ދާރިސް (ފަންސާސްހަތަރުވަނަ ބައި)
“މަންމަ ދެކިލަން ބޭނުން….މަންމައާއި ބައްދަލުކުރަން ބޭނުން. މަންމައާއި އެކީ އުޅެން ބޭނުން. އެކަމަކު މަންމަ ދެރަކުރަން ވެސް ބޭނުމެއްނޫން….” ދާރިސްގެ އެ ފަހު ބަސްތަކާއިއެކީ އެ އަޑު ގެއްލިގެން ދިޔައީ ދާރިސްގެ އަރު ބެދުމުންނެވެ. އެއާއިއެކު ދާރިސް މޫނުގައި އެއްއަތް އަޅައިލަމުން ރަނގަޅަށް ރޯން ފެށިއެވެ.
ހިބާ އެ މަންޒަރު ބަލަން ނުހުރެވިގެން ދާރިސްގެ ކައިރިއަށް ގޮސް ބިންމަތީގައި ކަކޫ ޖައްސައިލަމުން ދާރިސްގެ ބޯ ގެނެސް އޭނަގެ މޭގައި ޖައްސައި ބައްދައިލިއެވެ.
އެ ވަގުތުކޮޅުން ފެށިގެން ދާރިސް ވަރަށް ގިނައިރު ވަންދެން ރުޔެވެ. ދާރިސް ރޮއި ނިމެންދެން ހިބާ ދާރިސްގެ ގައިގައި ބައްދާލައިގެން އިނެވެ.
އެންމެފަހުން ދާރިސްގެ ރުއިން ހުއްޓުމުން ހިބާ ދާރިސްއާއި މަންމަގެ ވާހަކަ ދައްކަން ނުއުޅުނެވެ. އެ ވާހަކައިން އަނެއްކާވެސް ދާރިސްގެ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެންނެވެ. އެހެންކަމުން ހިބާ ދާރިސްގާތު އެދުނީ އެތަނުން ތެދުވެގެން ގޮސް ތާޒާވެލުމަށެވެ. އެވަގުތަކީ މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށި ވަގުތަށްވުމުން ދާރިސް ވަކި ދެކޮޅު ހެދުމެއްނެތި ހިބާ އެދުނު ގޮތަށް ހެދިއެވެ. އަދި ނަމާދަށްފަހު ހިބާއާއިއެކީ އެރޭ ކުޑަކޮށް ކާންވެސް ކެއެވެ. ކެއި ގަޑީގައި ހިބާ ހަމްނާގެ ދޮރުގައި ޓަކި ދިނީ، އެ ގަޑީގައި ހަމްނާ ކާން ބޭނުންތޯ ބެލުމަށެވެ.
“ހަމް ކާނީ ފަހުން، ދޮންތާ…” ހަމްނާ ދޮރު ހުޅުވުމެއް ވެސް ނެތި އެތެރެއިން ބުނެލި އަޑު އިވުނެވެ. އެއިން ހިބާ ހަމްނާއާއި މެދު ވެސް ކަންބޮޑުވާ ގޮތްވިއެވެ. ބޮޑުކަމެއް ވެގެން ނޫނީ ހަމްނާ ކޮޓަރީގެ ދޮރު ހުޅުވުމެއްނެތި އޭނައާއި ވާހަކަ ނުދައްކާނެކަން އެނގޭތީވެއެވެ.
“އާރ ޔޫ އޯކޭ، ހަމް؟” ހިބާއަށް އަހައިލެވުނެވެ.
“ޔެސް ދޮންތާ…އައި އޭމް މޯ ދޭން ގުޑް!”
ހަމްނާ އެހެން ބުނެލިއިރު އެ އަޑު ގަދަކަމުން ހަމައަކަށް އަޅުވަން ޖެހުނުހެން ވެސް ހިބާއަށް ހީވިއެވެ. ހަމަ ޔަޤީންތޯ އަހައިލެވުނީ އެހެންވެއެވެ. ހަމްނާ ވަގުތުން އާނއެކޭ ބުނި އަޑު އިވުނެވެ. އެއާއިއެކު ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހަމްނާއާއި އިތުރު ސުވާލުތައް ކުރަން ބޭނުންވިއެއްކަމަކު، ހަމަ އެވަގުތު ކާ ގެއިން ދާރިސްގެ ކެއްސުމުގެ އަޑު އިވުމުން، އެ ދިމާލަށް ނަޒަރެއް ދެވުނެވެ. މި ވަގުތު އޭނައަށް ބޮޑަށް ބޭނުންވަނީ ދާރިސްކަމަށް ނިންމަމުން ހިބާ އަނެއްކާވެސް ކާގެއަށް ދާން މިޞްރާބު ޖެހިއެވެ.
އެހެނަސް ހިބާއަށް ހީވީ ރަނގަޅަކަށް ނޫނެވެ. ހަމްނާ ވީ ހަމަ ދާރިސްއާއި އެއްވަރަށް ހިބާގެ އަޅައިލުން ބޭނުންވެފައެވެ. ހިބާއަށް ޖަވާބު ދިންއިރު ލެއްޕިފައިވާ ދޮރު ކުރިމަތީގައި ހުއްޓިހުރި ހަމްނާގެ ލޯ ދުޅަވެފައިވީއިރު ބޯ ހެވިފައިވިއެވެ. ގެއަށް އައިސް ފެންވެރިތާ އިރުގަނޑެއް ވެފައިވިއެއްކަމަކު އިސްތަށިގަނޑުގައި ފުނާ އަޅާނެހާ ހިތްވަރެއްވެސް ނުލިބިފައިވިހެން ހީވެއެވެ. ދޮންތަ ދިޔަ އަޑު އިވުމުން ވެސް ހަމްނާއަށް ހުރި ގޮތަށް ހުރެވުނެވެ. އޭގެ މާ ގިނައިރެއްނުވެ ދޮންތަ ދިޔަކަން އެނގުމުން، އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އެދުވަހުގެ ކިތައްވަނަ ފަހަރަށް ކަމެއްވެސް ހަމްނާއަށް ނޭނގެއެވެ. ތަދުވަމުން ދިޔަ ލޮލުން ކަރުނަ އޮހޮރި، އަމިއްލަ ގިސްލުމުގެ އަޑުގެ ތެރެއިން، ނައުފަލްގެ އަޑުވެސް ހަމްނާގެ ކަންފަތުގައި ގުގުމައިލިއެވެ.
