ދާރިސް (ސައުރަޔާޅީސްވަނަ ބައި)
“ކިހިނެއް ހަދާނީ ކޮއްކޮ؟ މަންމަ ފޯނެއް ނުނަގައޭ…..މަންމަ މި ވަގުތު ހުންނާނެ ތަނެއް އެނގޭތަ؟”
އެ ސުވާލު، 6 އަހަރުގެ ދާރިސްއާއި ކޮށްލެވުނީ، ސްކޫލް އޮފީހުގައި އިން އަންހެނެއްގެ ފަރާތުންނެވެ.
ދެ ސުވާލެއް އެއްފަހަރާ ކޮށްލެވި، މަންމަ ފޯނުވެސް ނުނަގާ ވާހަކަ އިވިގެން ދިޔުމުން ދާރިސްގެ ސިކުނޑި ހާސްވެގެން ދިޔައެވެ. ދެ ސުވާލު އެކީގައި ދޭހަކުރަން މަސައްކަތް ކުރުމުން ހުރިހާ ވާހަކައެއް އެކީގައި ހަނދާންނެތޭ ގޮތްވިއެވެ. އެހެނަސް މަންމަ އެދުވަހުގެ އެވަގުތު އޭނަގެ ކައިރީގައި ނެތްކަމުގެ ނުތަނަވަސްކަން ހިތުގައި ހަރުލާފައިވިއެވެ. އޭނަގެ ހުރިހާ އެކުވެރިން ގެއަށް ގޮސްފައިވީއިރު، އޭނަ އެވަގުތު އޮފީހުގައި ހުންނަންޖެހުނު ޖެހުނުމުން، ބޮލަށް ވަމުން ދިޔަ އުދަގޫތައް ދެގުނަވަމުން ދިޔައެވެ. އޭގެ ސަބަބުން މަޑުން ހުންނަން އުދަގޫވުމުން ދެއަތުން ކޮނޑުގައި އެޅުވިފައިވި ދަބަހުގެ ހިފާތަނުގެ ދަށް ބައިގައި ބޮޑުވާ އިނގިލި ހިންގެން ފެށިއެވެ. ލަސްލަހުން ދެފައިވެސް ވަކިވަކިން ހިއްލެން ފެށި ވަގުތު، ފަހަތުން އޮފީހުގެ ދޮރު ހުޅުވައިލެވުނު އަޑަށް ސިހިގެން ދިޔައެވެ.
“ލީނާ ނިކަން އަވަހަށް އައިސްބަލަ….އެއްކަލަ އިވެންޓަށް ގެނައި ސަމާން މަދުވެގެން އެކޮޅުން އެބައުޅޭ…އެ ހުރިހާ އެއްޗެއް ސޯޓްކުރަން އެބަޖެހޭ ވަރަށް އަވަހަށް.” ދޮރުމަތީގައި ހުރި އޮފީސް އެހެން އަންހެނަކު ވާހަކަ ދެއްކިއެވެ.
“މަޑުކޮށްބަލަ ލަހޫ….މި ކުއްޖާ ބަލާ ނައިސްގެން މިއުޅެނީ. މިއަދު މި ކުއްޖާގެ ކުލާސް ޓީޗާރ ވެސް ނާދޭ. އެހެންވެ އޮފީހަށް ގެނެއްސަ މިހިރީ…” ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސައިގެން ކޮޅަށް ހުރި އަންހެން މީހާ ބުންޏެވެ.
“މިއީ ކޮން ކުއްޖެއްތަ؟ އެއްކަލަ ނީނާ ކުލާހުގަ އުޅޭ ވާހަކަ ނުދެއްކޭ ކުއްޖާދޯ؟ މަށަށް އެނގޭ މި ކުއްޖާ. ކުޑައިރުކޮޅަކަށް މި ކުއްޖާ ބަހައްޓާފަ އަޔަސް ރަނގަޅުވާނެ. ހަމަ މަޑުމަޑުން އެހެރި ގޮތަށް ހުންނާނެ. އެއްޗެއްގަ އަތެއް ނުލާނެ….އެންމެ މިނެޓަކަށް ދެން މިކޮޅަށް އައިސްދީބަލަ…އަހަރެން މިހިރީ ވެއިޓްކޮށްގެން. ލިސްޓް ހިފައިގެން އަންނާތި…” ދޮރު މައްޗަށް އެރި އަންހެން މީހާ ދެން ހުރި ކުއްޖާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ބޭރަށް ދިޔައެވެ. އެއާއިއެކު ފޯނުގެ އަތްގަނޑު ހިފަހައްޓައިގެން ހުރި އަންހެން ކުއްޖާ ދާރިސްއަށް ބަލައިލިއެވެ.
“ކޮއްކޮ ބަލާބަލަ….ދައްތަ އަނެއްކާވެސް ކޮއްކޮގެ މަންމައަށް ގުޅައިލަދޭނަން. މަންމަ ފޯނު ނެގިއްޔާ ބުނައްޗޭ ކޮއްކޮ ބަލާ އައިސްދޭށޭ…” އެ އަންހެން މީހާ ފޯނުން އަނެއްކާވެސް ނަންބަރުތަކަށް ފިތައިލުމަށްފަހު ފޯނުގެ އަތްގަނޑު ދާރިސްއަށް ދިއްކުރިއެވެ.
