ދާރިސް (ތިރީސްވަނަ ބައި)
“އެކަމަކު…..މިރޭ އީތަން ސާރއާއެކީ އެއްކަލަ އޮންލައިން ކްލާސްވެސް އޮންނާނެ. ސާރއާ ވާހަކަ ދައްކާލާފަ ބޭބެއަށް އެބަ އަންގަން.”
ހިބާ ބުންޏެވެ. އެއާއިއެކު ފަރީދުބެ އެކޮޅުން އޯކޭ ދިނުމުން ހިބާ ފޯނު ކަނޑައިލިއެވެ. އަދި އީތަން ސާރއަށް މެސެޖެއް ކުރަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ހިބާއަށް އީތަން ސާރގެ މެސެޖެއް އައެވެ. އެ މެސެޖުގައި އޮތީ އީތަން ސާރ ވެސް އެރޭގެ ކެއުމަކަށް ބޭރަށްދާން އުޅޭތީ އެރޭގެ ސެޝަން ކެންސަލްވީ ވާހަކައެވެ.
އެ މެސެޖުގެ ޖަވާބަކަށް ‘އޯކޭ’ ފޮނުވައިލުމަށްފަހު ހިބާ އެ ވާހަކަ ފަރީދުބެއަށް ވެސް އެންގީ މެސެޖަކުންނެވެ. އެއަށްފަހު ހިބާ އޭގެ އަނެއްދުވަހު ސްކޫލަށް ދިޔުމުގެ ކުރިން އޭނަ ކުރަންޖެހޭ މަސައްކަތްތައް ނިންމަން އަވަސްވެގަތެވެ. މިރޭ ދާންއުޅޭ ދަތުރުގެ ދިގު މިން ނޭނގުމާއިއެކު ދަތުރު ފެށުމުގެ ކުރިން އެ މަސައްކަތްތައް ނިންމައިލުމަށެވެ.
**
އެރޭގެ 7 ޖަހައި 10 މިނެޓް ހިނގިއިރު ހިބާ ހުރީ ލޯގަނޑު ކުރިމަތީގައި އެރޭގެ ކެއުމަށް ދާން ތައްޔާރުވާށެވެ. 7:30 ވާއިރު ގެއިން ނައްޓާނެ ވާހަކަ ފަރީދުބެ އޭގެ އިރުކޮޅެއް ކުރިން އޭނައަށް މެސެޖަކުން އަންގާފައިވާތީވެއެވެ.
ތައްޔާރުވުމަށްފަހު ހިބާއަށް މިހާރުގެ އާދައިގެ މަތިން ލޯގަނޑުން އެކި ފަރާތް ފަރާތުން އޭނަގެ މޫނު ފެންނަމުންދާ ގޮތަށް ބެލުނެވެ. ސްވިޓްޒަލޭންޑަށް އައިފަހުން އޭނައަށް އެކަމަށް މާ ބޮޑަށް ވަގުތު ހޭދަކުރެވެނީ އީތަން ސާރއާއި މެދު ވިސްނާފައިކަމީ ހިބާއަށް ސާފު ޙަޤީޤަތެކެވެ. އެ ޚިޔާލުތަކުން ދުރުވުމަށް ގަދައަޅައި މަސައްކަތް ކުރިއެއްކަމަކު ހިބާ ކާމިޔާބުވާ ގޮތެއް ނުވިއެވެ. ބޭރަށް ދާން ތައްޔާރުވުމަށްފަހު އެންމެ ފަހަރަކު އަމިއްލަ ސޫރައަށް ބަލާފައި އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން އުޅެފައި ވެސް، އަނބުރައި އަނެއްކާވެސް ލޯގަނޑުގެ ކުރިމައްޗަށް އާދެވެއެވެ. އޭނައަށް ވިސްނެނީ އީތަން ސާރއަށް އޭނަ ފެންނާނެ ކަމާއިމެދުކަން އެނގުންވާ ކޮންމެ ފަހަރަކު ލަދުވެސް ގަންނަ ގޮތްވެއެވެ.
އެ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވުމަކީ ނުވާނެ ކަމެއްހެން ހީވެ ހިބާ ހަތިޔާރު ބަހައްޓާފައިވިތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އަދި އަމުދުން މިއަދު ކަންތައް މިވީ ގޮތުން އެގޮތަށް ހަދަން އިތުރު ހިތްވަރެއް ލިބުނެވެ. ފަރީދުބެ އޭނައާއި އިންނަން ބޭނުންވާ ކުއްޖަކާއި ބައްދަލުކުރުވުމަށް ފަރީދުބެ ކެއުމަކަށް އެންގި ރޭ އީތަން ސާރ ވެސް ބޭރަށް ކެއުމަކަށް ދާން އުޅޭ ޚަބަރު ލިބުމުންނެވެ. ހަމްނާ އޭނައަށް ކިޔައިދޭ ފިލްމުތަކުން ވާހެން ނުހަނު އަސަރުވެރި ގޮތަކަށް އޭނައާއި އީތަން ސާރ ގުޅެން އުޅެނީ ހެއްޔެވެ؟
ހިނދުކޮޅަކަށް ނަމަވެސް އެ ޚިޔާލުތަކުގެ ތެރެއަށް ގެއްލި ހިބާއަށް ހީލެވުނެވެ. އެހިނދު އަމިއްލަ ނަފްސު ލޯގަނޑުން ފެނިފައި ހުނުން ހުއްޓައިލުމަށްފަހު ބޮލުގައި އެއްއަތުން ޖަހައިލެވުނީ އޭނަ މޮޔަވީތޯ އަމިއްލަ ޒަމީރާއި ސުވާލުކުރަމުންނެވެ. އެއާއިއެކު އޭނަ މިއަށްވުރެ ވިސްނުންތެރި ވާންވާނެ ކަމަށް އަމިއްލަ ނަފްސަށް ހަނދާންކޮށްދެވުނެވެ. އާނއެކެވެ. މިރޭ އޭނަ އެ ކެއުމަކަށް ގޮސް ބައްދަލުވަނީ އީތަން ސާރއާއި ނޫންކަމަށް ވިޔަސް އޭނަ ހިތް ދެރަ ކޮށްގެން ނުވާނެއެވެ. ކޮންމެހެން އީތަން ސާރ އޭނައަށް ނުލިބުނަސް ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނައަށްޓަކައި ފޮނުއްވާނީ އޭނަގެ ޙަޔާތުގެ ބައިވެރިއަކަށްވުމަށް އެންމެ އެކަށޭނެ މީހެކެވެ. އޭނައަށް އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ އެކަލާނގެއަށްވީތީވެއެވެ.
ކޮންމެއަކަސް އެރޭގެ ކެއުމަށް ދިޔުމަށް ހިބާ ގެއިން ނިކުތްއިރު މިރޭ އޭނައާއި ބައްދަލުކުރެވިގެންދާނީ އީތަން ސާރއާއި ކަމަށް އުއްމީދު ކުރެވުނެވެ. އެހެނަސް….
**
އީތަން އެރޭ 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު އިނީ ޒިއުރިކް ސިޓީގައި ހުރި ބޮޑު ރެސްޓޯރެންޓެއްގެ ވަށް މޭޒެއްގެ ދޮށުގައެވެ. އީތަންއާއި އެކީ އެ މޭޒުދޮށުގައި އިށީނދެގެން ތިބީ އެމީހުންގެ ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކްލައިންޓަކާއި އީތަންގެ ސެކްރެޓަރީކަމަށްވާ ޖޯޖްއެވެ.
8 ޖަހައި މިނެޓްތަކެއް ހިނގި ވަގުތު އީތަން އެ ކްލައިންޓާއި ދައްކަން ޖެހޭ ވާހަކަތައް ނިމުމަކަށް އައިސް އެ ކެއުން ވެސް ނިމިގެން ދިޔައެވެ. އީތަން ފަހުގެ ޝުކުރުގެ ބަސްތަކާއިއެކީ އެ ކްލައިންޓާއި އެކީ ގޮނޑިން ތެދުވެ އެ ކްލައިންޓާއި ސަލާމްކޮށްލިއެވެ. އީތަން ހުރީ އޭނަ އެފަދައިން ބައްދަލުކުރާ އެހެން މީހުންނަށްޓަކައި ހަދާ ފަދައިން އެ ކްލައިންޓަށް ކާރާއި ހަމައަށް ދެވެންދެން ކްލައިންޓާއި އެކީ ދާށެވެ. އެހެނަސް އޭނަ އެ މީހާ ކުރި ސަމާސާއަކަށް ލުއި ގޮތަކަށް ހީލަމުން އެހެން ދިމާލަކަށް ނަޒަރެއް ދިން ވަގުތު، އެ ރެސްޓޯރެންޓުގެ ދޮރުން ވަދެގެން އައި އަންހެން ކުއްޖާ ފެނިފައި އީތަން ހުއްޓުން އެރިއެވެ.
ލޭސް ފޮތީގެ ބައެއް އުދުހެމުން ދިޔަ ކަޅުކުލައިގެ ހެދުމަކާއި، އަޅިކުލައިގެ ޝޯލްއެއް އަޅައިގެން ހުރީ ކޮން ކުއްޖެއްކަން ނަގައިގަންނަން އީތަންއަށް ވަގުތުކޮޅެއް ނެގިއެވެ. އެއީ ކާކުކަން ނަގައިގަނެވުމާއިއެކު ވަށައިގެންވި ހުރިހާ އެއްޗެއް ގެއްލިގެން ދިޔަހެން އީތަންއަށް ހީވިއެވެ. އެހެން ދިމާލަކަށް ނަޒަރު ބަދަލުކުރަން ނޭނގިފައި ވަނިކޮށް ހަމަހޭވެރިކަމެއް ލިބުނީ، ހިބާގެ ފަހަތުން ރެސްޓޯރެންޓަށް ވަދެގެން އައި ފަރީދުބެއަށް އޭނަ ފެނުނުހެން ހީވުމުންނެވެ. އިސާހިތަކު އޭނަގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކުރެވުނީ ވީ ނުތަނަވަސްކަމެއްގެ ބޮޑުކަމުންނެވެ. އޭނަ އެއްކަލަ ކްލައިންޓާއި ޖޯޖްއަށް ބަލައިލިއިރު އެދެމީހުން ދެންމެ ދައްކަމުން ދިޔަ ވާހަކަ ނިމުމަކަށް އައީއެވެ. އެހިނދު ފުރުސަތުގެ ބޭނުން ހިފައި އީތަން ވާހަކަ ދެއްކިއެވެ.
