ޤަދަރު (ނަވަތިރީސްވަނަ ބައި)
އެހެނަސް އަދުހަމްގެ ފޯނުން އެދުވަހު ފެނުނު މެސެޖު ހަނދާން ނައްތައިލަން ނޫރާއަށް ދަތިވިއެވެ. ނޫރާއަކީ ނުހަނު މަޑު ހިތެއްގެ ވެރިއަކަށް ވެފައި، އެހެން މީހަކަށް އަނިޔާއެއް ލިބޭނަމަ އެކަމެއް ނުހުއްޓުވައި ހުންނަން ހިތަށް ކުޅަދާނަ ނުވާތީވެއެވެ. އަދި އަމުދުން މިވަގުތު އަނިޔާއެއް ލިބެން އުޅެނީ އޭނައަށް ނުހަނު ހެޔޮ އެދޭ އަފްޒަލާއި ފަލަކަށް ކަން އެނގުންވުމުން ފިޔަވަޅެއް ނާޅާ ހުރުމަށް ނޫރާގެ ހިތް ނޭދުނެވެ.
**
ފަލަކް އަފްޒަލާއި އެކީ އޮފީހަށް ދިޔުމަށްޓަކައި އަންޑަރގްރައުންޑް ޕާރކިންގް ލޮޓާއި ހަމައަށް ދިޔައީ، ދުބާއިގެ ގަޑިން 10 ޖަހަން ގާތްވެފައި ވަނިކޮށެވެ. ފަލަކްމެންނަށް ފަލަކްގެ ކާރާއި ހަމައަށް ދެވުނު ތަނާހެން ފަލަކްގެ އަތް ދަބަސް ތެރެއިން ވައިބާރގެ ރިންގްޓޯން އިވެން ފެށިއެވެ.
“މި ގަޑީގަ ކާކުބާ ގުޅަނީ….ނޫރާ؟” ފަލަކް އަތް ދަބަސް ތެރެއިން ފޯނު ނަގައި ސްކްރީން ބެލުމާއިއެކު ޙައިރާންކަމެއް ލިބުނެވެ. އެއާއިއެކު ކާރުގެ އަނެއް ފަރާތުގައި ހުރި އަފްޒަލާއި ނަޒަރެއް ބަދަލު ކުރުމަށްފަހު ފަލަކް ފޯނު ނެގިއެވެ.
“އައްސަލާމްޢަލައިކުމް ނޫރާ…” ފަލަކް ހިނިތުންވުމަކާއިއެކީ ބުންޏެވެ.
“ވަޢަލައިކުމުއްސަލާމް….ފަލަކް ކިހިނެއްތަ؟” ނޫރާ އެކޮޅުން އެހި އަޑު އިވުނެވެ.
“ރަނގަޅު އަލްޙަމްދުލި ﷲ! ނޫރާ ކިހިނެއް؟ ކައުންސެލިންގްއަށް އެބަ ދަންދޯ؟” ފަލަކް އެހިއެވެ.
“އަ…އާނ އެބަ ދަން….ހުރިހާ ކަމެއް ރަނގަޅުދޯ؟ އަ…އަފްޒަލް ވެސް ރަނގަޅު؟” ނޫރާ އިތުރު ސުވާލުތަކެއް ކުރިއެވެ. އެހިނދު އެ އަޑުގައިވި ނުތަނަވަސްކަން ފާހަގަވެ، ފަލަކްގެ ހިނިތުންވުން ފަނޑުވިއެވެ.
“އަފްޒަލް ވެސް ރަނގަޅު….އާރ ޔޫ އޯކޭ ނޫރާ؟ އަޑުން ހާދަ ބަލިހެން ހީވެއޭ…” ފަލަކަށް ބުނެވުނެވެ.
“ނޫން އެއީ….ކުޑަކޮށް ރޯގާ ވައްތަރުވެގެން މިއުޅެނީ. ރެސްޓް ކޮށްލީމަ ރަނގަޅުވާނެ. ދެން ބޭއްވީ އިނގޭ ފަލަކް.”
“ހުމް އޯކޭ. ޓޭކް ކެއާރ.”
ފަލަކް އެހެން ބުނުމާއިއެކު ނޫރާ ފޯނު ކަނޑައިލުމުން ފަލަކަށް ސްކްރީނަށް ބަލައިގެން ހުރެވުނެވެ.
“ކިހިނެއްވީ؟” އަފްޒަލް އެހިއެވެ.
“ޑޯންޓް ނޯ…..ޝީ ސައުންޑެޑް ސްޓްރޭންޖް.” ފަލަކް ކާރުގެ ދޮރު ހުޅުވައި ކާރަށް އަރަމުން ބުންޏެވެ. އެވަގުތު އަފްޒަލް ވެސް ކާރުގެ ކުރީ ސީޓަށް އަރައި ދޮރު ލެއްޕިއެވެ.
