ދާރިސް (ތެޔާޅީސްވަނަ ބައި)
ދާރިސް ގޭގެ ފެންޑާއަށް ނިކުމެ، ގޭގެ ވަށައިގެން ހެދިފައިވި ތިރި ފާރުގެ މެދަށްވާ ގޮތަށް ހުރި ދޮރާއި ގާތްވަމުން ދިޔަހެން ކާރެއް އަންނަމުން ދިޔަ އަޑު އިވުނެވެ. ދާރިސް އިސްއުފުލައި ބަލައިލީ އެ ވާނީ ދެންމެ އެމީހުން ގެއަށް ގެނެސްދިން ނޫކުލައިގެ ކާރު ކަމަށް ނިންމަމުންނެވެ. އެހެނަސް ދޮރާއި ހަމަވެ އިސްއުފުލައިލި ހިނދު ސީދާ އޭނަގެ ކުރިމަތިން ހުރަސްކުރީ، ކަޅުކުލައިގެ އޮފުއަރާ ކާރެކެވެ. އާދައަށްވުރެ ބާރު މިނުގައި ދިޔަ އެ ކާރު ދުއްވަން އިނީ އަންހެނެއްކަން އެނގުންވި ހިނދު ދާރިސްގެ މެއަށް ގޮތެއްވީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ނޭނގުނެވެ.
އެ ހިނދުކޮޅަށްފަހު ހަމްނާގެ ޓެކްސީ ގެއާއި ހަމައަށް އަންނަން ދެން ވެސް ދާރިސްއަށް އެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެނަސް ހަމްނާ އައުމާއިއެކު ދާރިސް ހަމްނާއަށް އެހީވެދިނުމަށް ސަމާލުކަން ދިނެވެ. ހަމްނާއާއި ވާހަކަ ދެއްކުމުގެ ތެރެއިން ވެސް ދެންމެ މެއަށް ކުރެވިގެން ދިޔަ އިޙްސާސް ދާރިސްގެ ހިތުގައިވިއެވެ. ގެއަށް ވަނުމުގެ ކުރިން ދެންވެސް އެއްފަހަރު އެ ކާރު ދިޔަ ދިމާލަށް ބެލުނީ އެހެންވެއެވެ. ނަމަވެސް ދާރިސް އެއީ މާ ބޮޑު ކަމަކަށް ނަހަދަން ނިންމަމުން އެވަގުތު ގޭގެ ފެންޑާއަށް ނިކުމެވޭ ދޮރުމައްޗަށް އެރި ހިބާއާއި ހިނިތުންވެލިއެވެ.
އޭގެ އަނެއްދުވަސްވެގެން ދިޔައީ ހިބާ ވަގުތު ކުޑަވެގެން އުޅެން ޖެހުނު ދުވަހަކަށެވެ. ސްކޫލަށް ނުދާތާ އެތައް ދުވަހެއް ވެފައިވުމުން އޭނަގެ ބަދަލުގައި ގަޑިތައް ނެގި މުދައްރިސުންނާއި ބައްދަލުކޮށް، އަންނަ ހަފްތާގެ ފިލާވަޅުތަކަށް ތައްޔާރުވުމަށް ސްކޫލަށްދާން ޖެހުނެވެ. އެހެނަސް ސްކޫލަށް ދިޔުމުގެ ކުރިން ހިބާ ދާރިސްއާއިއެކީ ވަގުތުތައް ހޭދަކުރިއެވެ. މިގޮތުން ފަތިސް ނަމާދަށްފަހު ދާރިސްއާއި އެކީ ހިނގައިލަން ދިޔައީ، އޭނަގެ ސަބަބުން ދާރިސް ކޮންމެ ދުވަހަކު ކުރާ ކަންތަކަށް ބަދަލެއް އައިސްދާނެތީވެއެވެ. މާޙައުލަށް އައިސްފައިވާ ބަދަލުތަކާއި، ދާރިސްގެ ބައެއް އާދަތައް ވެސް ގެއްލިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ދާރިސްއަށް ކޮށްފާނެތީވެއެވެ.
ދާރިސްއަށް މިކަން ރޭކާލީ، އެ ހިނގައިލުން ނިންމުމަށްފަހު ދެމީހުން ގެއާއި ގާތްވަމުން ދިޔަ ވަގުތު ދެކެވުނު ވާހަކައިގެ ތެރެއިންނެވެ.
“ހިބާ ވެސް ރެގިއުލާރކޮށް މޯރނިންގް ވޯކްސްއަށް ދަންދޯ؟ އަހަރެން ހީކުރީ އެދުވަހު ޝަބީދައްތަ ހިބާ ގޮވައިގެން ދިޔައީ ޝަބީދައްތަ އޮޅުވައިގެން ވެސް އަހަރެން އޮފީހަށް ދާން ނިކުންނަ ގަޑީގަ ހިބާ އަހަންނާއި ދިމާ ކުރުވަން ކަމަށް ގެންދިޔައީ…” ދާރިސް ހިބާއާއި އެއްވަރު ކުރުމަށް އޭނަ ހިނގާވަރަށް ވުރެ ލަސް ހިނގުމެއްގައި ދަމުން ވާހަކަ ދެއްކިއެވެ.
“ވޮހް! އެހެންވެދޯ ގެންދިޔައީ؟ އަހަރެން ހީކުރީ ޝަބީދައްތަ އެކަނި ހިނގަން ނުދާންވެގެން އަހަރެން ގޮވައިގެން ދިޔައީ ކަމަށް. ހެހެ….އެންޑް ނޯ! އަހަރެން އެކްސަސައިޒެއް ނުކުރަން ޢާއްމުގޮތެއްގަ. ކޮންމެވެސް ކުއްޖެއްގެ ޑެއިލީ ރޫޓީން ހަމައަކަށް އެޅޭތޯ މި ޓްރައި ކުރަނީ….” ހިބާ ވީހާވެސް ބާރަކަށް ހިނގަމުން ނޭވާ ކުރުވެފައި ހުރެ ވާހަކަ ދެއްކިއެވެ.
ހިބާގެ އެ ބަސްތަކާއިއެކީ އޭނައަށް ބަލައިލި ދާރިސް ފިޔަވަޅުތައް މަޑުޖައްސައިލިއެވެ. އެކަން ފާހަގަވި ހިބާއަށް ދާރިސްއަށްވުރެ ދެ ތިން ފިޔަވަޅު ކުރިއަށް އެޅުނެއްކަމަކު ފަހަތް ބަލައިލިއެވެ. އެހިނދު ދާރިސް ހުރީ އުކުޅުގައި އަތް ވިއްދައިގެން ދެލޯ ހަނިކޮށްގެންނެވެ.
“ދެން އެއްފަހަރު ވެސް ރޫޓީންއެކޭ ކިޔައިފިއްޔާ ބަލައްޗޭ ވާ ގޮތެއް….ވަރުގަދަ ޒުވާބެއް ކޮށްލާ ހިތްވަނީ މިވަގުތު ވެސް. ކަމް ޓު ތިންކް އޮފް އިޓް…..އަދި އަހަރުމެން އެއްފަހަރުވެސް ޒުވާބެއް ނުކުރަންދޯ؟ އަހަރުމެން ކުރާ ފުރަތަމަ ޒުވާބުވެސް އަހަރެންގެ ބައްޔާއި ގުޅިގެން އައިއްޔާ ސަކަރާތެއްނު؟” ދާރިސް އެހެން ބުނެ ބޯހޫރުވައިލަމުން ޗޮއްކަނޑައިލިއެވެ.
“ނޫނޭ…..އަހަރުމެންގެ ފުރަތަމަ ޒުވާބު ކުރެވުނީ ވަރަށް ރޮމޭންޓިކް ކަމަކާ ގުޅިގެން. އަޅެ ހަނދާންކޮށްބަލަ!” ހިބާ ހިނިތުންވުމަކާއިއެކީ ބުންޏެވެ.
ހިބާގެ އެ ބަސްތަކުން ފުރަތަމަ ސިކުންތުގައި ދާރިސްގެ ދެބުމަ ކައިރިވިއެވެ. ހިބާއާއި ކައިވެނި ކުރިފަހުން އަދި އެންމެ ފަހަރަކުވެސް ދެމީހުންގެ މެދުގައި ހޫނު ބަސްތައް ބަދަލުނުވާކަން ޔަޤީންވީތީވެއެވެ. އެހެނަސް ހިބާގެ ހިނިތުންވުމަށް ބަލަން ހުރެ މާޒީގެ ހަނދާންތައް އާ ވާން ފެށުމުން ދާރިސްއަށް ހިނިތުންވެލެވުނެވެ.
“އޮހް! ތެދެކޭ ތި ބުނީވެސް….ހިއެއްނުކުރަން އަހަރެން ޙަޔާތުގައި ވެސް އެންމެ ފުރަތަމަ އަންހެން ކުއްޖަކަށް ލޯބި ހުށަހަޅާނީ ޒުވާބެއްގެ ތެރެއިން ކަމެއް. ހެހެ…..އެ ހަނދާންވީމަ އެ ބަގީޗާއަށް ދާ ހިތްވަނީ. އިއްޔެގަ ގޭގެ ބިއްދޮށާއި ހަމައަށް ނުދެވުނުދޯ އަންޕެކިންގްގަ އުޅޭތީ؟ ހިނގާބަލަ ދެމީހުން އެކީ…..މިހާރު ވެސް އެ މާ ބަގީޗާ އެހާ ރީތިދޯ؟”
ދާރިސް ކޮށްލި ފަހު ސުވާލުގެ ޖަވާބަކަށް ހިބާ ލޯ ބޮޑުކޮށްލުމަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ.