“ތިގޭގަ އުޅޭ އިސްމާޢީލް އީތަންއަކީ…..ތީނަގެ ބައްޕަ މެރިކަމަށް މީހުން ބުނެ އުޅޭ ދާރިސްތަ؟”
ނައުފަލްގެ އެ ސުވާލު އިވިފައި ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހަމްނާއަށް ހީވިއެވެ. ދުނިޔެ ވަށައި އެނބުރެން ފެށި ކަހަލަ އިޙްސާސެއް ކުރެވުނީ، ލިބުނު ޝޮކުތަކެއްގެ ބޮޑުކަމުންނެވެ. ދާރިސްބެއަކީ ކާކުކަން ނައުފަލަށް ޝައްކުކުރެވޭ ކަމުގެ އަޖާއިބާއި، ހަމްނާގެ ހިތަށް ވެސް ގެންނަން ދަތި، ބައްޕައާއި ގުޅޭ ވާހަކައިގެ ހިތްދަތިކަމުންނެވެ. ބޮޑުވަމުން އައިއިރު ރަށުގެ އެތައް ބައެއްގެ ދުލުން ބައްޕައާއި ގުޅޭ އެ ވާހަކަ އިވިފައިވިއެއްކަމަކު، އެ ބަސްތައް އަޑުއަހަން ހަމްނާ އާދަވެފައެއް ނުވެއެވެ.
“އައްދެ! މަ ހީކުރި ހީކުރުމެއް ނޫންދޯ ޙަޤީޤަތަކީ؟ އެ ބުނާ އީތަންއަކީ ހަމަ ދާރިސް؟ ތި ހިމޭންކަމުން އެކަން ޔަޤީން އެބަ ކުރެވޭ…” ނައުފަލް ރާގަކަށް ވާހަކަ ދެއްކިއެވެ. އެ ހިނދު ހަމްނާގެ ދެބުމަ ކައިރިވިއެވެ.
ނައުފަލް ދާރިސްބެ ގެ ޙަޤީޤަތް ދެނެގަންނަން އެހާ ބޮޑަށް ބޭނުންވާނެ ސަބަބެއް ނުވިސްނުމުންނެވެ. އަދި އަމުދުން އޭނައަށް މި ކަންތައް ކުރެވޭ ގޮތުން ނައުފަލް އެ ޙަޤީޤަތާއި ހަމައަށް ފޯރައި، އޭނައަށް މަލާމާތް ކުރާ ކަހަލަ އިޙްސާސެއް ކުރެވުމުންނެވެ. ހިތަށް ވެރިވި އެ ޚިޔާލާއި އެކީ އިސާހިތަކު ހަމްނާ ހިތަށް ސާބިތުކަން ވެރި ކުރުވަމުން ނައުފަލާއި ކުރިމަތިލިއެވެ.
“އަހަރެންގެ ބައްޕައާއި ބެހޭގޮތުން ރޯމާ ދުވާލު ތިހާ ބޮޑު ދޮގެއް ހެދީމަ ބުނާނެ އެއްޗެއް ނޭނގިފަ މިހިރީ!” ހަމްނާގެ އެ ޖުމްލަ ނިމުނުއިރު ގޮށްމުއްކެވި، ރުޅިން ތުރުތުރު އެޅިއެވެ.
“މަ އޮޅުވަން ދޯ ތި އުޅެނީ މިހާރު؟ މަ ނޯ-“
“މީހެއް ނުއުޅޭ ކަލޭގެ ވިސްނުން ހުރި ގޮތެއް ބަލާކަށް! މިއަދު ތި ގޮތަށް ވާހަކަ ދެއްކިޔަސް ޤިޔާމަތް ދުވަހު ބައްޕައަށް އިންސާފު ލިބޭނެ އިން ޝާ ﷲ! އެދުވަހަކުން ބައްޕައޭ ކިޔައިގެން އެކިއެކި ވާހަކަ ދެއްކި އެންމެންގެ ހެޔޮ ޢަމަލުތައް ލިބޭނީ ބައްޕައަށް….ތީނަގެ ހެޔޮ ޢަމަލެއް ހުރިއްޔާ އެ އެއްވެސް!”
“ހަހް! ކަޓް އިޓް އައުޓް-“
“ޔޫ ކަޓް އިޓް އައުޓް! ދެން ތީނަގެ ހިޔަނި އެޅޭ ހިސާބެއްގަ ވެސް ހުންނާކަށް ބޭނުމެއްނޫން! ކާންޓް ބިލީވް އައި ހޭޑް ފީލިންގްސް ފޯ ޔޫ…”
އެ ފަހު ބަސްތައް ބުނެލި ހިނދު ހަމްނާގެ އަޑުންނާއި މޫނުމަތިން ވެސް ރުޅިވެރިކަން ފާޅުވިއެއްކަމަކު، ލޮލުން ކަރުނަ ހިލިފައިވިއެވެ. އެއަށްފަހު ނައުފަލަށް ވަކި އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ނައުފަލަށް ފަސްދީފައި ހިނގަން ފެށީ ދިގު ފިޔަވަޅުތަކެއްގައެވެ. ހަމްނާ ދާން ފެށުމުން ނައުފަލް ހުރީ އޮޅުމެއްގެ ތެރޭގައިކަން އެ މޫނުމަތިން އެނގެއެވެ. ދެންމެ އޭނަ ހީކުރި ފަދައިން ހަމްނާ ހިމޭންވީ، އީތަންގެ ޙަޤީޤަތް އޭނަ ހާމަކުރުމުން ކަމެއް، ނޫނީ ހަމްނާ ބުނި ފަދައިން ބައްޕަގެ ވާހަކަ އިވިފައި ޖަޒުބާތުގައި ޖެހުމުންކަމެއް ޔަޤީން ނުކުރެވުނީތީ ކަންނޭނގެއެވެ.
ނައުފަލާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތައް ހަނދާންވެ، އެ މަންޒަރު ސިފަވެގެން ދިޔަދިޔަހެން ހަމްނާއަށް އިތުރަށް ރޮވުނެވެ. އެހެނަސް އޭނައަށް ޙައިރާންކަމެއް ލިބުނީ، މީގެ ދުވަސްކޮޅެއް ކުރިއާއި ޚިލާފަށް، ނައުފަލްގެ ޚިޔާލުތަކާއިއެކީ އެ ވަގުތު އޭނަގެ މޭގައި ރިހުމެއް ނެތުމުންނެވެ. ނައުފަލަކީ އޭނައަށް އެންމެ ރަނގަޅު ބައިވެރިޔާ ނޫންކަން އެހާ ހިސާބަށް އައިއިރު ހަމްނާގެ އެ ހިތަށް ވިސްނިފައިވީތީވެއެވެ. ކިތަންމެ ގަދައަށް ރޮވުނަސް އެކަމަށްޓަކައި އެ ވަގުތު ހަމްނާއަށް ޙަމްދު ކުރެވުނެވެ.
**
ރޭގަނޑުގެ ކެއުމަށްފަހު އެރޭ ދާރިސް ޢިޝާ ނަމާދު ކުރީ ގޭގައެވެ. އެއަށްފަހު ދާރިސް ވަގުތުން ނިދާނީ ކަމަށް ހިބާއަށް ހީކުރެވުނެވެ. އެހެނަސް އެނދުގައި އޮށޯތުމުގެ ބަދަލުގައި ދާރިސް އަނެއްކާވެސް ގޮސް އިށީނީ، އޭނަ މަންމަގެ ހަނދާނުގައި ރޮވުނުއިރު އިން ތަނުގައެވެ. އެ ހިތާމައަށް އަނބުރައިދާން އުޅުނު ފަދައަކުންނެވެ. ލޯބިވާ މަންމަގެ އެންމެ ފަހުގެ ހަނދާންވެސް ވަނީ ހިތާމައިގެ ތެރޭގައި ކަމަށްވުމުންނެވެ.
ހިބާ އަމިއްލައަށް ނިދަން ތައްޔާރުވެގެން އައިއިރުވެސް، ދާރިސް ބިންމަތީގައި އިންގޮތަށް އިނެވެ. އެ މަންޒަރު ފެނިފައި ހިބާ ދާރިސްގާތު ނުނިދާނަންތޯ ސުވާލުކުރިއެވެ. ޖަވާބުގައި ނިދި ނާންނަކަމަށް ދާރިސް ބުންޏެވެ. އެ ބަސްތައް އިވިފައި ހިބާ އެނދުގައި އޮށޯންނަން އުޅެފައިވެސް ހިތްހަމަ ނުޖެހުމުން ދާރިސްގެ ކުރިމައްޗަށް ވާގޮތަށް އެނދުގެ ކައިރިން ބިންމަތީގައި އިށީނެވެ.
“ހިބާ ނިދަން ދާންވީއެއްނު؟” ހިބާ ހެދިގޮތް ފެނުމުން ދާރިސްއަށް ބުނެވުނެވެ. އެއާއިއެކު ހިބާ ބޯހޫރުވައިލިއެވެ.
“ދާރިސް ނިދަން އައިމަ ނޫނީ އަހަރެން ވެސް ނިދަން ބޭނުމެއްނޫން.” ހިބާ ބުންޏެވެ.
“އެކަމަކު ހިބް-“
“މަންމަގެ ވާހަކަތައް އަހަންނަށް ކިޔައިލަދީބަލަ ދާރިސް. ކުޑައިރު ވެސް އަދި މިހާރު ވެސް އެއްވެސް ވަރަކަށް މަންމަގެ ވާހަކަ އަހަންނަށް ކިޔައި ނުދެމެއްނު؟”
ހިބާ ލުއި ހިނިތުންވުމަކާއިއެކީ ބުނެލި އެ ވާހަކައިން ދާރިސް ހިމޭންވާ ގޮތްވިއެވެ. ދާރިސް ވަކި އެއްޗެކޭ ނުބުނުމުން ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“ބަލާ ބެލުމަށް ހީވަނީ އެއީ ވަރަށް ލޯބި މަންމައެއްހެން. ކުދިން ލޯބިން ގެންގުޅޭ މަންމައިންގެ ވާހަކަ ވަރަށް އަޑުއަހާ ހިތްވޭ. އަހަންނަށް އެފަދަ ލޯތްބެއް ތަޖުރިބާ ނުކުރެވޭތީ ކަންނޭނގެ. ހެހެ….” ހިބާ ޙަޤީޤަތުގައި އެހެން ބުނެލީ ދާރިސްއަށް އަމިއްލަ މަންމަގެ ވާހަކަތައް ދެއްކުމުގެ ފުރުސަތެއް ދިނުމަށެވެ. މަންމައާއި ގުޅޭ ހިތްދަތި ހަނދާންތަކުގެ ބަދަލުގައި އުފާވެރި ހަނދާންތައް އާކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ވެސްމެއެވެ. އެހެނަސް އެ ވާހަކަ ނިމުނުއިރު މައެއްގެ ލޯބިން ޚުދު އޭނަ މަޙްރޫމްވެފައިވި މިންވަރު އިޙްސާސް ކުރެވުމުން އެވަގުތު ހިތް ދެރަވާ ގޮތްވިއެވެ.
ހިބާގެ ވާހަކައަށްފަހު އެ ފަހު ހީލުން ހީލި އިރު، އެ ލޯ މަތިން ފާޅުވި ރިހުން ދާރިސްއަށް ސިއްރެއް ނުވިއެވެ. އެއާއިއެކު ހިބާއަށްޓަކައި އުފެދިގެން ދިޔަ ޙަމްދަރުދީއާއި އެކީ ދާރިސްއަށް އިރުކޮޅެއް ވަންދެން ހިބާއަށް ބަލަން އިނދެވުނެވެ. އެއަށްފަހު ވާހަކަ ދެކެވުނެވެ.