“ވެޑިންގް އޮތް ދުވަހު ދޮންބެއާއި ދިމާވެފަ ސަކަރާތްވީ ކަންނޭނގެ…” އަފްޒަލް ބުންޏެވެ.
“ހުމް…ޕޮސިބްލް.”
“އެކަމަކު ހިއެއްނުވޭ މާ ބޮޑުކަމެއްވެފަ އޮވެދާނެހެން. މަންމައަށް މިއަދުވެސް ގުޅީމަ ބުނި ގޭގެ ހުރިހާ ކަމެއް ރަނގަޅޭ.”
“ރަނގަޅުކަމަށް ބަލަމާ. ނޫރާ ކައުންސެލިންގްއަށް ދަންޏާ ރަނގަޅުވާނެ އިން ޝާ ﷲ.”
އަފްޒަލް އެ ވާހަކައަށް ހޫންލައްވައިލި ވަގުތު ފަލަކް ކާރު ސްޓާޓްކޮށްލަމުން ދުއްވާފައި ގޮސް ޕާކިންގް ލޮޓްއިން ކާރު ނެރެގެން ގޮސް ޖެހުނު މަގުން ދުއްވައިލިއެވެ. އެއާއިއެކު ދުބާއީގެ މަގުތައް ދުވާލުގެ އަލީގެ ތެރެއިން ފުރަތަމަ ފަހަރަށް ފެނިގެން ދިޔުމުން އަފްޒަލްގެ ދުލުން ޙައިރާންކަމާއި ތަޢުރީފުގެ ބަސްތައް އޮހެން ފެށިއެވެ. އަފްޒަލްއަށް ވަމުން ދިޔަ ގޮތުން ފަލަކަށް ހެވޭ ގޮތްވިއެވެ. ފަލަކް އިތުރަށް އަފްޒަލަށް ދުބާއިއާއި ބެހޭގޮތުން ކިޔައިދޭން އުޅުނު ވަގުތު އަފްޒަލަށް ކްރިސްޓަލް ޢިމާރާތުގެ ރިސެޕްޝަނުން ފޯނެއް އައެވެ. އެއީ ޢިމާރާތުގެ ކޮންމެވެސް ފަންގިފިލާއެއްގެ މަރާމާތާއި ގުޅިގެން އައި ކޯލެކެވެ.
އަފްޒަލަށް ދިގު ދެމިގެން ދިޔަ އެ ކޯލު ނިމިގެން ދިޔައީ، އެ ގުޅި މީހަކު އަފްޒަލްގެ ރެސްޓޯރެންޓުގެ ނަން ބަދަލުކުރުމާއިމެދު ޚިޔާލު ފާޅުކުރުމުން އަފްޒަލް އެއާއި ދެކޮޅު ހެދުމުންނެވެ.
“ލައިކް އައި ސެއިޑް ބިފޯރ. ‘ކަމަނަ’ ރެސްޓޯރެންޓު ހުންނާނީ ހަމަ އެ ގޮތުގަ. ޢިމާރާތުގެ ނަން ބަދަލުކުރިޔަސް. އެ ނަމަކީ ބައްޕަ ދިން ނަމެއް. އެ ނަން އެގޮތުގަ ބަހައްޓަން ބޭނުންވަނީ….” އަފްޒަލް ނުހަނު ސާބިތުކަމާއިއެކީ ބުނި އަޑަށް ފަލަކަށް އަފްޒަލާއި ދިމާލަށް ބަލައިލެވުނެވެ.
އަފްޒަލްގެ ބައްޕަގެ ވާހަކަ އަފްޒަލްގެ ދުލުން ފަލަކަށް މި އިވުނީ ފުރަތަމަ ފަހަރެވެ. އެއާއިއެކު ހިތް ދެރަވެސް ވާ ގޮތްވިއެވެ. މަންމަ ނެތް ދުނިޔޭގައި ބޮޑުވާން ޖެހުމުން އޭނައަށް ލިބުނު ފަދަ ހިތްދަތިކަމެއް އަފްޒަލަށް ވެސް ލިބިފައިވާނެތާއޭ ހިތަށްއެރުމުންނެވެ. އަފްޒަލް ވަނީ ރޭ ދަންވަރު ވަގުތު އެ ހިތްދަތިކަން ޙިއްސާ ކުރުމުގެ ފުރުސަތު އޭނައަށް ދީފައެވެ. ބައްޕައާއި އޭނަގެ ގުޅުމުގެ ވާހަކަ ދެއްކުމަށްފަހު އަފްޒަލް އޭނަގެ މަންމައާއިމެދު ސުވާލު ކުރިއެވެ. މަންމަ ނިޔާވީ ކިހިނެއްތޯ އަހަމުންނެވެ.
