ޤަދަރު (ނަވާރަވަނަ ބައި)
“ދުބާއިއަށް ދާން ބޭނުން ބައްޕާ…މިގޭގަ އުޅެން ވަރަށް ބިރުގަނޭ….”
އެ ބަސްތައް ބުނެލީ، ގެއަށް ވަދެގެން އައި މަޖީދުގެ ފައިގައި އޮޅުލައިގަތް ކުޑަކުޑަ ފަލަކެވެ. އެހިނދު އެ ރީތި ލޮލުން ކަރުނަތައް ފައިބައި ކޯތާފަތް ތެމިފައިވިއެވެ. އެދުވަހަކީ ފުރަތަމަ ފަހަރަށް ފަލަކަށް މަންމަގެ ހަޅޭކާއި ރުއިމުގެ އަޑު އިވެން ފެށި ދުވަހެވެ. ބައްޕަގާތު އެ ވާހަކަ ބުނުމުން ބައްޕަ އޭނަގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް އޭނަ އެދޭ ގޮތަށް ކަންތައް ކޮށްދޭނެ ކަމަށް ފަލަކް ހީކުރިއެވެ. އެހެނަސް….
“ފަލަކް ދޭބަލަ ކުޅެން އެކޮޅަށް. ބައްޕަ މިއުޅެނީ ވަރަށް ގަދައަށް ބޮލުގަ ރިއްސައިގެން..” ބައްޕަ އެހެން ބުނެ އޭނަގެ ކޮނޑުގައި ހިފައި ބައްޕައާއި ދުރުކޮށްލި ހިނދު ފަލަކް އަމިއްލަ އިޙްސާސްތަކާއިމެދު އޮޅުން އަރާ ގޮތްވިއެވެ. އޭނަގެ އަމިއްލަ އިޙްސާސްތައް މުހިއްމެއް ނޫންހެން ހީވީ ބައްޕަ އޭނަ ބުނި އެއްޗަކާއިމެދު އަޅާވެސް ނުލުމުންނެވެ. އެހެނަސް ބައްޕަ އޭނައަށް ފަސްދީފައި ދާން ފެށުމުން ސިކުނޑިއަށް ވެރިވި ކަންބޮޑުވުމަށް ކެތްނުވުމުން އިތުރަށް ވާހަކަ ދެކެވުނެވެ.
“މިއަދު މަންމަ ރުއީ ބައްޕާ….މަންމަ ހުރީ ވަރަށް އައްދޮއް ވެފަ…” ފަލަކް ދެންވެސް ރޮމުން ރޮމުން އެހެން ބުނެލީ މަންމަގެ މޫނާއި އަތުގެ އެކި ދިމަދިމާލުން ފެނުނު ޒަޚަމްތައް ހަނދާންވުމުންނެވެ.
އެ ވާހަކަ އިވިފައި ބައްޕަ ފަސްއެނބުރި ބަލައި އޭނައަށް ސަމާލުކަން ދޭނެކަމަށް ފަލަކަށް ހީކުރެވުނެވެ. އެހެނަސް އެ ހީ އާއި ޚިލާފަށް ބައްޕަ އޭނައަށް ބެލުމެއްވެސް ނެތި ސިޑިން މައްޗަށް އަރައިގެންދާން ފެށުމުން ފަލަކް އަނެއްކާވެސް އޮޅުން އެރިއެވެ. އޭނައަށް މަންމަގެ ޙާލަތާއި މެދު މި ވިސްނެނީ ވިސްނަންޖެހޭ ވަރަށްވުރެ މާ ބޮޑަށްތޯ ހިތަށްއެރީ، ބައްޕަ އެ ވާހަކައަށް ދިން ސަމާލުކަން ކުޑަވުމުންނެވެ. އަދި އަމުދުން އޭނަ ހަމަޖެހޭ ފަދަ މާޙައުލެއްގައި އުޅުމަކީ އޭނަ އެދިގެންވާނެ ކަމެއް ނޫންހެން ހީވާ ގޮތްވީ، ބައްޕަ ފަހުން ދުވަހަކު ވެސް އޭނަ އެ ދެއްކި ވާހަކައަށް އަލި އަޅުވައި ނުލުމުންނެވެ.
އެ ދުވަސްފަހުން އެތައް އަހަރެއް ފާއިތުވެ ބައްޕައާއި ވަކިން ވެސް އުޅެން ފެށިއެއްކަމަކު، އެ ދުވަހުގެ ހަނދާންތައް ފަލަކްގެ ސިކުނޑީގައި ހަރުލާފައިވެއެވެ. އެދުވަހު ކުރެވުނު އިޙްސާސްތައް ހިތުގައި ބިންވަޅު ނެގިފައިވެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ކުޑައިރު އޭނައާއިމެދު ބައްޕަ ކަންތައް ކުރީ ގޯސްކޮށްކަން ޔަޤީންވިޔަސް، އަމިއްލަ އިޙްސާސްތަކާއިމެދު އޭރު ޤަބޫލު ކުރެވުނު ގޮތަށް އަދިވެސް ބަދަލެއް ނާންނަ ފަދައެވެ.
ފަލަކް މިއަދު އުޅެމުން އަންނަ އަފްޒަލްގެ ގެއަކީ އޭނަ އަމިއްލައަށް ކުއްޔަށް ހިފައިގެން އުޅޭ ގެއެކެވެ. އެ ގޭގެ ތެރެއިން އޭނައަށް އަމާން މާޙައުލެއް ތަޖުރިބާ ނުކުރެވޭނަމަ، އެ ގެއިން ނިކުމެގެން ދިޔުމަކީ އޭނައަށް ދެވަނަ ވިސްނުމެއްނެތި ކުރެވިދާނެ ކަމެކެވެ. އެހެނަސް އޭގެ ބަދަލުގައި، އެ ނާމާންކަމުން އޭނައަށް ސަލާމަތް ވެވޭނެ ގޮތެއް ނެތްހެން ހީވީ، އަދިވެސް ކުޑައިރުގެ ފަލަކްގެ މޭތެރޭގައި އޮތް ހިތް އެ މޭގައި ތެޅެމުން ދާތީވެއެވެ. ހަޅޭކާއި ރުއިމުގެ އަޑު އިވޭ ގެއަކީ ޚުދު އޭނަގެ އަމިއްލަ ގެއެއްހެން ނޭނގުމެއްގެ ތެރެއިން ވެސް ޤަބޫލު ކުރެވޭ ގޮތްވިއެވެ. އަދި އޭނައަށް ޙައްޤުވާ ގޮތަކީ ވެސް އެއީ ކަމަށް ޤަބޫލު ކުރެވިފައިވިއެވެ.
