ދާރިސް (ފަންސާސްއަށްވަނަ ބައި)
“އޭ ވަރަށް ލާރިވެސް ހުރި މީހެއްދޯ އެއީ؟ މަގޭ ފިހާރައިގެ ކޮމްޕިއުޓަރު ގަނޑުވެސް ހަލާކުވެގެން މިއުޅެނީ. އޭނަ ގެނެސް މަގޭ ރަނގަޅު ކޮޅުގަ ބަހައްޓަންވީ…”
“ހުމް….ނިކަން ހަދިޔާ ދީގެން ހައްދާފަ ބަހައްޓާތި. ތި އީތަން ތިއީ އަތުން ދޫކޮށްލެވޭ ވަރުގެ މީހެއްނޫން…”
ދެމީހުން އެކީގައި މި ސައްލާ ކުރިއިރު ދެމީހުންނަށް ވެސް ނޭނގުނީ، އެއްފަހަރު ދަށްކޮށް އަނެއްފަހަރު އިޙްތިރާމް މި ކުރެވެނީ އެކަކަށް ކަމެވެ.
**
“އެހެންވީމަ މަންމައަށް އާދެވޭނެދޯ މިއަދު ހަވީރު؟” ހެނދުނު 10 ޖަހަން ގާތްވަމުން ދިޔަ ވަގުތު ދާރިސް އެހެން ބުނެލީ، ސިޓިންގް ރޫމުގެ ސޯފާގައި އިނދެ ފޯނުން ވާހަކަ ދައްކަމުންނެވެ.
“އާނ ދަރިފުޅު….އަންނާނަން ކުޑަކޮށް ދަރިފުޅާއި ވާހަކަ ދައްކައިލަން. އެރޭ އެހާ ގިނައިރު ވަންދެން ވާހަކަ ދެކެވުނުއިރު ވެސް އަދިވެސް ނުބުނެވޭ ވާހަކަތައް އެބަހުރިދޯ؟ 13 އަހަރުވިއްޔާ މި ވީ ދަރިފުޅާއި ދިމާނުވެ…ދެމައިން ދައްކަންޖެހޭ ވާހަކަތައް ހުސްވާނެހެން ހިއެއްނުވޭ. ހެހެ…” މުނީރާ އެކޮޅުން ހީލި އަޑަށް ދާރިސްއަށް ވެސް ހީލެވުނެވެ.
“އަހަރެން ވެސް މިކޮޅުގެ ލައިސަންސް ލިބޭތޯ ބަލަންވީ….އޭރުން މަންމަ ބަލާވެސް ދެވިދާނެއެއްނު؟ ހެހެ….މަމް…ހީވަނީ މިގެއަށް މީހަކު އައިއްސިހެން މަންމާ…އިރުކޮޅަކުން އެބަ ގުޅަން އިނގޭ؟” ދާރިސް ވާހަކަ ދައްކަމުން ގޮސް އެހެން ބުނެލީ، ދާދި ކުއްލި ގޮތަކަށް ގޭގެ ދޮރުގައި މީހަކު ޓަކި ދޭން ފެށި އަޑަށެވެ.
ފޯނު ކަންފަތާއި ދުރުކޮށް، ފޯނު ކަނޑައިލަމުން ދާރިސް ކޮޅަށް ތެދުވެ، އެ ދޮރާއި ދިމާލަށް ދިޔައީ ދެބުމަ ކައިރިކޮށްގެން ހުރެއެވެ. އެފަދައިން ބާރަށް ޓަކިދޭ މީހަކު ދުވަހަކުވެސް އެގެއަށް އައިސްފައިވި ހަނދާނެއް ނައުމުން އެ ވާނީ ކާކަށްކަން ނަގައިގަންނަން އެއްގޮތަކަށް ވެސް ނޭނގުނީތީވެއެވެ.
ވިސްނުމެއްގައި ހުރެ ދާރިސް މި ހުޅުވަނީ ކަމަށް ބުނެ ދޮރު ހުޅުވައިލުމާއިއެކު ފެނިގެން ދިޔައީ އޭނައާއި ދާދި އެއް އިސްކޮޅެއްގެ ޒުވާނެކެވެ.
“ހެލޯ!” ސްޕައިކް އެރުވިފައިވި އިސްތަށިގަނޑުގެ ވެރި އެ ޒުވާނާ ލޮލުގައި ހުރި އަވި އައިނު ނަގައިލަމުން ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“ހައި….ތިއީ ކާކުތޯ؟” ދާރިސްއަށް އަހައިލެވުނެވެ. އެ ޒުވާނާގެ ސޫރަ ފެނިފައި ކޮންމެވެސް ތަނަކުން ފެނުނުހެން ހީވިއެއްކަމަކު އެއީ ކާކުކަން ޔަޤީން ކުރެވޭ ގޮތް ނުވުމުންނެވެ.
“އާދެ….އަޅުގަނޑު މިއީ މި ރަށުގެ އެންމެ މަޝްހޫރު އެއް ވިޔަފާރި ކަމަށްވާ ނީލާ އިންވެސްޓްމެންޓްގެ މެނޭޖަރ….އަޙްމަދު ފަޒީން ޝަފީޢު. ތިއީ ވިންޓޭޖް ޓެކްނޮލޮޖީސްގެ ޗީފް ޑައިރެކްޓާރ، މިސްޓަރ އިސްމާޢީލް އީތަން ދެއްތޯ؟” ފަޒީން ސަލާމަށް އަތް ދިއްކޮށްލަމުން ދެއްކި ވާހަކައާއިއެކީ ދާރިސްގެ ނިތުން ރޫތައް ފިލައިދިޔައެވެ.
ހަމަ އެހިނދު ކުރިމަތިން ފެންނަމުން ދިޔަ ސޫރައިގެ ވެރިޔާ މާޒީގައި އޭނައާއި މެދު ކަންތައް ކުރިގޮތް ހަނދާންވެ ދާރިސްގެ މޭ ނުބައި ކުރިއެވެ. އެހެނަސް ދާރިސް ގަދަކަމުން ހިނިތުންވުމެއް ދައްކަމުން ފަޒީން ސަލާމަށް ދިއްކުރި އަތުގައި ހިފިއެވެ.
“އާދެ….އަޅުގަނޑު މިއީ އިސްމާޢީލް އީތަން. ފަޒީން މިކޮޅަށް ތި ދުރުވެލެއްވީ ކީއްވެތޯ؟” ދާރިސް ސަލާމް ކުރުމަށްފަހު ފަޒީންގެ އަތުން ދޫކޮށްލަމުން ސުވާލުކުރިއެވެ. ފަޒީނާއިމެދު ހިތުގައި ކިތަންމެ ބޮޑު ނުރުހުންތެރިކަމެއް އޮތަސް، ދާރިސް އޭނަގެ އާދައިގެ މަތިން ފަޒީނާއި މުޚާތަބު ކުރީ މާތް ބަހުންނެވެ.