“މަންމަ….އެހެން ބުނީމަވެސް ހަނދާންވަނީ އޯގާތެރި ހިނިތުންވުމެއް. އަހަރެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން…އަތްމަތި ދަތިވިޔަސް ކޮންމެވެސް ގޮތެއް ހޯދައިގެން އަހަރެން ހިތް އެދޭހާ އުފަލެއް ހޯދައިދޭ ފަރާތެއް. އަހަރެންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދި، ހެޔޮ ކަންތައްތައް ދަސްކޮށްދިން ފަރާތެއް…”
ދާރިސް ކިޔައި ދިންދިންހެން ހިބާއަށް ކަނުލައި އަޑުއަހަން އިނދެވުނެވެ. އެ ބަސްތަކަށްފަހު ދާރިސް ދެން ކިޔައިދޭން ފެށީ މަންމަގެ އުފާވެރި ހަނދާންތަކެވެ. މަންމަ އޭނައަށް ދޭން މީރު ކާއެއްޗެހި ތައްޔާރު ކުރާ ވާހަކައާއި، މަންމަ އޭނަ ގޮވައިގެން ޕާކަށް ގެންދިޔަ ދުވަސްތަކުގެ ވާހަކައާއި، ސްކޫލްގެ ކިޔެވުން އޭނައަށް އެންމެ ދަތި ދުވަސްވަރު މަންމަ އޭނައަށް ދިން ހިތްވަރުގެ ވާހަކައެވެ.
ދާރިސް އެ ވާހަކަތައް ކިޔައިދިނީ، ޙަޤީޤީ މަންމައެއްގެ ލޯބީގެ ޒާތަކީ ކޮބައިކަން ހިބާއަށް ސިފަކޮށްދިނުމަށެވެ. ހިބާގެ މަންމަ ހިބާއާއިމެދު ކަންތައް ކުރީ ކޮށްގެން ވާނެ ގޮތަށް ނޫންކަން ހިބާއަށް ޔަޤީން ކޮށްދިނުމުގެ ގޮތުން ވެސްމެއެވެ. ދާރިސް ހީކުރި ފަދައިން އޭނަގެ ވާހަކައިގެ ވަކި ހިސާބަކުން ހިބާގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ހިބާއަށް ހިތްވަރު ދިނުމަށްޓަކައި ދާރިސް ހިބާގެ ކައިރިއަށް ދާން ބޭނުންވިއެއްކަމަކު، ޚުދު އޭނަ ވެސް މަންމަގެ ހަނދާންތަކުން ދެރަވުމުގެ ސަބަބުން އިންގޮތަށް އިނދެވުނެވެ. އޭގެ މައްޗަށް އޭނަގެ ލޯބިވާ މަންމަގެ މަޞްލަޙަތު ވަނީ އޭނައާއި ދުރުގައިވުމުންކަމަށް ސިކުނޑި ބުނަމުން ދިޔައީތީ، އެއްގޮތަކަށް ވެސް ތެދުވާނެހާ ހިތްވަރެއް ނުލިބުނެވެ.
އެހެންކަމުން އެފަހަރު ވެސް އަނެކާއަށް ހިތްވަރެއް ދިނުމަށް އެންމެ ފުރަތަމަ ތެދުވުނު މީހަކަށްވީ ހިބާއެވެ. ހިބާ ގޮސް ދާރިސްގެ ކައިރީގައި އިށީނދެ ދާރިސްގެ ކޮނޑުގައި ބޯއަޅައިލީ، އޭނަ ދާރިސްގެ ކައިރީގައި އެބަހުރިކަން އިޙްސާސްކޮށްދިނުމަށެވެ. ދާރިސްވެސް ހިބާގެ ކޮނޑުގައި ހިފަހައްޓައިލީ، ހިބާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
އެ ފަހުން ވެސް ހިބާ މަންމަގެ އިތުރު ވާހަކަތައް ކިޔައިދިނުމަށް ދާރިސްގާތު އެދުނެވެ. ދާރިސް ވަކި ދެކޮޅު ހެދުމެއްނެތި ހިބާއަށް ކިޔައިދިނެވެ. ދާރިސްގެ ވާހަކަތައް އަޑުއަހަމުން ދިޔަދިޔަހެން ހިބާއަށް އެ މޭމަތީގައި ބޯއަޅައިގެން އޮވެ ނިދޭ ގޮތްވިއެވެ. ހިބާ ނިދުނީކަން އެނގުންވުމުން ދާރިސް، ހިބާ އޭނަގެ އަތްދަނޑިމައްޗަށް އުފުއްލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. ހިބާގެ ގައިގައި ރަޖާ އަޅައި ދިނުމަށްފަހު، އެ ބޮލުގައި މަޑުމަޑުން ފިރުމައިލަމުން ނިތުގައި ބޮސްދިނެވެ.
**
ހިބާއަށް ހޭލެވުނުއިރު ކޮޓަރީގެ ފެންލައިޓުން ފުރޭނިގެން އައިސްފައިވި އަލިން، ކޮޓަރި އަލިވެފައިވިއެވެ. މޯޅިއަކަށް ދެމެމުން އެނދުގެ ކުރިމައްޗަށްވާ ގޮތަށް ފެންނަމުން ދިޔަ ފެންލައިޓަށް ނަޒަރެއް ދެމުން، ހިބާ ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން 6:30 ވެ ބޮޑުވެފައިވިތަން ފެނި، ހިބާއަށް ކޮޓަރީގެ ވަށައިގެން ނަޒަރެއް ދެވުނީ ދާރިސް ފެނޭތޯއެވެ. އެއްވެސް ދިމާލަކުން ދާރިސް ފެންނަން ނެތުމުން ހިބާއަށް ތެދުވެލެވުނީ ހިސާބަކަށް ކަންބޮޑުވުމުންނެވެ. ރޭ އެހާ ބޮޑު ހިތާމައެއްގައި އުޅުމަށްފަހު ދާރިސް ވީނުވީއެއް ނޭނގުމުންނެވެ.
އިސާހިތަކު އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ހިބާ ދާރިސްއަށް ގުޅަން އުޅުނު ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.
“ގުޑް މޯރނިންގް ބިއުޓިފުލް!” ކޮފީ މަގްއެއް ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި ދާރިސް ބުންޏެވެ.
“ގުޑް…..މޯރނިންގް..ކޮން ތަނަކަށް ގޮއްސަ ތިއައީ؟” ދާރިސްގެ އަޑުގައި ޖޯޝެއް އެކުލެވިފައިވި ގޮތުން ޙައިރާންކަމާއިއެކީ ހިބާއަށް އަހައިލެވުނެވެ. ހިބާ އެ ސުވާލު ކުރުމާއިއެކު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ދާރިސް ފިޔަވަޅުތައް މަޑުޖައްސައިލަމުން ދެލޯ ހަނިކޮށްލިއެވެ.
