ދާރިސް (އެގާރަވަނަ ބައި)
މާލޭގެ 10 ބުރީގެ ޢިމާރާތެއްގެ 7 ވަނަ ފަންގިފިލާގައިވި ކެބިންއެއްގެ މޭޒުދޮށުގައި އިނީ، ފޯނު ކަންފަތުގައި ޖައްސައިގެން އިން ޒުވާނެކެވެ.
“ބޭބް ހިނގާބަލަދޯ މިރޭ ޑޭޓަކަށްދާން؟” ޒުވާނާ އޮލަ ރާގަކަށް އެހެން އަހައިލީ ބަރު އަޑަކުންނެވެ. ހެނދުނުގެ އެ ވަގުތުގައި ލޯބިވެރިޔަކަށް ގުޅައިގެން ހުރީ، އެ އޮފީހުގައި އޭނަ ކުރަންޖެހޭ މަސައްކަތެއްވެސް ހުރިހެން ހީނުވާ ފަދައަކުންނެވެ.
“އޯކޭ…މިރޭ 8:30 ގަ ހޮޓެލަކަށް ޖައްސާލަމާ. ހޮޓް ހެދުމެއް ލައިގެން އަންނައްޗޭ…ޔޫ ނޯ ވަޓް އައި މީން.” ޒުވާނާ އެހެން ބުނެލީ މޭޒުމަތީގައި ބޭއްވިފައި އޮތް ބަރު އަނބުރަމުންނެވެ.
ހަމަ އެވަގުތު އޭނަގެ ފޯނުގެ އަނެއްކޮޅުން އަޑެއް ކިޔަން ފެށުމުން މީހަކު ގުޅަނީކަން އެނގި ޒުވާނާ ސްކްރީނަށް ނަޒަރެއް ދިނެވެ. ސްކްރީނަށް ފަޒީންގެ ނަން އަރާފައި އޮތް މަންޒަރު ފެނިފައި ޒުވާނާ އަނެއްކާވެސް އޭނަގެ ފޯނު ކަންފަތުގައި ޖައްސަމުން ލޯބިވެރިޔާ ގާތު ފަހުން ގުޅާނެ ވާހަކަ ބުންޏެވެ. އެއަށްފަހު ފަޒީންގެ ކޯލަށް ޖަވާބުދިނެވެ.
“ހެލޯ ބަޑީ! ކީކޭ؟” ޒުވާނާ ސުވާލުކުރިއެވެ.
“އާސިފް އެބަ އުޅެންތަ މަ ބުނި ކަމާ؟” ފަޒީން އެކޮޅުން ސުވާލުކުރި އަޑު އިވުނެވެ.
“އޮފްކޯސް! ތިކަން ނުލާހިކު ކުރިއަށް ފޮނުވާފަ ހުންނާނީ. ފަރީދުބެ ގާތު ކިޔައިގެން ތި ކުއްޖާއާ ބައްދަލުކުރަން މިއުޅެނީ.” އާސިފް ބުންޏެވެ.
“އަސްލުވެސްތަ؟ ނިކަން ވިސްނުންތެރިކަމާއެކީ ރާވައިގެން އޭނައާއި ބައްދަލުކުރައްޗޭ. ވަރަށް ބޯ ހަރު އަންހެނެއް އެއީ!”
“ހެހެ….ބޯ ހަރު އަންހެނުން ހައްދަން ވެސް މަށަށް އެނގެއޭ. ރަނގަޅަށްވިއްޔާ އޭނަ ހުންނާނީ މިހާރު މަށާއި ބައްދަލު ކުރާ ހިތުން ކެތްމަދުވެފަ. ބައްދަލުވެސް ނުވަނީސް ޓިކެޓް ވެސް ގަނެދީފަ ފޮނުވާފަ ވިއްޔާ ހުންނާނީ!”
“އޭ ހުވާތަ؟ ގަދަ އިނގޭ! ހީވާނެތާ ވަރަށް ރަނގަޅު މީހެއްހެން.”
“ހުމް….ދެން ބަލާތި…މަ ދައްކާނަން އޭނައަށް ފިރިހެނެއްގެ އެހީއާއި ނުލާ އުޅުމަކީ އަންހެނަކަށް ކިހާ ދަތިކަމެއްކަން. ފަޒީނާއިމެދު ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަ ނުކުރެވެނީސް ދުލެއް ނުދޭނަން. މަގޭ ކުރިމަތީގަ އޭނަ ކުޑަ ކަކޫ މައްޗަށް ތިރި ނުވަނީސް ހުއްޓައެއް ނުލާނަން!”
އާސިފް އެންމެ ފަހު ބަސްތައް ބުނެލީ އޭނަގެ އަތުގައި އޮތް ބަރުގައި ބާރަށް ހިފަހައްޓަމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އެކޮޅުން ފަޒީން ހީލި އަޑަށް އާސިފްގެ ނުލަފާ ހީލުމެއްގެ އަޑުވެސް ކެބިންގެ ތެރޭގައި ހިފައިލިއެވެ.
އާސިފާއި ފަޒީނަށް ނޭނގުނު ކަމަކީ، އަންހެނަކަށް އަނިޔާއެއް ދޭން ނިންމައިގެން އެމީހުން އެ މަލާމާތްކުރަނީ ޚުދު އެމީހުންގެ ފިރިހެންވަންތަކަމަށް ކަމެވެ. ފިރިހެނުން ލައްވަވާފައިވީ އަންހެނުންގެ ރައްކާތެރިންގެ ގޮތުގައި ކަމަށްވީއިރު، ޚުދު އެ ފިރިހެނުން އަންހެނުންނަށް އަތް އިސްކޮށްފިނަމަ، އަންހެނުން ރައްކާތެރި ކުރައްވަވާނީ ﷲ ކަމެވެ. އެއީ އެކަލާނގެއަކީ އެއްވެސް އަޅަކަށް އަނިޔާވެރިވެ ވޮޑިގެންނުވާ ރަސްކަލާނގެ ކަމަށްވާތީވެއެވެ.
**
އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތު ހިބާ އިނީ އޭނަގެ ކުލާހުގައެވެ. އިންޓަވަލް ގަޑީގައި ކުދިން އެކިއެކި ވާހަކައިގައި ތިބެ ކަމުން ދިޔައިރު، ހިބާ އިނީ އޭނަގެ މޭޒުދޮށުގައި ކުދިންގެ ފޮތްތައް ބަލާށެވެ. އިންޓަވަލް ގަޑިއަކީ ހިބާ ޢާއްމު ގޮތެއްގައި ކުދިންނާއި ވާހަކަ ދައްކައި ހަދާ ވަގުތަށް ވިޔަސް، މި ހަފްތާއަކީ ޓާރމްގެ ފަހު ހަފްތާއަށްވުމުން ފޮތްތައް ބަލައި ނިންމުމަށް އެ ވަގުތުގެ ބޭނުން ހިފީއެވެ.