“މި ގެއަށް މިއައީ އަސްލު ހަމަ ތި ބޭފުޅާއާއި ބައްދަލުކޮށްލަންވެގެން. ހިބާއަށް ވެސް އެނގޭނެ އަޅުގަނޑަކީ ކާކުކަން. އަޅުގަނޑު ކިޔެވީ ހިބާއާއިއެކީ. އަޅުގަނޑުގެ ވާހަކައެއް ނުއިވޭތޯ ހިބާގެ ފަރާތުން؟ ހެހެ….” ފަޒީން ހިބާގެ ވާހަކަ ދެއްކިއިރު އެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސްކަމެއް ފާޅުވި މަންޒަރު ދާރިސްއަށް ސާފުކޮށް ފެނުނެވެ. އެހެނަސް އެއީ ކީއްވެކަމެއް އެވަގުތު ނަގައިގަނެވޭ ގޮތެއް ނުވިއެވެ. އޭނަ ދަންނަ ފަޒީނަކީ މީހަކަށް ނުރުހުންވާނަމަ ފާޅުކަން ބޮޑު ގޮތެއްގައި އެކަން ހާމަ ކުރާނެ މީހެކެވެ.
“ހިބާގެ ފަރާތުން އިވިފަ ހުރީ ފަޒީންގެ ވާހަކަ….އަޅުގަނޑަށްވުރެ ކުރިން ހިބާއާއި އިންނަން އެދުނު ފަރާތެއް ދެއްތޯ ތިއީ؟” ދާރިސް ބުންޏެވެ. އެއާއިއެކު ފަޒީންގެ އަނގަ ސަކަރާތްވާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ގަދަކަމުން ހޭންފެށިއެވެ.
“އާހް.ހަހަހަހަ! އެއީ ތަންކޮޅެއް ކުރިން ހިނގައިދިޔަ ކަމެއް. އަޅުގަނޑު ހަނދާނެއް ވެސް ނެތް އެކަމާ ބެހޭގޮތުން. އަސްލު ހިބާގެ ފަރާތުން އިވިފައިވޭހޭ އެހީ ހިބާއަކީ އަޅުގަނޑާއިއެކީ ކިޔެވި ކުއްޖަކަށްވީމަ. ވީ އާރ ބޭސިކަލީ ފްރެންޑްސް. އެހެންވީމަ އުއްމީދު ކުރެވޭ އީތަންއާއި ވެސް ގާތް ގުޅުމެއް ބޭއްވިދާނެކަމަށް….” ފަޒީން ބުންޏެވެ.
ފަޒީންގެ ޙަޤީޤީ ނިޔަތް ދާރިސްއަށް ނަގައިގަނެވުނީ އެ ފަހު ބަސްތަކުންނެވެ. މިއަދު އޭނައަކީ ފަޒީންގެ ކުރިމަތީގައި ބަލިކަށި ފިރިހެން ކުއްޖެއް ނޫންކަން އެނގުންވީ އެ ވަގުތެވެ. އޭނައަށް އެތައް ގޮތަކުން މަލާމާތް ކޮށްފައިވާ މި އިންސާނާ މިއަދު މި މަސައްކަތް ކުރަނީ އޭނައާއި ގާތްވާންކަން އެނގުންވީ ހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ ކަންތައް ރާއްވަވާ ގޮތާއިމެދު އަޖާއިބުވެފައި ހިނދުކޮޅެއް ވަންދެން ހުރެވުނެވެ.
ފަޒީން ދެންވެސް ހިސާބެއްގެ ނުތަނަވަސްކަމަކާއިއެކީ އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ދާރިސް އޭނައަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. އެއަށްފަހު ފަޒީނަށް އެތެރެއަށް ވަނުމަށް ފުރުސަތު ދިނީ، މިއަދު މި ޙާލަތް އޭނައަށް ކުރިމަތިވެފައިވަނީ އޭނަގެ ޢަމަލުތަކުގެ ހެޔޮކަން ސާބިތުކޮށްދިނުމުގެ ފުރުސަތެއްގެ ގޮތުންކަން ދަނެގެންނެވެ.
ފަޒީން ގެއަށް ވެއްދުމަށްފަހު ދާރިސް އޭނައަށް މެހުމާންދާރީ އަދާކުރުމުގެ ގޮތުން ކޮފީ ތަށްޓެއް ވެސް ހަދައިދިނެވެ. އެއަށްފަހު ފަޒީން ދެއްކި ވާހަކަ ރަނގަޅަށް އަޑުއެހިއެވެ. ފަޒީން ބުނި ގޮތުގައި އޭނަގެ ފިހާރައިގެ ކޮމްޕިއުޓަރު ވަނީ ހުއްޓިފައެވެ. އަދި އޭނަ އުޅެނީ އޭތި ރަނގަޅުކުރަން ނޭނގިގެން ކަމަށާއި، އެ ކޮމްޕިއުޓަރުގައި ވިޔަފާރިއާއި ގުޅޭ މުހިންމު ތަފާސް ހިސާބުތައް ހުންނާތީ ކަންބޮޑުވާ ކަމަށެވެ.
“ރީސްޓާޓް ކުރަން މަސައްކަތް ކުރިންތޯ؟” ދާރިސްއަށް އެހެން އަހައިލެވުނީ ޙަޤީޤަތުގައި ވެސް ފަޒީނަށްޓަކައި ހިތުގައިވި ކަންބޮޑުވުމަކާއި އެކީގައެވެ.
“އާދެ….އެއްވެސް ގޮތަކުން ކުރިއެރުމެއް ނުލިބޭ. މިކޮޅުގަ ކޮމްޕިއުޓަރު ބަލައިދޭ މީހުން އުޅެނީއެއް ވެސް ނޫން. މާލޭގަ އުޅޭ މީހުންނަށް މިކޮޅަށް އާދެވޭ ގޮތެއް ނުވާނެ. އީތަން އަޅުގަނޑަށް އެހީވެދެއްވަފާނަންތޯ؟ ވަރަށް އުއްމީދާއި އެކީ އަޅުގަނޑު އީތަންގެ ކައިރިއަށް މިއައީ…” ފަޒީން ނުހަނު އަދަބުވެރިކަމާއިއެކީ ދެރަވެފައި އިނދެ ބުންޏެވެ.
ފަޒީންގެ ދެރަ މޫނު ފެނިފައި އެވަގުތު ދާރިސްގެ ހިތަށް ޝައިޠާނީ ވަސްވާހެއް ވެރިވިއެވެ. އޭނަ ކުޑައިރު ފަޒީން އޭނަ ދެރަކޮށްފައިވަނީ ކިހާ ވަރަކަށްތޯ ހިތަށްއެރިއެވެ. މިއަދު އޭނައަށް މި ވަނީ އޭގެ ބަދަލު ހިފުމުގެ ފުރުސަތު މާ ރަނގަޅަށް ވެސް ލިބިފައިކަމަށް ހިތުގެ ކަނަކުން ގޮވައިލި އަޑު ލިބުނެވެ. އޭނަގެ މަޤާމާއި ބާރުގެ ނުފޫޒުން އޭނައަށް ފަޒީން ކިތަންމެހާ ވެސް ގޮތަކުން ދަށްކޮށް، ބަލި ކުރެވިދާނެއެވެ.
