ދާރިސް (ސައްބީސްވަނަ ބައި)
ހެނދުނުގެ ވަގުތެއްގައި ހިބާ ހުރީ ވަކަރުން ހެދިފައިވާ ކުޑަ ގެއެއްގެ ބަދިގޭގައެވެ. ކައުންޓަރު ކައިރީގައި ހުރެގެން އޭނަ އެތާ ބެހެއްޓިފައިވި ދެ މަގްއަށް ހޫނުފެން އަޅަމުން ދިޔައިރު، ހިބާގެ ކުރިމައްޗަށްވާ ގޮތަށް ހުރި ކުޑަދޮރުން އަންނަމުން ދިޔަ އަލިން އެ މޫނު އިހުނަށްވުރެ ރީތިކަމަށް ދައްކަމުން ދިޔައެވެ. ކުޑަދޮރުން ބޭރުން ލުއި ގޮތަކަށް ސްނޯ ފައިބަމުން ދިޔައެއްކަމަކު ގޭގެ ތެރޭގައި އޮތީ އާދައިގެ ވަރެއްގެ ފިނިކަމެކެވެ. ގަޔަށް ދޫކޮށް އަތްދިގުކޮށް އޮތް ކުރު ހެދުމަކާއި ދޫ ހަރުވާޅަކާއި އެކީ ހިބާ ހުރެވުނީ އެހެންވެއެވެ. ހިބާގެ އިސްތަށިގަނޑުގައި ގޮށެއް ޖެހިފައިވީއިރު ބައެއް އިސްތަށިކޮޅުތައް މޫނަށް އެޅިފައިވި ގޮތުން، ހެނދުނުގެ އެވަގުތުގައި އަދި ރީތިވާން މާ ބޮޑު މަސައްކަތެއްކޮށްފައި ނުވާކަން އެނގެއެވެ.
އެހެނަސް އެ މަންޒަރު ބަލަން ހިބާގެ ފަހަތަށް ވާ ގޮތަށް ހުރި ބަދިގޭގެ ދޮރު ކަންޏަށް ލެނގިލައިގެން ހުރި އީތަން އާޝޯޚުވާހާވިއެވެ. ހިބާގެ ފަހަތުގައި ހުއްޓިގެން ހުރެވުނެއްކަމަކު، ދެމީހުންނަށްޓަކައި ހޮޓް ޗޮކްލެޓް ހަދަމުން ދިޔަ ހިބާގެ މޫނުމައްޗަށް ވެރިވެފައިވާނެ ހިނިތުންވުން ވެސް އޭނައަށް ފެނުނު ފަދައެވެ. އެހިނދު ހިބާ އޭނައާއި އެކީގައިވީތީ ޙަމްދުކުރެވޭ ޙާލު، އީތަން ހިނިތުންވުމަކާއިއެކީ ލަސް ފިޔަވަޅުތަކެއްގައި ހިބާއާއި ދިމާލަށް ދާން ފެށިއެވެ.
ހިބާގެ ގާތަށް ދެވުމާއިއެކު އީތަން ލަސްލަހުން ގޮސް ހިބާގެ ގައިގައި ފަހަތުން ބައްދައިލިއެވެ. އަދި އޭނަގެ ދަތްދޮޅި ހިބާގެ ކޮނޑުގައި ޖައްސައިލަމުން އިތުރަށް ގާތްވެލިއެވެ. އޭނަގެ އެ ޙަރަކާތުން ހިބާ ހީލިއެވެ.
“މިއީ އާ މޯރނިންގް ރޫޓީންއެއްދޯ މިހާރު؟” ހިބާ އެހިއެވެ.
“ހުމް….ޙަޔާތުގައި ވެސް އުފެދުނު އެންމެ ބެސްޓް މޯނިންގް ރޫޓީން.” އީތަން އެހެން ބުނެލަމުން ހިބާގެ ކޯތާފަތުގައި ބޮސްދިނެވެ. ހިބާ އަނެއްކާވެސް ލުއި ގޮތަކަށް ހީލުމަށްފަހު އަތުގައި އޮތް ސަމުސާ ދޫކޮށްލަމުން އީތަންއާއިވީ ފަރާތަށް އެނބުރިލިއެވެ. އީތަން ދެންވެސް ހިބާގެ ގައިން ދޫކުރުމެއްނެތި ކައިރީގައި ހިފަހައްޓައިގެން ހުރީއެވެ. ހިބާގެ މޫނު ފެނިފައި ނުހުރެވުމުން އެ ނިތުގައި ބޮސްދެވުނެވެ. އެއަށްފަހު ވެސް އިތުރަށް ކައިރިވާން ބޭނުންވިއެއްކަމަކު އޭގެ ކުރިން އެއްޗެކޭ ބުނަން ބޭނުންވުމުން ހިބާއާއި ހަތަރުކަޅި ހަމަކުރިއެވެ.
“އައި ލަވް ޔޫ، ހިބާ…” އީތަން ބުންޏެވެ. އެ ބަސްތައް އިވިފައި ހިބާ ހިނިތުންވެލިއެވެ.
“އައި ލަވް ޔޫ ޓޫ….ކޮން ނަމެއްތަ ކިޔަންވީ؟” ހިބާ އެހިއެވެ. ހިބާގެ އެ ސުވާލާއިއެކީ އީތަން އޮޅުން އަރާ ގޮތްވިއެވެ. އޭނަ ބުނަންވީ އޭނަގެ ކޮން ނަމެއްތޯ ހިތަށްއެރިއެވެ. ދާރިސްއޭ ބުނެވެން އުޅުނެއްކަމަކު ހިބާއަށް ޙަޤީޤަތް އެނގިއްޖެތޯ ހިތް ސުވާލުކުރިއެވެ. އީތަންއޭ ބުނަން ބޭނުންވިއެއްކަމަކު އެ ވާނީ ދޮގަކަށްކަމަށް ސިކުނޑި ބުންޏެވެ.