އެ ކްލާސް ކުދިންގެ އިނގިރޭސި ތަމްރީން ފޮތްތައް ބަލައި ނިމެން ކައިރިވަމުން ދަނިކޮށް، މާޒިންގެ ފޮތާއި ހަމަވުމުން ހިބާގެ ޙަރަކާތްތައް ލަސްވިއެވެ. ފެހި ކުލައިގެ ކަރުދާސް ލެއްވިފައިވި އެ ފޮތުގައި ތަތްކުރެވިފައިވި މާޒިންގެ ނަންކޮޅަށް ބަލަން އިނދެފައި ހިބާއަށް ކުރިމައްޗަށް ނަޒަރެއް ދެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު މާޒިން އޭނަގެ ގޮނޑީގައި އިނދެ އެހެން ކުއްޖަކާއި ވާހަކަ ދެއްކުމެއްނެތި ސޭންޑްވިޗެއް ކަމުން ދިޔަ މަންޒަރު ފެނުމުން ހިބާއަށް ހިނިތުންވެލެވުނެވެ.
މާޒިން އެ ސްކޫލަށް ވަންތާ 3 ވަރަކަށް ހަފްތާ ވެފައިވީއިރު، މާޒިން ދައްކާފައިވަނީ ހުރިހާ މުދައްރިސުން ވެސް އަޖައިބު ކުރުވާފަދަ ކުރިއެރުންތަކެވެ. މިއަދާއި ހަމައަށް އައިއިރުވެސް އެއްވެސް ކުއްޖަކާއި އަދި މުދައްރިސަކާއި ވެސް ވާހަކަ ދައްކާފައި ނެތެއްކަމަކު، އެއީ ހުރިހާ ފިލާވަޅެއް ފުރިހަމައަށް ނިންމާ ތޫނުފިލި ކުއްޖެކެވެ. ގޭގައި ދެވޭ މަސައްކަތްތައް ވެސް ޤަވާޢިދުން ފުރިހަމަ ކޮށްފައި ހުންނަ ގޮތުން މާޒިންގެ މަންމަވެސް މާޒިންގެ ކިޔެވުމަށް ދޭ އަހަމިއްޔަތުކަން ފާހަގަވެއެވެ. މާޒިން މިވަގުތު އިތުރު އެހީއެއް ބޭނުންވަނީ ދިވެހި ލިޔުމުންނާއި، ވާހަކަ ދެއްކުމުގެ ހުނަރުތަކުންނެވެ. އެކަމަށްޓަކައި މިހާރުއްސުރެ ވެސް ހިބާއާއި އެހެނިހެން މުދައްރިސުން ވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ. މިގޮތުން ދިވެހި ލިޔަންޖެހޭ މާއްދާތަކުން މާޒިންއަށް ދެވެނީ ވެސް އެހެން ކުދިންނާއި ތަފާތު ފެންވަރުގެ މަސައްކަތްތަކެވެ. އެހެނަސް މާ ގިނަ ދުވަހެއްނުވެ މާޒިން އެހެން ކުދިންނާއި ފައިތިލަ ހަމަ ކުރާނެކަމަށް ހިބާއަށް ހިތާހިތުން ޤަބޫލުކުރެވުނެވެ.
މާޒިންއާއިމެދު ވިސްނަން އިންދާ، އޭނަ މާޒިންއަށް އެހީވުމަށް ރާވާފައިވާ ރޭވުމެއް ހަނދާންވެފައި ހިބާއަށް ވާހަކަ ދެކެވުނެވެ.
“ޓީޗާރސް އެސިސްޓެންޓް އިންޓަވަލް ނިމުނީމަ މިސް ކައިރިއަށް އިރުކޮޅަކަށް އައިސްދެއްޗޭ.” ހިބާ ހުރިހާ ކުދިންނަށް އިވޭނެ ވަރަށް ބުންޏެވެ. އެހިނދު އެ ހަފްތާގައި އެ މަޤާމަށް ހޮވާފައި ހުރި ރިހާން ލައްބައޭ ބުންޏެވެ.
ރިހާން އަންނަންދެން މާޒިންގެ ފޮތް އެއްފަރާތެއްގައި ބޭއްވުނު ގޮތަށް ހިބާއަށް ކުރިއަށް ދެވުނީ އެހެން ފޮތްތަކާއި އެކީގައެވެ. ރިހާން އައި ވަގުތަކީ ހިބާއަށް އަނެއްކާވެސް މާޒިންގެ ފޮތް ފެނުނު ވަގުތެވެ. އެހެނަސް އެވަގުތު ފޮތަށް ބެލުމުގެ ބަދަލުގައި ރިހާނަށް ހުރިހާ ސަމާލުކަމެއް ދިނެވެ.
“ކޮބާ ކިހިނެއްތަ ކުލާހުގެ ހުރިހާ ކަމެއް؟ މިސް ބުނިހެން މާޒިންއާއި ފްރެންޑްވާން ކުދިން އެބަ މަސައްކަތް ކުރަންތަ؟” ހިބާ ސުވާލުކުރިއެވެ. ހިބާ ޢާއްމުގޮތެއްގައި މުޅި ކުލާހާއި ކަމެއް ޙަވާލުކުރާނީ ޓީޗާރސް އެސިސްޓެންޓަށް ހުންނަ ކުއްޖާއާއި ޙަވާލުކޮށްގެންނެވެ. މިގޮތުން އެކަމެއް ކުރެވޭނެ އެންމެ ފުރިހަމަ ގޮތުގެ ޚިޔާލުތައް އެކުއްޖާއާއެކީ މަޝްވަރާކޮށް އެކަންތައް ކުރިއަށް ގެންދޭތޯ ބަލައެވެ. ރިހާން ހުންނަނީ ވެސް މާޒިންގެ ގްރޫޕްގައި ކަމަށްވުމުން ރިހާން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހިބާއަށް ވެސް ފެނިފައިވެއެވެ.
“ލައްބަ މިސް. ހުރިހާ ކުދިން ވަރަށް ޓްރައި ކުރޭ. މިސް ބުނިހެން ފްރީ ގަޑިތަކުގަ މާޒިންއާއެކީ އެކި ގޭމްސްތައް ކުޅެ ހަދަން ރިހާން ވެސް. ކުރީ ދުވަހު ވެސް އެ ގްރޫޕްގަ ސްޓޯރީ ޗެއިންއެއް ޖެއްސި ދުވަހު މާޒިން އެ ގޭމް ވަރަށް ލައިކްވިހެން ހީވޭ. ސްމައިލް ވެސް ކުރި އެދުވަހު….” ރިހާން ބުންޏެވެ.
