ތިބާގެ ވަށައިގެންވަނީ ތިބާއަށްޓަކައިވާ ޢިޝާރާތްތަކެވެ.
ތިބާގެ ނޭވާ މެދުކެނޑޭހާ ޒާތުގެ ރީތި ޤުދުރަތީ މަންޒަރެއް ދުވަހަކުވެސް ދުށިން ހެއްޔެވެ؟ އެއީ ރާއްޖޭގެ ހުދު ދޮންވެލީގެ އަތިރިތައް ކަމަށްވިޔަސް މެއެވެ. އެ އަތިރިތަކަށް ބީއްސާލާ ރާޅުތަކުގެ ހިމޭން އަޑާއެކީ ފެންނަ މަންޒަރަށް ވިޔަސްމެއެވެ. އެހެންނޫނީ ސްވިޓްޒަލޭންޑްގެ ބޮޑެތި ފަރުބަދަތަކާއި، ދުރުދުރަށް ފެންނަ ފެހި ކުލައިގެ ވިނަ ކާރޕެޓްތައް ކަމަށް ވިޔަސްމެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ އެކި ނޫކުލަތަކުގެ ކޯރުތަކާއި ފެން އާރުތައް ވިޔަސްމެއެވެ. އެހެންނޫނީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތުގައާއި އިރު އަރާ ވަގުތު އުޑުމަތިން ފެނިގެންދާ އެ ރީތި ކުލަތައް ކަމަށްވިޔަސްމެއެވެ.
އެ މަންޒަރުތައް ފެނުމުން ތިބާގެ ޚިޔާލަށް އަންނަނީ ކޯޗެއް ހެއްޔެވެ؟ މި ޒަމާނަށް ބަލާ ކަމަށްވާނަމަ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެ މަންޒަރުގެ ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާއަށް ލާނަމެވެ. އެހެނަސް އެހާ ރީތި ތަޖުރިބާއެއް ހަމައެކަނި އެހާ ހިސާބުން ނިންމައިލުން ކިހާ ދެރަ ހެއްޔެވެ؟ ތިބާގެ ވަށައިގެންވާ އެ ހުރިހާ އެއްޗެއް ތިބާގެ ލޮލުން ފެންނަ މަންޒަރަށްވުރެ ފުން ވާހަކައެއް ތިބާއަށް ވާސިލުކޮށްދޭން އުޅޭހެން ހިއެއްނުވޭ ހެއްޔެވެ؟
މި ސުވާލާއިމެދު ވިސްނަމުން މި އާޔަތް ކިޔާށެވެ.
إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ
“ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ” ސޫރަތް އާލު ޢިމްރާން، 190
މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ގޮތުގައި އަޅުގަނޑުމެންގެ ވަށައިގެންވާ ހުރިހާ އެއްޗެއްގައި އަޅުގަނޑުމެންނަށް ހެކިތަކެއްވެއެވެ. އަދި އެ ހެކިތައް އެންމެ ސާފުކޮށް ފެންނާނެ ބަޔަކީ ބުއްދީގެ އަހުލުވެރިންނެވެ. أُولِي الْأَلْبَابِ ގެ މާނައަކީ ސާފުކޮށް ވިސްނޭ ސިކުނޑިތަކެއްގެ ވެރިންނެވެ. ބޭކާރު ކަންތަކުން އެމީހުންގެ ސިކުނޑި އެއްކިބާވެފައިވުމުން ވަށައިގެން ފެންނަ ޙަޤީޤަތްތަކާއި މެދު އެމީހުންނަށް ސާފުކޮށް ވިސްނެއެވެ.
ދެން ސުވާލަކީ، އެމީހުންނަށް ފެންނަނީ ކޮންކަމެއްގެ ހެކިތަކެއް ހެއްޔެވެ؟ ދެން އޮތް އާޔަތުން ސިފަކޮށްދެނީ އެކަމެވެ.
الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ
“އެބައިމީހުންނަކީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެމީހުން ދަންނަވާނެއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލު ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ ޢަޒާބުން އަޅަމެން ދިންނަވާނދޭވެ” ސޫރަތް އާލުޢިމްރާން، 191
ﷲ އަޅުގަނޑުމެންނަށް މި އަންގަވަނީ، ދުވަހުގެ ގިނަ ވަގުތުގައި ﷲ މަތިން ހަނދުމަކުރާ ބުއްދީގެ އަހުލުވެރިން، އެމީހުން ވަށައިގެން ހައްދަވާފައިވާ ތަކެއްޗާއިމެދު ވިސްނުމަށްފަހު ބުނާ ފުރަތަމަ ބަސްތަކަކީ، رَبَّنَا (އަޅަމެންގެ ވެރިރަސްކަލާކޮ!) އެވެ. ސުވާލަކީ، އެމީހުން އެހެން ބުނަނީ ކީއްވެ ހެއްޔެވެ؟
އެއީ އެމީހުންގެ ވަށައިގެންވާ މަންޒަރުތަކަށް ބެލުމަށްފަހު އެމީހުންނަށް ކަމެއް އެނގުންވެއެވެ. އެއީ އެމީހުންގެ ވަށައިގެންވާ ޚަލްޤުތައް ހެދިފައިވަނީ އެމީހުންގެ އަމިއްލަ އަތުން ނޫންކަމެވެ. އަދި އެމީހުންފަދަ އެހެނިހެން އިންސާނުންގެ އަތުން ވެސް ނޫންކަމެވެ. އަދި އެ އިންސާނުންނަކަށް އެ ބޮޑެތި އުޑުތަކާއި ބިންތަކުގެ މައްޗަށް ބާރުވެސް ނުހިންގޭކަމެވެ. އެ ހުރިހާ ކަމެއްގެ މައްޗަށް ބާރު ހިންގަވާ ފަރާތެއް ވާނެކަން އެމީހުންނަށް އެނގުންވެއެވެ. ހަމަ މިއާއިއެކު އެ ޚަލްޤުތައް ފަދައިން ޚުދު އެމީހުންގެ އަމިއްލަ ނަފްސުތަކަކީ ވެސް އެމީހުންގެ އަމިއްލަ މިލްކެއް ނޫންކަން އެމީހުންނަށް ވިސްނެއެވެ. އެމީހުންގެ ސޫރައާއި ހަށިގަނޑުގެ ބައްޓަން ހުންނާނެ ގޮތް ނިންމީ އެމީހުންނެއް ނޫންކަމަށްވުމުންނެވެ. އަދި އެ ހަށިގަނޑުގެ ކަންތައް ހިންގަނީ އެމީހުން އަމިއްލައަށް ކަމަށްނުވުމުންނެވެ.
އެމީހުންގެ ރައްބެއްވާކަން އެމީހުންނަށް ވިސްނެނީ އެހެންވެއެވެ. ވަށައިގެންވި ހުރިހާ އެއްޗެއް ހައްދަވައި އެ އެއްޗެހީގެ މައްޗަށް ބާރު ހިންގަވާ ރައްބެވެ.
އެހެންކަމުން ތިބާއަށް ދެން ރީތި މަންޒަރެއް ފެންނަ ހިނދު ހަނދާންކުރާށެވެ. އެއީ ތިބާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިބާއަށްޓަކައި ލެއްވި ޢިޝާރާތެކެވެ. އަދި ހެއްކެކެވެ. އެއީ ތިބާ އެކަލާނގެ މަތިން ހަނދުމަކޮށް ޝުކުރުވެރިވެ، އެކަލާނގެއަށް ޙައްޤުވާ ފަދައިން އެކަލާނގެއަށް އަޅުކަން ކުރުމަށް ލިބޭ ޢިޝާރާތެކެވެ. އެހާ ރީތި ޢިޝާރާތްތަކެއް އެކަލާނގެ އަޅުންނަށް ދައްކަވާ ރައްބަކީ ކިހާ މަތިވެރިވެ ރީތިވެވޮޑިގެންވާ ރައްބަކަށް ވާނެ ހެއްޔެވެ؟ ސުބްޙާނަ ﷲ!
*އުސްތާޒް ނުޢުމާންގެ ދަރުހަކުން ނެގިފައި
ނޯޓް: މިއީ މި ޕޯސްޓުގައި ދެވަނައަށް ގެނެސްދީފައިވާ އާޔަތުގެ އެއްބައިގެ ތަފްސީރެވެ.