ދާރިސް (ސައުވީސްވަނަ ބައި)
މައިކަލް ދުއްވާފައި ދިޔަ ކާރު ގޮސް ކެފޭއެއްގެ ކުރިމައްޗަށް މަޑުކޮށްލުމާއިއެކު ފަރީދު ވާހަކަ ދެއްކިއެވެ.
“އަޅުގަނޑު މި ދަނީ ކުޑަ ބައްދަލުވުމަކަށް. ބައްދަލުވުން ނިމެންދެން މިތާ މަޑުކުރެވިދާނެތޯ؟” ފަރީދު ސުވާލުކުރިއެވެ. މައިކަލް އަދަބުވެރިކަމާއެކީ ބޯޖަހައިލަމުން އާނއެކޭ ބުނެލީ، އީތަން ސާރގެ މެހުމާނުންނަށް ކަމޭހިތުމަކީ މައިކަލްގެ އާދައަށް ވާތީވެއެވެ.
ފަރީދު ކާރުން ފައިބައިގެން ގޮސް ކެފޭއަށް ވަންނަން ދިޔައީ ނުތަނަވަސްކަމާއެކީ އެކީގައެވެ. އެކަން މައިކަލްއަށް ވެސް ފާހަގަވިއެވެ. ކެފޭއަށް ވަނުމުގެ ކުރިން ފަހަތް ބަލައިލި ވަގުތު ޚުދު އޭނައަށް ވެސް ނަޒަރެއް ދިން ގޮތުންނެވެ. މައިކަލް ދެބުމަ ކައިރި ކޮށްގެން ވިސްނުމެއްގައި އިންދާ ފަރީދު ކެފޭއަށް ވަނެވެ.
ކެފޭއަށް ވަދެގެން ގޮސް ފަރީދު މިޞްރާބު ޖެހީ ކެފޭގެ އަނެއް ފަރާތުގައި ހުރި ކުޑަދޮރު ބަރީގެ ކައިރީގައި ބެހެއްޓިފައިވި މޭޒަކާއި ދިމާލަށެވެ. އެ މޭޒުދޮށުގައި އިށީނދެގެން އިނީ ފަރީދާއި ދާދި އެއް ޢުމުރެއްގެ ފިރިހެނެކެވެ. ފަރީދު ގޮސް މޭޒު ކައިރީގައި މަޑުކޮށްލުމާއިއެކު އެ ފިރިހެން މީހާ ފަރީދަށް ބަލައިލިއެވެ. އެއީ ވަލީދު ނޫން ދެވަނަ މީހެއް ނޫނެވެ.
ވަލީދު އޭނަގެ ކުރިމަތީގައި ހުރި ފަރީދަށް ބަލަން ހުރިއިރު އެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިސާބެއްގެ ނުރުހުންތެރިކަމެކެވެ. އެ ނުރުހުންތެރިކަމުގެ ސަބަބުން، ޖެހިލުންވެފައިވާ ފަދައަކުން ފަރީދު ވަކި އިޒުނައެއް ހޯދުމެއްނެތި ވަލީދުގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ.
“ހާދަ ދުވަސް ފަހުންނޭދޯ ދެމީހުން މި ދިމާވީ؟” ފަރީދު އޭނަގެ ޒަމާންވީ އެކުވެރިޔާއާއި ހިނިތުންވެވޭތޯ ބެލިއެވެ.
ފަރީދަށް ސްވިޓްޒަލޭންޑުން ވަލީދު ފެނިފައި ވަނީ އޭނަ މި ޤައުމަށް އައިތާ ދެވަނަ ދުވަހުއެވެ. ފަރީދު އީތަންގެ ގެއަށް އައި ރޭ ވަލީދު ވިޔަފާރީގެ ކަމެއްގައި އެ އަވަށުން ބޭރުގައި ހުންނާތީވެއެވެ. އެ ދެވަނަ ދުވަހުގެ މެންދުރު ވަގުތު ވަލީދު ގެއަށް ވަދެގެން އައި ވަގުތު ފަރީދު ފެނިފައި ހުއްޓުން އެރިއެވެ. ފަރީދު ހިނިތުންވެލިއެއްކަމަކު އޭނަގެ އެކުވެރިޔާގެ ހިނިތުންވުން ފިލައިދިޔައެވެ. އިސާހިތަކު ދެމީހުންގެ އެކުވެރިކަން ކިލަނބުވެގެން ދިޔަ ގޮތް ފަރީދުގެ ހަނދާނަށް އައެވެ. އޭނަ ހީކުރީ ވަލީދު އެވަގުތު އޭނަގެ އަންހެނުން އައުމުން އެ ވާހަކަ ދައްކަން އުޅޭނެ ކަމަށެވެ. އެހެނަސް ވަލީދު އަންހެނުންނާއި ހިނިތުންވެލަމުން ފަރީދު ނުވެސް ފެންނަ ފަދައަކުން އެހެން ވާހަކައެއް ދައްކަން ފެށީ، ފަރީދާއި ބަހައްޓަން ބޭނުންވާ ދުރުމިން އަންގަން އުޅުނު ފަދައަކުންނެވެ.
ފަރީދު ވެސް ކަންތައް ކުރަން ބޭނުންވީ ވަލީދު ބޭނުންވާ ގޮތަށެވެ. އެހެނަސް ވަލީދާއި މިފަދައިން ބައްދަލުކުރަން އޭނައަށް ޖެއްސީ އޭނަގެ މަޖުބޫރީ ޙާލަތެކެވެ. ގޭގެ ތެރެއިން ވަލީދާއި ދިމާވި ވަގުތެއްގައި ބައްދަލު ބޭނުންވާ ވާހަކަ ބުނެލެވުނީ އެހެންވެއެވެ. ވަލީދު އެ ބައްދަލުވުމަށް އެއްބަސްވީ އޭނައަށް ބަލައިލުމެއް ވެސް ނެތިއެވެ.