“ފަލަކަށް އެގޭގަ އުޅެން ދަތިއްޔާ ބުނައްޗޭ. އޭރުން އެހެން ގޮތެއް ހަމަޖައްސައިދޭނަން. ކޮންމެ ތަނެއްގަ ހުއްޓަސް ފަލަކް އުފަލުގަ ހަމަޖެހިގެން އުޅެން އަހަރެން ބޭނުމީ…”
އަފްޒަލްގެ އެ ބަސްތަކުގެ ސަބަބުން ފަލަކަށް އެރޭ ނިދޭ ގޮތެއްވެސް ނުވީ، އެ ބަސްތަކުން އޭނަގެ ޤަބޫލު ކުރުންތަކަށް ގޮންޖެހުނުހެން ހީވުމުންނެވެ. އަފްޒަލް އެ ބުނެލި ބަސްތަކަކީ މީގެ އެތައް އަހަރެއް ކުރިން އޭނަ ބައްޕަގެ ދުލުން އަޑުއަހަން ބޭނުންވެފައިވި ބަސްތަކެވެ. އެހެނަސް މާ ލަހުން އެ ބަސްތައް އޭނައާއި ހިސާބަށް އައުމުން ފަލަކަށް އިޙްސާސް ކުރަންވީ ގޮތެއް ނޭނގުނެވެ. އޭނަގެ އަމިއްލަ ބައްޕަ ނުބުނާ ވާހަކައެއް، ބީރައްޓެހި ފިރިހެނަކު އޭނަގާތު ބުނަނީ އޭނަގެ ފައިދާ ނަގަންތޯ ހިތާހިތުން ކިޔެންފެށިއެވެ.
ނަމަވެސް އެރޭ ކީއްވެ ކަމެއް ނޭނގެއެވެ. އެހެންޏާ ނުހަނު ފަސޭހައިން ފިރިހެނުންނާއިމެދު ގޯސްކޮށް ނިންމުންތައް ނިންމާ ފަލަކަށް، އެރޭ އަފްޒަލާއިމެދު ނޭދެވޭ ގޮތަކަށް ވިސްނަން ދަތިވެފައިވިއެވެ. އަފްޒަލާއިމެދު އެ ފަދައިން ވިސްނުނު ކޮންމެ ފަހަރަކުހެން އަފްޒަލް އޭނައަށް ހީކުރެވުނީ ނުބައިކޮށްކަން ސާބިތުކޮށްދޭތީ ކަންނޭނގެއެވެ. އެކަމާއިހެދި ވެސް ފަލަކްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އޭނައަށް އަފްޒަލްގެ ‘އަސްލު’ ސޫރަ ފެނި، އޭނައަށް އަފްޒަލަށް ނަފްރަތު ކުރެވޭނީ ކޮން ދުވަހަކުންތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އޭނައަށް އެވަގުތު އިޙްސާސް ކުރެވެމުން ދިޔަ ހަމަނުޖެހުން ނެތިދާނެ ހަމައެކަނި ގޮތަކީ އެއީހެން ފަލަކަށް ހީވެފައިވިއެވެ.
“ނޫނޭ އަފްޒަލް….އަފްޒަލްގެ ދޮންބެ ކުރާ ކަންތަކަށްޓަކައި ކޮންމެހެން އަފްޒަލް ޒިންމާ ނަގާކަށް ނުޖެހޭ. އަޑުއެހި ގޮތުގަ އަފްޒަލްގެ ދޮންބެ ވަރަށް އަވަހަށް އަނެއްކާވެސް ރިސޯޓަށް ދާނެދޯ؟ އެހެންވީމަ އިތުރަށް ދެން ޗޭންޖް ނުވެ އެ ގޭގަ މަޑުކޮށްލަން ބޭނުމީ..”
ފަލަކަށް ޖަވާބުގައި އެހެން ބުނެވުނު އެއް ސަބަބަކީ ވެސް އެއީއެވެ. އެ ގޭގައި ހުރެގެން އަފްޒަލްގެ ނޭދެވޭ ސިފަތައް އޭނައަށް ފެންނާނެ ގޮތެއް ވުމަށް އޭނަގެ ހިތް އެދެމުން ދިޔަ ފަދައެވެ. އެ ދުވަހަކަށް އޭނައަށް އިންތިޒާރު ކުރެވެން ފެށި ފަދައެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު ކޮޓަރިން ބޭރަށް ނުދާން ހިތަށް އަރާފައިވެސް ފަލަކް އެ ޚިޔާލު ބަދަލުކުރިއެވެ. މިއީ އޭނަވެސް ލާރި ދީގެން އުޅޭ ގެއަކަށްވާއިރު މި ގޭގައި އޭނައަށް ބޭނުންހާ ގޮތަކަށް އުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް ފަލަކްގެ ހިތް ބުންޏެވެ. އެހެންކަމުން ކޮޓަރިން ނިކުމެ ފަލަކް ސިޑިން ވެސް ފައިބަން ފެށީ އިއްޔެއާއި ޚިލާފަށް އެއްވެސް ބިރަކާއި ނުލައެވެ. އެކަން އެނގުންވުމުން ސިޑިން ފައިބަމުން ދިޔަ ވަގުތު ފަލަކަށް ހިނިތުންވެސް ވެލެވުނެވެ. ހިނިތުންވެލީ ވަގުތު އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ އަފްޒަލް ރޭ އޭނައަށް އެންމެފަހުން ދިން ހިނިތުންވުންކަން އެނގުންވި ހިނދު ފަލަކަށް ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލެވުނެވެ. އެ ހިނދު އޭނައަށް މި ވަނީ ކީއްތޯ ހިތަށްއެރިއެވެ.
