ދާރިސް (ފަނަރަވަނަ ބައި)
“މިއަދު ހަވީރު 4 ކަށް އަނެއްކާވެސް ދަރުބާރުގެއަށްދޯ؟” ފަރީދު އެހެން އަހައިލީ، އެދުވަހުގެ މެންދުރު ވަގުތު އޮފީސް ތެރެއިން ހިނގަމުން ފޯނުން ހިބާއާއި ވާހަކަ ދައްކަމުންނެވެ. އެކޮޅުން ހިބާގެ ޖަވާބު ލިބެމުން ދިޔައިރު ފަރީދު ކައިރިވަމުން ދިޔައީ، އާސިފްގެ ކެބިންއާއިއެވެ.
“އާނ އެންމެ ރަނގަޅު އިނގޭ. ބޭބެ އަންނާނަން ކަނބުލޮ ބަލާ އެ ގަޑިއަށް. އާނ އޯކޭ.” ހިބާއާއި ވާހަކަ ދައްކައި ނިމުނުއިރު އާދައިގެ މަތިން ފަރީދު ހިނިތުންވެލިއެވެ. އެހެނަސް އެދުވަހު އެ ހިނިތުންވުން އޭނަގެ ލޮލާއި ހަމައަށް ނުފޯރީ، ހިބާ އެދުވަހު ހެނދުނު ބުނި ވާހަކައިން ހިސާބަކަށް ހިތްހަމަނުޖެހިފައި ވުމުންނެވެ.
ފަރީދު ހިތްހަމަނުޖެހުނީ ހިބާ އާސިފާއި އިންނަން ބޭނުންނުވާ ވާހަކަ ބުނުމުންނެވެ. ފަރީދަށް ފެނިފައިވާ ތާނގައި އާސިފަކީ ރަނގަޅު ކުއްޖެކެވެ. ހިބާއާއި ގުޅޭނެ ކުއްޖެކެވެ. އާސިފްގާތު އެ ވާހަކަ ބުނީ އެހެންވެއެވެ. އަދި ހަމަ އެއާއިއެކު ފަރީދަށްވުރެ މަތީ މަޤާމެއްގައި ހުރި އާސިފް އޭނައާއިމެދު ހިތްހަމަޖެހުމުގެ ސަބަބުން އޮފީހުގައި އޭނަގެ މަޤާމްވެސް މަތިވެގެންދާނެ ކަމުގެ އުއްމީދުވެސް އޮތެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް އެ އަމިއްލަ އެދުން ހިތުގައިވިއެވެ.
އެ އެދުމުގެ ހުތުރުކަން ޚުދު ފަރީދަށް ވެސް ފާހަގަވެގެން މި ދިޔައީ ހިބާ ކައިވެންޏަށް އިންކާރު ކުރުމުންނެވެ. އޭނަ މިހާތަނަށް އައިއިރު ހިބާއާއިމެދު ގޯސްކޮށް އެއްވެސް ކަމެއް ކޮށްފައެއްނުވާނެއެވެ. އެހެން ހަދަން ވެސް ބޭނުމެއްނުވެއެވެ. އޭނަގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެ ޝަހީދު ނިޔާވި ދުވަހު ބޭބެގެ ދެކުދިން ރަނގަޅަށް ބަލައިދިނުމަށް ވަޢުދުވެފައި ވެސްވުމުންނެވެ. ހިބާ އެދުވަހު ހެނދުނު ދެއްކި ވާހަކައިން ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން ފަރީދަށް އުދަގޫވަމުން ދިޔައީ އެހެންވެއެވެ.
ފަރީދު ގޮސް އާސިފްގެ ކެބިންގެ ދޮރުގައި ޓަކި ދިނީ އެ އިޙްސާސްތަކާއި އެކީގައެވެ. އާސިފް ވަނުމުގެ އިޒުނަ ދިނުމުން ފަރީދު ދޮރު ހުޅުވުމަށްފަހު ކެބިންއަށް ވަދެގެން ދިޔައެވެ.
“މިއޮތީ އިނގޭތޯ ސާރ އެދިލެއްވި އިންވެންޓްރީގެ ފައިލް….” ފަރީދު ކެބިންއަށް ވަދެގެން އައިސް އަދަބުވެރިކަމާއި އެކީ ވާހަކަ ދެއްކުމަށްފަހު ގެނައި ފައިލް އާސިފްގެ މޭޒުމަތީގައި ބޭއްވިއެވެ. ފަރީދަކީ އާސިފަށްވުރެ ދޮށީވެފައި އާސިފަށްވުރެ ކުރިން އެ އޮފީހުގައި މަސައްކަތް ކުރަން ފެށި މީހެކެވެ. އެހެނަސް މިއަދު އާސިފް އެ މަޤާމުގައި އެހެރީ އާސިފްގެ ބައްޕަގެ ނުފޫޒުންނެވެ. އެ މަޤާމުގެ ޒިންމާތައް އާސިފަށް ރަނގަޅަށް އަދާ ނުކުރެވޭކަމީ ސިއްރެއްނޫނެވެ. އެހެނަސް އެ ވާހަކަ އެކަކަށް ވެސް ދުލާއި ހަމައަށް ގެންނާކަށް ނުކެރެއެވެ. އެވަގުތުވެސް ފަރީދު އެ ފައިލް ޙަވާލުކުރިތާ ސިކުންތުކޮޅެއް ވީއިރު ވެސް އާސިފް އިނީ ފޯނާއި ކުޅޭށެވެ. އޭނަ އިސްއުފުލައި ބަލައިލީ އޭނަ ލިޔަމުން ދިޔަ މެސެޖެއް ލިޔެ ފޮނުވައި ނިންމުމަށްފަހުއެވެ.
“އާނ ޝުކުރިއްޔާ އިނގޭތޯ؟ އަޅުގަނޑު ބަލައިލާނަން….ކޮބާ ކިހިނެއްތަ ހުރިހާ ކަމެއް ބޭބޭ؟ ހިބާ އަޅުގަނޑާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކިތަ؟” ފަރީދު އުއްމީދު ކުރި ފަދައިން އާސިފް މަސައްކަތުގެ ވާހަކައިގެ ކުރިއަށް އިސްކުރީ ޒާތީ ވާހަކައެވެ. ރޭ އާސިފް އޭނައާއި މާތް ބަހުން މުޚާތަބު ކުރުމުން ހިބާގެ ސަބަބުން އެކަން އެގޮތަށް ދެމި އޮންނާނެކަމަށް ފަރީދު ހީކުރިއެވެ. އެހެނަސް އެހެން ނުވިތާއޭ އެވަގުތު ހިތަށްއެރިއެވެ.
“އާނ ހިބާ ދެއްކި އާސިފްގެ ވާހަކަ…” ފަރީދު ހިނިތުންވުމަކާއިއެކީ ބުނެލީ ހަމައެކަނި އެހާ ވަރަށެވެ.
