ދާރިސް (ސަތާރަވަނަ ބައި)
އީތަން އޮފީހުގައި ހުރެފައި އެދުވަހު ގެއަށް ދިޔައީ ޢަޞްރު ނަމާދު ވެސް އޮފީހުގައި ކުރުމަށް ފަހުގައެވެ. ގެއަށް ދިޔައިރު އެންމެން ކާގޭގައި ސައިބޯން ތިބީތީ އީތަން ވެސް ދިޔައީ އެތަނަށެވެ.
“ހާދަ އިރަކުން ނިމުނު ކޮންފަރެންސެކޭ ތިއީ…” އީތަން ގޮސް އެ ދިގު ކާމޭޒުދޮށުގައި އިށީނުމުން ވަލީދު ބުންޏެވެ.
“އާނ އެއީ ކޮންމެވެސް މައްސަލައެއް ދިމާވެގެން ޙައްލުކުރަން ޖެހުނީ…” އީތަން މެދުގައި ހުރި ތަށްޓަކުން ބްރައުނީކޮޅެއް ނަގައިގެން ކަމުން ކުރު ގޮތަކަށް ކިޔައިދިނެވެ.
“އެކޮޅުން އަނެއްކާ ޓެކްނިކަލް މައްސަލައެއް ޖެހުނީތަ؟” ވަލީދު އެހިއެވެ.
“ނޫން އެއީ ދެން….އިޓްސް އަ ލޯންގް ސްޓޯރީ. ބާއި ދަ ވޭ، ދޮންބެމެން އަދި އެއް މަސް ވަންދެން މި ގޭގަ ތިބޭނަންދޯ؟”
“އާނ….ކިހިނެއްވީ؟ އީތަންއަށް އުދަގޫވަންޏާ ދޮންބެމެން ގޮސްފާނަމޭ.”
“ނޫނޭ ދޮންބޭ. އުދަގޫ ވަނީއެއް ނޫން. މި ހަފްތާ ތެރޭގަ ކޮންމެވެސް ކުއްޖަކު މި ގެއަށް ގެންނަން ކަމަށް މި ޚިޔާލުކުރަނީ.”
“އަންހެން ކުއްޖެއްތަ؟” ޝަބީބާ ދޭތެރެއަކުން ނުހަނު ޖޯޝާއެކީ އެހިއެވެ.
“ކޮން ކުއްޖެއްތަ އީތަން؟” ވަލީދު ވެސް ހިނިތުންވުމަކާއިއެކީ އެހިއެވެ.
“އެއީ….ކޮންފަރެންސްގަ އެންމެ މޮޅު ބައިވެރިންގެ ތެރެއިން ކުއްޖަކަށް އަހަރެން އަމިއްލައަށް ސްޕޮންސާރ ކުރީ. އެ ކުއްޖާއާއި އެކުއްޖާގެ ބައްޕައަށް މިގޭގަ އުޅެވޭ ގޮތަށް ހަދަންކަމަށް މިއުޅެނީ.”
“ދިވެހި އަންހެން ކުއްޖެއްތަ؟” ޝަބީބާ އިތުރަށް ބޮޑުވެގެން ދިޔަ ލޮލާއިއެކީ ސުވާލުކުރިއެވެ.
“ސްޕޮންސާރ ކުރަންޏާ ކީއްވެ ހޮޓެލަކުން އެކޮމޮޑޭޝަން ހަމަނުޖެއްސީ؟ އީތަންއަށް އުދަގޫވެއެއް ނޫންތަ ބީރައްޓެހިން ގޭގަ އުޅުނީމަ؟” ވަލީދު އެހިއެވެ.
“އެހާވަރަށް ޚަރަދުވެސް ކުރާކަށް ނުވާނެދޯ ދޮންބޭ؟”
“އައްދެ! ހާދަ ފަޤީރު ކުއްޖަކާއޭ މި ވާހަކަ ދެކެވެނީ…”
“މިކަހަލަ ބަހަނާތައް އަހަރުމެންނަށް ދެއްކޭނީ ކޮންމެވެސް ސިއްރެއް އޮންނާތީ، ނޫންތަ ވަލީދު؟”
“ހުމް…ސޮރީ އީތަން. މިފަހަރު ދޮންބެ ޖެހޭނީ ޝަބީދައްތައާއި އެއްބަސްވާން.”
ދޮންބެއާއި ޝަބީދައްތަ އޭނައަށް ބަލަހައްޓައިގެން ތިބެން ފެށުމުން އީތަން ނުތަނަވަސްވާ ގޮތްވިއެވެ. އަދި ހަމަ އެހިނދު އޭނައަށް ނޭނގި އޭނަގެ މޫނުވެސް ރަތްވެގެން ދިޔައެވެ. އެ ހުރިހާއިރު އައިސްކްރީމް ކަމުން އެކި މީހުންގެ މޫނަށް ބަލަމުން ދިޔަ ރާނިޔާގެ ނަޒަރުވެސް އެވަގުތު އޭނައަށް އަމާޒުވެފައިވިއެވެ.
އީތަން އެންމެ ފަހުން ފުން ނޭވައެއް ދޫކޮށް ގޮނޑިއަށް ލެނގިލަމުން ވާހަކަ ދެއްކިއެވެ.
“އެއީ ވަރަށް ގާތުން އަހަންނާއި ވެސް އެހީވި ކުއްޖަކަށްވީމަ އަހަރެން ވެސް އެހީވާން ބޭނުންވަނީ.” އީތަން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ލުއި ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެއަށްފަހު ދޮންބެއާއި ޝަބީދައްތައަށް އެއްޗެކޭ ބުނެވުމުގެ ކުރިން އެތަނުން ދާން ހިނގައިގަތެވެ.
އީތަން ދިޔުމުން ވަލީދާއި ޝަބީބާގެ ދެމެދުގައި ޙައިރާންކަން އެކުލެވިފައިވި ނަޒަރުތައް ބަދަލުވިއެވެ.
**
އޭގެ އަނެއްދުވަހު ހެނދުނު ފަތިސް ނަމާދަށްފަހު ހިބާ ނިދާލަން ބޭނުންވިއެވެ. ސްވިޓްޒަލޭންޑަށް ދިޔުމުގެ ފުރުސަތު ލިބުމުން އުފާވެފައިވިޔަސް ރޭ އާސިފާއި އޭނައާއި ދެމެދު ހިނގި ކަންތައް ހުއްޓުމެއްނެތި އޭނަގެ ހަނދާނަށް އަންނަމުން ދިޔައީތީވެ އެ ޚިޔާލުތަކުން ދުރުވުމަށެވެ. އެހެނަސް ނިދަން ކުރި މަސައްކަތް ބޭކާރުވިއެވެ. އެހެންކަމުން ހިބާ ނިންމީ ސިކުނޑި ހަމަޖައްސައިލުމަށްޓަކައި ބޭރަށް ދިޔުމަށެވެ. އަމިއްލަ ޚިޔާލުތައް ހަމައަކަށް ނޭޅޭނަމަ ކުޑަކޮށް ހިނގާލަން ދިޔުމަކީ ހިބާގެ އާދައަކަށްވާތީވެއެވެ.
ބޭރަށް ދިޔުމަށްޓަކައި ފަރީދުބެ ގަނެދީފައިވާ ބޫޓަށް އަރަން އުޅެފައި ވެސް ހިބާ އޭނަ ޢާއްމުކޮށް ލައި އުޅޭ ކަހަލަ ބޫޓަކަށް އެރިއެވެ. އެއަށްފަހު ރޫމުން ނިކުތީ ފަރީދުބެއާއިމެދު ވިސްނަމުންނެވެ. ރޭ ހިނގި ކަންތައް މިހާތަނަށް އައިއިރު ފަރީދުބެއަށް ވެސް އިވިފައިވާނެކަން ހިބާއަށް ޔަޤީނާއި ގާތްކުރެވުނެވެ. އާސިފަކީ ފަރީދުބެ މަސައްކަތް ކުރާ އޮފީހުގެ މެނޭޖަރެއް ވިއްޔާއެވެ.
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ރޭއްސުރެ ހިބާއަށް ފަރީދުބެ ފެނިފައެއް ނުވެއެވެ. ހިބާ އުއްމީދު ކޮށްގެން ހުރީ ފަރީދުބެ އޮފީހުން އައިސް އޭނަގެ ޙާލު ބަލައިލަން އަންނާނެ ކަމަށެވެ. އެހެނަސް ހިބާއަށް ރޭ ނިދުނުއިރު ވެސް ފަރީދުބެގެ ޚަބަރެއް ނުވެއެވެ. ފަރީދުބެއަށް ރޭގެ ޚަބަރު ލިބިފައި ނުވަނީބާއޭ ވެސް ހިބާއަށް އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ.
އެ ސުވާލާއިމެދު ވިސްނަން ހުރެ ހިބާ ފުން ނޭވައެއް ދޫކޮށްލީ، ފަރީދުބެގެ ރޫމުގެ ދޮރަށް ބަލަން ހުރެއެވެ. އެއަށްފަހު ހިބާ ލިފްޓާއި ދިމާލަށް ދާން ހިނގައިގަތީ، ފަރީދުބެއާއި މެދު ހެޔޮކޮށް ވިސްނޭތޯ ބަލަމުންނެވެ. އަދި އަމުދުން ރޭ ފުލުހުން އޭނަގެ ރައްކާތެރި ކަމަށްޓަކައި އައީ ކާކު އެ ވާހަކަ ރިޕޯޓުކޮށްގެންތޯ ހިތާހިތުން ސުވާލުކުރަމުންނެވެ.
ގްރައުންޑް ފްލޯއަށް ގޮސް ހިބާ ލިފްޓުން ނިކުމެގެން އައީ ވެސް އެކަމާއިމެދު ވިސްނުނެވެ. އެހިނދު ފިޔަވަޅުތައް މަޑުޖެހިގެން ދިޔައީ ރިސެޕްޝަނާއި ގާތްވަމުން ދިޔަދިޔަހެން އެތާ ތިބި ކުދިން ވާހަކަ ދައްކާ އަޑަށެވެ.
“މައި ގޯޑް ނަދާ އިޓް ވޯޒް އަ ޓޯޓަލް މެސް ލާސްޓް ނައިޓް. ކޮންމެވެސް ބޭރު ކުންފުންޏެއްގެ ޗީފް ޑައިރެކްޓާރއެއް ގުޅައިގެން އޭނަގެ ކިބައިން ސަލާމަތް ނުވެގެން މަ އުޅެން ޖެހުނީ. އެއްކަލަ ނަދާ ބުނީމެއްނު ކޮންމެވެސް ސްވިސް ކުންފުންޏެއްގެ ޑައިރެކްޓްރެއްގެ ވާހަކަ؟ ވަރަށް ޓީވީއިން ވެސް ކިޔާނެ އެ ނަން.” ރިސެޕްޝަންގައި ހުރި ކުއްޖާ ދެއްކި ވާހަކައިން ހިބާގެ ދެބުމަ ކައިރިވިއެވެ. އެކުއްޖާ އެ ދެއްކީ ކާކުގެ ވާހަކަކަން ނަގައިގަނެވުނު ވަގުތު އަނެއް ކުއްޖާ ވާހަކަ ދެއްކިއެވެ.
