ދާރިސް (ފަސްދޮޅޮސްއެއްވަނަ ބައި)
“ނިކަން އަވަސް މުސްތަޤްބަލެއްގެ ތެރޭގަ އީތަން ގާތު މީހަކު މާލެއަށް އައުމަށް އެދޭނެ. އެއީ އީތަން އެހާ ރުހޭ މީހަކަށް ނުވެދާނެ. އެކަމަކު އެ މީހެއްގެ އެދުން ޤަބޫލުކޮށް މާލެއަށް ދިޔުން އެދެން. އީތަންގެ މަންމައަށް އިންސާފު ހޯދައިދީ، އީތަން ޙަޤީޤީ ނަން އަނބުރައި ހޯދަން ބޭނުންވަންޏާ، މި ބުނި ގޮތަށް ކަންތައް ކުރޭ…”
އެ ބަސްތައް ހަނދާންވެގެން ދިޔަދިޔަހެން ދާރިސްގެ މެއަށް ފިނިވިއެވެ. އެ ވާހަކަ އޭނަގާތު ބުނީ ކޮންމެ މީހަކަށް ވިޔަސް އެމީހަކަށް އޭނަގެ މިއަދުގެ ޙާލަތު ވެސް ނުހަނު ރަނގަޅަށް އެނގޭކަން އެވަގުތު ދާރިސްއަށް އެނގުންވިއެވެ. އިސާހިތަކު އެއީ ކާކުކަން ދެނެގަތުމުގެ ޝުޢޫރެއް ހިތުގައި އުފެދުނެވެ. އަދި އެމީހަކު އެ ބުނީ ތެދެއްތޯ ބެލުމުގެ ޝުޢޫރެއް ވެސް މެއެވެ. އޭނަ މާލެއަށް ގޮސްގެން އޭނަގެ މަންމައަށް އިންސާފު ހޯދައިދީ، އޭނަގެ ނަން އަނބުރައި ހޯދޭނެތޯ ބެލުމަށް ވެސްމެއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން މިއީ އީތަންއަށް ނުކުރެވް-“
“ދާނަން މާލެއަށް…އިން ޝާ ﷲ.”
ދާރިސްއަށް އެހެން ބުނެލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު އޭނައަށް އެހާ ކުއްލި ގޮތަކަށް އެ ނިންމުން ނިންމުނީތީ ދާރިސް ޖެހިލުންވެސް ވާގޮތްވިއެވެ.
ދާރިސް އެހެން ބުނިތަނާހެން ފަޒީންގެ އަޑު ފޯނުގެ އަނެއްކޮޅުން އިވުނެވެ.
“އަސްލުވެސްތޯ؟ ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ އީތަން އެކޮޅަށް ވަޑައިގަންނަވަން ނިންމެވީމަ. ޝުކުރު އަދާ ކުރުމުގެ ގޮތުން އަޅުގަނޑު އީތަންއަށް ޓިކެޓް ގަނެދޭނަން…”
“އުނހު…އޭގެ ބޭނުމެއްނެތް. ޓިކެޓް ގަންނާނީ އަޅުގަނޑު އަމިއްލައަށް. ފުރާނެ ދުވަހެއް އަދި ފަހުން އިރެއްގަ ގުޅާފަ އަޅުގަނޑު އަންގައިލަދޭނަން އިން ޝާ ﷲ.”
ދާރިސް ބުނެލިއެވެ. އެއާއިއެކު ފަޒީން ދެންވެސް ތަކުރާރުކޮށް ޝުކުރު އަދާކުރުމުން ދާރިސް އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑައިލިއެވެ. ފޯނު ކަނޑައިލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން، ދާރިސްއަށް އިރުކޮޅެއް ވަންދެން އަމިއްލަ ވިސްނުމެއްގައި ހުރެވުނެވެ.
**
“ދާރިސް މާލެ ދާން އެއްބަސްވީއޭތަ؟” ހޮސްޕިޓަލުގެ އެނދުގައި ތެދުވެފައި އިން ރައްޒާޤު އެ ސުވާލުކޮށްލީ، ޙައިރާންކަމާއިއެކީގައެވެ.
“އާދެ….ދާދި ދެންމެއަކު އަޅުގަނޑަށް ޚަބަރު ލިބުނީ….އާސިފް އޭނަގެ ސެކްރެޓަރީއާއި އެކަހަލަ ވާހަކައެއް މިއަދު މެންދުރުގެ ވަގުތެއްގަ ޙިއްސާކޮށްފަ ވަނީ.” އަނަސް އެނދުގެ ކައިރީގައި ހުއްޓިހުރެ ޖަވާބުދިނެވެ.
“ކް…ކޮން ދުވަހަކުތަ ދާރިސް މާލެއަށް ދަނީ؟” ރައްޒާޤު އެހިއެވެ.
“ތިކަން އަދި ޔަޤީނެއް ނޫން. އެކަމަކު އަންދާޒާ ކުރެވޭ ގޮތުން ދާރިސް ވަޒީފާއިން ޗުއްޓީ ނެގިތާ އެއްމަސް ހަމަވާން މިހާރު އެންމެ ހަފްތާއެއް ބާކީ އޮންނާނީ. އެހެންވީމަ މި ހަފްތާ ނިމުމުގެ ކުރިން ދާރިސް ވީހާވެސް އަވަހަކަށް މާލެ ދިޔުން ވަރަށް ގާތް…” އަނަސް ކިޔައިދިނެވެ.