“ޖޯޖް، ކުޑް ޔޫ ޕްލީޒް އެސްކޯޓް މިސްޓާރ ގްރެގް ޓު ހިޒް ކާރ. ވަންސް އެގެއިން ތެންކިއު ސޯ މަޗް މިސްޓާރ ގްރެގް. ވީ ލުކް ފޯރވާޑް ޓު ވޯކިންގް ވިތް ޔޫ.”
އީތަން އެހެން ބުނެ ހިނިތުންވުމަކާއިއެކީ ބުންޏެވެ. އޭގެ ޖަވާބަކަށް މިސްޓަރ ގްރެގް ވެސް ‘މީ ޓޫ’ އޭ ބުނި ހިނދު ޖޯޖްގެ މޫނުމަތިން ޙައިރާންކަމެއް ފެނުނެވެ. އީތަން ކްލައިންޓާއިއެކީ ބޭރަށް ނުދާކަން އެނގުންވުމުންނެވެ. އެއީ އީތަން ދުވަހަކުވެސް ނުކުރާ ކަމަކަށް ވުމުންނެވެ. ޖޯޖްގެ ޙައިރާންކަން ނަގައިގަނެވުނީތީ އީތަން ބުމަ އަރުވައި ބޯޖަހައިލީ އޭނަގެ ޢިޝާރާތް ނަގައިގަނުމަށް ޖޯޖްގާތު ބުނުމުގެ ގޮތުންނެވެ. އެއާއިއެކު ޖޯޖް މިސްޓަރ ގްރެގް ގާތު ހިނގާށޭ ބުނަމުން ރެސްޓޯރެންޓުން ނިކުންނަން މިޞްރާބު ޖެހިއެވެ.
އެދެމީހުން ހިނގައިގަތުމުން އީތަންއަށް ދެންވެސް ބަލައިލެވުނީ ދެންމެ އޭނަގެ ހިތާއި ކުޅެލި ސޫރަ ފެނުނު ދިމާލަށެވެ. އެހެނަސް އެ ދިމާލުން އެ ސޫރަ ނުފެނުމުން އީތަންއަށް ރެސްޓޯރެންޓުގެ ތެރެއަށް ނަޒަރެއް ދެވުނެވެ. އެހިނދު ހިބާ ފަރީދުބެއާއިއެކީ ރެސްޓޯރެންޓުގެ މަތީ ބަޔަށް ދިޔުމަށް ސިޑިން އަރަމުން ދިޔަތަން އީތަންއަށް ފެނުނެވެ.
ފަރީދުބެ ހިބާއާއިއެކީ މިއޮތް ރެއެއްގައި ރެސްޓޯރެންޓަކަށް އަންނާނީ ކީއްވެތޯ އެވަގުތު އީތަންގެ ހިތަށްއެރިއެވެ. މި ދުވަސްކޮޅު ހިބާ އުޅެނީ ބުރަކޮށްކަން ހިބާ ކުރީ ރެއަކު އޭނަ ނަގައިދިން ސެޝަންގެ ތެރެއިން ވެސް ބުނެފައިވާތީވެއެވެ. ފަރީދުބެ އެ ވާހަކަ އަޑު އަހާފައި ހިބާގެ މަސައްކަތް ބުރަކަމުން ތަނަކަށް ވެސް ނުދެވޭތާއޭ ބުނެފައިވާތީވެއެވެ. ވީއިރު ކީއްވެ ހެއްޔެވެ؟
ހިތަށް ވެރިވި އެ ސުވާލަށް ސިކުނޑި ދިން ޖަވާބުން އީތަންގެ މެއަށް ނުބައި ގޮތެއްވިއެވެ. އެދުވަހު ޕާކުގެ ތެރެއިން އޭނަގާތު ފަރީދުބެ ބުނެފައިވާ ވާހަކަ ހަނދާންވެގެން ދިޔަދިޔަހެން ވެސްމެއެވެ. މިރޭ ފަރީދުބެ ހިބާ ގޮވައިގެން އެ އައީ ހިބާއާއި އިންނަން އުޅޭ މީހަކާއި ބައްދަލުކުރުވަންތޯ ހިތަށްއެރިއެވެ. އެ މީހަކު ހިބާ މަތިން ހަނދާންވާތީ މިހާ ހިސާބަށްވެސް އައީ ހެއްޔެވެ؟ އެހެންނޫނީ ހިބާ އެމީހަކު މަތިން ހަނދާންވާތީ ހިބާ އެދިގެން އެމީހަކު މިކޮޅަށް އައީ ހެއްޔެވެ؟ އެއީ ވެސް އޭނަ ފަދައިން މަތީ މަޤާމެއްގައި އުޅޭ މުއްސަނދި މީހަކަށް ވެދާނެ ހެއްޔެވެ؟ އެ ވާނީ އަޚްލާޤު ރަނގަޅު އަދި ހިބާއަށް ކަމުދާ މިޒާޖެއްގެ މީހަކަށް ހެއްޔެވެ؟
އޭގެއިން ކޮންމެ ޖަވާބަކަށް އީތަންގެ ހިތުގެ ކަނަކުން އާނއެކޭ އަންނަމުން ދިޔަގޮތުން އީތަންގެ ނޭވާ ކުރުވާ ގޮތްވިއެވެ. ހިބާއާއި ފަރީދުބެ ސިޑީގެ އެންމެ ފަހު ހަރުފަތް ގިރާ ކުރި މަންޒަރު ބެލުމަށްފަހު، އީތަން ދާން ހިނގައިގަތީ ކުރެވުނު އިޙްސާސްތަކުން އޭނަ އެތާނގައި ހުންނަން ބޭނުންނުވާހެން ހީވުމުންނެވެ. ދާދި ދެންމެއަކު އޭނަ މިސްޓަރ ގްރެގްއާއި އެކީ ޖޯޖް ފޮނުވައިލީ ހިބާއާއި ފަރީދުބެ ގާތަށް ގޮސް އެތަނަށް އައީ ކީއްކުރަންތޯ އަހައި ބައްދަލުކޮށްލުމަށެވެ. އެހެނަސް އެވަގުތު އޭނަގެ މިޞްރާބު ރެސްޓޯރެންޓުގެ މައިދޮރާއި ދިމާލަށް ހުރީ، އެ ސުވާލުގެ ޖަވާބަށް އޭނައަށް ކެތް ނުކުރެވިދާނެހެން ހީވުމުންނެވެ.
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ރެސްޓޯރެންޓުގެ މައިދޮރާއި ހަމައަށް ދެވުނު ވަގުތު އީތަންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަ މިރޭ މިތަނުން ދާން ނުޖެހޭކަމަށް ނޭނގޭ ބާރަކުން އޭނައަށް އެނގިގެން ދިޔަ ފަދައަކުންނެވެ.
**
ހިބާ ފަރީދުބެއާއި އެކީ ގޮސް އިށީނީ އެ ރެސްޓޯރެންޓުގެ ދެ ވަނަ ފަންގިފިލާގެ ކަނެއްގައި ހުރި މޭޒެއްގައެވެ. މޭޒު ދޮށުގައި އިށީން ވަގުތުވެސް ހިބާއަށް އެ ފަންގިފިލާއަށް ވަދެވޭ ދޮރާއި ދިމާލަށް ބެލެމުން ދިޔައެވެ. އޭނައާއި އިންނަން އުޅޭ ޒުވާނާ ހަމަ ދެންމެ ދެންމެ އެތަނުން ވަދެގެން އަންނާނެހެން ހީވަމުން ދިޔައީތީވެއެވެ.
“ތަންކޮޅެއް ބިޒީ ދުވަހެއްގަ މި ގޮތަށް އަންނަން ޖެހުނީމަ ހިބާއަށް ދަތިވެސްވިދޯ؟” ފަރީދުބެ އެހެން އަހައިލުމުން ޚިޔާލުތަކުން ނިކުމެވުނު ހިބާއަށް ފަރީދުބެއާއި ދިމާލަށް ބަލައިލެވުނެވެ.
“ހެހެ….ނޫން ދެން މުހިއްމު ބައްދަލުވުމަކަށްވީމަ އަންނަންވާނެތާ…” ހިބާ ހިނިތުންވުމަކާއިއެކީ ފަރީދުބެގާތު އެހެން ބުނެލި ވަގުތަކީ، ހިބާ ދެންމެ ބަލަހައްޓައިގެން ހުރި ދޮރުން އީތަން ވަދެގެން އައި ވަގުތެވެ.
އެ ފަންގިފިލާއަށް ވަންނަމުން ވަށައިގެން ނަޒަރެއް ދިން އީތަންއަށް ފަރީދުބެއާއި ހިބާ ފެނިފައި ހުއްޓުންއެރިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެދެމީހުން ކައިރިއަށް ގޮސް ޚަބަރު ބަލައިލާނީއޭ ހިތަށްއެރިއެވެ. އެހެނަސް އެ މޭޒުކައިރިއަށް މިރޭ އެހެން މެހުމާނެއް އަންނާނެއޭ ހިތައި އީތަން އެ ބައްދަލުވުމުގެ ތެރެއަށް ވަންނަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އީތަން ވަކި އެމީހުންގެ ކައިރިއަށް ނުގޮސް އެ ފަންގިފިލާގެ ވާތު ފަޅީގައި ހުރި މޭޒެއްގެ ދޮށުގައި އިށީނެވެ. އެހެން މީހުންގެ ވާހަކަ އެ މީހުންގެ އިޒުނައާއި ނުލައި އަޑުއެހުމަކީ ގޯސްކަމެއްކަމަށް ބުނެ ޝަހީދުބެ ކިޔައިދިން ދުވަސް ހަނދާންވިއެއްކަމަކު، އޭނަ މިރޭ ހިބާއާއި ބައްދަލުކުރާ މީހަކު ނުބަލައި ގޮސްފިނަމަ އޭނަގެ ޙާލަތު ގޯސްވާނެ މިންވަރު އެނގުންވިއެވެ. ރެސްޓޯރެންޓުގައި މަޑުކުރަން ނިންމި ނިންމުމާއިމެދު މާ ބޮޑަށް ވިސްނައިވެސް ނުލެވުނީ ހަމަޖެހުން ގެއްލިފައިވި ހިތެއްގެ ސަބަބުންނެވެ.