“އިސްމާޢީލް އީތަންތަ؟”
“ޔެސް! ދެޓް ގާއި….އާސިފް ސާރ އޮތީ އަހަރެން ކައިރި ބުނެފަ އޭނަ ގުޅާނެއޭ ސާރއާ ކޮންޓެކްޓް ކުރަން. އެކަމަކު ނަންބަރު ނުދޭށޭ. އެކަމަކު އެމީހަކު ގުޅި ވަގުތު ސާރ އައީ. ސާރ ކޮންމެވެސް ހިބާ ޝަހީދެއްގެ ރޫމަށް ދާން އިންފޯ ހޯދިއިރު އެ އިސްމާޢީލް އީތަން ހުރީ ފޯނުގެ އަނެއްކޮޅުން އަޑުއަހައިގެން. ދެން އަހަރެން ސާރ ދިޔައިމަ އޭނައާ ވާހަކަ ދެއްކީމަ ހީ ވޯޒް ލައިކް….ހިބާ ޝަހީދަށް ގޮތެއްވެއްޖެއްޔާ ތިމަންނަ ބަރުދާސްތެއް ނުކުރާނަމޭ. އެއީ ތިމަންނަ ދަންނަ ކުއްޖެކޭ..” އެ ކުއްޖާ ދެއްކި ވާހަކަތަކުން ހިބާ އިތުރަށް އަޖައިބުވާ ގޮތްވިއެވެ.
“ވޯހް! އެހެންވެ އޭނަތަ ފުލުހުންނަށް ގުޅާފަ ސާރގެ ކޮމްޕްލެއިންޓެއް ކުރީ؟” އަނެއްކުއްޖާ އެހިއެވެ.
“ދެން ކާކު އެކަން ކުރާނީ؟ ފުލުހުން އައިއިރު ވެސް އެމީހުންނަށް ހިބާ ޝަހީދުގެ ރޫމް ނަންބަރާއި އެއްޗެހި އެނގޭ. އެއީ އަހަރެން ސާރއަށް އެ އިންފޯ ދިންއިރު އެމީހަކު އަޑުއަހައިގެން ހުރީތީ. އޭނައާއި އެ ވާހަކަތައް ދެކެވުނުތާ މިނިޓްތަކެއްގެ ތެރޭގަ ފުލުހުން އައިސް ސާރ ގޮވައިގެން ދިޔައީ. އިޓް ވޯޒް އިންޓެންސް!”
“އައި ސީ…ދެން ސާރ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގަތަ ހުރީ؟”
“އެހެންނެއް ނުވާނެދޯ؟ ސާރގެ ބައްޕައަކީ ނުލާހިކު ޕަވާރފުލް މީހެއް. އަސްލު ހިތްހަމަވެސް ނުޖެހޭ މިކަހަލަ ތަނެއްގަ ވޯކްކުރާކަށް. އެކަމަކު އެހެން ތަނަކުން ޗާންސް ނުލިބުނީމަ މިހުންނަނީ.”
އެކުއްޖާ މާޔޫސްކަމާއެކީ އެހެން ބުނެލުމުން ދެން ހުރި ކުއްޖާވެސް ހޫންލައްވައިލިއެވެ. ހިބާ އޭނަގެ ސަމާލުކަން ހޯދި ވާހަކަތައް ނިމުމުން ދުރަށް ނަޒަރު ހިންގައިލިއެވެ. އެކުދިންގެ އިޒުނައާއި ނުލައި އެކުދިންގެ ވާހަކަތައް އަޑު އެހުނީތީ ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އޭނަ ކުރިއަށް ހިނގައިގަތުމުން އެކުދިން ޖެހިލުންވުންތަކާއެކީ އޭނައަށް ބަލައި ކަރުކެހިލި ގޮތުން އެ އިޙްސާސް ދެގުނަވިއެވެ. އެހެންކަމުން ދެންމެ އިވުނު ވާހަކަތައް ހަނދާން ނައްތައިލަން ހިބާ ނިންމިއެވެ. އެހެނަސް އެކަންވީ ނާދިރު ކަމަކަށެވެ.
އިސްމާޢީލް އީތަން އޭނައަށް އަނިޔާއެއް ލިބެން އުޅޭކަން އެނގި އޭނަގެ ރައްކަލަށްޓަކައި ފިޔަވަޅެއް އެޅިކަން ޤަބޫލުކުރަން ފަސޭހަވިއެވެ. އެހެނަސް ހިބާ ޝަހީދަކީ ތިމަންނަ ދަންނަ ކުއްޖެއް ކަމަށާއި، އެކުއްޖާއަށް ގޮތެއްވެއްޖެނަމަ ބަރުދާސްތު ނުކުރާނެކަމަށް ބުނި ބަސްތަކުގެ ފަހަތުގައިވި ސަބަބު ދެނެގަންނަން ހިބާއަށް ދަތިވިއެވެ. އިސްމާޢީލް އީތަން އޭނަ ދަންނަ ކަމަށް ބުނާނީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެއީ އޭނައާއި ތަންކޮޅެއް ކުރިން މެއިލްއިން ވާހަކަ ދައްކާފައި ހުރުމުން ހެއްޔެވެ؟ އޭނައަށް ގޮތެއްވެއްޖެނަމަ ބަރުދާސްތު ނުކުރާނެ ކަމަށް ބުނެލީ އޭނަ ރައްކާތެރި ކުރުމަށްޓަކައި ދައްކައިލި ބިރެއްގެ ގޮތުގައި ހެއްޔެވެ؟ އެ ސުވާލުތަކަށް ހިބާއަށް ހިތާހިތުން އާނއެކޭ ބުނެވުނު ހިނދު އިސްމާޢީލް އީތަންއަކީ އިންސާފަށް ލޯބިކުރާ އިންސާނެއް ކަމަށް ހިތާހިތުން ކިޔައިލެވުނެވެ. އޭނައަކީ ބީރައްޓެއްސަކަށް ވީއިރުވެސް އިސްމާޢީލް އީތަން އޭނައަށްޓަކައި ރޭ ކޮށްދިނީ ހާދަ ބޮޑު ކަމެކެވެ. އެކަމާއިމެދު ވިސްނަން ހުރެ ހިބާއަށް އިސްމާޢީލް އީތަންއަށްޓަކައި ހިތާހިތުން ދުޢާކުރެވުނެވެ.
ދުނިޔޭގައި އާސިފް ކަހަލަ ގޯސް މީހުން ތިބޭ ފަދައިން ރަނގަޅު މީހުންވެސް އުޅޭކަން އެނގުންވީ ހިނދު ހިބާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ހިބާ ހޮޓެލުން ނިކުމެ ޕޭވްމެންޓް މަތިން ލަސްލަހުން ހިނގަމުން ދިޔައީއެވެ. އެއީ ފުދޭވަރަކަށް ހެނދުނުގެ ވަގުތަކަށްވުމުން މަގުމައްޗަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. އެހެނަސް ދޭތެރެއަކުން ސައިކަލެއް ގޮސްލާތަން އެހެންނޫނީ ބަޔަކު ޕޭވްމެންޓްމަތިން ހިނގާފައި ދާތަން ފެންނަމުން ދިޔައެވެ.
ހިބާ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ދަނިކޮށް ފިޔަވަޅުތައް ލަސްވެގެން ދިޔައީ މަގުގެ އެއްފަރާތުން ޗޮކްލެޓް ފިހާރައެއް ފެނިގެން ދިޔުމުންނެވެ. ފިހާރައިގައި ހުރި ޗޮކްލެޓް އިޝްތިހާރު ކުރުމަށްޓަކައި ދައްކާފައިވި ފޮޓޯއިން ފެންނަމުން ދިޔައީ ޗޮކްލެޓުން ފުރިފައި ހުރި ހަދިޔާއެއް ފިރިހެނަކު އަންހެނަކަށް ދޭތަނެވެ. ލޯބިވާ ވާހަކަ ބުނުމަށްޓަކައި އެ ފިހާރައިން ޗޮކްލެޓްގެ އެކި ޕެކޭޖްތައް ލިބޭނެ ވާހަކަ އޮތްތަން ފެނިފައި ހިބާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އިސާހިތަކު ހިބާގެ ހަނދާނަށް އަންނަން ފެށީ ފިރިހެން ކުއްޖަކު އޭނައަށް ލޯބި ހުށަހެޅުމަށް ކުރި މަސައްކަތެވެ. އޭނަގެ ހަނދާނަށް އަންނަން ފެށީ އޭނަ ފަރުވާކުޑަ ގޮތަކަށް ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖަކަށް ލޯބި ހުށަހެޅި ދުވަހެވެ.
“ކީއްތިކުރަނީ؟” ހިބާ އެދުވަހު ބައްޕަގެ ކޮޓަރީގެ ދޮރު ހުޅުވައިލަމުން އެ ކޮޓަރިއަށް ވަނުމާއެކު ފެނިގެން ދިޔައީ ދާރިސް ސިއްސައިގެން ދިޔަތަނެވެ. ސިއްސައިގެން ދިޔައިރު ހިބާއަށް ވެސް ކޮމްޕިއުޓަރު ސްކްރީން ކުޑަކޮށް ފެނިގެން ދިޔައީތީ އިންޓަނެޓް ވިންޑޯއެއް ކްލޯޒްވެގެން ދިޔަތަން ހިބާއަށް ވެސް ފެނުނެވެ.
“ކިހިނެއްވީ؟” ދާރިސްގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން ހިބާއަށް އަހައިލެވުނެވެ. އެއާއިއެކު ދާރިސް ކުއްލި ގޮތަކަށް ގޮނޑިން ތެދުވެލިއެވެ.
“ހިބާ…ބޭނުންކުރަންދޯ؟” ދާރިސް އެހެން ބުނެލީ އޭނައަށް ބަލަމުން ނުބަލަމުން ކޮމްޕިއުޓަރަށް ޢިޝާރާތް ކުރަމުންނެވެ. އެވަގުތު އޭނަގެ ނޭވާ ވެސް ކުރުވެފައިވިހެން ހިބާއަށް ހީވިއެވެ.
ހިބާއަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ދާރިސް އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ހިބާ އެއްފަހަރު ދާރިސް ދިޔަ ދިމާލަށް އަނެއްފަހަރު ކޮމްޕިއުޓަރަށް ނަޒަރެއް ދެމުން ކޮމްޕިއުޓަރާއި ދިމާލަށް ދިޔައެވެ. އޭނަ ޙަޤީޤަތުގައި އެ ކޮޓަރިއަށް ދިޔައީ ދާރިސް އެ ކޮޓަރީގައި ހުރިކަން އެނގިގެން ދާރިސްއަށް ގޮވައިލުމަށެވެ. މެންދުރު ކާ ގަޑީގައި ދާރިސްއަށް ގޮވުމަށް ބައްޕަ އަބަދުވެސް އޭނަ ގާތު ބުނެފައިވާތީވެއެވެ.