“އެ…އެހެން ވެއްޖެއްޔާ މަ ވެސް ނިކަން އަވަހަށް މާލެ ގެންދަން އުޅޭ. މަ ބޭނުން ދާރިސްއާއި ބައްދަލުކުރަން. އަދި އަމުދުން މަ ދަނެ ހުއްޓާ ދާރިސް މުޢީނުގެ އަތްމައްޗަށް އެކަނި ދޫކޮށްލާކަށް ބޭނުމެއްނޫން…”
“އެކަމަކު މަނިކުފާނު…މަނިކުފާނުގެ ޙާލުކޮޅު އަދި އެއްކޮށް ރަނގަޅެއް ނުވޭ. އިތުރު 2 ހަފްތާއަށް އޮންނަން ޖެހޭނެ ވާހަކަ ޑޮކްޓަރު ދެންނެވިއެއްނޫންތޯ؟”
“އެކަމަކު….އެކަމަކު ބޭނުމެއްނޫން މާ ގިނަ ދުވަސް ވަންދެން މިތާ އޮންނާކަށް. ދާރިސް އެކަނި ހުރެ އެ މީހުންނާއި ކުރިމަތިލާކަށް…”
“މަނިކުފާނު….ދާރިސް މިއަދު އެހެރީ ނުލާހިކު ޒިންމާދާރު ޒުވާނަކަށް ވެފައެއްނޫންތޯ؟ މަނިކުފާނު ފަރުވާ ހޯއްދަވައިގެން އެކޮޅަށް ދެވެންދެން ދާރިސް ހުރިހާ ކަމެއް ރަނގަޅަށް ކުރާނެހެން އަޅުގަނޑަށް ހީވަނީ.”
“ދާރިސް ގޯސް ފިޔަވަޅެއް ނާޅާނެކަން އެނގޭ. އެކަމަކު އިތުބާރު ނުކުރެވެނީ އެ މުޢީނަށް. މުޢީނަށް މިފަހަރު ރަނގަޅު ފިލާވަޅެއް ދީފަ ނޫނީ ދޫނުކުރާނަން އިން ޝާ ﷲ!”
ރައްޒާޤު އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެހެން ބުނެލީ ވަރުގަދަ ޢަޒުމަކާއި އެކީކަން، އެ މޫނުމަތިން އެނގެއެވެ. އަނަސް އިތުރު އެއްޗެކޭ ބުނަން އުޅެފައިވެސް ނުބުނީ، ރައްޒާޤު ދެން ޚިޔާލު ބަދަލު ނުކުރާނެކަން ޔަޤީން ކުރެވުނީތީވެއެވެ.
**
އެދުވަހު ބޮލުގައި ރިއްސާތީ ހިބާއަށް ސްކޫލަށް ދެވޭ ގޮތެއް ނުވިއެވެ. ބޮލުގައި ރިއްސުމުގެ ސަބަބުން ހިބާގެ ޚިޔާލުތައް އިއްޔެ ހިނގިހާ ނޭދެވޭ ކަންތަކުން ފުރިފައިވިއެވެ. ނަތީޖާއެއްގެ ގޮތުން އޭނައަށްޓަކައި ސައި ތައްޔާރުކޮށް، ލޯބިން ވާހަކަ ދައްކަމުން ދިޔަ ދާރިސްއަށް ބީރު ކަންފަތެއް ދެވެމުން ދިޔައެވެ. ހަނދާނަށް އާވަމުން ދިޔައީ، ދާރިސް އޭނައަށް އޯގާތެރިކަން އިސްކުރި ވަގުތުކޮޅުގެ ބަދަލުގައި، ދާރިސް އޭނަގެ މަންމައާއި ބެހޭގޮތުން ނޭދެވޭ ހީކުރުންތައް ހީކުރި ވަގުތުކޮޅުތައް ކަމަށްވުމުންނެވެ. އެކަމަށްޓަކައި އޭނައަށް ހިތުގެ އަޑިން ދާރިސްއަށް މަޢާފު ނުކުރެވޭ ފަދައެވެ. އަދި ދާރިސްއާއި ދުރުކަމެއް ބޭއްވެމުން ދިޔައީ، ކުޑަކޮށް ނަމަވެސް ނުރުހުންވެފައިވާކަން ދެއްކުމަށްޓަކައި ފަދައެވެ. ޤަޞްދުގައި ފިރިމީހާއާއި މެދު އެގޮތަށް ކަންތައް ކުރުމަކީ ގޯހެއްކަން އެނގުންވިޔަސް، ނޭނގުމެއްގެ ތެރެއިން ދާރިސްއާއި ދުރުކަމެއް ބޭއްވެމުން ދިޔައެވެ.