ދާރިސް ދެ ޚިޔާލެއްގެ މަތީގައި ހުރެ ދެ ފަރާތަށް ކަޅި ހިންގަމުން، އޮފީސް މޭޒު ކައިރިއަށް ގޮސް ފޯނުގެ އަތްގަނޑު ހޯދިއެވެ. އެއާއިއެކު އެތާ ހުރި ދައްތަ ތިމަންނަ އެބަ އަންނަމޭ ބުނެ އަވަސް ފިޔަވަޅުތަކެއްގައި އޮފީހުން ނިކުމެގެން ދިޔައެވެ.
ފޯނުގެ އަތްގަނޑު ކަންފަތުގައި ޖެއްސުމާއިއެކު އިވެން ފެށި ރިންގުގެ އަޑުން ދާރިސްއަށް އުދަގޫވިއެވެ. އެކަން އެ މޫނުމަތިން ވެސް ފާޅުވެގެން ދިޔައެވެ. މިއީ އޭނައަށް އެފަދަ ރިންގެއްގެ އަޑު އެހާ ބާރަށް އިވުނު ފުރަތަމަ ފަހަރެވެ. އަތްގަނޑު ބާއްވަން ބޭނުންވިއެއްކަމަކު ދެންމެ އެ ދައްތަ ބުނިގޮތަށް ވެސް ކަންތައް ކުރަން ބޭނުންވިއެވެ.
މިފަދަ ހައިޖާނެއްގައި ދާރިސް ވަނިކޮށް އެކޮޅުން ފޯނު ނެގުމުން އެ ރިންގުގެ އަޑު ކެނޑިގެން ދިޔައެވެ. އެހެނަސް މަންމަގެ އަޑުގެ ބަދަލުގައި އިވިގެން ދިޔައީ ފޯނު ޓައިލްސް މައްޗަށް އެއްލައިލެވި، ޓައިލްސް މަތިން ކެއްސިގެން ދިޔަ އަޑެވެ. އެއާއިއެކު ދާރިސްގެ މެއަށް ވަން ބިރުވެރިކަމާއިއެކީ ހިތުގެ ތެޅުން އަވަސްވިއެވެ.
“މަގޭ ވާހަކަ ނުނިމެނީސް އޮޅުވައިލަން ހިތަށް ވެސް ނާރުވާތި! މުނީރާ ސަލާމަތުން ހުންނަން ބޭނުމިއްޔާ އެ ދަރި މަރާލާ!” އެކޮޅުން އިވިގެން ދިޔައީ ހަރުކަށިކޮށް ވާހަކަ ދެއްކި ފިރިހެނެއްގެ އަޑެވެ. އެމީހާ ދެއްކި ވާހަކަ ރަނގަޅަށް ދޭހަ ނުކުރެވުނެއްކަމަކު ދެއްކީ ބިރުވެރި ވާހަކައެއްކަން ޔަޤީންކުރެވުނެވެ. އެއީ ކާކުތޯ ހިތަށްއެރިއެވެ. ދާރިސްގެ ގޭގައި އުޅެނީ ދާރިސްއާއި އޭނަގެ މަންމަ އެކަންޏެވެ. އެމީހުންގެ ގެއަކީ އެހެން މީހުން އައިސް އުޅޭ ގެއެއްނޫނެވެ. އަދި ‘މުނީރާ’އަކީ ކާކުތޯ ވެސް ހިތަށްއެރިއެވެ. މަންމަގެ ނަން އޭނައަށް އިވުނު ފުރަތަމަ ދުވަހަކީ އެއީ ކަމަށްވާތީވެއެވެ.
“މަށާއި މަގޭ ދަރިއަކީ ކަލެއާއި ބެހޭކަމެއް ނޫން! ކަލޭގެ ހިޔަނިވެސް ނޭޅޭ ހިސާބުގަ އަހަރުމެން ޢުމުރު ދުވަހު އުޅެފާނަން! އިތުރު އެންމެ ހިނދުކޮޅަކަށް ވެސް މިގޭގަ ހުރެފިއްޔާ ފުލުހުންނަށް ގުޅާނީ. ދާން އުޅޭ!” އެކޮޅުން މަންމަ ވާހަކަ ދެއްކި އަޑު ދާރިސްއަށް އިވުނެވެ.
“ހަހް! ފުލުހުންނަށް ވާނެ ކަމެއް އޮތްނަމަ މިހާރު މަ ހުރީހީ ޖަލުގައެއްނު؟ ތި ވާހަކަ ދައްކަނީ ކާކާކަން ހަނދާން ނެތިގެންދޯ ތިއުޅެނީ؟ އެނ؟” ފިރިހެން މީހާގެ އެ ފަހު ބަސްތަކާއެކީ މަންމަގެ ވޭނީ ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ. އެއަށްފަހު އެމީހުންގެ މަންމަގެ ގައިގަ ޖަހާ އަޑާއިއެކީ މަންމަގެ ރުއިމުގެ އަޑު އިވެން ފެށުމުން ހުރި ގޮތަށް ހުއްޓިހުރި ދާރިސްގެ ލޮލުން ކަރުނަ ހިލި، އެ ކަރުނަތައް ވަށް ކޯތާފަތުގެ މައްޗަށް ފައިބަން ފެށިއެވެ.