އެހެނަސް ދާދި ދެންމެއަކު ދާރިސްއަށްވީ ގޮތް ފެނިފައި ކޮމްޕިއުޓަރު ދޮށުގައި ގޮސް އިށީނެވެ. އެއަށްފަހު އިންޓަނެޓް ބްރައުޒާރ ހުޅުވައިލުމަށްފަހު ހިސްޓްރީއަށް ދިޔައީ ދެންމެ ދާރިސް ނެޓުން ބަލަމުން ދިޔައީ ކޯޗެއްކަން އެނގެން ބޭނުންވި މިންވަރުންނެވެ. ހިސްޓްރީ ލޯޑްވަމުން ދިޔަ ވަގުތު ހިތަށް އުދަގޫވަމުން ދިޔައީ ދާރިސް ނުބައި އެއްޗެއް ސާރޗްކޮށްފައި ހުރެދާނެތޯ ހިތަށްއެރުމުންނެވެ. އެހެނަސް މާ ގިނައިރެއްނުވެ ސާރޗް ހިސްޓްރީ ފެނިގެން ދިޔުމުން ހިބާ ހުއްޓުންއެރިއެވެ. މުޅިންހެން ލޯތްބާއި ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވާ ލިންކްތަކަށް ގޮސްފައި ހުރުމުންނެވެ.
ހިސްޓްރީގެ ތެރެއިން ސްކްރޯލް ކުރަމުން ހިބާއަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ. ތިރިއަށް ސްކްރޯލް ކުރަމުން ގޮސް ދާރިސް އެދުވަހު މެންދުރު އޭނަ ބޭނުންވާ ކަންތައް ސާރޗްކުރަން ގޫގުލްގައި ޓައިޕްކޮށްފައިވާ ބަސްތައް ކިޔައިލެވުނެވެ.
“ވަޓް ޑަޒް އައި ލަވް ޔޫ މީން؟”
“ހައު ޓު ރެސްޕޮންޑް ޓު އައި ލަވް ޔޫ؟”
“ވަޓް ޑަޒް އިޓް މީން ވެން ޔުއާރ ގާރލް ފްރެންޑް ސޭއިސް އައި ލަވް ޔޫ؟”
“ވަޓް ޑަޒް އިޓް މީން ވެން އަ ގާރލް ހޫ އިޒް ޔުއަރ ފްރެންޑް ސޭއިސް އައި ލަވް ޔޫ؟”
ހިބާއަށް އެ ބަސްތައް ކިޔައި ނިމުނުއިރު އިތުރަށް ހެވުނެވެ. އޭނައަށް ލޯބި ހުށަހެޅިގެން މިއުޅެނީ ވަރެއްގެ ފިރިހެން ކުއްޖަކަށްތާއޭ ހިތަށްއެރިއެވެ. ހިބާ ދެންވެސް ދާރިސް ހުޅުވާފައި ހުރި ލިންކްތަކުގެ ޞުރުޚީތައް ކިޔުނެވެ. އޭގެ ތެރޭގައި ގިނައިން ހިމެނުނީ ލޯބީގެ މާނައާއި ގުޅޭ ޞުރުޚީތަކެވެ. އަދި އަންހެން ކުއްޖަކު ލޯބި ހުށަހެޅުމުން އެއަށް ޖަވާބުދޭނެ ގޮތްތަކާއި ގުޅޭ ޞުރުޚީތަކެވެ.
ހިބާ އޭގެ ތެރެއިން ބައެއް ލިންކްތައް ހުޅުވައި މަތި މަތިން ބެލިއެވެ. އެހެނަސް އޭނަގެ ސަމާލުކަން ހޯދި އެއް ލިންކަކަށްވީ، ދާރިސް ތަކުރާރުކޮށް ހުޅުވާފައި ހުރި ލިންކެވެ. އެ ލިންކުގައި ލޯބި މާނަކޮށްފައި އޮތް ގޮތުން ހިބާގެ ގައިން ހީބިހި ނެގިއެވެ. ދާރިސް އޭތި ކިޔާފައި އޭނަ އެދުވަހު ހުށަހެޅި ލޯބީގެ މާނަ ނަގާނީ އެހެންތޯ ހިތާހިތުން ސުވާލުކުރެވުނެވެ.
އެހެނަސް އެދުވަހު އޭނަ ލޯބި ހުށަހެޅީ ދާރިސްއާއެކީ މުޅި ޢުމުރު ހޭދަކުރާކަށް ނޫނެވެ. އެ ޚިޔާލުން ވެސް ހިބާއަށް އުދަގޫވާ ގޮތްވިއެވެ. ދާރިސްއަކީ އޭނައަށް ކަމުދާ ޒާތެއްގެ ފިރިހެން ކުއްޖަކަށް ނުވާތީވެއެވެ. މިއަދު އޭނަ ދާރިސްއަށް ލޯބި ހުށަހެޅީ ރައުފްއަށް ދެއްކުމަށެވެ. އެހެނަސް ރައުފްގެ ކުރިމަތީގައި ދާރިސް އޭނައަށްޓަކައި ވާހަކަ ދައްކައިލި ގޮތުންނާއި، ދާރިސްއާއިމެދު އެތާ ބަލަން ތިބި އަންހެން ކުދިންގެ ނަޒަރިއްޔާތު ވެސް ބަދަލުވެގެން ދިޔަކަން އެނގުމުން ދާރިސްއަށް ހިބާ ޝައުޤުވެރިވީއެވެ. ދާރިސްއާއި އޭނަ ރައްޓެހިވެއްޖެނަމަ އޭނަ އުފާވާނެކަމަށް ބުނެލީ ހަމަ ޙަޤީޤަތަށެވެ.
އެހެނަސް އޭނަ އެ އުފާވެރިކަން އުއްމީދުކުރަނީ އެދެމެދުގައި ވާނެ ލޯތްބަކަށް ވުރެ ބޮޑަށް، އެ ގުޅުމުގެ ސަބަބުން އެހެން މީހުން އޭނައާއި މެދު ބަހައްޓާނެ ނަޒަރިއްޔާތުންނާއި ލިބޭނެ މަޝްހޫރު ކަމުންނެވެ. ރައުފް ކަހަލަ ފިރިހެން ކުއްޖަކާއި ރައްޓެހިވި ފަހުން މީހުން އޭނައަށް ދިން ކަހަލަ ‘ޤަދަރެއް’ އަލުން ހޯދުމުގެ އެދުމެއް ހިތުގައިވިއެވެ. ރައުފް އޭނަ ދޫކޮށްލުމުން އޭނަގެ އަގެއް ނެތްހެން ހީވި ފަދަ އިޙްސާސަށް ނިމުމެއް ގެންނަން ބޭނުންވިއެވެ. އެހެންނޫނީ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް އަދިވެސް އޭނަގެ އަގެއް ހުރިކަން ރައުފްއަށް ދައްކަން ބޭނުންވީއެވެ.
އަމިއްލަ އަގު ވަޒަން ކުރެވެނީ ފިރިހެން ކުއްޖަކާއި ގުޅުމުން ނޫންކަމެއް އޭރު ހިބާއަށް ނުވިސްނެއެވެ. ހިތުގައިވި ޒަޚަމްތަކުގެ ސަބަބުން އެފަދަ ގޮތަކަށް ޢަމަލުކުރަން އޭނަގެ ސިކުނޑިއަށް މަޖުބޫރުވެފައިވި ފަދައެވެ. އޭނަގެ ހިތުގެ ވެރިއަކަށް ރައުފް ހަދާފައިވުމުން ރައުފް އޭނައާއިމެދު ރުހޭނެ ގޮތަކަށް ކަންތައް ކުރުމަށް ފިޔަވަޅުތައް އެޅެމުން ދިޔައީއެވެ. ހިތުގެ ރައްބެއްގެ ގޮތުގައި ﷲ އާއި އެހެން ފަރާތެއް އެއްފަދަ ކުރުމުން އޭނަ އެ ނިކަމެތި އަޅުވެތިކަމުގައި ބެދިފައިވި މިންވަރު އޭރު ހިބާއަށް އިޙްސާސެއް ނުކުރެވެއެވެ.
އެހެންކަމުން ހިބާ ވަކި މާ ބޮޑު ވިސްނުމެއްނެތި އޭނަގެ ރޭވުމާއިގެން ކުރިއަށް ދިޔައެވެ. ހިބާ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ދާރިސް އޭނައަށް ޖަވާބެއް ދޭނެ އިރަކަށެވެ. އެ އިންތިޒާރުގައި ރައުފް އޭނަގެ އާ ލޯބިވެރިޔާއަށްޓަކައި ކަންތައް ކޮށްދެމުންދާ މަންޒަރުތައް ފެނި ދެރަވެސް ވަމުން ދިޔައެވެ. އެއްދުވަސްވަރެއްގައި ހަމައެކަނި އޭނައާއި ވާހަކަ ދެއްކުމަށްޓަކައި ރައުފް އޭނަ ގެންގޮސް އުޅުނު ތަނަށް އެކުއްޖާ ގެންދާ މަންޒަރާއި، އެ ކުއްޖާއަށް ހަދިޔާތައް ގެނެސްދޭ ގޮތާއި އެ ކުއްޖާއާއެކީ ހީ ސަމާސާކޮށް ހަދާތަން ފެނި ހިތާމަ ކުރެވެމުން ދިޔައެވެ. އެ ޚިޔާލުތަކުގައި އޭނައަށް އެކި ދުވަސްމަތިން ރޮވެމުން ވެސް ދިޔައެވެ. އެހެނަސް އެކަން އެއްވެސް މީހަކަށް ނުދައްކައި ވެވޭތޯ ހިބާ ބެލިއެވެ.
އެ ހިތާމައިގެ ތެރެއިން ހިބާ ކަންބޮޑުވެސް ވާންފެށީ ދާރިސް އޭނަގެ ހުށަހެޅުމަށް ޖަވާބެއް ނުދީ މާ ގިނަ ދުވަސްވާން ފެށުމުންނެވެ. ކުރީ ކޮޅު ދާރިސް އޭނަ ހުންނަ ތަންތާނގައި ލަދުން ގޮސް އެއްޗެކޭ ވެސް ބުނަން ނުކެރިފައި ހުންނަ މަންޒަރު ހިބާއަށް ފެނުނެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އޭގެ ހަފްތާއެއްހާ ދުވަސްފަހުން ދާރިސްއާއި އޭނަ ދިމާވާ ކޮންމެ ފަހަރަކު ދާރިސްގެ މޫނުމަތިން ހިބާއަށް ފެންނަން ފެށީ ހިތްހަމަނުޖެހުމެކެވެ. އެއީ ކީއްވެކަން ދެނެގަންނަން ހިބާ ނުކުޅެދުނެވެ. ކަންވެގެން އުޅޭ ގޮތުގެ ހިލަމެއް ހިބާއަށް ކިރިޔާވެސް ވީ އެއްދުވަހު އޭނަ ބަލިވެގެން ސްކޫލަށް ނުދެވުނު ދުވަހެއްގައި ކަންތައްވީ ގޮތުންނެވެ.