“އަސްލުވެސްތަ؟ މާ ޝާ ﷲ ވަރަށް މޮޅު ތިކުދިން. މިސްއާ ވެސް އަދި ސްމައިލް ނުކުރެއޭ މާޒިން.” ހިބާ ހިނިތުންވުމަކާއެކީ ތަޢުރީފުކުރިއެވެ.
“ހެހެ….ރިހާންއާ ކައިސްގެ އައިޑިއާއެއް އެއީ. އަދި ފަހަކަށް އައިސް އަޅުގަނޑުމެން ވޯކް ނިންމާލާފަ އެއްކުއްޖަކު އަނެއްކުއްޖަކަށް ދޭން ކާޑު ހަދަން. ޔޫޒްޑް ޕޭޕާރތަކުން ނަގައިގެން ކާޑު ހަދަނީ. އެއީ ވެސް މާޒިން ވަރަށް ލައިކްވާ ކަމެއްހެން ހީވަނީ. މާޒިން ގްރޫޕްގެ ހުރިހާ ކުދިންނަށް ދޭން ކާޑު ހެދި އެއްދުވަހު….އެކަމަކު މާޒިން އަދިވެސް ވާހަކައެއް ނުދައްކާ…” ރިހާން އުޖާލާވި މޫނަކާއެކީ ދައްކަމުން ދިޔަ ވާހަކައަށް އެންމެ ފަހު ޖުމްލައިން މާޔޫސީ ރާގެއް އެޅުނެވެ.
“އެއީ އެއްގޮތަކަށް ވެސް މައްސަލައެއް ނޫނޭ ދަރިފުޅު. މިސް ބޭނުންވީ ތިކުދިން މާޒިންއާ ފްރެންޑްވާން ކޮންމެވެސް ކަމެއް ކުރަން. އެންޑް ޔޫ ހޭވް ޑަން މޯ ދޭން އިނަފް. ބައެއް ކުދިންނަށް ތަންކޮޅެއް ޗެލެންޖިންގްވާނެ ވާހަކަ ދައްކަން. އެކަމަކު އޭގެ މާނައެއް ނޫން އެކުއްޖާ ވާހަކަ ދައްކަން ބޭނުމެއް ނުވަނީއޭ. ފްރެންޑްވާން ބޭނުމެއްނުވަނީއޭ. އެދުވަހު މާޒިން ކާޑު ދިންގޮތުން ވެސް އެބަ އިނގޭދޯ އެކަން؟ އަދި ބަލައްޗޭ…އެއްދުވަހު މާޒިންއަށް ނުހުރެވިގެން ވާހަކަ ދައްކާނެ. ވާހަކަ ދައްކާނީ ވެސް އެންމެ ފުރަތަމަ ރިހާންއާ ކަންނޭނގެ. ހެހެ…ގިވް ހިމް ޓައިމް، އިނގޭ؟” ހިބާ ރިހާނަށް ބަލަންހުރެ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ. ރިހާން ލުއި ހިނިތުންވުމަކާއެކީ ބޯޖަހައިލިއެވެ. ހިބާ ދެންވެސް ރިހާން ކުރި މަސައްކަތަށް ތަޢުރީފުކުރުމަށްފަހު ފޮނުވައިލިއެވެ.
ރިހާން ގޮސް މާޒިންގެ ކައިރީގައި އިށީންތަން ބަލަން އިނދެފައި ހިބާ މާޒިންގެ ފޮތް ނެގިއެވެ. އަދި އެ ފޮތް މާކް ކުރުމަށްޓަކައި ފޮތް ހުޅުވައިލިއެވެ. ފޮތުގެ ބޭރުގަނޑު ހިއްލައިލުމާއެކު ލަންބާލެވިފައި އޮތް ގަނޑެއް ހިބާއަށް ފެނުނެވެ. އެއީ ތަތް ނުކުރެވި އޮތް ވޯކްޝީޓެއް ކަމަށް ހީކޮށް ހިބާ އެ ގަނޑު ހުޅުވައި ބަލައިލިއެވެ. އެވަގުތު ހުއްޓުން އެރީ، މަޑު ނޫކުލައަކުން އެ ގަނޑުގައި ލިޔެވިފައިވާ ބަސްތައް ފެނުމުންނެވެ.
“އައި ލަވް ޔޫ ހިބާ މިސް، ފްރޮމް މާޒިން.” ހިބާ ހިތާހިތުން އެ ބަސްތައް ކިޔައިލި ހިނދު އެ މޫނުމައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ކާޑުގެ އެއްފަރާތުގައި އެ ބަސްތައް ލިޔެވިފައިވީއިރު އަނެއްފަރާތުގައި އޭނައާއި މާޒިން އަތުގައި ހިފައިގެން ތިބި ކުރެހުމެއް ހުއްޓެވެ. މުޅި އެ ގަނޑުގައި ވެސް މަޑު ނޫކުލަ ޖެއްސިފައިވި ގޮތުން ހިބާއަށް އެންމެ ރީތީ މަޑު ނޫކުލަ ކަމަށް ކުލާހުގައި ބުނެވުނު ހަނދާން އާވިއެވެ.
ކާޑަށް ބަލަން އިން ކޮންމެ ސިކުންތަކާއެކީ ހިބާގެ ހިތް ލޯބިން ފުރެމުން ދިޔައެވެ. ހިބާގެ ނަޒަރުގައި ކުދިންގެ ފަރާތުން ލިބޭ މިފަދަ ކުދިކުދި ހަދިޔާތަކަކީ ބޮޑު ރަސްމިއްޔާތަކުން ދެވޭ އިނާމަކަށްވުރެ ވެސް އަގުހުރި ހަދިޔާތަކެވެ. އެހެނީ އޭނަގެ ނަޒަރުގައި މުދައްރިސެއްގެ ގޮތުގައި އޭނަ ކާމިޔާބުވާނީ ކުދިންގެ ހިތްތަކުން ޖާގަ ލިބުމުންނެވެ. އެކުދިންނަށް ކޮންމެވެސް އެހީއެއް ވެވުނު ފަރާތަކަށް އޭނައަށް ވެވުމުންނެވެ. ވަކިން ޚާއްޞަކޮށް މާޒިން ކަހަލަ ކުދިންގެ ފަރާތުން މިފަދަ ޢިޝާރާތެއް ފެނުމުން ހިބާއަށް އެހާ ބޮޑު އުފަލެއް ލިބުނީ އެހެންވެއެވެ.