ނުހަނު ގަދައަށް ވިސްނެން ފެށި އެވަގުތުކޮޅާއިއެކީ އީތަންގެ ވަށައިގެންވި މަންޒަރުތައް ފޭދިގެން ދިޔަ ވަގުތު އޭނައަށް ލޯ ހުޅުވައިލެވުނެވެ. އެއާއިއެކު އޭނަގެ އަމިއްލަ ކޮޓަރީގެ ސީލިންގް އީތަންއަށް ފެނި، އޮވެވުނީ ކޮން ތަނެއްގައިކަން އެނގުންވިއެވެ. އިސާހިތަކު ދެންމެ ފެނިގެން ދިޔައީ ހުވަފެނެއްކަން އެނގުންވީ ވަގުތު އިޙްސާސް ކުރެވުނު ހިތްދަތިކަމާއެކީ ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އެ ހުވަފެން ކުރިއަށް ގެންދިޔުމަށްޓަކައި އަލުން ނިދައިލުމަށް އެއްފަރާތަށް އެނބުރިލަމުން ބޯމަތީގައި ބާލީހެއްވެސް އަޅައިލެވުނެވެ. އެހެނަސް ދެން އެ ހުވަފެން ނުފެންނާނެކަން ޔަޤީންވުމުން އަމިއްލަ ނަފްސަށް ވެސް ވީ ނުރުހުމުގައި ބާލީސް ނަގައި އެނދުގެ އެއްފަރާތަށް އެއްލައިލަމުން އަނެއްކާވެސް ލޯ ހުޅުވައިލަމުން ސީދަލަށް އޮށޯވެލެވުނެވެ.
އެއަށްފަހު ހުވަފެނުން ފެނުނު ހިބާގެ ސޫރަ ހަނދާނަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ. އެ ސޫރަ ނުހަނު ސާފުކޮށް ސިފަވެ ހުވަފެނުގައި ވެދިޔަ ކަންތައް ހަނދާންވެގެން ދިޔުމުން އީތަންއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު ހިސާބަކަށް ލަދުވެސްގަތެވެ. ހުވަފެނެއްގެ ތެރެއިން ވިޔަސް ހިބާ ބުރުގާ ނާޅާ ހުރި ގޮތް ފެނި ހިބާއާއި އެހާ ގާތްވުމުންނެވެ. އޭނައަށް ހިބާ ބުރުގާ ނާޅާ ހުއްޓާ ދުވަހަކުވެސް ފެނިފައި ނުވަނީސް ހުވަފެނުން އެގޮތަށް ފެނުނީތީ އަޖައިބުވާހާވިއެވެ. އޭނަގެ ސިކުނޑި ހިބާ އޭނައަށް ސިފަކޮށްދިނީ ހިބާ ޙަޤީޤަތުގައި ހުންނަ ގޮތަށް ނޫންކަމެއް ވެސް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް އެ ހުވަފެނުން އޭނައަށް އުފަލެއް ލިބުނެވެ. ހުވަފެނުގައި ހިބާ އޭނައާއި ސުވާލެއް ނުކުރިނަމަ ކަންތައްވާނެ ގޮތް ސިފަކުރެވެން ފެށިއެވެ.
އެހެނަސް އެ ޚިޔާލުތައް މާ ދުރަށް ދާން ފެށުމުން އީތަންއަށް ކުއްލި ގޮތަކަށް ތެދުވެލެވުނީ ހަމަހޭވެރިކަމެއް ލިބުމުންނެވެ. ހިބާއާއި އޭނައާއި ދެމެދު އޮތް ދުރުމިން ހަނދާންވެގެން ދިޔުމެވެ. ހިބާއާއި އެއްވެސް ގުޅުމެއް ބާއްވަން އޭނަ ޚިޔާލު ނުކުރާކަމާއި، ހިބާއަށް އޭނަގެ ޙަޤީޤަތް ނޭނގޭ ކަމާއި، ހިބާއަކީ ކުޑަ ދުވަސްކޮޅަކަށްޓަކައި އޭނަގެ ގެއަށް އައިސްގެން އުޅޭ މެހުމާނެއްކަން ހަނދާނަށް އައުމުން އީތަންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އިސާހިތަކު އެ ތުންފަތްމަތިން ހިނިތުންވުން ފޭދި، މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ. ހިބާއާއި އޭނައާއި ދެމެދުގައިވާހާ ދުރުމިނެއް އެއްފަހަރާ ނެތިކޮށްލުމަށް ހުރިހާ ވާހަކައެއް ހިބާއަށް ކިޔައިދޭން ހިނދުކޮޅަކަށް ބޭނުންވިއެވެ. އެހެނަސް އެ ވެގެން ދާނީ އޭނަ ހީކުރާ ވަރަށް ވުރެ ދަތިކަމަކަށްކަން ޚުދު އީތަންއަށް ވެސް އެނގުންވިއެވެ. އޭނަ ބޮޑަށް ޖެހިލުންވީ އެއިން ހިބާއަށް ކޮށްފާނެ އަސަރަކާއި މެދުގައެވެ. އަދި އެއަށްވުރެ ބޮޑަށް ބިރުގަތީ، ދާރިސް ނަމަކަށް ކިޔާ ފިރިހެން ކުއްޖާވީ ތަނެއް އެނގުމުގެ ސަބަބުން ހިބާއަށް އަނިޔާއެއް ލިބިދާނެތީވެއެވެ. ބޭރުފުށުން އެހެން މީހަކަށް ނޭނގުނަސް އޭނަ ޙަޤީޤަތުގައި ވޭތުކުރަމުން މިދަނީ ނުރައްކާތެރި ޙަޔާތެކެވެ.