“ކީކޭ ބުނީ؟” އާސިފް އަހައިލިއެވެ. އެއާއިއެކު ފަރީދު ފުން ނޭވައެއް ދޫކޮށްލީ ތެދު ބުނަން ނިންމަމުންނެވެ. އެހެންނޫނަސް އަދި އާސިފަށް ފުރުސަތެއް ދިނުމަށް ހިބާ ލައްވާ ‘އެއްބަސްކުރުވާފައި’ ވުމުން މައްސަލައެއް ނުޖެހޭނެކަމަށް ފަރީދު ހީކުރިއެވެ.
“ދޮގެއް ހަދާކަށް ނެތިން. ހިބާ ބުނީ ތިމަންނަ އާސިފާއި އިންނާކަށް ބޭނުމެއް ނުވެއޭ. ވަކި ސަބަބެއް ކިޔައެއްނުދޭ. ބުނީ ތިމަންނައަށް ކަމުނުދަނީއޭ. ފަހަރެއްގަ ވެދާނެ އާސިފް ތިއީ މާލޭ ކުއްޖަކަށްވެފަ ރަށްފުށު ކުދިންނާއި ތަފާތު ގޮތެއް ހުރީމަ ވީގޮތް ކަމަށް. ބުނިން ހިބާ ކައިރީގަ އަދި އާސިފަށް ފުރުސަތެއްދޭށޭ. ބުނީމަ ވަކި އެއްޗެކޭ ނުބުނޭ. ހެހެ….ރަށްފުށު ކުދިންގެ ހިތް އަތުލެވޭނެ ކަހަލަ ގޮތްތައް ބޭބެ އާސިފަށް ކިޔައިދޭނަން ދެން އަންނަ ބައްދަލުވުމަކަށް…” ފަރީދު އާސިފްގެ ހިތްހަމަޖައްސައި ދިނުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.
“ހެހެ….އަޅުގަނޑުގެ ގޮތް އަޅުގަނޑު ބަދަލުކުރާކަށް ނެތިން އިނގޭތޯ؟ ހިބާ އަޅުގަނޑާއި އިންނަން އެއްބަސް ކުރުވުމަކީ ބޭބެގެ ޒިންމާއެއް. އެކަން އެގޮތަށް ވާނެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދު ކުރަން. އެހެންނޫނީ އޭގެ ނޭދެވޭ ނަތީޖާ ހިބާއާއެކީ ބޭބެއަށް ވެސް ތަޖުރިބާ ކުރެވުން ވަރަށް ގާތް….ބޭބެގެ ދޮށީ ދަރިފުޅު ބޭރަށް ކިޔަވަން ގޮއްސަ ހުރީ ކުންފުނީގެ ވެސް އެހީގަދޯ؟ އެ ކުއްޖާގެ މުސްތަޤްބަލާއިމެދު ނުވިސްނާނަންތޯ؟” އާސިފް ވާހަކަ ދެއްކީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް އެ ވާހަކައިގައި އިންޒާރުގެ ރާގެއްވިއެވެ. އާސިފް އެ ފަހު ސުވާލުތައް ކޮށްލީ ގޮނޑިއަށް ލެނގިލަމުން ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުންނެވެ.
އިސާހިތަކު ފަރީދުގެ ހިނިތުންވުން ފިލައިދިޔައީ އޭނަގެ ހިތް ނުތަނަވަސްކަމުން ވަށައިލެވިގެން ދިޔުމުންނެވެ. އިސާހިތަކު ހިބާއަށްޓަކައި ހިތުގައި އޮތް އަޅައިލުމާއި ލޯތްބަށްވުރެ ބޮޑަށް އަމިއްލަ ދަރިފުޅާއިމެދު ވިސްނެން ފެށިއެވެ.
“އެންމެ ރަނގަޅު. އަޅުގަނޑު ކޮންމެހެން ވެސް ހިބާ ލައްވާ ކައިވެންޏަށް އެއްބަސް ކުރުވާނަން.” ފަރީދަށް އެ ބަސްތައް ބުނެވުނީ އިޚްތިޔާރަކާއި ނުލައެވެ. ކައިވެނި ކުރެވޭނީ ހިބާ ވެސް އަމިއްލައަށް އެދިގެން ކަމަށް ބުނަން ބޭނުންވިއެއްކަމަކު އެކަމަށް ދޫނުކުޅެދުނެވެ. އެހެންކަމުން ފަރީދު އާސިފަށް ހިނިތުންވުމެއް ދައްކައިލުމަށްފަހު ކެބިންއިން ނިކުމެގެންދާން ފެށިއެވެ.
ފަރީދު ކެބިންއިން ނިކުމެގެން ދިޔަތަނާހެން އާސިފްގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. ހިބާ އޭނައާއި އިންނަން އިންކާރުކުރިކަން ދެވަނަ ފަހަރަށް އެނގުންވުމުން ދަތްކުނޑި ވިކި ގޮށްމުއްކެވުނެވެ. އެ އަންހެން ކުއްޖާއަށް އެހެން ބުނަން ކެރުނީ ވެސް ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ. އޭނަ ހީކުރީ ރޭ އޭނަ މަތި އޮމާންކޮށްފައި ދެއްކި މިޒާޖާއި އެކީވެސް ހިބާގެ އަތުގައި ހިފައިލުމުން ހިބާ ހުންނާނީ އޭނައަށް ޖެހިލުންވެފައެވެ. އޭނަ ބޭނުންވި ވަރަށް އެކަން ޙާޞިލުނުވިތާއޭ ސިކުނޑި ބުނި ހިނދު އިތުރަށް ރުޅިއައެވެ. އިސާހިތަކު އިހުނަށްވުރެ ނުލަފާ ރޭވުމެއް އެ ސިކުނޑީގައި ރޭވިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އާސިފް އޭނަގެ މޭޒުމަތީގައި އޮތް ފޯނު ނަގައި ނަންބަރުތަކަށް ފިތައިލަމުން ފޯނު ކަންފަތުގައި ޖައްސައިލިއެވެ.
“ހެލޯ ދައްތާ….އާސިފް އިނގޭ. އެ ބުނާ ޓީޗާރސް ކޮންފަރެންސްގެ ނަތީޖާ ފާޅުކުރުން އޮތީ މިއަދު ހަވީރުދޯ؟ އާސިފް ބުނާ ގޮތަށް ކަންތައް ކުރެވިދާނެތޯ؟” އާސިފް އެހިއެވެ.