“ކޯޗަކަށް ހިބާ އޯޑަރު ދޭނީ؟ މިތާ ޕާސްތާ ވަރަށް މީރު ވާހަކަ ބޭބެ އަޑުއެހިން.” ވޭޓަރު އައިސް އެމީހުން ތިބި މޭޒުމަތީގައި މެނޫ ބޭއްވުމުން ފަރީދުބެ އޭތި ނަގައި އާދައިގެ އަޑަކުން ކުރި ސުވާލު އީތަންއަށް އިވުނެވެ. އެއީ ފުދޭވަރަކަށް ކުޑަކޮށް ހެދިފައި ހުރި ފަންގިފިލާއަކަށް ވެފައި އެތާނގައި މީހުންވެސް މަދުވުމުންނެވެ.
“އަޅުގަނޑު….ބަލައިލަންޖެހޭނީ. ހެހެ…” ހިބާ އެހެން ބުނެލުމަށްފަހު އެ ފަންގިފިލާގެ ދޮރާއި ދިމާލަށް ބަލައިލިކަން އީތަންއަށް ފާހަގަވިއެވެ. ހިބާ އެމީހަކު އަންނާނެ އިރަކަށް ކެތްމަދުވަނީތޯ ހިތަށްއެރި ވަގުތު އީތަންއަށް އިސްޖަހައިލެވުނެވެ.
“ފުރަތަމަ ފަހަރަށްދޯ މިކޮޅަށް އައިފަހުން ރެސްޓޯރެންޓަކުން ކާން މި ލިބެނީ ހިބާއަށް؟” ފަރީދުބެ އެހިއެވެ.
“ނު..ނޫން. ސްކޫލްގަ ވަރަށް ގިނައިރު ވީ ދުވަހެއްގަ ތަނަކުން އޯޑަރުކޮށްގެން ކެއީ…” ހިބާ ބުންޏެވެ. ފަރީދުބެ މި ތަނަށް އޭނަ ގެނައި މަޤްޞަދުގެ ވާހަކަ ދެއްކުމެއްނެތި އެހެން ވާހަކަތައް ދައްކާތީ ހިސާބަކަށް ކެތްމަދުވެފައި އިނދެއެވެ.
“އަސްލުވެސްތަ؟ ކޯޗެއް ކެއީ އެދުވަހު؟ މީރުތަ؟”
“އާނ….މީރު.”
ހިބާއަށް ކުރުގޮތަކަށް ބުނެލިއެވެ. އެހިނދު ފަރީދުބެގެ މޫނުމަތިން ވެސް ހިސާބެއްގެ ނުތަނަވަސްކަމަކާއި ޖެހިލުންވުމެއް ފެނުނުހެން ހިބާއަށް ހީވިއެވެ. ފަރީދުބެ ބުނަން އުޅޭ ވާހަކައެއް ބުނަން ބޭނުންނުވާތީ ފަސްކުރަމުން ދިޔަ ފަދައަކުންނެވެ. އެކަން އެނގުންވީ ހިނދު ހިބާއަށް ވާހަކަ ދެކެވުނެވެ.
“ފަރީދުބެ….ކޮބައިތޯ އަޅުގަނޑާއި ބައްދަލުކުރަން އުޅޭ ކުއްޖާ؟” ހިބާއަށް އަހައިލެވުނެވެ. އެ ވާހަކަ އަމިއްލައަށް އިސްނަގައިގެން އަހަން ޖެހުނީތީ ހިސާބަކަށް ލަދުވެސް ގަންނަ ގޮތްވިއެވެ. އެހެނަސް އެ ސުވާލުން ފަރީދުބެގެ މޫނުމައްޗަށް ވެރިވި ބަނަކަން ފެނިފައި ހިތަށް ވަން ނުތަނަވަސްކަން އެ ލަދުވެތިކަމުގެ މައްޗަށް ބާރު ފޯރުވިއެވެ.
ފަރީދު ހިބާއަށް ބަލަން އިނދެފައި އިސްޖަހައިލަމުން ފުން ނޭވައެއް ދޫކޮށް ގޮނޑިއަށް ލެނގިލިއެވެ. ހިބާކޮށްލި ސުވާލުންނާއި އެ ސުވާލުން ފަރީދުބެއަށް އެ ވީ ގޮތުން އީތަންއަށް ވެސް ޙައިރާންކަމެއް ލިބުނެވެ. ހިބާ އެ ސުވާލުކުރި ގޮތުން ހިބާ މީހަކާއި އިންނަން އުޅޭކަން ވެސް އެނގުނީ ދާދި ފަހުންކަން އީތަންއަށް އެނގުންވިއެވެ. ހިބާގާތު އެ ވާހަކަ ބުނުމުގެ ކުރިން ފަރީދުބެ އޭނައަށް އެ ޚަބަރު ދިނީ ކީއްވެތޯ ހިތަށްއެރިއެވެ. އަދި އަމުދުން ހިބާއާއި އިންނަން އުޅޭ ކުއްޖާއާއި ހިބާ ބައްދަލުކުރުވުން ލަސްކުރަނީ ކީއްވެތޯ ބުނެވެސް އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ.
އީތަންއާއި ހިބާ ތިބިގޮތަށް ތިއްބާ ފަރީދުބެ ލައިގެން ހުރި ކޯޓުގެ އެތެރެ ފަރާތުގެ ޖީބުން ފޯނު ނެގިއެވެ.
“އެކުއްޖާ މިވަގުތު ހުރީ މާލޭގަ. އެހެންވީމަ އެކުއްޖާ ބޭބެގާތު އެދުނީ މިކަހަލަ ތަނަކަށް ހިބާ ގެނެއްސަ އެކުއްޖާއަށް ގުޅައިލަދޭށޭ. އެކުއްޖާ އަމިއްލައަށް މި ރެސްޓޯރެންޓުން ކެއުން ހަމަޖައްސައިދިނީ ވެސް…”
ފަރީދުބެ އެހެން ބުނެލީ ފޯނުން މީހަކަށް ގުޅުމަށްފަހު ފޯނު ސްޕީކަރަށް ލައި ހިބާގެ ކުރިމަތީގައި އެ ފޯނު ބާއްވަމުންނެވެ. ފަރީދުބެ ހިނިތުންވުމެއް ވެސް ނެތި އެ މީހެއްގެ ވާހަކަ ދައްކަމުން ދިޔަ ގޮތުންނާއި، ކެއުން ހަމަޖައްސައިދިނީވެސް އެކުއްޖާކަމަށް ބުނެލި ގޮތުން ހިބާއަށް ވިސްނައިލެވުމުގެ ވެސް ކުރިން މޭ ނުބައި ކުރިއެވެ. މީގެ ހަފްތާތަކެއް ކުރިން އޭނަ މާލެ ގެނައުމަށް އާސިފް ޓިކެޓް ހަމަޖައްސައިދިން ވާހަކަ ހަނދާންވެގެން ދިޔައީ އެ އިޙްސާސަށް ފަހުއެވެ. މެއަށް އިތުރު ލޮޅުމެއް އައީ ފޯނުގެ ސްކްރީނުން ‘މެނޭޖާރ’ އޭ ލިޔެވިފައި އޮތްތަން ފެނުމުންނެވެ. އާސިފްގެ މަޤާމާއިމެދު ފަރީދުބެ އޭނައަށް ކުރިން ވެސް ކިޔައިދީފައިވާ ގޮތް ހަނދާނަށް އަންނަން ފެށި ވަގުތު ފަރީދުބެވެސް ވާހަކަ ދެއްކިއެވެ.
“އެއީ ބޭބެ މަސައްކަތް ކުރާ އޮފީހުގަ ބޭބެއަށް ވުރެ ވެސް މަތީ މަޤާމެއްގަ ހުންނަ މެނޭޖަރެއް. ޒުވާން ޢުމުރެއްގަ އެފަދަ މަޤާމެއްގަ ހުރެވޭނީ މޮޅުވެސް ވީމަދޯ؟”
ފަރީދުބެ ކިޔައިދިން ވާހަކަތައް އިވިފައި ހިބާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެއީ އާސިފާއި ވާހަކަ ދައްކަން ކެތްމަދުވީތީވެއެއް ނޫނެވެ. އެހެނެއްކަމަކު އާސިފް އޭނައާއިމެދު ކަންތައް ކުރިގޮތް ހަނދާންވެ ހިތުތެރޭގައި އަނދަންފެށި ރުޅިވެރިކަމުގެ އަލިފާނެއްގެ ސަބަބުންނެވެ. އާސިފް އޭނައާއިމެދު ކުރި ކަންތަކަށްފަހު ވެސް އޭނަ އާސިފްގެ ކިބައި ސަލާމަތް ނުވާކަން އެނގުންވި ހިނދު ލޮލުން ކަރުނައިގެ ދިލަވެސް ނެގިއެވެ.
މިފަހަރު ފަރީދުބެ ދެއްކި ވާހަކަ އިވި ހިބާއަށް ވީގޮތް ފެނިފައި އީތަންގެ ދެބުމަ ކައިރިވިއެވެ. ފަރީދުބެ އެއީ ނުހަނު މަތީ މަޤާމެއްގައި ހުންނަ ކުއްޖެއްކަމަށް ބުނުމުން ހިބާ ނުހަނު އުފަލާއިއެކީ އެހެންތޯ ބުނާނެކަމަށް އީތަން ހީކުރިއެވެ. އެހެނަސް ހިބާ އިސްޖަހައިލި ގޮތުން ހިބާގެ އިޙްސާސްތައް ދެނެގަންނަން އީތަންއަށް ދަތިވިއެވެ. ވަކިން ޚާއްޞަކޮށް އީތަން ހުރި ހިސާބުން ހިބާގެ މޫނު ނުފެނުނު ގޮތުން ހިބާ އިސްޖަހައިލީ ލަދުން ކަމެއް ނޫނީ އެހެން ސަބަބަކާއިހުރެ ކަމެއް އީތަންއަށް ޔަޤީނެއް ނުކުރެވުނެވެ.