ކާޑަށް ބަލަން އިނދެފައި ހިބާއަށް އަނެއްކާވެސް މާޒިންއާއި ދިމާލަށް ބަލައިލެވުނީ ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ. މި ކުއްޖާ އޭނައާއި އަނގަ ބަހުން ވާހަކަ ދައްކާނީ ކޮން ދުވަހަކުންތޯ ހިތަށްއެރިއެވެ. ހަމަ އެހިނދު އޭނަ ހީވެސް ނުކުރާ ކަހަލަ ވަގުތެއްގައި މާޒިން ވާހަކަ ދައްކަފާނެ ކަމަށް ހިބާގެ ޒަމީރު ބުންޏެވެ. އެވަގުތު އޭނަގެ ހަނދާނަށް އަންނަން ފެށީ، ހަމަ މިފަދައިން އޭނައާއި ވާހަކަ ނުދައްކާ ހުރި ފަރާތެއް، އުއްމީދު ވެސް ނުކުރާ ޙާލަތެއްގައި ވާހަކަ ދެއްކި ގޮތެވެ.
އެއީ ދާރިސް އެމީހުންގެ ރަށަށް އައިސް ސްކޫލަށް ދިޔަ ފުރަތަމަ ދުވަހެވެ. ކޮރިޑޯއިން ހިނގާފައި ދަމުން ހިބާ އެކުވެރިވުމަށް އެދުމުން ދާރިސް ބޯޖަހައިލި ގޮތް ހަނދާނަށްއައެވެ. އެވަގުތު އޭނައަށް ހީލެވުނީ، ދާރިސް އެ ޙަރަކާތް ގެނައި ގޮތުންނެވެ. އަދި އަމުދުން ހަމައެކަނި ބޯޖަހަމުން ވާހަކަ ދައްކާނެ އެކުވެރިއެއް އޭނައަށް ލިބިއްޖެހެން ހީވުމުންނެވެ.
ބައްޕަ ބުނިހެން ހިބާ އޭނަގެ ކުލާހަށް ދާރިސް ގެންގޮސްދިނެވެ. ދިގު އެސަމްބްލީއަކަށްފަހު ކްލާހަށް އައިއިރު ފުރަތަމަ ގަޑީގެ ބޮޑުބައި ގޮސްފައިވުމުން، ހިބާމެންގެ ކުލާސް ޓީޗަރު ދާރިސް ފެނިފައި މިއީ ދާރިސްދޯއޭ ބުނެ އިށީންނާނެ ގޮނޑިއެއް ދައްކައިލީއެވެ. އެއަށްފަހު ދާރިސްއާއި ބެހޭގޮތުން މާ ބޮޑު ވާހަކައެއް ނުދެކެވި އެ ގަޑި ކުރިއަށް ދިޔައީއެވެ. އިންޓަވަލް ގަޑި ޖެހެންދެން ކުރިއަށް ދިޔަ ގަޑިތައް ދިޔައީ އެކަހަލަ ގޮތަކަށެވެ. މުދައްރިސުން އައިސް އެއީ ކޮން ކުއްޖެއްތޯ އެހުމުން ދާރިސް ޖަވާބު ނުދިނުމުން ނަން ބުނެލަދިނީ ހިބާއެވެ. އެހެންނޫނީ ކުލާހުގައި ތިބި އެހެން ކުދިންނެވެ.
އެކި ގަޑިތަކުގައި މަސައްކަތް ހަދަމުން ދިޔައިރު ދާރިސްއަށް ފޮތްތައް ނަގައި ލިޔަން ފެށެނީ އެހެން ކުދިންނަށްވުރެ ލަހުންނެވެ. ދާރިސް ނަގާނެ ފޮތެއް ނޭނގިގެން އުޅުނު މަންޒަރު ހިބާއަށް ވެސް ފެންނަމުން ދިޔައެވެ. އަދި ނުހަނު އުދަގުލާއެކީ ފޮތްތަކުގައި ލިޔަމުން ދިޔަ މަންޒަރު ވެސް ފެންނަމުން ދިޔައެވެ. ދާރިސް ހުރީ ކުލާހުގެ އެންމެ ފަހަތުގައި ކަމަށްވުމުން ހިބާއަށް އެ ފޮތް ނުފެނުނަސް، ހުރިހާ މުދައްރިސުން ދާރިސްގެ ލިޔުން ލަސްވެފައި، ކުޑަކުއްޖަކު ލިޔާހެން ލިޔަނީ ކީއްވެތޯ އަހަމުން ދިޔަ ގޮތުން އެ ފޮތް ހުންނާނެ ގޮތް އަންދާޒާ ކުރެވުނެވެ. ބައެއް މުދައްރިސުންގެ އެފަދަ ބަސްތަކުން ކުދިންގެ ހުނުންތައް ވެސް ދާރިސްއަށް އަމާޒުވިއެވެ. އެއިން ދާރިސް ލަދުގަތްކަން އެނގުމުން ހިބާ ހިސާބަކަށް ދެރަވިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ދާރިސް ކިޔެވުމަށް ދަށީތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އެހެނަސް ދާރިސް އޭނައަށް ވީ ވަރަކުން މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެނިފައި ވެސް ޙައިރާންކަމެއް ލިބުނެވެ. ކިޔެވުމަށް އެހާ މަސައްކަތް ކުރާ ކުއްޖެއްގެ ލިޔުން ހުތުރުވާންވީ ސަބަބެއް ނުވިސްނުމުންނެވެ.
އިންޓަވަލް ގަޑީގައި ދިވެހި މުދައްރިސްގެ އެދުމަށް ކުލާސް ބައެއް ކުދިންގެ ދިވެހި ފޮތްތައް ހިފައިގެން ހިބާ ސްޓާފް ރޫމަށް ދިޔައީ އެ ޚިޔާލުގައި ހުރެއެވެ. ސްޓާފް ރޫމާއި ގާތްވަމުން ދިޔަދިޔަހެން އެމީހުންގެ ދިވެހި މުދައްރިސް ބައްޕައާއި ވާހަކަ ދައްކާ އަޑު އިވިފައި ހިބާގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“ޝަހީދު ކޮންތަނަކުން ގެނެސްގެން އުޅޭ ކުއްޖެއްތަ އެއީ؟ ސާދަ އަހަރު ވީއިރުވެސް ލިޔަން ދަސްނުވާ ކުއްޖެއް…” އެހެން އޭނަގެ ބައްޕަ ގާތު ބުނެލީ ދިވެހި މުދައްރިސެވެ. ބައްޕަ އޭނައަށް ފަސްދީގެން ހުރިއިރު ހިބާއަށް ހުރެވުނީ ދެމީހުންނާއި ވެސް ތަންކޮޅެއް ދުރު ހިސާބެއްގައި ކަމަށްވުމުން ދެމީހުންނަށް ވެސް އޭނަ ފާހަގަވާ ގޮތެއް ނުވިއެވެ.