އެ ޚިޔާލު ހިތަށް ވެރިވުމުން ދެންމެ ކުރެވެމުން ދިޔަ އުފާވެރި އިޙްސާސްތައް އެއްފަހަރާ އޭނަގެ ހިތުން ބޭރުކޮށްލަން އީތަންއަށް މަޖުބޫރުވިއެވެ. އޭނަ އެނދުން ފޭބީ، މިއަދު ފެނުނު ހުވަފެނުގެ މަތިން ވެސް ހަނދާން ނައްތައިލަން ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ.
އެހެނަސް އެ ޢަޒުމުގައި ދެމިހުރުން ވެގެން ދިޔައީ އީތަން ހީކުރި ވަރަށްވުރެ ދަތި ކަމަކަށެވެ. އަދި އެ ދުވަހަކީ އޮފީސް ޗުއްޓީ ދުވަހަކަށް ވުމާއި އެކީގައެވެ. ހެނދުނު ސައިބޮމުން ދިޔަ ވަގުތު ވަލީދުބެ ހިބާއޭ ކިޔައި ވާހަކައެއް ދެއްކުމުން އީތަން ކޮށި އަރާ ގޮތްވިއެވެ. ރާނީކޮއްކޮ އޭނަ ކައިރިއަށް އައިސް ހިބާދައްތިއާއި އެކީ ކުޅެން ހިނގާށޭ ބުނުމުން ނޫނެކޭ ބުންޏެއްކަމަކު ސަބަބު ކިޔައިދޭކަށް ނޭނގުނެވެ. މެންދުރުގެ ވަގުތު އީތަން ފިހާރައަކަށް ގޮސް ގެއަށް ވަދެގެން އައިއިރު، ސިޓިންގް ރޫމުގެ ސޯފާގައި ހިބާ އިންތަން ފެނިފައި އެދިމާލުން ނަޒަރު ދުރުކުރަން ދަތިވާ ގޮތްވިއެވެ. އެކަމާއިހެދި އަމިއްލަ ނަފްސަށް ވީ ނުރުހުމުގައި ފޯނަށް ބަލައިގެން ކޮޓަރިއަށް ދާން އުޅުމުގެ ތެރޭގައި ލައްޕާލެވިފައިވި ކޮޓަރީގެ ދޮރުގައި ގޮސް ބޯޖެހުނެވެ.
“ސާބަސް އީތަން! މިއަދު ކިހިނެއް ވެގެންތަ ތިއުޅެނީ؟!” ދިގު ސޯފާގައި އިށީނދެގެން އިން ޝަބީދައްތަ އީތަންއަށް ބަލަން އިނދެ ބުންޏެވެ. އެހިނދު ވަކިން ހުރި ސޯފާއެއްގައި އިން ހިބާ، އެދިމާލަށް ބަލަން އިނީ ކޮންޓްރޯލްކުރަން މ ހިނިތުންވުމަކާއި އެކީގައެވެ. ހިބާ އެ ހުރި ހިސާބުން ދެންމެ ކަންތައްވީ ގޮތް ނުހަނު ސާފުކޮށް ހިބާއަށް ފެނިފައިވާނެކަން އެނގުންވި އީތަންގެ މޫނު ރަތްވެގެން ދިޔައީ، ޚުދު އޭނައަށް ވެސް ނޭނގިއެވެ.
“ކަމެއްނުވޭ ދައްތާ! ކުޑަކޮށް ބިޒީވީމަ…” އީތަން ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ.
“ވީކެންޑެއްގަ ކޮން ބިޒީއެއްތަ؟ ޗީފް ޑައިރެކްޓާރއަކަށް އެނގެންވާނެ ވީކެންޑް ރަނގަޅަށް ހޭދަ ނުކުރިއްޔާ ހަފްތާ ތެރޭގަ އެންމެ ފުރިހަމައަށް މަސައްކަތް ނުކުރެވޭނެކަން! އެއްވެސް މަސައްކަތެއް ކުރަމުން ދަންޏާ ހަމަ މި ވަގުތުން ވަގުތަށް ހުއްޓާލާފަ އަހަރުމެން އެމިއުޒްމެންޓް ޕާކަކަށް ގެންދޭ!” ޝަބީދައްތަ ސާބިތު އަޑަކާއިއެކީ އެންގިއެވެ. އެއާއިއެކު ޖޯޝުން ފުރިގެން ދިޔަ ރާނިޔާ ‘ޔެސް’ އޭ ތަކުރާރުކޮށް ކިޔަމުން ފުންމަން ފެށިއެވެ.
“އެމިއުޒްމެންޓް ޕާކަކަށޭ؟” އީތަންއަށް ބުނެލެވުނެވެ. ހަމަ އެވަގުތު ކާގެއިން ނިކުމެގެން އައި ވަލީދު ވާހަކަ ދެއްކިއެވެ.