“ދިމާ ނުވިނަމައޭ ހިތަށްއަރާ. ތިކަހަލަ މީހުންނާއި ދުރުވެގެން ދަނީ ރަނގަޅު ސަބަބުތަކަށްޓަކައި ކަމަށް އަހަރެން ޤަބޫލުކުރަނީ. އެއްގޮތަކަށް ވެސް ބޭނުމެއްނުވޭ އަމިއްލަ އެއްބަނޑު އެއްބަފާ ބޭބެއަށް އެހާ ބޮޑު އަނިޔާއެއް ދޭނެ ފަދަ މީހަކާއި ގުޅުމެއް ބާއްވާކަށް.” ވަލީދު އެހެން ބުނެލީ ބުމަގޮށްޖެހިފައި އިނދެއެވެ.
“ވަލީދު ހެޔޮ ނުވާނެ ތިހެން ބުނާކަށް! އަހަރެން ވެސް ޤަޞްދުގައެއް ނޫން ބޭބެއަށް އަނިޔާ ދިނީ. އެއީ-“
“އެއްވެސް ސަބަބަކާއިހުރެ އަމިއްލަ ބޭބެއަށް ދޮގު ހެދުމަކީ ރަނގަޅުކަމެއް ނޫން ކަންނޭނގެ! އަދި އެހާ ހިތްހެޔޮ ބޭބެއެއްގެ އުއްމީދުތަކުގައި ކޮޅު ފައިން ޖެހީ….އަހަރެން ހަނދާނެއް ނުނެތޭނެ އަހަރެންގެ މަންމައާއި ބައްޕަ ނިޔާވެ، މާލޭގަ މަގުމަތިވެގެން އުޅުނު ދުވަސްވަރެއްގަ ޝަހީދު އަހަރެންގެ އަތުގައި ހިފައިގެން އަހަންނަށް އެހީވި ދުވަސްތައް. އެހާ ތަދު ދުވަސްވަރު ވެސް އަމިއްލަ ލާރިން އަހަރެން އުޅޭނެ ތަނެއް ހޯދައިދީ، އަހަންނަށް ކާންދީ، ތީނައަށް ކިޔަނީ ތިމަންނައާއި ތިމަންނަގެ ކޮއްކޮއާއި ވަރަށް އެއްގޮތް ނަމެކޭ ކިޔައި ތިމަންނަގެ ކޮއްކޮއަށް ވާން ބޭނުންތޯ އެހީ. އެއަށްފަހު އަމިއްލަ ވިޔަފާރީގައި ވެސް ބައިވެރި ކުރީ….”
ވަލީދުގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. ޚުދު ފަރީދަށް ވެސް ވެގެން ދިޔައީ އެހެންނެވެ. އެހެނަސް ދެމީހުން ވެސް ކަރުނަތައް ހިފެހެއްޓިއެވެ.
“އެހެންވެގެންތަ އެ ވިޔަފާރި ދޫކޮށްލާފަ އަމިއްލަ ވިޔަފާރިއެއް ފެށީ؟” ފަރީދު ސުވާލުކުރިއެވެ.
“އެހެންވެގެންނެއްނޫން. މުދަލުގެ ޙަޤީޤީ ޙައްޤުވެރިން އަތުން މުދާ ޖަހައިގަނެގެން ކުރި އަރުވާ ވިޔަފާރިއެއްގައި ބައިވެރިވާން އަހަރެން ބޭނުމެއް ނުވީތީ ދުރަށް ދިޔައީ. އެކަން އަހަންނަށް ވެސް ނުހުއްޓުވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު. އަދާއި ޖެހެންދެން ވެސް ޝަހީދުގެ ކުރިމައްޗަށް ދާން ޖެހިލުންވެފަ އަހަރެން މިހިރީ ވެސް އެހެންވެ. މަޢާފަށް އެދުމަކުން ނުފުދޭނެހެން ހީވާތީ. އެކަމަކު ވަރަށް އަވަހަށް ޝަހީދާއި ބައްދަލުކުރަންދާން ބޭނުން. އަހަރެން ފަށައިގެން މިއުޅޭ ވިޔަފާރީގެ ޙިއްސާއެއް ޝަހީދަށް ދޭން ބޭނުން. އޭރު ޝަހީދު އަހަރެން އެދުމުން ވެސް އަހަންނާއި އެކީ ވިޔަފާރީގައި ބައިވެރިއެއް ނުވި. އެކަމަކު މިފަހަރު ގަދަކަމުން ވިޔަސް ޝަހީދަށް ޙައްޤުވާހެން ހީވާ ވަރަށް ޝަހީދަށް ޙިއްސާ ދޭން ބޭނުން.” ވަލީދު ބުންޏެވެ.
އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ބޭބެ މަތިން ވިސްނިގެން ދިޔައީތީ އިސްޖަހައިލެވުނެވެ. ވަލީދު އެ ބޭނުންވާ ގޮތަށް ކަންތައް ނުކުރެވޭނެކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެ ވަގުތު އޭނަ ކުރަން އައި ކަމުގެ މަތިން ހަނދާންކުރަމުން ވާހަކަ ދެއްކިއެވެ.
“މާޒީގެ ވާހަކަ ދައްކާކަށް ނޫން އަހަރެން މިތަނަށް އައީ. ވަލީދު ކައިރިން ސުވާލެއް ކޮށްލަން މިއައީ.” ފަރީދު އޭނަގެ އެކުވެރިޔާއާއި ހަތަރުކަޅި ހަމަކުރަން ވެސް ނުކުޅެދިފައިވާ ޙާލު އިސްޖެހިފައި އިނދެ ބުންޏެވެ.
“ކޮން ސުވާލެއް؟” ވަލީދު އެހިއެވެ.
“އެއްކަލަ ފިރިހެން ކުއްޖާ….ވަލީދަށް އެނގޭތަ އެ ކުއްޖާއަށް ވީގޮތެއް؟ އަހަރެން މި ވާހަކަ ވަލީދު ކައިރިން އަހަންޖެހެނީ ކީއްވެކަން ވަލީދަށް ވެސް އެނގޭނެހެން ހީވަނީ….” ފަރީދު ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް ވަލީދުގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ.