**
އެދުވަހުގެ ހަވީރު ވަގުތު ދަރުބާރު ގޭގެ ތެރެއިން ކޮންފަރެންސްގެ އެންމެ މޮޅު 5 ބައިވެރިންގެ ނަން ކިޔައި ނިމުނުއިރު ވެސް، އޭނަގެ ނަން ނުއިވުމުން ހިބާގެ ހިތް މޭތެރޭގައި އޮވެ ގެނބުނެވެ. ދާދި ދެންމެއަކު އޭނަގެ ހިތްދަތި ކުރުވަމުން ދިޔަ ޚިޔާލުތަކުން ދުރު ވުމަށް އޭނަ ހިތަށް ގެނައީ އެ ލިބެން އުޅުނު ނިޢުމަތެވެ. އެ ނިޢުމަތުން މަޙްރޫމްވެދާނެ ހިތަށް ވެސް ގެނެވިފައި ނުވުމުން އެވަގުތު ދެރަވެ ޤަބޫލު ކުރަންވެސް ދަތިވެފައި ހިބާއަށް އިނދެވުނެވެ.
“ހެލޯ….އެޑިއުކޭޝަން މިނިސްޓްރީތޯ؟” އެކޮޅުން ވާހަކައެއް ބުނެވުމުގެ ވެސް ކުރިން އީތަންއަށް ވާހަކަ ދެކެވުނީ އަވަސްވެފައިވި ހިތެއްގެ ސަބަބުންނެވެ. އެކޮޅުން އެ ސުވާލަށް ޖަވާބު ދިނުމުން އީތަންއަށް ވަގުތުން ވާހަކަ ދެކެވުނެވެ.
“އަޅުގަނޑު މިއީ ވިންޓޭޖް ޓެކްނޮލޮޖީސްގެ ޗީފް ޑައިރެކްޓާރ އިސްމާޢީލް އީތަން އިނގޭތޯ؟ މިއަދު އެ ނިމިދިޔަ ކޮންފަރެންސްގެ އިން-ޗާޖަކަށް ހުންނެވި ބޭފުޅަކާއި އަޅުގަނޑަށް ޕާރސަނަލީ ކޮންޓެކްޓް ކުރެވޭނެ ގޮތް ހެދިދާނެތޯ؟ ކަމެއް އޮޅުން ފިލުވަން އަޅުގަނޑު ބޭނުންވާތީ…” އީތަން ބުންޏެވެ.
“އާދެ….އަޅުގަނޑުމެން އިޒުނަ ހޯދައިގެން ފަހުން ގުޅައިލާނަން އިނގޭތޯ؟”
“އާދެ….އަވަސްކޮށް ދެއްވައްޗޭ!” އީތަންއަށް ބުނެލެވުނެވެ.
އީތަން ހީކުރީ މިނިޓްތަކެއްގެ ތެރޭގައި އަނެއްކާވެސް އޭނަގެ ފޯނު ރިންގުވާނެ ކަމަށެވެ. އެހެނަސް ދިހަ މިނިޓް ހިނގިއިރު ވެސް ޚަބަރެއް ނުވުމުން އީތަންގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ. އޭނަ ވީހާވެސް އަވަހަކަށް ހިބާ ގަދަ 5 ގެ ތެރޭގައި ނުހިމެނުނު ސަބަބު ހޯދަން ބޭނުންވިއެވެ. ކަންތައް އެ ވެގެން ދިޔައީ ނާއިންސާފުންހެން އޭނައަށް ހީވަމުން ދިޔަ ވަރުންނެވެ.
އެ ޚިޔާލުގައި އިނދެ އީތަން ފޯނުން އޭނަގެ މެއިލް ހުޅުވައިލީ ކަމެއް ހަނދާން ކުރަމުންނެވެ. އަދި މެއިލްގެ ތެރެއިން ސްކްރޯލް ކުރަމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އައިސްފައިވާ ކޮންފަރެންސް އާއި ގުޅޭ މެއިލް ހުޅުވައި އޭގައި ހުރި ނަންބަރުތަކަށް ގުޅަން ފެށިއެވެ. އޭނަ ގުޅައިލި ފުރަތަމަ ނަންބަރުން ފޯނު ނިވާލާފައިވާކަމަށް ބުނަން ފެށުމުން އީތަން ދެވަނަ ނަންބަރަށް ގުޅަން ފެށިއެވެ. އޭނަ ހީކުރި ވަރަށްވުރެ ގިނަ ރިންގުތަކަށްފަހު އެކޮޅުން ފޯނު ނެގިއެވެ.
“ހެލޯ…..އަޅުގަނޑު މިއީ ވިންޓޭޖް ޓެކްނޮލޮޖީސްގެ ޗީފް ޑައިރެކްޓާރ އިސްމާޢީލް އީތަން….މިއަދު އެ ނިމުނު ކޮންފަރެންސްގަ އެހެނިހެން ފަނޑިޔާރުން ބައިވެރިންނަށް ދީފައިވާ ސްކޯރތައް އަޅުގަނޑަށް ފޮނުވައިދެވިދާނެތޯ؟ ކުޑަ އެއްޗެއް އަޅުގަނޑު ބަލައިލަން ބޭނުންވާތީ…” އީތަން ވިސްނުންތެރިކަމާއެކީ އެހެން ގޮތަކަށް އޭނަގެ ސުވާލު ފަރުމާކުރިއެވެ.
“އާދެ….ގަޑިއިރެއްހާއިރު ފަހުން ފޮނުވިޔަސް މައްސަލައެއް ނެތްތޯ؟ އަޅުގަނޑުމެން މިއުޅެނީ މި ވަގުތުން ވަގުތަށް ނިންމަންޖެހޭ ކަމެއްގަ ބިޒީކޮށް މިއުޅެނީ…” އެކޮޅުން އަންހެން ކުއްޖަކު ޖަވާބުދިނެވެ. އެ ވާހަކަ ޤަބޫލުކުރަން އީތަންއަށް ދަތިވިއެވެ. އެވަގުތު ކޮންފަރެންސް ނިމި ދަރުބާރުގޭގައި ތިބި އެންމެން ގޮނޑިތަކުން ތެދުވަން ފެށި މަންޒަރު ވެސް ޓީވީއިން ފެންނަން ފަށާފައިވާތީވެއެވެ. ވީ ނުރުހުމުގައި ބިޒީއީ ކޮންކަމެއްގައިތޯ އަހަން އީތަންގެ އަނގަ ހުޅުވުނެވެ. އެހެނަސް އޭނަގެ މަޤާމުގެ މަތިން ހަނދާންކޮށް ހަމައަކަށް އެޅެމުން އީތަން ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު. ވީހާވެސް އަވަހަކަށް ފޮނުއްވައިދެއްވައްޗޭ. އަޅުގަނޑު އިންތިޒާރު ކުރާނަން.” އީތަން ބުންޏެވެ. އެކޮޅުން އާދެއޭ ބުނެ ފޯނު ކަނޑައިލި އަޑުން އީތަންއަށް ފުން ނޭވައެއް ދޫކޮށްލަމުން ޓީވީއާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ޓީވީއިން ލައިވް ކުރެވިފައިވި މަންޒަރު ވެސް ގެއްލި އެ ޗެނަލުގެ އެހެނިހެން މަންޒަރުތައް ފެންނަން ފެށިއެވެ.
