އަހަރުމެންގެ ތައްޕާހުން އުޅޭ ފަރީދު ފޮނުވައިގެން ވަލީދޭ ކިޔާ މީހާގެ ގެއިން ވެސް ތިބުނާ ދާރިސްއަކު ނެ-“
“ކިހިނެއް އެނގެނީ ނެތްކަން؟”
“ވެލް….އެ ފަރީދަށް މަ ހުރީ ވާ ވަރަށް ބިރު ދައްކާފަ. އޭނައަށް ނުކެރޭނެ މަށަށް ފޮރުވާކަށް…”
“ފަރީދު ނުފޮރުވިޔަސް އެކޮޅުގަ އެ ކުއްޖާ ފޮރުވައިގެން އުޅޭ މީހާ ޙަޤީޤަތް ސިއްރު ނުކުރާކަން އެނގެނީ ކިހިނެއް؟”
“އިޓްސް ނޮޓް ޕޮސިބަލް ޑޭޑް! މިހާރު ތި ބުނާ ކުއްޖަކު ހުންނާނީ ބޮޑުވެސްވެފަދޯ؟ މަ ބުނިން ފަރީދު ކައިރީގައި ވަލީދާއި ވާހަކަ ދައްކާށޭ ވެސް. ދެކެވުނު ވާހަކައިގެ ތެރެއިން އެކަހަލަ ވާހަކައެއް އޮޅުމަކުން ވެސް ނާންނަކަމަށް ވަނީ…”
“ވަލީދުގެ ގޭގަ 27 އަހަރުގެ ޒުވާނަކު ހުންނަ ވާހަކަ ބުނީމެއްނު؟”
“ހޫ؟ އިސްމާޢީލް އީތަން؟ ހަހް! ސީރިއަސްލީ ޑޭޑް އެއީ ޑޭޑް ސިފަކުރާ ދާރިސް ކަހަލަ ލޫޒާރއެއް ނޫނޭ! މަގޭ ފްރެންޑެއް ކިޔެވި ދާރިސްއާއެކީ ކުޑައިރު. ފަޒީން ބުނާ ގޮތުގަ އޭނަ ކޮންމެ ދެ މާއްދާއަކުން ކުރެ އެއް މާއްދާއިން ފޭލް ވާނެ. ރަނގަޅަށް މީހަކަށް ބަލާކަށް ނުކެރޭނެ. ހީ ކާންޓް ބީ ދަ ގްރޭޓް އިސްމާޢީލް އީތަން! އިސްމާޢީލް އީތަންއަކީ މިހާރު ރާއްޖޭގަ ވެސް ނުހަނު ނަންހިނގާ ވިންޓޭޖް ޓެކްނޮލޮޖީސްގެ ޗީފް ޑައިރެކްޓާރ….ޑޭޑްއަށް ތި ކުރެވެނީ ހަމަ ކުށްހީއެއް. ހީ އިޒް ނޮޓް ދާރިސް!”
އާސިފް ސާބިތު އަޑަކުން ބުންޏެވެ. އެއާއިއެކު އެތާ އޮތް ފިރިހެން މީހާ ތެދުވަމުން މޫނުމަތީގައި އޮތް ތޮފި ނަގައިލީ އާސިފާއިވީ ފަރާތް ނޫން އަނެއްފަރާތަށް ފައި ބާލަމުންނެވެ. އެހެންކަމުން ފިރިހެން މީހާ ތޮފި ނަގައިލިއިރު އިނދެވުނީ އާސިފަށް ފަސްދީގެންނެވެ.
“ތިކަން ކޮންމެހެން ވެސް ޔަޤީން ކުރަން އެބަޖެހޭ….މަ އަޑުއެހި ގޮތުގަ ދާރިސް ކުޑައިރު ޝަހީދުގެ އަންހެން ދަރިފުޅާއި ވަރަށް ގާތްކޮށް އުޅުނީ. އެ ކުއްޖާ ވެސް މިހާރު އުޅެމުން ދަނީ ސްވިޓްޒަލޭންޑްގަދޯ؟”
“ޔެސް ޑޭޑް!”
“އެހެންވެއްޖެއްޔާ މި ބުނާ ގޮތަށް ހަދާ…”
**
ޒިހާންމެންގެ ގެއަށް ދިޔަ ރޭގެ ފަހުން ހިބާއާއި އެކީ އީތަންއަށް ވެސް ބަދަލުތައް އައިސްފައިވިއެވެ. ޒިހާން އެދުވަހު އޭނަ ގާތު ބުނެފައިވާ ވާހަކައިން އީތަންގެ ހިތަށް އަސަރުކޮށްފައިވިއެވެ. އޭނަގެ ހިތުގައި ހިބާއަށްޓަކައިވާ އިޙްސާސްތައް ފޮރުވައިގެން އުޅެފިނަމަ އެއިން ދެމީހުންނަށް ވެސް ލިބޭނީ ބޮޑު އަނިޔާއެއް ނޫންތޯ ބުނެލި ބުނެލުމެވެ. އެފަދައިން އުޅެފިނަމަ މުޅި ޢުމުރު ދުވަހު ހިތާމަކުރަން ޖެހިދާނެކަމަށް ބުނެލި ބުނެލުމެވެ.
އެ ބަސްތަކުގެ ސަބަބުން އީތަން ހިބާއަށް އޭނަގެ އިޙްސާސްތައް ހުށަހެޅުމަށް އިސްތިޚާރާ ނަމާދު ކުރިއެވެ. އެ ނަމާދާއި ގުޅޭގޮތުން އީތަންއަށް އެނގިފައިވަނީ ވެސް ޝަހީދުބެގެ ފަރާތުންނެވެ.
އީތަން އެ ރަށުގައި އުޅުނުއިރު ސްކޫލްގައި ބޭއްވުނު ސައިންސް ފެއާރގައި ހަދާނެ ޕްރޮޖެކްޓެއްގެ ދެ ޚިޔާލު އޭނައަށް ލިބުނެވެ. އޭގެ ތެރެއިން ޚިޔާރު ކުރާނީ ކޮން ޚިޔާލެއްތޯ އެހުމުން ޝަހީދުބެ އޭނައަށް އެ ނަމާދާއި ބެހޭގޮތުން ކިޔައިދީ އެ ނަމާދު ކުރަން ދަސްކޮށްދިނެވެ. އީތަން އޭރު އިސްތިޚާރާ ކުރީ، އޭރު ރާއްޖެއިން އެހާ ގިނައިން ނުފެންނަ ލެޕްޓޮޕެއްގެ މޮޑެލްއެއް ހެދުމަށެވެ. އިސްތިޚާރާ ކުރިތާ މާ ގިނަ ދުވަހެއްނުވެ އެ ލެޕްޓޮޕް ހަދަން ބޭނުންވާނެ އެއްޗެހި ލިބޭނެ ތަންތަން އޭނައަށް އެކުވެރިންގެ ފަރާތުން އިވެން ފެށިއެވެ. އަދި ހީވެސް ނުކުރާހާ އަވަހަށް އެ މޮޑެލްގެ މަސައްކަތް ވެސް ފެށުނެވެ. އަދި އެ މަސައްކަތް ހީވެސް ނުކުރާހާ ފުރިހަމައަށް ނިމި، އެއިން ކާމިޔާބީވެސް ލިބިގެން ދިޔައެވެ. އަދި މީގެ އިތުރުން އޭނަ ދެން ކުރި ޚިޔާލާއި އެއްގޮތަށް ކަންތައް ކުރިނަމަ އޭނައަށް އެ ކާމިޔާބީ ނުލިބުނީސްކަން އެތައް ގޮތަކުން އެނގުންވިއެވެ.
ހިބާއާއި އެކީގައިވުމަށް އިސްތިޚާރާ ކުރުމަށްފަހު ހަމަ އެފަދަ ޢިޝާރާތްތައް އޭނައަށް ފެންނާނެ ގޮތެއްވުމަށް އީތަންއަށް އެދެވުނީ ބޭއިޚްތިޔާރުގައެވެ. އީތަންގެ އެ އުއްމީދު ފުރިހަމަވެސްވިއެވެ. އިސްތިޚާރާ ކުރި ރެއަށްފަހު އައި އަނެއްދުވަހު އޭނައަށް އިންޓަރނެޓުން ފެނިގެން ދިޔައީ މުދައްރިސަކާއި އިނުމުގެ ފައިދާތަކާއި ގުޅޭ ލިޔުމެކެވެ. އެ ޞުރުޚީ ފެނިފައި ވެސް އީތަންއަށް ހީލެވުނެވެ. އެދުވަހު ގެއަށް ދިޔުމުން އެ ލިޔުމުގައިވި ސިފަތައް އީތަންއަށް ހިބާގެ ފަރާތުން ފެނުނެވެ.
އެދުވަހު ގެއަށް ދިޔަ ވަގުތު ޝަބީދައްތަ ކޮންމެވެސް އެއްޗެއް ނުދީގެން ރާނީކޮއްކޮ ރޮއިރޮއިފައި ރުޅި އައިސްގެން އަޑުހަރު ކުރަމުން ދިޔައެވެ. ރާނީކޮއްކޮ އަޑުހަރުކޮށް ބުނަމުން ދިޔަ ކޮންމެ ވާހަކައަކަށް ހިބާ އެތާ ސޯފާގައި އިނދެ ހިމޭންކަމާއިއެކީ ޖަވާބުދެމުން ދިޔައެވެ. މަންމަ އެ ގަޑީގައި ޗޮކްލެޓެއް ނުދިނީ ރޭގަނޑު ކާގަޑި ކައިރި ވެފައިވާތީ ކަމަށް ލޯތްބާއިއެކީ އެކި ގޮތްގޮތަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެއީ ރާނީކޮއްކޮއަށް ރަނގަޅަކަށްޓަކައި މަންމަ ބުނި ވާހަކައެއްކަން ވިސްނައިދެމުން ދިޔައެވެ.
މިނެޓްތަކެއް ވަންދެން ރާނީކޮއްކޮ ހަޅޭއްލަވަމުން ގެންދިޔައެވެ. އެހެނަސް ހިބާ ހަމަ އެއްޒާތަކަށް ޖަވާބުދެމުން ދިޔަ ގޮތުން ވަކި ހިސާބަކުން ރާނީކޮއްކޮ ހިމޭންވެ ސޯފާގައި އިށީނީ، ދެއަތް މެއާއި ދިމާލުން ހުރަސްކޮށް ރުޅި މޫނު ހަދަމުންނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހިބާ ކޮށްލި ސަމާސާއަކާއެކީ ރާނީކޮއްކޮއަށް ނުހޭން އިނދެފައިވެސް ހެވުނެވެ. ހަމަ އެއާއިއެކު ދުރުގައި މަންޒަރު ބަލަން ހުރި އީތަންއަށް ވެސް ލުއިގޮތަކަށް ހީލެވުނެވެ.
