ޤަދަރު (ބާވީސްވަނަ ބައި)
އެރޭ ނިދައިލުމުން އޭނަގެ އެ ޚިޔާލުތަކަށް ނިމުމެއް އަންނާނެ ކަމަށް ފަލަކް ހީކުރިއެވެ. އެހެނަސް އޭގެ އަނެއްދުވަހު ހޭލެވުމާއި އެކުހެން ވެސް ލޮލަށް ސިފަވެގެން ދިޔައީ އަފްޒަލްގެ ސޫރައެވެ. އިސާހިތަކު އެ އިޙްސާސްތަކާއި ދެކޮޅަށް ގަދަ އަޅައި މަސައްކަތްކޮށް، އެ އިޙްސާސްތަކަށްޓަކައި އަމިއްލަ ނަފްސަށް ނަފްރަތު ކުރުމަށް ފަލަކް ގެ ސިކުނޑި އެންގިއެވެ. އެހެނަސް އެ އިޙްސާސްތަކުގެ ކުރިމަތީގައި ބަލި ޤަބޫލުކުރަން ވެސް ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އެ ހިތަށް މިންޖެއް ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ބުނެ އެ ހިތް ގޮވަމުން ދިޔަ ފަދައެވެ.
އަފްޒަލާއިމެދު އޭނަ ދެކެން ވީ ގޮތް ޔަޤީން ނުވިއެއްކަމަކު އެނގުނުހާ ވެސް ކަމަކީ އޭނަ އާދަޔާ ޚިލާފަށް އަފްޒަލް މަތިން ހަނދާންވަމުން ދިޔަކަމެވެ. ފަތިސް ނަމާދަށްފަހު އިރުކޮޅެއް ވަންދެން އޮފީސް މަސައްކަތެއްގައި އިނުމަށްފަހު، ފަލަކަށް ކޮޓަރިން ނިކުމެ އަފްޒަލް ފެނޭތޯ އެކި ދިމަދިމާލަށް ލޯ ދިއްކުރެވެމުން ދިޔައެވެ. އޭރު ގަޑިން 8 ނުޖަހާތީ އަދިވެސް އަފްޒަލް ގޭގައި ހުރެދާނެކަމަށް ފަލަކްގެ ހިތް ބުނަމުން ދިޔައެވެ. އަފްޒަލް ދެކޭ ހިތުން ހުރިވަރުން ކާ މޭޒާއި ދިމާލަށް ހިނގާފައި ދިޔައިރު ވެސް ފަލަކަށް ދޭތެރެ ދޭތެރެއިން އަފްޒަލްގެ ކޮޓަރީގެ ދޮރަށް ފަސްއެނބުރި ވެސް ބެލެމުން ދިޔައެވެ. ސިކުނޑި ފުރިފައިވީ ހިނގާފައި ދަމުން ދިޔަ މިޞްރާބަށްވުރެ އަފްޒަލްގެ ޚިޔާލުތަކުންނެވެ. ނަތީޖާއެއްގެ ގޮތުން ފަލަކް ނޭނގި ހުއްޓާ ގޮސް ކާމޭޒު ދޮށުގައި ހުރި ގޮނޑިއެއްގައި ޖެހުނެވެ. ވީ ތަދާއިއެކީ ފަލަކަށް އާހުގެ އަޑެއް ލައްވައިލެވުނެވެ.
“އަނހަ ކަނބުލޮ! ދުރު ބަލައިގެން ހުރީމަ ވީގޮތްދޯ؟ ތަދުވޭތަ؟” ކާމޭޒުދޮށަށް ތަށިތައް އަރުވަން ހުރި ފަޒީލާ ހިސާބެއްގެ ކަންބޮޑުވުމަކާއިއެކީ ސުވާލު ކުރިއެވެ.
“އަމް…ނޫން އެހާ ބޮޑަކަށް ނުވޭ. އައިސް ޕެކް އަޅައިލީމަ ރަނގަޅުވާނެ…” ފަލަކް ހިމުގެ ވާތްފަރާތުގައި އަތް އަޅައިގެން ހުރެ ހިނިތުންވާން މަސައްކަތް ކުރަމުން ބުންޏެވެ. އެހިނދު އަނެއްކާވެސް ފަހަތް ބަލައިލެވުނީ އެތާ އަފްޒަލް ހުރެދާނެއޭ ހިތަށް އެރުމުންނެވެ. އޭނަ އަފްޒަލް ހޯދަން އުޅުމުގެ ތެރޭގައި ތަނެއްގައި ގޮސް ޖެހުނު މަންޒަރު އަފްޒަލަށް ފެނިއްޖެނަމަ އެ ވާނީ ހާދަ ބޮޑު ލަދުވެތިކަމަކަށެވެ.
“ހުމް….އައިސް ޕެކް އަޅާތި ސައިބޮއިގެން ވަގުތުން. އައިސްއަލަމާރީގަ އޮންނާނެ އެކަތި…ދަރިފުޅު މީހަކު ހޯދަނީތަ؟” ފަޒީލާ މާނަވީ ހިނިތުންވުމަކާއިއެކީ ފަލަކަށް ބަލަން ހުރެ ސުވާލުކުރިއެވެ.
“ން…ނޫނޭ ނުހޯދަން…ހެހެ..” ފަލަކް އަވަސްއަވަހަށް ގޮނޑި ދަމައި އިށީންނަމުން ހީލީ، ފަޒީލާއަށް ޝައްކެއް ވެއްޖެހެން ހީވުމުންނެވެ.
“ހެހެ….އަފްޒަލް މިއަދު ތަންކޮޅެއް އަވަހަށް ރެސްޓޯރެންޓަށް ދިޔައީއްޔޭ. ބުނީ ދެ ޕާޓީއެއް އެބަ އޮތޭ އެތާ މިއަދު. އެހެންވީމަ ކަންކަން ރޭވުނުތޯ ބަލަންށާ އެކީގަ ދިޔައީ…” ފަޒީލާ ކިޔައިދިނެވެ.