އެއާއިއެކު އީތަން ޓީވީ ނިވައިލީ ހިތަށްވަމުން ދިޔަ އުދަގުލާއި އެކީގައެވެ. ދެންމެ ކަންތައްވީ ގޮތުން ހިބާ ދެރަވާނެކަމަށް ހިތް ބުނަމުން ދިޔައެވެ. ހިބާއާއިއެކީ ޝަހީދުބެ ވެސް އެކަމަށް ކިހާ އުއްމީދު ކުރާނެތާއޭ ހިތަށްއެރިއެވެ. އޭނަ ހުރީ ހިބާ މިކޮޅަށް އައުމުން ޝަހީދުބެއާއި ވެސް ބައްދަލުކުރަން ބޭނުންވެފައެވެ. ޝަހީދުބެއަށް ވެގެން ހިބާ އެކަނި ތަންތަނަށް ދިޔުމަށް ދޫކޮށްނުލާނެކަން އެނގޭތީވެއެވެ. ދެންމެ ޓީވީއިން ފެނިގެން ދިޔަ މަންޒަރުތަކުން އޭނަގެ އެ އުއްމީދު ވިއްސި ވިހާލިވިހެން ހީވިއެއްކަމަކު ދެންވެސް މި ޙާލަތް ބަދަލު ކުރެވިދާނެކަމުގެ އުއްމީދު އޭނަގެ ހިތުގައި އޮތެވެ.
**
ބަލިވެފައިވާ ހިތަކާއިއެކީ އެދުވަހު ހިބާ ހޮޓެލަށް ގޮސް ރޫމަށް ވަންނަމުން ދިޔަ މަޣްރިބް ނަމާދަށް ބަންގި ގޮވަނީއެވެ. ގެއަށް އައި މަގުމަތީގައި ހަމްނާގެ އިތުރުން އޭނައާއިއެކީ މަސައްކަތް ކުރާ ބައެއް މުދައްރިސުންގެ މެސެޖުތަކެއް ލިބުނެވެ. އޭގެ ތެރެއިން ހިބާއަށް ކިޔައިލެވުނީ ހަމައެކަނި ހަމްނާގެ މެސެޖެވެ. އޭގައި އޮތީ ‘އާރ ޔޫ އޯކޭ’ އޭ ލިޔެ ސުވާލެއް ފޮނުވާފައިވިއެވެ. ހިބާ އެ ވަގުތަށް މެސެޖަށް ރިޕްލައި ނުކުރީ ހަމްނާވެސް އެ ޙާލަތުގައި އޭނައަށް ނުގުޅާނެކަން ދަނެގެންނެވެ. ހިތްހަމަނުޖެހޭ ފަދަ ކަމެއް ދިމާވުމުން ހިބާ އަމިއްލަ ނަފްސަށްޓަކައި ވަގުތު ބޭނުންވާނެކަން އޭނަގެ ކޮއްކޮއަށާއި އެކީގައި އުޅޭ މީހުންނަށް ވެސް އެނގޭނެއެވެ.
ނަތީޖާއެއްގެ ގޮތުން ހިބާ މަޣްރިބް ނަމާދު ކުރަމުން ދިޔަ ވަގުތުވެސް އޭނަގެ ފޯނަށް އެއްވެސް ކޯލެއް ނާދެއެވެ. އެހެންކަމުން ހިބާ އެވަގުތު އެންމެ ބޭނުންވި ފަދައިން ނަމާދަށް ފުރިހަމަ ސަމާލުކަން ދެވުނެވެ. ދެރަވާ ކަހަލަ ކަމެއް ދިމާވުމާއިއެކު ހިބާ އެންމެ ފުރަތަމަ ކުރާ ހިތްވަނީ ނަމާދެވެ. ކުޑައިރު ރަސޫލާ (ޞ.ޢ.ވ) ގެ ސީރަތުން ނަމާދަކީ އެކަލޭގެފާނުގެ ލޮލުގެ ފިނިކަމޭ ބުނެވޭ ހިނދު ހަމަ އަސްލުވެސްހޭ އޭނަގެ ހިތަށްއަރައެވެ. ނަމާދުން ހިތަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއްކަމެއް ހިބާއަށް އެއްގޮތަކަށް ވެސް އޭރު ދޭހައެއް ނުކުރެވެއެވެ.
އެހެނަސް މިއަދު ހިބާގެ ހިތް މުޅިން ބަދަލުވެފައިވާ ފަދައެވެ. އެ ހިތް ދެރަވާ ވަގުތުކޮޅެއްގައި ނަމާދު ނޫން އެހެން ކަމަކުން އެ ހިތަށް ހަމަޖެހުމެއް ލިބޭނެ ގޮތެއް ހިބާއަށް ނުވިސްނެއެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ނަމާދުގެ ތެރެއިން އޭނައަށް ވާހަކަ ދެކެވެނީ މުޅި ކާއިނާތުގެ ވެރި ﷲ އާއިއެވެ. އޭނަގެ ޙަޔާތުގައި ހިނގާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރައްބާއި އެވެ. އަދި އެކަންތައް ހިނގުމުގެ ކުރިން ވެސް އޭނައަށްޓަކައި އެ ހުރިހާކަމެއް ލިޔުއްވައި ތަޤްދީރު ކުރެއްވި ރަސްކަލާނގެއާއިއެވެ.