އެ ވާހަކަތަކަކީ ފަލަކަށް ކިޔައިދޭން ކިތަންމެ އުދަގޫ ވާހަކަތަކަކަށް ވިޔަސް، ރޭގެ އެ ހިމޭންކަމުގެ ތެރެއިން ލިބުނު އަފްޒަލްގެ ހާޒިރީގައި ޖާދުލެއްވި ފަދައެވެ. އެ ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ފަލަކަށް ކިޔައިދެވުނީ ޖެހިލުންވުމެއް ނެތިއެވެ. މަންމަ ނިޔާވެގެން ދިޔަ އަނިޔާވެރި ގޮތް ކިޔައިދެމުން ދިޔަދިޔަހެން ރޮވެން ވެސް ރޮވުނެވެ. އަދި މަންމަގެ ޤާތިލު ހޯދަން އޭނަ ކުރި ހުރިހާ މަސައްކަތެއް ވެސް ކިޔައިދެވުނެވެ.
ފަލަކްގެ ރުއިމުގެ ތެރެއިން އަފްޒަލް އެންމެ ފަހަރަކުވެސް އޭނަ ގާތު ހުއްޓާލާށޭ ނުބުނެވެ. އޭގެ ބަދަލުގައި ކޮޓަރިއަށް ގޮސް ހިފައިގެން އައި ރުމާލެއް ދިއްކޮށް، އަނެއްކާވެސް ފަލަކްގެ ކައިރީގައި އިށީނެވެ. އަދި ފަލަކް މިހާތަނަށް ކުރި ހުރިހާ ހިތްވަރަށް ތަޢުރީފު ކުރިއެވެ. އަދި މުސްތަޤްބަލަށްޓަކައި ހިތްވަރު ލައިދިނެވެ. މަންމައަށް މި ދުނިޔޭގައި އިންސާފު ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ބުންޏެވެ. މި ދުނިޔޭގައި އެ އިންސާފު ނުލިބެއްޖެނަމަ އާޚިރަތުގައި އިންސާފު ލިބޭނެކަމުގެ ޔަޤީންކަން ލައިދިނެވެ.
އެ ވާހަކަތައް ހަނދާންވެގެން ދިޔަދިޔަހެން ފަލަކް އެވަގުތު އަފްޒަލަށް ވެސް އެފަދަ ގޮތަކަށް ހިތްވަރު ލައިދޭން ބޭނުންވިއެވެ. ބައްޕަ ނެތި ވެސް އެހާ ހަރުދަނާ ޒުވާނެއްގެ ގޮތުގައި އަފްޒަލް ބޮޑުވެގެން އައި ކަމަށްޓަކައެވެ. ހިތްވަރާއިއެކީ ބައްޕަގެ ވިޔަފާރި ކުރި އަރުވަމުންދާ ކަމަށްޓަކައެވެ.
އަފްޒަލް ކަންފަތުން ފޯނު ނެގުމާއިއެކު ފަލަކް ވާހަކަ ފެށިއެވެ.
“ކާކު ކަމަނަ ރެސްޓޯރެންޓުގެ ނަން ބަދަލުކުރަން އުޅެނީ؟” ފަލަކް އެހިއެވެ.
“ހެހެ….އެއީ…މަށާއިއެކީ ރެސްޓޯރެންޓުގަ މަސައްކަތް ކުރާ ނަވާލް. ނަވާލްއަކީ އަހަރެން އެންމެ ސްޓްރަގްލް ކުރި ދުވަހުއްސުރެ ވެސް އަހަންނާއިއެކީ ރެސްޓޯރެންޓުގަ މަސައްކަތް ކުރި އެކުވެރިއެއް. އެހެންވީމަ އަސްލު މި ބިޒްނަސްގެ ވަކި އިންސައްތައެއް ނަވާލްއަށް ވެސް ދީފަ އަހަރެން އޮންނަނީ. މިހާރު މި މަޝްވަރާ ކުރަނީ ކްރިސްޓަލް ޢިމާރާތުގެ ނަން ބަދަލުކޮށް ރީބްރޭންޑް ކުރާ ވާހަކައަށް. ދެން ނަވާލް ބުނަނީ އެ ނަމާއި ގުޅޭ ކަހަލަ ނަމެއް ރެސްޓޯރެންޓަށް ވެސް ދޭންވީ ނޫންހޭ. އެކަމަކު އަހަރެން ނަން ބަދަލު ކުރާކަށް ބޭނުމެއް ނޫން.” އަފްޒަލް ކިޔައިދިނެވެ.
“އެއީ ވެސް ބައްޕަގެ ހަނދާނެއްދޯ؟” ފަލަކް އަފްޒަލަށް ލުއި ނަޒަރެއް ދެމުން އެހިއެވެ.