“ދެން މި ގަޑީގަ ފިރިހެނަކު ގެއަށް އަންނާނީ މިސްކިތުގަ ހުރެފައެއްނު؟ ކުދިންކުދިން ނަމާދު ނުކުރިޔަސް އެހެން މީހުން ނަމާދުކުރަން ޖެހެއޭ…” ދާރިސް ގޮސް ހިބާގެ އަތަށް އެ މަގް ދެމުން އެނދުގައި އިށީނެވެ.
“ކޮފީއެއް ނޫންދޯ؟ ހޮޓް ޗޮކްލެޓް؟ މި ފެނުނީމަ ސްވިސް މަތިން ހަނދާންވަނީ ހުވާ!” ހިބާ އެ މަގްގެ އެތެރެއަށް ނަޒަރެއް ދެމުން ހެވިފައި އިނދެ ބުންޏެވެ.
“ތި ހިނިތުންވުން ފެނިފަ ވެސް ސްވިސް މަތިން އަހަރެން ބައެއްފަހަރު ހަނދާންވޭ. ހެހެ….” ދާރިސް އެހެން ބުނެ ހީލުމުން ހިބާއަށް ވެސް ހީލެވުނެވެ. އެއަށްފަހު ހިބާ ހޮޓް ޗޮކްލެޓް ބޯން ފެށިއެވެ. އެވަގުތު ދާރިސް ލޯތްބާއިއެކީ ހިބާގެ މޫނަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތުގައި އަޅުވައިލަދިނެވެ.
“އަބަދުވެސް ތިގޮތަށް ހިނިތުންވެގެން ހުންނައްޗޭ….މާޒީގަ ހިބާއަށް ލޯބި ނުދިން ހުރިހާ އެންމެންގެ ބަދަލު އަހަންނަށް ފަހަރެއްގަ ނުދެވިދާނެ. އެކަމަކު އަހަރެން މަސައްކަތް ކޮށްދޭނަން އިން ޝާ ﷲ.” ދާރިސް ބުންޏެވެ. އެއާއިއެކު ހިބާ ލަސްލަހުން މަގް ތިރިކޮށްލިއެވެ.
“އަހަރެން ވެސް ހަމަ އެފަދައިން ދާރިސްއަށް ލޯބި ދޭނަން…..އާރ ޔޫ އޯކޭ ނައު؟” ހިބާއަށް ނާހަން އިނދެފައި ވެސް އަހައިލެވުނެވެ. އޭނަގެ އެ ސުވާލާއިއެކީ އިސާހިތަކު ދާރިސްގެ ހިނިތުންވުން ފިލައި ލޯމަތިން ހިތާމަވެރިކަން ފެނިގެން ދިޔައެވެ. އެހެނަސް ދާރިސް ގަދަކަމުން ހިނިތުންވެލަމުން ހޫންލައްވައިލީ ބޯޖަހައިލަމުންނެވެ.
ދާރިސްގެ އެ ޙަރަކާތްތައް ފެނި ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު ވާހަކަ ދެކެވުނެވެ.
“ދާރިސް އިންކާރު ކުރާނެ ކަމަކަށް އެދެން ދެން ބޭނުމެއްނޫން. އެކަމަކު ދާރިސް އަހަރެން މި އެދޭ އެދުން ޤަބޫލުކުރާނެ ކަމަށް އުއްމީދު ކުރަން.” ހިބާ އިސްޖެހިފައި އިނދެ ބުންޏެވެ.
“ކޮން އެދުމެއް؟” ދާރިސް އެހިއެވެ.
“އަހަރެން ދާރިސްގެ މަންމައާއި ބައްދަލުކުރަން ދިޔަދީ. އަދި އެ މަންމައާއި ދާރިސްގެ ވާހަކަ ދައްކަން ފުރުސަތެއްދީ…” ހިބާ އެހެން ބުނެލަމުން ދާރިސްއަށް ބަލައިލިއެވެ. އެއާއިއެކު ދާރިސް އަނެއްކާވެސް ހިމޭންވާ ގޮތްވިއެވެ. ދާރިސްގެ ފަރާތުން ޖަވާބެއް ނުލިބުމުން ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އެތައް ޒަމާނެއްފަހުން ދާރިސް ފެނިފަ ދާރިސްގެ ޚަބަރެއް ވެސް ނުލިބުނިއްޔާ އެ މަންމަ ކިހާ ދެރަވާނެ؟ ދާރިސް ރޭ ދެއްކި ވާހަކަތަކަކުން ހިއެއްނުވޭ އެ މަންމަ ދެރަކުރަން ދާރިސް ވެސް ބޭނުންވާނެހެން.”
ހިބާގެ އެ ވާހަކައަށްފަހު ވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ދާރިސް އެއްވެސް އެއްޗެކޭ ނުބުނާނެކަމަށް ހިބާއަށް ނިންމުނު ވަގުތު، އެންމެ ރަނގަޅޭ ބުނެލި އަޑަށް ހިބާއަށް ދާރިސްއާއި ދިމާލަށް ބަލައިލެވުނެވެ. އެއަށްފަހު އެދެމެދުގައި ހިނިތުންވުންތައް ބަދަލުވިއެވެ.
**
އެދުވަހު ހެނދުނުގެ ސައި ވެގެން ދިޔައީ އަނެއްކާވެސް ގޭގެ އެންމެން އެކީގައި އިންސާފުކުރި ސަޔަކަށްވިއެވެ. ދުވަހަކީ ހުކުރު ދުވަހަކަށްވުމުން އެންމެން ވެސް ވަގުތު ނަގައިގެން ސައި ބޮމުން ދިޔައެވެ. އެހެނަސް އެ ސައިގެ ތެރެއިން ހަމްނާގެ ހިމޭންކަން ފާހަގަވުމުން އަނެއްކާވެސް އިއްޔެގަ ކަންތައް ވީގޮތް ހަނދާންވެ، ހިބާއަށް ވާހަކަ ދެކެވުނެވެ.
“ރޭގަ ކެއިންތަ ހަމް؟ ދޮންތައަށް އެފަހުން ބޭރަށް ނާދެވުނީތީ ވަރަށް ސޮރީ…” ހިބާއަށް ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ޙާލު ބުނެވުނެވެ.