އެދުވަހުގެ މެންދުރު ހިބާގެ އެކުވެރިއަކު ސްކޫލުން ގެއަށް ގޮސް އޭނަގެ ޙާލު ބެލުމަށްޓަކައި ގޭގެ ފޯނަށް ގުޅިއެވެ. ހިބާ ސިޓިންގް ރޫމަށް ގޮސް ޓީވީ ރެކްގެ ގޮޅިއެއްގައި ބެހެއްޓިފައި ހުރި ފޯނުގެ އަތްގަނޑު ނަގައި ވާހަކަ ދެއްކިއެވެ.
“ހެލޯ ހިބާ….ހާދަ ގިނައިންނޭދޯ މިހާރު ތި އެބްޒެންޓްވަނީ؟ ބޮޑުކަމެއް ދިމާވީތަ؟” އެކުވެރިޔާ އެހިއެވެ.
“ނޫނޭ ހަމަ ދޭތެރެދޭތެރެއިން ބަލިވާ ގޮތްވަނީ…” ހިބާ ބުންޏެވެ. އޭނަ އެދުވަސްކޮޅު އެހާ ގިނައިން ބަލިވާކަން އެނގުންވީ ވެސް އެވަގުތެވެ.
“ހުމް ދެން ރަނގަޅުތާ….ބަލިވެގެން ގޭގައި ހުއްޓަސް ލޯބިވާ ކުއްޖާއާއެކީ ވިއްޔާ ތި ހުންނަނީ. އަޅެ އޭނަ ޖަވާބެއް ދީފިތަ؟”
“އަދި ނުދޭ….”
“އެހެންތަ؟ އޭނަ އަނެއްކާ ހިބާދެކެ ލޯބިވޭތަ؟”
“އޮފްކޯސް އޭނަވެސް އަހަރެން ދެކެ ލައިކްވެއޭ. އައި ޓޯލްޑް ޔޫ އެއްނު؟ ދާރިސް ގޭގަ އުޅޭއިރު ވެސް އަހަރެން ފެނިފަ ލަދުން ގޮސް ހަލާކުވާވަރުވެފަ ހުންނަނީ. ޓު ބީ އޮނެސްޓް ހީ އިޒް ނޮޓް އިވެން މައި ޓައިޕް. އެކަމަކު ބަލައްޗޭ އަހަރެން ދާރިސްއާ ރައްޓެހިވެގެން ރައުފް ޖޭ ކުރުވާނަން. ރައުފްއާ އޭނަ މިހާރު އެ ގެންގުޅޭ ގާލްފްރެންޑް ވެސް ޖޭވާނެ އަހަރުމެން ފެނިފަ!”
ހިބާ ހިނިތުންވުމަކާއިއެކީ އަޑަށް ސާބިތުކަން ވެރިކުރުވަމުން އެހެން ބުނެލީ އެހެން މީހަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް އެކަން ޔަޤީންކޮށްދިނުމަށެވެ. ހަމަ އެހިނދު ހިބާއަށް އެއްފަރާތަށް ބަލައިލެވުނު ވަގުތު ސްކޫލުން ގެއަށް ވަދެގެން އައި ދާރިސް އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. ދާރިސްގެ މޫނުމަތީގައިވި ސީރިއަސްކަން ފެނިފައި އިސާހިތަކު ހިބާގެ ހިނިތުންވުން ވެސް ފިލައިދިޔައެވެ. އަވަސްއަވަހަށް އެކުވެރިޔާގާތު ފަހުން ގުޅާނެ ކަމަށް ބުނެ ފޯނު ބޭއްވީ، ދެންމެ އޭނަ ދެއްކި ވާހަކަތައް ދާރިސްއަށް އިވި ދާރިސް ހިތްހަމަނުޖެހިފައިވިހެން ހީވުމުންނެވެ.
ހިބާއަށް ވަގުތުން ދާރިސްގެ ނަމުން ގޮވަމުން ދާރިސްއާއި ދިމާލަށް ދެވެން ފެށިއެވެ. ދާރިސްއާއި ގާތްވަމުން ދިޔަދިޔަހެން ދާރިސް ދާން އުޅުމުން ހިބާ އޭނަގެ އަތުގައި ހިފެހެއްޓިއެވެ.
“ދާރިސް އައި ޕްރޯމިސް އައި ޑިޑްންޓް މީން އިޓް. އައި މީން….އަސްލު ދާރިސް ތިއީ އަހަރެން ލައިކްވާ ޒާތުގެ ކުއްޖެއްނޫނ-“
“ދެން ކީއްވެ އެދުވަހު އެހެން ބުނީ؟” ދާރިސް ކުއްލި ގޮތަކަށް ސުވާލުކުރުމުން ހިބާ ހުއްޓުން އަރާ ގޮތްވިއެވެ. އެ މޫނުމަތިން ފެނިގެން ދިޔަ އަސަރުން ހިބާގެ މެއަށް ފިނިވާ ގޮތްވިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ހިބާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ވާހަކަ ދެއްކިއެވެ.
“އެއީ އަހަރެން އެދުވަހު ވެސް ބުނިހެން ދާރިސްއާއެކީ އުޅުނިއްޔާ އަހަރެން ހެޕީވާނެހެން ހީވީތީ. ދާރިސް އަހަރެން ހެޕީކޮށްދޭނެކަން ޔަޤީން ކުރެވުނީތީ…” ހިބާ ދެންވެސް ދާރިސްގެ އަތުން ދޫކުރުމެއްނެތި ބުންޏެވެ. ދާރިސް މިފަހަރު އޭނަގެ ވާހަކަ އިވިފައި މައްޗަށް ނަޒަރު ހިންގައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ހިބާގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ.
“އަހަރެން އެދުވަހު ބުނި ވާހަކައަށް ޖަވާބެއް ނުދޭނަންތަ؟” ހިބާ ސުވާލުކުރިއެވެ. އެއާއިއެކު ދާރިސް އަނެއްކާވެސް އޭނައަށް ނަޒަރު އަމާޒުކުރެވޭތޯ ބެލިއެވެ.
“ޖަވާބުދޭން ބޭނުން. އެކަމަށްޓަކައި ވަރަށް ތައްޔާރުވެސް ވިން. އެކަމަކު ހިބާއަށް އެކަން ނޯޓިސްވީހެން ހިއެއްނުވޭ. އެންޑް ޔޫ އާރ ނޮޓް ރެޑީ ޓު ހިއާރ އިޓް!” ދާރިސް ހިސާބެއްގެ ހިތާމަވެރިކަމާއެކީ ބުންޏެވެ. ދާރިސްގެ އެ ވާހަކަ ދޭހަކުރަން ނޭނގިފައި ހުރެވުނު ހިބާއަށް އޭނަގެ އަތަށް ދުލެއް ދެވުނެވެ. ހަމަ އެހިނދު ދާރިސް އަމިއްލަ އަތް ދަމައިގަންނަމުން ހިބާއާއި ދުރަށްދާން ހިނގައިގަތެވެ. އެއާއިއެކު ހަމަހޭވެރިކަމެއް ލިބުމުން ހިބާއަށް ދާރިސްގެ ނަމުން ގޮވައިލެވުނެވެ. އެހެނަސް ދާރިސް އޭނައަށް ބެލުމެއްނެތި އޭނައާއި ދުރަށް ދިޔައީއެވެ.
އެވަގުތުކޮޅު ހަނދާންވެގެން ދިޔަ ހިބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭރު އޭނަގެ އަމިއްލަ އެދުން ބޮޑުވެފައިވި މިންވަރު އެވަގުތު ވެސް އިޙްސާސް ކުރެވުމުންނެވެ. އެހެނަސް އެކަމުގެ ތެރެއިން ވެސް އޭނައަށް ގިނަގުނަ ފިލާވަޅުތައް ލިބިގެން ދިޔައެވެ. ވަކިން ޚާއްޞަކޮށް އެދުވަހު ދާރިސް އެ އެޅި ފިޔަވަޅުގެ ސަބަބުންނެވެ. އޭނަ ދިމާވެފައިވާ ހުރިހާ ފިރިހެން ކުދިންގެ ތެރެއިން ދާރިސް ތަފާތުވާ ސަބަބަކީ އެއީއެވެ. އޭނަގެ މުޅި ޙަޔާތް ބަދަލުވާން ފެށީ އެދުވަހަށްފަހު ދާރިސް ކަންތައް ކުރި ގޮތުން ކަމަށްވުމުންނެވެ.
ހިބާ އެ ޚިޔާލުތަކުގައި ވަނިކޮށް ސިހިގެން ދިޔައީ ހެދުމުގެ އެއްފަރާތުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ހިބާ ފޯނު ނަގައި ބަލައިލިއިރު ސްކްރީނުން ފެނިގެން ދިޔައީ ފަރީދުބެ ގެ ނަމެވެ. ހިބާ ވަގުތުން ފޯނު ނަގައި ޖަވާބު ދިނީ ފަރީދުބެ ގުޅީ ރޭ ކަންތައް ވީގޮތާއިމެދު ސުވާލުކުރަން ކަމަށް ހީކުރަމުންނެވެ. އެހެނަސް…
“އާނ ހެލޯ ހިބާ…ކޮންތާކު ތިއުޅެނީ؟ ރޫމްގަ ބެލް އެޅުވީމަ ޖަވާބެއް ނުލިބުނީމަ މި ގުޅައިލީ.” ފަރީދުބެ ވާހަކަ ދެއްކީ ރޭގެ އެއްވެސް ޚަބަރެއް ލިބިފައިނުވާ ފަދައަކުންނެވެ.
“އަ…އާނ ބޭބޭ…އަހަރެން މިއުޅެނީ ހޮޓެލާއި ކައިރި ހިސާބެއްގަ ބޭރުގަ. ކުޑަކޮށް ހިނގައިލަން ނިކުމެލީ…” ހިބާއަށް ވާހަކަ ދެކެވުނީ ޖެހިލުންވުމަކާއި އެކީގައެވެ. ފަރީދުބެގެ އަޑުން ބޭބެ ނޭނގޭކަމަށް ހެދެނީހެން ހީވި ގޮތުންނެވެ.
“ސައިބޮއިފިންތަ؟” ފަރީދުބެ އެހިއެވެ.
“ނޫނޭ އަދި ނުބޮން….”
“އެހެންވެއްޖެއްޔާ އާދޭ. ތިރީގައި ހުރި ރެސްޓޯރެންޓުން ބޭބެއާއިއެކީ ސައިބޯލަން.”
ފަރީދުބެ ބުންޏެވެ. ހިބާ އެ ވާހަކައަށް ހޫންލައްވައިލީ، ސްވިޓްޒަލޭންޑަށް ދިޔުމުގެ ފުރުސަތު އޭނައަށް ލިބުނު ވާހަކަ ހިތުގައި ބާއްވަމުންނެވެ. އެވަގުތު ފަރީދުބެގެ ތަބީޢަތް ގޯސްވެފައި ހުރިހެން ހީވުމުން ފޯނުން އެފަދަ ވާހަކައެއް ބުނަން ބޭނުމެއް ނުވީއެވެ. ފަރީދުބެ ވެސް ރެސްޓޯރެންޓުން އޭނައާއި ދިމާވުމުން ދައްކަންޖެހޭ އިތުރު ވާހަކަތަކެއް ހުންނާނެ ކަމަށް ހިބާ ހީކުރިއެވެ.