ހިތް ކުދިކުދި ކޮށްލި އެ އަޑުތަކަށްފަހު ގޭގެ ދޮރު ނުހަނު ބާރަށް ލައްޕައިލެވުނު އަޑަށް ދާރިސް ސިއްސައިގެން ދިޔަ ވަގުތު ފޯނުގެ އަތްގަނޑުވެސް އަތުން ދޫވެ، ބިންމަތީގައި ޖެހުނެވެ.
ނިދިފައި އޮތް ދާރިސްއަށް ކުއްލި ގޮތަކަށް ހޭލެވި، ތެދުވެލެވުނީ، އެ އަޑުތަކަށެވެ. ދެންމެ ނިދީގެ ތެރެއިން އޭނަގެ ކަންފަތުގައި ގުގުމައިގެން ދިޔައީ، ހަމައެކަނި ފޯނުން އިވިގެން ދިޔަ ބަސްތަކަށް ވިޔަސް، އެ ބަސްތަކުން ސިފަވި މަންޒަރުތައް ސާފުކޮށް ލޮލަށް ފެނިގެން ދިޔަހެން ދާރިސްއަށް ހީވިއެވެ. އެވަގުތުވެސް އޭނަގެ ހިތުގެ ތެޅުން އަވަސްވެ، ބިރުވެރިކަމާއި ހިތާމަވެރިކަން އެކުލެވޭ އަސަރެއް ހިތަށްވެރިވެފައިވީ އެހެންވެއެވެ.
ދާރިސް އެނދުގައި އިން ގޮތަށް އިންދާ، ދާރިސް ތެދުވުނުކަން އެނގި، ހޭލެވުނު ހިބާ ވެސް ދާރިސްގެ ނަމުން ގޮވަމުން ތެދުވެލިއެވެ.
“ކިހިނެއްތަވީ ދާރިސް؟” ދާރިސްގެ ކޮނޑުގައި އަތް އެޅިހިނދު، ދާރިސްގެ ކުރު ނޭވާތަކުގެ އަޑު އިވިފައި ހިބާވެސް ކަންބޮޑުވާ ގޮތްވިއެވެ. އެއާއިއެކު ހިބާ އިސާހިތަކު އެނދުގެ ހެޑްބޯޑާއި ދިމާލުން ފާރުގައި ހުރި ސްވިޗްތަކަށް އަތް ދިއްކޮށް އަލި ބޮކިތަށް ދިއްލައިލިއެވެ.
“ބިރުވެރި ހުވަފެނެއް ފެނުނީތަ؟ އާރ ޔޫ އޯކޭ، ދާރިސް؟” ހިބާ ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން ހިބާއާއިމެދު ވިސްނަން ދާރިސްއަށް މަޖުބޫރުވިއެވެ. އެއާއިއެކު ދާރިސް ވަގުތުން އޭނަގެ ޚިޔާލުތަކުން ދުރުވަމުން ހިބާއަށް ބެލިއެވެ.
“ހުމް….ބި..ރުވެރި ހުވަފެނެއް ފެނުނީ. މިހާރު އޯކޭ…” ދާރިސް ހިބާއަށް ބަލައި ނޭވާ ހަމައަކަށް އަޅުވަމުން ވާހަކަ ދެއްކިއެވެ.
“އާރ ޔޫ ޝުއާރ ދާރިސް؟” ހިބާ ދެންވެސް ޤަބޫލުކުރަން ދަތިވެފައި ކަހަލަ ގޮތަކަށް އެހިއެވެ. ދާރިސް ހިނިތުންވާން މަސައްކަތް ކުރަމުން ބޯޖަހައިލީ، ހިބާ ދެން އިތުރަށް އޭނައާއި ސުވާލު ނުކުރާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ދެންމެ އޭނައަށް އާ ވެގެން ދިޔަ ހަނދާނުގެ ވާހަކަ ހިބާއަށް ކިޔައިދޭން އެއްގޮތަކަށް ވެސް ބޭނުމެއް ނުވީތީވެއެވެ. އެއީ އެހެން ނޫނަސް އޭނައަށް ކިޔައިދޭން އެހާ ފަސޭހަ ވާހަކައަކަށް ނުވާތީވެއެވެ.
ދާރިސްގެ އިޙްސާސްތައް ހިބާއަށް އެނގުންވި ފަދައެވެ. ހިބާ އިތުރަށް ސުވާލުކުރަން ކިތަންމެހާ ވެސް ބޭނުންވިއެވެ. އެހެނަސް އެ ވަގުތު ދާރިސް އޭނައާއި އެ ވާހަކަ ޙިއްސާކުރަން ބޭނުން ނުވެދާނެއޭ ހިތައި، ފެން ފޮދެއް ބޯލަންވީ ނޫންތޯ ދާރިސްގާތު ބުނެވުނެވެ. އެއަށްފަހު އަރިމަތީ މޭޒުމަތީގައި ހުރި ފެންޖަގުން އެތާ ހުރި ފެން ތަށްޓަށް ފެން އަޅައިލުމަށްފަހު ހިބާ ދާރިސްއަށް ދިނެވެ.