“ކީއްވެ މަޑުކޮށްލީ ދަރިފުޅު؟ ކަމެއް ހަނދާންވީތަ؟ ނޫނީ އެއްޗެއް ބާއްވާފަ ދެވުނީތަ؟”
އެ ސުވާލުތައް ކޮށްލީ، ކާ މޭޒުދޮށުގައި ނާއިލަށް ކާންދޭން އިން ފަޒީލާއެވެ. އަފްޒަލްގެ މަންމަގެ ދުލުން އެ އިވުނު ސުވާލުތަކުގެ ޖަވާބަކީ ކޮބައިކަން އެނގުންވީ ހިނދު ފަލަކް ލަދުގަންނަ ގޮތްވިއެވެ.
“ހެހެ…ނޫނޭ..އެއީ ކުޑަކޮށް..ކަމެއް ހަނދާންވީ. ހެހެ…” ނޫންކަމަށް ހަދައި ސިޑިން ފައިބަމުން ފަލަކް އެހެން ބުންޏެއްކަމަކު ދޮގެއް ހެދޭ ގޮތެއް ނުވިއެވެ. ދޮގު ހެދުމަކީ އޭނައަށް ނުހަނު ދަތިކަމަކަށް ވާތީވެއެވެ.
ފަލަކްގެ ނަސީބު ރަނގަޅުކަމުން ފަޒީލާ ދެން އިތުރު ސުވާލުތަކެއް ނުކުރިއެވެ.
“ހެހެހެ….އެހެންތަ؟ އަވަހަށް އާދޭ ސައިބޯން. މިއަދު ނޫރާ ވެސް މި ގަޑީގަ އޮފީސް ބައްދަލުވުމަކަށް ދާންޖެހިގެން މި ސޮރަށް ކުޑަ އެއްޗެއް މި ދެނީ މި ގަޑީގަ…” ފަލަކް ކާ މޭޒާއި ކައިރި ވީވީހެން ފަޒީލާ ކިޔައިދިނެވެ. އޭރު ނާއިލް އަތުގައި އޮތް ފޯނަށް ގެއްލިފައި އިނެވެ.
“އޯހް….ނޫރާ..ރަނގަޅުތަ ދައްތާ؟” ފަލަކް އެ ސުވާލުކޮށްލީ ހިސާބެއްގެ ޖެހިލުންވުމަކާއި އެކީގައެވެ. އެ ސުވާލު ކޮށްލުމާއިއެކު ފަޒީލާގެ ހިނިތުންވުން ފިލައި ދިޔުމުން ފަލަކް ދެރަވާ ގޮތްވެސްވިއެވެ.
“އެ ކުއްޖާ ހަމަ އުޅޭ ޙާލެއްގަ އެ އުޅެނީ. މިތާ އުޅޭ ފިރިހެނާ އަހަރެން ބުނީމަ ވެސް ނޫރާ އޮފީހަށް ގެންގޮސް ނުދީ ކޮންމެވެސް އެހެން ތަނަކަށް ދިޔައީ. އޭނަ ނެތީމަ ގެ ހިމޭންވެފަ މިއޮތީ…” ފަޒީލާ ނުރުހުންތެރިކަމާއިއެކީ ބުންޏެވެ.
ފަޒީލާގެ އެ ވާހަކައިން ފަލަކަށް އެ ދުވަހު ކަންތައް ވެފައިވާނެ ގޮތް ރަނގަޅަށް ސިފަކުރެވުނެވެ. އަދުހަމް ނޫރާ ގެންގޮސް ނުދިނުމުން ރަނގަޅަށްވިއްޔާ ނޫރާ ގެންގޮސްދޭނީ އަފްޒަލެވެ. އެއަށްފަހު އަފްޒަލް ގެއަށް އައިސް ޒައުލް މި ދުވަސްކޮޅު ހަދަމުންދާ ގްރޫޕް ވޯކަކަށް އެކުވެރިއެއްގެ ގެއަށް ގެންގޮސްދީފައިވާނެއެވެ. އެ ޚިޔާލުތަކުން ވެސް އަފްޒަލްގެ ޒިންމާދާރުކަން ފަލަކަށް އިޙްސާސްވުން ނޫންކަމެއް ނުވިއެވެ.
އެހެނަސް އެވަގުތު އެ ޚިޔާލުތަކުން ނިކުމެ ފަލަކަށް ފަޒީލާއާއި ވާހަކަ ދެކެވެން އުޅުނީ، ދެންމެ އޭނައަށް ނޫރާއާއި މެދު ކުރެވުނު ޚިޔާލުތައް ހިތަށް ގެނެވުމުންނެވެ. ނޫރާ އެފަދަ ޙާލެއްގައި އުޅޭއިރު ވެސް ދެމީހުން ވަރި ނުކުރުވަނީ ކީއްވެތޯ އެވަގުތުން ވަގުތަށް އަހަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު އެތާ އިން ނާއިލް ފަލަކަށް ފާހަގަވިއެވެ. ނާއިލް އެވަގުތު އޭނައަށް ދެމުން ދިޔަ ނަޒަރުތަކުން، މި ދެކެވެމުން ދަނީ ނާއިލްގެ މަންމައާއި ބައްޕަގެ ވާހަކަކަން އެ ކުއްޖާއަށް ފަހުމްވާކަން ފަލަކަށް ޔަޤީންވިއެވެ. އެހެންކަމުން އޭނަ ދައްކަން އުޅުނު ވާހަކަ ފަސްކޮށްލަން ފަލަކަށް މަޖުބޫރުވިއެވެ.
އެދުވަހު ވަކި ގެއިން ވެސް ބޭރަށް ދިޔުމަށް ރާވާފައި ނެތުމުން އަފްޒަލް މަތިން ހަނދާން ކުރުން ނޫންކަމެއް ފަލަކަށް ނުކުރެވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމާއިހެދި ވެސް އޭނަ ރުޅި އައީ ހަމަ އަފްޒަލަށެވެ. އަފްޒަލް ކޮންމެހެން އޭނައަށް މިފަދައިން ވިސްނޭނެފަދަ ގޮތަކަށް އުޅެން ނުޖެހެއެއް ނޫންތޯ އޭނަގެ ޒަމީރު ބުންޏެވެ. އެއީ ކިހާ މޮޔަ ޚިޔާލެއްކަން އެނގުނަސްވެސް އޭނަ ރުޅި އަންނަން ބޭނުންވީ އަފްޒަލަށެވެ.
