ދާރިސް (އަށާވީސްވަނަ ބައި)
އެދުވަހު ސްކޫލްގައި ދާރިސްގެ ނޭވާ ހާސްވާން ފެށުމާއިއެކު ޝަހީދު ދާރިސް ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށް އަވަސްވިއެވެ. އެމްބިއުލާންސް ސްކޫލަށް އައިސް ދާރިސް އެމްބިއެލާންސަށް އަރުވައިލެވުމުން ޝަހީދު ވެސް އެމްބިއުލާންސަށް އެރިއެވެ. އެ މަންޒަރު ބަލަން ސްކޫލްގެ ގޭޓު ކައިރީގައި ހުއްޓިހުރި ހިބާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުންދާ ޙާލު ހިތް ބާރަށް ތެޅެމުން ދިޔައީ ލުއި ރިހުމަކާއި އެކީއެވެ.
އެމްބިއުލާންސް ލޯމައްޗަށް ގެއްލެންދެން ވެސް ހިބާއަށް އެސްފިޔަ ޖަހައިލުމެއްނެތި އެދިމާލަށް ބަލަން ހުއްޓާ، ހަމަހޭވެރިކަމެއް ލިބުނީ މުދައްރިސަކު އައިސް ގޮވައިލުމުންނެވެ. ހިބާއަށް އެދުވަހުގެ ފިލާވަޅުތަކަށް ދެން ސަމާލުކަން ދެވޭނެހެން އެ މުދައްރިސަށް ވެސް ހީނުވީތީ ގެއަށް ދާން ބޭނުންތޯ ހިބާ ކައިރިން އަހައި ހިބާ އަވަހަށް ގެއަށް ފޮނުވައިލަން ނިންމުނެވެ.
ގެއަށް ގޮސްފައިވެސް ހިބާއަށް ހަމަޖެހުމެއް ލިބޭ ގޮތެއް ނުވެއެވެ. ހުއްޓުމެއްނެތި ވިސްނެމުން ދިޔައީ ދާރިސްއާއި މެދުގައެވެ. އޭނަ ހެލްތް ރޫމުގައި ދާރިސްއާއި އެ ވާހަކަ ދެއްކީ ދާރިސްއަށް ހެޔޮ އެދިގެންނެވެ. ގޯސް ބައެއްގެ ވަކިތަކެއްގެ ދަށުގައި ނުވުމަށް ދާރިސްއަށް ނަސޭޙަތްތެރި ވުމަށެވެ. އެހެނަސް ދާރިސްއަށް އޭނަ ބުނި އެއްޗެއްގެ މުޅިން ނުބައި މާނައެއް ނެގި، ޙާލަތު ގޯސްވެގެން ދިޔަ ގޮތް ލޮލަށް ސިފަވަމުން ދިޔަދިޔަހެން ހަތަރު ފަރާތުން ބެދެމުން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ. އެ އިޙްސާސުގެ ސަބަބުން އޭނައަށް އެދުވަހު ދުވަހަކުވެސް ދުޢާ ނުކުރާ ވަރަށް ދުޢާ ކުރެވުނެވެ. ދުޢާ ކުރެވުނީ ދާރިސް ރައްކާތެރި ކޮށްދެއްވުމަށް އެދިއެވެ.
ހިބާގެ އެ ދުޢާތަކުގެ ސަބަބުން ކަންނޭނގެއެވެ. ހޮސްޕިޓަލަށް ގެންގޮސް އޮކްސިޖަން މާސްކް އެޅި ފަރުވާ ދެވެން ފެށިތާ މާ ގިނައިރެއްނުވެ ދާރިސް ހަމައަކަށް އެޅޭ ގޮތްވިއެވެ. ދުވަސްވަރަކީ އެ ހޮސްޕިޓަލަށް އެހެން ބޭރުގެ މޮޅު ޑޮކްޓަރެއް އައިސްގެން އުޅޭ ދުވަސްވަރަކަށް ވުމުން ވެސް ދާރިސްގެ ޙާލަތު ވަރަށް ރަނގަޅަށް އެ ޑޮކްޓަރު ބެލިއެވެ. ދާރިސްގެ ބޭރުފުށުން ފެނުނު ޢަލާމާތްތަކަށް ފަރުވާ ދިނުމަށްފަހު އިތުރު ސުވާލުތައް ވެސް ޝަހީދާއި ކުރެވުނެވެ. އެފަދަ ‘އެޓޭކެއް’ ދާރިސްއަށް އައީ ކޮންކަހަލަ ޙާލަތެއްގެ ސަބަބުންތޯއެވެ. އެ ސުވާލުގެ ޖަވާބަކަށް ޝަހީދު ހިބާއަށް ގުޅުމަށްފަހު ސީދާ ހިބާ ލައްވާ ކަންތައްވީ ގޮތް ޑޮކްޓަރަށް އަޑު އިއްވިއެވެ. އެ ޙާލަތު އަޑު އެހުމަށްފަހު ދާރިސްގެ އުޅުމާއިމެދު އިތުރު އެތައް ސުވާލެއް ވެސް އެ ޑޮކްޓަރު ކުރިއެވެ. އެ ޑޮކްޓަރު އަމިއްލަ ލަފައިގެ މަތިން ބުނި ގިނަ ސިފަތައް ދާރިސްގެ ސިފަތަކާއި ދިމާވެއެވެ. އެ ވާހަކަތަކަށްފަހު އެ ޑޮކްޓަރު ކޮންމެވެސް ބައްޔެއްގެ ދިގު ނަމެއް ކިޔުނެވެ. އެއީ ޝަހީދަށް މުޅިން އާ ނަމަކަށްވުމުން ޝަހީދަށް އޭތި ފަހުމްވާ ގޮތެއް ނުވިއެވެ. ޝަހީދު އިތުރު ސުވާލުތަކެއް ކުރަން އުޅުނެއްކަމަކު ހަމަ އެވަގުތު އެކްސިޑެންޓެއް ވެގެން ގެނައި މީހަކު ބަލަން އެ ޑޮކްޓަރު ދާން ޖެހުނެވެ.
އޮކްސިޖަން މާސްކް އެޅި، ބައެއް ބޭސްތައް ދެވުމުން ދާރިސް ގަޑިއިރެއްހާއިރު ވަންދެން ނިދުނެވެ. އެ ނިދިން ހޭލިއިރު ދާރިސް ވަރުބަލިވެފައިވި ވަރުން ސްކޫލްގައި ހިނގައިދިޔަ ކަންތައް ހަނދާން ނެތިފައިވި ފަދައެވެ. ދާރިސް ހޭލެވުމަށްފަހު އަނެއްކާވެސް އެއްކަލަ ޑޮކްޓަރާއި ދިމާވެދާނެކަމަށް ޝަހީދު ވަރަށް އުއްމީދު ކުރިއެވެ. އެހެނަސް ދާރިސް ގެއަށް ގެންދަން ޖެހުނީ ޝަހީދު ދެން އެ ޑޮކްޓަރާއި ބައްދަލުވުމެއް ނެތިއެވެ. އެކްސިޑެންޓުގައި ފަރުވާ ކުރަން ޖެހުނު މީހާއާއިއެކީ، އެ މޮޅު ޑޮކްޓަރަށް ދައްކަން ގޮސްފައި ތިބި މީހުން ގިނަވުމުން، ދާރިސް ގެއަށް ފޮނުވައިލުމަށްޓަކައި ފަހުގެ ޙާލަތު ބަލައިލަން އައީ ވެސް އެހެން ޑޮކްޓަރެކެވެ. އެ ޑޮކްޓަރު މީހާވެސް ކުރިން ޑޮކްޓަރު ދިން ލަފާއެއް ކަމަށް ބުނެ، އެ ކުއްޖާ ހިތްދަތިވާ ފަދަ ވާހަކައެއް އިތުރަށް ނުދައްކަން ނަސޭޙަތްތެރިވިއެވެ. ޝަހީދު އެ ނަސޭޙަތް ޤަބޫލުކުރަމުން އެ ދުވަހު ހޮސްޕިޓަލުން ގެއަށް ދިޔައީ ޑޮކްޓަރު ދާރިސްއާއި މެދު ދެއްކި ވާހަކަތަކާއިމެދު ވިސްނަމުންނެވެ.
ދާރިސް ގެއަށް ގެނެވުމާއިއެކު ސިޓިންގް ރޫމުގެ ގޮނޑިއެއްގައި އިށީނދެގެން އިން ހިބާ ވަގުތުން ދޮރުގެ ކައިރިއަށް ދިޔައީ ދާރިސް ރަނގަޅުވެއްޖެތޯ އަހަމުންނެވެ. ހަމަ އެވަގުތު ކޮޓަރިން ނިކުތް ނާދިރާ ވެސް ތިއައީ ކުއްޖާއަށްޓަކައި ހޮސްޕިޓަލަށް ކިހާ ލާރިއެއް ބޭކާރުކޮށްފައިތޯ އަހައި ޝަކުވާ ކުރިއެވެ. ޝަހީދު އަތުގެ ޢިޝާރާތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް ދެމީހުންނަށް ވެސް އެންގިއެވެ. ނާދިރާ ރުޅިވެރިކަމާއިއެކީ މޫނު އަނބުރައިލިއިރު ހިބާއަށް ދެންވެސް ދާރިސްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.
ދާރިސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރި ގޮތުން ހިބާގެ ހަނދާނަށް އައީ ދާރިސް އެންމެ ފުރަތަމަ އެ ގެއަށް އައި ދުވަހެވެ. މިއަދު ދިމާވި ޙާލަތުގެ ސަބަބުން ދާރިސް އަނެއްކާވެސް އޭނައާއި ބީރައްޓެހިވީތޯ ހިބާގެ ހިތަށްއެރިއެވެ. އެ ބަސްތަކަށް ޚުދު ހިބާގެ ހިތް ނޫނެކޭ ބުންޏެވެ. އެ ފުރަތަމަ ދުވަހަށްވުރެ ވެސް ދާރިސްގެ ޙާލަތު ގޯހެވެ. އެ މޫނުމަތި މިލާފައިވި ގޮތުންނާއި، ބައްޕަ ދާރިސްގެ ކޮނޑުގައި ހިފައިގެން ހިނގަމުން ދިޔައިރު ފައިގައި ވަރެއް ނެތްހެން ވެސް ހީވި ގޮތުން ހިބާގެ ހިތް ދެރަވެ އިތުރު ދަރަޖައަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ބައްޕައާއިއެކީ ދާރިސް ކޮޓަރިއަށް ހިނގާފައި ދަމުން ދިޔަ މަންޒަރު ފެނިފައި އެތައް ހާސް ފަހަރަކު ހިތާހިތުން ދާރިސްއަށް މަޢާފަށް އެދެވުނެވެ.
ދާރިސް ކޮޓަރިއަށް ވެއްދުމަށްފަހު ޝަހީދު އެ ކޮޓަރީގެ ދޮރު ލައްޕައިލަމުން ސިޓިންގް ރޫމަށް އައި ވަގުތު ހިބާ، ޝަހީދުގެ ކުރިމައްޗަށް ގޮސް ހުއްޓުންނެވެ. ބައްޕަ އޭނައާއި ދިމާލަށް ބަލައިލުމާއެކު ހިބާއަށް ވާހަކަ ދެކެވުނެވެ.