ފެން ބުއިމަށްފަހު ދާރިސް އަނެއްކާވެސް އޮށޯވެ ދެލޯ މަރައިލިއެވެ. އެހެނަސް މެރިފައިވި ދެލޯ ތަގުޅިވަމުން ދިޔަ ގޮތުން ދާރިސްއަށް ނިދަން އުދަގޫވެގެން އުޅެނީކަން ހިބާއަށް އެނގުންވިއެވެ. ރޭގަނޑު ހޭލެވިއްޖެނަމަ ދާރިސްއަށް ދެން ނިދަން އުދަގޫވާނެކަމީ ހިބާއަށް ވެސް އެނގޭ ޙަޤީޤަތެކެވެ.
އެހެންކަމުން ލިބުނު ޚިޔާލާއިއެކީ ހިބާ އެނދުން ތެދުވެގެން ގޮސް ކިޔަވާ މޭޒުދޮށަށް ދިޔައެވެ. އަދި އެ މޭޒުމަތީގައި ހުރި ލެޕްޓޮޕް ހުޅުވައިލުމަށްފަހު ދާރިސް އެއްކަލަ ކެސެޓުން ނަގައި ލެޕްޓޮޕަށް އަޅައިދީފައި ހުރި ވާރޭގެ އަޑެވެ. ނެޓުން އެފަދަ ރެކޯޑިންގްއެއް ނެގުމުގެ ބަދަލުގައި ހަމަ އެ އޯޑިއޯ ހިބާ ޕްލޭއިކޮށްލީ، މާޒީގެ އުފާވެރި ހަނދާންތައް ވެސް ދާރިސްއަށްޓަކައި އާ ކޮށްދިނުމަށެވެ.
އެކަން ކާމިޔާބުވެސްވިއެވެ. ހިބާ އޭތި ޕްލޭ ކުރުމަށްފަހު ފަސްއެނބުރި ދާރިސްއަށް ބަލައިލިއިރު ދާރިސް ލޯ ހުޅުވުމަށްފަހު އެދިމާލަށް ބަލަން އޮތެވެ.
“ހާދަ ރިލޭކްސިންގްއޭދޯ؟ މީތި ޖައްސައިގެން އަހަރެން ވެސް ދެން ކޮންމެ އިރަކު ނިދިޔަސް ނިދާނީ…” ހިބާ އެހެން ބުނުމަށްފަހު އާފުރޭކަމަށް ހެދުނެވެ. އެ މަންޒަރު ފެނިފައި ދާރިސް ލުއި ގޮތަކަށް ހީލުމުން ހިބާ ވެސް ހިނިތުންވެލިއެވެ. އަދި އެނދުގެ ކައިރިއަށް ގޮސް ހެޑްބޯޑުމަތީގައި ހުރި ޓިޝޫ ފޮށްޓަކުން ޓިޝޫތައް ނަގައި ދާރިސްގެ މޫނުން ހިއްލާފައިވާ ދާތިކިތައް ފޮހެލަދިނެވެ. އެއަށްފަހު ދާރިސްގެ ނިތުގައި ބޮސްދިނުމަށްފަހު ނިދައިލުމަށް ބުންޏެވެ.
އޭގެ އިރުކޮޅެއްފަހުން ދާރިސްއަށް ނިދުނުއިރު ހިބާ ވެސް އޮތީ އަނެއްކާވެސް ދާރިސްގެ ކައިރީގައި އޮށޯވެގެންނެވެ. އެހެނަސް މިފަހަރު ހިބާއަށް ނިދޭގޮތެއް ނުވިއެވެ. ދާރިސްއަށް ދެންމެ އެ ވީ ގޮތުން ހިބާގެ ހަނދާނަށް އަންނަން ފެށީ، އެރޭ ނިދުމުގެ ކުރިން އެ ދެމެދުގައި ދެކެވުނު ވާހަކައެވެ.
“އެ ކުއްޖާގެ މަންމައަކީ މާލޭ އަންހެނެއްހެން ހީވަނީ. މިކޮޅުގަ ކޮންމެވެސް ޖޮބެއްގަ އުޅޭހެން ހީވަނީ. އަދި އެހާ ބޮޑަކަށް ނޭނގޭ. ވަރަށް ނައިސް މަންމައެއް އެއީ. މުނީރާ ކިޔާނީ…” ހިބާ ހިނިތުންވުމަކާއިއެކީ ބުނެލި ބަސްތަކުން ދާރިސްގެ މޫނަށް ވެރިވެގެން ދިޔަ ކުލަވަރު ހިބާއަށް ސިއްރެއް ނުވިއެވެ. އިސާހިތަކު އެ ތުންފަތްމަތިން ހިނިތުންވުން ފިލައި، އެ މޫނުމައްޗަށް ބަނަކަމެއް ވެރިވެގެން ދިޔަތަން ފެނުމުން ހިބާއަށް ވާހަކަ ދެކެވުނެވެ.
“ވަޓް ހެޕެންޑް، ދާރިސް؟” ހިބާ ދާރިސްގެ މޫނުގައި އެއްއަތުން ހިފަހައްޓައިލަމުން އެހިއެވެ.
“ކް…ކަމެއް ނުވޭ..” ދާރިސް ހިބާއާއި ހަތަރުކަޅި ވެސް ހަމަކުރަން ނޭނގި އިނދެ ބުންޏެވެ.