**
“ޔޫ….އާރ އަ މާރޑަރާ!” ދާރިސް އެހެން ބުނެލީ، ހިބާމެންގެ ގޭގެ ބިއްދޮށުން އޭނަ ކުޑައިރު ދުށް ބަގީޗާ މުޅިން ހުހަށް ހުރި މަންޒަރަށް ބަލަން ހުރެއެވެ. އެހިނދު ހިބާ އޭނަގެ ކައިރީގައި ހުއްޓިގެން ހުރީ މޫނުގައި އަތް އަޅައިގެންނެވެ.
“ސޮރީ…..އަހަންނަށް ކިހިނެއް އެނގޭނީ މި ބަގީޗާދެކެ ލޯބިވާ މީހަކު އަނެއްކާ އަނބުރައި މިގެއަށް އައިސްދާނެއޭ؟”
“ބަޓް ސްޓިލް….ޝަހީދުބެގެ ހާދަ ބުރަ މަސައްކަތޭ އެއީ…”
“ހުމް….އަސްލު ވަރަށް ބޭނުންވި ބައްޕަގެ ހަނދާނަކަށް އެ ގަސްތައް ބަލަހައްޓަން….އެކަމަކު އަހަންނަށް ވަގުތެއް ނުވީ ބަގީޗާ ބަލަން….ސްކޫލަށް ދަމުން، ކިޔަވަމުން، އަދި ފިހާރައެއްގަ ޖޮބަކަށް ވެސް ދަމުން، ހަމްނާގެ ކަންތައް ވެސް ބަލަމުން…ކިރިޔާ އެ ޒިންމާތައް އަދާ ކުރެވެމުން ދިޔައީ. ދެން ކިހިނެއްދޯ ބަގީޗާއެއް ބެލޭނީ؟ އެކަހަލަ ކަންތައް ކުރަން އަދި އަހަރެން އެހާ ކަންނެތްވާނެ! ހެހެ….”
ހިބާ އެ ވާހަކަތައް ކިޔައިދިނުމަށްފަހު ހީލީ، ކުރިމަތިން ފެންނަމުން ދިޔަ ހުސް ބިމަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އެ ހިނދު އެ މޫނަށް ބަލަން ހުރި ދާރިސްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިސާބެއްގެ ހިތާމަވެރިކަމެކެވެ. އަނެއްކާވެސް ހިބާގެ އެކަނިވެރި ދިރިއުޅުން ސިފަވާން ފެށުމުން ހިތަށް ލިބުނު މާޔޫސްކަމެއްގެ ސަބަބުންނެވެ.
ދާރިސްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ހިބާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އަސްލު އަނެއްހެން ބުނަންޏާ އަހަރެންގެ ހިތުގައި އެ ބަގީޗާއަށްޓަކައި ނަފްރަތެއް ވެސްވި…..އެއީ އެ ބަގީޗާއިން ބައްޕަގެ ހަނދާންތަކާއިއެކީ މަންމަގެ ހަނދާންތައް ވެސް އާވާތީ. ޙަޤީޤަތުގަ ބައްޕަ އެ ބަގީޗާ ހެއްދީ މަންމައަށްޓަކައި. އެކަމަކު މަންމަ އެ ގަސްތަކާހެދި އުދަގޫވެގެން ބައްޕައާއިމެދު ޝަކުވާކުރުން ނޫންކަމެއް ނުކުރޭ. ދާރިސް މިގެއަށް އައުމުގެ ކުރިން މިތާނގަ ހުރި ވަރަށް ބޮޑު ޖަނބުރޯލު ގަހެއް ވެސް. މިތަން ސާފުކުރަން ޖެހޭތީ މަންމަ ކިޔުނު ވަރުން ބައްޕަ ޖެހުނީ އެ ގަސް ކަނޑާލަން. އެ ފަހުން ވެސް ބައްޕަ ބައެއްފަހަރު ވަގުތެއް ނުވީމަ މަންމަ ގާތު ގަހަށް ފެންދޭން އެދުނިއްޔާ ވެސް އެ ވާހަކަ ދާނީ ޒުވާބަކަށް…ދާރިސްއަށް ވެސް އެފަދަ ޒުވާބުތައް އިވިފަ ކަންނޭނގެ ހުންނާނީ….ނޭނގުމެއްގެ ތެރެއިން ވެސް އަހަރެން މި ބަގީޗާއަށް ފަރުވާކުޑަ ކޮށްލީ އެ ހަނދާންތައް ފޮހެލަން ކަންނޭނގެ…” ހިބާގެ އެ ވާހަކަ ނިމުމަކަށް އައިއިރު އެ މޫނުމައްޗަށް ވެސް ސީރިއަސްކަން ވެރިވެފައިވިއެވެ.
ދާރިސްއަށް ހިބާގެ އެ ސީރިއަސްކަމުގެ ތެރެއިން ވެސް އެ ލޯމަތީގައިވި ހިތާމަވެރިކަން ފާހަގަވިއެވެ. އެހެންނޫނީ ހިބާގެ އެ ވާހަކަތަކުން އާވެގެން ދިޔަ މާޒީގެ ހަނދާންތަކުން، ހިބާ އެވަގުތު ދެރަވާނެ މިންވަރު ހިތަށް އެނގުންވީއެވެ. ތިމާއާއި ނުހަނު ގާތް ގުޅުމެއް އޮންނަންޖެހޭ މަންމަ، ތިމާއާއިމެދު އެފަދައިން އިހާނެތިކޮށް ކަންތައް ކުރުމުން އިޙްސާސް ކުރެވޭ ގޮތް ދާރިސްއަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އެ ފަދަ އިޙްސާސްތައް ހިތުތެރޭގައި ވަނިކޮށް، އެ މަންމަ ތިމާ ދޫކޮށް ދިޔުމުން އިޙްސާސް ކުރެވޭ އެކަނިވެރިކަން ވެސް އޭނައަށް އެނގެއެވެ.
މިފަދަ ޚިޔާލުތަކާއިއެކީ ހިބާއަށް ބަލަން ހުރެހުރެފައި ދާރިސް ލަސްލަހުން ހިބާގެ އަތުގެ ފަލަމަސްގަނޑުގައި ހިފައި ލަސްލަހުން އޭނައާއި ދިމާލަށް އަނބުރައިލަމުން ލޯތްބާއިއެކީ ހިބާގެ ގައިގައި ބައްދައިލިއެވެ. އަދި އޯގާތެރިކަމާއިއެކީ ހިބާގެ އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ.
“ހެހެ…މިއީ ކޮން ކަމެއް؟” ހިބާ ދާރިސްގެ މޭމަތީގައި ބޯއަޅައިގެން އޮވެ އެހިއެވެ.
“މިއީ…..އަހަރެން ނެތް ދުވަހު ހިބާ އެކަނިވެރިކަމުގަ ހޭދަކުރި ހުރިހާ ދުވަސްތަކަށްޓަކައި ދިން ހަގްއެއް. އެހާ ކުޑައިރު އަމިއްލައަށް އުފުލަން ނުޖެހޭ ހުރިހާ ޒިންމާއެއް އުފުލަން ޖެހުނު ދުވަސްތަކަށްޓަކައި. ގޭގެ ކަންތައް އަމިއްލައަށް ދަސްކުރުމުގެ ތެރޭގަ ދިމާވި ހުރިހާ ދަތިތަކާއި ލިބުނު ޒަޚަމްތަކަށްޓަކައި. އަމިއްލަ އުފަލަށްޓަކައި ކަމެއް ކުރަން ވަގުތު ހުސްކުރުމެއްނެތި އުޅުނު ވަރުބަލި ދުވަސްތަކަށްޓަކައި. ހިބާ އެކަނި އިނދެގެން ރޯންޖެހުނު ކޮންމެ ދުވަހަކަށްޓަކައި. އެ ދުވަސްތައް ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ މި ފިރުމުންތަކުގެ މަތިން ހަނދާން ކުރައްޗޭ. އެ ހަނދާންތަކުގެ ތެރެއަށް އަހަރެން ގެންގޮސް ހިބާއަށް ހިތްވަރުދޭން އަހަންނަށް ފުރުސަތުދެއްޗޭ….”
ދާރިސް އޭނަގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކި ދެއްކިހެން އިސާހިތަކު ހިބާގެ ލޮލަށް ކަރުނަތައް ޖަމާވެ، ލޯ ފުސްވެގެން ދިޔައެވެ. އެހެނަސް އެ ކަރުނަތައް ލޮލުން ނުފައިބަނީސް ހިބާ ދާރިސްއާއި ދުރުވެލިއެވެ.