“ދާރިސް….ދާރިސްއަށް ކިހިނެއްތަވީ ބައްޕާ؟ މިހާރު އެއްކޮށް ރަނގަޅުތަ؟ އަހަރެން ބުނި އެއްޗަކާ ހެދިދޯ އެހެންވީ ހަމަ؟ އަހަރެން….އަސްލު ހިއެއް ނުކުރަން އެހެން ވާނެކަމަށް އެ ފަޒީންމެންގެ ޙަޤީޤަތް ދާރިސްއަށް ކިޔައިދޭން އަހަރެން މަސައްކަތް ކުރް-” ހިބާ ތުރުތުރު އަޅާ އަޑަކުން ފެންކަޅިވެފައި ހުރެ ދައްކަން ފެށި ވާހަކަ މެދުކެނޑުނީ ބައްޕަ އޭނަގެ ދެކޮނޑުގައި ހިފައިލުމުންނެވެ.
“ބައްޕައަށް އެނގޭ ދަރިފުޅު. މާ ރަނގަޅަށް ވެސް އެނގޭ ހިބާ ޤަޞްދުގަ ދާރިސް ދެރަވާ ކަހަލަ ވާހަކައެއް ނުބުނާނެކަން. އޭރު ހިބާ ގުޅާފަ ދެއްކި ހުރިހާ ވާހަކައެއް ބައްޕަ އެ ވަގުތުން ވަގުތަށް ވެސް ޤަބޫލުކުރިން….މާ ބޮޑަށް ދެރަނުވޭ ދަރިފުޅު. ދާރިސް މިހާރު ވަނީ ނުރައްކަލުން ބޭރުގައޭ ޑޮކްޓަރު ދެންނެވީ. މިއަދު ކަންތައްވީ ގޮތުން އަސްލު ދާރިސްގެ އުޅުމުގަ އެ ހުންނަ ތަފާތުތަކުގެ ފަހަތުގައި ވަނީ ކޮންމެވެސް ބައްޔެއްހެން ބައްޕައަށް ހީވޭ. ޑޮކްޓަރު ދެއްކެވި ވާހަކަތަކުން އެކަހަލަ ގޮތެއް ހީވީ…”
“ކޮންކަހަލަ ބައްޔެއްތަ ބައްޕާ؟”
“ބައްޕައަށް ނޭނގޭ. ވަރަށް ބޮޑެތި ބަސްތަކެއް އެ ޑޮކްޓަރު ވިދާޅުވީ ބައްޕަ އިތުރަށް ސުވާލުކުރަން އުޅުނިން އެކަމަކު އެ ފުރުސަތެއް ނުލިބުނު. ހިތަށްއަރަނީ ދާރިސް އަދިވެސް އެއްފަހަރު އެ ޑޮކްޓަރަށް ދައްކައި އެ ބައްޔާއި ބެހޭގޮތުން ދެނެގަންނާނީއޭ. ހިއެއްނުވޭ އެއީ އަވަސް ފަރުވާއެއް ބޭނުންވާ ނުރައްކާތެރި ބައްޔެއްހެން. ޑޮކްޓަރު ނުހަނު ހަމަޖެހިގެން ހުންނަވައި ވިދާޅުވިހާ ވެސް އެއްޗަކީ އެ ކުއްޖާ މާ ބޮޑަށް ކަންބޮޑުވާ ފަދަ ކަންތަކުން ވީހާވެސް ދުރުކޮށްދޭށޭ. އެފަދަ ކަންތަކާއި ކުރިމަތިލާން ޢާއްމު މީހުންނަށް ވުރެ އެކުއްޖާއަށް އުދަގޫވާނެއޭ. އަދި ދާރިސްގެ ވަރަށް ގިނަ އެހެނިހެން ސިފަތައް ވެސް ޑޮކްޓަރު ދެއްކެވި ވާހަކަތަކުން ބައްޕައަށް ސާފުވެގެން ދިޔަ. އިން ޝާ ﷲ ބައްޕަ ހިބާއަށް އެ ވާހަކަތައް ކިޔައިދޭނަން. މި ވަގުތަކަށް ހިބާގާތު ބައްޕަ ބުނެލަން ބޭނުންވަނީ ދާރިސްގާތު ދާރިސްގެ މަންމަގެ ނަންވެސް ނުގަތުމަށް. ބައްޕައަށް ދާރިސްގެ މަންމަގެ ތަފްސީލާއި، އެ މަންމަގެ ވާހަކަ ނުދައްކަންވީ ސަބަބު ހިބާއަށް ކިޔައިނުދެވުނަސް ހިބާ މި ބަސް ޤަބޫލުކުރާނެ ކަމަށް އުއްމީދު ކުރަން…”
“ނުދައްކާނަން ބައްޕާ. އަހަރެން ބޭނުންވަނީ ހަމަ ދާރިސްއަށް އެހީވާން. ވަކިން ޚާއްސަކޮށް މިއަދު އަހަންނާއި ހެދި ދާރިސްއަށް ކަންތައް ވީ ގޮތުން ދާރިސްއަށް ވެވުނުހާ ވަރަކުން އެހީވާން ބޭނުންވެއްޖެ.”
ހިބާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ އެހެން ބުނެލީ ވަރުގަދަ ޢަޒުމަކާއި އެކީކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޝަހީދުވެސް ހިބާއަށް ބަލަން ހުރެ ހިނިތުންވުމަކާއެކީ ހިބާގެ އެއް ކޮނޑުގައި ދެ ފަހަރަކު މަޑުމަޑުން ޖަހައިލިއެވެ.
ހަމަ އެދުވަހުގެ ހަވީރު ވަގުތެއްގައި ހިބާ ކޮޓަރީގައި އިނދެ ފިލާވަޅުތައް ނިންމުމަށްފަހު ސިޓިންގް ރޫމަށް ނިކުތް ވަގުތު ދާރިސްގެ ލުއި ގިސްލުމެއްގެ އަޑުއިވެއެވެ. ހިބާ ލަސް ފިޔަވަޅުތަކެއްގައި ސިޓިންގް ރޫމަށް ދިޔައިރު، ޓީވީ ރެކުގެ ތެރޭގައި ބެހެއްޓިފައިވި ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސައިގެން ދާރިސް ހުރިއިރު، ބައްޕަ ފަތްޖެހި ގޮނޑިއެއްގައި އިށީނދެ ދާރިސްއަށް ބަލަން އިނެވެ.
“މަން..މަ އަން…..ނާނަ..ންދޯ ދާރިސް ބަ..ލާ؟ މަން…މަ މަލާ…މާތް ނު…ކުރަންދޯ ދާރިސް..އަށް؟”
ދާރިސް ގިސްލަގިސްލާފައި ކުރުވެފައިވާ ނޭވާއަކާއެކީ ކޮށްލި ސުވާލުން ހިބާގެ ހިތް މޭ ތެރޭގައި އޮވެ ގެނބުނެވެ. އޭނަގެ ސަބަބުން ދާރިސްއަށް ނިންމުނު ނުބައި ނިންމުން އަދިވެސް ދާރިސްގެ ސިކުނޑީގައި ބިންވަޅު ނެގިފައިވޭތާއޭ ހިތަށްއެރިއެވެ.
ހިބާ އަޑުއަހައިގެން ހުއްޓާވެސް ދާރިސް 5 ވަރަކަށް ފަހަރު އެ ސުވާލުކުރިއެވެ. އަދި މަންމަ ދާރިސްދެކެ ލޯބިވޭދޯއޭ ވެސް ތަކުރާރުކޮށް އެހިއެވެ. އެންމެ ފަހުން ކޯލު ނިމުމަކަށް އައީ، 6 ވަރަކަށް ފަހަރު ފޯނު ނުބާއްވަން ދާރިސް ގަދަ ހެދުމަށްފަހު، އެކޮޅުން ކުއްލި ގޮތަކަށް ފޯނު ކެނޑިގެން ދިޔުމުންނެވެ. ފޯނު ކެނޑިގެން ދިޔުމުން ދާރިސް ތަކުރާރުކޮށް މަންމާއޭ ކިޔައި ގޮވަން ފެށުމުން ޝަހީދު ކަންބޮޑުވުމަކާއިއެކީ ދާރިސްގެ ކައިރިއަށް ގޮސް ފޯނުގެ އަތްގަނޑު ހޯދިއެވެ. އަދި މަންމަގެ ފޯނުގެ ލާރި ހުސްވީ ކަންނޭނގެއޭ ބުނަމުން ފޯނުގެ އަތްގަނޑު ހޯދައި އޭތި ބޭއްވިއެވެ.
ޝަހީދު އެހެން ބުނުމާއިއެކު ދާރިސް ހިމޭންވާ ގޮތްވިއެވެ. ޝަހީދު ދާރިސްގެ ކޮނޑުގައި ހިފެހެއްޓުމާއިއެކު އަނެއްކާވެސް ދާރިސްއަށް ރޮވެން ފެށިއެވެ. ސްކޫލްގައިވިހެން ދާރިސް އަނެއްކާވެސް ކަކޫމައްޗަށް ތިރިވާން އުޅުމުން ޝަހީދު ނުހަނު ބާރަށް ދާރިސްގެ ގައިގައި ހިފަހައްޓައިގެން ކޮޓަރިއަށް ހިނގާށޭ ބުންޏެވެ. ޝަހީދު އެތައް ފަހަރެއްގެ މަތިން އެއްބަސްތަކެއް ބުނުމުން ދާރިސް ހިސާބަކަށް ހަމައަކަށް އެޅޭ ގޮތްވިއެވެ. އަދި ޝަހީދާއިއެކީ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ހިބާގެ ކުރި ކަނޑާފައި ލަސް ހިނގުމެއްގައި ދިޔައިރު ދާރިސް ހިބާއަށް ނަޒަރެއް ދިނެވެ. އެ ނަޒަރުގައި ވަރުބަލިކަމެއް ވީއިރު ނުރުހުންތެރިކަމެއް ވެސް ވިހެން ހިބާއަށް ހީވިއެވެ. އެހެން ހީވީ އޭނައަށް ޚުދު އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތީވެ ކަމެއް އެހެންނޫނީ ދާރިސް ހަމަ ޙަޤީޤަތުގައި ވެސް އޭނައަށް ނުރުހުންވާތީވެކަމެއް ހިބާއަށް ޔަޤީނެއް ނުކުރެވުނެވެ. އެނގުނުހާ ވެސް ކަމަކީ އަނެއްކާވެސް އޭނައާއި ހިނިތުންވެގެން ވާހަކަ ދައްކާ، އޭނައާއި އެކުވެރި ދާރިސް އަނބުރައި ގެންނަން ބޭނުންވި ކަމެވެ.
މަންމައާއި ވާހަކަ ދައްކަން ފުރުސަތު ލިބުނު ދުވަހަށްފަހު ދާރިސްގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވިއެވެ. އެރޭގެ ކެއުން ކޮޓަރީގައި ދާރިސް ކެއެއްކަމަކު އޭގެ އަނެއްދުވަހު މެންދުރުގެ ކެއުމަށް ދާރިސް ބޭރަށް ނިކުތެވެ. ތިން ދުވަސް ވަންދެން ހިބާ ދާރިސްއާއި ދިމާވާ ގޮތްވީ ހަމައެކަނި ކާމޭޒުދޮށުންނެވެ. ދާރިސްގެ ޙާލަތުގެ ސަބަބުން ދާރިސްއަށް އެންމެ ރަނގަޅުވާނީ ދުވަސްކޮޅެއް ވަންދެން ސްކޫލަށް ވެސް ނުގޮސް އަމިއްލަ ކޮޓަރިގައި ވަގުތު ހޭދަކުރުން ކަމަށް ބައްޕަ ބުނެފައިވުމުންނެވެ.