“ކީއްކުރަން އެ ކުއްޖާ ހޯދަން ތިއުޅެނީ؟ އަނެއްކާވެސް އިތުރު ލާރިގަނޑަކަށްޓަކައި މައުސޫމް މީހެއްގެ ދިރިއުޅުން ބަރުބާދުކޮށްލަންތަ؟”
“ޤަބޫލު ކުރިޔަސް ނުކުރިޔަސް ހުރިހާ ކަމެއް ރަނގަޅު ކުރެވޭތޯ އަހަރެން މި މަސައްކަތް ކުރަނީ. އެ ކުއްޖާ ވީ ތަނެއް އެނގެންޏާ އަހަރެން ގާތު ބުނެވިދާނެތަ؟”
“ބުނާކަށް ނެތިން. ކަންތައް އިޞްލާހު ކުރުމުގެ ނަމުގަ ފަސާދަ އުފެއްދުން ފަރީދު ހުއްޓައިލަންވެއްޖެއެއްނު؟ އަހަރެންގެ ބަސް އަޑުއަހަން ބޭނުމިއްޔާ ތި މުޢީނަކާއި ދުރުގަ އުޅެންވީ. އޭނަ ބުނާހާ ގޮތަކަށް ހެދީމަ ސަހަލު ގޮތެއްނުވާނެ. މަށަށް އަދިވެސް ޤަބޫލެއް ނުކުރެވޭ ފަރީދު ތިއުޅެނީ އޭނަގެ ފަސްފަހަތުން ކަމެއް. ވެ ދިޔަ ހުރިހާ ކަމަކަށްފަހު ވެސް….” ވަލީދު ބުންޏެވެ. އެއަށްފަހު އެތާ ހުންނަން ވެސް ބޭނުންނުވާ ފަދައަކުން ގޮނޑިން ތެދުވެލިއެވެ.
“މި ވެގެން ދާނީ އަހަރުމެންގެ ފަހު ބައްދަލުވުމަށް. ފަރީދު ދެން އަހަންނާއި މިފަދައިން ބައްދަލުކުރަން ނޭދުނިއްޔާ އަހަންނަށް ރަނގަޅީ. މަށަކަށް ނޭނގެ ޝަހީދުގެ ދަރިފުޅު ގޮވައިގެން ތީނަ މިތަނަށް އަންނަން ޖެހުނު ސަބަބެއް. އަހާކަށް ވެސް ނެތިން. އަހަރެން އަމިއްލައަށް ޝަހީދު ކައިރިއަށް ގޮއްސަ އެ ސުވާލުކުރާނީ. އެއްގެއެއްގަ އުޅުނަސް އަހަރެން ދަންނަކަމަށް ނަހަދާތި. ވަރަށް ސަލާމް!”
ވަލީދު ރުޅިވެރިކަމާއިއެކީ އެ ވާހަކަ ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ފަރީދު އޭނައަށް ގޮވައިލިއެއްކަމަކު ވަލީދު މަޑުކުރުމެއް ވެސް ނެތި ކެފޭއިން ނިކުމެގެން ދިޔައީއެވެ. ވަލީދު ލޯމައްޗަށް ގެއްލުނު ވަގުތަކީ މޭޒުމަތީގައި އޮތް ފަރީދުގެ ފޯނު ރިންގުވާން ފެށި ވަގުތެވެ. ފޯނުގެ ސްކްރީނުން އާސިފްގެ ނަން ފެނިފައި ފަރީދަށް ފުން ނޭވައެއް ދޫކޮށްލެވުނީ ވަރުބަލި ކަމަކާއި އެކީގައެވެ. އެހެނަސް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހޯދަމުން ފަރީދު ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ކޮބާ މަ ބުނި ކަންތައް އެބަ ކުރެވޭތަ؟” އާސިފް އެކޮޅުން އެހި އަޑު އިވުނެވެ.
“އާދެ….ހަމަ ދެންމެއަކު އަޅުގަނޑު ވަލީދާއި ވާހަކަ ދެއްކީ…”
“އެހެންތަ؟ ސްވިޓްޒަލޭންޑްގެ ކިހާ ހިސާބަކުތަ އޭނަ އުޅެނީ؟”
“އެހެން…ނެއް ނޭނގެ. ކެފޭއަކުން ދެންމެ ބައްދަލުކުރީ….”
“އެހެންތަ؟ ދެން އޭނަ ބުނީ ކީކޭ އެއްކަލަ ގެއްލުނު ކުއްޖާއާއި ބެހޭގޮތުން؟”
“ވަލީދު ނުއެއް ބުނޭ އެކުއްޖާ ހުރިތަން އެނގޭ ވާހަކައެއް…”
“ދެން އެހާ ހިސާބުން ހުއްޓައިލީ؟ އޭނަ ވެސް ސީދާސީދަލަށް ކަލޭ ކައިރި ނުއެއް ބުނާނެއޭ އެކުއްޖާ ހުރިތަނެއް. ކަލޭ އަމިއްލައަށް ޖެހޭނީ އިތުރަށް ހޯދަން. ވަލީދު އެ ކުއްޖަކު ގެންގުޅެނީ އަމިއްލަ ގޭގައި ނޫންކަމެއް ވެސް ނޭނގޭ. މަ ދެން ގުޅާ ފަހަރަކުން އިތުރަށް ހޯދިފަ ހުންނަން ވާނީ…..ދެން ހިބާގެ ކަންތައް ކިހިނެއްތަ؟ އޭނަ އަދިވެސް އަހަންނާއި އިންނަން ޖެހޭ ވާހަކަ ބުނެފިންތަ؟”
“އަދިއެއް ނުބުނަން….”
“ދެން ކޮންއިރަކުތަ ކަލޭ އެ ވާހަކަ ބުނަން ތިއުޅެނީ؟؟!! ހިބާ އެހެން ފިރިހެނެއްގެ ފަހަތުން ދުވަން ފެށި ދުވަހަކުންތަ؟ މިހާރު ވިއްޔާ ހިބާ ނޫންކަމަށް ހަދައިގެން ހުއްޓަސް ހުންނާނީ ފިރިހެނަކަށް ބޭނުންވެފަ. އޭނައަށް އެހެން ފިރިހެނަކު ނުފެންނަނީސް މަގޭ ވާހަކަ ބުނަން އުޅޭ! ކަލޭގެ ވަޒީފާ ގެއްލުވައިލަން ކަލޭ ބޭނުން ނުވަންޏާ!”