“އޯ ނޯ! ރޯނެ ޓައިމެއް ވެސް ނެތް ދުވަހެއްގަ ތިހާ ޖަޒުބާތީ ބަސްތައް ތި ބުނެލީ….ހެހެ…މި ހަގް އަޅެ އެހެން ދުވަހަކަށް ސޭވްކޮށްލެވިދާނެތަ؟” ހިބާ އޭނަގެ އެއްލޮލުގެ ކައިރިން އެއް އިނގިލި ހިންގަމުން ފައިބަން އުޅުނު ކަރުނައެއް ފޮހެމުން އެހިއެވެ.
“އޮފްކޯސް! މިއީ ލޫޕްއަކަށްދާ ކޮންޑިޝަނަލް ހަގްއެކޭ. ހަމައެކަނި ކޮންޑިޝަންއަކީ ހިބާ ހަގްއަކަށް ބޭނުންވުން. ހިބާގެ ހިތްދަތި ކުރުވާ އެއްވެސް ހަނދާނެއް އާވެގެން ދިޔުމުން އަހަރެންގެ ކައިރިއަށް އައިއްޔާ މިގޮތަށް ބައްދާލަދޭނަން. ހިބާދެކެ ލޯބިވާ މީހަކު ހުރިކަން ހިބާއަށް އިޙްސާސްކޮށްދޭނަން އަބަދުވެސް އިން ޝާ ﷲ!” ދާރިސް އެހެން ބުނެލީ، ހިބާގެ ކޯތާފަތަށް ފައިބައިގެން އައި ކަރުނައެއް އަތުގެ ބޮޑުވާ އިނގިލިން ފޮހެލަދެމުންނެވެ.
ދާރިސް ކޯޑުކުރުމުގައި ބޭނުންކުރާ ބަސްތައް ބޭނުންކޮށްގެން އެ ބައްދައިލުން ސިފަކޮށްދިން ގޮތުން އެހިނދު ހިބާއަށް ހެވިފައިވިއެވެ. ހިބާގެ ހިނިތުންވުން ފެނިފައި ދާރިސްއަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބީ އާދައިގެ މަތިން އެ ދެމެދުގައިވާ ގުޅުމަށް ޙަމްދުކުރެވޭ ޙާލުގައެވެ.
ހިބާ އެދުވަހު ހެނދުނު ސްކޫލަށް ދިޔައީ ހަމްނާ ތެދުވުމުން، ހަމްނާއާއި ދާރިސްއާއިއެކީ އެއްމޭޒެއްގެ ދޮށުގައި ތިބެ ސައިބޮއިގެންނެވެ. ހިބާ ސައިބުއިމުގެ ތެރެއިން ވެސް ހަމްނާގާތު ކިޔެވުމުގެ ކަންތަކާއިމެދު ސުވާލުކޮށް ފިލާވަޅުތައް ނިންމުމަށް އެންގިއެވެ. އަދި ފިލާވަޅުތައް ނުނިންމާ ގޭމް ކުޅޭނަމަ މިހާރު ދޮންތަ ގާތު ބުނާނެ މީހަކު އެބަހުރި ކަމަށް ބުނީ ދާރިސްއަށް ޢިޝާރާތް ކުރަމުންނެވެ. ހަމްނާ ސަމާސާވެރި ގޮތަކަށް ދެލޯ ބޮޑުކޮށްލަމުން ‘އޯ ނޯ’ އޭ ބުނި ހިނދު ދާރިސްއާއިއެކީ ހިބާއަށް ވެސް ހެވުނެވެ.
ހިބާ އަވަސްއަވަހަށް ސައިބުއިމަށްފަހު ދިޔައީ، ދާރިސްއާއި ހަމްނާވެސް ކާ މޭޒުދޮށުގައި ތިއްބައެވެ. ހިބާ ދިޔަތާ މާ ގިނައިރެއްނުވެ ހަމްނާ ވެސް ކާމޭޒުދޮށުން ތެދުވެ ތަށިތައް ދޮވުނެވެ. އެހިނދު ދާރިސް މޭޒުދޮށުގައި އިނދެ ލަސްލަހުން ކޮފީ ތަށި ބޮމުން ދިޔައީ، އޭނަގެ ފޯނުން ވިންޓޭޖް ޓެކްނޮލޮޖީސްގެ ޕޯޓަލްއަށްވަދެ، ކުންފުނީގެ މަސައްކަތް ކުރިއަށް ދާ ގޮތާއި، ސްޓޮކް ޕްރައިޒްއަށް ބަދަލުތައް އަންނަމުން ދިޔަ ގޮތަށް ބަލަމުންނެވެ. ފުރަތަމަ ފަހަރަށް އޭނަގެ މަސައްކަތާއި އެހާ ދުރަށް އަންނަން ޖެހިފައިވުމުން، ބޭރުފުށުން ނުދެއްކިޔަސް އޭނަ ހިސާބަކަށް ކަންބޮޑުވެފައިވެއެވެ. މިކޮޅަށް އައިސްފައި ޗުއްޓީ ނިމެންދެން މަސައްކަތާއި ގުޅޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އަމިއްލަ ނަފްސާއި ހުވާ ކުރިއެއްކަމަކު، އެއާއި އެއްގޮތަށް އުޅުމަށް ދަތިވެފައިވީ އެހެންވެއެވެ.
ދާރިސް އަމިއްލަ ޚިޔާލުތަކުގައި އޭނަގެ ފޯނަށް ގެއްލިފައި ވަނިކޮށް ހަމްނާ ކާގެއިން ނިކުންނަން ދިމާކުރިއެވެ. އެހެނަސް ހަމްނާ ދޮރުމަތީގައި ހުރުމަށްފަހު އަމިއްލަ ވިސްނުމެއްގައި ހުރެފައި ކުއްލި ގޮތަކަށް ދާރިސްއާއި ދިމާލަށް އެނބުރިލިއެވެ.
“ދޮންތަބެ!” ހަމްނާ ގޮވައިލި އަޑަށް ދާރިސް އިސްއުފުލައިލީ ހިސާބެއްގެ ސިހުމަކާއި އެކީގައެވެ.
“ކިހިނެއްވީ ހަމްކޮ؟” ދާރިސް އެހިއެވެ.
“އަމް….އައިމް ޖަސްޓް އާސްކިންގް އިނގޭ ދޮންތަބެއަށް އެނގޭތޯ ބަލަން…ކުޑަކޮށް ކިއުރިއަސްވީމަ. ދޮންތަބެއަށް އެނގޭދޯ ވަރަށް ކުރިން ބައްޕަ މާލޭގަ ބިޒްނަސްއެއް ފެށިކަން؟” ހަމްނާ ދެއަތް ގުޅުވައިގެން ހުރެ ވާހަކަ ދެއްކިއިރު އެ މޫނުމަތީގައި ހިސާބެއްގެ ނުތަނަވަސްކަމެއްވިއެވެ.
“ހުމް…” ދާރިސް ބޯޖަހައިލަމުން ބުންޏެވެ.
“އެ ބިޒްނަސްގަ…..ދޮންތަބޭގެ މަންމަ ވެސް އުޅުނުދޯ؟” ހަމްނާ އެ ސުވާލުކޮށްލި ހިނދު، އެ ނިތުން ދާ ތިކިތައްވެސް ހިއްލިއެވެ.
ހަމްނާގެ އެ ސުވާލު އިވުމާއިއެކު އިސާހިތަކު ދާރިސްގެ މެއަށް ފިނިވެގެން ދިޔަދިޔަހެން އެ މޫނުމަތި މިލައިގެން ދިޔައެވެ. މަންމަގެ ނަން އިވިފައި އޭނަގެ ހިތް ދަތިވީއިރު، މަންމައާއި އެ ވިޔަފާރީގެ ވާހަކަ ގުޅުވައިގެން ގެނައުމުން މޭ ނުބައި ކުރިއެވެ. އެ ވިޔަފާރީގެ ސަބަބުން އޭނަގެ މަންމަގެ އުޅުމަށް އައީ ކިހާ ބޮޑު ލޮޅުމެއްކަން އޭނައަށް މާ ރަނގަޅަށް ވެސް އެނގޭތީވެއެވެ.
އެވަގުތު ހިތަށް ކުރި އަސަރާއި އެކީ ވެސް ހަމްނާގެ ދުލުން އެފަދަ ސުވާލެއް އިވިގެން ދިޔުމުން ދާރިސްއަށް ޙައިރާންކަމެއް ވެސް ލިބިގެން ދިޔައެވެ. އޭނަގެ މަންމައާއި ގުޅޭ މާ ބޮޑު މަޢުލޫމާތެއް ޚުދު ހިބާއަށް ވެސް ނޭނގޭނެކަން ދާރިސްއަށް ޔަޤީނެވެ. ވީއިރު ހަމްނާއަށް އެފަދަ ސުވާލެއްކޮށްލަން އެނގުނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ.
“ހުމް….ދޮންތަބޭގެ މަންމަވެސް އުޅުނު އެ ބިޒްނަސްގަ. ކިހިނެއް ހަމްކޮއަށް އެނގުނީ؟” ދާރިސްއަށް އަހައިލެވުނެވެ.