ހިބާ ހީކުރީ، އޭނަގެ މަޑުމޮޅިކަމާއި، ދާރިސް ކުރަމުން ދިޔަ ގިނަ ސުވާލުތަކަށް ހޫންލެއްވެމުން ދިޔަ ގޮތުން ދާރިސް އޭނައަށް ނުރުހުންވާނެ ކަމަށެވެ. އެހެނަސް ދާރިސް ހިބާއަށް ލޯބި ދިނުމުގައި އެދުވަހެކޭ އެހެން ދުވަސްތަކޭ ތަފާތެއް ނުކުރެއެވެ. ހިބާގެ ޙާލަތު ދާރިސްއަށް މާ ރަނގަޅަށް ވެސް އެނގޭ ފަދައެވެ. ހިބާ އެއްޗެކޭ ނުބުންޏަސް ދާރިސް ހިބާ ހެއްވައިލުމަށް ސަމާސާތައް ކުރަމުން ދިޔައެވެ. އަދި ހިބާއަށް ހިމޭންކަން ބޭނުންވާނެހެން ހީވާ ވަގުތުތަކުގައި ވާހަކަ ނުދައްކައި ހިބާއަށް އެ ހިމޭންކަން ހޯދައިދިނެވެ.
“އަރާމުދޯ؟ އަހަރެން މޮޅުދޯ ބޯ މަސާޖުކޮށްދޭން؟ އެމޯންގް އަދާ ތިންގްސް…”
ދާރިސް އެހެން ބުނެލީ، ރީތިވާ މޭޒުގެ ގޮނޑީގައި އިށީނދެގެން އިން ހިބާގެ ބޯ މޮޑެދެމުން ދިޔަ ވަގުތު ހިބާ ލޯ މަރައިލުމުންނެވެ. ދާރިސްގެ އެ ފަހު ބަސްތައް އިވިފައި މޫނުމައްޗަށް ވެރިވި ހިނިތުންވުމާއިއެކީ ހިބާއަށް ލޯ ހުޅުވައިލެވުނެވެ. އެހިނދު މޫނުބަލާ ލޯގަނޑުން ދާރިސް ވެސް އޭނައަށް ހިނިތުންވުމެއް ހަދިޔާ ކޮށްގެން ހުރެ އެއްލޯ މަރައިލިއެވެ. އެހިނދު ހިބާއަށް ހީލެވުނެވެ. އޭގެ ބަދަލުގައި ދާރިސް ވެސް ހީލި އަޑު ހިބާއަށް އިވުނީ، އިސްޖެހިފައިވި ވަގުތެއްގައެވެ. އެވަގުތު ވެސް ދާރިސް ހުއްޓުމެއްނެތި އޯގާތެރިކަމާއިއެކީ އޭނަގެ ބޯ މޮޑެދެމުން ދިޔަ އިޙްސާސް ކުރެވެމުން ދިޔަދިޔަހެން ހިބާއަށް ވާހަކަ ދެކެވުނެވެ.
“އައިމް ސޮރީ ދާރިސް…” ހިބާ އިސްއުފުލައިލަން ނުކެރިފައި އިނދެ ބުންޏެވެ.
“ކޮންކަމަކަށް؟” ދާރިސް ލޯގަނޑުން ހިބާގެ މޫނަށް ބަލަން ހުރެ ހިސާބެއްގެ ޙައިރާންކަމަކާއިއެކީ އެހިއެވެ.
“އިއްޔެ ދާރިސްއާއި ވާހަކަ ދެކެވުނު ގޮތަށްޓަކައި….އައިމް ދަ ވޯސްޓްދޯ ހަމަ؟ ހެހެ…” ހިބާ ހީލިއެއްކަމަކު އެ މޫނުމަތިން ހިބާ ދެރަވެފައި އިން މިންވަރު ދާރިސްއަށް ނަގައިގަނެވުނެވެ. އެއާއިއެކު ދާރިސްގެ އަތުގެ ޙަރަކާތްތައް ލަސްވެ، ހުއްޓުމަކަށް އައެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ހިބާގެ ބޮލުން އަތް ނަގައިލަމުން ހިބާގެ މޫނު ރަނގަޅަށް ފެންނާނެހެން، ގޮނޑީގެ އެއްފަރާތަކަށް ގޮސް ކުރުފައިމައްޗަށް ތިރިވިއެވެ.
“ތިހެން ނުބުނޭ ހިބާ….ތިއީ ހަމަ ބެސްޓް. ތިއީ އަހަރެންގެ ލޯބިވާ ވައިފް! ކޮންމެ ފަދަ ޙާލަތެއް ދިމާވިޔަސް ހިބާ ވާނީ އަހަރެންގެ ޙަޔާތުގައި ވެސް ދުށް އެންމެ ޚާއްޞަ އަންހެން ކުއްޖާއަށް. އިއްޔެ ހިބާއަށް އަހަންނާއި އެގޮތަށް ވާހަކަ ދެކެވުނީ ހިބާގެ ހިތުގައިވާ ހިތާމަވެރިކަމުގެ ސަބަބުންކަން އަހަންނަށް މާ ރަނގަޅަށް ވެސް އެނގޭ. އަހަރެން ވެސް އަހަރެންގެ މަންމައާއި އަލުން ބައްދަލުވީ ދުވަސްކޮޅު އަހަންނަށް ލިބުނު ހިތާމައިގެ ތެރޭގަ ހިބާ ދެގޮތެއްނުވެ އަހަންނާއި އެކީގަ ހުރީމު. ހަމަ އެފަދައިން އަހަރެން ވެސް ހިބާއާއި އެކީގަ ހުރެދޭން ބޭނުން. އަހަރެންގެ އުއްމީދަކީ ހިބާ ވެސް އެ ޙާލަތުގަ އަހަންނަށް ވެދިން ފަދައިން އަހަންނަށް ވެސް ހިބާއަށް އެހީއެއް ވެ ދެވުން، އިން ޝާ ﷲ.”