“އެއްކަލަ ދާރިސް! ކަމެއްވެގެން ކަމެއް ނުވެއޭ ބުނެ ހުރީމަ ވާ ގޮތް މިއަދު ވެސް ދަސްވެއްޖެއެއްނު؟ ހިތްދަތި ކުރުވާ ވާހަކައެއް ހިތުތެރޭގަ ބޭއްވުމުގެ ބަދަލުގަ އެ ވާހަކަ މީހަކާއި ޙިއްސާކުރީމަ ހިތަށް ލުއެއް ވެސް ލިބިދާނެ ދާރިސް. ސޯ ޕްލީޒް ޓެލް މީ!” ހިބާއަށް ބުނެވުނެވެ. ހަމަ އެ ހިނދު އޭނައަށް ދާރިސް ލައްވާ ގަދަކަމުން ބޮޑު ވާހަކައެއް ބުނެވެން އުޅޭތީ ހިސާބަކަށް ޖެހިލުންވެސްވިއެވެ. އެކަކު އަނެކަކު ލައްވާ ގަދަ ބާރުން ކަންތައް ނުކުރުވުމަށް ދެމީހުން އެކަކު އަނެކަކަށް ވަޢުދުވެފައި ވަނިކޮށެވެ.
އެހެނަސް ހިބާ އޭނަގެ ބަސްތައް އަނބުރައި ގެންނަން ނުކުޅެދުނެވެ. ނުބުންޏަސް އެންމެ ރަނގަޅޭ ވެސް ބުނަން އެވަގުތު ބޭނުމެއް ނުވިއެވެ. ދާރިސް އިސްޖެހިފައި އިންއިރު އެއްޗެކޭ ބުނަން އުޅުނުހެން ހީވުމާއިއެކު ވެސްމެއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ހިބާއަށް ދާރިސްގެ އަޑުއިވުނެވެ.
“އެއީ އަހަރެންގެ…..މަން…މައަށް ވެސް ކިޔާ ނަން…” ދާރިސް ހިސާބަކަށް ނޭވާ ކުރުވެފައިވާ ޙާލު ބުނެލި ބަސްތަކުން ހިބާގެ ލޯ ބޮޑުވިއެވެ. ދެންމެ އޭނަ ކިޔުނީ ކޮން ނަމެއް ކަމާއި އެ މީހެއްގެ ސޫރަ ލޮލަށް ސިފަވި ވަގުތު ހިބާއަށް ވާހަކަ ދެކެވުނެވެ.
“އެ ވެދާނެތަ ދާރިސްގެ މަންމައަށް؟ ދާރިސްގެ މަންމަ ހުރެދާނެތަ މި ރަށުގަ؟” ހިބާއަށް އަވަސްއަވަހަށް ސުވާލުތައް ކޮށްލެވުނެވެ.
“ނޭނގެ….” ދާރިސް އެހެން ވެސް ބުނެލީ އިސްޖެހި، މަޑުމޮޅިވެފައި އިނދެއެވެ. އެހިނދު އެ ލޮލުން ކަރުނަ ހިލެމުން ދިޔަހެން ވެސް ހިބާއަށް ހީވިއެވެ. އެއާއިއެކު ހިބާ އިހުނަށްވުރެ ދާރިސްއާއި ގާތްވެލަމުން ދާރިސްގެ އެއްއަތް މަތީގައި އޭނަގެ އަތް ބޭއްވިއެވެ.
“ދާރިސް ބޭނުންތަ ދާރިސްގެ މަންމައާއި ބައްދަލުކުރަން؟” ހިބާ މަޑުމައިތިރި އަޑަކުން ސުވާލުކުރިއެވެ. ހިބާ ހީކުރީ ދާރިސް ވަގުތުން އާނއެކޭ ބުނާނެ ކަމަށެވެ. މަންމަ މަތިން ހަނދާންވެގެން ދާރިސް ކުޑައިރު އުޅުނު ގޮތް ލޮލަށް ސިފަވުމުން ވެސްމެއެވެ. އެހެނަސް….
“ބޭނުމެއްނޫން…” ދާރިސް ބުނެލި ބަސްތަކުން ހިބާގެ ދެބުމަ ކައިރިވީ ލިބުނު ޙައިރާންކަމެއްގެ ސަބަބުންނެވެ.