“ހެހެ….އެއީ ކުޑަ ގެސްއެއް ކޮށްލީ….ދޮންތަބޭ މިގެއަށް އަންނަން ޖެހުނު ސަބަބާއިމެދު ވިސްނީމަ އެކަހަލަ އެއްޗެއް ހިތަށްއެރީ….ހަމް މި ދުވަސްކޮޅު ބަލާ ޑްރާމާއަކުން އެކަހަލަ ގޮތެއްވީމަ ހަމަ ކިއުރިއަސްވެގެން އަހައިލީ. ހެހެ….” ހަމްނާ ވާހަކަ ދެއްކުމަށްފަހު ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. އެހިނދު ވެސް އެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސްކަމެއް ފާޅުވިއެވެ. އެހެނަސް ދާރިސްއަށް އެކަން ފާހަގަވާ ގޮތެއްނުވިއެވެ. ހަމްނާއާއި މެދު ހެޔޮކޮށް ވިސްނަން އޭނަގެ ހިތުގައި އޮތް އެދުމެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. ހަމްނާ ހީލުމުން ދާރިސްއަށް ވެސް ދެންމެ ކުރެވުނު ޚިޔާލުތަކާއި ދުރުވެ ހިނިތުންވުމަކާއިއެކީ ބޯޖަހައިލެވުނެވެ. އެއާއިއެކު ހަމްނާ ކާގެއިން ނިކުމެގެން ދިޔައެވެ.
ހެނދުނުގެ ސައިބުއިމަށްފަހު ލިބުނު ޚިޔާލަކާއިއެކީ ދާރިސް ގޭގެ މަސައްކަތް ކުރާ ސާމާނު ލާފައި ހުންނަ ކޮޓަރިއަށް ދިޔައެވެ. އޭނަ އުއްމީދު ކުރި ގޮތަށް އެތާ ތެރެއިން ޝަހީދުބެ ގަސް ކޮށައި އުޅުނު މެދުމިނުގެ ދައްޗެއް ފެނިފައި ދާރިސްއަށް ހިނިތުންވެލެވުނެވެ. އެ ދަތި ހިފައިގެން ދާރިސް ގެއިން ނިކުތުމަށްފަހު ހައްވައްތަގެ ގެއަށް ދާން ދިމާކުރިއެވެ.
“އައްސަލާމްޢަލައިކުމް!” ގޭގެ ތިރި ފާރުގެ މެދަށްވާ ގޮތަށް ހުރި ދޮރުމައްޗަށް އަރައި ދާރިސް ސަލާމް ގޮވިއެވެ.
“ވަޢަލައިކުމުއްސަލާމް….މިއީ ކޮން ކުއްޖެއް؟” ހައްވައްތަ ހިކި މިރުސް ދޮލަނގު ހިފައިގެން ގޭގެ ހުޅުވިފައިވާ ދޮރުން ނިކުންނަމުން އެހިއެވެ. އެ މަންޒަރު ފެނިފައި މާޒީގެ ހަނދާން އާވެގެން ދިޔުމުން ދާރިސްއަށް ހިނިތުންވެލެވުނެވެ.
“މިއީ….މިތާ ކައިރީގަ މިހިރަ ގޭގަ އުޅޭ ކުއްޖެއް….ދައްތަގެ ގޭގަ އަދިވެސް ބައިވަރު ފިނިފެންމާ ގަސް އެބަހުރިދޯ؟ އަޅުގަނޑު ކުޑަ ގޮތްޕެއް ކަނޑައިގެން ދިޔަޔަސް މައްސަލައެއް ނެތްތޯ؟” ދާރިސް އެހެން ބުނެލީ އޭނަ އެންމެ ފުރަތަމަ އެ ގެއަށް ދިޔަ ދުވަހު ވެސް ބުނި ފަދައިންނެވެ.
“ހުމް ގޮފި ކަނޑައިގެންދޭ…..މިތާ ކައިރީގަ މިހިރީ ހިބާ ކަނބުލޮގެ ގެއެއްނު؟ އައްދެ! ތިއި ހިބާ ކަނބުލޮއާއި އިން ސޮރު، ދޯ؟ ދުށީމޭ މިގޭގަ އުޅޭ ލަމްހާގެ ފޯނުން!” ހައްވައްތަ ދޮލަނގާއިއެކީ ޖޯލިފަތީގައި އިށީނދެ އުޖާލާވެގެން ދިޔަ މޫނަކާއިއެކީ ބުންޏެވެ.
“ހެހެ…..ނަސީބެއްނުދޯ އޮންލައިންކޮށް ޕާޓީގެ މަންޒަރުތައް ފޮނުވުނުކަން؟ އެ ނޫންނަމަ ހައްވައްތައަށް ނޭނގުނީސް މިއީ ކާކުކަން.” ދާރިސް ގޭގެ ތެރެއަށް ވަދެގެން ގޮސް ފިނިފެންމާ ގަސްތަކުގެ ކައިރީގައި ކުރުފައިމައްޗަށް ތިރިވަމުން ވާހަކަ ދެއްކިއެވެ.
“އެހެންޏާ ނޫން! ކޮންމެވެސް އިނގިރޭސި ނަމެއްދޯ ތިކުއްޖާއަށް ކިޔަނީ؟ އެތަންއެކޭތަ؟ އެހެން ކިޔުނު އަޑު އިވުނީ.”
“އެތަން ނޫނޭ ދައްތާ….އީތަން ކިޔަނީ.”
“އާނ….އެ ސޮރު ތިއީ ބޭރު ޤައުމެއްގެ ކުންފުންޏެއްގަ މަތީ މަޤާމެއްގަ އުޅޭ ކުއްޖެއްދޯ؟ ވަޒީފާ ދޫކޮށްލާފަތަ މިކޮޅަށް ތިއައީ؟”
“މި ވަގުތަށް މިއުޅެނީ ގޭގަ. ޗުއްޓް-“
“ސުބްޙާނަ ﷲ! ކިހާ ދެރަ ދެން ތިހެން ވީމަ؟ އަވަހަށް ވަޒީފާއެއް ހޯދައިގެން ލާރި ހޯދަން އުޅޭ. މިހެންވީމަ ރަށުން ބޭރު މީހުންނާ ނުއިންނަންވީ. ދެން ތި ކުއްޖާއަށް ވެސް ކިހާ ދެރަ މީހަކާ އިނދެގެން އެހާ ރަނގަޅު ވަޒީފާ ދޫކޮށްލަންވީމަ؟ އެހެންވެގެންނޭ މަ ބުނީ ހިބާ ކައިރި އާތިފާގެ ފިރިހެން ދަރި ފަޒީނާއި އިންނާށޭ!”
“ހިބާ އަޅުގަނޑަށްވުރެ ކުރިން އެހެން މީހަކާއި އިންނަން އުޅުނުތޯ؟” ދާރިސް ނޭނގޭ ކަމަށް ހެދެމުން އޭނަގެ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން އަހައިލިއެވެ. ފަޒީންގެ ވާހަކަ ކައިވެނީގެ ކުރިންވެސް ހިބާ އޭނައަށް ކިޔައިދީފައިވާތީވެއެވެ.
“އާނއެކޭ! ފަޒީން ހިބާއާއި ބައްދަލުކުރަން ރެސްޓޯރެންޓަކަށް ވެސް ދިޔަ. ގޮއްސަ ފަޒީނާއި އިންނަން އިންކާރު ކުރުމަށްފަހު ހިބާ….ފަޒީނާއި ދިމާލަށް ތަށިތައް ވެސް އުކައިލިޔޯ ބައެއް މީހުން އެބަ ބުނެއުޅޭ!” ހައްވައްތަ ވައިއަޑުން ބުނެލި ފަހު ބަސްތަކާއިއެކީ ދާރިސްގެ ގާތަށް އައި ނުލަފާ ހިންޏެއް ކޮންޓްރޯލްކޮށްލަން ޖެހުނެވެ. އެ ހިނދު ހައްވައްތަ އޭނައަށް ޒާތަކަށް ބަލައިލުމުން ދާރިސް އޭނަގެ މޫނުމައްޗަށް ސީރިއަސްކަން ގެނެސް، އެ ދައްތައަށް ބެލިއެވެ.
“ސުބްޙާނަ ﷲ! ވަރެއްގެ އަންހެން ކުއްޖަކާދޯ އަޅުގަނޑަށް އިނދެވިގެން މިއުޅެނީ، ދައްތާ؟”
“ހުމް…..އެކަމަކު އަނެއްހެން ވަރަށް ހިތްހެޔޮވެސް ވާނެ ހިބާ. އަހަރުމެންނަށް ވެސް އެކި ގޮތްގޮތުން ވަރަށް އެހީވެދޭނެ. އެތައް ދަތިތަކެއް ކަނޑައްތު ކުރުމަށްފަހު ވެސް ހިނިތުންވުމެއްގަ އުޅޭ ޖަވާހިރެއް އެއީ ހަމަ. އަސްލު އެހެންވެ ހިބާއަށް ފަޒީން ކަހަލަ ކުއްޖަކު ހޯދައިދޭން ބޭނުންވީ. ފަޒީންގެ ބައްޕައަކީ އެތައް ވިޔަފާރިއެއް ހިންގާ މީހެއް. ރިސޯޓެއްގެ ވެސް ވެރިއެއް. އެ ބައްޕަގެ ވިޔަފާރިން ފަޒީނަށް ވާރުތަވާނެތާ….އެ ބައްޕަ ދެ އަނތްބަށް އިނދެގެން އަބަދު ޅަފުރައިގެ އަންހެނުން ފަހަތު އަޅައިގެން ވެސް އުޅޭ. އެކަން އެނގިހުރެ ވެސް އަސްލު ދައްތަ ހިބާއާއި ފަޒީން ގުޅުވަން މަސައްކަތް ކުރީ ހިބާއަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދެވޭތޯ. އެކަމަކު އެއީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫން ކަންނޭނގެ….”