އެހެނަސް މާ ގިނައިރެއްނުވެ ދާރިސް އެ ޚިޔާލުތައް އޭނަގެ ސިކުނޑިން ފޮޅުވައިލިއެވެ. ބާރާއި ނުފޫޒު ދެއްވަނީ ހަމައެކަނި ﷲ ކަން ހަނދާން ކުރަމުންނެވެ. މި ދުނިޔޭގެ ޒީނަތްތެރިކަން އެކަލާނގެ އިންސާނުންނަށް ދެއްވަނީ، އޭގެ ބޭނުން ހިފައި އެންމެ ހެޔޮ ޢަމަލުތައް ކުރަނީ ކޮން ބައެއްތޯ އިމްތިޙާން ކުރެއްވުމައްކަން ހަނދާން ކުރަމުންނެވެ. އަދި އާޚިރަތުގެ ރީތިވެގެންވާ ސުވަރުގެ ލިބުން އެންމެ ގާތީ، މި ދުނިޔޭގައި ތިމާގެ އަމިއްލަ ނަފްސަށް މަތިވެރިކަން ނޭދޭ މީހަކަށްކަން ވެސް ހަނދާން ކުރަމުންނެވެ.
“އެންމެ ރަނގަޅު….އަޅުގަނޑު އެހީވެދޭނަން އިން ޝާ ﷲ…” ދާރިސް ހިނިތުންވުމަކާއިއެކީ ފަޒީނަށް އެހީވުމަށް އެއްބަސްވީ، އީމާންތެރިކަމުގެ ސަބަބުން ހަމަޖެހުން ލިބިފައިވި ހިތަކާއިއެކީގައެވެ.
“ވާވް! ދެޓްސް ސޯ ކޫލް! ކިހާ ވަރަކަށްތޯ ޕޭއިކުރަން ޖެހޭނީ؟” ފަޒީން އުޖާލާވި ހިނިތުންވުމަކާއިއެކީ އެހިއެވެ.
“ކުރަންޖެހޭ މަސައްކަތަށް ބަލާފަ އަގެއް ބުނާނަން އިން ޝާ ﷲ! ކޮން އިރަކު އައިމަތޯ ރަނގަޅުވާނީ؟” ދާރިސް އެހިއެވެ.
“ހަމަ އީތަންއަށް އެންމެ ފަސޭހަ ވަގުތެއްގަ ދުރުވަންވީ…ވަރަށް އުފާވެއްޖެ ހަމަ އަސްލުވެސް!” ފަޒީން ބުންޏެވެ.
އެއަށްފަހު ފަޒީން ސޯފާއިން ތެދުވެލީ، އެވަގުތު އޭނަ ތަނަކަށް ދާން އެބަޖެހޭ ކަމަށް ބުނަމުންނެވެ. އެއާއިއެކު ދާރިސްވެސް ފަޒީނާއި ސަލާމްކޮށްލަމުން އަލްވަދާޢު ކިޔުނެވެ.
ފަޒީން އެގެއިން ނިކުންނަން ދިމާކުރި ވަގުތަކީ، ކަޅުކުލައިގެ ކާރެއް އައިސް އެ ގޭގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތެވެ. އެއީ މަންމަކަން އެނގުމާއިއެކު ދާރިސްގެ ހިތް އުފާވީ ހިނދު، އެތާ ފަޒީން ހުރިކަން ފާހަގަވުމުން ސިކުނޑި ހާސްވާ ގޮތްވެސްވިއެވެ. މަންމަ އެގެއަށް އަންނަންވީ ސަބަބެއް ފަޒީނަށް ކިޔައިދޭނެ ގޮތް ނުވިސްނުމުންނެވެ. ފަޒީން މާ ބޮޑު އަޅައިލުމެއްނެތި، މަންމައަށް ސަމާލުކަން ނުދީ އެގެއިން ނިކުމެގެން ދާނެ ގޮތެއްވުމަށް ދާރިސްއަށް އުއްމީދު ކުރެވުނެވެ. އެހެނަސް ކަންތައްވެގެން ދިޔައީ ދާރިސް ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.
ހިބާމެން ގެއިން ނިކުންނަމުން ދިޔަ ފަޒީން ވެސް ގޭގެ ކުރިމަތީގައި އޮތް ކަޅުކުލައިގެ ކާރު ފެނިފައި ފިޔަވަޅުތައް މަޑުޖައްސައިލީއެވެ. އެވަގުތު ފަޒީންގެ މޫނު ނުފެނުނެއްކަމަކު އެވަގުތު އެ މޫނުމަތިން ފެންނަމުންދާނީ ޙައިރާންކަމެއްކަން ދާރިސްއަށް އަންދާޒާ ކުރެވުނެވެ. ދާރިސްއަށް އިތުރު އަންތަރީސްކަމެއް ލިބިގެން ދިޔައީ، ޚުދު މަންމަވެސް ގެއަށް ވަންނަމުން ދިޔަ ވަގުތު ފަޒީން ފެނިފައި ހުއްޓުން އެރުމުންނެވެ. މަންމަ އެއްފަހަރު ފަޒީނަށް އަނެއްފަހަރު ދާރިސްއަށް ބަލައިލީ، ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވެފައިވި މޫނަކާއި އެކީގައެވެ.
“މިތާ ކީއްތަ ތިކުރަނީ؟” ފަޒީން އެ ސުވާލުކޮށްލި އަޑު ދާރިސްއަށް ވެސް އިވުނެވެ. އެ ހިނދު، މަންމައާއި ސުވާލު ކުރެވުނު ރާގުން ދާރިސް ނުރުހުންވާ ގޮތްވިއެވެ.
“މި…މިގޭގަ އުޅޭ ކުއްޖަކާ ބައްދަލުކޮށްލަން މި އައީ…” މަންމަ ތުރުތުރެއް އެކުލެވިފައިވި އަޑަކުން ޖަވާބު ދިން ގޮތުން ދާރިސްގެ ދެބުމަ ކައިރިވިއެވެ.
“މިގޭގަ؟ ހިބާއާ ބައްދަލުކުރަން ދޯ ތި އައީ؟ ހިބާ މި ގަޑީގަ ގޭގަ ހުންނާނެހެން ހިއެއްނުވޭ އެކަމަކު…” ފަޒީން ދެންވެސް ހަރުކަށި ޒާތަކަށް ވާހަކަ ދެއްކުމުން ދާރިސްއަށް ކެތްކުރެވޭ ގޮތެއް ނުވިއެވެ.
“ހިބާ ބައެއް ދުވަސްދުވަހު ސެޝަންގެ ތެރެއިން ވެސް މި ގަޑީގަ ގެއަށް އާދޭ!” ދާރިސް ސާބިތުކަން އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ. އެއާއިއެކު ފަޒީނާއިއެކީ މުނީރާގެ ނަޒަރު ވެސް އޭނައަށް އަމާޒުވިއެވެ. ދާރިސް ނުރުހުންވެފައި ހުރި މަންޒަރު ފެނުމާއިއެކު ފަޒީން ހިނިތުންވުމެއް ފަތުރައިލަމުން ގަދަކަމުން ހީލިއެވެ.
“އޮހް! އެހެން ދެއްތޯ؟ ހެހެ…..ހިބާގެ ސްޓޫޑެންޓެއްގެ މަންމައެއް މިއީ. އަޅުގަނޑުގެ ނެއިބާރއެއްވީމަ އަޅުގަނޑަށް އެނގެނީ. ހެހެ….” ފަޒީން ނުތަނަވަސްކަމާއިއެކީ މަތި އޮމާންކުރަން މަސައްކަތް ކުރަމުން ބުންޏެވެ.