“ހުމް….އަސްލު ގިނަ މީހުން ހީކުރަނީ ބައްޕަގެ އަންހެން ކުއްޖެއް ނުހުންނާތީ ކަމަށް އެ ނަން ރެސްޓޯރެންޓަށް ދީފަ ހުންނަނީ. އެކަމަކު އެއީ މުޅި ޙަޤީޤަތެއް ނޫން…”
“ދެން؟ ކީއްވެ ދިން ނަމެއްތަ އެއީ؟”
“އެއީ….ރެސްޓޯރެންޓު ހުޅުވަންވެގެން ބައްޕަ މަސައްކަތް ކުރަމުން ދިޔަ ދުވަސްކޮޅު ރެސްޓޯރެންޓަށް އައިސް އުޅޭނެ ކުޑަ އަންހެން ކުއްޖެއް. މަންމަ ކިޔައިދިން ގޮތުގަ އެއްދުވަހު އެ ކުއްޖާއަށް އޮޅިގެން އެތަނަށް ވަދެވުނީ. ދެން ބައްޕައަށް އެ ކުއްޖާ ފެނިގެން ރެސްޓޯރެންޓުގެ ގޮނޑިއެއްގަ ބެހެއްޓީ. މަންމަ ކޮބާހޭ ބުނީމަ ޖަވާބެއް ދޭން ނޭނގިފަ އިނީ. ދެން ބައްޕަ އެ ކުއްޖާއަށްދޭން ބޯކުރި ބަނބުކެޔޮ ކޮޅެއް ގެނެސް ބެހެއްޓީ. އެ ކުއްޖާ ވަރަށް މީރުކޮށް ބަނބުކެޔޮ ކޮޅު ކެއި ވާހަކަ މަންމަ ބުނީ. އޭގެ ފަހުން އެކުއްޖާ އެކުއްޖާގެ މަންމައާއި އެކު ކޮންމެ ދުވަހަކު އަންނަން ފެށީ. އެއީ އެ ރެސްޓޯރެންޓުގެ ފުރަތަމަ ކަސްޓަމާރ. ފުރަތަމަ ކަސްޓަމާރއަކީ އަންހެން ކުއްޖަކަށްވީމަ ކަމަނަ ރެސްޓޯރެންޓޭ ބައްޕަ ކިޔުނީ. ހެހެ….މަޖާދޯ؟” އަފްޒަލް ކިޔައިދިނެވެ.
“ބޯކުރި…ބަނބުކޭލަކީ ކިހިނެއް ހުންނަ އެއްޗެއް؟” ފަލަކަށް ކޮށްލެވުނީ އެ ސުވާލެވެ.
“އެއީ….ބަނބުކެޔޮ ކުދި ކުދިކޮށް ކޮށާފަ ފޮނިކޮށް ހަދާފަ ހުންނާނީ. ގޯލްޑެން ބްރައުން ކުލައެއްގަ. ފަލަކް ދުވަހަކުވެސް ނުކަންދޯ؟ ފަލަކަށް ވެސް މީރުވާނެހެން ހީވަނީ. އެ އަންހެން ކުއްޖާއަކީ ވެސް ބޭރު މަންމައެއްގެ ބޭރު ކުއްޖެއް. އަހަންނަށް ވެސް އެ ދެމީހުން ފެނުނު ހަނދާންވޭ…” އަފްޒަލް ބުންޏެވެ.
“ރެސްޓޯރެންޓުގަ ހުރީ ވަކަރު ވަށް މޭޒުތަކާއި ވަކަރު ގޮނޑިތައްދޯ؟ ރެސްޓޯރެންޓުގެ ކައިރީގަ ހެދުން ފަހާ ގެއެއް ހުންނާނެ…” ފަލަކް ހަނދާން ކުރަމުން ކަހަލަ ގޮތަކަށް ބުންޏެވެ.
“ހުމް…..ކިހިނެއް ފަލަކަށް އެނގުނީ؟” އަފްޒަލަށް އަހައިލެވުނެވެ. އެއާއިއެކު ފަލަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“ޔަޤީންކޮށް އެއްޗެކޭ ބުނާކަށް ނޭނގެ. އެކަމަކު އަހަރެން ކުޑައިރު މަންމައާއި އެކީ މާލޭގަ އުޅުނިން. މަންމަ މާލޭގަ އުޅެމުން ދަނިކޮށް މަންމަގެ ހެދުންތައް ފަހާފަ ހުންނަގޮތް ރީތިވުމުން ބައެއް އަވަށްޓެރިން މަންމަގާތު އެދުނީ ފަހާ ގެއެއްގަ މަސައްކަތް ކޮށްދޭން. މަންމަ އެތަނަށް ދާން ފެށީ އަހަރެން ގޮވައިގެން. އެކަމަކު އެއްދުވަހު އަހަރެން ފޫހިވެގެން އެތަނުން ނިކުމެގެން މަގު ހުރަސްކޮށް އެ ތާ ކުރިމަތީގަ ހުރި ރެސްޓޯރެންޓު ކައިރިއަށް ދިޔައީ އެތާ ކައިރިން ދިއްލޭ ބޯޅައެއް ފެނިގެން. އެ ބޯޅަ ހިފައިގެން އަހަރެން އެތާ ހުއްޓާ ރެސްޓޯރެންޓު ތެރެއިން އައި ބޭބެ ހީކުރީ ކަންނޭނގެ އަހަރެން އުޅެނީ ގެއްލިގެންނޭ. އެހާ ރަނގަޅަކަށް ހަނދާނެއްނެތް ބުނި އެއްޗެއް. އެކަމަކު ރެސްޓޯރެންޓަށް ވައްދާ ގޮނޑިއަކަށް އަރުވާފަ ވަރަށް މީރު ފޮނި އެއްޗެއް ކާން ދިނީ. އަހަރެން ހުރީ ކޮންމެ ގޮތެއްވިޔަސް ވަރަށް އުފާވެފަ މަންމަ އައިމަ ވެސް އެ ބޯޅައާއިއެކީ ބޭބެ އަހަރެން ދިޔަ ދިނީމަ…” ފަލަކް ކިޔައިދިނެވެ.