މިފަހަރު ހައްވައްތަ ދެއްކި ފަހު ވާހަކަތަކުން ދާރިސްގެ ޙަރަކާތްތައް ލަސްވެގެން ދިޔައެވެ. ‘ދެއަނތްބަށް އިނދެގެން’ އުޅޭ ‘ރިސޯޓެއްގެ ވެރިއެކޭ’ ބުނުމުން ދާރިސްގެ ކަންފަތުގައި ގުގުމައިލީ، މީގެ ދެ މަހެއްހާ ކުރިން ވަލީދުބެ އޭނަ ގާތު ބުނި ވާހަކައެވެ. އޭނަގެ މަންމަ އުޅެނީ ރިސޯޓެއްގެ ވެރިއަކާއި ދެ އަތްނބަށް އިނދެގެން ކަމަށް ބުނެލި ވާހަކައެވެ. އެ ހިނދު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނައަށް މި ހީވަނީ ރަނގަޅަށްތޯ ހިތަށް އެރި ހިނދު، ހައްވައްތަ ދެންވެސް ވާހަކަ ދެއްކި އަޑަށް އެ ދިމާލަށް ބަލައިލަން ޖެހުނެވެ.
“ﷲ ގެ އިރާދަފުޅުން ތިކުއްޖާއާއި ހިބާ ގުޅުނީ އެންމެ ރަނގަޅަށް ކަމަށް ބަލަމާ…..ހިބާ ހޭދަކުރި ދަތި ދުވަސްތަކެއްގެ ބަދަލުގަ ހިބާއަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދީ ހިބާ އުފަލުގަ ގެންގުޅެއްޗޭ! އެއީ ދައްތަ ދޭން އޮތް ނަސޭޙަތަކީ.” ހައްވައްތަ ތަނޑި ވަކި ކުރެވިފައިވި މިރުސްތައް ދޮލަނގުގެ އެއްފަރާތަށް ޖައްސަމުން ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“ލައްބަ ދައްތާ…..ތަނަވަސްކަން ހުއްޓަސް، ތަނަވަސްކަން ނެތަސް ހިބާ އުފަލުގަ ގެންގުޅޭނަން އިން ޝާ ﷲ!” ދާރިސް އެހެން ބުނެލީ، އޭނަ ދެންމެ ކެނޑި ފިނިފެންމާ ގޮފިތަކާއިއެކީ ހިންދެމިލަމުން، ހައްވައްތައަށް ހިނިތުންވުމެއް ހަދިޔާކުރަމުންނެވެ.
އެދުވަހު ހިބާއަށް ގެއަށް އާދެވުނީ މެންދުރުން އަނބުރައި 1 ޖެހި ފަހުންނެވެ. ހިބާ ގެއަށް އައިސް ވަނުމާއިއެކު ދާރިސް އޭނަގެ ލޮލުގައި އެއްއަތް އަޅައިގެން ކުރިއަށް ގެންދަން ފެށީ، ސަޕްރައިޒެއްދޭން އެބައޮތް ކަމަށް ބުނަމުންނެވެ. ދާރިސް އޭނަ ގެންދިޔަ ތަނަކަށް ގެންގޮސް ލޮލުން އަތް ނަގައިލުމުން ފެނިގެން ދިޔައީ، އެދުވަހު ހެނދުނު އޭނަ ދާރިސްއަށް ދައްކައިލި ގޭގެ ބިއްދޮށެވެ. އެހެނަސް އެތަން އެވަގުތު އޮތީ ހުހަށް ނޫނެވެ. އެދުވަހު ހެނދުނު ފެނިގެން ދިޔަ ހުސް ބިމުން، އެވަގުތު ފެންނަމުން ދިޔައީ އޭނައަށް އެންމެ ރީތި، ގަދަ ފިޔާތޮށި ކުލައިގެ ފިނިފެންމާ ގަސްތެކެވެ. ގަސްތައް ވަށްބުރެއްގެ އެއްބައިގެ ބައްޓަމަށް ރޭވި، މެންދުރުގެ އަވިން އަވި ލިބެމުން ދިޔައިރު ހުވަފެނީ ގޮތަކަށް ފެންނަމުން ދިޔައެވެ. އެ މަންޒަރު ފެނިފައި ހިބާއަށް އަނގަމަތީގައި ދެއަތް އަޅައިލެވުނެވެ.
“ބަލައްޗޭ ހިބާ….މި ބަގީޗާވެގެން ދާނީ ހިބާއަށް އެކިއެކި ޒުވާބުތަކެއްގެ މަތިން ހަނދާން އާކޮށްދޭ ތަނަކަށް ނޫން. މިތަން ވެގެން ދާނީ ހިބާދެކެ ވަރަށް ލޯބިވާ މީހެއްގެ ހަނދާނަށް. ހިބާ އުފާކޮށްދޭ ވަގުތުކޮޅުތަކެއްގެ ހަނދާނަކަށް.” ދާރިސް އެހެން ބުނެލީ ހިބާގެ ފުރަގަހުން ހިބާގެ އުނަގަނޑުގައި އަތް ވަށައިލުމަށްފަހު ހިބާގެ ގައިގައި ބައްދައިލަމުންނެވެ. އެއާއިއެކު ހިބާގެ ލޮލުން ކަރުނަތައް ހިލުނީ، ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެއަށްފަހު އާދައިގެ މަތިން އެ ދެމެދުގައި ލޯބީގެ ބަސްތައް ބަދަލުވެގެން ދިޔައެވެ.
އެދުވަހުގެ ވަގުތުތައް ފާއިތުވާން ފެށީ ނުހަނު އާދައިގެ ގޮތަކަށެވެ. ގޭގެ ތެރެއިން އިވެމުން ދިޔައީ އުފާވެރި ވާހަކަތަކާއި، ސަމާސާތަކާއި ހުނުންތަކުގެ އަޑެވެ. އެދުވަހު ހެނދުނު ހަމްނާ ދެއްކި ވާހަކައިން، އެ ވާހަކަ އިވުނު ފުރަތަމަ ވަގުތުކޮޅު ކުރެވުނު އިޙްސާސްތަކުގެ ހަނދާން އާވިއެއްކަމަކު ދާރިސް އެ ވާހަކަ ހިބާގާތު ދައްކާކަށް ނުއުޅުނެވެ. އޭނަ އަމިއްލައަށް ހިތްހަމަނުޖެހޭ ފަދަ ކަމެއް ދިމާވިޔަސް އެހެން މީހުންނަށްޓަކައި އެ ވާހަކަ ނުބުނެ ހުރުމަކީ ދާރިސްގެ އާދައަކަށް ވާތީވެއެވެ. އެހެނަސް ކޮންމެކޮންމެ ކަމަކާއި ގުޅިގެން އެގޮތަށް ނެހެދޭނެކަން ދާރިސްއަށް އެނގުންވީ އެރޭ ކަންތައް ދިމާވި ގޮތުންނެވެ.
އެރޭގެ ކެއުމަށް ދާރިސްއަށްޓަކައި ހިބާ ޚާއްޞަ އެއްޗެއް ތައްޔާރުކުރަން ބޭނުންވީތީ، މަޣްރިބް ނަމާދަށްފަހު ހިބާ ހަމްނާއާއިއެކީ ބަދިގޭގައި އުޅުނެވެ. އެވަގުތު ދާރިސް މަޣްރިބް ނަމާދަށްފަހު ގެއަށް އައިސް ހިބާ ދިން ކޮންމެވެސް ދީނީ ފޮތެއް ކިޔަން އެނދުގައި އިނެވެ.
ފޮތް ކިޔަން އިންދާ ދާރިސްގެ ސަމާލުކަން އެހެން ދިމާލަކަށް ދިޔައީ، ކޮޓަރީގެ ރީތިވާ މޭޒުމަތީގައި އޮތް ހިބާގެ ފޯނު ރިންގުވާ އަޑަށެވެ. ދެ ޚިޔާލެއްގެ މަތީގައި އިނދެފައި، ދާރިސް އޭނަގެ އަތުގައި އޮތް ފޮތް އަރިމަތީ މޭޒުމަތީގައި ބޭއްވުމަށްފަހު ރީތިވާ މޭޒު ކައިރިއަށް ގޮސް ހިބާގެ ފޯނު ނެގިއެވެ. އެހިނދު ފޯނުގެ ސްކްރީނުން ‘މާޒިން’ ގެ ނަން ފެނިފައި އެއްކަލަ ދުވަހު ކުރެވުނު އިޙްސާސްތައް ހިތުތެރޭގައި އާލާވެގެން ދިޔައެވެ. އިތުރަށް ހިތަށް އުދަގޫވީ، އެ ދުވަހާއި ޚިލާފަށް އެ ނަންބަރު ހިބާގެ ފޯނުގައި ސޭވްކުރެވިފައިވާ ނަންބަރެއްގެ ގޮތުގައި ފެނިގެން ދިޔަ ގޮތުންނެވެ. އެދުވަހު ދާރިސްއަށް ހީވެފައިވީ، އެމީހެއްގެ ވައިބާރ ނަން ހިބާގެ ސްކްރީނުން ފެންނަމުން ދިޔައީ ކަމަށެވެ. އެހެނަސް މި މާޒިންއެއްގެ ނަންބަރު ސޭވްކުރާ ވަރަށް މި މީހަކު ހިބާއަށް މުހިއްމުވީތާއޭ ހިތަށްއެރިއެވެ.