“ލިޔަން އެނގޭނެ އެކުއްޖާއަށް. އަހަރެން އަމިއްލައަށް އެ ކުއްޖާގެ ފެންވަރު ބެލީމޭ ގޭގަ. މާޙައުލު ބަދަލުވީމަ އުދަގޫވަނީ ކަމަށްވެސް ވެދާނެ. ބައެއް ކަންތައް ކުރުމުގަ އެކުއްޖާ ލަސްވެފަ ދަތިތަކެއް ހުރޭ. އެކަމަކު އަހަރުމެން އެހީވެދީފިނަމަ އެއީ މި ސްކޫލްގަ ތިބި ވަރަށް ގިނަ ކުދިންނަށްވުރެ މޮޅުވާނެ ކުއްޖެއް އިން ޝާ ﷲ.” ބައްޕަ ޔަޤީންކަމާއެކީ އެހެން ބުނުމުން ހިބާއަށް ވެސް އެ ވާހަކަ ޤަބޫލުކުރެވުނެވެ. ވޭތުވެދިޔަ އެންމެ ހަފްތާއެއްގެ ތެރޭގައި ހަމައެކަނި ބައްޕަ ކަންތައް ކުރާތަން ބަލަން ހުރެފައި ދާރިސް ދަސްކުރި ކަންތައް ގިނައެވެ. އެދުވަހު އޭނަ އެހާ ފަރުވާ ކުޑަކޮށް ހެދުން ދޮންނަ ގޮތް ކިޔައިދިނުމުން ވެސް އެކަން ދަސްކޮށްލީ ހާދަ މޮޅަށެވެ.
އެހެނަސް ބައްޕަ ބުނެލި ވާހަކައަށް އެ މުދައްރިސް މަލާމާތުގެ ޒާތަށް ހީލިއެވެ.
“އަހަންނަށް ހިއެއްނުވޭ ޝަހީދު…ސިކުނޑި ހަމަނުޖެހޭ ކުއްޖަކާ އެކުއްޖާ ވައްތަރީ. ވާހަކަ ދައްކަން އެނގިހުރެ ވެސް ވާހަކަ ނުދައްކާނީ އެހެންވެތާ. ތިބުނާ އެހީއެއް އެކުއްޖާއަށްވުން ވާނީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށް. ޝަހީދަށް ވެސް ރަނގަޅަކަށް މިހެން މި ބުނެލީ…” މުދައްރިސް ބުންޏެވެ.
“ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އަހަންނަށް ވެވުނުހާ އެހީއެއް އަހަރެން އެކުއްޖާއަށް ވެދޭނަން. ސްކޫލުން ނިކުމެގެންދާ ކުދިން މަގުއޮޅި ގެއްލި ދިޔުމުގަ އަހަރުމެން މުދައްރިސުންގެ ވެސް ޒިންމާއެއްވޭ. އަހަންނަށް އެނގިހުރެ އަހަރެންގެ ބެލުމުގެ ދަށުގަ ހުރި ކުއްޖެއްގެ ކިބައިން އުއްމީދު ކަނޑައިނުލާނަން.” ބައްޕަ ސާބިތުކަމާއެކީ ބުނެލި ވާހަކަ އިވިފައި ހިބާއަށް އޭނަގެ ބައްޕައާއިމެދު ފަޚުރުވެރިވެވުނެވެ.
ހަމަ އެހިނދު ދިވެހި މުދައްރިސް އެއްފަރާތަށް ބަލައިލި ހިނދު ހިބާ ފެނިފައި ހިބާއޭ ކިޔައި ގޮވައިލިއެވެ. އެއާއިއެކު ޝަހީދުވެސް ފަސްއެނބުރި ބަލައިލުމުން ހިބާ ހިސާބަކަށް ޖެހިލުންވާ ގޮތްވިއެވެ. ސިކުންތުކޮޅަކަށް ބައްޕައާއި ހަތަރުކަޅި ހަމަވީ ވަގުތު ދެންމެ ދެކެވުނު ވާހަކައިން ބައްޕަގެ މޫނުމަތީގައިވި ހިތްހަމަނުޖެހުން ހިބާއަށް ފެނުނެވެ. ދިވެހި މުދައްރިސް ހިބާއަށް ގޮވައިލަމުން އަންނާށޭ ބުނިތަނާހެން ބައްޕަވެސް އޭނަގާތު ދިޔުމަށް ޢިޝާރާތް ކުރިއެވެ. އެއާއިއެކު ހިބާ އަނެއްކާވެސް ކުރިއަށް ދާން ހިނގައިގަތެވެ.
އިންޓަވަލް ގަޑި ނިމުމަށްފަހު އޮތީ ކޮމްޕިއުޓިންގް ގަޑި ކަމަށްވުމުން ހިބާއާއި ދާރިސްގެ އިތުރުން އެ ކުލާހުގެ އެހެން ދެކުދިން ދާންޖެހުނީ އެހެން ކުލާހަކަށެވެ. އެހެން ކުލާހަކަށްދާ ވާހަކަ ބުނުމުން ވެސް ދާރިސް ތެދުވާން ނޭނގި އޮޅުން އަރާފައި އިންތަން ފެނިފައި ހިބާ އޭނަގެ ދަބަސް އަޅައިގެން ދާރިސްގެ ކައިރިއަށް ދިޔައެވެ. އަދި އޭނައާއި އެކީ އައުމަށް ބުނެލީ، ބައްޕަ ފަރާތުން ދެންމެ އިވުނު ވާހަކަތަކަށްފަހު ދާރިސްއަށް އެހީވުމަށް ހިތުގައި އުފެދުނު އިތުރު ރޫޙަކާއި އެކީގައެވެ.
އެހެންކަމުން ހިބާ ދާރިސް ގޮވައިގެން އެ ކުލާހަށް ދިޔުމަށްފަހު އިށީންނަންވީ ގޮނޑިއެއްވެސް ދައްކަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު އެ ކުލާހުގައި އުޅޭ އަޑުގަދަ ކުދިންގެ ބައިގަނޑެއް ކުލާހަށް ވަދެގެން އައެވެ. އޭގެ ތެރޭގައި މީގެ ދުވަސްކޮޅެއް ކުރިން ސަސްޕެންޑްވެ އަނބުރައި އައިސްފައިވި ފަޒީނާއި އޭނަގެ ދެ އެކުވެރިންވިއެވެ. ފަޒީން ދާރިސް ފެނިފައި މިއީ ކާކުތޯ އަހައިލި ވަގުތަކީ މުދައްރިސް ކުލާހަށް ވަން ވަގުތެވެ. މުދައްރިސް ވެސް ފޮތްތަކެއް ހިފައިގެން އަވަސް ހިނގުމެއްގައި އައި ވަގުތު ދާރިސް ފެނިފައި މިއީ އާކުއްޖެއްތޯ އެހިއެވެ. އެއަށްފަހު ކިޔަނީ ކޮން ނަމެއްތޯ އެހުމުން ހިބާ އެއްފަރާތެއްގައި ހުރެ އަވަސްއަވަހަށް ދާރިސްއޭ ބުންޏެވެ. އެވަގުތު ކުލާހުގެ ހުރިހާ ކުދިން ގޮނޑިތަކުގައި އިށީންނަމުން ދިޔައީތީ އެ އަޑު ގިނަ ކުދިންނަކަށް ނުއިވޭނެއެވެ.