ދާރިސް ވަކި އެއްޗެކޭ ބުނުމެއްނެތި ބޯޖަހައިލީއެވެ. އެއާއިއެކު ފަޒީން ދެންވެސް ހިނިތުންވުން ދަމަހައްޓަމުން އަލްވަދާޢު ކިޔުނެވެ. ދާރިސް ވަކި އެއްޗެކޭ ނުބުނުމުން ފަޒީން ހިސާބަކަށް ލަދުގެންފައި ހުރެ އެގެއިން ނިކުމެގެން ދިޔައީއެވެ.
ފަޒީން ލޯ މައްޗަށް ގެއްލުމާއިއެކު މުނީރާ ދާރިސްގެ ކައިރިއަށް ދާންފެށިއެވެ. އެވަގުތު މަންމަ އޭނައާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތް ކުރިކަން ދާރިސްއަށް މާ ރަނގަޅަށް ވެސް ފާހަގަކުރެވުނެވެ.
“އެތެރެއަށް ވަދޭ މަންމާ….” ކިތަންމެ ގިނަ ސުވާލެއް އެއްފަހަރާ ދާރިސް ކުރަން ބޭނުންވިއެއްކަމަކު އެންމެ ފުރަތަމަ މަންމަ ހިތްހަމަޖައްސައިލަން ބޭނުންވިއެވެ. އެކަން ކާމިޔާބު ވެސްވިއެވެ. މަންމަ ހިނިތުންވެލަމުން އޭނައާއިއެކީ ގެއަށް ވަދެގެން އައެވެ.
މަންމަ ކުރީ ދުވަހު އޭނައަށް ވަޢުދުވި ފަދައިން އޭނައަށް ކުޑައިރު މީރުވި ޒާތެއްގެ ސޭންޑްވިޗެއް ހަދަން، އޭނަ މަންމައާއިއެކީ ދިޔައީ ބަދިގެއަށެވެ. އެ މަސައްކަތުގައި ދާރިސް މަންމައަށް އެހީވެދޭން އުޅުނެއްކަމަކު މަންމަ އެކަމާއި ރުހޭ ގޮތެއްނުވިއެވެ. އެހެންކަމުން މަންމަ މަސައްކަތް ކުރަމުން ދިޔައިރު ދާރިސް މަންމަގެ ކައިރިން ކެބިނެޓްގެ މަތީގައި އިށީނދެގެން އިނީއެވެ.
މަންމައާއިއެކީ ކުޑައިރުގެ އެތައް ހަނދާނެއް އާ ކުރުމަށްފަހު ދާރިސްއަށް އެންމެ ފަހުން ނުހުރެވިގެން ފަޒީނާއިމެދު ސުވާލުކުރެވުނެވެ.
“ދެންމެ މިގެއަށް އައިއްސަ އެ ދިޔައީ ކާކުތަ މަންމާ؟” ދާރިސް ސުވާލުކުރިއެވެ. އެ ސުވާލާއިއެކީ މަންމަގެ މޫނުން ފާޅުވި ޖެހިލުންވުން ދާރިސްއަށް ސިއްރެއް ނުވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މަންމަ ހީލިއެވެ.
“ތި ސުވާލު މަންމަ ކަންނޭނގެ ދާރިސްއާއި ކުރަންވީދޯ؟ ހެހެ….ދާރިސްގެ ގެއަށް އަންނަ މެހުމާނެއްގެ ތަފްޞީލު ދާރިސްއަކަށްނު އެނގޭނީ؟” މަންމަ މަސައްކަތުގެ ތެރެއިން ވާހަކަ ދެއްކިއެވެ. އެއާއިއެކު މަންމަ ވާހަކަ އޮޅުވަނީކަން އެނގުންވި ދާރިސް ފުން ނޭވައެއް ދޫކޮށްލިއެވެ.
“އެއީ އަހަރެން މި ރަށަށް ބަދަލުވި އަހަރު އަހަންނާއި އެކީގަ ކިޔެވި ކުއްޖެއް. އަމިއްލަ އެކުވެރިންނާއި ވެގެން އަހަންނަށް ވަރަށް ބޮޑަށް މަލާމާތްކުރި ކުއްޖެއް. ސްކޫލަށް ދިޔަ ފުރަތަމަ ދުވަހުން ފެށިގެން ވެސް…” ދާރިސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިން ވާހަކައިން، ދެލޯ ބޮޑުވެގެން ދިޔަ މުނީރާއަށް ދާރިސްއާއި ދިމާލަށް ބަލައިލެވުނެވެ.
“އަހަންނަށް މާނަވެސް ނޭނގޭ ހުތުރު ބަހުން އަހަންނާއި މުޚާތަބުކޮށް، އަހަންނަށް އެކި ޒާތުގެ އަނިޔާދީ، އަހަރެން ލައްވާ އޭނަގެ ބޫޓު ފޮހެ، ނާޑުވާ އަޅުވައި އެހެނިހެން މަސައްކަތްތައް ވެސް ކުރުވި މީހެއް އެއީ…” ދާރިސް އިތުރަށް ތަފްޞީލުކޮށްދިނެވެ. އެހިނދު މުނީރާއަށް ވައި އަޑުން ދަރިފުޅޭ ކިޔައި ގޮވައިލެވުނެވެ.
“ހެހެ….އެނގޭތަ މަންމާ؟ އެދުވަސްކޮޅު ވެސް އަހަރެންގެ ދިފާޢުގަ ކޮޅަށް ތެދުވި ކުއްޖަކީ ހިބާއޭ. ބުނީމެއްނު ހިބާ ކުޑައިރު ވަރަށް ރުޅިގަދަ ވާހަކަ؟ އެ ރުޅި ހިބާ އަބަދުވެސް ބޭނުންކުރާނީ ރަނގަޅު ސަބަބުތަކަށްޓަކައި. އެއީ ވެސް އަހަރެން އެ ކުއްޖާދެކެ މިހާ ބޮޑަށް ލޯބިވާ އެއް ސަބަބު…”
“ހުމް…ހިބާ ވެސް އެރޭ ކުޑަކޮށް ތި ވާހަކަ ކިޔައިދިނޭ. އެކަމަކު…..މިއަދު ކީއްވެ ފަޒީން ދަރިފުޅާއި ބައްދަލުކުރަން އެ އައީ؟”
“އޭނަ އައީ ދާރިސްއާއި ބައްދަލުކުރާކަށް ނޫން. އިސްމާޢީލް އީތަންއާ ބައްދަލުކުރަން. އޭނަ ފިހާރައިގަ ގެންގުޅޭ ކޮމްޕިއުޓަރު ހަލާކުވެގެން އޭތި ރަނގަޅުކޮށްދޭށޭ ބުނަންވެގެން އައީ. ވަރަށް ބޭނުންވި އޭނައާއި ބަދަލު ހިފުމުގެ ގޮތުން އެހީނުވާން. އެކަމަކު އޭރުން އަހަރެން ވެސް ހަމަ އޭނައާއި އެއްފަދަ ވާނީ ދޯ؟ ޘަވާބެއް ލިބޭތޯ އޭނައާއި އެހީވާން އަހަރެން އެއްބަސްވީ….އެކަމަކު ގެއިން ނިކުމެގެން ދިޔަ ވަގުތު އޭނަ މަންމައާއި ވާހަކަ ދެއްކި ގޮތުން އެ ޚިޔާލު ބަދަލުކުރަން ބޭނުންވި…އޭނަ މަންމައާއި އެ ގޮތަށް ވާހަކަ ދެއްކީ ކީއްވެ؟ އޭނައަށް މަންމަ އެނގެނީ ކިހިނެއް؟”
ދާރިސް މަންމައަށް ބަލައިލަމުން ސުވާލުތައް ކުރިއެވެ. އެއާއިއެކު މަންމަ އޭނަގެ މޫނުން ނަޒަރު ވަކިކޮށް ފުން ނޭވައެއް ދޫކޮށްލިއެވެ.