“އޮހް…ހެހެ…” ފަލަކް ދެންވެސް ހީލީ އޭނަ ވަކި އަފްޒަލް ހުރިތަނެއް ދަނެގަންނަން ބޭނުންނުވާކަން ދެއްކޭތޯއެވެ. އެހެނަސް އެކަމުގައި އޭނަ ނުހަނު ދެރަކޮށް ނާކާމިޔާބުވަމުން ދިޔަކަން ވެސް ފަލަކަށް އިޙްސާސް ކުރެވުނެވެ. ނޫންކަމަށް ހަދަން ސައިބޯން ފަށަން އުޅުނެއްކަމަކު ކުރިމަތީގައި އޭނަގެ ސައިތަށި ނެތްކަން ފަލަކަށް އެނގުންވީ އެވަގުތެވެ. ހާއްޔެއްގެ ތެރޭގައި އޭނަ ހަނދާނެއް ނެތި، ކާމޭޒުދޮށުގައި އިށީނދެވުނީ ސައިތަށްޓެއްވެސް ނަހަދައެވެ.
އެ ވަގުތުކޮޅުގެ ލަދުވެތި ކަމާއިއެކީ ސައިތަށި ހަދައިގެން އެބަ އަންނަމޭ ބުނެ ފަލަކް ތެދުވެލީ ވަގުތަކީ، ބާރު އަޑުފަތްގަނޑަކާއިއެކީ ކައިރީގައި ހުރި ކޮޓަރީގެ ދޮރެއް ހުޅުވިގެން ދިޔަ އަޑު އިވުނު ވަގުތެވެ. އެ އަޑާއިއެކީ ފަޒީލާއާއި ފަލަކް ވެސް ދިޔައީ ސިހިގެންނެވެ.
“މަ މި ބުނީނު ހަމަ މިވަގުތު ނޫރާގެ އަތަށް ފޯނު ދޭށޭ! މަށަށް ވަރިހަމަ ތިއީ ނޫރާގެ ބޮޑުބޭބެއަށް ވިޔަސް ކުޑަބޭބެއަށް ވިޔަސް! ނޫރާ ހުންނަން ޖެހޭނީ ނޫރާގެ ފިރިމީހާ ކައިރީގަ!!!”
އެ ކޮޓަރިން ނިކުމެގެން އައީ ރުޅިން ރަތްވެފައި ހުރެ ފޯނުން ވާހަކަ ދައްކަމުން އައި އަދުހަމެވެ. އެ އިވުނު ވާހަކަތަކަށްފަހު މާ ގިނައިރެއްނުވެ އަދުހަމް ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހަކާއި ދިމާލަށް ނުބައި ބަސްތަކެއް ކިޔައިލުމަށްފަހު ފޯނު ކަނޑައިލިއެވެ. އެއަށްފަހު ފޯނު ވެސް ބިމަށް ޖަހައިލުމަށްފަހު ގެއިން ނިކުންނަން ދިމާކުރިއެވެ. އެހިނދު ފަޒީލާ ވާހަކަ ދެއްކިއެވެ.
“ހެޔޮ ނުވާނެ ދަރިފުޅާ ތިހެން ނުއުޅޭ! މަންމަ ބުނާ ބަސް އަހައިގެން ރީތި ގޮތުގަ ޢާއިލާއާ އެކީ އުޅޭ. ނޫރާއަކީ ދުވަހެއްގެ ކޮޅުން ވެސް ދަރިފުޅަށް އަނިޔާއެއް ދޭން ކުއްޖެއް ނޫން. ދަރިފުޅަށްވުރެ އެތައް ގުނައެއް ބަލިކަށި ކުއްޖެއް އެއީ. އަދި ދަރިފުޅު ދެކެ އެހާ ލޯބިވާ އަންބެއް އެއީ. ދެން-“
“ލޯބިވަންޏާ ހުންނާނީ ކައިރީގަ. ފާޑުފާޑަށް ގެއިން ނިކުމެގެން ގޮއްސަ އެހެން ގޭގޭގަ ނުއުޅޭނެ!”
އަދުހަމް ހަރުއަޑުން އެހެން ބުނުމަށްފަހު ފަޒީލާއަށް ރަނގަޅަށް ބެލުމެއްވެސް ނެތި ގޭގެ މައިދޮރު ހުޅުވައި، ގެއިން ނިކުމެގެން ދިޔައީ ހަރު އަޑަކާއިއެކީ އެ ދޮރު ލައްޕައިލަމުންނެވެ. އެހިނދު ރޮވެން ކައިރިވެފައި ހުރި ފަޒީލާ މޭމަތީގައި އެއްއަތް އަޅައިގެން ހުއްޓާ ކަކޫމައްޗަށް ތިރިވެވޭ ގޮތްވިއެވެ. މަންޒަރު ފެނުނު ފަލަކަށް ދައްތާއޭ ކިޔައި ފަޒީލާގެ ކައިރިއަށް ގޮސް ތިރިވެލަމުން ފަޒީލާގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ. އެއާއިއެކު ފަޒީލާއަށް ގިސްލެވެން ފެށިއެވެ. އަދި އިސާހިތަކު ގަދައަށް ރޮވެން ފެށިއެވެ.
އެހިނދު ފަލަކް ލޯތްބާއެކީ ފަޒީލާގެ ގައިގައި ބައްދައިލި ހިނދު، ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއްވިއެވެ. އަދުހަމަށްޓަކައި ހިތުގައި އޮތް ނަފްރަތު ހަތަރު ގުނަ ވިއެވެ. އަމިއްލަ މަންމައާއިމެދު އެހާ ގޯސްކޮށް ކަންތައް ކުރާނީ މީހެއްގެ ރަޙުމް ކިހާ ކުޑަވުމުންތޯ ހިތާހިތުން ކިޔައިލެވުނެވެ.