ކާ ގަޑިތަކުގައި ދާރިސް ފެންނަ ކޮންމެ ފަހަރަކު ހިބާ އޭނައަށް ވީ ވަރަކުން އަތް ގާތް ކޮށްދެމުން ދިޔައެވެ. އޭގެއިން ކޮންމެ ފަހަރަކު ދާރިސް އޭނައަށް ބަލައިލައެވެ. އެހެނަސް އެ މޫނުމަތިން އެއްވެސް އަސަރެއް ހިބާއަށް ފެންނަ ގޮތެއް ނުވެއެވެ. އެ މޫނުމަތިން ނުރުހުންތެރިކަން ނުފެނުނަސް، ދާރިސްގެ ހިނިތުންވުން އޭނައަށް މުޅިން ގެއްލިއްޖެހެން ހިބާއަށް ހީވި ހީވުމަކީ ވެސް އޭނައަށް ލިބިގެން ދިޔަ ‘އަދަބެއް’ ކަމަށް ހިބާއަށް ބެލެވުނެވެ. އެއީ ދާރިސް ޤަޞްދުގައި ކުރާ ކަމަކަށް ނުވިޔަސް ދާރިސްއަށް އަނެއްކާވެސް މީހުންނާއި މުޢާމަލާތް ކުރުން ދަތިވެފައިވާނީ އޭނަގެ ސަބަބުން ދާރިސްގެ ޙާލަތު ގޯސްވީތީވެކަން ހިބާއަށް އެނގުންވީތީވެއެވެ. ދާރިސްއާއި އަނެއްކާވެސް ގުޅުން ބަދަހި ކުރުމަށް ހިބާ ފުރުސަތެއް ހޯދަން ބޭނުންވިއެވެ. އެހެންކަމުން….
“ދާރިސް އަދިވެސް މުޅިން ރަނގަޅު ނުވޭދޯ ބައްޕާ؟ ހައު ކޭން އައި ހެލްޕް ހިމް؟” އެ ތިންވަނަ ދުވަހުގެ ހަވީރު ބައްޕަގެ ކޮޓަރިއަށް ގޮސްފައި ހިބާ ވާހަކަ ދެއްކިއެވެ.
“ބައްޕަވެސް މިއުޅެނީ ދާރިސްއަށް އެހީވާންވީ ގޮތެއް ނޭނގިގެން. އަދިވެސް ރޭގަނޑު ނުނިދިގެން ރެސްޓްލެސްވެގެން އުޅޭ. އެއްކަލަ ޑޮކްޓަރަށް ދައްކަން އުޅެއުޅެ އެ ޑޮކްޓަރުގެ ޝެޑިއުލް ފުލްކަމުން އެޕޮއިންޓްމެންޓެއް ނުލިބޭ….”
“ރެސްޓްލެސްއޭތަ؟ ބައްޕާ އައި ތިންކް އައި ނޯ ވަޓް ޓު ޑޫ!” ހިބާ ނުހަނު ޖޯޝާއިއެކީ ބުންޏެވެ.
އެރޭގެ ވަގުތެއްގައި ޝަހީދުވެސް ދާރިސްގެ ކޮޓަރީގައި ހުރި ވަގުތެއްގައި އެ ކޮޓަރީގައި ޓަކި ދެވުނެވެ. ޝަހީދު ވަންނާށޭ ބުނުމާއިއެކު ދޮރު ހުޅުވައިލީ ސިޓިންގް ރޫމުގައި ހުރި މެދުމިނެއްގެ ޑީވީޑީ ޕްލޭޔަރު އުދަގުލާއެކީ ހިފައިގެން ކޮޓަރިއަށް އައި ހިބާއެވެ.
“ތިއީ ކޮންކަމެއް؟” ހިބާ ގޮސް އެ ޑީވީޑީ ޕްލޭޔަރު ދާރިސްގެ ކިޔަވާ މޭޒުމަތީގައި ބެހެއްޓިއިރު އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެގެން އިން ޝަހީދު އެހިއެވެ. އެ ހިނދު އެނދުގައި އިށީނދެގެން އިން ދާރިސް ވެސް ޙައިރާންކަމާއެކީ ހިބާއަށް ބަލަން އިނެވެ.
“ޔޫ ޖަސްޓް ވޮޗް، ބައްޕާ! ރެސްޓްލެސްވާ މީހުންނަށް އެންމެ ރަނގަޅުވާނީ ސޫތިންގް މިއުޒިކެއް!” ހިބާ އެ ޑީވީޑީ ޕްލޭޔަރާއި ކުޅެމުން ބުންޏެވެ.
“ސޫތިންގް ކޯޗެކޭ؟ ހިބާ ހަމަހޭގަ ހުރެގެންތަ ބައްޕަ ހުއްޓާ ތިކަހަލަ ވާހަކައެއް ތިބުނީ؟”
“އައި ނޯ ޔޫ ޑޯންޓް ލައިކް އިޓް ބައްޕާ! އެކަމަކު އަހަންނަށް ވަރަށް ހީވޭ ދާރިސް ރިލޭކްސްވާނެ ހެން އަހަރެން މި ޕްލޭ ކުރަން އުޅޭ ރާގުކޮޅު އިވުނީމަ…”
“ބައްޕައަށް އެއްގޮތަކަށް ވެސް ހިއެއްނުވޭ ހިބާ. ދާރިސް އެހެންނޫނަސް މިވަގުތުވެސް އެ އުޅެނީ އެއްވެސް އަޑުތަކެއް އިވުނިއްޔާ އެތައް އިރެއް ވަންދެން ކަންފަތަށް އުދަގޫވެގެން…”
“އަހަންނަށް ވެސް ރަނގަޅީ ހިބާ ތީތި ޕްލޭ ނުކުރިއްޔާ….ޝަހީދުބެ ނުރުހުންވާފަދަ ކަމެއް ކުރަން ބޭނުމެއްނޫން.”
ދާރިސް އެއް ދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން ޝަހީދާއިއެކީ ހިބާ ވެސް ހިމޭންވާ ގޮތްވިއެވެ. ދުވަސްތަކެއް ފަހުން ދާރިސް އޭނައާއި މުޚާތަބު ކުރިއިރު ވެސް ދުރުކަމެއް އިޙްސާސް ކުރެވުނު ގޮތުން ހިބާއަށް ނޭނގޭ ސަބަބަކާހުރެ ވަރަށް ބޮޑަށް ހިތް ދެރަވާ ގޮތްވިއެވެ. ބައްޕަ ބަސްއަހާ ކުދިން ފެނޭތޯ އަހައި ވާހަކަ ދައްކަން ފެށި ވަގުތު ހިބާ ދާރިސްއަށް ފަސްދީފައި ކޮޓަރިން ދާން ފެށިއެވެ. ބައްޕައާއި ވެސް ދެކޮޅަށް އޭނަ ހިތުން އެފަދަ ފިޔަވަޅެއް އަޅަން އުޅުނީ ހަމައެކަނި ދާރިސްއަށް އެހީވުމަށެވެ. އޭގެ ބަދަލުގައި ދާރިސް އެފަދައިން އޭނަ ދެރަކޮށްލަން ޖެހޭތޯ ހިބާއަށް ހިތާހިތުން ކިޔައިލެވުނެވެ. ހަމަ އެހިނދު އެއީ ދާރިސްގެ ޒާތުގެ ސަބަބުން ވީ ގޮތް ކަންވެސް ހިބާއަށް އެނގެއެވެ. ވަކި މީހެއްގެ ބަސް އަހަން ދާރިސް ޢަޒުމް ކަނޑައަޅައިފިނަމަ ދާރިސް އެ ޢަޒުމާއި ދެކޮޅަށް ކަންތައް ކުރުމަކީ ނާދިރު ކަމެކެވެ. މިރޭ އޭނައަށް އެފަދަ ކަމެއް ރޭވުނީ، ދާރިސް ބައްޕައަށް ކުރާ ޤަދަރުގެ މަތިން ހަނދާން ނެތިފައި ވަނިކޮށެވެ.
ހިބާއަށް އެކަން އެނގުންވިޔަސް، ހިބާ މާ ބޮޑަށް ދެރަވެފައިވާނެތީ އޭނަ ކޮޓަރިން ނިކުމެގެން ދިޔައިރު ބަލަން އިން ދާރިސް ކަންބޮޑުވާ ގޮތްވިއެވެ. ހިބާ އުފާކޮށްދިނުމަށްޓަކައި އެރޭ ފުރަތަމަ ފަހަރަށް ޝަހީދުބެއާއި ދެކޮޅުވާން ވެސް ހިތަށްއެރިއެވެ. ހިބާ ބުނި ގޮތަށް ކަންތައް ކުރުމަށް ޝަހީދުބެގާތު ބުނަން އެތައް ފަހަރެއްގެ މަތިން އޭނަގެ ހިތް ބުންޏެވެ. އެހެނަސް އޭނައަށް އެ ބަސްތައް ދުލާއި ހަމައަށް ނުގެނެވުނީ، ޝަހީދުބެ ބުނާ ގޮތަށް ހެދުމަކީ އޭނަ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނަގެ ސިކުނޑި ބުނަމުން ދިޔައީތީވެއެވެ.
ހައިޖާނެއް އުފެދިގެން ދިޔަ ދެ ހިތަށް ހަމަޖެހުމެއް ގެނުވީ، އެރޭ ކުރި ވިއްސާރައެވެ. އެ ވިއްސާރައިގެ ސަބަބުން ދާރިސްއަށް އެރޭ ފުރަތަމަ ފަހަރަށް އެ ހަފްތާ ތެރޭގައި ހަމަ ނިދި ލިބުނެވެ. ހިބާއަށް މި ޚަބަރު ލިބިގެން ދިޔައީ، އޭގެ އަނެއްދުވަހު ހެނދުނު ސައިބޮމުން ދިޔަ ވަގުތެވެ.
“ވާރޭ ވެހޭ އަޑު އިވިފަ ނިދުނީ؟ ތެދެއް؟!” ހިބާ އެއްފަހަރު ބައްޕައަށް އަނެއްފަހަރު ދާރިސްއަށް ބަލަމުން ސުވާލުކުރިއެވެ. އެހިނދު ދާރިސް އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހައިލީ ހިބާއަށް ބަލަން ބޭނުންނުވާ ފަދައަކުންނެވެ. އެހެނަސް މިފަހަރު ބަލަން ބޭނުންނުވީ ނުރުހުންތެރިކަމުގެ ބަދަލުގައި ރޭ ކަންތައް ވީ ގޮތުންހެން އެ މޫނަށް ބަލަން އިން ހިބާއަށް ވެސް އެނގުންވިއެވެ. ރޭ އޭނައަށް އިންކާރު ކުރެވުނީތީ ދާރިސް ދެރަވީތޯ ހިތަށްއެރި ވަގުތު ހިބާގެ ތުންފަތްމަތިން ލުއި ހިނިތުންވުމެއް ކުރެހުނެވެ.