އެ ނޭދެވޭ ޚިޔާލުތަކުން ދުރުވުމަށްޓަކައި ފަލަކް އެދުވަހު އޭނަގެ ފޯނު ނަގައި ގުޅައިލީ ޒުހާއަށެވެ. ޒުހާއަށް ނުގުޅޭތާ ދުވަސްވެފައި ވުމާއިއެކު އެކުއްޖާ މަތިން ހަނދާންވެސް ވުމުންނެވެ. އޭނަ ޢާއްމު ގޮތެއްގައި ޒުހާއަށް ގުޅާ ނަހަދައެވެ. ޒުހާއަށް ގުޅައި ހަދަނީ މިއަދު ފަދައިން އެއްވެސް ކަމެއް ނެތި ފޫހިވެފައި ހުންނަ ގަޑިއެއްގައެވެ. އެކަމާއިމެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނަސް ފަލަކް ވަކި އެކަން ބަދަލު ކުރާކަށް ނުއުޅެއެވެ.
ފަލަކް ހީކުރީ އެތައް ދުވަހެއްފަހުން އޭނަ އިސްނަގައިގެން ގުޅުމުން ޒުހާ ނުހަނު ޖޯޝާއިއެކީ ފޯނަށް ޖަވާބު ދޭނެ ކަމަށެވެ. އެހެނަސް….
“ހައި ދޮންތާ…” ޒުހާގެ ފަރާތުން އައީ ލޮނުމަޑު ޖަވާބެކެވެ.
“ހައި….ވަޓްސް އަޕް ސިސް؟” ފަލަކް އެހިއެވެ.
“ނަތިންގް މަޗް. ހޯމްވޯކް ހަދަނީ….” ޒުހާ ބުންޏެވެ.
“އޯ…ކޭ ބަޓް ވަޓްސް ދަ ވައިބް؟ ކަމެއް ދިމާވީތަ؟”
“ކަމެއް ނުވޭ ދޮންތާ އައި ޕްރޯމިސް…”
“ލެޓްސް ސީ…އެއްކަލަ ސްކޫލުން ދިމާވި ބުލީ އެއްޗެކޭ ބުނީތަ؟”
“ނޯ އޭނަ ސްކޫލުން ކެނޑިގެން އެހެން ސްކޫލަކަށް ގޮއްސި.”
“މަންމަ އެއްޗެކޭ ބުނީ؟”
“ނޯ ޗޭންޖެސް ޓު މަންމާ…”
“ދަށްކޮށް ރިޒަލްޓް ލިބުނީ؟”
“ނޮޕް! އަދިވެސް ކްލާސް ޓޮޕާރ ޒުހާއަކީ.”
“ހައު އިޒް ލަވް ލައިފް؟”
އެ ކޮށްލެވުނު ސުވާލާއިއެކީ ޒުހާ ކުއްލި ގޮތަކަށް ހިމޭންވާ ގޮތްވިއެވެ. ޒުހާގެ ޖަވާބެއްގެ އިންތިޒާރުގައި އެއްޗެކޭ ނުބުނެ ފަލަކް އެނދުމަތީގައި އިނެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލީ އޭނައަށް ހީވި ހީވުމަކީ ޙަޤީޤަތެއްކަން ޔަޤީނާއި ގާތްވުމުންނެވެ.
“މިފަހަރު ދިމާވި ކުއްޖާ ކީއްކޮށްގެން އުޅެނީ؟ އަނެއްކާވެސް ގޯސް އެއްޗެހި ކިޔާ މީހަކާތަ ޒުހާއާއި ދިމާވެގެން ތިއުޅެނީ؟ ޔޫ ޝުޑް ނޮޓް ޓޮލަރޭޓް އެބިއުޒް މައި ޑާރލިންގް ސިސް…” ފަލަކް އެހެން ބުނެލީ ޙަޤީޤަތުގައި ވެސް ޒުހާއަށްޓަކައި ދެރަވެފައިވާ ޙާލުގައެވެ.
“ނޫނޭ ދޮންތާ…..އޭނަ ވަރަށް ރަނގަޅު. އެއީ ގޯސް އެއްޗެހި ކިޔާ ކަހަލަ ކުއްޖެއް ނޫން. އަހަރެން ދެކެ ލޯބިވާ ވާހަކަ ވަރަށް ސާފުކޮށް ބުނޭ. އަހަރެންގެ ޙާލު ބަލައި އުޅޭ. އަހަންނާއި އަޅާލާކަން އަބަދުވެސް އަންގައިދޭ…” ޒުހާ ކިޔައިދިނެވެ. އެ އަޑުން ޒުހާ ހުރީ ދެރަވެފައިކަން ފަލަކަށް ނަގައިގަނެވުނެވެ.
“ތި ހުރިހާ ކަމެއް ތިހެން ވަންޏާ ޒުހާ ދެރަވެފަ ތިހިރީ ކީއްވެ؟ ޒުހާގެ އިޙްސާސްތައް ވެސް މުހިއްމޭ ތި ބުނާ މީހެއްގެ އިޙްސާސްތަކާއި އެއްވަރަށް. ތި ގުޅުމެއްގެ ވާހަކަ ޒުހާއަށް އުފާވެފަ ނުދެއްކެންޏާ ދެއާރ އިޒް ސަމްތިންގް ރޯންގް…ދޮންތައަށް އެބަ ފޮރުވަންދޯ ކޮންމެވެސް ކަމެއް؟” ފަލަކަށް އަހައިލެވުނެވެ.
“ނޯ ދޮންތާ…އައި ވިލް ފިގާރ އިޓް އައުޓް މައިސެލްފް..ފޯނު ބޭއްވީ އިނގޭ؟ އައިމް ބިޒީ.”
ޒުހާ އެހެން ބުނެ ފަލަކަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިން ފޯނު ކަނޑައިލިއެވެ. އެއާއިއެކު ފަލަކަށް ޤަބޫލު ކުރަން ވެސް ދަތިވެފައި ފޯނު ކަންފަތުން ނަގާލަމުން ސްކްރީނަށް ބަލައި ކުރު ނޭވައެއް ދޫކޮށްލެވުނެވެ. މި ނޫނީ ޒުހާ އޭނަ ދުރުކޮށްފައިވާ ވަގުތެއް އައިސްފައި ނުވާތީވެއެވެ. މިފަހަރު ޒުހާއާއި މި ދިމާވީ ވަރުގަދަ ފިރިހެނެއްތާއޭ ހިތަށްއެރިއެވެ.