އެ ވަގުތުކޮޅަށްފަހު ވެސް ހިބާގެ ރީތި ސިފަތައް އީތަންއަށް ފާހަގަވަމުން ދިޔައެވެ. އެރޭގެ ވަގުތެއްގައި ހިބާ ޝަބީދައްތައާއި ދައްކަމުން ދިޔަ ވާހަކައިން، އެއީ އޭނައަށް މާޒީގައި ފެނުނު ރުޅި އިސްކުރާ ހިބާއެއް ނޫންކަން އީތަންއަށް ޔަޤީންވިއެވެ.
“ކުރިން ކުޑައިރު އަހަރެން ވެސް ވަރަށް ރުޅިގަދަވާނެ….އެކަމަކު މިހާރު އެހާއެހާއެއް ނޫން. ކުދިންނާއިއެކީ އުޅެން ފެށީމަ އަސްލު ރިއަލައިޒްވީ ކޮންމެ މީހެއްގެ ރުޅިވެރިކަމުގެ ފަހަތުގަ ފުން ސަބަބެއްވާނެކަން. އެހެންވީމަ އެހެން މީހެއްގެ ރުޅިވެރިކަމަށް، ހަމަ އެފަދައިން ޖަވާބު ދިނުމުގެ ބޭނުމެއްނެތް. ތިމާގެ ކޮޅު ރަނގަޅުވިޔަސް ޖަދަލުކުރުން ހުއްޓައިލާ މީހާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވޭނެކަމަށް އޮންނަ ޙަދީޘް އެނގުނު ފަހުން އަސްލު ރުޅި އަންނަ ހިތެއްވެސް ނުވޭ. އިޓްސް ނޮޓް ވޯތް އިޓް!”
ހިބާ ދެއްކި އެ ވާހަކަ އިވިފައި އީތަންއަށް ހިނިތުންވެލެވުނެވެ. ޚުދު އޭނަވެސް ރުޅިވެރިކަން ކޮންޓްރޯލް ކުރުމުގައި ގެންގުޅެނީ އެފަދަ ގޮތެއްކަން އެނގުންވުމުންނެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ހަނދާނަށް އަންނަނީ އެ ޙާލަތުގައި ﷲ އެންމެ ރުހިވޮޑިގެންވާނީ ކިހިނެއް ކަންތައް ކުރީމަތޯ އޭނަ އަމިއްލަ ނަފްސާއި ސުވާލުކުރެއެވެ. ދެންމެ ހިބާ ދެއްކި ވާހަކައިން ރުޅި މަޑުކުރަން އިތުރު ހިތްވަރެއް ލިބިގެން ދިޔުމުން އީތަންގެ ހިތުގައި ހިބާއަށްޓަކައިވި ޤަދަރު އިތުރުވިއެވެ.
މީގެ އިތުރުން ހިބާ އިތުރަށް ކަމުދިޔައީ ހަމަ އެ ވާހަކައިގެ ތެރެއިން ހިބާ ރުޅި ނަޔަސް ރަނގަޅު ވާހަކައެއް ބުނެ އެކަން ސާބިތުކޮށްދޭން ޖެހޭ ވަގުތު ހަނު ހުންނާކަށް ނުޖެހޭނެ ކަމަށް ބުނުމުންނެވެ. ހިބާގެ އެ ބަސްތަކުން އީތަންގެ ހަނދާނަށް އައީ އެރޭ ހިބާ އާސިފަށް ޖަވާބު ދިންގޮތެވެ. އަދި ކުޑައިރު އެއްކަލަ ފިރިހެން ކުދިންނާއި ދެކޮޅަށް އޭނަ ދިފާޢުކޮށްދިން ގޮތެވެ. ރުޅި މަޑުކުރިޔަސް ހިބާގެ އެ ސިފަ އަދިވެސް ހުރިކަން އެނގުންވުމުން އީތަންއަށް ހިތާހިތުން ހިބާއަށް ތަޢުރީފު ކުރެވުނެވެ.
މި ހުރިހާ ކަމެއްގެ އިތުރުން ހިބާ ނަމާދަށް ފަރުވާތެރިވާ ގޮތުންނާއި، ޝަބީދައްތަ ގާތު ދަމުނަމާދުގެ ފައިދާތައް ވެސް ކިޔައިދޭ އަޑު އިވިފައި ހިބާއަށްޓަކައި އިތުރު ލޯތްބެއް އުފެދުނެވެ. އަދި އެރޭގެ ސެޝަންގެ ތެރެއިން ވެސް ހިބާ ދެއްކި ވާހަކައިން ހިބާ ނަމާދަށް ފަރުވާތެރިވާ މިންވަރު އީތަންއަށް ފާހަގަވިއެވެ.
“ސާރ….ސްވިޓްޒަލޭންޑްގެ ނަމާދު ވަގުތުތައް އެނގޭނެ ކަހަލަ އެޕްލިކޭޝަނެއް ހަދަން ސާރ ދުވަހަކުވެސް ޚިޔާލުކުރިންތޯ؟”
އެރޭގެ ސެޝަންގެ ތެރެއިން ހިބާ ސުވާލުކޮށްފައިވިއެވެ.
“އެކަމަކު މިހާރުވެސް އެކަހަލަ އެޕްލިކޭޝަންތައް ހުރެއެއްނޫންތޯ ޕްލޭ ސްޓޯރއާއި އެޕްސްޓޯރގަ؟ ނަމާދު ވަގުތުތައް ފާހަގަކޮށްދޭ؟” އީތަންއަށް ބުނެވުނެވެ.
“ލައްބަ….އަޅުގަނޑުވެސް މިކޮޅަށް އައިސް އެކަހަލަ ބައެއް އެޕްލިކޭޝަންތައް ޑައުންލޯޑްކުރިން. އެކަމަކު އޭގެ ގިނަ އެއްޗެހި އެހާ ކޮލިޓީއެއްނޫން. ބައެއް ފަހަރު ނަމާދު ވަގުތު ފާއިތުވާއިރުވެސް ނޮޓިފިކޭޝަން ނާދޭ. އަދި ވަރަށް ގިނައިން ސްޓަކްވެސްވޭ. ކިހިނެއްތޯ ވާނީ ސްޕެސިފިކަލީ ސްވިސްގަ ނަމާދު ވަގުތުތައް ފާހަގަކޮށްދޭ އެޕްލިކޭޝަނެއް ހެދުން؟ އެހެންނޫނީ އެކި ކަންޓްރީސްތަކުގެ ޕްރޭޔާރ ޓައިމް ވަރަށް ރިލައެބަލްކޮށް ދައްކައިދޭ އެޕްލިކޭޝަނެއް ހެދުން؟ ކޮންމެ ދުވަހަކު ނަމާދާއި ގުޅޭ ކޯޓްއެއް ވެސް ނޮޓިފިކޭޝަނެއް އަންނަ ގޮތަށް. ނަމާދާއި ބެހޭގޮތުން އިތުރު މަޢުލޫމާތު އަލަށް މުސްލިމްވާ މީހުންނަށް ވެސް ފަހުމްވާގޮތަށް….ހުރިހާ ކަންޓްރީސްއެއް ހިމަނަންވީމަ ތަންކޮޅެއް ޗެލެންޖިންގް ވެދާނެ ދެއްތޯ؟ ސްލޯވުން ވެސް ގާތްވާނެ ދެއްތޯ؟”
“ހުމް….ބޮޑެތި ކަންޓްރީސްގެ އެކި ސަރަޙައްދުތަކަށް ނަމާދު ވަގުތުތައް ވަރަށް ބޮޑަށް ތަފާތުވެސް ވާނެތާ…..އެކަމަކު އެކަހަލަ އެޕްލިކޭޝަނެއް އެފިޝިއެންޓްކޮށް ހެދުމަކީ ނުވާނެ ކަމެއްހެން ހިއެއްނުވޭ. ސްޕީކިންގް ފްރޮމް އެކްސްޕީރިއެންސް. ވަރަށް ސަޅި އައިޑިއާއެއް ތިއީ މާ ޝާ ﷲ!”
އީތަން އެހެން ބުނެލުމުން ހިބާ ލުއިގޮތަކަށް ހީލިއެވެ. ހިބާ އޭނައާއި ކިހާ ގުޅޭކަން އީތަންއަށް އެނގުންވީ އެވަގުތެވެ. ޚުދު އޭނަގެ ދާއިރާއިން އޭނައަށް ކުރެވިދާނެ އާ އަދި މާނަހުރި ކަމެއްގެ ޚިޔާލު އެ ދިނީ ހިބާއެވެ. ހިބާގެ ފަރާތުން އޭނައަށް ނުހަނު ގިނަ ކަންތައް ދަސްވާނެކަން އީތަންއަށް އެނގުންވީ އެ ވަގުތެވެ. ޚުދު އޭނަގެ ފަރާތުން ވެސް ހިބާއަށް ކަންތައް ދަސްވެއެވެ. ދެމީހުންގެ ވިސްނުން ނުހަނު އެއްގޮތެވެ. އެހެންކަމުން ދެމީހުންނަށް އެކީގައި ނުހަނު ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެކަމަށް ޤަބޫލުކުރެވުނެވެ.
**
އިސްތިޚާރާ ނަމާދެއް ކުރީ ހަމައެކަނި އީތަންއެއް ނޫނެވެ. ޑޮކްޓަރ ޔުނާގެ ކައިރިއަށް ދިޔަ ރޭ ހިބާ ވެސް ވަނީ އިސްތިޚާރާ ނަމާދެއް ކޮށްފައެވެ. ޑޮކްޓަރ ޔުނާ އޭނައަށް ދިން ނަސޭޙަތުގައި ހިފުމަށްޓަކައެވެ. އޭނަގެ ޙާލަތު ބަދަލުކޮށްދެވިދާނެ އެހެން މީހަކު ހުރިތޯ ސުވާލުކުރެވުމުން، ހިބާގެ ލޮލަށް ސިފަވެގެން ދިޔައީ އީތަން ނޫން ދެވަނަ މީހެއްގެ ސޫރައެއް ނޫނެވެ. އެރޭ ގެއަށް އައުމަށް ފަހުވެސް ހިބާއަށް އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނުނެވެ. އޭނަ އީތަން ސާރގެ ފަރާތުން ހަމަ އެހީއަށް އެދެންވީތޯ އަމިއްލަ ނަފްސާއި އެތައް ފަހަރަކު ސުވާލުކުރެވުނެވެ. އީތަން ސާރގެ ބަދަލުގައި ޝަބީދައްތަގެ އެހީއަށް އެދެން ވެސް ހިބާއަށް ޚިޔާލުކުރެވުނެވެ. އެހެނަސް ޝަބީދައްތަގެ ޙާލަތުގެ ގޮތުން އޭނަގެ މައްސަލަތަކާއިމެދު އެ ހެޔޮއެދޭ ދައްތަ ލައްވާ ފިކުރު ކުރުވަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އީތަން ސާރ ކައިރިން އެހީއަށް އެދެން ނިންމުނެވެ. އަދި އެކަމަށްޓަކައި އިސްތިޚާރާ ކުރެވުނެވެ.