އާސިފް އިންޒާރެއްދިނެވެ. އެއަށްފަހު ފަރީދަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލިއެވެ. ފަރީދަށް ފޯނު ކަންފަތުން ނަގައިލަމުން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލެވުނެވެ. އާސިފްގެ ނަން ސްކްރީނުން ފޮހެވިގެން ދިޔަތަން ފެނިފައި ފަރީދަށް ލޯ މަރައިލަމުން ވަރުބަލިކަމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
**
އެދުވަހު ހަވީރުގެ ވަގުތެއްގައި އީތަން އޮފީހުން އައިސް ފެންވަރައިގެން ރީތިވަމުން ދިޔަ ވަގުތު އާދައިގެ މަތިން ހިބާ މަތިން ހަނދާންވަމުން ދިޔައެވެ. އެހެނަސް އެ ހަނދާންތަކާއިއެކީ އެދުވަހު އޭނަ ގާތު މައިކަލް ބުނި ވާހަކަތަކާއިމެދު ވެސް ފިކުރު ކުރެވެމުން ދިޔައެވެ.
“ހިބާގެ ބޮޑުބޭބެ ދިޔައީ ކެފޭއަކަށް. ވަރަށް ނުތަނަވަސްވެފަ ހުރީ ކެފޭއަށް ގޮސް ވަންއިރު. މިއީ އަޅުގަނޑަށް ހީވި ހީވުމެއް ކަންނޭނގެ އެކަމަކު ބޮޑުބޭބެ ކެފޭއަށް ވަންތާ މާ ގިނައިރެއް ނުވެ ސާރގެ ދޮންބެ އެ ކެފޭއިން ނިކުމެގެން އައިހެން ހީވި. އެ ފަހުން ވެސް އަޅުގަނޑު މިނެޓްތަކެއް ވަންދެން އިންތިޒާރު ކުރިން ބޮޑުބޭބެއަށް. އެކަމަކު ސާރ މެސެޖެއް ކުރެއްވީމަ އަޅުގަނޑު ހިބާ މެޑަމް ބަލާ އޮފީހަށް ދިޔައީ. މެޑަމް ބޮޑުބޭބެއަށް ގުޅުއްވީމަ ބުނުއްވީ ކަންނޭނގެ މެޑަމްވެސް ގެއަށް ދުރުވުމަށް. އަޅުގަނޑަށް ހީވަނީ އެހެންވެހެން މެޑަމް ގެއަށް ގެންގޮސް ދިނުމަށް އެދިލެއްވީ.”
އޭނަ އެދުވަހު ގެއަށް އައި މަގުމަތީގައި ހިބާގެ ބޮޑުބޭބެ ދިޔައީ ކޮންތަނަކަށްތޯ އެހުމުން މައިކަލް ތަފްޞީލުކޮށް ކިޔައިދިނެވެ. އެ ވާހަކަ ވަލީދުބެއަށް ކިޔައިދީ، މައިކަލްއަށް ހީވި ހީވުމާއިމެދު ސުވާލުކުރަންވީތޯ އީތަންގެ ހިތަށްއަރަމުން ދިޔައެވެ. އެކަމާއިމެދު އަމިއްލަ ނަފްސާއި ބަހުސް ކުރަމުން ދަނިކޮށް ޑޯޑޯ ވާހަކަ ދެއްކި އަޑު އިވުނެވެ.
“ނިއު މެސެޖް އޮން މޯލްޑިވިއަން ޓީޗާރސް ސްވިސް ގްރޫޕް.”
ޑޯޑޯ އެހެން ބުނެލި އަޑަށް އީތަންއަށް ކިޔަވާ މޭޒާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު އާދައިގެ މަތިން ކިޔަވާ މޭޒުމަތީގައި ބެހެއްޓިފައިވި ޑޯޑޯގެ ކައިރީގައި އޭނަގެ ފޯނު ބޭއްވިފައިވިއެވެ. މެސެޖު އައީ ކޮން ގްރޫޕަކަށްކަން އެނގުންވުމާއިއެކު އީތަންއަށް ހިނިތުންވުމަކާއިއެކީ އެދިމާލަށް ހިނގައިގަނެވުނީ، އެ ގްރޫޕްގައި ހުރި އެންމެ ކުއްޖެއްގެ މަތިން ހަނދާންވުމުންނެވެ.
އީތަން ގޮސް ވައިބާރ ގްރޫޕް ހުޅުވައި ބަލައިލިއިރު މެސެޖު ކޮށްފައިވީ ގްރޫޕްގައި ހުންނެވި އެންއައިއީގެ ބޭފުޅާއެވެ. އެ ބޭފުޅާ އެދުވަހު މެންދުރު އޮތް ބައްދަލުވުމުގައި ހުރިހާ މުދައްރިސުން ބައިވެރިވެ ޚިޔާލު ފާޅުކުރި ގޮތަށް ތަޢުރީފުކޮށްފައިވިއެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް މަސައްކަތް ކުރަމުންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެވިފައިވިއެވެ. އެ މެސެޖަށްފަހު ދެން ފޮނުވިގެން ދިޔަ މެސެޖުގައި އީތަން ޓެގް ކުރެވި މި ފުރުސަތަށްޓަކައި އީތަންއަށް ޝުކުރު އަދާ ކުރެވިފައިވިއެވެ.
އީތަން ހިނިތުންވުމަކާއިއެކީ އެ މެސެޖަށް ޖަވާބެއް ލިޔަން ފެށިއެވެ. ދިވެހި މުދައްރިސުން އޭނަގެ އެޕްލިކޭޝަނާއިމެދު ޚިޔާލު ފާޅުކޮށް ރަނގަޅުކުރަންވީ ކަންތައް ފާހަގަކޮށްދޭތީ މިއީ އޭނައަށް ވެސް ލިބުނު އުނގެނުމުގެ ފުރުސަތެއް ކަމަށާއި، މި ފަދަ ފުރުސަތުތަށް ޤާބިލު މުދައްރިސުންނަށް ފަހިކޮށްދިނުމަކީ އޭނައަށް ލިބޭ އުފަލެއް ކަމަށްބުނެ އީތަން މެސެޖެއް ފޮނުވައިލިއެވެ.