ދާރިސް ހިބާގެ ފައިމަތީގައި ބޭއްވިފައި އޮތް އަތުގައި އަތް އަޅައިލަމުން ވާހަކަ ދެއްކިއެވެ. އެހިނދު ހިބާ ފެންކަޅިވެފައިވިއެވެ.
“އަހަރެން….މަންމައާއި ބައްދަލު ނު…ކުރަންވީދޯ؟” ހިބާ ކުރެހިފައިވާ އަޑަކުން ސުވާލުކުރިއެވެ.
“ހަމައެކަނި އަހަރެން ބުނީތީވެތަ ތި ސުވާލުކުރަނީ ހިބާ؟”
“ނު….ނޫން. ދާރިސް ރޭގަ އެހެން ބުނީމަ އަހަރެން އިސްތިޚާރާ ނަމާދު ކުރިން. އެއަށްފަހު ހިތް ބުނަމުން ދިޔައީ ބައްދަލުކުރުން ރަނގަޅެއް ނުވާނެއޭ. ކުޑައިރުގެ ހަނދާންތައް އާވެފަ ހަމަ ހިތް ބިރުގަންނަނީ. އެކަމަކު ވަރަށް ބޭނުން އަދިވެސް މަންމަ ދެކިލަން…” ހިބާ އެހެން ބުނެލިއިރު ލޮލުން ކަރުނަތައް ފައިބައިގެން އައެވެ.
“ހޭއި! ހިބާ މަންމައާއި ބައްދަލުކުރަން ހިބާ ބޭނުމިއްޔާ ހަމަ ބައްދަލުކުރަންވީ. އަހަރެން ނުބުނަމެއްނު ބައްދަލު ނުކުރާށޭ؟ އެނގޭ ހިބާ އެތައް އަހަރެއް ފަހުން މަންމަ ފެނުނީމަ މަންމައާއި އެކީގަ ވަގުތު ހޭދަކޮށްލަން ކިހާ ބޭނުންވާނެކަން. މަންމައާއި ބައްދަލުކޮށްލާ ހިބާ. ގެއަށް ގެނެސްގެން ވިޔަސް އަދި އެހެން ތަނަކުން ވިޔަސް. އެ މަންމަގެ ފަރާތުން ހިބާއަށް ލިބިދާނެ ގެއްލުމަކުން އަހަރެން ހިބާ ރައްކާތެރިކޮށްދޭނަން އިން ޝާ ﷲ….ކީއްވެތަ އިއްޔެ މަންމަ ފަހުން އަންނާނަމޭ ކިޔާފަ ނައީ؟ ހިބާއަށް އެންގިތަ؟” ދާރިސް ސުވާލުކުރިއެވެ. ހިބާ އޭގެ ޖަވާބަކަށް އަމިއްލަ ކަރުނަތައް ފޮހެމުން ބޯހޫރުވައިލިއެވެ. އެއާއިއެކު ދާރިސް އަނެއްކާވެސް ހިބާގެ މަންމައަށް އައި ރުޅިއާއިއެކީ ކަތުރުކަށިގަނޑަށް ބާރުވިއެވެ. އެހެނަސް ދާރިސް އެ ރުޅިވެރިކަން ހިބާއަށް ދައްކަން ޤަޞްދެއް ނުކުރިއެވެ.
“އަޅެ މަންމައަށް ގުޅާފަ އަހައިލަބަލަ ކީއްވެތޯ ނައީ؟ ދެން ކޮން އިރަކުތޯ ބައްދަލުކުރަން އަންނާނީ…” ދާރިސް ވެސް ހިބާގެ ކަރުނަތައް ފޮހެދެމުން ބުންޏެވެ.
“ނު…ނުކެރޭ މަންމައަށް ގުޅާކަށް. ބިރުގަންނަނީ މަންމަ އަހަންނާއި ދެން ބައްދަލުކުރަން ބޭނުމެއް ނުވެއޭ ބުނެފާނެތީ…” ހިބާ ރޮވިފައިވާ އަޑަކުން ބުންޏެވެ.