އެހެނަސް ރެސްޓޯރެންޓުގެ މޭޒުދޮށެއްގައި ސައިބޮމުން ދިޔަ ވަގުތުވެސް ފަރީދުބެގެ ފަރާތުން ހިބާއަށް ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ސްވިޓްޒަލޭންޑް ދަތުރުގެ ވާހަކަ ބުނުމުން ފަރީދުބެ ހިނިތުންވެ އެހެންހޭ އަހައި މަރުޙަބާ ކިޔުނެއްކަމަކު އެ ހިނިތުންވުން ބޭބެގެ ލޮލާއި ހަމައަށް ނުފޯރައެވެ. އެކަމާއިމެދު ސުވާލުކުރަން ހިބާ ބޭނުންވިއެއްކަމަކު ހިތްވަރު އެއްނުކުރެވުނެވެ. ރޭ ކަންތައް ހިނގިގޮތް ބޭބެއަށް އެނގޭކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައީތީވެއެވެ. އެކަމަށްޓަކައި ބޭބެއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީކަމެއް ނޫނީ އެހެން ސަބަބެއް އޮތީކަމެއް ހިބާއަށް ޔަޤީނެއް ނުކުރެވުނެވެ.
އެހެންކަމުން ހިބާ އިތުރަށް އެކަމާއިމެދު ނުވިސްނޭތޯ ބެލިއެވެ. އެކަމާއިމެދު ވިސްނުމުން އޭނަ ހަނދާނަށް ގެންނަން ބޭނުންނުވާ ރޭގެ މަތިން ވެސް ހަނދާންކުރަން މަޖުބޫރުވާތީވެއެވެ. އެހެންކަމުން ހިބާ އޭގެ ބަދަލުގައި ދަތުރު ހެދުމުގެ ކަންތަކުގައި މަޝްޣޫލުވިއެވެ. އެކަންތަކުގެ ތެރެއިން ހަމްނާއަށް ވެސް އޭނަ ބޭރަށްދާން އުޅޭކަމުގެ ޚަބަރުދީ ދޭތެރެދޭތެރެއިން ގުޅަމުން ދިޔައެވެ.
“ދެން މާދަމާތަ ފުރަނީ ދޮންތަ؟” ހަމްނާގެ އަޑު ހިބާއަށް އިވުނީ ރީތިވާ މޭޒުމަތީގައި ބާއްވާފައި އޮތް ފޯނުގެ ސްޕީކަރުންނެވެ.
“އާނ…..ޑޯންޓް ބީ ސޯ ހެޕީ އިނގޭ. އެކޮޅަށް ގޮއްސަ ވެސް ހަމަ މި ގުޅާ ވަރަށް ގުޅާނަން.” ހިބާ ވާހަކަ ދެއްކީ އެނދުމަތީގައި ހުޅުވާފައި އޮތް ހެދުން ފޮށްޓަށް ހެދުންތައް އަޅަމުންނެވެ.
“އެނގެއޭ….އައި ކާންޓް ހެލްޕް ބަޓް ތިންކް އިނގޭ ދޮންތާ…ތި އިސްމާޢީލް އީތަން ވެދާނެ ދޮންތަގެ ސްޓޯރީގެ މޭލް ލީޑްއަށް. ބަލާބަލަ އޭނަ ދޮންތައަށް މި ޗާންސް ހޯދައިދިން ގޮތް ކޫލްކަން.” ހަމްނާ ބުނެލި ވާހަކައިން ހިބާއަށް ކަޅި މައްޗަށް ހިންގައިލެވުނެވެ.
“ދިމާވާ ކޮންމެ ފިރިހެނަކު މޭލް ލީޑަކަށް ވާންވެއްޖެއްޔާ ސަލާމަތެއް ނެތެއްނު؟” ހިބާ ބުންޏެވެ. ހަމަ އެހިނދު އާސިފްގެ ވާހަކަ އެއްވެސް ވަރަކަށް ހަމްނާ ގާތު ބުނެވިފައިނުވާ ކަމަށްޓަކައި ހިތާހިތުން ޙަމްދުކުރެވުނެވެ.
“ޓްރޫ….އެހެންވެއްޖެއްޔާ ބުނެބަލަ…ދޮންތައަށް ކަމުދާނީ ކޮންކަހަލަ މޭލް ލީޑްއެއް؟ ޔޫ ނެވާރ ޓޯލްޑް މީއެއްނު؟ އޭރުން އެކަހަލަ މީހަކު ފެނުނިއްޔާ ހަމްވެސް ބުނާނަން.”
“ދޮންތައަށް ކަމުދާނީ….ޑީސެންޓްވެފަ މެޗުއާރ މީހަކު. ހެވާއި ނުބައިގެ ތަފާތު ރަނގަޅަށް އެނގި އެ ޢިލްމާއި އެއްގޮތަށް ޢަމަލުކުރާ މީހަކު. ދޮންތަ ވެސް ގޯސްކަމެއް ކުރަން އުޅުނިއްޔާ އެކަން ހުއްޓުވާނެ މީހަކު. އަދި ދޮންތައަށް ވެސް ނޭނގޭ ކަންތައް ދޮންތައަށް ދަސްކޮށްދޭނެ މީހަކު.”
ހިބާ ހިތުން އެ ވާހަކަތައް އެފަދައިން ބުނެލީ ހަމްނާއަށް ފިލާވަޅެއް ދަސްކޮށްދިނުމަށެވެ. ހަމްނާވެސް ހޯދަންވާނީ އެފަދަ މީހެއްކަމަށް ވިސްނައިދިނުމަށެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އޭނަ ބުނަމުން ދިޔަ ފަހު ޖުމްލަތަކާއިއެކީ އޭނަގެ ޙަރަކާތްތައް ލަސްވެގެން ދިޔައީ އެފަދަ ސިފަތަކެއްގެ ވެރިއެއް އޭނަގެ ހަނދާނަށް އަންނަން ފެށުމުންނެވެ. އާނއެކެވެ. އެއީ ދާރިސް ނޫން ދެވަނަ މީހެއްނޫނެވެ. އެފަދަ ވަގުތެއްގައި އޭނަ ދާރިސް ހަނދާންވާންވީ ކީއްވެތޯ އަމިއްލަ ނަފްސާއި ސުވާލުކުރެވުނު ވަގުތު ރޫމްގެ ބެލް އަޅުވައިލެވުނު އަޑު އިވުނެވެ. އެ އަޑަށް ހަމްނާވެސް ކާކުތޯ އެހިއެވެ.
ހިބާ ގޮސް ރޫމުގެ ދޮރު ހުޅުވައިލިއިރު ދޮރުމަތިން ފެނިގެން ދިޔައީ ދިގު ކޯޓުތަކެއް އަތްމަތީގައި ބައިތިއްބައިގެން ހުރި ފަރީދުބެއެވެ.
“ޕެކްކުރަނީދޯ ދަރިފުޅު؟ މި އެއްޗެހި ވެސް އަޅާލައްޗޭ. މިއީ ބޭބެ ބޭރަށް ގޮއްސަ އުޅުނުއިރު ގަނެފަ އޮތް ދެ ކޯޓު. ފަހާ މީހަކަށް ދީގެން ތަންކޮޅެއް ކުޑަކޮށްފަ މިހާރު މި ހުންނާނީ. ހެޔޮވަރުތޯ ބަލާލައްޗޭ! ބޭބެ އަޑުއެހިގޮތުގަ ސްވިސްއަށް މިދުވަސްކޮޅު ހޫނު މޫސުން ވިޔަސް ތި ދާން އުޅޭ ޞަރަޙައްދު ތަންކޮޅެއް ފިނިވާނެ. ބައެއް ރޭތަކުގަ ވާރޭ ވެހި ވަރަށް ފިނިވާ ރޭތަކުގަ މަދުން ނަމަވެސް ސްނޯ ފައިބާ ކަމަށްވަނީ…” ފަރީދުބެ ބުންޏެވެ. އެ ވާހަކައަށް ހިބާ އެއްޗެކޭ ބުނުމުގެ ކުރިން ހަމްނާ ވާހަކަ ދެއްކިއެވެ.
“ސްނޯއޭ؟ އަޅޭ ދޮންތާ ހަމްއަށްދޭން ސްނޯކޮޅެއް ހިފައިގެން އަންނައްޗޭ!!!” ހަމްނާ ވާހަކަ ދެއްކި ރާގުން ހިބާއާއިއެކީ ފަރީދަށް ވެސް ހެވުނެވެ.
“އާނ….ހުރިހާ އައިސްކްރީމާއި ޗޮކްލެޓް ކާލާފަ ހަމްއަށްދޭން ސްނޯކޮޅަކާއި ފަރުބަދަކޮޅެއް ގެންނާނީ…” ހިބާ ނޫންކަމަށް ހަދަމުން ބުންޏެވެ. އެއާއިއެކު ހަމްނާ ރުޅިވާކަމަށް ހެދެމުން ނުއުޅެމޭ ކިޔައި ޓިއުޝަނަށް ދިޔައީއޭ ބުނެ ފޯނު ކަނޑައިލިއެވެ. އެއާއިއެކު އަނެއްކާވެސް ހިބާއަށް ފަރީދުބެއާއިއެކީ ހެވުނެވެ.
އެހިނދު ހިބާ ފަރީދުބެއާއި ދިމާލަށް ބަލައިލުމުން ފަރީދުބެ ހިތްހެޔޮ ހިނިތުންވުމަކާއިއެކީ އެ ކޯޓުތައް ހިބާއަށް ދިއްކޮށްލިއެވެ. ހިބާވެސް ފުރިހަމަ ހިނިތުންވުމަކާއިއެކީ ކޯޓުތައް ހޯދަމުން ޝުކުރު އަދާކުރިއެވެ. ފަރީދުބެ ތިމަންނަވެސް މިދަނީ ޕެކްކުރަން ކަމަށް ބުނުމުން ހިބާ ބޯޖަހައިލިއެވެ. ފަރީދުބެ ދާން ފެށުމުން ހިބާއަށް އެއްފަހަރު ބޭބެއަށް އަނެއްފަހަރު އެ ކޯޓުތަކަށް ބަލައިލެވުނެވެ. ފަރީދުބެ ކޮންމެ ސަބަބަކާއި ލައިގެން ހުރެ އެރޭގެ ވާހަކަ ނުދެއްކިޔަސް އެއީ ހަމަ އޭނަގެ ހިތްހެޔޮ ބޮޑުބޭބެތާއޭ ހިތަށްއެރިއެވެ. އެ ޚިޔާލާއިއެކީ ހިބާއަށް ހިނިތުންވެލެވުނީ ހިތާހިތުން ޙަމްދުކުރަމުންނެވެ.