މުދައްރިސް އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އެ ކުލާސް ދޮރުމައްޗަށް އެހެން މުދައްރިސަކު އައިސް އެއްޗެކޭ ބުންޏެވެ. ހިބާއަށް ސާފުނުވީ އެ ވާހަކަ އިވުމާއެކު މުދައްރިސް އަނެއްކާވެސް ދާރިސްއަށް ބަލައިލިއެވެ. އަދި މުދައްރިސް އަންނަންދެން ދާރިސް ކުލާހަށް ތަޢާރަފުވެލަންވީ ނޫންތޯ ބުނެލީ ބޯޑު ކައިރީގައި މަޑު ކުރުމަށް ޢިޝާރާތް ކުރަމުންނެވެ. އެއަށްފަހު ހިބާއަށް ވެސް އެއްޗެކޭ ބުނެވުމުގެ ކުރިން އެ މުދައްރިސް ކުލާހުން ނިކުމެގެން ދިޔައެވެ.
ހިބާ ކަންބޮޑުވުމަކާއެކީ ދާރިސްއަށް ބަލައިލި ވަގުތު ދާރިސް ލަސް ފިޔަވަޅުތަކެއްގައި މުދައްރިސް ދެއްކި ހިސާބަށް ދަނީއެވެ. އެ މަންޒަރު ފެނިފައި ދާރިސްއަށް އެ ޙާލަތާއި ކުރިމަތިލެވިދާނެއޭ ހިތައި ހިބާ ވެސް ކުލާހުގެ އެއްފަރާތެއްގައި ހުންނަ އޭނަގެ ގޮނޑީގައި އިށީނީ، ދަބަސް ގޮނޑީގައި ބޭއްވުމަށްފަހުއެވެ. ހަމަޖެހިލުމަށްފަހު ދާރިސްއަށް ބަލައިލި ވަގުތު ދާރިސް ކުލާހާއި ކުރިމަތިލީއެވެ. އެހިނދު ސިކުންތުކޮޅެއް ވަންދެން މުޅި ކުލާހަށް ހިމޭންކަމެއް ވެރިވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ފަޒީންގެ އެކުވެރިއެއްގެ އަޑު އިވުނެވެ.
“ކީކޭބާ މީނައަށް ކިޔަނީ؟” މަލާމާތުގެ ރާގަކަށް އެ ސުވާލު ކުރެވުމުން، ހިބާއަށް އެ ދިމާލަށް ބަލައިލެވުނީ ދެބުމަ ކައިރިކޮށްލަމުންނެވެ.
“ނޭނގެ….މަންމަނެއް ކަންނޭނގެ މިފަހަރު އަހަރުމެން ކުލާހަށް މި އައީ.” ހަމަ އެ ރާގަށް އެހެން ކުއްޖަކު ބުނެލި އަޑަށް މޭޒުމަތީގައި ބޭއްވިފައި އޮތް ހިބާގެ ގޮށްމުއްކެވުނެވެ. އެހިނދު ރުޅިވެރިކަމުގެ އަލިފާނެއް އޭނަގެ ހިތުގައި ރޯވި ގޮތުން ޚުދު ހިބާ ވެސް ޙައިރާންވިއެވެ. އެ ކުލާހުގައި އުޅޭ ފިރިހެން ކުދިން އެހެން ކުދިންނަށް މަލާމާތް ކުރާތަން ވެސް އޭނައަށް ފެނިފައިވެއެވެ. އެހެނަސް އޭނަ އެއީ އަބަދުވެސް ނުވާކަމެއް ކަމަށް ހަދައި އަޅައެއްނުލައެވެ. އެހެނަސް މިއަދު މި ވަނީ ކިހިނެއް ހެއްޔެވެ؟ އިތުރަށް އިވެން ފެށި ބަސްތަކުން އޭނަގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
“ލޮލަށް އެއްޗެއް އެޅިގެންތަ އަހަރުމެންނަށް ނުބެލިގެން އެއުޅެނީ؟ އެހެންނޫނީ އަހަރުމެންނަށް މިހާރުއްސުރެ ބިރުންތަ؟”
“އޭނަ ބުއްދިވެރިއްޔާ މިހާރުއްސުރެ ބިރުގަންނަންވީ!”
ފަޒީން އެ ބުނެލި ބަސްތަކާއެކީ ދާރިސްއާއި ދިމާލަށް ކަރުދާސް ގުޅައެއް އުކައިލެވުނެވެ. އޭތި ގައިގައި ޖެހުމުން ދާރިސްއަށް ސިއްސައިގެން ގޮސް ދުރުވެލީ ގޮތް ފެނިފައި ހިބާ ފިޔަވައި ކުލާހުގައި ދެން ތިބި ހުރިހާ ކުދިން ހޭންފެށިއެވެ. އެއާއެކު އެފަދަ އިތުރު ޙަމަލާތައް ދާރިސްއަށް ލިބެން ފެށުމުން ހިބާގެ ރުޅިވެރިކަން ކެތްނުކުރެވޭ ހިސާބަށް ދިޔައެވެ. ބައްޕަގެ އިންސާފުވެރިކަމަކީ އޭނައަށް ލިބިފައިވާ ސިފައަކަށްވާނަމަ މަންމަގެ ރުޅިވެރިކަން ވެސް އޭނައަށް ލިބިފައިވެއެވެ.
އިސާހިތަކު ހިބާ މުއްކެވިފައިވި އަތުން ބާރަށް މޭޒުގައި ދެތިން ފަހަރު ޖަހައިލި ތަނާހެން މުޅި ކުލާހަށް ހިމޭންކަމެއް ވެރިވިއެވެ. އެންމެންގެ ނަޒަރު އޭނައަށް އަމާޒުވި ވަގުތު ހިބާ ކޮޅަށް ތެދުވެ ކުލާހުގެ ކުރިމައްޗަށް ދިޔައީ ރުޅިން ރަތްވެފައިވާ މޫނަކާއި އެކީގައެވެ.