އެ އިސްތިޚާރާ ނަމާދަށްފަހު ހިބާއަށް ވެސް ފެންނަން ފެށީ މުޅިން ރަނގަޅު ޢިޝާރާތްތަކެވެ. އެ ނަމާދަށްފަހު އީތަން ސާރ އޭނައާއިމެދު އަޅާލައި އޭނައަށް އެހީތެރިވެދޭ ގޮތް ފުރިހަމަކަން ހިބާއަށް އިހުނަށްވުރެ ބޮޑަށް ފާހަގަވާން ފެށިއެވެ.
އެއްދުވަހު ހިބާ ސްކޫލްގައި ހުއްޓާ އެދުވަހު ގެއަށްދާ ގަޑިޖެހުމުގެ ބައި ގަޑިއިރު ކުރިން އީތަން ސާރގެ މެސެޖެއް އައެވެ. އެދުވަހު މައިކަލްއަށް ހިބާ ނަގަން ނުދެވޭނެ ވާހަކައާއި އެހެންކަމުން އެހެން ކާރެއް ފޮނުވާނެ ވާހަކަ ބުނަމުންނެވެ. އެކަން އެނގުމުން ހިބާ ހިސާބަކަށް ޖެހިލުންވިއެވެ. މައިކަލް ނެތިއްޔާ އީތަން ސާރ ފޮނުވާނީ އޭނައާއި ބީރައްޓެހި ފިރިހެނަކު ދުއްވާ ކާރެކޭ ހިބާގެ ހިތަށްއެރިއެވެ. އެހެނަސް ހިބާ އެދުވަހު އޭނަ ހޯދަން އައި މަޑު ނޫކުލައިގެ ކާރަށް ގޮސް އެރިއިރު، އޭގެ ޑްރައިވާރސް ސީޓުގައި އިނީ، ވިންޓޭޖް ޓެކްނޮލޮޖީއިން އޭނައާއި ދިމާވެ އަދި އެކުވެރިވެފައިވާ އަންހެން މުވައްޒަފެކެވެ. އެ އަންހެން ކުއްޖާ އޭނަ ގާތު އެދުނީ ވެސް ކާރުގެ ކުރީ ސީޓުގައި އިނުމަށެވެ. އެ ދަތުރު ވެގެން ދިޔައީ ހިބާއަށް ހިތްގައިމު ދަތުރަކަށެވެ.
އެދުވަހު ހިބާ ގެއަށް ދިޔައިރު އޭނަގެ ކޮޓަރީގައި ދިގު ކޯޓުތަކެއް އެޅުވިފައިވި ހަރުގަނޑެއް ހުއްޓެވެ. ކޯޓުތަކަށް ރަނގަޅަށް ބަލައިލިއިރު އެއީ އޭނަގެ ސައިޒްކަން އެނގި، އެ ކޯޓުތަކުގައި ހުރީ އޭނަ އަޅާ ޝޯލްތަކުގައި ހުންނަ ކުލަތައްކަން އެނގުންވިއެވެ. ވާނުވާއެއް ނޭނގުމުން ހިބާ ކޮޓަރިން ނިކުމެގެން ގޮސް ޝަބީދައްތައާއި ސުވާލުކުރިއެވެ.
“ހިބާގެ ބޮޑުބޭބެ ގަތް އެއްޗެއް ކަންނޭނގެދޯ؟ ކޮންމެވެސް ފިހާރައަކުން އައި ޑެލިވަރީއެއް އެ ކޯޓުތަކަކީ…” ޝަބީދައްތަ ހީވާ ހީވުމެއްގެ މައްޗަށް ޖަވާބުދިނެވެ. އެހެނަސް ބޮޑުބޭބެ އޭނައަށްޓަކައި އެފަދަ ހޭދައެއް ނުކުރާނެކަން ހިބާއަށް ޔަޤީން ކުރެވުނެވެ. ބޮޑުބޭބެ އޭނަގާތު ކޯޓެއްލުމަށް އެދުނަސް އެދޭނީ ބޭބެ ދިން ކޯޓުތަކުގެ ތެރެއިން އެއްޗެއް ލުމަށެވެ. އެހެނަސް އެ ކޯޓުތައް ކުޑަކުރެވިފައިވި ގޮތުން ހިބާއަށް އެ ލައިގެން އުޅެން އުދަގޫވެއެވެ.
ހިބާ މި ވާހަކަ އެއްދުވަހު ޙިއްސާކޮށްފައިވަނީ ރާނީކޮއްކޮއާއެވެ. ރާނީކޮއްކޮ ފިނި މޫސުމުގައި ކޯޓު ލައިގެން އުޅޭ ހިތްވާ ވާހަކަ ބުނުމުން ހިބާ ކޯޓުތައް ލާ ހިތްނުވާ ވާހަކަ ބުންޏެވެ. އޭނަ އަތުގައި ހުންނަ ކޯޓުތައް ހެޔޮވަރު ނޫންކަމަށްވާތީ ކަމަށް ބުނަމުންނެވެ. ރާނީކޮއްކޮ އޭނަ ގާތު އެހެންވީމަ ކޯޓުތައް ގަންނަންވީ ނޫންތޯ ބުންޏެވެ. ހިބާ ގަންނާނީ ބުންޏެއްކަމަކު އެއީ ނުވާނެ ކަމެއްކަން އޭނައަށް އެނގެއެވެ. ހަމްނާގެ އިމްތިޙާންތަކަށާއި އެހެން ކަންތަކަށް ފުދޭވަރަކަށް ލާރިދާނެތީ އެ މަހު އޭނަ އިތުރަށް ލާރި ހޭދަކުރަން ޤަޞްދެއް ނުކުރެއެވެ.
އެދުވަހު އެ ވާހަކަ ނިމުމަކަށް އައިއިރު އީތަން ސާރ އޭނައަށް ބަލައިގެން ހުރި މަންޒަރު ހިބާއަށް ފެނުނެވެ. އޭނަ ބެލުމާއިއެކު އީތަން ސާރ ދުރަށް ނަޒަރު ހިންގައިލަމުން ހިނގައިގަތެވެ. އެދުވަހު އޭނަގެ ހިތުތެރޭގައިވި މާޔޫސްކަން އީތަން ސާރއަށް އެނގުނު ފަދައެވެ. އޭނައަށްޓަކައި އެހާ ގިނަ ކޯޓުތައް ގަނެދޭނީ އެހެންވެ ނޫންތޯ ހިތަށްއެރިއެވެ. އެކަމާއިމެދު އުފާކުރެވުނެއްކަމަކު އޭނަ އީތަން ސާރއަށް އޭގެ ބަދަލު ދޭންވެސް ބޭނުންވިއެވެ. އެރޭ ބޭއްވުނު ސެޝަންގެ ތެރެއިން އެ ވާހަކަ ބުނުމުން އެއީ އެއްވެސް މައްސަލައެއް ނޫންކަމަށް ސާރ ބުނާނެކަމަށް ހިބާއަށް ހީކުރެވުނެވެ. ހިބާ ހުރީ އެއަށް ދޭނެ ރައްދަކަށް ވެސް ތައްޔާރުވެގެންނެވެ. އެހެނަސް…..
“އޮފްކޯރސް! ހިބާ ސާރއަށް ޕޭއިބެކް ކުރައްވަންވާނެ. އޭގެ ބިލުވެސް އޮންނާނެ ސޭވްކޮށްފަ. ހިބާގެ އެޕްލިކޭޝަން ހައްދަވައިގެން އޭތި މަޝްހޫރުވެގެން އެއަށް ޑޮލަރު ލިބެން ފެށީމަ ކޮންމެހެން ވެސް އެ ބިލަށް ލާރިދެއްވައްޗޭ. އެހެންނޫނީ ސާރއަށް އެކަހަލަ ކޯޓުތަކެއް ގަނެ ދެއްވިޔަސް މައްސަލައެއްނެތް. ކޯޓުތައް ގަންނަންވީ ފިހާރަ މެސެޖަކުން އަންގާލަދޭނަން!”
އީތަން އެ ޖަވާބު ފަރުމާކޮށްލީ ހިބާގެ ހިތުގައި ފޮރުވިފައިވާ ހުރިހާ އުދާސަކާއި މުސްތަޤްބަލުގެ ނުތަނަވަސްކަމެއް ނެތިކޮށްލާ ފަދައަކުންނެވެ. އެކަން އެނގުންވުމުން ހިބާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. އީތަން ސާރއަކީ މީހުންނަށް އެހީވާން ދަންނަ ޝަޚްޞިއްޔަތެއްގެ ވެރިއެއްތާއޭ ހިތަށްއެރިއެވެ. އެހީވެދެނީ އެ އެހީތެރިވެދޭ މީހާ އެއްވެސް ގޮތަކުން ދެރަ ނުވާ ފަދައަކުންނެވެ. އެހެންކަމުން އީތަން ސާރގެ ފަރާތުން އެހީއަށް އެދުމަކީ އޭނައަށް އެންމެ ރަނގަޅުވާނެ ގޮތް ކަމަށް ނިންމުނެވެ.
އެ ނިންމުމުގައި ހިފަހައްޓަން ހިބާއަށް އިތުރު ހިތްވަރެއް ލިބުނީ އީތަން ސާރ އޭނަގެ ކޮޓަރީގެ ލައިޓް ސިސްޓަމް ހިންގާނެ ގޮތްވެސް އޭނައަށް ދަސްކޮށްދީ، އޭގެ ބާރު އޭނައަށް ދިނުމުންނެވެ. އެކަން ކޮށްދިނީ ވެސް ރޭގަނޑު ރަނގަޅަށް ނިދުމަށް ހިބާ ލައްވާ ވަޢުދުކުރުވަމުންނެވެ. އަދި މި ނޫނަސް އޭނައަށް ބޭސްކާން ހަނދާންކޮށްދީ، ޑޮކްޓަރ ޔުނާ އެކޮޅުގައި ހުރި 3 ދުވަހު ޤަވާޢިދުން އޭނަ ޑޮކްޓަރުގެ ކައިރިއަށް ވެސް ގެންދިޔައެވެ. މި ކަންތަކާއިހެދި ވެސް ހިބާ އީތަން ސާރއާއި މެދު އިތުރަށް ހިތްހަމަޖެހުން ނޫންކަމެއް ނުވިއެވެ.
ދެ ހިތެއްގައި އުފާވެރިކަމުގެ ވިންދު ޖަހަން ފެށީ އަންނަން އުޅޭ ޠޫފާނަކާއިމެދު ހިލަމެއް ނުވެއެވެ. ދެމީހުން އެކަކު އަނެކެއްގެ ކައިރިއަށް ދިޔުމަށް ނިންމީ، އެމީހުންނާއި ދެކޮޅަށް ރޭވުންތައް ރާވާ ނުލަފާ ބަޔަކުން ތިބިކަން އެނގުމެއް ނެތިއެވެ.