މުޅި އެދުވަހަކީ ވެސް ވިއްސާރަ ދުވަހަކަށް ވެގެން ދިޔުމުން ދާރިސްއަށްޓަކައި ކުރެވިދާނެ ކަމެއްގެ ޚިޔާލު ހިބާއަށް ލިބުނެވެ. މިގޮތުން ވޯކްމޭންއެއްގެ ތެރެއަށް އާ ކެސެޓެއް އަޅައިގެން އޭނަ ގޭގެ މައިދޮރު ކައިރިއަށް ގޮސް ފުރާޅުމަތީގައި ޖެހި ފައިބަމުން ދިޔަ ވާރޭގެ އަޑު ރެކޯޑުކުރަން މަސައްކަތް ކުރިއެވެ. އެހެނަސް އެ ޗުއްޓީ ދުވަހު އޭނަގެ ފަހަތުން އުޅެމުން ދިޔަ ހަމްނާއާއި ހެދި އެ ވެގެން ދިޔައީ ހީކުރި ވަރަށްވުރެ ދަތި ކަމަކަށެވެ. 20 ވަރަކަށް މިނެޓަށް އޭނަ ރެކޯޑްކުރަން އުޅެއުޅެ ކޮންމެވެސް ހިސާބަކުން ހަމްނާ ކޮންމެވެސް އެއްޗެކޭ ކިޔައިފާނެއެވެ. ހިބާއަށް ނޭނގުނު ކަމަކީ އޭނަ ވާރޭގެ އަޑު ރެކޯޑު ކުރުމުގައި އުޅުނު ޙާލު ބަލަން ފަހަތުގައި އެހެން މީހަކު ވެސް ހުރި ކަމެވެ.
އެރޭ ދާރިސް ކެއުމަށްޓަކައި ކޮޓަރިން ނިކުތް ވަގުތު ހިބާ ގޮސް އޭނަގެ އަތުގައި އޮތް ކެސެޓު އެއްކަލަ ޕްލޭޔަރަށް އަޅައި ޕްލޭއިކޮށްލިއެވެ. އެހެންކަމުން އެރެއަކީ ވިއްސާރަ ރެއަކަށް ނުވިޔަސް ދާރިސްގެ ކޮޓަރި ތެރެއިން އިވެމުން ދިޔަ ލުއި ވާރެއެއްގެ އަޑެވެ. ކުރެވުނު ކަމާއިމެދު ހިތްހަމަޖެހުމުން އެހިނދު އެތާ ހުރެވެސް ހިބާއަށް ހިނިތުންވެލެވުނެވެ.
އެދުވަސްމަތިން ހަނދާން ކުރަމުން ދިޔަ ހިބާ ހުއްޓިހުރީ، އީތަން ސާރގެ ގެއިން އޭނައަށް ދެވިފައިވާ ކޮޓަރީގެ ފުޅާކޮށް ހުރި ކުޑަދޮރު ކައިރީގައެވެ. އާދިއްތަ ދުވަހެއްގެ ހެނދުނުގެ އެ ވަގުތުގައި ސްވިޓްޒަލޭންޑްގެ އެ ޞަރަޙައްދަށް ލުއި ގޮތަކަށް ވާރޭ ވެހެމުން ދިޔައެވެ. ހިބާގެ ޚިޔާލުތައް މާޒީއާއި ދިމާލަށް ދިޔައީ ކޮފީ ތަށްޓަކާއި އެކީ އެ ކުޑަ ދޮރު ކައިރީގައި މަޑުކޮށްގެން ހުއްޓާ ވާރޭގެ ތިކިތައް އެ ދޮރުގެ ބިއްލޫރިގަނޑުގައި ޖެހި ފައިބަމުން ދިޔަ ރީތި މަންޒަރާއި، ވާރޭގެ ހިތްގައިމު އަޑު އިވެން ފެށުމުންނެވެ. ރާނީކޮއްކޮ އެ އަޑަށް ބިރުގަންނަނީ ކީއްވެތޯ ހިތަށްއެރުމުން ވެސް ހިބާއަށް ހީލެވުނެވެ. މިހާތަނަށް އައިއިރު އޭނައަށް މުޅިންހެން ފެނިފައިވަނީ ވާރޭގެ އަޑުން ހިތްހަމަޖެހުން ލިބުނު މީހުންނެވެ.
އެ މީހުންގެ ތެރެއިން ދާރިސްގެ ނަން އެންމެ މަތިން އޭނަގެ ސިކުނޑީގައި އަލި އަޅުވައިލެވިފައިވިއެވެ. އެހެންކަމުން އެ މާޒީގެ ޚިޔާލުތަކަށްފަހު ވެސް ދާރިސްއާއިމެދު ވިސްނުނެވެ. މިއަދާއި ހަމައަށް އައިއިރު ވެސް ދާރިސްގެ އަތުގައި އެ ކެސެޓު އޮވެދާނެތޯ ހިބާގެ ހިތަށްއެރިއެވެ. އެކަމާއިމެދު ވިސްނަން ފެށިތާ މާ ގިނައިރެއްނުވެ ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އެއާއެކު ހިބާ ވަގުތުން ހިނގާފައި ގޮސް ކޮފީ ތަށި ކިޔަވާ މޭޒުމަތީގައި ބެހެއްޓުމަށްފަހު ގޮސް ދޮރު ހުޅުވައިލިއެވެ. އެވަގުތު ދޮރުމަތިން ޝަބީދައްތަ ފެނިގެން ދިޔައެވެ.
“ސައިބޯން ވެސް ނާންނަނީތަ މިއަދު؟ ޗުއްޓީ ދުވަހެއްވީމަ ދެންމެ ހޭލައިގެންތަ ތިއުޅެނީ؟” ޝަބީދައްތަ ރާގަކަށް އެހިއެވެ.
“ނޫނޭ އިރުކޮޅެއްވެއްޖެ ހޭލައިފިތާ. މި އަންނަނީ ސައިބޯން…”
“ހުމް…ޝަބީދައްތަ ވެސް އެކަނިވެގެން ހިބާ ބަލާ މިއައީ. ވަލީދުވެސް ބޭކަރީގެ ކަންތައް ކުޑަކޮށް ބަލައިލަން އެ އަވަށަށް ދާން ނައްޓާލައިފި ހެނދުނު ހެނދުނާ. އީތަން ވެސް އޮފީހަށް ދިޔަ ގޮތުން ހީވަނީ މިއީ ސީދާ ރަސްމީ ދުވަހެއްހެން. ކޮންމެވެސް ކަމަކާ ކަޓައިގެން އުޅޭހެން އީތަން ހީވަނީ…އޮފީހުގަ ކަމެއް ދިމާވީ ކަންނޭނގެ. އެކަމެއް ޙައްލުކޮށްފަ ނޫނީ އޭނަ ނުހުއްޓާނެ ދެން…”
ޝަބީދައްތަ ހީވާ ހީވުމެއްގެ މައްޗަށް ބުނެލި ވާހަކައިން ހިބާ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އީތަން ސާރގެ ތަބީޢަތް ގޯސްވެގެން އުޅެނީ އޮފީހުގެ ކަމަކަށްވުރެ ބޮޑަށް އިއްޔެ ބޮޑުބޭބެ ދެއްކި ވާހަކައެއްގެ ސަބަބުންހެން ހިބާއަށް އެވަގުތު ވެސް ހީވިއެވެ. އިއްޔެ ޕާކުގެ ތެރެއިން ހިނިތުންވުންތަކާއިއެކީ އުޅެފައި އެ ހިނިތުންވުންތައް ފިލައިދިޔައީ ފަރީދުބެއާއި އެކީ ރެސްޓޯރެންޓުގެ މޭޒުދޮށުގައި އިށީންފަހުން ވިއްޔާއެވެ. ފަރީދުބެ ދައްކާފައިވާނީ ކޮން ޒާތެއްގެ ވާހަކައެއްތޯ ހިތަށްއެރިއެވެ. ރޭ އީތަން ސާރ އޭނައާއި އެކީ ބޭއްވި އޮންލައިން ސެޝަންގައި ވެސް، ސާރގެ ފަރާތުން ފާހަގަވި އާދަޔާ ޚިލާފު ހިމޭންކަމާއިމެދު ވިސްނެން ފެށި ވަގުތު ޝަބީދައްތަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އެންޑް ބައި ދަ ވޭ…ކޮންމެހެން ޓަކި ދިނީމަ ދުރުން ހިނގާފަ އައިއްސަ ދޮރު ހުޅުވާކަށް ނުޖެހޭނެ. މި ދޮރުތައް ވެސް ހުންނަނީ ޒާތަކަށް ޕްރޮގްރާމްކޮށްފަ. ބޭރުން ޓަކި ދިނީމަ އެތެރޭގަ ހުންނަ މީހަކު ‘ވަދޭ’ އޭ ބުނީމަ އޮޓޯއިން ދޮރު އަންލޮކްވާނެ…” ޝަބީދައްތަ ބުނި ވާހަކައިން ހިބާގެ އަނގަ ކުޑަކޮށް ހުޅުވުނެވެ.
“ވޯހް! ސޯ ކޫލް!”
“ކޫލް މީހެއްގެ ގެއެއް ވިއްޔާ ކޫލްވެސް ވާނެތާ….ދެން އަވަހަށް އާދޭ ސައިބޯން. ހައިވެގެން މިއުޅެނީ. އެކަނި ސައި ބޯ ހިތެއްނުވޭ މިހާރު.”
ޝަބީދައްތަ ބުންޏެވެ. ހިބާ އެ ވާހަކައަށް ލުއި ހީލުމަކާއިއެކީ ހެދުން ބަދަލުކޮށްގެން މި އަންނަނީ ކަމަށް ބުންޏެވެ. ޝަބީދައްތަ ދިޔުމުން ކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު ވެސް ހިބާއަށް އީތަން ސާރއަށް އައި ބަދަލާއި މެދު ވިސްނުނެވެ. އެހެނަސް އަވަސްއަވަހަށް އެކަމާއިމެދު އިތުރަށް ފިކުރު ނުކުރަން ނިންމީ، އެއީ އޭނައަށް ހީވާ ހީވުމަކަށް ވެސް ވެދާނެކަމަށް ހިތް ބުނީތީވެއެވެ.
**
އެދުވަހު ހަމްނާ ސްކޫލަށް ދިޔައީ ނުތަނަވަސްވެފައިވި ހިތަކާއި އެކީގައެވެ. ނައުފަލްގެ ޒާތް އެނގޭތީ އެދުވަހު ނައުފަލް އޭނަ ގާތު ބުނެފައިވާ ވާހަކަ ނައުފަލް ހަނދާން ނުނެތޭނެކަން ހަމްނާއަށް ޔަޤީން ކުރެވިފައިވިއެވެ. ކޮންމެވެސް އެއްގޮތަކުން ނައުފަލް އޭނައާއި މިއަދު ކުރިމަތިލާނެކަން ހަމްނާއަށް ޔަޤީން ކުރެވުނެވެ.