އެ ވަގުތުކޮޅުގެ މަތިން ހަނދާންކުރަމުން ހިބާ އެނދުގައި އޮވެ ދާރިސްއަށް ބަލައިލިއެވެ. ދާރިސް އެ ބަސްތައް ބުނެލީ ހަމަ ދާރިސްގެ ހިތުގެ އެދުމާއި އެއްގޮތަށްތޯ ހިބާއަށް އަމިއްލަ ޒަމީރާއި ސުވާލު ކުރެވުނެވެ. ދާރިސްގެ ހިތުގައި އެހާ ބޮޑު ލޯތްބެއްވާ މަންމައާއި ބައްދަލުކުރަން މިހާރު ބޭނުންނުވާނެ ސަބަބަކީ ކޮބައިތޯ ހިބާގެ ހިތަށްއެރިއެވެ. އެއީ އެ މަންމަ ދާރިސް ދޫކޮށް ދިޔައީތީވެ ހެއްޔެވެ؟ އޭނަގެ މަންމަ ވެސް އޭނަ ދޫކޮށް ދިޔުމުން މަންމައަށްޓަކައި ހިތުގައި ޝަކުވާއެއް ވީ ފަދައިން ދާރިސްގެ ހިތުގައި ވެސް ޝަކުވާއެއް ވީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ދާރިސްގެ އަތުގައި މަންމަ ފޮނުވި ސިޓީތައް އަދިވެސް ހުރީ ކީއްވެ ހެއްޔެވެ؟ އެ ސިޓީތަކުގައި ވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ދާރިސް އަމިއްލަ މަންމައާއި ބައްދަލުކުރަން ބޭނުންނުވާ ސަބަބު އެ ސިޓީތަކުގައި ވެދާނެ ހެއްޔެވެ؟
ވިސްނިވިސްނިހެން ހިބާގެ ސިކުނޑިއަށް އިތުރު ސުވާލުތައް ވެރިވުން ނޫންކަމެއް ނުވިއެވެ. އެ ސުވާލުތަކުގެ ޖަވާބު އެ ވަގުތުން ވަގުތަށް ވެސް އެނގެން އިންތިހާއަށް ބޭނުންވިއެވެ. އެހެނަސް ދާރިސްއަށް ވަގުތު ދޭން ބޭނުންވިއެވެ. ދާރިސް އަމިއްލައަށް އެ ވާހަކަތައް ޙިއްސާކުރާނެ ދުވަހަކަށް އިންތިޒާރުކުރުން އެންމެ ރަނގަޅުވާނެ ކަމަށް ނިންމުނެވެ. ދާދި ދެންމެއަކު ވެސް ހިބާ ސުވާލު ގިނަ ކުރަން އުޅެފައި ވެސް ނުކުރީ، ނޭނގި ނަމަވެސް ދާރިސްގެ ހިތުގައިވާ ޒަޚަމްތައް އިތުރަށް ފުން ކުރެވިދާނެތީވެއެވެ. ދާރިސްގާތު އޭނަ އެހެން ބުނެފައިވިޔަސް، ހިތަށް ލުޔެއް ހޯދުމަށް ވާހަކައެއް ޙިއްސާ ކުރެވޭނީ އެކަމަށްޓަކައި ހިތްވަރު އެއްކޮށްގެނެވެ. ދާރިސްއަށް އެ ހިތްވަރު ހޯދައިދިނުމަށްޓަކައި ހިބާ ދެގޮތެއް ނުވާ ޙާލު ދާރިސްއަށް ލޯބިދޭން ނިންމިއެވެ. ދާރިސްގެ މާޒީގައިވާ ހިތްދަތި ޞަފްޙާތައް ޙިއްސާކުރިޔަސް އަދި ނުކުރިޔަސްމެއެވެ.
**
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދު ވަގުތުގައި ލުއިކޮށް ވާރޭ ވެހެމުން ދިޔައެވެ. އެ ވަގުތު މުނީރާ އޭނަގެ ކޮޓަރީގައި ނަމާދުކުރަމުން ދިޔައިރު، މުނީރާގެ ކައިރީގައި މާޒިން ވެސް ނަމާދުކުރަމުން ދިޔައެވެ. ފާއިތުވި ރެއަކީ މާޒިންއަށް ނިދަން ދަތިވި ރެއަކަށްވުމުން ފަތިސްވީއިރު ވެސް ހޭލާ އޮތީތީ، މުނީރާ މާޒިންގާތު އޭނައާއިއެކީ ނަމާދު ކުރުމަށް އެދުނީއެވެ. އޭނަ ކަމަކަށް އެދުނިއްޔާ މާޒިން އިންކާރު ނުކުރާތީ މާޒިން ވަކި ދެކޮޅު ހެދުމެއްނެތި ވުޟޫކޮށްގެން ނަމާދަށް ތައްޔާރުވިއެވެ.
މާޒިން ކައިރީގައި ބަހައްޓައިގެން ނަމާދުކުރަމުން ދިޔައިރު، މުނީރާގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. މިއީ މާޒިން އޭނައާއިއެކީ ނަމާދުކުރާ ކޮންމެ ފަހަރަކު ވެސް އޭނަގެ ޙާލެވެ.
އެ ކަރުނަތަކުގެ ފަހަތުގައިވަނީ ހަމައެކަނި އޭނަގެ ދަރިފުޅު ހެޔޮ ޢަމަލެއް ކުރަމުން ދާތަން ފެނި، ވާ އުފަލެއް ނޫނެވެ. އެހެނެއްކަމަކު އެއީ، މީގެ އެތައް އަހަރެއް ކުރިން، އޭނަ އެދުމެއް ވެސް ނެތި އޭނަގެ ކައިރީގައި ހުއްޓިހުރެ ނަމާދުކުރި އޭނަގެ އަލަތު ދަރިފުޅު މަތިން ހަނދާން ވާތީވެއެވެ.
އެ ދަރިފުޅު މަތިން ހަނދާންވާ ކޮންމެ ފަހަރަކު ހުއްޓުމެއްނެތި މުނީރާގެ ލޮލުން ކަރުނަތައް އޮހެނީ، މިއަދު އެ ދަރިފުޅު ވީ ތަނެއް އޭނައަށް ނޭނގޭތީވެއެވެ. އަދި އެ ދަރިފުޅު އޭނަގެ އަތުން ބީވެގެން ދިޔައީ ޚުދު އޭނަގެ ސަބަބުންކަމަށް ބުނެ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތީވެސްމެއެވެ. އަދި އެ ހިތާމަވެރިކަން ދެގުނަ ވަނީ، މި ހުރިހާ އަހަރު ވަންދެން އެ ދަރިފުޅު ހޯދުމަށް ކުރާ ހުރިހާ މަސައްކަތެއް ފެނަށް ދަނީ ވެސް، އޭނައަށް އެ ދަރިފުޅާއިމެދު ކަންތައް ކުރެވުނު ގޮތުންކަމަށް ތަކުރާރުކޮށް އޭނަގެ ސިކުނޑި ބުނާތީވެއެވެ.