އީތަން ބަލަބަލާ އިންދާ ފޯނުގެ ރިންގު ކެނޑި އެކޮޅުން ފޯނު ނެގި މީހެއްގެ އަޑު އިވުނެވެ.
“ހެލޯ ބޭބް. މަގޭ ލޯބި ހިބާ ކޮޅު ކިހިނެއްތަ؟”
އެ މީހަކު ވާހަކަ ދެއްކި ރާގު އިވިފައި އިސާހިތަކު އީތަންގެ ބުމަގޮށްޖެހި، ކަތުރުކަށިގަނޑަށް ބާރުވިއެވެ. އެމީހަކަށް އަދި ހިބާއާއި އެގޮތަށް ވާހަކަ ދެއްކުމުގެ ޙައްޤެއް ލިބިގެންނުވާ ކަމަށް ބުނެ ހިތް ހަޅޭއްލެވިއެވެ. އިސާހިތަކު އީތަންގެ ސަމާލުކަން ހިބާއަށް ދިޔައީ، އެމީހަކަށް ވަރުގަދަ ޖަވާބެއް ދިނުމަށް ހިބާއަށް ހިތްވަރު ދޭ ޙާލުގައެވެ. އެހެނަސް ހިބާ އެއްވެސް އެއްޗެކޭ ނުބުނެ އިންގޮތަށް އިން މަންޒަރު ފެނިފައި އީތަންގެ ގޮށްމުއްކެވުނެވެ.
“ކިހިނެއްވީ ލޯބި؟ ލަދުންތަ؟ އަޅެ ތިހާ ލަދުން އުޅެންޏާ ކިހިނެއް މެރީ ކޮށްގެން އުޅޭނީ؟” އާސިފް އިތުރަށް ވާހަކަ ދެއްކި ގޮތުން އީތަންގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނަ އެއްޗެކޭ ބުނަން ޚިޔާލުކުރި ވަގުތު ހިބާގެ އަޑު އިވުނެވެ.
“އަހަރެން ނެތިން އާސިފާއި އިންނާކަށް.” ހިބާ އެހެން ބުނެލިއިރު އެ އަޑު ތުރުތުރު އަޅައިގެން ދިޔަ ގޮތުންނާއި، ‘އާސިފް’ ގެ ނަން އިވިގެން ދިޔަ ގޮތުން އީތަން ހިސާބަކަށް ހުއްޓުން އެރިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އާސިފަކީ ކާކުކަން ހަނދާންވެގެން ދިޔަ ހިނދު އީތަންގެ ހެއަށް ވެސް ގޮތެއްވިއެވެ. ހިބާއާއި ދެވަން ފަރީދުބެ ހޮވައިގެން އުޅެނީ އެރޭ ހިބާގެ ހޮޓެލް ރޫމަށް ވަން އާސިފްތޯ ހިތަށްއެރި ވަގުތު އަނެއްކާވެސް އެމީހެއްގެ އަޑު ފޯނުން އިވުނެވެ.
“ޑޯންޓް ބީ ލައިކް ދިސް ބޭބީ ގާރލް. މިހާރު ތިހިރީ މީހަކާއި އިންނަ ޢުމުރަށް ވެސް ގޮސްފައެއްނޫންތަ؟ މީހަކާ ނުއިނދެ މާ ދުވަސް ވެސް ވެފައެއްނޫންތަ ތިހިރީ؟ ދެން އަހަރެން ކަހަލަ މަދު ޒުވާން ފިރިހެނުން އުޅޭނީ މި ޢުމުރުގަ މެރީ ނުކޮށް. އަހަންނަށް ނޫނެކޭ ބުނެފަ ގޮއްސަ ހިބާ އިންނާނީ މުސްކުޅި ފިރިހެނަކާތަ؟ އެހެންނޫނީ 3 ދަރިން ހޯދައިގެން ވަރިވެފަ ހުރި މީހަކާތަ؟”
“މުޅި ދުނިޔެ މަތިން ފިރިހެނުން ހުސްވިޔަސް އަހަރެން ނެތިން ތީނައާއި އިންނާކަށް…”
“ޕިސް ޕިސް ޕިސް….ބަޓް ޔޫ ޑިޒާވް ބެޓާރ. ހިބާވެސް ނޫންކަމަށް ހަދައިގެން ހުއްޓަސް ހިބާ ބައިވެރިއަކު ބޭނުންވާނެކަން މަށަށް އެނގޭ. އަންހެނަކަށް ވިޔަސް އެދުންތަކެއް ހުންނާ-“
“ބޭނުމެއް ނުވެއޭ ބުނީމަ އަޑުއަހާނީ!!!!”
ހިބާ އެ ފަހު ބަސްތައް ބުނެލީ މޭޒުމަތީގައި ގޮށްމުށުން ޖަހަމުން ހަރުއަޑުންނެވެ. އެހިނދު ހިބާއަށް ބަލަން ތިބި ފަރީދާއި އީތަން ވެސް ހިސާބަކަށް ސިހުންވީއިރު، އެ ފަންގިފިލާގައި ތިބި ދެ ވޭޓަރުންނާއި މޭޒެއްގެ ދޮށުގައި ތިބި މީހުންގެ ނަޒަރު ވެސް ހިބާއަށް އަމާޒުވިއެވެ. އެހެނަސް އެއިން އާސިފަށް ކުރި އަސަރެއް ނެތެވެ. ދެންވެސް އޭނަގެ ފަރާތުން އިވިގެން ދިޔައީ ކިބުރުވެރި އަޑެކެވެ.
“ހާދަ ލޯބި އަޑެކޭ. އެންމެ އުފާވާނީ ތި އަޑު މި ކަންފަތް ދޮށުގަ އިވޭނެ ދުވަހަކުން. އެދުވަސް ވަރަށް އަވަހަށް އަންނާނެ. ނޫންތަ ފަރީދުބެ؟”
އާސިފް މިފަހަރު ބުނެލި ވާހަކައިން ލޮލަށް ކަރުނަތައް ޖަމާވެފައި އިން ހިބާ ފަރީދުބެއަށް ބަލައިލިއެވެ. އެހިނދު އީތަންއަށް ވެސް ފަރީދުބެއަށް ނަޒަރެއް ދެވުނެވެ. ފަރީދުބެ އާސިފަށް އިންކާރު ކުރާނެކަމަށް ހިނދުކޮޅަކަށް ނަމަވެސް ހީވިއެވެ. އެހެނަސް….
“އަ..އާދެ. ބޭބެ އަދި ހިބާއާއި ވާހަކަ ދައްކާފަ ހިބާ މި ކައިވެންޏަށް އެއްބަސް ކުރުވާނަން.” ފަރީދުބެ އަވަސްއަވަހަށް ފޯނު ނަގައި ސްކްރީނަށް ބަލަމުން ބުނެލި ވާހަކައިން ހިބާގެ ނޭވާ މެދުކެނޑި ހުއްޓުން އެރި ހިނދު، އީތަންއަށް ވެސް ޤަބޫލުކުރަން ދަތިވެފައި މަންޒަރު ބަލަން އިނދެވުނެވެ.
ފަރީދުބެ ދެންވެސް އާސިފް ދެއްކި ވާހަކަތަކަށް ‘އާދެ އާދެ’ އޭ ބުނުމަށްފަހު ފޯނު ކަނޑައިލަމުން މޭޒުމަތީގައި ބޭއްވުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ސިކުންތުކޮޅެއްގެ ހިމޭންކަމެއް ވޭތުވިއެވެ. އެ ހިމޭންކަން ނަގައިލީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިން ހިބާއެވެ.
“ބޭބެ….ބޭނުންވަނީ އަހަރެން ހަމަ އެކަހަލަ މީހަކާއި އިންނަންތަ؟” ހިބާ އިންގޮތަށް އިނދެ ސުވާލުކުރިއެވެ. ހިތުގައި އުތުރިއަރަމުން ދިޔަ އެއްވެފައިވި ޖަޒުބާތުތަކެއްގެ ސަބަބުން ރޯންވެސް ނޭނގިފައި އިން ފަދައަކުންނެވެ.
“ހިބާ-“
“ބޭބެއަށް އެނގޭތަ އޭނަ އަހަންނާއިމެދު ކަންތައް ކުރި ގޮތް؟”
“ހިބާ އަޑުއަހާބަލަ ބޭބެ-“
“ބޭބެ ބަލަހައްޓައިގެން ނެތްއިރު އޭނަ ގަދަކަމުން އަހަރެންގެ އަތުގަ ހިފީ. އަހަންނަށް އޮޅުވާލައިގެން އަހަރެންގެ ހޮޓެލް ރޫމަށް ވަދެ ރޫމުގެ ދޮރު ތަޅުލީ. އެރޭ އަހަރެން ވަރަށް ބިރުގަތް ބޭބޭ. އެރޭ ރަނގަޅު ވަގުތުގަ ފުލުހުން ނައިނަމަ ނޭނގެ އަހަންނަށް…”
ކަރުނަތައް ޖަމާވަމުން ދިޔަ ލޮލާއިއެކީ ރޫރޫ އަޅަމުން ދިޔަ އަޑަކުން ހިބާގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ އޭނަގެ އަރުތެރެ ބެދުނެވެ. ދުލާއި ހަމައަށް ދުވަހަކުވެސް ނުގެންނަން ނިންމައިގެން ހުރި ވާހަކައެއް ބޮޑުބޭބެއަށް ކިޔައިދޭންވުމުން ހިތަށްވީ އުދަގުލާއި އެކީ މޭޒުމަތީގައި އެޅިފައި އޮތް ފޮތިގަނޑު އަތަށް ބޮނޑިކޮށްލެވުނެވެ. އެހިނދު އެއްކަލަ ރޭ ވެގެން ދިޔަ ފަދައިން އޭނަ ބައްޕަ މަތިން ހަނދާންވެގެން ދިޔައީ މާ ބޮޑަށެވެ. އޭނަގެ އަމިއްލަ ބޮޑުބޭބެ ފަރާތުން ވެސް އޭނައަށް ރައްކާތެރިކަމެއް ލިބެން ނެތްހެން ހީވުމުންނެވެ.