ނައުފަލް އޭނައަށް ލޯބި ހުށަހަޅައިފިނަމަ އޭނަ އެކަމާއިމެދު ދެ ޚިޔާލެއް ގެންގުޅޭނެ ކަމަށް ދުވަހެއްގެ ކޮޅުން ވެސް ހަމްނާ ހިއެއް ނުކުރެއެވެ. މީގެ ދެ އަހަރު ކުރިން އޭނައަށް ނައުފަލް ކަމުދާން ފެށީއްސުރެ އުއްމީދު ކުރެވެމުން ދިޔައީ ނައުފަލްއާއި އެކީގައި ވާނެ ދުވަހަކަށެވެ. ކަން މިހެން އޮތްއިރު މިއަދު މި ވަނީ ކިހިނެއް ހެއްޔެވެ؟ މިއީ ދޮންތަ އޭނަގާތު ބުނި އިސްތިޚާރާ ނަމާދުގެ ބާރު ހެއްޔެވެ؟ އޭނައަށް މިހާ ދުވަސް ވަންދެން ޔަޤީންކަމާއިއެކީ ކަމުދިޔަ ކުއްޖާއާއިމެދު ހިތް ދެބަސް ވަނީ ހަމަ އެ ދެ ރަކުޢަތުގެ ނަމާދުގެ ސަބަބުން ހެއްޔެވެ؟ އެއީ ވެދާނެ ވެސް ގޮތެއް ހެއްޔެވެ؟ ހަމްނާއަށް ޤަބޫލުކުރަން ދަތިވިއެވެ.
ކޮންމެއަކަސް ހަމްނާއަށް ނޭނގިނަމަ ވެސް އެދުވަހު މަސައްކަތް ކުރެވެމުން ދިޔައީ ނައުފަލްއަށް ނުވެސް ބަލައި ވެވޭތޯއެވެ. ކުލާހުގެ ފަހަތު ބަރީގައި އިނދެގެން ނައުފަލް އޭނައަށް ބަލަމުން ދިޔަކަން އެނގުނެއްކަމަކު އެދިމާލަށް ބަލަން ބޭނުމެއް ނުވިއެވެ. އެއީ އޭނަ ލަދު ގަތީތީވެ ކަމެއް ނޫނީ ހައިޖާނެއް އުފެދިފައިވި އޭނަގެ ހިތުގެ ސަބަބުން ކަމެއް ހަމްނާއަށް ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ، އިއްޔެ ކުރެވުނު އިސްތިޚާރާއަށް ފަހު ހަމްނާގެ ހަނދާނަށް ހުސްވެސް އަންނަމުން ދިޔައީ ނައުފަލްއާއި ދުރަށް ދާންޖެހޭ ސަބަބުތައް ކަމެވެ. ނައުފަލްގެ ދީނާއި ދެކޮޅު ނަޒަރިއްޔާތުތަކާއި، ނައުފަލްގެ ލަދުކުޑަ ޓިކްޓޮކްތަކާއި، ކުރިން ރައްޓެހިވެފައިވި އަންހެން ކުދިންނާއިއެކީ އުޅުނު ގޮތާއި، ރުޅި އަންނަ ވަގުތު ހުތުރު ބަހުން ވާހަކަ ދައްކާ ގޮތެވެ. ދޮންތަގެ ރުހުން ނައުފަލްއަށް ހޯދައި ދިނުމަށްޓަކައި ކުރި އިސްތިޚާރާ ނަމާދަށްފަހު، ނައުފަލްގެ އެއްވެސް ރީތި ސިފައެއްގެ ވާހަކަ އެހެން މީހެއްގެ ފަރާތުން ވެސް ހަމްނާއަށް އިވިފައެއް ނުވެއެވެ. އަދި އަމުދުން އެދުވަހު އޭނައާއި ކުރިމަތިލުމަށްޓަކައި ނައުފަލް ކަންތައް ކުރި ގޮތާއިމެދު ޚުދު ހަމްނާ ވެސް ހިތްހަމަނުޖެހޭ ގޮތްވިއެވެ.
ހަމްނާ ހީކުރީ އެދުވަހު އިންޓަވަލް ގަޑީގައި ނައުފަލް އޭނައާއި ބައްދަލުކުރަން ދަޢުވަތުދޭނީ ވަކިން ކަމަށެވެ. ހަމްނާ ބޭނުންވީ ވެސް ވަކިން ބައްދަލުކުރާށެވެ. އޭނަގެ އެއްވެފައިވާ ޖަޒުބާތުތައް ނައުފަލްއަށް ކިޔައި ދިނުމަށެވެ. އެކަމާއިމެދު ނައުފަލް ދެކޭ ގޮތް ދެނެގަނެ ނައުފަލްގެ ‘ނަސޭޙަތެއް’ ހޯދައިގެން ވެސް އެ ޖަޒުބާތުތަކުން ރައްކާތެރިކަމެއް ހޯދުމަށެވެ.
އެހެނަސް ނައުފަލް އެދުވަހު އިންޓަވަލް ގަޑީގައި ހަމްނާއަށް ދަޢުވަތު އެރުވީ ސްކޫލްގެ ބިއްދޮށަށްވާ ގޮތަށް އޮންނަ ބޯޅަ ދަނޑަށް އައުމަށެވެ. ހަމްނާ އެތަނަށް ދިޔައިރު ވެސް ބައެއް ފިރިހެން ކުދިން ކުޅެން ތިއްބެވެ. ކުޅެމުން ދިޔަ ކުދިންގެ ތެރެއިން ނައުފަލްއަށް ހަމްނާ ފެނުމާއިއެކު، ނައުފަލް ހަމްނާއަށް ހަނާ އެޅިއެވެ. އެހާ ގިނަ ފިރިހެން ކުދިން ތިބި ދިމާލަކަށް ދާންވުމުން ޖެހިލުންވިއެއްކަމަކު ހަމްނާ އެދިމާލަށް ހިނގައިގެންފިއެވެ. ހަމްނާ އެތަނާއި ގާތްވީވިހެން އެ ފިރިހެން ކުދިންނާއި އެތަނުން ހިނގާފައި ދިޔަ އަންހެން ކުދިން ވެސް ދަނޑުގެ ވަށައިގެން ރޭވެން ފެށިއެވެ. ނައުފަލް އާއި ދިމާލަށް ދަމުން ހަމްނާއަށް ވަށައި ނަޒަރު ހިންގެމުން ދިޔައީ އެ ކުދިން އޭނަ ނައުފަލްއާއި މިހާ ބޮޑު ވާހަކައެއް ދައްކަން އުޅޭއިރު ބަލަމުން ދިޔަ ގޮތުންނާއި، އެތާ ކައިރީގައި މުދައްރިސަކު ހުރެފާނެތީ ވަމުން ދިޔަ ނުތަނަވަސްކަމެއްގެ ބޮޑުކަމުންނެވެ. ހަމަ އެވަގުތު ސީދާ ނައުފަލްގެ ކުރިމަތީގައި ހަމްނާއަށް މަޑުކޮށްލެވުމުން، ނައުފަލް ވާހަކަ ދެއްކިއެވެ.
“ޑޯންޓް ވޮރީ ހަމް….އަހަރުމެން ދައްކަން ޖެހޭހާ ވާހަކައެއް ދައްކައި ނިމެންދެން މި މަންޒަރު ނުފެންނަން ޖެހޭ އެއްވެސް މީހަކު މިތަނަށް ނާންނާނެ. ނޫންތަ ބޯއިސް؟” ނައުފަލް ހަމްނާއާއި ވާހަކަ ދެއްކުމަށްފަހު އެތާތިބި އޭނަގެ އެކުވެރި ފިރިހެން ކުދިން ކައިރިން އެހިއެވެ. އެ އެންމެން އެކީ ހެވިފައި ތިބެ ‘ގެރޭ’ އޭ ބުނެލީ ނައުފަލްއަށް ޔަޤީންކަން ދިނުމުގެ ގޮތުންނެވެ.
“އަސްލު ފުރަތަމަ ޕްލޭން ކުރިން ތަންކޮޅެއް ޕްރައިވެޓްކޮށް ހަމްގެ ކޮންފެޝަން ގެންދަން. އެކަމަކު ހިތަށްއެރީ ޖަވާބާއިމެދު ޝުއާރ އިރު ކީއްވެބާއޭ ފޮރުވަންވީ. ހަމްގެ ފްރެންޑަކު ވެސް ބުނި ގޮތުގަ ހަމްއަށް ކަމުދަނީ މި ގޮތަށް ޕަބްލިކްކޮށް ފިރިހެން ކުއްޖާ ކޮންފެސް ކުރީމަ…” ނައުފަލް އެއްފަރާތަކަށް ނަޒަރެއް ދެމުން ބުންޏެވެ. ހަމްނާ އެދިމާލަށް ބަލައިލިއިރު، މަނާލް ހިނިތުންވުމަކާއިއެކީ ބޮޑުވާ އިނގިލި ދައްކައިލި ގޮތުން ނައުފަލަށް އެފަދަ މަޢުލޫމާތެއް ދިނީ މަނާލްކަން ހަމްނާއަށް އެނގުންވިއެވެ. އެވަގުތު ހަމްނާއަށް ފާހަގަ ނުވިއެއްކަމަކު ކުދިންތަކުގެ ތެރެއިން ފުރޭނެމުން ނަބީހް ވެސް ހަމްނާ ފެންނަ ހިސާބަށް އައިސްފިއެވެ.
“އެނީވޭސް…އަހަރެން އެންމެ ފުރަތަމަ ކޮންފެސް ކުރާނަން….އައި ލަވް ޔޫ ހަމްނާ، ވިލް ޔޫ ބީ މައި ގާލްފްރެންޑް؟” ނައުފަލް ނުހަނު ޖަޒުބާތީ ދެލޮލާއިއެކީ ހަމްނާއަށް ބަލަން ހުރެ ބުނެލި ބަސްތަކުން އެތާ ތިބި ކުދިން އަޑެއް ލައްވައިލިއެވެ. ނައުފަލް ބުނި ބަސްތަކުންނާއި އެ ކުދިންގެ އެ ޙަރަކާތުން ހަމްނާ ލަދުގަތް ހިނދު މުޅި އެ ޙާލަތާއިމެދު ވެސް ހިތްހަމަނުޖެހުނެވެ. ޚުދު އޭނަގެ އިޙްސާސްތަކާއިމެދު އޭނަ ޔަޤީން ނުވާއިރު، ހުރިހާ ކުދިން ބަލަހައްޓައިގެން ތިބީތީ ނައުފަލްއަށް އާނބަސް ދިނުމުގެ މަޖުބޫރީއެއް އިޙްސާސް ކުރެވުނެވެ. އެ ހިނދު ހަމްނާގެ ހަނދާނަށް އަންނަން ފެށީ ދޮންތަ އިސްތިޚާރާ ނަމާދާއި ބެހޭގޮތުން އެއްދުވަހު އޭނަ ގާތު ބުނި ވާހަކައެވެ.
“އެ ނަމާދު ކުރުމަށްފަހު ހަމްނާގެ ހިތް ބުނާ އެއްޗެއް ވަރަށް ރަނގަޅަށް އަޑުއަހާތި. ލޯބިވާ އެއްޗަކާއި ވަކިވާން ޖެހިދާނެތީ މާ ބޮޑަށް ވިސްނީމައެއް ނޫނީ އެ ނަމާދުގެ ޖަވާބު ވަރަށް ސާފުކޮށް ހަމްނާއަށް ފެންނާނެ. ޖަވާބު ފެނުނީމަ އެއާއި އެއްގޮތަށް ޢަމަލުކުރަންވީ. އެހެންނޫނީ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ. ހަމްނާއަށް އެންމެ ރަނގަޅު ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ކަން އަބަދުވެސް ހަނދާން ބަހައްޓާތި….”