“ހުމް…..ގުޑް އައިޑިއާ! ވަރަށް ދުވަސްވެއްޖެއެއްނު އެންމެން އެކީގަ ތަނަކަށް ނުދެވޭތާ؟ ހިބާއަށް ވެސް މިހާ ހިސާބަށް އާދެވުނީމަ މި ޤައުމުގެ އެކި ތަންތަން ހިބާއަށް ދައްކައިލަންވާނެއޭ ބޭބެ މިއަދުވެސް ބުނީ އީތަން ކައިރި…”
“އެހެންޏާ ނޫން! މިތަނަށް ގެނެއްސަ ވެސް ހިބާ ކޮމްޕިއުޓަރެއްގެ ދޮށުގަ ބަހައްޓަން ވިއްޔާ އީތަން ތިއުޅެނީ! އަމިއްލައަށް ގެއަށް ކުއްޖަކު ގެނެސްގެން މެހުމާންދާރީ އަދާކުރަން ބޭނުންވަންޏާ ނިކަން ރަނގަޅަށް އެކަން ކުރަން އެބަޖެހޭ. ހަމަ މިހާރު ތައްޔާރުވެގެން އާދޭ!”
“އަސްލު….އަޅުގަނޑަށް މައްސަލައެއް ނެތް ތަނަކަށް ނުގެންދިޔަޔަ-“
“ހިބާ ވާހަކަ ނުދައްކާ! ހަމައެކަނި ހިބާއަށްޓަކައެއް ނޫނޭ ދައްތަ މި ވާހަކަ ދައްކަނީ. ރާނީކޮއްކޮ ވެސް ހުރީ ދެރަވެފަ އީތަންބެ މިއަދު ތިމަންނައާއިއެކީ ނުކުޅެއޭ ކިޔާފަ. އެކަމަކު ބަދަލު ހޯދޭތޯ މިއުޅެނީ…”
ޝަބީދައްތަ ނުހަނު ޖަޒުބާތުގައި ޖެހިގެން ތަކުރާރުކޮށް ބުންޏެވެ. އެހިނދު އީތަން ވަލީދުބެއަށް ބަލައިލުމުން ވަލީދުބެ އެއްއަތް ކަރާއި ދިމާލުން ހިންގައިލީ މިއަކުން ސަލާމަތްވުމެއް ނޯންނާނެކަމުގެ ޢިޝާރާތެއް އީތަންއަށް ދެމުންނެވެ. އެއާއިއެކު އީތަން ހަތިޔާރު ބަހައްޓަން އުޅެނިކޮށް ފަރީދުބެ ކޮޓަރިން ނިކުތެވެ.
“ކޮން ތަނަކަށް ދާން އެންމެން ތައްޔާރުވަނީ؟ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފަ ހުރީމަ ތަންތަންކޮޅު އިވިއްޖެ. ހެހެ….” ފަރީދުބެ ލުއިގޮތަކަށް ހީލިއެވެ. އެހެނަސް ވަލީދާއި ދިމާލަށް ބަލައިލެވުމާއިއެކު ހިނިތުންވުން ހިސާބަކަށް ފަނޑުވިއެވެ. ވަލީދަށް ވެސް ވެގެން ދިޔައީ އެކަހަލަ ގޮތެކެވެ. އީތަންއަށް އެފަދަ ހީވުމެއް ހީވިއެއްކަމަކު ޔަޤީނެއް ނުކުރެވުނެވެ.
“ފަރީދުބެއަށް އާދެވޭނެތަ މިއަދު ދާން އުޅޭ ދަތުރުގަ؟ ބޭބެ ބިޒީދޯ؟ ބޭބެއަށް ނާދެވެންޏާ އަހަންނަށް ވެސް ނާދެވޭނެ ޝަބީދައްތާ.” ހިބާ ބުނެލިއެވެ. އީތަން ފަދައިން ހިބާ ވެސް ބޭނުންވީ އީތަންއާއި ވީހާވެސް ދުރުދުރުން އުޅޭށެވެ. އޭނަގެ ހިތުގެ ކަނެއްގައިވާ އިޙްސާސްތައް ބޮއްސުންލައިގެންދާން އޭނަ އެއްގޮތަކަށް ވެސް ބޭނުމެއް ނުވާތީވެއެވެ. އެހެނަސް….
“ނޫނޭ ހިބާ. ބޭބެ ބިޒީއެއް ނޫން މިއަދު. ކޮން އިރަކު ނައްޓާނީ؟” ފަރީދުބެ ހިނިތުންވުމަކާއިއެކީ އެހި އެހުމުން ހިބާ ހިސާބެއްގެ ޝޮކަކަށް ދިޔައެވެ. އޭނަ އެންމެ ބޭނުންވާ ވަގުތު ބޭބެ ‘ބިޒީ’ ނުވަނީ ކީއްވެތޯ ހިތާހިތުން އަހައި ޝަކުވާކޮށްލެވުނެވެ.
“ހަމަ މިހާރު ދިޔައިމަ ރަނގަޅުވާނެ. މި ތަނާއި ގަޑިއިރެއްހާ ދުރު ހިސާބެއްގަ ހުންނާނެ ޕާކެއް.” އީތަން ކިޔައިދިނެވެ.
“އާނ އެހެންވެއްޖެއްޔާ ބޭބެ މި ތައްޔާރުވަނީ އިނގޭ. ހިބާ ވެސް ތައްޔާރުވޭ…” ފަރީދުބެ ބުންޏެވެ.