**
ހިބާ ފަރީދުބެއާއިއެކީ ފުރަން ދިޔައީ އޭގެ އަނެއްދުވަހުގެ މެންދުރެވެ. އެއާރޕޯޓުގައި ގަޑިއިރުތަކެއް ހޭދަވީއިރު ހިބާ އޭނައާއެކީ އެކޮޅަށްދާ އެހެން 5 މުދައްރިސުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ދެ ބޭފުޅުންނާއި ވެސް ދިމާވިއެވެ. ހިބާވެސް އެ ދަތުރުގައި ދިޔުމަށް ހޮވުމުން ދަތުރާއި ގުޅޭ އެންގުންތައް އެންގޭ ވައިބާރ ގްރޫޕަށް އޭނަވެސް އެޑްކުރެވިފައިވުމުންނެވެ. އެ ގްރޫޕަށް ވަނުމާއިއެކު ހިބާއަށް މަރުޙަބާ ކިޔުނީ އޭނަގެ އެކުވެރި އަޔާނާއެވެ. އެ މުދައްރިސުން ހިބާއަށް މަރުޙަބާ ކިޔައި ހިބާއާއި އެކީގައި މަސައްކަތް ކުރަން ބޭނުންވާކަން ހާމަކުރިއެވެ. އަޔާނާ އެ މުދައްރިސުންނަށް ހިބާގެ ވާހަކަތައް އިތުރަށް ކިޔައިދީ ތަޢާރަފު ކޮށްލަދިނެވެ. އެއަށްފަހު އޭގެ ތެރެއިން އެއް މުދައްރިސެއްގެ ޚިޔާލެއްގެ މަތިން އެއާރޕޯޓުގައި މެންދުރު ކެއީ ވެސް އެއް މޭޒެއްގެ ދޮށުގައި ތިބެއެވެ. އެ ކެއުމުގެ ތެރެއިން އެ މުދައްރިސުންނާއި ވެސް ހިބާގެ ގުޅުން ބަދަހިވިއެވެ.
މި ހުރިހާ ކަމަކާހެދި މީގެ ދެ ދުވަސް ކުރިން ކަންތައްވި ގޮތާއިމެދު ހިބާ މުޅިންހެން ހަނދާން ނެތޭ ގޮތްވިއެވެ. އާސިފަކީ ދެން އޭނަގެ ޙަޔާތުން ފެނިގެންދާނެ މީހެއް ނޫންކަމަށް ނޭނގިނަމަވެސް އޭނަގެ ސިކުނޑީގެ ކަނަކުން ޤަބޫލުކުރެވިފައި ވުމުންނެވެ. އެ ވާހަކަ ސާފުކޮށް ފަރީދުބެ ބުނެފައި ނުވިޔަސްމެއެވެ.
ސްވިޓްޒަލޭންޑަށް ދިޔުމަށްޓަކައި ހިބާ ފަރީދުބެއާއި އެހެނިހެން މުދައްރިސުންނާއިވެސް އެކީ ފްލައިޓަށް އެރީ މެންދުރު 2 ޖެހި ވަގުތެވެ. ފްލައިޓްގައި ހިބާ ފަރީދުބެގާތު އެދުމަށްފަހު އިށީނީ އަޔާނާ ކައިރީގައެވެ. ދަތުރު ފެށެން ކައިރިވަމުން ދިޔަ ވަގުތު ހިބާ އާދައިގެ މަތިން ދަތުރު ދުޢާ ކިޔައިލިއެވެ. އަދި ހަމަ އެއާއިއެކު އޭނަ ފުރަތަމަ ފަހަރަށް ޤައުމުން ބޭރަށް ކުރަން މިއުޅޭ ދަތުރަކީ، އޭނައަށް ގިނަގުނަ ކަންތައް ދަސްވެ އޭނަގެ ޙަޔާތަށް އިތުރު ބަރަކާތެއް ގެނެސްދޭ ދަތުރަކަށް ލެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. އެ ދުޢާ އިޖާބަވާނީ ކިހާ ފުރިހަމައަށްކަން އެވަގުތު ހިބާއަށް ރޭކާވެސް ނުލައެވެ.
10 ގަޑިއިރުގެ އެ ދިގު ދަތުރުގެ ވަކި ހިސާބަކުން ހިބާއަށް ނިދޭ ގޮތްވިއެވެ. ހިބާއަށް ހޭލެވުނީ ފްލައިޓްގެ ޕައިލެޓް މަންޒިލާއި ގާތްވަމުން ދިޔަ ވާހަކަ އަންގަން ފެށުމުންނެވެ. ހިބާ ލޯ ހުޅުވައިލުމަށްފަހު ކުޑަދޮރުން ބޭރު ބަލައިލިތަނާހެން ލިބުނު ޙައިރާންކަމާއިއެކީ ލޯ ރަނގަޅަށް ހުޅުވައިލެވުނެވެ. އަދިވެސް ރޭގަނޑު ނުވަނީތޯ އަހައިލެވުނީ އުޑުމަތިން އަލިކޮށް ފެންނަމުން ދިޔައީތީވެއެވެ. އެވަގުތު ސްވިޓްޒަލޭންޑްގެ ގަޑިން 9 ޖެހީ ކަމަށާއި، އެއީ އެދުވަސްކޮޅު އެ ޤައުމަށް އިރުއޮއްސޭ ވަގުތުކަމަށް އަޔާނާ ބުންޏެވެ. އެއާއިއެކު އެކަން ޤަބޫލުކުރެވުނެއްކަމަކު ދެންވެސް ޙައިރާންވެފައި ހިބާއަށް ބޭރު ބަލަން އިނދެވުނެވެ.
ދުވަހަކުވެސް ފެނިފައި ނުވާފަދަ ބޮޑު އެއާރޕޯޓަކަށް ފްލައިޓް ތިރިކުރަމުން ދިޔަ ވަގުތު ވެސް ހިބާއަށް އެސްފިޔަ ޖަހައިލުމެއްނެތި ބޭރު ބަލަން އިނދެވުނެވެ. ފްލައިޓުން ފައިބަންވުމުން ސީޓުން ތެދުވަން ހިބާއަށް އެނގުނީވެސް އަޔާނާ ބުނުމުންނެވެ. އެއާއިއެކު ފްލައިޓް ތެރެއިން ބޮޑުބޭބެއަށް ވެސް ޢިޝާރާތެއް ކޮށްލުމަށްފަހު އަޔާނާގެ ފަހަތުން ހިބާ ދިޔައެވެ.
އެހެނަސް ލަގެޖް ނެގުމަށްފަހު ހިބާ ކިތަންމެ ބޭނުމެއްނުވިޔަސް އަޔާނާއާއި އެހެން މުދައްރިސުންނާއި އޭނަ ވަކިވާން ޖެހުނެވެ. އެމީހުން ދަނީ ވަކި ހޮޓެލަކަށް ކަމަށްވެފައި ހިބާ ދާންޖެހެނީ އިސްމާޢީލް އީތަންގެ ގެއަށް ކަމަށްވުމުންނެވެ. އެކަން އެގޮތަށް ހަމަޖެހިފައިވުމުން އެވަގުތު ހިބާގެ ހިތްހަމަނުޖެހުނެވެ. އޭނަވެސް ބޭނުންވީ އެހެން މުދައްރިސުންނާއިއެކީ ވަގުތު ހޭދަކުރާށެވެ. އެހެނަސް މި ފުރުސަތު އޭނައަށް ލިބިގެން ދިޔައީ ވެސް އާދަޔާ ޚިލާފު ގޮތަކަށް ކަމަށްވުމުން ޝަކުވާކުރުމުގެ ބަދަލުގައި ޝުކުރުކުރަން ހިބާ ނިންމިއެވެ.
އެހެން މުދައްރިސުން އެމީހުންގެ ހޮޓެލަށް ދިޔުމަށް ހިނގައިގަތްތާ މާ ގިނައިރެއްނުވެ ޓާރމިނަލްގައި ބޮޑު ގަނޑެއް ހިފަހައްޓައިގެން ހުރި ދޮން ފިރިހެނަކު ފަރީދުބެ އޭނައަށް ދެއްކިއެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އެ ޒުވާނާ ހިފަހައްޓައިގެން ހުރި ގަނޑުގައި އޮތީ ‘ޢައިޝަތު ހިބާ ޝަހީދު’ އެވެ. އެއާއިއެކު ހިބާ ފަރީދުބެއާއި އެކީ އެމީހާގެ ކައިރިއަށް ދިޔައެވެ.
ހިބާ ފަރީދުބެއާއި އެކީ އެމީހާގެ ކައިރިއަށް ގޮސް ހުއްޓިލުމާއި އެކު އެމީހާ ފުރިހަމަ ހިނިތުންވުމަކާއިއެކީ ވާހަކަ ދެއްކިއެވެ.
“ސަލާމް….ތިއީ ހިބާ ޝަހީދާއި، ޝަހީދު ދެއްތޯ؟” އެމީހާ ދެމީހުންނަށް ބަލަމުން އިނގިރޭސިން ކޮށްލި ސުވާލުން ހިބާގެ ދެބުމަ ކައިރިވިއެވެ. ބައްޕަގެ ނަން އިވިފައި ލިބުނު ޙައިރާންކަމެއްގެ ބޮޑުކަމުން އެއްޗެކޭ ނުބުނެވުނެވެ.
“އާދެ މިއީ ހިބާ އިނގޭތޯ؟ އެކަމަކު އަޅުގަނޑު މިއީ އަޙްމަދު ފަރީދު، ހިބާގެ ބޮޑުބޭބެ.” ފަރީދުބެ ވާހަކަ ދެއްކިއެވެ.
“އެހެންތޯ؟ އަޅުގަނޑު ތި ދެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަން. އަޅުގަނޑު މިއީ މައިކަލް. އީތަން ސާރގެ ޑްރައިވަރު. އަޅުގަނޑު އީތަން ސާރގެ ގެއަށް ތި ދެބޭފުޅުން ގެންގޮސްދޭނަން. ލަގެޖްތައް އަޅުގަނޑު ނެގިޔަސް އެންމެ ރަނގަޅު ދެއްތޯ؟” މައިކަލް އަދަބުވެރިކަމާއެކީ އެހިއެވެ. އެއާއިއެކު ފަރީދުބެ އާނއެކޭ ބުނުމުން މައިކަލް އެއާރޕޯޓުން ނިކުންނަންވީ މަގު ދައްކަން ފެށިއެވެ.