ދޮންތަ ބުނި ބަސްތައް ނައުފަލްއަށް ބަލަހައްޓައިގެން ހުރި ހަމްނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ނައުފަލްގެ ހިނިތުންވުމަށް ބަލަހައްޓައިގެން އެވަގުތު ހުރި ހަމްނާއަށް އޭނަގެ އިސްތިޚާރާގެ ޖަވާބު ޔަޤީން ކުރެވުނެވެ. އޭނަ ނައުފަލްއަށް ނޫނެކޭ ބުނެ އަނެއްކޮޅަށް ހިނގައިގަންނަންވީކަން އެނގުނެވެ. އެހެނަސް….
“އަދި….ފަހުން ނައުފްއަށް ޖަވާބެއްދޭނަން.” ހިސާބެއްގެ ތުރުތުރެއް އެކުލެވިފައިވި އަޑަކުން ހަމްނާއަށް ބުނެވުނީ އެހެންނެވެ. ރަނގަޅު ގޮތަކީ ކޮބައިކަން އެނގުނަސް އޭނައަށް ނައުފަލް ދޫކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ނައުފަލް ކަހަލަ ކުއްޖަކު އޭނައަށް ނުލިބިދާނެހެން ހީވީއެވެ. އެހެންނޫނީ ނައުފަލް ކަމުދާން ފެށިފަހުން އެހެން ފިރިހެން ކުއްޖަކަށް އެހާ ދުވަސް ވަންދެން ސަމާލުކަން ނުދެވި ހުރެވުމުން، ނައުފަލްއަށްޓަކައި ހިތުގައިވާ އިޙްސާސްތައް ދުވަހަކުވެސް ނެތިގެން ނުދާނެކަމުގެ ބިރު ހީވީއެވެ.
ހަމްނާ ދިން ޖަވާބާއި އެކީ ނައުފަލްގެ ދެބުމަ ކައިރިވީއިރު ސިއްރުވެރި އަޑުތައް މުޅި ތަނުގައި ގުގުމައިލިއެވެ. ހަމްނާ ނައުފަލްއަށް ވެސް އަދި އެތާ ތިބި އެހެން ބަޔަކަށް ވެސް ބަލަން ބޭނުމެއް ނުވެފައި އަވަސް ހިނގުމެއްގައި އެތަނުން ދާން ހިނގައިގަތެވެ. ހަމްނާ އެތާ ރޭވިގެން ތިބި ކުދިންނާއި ކައިރިވީވީހެން އެމީހުން ހަމްނާއަށް ތަން ދެއްކިއެވެ. ހަމްނާ ދެންވެސް ވަކި މީހަކަށް ބެލުމެއް ނެތި ކުރިއަށް ދިޔައީއެވެ. އެހިނދު ނޭނގޭ ސަބަބަކާއިހުރެ އޭނަގެ ހިތުގެ ތެޅުން އަވަސްވެ ލޮލުން ދިލަ ނަގަން ފެށިއެވެ. ނައުފަލްއަށް ދެވުނު ޖަވާބުން ޚުދު އޭނަ ދެރަވެއްޖެކަން ހަމްނާއަށް އެނގުންވީ އެ ވަގުތެވެ. މިއީ އަނެއްކާވެސް ނައުފަލްގެ ގާތަށް އަނބުރައި ދާން ލިބޭ ޢިޝާރާތެއްތޯ ހިތަށްއެރިއެވެ. އޭނަ ބޭނުންވީ ކޮންމެވެސް މީހަކު އޭނަ ގާތު އައިސް އެހެން ބުނާށެވެ. އޭރުން އޭނަ ދެވަނަ ވިސްނުމެއްވެސް ނެތި އަނބުރައި ނައުފަލްގެ ގާތަށް ދާނެއެވެ.
“ހަމްނާ!” ފަހަތުން މީހަކު އޭނައަށް ގޮވައިލި އަޑަށް ހަމްނާއަށް ފިޔަވަޅުތައް މަޑުޖައްސައިލަމުން ފަހަތަށް ބަލައިލެވުނެވެ. އެހިނދު ދުވުމެއްގައި އައިސް ހަމްނާއާއި ފިޔަވަޅުތަކެއްހާވަރު ދުރުގައި ހުއްޓިލީ ނަބީހެވެ. ނަބީހް އައީ އޭނަ ދެންމެ އުއްމީދު ކުރިފަދަ ވާހަކައެއް ބުނަން ކަމަށް ހަމްނާ ހީކުރިއެވެ. ނަބީހް އޭނަދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނަ ލޯބިވާ ކުއްޖާ ގާތަށް އަނބުރައިދާން ބުނެފާނެ ނޫންހެއްޔެވެ؟ އެހެނަސް…..
“ޔޫ ޝުޑް ހޭވް ސެއިޑް ނޯ، ހަމްނާ! ސްޓްރައިޓް ނޯ! އެ ނައުފަލްގެ ޙަޤީޤަތް އަހަންނަށް އެނގޭތީ އަހަރެން މި ބުނަނީ.” ނަބީހްގެ ވާހަކައިން ލިބުނު ޝޮކާއި ވީ ނުރުހުމުގައި ހަމްނާއަށް ރަނގަޅަށް އެ ފަރާތަށް އެނބުރިލެވުނެވެ. ހަމްނާ ބުނާނެ ވަކި އެއްޗެއް ނޭނގި ހުންނަން ފެށުމުން ނަބީހް އިތުރަށް ވާހަކަ ދެއްކިއެވެ.
“ހީ އިޒް އަޕް ޓު ނޯ ގުޑް ހަމްނާ….ރަން އަވޭ ފްރޮމް ހިމް!” ނަބީހް ސީރިއަސްކަމާއެކީ ސާބިތު އަޑަކުން ބުނެލި ވާހަކައިން އައި ރުޅީގައި ހަމްނާގެ ގޮށްމުއްކެވުނެވެ.
“ޖޭ ވިޔަސް ތީ ދެން މާ ބޮޑުވަރު ކަންނޭނގެ. ނަބީހް ތިހެން ތި ވާހަކަ ބުންޏަސް އަހަރެން ނަބީހް ކައިރިއަށް އަންނާކަށް ނެތިން!” ހަމްނާ ފެންކަޅިވެފައިވާ ލޮލާއިއެކީ ރޫރޫ އަޅާ އަޑަކުން ބުނެލި ވާހަކައިން ނަބީހްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހަމްނާ ދެން އެތާ ހުންނަން ވެސް ބޭނުމެއް ނުވުމުން ނަބީހަށް ފަސްދީފައި ދާން ފެށިއެވެ.
“އަހަރެން ކައިރިއަށް އަންނާށޭ ނުއެއް ބުނަން….” ނަބީހް ހަމްނާއަށް ބަލަން ހުރިތާ ހުރެ މަޑު އަޑަކުން އެހެން ބުނެލީ އަމިއްލަ އަމިއްލައަށެވެ. އެ ހިނދު އެ ލޯމަތިން ރިހުމެއް ފެންނަމުން ދިޔައެވެ.
**
އޭގެ އަނެއް ދުވަހަކީ ސްވިޓްޒަލޭންޑަށް ރަސްމީ ދުވަހަކަށްވެފައި، ހިބާމެން އެ ޤައުމުގެ ސްކޫލަކަށް ޒިޔާރަތް ކުރަންޖެހޭ ފުރަތަމަ ދުވަހެވެ. އެ ޤައުމުގައި އޭނަ ތަންތަނަށްދާ އާދައިގެ މަތިން ހަމްނާ ސްކޫލަށް ދިޔައީ ބޮޑުބޭބެއާއިއެކީ މައިކަލް ދުއްވަމުން ދިޔަ ކާރުގައެވެ. ހިބާ ސްކޫލަށްލުމަށްފަހު ފަރީދުބެ ސްވިޓްޒަލޭންޑްގެ ފިހާރަތަކަށް ޒިޔާރަތްކޮށް ރާއްޖެއަށް އެތެރެ ކުރެވިދާނެ ރަނގަޅު މުދަލެއް ފެނޭތޯ ބަލަން ދެވިދާނެތޯ ހިބާ ކައިރިން އެހިއެވެ. ހިބާ އެކަމަށް އެއްބަސްވީ، މިއަދު އެ ސްކޫލަށް ގޮސް ފުދޭވަރަކަށް ގިނައިރު ވާނެތީވެއާއިއެކު ބޮޑުބޭބެ ވެސް ކުރަން ބޭނުންވާ ކަންތަކަށް ފުރުސަތު ދިނުމަށެވެ.
އެހެނަސް އީތަންއަށް މި ޚަބަރުވެފައި އީތަން ނުރުހުންވިއެވެ. ކުރީ ދުވަހާއި އެއްގޮތަށް އެ ބޮޑުބޭބެ އުޅެނީ ހިބާ ދޫކޮށްލަންތާއޭ ހިތަށްއެރިއެވެ. އިތުރަށް ހިތްހަމަނުޖެހޭ ގޮތްވީ، އެދުވަހު މެންދުރު 2 ޖަހަން ގާތްވަމުން ދިޔަ ވަގުތުވެސް މައިކަލްއަށް މެސެޖެއް ކުރުމުން، ފަރީދުބެ ހިބާ ހުރި ސްކޫލާއި ތަންކޮޅެއް ދުރުގައި ހުރި ފިހާރައެއްގައި ހުރި ވާހަކަ މައިކަލް ބުނުމުންނެވެ. ޝަބީދައްތަ ވާހަކަ ގިނަވެގެން ގޮސް ދެއްކި ވާހަކައިގެ ތެރެއިން ހިބާ ސްކޫލްގެ މަސައްކަތުން 2 ޖަހާއިރު ނިމޭކަން އީތަންއަށް ވެސް އެނގެއެވެ. އެ ބޭބެ ހަމަ ފަރުވާ ކުޑައީތާއޭ ހިތަށްއެރިއެވެ.
އެންމެ ފަހުން 2 ޖަހަން 15 މިނެޓަށްވެފައި ވަނިކޮށް އީތަން ނުހުރެވިގެން އޮފީހުގެ މަސައްކަތް ވެސް ކުރުކޮށްލަމުން އެ ސްކޫލަށް ދާން ދަތުރު ފެށިއެވެ. އީތަންގެ ކަޅުކުލައިގެ ކާރު ގޮސް އެ ސްކޫލްގެ ކައިރީގައި ޕާކް ކުރެވިގެން ދިޔަ ވަގުތު ބަރާބަރު 2 ޖެހީއެވެ. އީތަން ހީކުރީ އެވަގުތު ކުދިންތަކެއް ނުފެނުނަސް ހިބާއާއިއެކީ އެހެނިހެން މުދައްރިސުން ނިކުންނަތަން ފެންނާނެ ކަމަށެވެ. މިއީ ހޫނު މޫސުމުގެ ޗުއްޓީއަށްވުމުން ރަސްމީކޮށް ސްކޫލް ނުހުޅުވާނެކަން އީތަންއަށް ވެސް އެނގޭތީވެއެވެ.