“އެއީ މަންމަގެ ފިރިމީހާގެ ފުރަތަމަ ކައިވެނިން ލިބިފައި ހުންނަ ދަރިއެއް….ދަރިފުޅު ގާތު މި ވާހަކަތައް ކިޔައިދޭން ޖެހިލުންވޭ އެކަމަކު…މަންމަ މީހަކާއި އިނީ ދެ އަންބަށް….އޭރު މަންމައަކަށް ނޭނގެ ފަޒީނަކީ ދަރިފުޅަށް އެހާ އިހާނެތިކޮށް ކަންތައް ކޮށްފަ ހުރި ކުއްޖެއްކަމެއް. އެ ނޫންނަމަ އެ މީހުންނާއި އެއްގޮތަކަށް ވެސް ގުޅުމެއް ނުބޭއްވީމުސް!” މުނީރާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އެ އަޑު ރޫރޫއެޅިއެވެ. އެ ހިނދު ދާރިސް ކެބިނެޓް މަތީގައި ބޭއްވިފައި އޮތް މަންމަގެ އަތްމަތީގައި އަތް އެޅިއެވެ.
“ތިހެން ނުބުނޭ މަންމާ….ފަޒީން ކުރިކަމެއް އޮންނާނީ ފަޒީންއަށް. އެއީ ކޮންމެހެން މަންމަ ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރު ކުރި މީހެއްގެ ހުރި އުނިކަމެއް ނޫން. މަންމަ ތި ވާހަކަ އަހަންނަށް ކިޔައިދޭން ޖެހިލުންވާންވީ ސަބަބެއް ވެސް ނެތް. މަންމަ ޒަވާޖީ ޙަޔާތެއް ފަށައިގެން އުފަލުގަ އުޅެންޏާ އެއީ އަހަންނަށް ވެސް ލިބޭނެ އުފަލެއް….މާޒިންގެ ބައްޕަ ދޯ އެއީ؟ މާޒިންގެ ބައްޕަ މަންމައަށާއި މާޒިންއަށް ރަނގަޅުތަ؟ މަންމަމެންނަށް ވަގުތުދޭތަ؟”
ދާރިސް އެ ވާހަކަތައް ދެއްކިއިރު އެތައް ޖަޒުބާތެއް ހިތަށް އަރާ ފައިބަމުން ދިޔައެއްކަމަކު އޭނައަށް ދެންމެ ބުނެވުނު ފަދައިން، އެ ޖަޒުބާތުތަކުގެ މައްޗަށް ބާރު ހޯދާފައިވީ މަންމަގެ އުފަލަށްޓަކައިވީ އުފަލެވެ. އެހެނަސް ހިތުގެ ކަނެއްގައި ކަންބޮޑުވުމެއްވީ، ދެންމެ ފަޒީން ކަންތައް ކުރި ގޮތުން މަންމައަށް އެ ޒަވާޖީ ޙަޔާތުގެ ހަމަޖެހުން ނުލިބޭނެހެން ހީވުމުންނެވެ.
“އާނ….ޝަފީޢު ވަރަށް ރަނގަޅު. މަންމައާއި މާޒިންއަށް ބޭނުންވާނެ ހުރިހާ އެއްޗެއް އަބަދުވެސް ހޯދައިދޭ. ހެހެ….” މުނީރާ ކިޔައިދިނެވެ. މަންމަ އެ ވާހަކަ ބުނިއިރު އެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ދާރިސްއަށް ސާފުކޮށް ފާހަގަ ކުރެވުނެވެ. މަންމަ އޭނައަށް ސިއްރުކުރަން އުޅޭ ވާހަކަތައް ހުރިހެން ހީވުމުން ދާރިސް އިތުރު ސުވާލުތައް ކުރަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު މަންމަ، މަސައްކަތަށް އަނބުރައި ދަމުން، ޓޯސްޓަރެއް އެބަހުރިތޯ ބުނެ ވާހަކަ އޮޅުވައިލުމުން، ދާރިސް އިތުރަށް އެ ވާހަކަ ދައްކާކަށް ނުއުޅުނެވެ.
**
އަމިއްލަ ކެބިންގެ މޭޒުދޮށުގައި އާސިފް އިންއިރު އޭނަވީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. މޭޒުމަތީގައި ބޭއްވިފައި އޮތް ބިއްލޫރި ބަރު، ދޭތެރެދޭތެރެއިން މޭޒުގައި މަޑުމަޑުން ޖަހަމުން ދިޔަ ގޮތުން ކެބިން ތެރޭގައި ރާގެއްގެ ޒާތަށް އެ އަޑު އިވެމުން ދިޔައެވެ.
އެހެން އިންއިރު އޭނައަށް ވިސްނެމުން ދިޔައީ ދާދި ދެންމެއަކު އޭނައަށް އައި ފޯނުކޯލުތަކާއި، އެ ކޯލުތަކުގެ ތެރެއިން އޭނައަށް އިވުނު ވާހަކަތަކާއި މެދުގައެވެ.
“އޭ އާސިފް! އެއްކަލަ އީތަން އަހަރެންގެ ކޮމްޕިއުޓަރު ރަނގަޅު ކޮށްދޭން ވަރަށް ފަސޭހައިން އެއްބަސްވެއްޖެ! ވަރަށް ރަނގަޅު މީހަކާ ވައްތަރީ….މަ ދެން އޭނަ ގެންގުޅޭނީ ގާތް އެކުވެރިއެއްގެ ގޮތުގަ ހަމަ… އެއީ މާ އުދަގޫ ކަމަކަށް ވާނެހެން ހިއެއްނުވޭ.”
އެންމެ ފުރަތަމަ ލިބުނު ކޯލުގެ ތެރެއިން އޭނަގެ އެކުވެރި ފަޒީން ބުނެލީ އެހެންނެވެ. އެވަގުތު އެ އީތަންގެ ހެޔޮ ވާހަކައެއް އޭނަގެ އެކުވެރިޔާގެ ފަރާތުން އިވުމުން ވެސް ހިތުގައި ޙަސަދަވެރިކަމެއް އުފެދުނެވެ. އެހެނަސް ނޫންކަމަށް ހަދަމުން ފަޒީނާއި އެއްބައިވެ އޭނަގެ ފަރާތުން ގިނަ ފައިސާއާއި ފައިދާތައް ހޯދޭތޯ މަސައްކަތް ކުރާށޭ ބުނެލެވުނެވެ. އަދި އޭނަ މާލެ ގެނެވޭނެ ގޮތެއް ރޭވުމަށް ފަޒީންގާތު އެދުނެވެ.