ފަލަކަށް ނޭނގުނު ކަމަކީ، ޒުހާއާއި މިފަހަރު ދިމާވެގެން އުޅެނީ ހަމައެކަނި ފިރިހެން ކުއްޖެއްގެ މައްސަލައެއް ނޫންކަމެވެ. އެ މައްސަލައާއި ގުޅިގެން އޭނަގެ ހިތުގެ އީމާންތެރިކަމުގެ ވާހަކަ ވެސް އެކުވެފައިވީ ކަމެވެ.
ޒައުލް އޭނައާއި ވާހަކަ ދެއްކުން މަދު ކުރި ފަހުން ޒުހާ ޙަޤީޤަތުގައި ވެސް ވަރަށް ދެރަވިއެވެ. އެ ހިތާމަވެރިކަމާއި ދުރުވުމަށްޓަކައި ޒުހާ އޭނައަށް ލިބުނު އާ އެކުވެރިންނާއިއެކީ ގިނަ ވަގުތު ހޭދަ ކުރަން ފެށިއެވެ. އެ ކުދިންނަކީ މުސްލިމް ކުދިންނަށް ވުމުން ޒުހާއަށް ގިނަގިނައިން ދީނީ ވާހަކަތައް އިވެން ފެށިއެވެ. އެންމެ ކުޑައިރުއްސުރެ ވެސް ޒުހާ ކިޔަވަމުން އައީ ލަންކާގައި ކަމަށްވުމުން ސްކޫލްގައި އިސްލާމް މާއްދާއެއް ކިޔަވާފައެއް ނުވެއެވެ. ނަމާދުވެސް ޒުހާ ކުރަނީ ޙާލަކުން ފަހަރަކުއެވެ. އެ ވެސް ބައްޕަ ބުނެފިއްޔާއެވެ. އެހެން ނޫނީ ނަމާދު ކުރާނެ ކަމަށް ބައްޕަގާތު ވެފައިވާ ވަޢުދު ހަނދާންވާ ވަގުތު ކޮޅުތަކުގައެވެ.
ނަމަވެސް އެ އެކުވެރިންނާއިއެކީ އުޅެން ފެށި ފަހުން ފަލަކަށް ނަމާދާއި ގުޅޭ ގޮތުން ގިނަ ކަންތައް ދަސްވެފައިވެއެވެ. ނަމާދަކީ އެހެން ދީންތަކުގެ އަޅުކަންތަކާއި ޚިލާފަށް، އަޅާއާއި އޭނަގެ ވެރި ރައްބު އެއްވެސް ހުރަހެއްނެތި ގުޅުވައިލަދޭ އަޅުކަމެއްކަން އެނގުންވިއެވެ. ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވޭ ހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ އާޔަތަކަށް ޖަވާބު ދެއްވާކަން އެނގުންވީ ހިނދު ޒުހާގެ ހިތަށް ކުރީ ނޭނގޭ އަސަރެކެވެ. އެ ދުވަސްފަހުން ފަތިސް ނަމާދު ފިޔަވައި އެހެން ނަމާދުތައް ކުރަން ފެށީ ﷲ އާއި އޭނައާއި ދެމެދު އޮތް ގުޅުން ތަޖުރިބާ ކޮށްލަން ހިތް އެދުނު ވަރުންނެވެ. ފަތިސް ނަމާދުވެސް ކުރަން ބޭނުންވިއެއްކަމަކު އެ ނަމާދު އެޅެމުން ދިޔައީ، ނިދީގެ މައްޗަށް ބާރު ނުހޯދޭތީވެއެވެ. އެހެނަސް ފަހުން ފަހުން އައިސް އެ ނަމާދު ވެސް ކުރަން ބޭނުންވި މިންވަރުން ޒުހާ އެންމެ ފަހުން އަވަހަށް ނިދަން ފެށިއެވެ. އެކަމަށްޓަކައި އޭނަ ރޭގަނޑު އެތައް އިރެއްވަންދެން ކުޅޭ ގޭމުތަކާއި ބަލާ ޝޯތައް މަދު ކުރަން ޖެހުނެވެ. އަވަހަށް ނިދަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ޒުހާއަށް ކާމިޔާބު ކަމާއިއެކީ ވަގުތުން ފަތިސް ނަމާދު ކުރެވުނެވެ. އެދުވަހު ޒުހާއަށް އިޙްސާސް ކުރެވިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. މުޅި އެދުވަސް ތެރޭގައި ހިތް ވަށައިލެވިގެންވި އުފާވެރިކަމުގެ ސަބަބުން ޒުހާ އެރޭ ޒައުލްއާއި އޭނަގެ ތަޖުރިބާ ޙިއްސާ ކުރަން ބޭނުންވިއެވެ. މި ހުރިހާ ދުވަސް ވަންދެން ޒައުލް ގާތު ދީނުގެ ވާހަކަ ދައްކަން ޖެހިލުންވެފައި ވިއެއްކަމަކު، އެ ދުވަހު ކޮންމެހެން ވެސް އޭނައަށް ވަގުތުން ފަތިސް ނަމާދު ކުރެވުނު ކަމުގެ އުފަލުގައި ޒައުލް ބައިވެރި ކުރަން ބޭނުންވީއެވެ. އެހެނަސް….
“ސޯ؟ ވަޓްސް ދަ ބިގް ޑީލް؟”
ޒުހާ ނުހަނު އުފާވެރިކަމާއިއެކީ ދެއްކި ވާހަކައަށް ޒައުލް ރައްދު ދިން ގޮތުން ޒުހާގެ ހިނިތުންވުން ގެއްލުނެވެ.
“ޒައުލް….އިޓްސް ފަޖްރް….ކިހާ ރީތި ވަގުތެއްގަ ކުރެވޭ ރީތި ނަމާދެއްތަ އެއީ؟” ޒުހާ އެ ހިނިތުންވުން ދެމެހެއްޓޭތޯ މަސައްކަތް ކުރިއެވެ.