“އެހެން ބުނިއްޔާ އެ ލިބުނީ އިސްތިޚާރާ ނަމާދުގެ ޖަވާބު، ހިބާ. އަދި އެމީހަކު އެހެން ބުންޏަސް ހިބާ ތިއީ އެކަނިވެރިއަކަށް ނުވާނެ އިން ޝާ ﷲ. މާޒީގަ އެ މަންމަ ހިބާ ދޫކޮށް ދިޔައިމަ އެކަނިވެރި ވިޔަސް މާޒީއާއި މިއަދު ވަރަށް ތަފާތު. މިއަދު ހިބާގެ ކައިރީގަ މި ވަނީ ހިބާދެކެ ދެގޮތެއްނުވާ ލޯތްބެއްވާ ފިރިއެއް. އަހަރެންގެ ދުޢާއަކީ ހިބާ ދުނިޔޭގަ ހުރިހާ ދުވަހަކު ހިބާއަށް ލޯބިދީ، ރައްކާތެރިކަން ފޯރުކޮށްދޭން އަހަރެން ދުނިޔޭގަ ހުރުން. އެހެންވީމަ ދެރަނުވައްޗޭ. ދެރަނުވެ އެ މަންމަ ބުނެލާ ބަހެއް އަޑުއަހައިލާ. އަހައިލާފަ ހިބާ ހިތްދަތިވިއްޔާ ހިބާއަށް އަބަދުވެސް އަހަރެންގެ އަތުތެރެއަށް އާދެވޭނެކަން ހަނދާނުގަ ބަހައްޓައްޗޭ!”
ދާރިސް ތަކުރާރުކޮށް ހިބާގެ ހިތަށް ހަމަޖެހުން ގެނުވައިދޭ ޒާތުގެ ވާހަކަތައް ދެއްކި ދެއްކިހެން ހިބާއަށް ގިސްލެވުނީ، ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެއާއިއެކު ދާރިސް އޭނަ ދެންމެ ބުނި ފަދައިން، ހިބާ އޭނަގެ އަތުތެރެއަށް ގެނެސް ބައްދައިލިއެވެ.
**
ހިބާގެ ހިތުގައި މަންމައާއިމެދު އެއްވެފައިވާ ޖަޒުބާތުތަކެއް ވިޔަސް ހަމްނާގެ ހިތުގައި އެ މަންމައަށްޓަކައި މުޅިންވެސް ވީ ނަފްރަތެވެ. މަންމަގެ ވާހަކަ ކުރީ ދުވަހު އިވިފައިވީތީ ވެސް ސްކޫލްގައި ހަމްނާ އުޅެމުން ދިޔައިރު އެކަމާއިމެދު މޫޑު ޚަރާބުވެފައިވިއެވެ. ހަމްނާ ހުރީ އެއްވެސް މީހަކާއި އެ ވާހަކަ ޙިއްސާ ނުކުރާށެވެ. އެހެނަސް ކެންޓީންގެ ތެރެއިން ސިޔާރާ ސުވާލުތައްކޮށް، ދޫނުކުރުމުން ހަމްނާ އެންމެ ފަހުން ކިޔައިދޭން ޖެހުނެވެ.
“އެނގޭ މިގޮތަށް މަންމައާއިމެދު ވިސްނަން ނުވާނެކަން ވެސް. ބަޓް އައި ކާންޓް ހެލްޕް އިޓް. ހަމަ ހަނދާންވަނީ މަންމަ އަހަންނާއި ދިމާލަށް އެއްޗެހި ގޮވި މަންޒަރު. ކަންފަތުގަ ގުގުމަނީ މަންމައާއި ބައްޕަ ޖަދަލުކުރާ އަޑު. ކިތަންމެ ބޭނުންވިޔަސް މަންމަ އެއްވެސް ރަނގަޅު ސަބަބެއް ނެތި ބައްޕައަށް އިތުބާރު ނުކޮށް ބައްޕަ ވެސް ދޫކޮށްފަ ދިޔައިމަ. އައި ކާންޓް ފޮގިވް ހާރ ފޯރ އިޓް….” ހަމްނާ އެ ވާހަކަ ކިޔައިދިން އިރު ހިތުތެރޭގައިވި އެއްވެފައިވާ ޖަޒުބާތުތަކެއްގެ ސަބަބުން ރޫރޫއެޅިއެވެ.
އެވަގުތަކީ ނަބީހް ވެސް ކެންޓީނަށް ވަދެގެން އައި ވަގުތަށް ވުމުން ހަމްނާ ދެއްކި ވާހަކަތަކާއި ހަމްނާއަށް ވީ ގޮތް ދުރުގައި ހުއްޓި ހުރި ނަބީހަށް ފެންނަ ގޮތްވިއެވެ.
“އައި ކޭން އަންޑަސްޓޭންޑް ހަމް. މަންމަ ވިޔަސް އެބިއުޒިވް ވިއްޔާ ވާނީ ތިކަހަލަ ގޮތެއް. މި ޙާލަތުގަ އެންމެ ރަނގަޅުވާނީ ހަމްނާއަށް ކަންތައް ކޮށްދެވުނު އެންމެ ރަނގަޅަކަށް ކަންތައް ކޮށްދިނުން. ކޮންމެހެން ހަމްނާ އިސްނަގައިގެން މަންމައާއި ބައްދަލުކޮށް ވާހަކަ ނުދެއްކިޔަސް، މަންމަ އައިސް ވާހަކަ ދެއްކީމަ އެ ވާހަކައިގަ އިޙްތިރާމާއިއެކީ ބައިވެރިވުން. ކޮންމެހެން ވެސް މަންމައަށް އެނގޭނެތާ ހަމް މަންމައަށް ނުރުހުންވާނެކަން. މަންމަ މަޢާފަށް އެދުނިއްޔާ މަޢާފުކޮށްލުން ރަނގަޅު…” ސިޔާރާ ވާހަކަ ދެއްކިއެވެ.