ފަޒީލާ މަސަލަސް ކުރުމަށްފަހު އިރުކޮޅެއް ވަންދެން އަރާމު ކުރުމަށް އެދި، ފަލަކް ފަޒީލާ ގޮވައިގެން ފަޒީލާގެ ކޮޓަރިއާއި ހަމައަށް ގެންދިޔައެވެ. އަރާމުކުރަން ފަޒީލާ އެއްބަސް ނުވިއެއްކަމަކު ރުއިން ހުއްޓައިލުމަށްފަހު، މޫނު ދޮވެގެން ބޭރަށް އެބަ އަންނަމޭ ފަޒީލާ ބުންޏެވެ. ފަލަކް ހިނިތުންވުމެއް ހަދިޔާ ކުރުމުން ފަޒީލާ ވަކި އިތުރު އެއްޗެކޭ ނުބުނެ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ.
ފަޒީލާދައްތަ ލޯމައްޗަށް ގެއްލުމާއިއެކު ފަލަކްގެ ހިނިތުންވުން ގެއްލި، އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އޭނަ ނުރުހުންވެފައިވާ ސަބަބު މީހަކަށް ކިޔައިދޭން ހިތަށް އެރުމާއިއެކުހެން ހަނދާނަށް އައީ އަފްޒަލްގެ ނަމެވެ. އެކަމާއިމެދު ޙައިރާންވި ވަރަށްވުރެ ބޮޑަށް ޙައިރާންވީ، ހަމަ އެވަގުތުން ވަގުތަށް އަފްޒަލަށް ގުޅުމަށްޓަކައި ޖިންސްގެ ޖީބުން ފޯނު ނެގުނު ގޮތުންނެވެ. އޭނަ ހަމަ މިވަގުތު މި ވާހަކަތައް އަފްޒަލަށް ކިޔައިދޭންޖެހޭތޯ ސިކުނޑި ސުވާލުކުރިއެވެ. އޭނައާއި އަފްޒަލާއި ދެމެދު އޮތީ ވަކި ކޮން ގުޅުމެއް ހެއްޔެވެ؟ އަފްޒަލަކީ އޭނަ ކުއްޔަށް އުޅޭ ގޭގެ ވެރިފަރާތެވެ. އެދެމެދުގައި ކައިވެނީގެ ވާހަކައެއް ދެކެވިފައި ވިޔަސް މިހާތަނަށް އައިއިރު ފަލަކް އެއީ މާ ބޮޑު ވާހަކައެއްގެ ގޮތުގައި ނަހަދައެވެ. އެ ވާހަކައަކީ އޭނަގެ އެންމެ ޢިޝާރާތަކުން ނިމުމަކަށް އައިސްދާނެ ވާހަކައަކަށް ވާތީވެއެވެ. އަދި ފިރިހެނަކަށް ފަސްދިނުމަކީ އޭނަ ހަމަ ޔަޤީނުން ވެސް ނަގާނެ ފިޔަވަޅުކަން އޭނައަށް އެނގޭތީވެއެވެ.
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. މިއަދު ފަލަކަށް އެކަމާއިމެދު މާ ބޮޑު ޔަޤީންކަމެއް ނެތެވެ. ކޮންމެވެސް ގޮތަކުން އޭނައާއި އަފްޒަލްގެ ދެމެދުގައި އޮތް ގުޅުން ބަދަލުވެއްޖެއެވެ. އެދެމެދުގައި އެފަދަ ވާހަކައެއް ދެކެވުމެއް ވެސް ނެތިއެވެ. އޭނައަށް ވަކި މާ ބޮޑު ވިސްނުމެއްނެތި ފަހުން ބުނެވިދާނެ ވާހަކައެއް ހަމަ އެވަގުތު ބުނާ ހިތުން އަފްޒަލަށް ގުޅައިލެވޭނީ އެހެންވެތާއެވެ.
“ހެލޯ؟” އެކޮޅުން ރިންގުތަކަށް ނިމުމެއް އައުމާއިއެކުހެން ފަލަކަށް ކިޔައިލެވުނެވެ. ހަމަ އެހިނދު އަފްޒަލްވެސް އެ ރާގަށް ހަމަ އެ ބަސް ކިޔައިލި ހިނދު ދެމީހުންގެ އަޑު އެއްވެގެން ދިޔަ ގޮތުން ފަލަކްގެ ގައިން ހީބިހި ނެގިއެވެ. ކުރެވެމުން ދިޔަ އެ އިޙްސާސްތަކުގެ ތެރޭ ފަލަކަށް ވަކި އެއްޗެކޭ ނުބުނެ ހުރެވުނެވެ.
“ކިހިނެއްވީ ފަލަކް؟” ފަލަކްގެ އަޑު ނުއިވި ގިނައިރު ވާން ފެށުމުން އަފްޒަލް އަހައިލި އަޑު އިވުނެވެ.
“އަ…އާނ…ބޮޑު ކަމެއް ދިމާވެގެން މި ގުޅައިލީ..” ފަލަކް ދެންމެ ހިނގި ކަންތައް ހަނދާންވުމާއިއެކު ބުންޏެވެ.