ދާރިސް ނުރުހުންވެފައިވާ ޒާތަކަށް ސްކްރީނަށް ބަލަހައްޓައިގެން ހުއްޓާ އެ ފޯނު ކެނޑިގެން ދިޔައެވެ. ފޯނު ކެނޑިގެން ދިޔަތާ މާ ގިނައިރެއްނުވެ ހަމަ އެ މާޒިން މެސެޖެއް ކޮށްލި ގޮތުން ދާރިސްގެ ބުމަގޮށްޖެހުނެވެ. ހިބާގެ ފޯނުގެ ސެޓިންގް ހުރި ގޮތުން ފޯނު އަންލޮކް ނުކޮށް އެކޮޅުން ފޮނުވި މެސެޖުގެ އެއްބައި ވެސް ފެންނަ ގޮތެއް ނުވިއެވެ. ހިތަށްވެރިވި ހިސާބެއްގެ ރުޅިވެރިކަމާއިއެކީ ދާރިސް ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ފުން ނޭވާތަކެއް ލެވޭތޯ ބެލިއެވެ. އަދި އޭނަ ކޮންމެ މީހަކާއިމެދު ވެސް ހަދާ ފަދައިން ހިބާއާއި މެދު ވެސް ހެޔޮކޮށް ވިސްނޭތޯ މަސައްކަތް ކުރިއެވެ.
އެހެނަސް އެކަން ވެގެން ދިޔައީ ދަތިކަމަކަށެވެ. ވަކިން ޚާއްޞަކޮށް އެރޭގެ ކެއުމުގެ ތެރެއިން ހިބާ ހިނިތުންވުމަކާއިއެކީ މެސެޖެއް ލިޔަމުން ދިޔަތަން ފެނުމުންނެވެ. އެއަށްފަހު ހިބާ ފޯނު ނަގާ ކޮންމެ ފަހަރަކު ދާރިސްއަށް ހިބާއާއި ދިމާލަށް ބެލެމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. އެ ޝައްކު ފިލުވުމަށްޓަކައި ދާރިސް އެތައް ގޮތަކުން ވިސްނޭތޯ މަސައްކަތް ކުރިއެވެ. އެއީ ބެލެނިވެރިއަކަށް ވެދާނެ ކަމަށެވެ. އެހެންނޫނީ ހިބާގެ ތިމާގެ މީހަކަށް ވެސް ވެދާނެ ކަމަށެވެ. އެހެނަސް ބެލެނިވެރިއަކު ވެސް އެހާ ގިނައިން ގުޅައި، މެސެޖުކޮށް ހަދަންވީ ސަބަބެއް ދާރިސްއަށް ނުވިސްނުނެވެ. އަދި ‘މާޒިން’ ނަމަކަށް ކިޔާ ހިބާގެ ތިމާގެ މީހަކު ހުންނަކަމެއް ދާރިސްގެ ހަނދާނަށް އެއްގޮތަކަށް ވެސް ނައެވެ. އެހެންކަމުން ދާރިސްއަށް ސިފަކުރެވެމުން ދިޔައީ އެންމެ ނުބައިކޮށެވެ. ހިބާއާއިމެދު އެގޮތަށް ވިސްނަންވުމުން ދާރިސް ދެރަވިއެވެ. އެހެނަސް ދެ މަފިރިންގެ ދެމެދަށް ވަންނަން އުޅޭ ޝައިޠާނާގެ ވަސްވާސްތައް ވެސް އޭނަގެ ސިކުނޑި ތެރޭގައި ގިނަވިއެވެ.
ނަތީޖާއެއްގެ ގޮތުން އެރޭ ދާރިސްގެ ހިތުގައި ހިބާއަށްޓަކައި ނުރުހުންތެރިކަމެއްވިއެވެ. ހިބާއަށް އެކަން އެނގުންވާ ގޮތްވީ އެރޭ ނިދަން ތައްޔާރުވުމަށްފަހު ވެސް ނިދަން ދިޔުމުގެ ބަދަލުގައި ރީތިވާ މޭޒުގެ ކުރިމަތީގައި ހުއްޓިހުރި ދާރިސްގެ ގައިގައި ފަހަތުން ގޮސް ބައްދައިލި ވަގުތުކޮޅެވެ.
“ހުމް….އަހަންނަށް ހީވަނީ އަހަރެން ވެސް ކުޑަކޮށް އޮޓިސްޓިކްހެން…..މި ނައިޓް ރޫޓީންއަށް ބަދަލެއް ގެނެވޭ ގޮތެއް ނުވެއޭ….މާދަމާ ސްކޫލަށް ދާންޖެހޭތީ އަވަހަށް ނިދަން ނިންމައިގެން ހުރެވެސް ހަމަ މި ރޫޓީންއަށް ކަންތައް މި ކުރެވެނީ….” ހިބާ ދާރިސްގެ ބުރަކަށީގައި ބޯއަޅައި ދެލޯ މަރައިގެން ހުރެ ހިނިތުންވުމަކާއިއެކީ ވާހަކަ ދެއްކިއެވެ.
ހިބާ ހީކުރީ އާދައިގެ މަތިން ދާރިސް އޭނަގެ އެ ވާހަކައަށް ރައްދެއް ދިނުމަށްފަހު އޭނަ ދާރިސްއާއި އިތުރަށް ގާތްކުރާނެ ކަމަށެވެ. އެހެނަސް ދާރިސްގެ ލުއި ހީލުމެއްގެ އަޑަށް ފަހު، ދާރިސް ލަސްލަހުން އޭނަ ދާރިސްއާއި ދުރުކޮށްލުމަށްފަހު އޭނައާއި ކުރިމަތިލި ގޮތުން ހިބާގެ ހިނިތުންވުން ހިސާބަކަށް ފޭދުނެވެ.
“މިރޭ އަވަހަށް ނިދާލާ ހިބާ…” ދާރިސް ލުއި ހިނިތުންވުމަކާއި ބުނެލީ ހަމައެކަނި އެހާވަރަށެވެ.
“އެއީ ކީއްވެ؟ އިޓްސް އޯކޭ ދާރިސް…..ސްކޫލަށް އަނބުރައި ދާން އުޅުނަސް އަހަރެން ބޭނުން ދާރިސްއާއި އެކީ ވީހާވެސް ވަރަކަށް ވަގުތު ހޭދަކުރަން….” ހިބާ އެހެން ބުނެލީ ދާރިސްގެ އެއް އަތުގައި ހިފައިލަމުން ބޮޑުވާ އިނގިލިން ލަސްލަހުން އެ އަތުގައި ފިރުމަމުންނެވެ.
ދާރިސް އެއްފަހަރު އެ އަތަށް އަނެއްފަހަރު ހިބާއަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލި ހިނދު ހިބާގެ އަތުގެ ތެރެއިން އަމިއްލަ އަތް ދަމައިގަނެވުނީ އިޚްތިޔާރަކާއި ނުލައެވެ. ދާރިސްގެ އެ ޙަރަކާތުން ހިބާގެ ހިނިތުންވުން އެއްކޮށް އެ މޫނުމަތިން ފިލައި ދިޔައީ ހިތަށް ލިބުނު ދެރައެއްގެ ބޮޑުކަމުންނެވެ. އެއީ ދާރިސްގެ ފަރާތުން އެފަދަ ކަމެއް އޭނައަށް ފެނުނު ފުރަތަމަ ފަހަރަށް ވުމުންނެވެ.
“އަހަރެން މި ދަނީ ނިދާލަން، ހިބާ…” ދާރިސް ވެސް އެ ބަސްތައް ބުނެލި ހިނދު ހިތުގައި ހިތާމަވެރިކަމެއްވިއެވެ. އޭނަގެ އެ ބަސްތަކަށް ހިބާ ގަދަކަމުން ހިނިތުންވެލަމުން ބޯޖަހައިލި ގޮތުން އެ ހިތާމަވެރިކަން ދެގުނަވިއެވެ. އެވަގުތުން ވަގުތަށް ވެސް އޭނަގެ ހިތަށް އުދަގޫކުރަމުން ދިޔަ ޚިޔާލުތައް ހިބާއާއި ޙިއްސާކޮށްލަން ހިތަށްއެރިއެވެ. އެހެނަސް ޖެހިލުންވިއެވެ. އޭނަ ހިބާއަށް ޝައްކުކުރިކަން ހިބާއަށް އެނގިއްޖެނަމަ ހިބާ ދެރަވެދާނެތީވެއެވެ. ނޫނީ އެފަދަ ހީކުރުމެއް އޭނަ ހީކުރީތީ އެ ހިތާމައިގައި ހިބާ ރުޅި އިސްކޮށް، ދެމީހުންގެ ގުޅުން އިތުރަށް ހީނަރުވެގެން ހިނގައިދާނެކަމުގެ ބިރު ހީވީތީވެއެވެ.