5 ވަރަކަށް މިނެޓް ހިނގިއިރު ވެސް އެއްވެސް މީހަކު ނިކުންނަތަން ނުފެނުމުން އީތަން އެންމެ ފަހުން ކާރުން ފޭބިއެވެ. އެއަށްފަހު ސްކޫލްގެ ގޭޓު ކައިރިއަށް ގޮސް އެތާހުރި ސެކިއުރިޓީ ގާޑަށް އޭނައަކީ ކާކުކަން ކިޔައި ދިނުމަށްފަހު އެތެރެއަށް ވަނުމުގެ އިޒުނައަށް އެދުނެވެ. އެ ސްކޫލަކީ ޓެކްނޮލޮޖީއާއި ގުޅުން ހުރި އިވެންޓްތަކަށް ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި އޭނަ ނުހަނު ގިނައިން އަންނަ ސްކޫލަކަށްވުމުން ނުހަނު ފަސޭހައިން އޭނައަށް އިޒުނަ ލިބުނެވެ. އީތަން ސްކޫލަށް ވަދެގެން ދާން ފެށިތާ މާ ގިނައިރެއްނުވެ ކޮންމެވެސް ބެލެނިވެރިއަކު ވާހަކަ ދައްކާ އަޑަށް އީތަން ފަސްއެނބުރި ބަލައިލިއެވެ. އެހިނދު ކޮންމެވެސް ބެލެނިވެރިއަކު ގޮވައިގެން އައި ކުޑަ ފިރިހެން ކުއްޖާ ހިނގަމުން ދިޔަ ކަޅުކުލައިގެ ދަނޑިކޮޅެއް ބިންމަތީގައި ޖައްސަމުންނެވެ. އެކުއްޖާގެ ނަޒަރު އެއްދިމާލަކަށް ހުއްޓިފައިވި ގޮތުން އެއީ ލޮލަށް ނުފެންނަ ކުއްޖެއްކަން އީތަންއަށް ޔަޤީން ކުރެވުނެވެ.
“ތިއީ މި ސްކޫލްގެ ޓީޗާރއެއްތޯ؟ ތޯމަސް އެތެރެއަށް ގެންދަން އެހީވެވިދާނެތޯ؟ އަންނަން އެންގިފައި އޮތް ގަޑިއަށް ވުރެ ބައި ގަޑިއިރު ލަހުން މި އާދެވުނީވެސް…” އެ ދޮން މަންމަ އިނގިރޭސި ބަހުން އީތަން ގާތު އެދުނެވެ.
“އަ…އާދެ. އަޅުގަނޑު ތޯމަސް ގެންގޮސްދޭނަން ކުލާހަށް. އަވަހަށް އާދޭ!” އީތަން އެހެން ބުނުމުން ތޯމަސްގެ މަންމަ ތޯމަސްގާތު އެ ‘ޓީޗާރ’އާއެކީ ދިޔުމަށް ބުންޏެވެ. އެއާއިއެކު އީތަން ވެސް ތޯމަސްގެ ކައިރިއަށް ގޮސް ތޯމަސްގެ އަތުން ދަނޑިކޮޅު ހޯދައި އެކުއްޖާ އުރައިލިއެވެ. ތޯމަސްގެ މަންމަ ހިނިތުންވުމަކާއިއެކީ ޝުކުރު އަދާ ކުރުމުން އީތަން އެއަށް ރައްދުދީފައި ސްކޫލްގެ ޢިމާރާތާއި ދިމާލަށް ހިނގައިގަތެވެ.
އީތަން ތޯމަސް ގޮވައިގެން ރިސެޕްޝަން ކައިރިއަށް ގޮސް ތޯމަސް ގެންދަންވީ ކުލާހާއި ކުލާސް ހުންނަ ހިސާބު ހޯދައިލިއެވެ. އެއަށްފަހު އެކި ކުލާސް ބަރިތަކުގެ ތެރެއިން ހިނގަމުން ގޮސް 5 ވަރަކަށް މިނެޓް ތެރޭގައި އެ ކުލާހާއި ހަމައަށް ދިޔައެވެ. އަދި ތޯމަސް ތިރީގައި ބެހެއްޓުމަށްފަހު ތޯމަސްގެ އަތުގައި ހިފަހައްޓައިލަމުން ކުލާހުގެ ދޮރު ހުޅުވައިލިއެވެ. އެހިނދު ހިމޭންކަން ވެރިވެފައިވި އެ ކުލާހުގައި، ކުއްޖަކާއިއެކީ މޭޒެއްގެ ދޮށުގައި އިން ހިބާ އެދިމާލަށް ބަލައިލިއެވެ. އުއްމީދު ކޮށްގެން ނެތް ވަގުތުކޮޅެއްގައި ހިބާ ފެނިގެން ދިޔުމުން އީތަންގެ ނޭވާ މެދުކެނޑި، ހިތުގެ ތެޅުން އަވަސްވިއެވެ. އެ ޙާލަތު އިތުރަށް ގޯސްވާން ފެށީ ހިބާ ޙައިރާންކަމާއިއެކީ އެދިމާލަށް ބަލަން އިނދެފައި ގޮނޑިން ތެދުވެލަމުން އެދިމާލަށް އަންނަން ފެށުމުންނެވެ.
“ސާރ ކީއްވެތޯ މިވަގުތު ސްކޫލަށް ތި ދުރުވީ؟ މިއީ މި ކުލާހަށް އައި ކުއްޖެއްދޯ؟” ހިބާ އީތަންއާއި ސުވާލެއް ކުރަމުން ތޯމަސްއަށް ބަލައިލިއެވެ.
“ސާރ….ދެންމެ ހަމަ ވަދެގެން އައިއިރު މި ކުއްޖާ އައިތަން ފެނުނީ. މި ކުއްޖާ މަންމަ ބުނީ ތަންކޮޅެއް ލަހުންނޯ މި އާދެވުނީ. އެހެންވެ އުރާލައިގެން މި އައީ. އައި ތިންކް ހީ އިޒް….” އީތަން އެހެން ބުނަން އުޅުނު ވަގުތު ހިބާ ތުންފަތްމަތީގައި ޝަހާދަތް އިނގިލި ޖައްސައިލުމުން އީތަންގެ އަނގަ ބަންދުވިއެވެ. އެވަގުތު ހިބާ ހުރީ އެތާ ކައިރީގައި ހުރި ޝެލްފަކުން ނެގި ކްލިޕްބޯޑެއް ހިފަހައްޓައިގެންނެވެ. އޭގައި ލިޔެވިފައި ހުރީ އެ ކުލާހަށް އަންނަން އުޅޭ ކުދިންގެ ނަންތަކާއި، އޭގެއިން ކޮންމެ ކުއްޖަކު ޚާއްޞަ އެހީއަށް ބޭނުންވާ ސަބަބުތަކެވެ.
އީތަން ހިމޭންވުމުން ހިބާ ކުރުފައިމައްޗަށް ތިރިވެ ތޯމަސްއާއި ހަތަރުކަޅި ހަމަކުރިއެވެ.
“ހައި ތޯމަސް….މިއީ ތޯމަސްގެ ޓީޗާރ. މިސް ޝަހީދު. މި ޗުއްޓީ ތެރޭގަ ތިކުދިންގެ ޓީޗާރ މިސް ސްމިތްއާއެކީ މިސް ޝަހީދުވެސް މިއުޅެނީ ތިކުދިންނާއެކީ ވަރަށް ބޮޑަށް މަޖާކޮށްލަން. ތޯމަސް ބޭނުންތަ މިސް ޝަހީދުއާއެކީ ކުޅެލާފަ މަޖާކޮށްލަން؟” ހިބާ ނުހަނު އުޖާލާވި ހިނިތުންވުމަކާއެކީ ވާހަކަ ދެއްކި ގޮތުން ދާދި ދެންމެ އީތަންއާއި ވާހަކަ ދެއްކީ މުޅިން އެހެން މީހެއްހެން ހީވެދާނެއެވެ. އެ އަޑުގައިވި ޖޯޝާއި އެކުވެރިކަމުގެ ސަބަބުން ތޯމަސްވެސް ދެވަނަ ވިސްނުމެއްނެތި ބޯޖަހައިލިއެވެ.
“ވަރަށް ބަރާބަރު! މިސް ޝަހީދު މިއީ މޯލްޑިވްސްއިން އައި ޓީޗާރއެއް. މިސް ޝަހީދު ހުންނަނީ މިހެން އިނގޭ. ސްކާފްއެއް އަޅައިގެން ދިގު ދިގު ހެދުމެއް ލައިގެން. މިއަދު ޓީޗާރ ލައިގެން މިހިރީ ކަޅުކުލައިގެ ހެދުމަކާއި ދަނބު ކުލައިގެ ސްކާފްއެއް. ތޯމަސްގެ ޓީޝާޓްގަ ހުރި ކުލަ ޓީޗާރގެ ސްކާފްގަ ހުރީ. ތޯމަސްއަށް ވަރަށް ރީތިތަ ދަނބު ކުލަ؟” ހިބާ އަމިއްލައަށް ތަޢާރަފް ވެލީ ތޯމަސްގެ އަތް ގެންގޮސް އޭނަގެ މޫނާއި ބުރުގާގައި ވެސް ޖައްސަމުންނެވެ.
“ލައްބަ….އެއީ ތޯމަސްއަށް އެންމެ ކަމުދާ ކުލަ!”
“އަސްލުވެސްތަ؟ އެހެންވީމަ ހިނގާބަލަ ދަނބުކުލައިން އާރޓްވޯކެއް ހަދަން. ތޯމަސް ބޭނުންކަހަލަ އާރޓްއެއް ހަދަންވީ. އެންމެ ހަދަން ބޭނުންވަނީ ކޮންކަހަލަ އާރޓްއެއް؟ ކުލަ ޖެއްސުންތަ؟ ކޮލާޖްތަ؟ ކްލޭއިތަ؟”
“ކުލަޖައްސަން ބޭނުމީ. މިސް ސްމިތް ބުނި މިއަދު ކުލަޖައްސަން ދޭނަމޭ…”
“އޯކޭ އެހެންވީމަ ހިނގާ. މިސް ޝަހީދު ތޯމަސްގެ އަތުގައި ހިފައިދޭންވީތަ؟ އެހެންނޫނީ ތޯމަސް އަމިއްލައަށްތަ ކުލާހުގެ ތެރެއަށް އަންނަން ބޭނުމީ؟”
“މި ޓީޗާރއާއެކީ އަންނާށޯ މަންމަ ބުނީ…” ތޯމަސް އެހެން ބުނެލީ އޭރުވެސް ތޯމަސް ހިފަހައްޓައިގެން ހުރި އީތަންގެ އަތަށް ބާރުކޮށްލަމުންނެވެ. އެއާއިއެކު ހިބާއާއި އީތަންގެ މެދުގައި ނަޒަރުތައް ބަދަލުވެގެން ދިޔައެވެ. އީތަން ސާރގެ މަޤާމުގެ މަތިން ހަނދާން ކުރަމުން ހިބާ ތޯމަސް ޙަޤީޤަތް ކިޔައިދޭން އުޅުނު ހިނދު އީތަން ވާހަކަ ދެއްކިއެވެ.
“ހިނގާ! މި ޓީޗާރ ތޯމަސް ގެންގޮސްދޭނެ ކުލާހުގެ ތެރެއަށް ވެސް.” އީތަން އެހެން ބުނުމަށްފަހު އޭނަގެ އަތުގައި އޮތް ދަނޑިކޮޅު ތޯމަސްގެ އަނެއް އަތަށް ލައިދެމުން ތޯމަސްއާއެކީ ލަސްލަހުން ހިނގަން ފެށިއެވެ. އީތަން ތޯމަސްއާއިއެކީ އޭނަ ފަހަނަޅައި ދިޔުމުން ހިބާއަށް ލުއި ގޮތަކަށް ހީލެވުނެވެ.