އަފްޒަލް ކިހިނެއްވީތޯ އަހައިލުމާއިއެކު ފަލަކް ހުރިހާ ވާހަކައެއް ބަންޑުން ކުރަން ފެށިއެވެ. މަންމަ ނުލާހިކު ހަމަޖެހިގެން އޭނައާއި ވާހަކަ ދައްކަން ހުއްޓާ އަދުހަމް ބާރަށް ދޮރު ހުޅުވި ވާހަކައިން ފެށިގެން މަންމައާއި ދިމާލަށް ހަޅޭއްލެވި ވާހަކައާއި ހަމައަށެވެ. އޭނަ ދުވަހެއްގެ ކޮޅުން ވެސް މިހާ ތަފްޞީލުކޮށް އޭނަގެ ހިތަށް އުދަގޫ ކުރުވި ވާހަކައެއް ފިރިހެނަކާއި ޙިއްސާކޮށްފާނެ ކަމަށް ފަލަކް ހިއެއް ނުކުރެއެވެ. މި ދުވަސް މި ޖެހުނީ ކިހިނެއް އަދި ކީއްވެ ކަމެއް ވެސް ފަލަކަށް ދޭހައެއް ނުކުރެވުނެވެ. އެނގުނުހާ ވެސް ކަމަކީ ހިތްދަތި ވާހަކައެއް ޙިއްސާ ކުރާނެ މީހަކު ހުރުމުން ނޭނގޭ ހަމަޖެހުމެއް ލިބުނު ކަމެވެ. އަދި އަމުދުން އޭނަ ދެއްކި ވާހަކައިގެ ތެރެއިން އެއްވެސް އެއްޗެކޭ ބުނުމެއް ނެތި އަފްޒަލް އަޑުއެހި ގޮތުން އަފްޒަލާއި މެދު އިތުރަށް ގަޔާވެވޭ ގޮތްވިއެވެ.
ފަލަކްގެ ވާހަކަ ނިމުމަކަށް އައުމުން އަފްޒަލް ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.
“ކީކޭ ދެން ބުނާނީ ފަލަކް؟ ވަރަށް ބޮޑަށް މަޢާފަށް އެދެން ފަލަކަށް އެ މަންޒަރުތައް ފެންނަން ޖެހުނު ކަމަށްޓަކައި…” އަފްޒަލް މާޔޫސީ ގޮތަކަށް ބުނި އަޑު އިވުނެވެ.
“ން….ނޫނޭ. ކޮންމެހެން ޝަކުވާ ކުރާކަށް ނޫން މި ގުޅީ. ގުޅައިލީ ހަމަ މި ވާހަކަތައް ކިޔައިދޭން. އަފްޒަލް ދޮންބެ ރިޕޯޓް ކުރާނީ ކޮން ދުވަހަކުންތޯ ބަލަންވެގެން…” ފަލަކް ބުންޏެވެ.
“މިއަދު ކުރަންވެގެން ކަމަށް އަހަރެން ހުރީ. އެކަމަކު އިއްޔެ އަހަރެން ދެއްކި ވާހަކަތަކަށްފަހު ނޫރާ ދޮންބެއަށް ގުޅީ ކަންނޭނގެ. ގުޅި ފަހުން ބުނަން ފެށިޔޯ ދޮންބެއަށް ގޮތެއް ވެއްޖެއްޔާ ނޫރާ ވެސް ދުނިޔޭގަ ނުހުންނާނަމޯ. އެއްވެސް މީހަކު ދޮންބެއާއި ދިމާލަށް އެއްވެސް އެއްޗެކޭ ނުކިޔާށޯ. ދެން މިއަދު ހެނދުނު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގަ ބޭއްވުނު ވާހަކަ އިވިފަ އަނެއްކާވެސް ޖެހިލުންވެފަ މިހިރީ. ދޮންބެއާއި މެދު ފިޔަވަޅެއް އެޅުމުގެ ކުރިން ނޫރާއަށް ވިސްނައިދިނުން ވަރަށް މުހިއްމުހެން ހީވާތީ ޖެހިލުން މިވަނީ…”
އަފްޒަލް ކިޔައިދިނެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން އަފްޒަލްގެ ނަޒަރިއްޔާތު ފަލަކަށް ދޭހަ ކުރެވުނެވެ. ދާދި ދެންމެއަކު ނޭނގުމެއްގެ ތެރެއިން ވެސް ދޮންބެ ރިޕޯޓުކުރުން ފަސް ކުރާތީ އަފްޒަލަށްޓަކައި ނުރުހުންތެރިކަމެއްވިއެވެ. އެހެނަސް އެ ވަގުތު އެ ނުރުހުންތެރިކަން ފިލައިދިޔައެވެ.
“ހަމަ އަސްލުވެސް….ކިހިނެއްވާނީ ނޫރާ ރަނގަޅު ކައުންސެލާއެއްގެ ކައިރިއަށް ގެންދިޔައިއްޔާ؟ އެބިއުޒްއަށްފަހު އެ އަނިޔާ ލިބުނު މީހާއަށް އެ ނޫންގޮތަކަށް ނޫނީ ނުވިސްނޭނެހެން ހީވަނީ. ކޮންމެ ގޮތެއްވިޔަސް ނޫރާ ވަރަށް ގިނަ އަހަރު ވަންދެން ދޯ އަފްޒަލްގެ ދޮންބެއާއިއެކީ އުޅެފަ ހުރީ؟ އެހެންވީމަ ދޮންބެގެ ބަސްތައް ވަރަށް ބޮޑަށް ޤަބޫލުކުރެވިފަ ނޫރާއަށް އެހެރީ…”
“ހުމް….އަސްލުވެސް…”
“އަހަރެން ދަންނަ ކައުންސެލާރއެއް އޮންލައިންކޮށް ކައުންސެލިންގްދޭ…ނޫރާއާއި އެ ކައުންސެލާރ އާ ގުޅައިދޭންވީތަ؟”
“އާނ ތިއީ ރަނގަޅު ޚިޔާލެއް. ވަރަށް ދުވަހުންތަ އެޕޮއިންޓްމެންޓް ލިބޭނީ؟ ޢާއްމު ގޮތެއްގަ ކައުންސެލަރުންގެ އެޕޮއިންޓްމެންޓް ލިބެން ތިން ހަތަރު މަސް ނަގާ ދޯ؟”
“ނޫނޭ….މި ބުނާ ކައުންސެލާރއަކީ އަހަރެންގެ ފްރެންޑެއް. އެހެންވީމަ ވަގުތުން ވެސް އެޕޮއިންޓްމެންޓެއް ހޯދިދާނެ…”
“ވޯހް! ދެޓްސް ގްރޭޓް! އެހެންވިއްޔާ ފަލަކް ވީހާވެސް އަވަހަކަށް ނޫރާއަށް ކައުންސެލިންގް ހޯދައިދޭންވީއެއްނު؟ ކައުންސެލިންގް ދީގެން ނޫރާގެ ވިސްނުން ކިރިޔާ ވެސް ބަދަލުވާހާއިރަށް އަހަރެން ދޮންބެއަށް އަޅަންވީ ފިޔަވަޅު އަޅާނަން އިން ޝާ ﷲ. އަދި އެ ދޭތެރޭގަ ވެސް އަހަރެން ދޮންބެއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރާނަން އިން ޝާ ﷲ.”