ހިބާ އެއްދުވަހު ސްކޫލްގެ ކެފެޓީރިއާގައި އިންދާ، އެ ސްކޫލްގައި އުޅޭ ޓީޗަރެއް ކަމަށްވާ ސްޓެލާ އޭނަގެ ކައިރިއަށް އައިސް ހިބާގެ ކުރިމަތީގައި ޗޮކްލެޓް ޕުޑިންގް ތަށްޓެއް ބެހެއްޓިއެވެ. ހިބާ އެއްފަހަރު އެއަށް އަނެއްފަހަރު ސްޓެލާއަށް ބަލައިލިއެވެ.
“ހިބާއަށް ބަލާފަ ހީވަނީ ހިބާއަށް ޗޮކްލެޓް ކަމުދާހެން. އެހެންވެ މި ގެނައީ. އަހަރެން އަމިއްލައަށް ގެއިން ހަދައިގެން އައި އެއްޗެއް.”
ސްޓެލާ އިނގިރޭސި ބަހުން ބުންޏެވެ. ހިބާ އެ ވާހަކައަށް ގަދަކަމުން ހިނިތުންވެލަމުން ކުރިމަތީގައި ހުރި ޓީޗަރާއި ދިމާލަށް ވެސް ބަލައިލިއެވެ. ހިބާ އެ ޤައުމުގައި އުޅޭއިރު ބޭރުން ކައި އުޅޭ ކޮންމެ އެއްޗެއް ކަނީ ވަރަށް ބަލައިގެންނެވެ. އާދައިގެ ކާއެއްޗެހި ތައްޔާރުކުރުމުގައި ވެސް އެ ޤައުމުގެ މީހުން ރަލުގެ ބާވަތްތައް ވެސް ބޭނުންކޮށް އުޅޭތީވެއެވެ. ޕުޑިންގްއަށް ބަލަހައްޓައިގެން ވިސްނުމެއްގައި އިނދެފައި ހިބާއަށް ވާހަކަ ދެކެވުނެވެ.
“މިހެން އަހަން ޖެހޭތީ ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު މީގަ….އެއްވެސް ކަހަލަ ރަލުގެ ބާވަތެއް ހުންނާނެތަ؟ އަޅުގަނޑު އެއްގޮތަކަށް ވެސް އެ ބާވަތްތައް ބޭނުން ނުކުރަން.” ހިބާ ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ ބުންޏެވެ. އެހެނަސް ތެދުތެދަށް ބުނެވުނީތީ ހިތްހަމަޖެހުނެވެ.
“އާނއެކޭ! އަހަންނަށް ވެސް އެނގެއޭ މުސްލިމުން ރަލުން އެއްވެސް އެއްޗެއް ހަދައި ނުއުޅޭކަން. ރާއްޖޭގެ ޓީޗާރސް އުޅޭތީ އެމީހުންގެ ޤަބޫލުކުރުންތަކާއިމެދު ވިސްނާފަ މި ހެދީ….”
ސްޓެލާ ބުންޏެވެ. ހިބާ ދެންވެސް އެހެންތޯ ބުނެލީ ސްޓެލާގެ ވާހަކަ ޤަބޫލުކުރަން ދަތިވެފައިވާ ޙާލުގައެވެ. ސްޓެލާ ކުރީ ދުވަހެއްގައި ވެސް އިސްލާމް ދީނުގެ ޤަބޫލުކުރުންތަކަށް ހަޖޫޖަހާ ޒާތަށް އޭނައާއި ވާހަކަ ދައްކާފައި ހުރުމުންނެވެ. އެ ވާހަކަތައް އިވިފައި ހިބާ ވަނީ އޭނަގެ ޤަބޫލުކުރުންތަކަށް ހަޖޫޖެހުމުގެ ޙައްޤެއް ސްޓެލާއަށް ލިބިގެން ނުވާކަމަށް ސާބިތުކަމާއިއެކީ ބުނެފައެވެ. ހިބާގެ ވާހަކައިން އަރައިނުގަނެވުމުން އެދުވަހު ސްޓެލާވަނީ އޭނައަށް މަޢާފަށް އެދިފައެވެ. އެހެނަސް އެދުވަސްފަހުން އޭނައަށް ސްޓެލާއަށް ފުރިހަމައަށް އިތުބާރު ކުރެވޭ ގޮތެއް ނުވެއެވެ.
ކޮންމެއަކަސް ސްޓެލާ ހަމަ އެ ހުރިތާ ހުރެ ރަހަ ބަލާބަލާށޭ ބުނުމުން ހިބާއަށް މޭޒުމަތީގައި އޮތް ސަމުސާ ނެގުނެވެ. އިސްލާމީ ޤަބޫލުކުރުންތަކަށް އިޙްތިރާމްކުރާ ކަމަށް ބުނެ އެއްޗެއް ހަދައިގެން އައުމުން އިންކާރު ކޮށްފިނަމަވެސް ނުބައި މެސެޖެއް ދެވިދާނެތީވެއެވެ. އެވަގުތު އެ ކެފެޓީރިއާގައި ތިބި އެހެން ދިވެހި މުދައްރިސުން ވެސް އެ ޕުޑިންގް ކަމުން ދިޔަތަން ފެނިފައި ހިބާ ވެސް ރަހަ ބަލައިލިއެވެ. އެހިނދު ޗޮކްލެޓްގެ ފޮނި ރަހަ ލުމުން ހިބާއަށް ވެސް އެ ޕުޑިންގް ވަރަށް މީރުވިއެވެ. ސްޓެލާ ހިނިތުންވުމަކާއިއެކީ މީރުތޯ އެހުމުން ހިބާއަށް ވެސް ހިނިތުންވެލަމުން ބޯޖަހައިލެވުނެވެ. ސްޓެލާ ހީލަމުން އެންމެ ރަނގަޅޭ ބުނެ އެއްކޮށް ހުސްކުރަން އެދުނެވެ. އެއަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
“ހާދަ ޤަބޫލެއް ނުކުރެވެއޭ. ސްޓެލާ ވަރަށް ތިކަހަލަ އެއްޗެއް ނަހަދާނެ ވައިން ނާޅާ. މި ބުނެލީ ހަމަ ހިބާއަށް އިޙްތިރާމް ކުރެވޭތީ. ފަހަރެއްގަ މަސްތު ނުވެދާނެ ތި ކެއީމަ. އެކަމަކު ހިބާ ރަލަށް ކިހާ ނަފްރަތުކުރާކަން އެނގޭތީ މި ބުނީ.”
ހިބާ ދެވަނަ ސަމުސާއެއް އަނގައަށް ލާން އުޅުނު ވަގުތު އެހެން ބުނެލީ އޭނަގެ ކުރިމަތީގައި އިށީނދެގެން އިން މިސް ސްމިތް އެވެ. މިސް ސްމިތްއަށް ބަލަން އިނދެފައި ހިބާއަށް އެ ޕުޑިންގްއަށް ބަލައިލެވުނެވެ. އޭގެ ރަހަ އޭރުވެސް ދުލުގައި ހުރިގޮތުން ކާން ވަރަށް ވެސް ބޭނުންވިއެވެ. އެހެނަސް ލަސްލަހުން ސަމުސާ ތިރިކޮށްލެވުނީ، ޝައްކެއްގެ މަތީގައި ހުރެވެސް ﷲ އަށް އުރެދެން ބޭނުމެއް ނުވުމުންނެވެ. އެވަގުތުކޮޅަކީ އޭނައަށް އިމްތިޙާނެއްކަން ދަނެގެންނެވެ. އޭނަގެ އެދުމެއް ﷲ އަށްޓަކައި ޤުރުބާން ކޮށްފިނަމަ އެއަށްވުރެ ފުރިހަމަ އެއްޗެއް ބަދަލުގައި ދެއްވާނެކަން ޔަޤީން ކުރަމުންނެވެ.
ހިބާއަށް ނޭނގުނުކަމަކީ އޭނަގެ އެ ތަޤްވާވެރިކަމުން އޭނައަށް ލިބިގެން ދިޔައީ ކިހާ ބޮޑު ރައްކާތެރިކަމެއް ކަމެވެ. ދެންމެ އޭނަ ކާން އުޅުނު ކެއުމުގައި ހުރީ ރަލަށްވުރެ ވެސް ނުރައްކާތެރި ބާވަތެއް ކަމެވެ.
އޭގެ އަސަރުތައް ހިބާއަށް އިޙްސާސް ކުރެވެން ފެށީ އެދުވަހުގެ މެންދުރު ވަގުތު ގެއަށް ދިޔަ މަގުމަތީގައެވެ. ނޭނގޭ ސަބަބަކާއިހުރެ ކާރުގެ ދޮރު ހުޅުވާނެހާ ވަރެއްވެސް އޭނަގެ އަތުގައި ނެތެވެ. ފުރަތަމަ ދޮރުގެ އަތްގަނޑުގައި ހިފައިލުމަށްފަހު ދޫވެސް ކޮށްލެވުނެވެ. ދެވަނަ ފަހަރު އެ ދޮރު ހުޅުވައިލެވުނީ ޢާއްމުކޮށް އޭނަ ބާރުލާންޖެހޭ ވަރަށްވުރެ ބޮޑަށް ބާރުލައިގެންހެން ހީވިއެވެ.
މުޅި ދަތުރުމަތީގައިވެސް ހިބާގެ މުޅި ހަށިގަނޑުގައި ވަރުބަލިކަމެއްވިއެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަދެވި އެނދާއި ހަމައަށް ދެވުނީ ކިރިޔާއެވެ. އެނދުގައި އިށީނދެވުމާއިއެކު އޮށޯވެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދެލޯ މެރެން އުޅުނު ވަގުތު ނޭވާވެސް ކުރުވާން ފެށިހެން ހީވުމުން ގަތް ބިރާއިއެކީ ތެދުވެލެވުނެވެ. އެހެނަސް އަރާމުކޮށްލަން ނިންމީ، އޭނަ އެދުވަހު މާ ބޮޑަށް ވަރުބަލިވީކަމަށް ނިންމަމުންނެވެ.