ހިބާ ދައްކަމުން ދިޔަ ވާހަކަތަކުން އާސިފަށް އައި ރުޅިއާއިއެކީ ހިބާއަށްޓަކައި ހިތް ދެރަވެސް ވާ ގޮތްވިއެވެ. ހިބާ ރޮވެން ކައިރިވެފައިވިހެން ހީވި ހީވުމާއިއެކު ހިބާގެ ކައިރިއަށް ގޮސް ހިބާގެ ގައިގައި ބައްދާލަން ހިތް އެދުނެވެ. ހަމަ އެހިނދު ފަރީދުބެއަށް ވެސް އިންތިހާއަށް ނުރުހުންވެ އެ ބޭބެއަށްޓަކައި ހިތުގައި އޮތް ހުރިހާ އިޙްތިރާމަކާއި ޤަދަރެއް ގެއްލިގެން ދިޔައެވެ. ހިބާގެ ބައްޕަގެ ބަދަލުގައި ހިބާއާއި އިންނަން އެފަދަ މީހަކު ހޯދަން އެއީ ކާކުތޯ ހިތަށްއެރިއެވެ. އީތަންގެ މި އިޙްސާސްތައް ދެގުނަ ވެގެން ދިޔައީ ފަރީދުބެ އިތުރަށް ދައްކަން ފެށި ވާހަކަ ތަކަކުންނެވެ.
“ހިބާ….މި ޒަމާނުގަ ނުފެންނާނެ ހިބާ ތި އުއްމީދު ކުރާކަހަލަ ރަނގަޅު ކުދިންނެއް. އާސިފަކީ ވެސް ހިބާހެން ވަރަށް ގިނަ ދުވަސްވަންދެން ހުހަށް ހުރި ކުއްޖެއް. އާސިފަށް ކުރެވުނު ކަންތަކުގެ ފަހަތުގައިވާ ސަބަބަކީ އެއީ ކަމަށްވެސް ވެދާނެ. އެހެންވީމަ އާސިފް ބުނިހެން ހިބާއަށް ވެސް އެންމެ ރަނގަޅުވާނީ އެ ކަންތައް ހަނދާން ނައްތައިލާފަ އާސިފާއި އިނިއްޔާހެން ބޭބެއަށް ހީވަނީ.”
“މީހަކާއި ނުއިނދެ ގިނަ ދުވަސްވުމަކީ ފާޙިޝް ކަންތަކަށް އަރައިގަންނަން ލިބޭ ޢުޒުރެއްތަ؟ ޤަބޫލެއްވެސް ނުކުރެވޭ ބޭބެ ކަމެއް ތި ވާހަކަ ދައްކަނީ. އަހަރެން ބޭނުމެއްނުވޭ އެކަހަލަ މީހަކާއި އިންނާކަށް ބޭބޭ…”
“ހިބާ ކިތަންމެ ގިނައިން ތިހެން ބުންޏަސް މި ނިންމުން ބަދަލުކުރެވޭކަށް ނެތް ދަރިފުޅު. ވަރަށް ބޮޑަށް މަޢާފަށް އެދެން މިހެން ބުނަން ޖެހޭތީ އެކަމަކު….ހިބާއަށް ވެސް އެންމެ ރަނގަޅުވާނީ ހިތާއި ދެކޮޅަށް ވިޔަސް އާސިފާއި އިނީއްޔާ.”
ފަރީދު އެ ބަސްތައް ބުނެލީ ހިބާއާއި ހަތަރުކަޅި ހަމަކުރަން ވެސް ބޭނުންނުވެފައި ވި ފަދައަކުންނެވެ. ކުރެވެމުންދާ ކަމާއިމެދު އަމިއްލަ ނަފްސާއިމެދު ލަދުވެތިވާ ފަދައަކުންނެވެ. އެހެނަސް އެކަން ފާހަގަނުވި އީތަން ދުވަހަކުވެސް އޭނަ ބޭބެ ކިޔުނު މީހަކަށް ރުޅި ނާންނަވަރަށް ފަރީދުބެއަށް ރުޅިއައެވެ.
އިސާހިތަކު އެތަނަށް ގޮސް ފަރީދުބެގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލައިލަން އީތަންގެ ހިތް އެދުނެވެ. އެއަށްފަހު ހިބާއަށްޓަކައި އަޑު އުފުލާނެ ގޮތްތައް ސިކުނޑިއަށް ވެރިވާން ފެށިއެވެ. ގަދަކަމުން ކުރެވޭ ކައިވެންޏަކީ ކައިވެންޏަކަށް ނުވާނެކަމަށް ހަރުއަޑުން ބުނަން ބޭނުންވިއެވެ. ދުވަހެއްގެ ކޮޅުން ވެސް ހިބާ އެފަދަ ލަދެއް ޙަޔާތެއް ނެތް ފިރިހެނަކާއި ނުއިންނާނެ ކަމަށް އަންގަން ބޭނުންވިއެވެ. ހިބާ އިންނާނީ ހިބާ ލޯބިވާ މީހަކާއިކަމަށް ވެސްމެއެވެ.
އެ ބަސްތައް ސިކުނޑިއަށް ވެރިވެގެން ދިޔަދިޔަހެން އީތަންއަށް ކޮޅަށް ތެދުވެލެވުނެވެ. އެއަށްފަހު ހިބާމެން ތިބި މޭޒާއި ދިމާލަށް ދިޔުމަށް އީތަން ޚިޔާލުކުރީ ހިބާގެ ރައްކާތެރިކަން ނޫން އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތައިލަމުންނެވެ. އޭނަ އެފަދައިން ހިބާއަށްޓަކައި ވާހަކަ ދެއްކުމުގެ ސަބަބަކާއިމެދު ސުވާލު ކުރެވުނަސް ހެޔޮ ކަމަށް ނިންމަމުންނެވެ. ޖަޒުބާތުގައި ޖެހިގެން އޭނައަކީ ކާކުކަން ބުނެވުނަސް ހެޔޮ ކަމަށް ނިންމަމުންނެވެ.
މިފަދަ ވަރުގަދަ ޢަޒުމްތަކާއިއެކީ އީތަން އެ މޭޒު ކައިރިއަށް ދިޔުމަށް ފިޔަވަޅެއް އެޅިތަނާހެން، އީތަންގެ ޙަރަކާތްތަކަށް ހުއްޓުމެއް އައީ، ހިބާގެ އަޑު އިވުމުންނެވެ.
“ހިތަށް އަރަނީ މިއަދު ބައްޕަ ދުނިޔޭގަ ހުރިނަމަ ބޭބެގެ ތި ނިންމުމަށް ބުނީހީ ކީކޭބާއޭ…” ހިބާ މަޑުމައިތިރި އަޑަކުން އެހެން ބުނެލި ވަގުތު ލޮލަށް ޖަމާވެފައިވި އެތައް ކަރުނަތަކެއްގެ ތެރެއިން ކަރުނައެއް ފައިބައިގެން އައެވެ.
ހިބާގެ ބަސްތަކުން އީތަންގެ ސިކުނޑި ދިން އިންޒާރާއިއެކީ ނޭވާ މެދުކެނޑުނެވެ. ހިބާ އެ ބުނި އެއްޗެއްގެ މާނަ އޭނައަށް ނެގުނީ ނުބައިކޮށްތޯ ހިތަށްއެރިއެއްކަމަކު އެކަން އެހެން ނުވާނެކަމަށް މިފަހަރު އީތަންގެ ހިތަށް ޔަޤީންވެގެން ދިޔައެވެ. އެއާއިއެކު ހިތް މޭތެރޭގައި އޮވެ ގެނބެން ފެށި ކަހަލަ އިޙްސާސެއް ކުރެވެން ފެށި ހިނދު އަނެއްކާވެސް ފަރީދުބެ ހިބާއަށް ގޮވައިލި އަޑު އިވުނެވެ. އެހެނަސް ހިބާ ފަރީދުބެއަށް ފުރުސަތެއް ނުދީ ވާހަކަ ދެއްކިއެވެ.
“އަހަރެން ދުވަހަކުވެސް ބޭބެއަކީ ދުރު މީހެއްގެ ގޮތުގަ ނުދެކެން. އަބަދުވެސް ބައްޕައަށް ދިން އިޙްތިރާމާއި ލޯބި ބޭބެއަށް ދިނިން. އެކަމަކު ހިއެއްނުވޭ ދެން އެގޮތަށް ކަންތައް ކުރެވޭނެ ހެނެއް…” ހިބާ ތެމިފައިވާ ކޯތަފަތާއިއެކީ ދެއްކި ވާހަކައިން އެވަގުތުވެސް ޝޮކެއްގައި ހުރި އީތަންއަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.