އެ ޚިޔާލުތަކާއިއެކީ މުނީރާއަށް އެ ނަމާދުގައި ވެސް ގިސްލަގިސްލާފައި ރޮވުނެވެ. އޭނަގެ ދަރިފުޅާއިމެދު ކަންތައް ކުރެވުނު ގޮތަށްޓަކައި ފާފަ ފުއްސެވުމަށް އެދި ދުޢާކުރަމުންނެވެ. އަދި އޭނަގެ ދަރިފުޅު އަނެއްކާވެސް އޭނައަށް ފެންނާނެ ގޮތެއްވުމަށް އެދި ދުޢާކުރަމުންނެވެ. އަދި އެ ދަރިފުޅު ކޮންމެ ތަނެއްގައި ވިޔަސް ރައްކާތެރި ކުރެއްވުމަށް އެދި، އެ ކުއްޖާއަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ.
ކަރުނަތަކާއިއެކީ ހިތާހިތުން ކުރެވުނު އެތައް ދުޢާއަކަށްފަހު މުނީރާ ސަލާމް ދިން ވަގުތު މާޒިން ވެސް ސަލާމް ދިނެވެ. ސަލާމް ދީ ނިމުނުތަނާހެން މާޒިން މުނީރާގެ ކުރިމައްޗަށް ގޮސް އެ ކުޑަކުޑަ އަތުން މުނީރާގެ ކަރުނަތައް ފޮހެދޭން ފެށިއެވެ. އެ ހިނދު އެ މޫނުމަތީގައި ޝަކުވާގެ ނަޒަރެއްވިއެވެ.
“ސޮރީ މާޒިން….މާޒިން ނުރޯށޭ ބުނެފަ އޮތްވާ މަންމައަށް ރޮވުނީދޯ؟ ވަރަށް ބޮޑަށް ސޮރީ…އެކަމަކު ބައެއްފަހަރު ނަމާދުކުރާއިރު ﷲ މަތިން ހަނދާންވެފަ ވެސް ރޮވޭނެއޭ ދަރިފުޅު. ﷲ މަތިން ހަނދާންވެފަ ރުއިމަކީ އާޚިރަތުގަ ޢަރުޝީގެ ހިޔާވަހިކަން ލިބޭކަމެއް…” މުނީރާ ކިޔައިދިނެވެ. އެއާއިއެކު މާޒިން އެ ބުނި އެއްޗެއް ދޭހަ ނުކުރެވުނު ފަދައަކުން މުނީރާއަށް ބަލަން ހުރެ އެސްފިޔަ ޖަހައިލިއެވެ.
“ހެހެ….މަންމަ ބުނެދިނީމަ ނޭނގެދޯ ދަރިފުޅު؟ ހިބާ މިސް ކައިރިން އަހައްޗޭ ﷲ ރިމެމްބާރކޮށްފަ ރުއިމަކީ ކޮންކަހަލަ ކަމެއްތޯ….ދަރިފުޅު ބޭނުންދޯ ހިބާ މިސްއާ ވާހަކަ ދައްކަން؟” މުނީރާ ހިނިތުންވުމަކާއިއެކީ ބުންޏެވެ. މުނީރާގެ ވާހަކައިން ދާރިސްގެ ލޯ ކުޑަކޮށް ބޮޑުވިއެވެ.
“ހިބާ މިސް އައިއްސިތަ؟” މާޒިން ނުހަނު މަޑުމައިތިރި ހަނު އަޑަކުން ވާހަކަ ދެއްކިއެވެ.
“ލައްބަ! ދަރިފުޅު އިއްޔެ ބަލިވެގެން ސްކޫލަށް ނުދެވުނީމަ ނުފެނުނީއެއްނު؟ މިއަދު ދާންވާނެދޯ؟” މުނީރާ އެހެން ބުނެލީ، އަތުގެ ނުފުށް މާޒިންގެ ނިތުގައި ޖައްސަމުންނެވެ. މާޒިން އުފަލާއިއެކީ ބޯޖަހައިލިއިރު މާޒިންގެ ހުން ފިނިވެފައިވިކަން މުނީރާއަށް ޔަޤީން ކުރެވުނެވެ. އެއާއިއެކު މުނީރާ ހިނިތުންވެލިއެވެ.
“އަވަހަށް ގޮއްސަ ޓައިމްޓޭބަލް ބަލައިގެން ދަބަސް ޕެކްކޮށްލާ….މަންމަ އެބަ އަންނަން ފެންވަރާއިރު އެހީވާން…” މުނީރާ ބުންޏެވެ. މާޒިން އެ ވާހަކައަށް ބޯޖަހައިލުމަށްފަހު ތެދުވުމާއިއެކު މުނީރާ ބުނިކަމެއް ކުރަން ދިޔައީ ދުވެފައެވެ. މާޒިން ލޯ މައްޗަށް ގެއްލުނު ވަގުތު މުނީރާއަށް ހީލެވުނީ، ދެންމެ ހިތުތެރޭގައިވި ވޭނީ އަލިފާނަށް ކުޑަވެސް ފިނިކަމެއް ލިބުމުންނެވެ. އަލަތު ދަރިފުޅު ނުފެނުނަސް މިއަދު އޭނައަށް ލިބިފައިވާ ދަރިފުޅު އުފާވާތަން ފެނުމުން ވެސް އޭނައަށް އުފަލެއް ލިބެއެވެ.