އެއާރޕޯޓުން ނިކުމެ އޮފު އަރާ ކަޅުކުލައިގެ ކާރަށް އެރެންދެން ވެސް ހިބާއަށް ވިސްނެމުން ދިޔައީ މައިކަލް ކޮށްލި ފުރަތަމަ ސުވާލާއި މެދުގައެވެ. އޭނަ ވަނީ އެންއައިއީ އިން އޭނައަށް ގުޅި ބޭފުޅާ ގާތު ވެސް އޭނައާއި އެކީ އަންނަނީ ބޮޑުބޭބެ ކަމަށް ބުނެފައެވެ. ވީއިރު އިސްމާޢީލް އީތަންގެ ޑްރައިވަރު އޭނަގެ ބައްޕަ އެތާ ހުންނާނެ ކަމަށް ހީކުރާނީ ކީއްވެ ހެއްޔެވެ؟
ކާރު ސްޓާޓްކޮށް ދުއްވައިލެވުމުން ވެސް ހިބާއަށް ފުންކޮށް އެ ސުވާލާއިމެދު ވިސްނުނެވެ. އެވަގުތު ވެސް ބޮޑުބޭބެއާއި އެ ސުވާލުކުރަން ބޭނުންވިއެއްކަމަކު މައިކަލްއަށް ހިލަމެއް ވެދާނެތީ އެހެން ނެހެދީއެވެ. ދަތުރު ފެށިތާ މާ ގިނައިރެއްނުވެ މައިކަލް ފަރީދުބެގެ އަތަށް ބޭސްކާޑެއް ދިއްކޮށްލީ، އެއީ ދިގު ދަތުރަކަށް ވާނެ ކަމަށާއި، އެއްވެސް ގޮތެއްވުމުގެ ކުރިން ކައިލުމަށެވެ. ފަރީދުބެ އެ ބޭސްކާޑު ލައިދިނީ ހިބާގެ އަތަށެވެ. ހިބާ އެފަދަ ދިގު ދަތުރެއްކުރަނީ ފުރަތަމަ ފަހަރަށް ކަމަށްވުމުންނެވެ. ހިބާ ފަރީދުބެގެ އަތަށް ލިބުނު ފެން ފުޅިއާއި އެކީ ބޭސް ކާޑު ހޯދުމަށްފަހު ބޭސް ކެއެވެ.
ގަޑިއިރެއްހާއިރުގެ އެ ދަތުރު މަތީގައި ހިބާގެ ނަޒަރު މުޅިންވެސް ހުއްޓިފައިވީ ކުޑަދޮރުން ބޭރަށެވެ. އިރުއޮއްސެމުން ދިޔަ ވަގުތު އުޑަށް އަރާފައިވި އޮރެންޖް ކުލައާއި ރީނދޫ ކުލައިގެ ބައްޓަންތަކަށް ހިބާ ގެއްލޭ ގޮތްވިއެވެ. އަދި އަމުދުން ވަކި ހިސާބަކުން އެ އަލީގެ ތެރެއިން ދުރުން ފެންނަމުން ދިޔަ ފަރުބަދަތަކާއި، ދުރަށް ފެތުރިފައި ހުރި ފެހި ވިނަގަނޑުތަކުން ހިބާ އާޝޯޚުވިއެވެ. އެ ވިނަގަނޑުތަކުގެ މަތިން ފެންނަމުން ދިޔަ ކުޑަ ގެ ތަކުގައި އުޅޭ މީހުން ހާދަ ނަސީބުވެރިއޭ ހިތަށްއެރިއެވެ. އެމީހުންނަށް ކޮންމެ ދުވަހަކުވެސް އެފަދަ ރީތި މަންޒަރުތަކެއް ފެންނާނެކަން އެނގުންވުމުންނެވެ. ހަމަ އެހިނދު ރާއްޖޭގެ ކަނޑުތަކުގެ ރާޅުތަކުގެ މަތިން ވެސް ހަނދާންވިއެވެ. އަދި ކޮންމެ ބިމަކަށް ވެސް އެ ބިމެއްގެ ރީތިކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވޭތާއޭ ހިބާއަށް ހިތާހިތުން ކިޔައިލެވުނެވެ.
ދަތުރުގެ ބޮޑުބައިގައި އުޑުމަތި ސާފުކޮށް ފެންނަމުން ދިޔައެއްކަމަކު ވަކި ހިސާބަކުން އުޑުމަތި ބަނަވެ ލުއިކޮށް ވާރޭ ވެހެން ފެށިއެވެ. ގިނަ ޢިމާރާތްތަކެއް ހުރި ޞަރަޙައްދަކަށް ދެވުނުތާ 15 ވަރަކަށް މިނިޓްތެރޭ މައިކަލް ގޮސް ކާރު މަޑުކޮށްލީ ހިބާ ޙަޔާތުގައިވެސް ނުދެކޭހާ ދިގު ޢިމާރާތެއްގެ ކުރިމައްޗަށެވެ. އެވަގުތު ފުދޭވަރަކަށް އަނދިރިކަން ވެރިވެފައިވުމުން އެ ޢިމާރާތް ސާފުކޮށް ފެނޭގޮތެއްވެސް ނުވިއެވެ. ކާރު ޕާކްކުރުމަށްފަހު މައިކަލް މަޑުކޮށްލަދިނުމަށް އެދުނީ ކުޑަ ހިފައިގެން އެބަ އަންނަން ކަމަށް ބުނަމުންނެވެ. އެހެނަސް ހިބާ މަޑުކުރާކަށް ބޭނުމެއްނުވިއެވެ. މާ ގިނައިރު ވަންދެން ކާރު ތެރޭގައި ހުރުމުން އޭނައަށް އުދަގޫވީތީވެއެވެ. ފަރީދުބެ ގާތު އެހެން ބުނުމަށްފަހު ހިބާ ކާރުން ފޭބީ ފަރީދުބެއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީއެވެ.
އެވަގުތު ވާރޭ ވެހެމުން ދިޔައީ ވަރަށްވެސް ލުއިކޮށް ކަމަށްވުމުން ތިކިތަކުގެ އިޙްސާސް ވެސް ހިބާއަށް ކުރެވުނީ ކިރިޔާއެވެ. މިހާވަރުން ކުޑައެއް ބޭނުންކުރަނީ ކީއްކުރަންތޯ ހިތާހިތުން ކިޔަމުން ހިބާ ކުރިމަތިން ފެންނަމުން ދިޔަ ޢިމާރާތާއި ދިމާލަށް ދިޔައެވެ. ޢިމާރާތުގެ މައިދޮރާއި ގާތްވަމުން ދިޔަ ވަގުތު ކުޑަތައް، ހިފައިގެން އައި މައިކަލް ކަންބޮޑުވުމާއެކީ ކުޑަ ހުޅުވައިލަމުން ގޮސް ހިބާއަށް ދިއްކުރީ ލަސްވި ކަމަށްޓަކައި މަޢާފަށް އެދެމުންނެވެ. ހިބާ ލުއި ހީލުމަކާއެކީ އެއީ މައްސަލައެއް ނޫންކަމަށް ބުންޏެވެ.
މިނިޓްތަކެއްގެ ތެރޭގައި މައިކަލް ފަރީދުބެއާއި ހިބާ ގޮވައިގެން ދިޔައީ އެ ޢިމާރާތުގެ އެންމެ މަތީ ބަޔަށެވެ. އެ ޢިމާރާތުގެ އެންމެ މަތީ ބަޔަކީ އީތަން ސާރގެ ގެ ކަމަށް ބުނަމުންނެވެ. އެ ފަންގިފިލާއަށް ގޮސް މައިކަލް ހުއްޓިލީ ދެފަރާތަށް ހުޅުވޭ ހުދުކުލައިގެ ދޮރެއްގެ ކުރިމަތީގައެވެ. އެއަށްފަހު ދޮރުގެ ކައިރީގައި ހުރި ބަޓަނަކަށް ފިތައިލުމުން ބެލްއެއްގެ އަޑު އިވުނެވެ.
އޭގެ މާ ގިނައިރެއްނުވެ ދޮރު ހުޅުވައިލީ ބުރުގާއާއެކީ އާދައިގެ ހަރުވާޅު ހެދުމެއް ލައިގެން ހުރި ދިވެހި އަންހެނެކެވެ.
“އައްސަލާމްޢަލައިކުމް ހިބާއާ ހިބާގެ ބޭބެއަށް. މިގެއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަން. އަޅުގަނޑު މިއީ އީތަންގެ ދައްތަ ޝަބީބާ.” ޝަބީބާ ނުފިލާ ހިނިތުންވުމަކާއިއެކީ ތަޢާރަފުވެލިއެވެ. އެ ވާހަކަ ނިމުމާއިއެކު ހިބާއާއި ފަރީދު އެކުއެކީގައި ސަލާމުގެ ޖަވާބުދީ ޝުކުރު އަދާކުރިއެވެ.
“އަވަހަށް އެތެރެއަށް ވަދޭ…އީތަން ވެސް ވަރަށް ގިނައިރުވެއްޖެ ހިބާގެ އިންތިޒާރުގައި ހުންނަތާ. ރާނީކޮއްކޮ އީތަންބެއަށް ގޮވައިލައްޗޭ!” ޝަބީބާ އެ ފުރަތަމަ ބަސްތައް ބުނެލުމާއިއެކު ހިބާ އެގޭގެ ތެރެއަށް ވަނެވެ. އިސްމާޢީލް އީތަން އޭނަގެ އިންތިޒާރުގައި ހުރި ކަމަށް ބުނި ވަގުތު ހިސާބަކަށް ޙައިރާންވިއެވެ. އިސާހިތަކު ހަމްނާ މި ހުރިހާ ދުވަސްވަންދެން އޭނައާއި އީތަން އަޅުވާފައި ދެއްކި ވާހަކަތައް ސިކުނޑިއަށް ވެރިވިއެވެ. އެހިނދު އަމިއްލަ ނަފްސަށް އައި ރުޅިއާއިއެކީ ހިބާ އެ ޚިޔާލުތައް ފޮޅުވައިލިއެވެ.
އެ ވަގުތަކީ ގޭގެތެރެއިން ދޮރެއް ހުޅުވިގެން ދިޔަ އަޑު އިވުނު ވަގުތެވެ. ހިބާ އެދިމާލަށް ބަލައިލިއެއްކަމަކު އެދިމާލުގައި ޝަބީބާ ހުރުމުން އެ ކޮޓަރިން ނިކުތް މީހަކު ފެންނަ ގޮތެއް ނުވިއެވެ. އެހެނަސް އެމީހަކު ހިނގަމުން އައިސް ކުރިމަތިން ފެންނަމުން ދިޔަ ސިޓިންގް ރޫމުގެ ސޯފާތަކުގެ ކުރިމައްޗަށް ހުއްޓި ސީދާ އޭނައާއި ދިމާވާ ގޮތަށް ހުއްޓިލުމުން ހިބާގެ ނޭވާ ކަރުގައި ތާށިވިއެވެ. ކަޅުކުލައިގެ ގަމީހަކާއި މުށިކުލައިގެ ޖިންސެއްގައި ހުރި އެ ޒުވާނާގެ އިސްކޮޅު ހިބާއަށްވުރެ ތަންކޮޅެއް ދިގެވެ. ހިބާއަށް ޢާއްމުގޮތެއްގައި ޒުވާން ފިރިހެނަކު ފެންނައިރަށް ބޭއިޚްތިޔާރުގައި ދުރު ބެލެއެވެ. އެހެނަސް އެ ޒުވާނާގެ ވަށް މޫނަށް ބަލަހައްޓައިގެން ހިބާއަށް ހުރެވުނީ އެއީ އޭނައަށް ކުރިންވެސް ފެނިފައި ހުރި ސޫރައެއްހެން ހީވުމުންނެވެ. މިފަދަ ވަގުތުކޮޅެއްގައި އެހެން ދުވަހަކުވެސް ހުރެވުނުހެން ހީވުމުންނެވެ. އެހެނަސް އެއީ ކޮން ސޫރައެއްކަން އޭނަ އެއްގޮތަކަށް ވެސް ހަނދާނަށް ނައެވެ. އެ ސޫރަ އޭނައަށް އާ މޫނެއްގެ ގޮތުގައި އޭނަގެ ސިކުނޑި ސިފަކޮށްދިނެވެ. އެ އޮމާން ތުނބުޅިއާއި ކަނދުރައާއި ހަމައަށް އޮތް އިސްތަށިގަނޑު އޭނައަށް ކުރިން ފެނިފައި ނުވުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ އެ ޒުވާނާގެ ސަބަބުން ނޭނގޭ ސަބަބަކާއިހުރެ މެއަށް ގޮތެއްވިއެވެ. އެތައް ދުވަހެއްފަހުން ޒުވާން ފިރިހެނަކު ފެނިފައި އެމީހެއްގެ ރީތިކަމަށް ހިބާގެ ހިތް ތަޢުރީފުކުރަން ފެށިއެވެ. އެކަން އެނގުންވުމުން އަމިއްލަ ނަފްސަށް ވެސް ނުރުހުންވާ ގޮތްވިއެވެ.