“އޯ މައި ގުޑްނެސް! ތި ބުނަނީ ޑާކް ބްލޫ ކުލައިގެ އެތެރެއިން ދިއްލޭ ބޯޅައެއްގެ ވާހަކަތަ؟ ދެޓްސް މައިން!!! އަހަރެން އޭތި ނުފެނިގެން މަންމަ ކައިރިން އެހީމަ މަންމަ ބުނީ ބައްޕަ އޭތި ކޮންމެވެސް ކުއްޖަކަށް ދީފިއޭ. އަހަރެން ވަރަށް ނެއްޓި ދުވަހެއް އެއީ.” އަފްޒަލް ވާހަކަ ދެއްކިއެވެ.
“އޫޕްސް!” ފަލަކް ބުނެލިއެވެ. އެއާއިއެކު ހިމޭންކަމުގެ ފަޅި ސިކުންތަކަށްފަހު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
“ސުބްޙާނަ ﷲ! އެހެންވީމަ ދެމީހުން ތަންކޮޅެއް ކުރިން ދިމާވެފަތާ މިހިރީ. މަޖީދުބެ މިކަން އެނގިގެން ކަންނޭނގެ ދެމީހުން ގުޅުވީ…” އަފްޒަލް ބުންޏެވެ.
“ހުމް…ވަރަށް ޕޮސިބަލް.” ފަލަކް ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
**
ފަލަކްގެ އިންސްޓާގްރާމް ޕްރޮފައިލް އިން އަފްޒަލްގެ ފޮޓޯ ފެނުނީއްސުރެ ލީނާގެ ބޯ ގޯސްވާން ކައިރިވެފައިވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަމިއްލަ ލޮލުން ފެނިފައިވިއެއްކަމަކު އެހެން މީހެއްގެ ދުލުން އެކަމުގެ ޔަޤީންކަން ހޯދަން ލީނާ ބޭނުންވެފައިވިއެވެ. ފަލަކަށް ގުޅަން އުޅެފައިވެސް އެކަން ކުރަން ޖެހިލުންވީ، ފަލަކް ގެ ދުލުން ތިމަންނަ މިއުޅެނީ އަފްޒަލާއި އިނދެގެންނޭ ބުނާ އަޑު އަހަން އޭނައަށް ކެތް ނުކުރެވިދާނެހެން ހީވީތީވެއެވެ. އޭގެ ބަދަލުގައި ތަކުރާރުކޮށް މަހްރީންއަށް ގުޅެމުން ދިޔައީ އެހެންވެއެވެ.
އެހެނަސް ލީނާ ގުޅާގުޅާ މަހްރީން ފޯނު ނުނެގުމުން ލީނާގެ ރުޅިގަދަ ވަމުން ދިޔައެވެ. ސެކްރެޓަރިއެއް ފަދަ ދަށް މަޤާމެއްގައި ހުންނަ މީހަކު އޭނަ ކަހަލަ ޝާހީ މީހެއްގެ ކޯލު ނުނަގަންވީ ސަބަބެއް ނެތް ކަމަށް ހިތް ބުނަމުން ދިޔައެވެ.
ރޭއްސުރެ ގުޅަމުން ގޮސް އެންމެ ފަހުން މަހްރީން ލީނާގެ ފޯނު ނެގީ އެދުވަހު ހެނދުނެވެ.
“ހެލޯ؟” މަހްރީން ފޯނު ނަގައި ޖަވާބުދިނީ ފޫހިކޮށްކަން ލީނާއަށް ފާހަގަ ކުރެވުނެވެ. އެއާއިއެކު ލީނާއަށް ވެސް ލިބުނީ ޝޮކެކެވެ. މިއީ އެހެންޏާ އަބަދު ސަލާން ގޮވާފައި ނޫނީ ފޯނު ނުނަގާ ކުއްޖާއެވެ.