“ހިބާގެ ތި އިޙްސާސް ބޭބެއަށް ފަހުމްވޭ. އެކަމަކު މި ވަގުތު ހިބާ އާސިފާއި އިނުން އެންމެ ރަނގަޅުވާނީ. ހިބާ އެކަނިމާއެކަނި ކޮއްކޮއާއި އެކީ އުޅޭތާ ކިތައް އަހަރުތަ ތި ވަނީ؟ ބޭބެއަށް ރަނގަޅަށް އެނގޭ ހިބާ އުޅެނީ ކިހާ ބުރަކޮށްކަން. ހިބާގެ އެ ބުރަވެސް އުފުލައިދޭންކަމަށް ބޭބެ މި ނިންމުން ނިން-“
“10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އަހަރެން އެގޮތުގަ އުޅެފިން. ﷲ ގެ އިރާދަފުޅުން މިހާތަނަށް ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް. އަހަންނާއި އަހަރެންގެ ކޮއްކޮ ރައްކާތެރިކޮށްދެއްވީ ހަމައެކަނި ﷲ. ބައްޕައާއި މަންމައާއި ނުލާވެސް އަހަރުމެންނަށް ރިޒުޤު ދެއްވައި ރިޒުޤު އިތުރުކޮށް ދެއްވީ ހަމައެކަނި ﷲ. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން އެގޮތުގައި ބަލަހައްޓަވާނީ ވެސް ހަމަ އެކަލާނގެ އިން ޝާ ﷲ. ވީއިރު ކޮންމެހެން ޙަޔާތުގެ ބުރަތައް އުފުލައިދިނުމަށް އަހަރެން ލަދުކުޑަ ފިރިހެނަކާއި އިންނަންވީ ސަބަބެއް ނުވިސްނޭ…”
ހިބާ އެއްދިމާލަކަށް ބަލަން އިނދެ ކަރުނަ އޮހެމުން ދިޔަ ލޮލާއިއެކީ އެހެން ބުނެލީ އަސަރެއް ނެތް ގޮތަކަށެވެ. ފަރީދު ހިބާގެ އެ ވާހަކައަށް ވެސް ރައްދެއް ދޭން އުޅުނެއްކަމަކު ހިބާ އެ ވާހަކަ އަޑު އެހުމެއްނެތި ގޮނޑިން ތެދުވެ އެތަނުން ދާން ހިނގައިގަތެވެ. އެއާއިއެކު ފަރީދުވެސް ގޮނޑިން ތެދުވިއެވެ. އަދި ދާން އުޅެފައިވެސް އެތާ ހުއްޓިހުރި އީތަންއަށް ނަޒަރެއް ދިނެވެ. އީތަން ފެނިފައި ފަރީދުގެ މޫނުމަތިން ޙައިރާންކަމެއް ނުފެނެއެވެ. އީތަން އެތާ އިންކަން ފަރީދަށް ކުރިންވެސް އެނގޭ ފަދައެވެ.
އެހެނަސް ފަރީދު އެވަގުތު އޭނައަށް ބަލައިލިކަން ތިރިއަށް ނަޒަރު ހުއްޓި ދެލޯ ބޮޑުވެފައި ހުރި އީތަންއަށް ފާހަގައެއް ނުވިއެވެ. ސިކުންތުކޮޅެއް ވަންދެން އީތަންއަށް ބަލަން ހުރުމަށްފަހު ފަރީދު ފުން ނޭވައެއް ދޫކޮށްލަމުން ހިބާގެ ފަހަތުން ދިޔުމަށް އެތަނުން ނިކުމެގެން ދިޔައެވެ.
ފަރީދު އެތަނުން ދިޔަތާ މާ ގިނައިރެއް ނުވެ އީތަންއަށް މޭމަތީގައި އެއްއަތް އަޅައިލެވުނީ މޭގައި އުފެދުނު ރިހުމެއްގެ ސަބަބުންނެވެ. ޝަހީދުބެއާއި ބެހޭގޮތުން ދެންމެ އިވުނު ވާހަކަތައް ކަންފަތުގައި ގުގުމަމުން ދިޔަދިޔަހެން އީތަންގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ޝަހީދުބެ ނިޔާވީ ކޮން ދުވަހަކުތޯ ހިތަށްއެރިއެވެ. ހިބާ އެގޮތުގައި އުޅޭތާ 10 އަހަރުވެފައިވާނަމަ ޝަހީދުބެ ދުނިޔެ ދޫކޮށް ދިޔައީ އޭނަ ޝަހީދުބެއާއި ވަކިވިތާ މަދު އަހަރުތަކެއް ފަހުން ހެއްޔެވެ؟ ހަމައެކަނި ޝަހީދުބެގެ މަރުގެ ވާހަކަ ދެއްކިއެއްކަމަކު ‘މަންމައާއި ބައްޕައާއި ނުލާ’ އުޅެން ޖެހުނު ވާހަކަ ހިބާ ބުނީ ކީއްވެ ހެއްޔެވެ؟ ޝަހީދުބެ ފަދައިން ނާދިރާ ދައްތަ ވެސް ނިޔާވީ ހެއްޔެވެ؟ އޭގެ ސަބަބުން މި ހުރިހާ ދުވަހު ހިބާ އަމިއްލަ ކޮއްކޮއާއި އެކީ އުޅެންޖެހުނީ ދަތި ޙާލުގައި ބުރަކޮށް ހެއްޔެވެ؟
ސިކުނޑިއަށް ވެރިވި ފަހު ސުވާލާއިއެކީ 14 އަހަރުގެ ކުޑަ ހިބާ ސްކޫލަށް ދަމުން މުޅި ގެއެއް ބަލަހައްޓަމުންދާ މަންޒަރު ލޮލަށް ސިފަވުމުން އީތަންއަށް މޭޒުގެ ކަނުގައި ހިފަހައްޓައިލެވުނު ވަގުތު ލޮލުން އިތުރު ކަރުނަތަކެއް ފައިބައިގެން އައެވެ. އޭނަ މި ވޭތުވެ ދިޔަ އަހަރުތައް އަރާމާއި ލައްޒަތުގައި ހޭދަކުރިއިރު، ހިބާ އުޅުނީ ކިހާ ދަތި ދިރިއުޅުމެއްކަން އެނގުންވުމުން ގިސްލެވެން ފެށީ ކޮންޓްރޯލް ނުކުރެވުނު ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. ހިބާގެ އެ ހިތާމަތަކާއިއެކީ ޝަހީދުބެއާއި ވެސް އޭނަ ދެން ދިމާނުވާނެކަން އެނގުންވުމުން އިޙްސާސް ކުރެވުނު ބަލިކަށި ކަމާއިއެކީ އީތަންއަށް ބިމަށް ތިރިވެވުނެވެ. އެއަށްފަހު އެތައް ދުވަހެއްފަހުން ކޮންޓްރޯލެއް ނެތި ގަދައަށް ރޮވެން ފެށިއެވެ.
އީތަންގެ ރުއިމުގެ އަޑަށް އެތާ ތިބި ވޭއިޓަރުން ވެސް އީތަންގެ ގާތަށް އައެވެ. އޭގެ މާ ގިނައިރެއް ނުވެ، އީތަން އަންނާނެ އިރަކަށް ރެސްޓޯރެންޓުގައި މަޑުކޮށްގެން ހުރި ޖޯޖް އީތަންގެ ކައިރިއަށް ދިޔައެވެ. އީތަންގެ ޙާލަތު ޖޯޖްއަށް އެނގޭތީ ޖޯޖް ވަގުތުން އީތަންއަށް ކޮޅަށް ތެދުވުމަށް އެހީތެރިވިއެވެ. އަދި އީތަންއަށް ވިސްނައިދޭން މަސައްކަތް ކުރަމުން އީތަންގެ އެއްއަތް އޭނަގެ ކޮނޑުމަތިން ގެންގޮސް ރެސްޓޯރެންޓުން ނިކުންނަން އެހީވެދިނެވެ. ޖޯޖް އޭނައަށް ހަނދާންކޮށްދިން ބައެއް ހަނދާން ކޮށްދިނުންތަކުން އީތަން ހިސާބަކަށް ހަމައަކަށް އެޅުނެވެ.
ޖޯޖް އެރޭ އީތަން ކާރަށް އެރުވުމަށްފަހު އީތަން ކައިރިން ސުވާލު ކުރުމެއްވެސް ނެތި ގެންދިޔައީ އީތަން ޢާއްމުގޮތެއްގައި ގޮސް އުޅޭ އޯޓިޒަމް ތެރަޕީ ކްލިނިކަށެވެ. ޖޯޖް އެކަން އެގޮތަށް ކުރީތީ އީތަންއަށް ރުޅިވެސް އިސްކުރެވުނެވެ. އޭނަ އެވަގުތު ބޭނުންވަނީ އެކަނިވާން ކަމަށް ބުނެވުނެވެ. އެހެނަސް ޖޯޖް އީތަން ހަމައަކަށް އެޅުވީ، އީތަންގެ ބަލި ފޮރުވަން ބޭނުންވާ ބަޔަކު ގޭގައި އެބަތިއްބެއްނޫންތޯ ބުނަމުންނެވެ. އީތަން އެ ވާހަކަ ޖޯޖްއަށް އަންގާފައިވީ ވެސް މިފަދަ ޙާލަތެއް ދިމާވެދާނެތީވެއެވެ. އެކަން ހަނދާންވެގެން ދިޔުމުން އީތަން ޖޯޖްގެ ބަސްއަހައިގެން އޭނަ ޢާއްމު ގޮތެއްގައި ބަލައި އުޅޭ ޑޮކްޓަރުގެ ކައިރިއަށް ދިޔައެވެ.
އެރޭ އީތަން ގެއަށް އައިއިރު ރުއިން ހުއްޓިފައިވީ، ވަގުތުން ވަގުތަށް ލިބިގެން ދިޔަ ތެރަޕީއާއި ބޭހުގެ އިތުރުން، ގެއަށް އައި މަގުމަތީގައި މިސްކިތަކަށް ވަދެ ކުރި ޢިޝާ ނަމާދުގެ އަސަރުން ވެސްމެއެވެ. އެހެނަސް ގެއަށް ވަދެގެން އައި ވަގުތު އެ މޫނުމަތި މިލާފައިވި ގޮތުން ކޮންމެވެސް ކަމެއް ގޯހުން ގޯހަށް ގޮސްފިކަން ޝަބީބާއަށް ފާހަގަވިއެވެ.
“ހާދަ ސަކަރާތްވެފަ ތިހިރީ އީތަން؟ ކިހިނެއްވީ؟” ޝަބީބާ ކަންބޮޑުވުމަކާއިއެކީ އީތަންގެ ކައިރިއަށް ދަމުން ސުވާލުކުރިއެވެ. އެހިނދު ސިޓިންގް ރޫމުގެ ސޯފާގައި އިން ވަލީދުވެސް އީތަން ހުރި ގޮތް ފެނިފައި ތެދުވެލަމުން އީތަންގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ.