ވީއިރު އޭނަގެ މައްސަލަތައް މި ނޫން މަޤާމެއްގައި ހުރެގެން އޭނަ ޙައްލުކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ދިމާވެފައިވާ ދަތިކަމެއް ޙައްލުކުރައްވާނީ ﷲ ނޫން ދެން ކޮން ފަރާތެއް ހެއްޔެވެ؟ އޭނައަށް ދިމާވެފައިވާ ކަމުގެ ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ދެން ކޮން ފަރާތެއް ހެއްޔެވެ؟ އޭނަގެ ހިތާމަވެރިކަން އުފާވެރިކަމަށް ބަދަލުކުރެއްވުމަށް ކުޅަދުންވަންތަ ވެވޮޑިގެންވަނީ އެކަލާނގެ ނޫން ދެން ކޮން ފަރާތެއް ހެއްޔެވެ؟
ނަމާދު ކުރުމުގައި ހުއްޓުމެއްނެތި ހިބާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައީ އެ ހުރިހާ ކަމެއް ހިތުގެ އަޑިން ޤަބޫލު ކުރެވުނީތީވެއެވެ. އަދި އަމުދުން އެކަލާނގެ އޭނައަށް ދެރައަކަށް އެއްވެސް ކަމެއް މެދުވެރި ނުކުރައްވާނެކަން ވެސް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. ރޮވެމުން ދިޔައީ ހިނގައިދިޔަ ކަންތަކާއިމެދު ހިތުގައި ޝަކުވާއެއް އޮތީތީވެއެއް ނޫނެވެ. އެހެނެއްކަމަކު މި ނޫންވެސް ޙާލަތްތަކުގައި އޭނައަށް ދިމާވި އެތައް ދަތިކަމެއްގެ ތެރެއިން ﷲ އޭނައަށް ދެއްވާފައިވި ނިޢުމަތްތަކުގެ މަތިން ހަނދާންވަމުން ދިޔައީތީވެއެވެ. މި އިމްތިޙާނުގެ ތެރެއިން ވެސް ނުހަނު ރީތިވެގެންވާ ނެރުއްވުމަކުން އޭނަ ނެރުއްވުމަށް އެދި އަސަރުން ފުރިގެންވި ހިތަކާއިއެކީ ދުޢާ ކުރެވެމުން ދިޔައީ އެހެންވެއެވެ.
އެ ހުރިހާ ދުޢާތަކެއް ހިތާހިތުން ކުރަމުން އަދި ނަމާދަށްފަހު ވެސް ދުޢާތަކެއް ކުރުމަށްފަހު ހިބާގެ ހިތަށް ލިބިފައިވީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. މި ވަގުތު އޭނައަށް ކޮންމެ ފަދަ އިޙްސާސްތަކެއް ކުރެވެމުން ދިޔަޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ހުރިހާ ދުވަހުވެސް އޭނައަށް މަގު ދެއްކެވި ފަދައިން މިފަހަރު ވެސް މަގު ދައްކަވާނެ ކަމުގެ ޔަޤީންކަން ހިތުގައި އޮތެވެ.
އެނދުމަތީގައި އިށީނދެ ފޯނު ނަގައި ހަމްނާއަށް ގުޅަން ފެށީ އެ ޔަޤީންކަމާއި ސާބިތުކަމާއި އެކީގައެވެ. އެކޮޅުން ހަމްނާ ފޯނު ނެގުމާއިއެކު އޭނައަށް އެއްޗެކޭ ބުނެވުމުގެ ކުރިން ވާހަކަ ދެއްކިއެވެ.
“ދޮންތާ އާރ ޔޫ އޯކޭ؟! އައި ވޯޒް ގެޓިންގް ވޮރީޑް ނުގުޅައި އެހާ ގިނައިރުވީމަ!” ހަމްނާގެ އަޑުއިވުނެވެ.
“އައިމް އޯކޭ ހަމް….ރިއަލީ! ޓޮޕް 5 ގަ ނުހިމެނުނީމަ ދެރަވި. އެކަމަކު އެއްވެސް ކަމަކީ ގޯސްކޮށް ވާ ކަމެއް ނޫންދޯ؟”
“ބަޓް ސްޓިލް ދޮންތާ! އިޓްސް ސޯ އަންފެއާރ….ޕްރެޒެންޓް ކުރި އެއްޗެއް އެހާ ކްލިއާރ ނޫން ބައިވެރިއަކު ވެސް ޓޮޕް 5 ގަ ހިމެނިފަ ދޮންތަ ނުހިމެނުނީމަ އިޓްސް މޭކިންގް މީ ސޯ މޭޑް! މިގޭގެ ކުދިންވެސް އެ ވާހަކަ އެބަ ދައްކާ!”
“އިޓްސް ޤަދަރަ ﷲ! ﷲ ގެ ޤަދަރުފުޅާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެދޯ؟ އެންމެ ރަނގަޅުވާނީ ވެ ނިމުނުކަމެއް އެގޮތުގަ ޤަބޫލުކުރުން. ޓޮޕް 5 މުޅި ރާއްޖެއަށް އިވޭގޮތަށް އަންގައި ނިމުނީމަ ދެން ކިތަންމެ ވަރަކަށް އުޅުނަސް އެ ލިސްޓުގަ ދޮންތަގެ ނަން ނުހިމެނޭނެ. ވެދާނެއެއްނު އަދި މިއަށްވުރެ ރަނގަޅު ގޮތެއް ދޮންތައަށް މެދުވެރިވާން އުޅެނީ ކަމަށްވެސް؟” ހިބާއަށް އެހެން ބުނެލެވުނީ ވެސް ހިނިތުންވުމަކާއި އެކީގައެވެ.
“ހުމް ދޮންތާ….ޔޫ އެންޑް ޔުއާރ އޮޕްޓިމިޒަމް!”
ހަމްނާ އެކޮޅުން އެހެން ބުނެ އިތުރު އެއްޗެކޭ ބުނަން އުޅުނު ވަގުތު ހޮޓެލް ރޫމުގެ ބެލްގެ އަޑު ހިބާއަށް އިވިގެން ދިޔައެވެ. ދޮރާއި ދިމާލަށް ބަލައިލުމަށްފަހު ދޮންތަ ފަހުން އެބަ ގުޅަމޭ ބުނަމުން ފޯނު ކަނޑައިލިއެވެ. ހިބާ ތެދުވެގެން ގޮސް ދޮރު ހުޅުވައި ބަލައިލިއިރު ދޮރުމަތީގައި ހުރީ ހޮޓެލްގައި މަސައްކަތް ކުރާ އަންހެން ކުއްޖެކެވެ.
“މިގޮތަށް އަންނަން ޖެހުނީތީ ވަރަށް ބޮޑަށް މަޢާފަށް އެދެން އިނގޭތޯ؟ އާސިފް ސާރގެ ފައިލްއެއް މި ކޮޓަރީގައި އޮތް ވާހަކަ އިވިގެން އަޅުގަނޑު މި އައީ. އެ ފައިލް ނަގައިދެވިދާނެތޯ؟” އެ ކުއްޖާ އެ ސުވާލުކުރުމުން ހިބާގެ ދެބުމަ ކައިރިވިއެވެ.
“އާސިފް ސާރގެ ފައިލްއެއް މި ކޮޓަރީގަ ނޯންނާނެ އިނގޭތޯ؟ އެއީ މި ޖެހިގެން ހުރި ކޮޓަރީގެ ވާހަކަ ކަންނޭނގެ އެ ބުނީ.” ހިބާ ވިސްނަމުން އެހެން ބުނެލީ ފަރީދުބެގެ ކޮޓަރިއަށް ޢިޝާރާތް ކުރަމުންނެވެ.