“ހެލޯއޭ؟ ހެލޯއޭ ކިޔަން ކެރުނީ ކިހިނެއް؟ މި ގުޅަނީ ކާކުކަން ވެސް ތީނައަށް އެބަ އިނގޭތަ؟ ތި ކުންފުނީގެ މިހާ ބޮޑު ކަސްޓަމަރަކު ގުޅާއިރު ވެސް ފޯނު ނުނަގާ ހުންނަނީ ކީއްވެ؟” ލީނާ ރުޅިވެރިކަމާއިއެކީ އިނގިރޭސި ބަހުން އަޑު ހަރު ކުރިއެވެ.
“އޮހް! ކަސްޓަމާރ ކޮން ކަމަކަށްތޯ އެދި ލައްވަނީ؟” މަހްރީން އޭނަގެ ބަސްތައް މާތް ކުރުވި ގޮތުން ލީނާ ހިސާބަކަށް ހަމައަކަށް އެޅޭ ގޮތްވިއެވެ. ދެ ތިން ފުން ނޭވައެއް ލުމަށްފަހު ލީނާ ވާހަކަ ދެއްކިއެވެ.
“ތި ކުންފުނީގެ ސީއީއޯ މިހާރު އުޅެނީ މީހަކާ އިނދެގެންތަ؟” ލީނާ އެހިއެވެ.
“އާދެ.”
“ކް…ކާކާ އިނދެގެން އުޅެނީ؟”
“އަޙްމަދު އަފްޒަލް އާމިރު….މާލޭގަ ހުންނަ ރެސްޓޯރެންޓަކާއި އެ ރެސްޓޯރެންޓު ހުންނަ ޢިމާރާތުގެ ވެރިފަރާތް.”
އެ ބަސްތައް އިވިފަ އަމިއްލަ ގޭގެ ސިޓިންގް ރޫމުގައި ހިނގަ ހިނގާ ހުރި ލީނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަފްޒަލްގެ ފުރިހަމަ ނަން އިވި، ރެސްޓޯރެންޓެކޭ ވެސް ބުނުމުން އަފްޒަލް މިއަދު ހަމަ އެހާ ކާމިޔާބުވެފައި ވަނީތޯ ހިތަށްއެރިއެވެ.
“ކް…ކޮން ނަމެއް ކިޔާ ރެސްޓޯރެންޓެއް؟ ކް…ކަމަނަ؟” ލީނާއަށް ޖެހިލުންވުމަކާއިއެކީ އަހައިލެވުނެވެ.
“ހުމް….ކްރިސްޓަލް ޢިމާރާތުގަ ހުންނަ ކަމަނަ ރެސްޓޯރެންޓު….ކިހިނެއްވީ؟ މެޑަމް ދަންނަ މީހަކީތަ؟” މަހްރީން އަހައިލި އަޑު އިވުނެވެ.
“ދަންނަ މީހެއްހޭ؟ ތިއީ އަހަންނާއި ހެދި މޮޔަވެގެން އުޅުނު ފިރިހެނެކޭ މިހާރު މާ ފޮނިވެގެން އުޅެނީ. މަ ބުނާނަން ފަލަކް ކައިރި މި ވާހަކަ!” ލީނާ ނުރުހުންތެރިކަމާއި އެކީ ބުންޏެވެ. އަފްޒަލްގެ މައްޗަށް އަދިވެސް އޭނަގެ ޙައްޤެއް އޮތްހެން ހީވާ ފަދައަކުންނެވެ.
“ސީދާސީދަލަށް ބުނުމަށްވުރެ….ނިކަން ވޭންހުރި ދިގު ރޭވުމެއް ރޭވިއްޔާ މާ ސަޅިއެއްނު؟”
އެކޮޅުން މަހްރީން ބުނި ވާހަކައިން ޚުދު ލީނާ ވެސް އޮޅުން އަރާ ގޮތްވިއެވެ. މަހްރީންއަކީ ހަމަ ފަލަކްގެ ސެކްރެޓަރީތޯ އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. އެހެންކަމަށްވާނަމަ ދެންމެ އެ ބުނި ވާހަކައެއް މަހްރީން ބުނީ ކީއްވެތޯ ހިތާހިތުން އަހައިލެވުނެވެ.