“މަށަށް ނޭނގެ. އެއީ މަ ނިދާ ގަޑި. ތެދުތެދަށް ބުނަންޏާ ހިތަށްއަރާ ދޮންބެ ތި ނަމާދެކޭ ކިޔާފަ އެ ގަޑީގަ މަށަށް ނުގޮވާނަމައޭ ވެސް.” ޒައުލް ބުންޏެވެ. އެއާއިއެކު އަނެއްކާވެސް ޒުހާގެ ހިތް ދެރަވާ ގޮތްވިއެވެ. އޭނަ ލޯބިވާ މީހަކު އަޅުކަމާއި އެހާ ދުރުވުމުންނެވެ.
“އަހަންނަށް ވެސް ކުރިން ފީލް ވީ ތިހެންނޭ ޒައުލް. އެކަމަކު ނަމާދާއި ގުޅޭ ގޮތުން ލާން ކުރީމަ ހަމަ ނަމާދު ކުރަން ބޭނުންވީ… އެނގޭތަ؟ ފަތިސް ނަމާދުގެ ކުރިން ކުރެވޭ ސުންނަތް ކުރުމަކީ މުޅި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކާއި އެއްވަރަށް ސަވާބު ލިބޭ ނަމާދެ-“
“ކަޓް އިޓް އައުޓް ޒުހާ! ވަޓްސް ރޯންގް ވިތް ޔޫ؟ އަހަރެން ތި ވާހަކަތައް އަޑުއަހާކަށް ބޭނުމެއްނުވޭ. ކާންޓް ޔޫ ޓޭކް އަ ހިންޓް؟!”
ކުއްލި ގޮތަކަށް ޒައުލްގެ ފަރާތުން އިވިގެން ދިޔަ އެ ހަރުކަށި އަޑުން ޒުހާގެ މެއަށް ސިހުމެއް ލިބޭ ގޮތްވިއެވެ. މިފަދައިން އޭނައާއި މި ވާހަކަ ދައްކަނީ ހަމަ އޭނަދެކެ ލޯބިވާ ޒައުލްތޯ ހިތަށްއެރިއެވެ. ޒުހާ ހިމޭންވުމުން ޒައުލް މާ ގިނައިރެއްނުވެ މަޑުމައިތިރި އަޑަކުން މަޢާފަށް އެދުނެވެ. އެހެނަސް ކަމެއް ދިމާވެއްޖެއޭ ކިޔައި އެ ކޯލު ކަނޑައިލީ، ދެން އިތުރަށް ޒުހާއާއި ވާހަކަ ދައްކަން ބޭނުން ނުވެއޭ ބުނާ ފަދައަކުންނެވެ.
ޒުހާއަށް އެރޭ ނިދަން އޮށޯތުމުން އެކަމާއިމެދު ވިސްނި، ރޮވުނެވެ. އޭނަ އުފާވާފަދަ ވާހަކައެއް އަޑުއަހަން ޒައުލް ބޭނުންނުވަނީ ކީއްވެބާއޭ ހިތަށްއެރިއެވެ. އޭނައަށް ދުވަހަކުވެސް ދީނުގެ ވާހަކައެއް ޒައުލްއާއި ޙިއްސާ ނުކުރެވޭނީތޯ ހިތަށްއެރިއެވެ. އެހެންކަމަށްވާނަމަ އޭނަ ޖެހޭނީ ދީނާއި ދުރުވާންތޯ ހިތް ސުވާލުކުރިއެވެ. އެހެންނޫނީ ދީނާއި އެއްގޮތަށް އުޅެން ޒައުލްއާއި ދުރުވެލަންތޯއެވެ.
އެއީ ޒުހާގެ ހިތަށް އިންތިހާއަށް ދަތި ކުރުވި ސުވާލުތަކަކަށްވިއެވެ. އެހެނަސް އަދި މިހާތަނަށް އައިއިރު އުއްމީދު ކުރެވެމުން ދަނީ ޒައުލް ބަދަލުވާނެ ކަމަށެވެ. އޭނަ ދީންވެރި ވުމުން ޒައުލް ވެސް ދީންވެރި ވާނެ ކަމަށެވެ. އެ ކުރެވެނީ ހިޔަންޏަށް މުޑި ނެގުން ފަދަ ކަމެއްކަން ޒުހާއަށް އެއްގޮތަކަށް ވެސް ރޭކާއެއް ނުލައެވެ.
**
ޒުހާ ކުރުކޮށްލި ކޯލަށްފަހު ފަލަކަށް ގޭތެރޭގެ ކަންތަކާއި އެކީ ޒުހާއާއި މެދު ވެސް ވިސްނެން ފެށިއެވެ. ވިސްނި ވިސްނިހެން ބޯ ބޮޑުވާން ފެށިހެން ހީވުމުން ފަލަކް އެންމެ ފަހުން އޭނަގެ ފިކުރުތަކާއި ދުރުވުމަށްޓަކައި ނާއިލާއިއެކީ ވަގުތު ހޭދަކުރަން ނިންމިއެވެ. އޭނައަކީ ޢާއްމު ގޮތެއްގައި ކުޑަކުދިންނާއިއެކީ އުޅެން ބޭނުންވާ މީހެއް ނޫނެވެ. އެހެނަސް އަފްޒަލް ނާއިލާއިއެކީ އުޅެމުން މަޖާ ނަގާތަން ފެނި، އޭގެ އަޖުމަ ބަލައިލަން ބޭނުންވިއެވެ.
ކަން ދިމާކުރި ގޮތުން އެދުވަހު ހަވީރު ނާއިލް ސިޓިންގް ރޫމުގައި އިނދެގެން ކުރަމުން ދިޔައީ ފަލަކް ވެސް ކުރާ ހިތްވާ ޒާތުގެ މަސައްކަތެކެވެ.
“މަންމިއަށް ދޭންވެގެން މި ފްލާވާރ ތައްޔާރު މި ކުރަނީ.” ފަލަކް ކުޑަކޮށް ސަލާންކޮށް ތަޢާރަފު ވެލުމަށްފަހު ކީއްކުރަނީތޯ އެހުމުން ނާއިލް ބުންޏެވެ. އެވަގުތު މޭޒުމަތީގައި އޭ 3 ގަނޑެއްގެ މެދުގައި ބޮޑު މަލެއް ކުރަހާފައިވީއިރު، ކައިރީގައި އެކި ކުލަކުލައިގެ ވެލި ފޮތިން ފުރިފައިވި ޕްލާސްޓިކް ފޮށްޓެއް ހުއްޓެވެ. އެ މަލުގައި ކުލަ ޖައްސާނީ ވެލި ފޮތިތައް ތަތްކޮށްގެންނޭ ބުނުމުން ވެސް ވީ ވަރުބައްޔާއި އެކީ ފަލަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ހިނިތުންވުމަކާއިއެކީ ފަށަމާ ހިނގާށޭ ބުންޏެވެ.