އަނެކެއްގެ ޙަރަކާތްތައް ކަމުދިޔައީ ހަމައެކަނި ހިބާއަކަށް ނޫނެވެ. ކުލާހަށް ވަނުމަށްފަހު ހިބާގެ ފަރާތުން ފެންނަމުން ދިޔަ ހުރިހާ ސިފައެއް އީތަންއަށް ވެސް ކަމުދިޔައެވެ. އެކުލާހުގެ ވަށައިގެން އީތަންއަށް މުޅިންހެން ފެންނަމުން ދިޔައީ ޚާއްޞަ އެހީއަށް ބޭނުންވާ އެކި ޒާތްޒާތުގެ ކުދިންނެވެ. އޭގެއިން ކޮންމެ ކުއްޖަކަށް ވެސް އެކުއްޖަކާއި ގުޅޭ މަސައްކަތެއް ޙަވާލުކުރެވިފައިވީ ގޮތުން ހުރިހާ ކުދިންވެސް މަސައްކަތުގައި މަޝްޣޫލުވެފައިވިއެވެ. ތޯމަސް ވެސް ކުލާސް ތެރެއަށް ގެނައުމަށްފަހު ގޮނޑިއެއްގައި ބަހައްޓަމުން ހިބާ ގަނޑަކާއި ކުލަ ފޮށްޓެއް ތޯމަސްއަށް ދިނެވެ. އެ ކުލަފޮށީގެ ކޮންމެ ކުލައެއްގައި ވެސް އޭގައި އަތްލުމުން އެއީ ކޮން ކުލައެއްކަން އެނގޭ ގޮތަށް ނަން ލިޔެވިފައިވިއެވެ. ހިބާ އެ ވާހަކަ ކިޔައި ދިނުމަށްފަހު ތޯމަސް އެދުމުން ކުރަހަންވީ އެއްޗެއްގެ ޚިޔާލެއްވެސް ދިނެވެ. ދަނބުކުލައިގެ މާތައް ހުރި ބަގީޗާއެއް ކުރަހަން ބުނުމުން ތޯމަސް އެކަން ކުރަން ފެށީ ނުހަނު ގަޔާވެގެންނެވެ.
“މި ކުއްޖާއަށް ކިހިނެއްތަ މި ކުލަކުލަތައް އެނގެނީ؟” އީތަން ތޯމަސްގެ ކައިރީގައި އިން ގޮނޑީގައި އިނދެގެން އެ ސުވާލުކޮށްލީ ތޯމަސްގެ ކުރިމައްޗަށް ވާ ގޮތަށް އިށީނދެގެން އިން ހިބާއާއެވެ. ކުރަހާ ނިންމުމަށްފަހު މާތަކުގެ ފިޔަތައް ކޮބައިތޯ އެހުމުން ހިބާ ތޯމަސް ނަގައިގެން ހުރި ދަނބުކުލަ ގެންގޮސް މަލެއްގެ ފިޔައެއްގައި ޖައްސައިދިނެވެ. އެ ފަދައިން ހިބާ ޖައްސައިދިނުމުން ތޯމަސް ކުލަ ޖައްސަމުން ދިޔައެވެ.
“މި ކުއްޖާގެ ލޮލުގެ ފެނުން ގެއްލުނީ މީގެ މަސްތަކެއް ކުރިން ދިމާވި އެކްސިޑެންޓެއްގަ ކަމަށްވަނީ. ޚިޔާލަށް ވެސް ނުގެނެވޭ މި ކުއްޖާއާ މި ކުއްޖާގެ މަންމަ ދެރަވާނެ ވަރު…” ހިބާ އެހެން ބުނެލީ ޙަމްދަރުދީގެ ނަޒަރަކުން ތޯމަސްއަށް ބަލަން އިނދެ ދެންވެސް ކުލަޖައްސަން ތޯމަސްއަށް އެހީވަމުންނެވެ. ހިބާގެ މޫނުމަތިން ފާޅުވި އަސަރުން އީތަންއަށް އިތުރަށް ވާހަކަ ދެކެވުނެވެ.
“ހިބާއަށް ކަމުދާ ޖޮބެއްތޯ މިއީ؟ ޓީޗިންގް އަކީ؟” އީތަން އެހިއެވެ.
“ހުމް….ވަރަށް ކަމުދޭ. ކާކު ބޭނުމެއްނުވާނީ ތިމާދެކެ ހިތުގެ ފުންމިނުން ލޯބިވާ 100 ވަރަކަށް ކުދިކުދި މީހުންނާ ކޮންމެ ދުވަހަކު ބައްދަލުކުރަން؟” ހިބާ ރާގަކަށް ބުންޏެވެ. އެއާއިއެކު އީތަން ލުއި ގޮތަކަށް ހީލުމުން ހިބާއަށް ވެސް ހެވުނެވެ.
“އަސްލު އެހެން އެހީ….ހިބާ ދެންނެވީމެއްނޫންތޯ ތިއީ ވަރަށް ފާސްޓް ލާނާރއެއްކަމަށް؟ ހިބާ އެދިލެއްވިނަމަ ހަމަ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ކުރިއަށް ދެވުނީސްކަން މިއަދު އަޅުގަނޑަށް ޔަޤީން ކުރެވޭ. ވަރަށް ޕޮޓެންޝަލް އެބަހުރި ހިބާގެ. އެހެންވީމަ ކީއްވެ ސްޕެސިފިކަލީ މި ޖޮބް ޚިޔާރު ކުރެއްވީ؟ ކިއުރިއަސްވީމަ ސުވާލު މި ކުރެވެނީ…” އީތަން އެހިއެވެ. އޭނަ ޙަޤީޤަތުގައި ވެސް ޙައިރާންވީއެވެ. އޭނަ ދަންނަ ހިބާއަކީ ސްކޫލުން ނިމިގެން ސްކޫލް ދުވަހަކުވެސް ނުފެންނަ ހިސާބަކަށް ދާން ބޭނުންވެގެން ހުރި އަންހެން ކުއްޖެކެވެ. މި ދާއިރާއަށް ވަނުމަށް ޝަހީދުބެ ހިބާގާތު ބުނީތޯ ހިތަށްއެރިއެވެ. އީތަން އުއްމީދު ކުރީ އެފަދަ ޖަވާބެކެވެ. އެހެނަސް….
“އަސްލު….މި ޕްރޮފެޝަންއަށް އައުމުގެ ވެސް ޕޮޓެންޝަލް ހުރިހެން ހީވީމަ މި ޕްރޮފެޝަން ޚިޔާރުކުރީ. މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑަށް އެނގުނީ އަޅުގަނޑުގެ ބައްޕަ އެއްދުވަހު ގެއަށް ގެނެސްގެން އުޅުނު ކުއްޖެއްގެ ސަބަބުން. އޭރު ރާއްޖޭގަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއިމެދު އެހާ ބޮޑު ހޭލުންތެރިކަމެއް ނޯވޭ. އެކަމަކު އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަ އެ ސްޕެޝަލް ނީޑްސް ކުއްޖާއަށް ހެލްޕްވާން ވަރަށް މަސައްކަތް ކުރިން. އަޅުގަނޑު އަމިއްލައަށް ވެސް އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން އެކުއްޖާ ކުރިއަރައިގެން ދިޔަ ގޮތް ފެނިފަ….އިޓް ވޯޒް ސޯ ސެޓިސްފާއިންގް އަސްލު. ހީ ވޯޒް މައި އިންސްޕިރޭޝަން. އަނެއްހެން ބުނަންޏާ…ހެހެ..” ނޭނގުމެއްގެ ތެރެއިން ވެސް ހިބާ އެފަދަ ދިގު ޖަވާބެއް ދިން އިރު އެއިން އީތަން ސާރ ގެ ހިތް އަތުލުމުގެ ނިޔަތެއް އެހިތުގައިވިއެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސަށް ނަފްރަތު ކުރެވެން ފެށި ވަގުތު ހިބާއަށް ނޭނގުނީ އެ ވާހަކަ ތަކުން އީތަން ސާރއަށް ގެނުވި ބަދަލެވެ.
ހިބާ ލުއި ހީލުމަކާއިއެކީ ބުނި ވާހަކައިން ހިތަށް ކުރި އަސަރާއިއެކީ މޭޒުމަތީގައި ބޭއްވިފައި އޮތް އީތަންގެ އަތުގެ އިނގިލިތައް ކުޑަކޮށް ލެނބިގެން ދިޔައެވެ. ހިބާގެ ޙަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމީ ހަމަ އޭނަގެ ސަބަބުންތޯ ހިތަށް އެރި ވަގުތު އެ ހިތް ވިރިގެންދާން އުޅުނުހެން އީތަންއަށް ހީވިއެވެ.
ނުނިމޭ
Jana
September 15, 2021 @ 9:52 am
Assalaam’alaikum. Dhen oiy bai anekkaaves Wednesday ga In Sha Allah. Mi bain maa bodu kameh nuvaahen heevedhaane. In Sha Allah dhen oiy bain anekkaaves bodu kanthah vaan fashaane. ^_^
Veythuve dhiya baithakuge post thah up kureveytho jana varah try kuraanan maadhamaa in fashaigen In Sha Allah.
Stay safe readers! Much love! <3 <3 <3
Ibaa
September 15, 2021 @ 12:53 pm
Masha Allah vrh reethi story.vrh next part koyaala hithun mihury 😅..sis how are you?..mohr ibaa bxy kamun comment ves nukohleve ekm abadhuvx gawaidhun story kiyan ingey sis, vrh reethi hama, keep going..Miss you dear… Much love❤❤❤
Jana
September 15, 2021 @ 4:01 pm
Alhamdhulillah! (All praise and thanks belong to Allah) <3 I'm good Alhamdhulillah! 😀 Hope you are doing good too sis. Jana ves busy kamun kiriya comment thakah time mi dheveny ves. hehe....Miss you too sis! Much love <3 <3 <3
Anonymous
September 15, 2021 @ 2:55 pm
ހަމަ ހެޔޮ ހިތުން ކުޑަ މިސާޓޭކެއް ބުނެލަދޭނަން. މާތް ބަހުން ބުނާއިރު ޑޮކްޓަރު ވިދާޅުވާނީ ނުވަތަ ބުނުއްވާނީ. އަމިއްލަ މީހާ ދަންނަވާނީ.hope you won’t mind. Jana faagathi musthagbalakah edhen
Jana
September 15, 2021 @ 4:04 pm
Mi kahala comment thah Jana ithuru suvaaleh ves nethi balaigannan ingey Anonymous. 😀 Jana ehaa gina dhuvas vandhen liyunas jana adhives dhivessah ehaa molhu noonkan engey. vakin khaassakoh Anonymous thi faahaga kuri dharajaige baithakun Jana ah varah kuh liyevey. Mihaaru kudakoh edit kollaifin e paragraph. Dhenves bahuge qavaaidhuge kusheh fenuniyya faahaga kolladhehchey Anonymous. ^_^
Anonymous ah ves faagathi mustaqbalakah edhen.