އެހެންކަމުން ދާރިސް އެވަގުތު ހިބާއަށް ފަސްދެމުން އޭނަ އެ ނެގީ ދެމީހުންގެ ގުޅުމަށް އެންމެ ރަނގަޅުވާނެހެން އޭނައަށް ހީވި ފިޔަވަޅެވެ. އެ ޝައްކުތަކުން އޭނައަށް އަރައިގަނެވެންދެން އޭނަ ހިބާގާތު އެއްޗެކޭ ނުބުނުން ރަނގަޅުވާނެކަމަށް ދާރިސްއަށް ނިންމުނެވެ. އެ ޝައްކުތައް ނެތި ދިޔުމުން އޭނަ އަނެއްކާވެސް ހިބާއާއިމެދު ރަނގަޅަށް ކޮށްދޭނީއެވެ.
އެހެނަސް ދާރިސްއަށް ނޭނގުނުކަމަކީ ހިތުތެރޭގައިވާ އިޙްސާސަކީ އެންމެ ކައިރީގައި ތިބި ލޯބިވާ މީހުންނަށް ފޮރުވޭނެ އެއްޗެއް ނޫންކަމެވެ. އަމިއްލަ އުޅުމަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް ތިމާދެކެ ލޯބިވާ މީހުންނަށް އެތައް ހާސް ގޮތަކަށް ވިސްނެން ފަށާނެ ކަމެވެ.
އެރޭ ދެމީހުން ދުރަށް ދާން އުޅުނު ވަގުތު ހިބާ އާދައިގެ މަތިން ދާރިސްއަށް ބޮސްދޭން ހިތަށްއެރިއެވެ. އެހެނަސް ދާރިސް އެވަގުތު އެކަމަށް ބޭނުންނުވާނެއޭ ހިތައި ދުރުގައި ހުންނަން ޖެހުނު ގޮތުން ހިބާ ދެރަވެ، ކަންބޮޑުވެސް ވާ ގޮތްވިއެވެ. ވަގުތުން ވިސްނެން ފެށީ އޭނައަށް ހެދުނު ގޯހަކާއި މެދުގައެވެ. އެތައް ގޮތަކަށް ވިސްނުމުން ވެސް ދާރިސް އޭނައާއި ދުރުވާން ބޭނުންވެދާނެ އެހެން ސަބަބެއް ސިކުނޑިއަކަށް ނައުމުންނެވެ.
އެހެންކަމުން އެރޭ ހިބާއަށް ރަނގަޅަށް ނުވެސް ނިދެއެވެ. ހޭލާ އޮވެވުނީ މުޅި ދުވަހު ހިނގައިދިޔަ ކަންތަކުގެ މަތިން ހަނދާންކޮށް ދާރިސް ނުރުހުންވާފަދަ ބަހެއް ނޫނީ ކަމެއް އޭނައަށް ކުރެވިފައިވޭތޯ ވިސްނުމުގައެވެ. އެފަދަ އެއްވެސް ކަމެއް ހަނދާނަށް ނައުމުން އެއީ މާޙައުލު ބަދަލުވުމުން ވީ ގޮތެއްތޯ ވެސް ހިބާގެ ހިތް ސުވާލުކުރަން ފެށިއެވެ. އެހެނަސް އޭގެ އަނެއްދުވަހު ވެސް ދާރިސް ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ ނުދައްކައި އޭނައާއި ދުރުދުރުން އުޅުނު ގޮތުން ހިބާ ހިސާބަކަށް ނުރުހުންވެސް ވާ ގޮތްވިއެވެ. ހިބާ އެންމެފަހުން ނުހުރެވިގެން ދާރިސްއާއި ކުރިމަތިލާން ނިންމިއެވެ. ދާރިސް ހިތުލައިގެން އުޅެނީ ކޮންމެ ކަމަކަށް ވިޔަސް އެކަމުން އެދެމީހުންގެ ގުޅުން ބަރުބާދުވެގެން ދާން ހިބާ އެއްގޮތަކަށްވެސް ބޭނުމެއް ނުވުމުންނެވެ.
“ކިހިނެއްވީތަ ދާރިސް؟” ހިބާ އެ ސުވާލުކޮށްލީ، ދާރިސް އެރޭ ޢިޝާ ނަމާދުން ގެއަށް އައުމުން، ދާރިސްއާއި ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނެ ދާރިސްއާއިއެކީ އެނދުގައި އިށީނުމަށްފަހުއެވެ.
“ކަމެއްނުވޭ….” ދާރިސް ހިބާއާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވެފައި އިނދެ ބުންޏެވެ.
“ނޫން….ކޮންމެވެސް ކަމެއްވެއްޖެ. އަހަންނަށް ބަލާފަ ބުނޭ ދާރިސް. އަހަންނަށް އެނގޭ ދާރިސް ކޮންމެވެސް ކަމަކާ އަޕްސެޓްވެފަކަން ތިހިރީ….ކައިވެނީގެ ކުރިން ވެސް އަހަރުމެން އެއްބަސްވީމެއްނު އެކަކު ވެސް ހިތްހަމަނުޖެހޭ ކަމެއް ދިމާވިއްޔާ އެ ވާހަކަ ވީހާވެސް އަވަހަކަށް ދައްކައި ޙައްލުކުރާނެ ވާހަކަ؟” ހިބާ ވާހަކަ ދެއްކިއެވެ.
“ހަމަ އަސްލުވެސް ކަމެއް ނުވެއޭ ހިބާ…” ދާރިސް ހިބާއަށް ބަލައި ހިނިތުންވާން މަސައްކަތް ކުރަމުން އެހެން ބުނެލީ، އޭނަގެ ޚިޔާލަށް ވެރިވި އިލްޒާމް ހިބާގެ ނަމާއި ގުޅުވައިގެން ދުލާއި ހަމައަށް ގެންނަން ވެސް ނަފްރަތު ކުރެވުނީތީވެއެވެ.
“ދޮގު ނަހަދާ ދާރިސް. ތިހެން ހަދަންޏާ އަހަންނަށް ހީވާނީ ދާރިސް ބޭނުންވަނީ އަހަރުމެންގެ ގުޅުން ނިމުމަކަށް ގެންނަންހެން. ދާރިސްގެ ހިތަށް ވެރިވާ އެއްޗެއް ނުބުނެ ހުންނަން އަހަރެން މިއީ ދާރިސްއާއި ދުރު މީހެއްނޫނެއްނު؟ އަހަންނަށް ދާރިސް ނުރުހުންވާފަދަ ކަމެއް ކުރެވިފަ އޮތިއްޔާ މަޢާފަށް އެދި، އެ ކަންތައް ރަނގަޅު ކުރެވޭނީ ވެސް އޭރުންނެއްނޫންތަ ދާރިސް؟ ތި ނުރުހުންތެރިކަން ހިތުގަ ބާއްވައިގެން ހުއްޓާ ދާރިސް އަހަންނަށް ނަފްރަތު ކުރަން ފަށައިފިއްޔާޔޯ؟ އެދުވަހަކުން އަހަރެން ހަދާނީ ކިހިނެއް؟ އެކަހަލަ ދުވަހެއް ދެކޭކަށް ނޫނޭ އަހަރެން ދާރިސްއާއި އިނީ….” ހިބާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އެ އަޑު ކުރެހުނެވެ.
އެ ހިނދު އެ މޫނުމަތިން ހިތާމަވެރިކަމާއި ކަންބޮޑުވުން އެކުލެވޭފަދަ އަސަރެއް ފެނިގެން ދިޔުމުން ދާރިސްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މައްސަލަ ޙައްލު ކުރުމަށްޓަކައި އޭނައަށް އެޅުނީ ރަނގަޅު ފިޔަވަޅެއް ނޫންކަން އެނގުންވީ އެވަގުތެވެ. އިސާހިތަކު ދާރިސް ލޯތްބާއިއެކީ ދެ އަތުން ހިބާގެ މޫނުގައި ހިފަހައްޓައިލިއެވެ.
“ދުވަހަކުވެސް ހިބާއަށް ނަފްރަތުކުރަން އަހަރެން ނެތީމޭ، ލޯބި….ތި ބުނިހެން ދިމާވި ކަމަކުން ނުރުހުންވެފަ އަހަރެން މިހިރީ. ހީކުރީ އެ ވާހަކަ ނުދައްކާވެސް މައްސަލަ ޙައްލުވެދާނެކަމަށް. އެކަމަކު މިހާރު އެނގިއްޖެ ބައެއް މައްސަލަތައް ޙައްލުވާނީ ވާހަކަ ދެއްކީމަކަން…..އެކަމަކު ހިބާ އަހަންނަށް ވަޢުދުވެދީބަލަ….އަހަރެން މި ދައްކާ ވާހަކައިން ހިބާ މާ ބޮޑަށް ދެރަނުވައްޗޭ. މިއީ ހަމައެކަނި އަހަންނަށް ހީވާ ހީވުމެއްކަން އަހަންނަށް ޔަޤީން…” ދާރިސް ބުންޏެވެ. އެއާއިއެކު ހިބާ ބޯޖަހައިލިއެވެ.