“ހުމް…ތި ޚިޔާލު ހަމަ ރަނގަޅު.”
“ހެހެ….ތެންކިއު ފަލަކް. އަހަރެން އަބަދުވެސް ބޭނުންވި މި ވާހަކަތައް ޙިއްސާ ކުރާނެ މީހަކު. ޙިއްސާ ކުރީމަ އަސްލު ވަރަށް ބޮޑަށް ހިތްހަމަޖެހޭ…”
އަފްޒަލް އެ ބުނެލި ބަސްތަކާއިއެކީ ފަލަކްގެ ހިތް ތަފާތު ގޮތަކަށް ތެޅިލިއެވެ. އަދި އާދަޔާ ޚިލާފު އިޙްސާސްތަކެއް ކުރެވުނެވެ. އަފްޒަލް އޭނައަށް ޝުކުރު އަދާ ކުރުމުން ލިބުނު އުފަލަށްވުރެ، އަފްޒަލް ފަހުން ބުނި ބަސްތަކުން އެދެމެދުގައިވި ގުޅުމުގެ ފުންކަން އިޙްސާސް ކުރެވުމުން ކުރެވުނު އަސަރު ބޮޑުވިއެވެ. ދާދި ދެންމެއަކު އަފްޒަލް އެ ބުނެލީ އެ ފޯނު ކޯލު ފެށުނުއިރު ޚުދު އޭނައަށް ލިބިގެން ދިޔަ ފަދަ ހަމަޖެހުމުގެ ވާހަކައެވެ. އަފްޒަލަށް ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ ހިތަށް އަންނަ ޚިޔާލުތައް އެނގެނީތޯ ހިތަށްއެރިއިރު، އަޖާއިބުވީ ހިނދު ހިސާބަކަށް ލަދުވެސް ގަތެވެ. މިއީ ހައްތަހާވެސް އޭނައަށް އާ އިޙްސާސްތަކެވެ.
“ދެން ބޭއްވީ އިނގޭ. ތަންކޮޅެއް ބިޒީކޮށް މިއުޅެނީ މިއަދު…” އަފްޒަލް އެހެން ބުނި އަޑު އިވުނީ، ތަންކޮޅެއް ދުރުން މީހަކު އަފްޒަލް ސާރ އޭ ކިޔައި ގޮވައިލި އަޑަށް ފަހުއެވެ. އަފްޒަލްގެ އެ ވާހަކައަށް ހޫންލައްވައިލުން ނޫންކަމެއް ފަލަކަށް ނުކުރެވުނެވެ.
އެވަގުތު އަފްޒަލާއި ދެކެވުނު ވާހަކައަށްފަހު ފަލަކް ލަސް ކުރުމެއް ނެތި ދިޔައީ ނޫރާގެ ގެއަށެވެ. ނޫރާ ވަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައޭ ބުންޏަސް އަފްޒަލް ކޮން ހޮސްޕިޓަލެއްގައިކަން ސާފު ކޮށްދީފައި ނުވާތީވެއެވެ. އަދި އަމުދުން އެވަގުތު ވީއިރު ނޫރާ ގެއަށް ފޮނުވާލާފައި ވެދާނެކަމަށް ވެސް ފަލަކްގެ ހިތް ބުންޏެވެ. އެހެނަސް ފަލަކް އެގެއަށް ދިޔައިރު ނޫރާގެ ކޮއްކޮ، ނީޝާ ރޮވިފައި ހުއްޓެވެ. ފަލަކް ކިހިނެއްވީތޯ ސުވާލުކުރުމުން ނީޝާ ކިޔައިދިނެވެ.
“ދެންމެ ދޮންތަބެ މިގެއަށް އައިއްސަ ދޮންތަ ކޮބައިހޭ ކިޔައި އެތަކެއް ހަޅޭއްލަވައި އެކި އެއްޗެއް އުކައި ތަޅަން ފެށީ. އަހަރެން ދޮންތަ ގޭގަ ނެތޭ ބުނީމަ ވެސް ހަޅޭއްލަވާފަ އަހަރެން ގައިގަ ވެސް ޖެހީ. ގެއިން ނުފެނުނީމަ އެ ފިރިހެނާ ދިޔައީ ދޮންތަ އޮތް ހޮސްޕިޓަލަށް ކަންނޭނގެ…”
ނީޝާ ދޮރުމަތީގައި ރޮވިފައި ހުރެ ކިޔައިދިނެވެ. ފަލަކްގެ ހިތުގައި ނީޝާއަށް އުފެދުނު ޙަމްދަރުދީއާއެކީ ނީޝާގެ ގައިގައި ބައްދާލެވުނެވެ.