“އިޓްސް އޯކޭ ދޮންތާ. ރޭގަ ކާ ހިތެއް ނެތީމަ ނުކަން.” ހަމްނާ ބުނެލިއެވެ.
“ކީކޭ؟ ހަމަ އެއްވެސް ވަރަކަށް ނުކަން؟” ހިބާއަށް އަހައިލެވުނެވެ.
“އަ…އާނ.”
“އެއީ ކީއްވެ؟”
ހަމްނާގެ ޖަވާބާއިއެކީ ހިބާއާއި ދާރިސްއަށް އެކުއެކީގައި އަހައިލެވުނެވެ. އެއާއިއެކު ހަމްނާ އެ ދެމީހުންނަށް ވަކިވަކިން ބަލައިލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.
“ތެދުތެދަށް ބުނަންޏާ….ދޮންތައާއި ދޮންތަބެ ގާތު ބުނަންޖެހޭ ވާހަކައެއް އެބައޮތް…” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ހަމްނާ ބުންޏެވެ.
ހިބާ ކޮން ވާހަކައެއްތޯ ސުވާލު ކުރުމުން ހަމްނާ އޭނައާއި ނައުފަލްގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ނައުފަލާއި ރައްޓެހިވީ ވާހަކަ ބުނެލީ އެކަން ފޮރުވުނު ކަމަށްޓަކައި ދޮންތަ ގާތުން މަޢާފަށް ވެސް އެދެމުންނެވެ. އެއަށްފަހު އޭނަ ރަނގަޅު އެކުވެރިންނާއި ދިމާވެ އެ ގުޅުން ނިމުމަކަށް ގެންނަން ބޭނުންވި ގޮތްވެސް ހަމްނާ ތަފްޞީލުކޮށް ކިޔައިދިނެވެ. އެއަށްފަހު އިއްޔެ އޭނައާއި ނައުފަލާއި ދެމެދު ދެކެވުނު ވާހަކަތައް ވެސް ހަމްނާ ކިޔައިދިނެވެ.
“ހަމަ އެއްގޮތަކަށް ވެސް ނޭނގެ ނައުފަލް އެ ސުވާލު ކުރަންވީ ކީއްވެ ކަމެއް…ތަންކޮޅެއް ކުރިން ވެސް ނައުފަލް ދޮންތަބެއާއި ގުޅޭ ގޮތުން ބައިވަރު ސުވާލުތައް ކުރި. އޭރު އަހަރެން ނައުފަލްއާއި ވާހަކަ ދައްކަން ޑެސްޕަރޭޓްވެފަ ހުރި ވަރުން ދޮންތަބެ ގެ ވާހަކަތައް ކިޔައިދިނިން. އެކަމަކު ދޮންތަ އެހާ ވަރަށް ބުނެފަ އޮތީމަ މާ ގިނަ ތަފްޞީލެއް ނުދެން. އިސްމާޢީލް އީތަންއާއި ގުޅޭ ގޮތުން މުޅި ދުނިޔެއަށް އެނގޭނެ ވާހަކަތައް އަހަރެން ޙިއްސާ ކުރީ…އައިމް ރިއަލީ ސޮރީ ދޮންތާ އެންޑް ދޮންތަބޭ….އިއްޔެގަ ނައުފަލަށް ޙަޤީޤަތް ކިޔައިދެވިއްޖެހެން ހީވަނީ….” ހަމްނާ އިސްޖެހިފައި އިނދެ އަމިއްލަ ނަފްސު ކުށްވެރި ކުރާ ޙާލު ބުންޏެވެ.
ހަމްނާގެ އެ ހުރިހާ ވާހަކައެއް އިވުމަށްފަހު ހިބާގެ ހިތުގައި ހަމްނާއަށްޓަކައި ފަޚުރުވެރިކަމެއް އުފެދުނުއިރު ކަންބޮޑުވެސް ވިއެވެ. ފަޚުރުވެރިވީ ހަމްނާ ތައުބާވެ، ރަނގަޅު މަގަށް އެޅުނުކަން އެނގުންވުމުންނެވެ. ކަންބޮޑުވީ، މީހަކު ހަމްނާ މެދުވެރިވެގެން ދާރިސްގެ ޙަޤީޤަތް ހޯދަން އުޅުނީތީވެއެވެ. ހިބާއަށް ވަކި އެއްޗެކޭ ނުބުނެވުނީ އެކަމަށްޓަކައި ހިބާއަށް ހިސާބަކަށް އަމިއްލަ ނަފްސުވެސް ކުށްވެރި ކުރެވުނީތީވެއެވެ. މިހާ ދުވަސް ވަންދެން ދާރިސް އެދޭ ފަދައިން ދާރިސް ދުނިޔޭގައި ހުރިކަން ސިއްރެއްގެ ގޮތުގައި އޮވެފައި، އެކަން ފާޅުވާން އުޅެނީ ދާރިސް އޭނައާއި ގުޅުމުން ކަމަށް ޤަބޫލު ކުރެވުމުންނެވެ.
ހިބާއަށް ވަކި އެއްޗެކޭ ނުބުނެވި ވަގުތުކޮޅެއް ވޭތުވުމުން ދާރިސް ވާހަކަ ދެއްކިއެވެ.
“ތި ކުއްޖާގެ ފެމިލީ ހަމްއަށް އެނގޭތަ؟” ދާރިސް ސީރިއަސް ނަޒަރަކާއިއެކީ ސުވާލުކޮށްލުމުން ހަމްނާއާއިއެކީ ހިބާއަށް ވެސް ދާރިސްއާއި ދިމާލަށް ބަލައިލެވުނެވެ.
“ހަމްއަށް މާ ބޮޑަށް ނޭނގޭ. އެކަމަކު ނައުފަލާއި ރައްޓެހިވެގެން އުޅުނުއިރު އޭނަގެ ޕްރޮފައިލް ބެލީމަ އެނގުނީ ބައެއް ފެމިލީ މީހުންނަކީ މާލެއަށް ނިސްބަތްވާ މީހުންކަން. އެއްކަލަ ވަރަށް ފޭމަސް ބިޒްނަސް މޭންއެއް ހުރެއެއްނު؟ މިހާރު ހަނދާނެއް ނެތް އެމީހެއްގެ ނަމެއް. އެމީހާއަކީ ނައުފަލްގެ އަންކަލްއެއް ކަމަށް ޕްރޮފައިލްގަ އޮތީ….އަދި އެ ކޮމްޕެނީގަ ފަރީދުބެ ވޯކްކުރާ ޑިޕާޓްމެންޓްގެ މެނޭޖާރ އާސިފަކީ ނައުފަލްގެ ކަޒިންއެއް….”