**
ފަލަކާއި އެކީ އަފްޒަލް ފެމިނިން ޑިޒައިންސްގެ ބިއްލޫރި ޢިމާރާތަށް ވަދެގެން ދިޔަދިޔަހެން ވެސް އަފްޒަލް އާގަމަވާހާވިއެވެ. ރިސެޕްޝަން އޭރިއާގައި ހުރެ ވެސް މައްޗަށް ބަލައިލާއިރު ސީލިންގް ފެންނަމުން ދިޔައީ އުޑު ފެންނަހާ ހިސާބުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހުދު ކުލައިގެ މާބްލް ޓައިލްސްއާއި ހުދުކުލައިގެ ފާރުތައް ފެންނަމުން ދިޔައިރު ފާރުގެ ބަދަލުގައި ގިނަ ފަރާތުން ފެންނަމުން ދިޔައީ ބިއްލޫރިއެވެ. އެ ބިއްލޫރީގެ އަނެއްފަރާތުން ބޭރުތެރޭގެ މަންޒަރު ފެނުނަސް ބޭރަށް އެތެރޭގެ އެއްވެސް މަންޒަރެއް ނުފެންނާނެކަން އަފްޒަލަށް ޔަޤީން ކުރެވުނެވެ.
ފަލަކް ވަދެގެން ދިޔަދިޔަހެން ދިމާވަމުން ދިޔަ ހުރިހާ މުވައްޒަފުން ފަލަކަށް ސަލާމް ގޮވައި މަރުޙަބާ ކިޔަމުން ދިޔައެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން އަފްޒަލަށް ވެސް ހިނިތުންވުންތައް ހަދިޔާ ކުރަމުން ދިޔައެވެ.
ފަލަކް އަފްޒަލާއި އެކީ ގޮސް އެރީ ތަނަވަސް ލިފްޓަކަށެވެ. އެ ލިފްޓުން މިފަހަރު ފަލަކް ފިތައިލީ 45 ވަނަ ނަންބަރަށެވެ. އެއީ އެ ޢިމާރާތުގެ އެންމެ މަތީ ފަންގިފިލާއެވެ. އަދި ފަލަކްގެ ކެބިން ހުންނަ ފަންގިފިލާ ވެސް މެއެވެ.
އެ ފަންގިފިލާއަށް ގޮސް ފަލަކްގެ ބޮޑު ކެބިން ފެނުމުން ވެސް އަފްޒަލަށް ވަށައި ބެލެމުން ދިޔައެވެ. ކެބިންގެ ބޮޑު މޭޒާއި ގޮނޑި ބިއްލޫރި ފާރާއި ގާތްކޮށް ހުރި އިރު، ކެބިންގެ އެއްފަރާތެއްގައި ސިޓިންގް ރޫމެއް ފަދައިން ސޯފާތަކާއި ގަސްތައް ބެހެއްޓިފައިވިއެވެ.
“ހެހެ….ހިތަށް އެބައަރާދޯ މުއްސަނދި ކުއްޖަކާއޭ މި އިނދެވުނީ؟” ފަލަކް ގޮސް އޭނަގެ ގޮނޑި ކައިރީގައި މަޑުކޮށްލަމުން އަފްޒަލަށް ބަލަން ހުރެ ބުންޏެވެ.
“ހުމް….ހެހެ…އަހަންނަށް މިކަހަލަ ކެބިންއެއް ލިބޭނެ ދުވަހެއް އަންދާޒާ ކޮށްލާކަށް ވެސް ނޭނގެ.” އަފްޒަލް ހިސާބަކަށް ދެރަވެފައި ހުރެ ބުންޏެވެ.
“އަފްޒަލާއި އަހަންނާ ކޮމްޕެއާރއެއް ވެސް ނުކުރެވޭނެއެއްނު؟ އަފްޒަލް އަހަންނަށްވުރެ ގިނަ ސްޓްރަގްލްތަކާއި އެކީ މިހާ ހިސާބަށް އައިސް ތިހިރީ. ޢާއިލާ މީހުންނާއި އެކީ އުޅެމުން ޢާއިލާ މީހުންނަށް ވެސް ޚަރަދު ކުރަމުން. އަހަރެން ވިއްޔާ އެކަނި އުޅެމުން އައީ މި ޑެވެލޮޕްޑް ސިޓީގަ. އަދި އެހާ ގިނަ ފަހި ފުރުސަތުތަކެއް ވެސް އަހަންނަށް ހުރި ރަށެއް މިއީ. އެހެންވީމަ އަސްލު، އަފްޒަލް އަތުގަ އަހަންނަށްވުރެ ގިނަ ލާރި ނެތަސް….އައި ސީ ޔޫ އޭޒް މައި އީކުއަލް. ރިމެމްބާރ ދެޓް!” ފަލަކް ބުންޏެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ލިބުނު ތަސައްލީއާއި އެކީ އަފްޒަލަށް ލުއި ގޮތަކަށް ހީލެވުނެވެ.
ހަމަ އެވަގުތު ކެބިންގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށް ދެމީހުންނަށް ދޮރާއި ދިމާލަށް ބަލައިލެވުނެވެ.