“ތި މީހުންނަށް ބިރުގަންނަން ތިއީ އަދި ކޮން ބައެއްތަ؟ ގިވް މީ އަ ބްރޭކް! ތި އަނގަ ހުޅުވާ ގިނަ މީހުންނަކީ ޓެން ޕްލަސް ޓެން ވެސް ހަދަން ވަގުތުކޮޅެއް ނަގާނެ މީހުންހެން އަހަންނަށް ހީވަނީ. އެހެންވެ ކަންނޭނގެދޯ ކިޔަވަން މަސައްކަތް ކުރާނެހެން ހީވާ ކުއްޖަކަށް ވެސް އެހާ މަލާމާތް ކުރެވެނީ؟” ހިބާ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން ދެލޯ ހަނިކޮށްފައި ވާހަކަ ދެއްކިއެވެ. އޭނަ ބުނެލި ވާހަކައިން ދެންމެ ވާހަކަ ދެއްކި މީހުންގެ އަނގަ ނުބައިވީއިރު ދެން ތިބި ކުދިން ހޭންފެށިއެވެ. ހިބާއަކީ ޢާއްމުގޮތެއްގައި އެގޮތަށް ވާހަކަ ދައްކާ މީހަކަށް ނުވުމުން ފަޒީންމެން ހިނދުކޮޅަކަށް ހުއްޓުން އަރާ ގޮތްވިއެވެ.
“ހިބާއާ ބެހޭ ކަންތަކެއް ނޫން މިއީކީ!” ފަޒީންގެ އެކުވެރިޔަކު އަޑުހަރު ކުރިއެވެ.
“ނޫނޭ…..މިއީ ހަމަ އަހަންނާ ބެހޭ ކަންތައް. އަހަރެންގެ ކުލާހުގަ ހުންނަ ކުއްޖަކަށް މަލާމާތް ކުރެވޭތަން ބަލާކަށް ދެން އަހަރެން ނުހުންނާނަން. ދާރިސްއަށް މަލާމާތް ކުރުމުގެ ކުރިން އެކަން ހަނދާން ބެހެއްޓިއްޔާ ތި މީހުންނަށް އެންމެ ރަނގަޅުވާނީ…” ހިބާ ސާބިތުކަމާއެކީ ބުންޏެވެ.
“ހާދަ ވަރަކަށޭ ހިބާ ތި ފިރިހެނަކު ތި ދިފާޢުކުރަނީ. މިއީ ކާކުބާ؟ ރައުފްއަށް މިކަން އެނގޭބާ؟” އެ ހުރިހާއިރު ހިމޭނުން ހިބާއަށް ބަލަން އިނދެފައި ފަޒީން ބުންޏެވެ. ހިބާ އޭނަގެ ލޯބިވެރިޔާގެ ނަން އިވިފައި ހިމޭންވާ ގޮތްވިއެވެ. ރައުފްއާއި ހަމައަށް ފަޒީން މި ވާހަކަ ގެންގޮސްފާނެ ގޮތަކާއިމެދު ވިސްނަން ފެށި ވަގުތު މުދައްރިސް ކުލާހަށްވަނެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރިއެވެ. ހިބާ ދާދި ދެންމެއަކު ހިތަށްވީ އުދަގުލާއި އެކީ ވެސް އެ ކުލާސް ކުދިން ދާރިސްއަށް މަލާމާތް ކުރި ވާހަކަ ބުންޏެވެ. އެކުދިން ވަގުތުން އެކަމަށް އިންކާރު ކުރިއެވެ. އަދި ހިބާ އެމީހުންނާއި ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުންޏެވެ. ހިބާ އެއީ ދޮގެއް ކަމަށް ހަރުއަޑުން ބުނުމުން ކުލާހުގައި އަނެއްކާވެސް ހަމަނުޖެހުމެއް އުފެދެން އުޅުނެވެ. އެހެނަސް މުދައްރިސް އެކަންތައް ހަމައަކަށް އެޅުވީ، އެ ވާހަކަ ދެއްކި ހުރިހާ ކުދިންގެ ބެލެނިވެރިންނާއި ހަމައަށް މި ވާހަކަ ދާނެކަމަށް ބުނަމުންނެވެ. ކުލާހުގައި އަޑުގަދަ ކުރި ވާހަކަ ބައްޕައާއި ހަމައަށް ދިޔުމުން ބައްޕަ ކަންތައް ކުރާނެ ގޮތް ހިތަށްވެރިވެފައި ހިބާ ވެސް އިތުރު އެއްޗެކޭ ނުބުނެ އިށީންނަން ދިޔައެވެ. އެ ހިނދު އެ ހުރިހާއިރު ހިބާއަށް ބަލަން ހުރި ދާރިސް ވެސް މުދައްރިސް ދެއްކި ގޮނޑީގައި އިށީނެވެ.
އެ ގަޑީގައި ކަންތައްވެގެން ދިޔަ ގޮތުން ހިބާއަށް ހުރެވުނީ މޫޑު ޚަރާބުވެފައެވެ. ފަޒީން ދެއްކި ވާހަކައިން ހިބާއަށް މުޅިން ވެސް ވިސްނެމުން ދިޔައީ ރައުފްއާއި މެދުގައެވެ. ރައުފް އެދުވަހު ސްކޫލަށް ވެސް ނާންނާތީ ކަންތައްވީ ގޮތް އެނގޭނީ ވެސް ފަހުންތާއޭ ހިތަށްއެރިއެވެ. ހިބާ ކަންބޮޑުވީ، އޭނައަށްވުރެ ކުރިން ފަޒީން ރައުފްގެ ކަންފަތް ފުރާލަފާނެތީވެއެވެ. އެހެނަސް ހިބާ އެކަމާއިމެދު ނުވިސްނޭތޯ ބެލިއެވެ. ރައުފް އޭނައަށް އިތުބާރު ކުރާނެކަމަށް ޤަބޫލުކުރެވޭތޯ މަސައްކަތް ކުރިއެވެ. އަދި މިއަދު ކުލާހުގައި ކަންތައް ވީ ގޮތް ބައްޕައަށް ވެސް ކިޔައިދިނުމުން، ބައްޕައަށް އޭނަގެ ނިޔަތް ރަނގަޅުކަން ވިސްނޭނެކަމަށް ޤަބޫލުކުރަން ނިންމިއެވެ.
ހިތާހިތުން އަމިއްލަ ޚިޔާލުތައް ހަމައަކަށް އަޅުވަމުން ހިބާ ދެންވެސް ދާރިސްއަށް އެހީވަމުން ދިޔައީ އުފަލާއި އެކީގައެވެ. ކޮމްޕިއުޓިންގް ގަޑި ނިމުމުން އަނެއް ކުލާހަށް ގެންގޮސް، ސެޝަން ނިމުމުން ގެއަށްދާން ސްކޫލުން ނިކުތީވެސް އެކުއެކީގައެވެ. އެހެންކުދިން ދައްކާ ވާހަކަތަކާއިމެދު އަޅާނުލުމަށް ހިބާ ދާރިސްގާތު ބުންޏެވެ. އެހެން ބުނި ވަގުތަކީ ފަޒީން އަމިއްލަ ބައްޕަގެ ސައިކަލަށް އަރަމުން އެދެމީހުންނަށް ޒާތެއްގެ ނަޒަރެއް ދިންތަން ހިބާއަށް ފެނުނު ވަގުތެވެ. އެ ސައިކަލު ދުއްވައިލުމުން އެތާ ކައިރި ހިސާބުން ފަޒީންގެ އެކުވެރިން ވެސް ފެނިފައި، ހިބާ ދާރިސް ގާތު އޭނަގެ ފަހަތުން އަންނަން ބުނެލަމުން ދާރިސްއަށް ވުރެ ކުރިއަށް އަރައި ހިނގަންފެށިއެވެ. އޮޅުމަކުން ވިޔަސް ރައުފްއަށް އިއްވާނެ އިތުރު ވާހަކައެއް އެ ނުލަފާ މީހުންނަށް ނުދެއްކުމަށެވެ.