“ނޫނޭ….އާސިފް ސާރ ދެންނެވީ ހަމަ ހިބާ ޝަހީދުގެ ރޫމްގައޭ އެ ފައިލް އޮތީ. ހިބާގެ ބޭބެއަކު މިއަދު މެންދުރު އައިއްސަ އެ ފައިލް މި ކޮޓަރީގަ ބާއްވާފަޔޯ ދެވުނީ…” އެ ކުއްޖާ ދެންވެސް ދެއްކި ވާހަކައިން ހިބާ ޙައިރާންވާ ގޮތްވިއެވެ. ފަރީދުބެގެ ވެސް ފައިލެއް އޭނަގެ ކޮޓަރީގައި އޮންނަންވީ ސަބަބެއް ނުވިސްނުމުންނެވެ. އެހެނަސް އެންމެފަހުން އެ ވާހަކައާއި އެއްބަސް ވެވުނީ، ފަރީދުބެ ދޭތެރެދޭތެރެއިން އޭނައަށް ދޭން ކުދިކުދި އެއްޗެހި ގަނެގެން އައިސް ކޮޓަރީގައި ބައިތިއްބާތީވެއެވެ. އެފަދަ ވަގުތުކޮޅެއްގައި އެ ފައިލް ބޭއްވުނީއޭ ހިތައި ހިބާ އެކުއްޖާގެ އެދުމުގެ މަތިން ކޮޓަރި ތެރެއިން ފައިލް ހޯދަން ފެށިއެވެ.
**
އީތަން އޭނަ އެންމެ ފަހުން ކުރި ކޯލަށްފަހު ދޭތެރެ ދޭތެރެއިން މެއިލްއާއި ވައިބާރ ބަލަމުން އައީ ސްކޯރ ޝީޓްތައް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ. އެ އިންތިޒާރުގައި ކޮންފަރެންސް ހޯލުގައި ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެވުނީ އެދުވަހު އޭނަ ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އެއީ ކަމަށް އޭނަގެ ސިކުނޑި ބުނަމުން ދިޔައީތީވެއެވެ.
އެންމެފަހުން އީތަންގެ ފިޔަވަޅުތައް ކުއްލިއަކަށް މަޑުޖެހިގެން ދިޔައީ ވައިބާރ ހުޅުވައިގެން ހުއްޓާ، އޭނަ އޭގެ ގަޑިއިރެއްހާއިރު ކުރިން ގުޅި ނަންބަރުން ފޮޓޯތަކެއް އައުމުންނެވެ. އީތަން އެ މެސެޖުތައް ހުޅުވައި ބަލައިލިއިރު މާލޭގެ 3 ފަނޑިޔާރުންގެ ސްކޯރ ޝީޓްތައް ފެނިގެން ދިޔައެވެ. ކޮންމެ ފޮޓޯއެއް ވަކިން ހުޅުވުމަށްފަހު އީތަން ހިބާގެ ނަން ހޯދައި ހިބާއަށް ލިބިފައިވަނީ ކިހާވަރެއްތޯ ބެލިއެވެ. ހުރިހާ ޝީޓަކުން ވެސް ހިބާއަށް އެންމެ މަތިން ލިބިފައިވީ ގޮތުން އީތަންގެ ދެބުމަ ކައިރިވިއެވެ. ހަމަ އެއާއިއެކު ކޮންފަރެންސްގައި ކަންތައް ވީ ގޮތް ހަނދާންވެފައި ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔަ ވަގުތު އޭނައަށް އެ ފޮޓޯތައް ފޮނުވި ކުއްޖާއަށް ގުޅެން ފެށިއެވެ. ދެ ތިން ރިންގަށް ފަހު އެކޮޅުން ފޯނު ނެގިއެވެ.
“ކިހިނެއްތޯ މިއަދު ކޮންފަރެންސްގެ އެންމެ މޮޅު ފަސް ބައިވެރިން ހޮވީ؟ މި ޝީޓްތަކުން ފެނޭ ގޮތުގައި ޢައިޝަތު ހިބާ ޝަހީދަށް އެންމެ މަތިން ސްކޯރ ލިބިފަ މިހިރީ. އަޅުގަނޑަށް ވެސް އެންމެ ކަމުދިޔަ ބައިވެރިންގެ ތެރޭގަ ހިބާ ޝަހީދު ހިމެނޭ. އެހެން ބައިވެރިން ވާހަކަ ދެއްކީ ތަޢުލީމުގައި ޓެކްނޮލޮޖީގެ މުހިއްމު ކަމާއިމެދު އެހެން ނޫނީ ޓެކްނޮލޮޖީ ތަޢުލީމުގަ ބޭނުންކުރުމުގަ ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ. ހިބާ ޝަހީދު ހުށަހެޅީ ހިބާ ޝަހީދަށް ފާހަގަވި މައްސަލައެއް ޙައްލުކުރެވޭނެ މުޅި އެޕްލިކޭޝަނެއްގެ ޚިޔާލެއް. ގަދަ 5 ގެ ތެރޭގައި އެ ބައިވެރިޔާ ނުހޮވުނީމަ އަޅުގަނޑު ޙައިރާންވީ އެހެންވެ…” އީތަން ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަގެ އަޑުގައި ހިސާބެއްގެ ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ. އެކޮޅުން އެ އަންހެން ކުއްޖާ ޖަވާބުދޭން އުޅެނިކޮށް ކޮންމެވެސް އެހެން މީހަކު ސިއްރުން އެއްޗެކޭ ބުނި އަޑު އިވުނެވެ. އެކުއްޖާ ވާހަކަ ދެއްކީ އެމީހަކު ވާހަކަ ދައްކައި ނިމުމުންނެވެ.
“ހިބާ ޝަހީދުގެ ނަން އަޅުގަނޑުމެން ގަދަ 5 ގަ ނުހިމެނީ އެ ބައިވެރިޔާ ތިކޮޅަށްދާން ބޭނުންނުވާ ވާހަކަ އިވިފައިވާތީ އިނގޭތޯ؟” އެކޮޅުން އިވުނު ވާހަކައިން އީތަންގެ ދެބުމަ ކައިރިވިއެވެ. އޭނަގެ ހަނދާނަށް އައީ ހިބާ އެންމެފަހުން އޭނައަށް ފޮނުވި މެއިލްގައި ސްވިޓްޒަލޭންޑަށް އައުމުގެ ފުރުސަތު ލިބިއްޖެނަމަ ވިންޓޭޖް ޓެކްނޮލޮޖީސްއާއިއެކީ މަސައްކަތް ކުރާނެކަމަށް ބުނި ވާހަކައެވެ.
“ތިއީ ހަމަ ތެދެއްތޯ؟ ހިބާ އަމިއްލައަށްތޯ ތި ވާހަކަ ބުނުއްވީ؟” އީތަންއަށް އަހައިލެވުނެވެ. އަނެއްކާވެސް ފަހަތުން ވާހަކަ ދެއްކި އަންހެނެއްގެ ސިއްރުވެރި ބަސްތަކަށްފަހު އެ ކުއްޖާ އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“އާދެ ހިބާ އަމިއްލައަށް….”
