ތިން ވައްތަރެއްގެ ހިލަތަކެއްފަދަ ތިން ވައްތަރެއްގެ ހިތް!
ބަޤަރާ ސޫރަތުގައި ހިތް ހަރު ވެގެން ދިޔަ ބައެއްގެ ވާހަކަ ﷲ ސިފަކުރައްވާފައިވެއެވެ. ޙައިރާންކުރުވަނިވި ގޮތަކަށް އެއާއި ޖެހިގެން އައި އާޔަތުގައި ދެކެވިގެން ދަނީ ހިލަތަކެއްގެ ވާހަކަތަކެވެ. އެ އާޔަތުގައި ﷲ ސިފަކުރައްވާފައިވަނީ އެ ހިލަތަކުން ކޯރުތައް ނިކުމެގެން އަންނަ ހިލަތަކެއްގެ ވާ ވާހަކައެވެ. އަދި ބައެއް ހިލަތަކަކީ، އެ ހިލަތައް ފަޅިފަޅިވެގެން ގޮސް ފެން ނިކުންނަ ހިލަތަކެވެ. އަދި އަނެއްބައި ހިލަތަކަކީ ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަތަކެވެ.
މި އާޔަތުގައި ﷲ އަހަރުމެންނަށް އުނގަންނައިދެއްވަނީ ހިލަތަކަކާބެހޭ ޢިލްމެއްހެން އަހަރުމެންނަށް ހީވެދާނެއެވެ. އެހެނަސް ހިލަތަކެއްގެ ވާހަކައިގެ ތެރެއިން އެދެކެވެނީ ހަމައެކަނި ހިލަތަކެއްގެ ވާހަކައެއް ނޫނެވެ. އެ މިސާލުން ﷲ ސުބްޙާނަހޫ ވަތަޢާލާ ސފަކުރައްވަނީ ތަފާތު ވައްތަރުގެ ހިތްތަކެވެ. ތިބާގެ ހިތަކީ ކޮން ކަހަލަ ހިތެއްތޯ ބެލުމަށްޓަކައި މި އެކި ވައްތަރުގެ ހިލަތަކަށް ބަލާލަމާ ހިނގާށެވެ.
ފުރަތަމަ ވައްތަރުގެ ހިލައަކީ އެ ހިލައަކުން ފެން ކޯރުތައް ނިކުމެގެން އަންނަ ހިލަތަކެވެ. މި ފަދަ ހިލަތަކެއްގެ މިސާލަކީ އަބޫބަކުރު ރަޟިޔަ ﷲ ޢަންހު ގެ ހިތްޕުޅުގެ މިސާލެވެ. އިސްލާމްވެވަޑައިގަތުމުގެ ކުރިން ވެސް، މި ދުނިޔެއަކީ ހަމައެކަނި ޢިއްޒަތާއި ލައްޒަތުގެ ތަނެއް ނޫންކަން ވިސްނޭ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ވާހަކަ އެކަލޭގެފާނަށް އިވިވަޑައިގަތުމާއެކު އެކަލޭގެފާނު އިސްލާމްވެވަޑައިގަތެވެ. އެހެނީ ޙަޔާތުގެ ޙަޤީޤީ މަޤްޞަދާއިމެދު އޭގެ ކުރިން ވެސް އެކަލޭގެފާނު ވިސްނަވާވަޑައިގަތެވެ. އަދި އިސްލާމް ދީނަކީ ޙައްޤު ދީންކަން ދެނެގަތުމަށްޓަކައި އެކަލޭގެފާނުގެ ކިބައިގައި ރިވެތި އަޚްލާޤާއި ސުލޫކުވިއެވެ. އެކަލޭގެފާނުގެ ހިތް އޭރުވެސް އީމާންތެރިކަމުން ފުރިފައިވުމުން އެ “ހިލަ” ފަޅައިގެން ގޮސް ކޯރެއްފަދައިން އެ އީމާންތެރިކަން ނިކުމެގެން އައުމަށް މާ ބޮޑު ޙާދިސާއެއް ބޭނުމެއްނުވިއެވެ.