އެހެންކަމުން ގެއާއި ކައިރިވަމުން ދިޔަ ވަގުތުވެސް ދާރިސް ހިނގަމުން ދިޔައީ ހިބާއާއި ފަސް ފިޔަވަޅެއްހާ ދުރު ހިސާބުންނެވެ. އެކި ޚިޔާލުތަކުގައި ހުރެ ހިބާ އެ ހިސާބަށް ދިޔައިރު ދާރިސް މަތިން ހިސާބަކަށް ހަނދާންވެސް ނެތިފައިވިއެވެ. ކޮންމެ ދުވަހެކޭ އެއްފަދައިން އޭނަ ސްކޫލުން ގެއަށް އަންނަމުން ދިޔައީ އެކަނިހެން ހީވަމުން ދިޔައެވެ. ބޫޓު ބޭލުމަށްފަހު ގެއަށް ވަންނަމުން ދިޔަ ވަގުތު މުޅިންވެސް ހީވީ އެހެންނެވެ. އެހެނަސް ހިބާ ގެއަށް ވަދެގެން ގޮސް ކޮޓަރިއާއި ހަމައަށް ނުދެވެނީސް ފަހަތުން އިވުނު އަޑުން ހިބާގެ ފިޔަވަޅުތަކުގައި ތަޅު އެޅުވުނެވެ.
“ތެން…ކިއު ހިބާ…” ދުވަހަކުވެސް އަޑު އިވިފައިނުވާ އެ ފިރިހެންވަންތަ ފުން އަޑެއް އިވިފައި ހިބާގެ ގައިން ހީބިހިވެސް ނެގިއެވެ. އެއީ ކާކުތޯ ހިތަށްއެރި ވަގުތު ފަސްއެނބުރި ބަލައިލެވުނެވެ. އެހިނދު ގޭގެ ދޮރުމަތީގައި ހުއްޓިހުރީ ދާރިސް ނޫން ދެވަނަ މީހެއް ނޫނެވެ.
ނުނިމޭ
Jana
July 7, 2021 @ 9:39 am
Assalaam’alaikum. Jana mifaharu kudakoh busy veema lasvy. mi baives kamudhaane kamah ummeedhukuran <3
Baeh kiyuntherin vaudhu vaahakaige 15 vana bai nunimi hunnaathy jana ah msg thakeh libunu. Mihaaru e vaahakaige e bai hunnaany furihama kurevifa kamah bunelan.
Hurihaa kiyuntherinnahves baajjaveri dhuvahakah edhen. Stay safe! Much love! <3 <3 <3
💕
July 7, 2021 @ 11:49 am
Walaikums’salam sis. Me first dho. Hehe😉. Hama kiya kiyaa hithun huhtta e nimunee story😄. vrh reethi and vrh ibraihtheri. mi vaahaka kiyaafa vrh bodah hiyhvaru libihjje kudhinnah malaamaiyh kuraa kudhinna dhekolah thedhuvan. May Allah bless you>3 May Allah (swt) reward you immenesely ! ly>3 stay safe..
Guess who I’m? 😉
Jana
July 9, 2021 @ 11:35 am
hehe…aan dho sis? bully kuraa kudhinnaa dhekolhah thedhuvan vaane. ekamaku mi part ga Hiba hedhihen vaki ekudhin dhah nukoh e goas kudhin huttuvan vaany. Hiba maa rulhigadha vefa hury.
I think this is Ibaa. ^_^ Apologies if i’m wrong hehe….Alhamdhulillah! May Allah bless you too. Ameen! Stay safe! <3 <3 <3
Ibaa
July 10, 2021 @ 6:30 am
hehe right guess😊👍. Masha Allah sis youre really good at guessing. How do you know. yess hama thedheh sis thibuny.
Jana
July 10, 2021 @ 10:21 am
Hehe….Ibaa ge nan comment thakuge therein nufenunyma hithah ery. 😉
kokko
July 7, 2021 @ 12:13 pm
i am getting curious
i think hibaa will meet eethan or dhaaris at this trip
cant wait to read the next chap
Jana
July 9, 2021 @ 11:37 am
Kihineh baa Male’ in Ethan aa dhimaavaany. Ethan hury maa dhurugaehnu? adhi Male’ ah anburaa nuves annaanamey ehnu buny? *sigh* Jana jaadhuleh hadhaafa Ethan Male’ gennanvytha? 😀
Next part Saturday night ah genesdheveytho mi balany In Sha Allah <3
Aayaa
July 7, 2021 @ 3:14 pm
oh nice ma sha Allah. enme fahun dhaaris hiba aa vahaka dhakkaifi dhw. dhen vaane gotheh ge inthizaaru ga mi iny.
Saturday ga dhw next part. little small this part. but i know if you aren’t busy, it will be long❤💖✨
Jana
July 9, 2021 @ 11:39 am
Yes yes….Dhaaris viyyaa vaahaka dhakkaifi! I’m looking forward to writing what happens next too <3
Little small hen heevany last few part vvvv dhigukoh genesdheefa hunnaathy. hehe....mi ep ga ves hunnaane 2000+ words. but yes busy vefa bali nuvinama jana ah control eh nethi liyevunys 😛
Next part Saturday night ga In Sha Allah <3
Zaeyn...
July 8, 2021 @ 4:59 pm
sorry ingey sis.. kury dhe part mi kiyuny adhi kiriyaa.. but hama varah salhi.. hibaa ah dhaaris aa meet vaane kanneyge dhw dhaan e ulhey trip in..yayyy dhaaris hibaa aa vaahaka dhakkaifiyeyyy.. finallyy.. hehe.. v curious ingey.. mi part vx hama best.. waiting for next part curiously..lysm sis.. be safe
Jana
July 9, 2021 @ 11:42 am
No need to apologize sis <3 You can always take your time in reading and enjoying the story 😉 Anekkaaves Zaeyn ge reethi guess eh miothy libifa. And YES HE FINALLY SPOKE! hehe ^_^
Alhamdhulillah! Next part Saturday night ga In Sha Allah. Love you too. Stay safe! <3 <3 <3