ހަމްނާ އެ ވާހަކަތައް އަޑުއެހުމަށްފަހު ބޯޖަހައިލުން ނޫންކަމެއް ނުކުރިއެވެ. އެ މަންޒަރު ފެނި، ނަބީހް އެހެން ދިމާލަކަށް ނަޒަރު ހުއްޓައިލިއެއްކަމަކު، އޭނަ ވިސްނުމަކަށް ގެއްލުނުކަން އެ މޫނުމަތިން އެނގުނެވެ.
**
އެދުވަހު ހަވީރު ހިބާ ފެންވަރާލައިގެން ވެސް ސިޓިންގް ރޫމު ރީތި ކުރުމުގައި އުޅޭތަން ދާރިސްއަށް ފެނުނެވެ. ސޯފާގައި ހުރި ބާލީސްތަކަށް ދާންދެން ހިބާ ނުހަނު ފަރުވާތެރިކަމާއިއެކީ ތަރުތީބު ކުރަމުން ހިބާ ދިޔައީ، ކިތަންމެ ކުޑަ ކަމެއް ނުބައިކޮށް ހިބާއަށް ކުރެވުނަސް ކަންތައް ބޮޑު ކުރި މަންމައަށްޓަކައި ކަން ދާރިސްއަށް އެނގުނެވެ.
އެދުވަހު ހެނދުނު ދާރިސް ދެއްކި ވާހަކައަށްފަހު ހިބާ ވަރަށް ހިތްވަރުކޮށްފައި މަންމައަށް ގުޅައިލީ، ދާރިސްގެ ވެސް ހާޒިރީގައެވެ.
“ހެލޯ….ތިއީ ކާކު؟” އެނދުގައި ދާރިސްގެ ކައިރީގައި އިށީނދެގެން އިން ހިބާގެ ފޯނު ސްޕީކަރަށް ލެވިފައިވުމުން، ދާރިސްއަށް ވެސް ނާދިރާގެ އެ އަޑު އިވުނެވެ. އެ އަޑުން ފާޅުވެގެން ދިޔަ ފަރުވާކުޑަކަމާއި ނުރުހުންތެރިކަމުން ދާރިސްގެ ގޮށްމުއްކެވިގެން ދިޔައީ އިޚްތިޔާރަކާއި ނުލައެވެ.
“މިއީ…ހިބާއޭ މަންމާ. ނަންބަރު ސޭވް ނުކުރަންދޯ އަދި؟ ހެހެ…” ހިބާ ބުންޏެވެ.
“އޯހް! ހިބާދޯ؟ އާނ ސޭވް ނުކުރެވި ހުރީ. ކޮބާ މިހާރު މަންމަ ބައްދަލުކުރަން އަންނަންވީތަ؟ ހިބާ އެކަނިތަ ގޭގަ ތިހިރީ؟” އެކޮޅުން ނާދިރާ އެ ސުވާލު ކޮށްލުމާއިއެކު ދާރިސްގެ ބުމަގޮށްޖެހުނެވެ.
“އެކަންޏެއްނޫން. ދާރ…އީތަން ވެސް ގޭގަ އެބަހުރި. މަންމަ އަންނަންވީއެއްނު އީތަންއާއި ވެސް ބައްދަލުކުރަން؟” ހިބާ ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ.
“ހުމް….އީތަންދޯ؟ ތީނައާއި ދިމާކޮށްލަންވީ ކަންނޭނގެ. ކޮން އިރަކު އަންނަންވީ؟ ހަވީރު އޯކޭތަ؟” ނާދިރާ އެހިއެވެ. އެ ވާހަކައިގެ ކުރީކޮޅު އެ މަންމަ އޭނައާއި މުޚާތަބުކުރި ގޮތުން ދާރިސް އިތުރަށް ނުރުހުންވާ ގޮތްވިއެވެ. އޭނައާއި އެ މަންމަ ދިމާވާއިރަކުން އޭނަގެ އަތުން ފައިން ގޯހެއް ނެހެދޭނެ ގޮތެއްވުމަށް ހިތާހިތުން ދުޢާ ކުރެވުނެވެ.
“އާނ އޯކޭ މަންމާ. ސައި ތައްޔާރުކުރާނަން މަންމަ އަންނަންވާއިރަށް…” ހިބާ ހިސާބެއްގެ ހާސްކަމާއިއެކީ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން ބުންޏެވެ.
ހިބާ އެހެން ބުނުމާއިއެކު ނާދިރާ އެކޮޅުން ‘އޯކޭ’ އޭ ބުނުމަށްފަހު ފޯނު ކަނޑައިލީ، ހިބާ ‘މަންމާ’ އޭ ކިޔާފައި އެއްޗެކޭ ބުނަން އުޅެނިކޮށެވެ. އޭގެ ސަބަބުން ވެސް ދާރިސް އައީ އަމަށަކު ރުޅިއެއްނޫނެވެ. އެހެނަސް ދާރިސް ބޭރުފުށުން އެ ރުޅިވެރިކަން ނުދައްކައެވެ. އޭގެ ބަދަލުގައި ހިބާ އޭނައަށް ދެރަ ގޮތަކަށް ބެލުމުން، ހިނިތުންވުމަކާއިއެކީ ބޯހޫރުވައިލީ އެއީ އެއްވެސް ކަމެއް ނޫނޭ ބުނާ ފަދައަކުންނެވެ. އެވަގުތު ހިބާއަށް ވިސްނައިދޭން މަސައްކަތް ކުރިޔަސް ހިބާއަށް ނުވިސްނޭނެކަން ޔަޤީންކުރެވުނީތީވެއެވެ.