“ޕްލީސް ކަމް އިން…” ފަލަކް އިނގިރޭސި ބަހުން ވަކި އިށީނުމެއް ނެތި ބުންޏެވެ. އެއާއިއެކު އެ ދޮރުން ވަދެގެން އައީ އޮފީސް ސޫޓަކާއި ކަކުލާއި ހަމައަށް އޮތް ރަތް ކުލައިގެ ތިރިއެއް ލައިގެން އައި މަހްރީންއެވެ. ވަދެގެން އައިއިރު އަފްޒަލް އެތާ ހުއްޓެއްކަމަކު އެ ދިމާލަށް ބަލައިވެސް ނުލައި އަތުގައި ހުރި ފައިލްތަކަށް ބަލަމުން އައިސް ފަލަކްގެ މޭޒު ކައިރި ހުއްޓިލިއެވެ.
“މިއޮތީ މޭމްގެ މިއަދުގެ ޝެޑިއުލް. މިއަދު ޓޯޓަލް 5 މީޓިންގްއާއި 7 ޑިޒައިން ރިވިއުސް އެބަހުރި ކުރަންވެފަ. މި ފައިލްތަކުގަ ހުރިހާ ތަފްސީލެއް ހުންނާނެ.” މަހްރީން ފަލަކްގެ ޝެޑިއުލް ހުރި ކްލިޕް ބޯޑާއި ފައިލްތަކެއް މޭޒުމަތީގައި ބަހައްޓަމުން ޢަރަބި ބަހުން ވާހަކަ ދެއްކިއެވެ. އެކަން ފަލަކަށް ފާހަގަވީ މާ ބޮޑަށެވެ.
“އޯކޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ…..އަފްޒަލް…އިރުކޮޅަކަށް ޢިމާރާތުގެ ޓުއާރއެއް ޖައްސައިލަންވީއެއްނު؟ އަހަރެން ސެކްރެޓަރީއާއި ވަކިން ވާހަކައެއް ދައްކަންވެފަ އެބައޮތް.”
މަހްރީންއަށް އަރަބިން ޝުކުރު އަދާ ކުރުމަށްފަހު ފަލަކް އަފްޒަލާއި ދިވެހިން މުޚާތަބު ކުރިއެވެ. އެއާއިއެކު އަފްޒަލް ހިނިތުންވުމަކާއިއެކީ ބޯޖަހައިލަމުން ކެބިން އިން ނިކުންނަން ދިޔައެވެ.
އަފްޒަލް ލޯމައްޗަށް ގެއްލުމުން ފަލަކް އޭނަގެ ގޮނޑީގައި އިށީނދެ މަހްރީން ގާތު ވެސް އިށީންނަން އެންގިއެވެ. މަހްރީން އިށީނުމުން ފަލަކް ވާހަކަ ދެއްކިއެވެ.
“ކިހިނެއްވީތަ މަހްރީން؟ ޕާރސަނަލް ލައިފްގަ އެއްވެސް ދަތިކަމެއް ދިމާވެގެން އުޅެނީތަ؟” ފަލަކް ޢަރަބި ބަހުން ވާހަކަ ދެއްކިއެވެ.
“ން…ނޫނޭ. ކިހިނެއްތޯވީ؟” މަހްރީންވެސް ޢަރަބިން އެހިއެވެ.
“ނޭނގެ….މޭމް އަނބުރާ ދުބާއިއަށް އައިފަހުން ތަފާތު މަހްރީންއެއް މޭމްއަށް މި ފެންނަނީ. މޭމް އެދޭ އެދުންތައް ހަނދާން ނައްތައި، މޭމް އާއި އެކީ އައި މެހުމާނަކަށް މަރުޙަބާ ނުކިޔައި، އެ މެހުމާނުގެ ކުރިމަތީގައި ޢަރަބި ބަހުން ވާހަކަ ދައްކައި އެއީ ނެތް މީހަކަށް ހެދީ. މި ހުރިހާ ކަމެއްގެ ފަހަތުގައިވަނީ ކޮން ކަމެއްތޯ އަހައިލެވިދާނެތަ؟” ފަލަކް އެހިއެވެ.
އެއާއިއެކު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަމުގެ ވަގުތުކޮޅު ނަގައިލީ، އިސްއުފުލައިލި މަހްރީންއެވެ.
“މޭމް ވެސް ބަދަލުވެއްޖެއެއްނޫންތޯ؟” މަހްރީން ކޮށްލީ، ފަލަކް އަޖާއިބު ކުރުވި ސުވާލެކެވެ.
“ކީކޭ؟” އެ ބުނި އެއްޗެއްގެ މާނަ ސާފު ނުވުމުން ފަލަކަށް އަހައިލެވުނެވެ.
ނުނިމޭ
Ibaa
July 6, 2023 @ 2:28 pm
It’s really hard to trust people these days..can’t believe that Mahreen is betraying her..anyways this part is also amazing..eagerly waiting for the next part..luv ya siss