ނާއިލް އުޅުނީ އެކި މަލުގެ އެތެރޭގައި ތެރަސް ލުމަށްފަހު ހިތަށްއެރިހާ ގޮތަކަށް ވެލި ފޮތި ތަތްކޮށްލާށެވެ. އެހެނަސް ފަލަކް އެގޮތަށް ހިތްހަމަނުޖެހުމުން ރީތިކޮށް ތަތްކުރާނެ ގޮތް ފަލަކް ނާއިލަށް ކިޔައިދިނެވެ. އަދި ވަކި ކުލައެއްގެ ވެލިފޮތިން މަލުގެ އެކި ތަންތަން ފުރުވަން ދަސްކޮށްދިނެވެ. އެހެންކަމުން ގުޅޭ ކުލައިގެ ވެލި ފޮތިތައް ހޯދައިގެން އެ ބުރަ މަސައްކަތް ކުރުމުގައި ނާއިލް ނުހަނު ގަޔާވެފައި އުޅުނެވެ. މަސައްކަތުގެ މެދުތެރެއިން ނާއިލް ބަލިވިހެން ހީވުމުން ފަލަކް ދެން ހުއްޓާލިޔަސް މައްސަލައެއް ނެތޭ ބުންޏެވެ. އެހެނަސް އެ ކުއްޖާ އެ މަސައްކަތް ނިމުމާއި ގާތް ވަންދެން އޭނައާއި އެކީ އެ މަސައްކަތް ކުރިއެވެ.
ނޫރާ ގެއަށް އައިސް ވަނީ ވެސް ދެމީހުން އެ މަސައްކަތުގައި ތިއްބައެވެ. ނާއިލްގެ އެދުމުގެ މަތިން ފަލަކް ކާމިޔާބު ކަމާއިއެކީ ދެމީހުންގެ ނުނިމި އޮތް މަސައްކަތް ނޫރާއަށް ފޮރުވިއެވެ. އަދި ނޫރާ ކޮޓަރިއަށް ވަނުމުން މަސައްކަތުގެ ފުރިހަމަ ނުވާ ކުޑަ ތަންކޮޅު ނިންމޭތޯ މަސައްކަތް ކުރިއެވެ.
މަންމައަށްޓަކައި ތައްޔާރު ކުރަމުން ދިޔަ އެ ހަދިޔާ ނިމެން ގާތްވެފައި ވަނިކޮށް މީހަކު ގޭގެ މައިދޮރުގެ ތަޅުގައި ތަޅުދަނޑިއެއް ޖަހައި އަނބުރައިލަމުން ހުޅުވައިލިއެވެ. އެކަމާއިމެދު ފަލަކާއި އެއްވަރަށް ޖެހިލުންވި ނާއިލް ވެސް އެދިމާލަށް ބަލައިލިއިރު ގެއަށް ވަނީ އަދުހަމް ނޫން ދެވަނަ މީހެއް ނޫނެވެ. އަދުހަމް ނާއިލަށް ލުއި ނަޒަރެއް ދިނުމަށްފަހު ފަލަކަށް ދިނީ ދިގު ނަޒަރެކެވެ. އެކަން ފާހަގަވުމުން ފަލަކަށް ޚިޔާލުތަކުގެ ތެރެއިން އަދުހަމްގެ ލޮލަށް އަނިޔާތަކެއް ދެވުނެވެ.
އިރުކޮޅެއް ވަންދެން އެތާ ހުރުމަށްފަހު އަދުހަމް ވަދެގެން ދިޔައީ ބަދިގެއަށެވެ. ބަދިގެއިން ނިކުމެގެން އައިއިރު އަދުހަމްގެ އަތުގައި ސައި ތަށްޓެއް ހުއްޓެވެ. ސައިތަށި ހިފައިގެން އަދުހަމް ސިޓިންގް ރޫމަށް އަންނަން ފެށިތަން ފަލަކަށް ލޮލުގެ ކޮޅުން ފެނުމުން ވެސް ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އަދުހަމް އައިސް ސީދާ އޭނަގެ ކުރިމައްޗަށްވާ ގޮތަށް ހުއްޓިލުމުން ވެސް ފަލަކް މީހަކު އައި ކަމަކަށް ވެސް ނެހެދިއެވެ.
“މިއީ ކޯޗެއްތަ ނާއިލް؟” ސައިތަށިން ކޯވަރެއް ދަމަމަން އަދުހަމް އެހިއެވެ. އެހިނދު ކިތަންމެ ބޭނުމެއް ނުވިޔަސް ފަލަކްގެ ހިތުގައި ޖަހަން ފެށީ ބިރުވެރިކަމުގެ ވިންދެވެ. އެހެނަސް އެ ވަގުތު އައިސްފައިވި ރުޅިވެސް ގަދައެވެ. ވަކިން ޚާއްޞަކޮށް ނާއިލަށް އެ ސުވާލަށް ޖަވާބު ދޭނެ ހިތްވަރެއް ވެސް ނުލިބުނުކަން ޔަޤީންވުމުންނެވެ. ނާއިލްވެސް އޭނަ ފަދައިން އަދުހަމަށް ބަލަން ވެސް ނުކެރިފައި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
“ނާއިލާއި ސުވާލެއް އެބަކުރަން ބައްޕަ…” އަދުހަމް ބުންޏެވެ. އެހެނަސް ނާއިލަށް ދެން ވެސް އިސްއުފުލައި ނުލެވުނެވެ. އެހިނދު އަދުހަމްގެ ރުޅިވެރިކަން ގަދަވެގެން ދިޔަ ގޮތް މުޅި އެ މާޙައުލަށް ވެސް ފެތުރުނު ފަދައެވެ.
“ޖަވާބެއް ނުދޭނަން؟” އަދުހަމް އެހެން އަހައިލީ ދަތްކުނޑި ވިކަމުންނެވެ. ސިކުންތުކޮޅެއް ވަންދެން ދެންވެސް ހިމޭންކަން އޮތުމާއިއެކު އަދުހަމްގެ ރުޅިވެރިކަމުގެ އަލިފާން ފަޅައިގެން ދިޔައެވެ.