މެސެޖު ފޮނުވައިލި ވަގުތު ޚުދު އީތަންއަށް ވެސް ނޭނގި އޭނަގެ މޫނުމައްޗަށް ވެރިވެފައިވި އުޖާލާވި ހިނިތުންވުން ހިސާބަކަށް ފޭދިގެން ދިޔައެވެ. ދެންމެ ޓައިޕް ކުރެވުނު މެސެޖުން އޭނަ ކަމެއް ހަނދާންވެގެން ދިޔުމުންނެވެ. ‘ފުރުސަތުތައް ފަހިކޮށްދިނުމަކީ ލިބޭ އުފަލެއްކަމަށް’ އޭނަ އެންމެ ފުރަތަމަ ބުނެފައިވަނީ ހިބާއަށް ވަކިން ފޮނުވި މެއިލްއެއްގައި ކަން ހަނދާންވުމުންނެވެ. އިސާހިތަކު ހިބާގެ އަމިއްލަ އެޕްލިކޭޝަންގެ ޚިޔާލު ޙަޤީޤަތަކަށް ހަދަން އެހީވުމަށް އޭނަ ވަޢުދުވެފައިވިކަން ހަނދާނަށްއައެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ލިބިގެން ދިޔަ ޚިޔާލާއިއެކީ އީތަން ވައިބާރ ގްރޫޕްގެ ބައިވެރިންގެ ލިސްޓު ހުޅުވައިލަމުން ހިބާގެ ނަމަށް ފިތައިލަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު ޝަހީދުބެ މަތިން ހަނދާންވެގެން ދިޔުމުން ޖެހިލުންވެގެން ދިޔައެވެ. ޝަހީދުބެ ނެތް ހިސާބެއްގައި ވެސް ޝަހީދުބެއަށް ވީ ވަޢުދުގައި ދެމިހުންނަން އީތަން ބޭނުންވިއެވެ. އޭނައަކީ އެހެން ނޫނަސް ކަމެއް ވަކި ގޮތަކަށް ކުރަން އާދަވެއްޖެނަމަ އެ އާދަ ބަދަލުކުރަން ވަރަށް ދަތިވާ މީހެކެވެ. ހިބާއަށް ވަކިން މެސެޖު ކުރުމުގެ ޚިޔާލު އެއްކޮށް ދޫކޮށްލެވުނީ އެހެންވެއެވެ.
ދެންވެސް އޭނަ ބުނަން ބޭނުންވާ ވާހަކަ ހިބާއާއި ހަމައަށް ގެންދަން ބޭނުންވުމުން އެ ވާހަކަ ހިބާއާއި ހަމައަށް ގެންދާނެ އެހެން ގޮތަކާއިމެދު ވިސްނުނެވެ. ބޭރަށް ގޮސް އެންމެން ތިބޭ ތަނެއްގައި ހިބާއާއި ވާހަކަ ދައްކަންވީތޯ ހިތަށްއެރިއެވެ. އެހެނަސް އޭނަ ހިބާގެ ކުރިމައްޗަށް ދާން ޖެހިލުންވެއެވެ. މިއަދު އޮފީސް ތެރެއިން ވެސް ކޮންފަރެންސް ހޯލާއި ހަމައަށް ގޮސް އޭނަ ދާން އުޅުނު ވަގުތު ހިބާ އޭނައަށް ދިން ނަޒަރުން ހިބާއަށް ކަމެއް ޝައްކުވަމުންދާހެން ހީވިއެވެ. އަދި އަމުދުން ހިބާ ފެނިފައި އޭނަގެ ހިތަށް އަންނަ ނޭނގޭ ލޮޅުމަކުން އޭނަގެ ނަޒަރު އެއްގޮތެއްގައި ދަމަހައްޓަން އުދަގޫވެއެވެ. ހިބާއާއި ވާހަކަ ދައްކާއިރު ކުރިމަތިވާނެ ޝަބީދައްތަގެ ބެލުންތަކާއި ހިނިތުންވުންތަކުން އޭނަގެ އެ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން ޔަޤީނެވެ.
ވިސްނުމުގެ ތެރެއިން ޙައްލަކާއި ހަމައަށް ނުދެވުމުން އީތަން ފުން ނޭވައެއް ދޫކޮށްލަމުން ފޯނު ތިރިކޮށްލިއެވެ. އެހިނދު މޭޒުމަތީގައި ހުރި ޑޯޑޯ ފެނިފައި ލިބުނު ކުއްލި ޚިޔާލާއިއެކީ އީތަންއަށް ހިނިތުންވެލެވުނެވެ.
އިސާހިތަކު އީތަން އޭނަގެ ފޯނު ކިޔަވާ މޭޒުމަތީގައި ބާއްވަމުން މޭޒު ދޮށުގައި އިށީނދެ ލެޕްޓޮޕް ހުޅުވައިލިއެވެ.
“ޑޯޑޯ….މޫވް ނެކްސްޓް ޓު ދަ ލެޕްޓޮޕް.” އީތަން އެހެން ބުނެލީ ލެޕްޓޮޕް ޖައްސަމުން އާދައިގެ މަތިން މޭޒުމަތީގައި އޮތް އައިނު ނަގައި ލޮލުގައި އަޅަމުންނެވެ. އީތަން ބުނުމާއިއެކު ޑޯޑޯ ކުރިއަށް ޖެހިލަމުން ލެޕްޓޮޕްގެ ކައިރީގައި މަޑުކޮށްލިއެވެ.
“އާ ފީޗާރއެއް އަޅަން މިއުޅެނީ އިނގޭ ޑޯޑޯ؟ އާރ ޔޫ ރެޑީ؟” އީތަން އެހިއެވެ.