ނީޝާއަށް ތަސައްލީއެއްދޭން މަސައްކަތް ކުރުމަށްފަހު ފަލަކް ވަގުތުން ދިޔައީ ނީޝާ ނަންގަތް ހޮސްޕިޓަލަށް ދިޔުމަށެވެ. ނަސީބު ރަނގަޅު ކަމުން ފަލަކް ދިޔައިރު އެތަނުން އޭނައަށް ބިރުހީވި ފަދަ ހަލަބޮލިކަމެއް ނުފެނުނެވެ. ނޫރާގެ މަންމަ ބުނި ގޮތުގައި ނޫރާގެ ބޮޑުބޭބެ، ނޫރާ ބޭއްވިފައި އޮތް ވޯޑަށް އަދުހަމް ވަނަނުދިނެވެ. އަދި އެކަމުގައި ހޮސްޕިޓަލުގެ ސެކިއުރިޓީ މީހުންގެ އެހީވެސް ލިބުނެވެ.
ފަލަކް ނޫރާ ބަލައިލަން ދިޔައިރު ނޫރާ އޮތީ ބޭހުގެ އަސަރުގައި ނިދިފައެވެ. އެހެންކަމުން ފަލަކް އެވަގުތު ދައްކަން ބޭނުންވި ވާހަކައެއް ނޫރާއާއި ނުދެކެވުނެވެ. ނަމަވެސް ފަލަކް އޭނަގެ ހިތުގައި ހުރި ޝުޢޫރުތައް ނޫރާގެ މަންމައާއި ޙިއްސާ ކުރިއެވެ. ނޫރާއަށް ކައުންސެލިންގް ހޯދައިދިނުމުގެ ޚިޔާލުވީ އެ މަންމައަށް ވެސް ނުހަނު ކަމުދިޔަ ޚިޔާލަކަށެވެ. އަދި އެ ވާހަކަ ނޫރާއާއި ޙިއްސާ ކުރާނެ ކަމުގެ ޔަޤީންކަން އެ މަންމަ ފަލަކަށް ދިނެވެ.
އެ ދެކެވުނު ވާހަކަތަކަށްފަހު ފަލަކް ހޮސްޕިޓަލުން ނިކުތީ ހިސާބަކަށް މާޔޫސްވެ ހުރެއެވެ. އޭނަ ފާޅުކުރި ޚިޔާލުތަކުގެ ތެރެއިން އަފްޒަލަށް އެހާ ކަމުދިޔަ ޚިޔާލެއް ޙަޤީޤަތަކަށް ހެދުން ލަސްވުމުންނެވެ. މި ހުރިހާއިރު އޭނަ ހުރީ ނޫރާއަށް ވިސްނައިދިނުމަށްފަހު އެ ވާހަކަ އަފްޒަލާއި ޙިއްސާ ކުރަން ކެތްމަދުވެފައެވެ. އެހެނަސް އެ ވަގުތު އޭނަ އަފްޒަލަށް ގުޅާފައި ދައްކާނެ ވަކި ޖޯޝުން ފުރިގެންވި ވާހަކައެއް ނެތުމުން ގައިގެ ވަރު އެލުނެވެ.
ކޮންމެއަކަސް ޓެކްސީއަށް އަރާފައި އެވަގުތު އަފްޒަލަށް ގުޅާލެވިދާނެ ސަބަބުތަކާއިމެދު ފަލަކަށް ވިސްނެން ފެށިއެވެ. އަފްޒަލަށް ގުޅަން އޭނަ ބޭނުންވެފައިވީ ޚުދު އޭނަ ވެސް ޤަބޫލުކުރަން ދަތިވިއެވެ.
**
ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ފަރިތަކަމާއެކީ ތަވާއެއް އުފުއްލައި ތަރުކާރީ ހަލުވަމުން ދިޔަ އަފްޒަލްގެ ސަމާލުކަން އެހެން ދިމާލަކަށް ދިޔައީ، އޭނަގެ ފޯނު ރިންގުވާން ފެށި އަޑަށެވެ. އަފްޒަލަށް ވަގުތުން ބަލައިލެވުނީ ކަނާތް ފަރާތުން ފެންނަމުން ދިޔަ ކަބަޑުމަތީގައި އޮތް އޭނަގެ ފޯނަށެވެ. އެ ލިބެނީ މުހިއްމު ކޯލެކޭ ހިތައި އަފްޒަލް އަތުން ހިފަހައްޓައިގެން ހުރި ތަވާ އުނދުން މަތީގައި ބެހެއްޓުމަށްފަހު ފޯނު ނަގަން ދިޔައެވެ. ފޯނުގެ ސްކްރީނުން ފަލަކްގެ ނަން ފެނިފައި އަފްޒަލް ވަގުތުން އެއަށް ޖަވާބުދިނެވެ.
“އައްސަލާމްޢަލައިކުމް….މިއަދު ތިތާ ސްޕެޝަލް މީލްއަކަށް ހުރީ ކޯޗެއް؟”
އަފްޒަލަށް އެއްޗެކޭ ބުނެވުމުގެ ކުރިން ފަލަކް އެހެން ބުނި އަޑަށް އަފްޒަލްގެ ދެބުމަ ކައިރިވިއެވެ. ފަލަކް ގުޅީ ހަމަ މި ވާހަކަ އަހަންތޯ ހިތަށްއެރިއެވެ.
“އަމް….ބްރެކްފާސްޓްގަ ސްޕެޝަލް މީލްއަކަށް ހުރީ ބޯށި މަސްހުނި..” އަފްޒަލް ބުންޏެވެ.
“އޯކޭ ކޫލް!”
ފަލަކް އެހެން ބުނެ އަފްޒަލަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑައިލުމުން އަފްޒަލަށް ލިބުނީ ކުޑަ ސިހުމެކެވެ. އަފްޒަލަށް ޙައިރާންކަމެއްގެ ތެރޭގައި ހުރެ އޭނަގެ ފޯނަށް ބަލައިލެވުނެވެ.