ހިބާ ޢާއްމުގޮތެއްގައި މެންދުރު ނިދައިފިނަމަ ގަޑިއިރެއްހާއިރު ތެރޭގައި ހޭލެވޭނެއެވެ. އޭނަގެ ސިކުނޑީގައި އަބަދުވެސް އޭނަ ކުރަންޖެހޭ ކަންތަކުގެ ބުރަކަން ހުންނާތީވެއެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެދުވަހު މެންދުރު ނިދިގޮތަށް ހިބާއަށް ހޭލެވުނީ ރޭގަނޑުގެ ވަގުތެއްގައެވެ. ގަޑިން ވީ ވަގުތު ފެނިފައި ހިބާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ތެދުވަން ވެސް ހިތަށްއެރިއެއްކަމަކު ހިބާ އެކަން ކުރަން ނުކުޅެދުނެވެ. އޭނަ މިހާ ކަންނެތްވީ ކޮން ދުވަހަކުތޯ ހިބާގެ ހިތަށްއެރިއެވެ. އެހިނދު ގައިން ހޫނު އަރުވައި ގަދަ ހުމެއް އޭނަ އައިސްފައިހުރިކަން ވެސް ހިބާއަށް އެނގުންވިއެވެ. ހަމަ އެއާއިއެކު އެދުވަހު ބޭސް ވެސް ގަޑިން ނުކެވުނުކަން ހަނދާންވެ ހިބާ އަމިއްލަ ނަފްސާއިމެދު ކަންބޮޑުވިއެވެ.
ހިބާ އެއޮތް ގޮތަށް އޮތްވާ އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު އޭނައަށް ޢާއްމުގޮތެއްގައި ގުޅާނީ ހަމްނާއަށް ވުމުން ހިބާ އެއީ ހަމްނާ ކަމަށް ހީކޮށް އަރިމަތީ މޭޒަށް އަތްދިއްކުރިއެވެ. އެ ޙަރަކާތުން ވެސް ހިބާ އައިސްފައިވި ހުމުގެ ސަބަބުން ގައިގައި ވޭން އަޅައި ބޮލުގައި ރިހުމެއް އުފެދުނެވެ. ކޮންމެ ގޮތެއްވިޔަސް ކޯލަށް ޖަވާބުދޭން ބޭނުންވުމުން ހިބާ ކޯލު ރިސީވް ކުރަން އުޅުމުގެ ތެރޭގައި، ރިސީވް ކުރެވުނު ވަގުތު ފޯނު ބަންޑުން ގޮސް ބިންމަތީގައި ޖެހުނެވެ. އެ އަޑުފަތްގަނޑާއިއެކީ ފޯނު ހަލާކުވާނެކަމަށް ހިބާއަށް ހީކުރެވުނެވެ. އެހެނަސް މާ ގިނައިރެއް ނުވެ އެކޮޅުން މީހެއްގެ އަޑުއިވުމުން ކޯލު ސްޕީކަރަށް ލެވިފައިވިކަން އެނގުންވިއެވެ.
“ހެލޯ ބޭބް! ކިހިނެއްތަ؟”
އެކޮޅުން އިވިގެން ދިޔަ އާސިފްގެ އަޑާއިއެކީ ވަގުތުން ހިބާގެ ހިތަށް ފޫހިކަމާއެކީ ރުޅިވެރިކަން ވެރިވިއެވެ. އެ ރުޅިވެރިކަމާއިއެކީ ހިބާއަށް އުދަގުލާއިއެކީ ވެސް ތެދުވެލެވުނެވެ.
“ކީއްކުރަން އަހަންނަށް ތި ގުޅީ؟” ހިބާއަށް ސާބިތުކަމާއިއެކީ ބުނަން ޤަޞްދުކުރި ބަސްތައް ނިކުތީ ރޫރޫ އަޅާ އަޑަކުންނެވެ. އޭނަގެ ސާބިތުކަމަށް އޭނަގެ އަޑު އެއްބާރުލުންދޭން ދެކޮޅު ހެދި ގޮތުން ލިބުނު ޙައިރާންކަމުގައި ހިބާއަށް އަމިއްލަ ކަރުގައި އަތް ޖައްސައިލެވުނެވެ.
“އައްދެ! ހާދަ ބައްޔޭ….ބޭބީ ތިކޮޅުގަ އެކަނިމާއެކަނި އުޅެންޖެހުނީމަ މާ ބޮޑަށް ބަލިވަނީދޯ؟ އެހެންވެއޭ އެ ދުވަހުވެސް މަ ބުނީ މަށާއި މެރީ ކުރާށޭ. ހޮސްޕިޓަލުގަތަ ތިއޮތީ؟ ކާކު ކައިރީގަ ހުރީ؟” އާސިފް ސުވާލުތަކެއް ކުރިއެވެ.
“އިރާދަކުރެއްވީތީ ހޮސްޕިޓަލަށް ދާހާ ގޯހެއް ނުވޭ. އަހަރެން ހަމަ ރަނގަޅު އަލްޙަމްދުލި ﷲ….”
“އަސްލުވެސްތަ؟ ދެޓްސް ސްޓްރޭންޖް…..އެކަމަކު ބަލި އަޑަކުން ތި ވާހަކަ ދައްކަނީ…ހިބާއަށް އެހީވެދޭން ތިތާ މީހެއް ނެތްތަ؟”
“ކޮންމެހެން މާ އަޅާލާ ކަމަށް ހެދޭނެކަމެއް ނެތް! އަހަރެން އެކަނި ހުއްޓަސް އަހަރެން ހުންނާނީ ރަނގަޅަށް އިން ޝާ ﷲ! ﷲ އަހަންނަށް އެހީތެރިވެވޮޑިގެންވާނެ އިން ޝާ ﷲ!”
“އައި ސީ….އެހެންވީއިރު އަހަރުންނަށް ކުރެވުނީ ކުށްހީއެއްތާ!”
އާސިފް ވާހަކަ ދެއްކި ރާގުން ހިބާގެ ބުމަ ކައިރިވިއެވެ. އާސިފް ދެންމެ އެ ދެއްކީ މުޅިން ނުގުޅޭ ވާހަކައަކަށް ވުމުންނެވެ. އެކަމާއިމެދު ވިސްނެން އުޅުނު ވަގުތު އާސިފް އިތުރަށް ވާހަކަ ދެއްކިއެވެ.
“ކޮބާ ދެން އަހަރުމެންގެ ކައިވެނިވެސް ކައިރިވަނީދޯ؟ ހަފްތާއެއްހާ ދުވަސް ދެން ބާކީ އޮތީ ހިބާ މިކޮޅަށް އަންނަން. ހިބާގެ ގޮތެއް ނޭނގޭ އެކަމަކު އަހަރެން ވަރަށް އެކްސައިޓެޑް…..އެދުވަހު ހޮޓެލް ރޫމަށް ވަދެފަ ނުކުރެވުނު ކަންތައް ކުރެވޭނެތީ. ކައިވެނިކޮށްގެން ތިބީމަ ފުލުހުންނަކަށް ވެސް އަހަރެން ނުހުއްޓުވޭނެތާ. ބަލައްޗޭ ދެން ހިބާގެ ރޭތައް ބަދަލުވެގެންދާ ގޮތް….”
އާސިފް އެހެން ބުނުމަށްފަހު ދައްކަން ފެށީ ހިލޭ ދެމީހުންގެ ދެމެދުގައި ދައްކަން ނުޖެހޭ ޒާތުގެ ވާހަކަތަކެވެ. އެ ވާހަކަތަކަށް ވީ ނުރުހުމުގައި ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއިރު ލޮލަށް ކަރުނަތައް ވެސް ޖަމާވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީގެ 3 ދުވަސްކުރިން އޭނަ ދިޔަ ޙާލަތަށް ގޮސް ހުސްވިހެން ހިބާއަށް ހީވިއެވެ. އަނެއްކާވެސް ހަތަރުފަރާތުން އޭނަ ބެދެމުންދާ ކަހަލަ އިޙްސާސެއް ކުރެވުނެވެ. އޭނައަށް އެހީވެދޭނެ މީހެއް ނެތްހެން ހީވިއެވެ. އޭނަ ކިތަންމެ މަސައްކަތް ކުރިޔަސް އޭނަ އާސިފްގެ މުޞީބާތުން ސަލާމަތް ނުވާނެހެން ހީވިއެވެ.
އެހެނަސް ހަމަ އެވަގުތު ހިބާ ޑޮކްޓަރ ޔުނާގެ ބަސްތަކުގެ މަތިން ހަނދާންވިއެވެ. ހަތަރު އުދަރެސް ފެނުޖެހޭހެން ހީވާ ވަގުތު ހަމަ ކޮންމެވެސް ޙަރަކާތެއް ގެނައުމަށް ދިން ނަސޭޙަތެވެ. އެ ނަސޭޙަތް ހަނދާންވުމުން އެވަގުތު އާސިފްގެ އަޑު ކަނޑުވަން ބޭނުންވަމުން ދިޔަ މިންވަރުވެސް އެނގުންވިއެވެ. ފޯނަށް ނަޒަރެއް ދެމުން ހިބާ ގަދަކަމުން ގެނައި ޙަރަކާތަކާއިއެކީ އެނދުން ދެ ފައި ބޭލީ ވޭނާއި އެކީގައެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނު ނަގަން ގުދުވާން އުޅުމުގެ ތެރޭގައި ބިންމަތީގައި ކަކޫޖެހި ބިމަށް ތިރިވެގެން ދިޔައީ ގައިގައި ވަރެއް ނެތް ފަދައަކުންނެވެ. އެގޮތަށް ވެއްޓުމުން ހަށިގަނޑުގެ އެކި ތަންތާނގައި ހިނގައިލި ރިހުންތަކާއިއެކީ ވެސް ހިބާ ހިތްވަރުކޮށް ފޯނު ނަގައި ފޯނު ކަނޑައިލިއެވެ. އެހިނދު އާސިފް ވެއްޓުނީތޯ އަހައި ތިމަންނަ ހުރި ނަމަ ހިފަހައްޓައިދިނީމުހޭ ކިޔަމުން ދިޔައެވެ.
އާސިފްގެ އެ ބަސްތަކުން ވެސް ހިބާގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވާން ފެށިއެވެ. ހިނދުކޮޅަކަށް ނަމަވެސް އާސިފް ދެއްކީ ރަނގަޅު ވާހަކަތަކޭ ހިތަށްއެރިއެވެ. އޭނައަށް ވެސް ފިރިއެއް ލިބިފައި ހުރިނަމަ އޭނައަށް އެހީވެދިނީހޭ ހިތަށްއެރި ވަގުތު މީހުން އޭނަ މީހަކާއި ނުއިނދެގެން ދައްކާ ވާހަކަތައް ވެސް ކަންފަތުގައި ގުގުމަން ފެށިއެވެ. އެ ޙާލަތުން ވެސް އަރައިގަންނަން ހިބާ ބޭނުންވުމުން އެހެން ޚިޔާލެއް ހިބާއަށް ލިބުނެވެ. އެއާއިއެކު އެ ޚިޔާލާއި އެއްގޮތަށް ޢަމަލުކުރަން ހިބާ ކޮޅަށް ތެދުވެލިއެވެ.