“އަސްލުވެސްތޯ؟ އެހެންވެއްޖެއްޔާ އަޅުގަނޑު ހިބާއާއި ވާހަކަ ދައްކާލަން ބޭނުން…”
“އެހެން…ނެއް ނުވާނެ އިނގޭތޯ؟ އަސްލު ހިބާގެ ދުލުންނެއް ނޫން އަޅުގަނޑުމެންނަށް އެކަން އެނގުނީ. ހިބާއާއި ގާތް ކޮންމެވެސް ބޭފުޅަކު އަޅުގަނޑުމެންނަށް އެ ވާހަކަ އެންގީ.”
“އެހެންވެއްޖެއްޔާ އެ ބޭފުޅަކާއި ކޮންޓެކްޓް ކުރެވޭނެ ނަންބަރެއް އަޅުގަނޑު ބޭނުން. ޓޮޕް 5 ގަ ހިމެނޭ ބައިވެރިންނަކީ ކުންފުނިން ވެސް އިންވެސްޓްކޮށްގެން މިކޮޅަށް ގެނެވޭނެ ބައިވެރިން. އެހެންވީމަ އެ ބައިވެރިން ހޮވިފަވަނީ އިންސާފުވެރިކޮށްތޯ ބެލުމަކީ އަޅުގަނޑުގެ ވެސް ޒިންމާއެއް ކަމުގައި ދެކެން.”
އީތަން ދޫކުރުމެއްނެތި ބުންޏެވެ. އޭނައާއި މި ވާހަކަ ދައްކާ މީހުންވެސް ޙަޤީޤަތް އޮޅުވަން ފައިވިއްދާލައިގެން އުޅޭހެން ހީވުމުންނެވެ.
**
މާލޭގެ މަގަކުން ދުއްވާފައި ދިޔަ އާސިފްގެ ކާރުގެ މިޞްރާބު ހުރީ އޭނަގެ ނަން މަތީގައިވާ ހޮޓެލާއި ދިމާލަށެވެ. ދުއްވާފައި ދިޔަ މަގުމަތީގައި ފޯނުގެ ރިންގުގެ އަޑު އިވުމުން ޑޭޝްބޯޑުގައި ހުރި ސްކްރީނަށް ބަލައިލެވުނެވެ. ސްކްރީނުން ބޮޑުދައިތަގެ ނަން ފެނިފައި އާސިފް އެ ކޯލު ރިސީވް ކުރިއެވެ.
“އާސިފް ކިހިނެއް ހަދާނީ؟ ސްވިޓްޒަލޭންޑްގެ ކުންފުނީގެ ޗީފް ޑައިރެކްޓާރ ގުޅާފަ ވަރަށް މައްސަލަ ޖައްސައިފި ހިބާ ގަދަ 5 ގަ ނުހޮވުނީމަ. ހިބާ ދާން ބޭނުންނުވެއޭ ބުނީމަ ވެސް ހިބާއަށް ގުޅައިގެން އެކަން ސާފުކުރަން ބޭނުމޭ ބުނީ. މިހާރު ދައްތަ ކުއްޖަކު ލައްވާ އޭނަ ކައިރި ބުނެފިން ހިބާ ދަންނަ މީހަކު ބުނެގެންނޭ އެހެން ހެދީ. ދެން އެ މީހަކަށް ވެސް ގުޅަންވެއްޖެ. އާސިފްގެ ނަންބަރު ދޭންވީތަ އޭނައަށް؟” އެކޮޅުން ދައްތަގެ އަޑު އިވުނެވެ.
“ދޭނެ ކަމެއްނެތް. މަށަކަށް ވާހަކަ ނުދެކެވޭނެ ކޮންމެ ކޮންމެ މީހަކާ…”
“އެކަމަކު ކޮންމެވެސް އެއްގޮތެއް ހަދަން އެބަޖެހެއޭ އާސިފް. ހިބާގެ ބޮޑުބޭބެގެ ނަންބަރު ދޭންވީތަ؟”
“އުނހު….ހިބާގެ ބޮޑުބޭބެއަކަށް ނޭނގޭނެ ހިބާ ނުހޮވުނީ މަށާ ހެދިކަމެއް. މައްސަލަވެސް ޖައްސަން ފަށާފާނެ….ދެން އެހެންވެއްޖެއްޔާ ހޮޓެލްގެ ނަންބަރުދީ….ހޮޓެލްގެ ކުއްޖަކު ނަގާފަ ބުނާނެތާ މަ ނެތޭ. މަ އެކުދިންނަށް އަންގާފަ ބާއްވާނަން.”
އާސިފް ނުހަނު ހަމަޖެހިގެން ބުންޏެވެ. ދައްތަ އެންމެ ރަނގަޅޭ ބުނުމާއެކު އާސިފް ހޮޓެލްގެ ރިސެޕްޝަނަށް ގުޅައި، ދެންމެ އޭނަ އެ ބުނި އެންގުން އެންގިއެވެ.
**
“މި ކޮޓަރީގަ އެ ފައިލް އޮތްހެން އަޅުގަނޑަށް ހިއެއްނުވޭ އިނގޭތޯ؟” ހިބާ ތިންވަނަ ފަހަރަށް އަރިމަތީ މޭޒުގެ ވަތްގަނޑު ހާވައި ބެލުމަށްފަހު ބުންޏެވެ.
“ނުފެނުނު ދެއްތޯ؟ އެހެންވެއްޖެއްޔާ އަޅުގަނޑު އާސިފް ސާރއަށް އަންގާނަން އިނގޭތޯ؟ އާސިފް ސާރ އަންނާނެ އަދި ބަލައިލަން.” އެ ކުއްޖާ ސީރިއަސް ނަޒަރެއްގައި ހުރެ ބުންޏެވެ. ހިބާ ބޯޖަހައިލީ އާސިފް އައިސް ހޯދިޔަސް އޭތި ނުފެންނާނެކަން ޔަޤީނާއި ގާތް ކުރަމުންނެވެ. އެހެނަސް އެ ފައިލަކީ މުހިއްމު ފައިލެކޭ ހިތައި އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި އެކުއްޖާ ފޮނުވައިލިއެވެ. އެ ވަގުތު އެ ފައިލާއި ބެހޭގޮތުން ސުވާލުކުރުމަށް ފަރީދުބެއަށް ގުޅަން ވެސް ހިތަށްއެރިއެވެ. އެހެނަސް އެރޭ ފަރީދުބެ އޮފީހަށް ދިޔައީ މުހިއްމު މީޓިންގްއަކަށް ކަމަށް ބުނަމުންނެވެ. ފަރީދުބެ އޭނައަށްޓަކައި ނެގި އޮފީސް ޗުއްޓީ ދުވަސްތައް ގާތްވަމުން ދިޔައީތީ ފަރީދުބެގެ މަސައްކަތަށް އުދަގޫކުރަން ހިބާ ބޭނުމެއްނުވިއެވެ.