“ލެޓްސް ރޯލް!” ޑޯޑޯ އެހެން ބުނެލިއިރު ލޮލުގެ ކުލަ ނޫކުލައާއި ފެހިކުލައާއި ރަތްކުލައަށް ބަދަލުވަމުން ދިޔައީ ޑޯޑޯ ވެސް އެކަމަށްޓަކައި ކެތްމަދުވެގެން އުޅޭ ފަދައަކުންނެވެ. އެ މަންޒަރު ބަލަން ހުރެފައި އީތަން ހީލަމުން އޭނަގެ މަސައްކަތް ފެށިއެވެ.
**
“ކޮޅަށް ތެދުވަން ހިތަށްވެސް ނާރުވާތި ޝަބީދައްތަ…އަހަރެން އެބަ އަންނަން އިތުރު ކުކީސް ހިފައިގެން. މިތާ މަޑުކޮށްލާ.” ހިބާ އެހެން ބުނެލީ ކާމޭޒުދޮށުގައި ޝަބީދައްތަގެ ކުރިމައްޗަށް ވާ ގޮތަށް އިނދެފައި ގޮނޑިން ތެދުވަމުންނެވެ.
“ވަލީދުވެސް ކުރާ ކަންތައް….މުޅި ދުނިޔެއަށް އެ ވާހަކަ އަންގާފަ އެންމެން ލައްވާ އަހަރެންގާތު އަރާމުކުރަން ނުބުންޏަސް ވާނެދޯ؟” ޝަބީދައްތަ ޝަކުވާ ކުރިއެވެ.
“ހެހެ….ޝަބީދައްތަ ފަރުވާކުޑަ ކުރާތީ ވީގޮތެއްނު އެއީ؟” ހިބާ ކާގެއިން ބަދިގެއަށް ދެވޭ ދޮރުން ވަންނަމުން ބުންޏެވެ.
“އާނދޯ؟ އެހެންވިޔަސް ހުރިހާ ގަޑިއެއްގަ އަރާމުކުރަން އަހަންނަކަށް ނޯވެވޭނެއެއްނު؟ އަޅެ ހިބާ ނުހަނު ދިރާސާ ހަދާ ކުއްޖެއްގެ ގޮތުގަ ވަލީދަށް ކިޔައިދީބަލަ މާ ގިނައިން އަރާމުކުރުމުގެ ނޭދެވޭ އަސަރުތައް!”
“މަޢާފްކޮށް ދެއްޗޭ އަހަރެން މިއީ ތިކަހަލަ ދިރާސާތައް ކުރާ މީހެއް ނޫން. ކައިވެންޏާއި ބެހޭގޮތުން ވެސް މާ ބޮޑަށް ނޭނގޭ އެކަމަކު ހަޒްބެންޑް ވައިފްގެ ދެބަސްވުމެއްގެ ތެރެއަށް ވަނުމަށްވުރެ ނުވަނުން ރަނގަޅުވާނެކަން އެނގޭ…”
“ކައިވެންޏާއި ބެހޭގޮތުން ނޭނގެއޭ؟ މާނައަކީ ހިބާ އަދި ދުވަހަކުވެސް މެރީ ނުކުރަނީއޭތަ؟”
އިވިގެން ދިޔަ ސުވާލާއި އެކީ، ހިބާއަށް އޭނަގެ އަތުގައި އެވަގުތު އޮތް ބިސްކޯދު އެތާހުރި ތަށްޓަށް އަޅައިލެވުނީ ލަސްލަހުންނެވެ. އެ ސުވާލުން އޭނައަށް އުދަގޫވެގެން ދިޔައީ ވަކި އަމިއްލަ ނަފްސަށް ޙަމްދަރުދީ ވެވޭތީވެއެއް ނޫނެވެ. އެހެނަސް އެތައް ފަހަރެއްގެ މަތިން މީހުން އޭނައާއި އެފަދަ ސުވާލެއް ކުރިއިރު އޭނައަށް ދީފައިވާ ނަޒަރުތަކެއްގެ ސަބަބުންނެވެ. އޭނައަށް އިންނާނެ މީހަކު ލިބިފައި ނުވަނީ އޭނަގެ ހުރި އުނިކަމެއްގެ ސަބަބުންހެން އެ ނަޒަރުތަކުން އެމީހުން ބުނަން އުޅޭ ފަދައެވެ. އެއީ ޙަޤީޤަތެއް ނޫންކަން އެނގުނަސް، އެތައް ފަހަރެއްގެ މަތިން އެފަދަ ބަސްތައް އިވިފައިވެސް ވުމުން ހިބާއަށް ހިތްވަރު އެއްކުރަން ވަގުތުކޮޅެއް ނަގައެވެ. ޝަބީދައްތަ އެ ސުވާލުކުރުމުން ބޮޑަށް އުދަގޫވެގެން ދިޔައީ މި ދެކެވެން އުޅޭ ވާހަކައިގެ ސަބަބުން އޭނަ ސިއްރުން ވިޔަސް ޝަބީދައްތައަށް ނުރުހުންވާން ޖެހިދާނެތީވެއެވެ. އެހާ ހިތްހެޔޮ ދައްތައެއް ގެއްލެން ބޭނުންނުވާކަން ދަނެގެން ހިބާ ހިނިތުންވެލިއެވެ.
“ލައްބަ އަދި ނުކުރަން…” ހިބާ އެހެން ބުނެލީ، އޭނަ ބިސްކޯދު އެޅި ތަށި ހިފައިގެން ކާގެއާއި ދިމާލަށް ދަމުންނެވެ. ކިތަންމެ ބޭނުންވިޔަސް ޝަބީދައްތަގެ ވާހަކަ ވެސް ދާނީ އޭނަ ހީކުރާ ދިމާލަށް ކަމަށް ހިބާ ހީކުރިއެވެ. އެހެނަސް….