**
އޮފީސް ބުރަ ދުވަހަކަށްވުމުން އީތަން އެރޭ ގެއަށްދާން ތައްޔާރުވަމުން ދިޔައީ 11 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. މޭޒުމަތީގައި ހުރި ގަނޑުތައް ފައިލްތަކަށް ލައި ނިމެން އުޅުނު ވަގުތު ފޯނު ރިންގުވާން ފެށުމުން އީތަން ސްކްރީނަށް ބަލައިލިއެވެ. ސްކްރީނުން ފަރީދުބެގެ ނަން ފެނިފައި ލިބުނު ޙައިރާންކަމާއިއެކީ އީތަން ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. އެއާއިއެކު އީތަންއަށް އެއްޗެކޭ ނުބުނެވެނީ އެކޮޅުން ފަރީދުބެގެ ރޮވިފައިވާ އަޑު އިވުނެވެ.
“އީތަން! އީތަން ތިހިރީ ކޮންތާކު ދަރިފުޅު؟” ފަރީދުބެގެ އަޑު އެފަދަ ގޮތަކަށް ފުރަތަމަ ފަހަރަށް އިވުމުން އީތަންގެ މެއަށް ގޮތެއްވިއެވެ.
“މިހިރީ އޮފީހުގަ ބޭބޭ ކިހިނެއްތޯވީ؟” އީތަންއަށް އަހައިލެވުނެވެ.
“ހިބާ….ބޭބެއަށް ވެސް ދެންމެއަކު އިވުނީ. އާސިފް ހިބާއަށް ނުރައްކާވާ ޒާތުގެ އެއްޗެއް މީހަކު ލައްވާ ދީގެން އުޅެނީ. ބޭބެއަށް މި ހުރެވުނީ ވެސް ތި އަވަށާއި ވަރަށް ދުރު ހިސާބެއްގަ. ހިބާއަށް ގުޅާގުޅާ ފޯނެއްވެސް ނުނަގާ…”
ފަރީދުބެ އިތުރަށް ސިފަކޮށްދިންދިންހެން އީތަންގެ އަނެއްއަތުން ހިފަހައްޓައިގެން ހުރި ބިއްލޫރި ބަރުގައި ބާރަށް ހިފަހައްޓައިލެވުނެވެ. އިސާހިތަކު އީތަންއަށް ހިބާގެ ކައިރިއަށް މިދަނީ ކަމަށް ބުނެ ފޯނު ކަނޑައިލެވުނެވެ. އެ ހިނދު އާސިފަށް އައި ރުޅި ބޭލުނީ ހިފަހައްޓައިގެން ހުރި ބަރު އަތުގެ ކޮޅަށް ހޫރައިލަމުންނެވެ. އެއަށްފަހު އީތަން ދިގު ފިޔަވަޅުތަކެއްގައި ކެބިންއިން ނިކުންނަން ދިޔައިރު ހިތުގެ ތެޅުން އަވަސްވެފައިވިއެވެ.
**
ހިބާގެ ފޯނު ވައިބްރޭޓްވަމުން ދިޔައިރު އޭތި އޮތީ އެނދުމަތީގައެވެ. ސްކްރީނަށް ‘އީތަން ސާރ’ ގެ ނަން އަރަމުން ދިޔައެއްކަމަކު އެވަގުތު އެ ފޯނު ނަގަން ކޮޓަރީގައި މީހަކު ހުރިހެން ހިއެއްނުވެއެވެ.
**
ކާރު ދުއްވަމުން ދިޔައިރު އީތަންއަށް ތަކުރާރުކޮށް ހިބާއަށް ގުޅެމުން ދިޔައެވެ. ފޯނު ރިންގުވަމުންދާ ވަގުތު ފޯނު ނެގުމަށް އެދި ދުލުން ވެސް ހިބާއަށް އާދޭސްކުރެވެމުން ދިޔައެވެ. ފޯނު ކެނޑޭ ކޮންމެ ފަހަރަކު ހިތަށް ވެރިވާ ބިރުވެރިކަމާއި މާޔޫސްކަމުން އީތަންގެ ލޮލުން ކަރުނަވެސް ހިލިފައިވެއެވެ. އެންމެ ފަހުން ހިބާ ފޯނު ނުނަގައިގެން ޝަބީދައްތައަށް ވެސް ގުޅުނެވެ. އެހެނަސް ޝަބީދައްތަ ވެސް ފޯނު ނުނަގައެވެ. އެއީ ޝަބީދައްތަ އެދުވަހު މާ ބޮޑަށް ބަލިވެ އުޅޭތީވެކަން އެނގުނެއްކަމަކު ބޭއިޚްތިޔާރުގައި ޝަބީދައްތައަށް ވެސް ނުރުހުންވެވުނެވެ. އަދި ފޯނު ކަނޑައިލަމުން ކާރުގެ ސްޕީޑް ބާރުކޮށްލެވުނެވެ.
މިނެޓްތަކެއްގެ ތެރޭގައި އީތަންއަށް ހުރެވުނީ އޭނަގެ ގޭގެ ދޮރުމަތީގައެވެ. ދޮރު ހުޅުވައިލުމަށްފަހު ލައްޕައިލުމެއްވެސް ނެތި ގޭގެ ތެރެއަށް ވަންނަމުން ޝަބީދައްތަ ފެނުމާއިއެކު އީތަންއަށް ވާހަކަ ދެކެވުނެވެ.
“ހިބާ ކޮބާ؟”
“ހާދަ ހާސްވެފަ އީތަން؟ ދެންމެ ދައްތައަށް މިސްޑް ކޯލްތައް މި ފެނުނީ. ކިހިނެއްވީ؟”
“ހިބާ ކޮބާހޭ ދައްތާ!”
“ހިބާ؟ ހިބާ ދާދި ދެންމެއަކު ބޭރަށް ދިޔައީ. ވަރަށް ބަލިކޮށް ދައްކަމުން ދިޔައީ. ބުނީ ތިމަންނަ ކުޑަކޮށް ހިނގާލާފަ އަންނާނަމޭ އަރާމުކުރަން. ކައުންސެލާރ ވެސް ބުންޏޭ މިހެން ދޭތެރެދޭތެރެއިން ހިނގައިލަން ދާންވާނެއޭ…”
“ފިނި ރޭގަނޑެއްގަ ބޭރަށް ހިނގަންދާށޭ އެއްވެސް މީހަކު ނުބުނާނެ! އެނގޭތަ ކޮން ތަނަކަށްކަން ހިބާ ދާނީ؟”
“ނޭނގެ ތިހެން ބުނާކަށް އީތަން…”
ޝަބީދައްތަގެ އެ ވާހަކައިން އީތަންގެ ސިކުނޑި ސުމަކަށްދާ ހިސާބަށް ދިޔައެވެ. އެހެނަސް އީތަން ދެންވެސް ހުއްޓުމެއްނެތި ގެއިން ނިކުމެގެން ދިޔައީ ހިބާ ހޯދަން ދިޔުމަށެވެ. ޝަބީދައްތަ ފަހަތުން ގޮވުމުން އޭނައަށް އެ އަޑު ނުއިވުނު ފަދައެވެ.
**
ކާރު ދުއްވުމުގެ ތެރޭގައި އީތަން ލަސްލަހުން ދުއްވަމުން ދިޔައީ ކުޑަދޮރުން ބޭރު ބަލައި މަގުތަކުން ފެންނަމުން ދިޔަ ބެންޗްތަކަށް ނަޒަރުތައް ދެމުންނެވެ. އޭގެއިން ކޮންމެ ފަހަރަކު އެކަހަލަ ތަނެއްގައި ހިބާ ނުހުންނާނެ ކަމަށް އަމިއްލަ ނަފްސު ގާތު ބުނެވެމުން ދިޔައެވެ. އެ ޚިޔާލުގައި އިނދެ ހިބާ އިންނާނީ ކޮން ތަނެއްގައިކަން އީތަންއަށް އެނގުންވީ އޭނަ ކުރީ ދުވަހެއްގައި އިންސްޓާގްރާމަށްލީ ފޮޓޯ ހަނދާންކުރަމުންނެވެ. އެ ފޮޓޯ ޝަބީދައްތަ ހިބާއަށް ދެއްކުމުން ހިބާ އެއާއިމެދު ބުނި ވާހަކަތައް ވެސް ހަނދާން ކުރަމުންނެވެ. އެއާއިއެކު އީތަން އަނެއްކާވެސް ބާރަށް ދުއްވައިލިއެވެ.
އިރުކޮޅެއްގެ ދުއްވުމަށްފަހު އީތަންގެ ކާރު މަޑުކޮށްލީ އޭނަ ހެނދުނު ދުވަން ގޮސް ޢާއްމުގޮތެއްގައި މަޑުކުރާ ހިސާބުގައެވެ. އީތަން އެތާ ކާރު މަޑުކުރުމަށްފަހު ކާރުން ފޭބުމަށްފަހު ކޯރު އޮންނަ ދިމާލަށް ނަޒަރެއް ދިނެވެ. ރޭގަނޑުގެ އެވަގުތު ވަށައިގެންވި ވިނަތަކުގެ ފެހިކަމާއި އެހެނިހެން މަންޒަރުތައް އެ ރޭ ފެންނަމުން ދިޔައީ، ސާދަ ވިލޭރޭގެ ހަނދުވަރުގެ އަލިންނެވެ.
ޤުދުރަތީ އެ ރީތިކަމަށް އެވަގުތު އީތަން ނަޒަރެއް ނުހުއްޓުނެވެ. އޭގެ ބަދަލުގައި އޭނަގެ ނަޒަރު އަމާޒުވެފައިވީ ކޯރުގެ އަނެއް ފަރާތުން ފެންނަމުން ދިޔަ ބެންޗުގައި އިށީނދެގެން އިން އަންހެން ކުއްޖާއަށެވެ. އިސާހިތަކު އީތަން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެތާ އޮތް ބްރިޖްވެސް ހުރަސްކޮށް އެ ބެންޗުގެ ކައިރިއަށް ދިޔައެވެ.
“މިތާ ކީއްތިކުރަނީ ހިބާ؟” އީތަން ގޮސް ހިބާގެ ކުރިމަތީގައި ހުއްޓިލަމުން ވާހަކަ ދެކެވުނީ އާދައިގެ ބަހުރުވައިންނެވެ. އެކަން ފާހަގަވުމުން އެގޮތް ބަދަލުކުރާކަށް ވެސް ޚިޔާލެއް ނުކުރިއެވެ. ހިބާއާއި އޭނައާއި ދެމެދު އޮތް ދުރުމިން ކުޑަކުރަން ބޭނުންވެފައިވި މިންވަރުންނެވެ.
“ކުޑަކޮށް ވޯކެއް ޖައްސާލަން ބޭރަށް އައީ. އަނެއްކާވެސް…..ވަރަށް ބަލިވާތީ.” ހިބާ ގަދަކަމުން ހިނިތުންވެ އިސްއުފުލައިލަމުން އެހެން ބުނެލީ އެއްކަލަ ބަލި އަޑުންނެވެ. އެ އަޑު އިވިފައި އީތަންގެ މޭގައި ރިހުމެއް ހިނގައިލިއެވެ.