“ތިކަން ކުރެވިދާނެ މާ ފަސޭހައިން ވެސް! މިހާރު ވެސް އެއީ އަހަރެންގެ އެކުވެރިއެއްހެން ހީވާ ފަދައަކުން ވާހަކަ ދެއްކީ…އަދި އެނގޭތަ؟ ވަރަށް ޒާތެއްގެ ކަމެއް ދިމާވި އެގެއަށް ގޮއްސަ ހުއްޓާ. އަހަރެން އެގެއިން ނިކުންނަމުން ދިޔަ ވަގުތު ބައްޕަގެ ދެވަނަ އަނބި އެގެއަށް ވަދެގެން ދިޔައީ….އެ މުނީރާގެ ދަރިއަށް ކިޔަވައިދޭ ޓީޗަރެއް ހިބާއަކީ. ހިބާ އެގޭގަ ހުންނާނެ ވަގުތެއް ވެސް ނޫން އެއީ…ފަހުން ވިސްނައިލީމަ ހިތަށްއެރީ އާސިފް ބުނީ ތެދެއްބާއޭ….ހިބާއާ ބައްދަލުކުރަން ނޫނިއްޔާ….މުނީރާ ދިޔައީ އީތަންއާއި ބައްދަލުކުރަންތަ؟ އީތަން އޭކޭއޭ ޕޮސިބަލް ދާރިސް؟”
ފަޒީން ކޮށްލި އެ ސުވާލުން އާސިފްގެ މެއަށް ފިނިވާ ގޮތްވިއެވެ. އިސާހިތަކު ފަޒީންގެ ކޯލު ނިންމައިލުމަށްފަހު އާސިފަށް ގުޅައިލެވުނީ އޭނަގެ ބައްޕައަށެވެ. އެއަށްފަހު ދެންމެ އިވުނު ވާހަކަތައް ކިޔައިދެވުނެވެ.
“އޮހް! އެހެންވީމަ އީތަންއަކީ ދާރިސްއަށްވުން ވަރަށް ގާތްދޯ؟ އެހެންވިއްޔާ ތީނަ ނިކަން ކައިރި ކޮށްގެން އުޅެއްޗޭ އާސިފް!” ބައްޕަގެ ފަރާތުން އިވުނު ވާހަކައިން އާސިފްގެ ބުމަގޮށްޖެހުނެވެ.
“ބައްޕާ! އެއީ ދާރިސްއަށްވެއްޖެއްޔާ އޭނަގެ ދުވަސް ދުއްވައިލަން ނޫންތަ ބައްޕަ ނިންމީ؟!” އާސިފް ސުވާލުކުރިއެވެ.
“ހުމް….އެހެން ހަދާނީ އަހަރުމެންނަށް އޭނަ ހައްދައިގެން ނުގެންގުޅެވުނިއްޔާ….އެކަމަކު ފަޒީނާއި އޭނަގެ އެކުވެރިކަމުގެ ހިޔަލުގަ އަހަރުމެންނަށް އޭނަގެ ފައިދާ ވެސް ނެގިދާނެދޯ؟ އެހެންނޫނަސް އޭނައަށް އަހަރުމެންނަކީ ކޮބައިކަން ނޭނގި ހިނގައިދާނެ. ވަރަށް ކުޑައިރު އޭނައަށް އަހަރެން ފެނިފަ ހުރިއްޔާ ވެސް ހުންނާނީ. އެގޮތަށް ވެއްޖެއްޔާ ވީހާ ވެސް ގިނަ ދުވަސް ވަންދެން އަހަރުމެންނަށް އޭނަ ލައްވާ އަހަރުމެންގެ ކުންފުނި ކުރި އެރުވިދާނެދޯ؟ ތަންކޮޅެއް ރަނގަޅު މުސާރައެއް ދީފަ މެނޭޖާރ ނޫނީ ޑައިރެކްޓަރެއްގެ މަޤާމު އޭނައަށް ދޭނީ…”
ބައްޕަ އެކޮޅުން ދެއްކި ވާހަކައިން އާސިފްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަދި އަމުދުން ބައްޕަ އޭނަ ދައްކަން އުޅުނު ވާހަކައެއް އަޑު އެހުމެއްނެތި ފޯނު ކަނޑައިލުމުން އާސިފްގެ ރުޅިވެރިކަން ދެގުނަވިއެވެ. އެ އީތަންއެއްގެ ސަބަބުން އޭނަގެ ވަށައިގެންވި މީހުންގެ ނަޒަރުގައި އޭނަގެ މަޤާމް ދަށްވެގެން ދަނީހެން ހީވާންފެށިއެވެ.
އެ ވަގުތު ވެސް އެ ޚިޔާލު އާވުމުން ބޮލަށް ކުރި ބާރާއިއެކީ ބޮލުގައި ރިހުމެއްވެސް އުފެދެން ފެށިހެން ހީވުމުން އާސިފް އަތުން ހިފަހައްޓައިގެން ހުރި ބަރު، ނުހަނު ބާރު އަޑަކާއިއެކީ މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ރުޅިން ރަތްވެފައިވި މޫނުކާއިއެކީ މޭޒުމަތީގައި ބެހެއްޓިފައިވި އޮފީސް ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖައްސައިލަމުން ނަންބަރަކަށް ފިތައިލިއެވެ. އެއަށްފަހު އެންމެ ރިންގަކާއިއެކީ ވާހަކަ ދެއްކިއެވެ.
“ހެލޯ….ކޮމްޕެނީ ޕްރެޒިޑެންޓްގެ ހުރިހާ މަޢުލޫމާތެއް އަހަންނަށް ހޯދައިދީ….ވީހާވެސް އަވަހަކަށް!” އާސިފް އިންތިހާ ދަރަޖައިގެ ސީރިއަސްކަމާއިއެކީ ބުނެލިއެވެ.
“އެކަމަކު ސާރ….ޕްރެޒިޑެންޓްގެ ހުރިހާ މަޢުލޫމާތަކީ ވަރަށް ކޮންފިޑެންޝަލް މަޢުލޫމާތުތަކެއް. ފޮރިންގް ބަރާންޗްތަކުގެ އެންމެ މަތީ ބޭފުޅުންނަށް ނޫނީ ޕްރެޒިޑެންޓްގެ ސެކްރެޓަރީގެ މަޢުލޫމާތެއް ވެސް ސާފެއްނުވާނެ.” އެކޮޅުން އާސިފްގެ ސެކްރެޓަރީ ވާހަކަ ދެއްކިއެވެ.
“މަށަށް ވަރިހަމަ ކިތަންމެ ބަޔަކަށް ސިއްރުކޮށްފަ ހުއްޓަސް! އެއީ މަގޭ ކާފަ! މަގޭ ބައްޕަގެ ބައްޕަ! މަގޭ އަމިއްލަ ކާފަ ހުރިތަން އެނގުމުގެ ޙައްޤު މަށަށް ވެސް ލިބިގެންވޭ….ތި ބުނާ ސެކްރެޓަރީއެއް ވަޒީފާއިން ވަކި ކުރުމުގެ ބާރުވެސް މަށަށް ލިބިގެންވޭ. އޭނަ އަދި މާ ފޮނި މީހެއްކަމަށް ހެދިގެން އެ އުޅެނީ….އިތުރު އެއްވެސް އެއްޗެކޭ ނުކިޔާ މަ މި ބުނާ ގޮތަށް ހަދާ!”
އާސިފް އެހެން ބުނެ ބާރު އަޑަކާއިއެކީ ފޯނުގެ އަތްގަނޑު ބޭއްވިއެވެ. އެހިނދު އޭނަ ރުޅިން ތުރުތުރު އަޅައެވެ.