**
އީތަންގެ އެންމެ ފަހު ކޯލު ނިމިގެން ދިޔައީ، ހިބާ ގަދަ 5 ގައި ނުހިމެނުމަށް އެންގި ‘ބޭފުޅާ’ގެ ނަންމަތީގައިވާ ހޮޓަލެއްގެ ނަންބަރު ލިބޭނެކަމަށް ބުނަމުންނެވެ. އީތަން އެމީހެއްގެ ނަންބަރު ހޯދަން ގަދަ ހެދިއެއްކަމަކު، އެމީހުން އެ ‘ބޭފުޅާ’ގެ މާތްކަމާއި ވަގުތެއް ނުވާނެ ވަރު އަލިއަޅުވަން ފެށުމުން ވީ ފޫހީގައި އީތަން ހަތިޔާރު ބެހެއްޓީއެވެ.
އެ ކޯލު ނިމުނުތާ މިނިޓެއްގެ ތެރޭގައި އީތަންއަށް ހޮޓެލްގެ ނަންބަރު ލިބިގެން ދިޔައެވެ. އިސާހިތަކު އީތަން އެ ނަންބަރަށް ގުޅައިލިއެވެ.
**
ސްޓާރލައިޓް ހޮޓެލްގެ ރިސެޕްޝަންގައި ހުރި ފޯނު ރިންގުވީއިރު އެރޭ ރިސެޕްޝަންގައި ހުރީ އެންމެ ކުއްޖެކެވެ. އެ ކުއްޖާއަށް ފޯނު ނެގޭ ގޮތްވީ ވެސް އެވަގުތު ކައުންޓަރު ދޮށަށް އައިސްފައި ހުރި މީހަކަށް ޚިދުމަތްދީ ފޮނުވައިލުމަށްފަހު އެވެ. ފޯނުގެ ހަތަރުވަނަ ރިންގާއިއެކީ އެކުއްޖާ ފޯނު ނެގިއެވެ.
“ހެލޯ. ސްޓާރލައިޓް ހޮޓެލް، ހައު ކޭން ވީ ހެލްޕް ޔޫ؟” އެ ކުއްޖާ ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސަމުން އެހެން ބުނެލި ވަގުތަކީ އާސިފް ހޮޓެލަށް ވަދެގެން އައިސް ރިސެޕްޝަން ކައިރި މަޑުކޮށްލި ވަގުތެވެ.
“އެކްސްކިއުޒް މީ….ހިބާ ޝަހީދުގެ ރޫމް ނަންބަރު އަހަންނަށް ދެވިދާނެތަ؟” އާސިފް އިޙްތިރާމެއްނެތި އެ މުވައްޒަފާއި ވާހަކަ ދެއްކިއެވެ. އާސިފް ވާހަކަ ދެއްކުމުން އެ އަންހެން ކުއްޖާ ކަންފަތުގައި ޖައްސައިގެން ހުރި ފޯނުގެ އަތްގަނޑު ކަންފަތުން ދުރުކޮށް ކޮނޑުގައި ޖެއްސިއެވެ.
“ސާރ….ހިބާ ޝަހީދުވަނީ ޕާރމިޝަންއާ ނުލާ ރޫމް ނަންބަރު ނުދޭން އަންގާފަ.” އެ ކުއްޖާ ސިއްރުން ބުންޏެވެ.
“ހަހް! ތީނަ މިތާ މަސައްކަތް ކުރަން ފެށީ އިހަށް ދުވަހު ދޯ؟ ހޮޓެލްގެ ވެރިމީހާ ބުނީމަ ބުނިގޮތަށް ކަންތައް ކުރާނީ!” އާސިފް ދަތްކުނޑި ވިކަމުން ރުޅިވެރިކަމާއެކީ ބުންޏެވެ.
**
އާސިފްގެ އެ ބަސްތައް ފޯނުގެ އަނެއްކޮޅުގައި ހުރި އީތަންއަށް ވެސް އިވިގެން ދިޔައެވެ. އިސާހިތަކު ހިބާގެ ސޫރަ ލޮލަށް ސިފަވެ ދެންމެ އެ ވާހަކަ ދެއްކި މީހެއްގެ ނިޔަތް ނަގައިގަނެވުމުން އީތަންގެ މޫނު ރުޅިން ރަތްވެ ގޮށްމުއްކެވިގެން ދިޔައެވެ.
ނުނިމޭ
Jana
July 20, 2021 @ 3:13 pm
Salaam. Thankolheh lasvejje kanneynge dho mihen bunan ves. Ekamaku ves hurihaa kiyuntherinnah ves Eid Mubaarak! 😀 <3
Mi bayaa gulhey post thah In Sha Allah maadhamaa genesdheynan ^_^ Take care dear readers. Much love!
Aayaa
July 20, 2021 @ 4:20 pm
❤️تقبل الله من و منكم عيد الأضحى مبارك
Siss. Shukran for giving an eid gift like this. I really appreciate your hard work. May Allah bless you and your hard work. Aayaa v inspire kohlaafa thi nimmaly.
Love you siss. Stay home and safe❤️😘
Jana
July 21, 2021 @ 4:06 pm
Aaya inspire vee vaahaka ivunyma varah bodu hiyvareh libijje Alhamdhulillah! Hama yageenunves alhugandumennah hidhaayaiy ithuru kohdhevvany Allah. Love you too sis. Stay home and say safe. May Allah bless every good that we do. Ameen! <3
Ibaa
July 20, 2021 @ 4:59 pm
Masha Allah. Vrh reethi story. Nd vrh bodah thank you sis miadhu story genesdhinithy. Jazakillahi Khairan sis. I hate Asif. Vrh foohi meeheh. Asif ge kanthah dho hibaa nuhovun mee. But Alhamdulilah hiba is so strong , she have full trust in Allah. I really love her character.. hama next part vrh kiyaala hiyhveffa mihury. eagerly waiting ingey. Stay safe sis..EID MUBARAK ❤
Jana
July 21, 2021 @ 4:20 pm
You are most welcome sis. Ibaa mathin handhaan koggen hure Jana avahah liyuny. I hate Asif too. Let’s all hate on him together for trying to put Hiba down because of his own insecurities!
And yes Hiba has full trust in Allah. Allah ah vakeel kuraa meehakah ekalaange fudhigenvey dho? And see how she is being protected. <3
Next part Saturday ga In Sha Allah. Stay safe! <3
kokki
July 21, 2021 @ 2:21 pm
oh this is getting really suspicious
Jana
July 21, 2021 @ 4:21 pm
Suspicious about what, kokki? ^_^