“ހިބާ މިއަދު ބޭރުން ކެއިންތަ އެއްވެސް ތަފާތު އެއްޗެއް؟” އީތަންއަށް ކަންބޮޑުވުމަކާއިއެކީ އަހައިލެވުނެވެ.
“ނު…އުނހު ނޫންދޯ؟ ކެފެޓީރިއާގައި ހުއްޓާ ޓީޗަރަކު އައިއްސަ ދިން ޕުޑިންގްއެއް ކެއިން. އޭގަ އަލްކަހޯލް ހުރުން ގާތޭ ބުނީމަ އެހާ ބޮޑަށް ނުކަން…” ހިބާ ވެސް ބަލިވެފައި ހުރިވަރުން ރަނގަޅަށް ނުވިސްނޭތީ އާދައިގެ ބަހުރުވައިން ވާހަކަ ދެކެވުނެވެ.
“ކިހާ ވަރަކަށް ކެއީ؟”
“އެއް ސަމުސާ….އެހާވަރަށް ކެޔަސް އަޅުގަނޑު ފާފަވެރިވާނެ ދެއްތޯ؟”
ހިބާ އިސްޖެހިފައި އިނދެ ދިން ޖަވާބުން އީތަންއަށް ލިބުނު ހަމަޖެހުމާއިއެކީ އީތަންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ފަރީދުބެ ނަންގަތް ބާވަތަކީ އޭނައަށް އެނގޭ ބާވަތަކަށް ވުމުން އެހާ ކުޑަކޮށް މިންވަރެއް ކެއުމުން ބޮޑެތި ގެއްލުންތައް ނުވާނެކަން އީތަންއަށް އެނގެއެވެ. އެކަމާއިމެދު ޙަމްދުކުރަމުން އީތަން ހިބާއަށް ބަލައިލި ވަގުތު ހިބާގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެއާއިއެކު ހިބާކުރި ސުވާލަށް ޖަވާބުދޭން އަވަސްވެވުނެވެ.
“ނުވާނެ ފާފަވެރިއެއް އިން ޝާ ﷲ. ހިބާއަށް ނޭނގުމެއްގެ ތެރެއިން ނޫންތަ ކެވުނީ؟ އެހެންނޫނަސް ﷲ އަކީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ….އެކަލާނގެ އަހަރުމެންނަށް އެނގިގެން ވެސް އަދި ނޭނގިވެސް ކުރެވޭ ހުރިހާ ފާފައެއް ފުއްސަވާނެ ތައުބާވާއިރަށް…” އީތަން ބުންޏެވެ. އެހިނދު ހިބާ ލޮލުން ފޭބި ކަރުނަ ތުރުތުރު އަޅަމުން ދިޔަ އަތުން ފޮހެލި ގޮތުން އީތަންގެ ހިތަށް އުދަގޫވިއެވެ.
“ހިބާ ޑޮކްޓަރަށް ދައްކަން ދާންވީ ނޫންތަ؟ ބަލިވެ ނޫންތަ ތިއުޅެނީ؟” އީތަން އޭނަގެ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އެހިއެވެ.
“ދާކަށް ބޭނުމެއްނޫން. މިތާ އިރުކޮޅަކަށް އިންނަން ބޭނުންވަނީ…” ހިބާ ކޯރާއި ދިމާލަށް ނަޒަރު ހުއްޓައިލަމުން ބުންޏެވެ. އީތަން އެ ކޯރަށް ބެލުމަށްފަހު ހިބާއަށް ބަލައިލަމުން ދެންވެސް ޑޮކްޓަރަށް ދާން އެދެން ބޭނުންވިއެވެ. އެހެނަސް ހިބާގެ ބޯހަރުކަން ހަނދާންކުރަމުން އީތަން ވަކި އެއްޗެކޭ ނުބުނެ އެ ދިގު ބެންޗުގެ އަނެއްފަރާތުގައި އިށީނީ، އެވަގުތު ހިބާ އެތަނަށް ދޫކޮށްފައި ދާން ބޭނުމެއް ނުވުމުންނެވެ.
އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ދެމެމުން ދިޔަ ކޯރުގެ އަޑު ނޫން އެހެން އަޑެއް މުޅި މާޙައުލުންވެސް ނުއިވެއެވެ. އެ ހިމޭންކަން ނަގައިލީ ހިބާއެވެ.
“ސާރ…..އަޅުގަނޑަށް އެހީއެއް ވެދީފާނަންތޯ؟” ހިބާ ދެންވެސް ކޯރާއި ދިމާލަށް ބަލަން އިނދެ ސުވާލުކުރިއެވެ.
“ކޮން އެހީއެއް؟” އީތަންއަށް ހިބާއަށް ބަލައިލަމުން އަހައިލެވުނެވެ.
“އަޅުގަނޑަށް މި ކޮޅުގަ ހުރެވޭނެ ގޮތެއް ހަމަޖައްސައިދެއްވާ….ބޭނުމެއްނޫން އަނބުރައި މާލެ ދާކަށް…” ހިބާ އީތަންއަށް ބެލުމެއްނެތި އެހެން ބުނެލި ހިނދު އެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ހިބާގެ އެ ކަރުނައާއި އެ އެދުމުގެ ފަހަތުގައިވަނީ ކިހާ ބޮޑު ހިތްދަތިކަމެއްކަން ހަނދާންވި ވަގުތު އީތަން އަމިއްލަ ކަރުނަތައް ހިންދަމުން މޫނު އަނބުރައިލަން ޖެހުނެވެ.
“ވަރަށް ގަދައަށް ވިސްނައިގެން އަޅުގަނޑަށް ނިންމުނު ނިންމުމަކީ މިއީ. ބޭނުމީ މިކޮޅުގަ އުޅެން. ސާރ އަޅުގަނޑަށް އެޕާޓްމެންޓެއް ހަމަޖައްސަވައިދެއްވާ. ކުރީ ކޮޅު ސާރގެ މާލީ އެހީތެރިކަން އަޅުގަނޑު ބޭނުންވާނެ. އެކަމަކު މިކޮޅުގަ މަސައްކަތް ކުރަން ފެށީމަ އަޅުގަނޑަށް ވެސް ލާރި ލިބޭނެތާ. އޭރުން އަޅުގަނޑު ސާރއަށް އެހުރިހާ ފައިސާއެއް އަނބުރައި ދޭނަން އިން ޝާ ﷲ….އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮއަށް އެންމެ ރައްކާތެރި ގޮތަކީ މިއީހެން ހީވާތީ މިގޮތަށް މި ނިންމަނީ…” ހިބާ ބުންޏެވެ. އެހިނދު އީތަންގެ ހިތުގައި އެތައް ހާސް ޖަޒުބާތެއް ހިނގައިލިއެވެ. ހިބާ އެހީއަކަށް އެދެނީ ވެސް އަމިއްލައަށް ގިނަ މަސައްކަތް ކުރަން ޖެހޭ ގޮތަށްތާއޭ ހިތަށްއެރިއެވެ. ހިބާ މުޅި ޙަޔާތް ވޭތުކޮށްފައިވަނީ އެހެންތާއޭ ހިތަށްއެރިއެވެ.
“އަސްލު….އަޅުގަނޑު ޢާއްމުގޮތެއްގަ މީހުންގެ އެހީއަށް ނޭދެން. އެކަމަކު ކައުންސެލާރ ބުނުއްވީ މީހުންގެ އެހީއަށް ވެސް އެދެންވާނެއޭ. ޙަޔާތުގަ އެތައް އަހަރެއް ފަހުން އެހީއަށް އެދުނީމަ މާ ބޮޑު ކަމަކަށް ދެއްތޯ މި އެދެވުނީ؟ ހެހެ…..” ހިބާ ކަރުނަތަކުގެ ތެރެއިން ހީލިއެވެ. ހިބާ ކޮށްލި ފަހު ސުވާލާއިއެކީ އީތަންއަށް ވާހަކަ ދެކެވުނެވެ.
“ނޫނޭ….ސާރ ތިކަން ހިބާއަށްޓަކައި ކޮށްދީފާނަން. ތިއީ ހަމަ ސާރއަށް ކުޑަކުޑަ ކަމެއް. އެކަމަކު ހިތަށްއަރަނީ ރާއްޖެ އަނބުރައި ނުދާން ތިއުޅޭ ސަބަބަކީ މި ހުރިހާ އަހަރު ވަންދެން ހިބާ ބިނާކުރި ދިރިއުޅުމަށް ފަސްދޭންވީ ޒާތުގެ ސަބަބެއް ހެއްޔޭ. ހިބާގެ ޢާއިލާއާއި، ހިބާގެ މަސައްކަތާއި، ހިބާ އިންނަން ބޭނުންވާ މީހަކުވެސް ރަށުގަ ހުރެދާނެއެއްނު؟” އީތަން އަމިއްލަ ޚިޔާލުތަކުގައި އިނދެ ބުނެވުނު ފަހު ބަސްތަކުން އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެއީ ހިބާއާއި އިންނަން އޭނަ ޚިޔާލުކުރި ދުވަހުއްސުރެ އޭނަގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ސުވާލެކެވެ. އާސިފް ނޫނަސް ހިބާއަށް ކަމުދާ ކުއްޖެއް ހިބާގެ ރަށުގައި ހުރެދާނެ ނޫންތޯއެވެ. އޭގެ ޖަވާބު އީތަންއަށް ލިބިގެން ދިޔައީ ހިބާގެ ހީލުމަކުންނެވެ. އެ ހީލުމުގެ އަޑާއިއެކީ އީތަންއަށް އަނެއްކާވެސް ހިބާއަށް ބެލުނެވެ.
“ކަމުދާ ކުއްޖެކޭ ބުނީމަ ވެސް ހެވެނީ. ޙަޔާތުގެ މިހާތަނަށް އައިއިރު އަޅުގަނޑަށް އެހާ ވަރަށް ތިކަމަކާ ނުއުޅެވޭ. އަޅުގަނޑާއި ދިމާވި ވަރަށް ވިސްނުންތެރި ކުއްޖަކު ބުނީ ބޭކާރު އިމޯޝަނަލް އިންވެސްޓްމެންޓްތައް ކުރާކަށް ނުވާނެއޭ…އެންޑް ދެޓްސް ސޯ ޓްރޫ! މީހަކަށް އިމޯޝަނަލީ އިންވެސްޓް ކުރީމަ ވަރަށް ވަގުތާއި ހަކަތަ ބޭކާރުވެގެންދޭ. އެންޑް އައި ކުޑްންޓް އެފޯޑް ޓު ޑޫ ދެޓް. އެކަހަލަ ކަމަކަށް ވަގުތެއްވެސް ނުދެވުނީ. ރަނގަޅަށް ކަންނޭނގެ އެކަން އެ ވީ ވެސް. އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް އިންވެސްޓް ނުކުރީމަ އަމިއްލަ މީހާގެ ހިތަށް ހަމަޖެހުމެއް ލިބޭނީ. އެކުއްޖާ ބުނީ ހަމަ ރަނގަޅަށް!”