މާޒިންއާއިއެކީ މިކޮޅަށް އައިސް މުނީރާ މާޒިން ސްކޫލަކަށްލީ ދެ ޚިޔާލެއްގެ މަތީގައި ހުރެއެވެ. އެ އަތޮޅުގެ ސްކޫލެއްގައި އޭނަ އެމީހެއްގެ ހިތްހެޔޮކަމުން ދަންނަ ޝަހީދުގެ ދަރިފުޅު މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރާކަން އެނގި، އެ ސްކޫލަށްލާން ހިތްވަރެއް ލިބުނެވެ. މިއަދާއި ހަމައަށް އައިއިރު ހިބާ، މާޒިންއަށް އެންމެ ކަމުދާ މުދައްރިސަށް ވެފައިވި ގޮތުން އޭނައަށް ނިންމުނީ ގޯސް ނިންމުމެއް ނޫންކަން މުނީރާއަށް ޔަޤީން ކުރެވިފައިވެއެވެ.
ހިބާއާއިމެދު ވިސްނިވިސްނިހެން، އަނެއްކާވެސް މުނީރާގެ ހަނދާނަށް އަންނަން ފެށީ އޭނަގެ އަލަތު ދަރިފުޅެވެ. އެއާއިއެކު މުނީރާ ކޮޅަށް ތެދުވެލަމުން ގޮސް ކޮޓަރީގެ އެނދުގައި އިށީނދެ، އަރިމަތީ މޭޒުގެ ވަތްގަނޑު ދަމައިލިއެވެ. އެއަށްފަހު އެ ވަތްގަނޑު ތެރޭގައި ހުރި ފޮޓޯތަކެއް ނެގީ، އަނެއްކާވެސް މޭގައި ރިހުމެއް އުފެދެމުންދާ ޙާލުގައެވެ.
އެ ފޮޓޯތަކަކީ އޭނަގެ އަލަތު ދަރިފުޅު އޭނައަށް އެންމެ ފަހު ފަހަރަށް ދައްކުވައިދިން ފޮޓޯތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭގެއިން ކޮންމެ ފޮޓޯއަކުން ފެންނަމުން ދިޔައީ ދާރިސްގެ ކުޑައިރުގެ ސޫރަ ނޫން އެހެން ސޫރައެއް ނޫނެވެ. ސްކޫލްގެ އެކި ކަންތަކުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކާއި، ހަވީރު ހެދުންތަކުގައި ޕާޓީތަކުގައި ނެގިފައި ހުރި ފޮޓޯތައް ވެސް ވިއެވެ.
ފޮޓޯއަކަށްފަހު ފޮޓޯއެއް ބަލަމުން ގޮސް މުނީރާ ޙަރަކާތްތައް މަޑުކޮށްލީ، ފުރަތަމަ ޓާރމުގެ ރިޕޯޓު ދިން ދުވަހު ނެގިފައިވާ ފޮޓޯއެއް ފެނުމުންނެވެ. އެ ފޮޓޯގައި ހުރީ ދާރިސް އެކަންޏެއް ނޫނެވެ. ފޮޓޯގެ މެދުގައި ޝަހީދު ހުރިއިރު، ޝަހީދުގެ ދެ ފަރާތުގައި ރިޕޯޓު ހިފަހައްޓައިގެން ހިބާއާއި ދާރިސް ތިއްބެވެ.
އާދައިގެ މަތިން ދާރިސްގެ ސޫރައިގެ ކައިރިން އިނގިލި ހިންގައިލުމަށްފަހު މުނީރާ ހިބާގެ ސޫރައަށް ބަލައިލިއެވެ. އޭނައަށް ދާރިސްއާއި ހަމައަށް ދެވޭނެ ގޮތަކީ ހިބާކަމަށް އޭނަގެ ހިތް ބުނަމުން ދަނީ ހިބާ ފެނުނު ދުވަހުއްސުރެއެވެ. ދާރިސް ވީ ތަނެއް ހިބާއަށް އެނގިދާނެބާއޭ އެވަގުތު ވެސް މުނީރާގެ ހިތް ސުވާލުކުރިއެވެ.
ނުނިމޭ
Mary
December 10, 2021 @ 2:53 pm
❤
Jana
December 10, 2021 @ 4:10 pm
<3
Jana
December 10, 2021 @ 4:10 pm
Salaam kiyuntherin! Dhen oiy bai budha dhuvahuge rey In Sha Allah ^_^
Ibaa
December 10, 2021 @ 4:12 pm
Alhe next part varah reethi vaanehen hyvey. Can’t wait.. mi part ves hama varah reethi Masha Allah..
LIYUNTHERIYAA
December 11, 2021 @ 5:11 am
Why Jana sis??? 😭😭😭😭😭😭
I can’t wait for the next part that long spoil it for me privately 🤗 much love ^__^