އެހެނަސް އީތަންއަށް ޖަވާބެއް ނުދެވުނެވެ. ޝަބީބާ ކުރި ސުވާލާއި އެކީ އީތަންއަށް ބޭއިޚްތިޔާރުގައި ބަލައިލެވުނީ ހިބާގެ ކޮޓަރީގެ ދޮރާއި ދިމާލަށެވެ. ޝަބީބާ އެއްފަހަރު އީތަންއަށް އަނެއްފަހަރު އެ ދޮރަށް ބަލައިލަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ކިހިނެއްވީ އީތަން؟ ހިބާއަށް ކަމެއް ދިމާވީތަ؟” ޝަބީބާއަށް އަހައިލެވުނެވެ. އެ ސުވާލު ކުރެވުނީ ހިބާވެސް ހިބާގެ ބޮޑުބޭބެއާއިއެކީ އޭގެ އިރުކޮޅެއް ކުރިން ގެއަށް ވަދެގެން އައިއިރު، ހިބާގެ މޫނުމަތިން ވެސް އިންތިހާ ދަރަޖައިގެ ހިތާމަވެރިކަން ފެނިފައިވީތީވެއެވެ.
ޝަބީދައްތަގެ ސުވާލާއިއެކީ އަނެއްކާވެސް އީތަންގެ ސިކުނޑީގައި ގުގުމައިލީ ހިބާ 10 އަހަރު ވަންދެން އެކަނިމާއެކަނި އުޅެން ޖެހުނު ގޮތުގެ ވާހަކައެވެ. ހިބާގެ ޙާލަތު ލޮލަށް ސިފަވުމާއިއެކު އަނެއްކާވެސް އީތަންގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އިތުރަށް ކެތް ނުކުރެވޭނެހެން ހީވުމުން އީތަން ވަގުތުން ޝަބީދައްތައަށް ފަސްދީފައި އޭނަގެ ކޮޓަރިއާއި ހަމައަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
އީތަންއަށް ވީ ގޮތް ފެނިފައި ޝަބީބާއާއި ވަލީދަށް އެކަކު އަނެކަކަށް ބަލައި ޙައިރާންކަމާއި ކަންބޮޑުވުން އެކުލެވޭ ނަޒަރުތައް ބަދަލުކުރެވުނެވެ.
އީތަންއަށް އެރޭ ކޮޓަރިއަށް ވަންގޮތަށް ގޮސް އެނދުގައި އިށީނދެވުނެވެ. އެނދުގައި އިށީނުމަށްފަހު އީތަން ނުރޯން ވަރަށް މަސައްކަތް ކުރިއެވެ. އޭނަ ހުރީ ބޭސްވެސް ކައިގެން ކަމަށްބުނެ އޭނަގެ ޖަޒުބާތުތައް ހަމައަކަށް އަޅުވަން ފަސޭހަވާނެކަމަށް އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނެވެ. އެހެނަސް ތަކުރާރުކޮށް ޝަހީދުބެގެ ސޫރައާއި އެ ހިތްހެޔޮ ހިނިތުންވުމާއި ޝަހީދުބެ އޭނައަށް ކޮށްދިންހާ ކަންތައްތައް ހަނދާންވެގެން ދިޔަދިޔަހެން ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެފަދަ ލޯބިވާ ބައްޕައަކާއި ވަކިވުމަށްފަހު ހިބާ އަމިއްލަ ކޮއްކޮއާއިއެކީ އުފުލަން ޖެހޭނެހާ ތަކުލީފުތަކާއިމެދު ވިސްނުމުން ގިސްލެވުނެވެ.
އެރޭ އޭނައަށް އެގޮތަށް ރޯން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް އީތަންއަށް ނޭނގެއެވެ. ވަކި ހިސާބަކުން އޭނައަށް އެނދުގައި އޮށޯވެވި ދެލޯ މެރިގެން ދިޔައީ ކައިގެން ހުރި ބޭހެއްގެ އަސަރުންނެވެ.
**
އެރޭގެ އެ ވަގުތު ހިބާ އިނީ މުސައްލަ މަތީގައި ދޮޅި އަޅައިގެން އެނދަށް ލެނގިލައިގެންނެވެ. އީތަން ފަދައިން އެހާއިރުވީއިރު ވެސް ރުއިމުގެ ސަބަބުން ހިބާގެ ލޯމަތި ދުޅަވެފައިވިއެވެ. ޢިޝާ ނަމާދަށްފަހު ހިބާއަށް އެ އިންގޮތަށް އިނދެވުނީ އެތަނުން ތެދުވަން ނުކުޅެދިފައިވާ ޙާލުގައެވެ.
ދުވަހެއްގެ ކޮޅުން ވެސް އޭނައަށް ދެރައެއް ނުދޭނެކަމަށް ހީކުރި ބޮޑުބޭބެ، އޭނަ މަޅިއެއްގައި ޖައްސަން ފައިވިއްދާލާފައި ހުރިކަމުގެ ކެހިވެރިކަން ހިބާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ. އެ ކެހިވެރިކަމުގެ ސަބަބުން ދުނިޔޭގައި ނެތް އޭނަގެ ބައްޕަ މަތިން ހަނދާންވެ ދުވަހަކުވެސް އިޙްސާސް ނުކުރެވޭފަދަ އެކަނިވެރިކަމަކާއި ބަލިކަށި ކަމަކުން ހިބާގެ ހިތް ވަށާލާފައިވިއެވެ. މީގެ އިތުރުން ނުލަފާ ޖައްބާރު މީހަކާއިއެކީ އޭނަގެ މުޅި ޢުމުރު ހޭދަކުރަން ޖެހިދާނެކަމުގެ ބިރުވެރިކަން ވެސް އެ ހިތުގައިވިއެވެ.
ނަމާދަށްފަހު ހިބާ އޭނަގެ އަތް އުފުލައި މި ވާހަކަތައް ﷲ ގެ ޙަޟްރަތުގައި ދެންނެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ކޮންމެ ފަހަރަކު ރޮވޭ ވަރުން އެންމެ ބަހެއް ވެސް ބުނެވޭ ގޮތެއްނުވެއެވެ. އެހެންކަމުން އޭނަ ހިތާހިތުން ﷲ ގެ ޙަޟްރަތުގައި އޭނަގެ ހުރިހާ ޝަކުވާއެއް ބަންޑުން ކުރިއެވެ. އޭނަ ނުލަފާ މީހަކާއި އިންނަން ބޭނުންނުވާ ކަމަށް ބުނަމުންނެވެ. އޭނަވެސް ބޭނުންވަނީ ޞާލިޙުވެފައި އޭނަދެކެ އިޚްލާސްތެރި ލޯތްބެއްވާ މީހަކާއި ކަމަށް ބުނަމުންނެވެ. އޭނައަށް އެކަނިވެރިކަމެއް އިޙްސާސް ކުރެވޭކަމަށް ބުނަމުންނެވެ. އެ އިޙްސާސް އޭނަގެ ހިތުން ފިއްލަވައި އެ ހިތަށް ސާބިތުކަން ދެއްވަން އެދެމުންނެވެ.
އޭނަގެ އެ ހުރިހާ ޝަކުވާތަކާއި މެދު ވިސްނިގެން ދިޔަދިޔަހެން ހިބާގެ ހަނދާނަށް އައީ އޭނަ ނުހަނު ގިނައިން ކިޔަވާ އާޔަތެއްގެ މާނައެވެ. އިސާހިތަކު އެ އާޔަތަކާއި އެއްގޮތަށް ޢަމަލުކުރަން ހިތް އެދުމުން ހިބާއަށް ވާހަކަ ދެކެވުނެވެ.
“ޔާ ﷲ….އަލްޙަމްދުލި ﷲ..”
ހިބާ ބުނެލިއެވެ. ކޮންމެ ޙާލަތެއްގައި ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަމްދު ދެމި އޮންނާނެކަން ހަނދާންކުރަމުންނެވެ. ކޮންމެ ފަދަ ޙާލަތެއްގައި ވެސް އެކަލާނގެއަށް ތަޢުރީފާއި ޝުކުރު ޙައްޤުވެގެންވާކަން ހަނދާން ކުރަމުންނެވެ. އޭނައަށް ނޭނގުނަސް އޭނައަށް ދިމާވި މި ޙާލަތުގައި އޭނައަށްޓަކައި ހެވެއްވެއެވެ. އޭނައަށް ކުރެވެމުންދާ މި ނޭދެވޭ އިޙްސާސްތަކުގެ ފަހަތުގައި ވެސް އޭނައަށްޓަކައި ހެވެއްވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ހަމަހިލާ އެއްވެސް މަޤްޞަދަކާއި ނުލައި އެކަލާނގެ އަޅަކަށް މުޞީބާތެއް ނުޖައްސަވާނެއެވެ. އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއްގައި ރީތިވެގެންވާ ސަބަބެއްވެއެވެ. އެކަން ގިނަ މީހުންނަށް ފަހުމް ނުވިޔަސްމެއެވެ.
ހިބާގެ ޙާލަތުގެ ފަހަތުގައިވާ ސަބަބު ހިބާއަށް ވެސް ނޭނގުނެއްކަމަކު، އޭނަ އެކަލާނގެއަށް ޙަމްދުކުރަން ވާނެކަން ހިބާއަށް އެވަގުތު ޔަޤީންކުރެވުނެވެ. އޭނަގެ ހިތަށް ހަމަ އެވަގުތު އެ ޔަޤީންކަން ދެއްވީވެސް ހަމަ ﷲ ކަން އެނގުންވީ ހިނދު ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެފަދަ ޔަޤީންކަމެއް އެކަލާނގެ އޭނަގެ ހިތަށް ދެއްވާނީ ވެސް އޭނަ ނުހަނު ރީތިވެގެންވާ ނެރުއްވުމަކުން މި މުޞީބާތުން ނެރުއްވާނެތީވެކަން ވެސް ހަމަ އެވަގުތު ޔަޤީންކުރެވުނެވެ. އެއާއިއެކު ހިބާގެ ލޮލަށް ޖަމާވެގެން ދިޔައީ ﷲ ގެ ރަޙްމަތްފުޅު ހިތަށް ގެނެވުމުންނެވެ. ހަމަ އެ ހިނދުކޮޅުން ފަށައިގެން އޭނަ ދެން އޭނަގެ ހިތާމަވެރިކަމުގައި ވަގުތުތައް ބޭކާރު ކޮށްނުލާނެ ކަމަށް އަމިއްލަ ޒަމީރުގާތު ބުނެ ވަރުގަދަ ޢަޒުމެއް ކަނޑައެޅުނެވެ.