“އެހެންވެއްޖެއްޔާ އީތަން ޝަބީދައްތައާއި ރާނީކޮއްކޮއާއި ހިބާއާއި ހިބާގެ ބޭބެ ގޮވައިގެން ބޮޑު ކާރުގަ ދާންވީއެއްނު؟ ދޮންބެ ފަހުން ޖޮއިން ކޮށްލާނަން އެހެން ތަނަކަށް ގޮއްސަ.” ވަލީދު އީތަން ގާތު އެހެން ބުނުމަށްފަހު ފަރީދަށް ސީރިއަސް ނަޒަރެއް ދިނެވެ. ވަލީދު އެހެން ބުނެލީ ފަރީދާއި އެކީގައި ތަނަކަށް ނުދިޔުމުގެ ބަހަނާއެއްގެ ގޮތުގައި ފަދައެވެ. އެ ދެމެދުގައި އެފަދަ ސީރިއަސްކަމެއް ވިކަން ފާހަގަވީ، އެ ދެމީހުންގެ ގުޅުމާއި މެދު ސުވާލުތައް އުފެދިފައިވާ އީތަންއަށް އެކަންޏެވެ.
ވަލީދު ބުނި ވާހަކައަށް ރާނިޔާ ނޫނީ އެހެން މީހަކު އެއްޗެކޭ ނުބުންޏެވެ. ރާނިޔާވެސް ވަލީދު ވާހަކަ ދައްކައިގެން އެންމެ ފަހުން ނިންމީ ހިބާމެންނާއި އެކީ ދަތުރު ދިޔުމަށެވެ. އެހެންކަމުން އެންމެން އެކީގައި ދަތުރުދާން ތައްޔާރުވާން ފެށިއެވެ.
**
އޭގެ ގަޑިއިރެއްހާއިރު ފަހުން އީތަން ދުއްވާފައި ދިޔަ އަޅިކުލައިގެ ބޮޑު ކާރު ޕާކު ކުރެވިގެން ދިޔައީ، އެމިއުޒްމެންޓް ޕާކެއްގެ ކައިރީގައި ހެދިފައި އޮތް ޕާރކިންގް އޭރިއާއެއްގައެވެ. އީތަންއާއި ފަރީދުބެ ކާރުގެ ކުރީ ސީޓުން ފޭބިއިރު ދެން ތިބި މީހުން ފޭބީ ފަހަތު ސީޓުންނެވެ. އީތަންއާއި ވީހާވެސް ދުރުން އުޅުމަށް ވަރުގަދަ ޢަޒުމެއްގައި ހުރި ހިބާ ކާރުން ފޭބުމާއިއެކު އޭނަގެ އަތުގައި ހިފި ރާނިޔާއާއި އެކީ ފަހަތް ބެލުމެއްވެސް ނެތި ޕާކަށް ވަދެގެން ދާން ފެށިއެވެ. އެ މަންޒަރު ފެނިފައި ހިބާއަށް ނުބަލަން މަސައްކަތް ކުރަމުން ދިޔަ އީތަންއަށް ވެސް ހިތާހިތުން ޙަމްދުކުރެވުނެވެ. މިއަދު މިތަނަށް އާދެވުމުން އޭނަ ދެން އަމިއްލަ ނަފްސާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަން ނުޖެހޭނެތާއޭ ހިތަށްއެރިއެވެ. އެ ހުވަފެނުގެ ހަނދާންތައް ފޭދެންދެން އޭނަ ބޭނުންވީ ހިބާ ނުފެންނަ ހިސާބެއްގައި ހުންނާށެވެ.
އެ ޕާކުގެ ތެރެއިން ދެމީހުންގެ ވެސް އެ އުއްމީދު ފުރިހަމަވިއެވެ. ހިބާ މުޅިންހެން ރާނިޔާއާއިއެކީ ޕާކުގެ އެކި ތަންތަނުގައި ކުޅެމުން ދިޔައިރު ޝަބީބާ ވެސް އެމީހުންނާއި އެކީ އުޅެމުން ދިޔައެވެ. އީތަންއާއި ފަރީދު ވެސް އެމީހުން ފަސްފަހަތުން ދަމުން ދިޔައެއްކަމަކު އެމީހުން އަބަދުވެސް ތިބެނީ ދުރު ހިސާބެއްގައެވެ. އީތަން އަބަދުހެން މަޑުކުރާއިރު ހިބާ ނުފެންނާނެ ގޮތަށް މަޑުކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
އީތަންގެ އެ މަސައްކަތް ފޭލްވެގެން ދިޔައީ ފަރީދުބެ ފޯނު ކޯލަކަށްޓަކައި އޭނައާއި ދައްކަމުން ދިޔަ ވިޔަފާރީގެ ވާހަކަ ނިމުމަކަށް ގެނެސް ދުރު ހިސާބަކަށް ދާން ޖެހުމުންނެވެ. ފަރީދުބެ ދިޔުމާއިއެކު އީތަންގެ ސިކުނޑި ނޭނގުމެއްގެ ތެރެއިން ވެސް ފުރުސަތުގެ ބޭނުން ހިފިއެވެ. ހިބާމެން ދެންމެއަކު ވަދެގެން ދިޔަ ތަނާއި ދިމާލަށް ދެވުނީ ރާނީކޮއްކޮ ވެސް ދެކިލުމުގެ ބަހަނާގައެވެ. އީތަން ގޮސް އެތަނަށް ވަންއިރު ކުދިކުދި ކާރުތައް ދުއްވަމުން ދިޔަ މަންޒަރު ފެނުނެވެ. އޭގެ ތެރެއިން ދެ ކާރެއް ސީދާ އޭނައާއި ދިމާލަށް އަންނަމުން ދިޔަތަން ފެނުނުއިރު ރާނީކޮއްކޮގެ އަޑުވެސް އިވުނެވެ.