ހިބާ ބުނެލި އެ ބަސްތަކުން އެކުއްޖާ ބުނީ އެހެންނެއް ނޫނޭ އީތަންއަށް ހިތާހިތުން ބުނެވުނެވެ. ހިބާ ގެންގުޅެނީ ރަނގަޅު ވިސްނުމެއް ނޫންކަން އެނގުންވުމުން ވާހަކަ ދެކެވުނެވެ.
“ތިކުއްޖާ ތިހެން ބުނިއްޔާ ބިޒްނަސްއާ ބެހޭގޮތުން މާ ބޮޑަށް ނޭނގެނީ ކަންނޭނގެ އޭނައަށް. ކޮންމެވެސް ވަރަކަށް އިންވެސްޓްކުރަން ވެސް ޖެހޭނެ. ރިސްކްތައް ނަގަން ވެސް ޖެހޭނެ. އިތުބާރުކުރަން ދަތި އާ މީހުންނާއިއެކީ ވެސް މަސައްކަތް ކުރަންޖެހޭނެ. މި ކަންތަކާއި ނުލާ ވިޔަފާރިއެއް ނުހިނގާނެ. ދުވަސްކޮޅަކުން ބަނގުރޫޓުވެދާނެ….ހަމަ އެގޮތަށް އަހަރުމެންގެ ޙަޔާތުގަ އެހެން މީހުންނަށް ފުރުސަތެއް ނުދެންޏާވެސް އަހަރުމެންގެ ހިތްތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ. އެހެންވީމަ އިމޯޝަނަލީ އިންވެސްޓްކުރަން ވެސް ރަނގަޅު މީހުން ހޯދުން މުހިއްމީ…” އީތަން ކިޔައިދިނެވެ. ހިބާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމެއްގައި އިނދެފައި ވާހަކަ ދެއްކިއެވެ.
“ބައެއްފަހަރު ހިތަށްއަރާ އެކުއްޖާ ހުރިނަމައޭ. އެއީ ހަމަ އިންވެސްޓްކުރަން ރަނގަޅު ކުއްޖެއް…” ހިބާ ބުންޏެވެ. އެ އިވިގެން ދިޔަ ބަސްތަކާއިއެކީ އީތަންގެ ހިތުގެ ތެޅުން އަވަސްވިއެވެ.
“ކް…ކޮބައިތަ އެކުއްޖާ؟” އީތަން އެ ސުވާލުކޮށްލީ ނޭވާ ހިފަހައްޓައިގެން އިނދެއެވެ.
“ނޭނގެ….ބައެއް މީހުން ބުނެ އެކުއްޖާ ދުނިޔެ ދޫކޮށް ގޮސްފިއޭ. އެކަމަކު އަހަރެން އެ ވާހަކަ ޤަބޫލެއް ނުކުރަން. ބައްޕަ ބުނި ގޮތުގަ ބައްޕަ އެކުއްޖާ ޞައްޙަ ސަލާމަތާއިއެކީ އެހެން ރަށަކަށް ފުރުވައިލީ….މިހާ ދުވަސްވީއިރު އެކުއްޖާ ފެނިފަ ނެތަސް އެކުއްޖާ ދުނިޔޭގަ ހުރިކަމަށް އަހަރެންގެ ހިތް ބުނޭ. ބޭނުން އެއްދުވަހު އެކުއްޖާއާއި ބައްދަލުކޮށްލަން. ހީ ވޯޒް ސަޗް އަ ގުޑް ފްރެންޑް އެންޑް…..އަސްލު ވަރަށް ދެރަވި ދާރިސް ދިޔައިމަ…”
ހިބާގެ އެ ފަހު ބަސްތަކާއިއެކީ އީތަންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. އެ ފަހު ބަސްތަކުން ހިބާ ވާހަކަ ދެއްކީ އޭނައާއިހެން އީތަންއަށް ހީވިއެވެ. އާނއެކެވެ. ދެންމެ ހިބާ އެ މުޚާތަބު ކުރީ އޭނަގެ ޙަޤީޤީ ނަފްސާއިއެވެ. އަދި އެއްފަހަރު ހިބާގެ ދުލުން އެ ނަން އިވިދާނެނަމައޭ ހިތަށްއެރި ވަގުތު ހިބާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ހެހެ….ސޮރީ އަޅުގަނޑު މާ ބޮޑަށް އިމޯޝަނަލް ވާތީ. ސާރ ތި ދުރުވީ އަޅުގަނޑު ބަލައި އަންނަން ދެއްތޯ؟ ވަޑައިގަންނަވާ…” ހިބާ އެހެން ބުނެލީ ކަރުނަތައް ފޮހެ ކޮޅަށް ތެދުވަމުންނެވެ. ހިބާ އޭނައަށް ފަސްދީފައި ދާން ފެށުމުން އީތަންއަށް ތެދުވެލެވުނެވެ.
ހިބާ އޭނަގެ ރިއްސަމުން ދިޔަ ފަޔާއިއެކީ ހިނގަމުން ދިޔައީ އޭނަގެ ލޯ ހުޅުވައިގެން ހުންނަން ގަދައަށް މަސައްކަތް ކުރަމުންނެވެ. އޭނަގެ ފައިން ވަރު ދޫވެގެން ވެއްޓިދާނެހެން ހީވަމުން ދިޔައެއްކަމަކު ކުރިއަށް ހިނގަމުން ދިޔައީ އެފަދަ ގޮތެއް ނުވާނެ ގޮތެއްވުމަށް ހިތާހިތުން ދުޢާކުރަމުންނެވެ. އެހިނދު އިވުނު އަޑަކުން ހިބާގެ ފިޔަވަޅުތަކުގައި ތަޅު އެޅުވުނެވެ.
“އައި ލަވް ޔޫ ޓޫ، ހިބާ…”
ފަހަތުން އިވިގެން ދިޔަ ބަސްތަކާއިއެކީ ހިބާގެ ނޭވާ މެދު ކެނޑި، މެރެމުން ދިޔަ ލޯ ބޮޑުކޮށްލެވުނެވެ. އެ ބަސްތަކުން ހިބާގެ ލޮލަށް ސިފަވާން ފެށީ އިރުއޮއްސެމުން ދިޔަ ވަގުތެވެ. ރަށުގައި ހުރި ގޭގެ ބިއްދޮށެވެ. އެތާ ހުރި ބަގީޗާގައި ހުރި ފިނިފެންމާ ގަހެވެ. އެތާ އެދުވަހު އޭނަގެ ކުރިމަތީގައި ހުއްޓިހުރި ފިރިހެން ކުއްޖާ ސިފަވާން ފެށި ވަގުތު ފަހަތުން އިތުރަށް ވާހަކަ ދެކެވުނެވެ.
“ހިބާ މިއަދު މި ބަސްތައް އަޑުއަހަން ތައްޔާރުހެން ހީވާތީ މި ބުނެލީ….އަހަރެން މި ބަސްތައް ބުނުމުގެ މާނައަކީ ކޮބައިކަން އެނގޭނެކަމަށް ޤަބޫލުކުރަން. އެއީ އަހަރެން ހިބާއަށްވީ ވަޢުދެއް. މުޅި ޢުމުރު އެކީގަ ލޯތްބާއިއެކީ ހޭދަކުރުމަށް ވީ ވަޢުދު…”
އެ ބަސްތައް އިވިގެން ދިޔަދިޔަހެން ހިބާގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތް އިރު، ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. ނެތް ޙާލަކާއިއެކީ ވެސް ހިބާއަށް ލަސްލަހުން އަޑުއައި ދިމާލަށް އެނބުރިލެވުނީ، މާޒީގައި އޭނަގާތު އެ ބަސްތައް ބުނި ޝަޚްސިއްޔަތާއިމެދު ވިސްނަމުންނެވެ. ހިބާއަށް ރަނގަޅަށް އެދިމާލަށް އެނބުރިލެވުނު ވަގުތު ވެސް އެތާ ހުއްޓި ހުރި ޒުވާނާ ހުރި ގޮތަށް ހުއްޓެވެ. އެއީ ކާކުކަން އެނގުންވި ވަގުތު ހިބާގެ ދޫ ޙަރަކާތް ކުރިއެވެ.
“ދާރިސް…” ހިބާއަށް ވައި އަޑުން ބުނެވުނީ ހަމައެކަނި އެހާވަރަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ މޫނަށް އަނދިރިވެ ދެލޯ މެރެން ފެށިއެވެ. އިސާހިތަކު އޭނަގެ ނަމުން ގޮވައިލެވުނު އަޑާއިއެކީ ބާރުގަދަ އަތަކުން އޭނަގެ ގައިގައި ހިފަހައްޓައިލެވުނުކަން ހިބާއަށް އެނގުނެވެ.
ނުނިމޭ
mish
October 7, 2021 @ 4:28 pm
omgggggg
Jana
October 8, 2021 @ 2:57 pm
I know riiiiiiiiiiiight!!!!
Yuna
October 7, 2021 @ 6:44 pm
Wow wow wow wow……
OMG Jana sis….. Haadha reeechey mi part….(★‿★)
Curiously waiting 4 the next part…..
Jana
October 8, 2021 @ 3:00 pm
I think I made the sound of a police car when I read this comment 😛 Hehe….Jana ves dhe loluga dhe heart jahaigen hure mi part liyuny 😀 Next part Wednesday ga In Sha Allah ^_^ <3
Aayaa
October 8, 2021 @ 3:00 am
Ma sha Allah v nice.. kon iraku next part?
Jana
October 8, 2021 @ 3:00 pm
Alhamdhulillah! Next part Wednesday ga In Sha Allah ^_^ <3
Mishhh
October 8, 2021 @ 2:30 pm
Soooo wowww
I read it three times mihaaru
Cant waittt😍😍😍
Jana
October 8, 2021 @ 3:02 pm
haha! Jana ves busy noon nama kiyaala kiyaala hurevunys. Varah liyaa hithun liyuny ves Alhamdhulillah! Next part Wednesday ga In Sha Allah <3
Jana
October 8, 2021 @ 3:43 pm
fb post:
All this talk about istikhaara for all these years but I think I failed to highlight just how awesome it is when the thing you WANT is made easy for you.
You pray istikhaara for the school you want to go to, the job you want to get, the person you want to get married to and it actually works out! You see all of these positive signs about how what you want is good for you both in this world and in the next. You also realize what you want is also what Allah Wants for you!
Then you see Allah Himself making the ease for you to get to what you want. He facilitates it for you in ways you never even expected. The events in your life fall in line so that you reach what your heart desires. And sometimes it just comes to you without you making much effort and at times, without even realizing!
No doubt Istikhaara prayer is one of the most beautiful gifts Allah gave us! Alhamdhulillah! ❤
Anonymous
October 27, 2021 @ 5:40 am
what did just hapen 😮