އެއީ ފަލަކް އޭނައަށް އެދުވަހު ‘އުދަގޫކުރި’ އެންމެ ފަހު ފަހަރަށް ނުވިއެވެ. ދެން އަފްޒަލްގެ ފޯނު ރިންގުވާން ފެށީ، އޭނަ ކާތަށިތަކުގެ ޓްރޭއެއް ހިފައިގެން ގޮސް މީހުން ތިބި މޭޒެއްގެ މަތީގައި ތަށިތައް އަތުރަމުން ދިޔަ ވަގުތެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން އެ މޭޒުދޮށުގައި ތިބި މީހުންނަށް އެކަން ސަމާސާއަކަށް ހަދައި އެމީހުން ހެއްވާލަން އަފްޒަލް ޖެހުނެވެ. ބަދިގެ ތެރެއަށް އަނބުރާ ގޮސް ބަލައިލިއިރު ގުޅަނީ ފަލަކްއެވެ.
“ޔޫ ނޯ މިއަދު އަހަރެން ދިޔައިން ނޫރާއާއި ބައްދަލުކުރަން. ހޮސްޕިޓަލަށް ދިޔައިރު ނޫރާ އޮތީ ނިދިފަ…” ފަލަކް ކިޔައިދިނެވެ.
“އެހެންތަ؟” ކިތަންމެ ދަތިވިޔަސް އަފްޒަލް އެ ވާހަކަ ބުނުމެއްނެތި ފޯނު ކަންފަތާއި ކޮނޑާއި ދެމެދަށް ލަމުން ފަލަކްގެ ވާހަކައިގައި ބައިވެރިވިއެވެ.
“ހުމް….އެވަގުތުވެސް އަސްލު ވާހަކަ ދައްކަން ބޭނުންވި އެކަމަކު ހިތަށްއެރީ ނޫރާއަށް އުދަގޫ ނުކުރާނެއޭ. މިހާރު އަނެއް ކައުންސެލާރއާ ވެސް ވާހަކަ ދައްކައިފިން. އަހަރެން ހަމަ ބުނި ދުވަހަކުން ފަށާ ގޮތަށް އޮތީ…” ފަލަކް ބުންޏެވެ.
“ވޯހް….އެހެންވީމަ ސަޅިއެއްނު؟” އަފްޒަލް މަސައްކަތާއިގެން ކުރިއަށް ދަމުން ބުނެލިއެވެ.
“އަސްލުވެސް….އާނ ދެން ބޭއްވީ. މި އުޅެނީ ކުޑަ ކަމެއްގަ…”
ފަލަކް އެހެން ބުނުމުން އަފްޒަލް ވެސް އޯކޭއޭ ބުނެ ބާއިއޭ ބުންޏެވެ.
އަފްޒަލް ހީކުރީ އެ ވެގެން ދާނީ ފަލަކްގެ އެންމެ ފަހު ކޯލަށް ކަމަށެވެ. އެހެނަސް….
“ބައްޕަ ބުނީ މިރޭ 8 ޖަހާއިރު ބައްދަލުކުރަން ބޭނުމޯ…އަފްޒަލަށް އެ ގަޑީގަ އާދެވޭނެތަ؟”
ފަލަކްގެ އެ ސުވާލު އިވުނު އިރު އަފްޒަލަށް ހުރެވުނީ ހަރުގަނޑު މަތީގައެވެ. އޭނަ ހުރީ އެރޭ އެ ޢިމާރާތުގެ ހޯލުގައި އޮތް ކައިވެނި ޕާޓީއަކަށް ތައްޔާރު ކުރުމުގެ ތެރޭގައެވެ.
“އަމް…މިރޭ ހީވަނީ އެވަގުތަށް ނުދެވިދާނެހެން….9 ޖަހާއިރު އޯކޭ ވާނެތޯ ބައްޕަ ކައިރިން އަހައިލެވިދާނެތަ؟” އަފްޒަލް އެހިއެވެ.
“އޯކޭ ވާނެހެން ހީވަނީ. އަހާލާފަ މެސެޖެއް ކޮށްލާނަން އިނގޭ؟” ފަލަކް އެހެން ބުނުމުން އަފްޒަލް ހޫންލައްވައިލިއެވެ. އެއާއިއެކު އެ ފޯނު ކޯލު ނިމުމަކަށް އައެވެ.
އެ ކޯލު ނިމުމުން އަފްޒަލަށް އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނާއި ދިމާލަށް ބަލަން ހުރެވުނެވެ. ކޯލް ލޮގްގައި ފަލަކްގެ ނަމުގެ ކައިރީގައި ނަންބަރެއް ހުރުމުން ފަލަކް އޭނައަށް ގުޅި ޢަދަދު އަފްޒަލަށް އެނގުންވިއެވެ. އެ ކޯލުތަކުގެ ސަބަބުން އަފްޒަލަށް ދަތިވިއެއްކަމަކު އެ ވަގުތު އޭނައަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. ފަލަކް އޭނައާއިމެދު ދެކޭ ގޮތް ބަދަލުވަނީތޯ ހިތަށްއެރިއެވެ. އަދި އަމުދުން ފަލަކަކީ ފިރިހެނުންނަށް އިތުބާރު ނުކުރާ ކުއްޖެއްކަން ހަނދާންވެ، ފަލަކް އޭނައަށް އިތުބާރުކުރަން ޚިޔާރު ކުރީތޯ ހިތަށްއެރި ހިނދު ޚާއްސަކަމެއް އިޙްސާސް ކުރެވުނެވެ.