“ކޮއްކޮއަށް އެންމެ ކުރިން ދެވޭނީ ދައްތި ބަލައްޗޭ…” ރާނީކޮއްކޮ ކާރުގައި ހެވިފައި އިނދެ އެހެން ބުނެލިއިރު، އެ ކާރާއި ދާދި އެއްވަރަކަށް ދުއްވަމުން ދިޔަ ކާރުގައި އިން ހިބާވެސް އީތަންއަށް ފެނުނެވެ. އެތައް ދުވަހެއްފަހުން ހިބާގެ ފުރިހަމަ ހިނިތުންވުން ފެނިފައި އީތަންއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ.
އީތަން އެ ހުރިގޮތަށް ހުއްޓާ އެ ދެ ކާރުވެސް އޭނައާއި ނުހަނު ކައިރިއަށް އައެވެ. އެހެނަސް އޭނަ ފެނިފައި ހިބާ ކުއްލި ގޮތަކަށް ބުރަކި ޖައްސައިލުމުން ރާނިޔާއަށް ހިބާއަށްވުރެ ކުރިއަށް އާދެވުނެވެ. އެއާއިއެކު ރާނިޔާ ‘ޔޭއި’ އޭ ކިޔައި އުފާ ފާޅުކުރިއެވެ. އީތަންއާއި ހިބާގެ ހަތަރުކަޅި ހަމަވެފައި ވަނިކޮށް ރާނިޔާ ވާހަކަ ދެއްކިއެވެ.
“އީތަންބެ އީތަންބެ….ދެންމެ ހިބާދައްތިއާއި ރޭސް ޖަހާފަ ކޮއްކޮ މޮޅުވީ. ދެން އީތަންބެ ވެސް އާދޭ!” ރާނިޔާ ކާރު ތެރޭގައި ކޮޅަށް ހުރެ ވާހަކަ ދެއްކިއެވެ.
“ސޮރީ ރާނީކޮއްކޮ…މިއަދު އީތަންބެ ކުޅޭ ހިތެއް ނެތް.” އީތަން ހިބާއަށް ލުއި ނަޒަރެއް ދެމުން ރާނިޔާގާތު ބުންޏެވެ.
“ކުޅޭ ހިތެއް ނެތީތަ؟ ނޫނީ ކުޑައިރު ހަދާހެން ކާރު ގޮސް ފާރުގައި ޖެހިދާނެތީތަ؟ ހެހެ….ހިބާއަށް އެނގޭތަ އީތަން ކުޑައިރު މިކަހަލަ ތަނަކަށް އައިއްސަ ކާރު ދުއްވީމަ ފާރެއްގަ ނުޖެހޭ ދުވަހެއް ނާންނާނެ. އެހެންތާ ވާނީވެސް އެއްދިމާލަކަށް ބަލަހައްޓައިގެން ހުންނަން ދަތި-“
“ދައްތާ!” އީތަންއަށް ކުއްލި ގޮތަކަށް ގޮވައިލެވުނީ ހިބާއަށް އިވެން ނުޖެހޭ ވާހަކައެއް އިވެން އުޅުނުހެން ހީވުމުންނެވެ. ޝަބީދައްތައަށް ވެސް އެކަން އެނގުންވުމުން ކުއްލިއަކަށް އަނގަމަތީގައި އަތް އަޅައި ހިބާއަށް ބަލައިލިއެވެ. ހިބާ އެ ދެމީހުންނަށް ވަކިވަކިން ބަލައިލީ ވާނުވާއެއް ނޭނގުމުންނެވެ.
ހަމަ އެވަގުތު ކުއްލި ގޮތަކަށް ވާރޭ ވެހެން ފެށުމުން އެމީހުންނަށް އެވަގުތު ތިބެވުނު ހިޔާކޮށްފައި ތިބި ތަނުގެ ފުރާޅުގައި ވާރޭގެ ތިކިތައް ޖެހެން ފެށި އަޑު އިވުނެވެ.
“އަންޕްރިޑިކްޓެބްލް ވެދާރދޯ؟” އީތަން އެހެން ބުނެލީ އެތާ ބޭރުން އެކި ދިމަދިމާލަށް ދުވަންފެށި މީހުންނަށް ބަލަން ހުރެއެވެ. އެވަގުތު ހިބާ ވެސް އޭނަ އިށީނދެގެން އިން ކާރުން ތެދުވެ ފައިބަނީއެވެ.
“ވާ…ރޭތަ؟” އެވަގުތުވެސް ކާރު ތެރޭގައި ކޮޅަށްހުރި ރާނިޔާ އެހެން ބުނެލީ ފެންކަޅިވަމުން ދިޔަ ދެލޮލާއިއެކީ ރޮވިފައިވާ އަޑަކުންނެވެ. އެހިނދު ހިބާ ކަންބޮޑުވީއިރު ޝަބީބާ އެއްކަލަ ކުއްޖާއޭ ކިޔައި ތެދުވިއެވެ. އެހެނަސް ޝަބީބާއަށްވުރެ ކުރިން އީތަން ގޮސް ލޯތްބާއިއެކީ ރާނިޔާ އުރައިލިއެވެ.
“ކޮއްކޮ ބިރުގަތީތަ؟ އެއްވެސް ކަމެއް ނުވާނެއޭ….ބަލާބަލަ ސަންޝައިން ވެސް އެބަ ފެނޭ އެހެންވީމަ ސްޓޯމްއަކަށް ނުވާނެ އިން ޝާ ﷲ!” އީތަން ރާނިޔާ އުރާލައިގެން ހުރެ ވާހަކަ ދެއްކި ގޮތުން އެ މަންޒަރު ބަލަން ހުރި ހިބާގެ ހިތް ލޯބިން ފުރިގެން އައެވެ.