މިފަދަ ހައިޖާނެއްގައި ހިބާ ވަނިކޮށް އެ ޒުވާނާ ވާހަކަ ދެއްކިއެވެ.
“އަ ވެރީ ވާރމް ވެލްކަމް ޓު ސްވިޓްޒަލޭންޑް، މިސް ހިބާ ޝަހީދު.” އެ ޒުވާނާ ލުއި ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެ އަޑު އިވިފައި ހިބާގެ މެއަށް ފިނިވެގެން ދިޔައީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ނޭނގެއެވެ. އެހެނަސް އިސާހިތަކު އޭނައާއި އެ ވާހަކަ ދެއްކީ ކާކުކަން ހަނދާންކުރަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ.
“ތެންކިއު….ސާރ!” ހިބާ ބުނެލިއެވެ.
ނުނިމޭ
Jana
July 28, 2021 @ 2:12 pm
Salaam dear readers. Mi bai vvvv dhigukoh genesdhevunythy ufaakuran Alhamdhulillah! Adhi mi bai thiya kiyuntherinnah kamudhiya kamah ves ummeedhu kuran.
Next part Jana ah genesdheven othy Wednesday ga In Sha Allah. Anekkaaves kuda kameh dhimaaveema. vee varakun mi bayaai gulhey post thakaai kureege post thah genesdheveytho balaanan In Sha Allah.
Stay safe dear readers! Much love!
Mish
July 28, 2021 @ 2:44 pm
Alhe hiba ah neyguney…
Jana
July 28, 2021 @ 2:50 pm
Dho Mish? Dhaaris ah ehaa gina changes aissa hurefa nanves thafaathuveema neyngi hingaidhaane dho? balamaa vaagotheh ^_^
Mish
July 30, 2021 @ 9:31 am
Yes 🙂
Aalaa
July 28, 2021 @ 2:50 pm
Woww..😯
Jana
July 29, 2021 @ 1:58 pm
Same Aala…same! hehe…Alhamdhulillah! ^_^
Zaeyn...
July 28, 2021 @ 3:15 pm
omg wowwwww… i am so curious.. waiting for next part curiously.. lysm sis.. be safe
Jana
July 29, 2021 @ 1:59 pm
hehe…..Alhamdhulillah! Next part Wednesday ga In Sha Allah. Love you too Zaeyn. Be safe! <3
my parents forgot to give me one
July 28, 2021 @ 3:41 pm
varah reethi! when next?
Jana
July 29, 2021 @ 2:00 pm
Haadha dhera namekey miothy….hehe ^_^ Alhamdhulillah! Next part Wednesday ga In Sha Allah.
Ibaa
July 28, 2021 @ 3:57 pm
Woww vrh reethi story.Masha Allah.. keep doing this great work. vrh interesting. Waiting for the next part..
Jana
July 29, 2021 @ 2:01 pm
I will continue In Sha Allah. Along with your support :* Alhamdhulillah! Next part Wednesday ga In Sha Allah.
Aalaa
July 30, 2021 @ 9:33 am
Yes Jana sis. Maasha allah varah reethi
And Iba ge vaahaka thah ves alhugandu kiyaifin
V reethi maasha allah😊
All the best both of u❤
Jana
July 30, 2021 @ 2:57 pm
Alhamdhulillah! Jana ah adhi Ibaa ge vaahaka thah nukiyey. Story kiyan time hus nukureveythy. hehe…. but i’m sure they will be good In Sha Allah. ^_^ <3 All the best Ibaa from me too <3 <3 <3
Ibaa
August 3, 2021 @ 4:14 pm
Jazakillahi khairan for both of you. Much love ❤
Anonymous
July 29, 2021 @ 4:25 pm
V reethj mibai ves maasha allah
Hamna ge bayah varah inthuzaaru kurevey.. nauf aa dhemeehunnah vaane gothakaa medhu
Annekaa ves jana kairee mikahala vaahaka eh hissaa kollan jehuneema dhera vejje ekamaku meega eethan ge thunbulhi dhigu koh huri vaahaka ah ali alhuvaalaafa ineema hithuga oi suvaaleh anekkaa ves aa vegen dhiya
Thunbulhi bahattan jehey dhiguminakee kobaikan olhun araa.
Adhi izaar ge hukumaai medhu ves
Aslu v dhera eki scholars eki goi gothah vaahaka dhakkaafa hunnaathee
Fist lenght akah vure beard kuru vejjeyyaa sinful vaane ey bunaathee adu ivey
Dhen ekamaa biru ves ganey
Anonymous
July 30, 2021 @ 2:52 pm
Alhamdhulillah! ^_^ Adhi Hamna ge bai annaane ingey Anonymous. Hiba menge bai kudakoh hama akah elhunyma adhi e bai annaany. ey ves vaahakaige muhimmu baeh.
Hehe…eggothakahves jehilun nuvahchey suvaaleh kollan. Adhives effaharu Jana bunelan beynunvany mi suvaaluthakah javaabu dheyn Jana eggothakahves qualified eh nooney. vaahakaiga egothah genesdheefa hury thunbulhin vaki minvarakah koshaalumaky makrooha kameh kamah Jana ah engifaivaathy. Thireegaivaa link ballavaa
https://islamqa.info/en/answers/6657/is-there-any-recommended-length-of-the-beard
Izaar ge thankolhu Jana sifa koffa nethas vaahakaiga ves ekan onnaany ehen ^_^
Scholars medhuga khiyaalu thafaathu vaa massala thakeh hurey labba. Ekamaku ehaa gina jeeluthakah fahu ves dheenuge gina kanthah alhugandumennaai hama ah saafukoh libifa hurumaky ves Islam dheenuge furihama kamey Jana ge hithah araa. Alhugandumennah oiy zimmaa aky dheenuga saafukoh engen huri kanthakaa eggothah amalukoh e ilmu kuriah oiy jeeluthakah foaru kohdhinun. Adhi alhugandumennaai khiyaalu thafaathuvaa muslim akhunnaai ukhthunnaa dhimaaviyas massala hoonu nukoh ebbaivanthakan dhemehettun. Throughout history hama scholars ge medhuga khiyaalu thafaathuvunthah hurey dho? Ekamaku eyge sababun ebeykalunge medhuga nafratheh nu-ufedhey. dheenuge aslu thakaa khilaafu nuvaa kudhi kudhi kanthakuga abadhuves khiyaalu thafaathuvefa eba huri. Ekamaku 4 mazhabuge imaamunves angavaafavany thimanmenge rauyah vure sunnathaai gaaiy rauyeh fenijje nama egothah thabaavumah. Ehenveema alhugandumenves jeheynee veehaaves varakah dheen ungenigen engemun dhaa minvarakah dheenaai eggothah ulhen masakkaiy kuran dho?
Anekkaaves reply dhiguvegen dhiyaeethee ma’aafah edhen. Ekamaku Jana mi vaahaka bunelan beynunvy hama varah ginain kudhi kudhi kanthakaa medhu khiyaalu thafaathuvegen muslimunge medhuga massala jeheythan annaathy. Meege sababun dhen anna jeelah eyge neydhevey asaru kuraane. Mee emme furathama Jana ah handhuma kohdhinumeh In Sha Allah!
Anonymous
July 31, 2021 @ 2:20 pm
Jazaakillah khairan Jana.
V ufaa vejje javaabeh dhineethee
Aslu baeh faharu dheenaai ehgothah ulhen masakkai kuraa meehunnah varah bodethi gonjehunthah kurimathi veydho
Thunbulheege sababunnaai dhen ves ehenihen kanthah thakuge sababun
Ehn ve aslu mikan bodah saaf kollan beynun vee
Mujuthamau aslu varah bodah halaaku vefa dhw mihaaru mihaaru mi onnanee
School kudhin ves dheenah ulhen masakkai kuranyyaa faadu kiyun thakaa amaazu vey
🙁
Jana
August 3, 2021 @ 3:03 pm
Baarakallah feeki!
Anonymous thibuny hama varah rangalhu vaahaka eh. dheenah ulhen masakkaiy kurumun dhimaavaa gonjehunthakah ali alhuvaafa jana hunnaane vaahaka thakuga ves. Aneh hen bunanya egonjehunthakaky haqeeqathuga imthihaaneh dho? Tawba vumuga ikhlaastherikan huri minvaru khudhu aharumennah ves engigendhaane e gonjehunthakun. e kanthah thakaa eky ves dheen mathy saabithuve hureema heeves nukuraahaa goiy gothun Allah subhaanahu wata’aala barakaaiy lavvai heyo magah thabaavumah faseyha kohdhevvaane. As-haabul kahf ge vaahaka jana ah ehaa reethy ehenve ^_^ E vaahakain aslu varah bodu hiyvareh libey Alhamdhulillah!
Aayaa
July 30, 2021 @ 3:37 am
finally swiss ah dhevijje.. v salhi mi part vx ma sha Allah. waiting for the next.
Jana
July 30, 2021 @ 2:54 pm
Dho Aaya? Alhamdhulillah! Next part Wednesday ga In Sha Allah ^_^
Aalaa
July 30, 2021 @ 8:28 am
Wowww😯😯
Jana
July 30, 2021 @ 2:55 pm
Alhamdhulillah! ^_^
kokki
August 1, 2021 @ 7:57 pm
janaa sis mi baives varah reethi mashah allah
ekamaku alhugandu mihaaru meenee comment foshi husvegen dhen anna part thakuga comments liyaane goi neygifa
ekamu hurihaa baehves hama baraanarah kiyan igey sis
stay safe all
Jana
August 3, 2021 @ 2:51 pm
hehe….massala eh neh ingey komme bayakah comment nukurevunas. engey kokki kiyamun dhaanekan In Sha Allah :* Alhamdhulillah! Much love and stay safe! <3 <3 <3
Changing friend
October 14, 2021 @ 2:17 pm
Salaam
Ibaage vaahakathah libeyne link eh alhugandu ah fonuvaaladheveyne kuhjaku fonuvaaladhinun edhn
And varah reethi vaahaka eh med
Much love
😍💕😍
^_^