**
ލަންކާގައި ހުރި 5 ތަރީގެ ހޮސްޕިޓަލުގައި ދެލޯ މެރިފައި އޮތީ މުސްކުޅި ފިރިހެނެކެވެ. އެމީހާގެ ބޮލުގެ ބޮޑުބައެއް ތަލަވެފައިވީއިރު، ފެންނަމުން ދިޔަ ހުރިހާ އިސްތަށްޓެއްވަނީ ނުރަވެފައެވެ. މޫނުގައި ރޫތައް ގިނަވެ، ބުމަވެސް ނުރަވާން ފަށާފައިވިއެވެ.
އެ ފިރިހެން މީހާގެ ރޫމަށް ވަންނަން އައީ ނަރުސް ކުއްޖާ ދޮރާއި ހަމަވީ ވަގުތު، ދޮރުގެ އަތްގަނޑުގެ ކައިރީގައިވި ގޮޅީގައި، ބަލިމީހާގެ ނަން ލިޔެވިފައިވި ކާޑެއް ގޮޅިއަކަށް ލެވިފައިވިއެވެ. ނަމަކަށް ލިޔެވިފައި އޮތީ ‘ޢަލީ ޢަބްދުއްރައްޒާޤް’ އެވެ.
ނަރުސްކުއްޖާ ދޮރު އެއްފަރާތަކަށް ކަހައިލި އަޑަށް ވެސް ރައްޒާޤު ހޭލެވޭ ގޮތެއް ނުވިއެވެ. ނަރުސްކުއްޖާ އޭނަ ގެނައި ތަބަކެއް ގެނެސް، އެނދުގެ އަރިމަތީ މޭޒުމަތީގައި ބެހެއްޓުމަށްފަހު ވާހަކަ ދެއްކިއެވެ.
“މަނިކުފާނު ބޭސް ބައްލަވަންޖެހޭ ގަޑި ޖެހިއްޖެ.” އެނދުގެ ކައިރީގައި ހުއްޓިހުރެ ނަރުސްކުއްޖާ އިނގިރޭސި ބަހުން ބުންޏެވެ. އެހެނަސް އެއިން ވެސް ރައްޒާޤު ކުޑަކޮށް ހިރުވުން ނޫންކަމެއް ނުވިއެވެ.
ހަމަ އެވަގުތު އަނެއްކާވެސް ރޫމުގެ ދޮރު ކެހިގެން ދިޔަ އަޑާއިއެކީ ވޯޑަށް ވަދެގެން އައީ، ކޯޓު ފަޓުލޫނުގައި ހުރި ޒުވާނެކެވެ. ޒުވާނާ ފެނުމާއިއެކު ނަރުސްކުއްޖާ ރައްޒާޤަށް ޢިޝާރާތްކުރަމުން ބޯހޫރުވައިލިއެވެ. އެއާއިއެކު ޒުވާނާ އެ ޢިޝާރާތް ނަގައިގަންނަމުން ދިގު ފިޔަވަޅުތަކާއިއެކީ ދިޔައީ، ބަލިމީހާގެ އެނދުގެ ކުރިމައްޗަށް ވާގޮތަށް ހުރި ހުދުކުލައިގެ ފަރުދާތަކާއި ދިމާލަށެވެ. ފަރުދާތަކާއި ހަމަވުމާއިއެކު ދެވަނަ ވިސްނުމެއްނެތި ޒުވާނާ އެ ފަރުދާ ދެ ފަރާތަށް ކަހައިލިއެވެ. އެއާއިއެކު ފެނިގެން ދިޔައީ، ނޫކުލައިގެ ސާފު އުޑާއި، ބިޔަ ގަސްތަކުގެ ފެހިކުލަ ގަދަ ގޮފިތައް ހިމެނޭ ހިތްގައިމު މަންޒަރެކެވެ.
ފަރުދާ ކަހައިލެވިގެން ދިޔުމާއިއެކު އަނދިރިކަމެއް ވެރިވެފައިވި އެ ކޮޓަރިއަށް އަލިކަން ވެރިވިއެވެ. ޒުވާނާ ކުޑަކޮށް އެއްފަރާތް ވެލުމުން އެ އަލި، އެނދުގައި އޮތް ރައްޒާޤުގެ ލޯ ތަގުޅިވެ، މޫނު އެއްފަރާތަކަށް އަނބުރައިލިއެވެ.
“އަހް! އަނަސް….ނިކަން ބަލާބަލަ އަނެއްކާވެސް…. ރޫމުގަ ހުރި ނަރުސްކުއްޖާ އަހަރެންގެ އިޒުނައާއި ނުލައި ފަރުދާ ކަހާލައިފި. އޭނަ ވަޒީފާއިން ވަކިކުރެވޭ ގޮތް ހަމަޖައްސާ…” ރައްޒާޤު ދެންވެސް ލޯ ހުޅުވުމެއްނެތި ދެބަދޭތެރޭގައި އޮވެ ދެއްކި ވާހަކައިން، ދުރުގައި ބަލަހައްޓައިގެން ހުރި އަނަސްއަށް ހީލެވުނެވެ.
“ނަރުސްކުއްޖެއް ނޫނޭ ފަރުދާ ކެހީ މިފަހަރު…އަޅުގަނޑު އެކަން ކުރީ. މަނިކުފާނު ބޭސް ބައްލަވަންޖެހޭ ގަޑި ޖެހިފަ ހުރީމަ. އަޅުގަނޑު ވަޒީފާއިން ވަކިވާންވީތޯ؟” އަނަސް އެ ހުރިތާހުރެ ހިނިތުންވުން ފަނޑުކުރުމެއްތި އަދަބުވެރިކަމާއިއެކީ ވާހަކަ ދެއްކިއެވެ.
އަނަސްގެ ފަހު ސުވާލާއިއެކީ ރައްޒާޤު ލޯ ހުޅުވައިލިއެވެ.
“ތިކަހަލަ ޚިޔާލުތައް ވެސް އެބަ ކުރަންދޯ؟ މަޑުކުރޭ….. އަދި މިތަނުން ނިކުމެވުނު އިރަކުން ތީނަގެ މުސާރަ ބޮޑުކޮށްދޭނަން. މަގޭ އިތުބާރު ހުރި ބޮޑު ސިއްރު ފޮށްޓެއް ކިހިނެއް އަހަރެން ދޫކޮށްލާނީ؟” ރައްޒާޤު ހިސާބެއްގެ އުދަގޫ ޒާތަކަށް ވާހަކަ ދެއްކިއެވެ.
“މަނިކުފާނު އެދިލައްވަންޏާ އަޅުގަނޑު ދާކަށް ނެތީމޭ….ދެން އަވަހަށް ތެދުވެ ލައްވާ ބޭސް ބައްލަވާ…”
އަނަސް އެހެން ބުނެލީ ރައްޒާޤުގެ އެނދުގެ ކައިރިއަށް ދަމުންނެވެ. އެއަށްފަހު ރައްޒާޤަށް ބޭސްދިނުމަށް ނަރުސްކުއްޖާއާއިއެކީ އަނަސް ވެސް އެހީތެރިވެ ދިނެވެ. ބޭސް ދިނުމަށްފަހު ނަރުސްކުއްޖާ ރައްޒާޤުގެ ޙާލަތުގެ ވާހަކަ އިނގިރޭސިން ކިޔައިދިނީ، އަނަސް ސުވާލުކުރުމުންނެވެ.