ހަމްނާ މިފަހަރު ކިޔައިދިން ވާހަކައިން އިވުނު ނަމާއިއެކީ ދާރިސްއާއި ހިބާގެ ދެލޯ ބޮޑުވެގެން ދިޔަދިޔަހެން އެކަކު އަނެކަކަށް ބަލައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ދެމީހުން އަނެއްކާވެސް ހަމްނާއަށް ބަލައިލިއެވެ.
“އާސިފޭ؟” ހިބާއަށް ޙައިރާންކަމާއިއެކީ އަހައިލެވުނެވެ.
“ފަރީދުބެ ވޯކްކުރާ ކުންފުނީގެ މެނޭޖަރެއްދޯ؟ އާސިފްގެ ބައްޕައަކީ ކާކު؟ އާސިފްގެ މަންމަ ފަރާތުންތަ ނޫނީ ބައްޕަ ފަރާތުންތަ ނައުފަލް އާސިފާއި ތިމާގެއީ؟” ދާރިސް އެތައް ސުވާލެއް އެއްފަހަރާ ކުރީ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ.
“ތި ހުރިހާ ޑީޓެއިލްއެއް ނޭނގޭ ދޮންތަބޭ….ހީވަނީ ނަބީހް ނޫނީ ސިޔާ ކައިރިން އަހައިލީމަ އެ މީހުންނަށް އެނގޭނެހެން. އާސިފަކީ ދޮންތަބެ ގެ ޙަޤީޤަތް ފޮރުވަން ކޮންމެހެން ޖެހޭ މީހެއްތަ؟” ހަމްނާ ދެރަވެފައި އިނދެ ސުވާލުކުރިއެވެ.
“އާސިފަކީ އެހެންނޫނަސް އިތުބާރު ކުރެވޭ ޒާތުގެ މީހެއްނޫން. އޭނަގެ ކައިރީގައި ތިބީ ކޮން ބައެއްކަން އެނގުނިއްޔާ އޭނައަށް ޙަޤީޤަތް އެނގުމުގެ ނުރައްކާތެރިކަން އެނގޭނީ….” ދާރިސް ދެ ފަރާތަށް ކަޅި ހިންގަމުން ވާހަކަ ދެއްކިއެވެ.
“އޮހް އައިމް ސޯ ސޮރީ ދޮންތަބޭ! އަދި އަހަރެން ޔަޤީން ކުރާނަން ނައުފަލަށް ޙަޤީޤަތް އެނގުނުތޯ ނުވަތަ ނޫންތޯ….އަދި އެ ކަޒިންއާއި ގުޅޭ އިތުރު އިންފޯ ވެސް ލިބޭތޯ ބަލާނަން އިން ޝާ ﷲ…” ހަމްނާ އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“އިޓްސް އޯކޭ ހަމް….ހަމް ވެސް ސީދާސީދަލަށް ނުބުނަންދޯ ނައުފަލްގާތު ދޮންތަބެއަކީ އީތަންއޭ. ނައުފަލް އެ ސުވާލު ކުރީމަ ވެސް ނުބުނި ކަމަށްޓަކައި ޝުކުރުވެރިވަން…” ދާރިސް ބުންޏެވެ. އެއާއިއެކު ހަމްނާ އިސްޖަހައިލަމުން ބޯޖަހައިލި ހިނދު، ހިބާއަށް އެ ދެމީހުންނަށް ވަކިވަކިން ބަލައިލަމުން ލުއި ގޮތަކަށް ހިނިތުންވެލެވުނެވެ.
**
ދާރިސްގާތު ބުނި ފަދައިން ހިބާ އެދުވަހު ވެސް މުނީރާއާއި ބައްދަލުކުރަން ނިންމިއެވެ. އެ މަންމަ ދާރިސްއާއި ބައްދަލުކުރަން ކެތްމަދުވެފައިވާނެ މިންވަރު ހިތަށް ގެނެވުނީތީވެއެވެ. އެހެންކަމުން މާޒިންގެ ގޭގެ އެޑްރެހަކަށް ހިބާއަށް އިވިފައިވާ ގެއަށް ދިޔުމަށް ހިބާ ތައްޔާރުވެލީ، އެ ދުވަހު ހަވީރެވެ. ތައްޔާރުވަމުން ދިޔަ ވަގުތު އޭނަ ދަނީ ކޮން ތަނަކަށްކަން ދާރިސްއަށް ވެސް އެންގިއެވެ. އަދި ދާރިސް އޭނައާއި އެއްކޮށް ދާނަންތޯ ސުވާލުކުރިއެވެ. ދާރިސް އެންމެ ފުރަތަމަ އެ ވާހަކަ އިވުނު ފަހަރު ފަދައިން ކުޑަކޮށް ހުއްޓުން އެރިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހިބާ ދިޔަޔަސް އެންމެ ރަނގަޅުކަމަށް ބުނެލީ ހިބާއާއި ހަތަރުކަޅި ހަމަ ކުރުމެއް ނެތިއެވެ.
ހިބާ ގެއިން ނިކުމެ ސައިކަލުގައި ދަތުރު ފަށައިގެން އެހެން އަވަށެއްގައި ހުންނަ މުނީރާގެ ގެއަށް ދެވޭ ގޮތްވީ 15 ވަރަކަށް މިނެޓް ތެރޭގައެވެ. އެ ގެ ހުންނަތަން އެހެން މީހުން ކައިރިން އަހައިގެން ސާފުކުރަން ޖެހުނީތީވެސްމެއެވެ. 15 މިނެޓް ތެރޭގައި ހިބާ ގޮސް ސައިކަލު ޕާކުކޮށްލީ ދެ ބުރިއަށް ނަގާފައި ހުރި ތަނަވަސް ގެއެއްގެ ކުރިމައްޗަށެވެ. ހިބާ ސައިކަލުން ފައިބައިގެން ގޭގެ ހުޅުވިފައިވާ ގޭޓާއި ދިމާލަށް ދިޔައީ، ގޭގެ މަތީބައިން ފެންނަމުން ދިޔަ ބެލްކަންޏާއި، މުޅި ގޭގެ ފާރުތަކުން ފެންނަމުން ދިޔަ މަޑު މުށިކުލައަށް ނަޒަރެއް ދެމުންނެވެ.