**
އޭގެ އަނެއްދުވަސްވީއިރު ހިބާއާއި އީތަންގެ ކަރުނަތަކަށް ނިމުމެއް އައިސްފައިވިއެއްކަމަކު ދެންވެސް އެމީހުންގެ ފަރާތުން އެންމެންނަށް ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ހެނދުނުގެ ސައި ގަޑީގައި ވަލީދު އެކަމާއިމެދު އީތަންއާއި ސުވާލުކުރުމުން އީތަން މަޢުޟޫ ބަދަލުކުރިއެވެ. އެހެން ވަގުތެއްގައި ޝަބީބާ ވެސް ހިބާއާއި ވާހަކަ ދައްކަން މަސައްކަތް ކުރުމުން ވެގެން ދިޔައީ އެކަހަލަ ގޮތެކެވެ. ޝަބީބާގެ ފަރާތުން މި ޚަބަރު ލިބިފައި ވަލީދަށް އެންމެ ފަހުން ނުހުރެވިގެން އީތަންއަށް އެދުވަހު ހެނދުނު މެސެޖެއްކޮށްފައި ބެލްކަންޏަށް އައުމަށް އެންގިއެވެ. އީތަން އޭނަގެ އެ މެސެޖާއިމެދު އަޅާނުލާނެ ކަމަށް ހިނދުކޮޅަކަށް ނަމަވެސް ވަލީދަށް ހީވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އީތަން ބެލްކަންޏަށް އައެވެ.
“ކީއްވެ މިއަދު އޮފީހަށް ނުދިޔައީ؟” ވަލީދު އިށީނުމެއްވެސް ނެތި އަދި އީތަން ގާތު ވެސް އިށީންނަން ނުބުނެ ސީދާ މަޢުޟޫއަށް ދިޔައެވެ.
“މިއަދު އޮފީހަށް ދިޔަޔަސް މަސައްކަތް ނުކުރެވޭނެހެން ހީވާތީ…” އީތަން ސީރިއަސް ނަޒަރަކާއިއެކީ ބުންޏެވެ.
“އެއީ ކީއްވެގެން ހެއްޔޭ މި އަހަނީ؟! ދޮންބެއަށް އެނގޭ ދޮންބެ މިއީ އީތަންގެ ޢާއިލީ މީހެއް ނޫންކަން. އެކަމަކު އީތަންއާއިމެދު ދޮންބެ ވެސް ކަންބޮޑުވޭ. އީތަންއަށް ކަމެއް ދިމާވީމަ އޭގެ ފަހަތުގަ އޮތް ސަބަބެއް އެނގެން ބޭނުންވޭ. ކީއްވެ ނުބުނަން ތިއުޅެނީ؟” ވަލީދު ޝަކުވާކޮށް ސުވާލުކުރިއެވެ. އެ ސުވާލަށް އީތަން ވަގުތުން ޖަވާބެއް ދޭން އުޅެފައިވެސް ފުން ނޭވައެއް ދޫކުރަމުން މައްޗަށް ނަޒަރު ހިންގައިލީ އޭނަގެ ކަރުނަތައް ހިންދުމަށެވެ. ވަލީދު އަނެއްކާވެސް ވާހަކަ ދައްކަން އުޅުނު ވަގުތު އީތަން ވާހަކަ ދެއްކިއެވެ.
“ޝަހީދުބެ ނިޔާވިކަން ދޮންބެ ދެނަހުރިންތަ؟” އީތަން ވަލީދަށް ބަލައިލަމުން މަޑުމައިތިރި އަޑަކުން އެހިއެވެ. އެއާއިއެކު ވަލީދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ކީކޭ؟! ކާކު ބުނި ވާހަކައެއް ތިއީ؟!” ވަލީދަށް ވެސް ޤަބޫލުކުރަން ދަތިވެފައި ހުރެ ސުވާލުކުރެވުނެވެ.
“ހިތަށް އެބައަރާ ތުންތުން މަތިން އިވުނު ވާހަކައެކޭ ބުނެވޭނެ ނަމައޭ. އެކަމަކު ޚުދު ހިބާގެ ދުލުން އިވުނީމަ ޤަބޫލުނުކޮށް ވެސް ހުރެވޭކަށް ނެތް…”
“ސުބްޙާނަ ﷲ! އަހް….އަހަރެން ޝަހީދާއި ބައްދަލުކުރަން ދަތުރު ހަދަން އުޅެނިކޮށް ތި ޚަބަރު ތި ދިނީވެސް. ކޮން އަހަރަކު ކިހިނެއް ޝަހީދު ނިޔާވީ؟!!”
“އަހަރެން މިކޮޅަށް އައިތާ އަހަރުތަކެއް ފަހުންހެން ހީވް-“
“އަހަރުތަކެއް ފަހުންނެއް ނޫން….ދާރިސް މިކޮޅަށް ބަދަލުވީ އަހަރު ބޭބެ ނިޔާވީ.”
އީތަންގެ ވާހަކަ މެދުކެނޑިގެން ދިޔައީ ފުރަގަހުން އިވިގެން ދިޔަ މީހެއްގެ އަޑުންނެވެ. އެއީ ކާކުކަން އެނގުންވީ ހިނދު މޭގަނޑު އަތަށް އައިހެން ހީވި އީތަންއަށް ފަސްއެނބުރި ބަލައިލެވުނެވެ. އެހިނދު ބެލްކަންޏަށް ނިކުމެވޭ ދޮރުމަތީގައި ހުއްޓިހުރީ ފަރީދު ނޫން ދެވަނަ މީހެއް ނޫނެވެ.
“ފަރީދު!” ވަލީދަށް އެ ސޫރަ ފެނި އެ އިވުނު ބަސްތަކާއިމެދު ވިސްނައިލެވުމުން ގޮވައިލެވުނީ ޙައިރާންކަމާއި ނުތަނަވަސްކަން އެކުލެވޭފަދަ ގޮތަކަށެވެ. އެހެނަސް ފަރީދު ވަލީދާއި ދިމާލަށް ބަލައިވެސް ނުލިއެވެ.
“ތިއީދޯ ދާރިސްއަކީ؟” ފަރީދު ލުއި ހިނިތުންވުމަކާއިއެކީ އީތަންއަށް ނަޒަރު އަމާޒުކޮށްގެން ހުރެ ކޮށްލި ސުވާލުން އީތަންގެ ބުމަގޮށްޖެހުނެވެ.
ނުނިމޭ
Jana
September 29, 2021 @ 11:20 am
Assalaam’alaikum. In Sha Allah dhen oiy bai SATURDAY ga up vaane 😀 <3
Ibaa
September 29, 2021 @ 1:10 pm
Reaallly.. Saturday ga up vaakan ingunyma vrh happy vefa mihury..Alhe thnk you ssoooo much sis..
Mish
September 29, 2021 @ 7:03 pm
Yayy
I am so happy
Jana
September 30, 2021 @ 3:13 pm
Yaaayy I’m very happy too sissys!!! 😀 Excited to write the upcoming episodes In Sha Allah 😉
Ibaa
September 29, 2021 @ 1:09 pm
vrh interesting vaahaka kuriyah dhaa goiyh.. Alhey vrh foohivey hibaage bodubeyne dheke..He’s soo selfish..Nd I get a lot of life lessons from this story..Jazakillahi khairan..Much love ❤
Jana
September 30, 2021 @ 3:15 pm
hmm bodubeybe mi bain ulhunu gothun Jana ves foohivi. Seems like he is up to something dho? Ethan huri kan ves engey. balamaa vaagothhe.
Very encouraged to hear you get life lessons. Alhamdhulillah! Baarakallah feeki! Much love sis <3 <3 <3
Xishma
September 29, 2021 @ 2:54 pm
Masha Allah… Vaahaka vv reethi huttaalan hitheh neydhey..ekkoh kiyaalan beynunvanee..hehe💗
Jana
September 30, 2021 @ 3:17 pm
hehe…..ekko kiyaaleema dhen foohivaane ehnu Xishma 😛 dheytherein kudakoh inthizaaru kureema meege foarives hunnaanee. 😀
But I know the feels ingey ^_^ Jana ves mihiry dhen huri baithah varah liyaa hithun. Hinga balamaa dhen vaa kanthah In Sha Allah. Alhamdhulillah! Loads of love! <3 <3 <3
snow
September 29, 2021 @ 6:25 pm
a lovely story.. what was the ayah sis..??
Jana
September 30, 2021 @ 3:19 pm
Fathihaa surathuge furathama ayah snow ^_^ Allah ge hamdhu hurihaa haalatheggai ves dhemigen dhaanekan engeny e ayah Allah swt genesdhevvaafaivi gothun. In Sha Allah Jana post eh liyaanan miyaai gulhey gothun. Alhamdhulillah! <3
mish
October 20, 2021 @ 11:57 am
yes. very true sis
after so many days or after years I realize why what I wanted never happened . The wisdom behind it.
I mean alhugandah neyge baivaru reasons ves hunnaane dho eyge ithurun ves
its amazing
Mish
September 29, 2021 @ 7:03 pm
Aslu heekuri gotheh nuvi.. ethan and hibaa aa bahdhaleh nuvi
But woww… its amazing sis
V reethi sifa kurun thah ves
V awesome
Maashaa allah keep it up
Jana
September 30, 2021 @ 3:21 pm
Hiba ves heekury thihen dho Mish? Ekamaku life ga baeh faharu heekuraa gothah kanthah nuve ves dhe ehnu? Egothah nuvany eavvure maa rangalhu gotheh vaan kamah ves vedhaane ehnu dho? 😉
Sifa kurunthah reehchey buneema varah bodu hiyvvareh libijje Alhamdhulillah! Adhives balaanan miavvure furihama kureveytho In Sha Allah. Jazaakillah Khairan for the support sis! <3 <3 <3