“ކޯޗެއްހޭ މިއީ!!!!” އަދުހަމް އަޑުގެ ކޮޅަށް އެ ސުވާލު ކުރި ވަގުތު ނާއިލާއި ދިމާލަށް ވާ ގޮތަށް އުކައިލި ސައިތަށީގެ ބޮޑުބައި ގޮސް ނާއިލްގެ ކުރެހުމުގެ މައްޗަށް ފެތުރުނުއިރު، އޭގެއިން ބައެއް ފަލަކާއި ނާއިލްގެ އަތަށްވެސް އައެވެ. ކުޑަކޮށް ހިހޫވެފައިވި އެ ސައިގެ ހޫނުކަން އިޙްސާސްވި ފަލަކް ސިހިގެން ދިޔައިރު، ކުޑަކުޑަ ނާއިލް އިސާހިތަކު ރޯން ފެށިއެވެ. ފަލަކަށް ބަލައިލެވުނުއިރު، މޭޒުމަތީގައި ބޭއްވިފައިވި ނާއިލްގެ ކުޑަކުޑަ ދެއަތް ރަތްވެފައިވިއެވެ. އަދި ދާދި ދެންމެއަކު ދެމީހުން އެތައް އިރެއް ވަންދެން ކުރި މަސައްކަތުގެ މައްޗަށް ސައިގެ ކުލަ ފޭދިފައިވިއެވެ. އެހިނދު ފަލަކަށް ވީ ގޮތެއް ޚުދު އޭނައަށް ވެސް ނޭނގުނެވެ. ކޮޅަށް ތެދުވެ އަދުހަމާއި ކުރިމަތިލެވުނީ ހަމަ އެއްވެސް ވިސްނުމެއް ނެތިއެވެ.
“ކުޑަ ކުއްޖަކާއި ދިމާލަށް ހަޅޭއްލަވައިގެން ތި ކުރެވެނީ މާ މޮޅު ކަމެއްހެންތަ ހީވަނީ؟ މި ކުޑަކުޑަ ހަތަރު އަހަރުގެ ކުއްޖާއަކީ ހަމަ ތީނަގެ ދަރިއޭ! ތީނައަށް ބައްޕަ ކިޔާ ދަރިފުޅު މިއީ. ތި ގޮތަށް އަމިއްލަ ޢާއިލާއާއިމެދު ކަންތައް ނުކުރާނެ ޖަނަވާރެއްވެސް! ހީ ނުކުރާތި މަ ބިރުގަންނާނެއޭ ތީނައަށް! ހަމަ މިވަގުތުން ވަގުތަށް މި ރިޕޯޓުކުރަނީ ތީނަ ކުރާ ކަންތަކުގެ ވާހަކަ!”
ފަލަކް އެހެން ބުނެ އޭނަ ލައިގެން ހުރި ހެދުމުގެ ކުރިމަތީގައި ހުރި ޖީބުން ފޯނު ނެގިއެވެ. އެއަށްފަހު ގުޅަންވީ ނަންބަރު ހަނދާން ކުރަމުން ކީ ޕެޑް ހުޅުވައިލި ތަނާހެން މީހަކު އޭނަގެ އަތުން ފޯނު ހޯދިއެވެ. އެއީ އަދުހަމޭ ހިތައި ފަލަކް އިސްއުފުލައި ބަލައިލިއިރު ހިމޭންވީ، އަފްޒަލްގެ ސޫރަ ފެނުމުންނެވެ.
ނުނިމޭ
Jana
January 21, 2023 @ 5:13 pm
Salaam readers. Next part Wednesday ga In Sha Allah ^_^
Anonymous
January 26, 2023 @ 6:07 pm
When next part?
Pistachio
January 28, 2023 @ 9:12 pm
When is next part jana sis <3
Anonymous
January 30, 2023 @ 1:42 pm
Jana sis…
When’s next part <3
Jana
January 31, 2023 @ 12:37 pm
Salaam kiyuntherin. Kiyuntherin vaahaka ah varah bodah inthizaaru kuramun dhaakan Jana ah engey. Adhi Jana up kuraane dhuvaheh bunefa e dhuvahu up nuveema hiyhama nujehey kan engey. Adhi mihen thakuraarukoh veema Jana ah ithubaaru nukureveykan ves engey.
Jana ves aslu varah beynun gavaaidhun up kuran. Dhen up kuraane dhuvaheh mihaaru ves bunan beynun. Ekamaku mihaaru Jana ge schedule aa eky haalathuves badhaluvefai vumun e bunevey dhuvahehga up nukurevi hingaanethy bunan jehilunvey.
Ehenveema kiyuntherin gaathu bunelan beynumy Jana hafthaa egga madhuvegen eh dhuvahu noony dhe dhuvahu vaahaka up kuraanamey. Notification thah on koffa hurihaa kiyuntherin ves behettumaky Jana ge varah bodu edhumeh.
Jazaakumullah Khairan kaseeran!
Biggest fan of JANA sis ✨
February 1, 2023 @ 12:11 pm
Iss ok Jana sis.
Hope u r doing well and May Allah bless you
No matter how long it takes we’ll wait . U’re stories r soo amazing so just keep going.. we readers will always b there and we knw that u’ll never disappoint us.
Fi amanillah<3
Jana
February 9, 2023 @ 1:48 pm
Thank you so much my biggest fan! :’) This honestly means a lot. It’s really not that I do not want to upload regularly. I do want to do it as much as the readers want to read the story. But perhaps this is a lesson in humility I’m getting. That we can only accomplish something by the Will of Allah. I truly am learning a lot through this phase Alhamdhulillah!
Jazaakumullah Khairan kaseeran fan! Much love <3 <3 <3
Love this story
February 4, 2023 @ 9:26 am
Love this story
Jana
February 9, 2023 @ 1:48 pm
Thank you so much dear reader! Alhamdhulillah! ^_^
Maa
February 6, 2023 @ 3:00 pm
Hey Jana.. waiting for next episode.. now it’s more than a week ..
Jana
February 9, 2023 @ 1:50 pm
I know Maa. Extremely sorry about it. I’m trying to take it slow because I want to build the routine of writing that I had before. Lost that routine because of getting sick for a long time last year. Will build the pace with time In Sha Allah.