ސިޓިންގް ރޫމުގައި ހިބާ އުޅެމުން ދިޔަ ގޮތަށް ބަލަން ހުރި ދާރިސްއަށް ފުން ނޭވައެއް ދޫކޮށްލެވުނީ، ހިބާއަށްޓަކައި ހިތުގައި އުފެދުނު ޙަމްދަރުދީއާއި އެކީގައެވެ. ހިބާ މި ޙާލުގައި އުޅެމުން ދާއިރު، އޭނައަށް މާދަމާ މާލެއަށް ފުރޭނެތޯ ދާރިސްއަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވެމުން ދިޔައެވެ. ހިބާގެ ޙާލަތުގެ ގޮތުން އޭނަ އެ ވާހަކަ ހިބާއާއި ޙިއްސާ ނުކުރި ތާނގައި ޓިކެޓް ވެސް ނަގާފައެއް ނުވެއެވެ. އެހެނަސް އޭނަ ކޮންމެހެން ވެސް މާލެ ދާންޖެހޭކަން ދާރިސްއަށް ނިންމިފައިވެއެވެ. ޙާލަތު ހަމައަކަށް އެޅުމުން ކަމަށް ވިޔަސްމެއެވެ.
ދާރިސް ވިސްނުމެއްގައި ވަނިކޮށް މީހަކު ދޮރުގައި ޓަކި ދޭން ފެށި އަޑު އިވުނެވެ. އަޑު އިވުމާއިއެކު ދާރިސްއާއި ހިބާއަށް އެ ދިމާލަށް ބަލައިލެވުނީ އެކުއެކީގައެވެ. އިސާހިތަކު ހިބާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ދޮރު ހުޅުވަން ދިޔަ މަންޒަރު ބަލަން ދާރިސް ހުއްޓެވެ. ހިބާ ގޮސް ދޮރު ހުޅުވުމުން ގެއަށް ވަދެގެން އަންނާނީ ދިގު ހެދުމެއް ލައިގެން ހުރި އަންހެނެއްކަމަށް ދާރިސްއަށް ހީކުރެވުނެވެ. އެހެނަސް އޭގެ ބަދަލުގައި ބުރުގާ އަޅައިގެން އަތްދިގު މައްޗަކާއި ޖިންސެއްގައި ހުރި އަންހެނެއް ފެނިފައި ދާރިސް ވަގުތުން ފޫހިވާ ގޮތްވިއެވެ.
“އަވަހަށް ވަދޭ މަންމާ….ސައި މިހާރުތަ ގެންނަންވީ؟” ހިބާ މަންމަ ގެއަށް ވަނުމާއިއެކު ދޮރު ލައްޕައިދެމުން ސުވާލުކުރިއެވެ.
“އުނހު މިހާރެއްނޫން. ކުޑަކޮށް އިށީންނަން ބޭނުންވަނީ މި ގަޑީގަ..” ނާދިރާ އެހެން ބުނެ ގެއަށް ވަދެގެން ދާން ފެށީ ފައިވާނާއި ވެސް އެކީގައެވެ.
“ފައިވާން ހަރުގަނޑުގައި ފައިވާން ބެހެއްޓުން އެދެން. މަންމަ އަންނަންވާއިރަށް ހިބާ ހުރީ މި ތަން ވަރަށް ބޮޑަށް ސާފުކޮށްފަ…” ދާރިސް އައިސްފައިވި ރުޅިއާއި އެކީވެސް ވީހާވެސް ރީތިކޮށް ބުނެވޭތޯ މަސައްކަތް ކުރިއެވެ.
“އޮހް! ތިއީ މަގޭ ދަނބިދަރިއޭ ދޯ؟ ދަނބިދަރި ބުނާ ގޮތަށް ހަދަންވާނެއެއްނު؟ ހިބާ ދަރިފުޅު ނިކަން މި ފައިވާން އެ ހަރުގަނޑުގަ ބަހައްޓާލަދީބަލަ…” ނާދިރާ އެ ހުރި ދިމާލުން ފައިވާން ބޭލުމަށްފަހު ހިބާ ކުރެން އެދުނެވެ. ހިބާ ދެވަނަ ވިސްނުމެއް ވެސް ނެތި މަންމަ ބުނި ގޮތަށް ހަދަން އުޅުނު ވަގުތު ދާރިސް ވާހަކަ ދެއްކިއެވެ.