“ހުމް….ލޭޓް ޓުވެންޓީސްއަށް ދާއިރު މެރީ ނުކުރުމަކީ މިހާރު ޓްރެންޑެއްދޯ؟ އަހަރުމެންގެ އީތަން ވެސް އެ ހުންނަނީއެއްނު؟” ޝަބީބާ އަމިއްލަ ވިސްނުމެއްގައި އިނދެ ބުނެލި ވާހަކައިން ހިބާ މޭޒުމަތީގައި ބަހައްޓަން އުޅުނު ތަށި އަތުން ދޫވެ، ތަންކޮޅެއް ބާރަށް މޭޒުމަތީގައި ޖެހުނީއެވެ. އެހިނދު ޝަބީދައްތަ ސިހިގެން ދިޔުމުން ހިބާއަށް ވާހަކަ ދެކެވުނެވެ.
“އައިމް ސޯ ސޮރީ….އަތުން ކައްސައިލީ…” ހިބާ ބުންޏެވެ.
“އިޓްސް އޯކޭ. ތެންކިއު ފޯ ދަ ކުކީސް. ޔަމް!” ޝަބީބާ ބިސްކޯދުތައް ފެނިފައި ނުހުރެވިގެން ކަހަލަ ގޮތަކަށް ދެންމެ ދެކެވުނު ވާހަކައިގެ މަތިން ހަނދާން ނައްތައިލަމުން ބިސްކޯދެއް ނަގައި ކާން ފެށިއެވެ. އެހިނދު ހިބާ ހިސާބަކަށް މާޔޫސްވި ގޮތުން ޚުދު އޭނަވެސް ޙައިރާންވާ ގޮތްވިއެވެ. ފުރަތަމަ ފަހަރަށް ކައިވެންޏެއްގެ ވާހަކަ ކުރިއަށް ގެންދަން އޭނަގެ ހިތް އެދުނު ގޮތުންނެވެ. އެއީ ކީއްވެކަމާއިމެދު ވިސްނެން އުޅުނު ވަގުތު ޑޯޑޯ ގެ އަޑު އަވުނެވެ.
“ސާރޗިންގް ފޯ ހިބާ….ސާރޗިންގް ފޯ ހިބާ…” ޑޯޑޯ ކާގެއަށް ވަދެގެން އައީ އެހެން ކިޔަމުންނެވެ.
“އެއްކަލަ ރާނީކޮއްކޮގެ ކަންތައްދޯ؟” ހިބާ ޑޯޑޯއާއި ދިމާލަށް ދަމުން ހެވިފައިހުރެ ޝަބީދައްތައަށް ވާ ގޮތަށް އެހިއެވެ.
“ރާނީކޮއްކޮ އޮތީ ނިދާފައެއްނު؟ އަދި ރާނީކޮއްކޮ ޑޯޑޯ ލައްވާ ކިޔުއްވަނީ ހިބާދައްތިއޭ ނޫންތަ؟” ޝަބީބާވެސް އޮޅުން އަރާފައި އިނދެ ސުވާލުކުރިއެވެ.
އެވަގުތު ހިބާ ޑޯޑޯ ނަގައިގެން އައިސް ކާމޭޒުމަތީގައި ބަހައްޓަމުން ގޮނޑިއެއްގައި އިށީނެވެ.
“ދިސް އިޒް ހިބާ…” ޑޯޑޯއާއި ވާހަކަ ދައްކަންވީ ގޮތްތައް ކޮންމެވެސް ވަރަކަށް ދަސްވެފައިވުމުން، ހިބާ ކުރުކޮށް ބުންޏެވެ.
“ސްކޭން އެންޑް ސޭވްޑް. ހިބާދައްތި އޯރ ހިބާ….މެސެޖް ފްރޮމް އީތަން ޓު ހިބާ. ސޭއި އޮޕެން މެސެޖް، ޓު ރިސީވް އިޓް.” ޑޯޑޯ ބުންޏެވެ. އެހިނދު ހިބާއާއި ޝަބީބާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ޝަބީދައްތަ މޫނަށް ލާނެތް ހިނިތުންވުމެއް ވެރިވާން އުޅުނު ވަގުތު ބަލަން ބޭނުމެއް ނުވުމުން ހިބާ އަނެއްކާވެސް ޑޯޑޯއަށް ނަޒަރު ހުއްޓައިލިއެވެ.
“އޮޕެން މެސެޖް…” ހިބާ ބުންޏެވެ. އެއާއިއެކު ޑޯޑޯ ‘އޮޕެނިންގް މެސެޖް’ އޭ ކިޔުނުތާ 5 ވަރަކަށް ސިކުންތުފަހުން އިވެން ފެށީ އީތަންގެ އަޑެވެ.
“ހައި ހިބާ…ދިސް އިޒް އީތަން. މިއަދު މީޓިންގްގަ ހިބާ ދެއްވި ޚިޔާލުތައް އަޅުގަނޑަށް ވަރަށް ކަމުދޭ. މިކޮޅަށް އައުމުގެ ކުރިން ހިބާ އަޅުގަނޑަށް ފޮނުވި އެޕްލިކޭޝަންގެ ޚިޔާލު ކަމުދިޔަ ގޮތަށް. އެ އެޕްލިކޭޝަންގެ މަސައްކަތް އަޅުގަނޑާއިއެކީ އަދިވެސް ކުރަން ބޭނުންތޯ؟ ކުއްލި ގޮތަކަށް އޮފީހުގެ މުވައްޒަފުންނާއި އެފަދަ މަސައްކަތެއް ޙަވާލުކުރެވޭ ވަރަށް ވުރެ ބިޒީ ދުވަސްކޮޅެއް މިއީ. އެހެންވީމަ އަޅުގަނޑު މި ވިސްނަނީ އަޅުގަނޑު އަމިއްލައަށް ހިބާއަށް އެ އެޕްލިކޭޝަން ހަދަންވީ ގޮތް ދަސްކޮށްދިނުމަށް. މިކަމާއި ހިބާ އެއްބަސްވެލައްވާނަމަ ހިބާއަށް އެކަމަށްޓަކައި އެންމެ ރަނގަޅުވާނެ ވަގުތު އަޅުގަނޑަށް އަންގައިލަދިނުން އެދެން. ވީޓީގެ ވީޑިޔޯ ކޯލް އެޕްލިކޭޝަން ތްރޫކޮށް ހިބާއަށް ދަސްކޮށްދޭންކަމަށް މި ވިސްނަނީ. ހިބާގެ ބޮޑުބޭބެ ވެސް ކޯލްގަ ބައިވެރިކޮށްގެން. ކީކޭތޯ ދަންނަވަނީ؟”
އީތަންގެ ބަސްތައް އިވެމުން ދިޔަ ވަރަކަށް ހިބާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އީތަން އޭނައާއި ވަކިން ބައްދަލުކޮށްގެން ކަމެއް ދަސްކޮށްދޭ ޚިޔާލުން އެ ހިތަށް ޖޯޝެއް އައި ގޮތުން އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. ވީޑިޔޯ ކޯލްގެ ވާހަކައާއި ބޮޑުބޭބެގެ ވާހަކަ އައުމުން އެ ޖޯޝު ނެތިގެން ދިޔަ ގޮތުން އޭނައަށް މި ވަނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އެކަމާއިމެދު ވިސްނެން އުޅުނު ވަގުތު އަނެއްކާވެސް ޑޯޑޯ ވާހަކަ ދެއްކިއެވެ.