ރާނިޔާ އީތަން ސާރގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ އިތުރަށް ރޯން ފެށުމުން ވަކި ހުއްޓައިލާށޭ ބުނުމެއްނެތި ހިނިތުންވުމަކާއިއެކީ ރާނިޔާގެ ބުރަކަށީގައި މަޑުމަޑުން ޖަހަމުން ‘އިޓްސް އޯކޭ’އޭ ބުނަމުން ދިޔައެވެ. ހިބާ އަޖާއިބުވާހާވީ މިނެޓްތަކެއްވީއިރު ވެސް ރާނިޔާގެ ރުއިން ހުއްޓުމަކަށް ނައުމުން ވެސް ރުޅި އިސްކުރުމެއްނެތި އީތަން ސާރ ކެތްތެރިކަމާއިއެކީ ރާނިޔާއަށް ހިތްވަރު ލައިދެމުން ދިޔަ ގޮތުންނެވެ.
މުދައްރިސެއްގެ ގޮތުގައި މިހާ ހިސާބަށް އައިއިރު ހިބާއަށް ވަރަށް ގިނަ ޒާތްޒާތުގެ ބައްޕައިންނާއި، ބޭބެއިން ކުޑަކުދިންނާއިމެދު ކަންތައް ކުރާ ގޮތް ފެނިފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މިފަދަ ޙާލަތްތަކުގައި ކެތްތެރިކަން ކޮޅުންލައި ކުއްޖާ ލައްވާ ގަދަކަމުން ރުއިން ހުއްޓުވަން މަސައްކަތް ކުރާ މީހުންނެވެ. އެހެންނޫނީ ރުޅި އިސްކޮށް ކުއްޖާއަށް އަޑުލައި ޙާލަތު އިތުރަށް ގޯސް ކުރުވާ މީހުންނެވެ. އޭނައަށް ކުރިމަތިން މި ފެންނަމުންދާ މަންޒަރާއި އެއްގޮތަށް ކަންތައް ކުރަނީ ވަރަށް މަދު ބައެކެވެ. އެ މަންޒަރު ފެނިފައި ހިބާގެ ހަނދާނަށް އަންނަން ފެށީ ޚުދު އޭނަގެ ބައްޕައެވެ. އަމިއްލަ ދަރިއަކަށް ނުވިޔަސް ހުރިހާ ކުދިންގެ އިޙްސާސްތަކަށް ޤަދަރުކުރަން ޖެހޭނެކަމަށް އޭނަ ގާތު ބުނީ ބައްޕަ ވިއްޔާއެވެ. އަދި ކުޑަކުދިންނަށް އޯގާތެރިވުމަކީ ސުންނަތެއް ކަމަށް ބުނެ އެ މިސާލު ދިރިއުޅުމުން ދެއްކީ ވެސް އެ ބައްޕަ ވިއްޔާއެވެ.
ބައްޕަގެ ހަނދާންތަކުގައި ހިބާ އީތަން ސާރއާއި ރާނިޔާއަށް ބަލަބަލާ ހުއްޓާ އީތަން ސާރ ރާނިޔާ އުރައިގެން ލަސް ހިނގުމެއްގައި އެތަނުން ނިކުމެވޭ ދޮރުގެ ކައިރިއަށް ދާން ފެށީ ކޮންމެވެސް އެއްޗެކޭ ކިޔަމުންނެވެ. އެވަގުތު ރާނިޔާގެ ރުއިން ހުއްޓިފައިވިއެވެ. އީތަން ސާރ ދައްކާ ވާހަކައެއް އަޑުއަހަން ބޭނުންވި މިންވަރުން ހިބާއަށް ކުރިއަށް ފިޔަވަޅުތަކެއް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ.
“ކޮއްކޮ މިގޮތަށް އަތްދިއްކޮށްލަބަލަ! ވަރަށް މަޖާވާނެ….ވާރެއަކީ ﷲ އަހަރުމެންނަށްޓަކައި ފޮނުއްވާ ރަޙްމަތެއް…” އީތަން ސާރ އެ ވާހަކަ ކިޔައިދިނީ އެއްއަތް އޭރު ތުނިކޮށްފައިވި ވާރެއަށް ދިއްކޮށްގެން ހުރެއެވެ.
“ރަޙްމަތަކީ ކޮބާ؟” ރާނިޔާ ދެންވެސް ތުންފިއްތައިގެން ހުރެ އެހިއެވެ.
“ލަވް! ﷲ ގެ ލޯބިފުޅު…ﷲ އަހަރުމެންދެކެ ލޯބިވެވޮޑިގެންވާތީ ވާރޭ ފޮނުއްވަނީ. އެ ލަވް ފީލް ކުރަން ބޭނުމިއްޔާ ކޮއްކޮ ކުޑަކޮށް އަތް ދިއްކޮށްލަބަލަ!” އީތަން ސާރ ބުންޏެވެ. އެއާއިއެކު ރާނިޔާ ނުހަނު ޖެހިލުންވެ ހުރެ ލަސްލަހު ރާނިޔާގެ ކުޑަކުޑަ އަތް ވާރޭގެ ތެރެއަށް ދިއްކުރިއެވެ.