“މަނިކުފާނުގެ ޙާލު މިހާރު ފުދޭ ވަރަކަށް ރަނގަޅުވަމުން އަންނަނީ. 6 އަހަރު ވަންދެން ކޯމާއެއްގަ އޮވެފަ ހޭލެވޭއިރު ޢުމުރުން ދުވަސްވާ މީހުން އެކި ގޮތްގޮތުން ނުކުޅެދުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދޭ. އެކަމަކު މި ދިޔަ 2 މަސް ތެރޭގަ ދެވުނު ފަރުވާތަކާއިއެކީ މަނިކުފާނުގެ ޙާލަތު ރަނގަޅުވަމުން ދަނީ އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ އަވަސް މިނެއްގަ. ހީވާ ގޮތުން އިތުރު ދެ ތިން ހަފްތާ ތެރޭގަ މަނިކުފާނު ދޫކޮށްލެވޭނެ. އަދި ޑޮކްޓަރ ޗެކްއަޕް އަށް ދުރުވެ އިތުރު ތަފްޞީލު ދެއްވާނެ…” ނަރުސްކުއްޖާ އުއްމީދީ ތަފްޞީލު ދިނެވެ. އެކަމަށްޓަކައި އަނަސް ނަރުސްކުއްޖާއަށް ޝުކުރު އަދާ ކުރުމުން ނަރުސްކުއްޖާ އެ ރޫމުން ނިކުމެގެން ދިޔައެވެ.
އަނަސްއާއި ރައްޒާޤު އެކަނިވެގެން ދިޔުމުން ވެސް އަނަސް ވަކި އިށީންނަ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ރައްޒާޤަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން ފަދައެވެ. އިތުރަށް ވާހަކަ ދައްކަން ފެށީ ވެސް ހަމަ ކޮޅަށް ހުރެއެވެ.
“އަޑު އެއްސެވިންތޯ މަނިކުފާނު؟ ގިނަވެގެން 3 ހަފްތާ ތެރޭގަ މަނިކުފާނަށް ގެއަށް ދެވޭނެޔޯ އެ ކުއްޖާ ބުނީ…ވަރަށް އުފާވޭ މަނިކުފާނަށް މިހާރު ރަނގަޅަށް ވާހަކަ ދެއްކޭތީވެސް…” އަނަސް ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“އެމީހުންނަށްތަ އެނގެނީ؟ މަށަށް އެބައިނގޭ މަށަށް މިހާރު ވެސް ގެއަށް ދެވޭނެކަން. ﷲ ގެ އިރާދަފުޅުން އަހަންނަށް އަނެއްކާވެސް ލޯ ހުޅުވުމުގެ ފުރުސަތެއް ލިބިއްޖެ އަލްޙަމްދުލި ﷲ….އަނަސްއަށް ހީވެދާނެ އަހަރެން ހޭނެތިފައި އޮތުމުން އެއްވެސް ފިކުރެއް ނުކުރެވެއޭ. އެކަމަކު އެ ނިދީ ތެރޭގަ އޮވެގެން ވެސް ދާރިސްއާއިމެދު ހާދަ ބޮޑަށް ވިސްނީމޭ. އަހަރެން ފޮނުވަމުން ދިޔައީ އެކުއްޖާގެ މަންމަގެ ނަމުގަ ހުންނަ ސިޓީތައް. އެ ސިޓީތައް ނުލިބި ހުއްޓުނީމަ މަންމައަށް ގޮތެއްވީއޭ އެކުއްޖާގެ ހިތަށް އަރާނެތާ…..އަޅެ ހިނގާބަލަ އަނެއްކާވެސް ސްވިޓްޒަލޭންޑަށް ސިޓީއެއް ފޮނުވަން….މުނީރާ އަހަންނަށް ފެންނަ ހިސާބެއްގަ ނެތަސް މުނީރާ ދާރިސްގާތު ބުނަން ބޭނުންވާނެ ވާހަކައެއް ކޮންމެވެސް ގޮތަކުން ހޯދައިގެން ވިޔަސް ސިޓީއެއް ލިޔެދީބަލަ އަނަސް…” ރައްޒާޤު އާދޭހާއިއެކީ އެދުނެވެ.
“މަނިކުފާނު…..އަޅުގަނޑު މި ވާހަކަ ނުބުނެ ހުރީ މަނިކުފާނުގެ ޙާލަތު އެހާ ރަނގަޅު ނުވީމަ. މަނިކުފާނަށް މާ ބޮޑު ޝޮކެއް ލިބިދާނެތީ…އެކަމަކު ހީވަނީ މިވަގުތު މި ޚަބަރު އަޑުއަހަން މަނިކުފާނަށް ހިތްވަރެއް ލިބިފައިވާނެހެން…” އަނަސް ބުންޏެވެ.
“ކޮން ޚަބަރެއް؟”
“ދާރިސް މިހާރު އުޅެނީ ސްވިސްގައެއްނޫން….ރާއްޖޭގަ.”
އަނަސް ދިން އެ ޚަބަރާއިއެކީ ރައްޒާޤުގެ ދެލޯ ބޮޑުވިއެވެ.
ނުނިމޭ
Jana
February 25, 2022 @ 9:52 am
EXTREMELY sorry for the delay, dear readers. I was writing till late last night and I was thinking I could pull it off though I was sick and exhausted. But then I ended up sleeping without finishing. Wrote this episode a little longer to make it up.
Also, will be uploading the next episode on MONDAY In Sha Allah 😊 ❤ Much love readers! ❤ ❤ ❤
𝕊ℍ𝔸
February 25, 2022 @ 12:26 pm
Shafakillah Jana Sis…🤍✨
May Allah give you the strength to fight your illness. Pls take care of yourself….
Btw this part is well written and I can’t stop my mind frm thinking wht’s gonna happen next… Curiously waiting for the next part…
Once again take care Sis… Ly…♡♡
Jana
February 28, 2022 @ 4:44 pm
Subhaanallah this comment is so encouraging! Made my day the first time I read it. Jazaakillah Khairan kaseeran for you support Sha! Next part has been uploaded! Love you too sis. Take care!
Dhonthi
February 26, 2022 @ 8:46 am
Assalaamu alaikum Jana dhahthaa 😊 Janaa dhahtha ahh avas shifaa akah edhen.. shafaakillah
Alhe alhe alheyyyyyy….Asif and fazeen ves aee dhen gaaii gandakah dhaaris ge family ahh dhw e v..hehe.. interesting
Fazeen ge Bai thah varah majaa..heevee eyna moonah verivi kulavaru fenun hen..
So dhaaris aee Asif ge bodu beybe ge dhari ehh dhw..and dhaaris and asif’s grand father is same!!what a surprise..
Ehen v ma razzaagu koma ga otheema dhw dhaaris ahh sitee libun huttunee..
Kuri ahh huri baithah kiyaalaa hithun mihaaru hireveniyyeii ves noon..hehe
Waiting…. shafaakillah Janaa dhahthaa..
Janaa dhahtha ge thi masaii kathugai Allah barakaai lavvaashi..Aameen😊
Jana
February 28, 2022 @ 4:48 pm
Wa’alaikumussalaam. Labba…e thin meehun e vee family ah mihaaru. haha…Jana ves varah hevey Fazeen ge bai liyaa iru. Labba…Razzaaq coma ga othyma hen dho heevany. dhen balamaa vaagotheh mihaaru heylevuneema.
Maai Allah alhamen kuraa komme heyo amaleggai barakaaiy lavvaashi. Ameen!