“ހިބާ ނުނަގާނެ….އެމީހެއްގެ ފައިވާން އެމީހަކު ނަގާ ގޮތަށް މިގޭގަ އޮންނަނީ، ނޫންތަ ހިބާ؟ އެހެން ނޫނަސް ހިބާ އުޅެނީ ވަރަށް ބޮޑަށް ބަލިވެ މިއަދު. ބަލިވެ އުޅެމުން ވެސް އަރާމު ނުކޮށް އެ އުޅެނީ ވެސް….މަންމަ ނިކަން ވިސްނާލަދީބަލަ…” ދާރިސް ވާހަކަ ދެއްކިއެވެ.
“އޮހް! އަރާމުކުރަންވާނެ އިނގޭ ހިބާ. ހެހެ….” ނާދިރާ އެހެން ބުނެ ދެންވެސް އޭނަގެ ފައިވާން ނަގާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އެކަމާހުރެ ދާރިސް ޒާތެއްގެ ނަޒަރެއް ދިނުމުން އެންމެ ފަހުން ގަތް ލަދާއިއެކީ ނާދިރާ ޖެހުނީ އޭނަގެ ފައިވާން ނަގައި ހަރުގަނޑުގައި ބަހައްޓާށެވެ. ނާދިރާ އުޅެމުން ދިޔަ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ނޯކަރުންތަކަށް ބަރޯސާވެގެން އުޅުނުކަން އެނގެއެވެ.
އިރުކޮޅެއްގެ ތެރޭގައި ނާދިރާ އިނީ ދާރިސްއާއި ހިބާއާއި އެކީ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެލައިގެންނެވެ. ހިބާއާއި ދާރިސް ޖެހިޖެހިގެން ދިގު ސޯފާގައި ތިބިއިރު، ނާދިރާ އިނީ ވަކިން ސޯފާއެއްގައެވެ.
“ކޮބާ މިހާރު މަސްތަކެއް ވެއްޖެދޯ ދެކުދިން އިނދެގެން އުޅެތާ؟ އަޅެ އެކޮޅުގަ މަޑުކޮށްލިނަމަ ކީއްތަ؟ ކީއްކުރަން އީތަން މިކޮޅަށް އައީ؟” ނާދިރާ ސުވާލުކުރިއެވެ.
“ހިބާ ބޭނުންވީ ހަމްނާގެ ކިޔެވުން ނިމެންދެން ރާއްޖޭގަ އުޅެން. އަހަރެން ހިބާގެ ނިންމުމަށް އިޙްތިރާމްކުރަން ބޭނުންވީ.” ދާރިސް ޖަވާބުދިނެވެ.
“އެހެންދޯ؟ ދެން ކޮބާ އީތަންގެ މަންމައާއި ބައްޕަ؟ ޢާއިލާގަ ތިބެނީ ކިތައް މީހުން؟” ނާދިރާ ސުވާލުކުރިއެވެ.
“ޢާއިލާގަ….އަޅުގަނޑުގެ މަންމަ ހުންނަނީ. ދެން ދޮންބެއަކާއި ދޮންބެގެ ވައިފްއާ އެމީހުންގެ ދަރިފުޅު. ދެން ހިބާއާއި ހިބާގެ ކޮއްކޮ…” ދާރިސް އެހެން ބުނެލީ ހިބާގެ އަތުގައި ހިފައިލަމުންނެވެ.
“އެހެންތަ؟ ބައްޕަ ނެތް ކުއްޖަކީތަ ތިއީ؟” ނާދިރާ ނުހަނު ވިސްނުންތެރިކަމާއިއެކީ ކޮށްލި އެ ސުވާލުން ދާރިސް ގަނޑުވެގެން ދިޔަ ހިނދު ހިބާގެ ވެސް ލޯ ބޮޑުވިއެވެ.
ނުނިމޭ
Jana
March 9, 2022 @ 4:43 pm
Salaam kiyuntherin! Dhen onnaany 2 bai hen jana ah heevany. 3 at most In Sha Allah. Next part Monday night ga up kohdheynan In Sha Allah. Much love readers! <3 Stay safe! <3 <3 <3
nanna
March 10, 2022 @ 4:34 am
it’s so interesting, when is the next part?
Jana
March 14, 2022 @ 5:03 pm
Alhamdhulillah! Part 62 has been uploaded ^_^
Dhonthi
March 10, 2022 @ 6:20 am
Salaam.. Masha Allah..mi part ves varah reethi 😍😍 waiting for next part..😊😊TC
Jana
March 14, 2022 @ 5:04 pm
Wa’alaikumussalaam. Part 62 upload vejje. Alhamdhulillah! ^_^ <3 TC <3 <3 <3
eunoia
March 10, 2022 @ 7:35 am
Omg yageeney naadhiraa e aii goas plan eh kohgenkan and vrh bodah sorry ingey kurin part thakuga comment nukurevunyma, kury part thah was Hama nteresting as usually hehe, waiting for next and tgc! Jana sis kihinehtha?
Jana
March 14, 2022 @ 5:05 pm
Hmm…varugadha Naadhiraa eh. hehe….its okay comment nukuriyas. I can literally feel your support eunoia. 😉 Just keep reading and sharing.
Jana mihaaru rangalhu Alhamdhulillah! Next part has been uploaded 😀 tgc <3 <3 <3
😊😊
March 15, 2022 @ 3:47 am
Nice..
Jana
March 19, 2022 @ 2:26 pm
^_^ <3