“މަޖާދޯ ކޮއްކޮ؟” އީތަން ސާރ ހިނިތުންވުމަކާއިއެކީ އެހިއެވެ. އެހިނދު ރާނިޔާ ދެންވެސް އަތް ދިއްކޮށްގެން ހުރެ ހޫންލައްވައިލަމުން ކުޑަކޮށް ބޯޖަހައިލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ކުއްލިއަކަށް އެ ކުޑަ އަތް ގެންގޮސް އީތަން ސާރ މޫނުގައި ހާކަން ފެށިއެވެ. އިސާހިތަކު އެ ދެމީހުންނާއި، އެތާ ކައިރި ހުރި ޝަބީދައްތައާއި ތަންކޮޅެއް ދުރުގައި ހުރި ހިބާއަށް ވެސް ހީލެވުނެވެ. އެ ވަގުތުކޮޅަކީ ހަމަ ޔަޤީނުންވެސް އީތަން ސާރއާއި މެދު އޮތް އޭނަގެ ނަޒަރިއްޔާތަށް ހަމަ ގައިމުވެސް އިންޤިލާބެއް ގެނައި ވަގުތުކޮޅެކެވެ.
ވާރޭ ކުޑަކޮށް ތުނިކޮށްލުމުން ޝަބީދައްތަގެ ވެސް އެދުމާއިއެކީ އެންމެން ދިޔައީ ޕާކްގެ ތެރޭގައި ހުރި ރެސްޓޯރެންޓަކަށެވެ. އެންމެން އެކީގައި އެއް މޭޒުދޮށެއްގައި އިށީންނަން އުޅުނު ވަގުތު ވަލީދު އައުމުން އީތަން އިށީންނަން އުޅުނު ގޮނޑި އީތަން ވަލީދަށް ދިނެވެ. އެތަނަށް އިތުރު މޭޒެއް ގުޅުވައިލަން ވަލީދު އުޅުނެއްކަމަކު މޭޒުތަކުގެ ބައްޓަމުންނާއި، އެވަގުތު ރެސްޓޯރެންޓުގައި ފުދޭވަރަކަށް މީހުން ގިނަވުމުން އެކަން ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އީތަން ގޮސް އިށީނީ، އެ އެންމެން ތިބި މޭޒުގެ އަނެއްފަރާތުން ފެންނަމުން ދިޔަ ވަކިން ހުރި މޭޒެއްގައެވެ. އޭނަ އެތާ އިށީނީ، އެ ވަގުތު ރެސްޓޯރެންޓުގައި ހުހަށް ހުރީ ހަމައެކަނި އެ މޭޒަށްވީތީވެއެވެ. އެ މޭޒުދޮށުގައި އިށީނދެ އެއްފަރާތަށް ނަޒަރެއް ދިނުމުން ނުހަނު ސާފުކޮށް ހިބާ ފެންނަމުން ދިޔަ ގޮތުން ހިތަށް އުފަލެއް ލިބުނެއްކަމަކު މާ ގިނައިރު ނުކޮށް ދުރު ބަލަން ފެށިއެވެ. އަދި މޭޒުމަތީގައި އޮތް މެނޫ ފޮތް ހުޅުވައިލަމުން އެ ބަލަން ފެށިއެވެ.
ހަމަ އެވަގުތު ފަރީދު އައިސް އީތަންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީނުމުން އީތަންއަށް ކުރިމައްޗަށް ނަޒަރެއް ދެވުނެވެ.
“ވިއްސާރަވީމަ އެންމެން އެކީ މިތަނަށް އައީދޯ؟ ބޭބެ އެތާ ދުރުގަ ހުއްޓާ ދުށީމޭ މިކޮޅަށް އައިތަން….ކީއްވެ އީތަން ވަކިން ތިހިރީ؟” ފަރީދު އެހިއެވެ.
“އެއީ އެތާ ގޮނޑިއެއް ނެތީ-” އީތަން އެހެން ބުނި ވަގުތު ޝަބީދައްތަ ކޮންމެވެސް ކަމަކާއި ހޭންފެށި އަޑަށް އީތަންއަށް އެ މޭޒާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު އޭނައަށް އެ މޭޒުދޮށުން ހިބާ ނޫން މީހެއް ނުވެސް ފެނުނު ފަދައެވެ. ހިބާގެ ހިނިތުންވުން ފެނިފައި އޭނައަށް ވަމުން ދިޔަ ގޮތާއިމެދު ޚުދު އޭނަ ވެސް ޙައިރާންވާހާވިއެވެ.
އީތަން އެހެން ދިމާލަކަށް ނަޒަރު ބަދަލުކުރަން ނުކުޅެދިފައި ވަނިކޮށް، އޭނައަށާއި އޭނަގެ ނަޒަރު އަމާޒުވެފައިވި ދިމާލަށް ނުހަނު ފަރުވާތެރިކަމާއިއެކީ ބަލަން އިން ފަރީދު ކަރުކެހިލިއެވެ. އެހިނދު ހަމަހޭވެރިކަމެއް ލިބިގެން ދިޔުމުން އީތަން އަނެއްކާވެސް ފަރީދަށް ބަލައިލިއެވެ. ފަރީދުބެއަށް އަނެއްކާވެސް އޭނަ ހިބާއަށް ދޭ ސަމާލުކަން ފާހަގަވީކަން އެނގުންވުމުން ވީ ނުތަނަވަސްކަމާއިއެކީ މެނޫ ނަގައި އޭގެ ގަނޑުތައް ހިއްލެން ފެށިއެވެ. އެ މަންޒަރު ފެނިފައި ފަރީދު ލުއި ގޮތަކަށް ހީލިއެވެ.
“އީތަން ތިއީ ހުހަށް ހުރި ކުއްޖެއްތަ؟” ފަރީދުބެ ކުއްލި ގޮތަކަށް ކޮށްލި ސުވާލުން އީތަން ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. އިސާހިތަކު އީތަންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
ނުނިމޭ
Anonymous
September 4, 2021 @ 4:55 pm
yessdds
Jana
September 5, 2021 @ 4:05 pm
Ethan ge javaabu dho mee Anonymous? 😀