ދެވަނަ ވައްތަރުގެ ހިލައިގެ މިސާލަކީ ޢުމަރު ރަޟިޔަ ﷲ ޢަންހުގެ ހިތްޕުޅުގެ މިސާލެވެ. ހިލަ ފަޅިފަޅިވެގެން ގޮސް ފެން ނިކުންނަ ހިލައެވެ. ހިތަށް ލޮޅުމެއް އަންނަ ފަދަ ޙާދިސާއަކަށްފަހު އިސްލާމްވެވަޑައިގަތް ޢުމަރު ރަޟިޔަ ﷲ ޢަންހު ފަދައިންނެވެ. އެކަލޭގެފާނުގެ އަމިއްލަ އަތްޕުޅުން އަމިއްލަ އަންހެން ކޮއްކޯފުޅަށް އަނިޔާއެއް ދެވުނު ހިނދެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް ލޮޅުމެއް އައެވެ. އެހެންކަމުން އެވަގުތު އެ ހިތްޕުޅުން “ފެން” ނިކުމެގެން އައެވެ. އީމާންތެރިކަން ނިކުމެގެން އައެވެ. އެ ވަގުތުގައި އެކަލޭގެފާނަށް ﷲ ގެ ބަސްފުޅު އިވިވަޑައިގަތުމުންނެވެ.
މިއިން އަހަރުމެންނަށް ލިބޭ ފިލާވަޅަކީ ބައެއް މީހުން އިސްލާމްދީނަށް ވަންނާނީ ވިސްނުންތެރި މަގަކުން ކަމެވެ. އެމީހުންނަކީ ޙައްޤުގެ ބަސް އިވުމުގެ ކުރިން ވެސް ފުންކޮށް ވިސްނައި ކޮންމެވެސް މާނައެއް ހުރި ކަމެއް ހޯދަން މަސައްކަތް ކުރާ މީހުންނެވެ. އެމީހުންގެ ހިތްތަކަށް ޙައްޤުގެ ބަސް އިވިގެން ދިޔުމާއެކު އެމީހުން އީމާންވެއެވެ. އަދި އެމީހުންގެ ލޯތައް ކަރުނުން ފުރި ބަންޑުން ވާން ފަށައެވެ. އެ ހިލަތަކުގެ ތެރެއިން ކޯރުތައް ނިކުމެގެން އަންނަ ފަދައިންނެވެ. އެހެނަސް ބައެއް މީހުންނަކީ ޙަޔާތުގައި ދުނިޔޭގެ އެކި ކަންކަމަށް ގޮސް ގެއްލިފައި ތިބޭ މީހުންނެވެ. އެމީހުންނަށް ވިސްނޭ ހަމައެކަނި ކަންތައްތަކަކީ މި ދުނިޔޭގެ ވަގުތީ އުފާތަކެވެ. އެމީހުންނަށް ވިސްނޭނީ ދެން ނިކުންނަ ފިލްމެއް، ދެން ނިކުންނާނެ އެޕިސޯޑެއް، ދެން އަރުވާނެ ޕްރޮފައިލް ޕިކްޗާރއެއް، ދެން ދާނެ ޤައުމެއް އެހެން ނޫނީ ދެން ލިބޭނެ ޗުއްޓީއަކާއި މެދުގައެވެ. މިފަދަ މީހުން އެމީހުންގެ ވަގުތީ އުފާތަކަށް ގެއްލިފައިވާ ވަގުތެއްގައި ޤުރުއާނުގެ ވާހަކައެއް ދައްކަން މަސައްކަތް ކޮށްފިނަމަ އެމީހުން އަޑެއް ނާހާނެއެވެ. އެހެނަސް ގެއްލިގެންދާ މުދަލެއްގެ ސަބަބުން، އެހެންނޫނީ ޖެހޭ ވޭންދެނިވި ބައްޔެއްގެ ސަބަބުން، އެހެންނޫނީ ގެއްލިގެންދާ ޢާއިލާ މެންބަރެއްގެ ސަބަބުން ﷲ އެމީހަކު އިމްތިޙާން ކުރައްވައިފިނަމަ އެމީހެއްގެ ހިތަށް ލޮޅުމެއް އާދެއެވެ. އެއަށްފަހު އީމާންތެރިކަން ނިކުމެގެން އާދެއެވެ. އެމީހުން ނަމާދު ކުރާއިރުގައާއި ދުޢާ ކުރާއިރު އެމީހުންގެ ލޯތަކުން ތިބާއަށް ކަރުނަތައް ފެންނަން ފަށައެވެ. އަދި އެ އިމްތިޙާން ނިމުމުން ވެސް އެ ކަރުނަތައް އެގޮތުގައިވަނީ، އުނދަގޫކަމުގެ ތެރެއިން ފަސޭހަކަމަށް ނެރުއްވަނީ ހަމައެކަނި ﷲ ކަން އެމީހުންނަށް އެނގުންވާތީވެއެވެ.