“ވަޢުދުވަން….ކިޔައިދީ ދާރިސް. ދާރިސްއަށް އުދަގޫވާ ހުރިހާ ޚިޔާލެއް ކިޔައިދީ…” ހިބާ އިހުނަށްވުރެ ބޮޑަށް ދާރިސްއާއި ކުރިމަތިލަމުން އެދުނު ހިނދު ދާރިސް ހިބާގެ މޫނުން ދޫކޮށްލިއެވެ.
“ހިބާ….ކައިވެނީގެ ކުރިން އަހަރެން ބުނީމެއްނު އަހަރެން މަސައްކަތާއި ގުޅިގެން ވެސް ހިލޭ އަންހެނުންނާއި ވަކިން ވާހަކަ ނުދައްކާ ވާހަކަ؟”
“ހުމް..”
“ހަމަ އެގޮތަށް ހިބާ ވެސް ވޯކް-ރިލޭޓެޑް ގޮތަކަށް ވެސް ހިލޭ ފިރިހެނުންނާއި ގާތްކޮށް ނުއުޅޭ ވާހަކަ ހިބާ ބުނީމެއްނު؟”
“ހުމް…”
“އަސްލު ހިބާ އެހެން ބުނީތީ އަހަރެން ހިބާއަށް ވަރަށް ބޮޑަށް ޤަދަރުކުރިން. އެކަމަކު ކުރީ ދުވަހު ހިބާގެ ފޯނުން ފެނުނު ނަމަކުން ހިތުގަ ޝައްކެއް އުފެދިގެން މިއުޅެނީ. ސްވިސްގަ ވެސް މި މީހަކު ހިބާއަށް ގުޅިއިރު ހިބާގެ ފޯނު އަހަރެން ދުށިން. ދެން މިކޮޅަށް އައިއްސަ ވެސް މި މީހަކު ހިބާއަށް ގުޅައި މެސެޖު ކުރާތަން ފެނުނީމަ އަސްލު ހިތްހަމަނުޖެހުނީ. ހިބާ ބުނީމެއްނު އިވެންޓެއް ނެތިއްޔާ ޕޭރެންޓުން ވެސް ގުޅައި ނުއުޅެއޭ؟ އެހެންވެއްޖެއްޔާ އެއީ ކާކު؟”
“ކާކް…ކޮން ނަމެއްތަ ދާރިސްއަށް ފެނިގެން ތިއުޅެނީ؟”
“މާޒިން….”
ދާރިސް އެހެން ބުނުމާއިއެކު ހިބާ އޭނަގެ ގާތަށް އައި ހިނިގަނޑު ކޮންޓްރޯލްކުރަން އަނގަމަތީގައި އެއްއަތް އަޅަން ޖެހުނެވެ. އެހިނދު އޮޅުން އެރި ދާރިސްގެ ދެބުމަ ކައިރިވެގެން ދިޔައެވެ. ހިބާ އަނގަމަތިން އަތް ނަގައިލިއިރު ވެސް އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ.
“ސޯ….ދާރިސްއަށް ހީވަނީ މާޒިންއަކީ ކާކުހެން؟ އަހަރެންގެ ސީކްރެޓް ލަވާރ؟ އޯރ ބޯއިފްރެންޑް؟” ހިބާ ހެވިފައި އިނދެ ސަމާސާވެރި ރާގަކަށް ސުވާލުތައް ކުރިއެވެ.
“މް…މޭއި..ބީ…” ދާރިސް ޖެހިލުންވުމަކާއިއެކީ އެހެން ބުނެލީ އޭނަ ހީކުރި ފަދައިން ހިބާ ނުރުހުންވެދާނެކަމުގެ ބިރާއިއެކީގައެވެ. އެހެނަސް އޭނަ އެހެން ބުނުމާއިއެކު ހިބާ ގަދަ ހިނިގަނޑަކާއިއެކީ ހުރި ދިމާލަށް އެނދުގައި އޮށޯތެވެ. ހިބާ ހޭން އޮތް މަންޒަރު ފެނިފައި ދާރިސްއަށް ‘ވަޓް؟’ އޭ ބުނަމުން ހެވެން ފެށީ އިޚްތިޔާރަކާއި ނުލައެވެ.
“އޯ މައި މައި! ދާރިސްއަށް ތި ފެނުނީ އަދި އަހަރެންގެ އެންމެ ބޯއިފްރެންޑެއްނު؟ މަޑުކުރޭ އަދި އަހަރެންގެ ބޯއިފްރެންޑުންގެ ލިސްޓެއް ދައްކާނަން.” ހިބާ އެހެން ބުނެލީ އޭނަގެ ހިނިގަނޑު މައިތިރިކުރަން މަސައްކަތް ކުރަމުން ޖިންސްގެ ޖީބުން އޭނަގެ ފޯނު ނަގަމުންނެވެ.
ފޯނުން އޭނަ ހުޅުވައިލީ ސްކޫލްގެ ހުރިހާ ކަމެއް އަޅާފައި ހުންނަ އެޕްލިކޭޝަނެވެ. އެ އެޕްލިކޭޝަނުން އޭނަގެ ކުލާސް ކުދިންގެ ލިސްޓު ހުޅުވައި ދާރިސްއަށް ސްކްރީން ދައްކައިލިއެވެ.
“މިހިރީ ލިސްޓް….އެބަ ފެނޭ؟ މަގޭ ސްމާޓް ބޯއިފްރެންޑުންގެ ލިސްޓް. މިއޮތީ މާޒިން….މިއީ އަހަރެންގެ އެންމެ ލޭޓެސްޓް ބޯއިފްރެންޑް!” ހިބާ އެ ލިސްޓުގައި ހުރި ފިރިހެން ކުދިންގެ ނަންތަކަށް ޢިޝާރާތް ކުރުމަށްފަހު އެންމެ ތިރިން ފެންނަމުން ދިޔަ މާޒިންގެ ނަން ދައްކައިލިއެވެ.
“ސުބް….ގްރޭޑް 3؟؟؟!!!” ދާރިސްއަށް ސްކްރީނުގެ ކަނަކުން އެ ބަސްތައް ދެލޯ ބޮޑުކޮށްލަމުން ބުނެވުނީ ހަމައެކަނި އެހާވަރަށެވެ.
“ދެޓްސް ރައިޓް!”
“އައްދެ! މިހާރު އެ ޢުމުރުގެ ކުދިން އަތުގަ ވެސް ފޯނު ހުންނަނީތަ؟”
“ހެހެ….ނޫނޭ..މި ކުދިންގެ މަންމަމެންގެ ނަންބަރުތައް އަހަރެން ސޭވްކޮށްފަ ހުންނާނީ މިކުދިންގެ ނަންތަކުން. އޭރުން ޕޭރެންޓް ގުޅާއިރަށް އެ ކުއްޖާގެ ނަން ފެނި އެ ކުއްޖާގެ ކަންތައް ހަނދާންވާނެތާ….މާޒިން އަކީ ވެސް އަސްލު އޯޓިޒަމް ހުންނަ ކުއްޖެއް. މީގެ 2 މަސް ވަރަކަށް ކުރިން އަހަރުމެން ސްކޫލަށް ޖޮއިން ކުރީ. އެހެންވީމަ މާޒިން މަންމަ ދޭތެރެދޭތެރެއިން ކަންބޮޑުވެގެން ގުޅާނެ…”
“އޯހް! ތި ވާހަކަ ކުރިން ބުނިނަމަ….މި ހުރިހާ މައްސަލައެއް ނުޖެހި އަހަންނަށް ވެސް އެ ކުއްޖާއަށް ހެލްޕް ވެވުނީހެއްނު؟ މި ރަށު ކުއްޖެއްތަ؟”
“އެ ކުއްޖާގެ މަންމައަކީ މާލޭ އަންހެނެއްހެން ހީވަނީ. މިކޮޅުގަ ކޮންމެވެސް ޖޮބެއްގަ އުޅޭހެން ހީވަނީ. އަދި އެހާ ބޮޑަކަށް ނޭނގޭ. ވަރަށް ނައިސް މަންމައެއް އެއީ. މުނީރާ ކިޔާނީ…” ހިބާގެ ވާހަކަތައް ހިނިތުންވުމަކާއިއެކީ އަޑުއަހަން އިން ދާރިސް އެންމެ ފަހުން އިވުނު ނަމާއިއެކީ، ކުއްލިގޮތަކަށް އެ މޫނުމައްޗަށް އަނދިރިކަމުގެ ސައިލެއް ވެރިވިހެން ހީވިއެވެ.
ނުނިމޭ
Jana
December 6, 2021 @ 2:03 pm
Salaam readers. Feels so good to write a long episode after a long time. And to feel the feelings of these characters after so many days of exhaustion. Alhamdhulillah! <3
Next episode on Friday evening In Sha Allah 😀 <3 Much love readers! Stay safe! <3 <3 <3
Mish😭😭
December 10, 2021 @ 2:09 pm
Sisssss where is next ep
Jana
December 6, 2021 @ 2:05 pm
“I will keep her happy, with or without luxury.” he says, as he holds the plant that bears her favourite flower.
Mun
December 6, 2021 @ 3:45 pm
Mi bai ves varah furihama maasha Allah..
Next part ves ehaame furihama genesdhehchey Jana sis
Ibaa
December 9, 2021 @ 12:15 pm
Masha Allah. As always this story is fabulous. ❤