“ސޭއި ރެކޯޑް އެންޑް ލީވް އަ ރެސްޕޮންސް.” ޑޯޑޯ އެންގިއެވެ.
“މިކޮޅަށް އައުމުގެ ކުރިންވެސް ހިބާއާއި އީތަން ވާހަކަ ދައްކާފަ ހުރީތަ؟” ޒާތެއްގެ ހިނިތުންވުމަކާއިއެކީ ޝަބީދައްތަ ސުވާލުކުރިއެވެ.
“ލައްބަ…އެއީ އަޅުގަނޑު ކޮންފަރެންސްގަ ހުށަހެޅި އެޕްލިކޭޝަނަށް ކުޑަ ހެލްޕެއް ހޯދީ. މިކޮޅަށް އައިއްސަ ވިންޓޭޖް ޓެކްނޮލޮޖީސްއާއެކީ އެ އެޕްލިކޭޝަން ހަދަން އަޅުގަނޑު އެއްބަސްވީ…” ހިބާ ޖަވާބުދިނެވެ.
“އެހެންތަ؟ އެހެންވެއްޖެއްޔާ އަވަހަށް ޖަވާބެއް ފޮނުވާލާ. ވިންޓޭޖް ޓެކްނޮލޮޖީސްއެކޭ އެތާނގެ ޗީފް ޑައިރެކްޓާރއެކޭ އެކައްޗެއްތާ.” ޝަބީދައްތަ ދެންވެސް ނުފިލާ ލާނެތް ހިނިތުންވުމަކާއެކީ ބުންޏެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވި މާނައާއިމެދު ވިސްނަން ބޭނުން ނުވުމުން ހިބާ އަނެއްކާވެސް ޑޯޑޯއަށް ބަލައިލިއެވެ.
“ޑޯޑޯ، ރެކޯޑް…..ހައި ސާރ…ވީޑިޔޯ ކޯލް ތްރޫކޮށް ދެއްތޯ؟ މާދަމާ ރެއިން ފެށުން ކިހިނެއްވާނެތޯ؟ މިރޭ އަޅުގަނޑު އެއްކަލަ ދިވެހި އެޕްލިކޭޝަނަށްޓަކައި އެހެން ޓީޗާރސްއާއި ރާވައިގެން ކަރިކިއުލަމްއަށް ބަލައި ޑިސްކަޝަންއެއް ބާއްވަނީ….މާދަމާ ރޭ އަޅުގަނޑު ފްރީވާނެ. ބޮޑުބޭބެ ވެސް….ފްރީތޯ ބަލައިލާނަން. އައި ލުކް ފޯވާޑް ޓު ލާރނިންގް ވިތް ޔޫ އިން ޝާ ﷲ!”
ހިބާ އެ ބުނި ބަސްތައް ކާ މޭޒުދޮށުގައި އިން ޝަބީބާއާއިއެކީ ކާގޭގެ ދޮރު ކައިރީގައި ހުއްޓިހުރި އީތަންއަށް ވެސް އިވުނެވެ. ދެއަތް މެއާއި ދިމާލުން ހުރަސްކޮށް ފާރަށް ލެނގިލައިގެން ހުރި އީތަންއަށް ހިބާގެ ބަސްތައް އިވެމުން ދިޔަހެން އެ ތުންފަތްމަތިން ހިނިތުންވުމެއް ކުރެހުނެވެ.
“މީ ޓޫ…” އީތަން ވައި އަޑަކުން އެހެން ބުނެލީ ފުންވެގެން ދިޔަ ހިނިތުންވުމަކާއި އެކީގައެވެ. އޭނައަށް އެތައް ކަންތައް އުނގަންނައިދީ އެތައް ގޮތަކުން ކުރި އަރައި ދިޔުމަށް އެހީވި އަންހެން ކުއްޖާއަށް، ހަމަ އެފަދަ އެހީއެއްވުމުގެ ފުރުސަތެއް ލިބުމުން ހިތަށް އުފަލެއް ލިބުނެވެ.
ނުނިމޭ
Mary
August 28, 2021 @ 9:25 am
Story fennan nei
Jana
August 28, 2021 @ 9:28 am
Reload kollaba Mary…..eyrun fennaane In Sha Allah. Let me know if it doesn’t.
Anonymous
August 28, 2021 @ 9:36 am
Vaahaka nufeney. Foto ekani fennany
Jana
August 28, 2021 @ 9:41 am
Reload kollaba Anonymous. Eyrah fennaane In Sha Allah
Aayaa
August 28, 2021 @ 12:05 pm
Nice ma sha Allah. Curious bunakah dhen nukereyne. May be the cat kill me😂
Jana
August 28, 2021 @ 12:51 pm
Alhamdhulillah! hehe…curious bunyas ok ey Aaya. And its not the cat that kills you. its the curiosity when it goes out of hand. but if its kept in check, its just a healthy excitement 😉 <3