މަތީގައި ބުނެވެދިޔަ ދެ ވައްތަރުގެ ހިލައާއި ތިބާއާއި އެއްވެސް ގުޅުމެއް ނުވާނަމަ މި ތިންވަނަ ވައްތަރުގެ ހިލައަކީ ތިބާގެ ހިތުގެ މިސާލު ކަމަށްވެދާނެއެވެ. ﷲ ވަޙީކުރައްވާ ގޮތުގައި އެކަލާނގެއަށް ބިރުވެތިވުމުގެ ސަބަބުން ފައިބައިގެންދާ ހިލަތަކެއް ވެސްވެއެވެ. އެ ހިލަތައް ފަރުބަދައެއްގެ މަތިން ކައްސައިގެން އަންނަތަން ތިބާ ޚިޔާލަށް ގެންނާށެވެ. މިފަހަރު އެ ގާތުގައި ފެން ހުރި ވާހަކައެއް ނެތެވެ. މާނައަކީ މި ހިލަތަކުގެ ބޭރުފުށުން އީމާންތެރިކަމެއް ނުފެނެއެވެ. އެހެނަސް މި ހިލަތައް ﷲ އަށް ބިރުވެތި އެބަވެއެވެ. މި ހިލަތައް ފަދަ ހިތްތަކެއްގެ ވެރިންނަކީ އިސްލާމްދީނަކީ ޙައްޤު ދީންކަން ވިސްނިފައިވާ މީހުންނެވެ. އަދި އެމީހުން އެމީހުންނަށް ވީ ވަރަކުން ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެއެވެ. އެމީހުން ނަމާދުކޮށް، ޙަރާމް ކަންތައްތަކުން ދުރުވެ ތިބުމަށް ގަދަ އަޅައި މަސައްކަތް ކުރެއެވެ. އެމީހުން ކޮންމެ ދުވަހަކު ނަމާދުގައި ސަޖިދައަށް ތިރިވެގެން ދެއެވެ. ފައިބައިގެން އެ އަންނަ ގާތަކެއް ފަދައިންނެވެ. އެހެނަސް އެމީހުންގެ ލޮލުން ތިބާއަށް ކަރުނަތައް ނުފެނިދާނެއެވެ. އެހެނީ އެމީހުންގެ ހިތްތަކަށް އަދި އީމާންތެރިކަމުގެ ފޮނިކަން އިޙްޞާޞެއް ނުކުރެވެއެވެ. އެހެނަސް މި މީހުންނަށްޓަކައި ވެސް އުއްމީދެއްވެއެވެ. އެހެނީ، އެ ހިލަތައް ފައިބައިގެން ގޮސް ބިންމަތީގައި ޖެހުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އެ އެއްޗެހި ފަޅައިގެން ގޮސް ފެން ނިކުމެގެން އަންނާނެއެވެ. ސުބްޙާނަ ﷲ!
އެހެންކަމުން ތިބާއަކީ އެ ތިންވަނަ ވައްތަރުގެ މީހަކަށް ވާނަމަ، ތިބާއަކީ ފާފައެއް ކުރެވުމުން އެހެންނޫނީ ކުރަންޖެހޭ ވަރަށް ﷲ އަށް އަޅުކަން ނުކުރެވުމުން އެކަލާނގެއަށް ބިރުވެތިވާ މީހަކަށްވާނަމަ ތިބާ އެކަލާނގެއަށް ތައުބާވުމުގައި ދެމިހުންނާށެވެ. ސަޖިދައަށް ތިރިވަމުން ގެންދާށެވެ. އެހެނީ ތިބާގެ ހިތް، އެފަދަ ހިލައެއްފަދައިން ފަޅައިގެން ގޮސް ފެން ނިކުމެގެން އަންނާނީ ކޮން އިރަކުން ކަމެއް ތިބާއަކަށް ނޭނގެއެވެ.
މާތް ﷲ އަޅަމެންގެ ހިތްތަކަކީ އީމާންތެރިކަމުން ފުރިފައިވާ ހިތްތަކެއް ކަމުގައި ލައްވާށި! އާމީން!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި
(މިއީ ނޫރު ވާހަކައިގެ ބަޔަކާއި ގުޅިގެން އަޅުގަނޑު ކުރިން ލިޔެފައިވާ ޕޯސްޓެކެވެ)