އެންމެ ފަހުން ގޮސް ގޭގެ މައިދޮރާއި ހަމައަށް ދެވުމުން، އެ ދޮރުގެ ކައިރިން ފެނުނު ބެލް އަޅުވައިލަން އުޅުނު ތަނާހެން އެ ގޭގެ ކުރިމައްޗަށް ސައިކަލެއް މަޑުކުރި އަޑު އިވުނެވެ. އެ އަޑަށް ހިބާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އެއާއިއެކު ސައިކަލުގައި އިން ޒުވާނާ ހިބާއަށް ފެނުނު ވަގުތަކީ އެ ޒުވާނާ ވެސް ހިބާއަށް ބަލައިލި ވަގުތެވެ. އެއާއިއެކު ހިބާ ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ.
“ފަޒީން…” ހިބާއަށް އެ ނަން ކިޔައިލެވުނީ ހިތާހިތުންނެވެ. ހިބާ ފެނިފައި ފަޒީންގެ މޫނުމަތިން ފެނިގެން ދިޔައީ އޮޅުމެކެވެ.
“ހިބާތަ؟ ހިބާ ކީއްކުރަން މި ގެއަށް އައިސްގެން ތިއުޅެނީ؟” ފަޒީން އެހިއެވެ.
“މި….މިއީ އަހަރެން ކިޔަވައިދޭ ކުއްޖެއްގެ ގެއެއް. އެ ކުއްޖާގެ ބެލެނިވެރިޔާއާއި ކުޑަކޮށް ބައްދަލުކޮށްލަން މި އައީ..” ހިބާ ހިސާބެއްގެ ޖެހިލުންވުމަކާއިއެކީ ބުންޏެވެ.
“އާހް! މި ޒަމާނުގަ އުޅޭ ޓީޗަރުން ގޭގެއަށް ވެސް ގޮސް އުޅޭދޯ؟ އެންމެ ރަނގަޅުތާ….ކޮންމެހެން ތީނައާއި ވާހަކަ ދައްކާކަށް ނޫން މި އައީ. މި ސިޓީ އުރަ މި ގޭގަ އުޅޭ އަންހެން މީހާއަށް ދީ….އޭނަގެ ސޫރަ ދެކެން މަ ކޮންމެހެން ބޭނުމެއްނޫން.” ފަޒީން ސައިކަލުން ފޭބުމަށްފަހު މަޑީގެ ދަށުން ސިޓީ އުރައެއް ނަގައި ހިބާއަށް ދެއްކިއެވެ. އަދި ހިބާއަށް އޭތި ހޯދަން ނުވެސް ދެވެނީސް ސިޓީ އުރަ ބިންމައްޗަށް އުކައިލިއެވެ. އެއާއިއެކު ހުއްޓުންއެރި ހިބާ ނުރުހުންތެރިކަމާއިއެކީ ފަޒީނަށް ބަލައިލި ވަގުތު ފަޒީން އޭނައަށް ބެލުމެއްވެސް ނެތި ސައިކަލަށް އަރައި ދުއްވައިލީއެވެ.
ހިބާ ލަސްލަހުން ގޮސް ބިންމަތީގައި އޮތް އެ ސިޓީއުރަ ނެގިއެވެ. ހުޅުވިފައިވާ އެ ސިޓީ އުރައިން ނިކުމެފައިވާ އެއްޗެއް ފެނިފައި ހިބާގެ ދެބުމަ ކައިރިވިއެވެ.
ނުނިމޭ
eunoia
February 1, 2022 @ 12:24 pm
Vrh reethi mi part vx sis Masha Allah. I hope naufal and aasif won’t know who is dhaaris :/
Also i want to know e letter ga onna ethi..guess it’s abt muneera?or maazin? Well I’m bad at guessing hehe.
when next?<33
Jana
February 2, 2022 @ 1:17 pm
hehe…..Naufal ah olhijje hen heevany dho? vaahaka maa molhu kuran hadhaigen 😛 hehe….ey letter eh baa? hama ekani sitee uraegge vaahaka dho othy? let’s see. hehe….Next part Saturday night ga In Sha Allah. Alhamdhulillah! <3 <3 <3
Dhonthi
February 2, 2022 @ 6:06 am
Assalaamu alaikum Jana dhahthaa 😊
Mi part ves varah varah reethi.. Masha Allah 😍😍
I am so so happy and thankful for hamna….Hamnaa naufal kairee Ethan akee dhaaris ey nubuneema..
Kiyaa hithun indha e nimunee..😢😢
Mihaaru meenee next part ge inthizaaru ga..
Janaa dhahthaa..I have something to ask U..ekam faharegga buneema Janaa dhahtha hiyy hama nujehi dhaane😢
Take care Janaa dhahthaa 😊
Jana
February 2, 2022 @ 1:21 pm
Wa’alaikumussalaam Dhonthi. hehe….Jana ves varah happy Hamna e vaahaka nubuneema. Vaudheh vejjeyya fuhdhan vaane dho? Next part Saturday night ga In Sha Allah.
Yes Dhonthi, ask away. Go to the contact page and leave a msg. It will directly be sent to my mail id. Jana ah time vee irakun reply kuraanan In Sha Allah. Suvaaleh koggen Jana thi heekuraa varah hiy hama nujehidhaanehen hiyeh nuvey. hehe….you too take care Dhonthi :* <3 <3
Ibaa
February 2, 2022 @ 10:10 am
I hope the relation between dhaaris and muneera will be fixed soon . I love the character of hamna. She was so inspiring. and so curious to know what’s in that letter.eagerly waiting..Hope you are fine In Sha Allah.
Jana
February 2, 2022 @ 1:23 pm
Yes we all wish Dhaaris and Muneera to get back together. They just need to get over the scars they have within themselves. And yes Hamna is <3 <3 <3. Let's see what's in the envelope. Next part Saturday night ga In Sha Allah.
Hope you are fine too sis. Love you <3 <3 <3
Alayya
February 2, 2022 @ 9:53 pm
Masha Allah 😍when is next part?