**
ފަލަކަށް ބަދަލެއް އައިއްސިކަން އަފްޒަލަށްވުރެ ބޮޑަށް އިޙްސާސް ކުރެވެމުން ދިޔައީ ފަލަކަށެވެ. މިއަދަކީ އޭނަ ފުރަތަމަ ފަހަރަށް އަމިއްލައަށް އެދިގެން، މަސައްކަތާއި ނުގުޅޭ ވާހަކައެއް ދެއްކުމަށް ފިރިހެނަކަށް ގުޅި ދުވަހެވެ. އެރޭގެ ކެއުމަށް ބޭރަށް ދިޔުމަށްޓަކައި ތައްޔާރު ވަމުން ދިޔަ ވަގުތު ފަލަކަށް ދެލޯ މަރައި ތަގުޅި ކުރެވެމުން ދިޔައީ އޭނައަށް އެދުވަހު އަފްޒަލަށް ގުޅައިލެވުނީ ކިހާ ގިނައިންކަން އެނގުންވުމުންނެވެ. އަދި އަމުދުން އޭނަ އަފްޒަލަށް ގުޅީ ހާދަ ބޭނުންނެތް ވާހަކަތަކެއް ދައްކަން ކަމަށްބުނެ އޭނަގެ ސިކުނޑި އޭނައަށް މަލާމާތް ކުރިއެވެ. އޭނަގެ ފޯނު ކޯލުތަކުން އަފްޒަލްގެ މަސައްކަތަށް ބުރޫ އަރާފައިވާނެތޯ ވެސް ހިތަށް އަރަމުން ދިޔައެވެ.
އެހެނަސް އެއީ ޙަޤީޤަތެއް ނޫންހެން ހީވީ، އަފްޒަލް އޭނައާއި ވާހަކަ ދެއްކި ގޮތުންނެވެ. ކޮންމެ ފަހަރަކުވެސް އަފްޒަލްގެ ރާގު ހުރި ގޮތުން، އަފްޒަލް ވާހަކަ ދައްކަނީ ނުހަނު ވަގުތު ލިބިގެން ހުރެހެން ހީވިއެވެ. އެހެނަސް ވަގުތު ލިބިފައިވާނަމަ އަފްޒަލްގެ މަސައްކަތް މިއަދު ލަހުން ނިމެނީ ކީއްވެތޯ ވެސް ހިތަށްއެރިއެވެ. އެ ސުވާލުން ފަލަކް އޮޅުން އަރާ ގޮތްވިއެވެ.
9 ޖަހަން ގާތްވަމުން ދިޔަ ވަގުތު އަފްޒަލް މެސެޖަކުން އެންގިހެން ފަލަކް ތައްޔާރުވެގެން މަގަށް ނިކުތެވެ. އޭނަ ނިކުތްތާ މާ ގިނައިރެއް ނުވަނީސް އަފްޒަލްގެ ކާރު އައިސް ފަލަކްގެ ކުރިމައްޗަށް މަޑުކުރިއެވެ. ފަލަކް ކާރުގެ ކުރީ ސީޓަށް އަރަން ޚިޔާލު ކުރިއެއްކަމަކު އޭނައަށް ގޮސް އެރުނީ ފަހަތު ސީޓަށެވެ. އެދުވަހު އޭނައަށް ކަންތައް ކުރެވިފައިވާ ގޮތުން އޭނަ އަފްޒަލާއި ކައިރިވާން އުޅޭހެން އަފްޒަލަށް ހީވެފައި އޮވެދާނެތީވެއެވެ. ފަހަތު ސީޓަށް އެރީ އަނެއްކާވެސް އެދެމެދުގައި ރޮނގެއް ދަމައިލުމުގެ ނިޔަތުގައެވެ. އެހެނަސް އޭނަ ދޭން އުޅުނު މެސެޖު އަފްޒަލަށް ލިބުނު ކަމެއް ނޭނގެއެވެ. އޭނަ ކާރަށް އަރައި ދޮރު ލައްޕައިލުމާއިއެކު އަފްޒަލްގެ ލުއި ހީލުމެއްގެ އަޑު އިވުމުން ފަލަކް އޮޅުން އަރާ ގޮތްވިއެވެ.
އަފްޒަލަށް ހެވުނީ ކޮންމެވެސް ކުއްޖަކު ލަދުގަތީތާއޭ ހިތަށްއެރުމުންނެވެ. އަދި އަމުދުން އެއީ އޭނައަށް ކިހާ ކަމުދާ ސިފައެއްކަން ހަނދާންވުމުން އަފްޒަލްގެ ހިތުތެރޭގައިވި އިޙްސާސްތަކަށް އިންޤިލާބެއް އައެވެ. ކާރު ދުއްވަމުން އަފްޒަލް ހިނިތުންވުމެއްގައި އިންދާ ފަލަކްގެ އަޑު އިވުނެވެ.
“މިއަދު…ވަރަށް ބިޒީ ދުވަހެއްތަ؟” ފަލަކް ޖެހިލުންވުމަކާއިއެކީ ސުވާލުކުރިއެވެ.
“ހުމް…ބިޒީ ފުދޭ ވަރަކަށް..” އަފްޒަލް ތެދުތެދަށް ޖަވާބުދިނެވެ.
“ވަރަށް ޑިސްޓާބްވި ދޯ އަހަރެން ގުޅީމަ؟” ފަލަކް އެ ސުވާލުކޮށްލީ އޭނަ ހޭލަމޭލައަށް އުޅޭ ދުވަހެއް ހަނދާން ކުރަމުންނެވެ. ހަމަ ގައިމުވެސް އެފަދަ ދުވަހެއްގައި މީހަކު އެހާ ގިނައިން އޭނައަށް ގުޅައިފިނަމަ އޭނައަށް ގިނަ ކޯލުތައް ނުވެސް ނެގޭނެއެވެ. އަދި އަމުދުން ބޭކާރު ކަންތަކާ އޭނައަށް ގުޅާ މީހަކަށް އޭނަ ރުޅިވެސް އަންނާނެއެވެ. އަފްޒަލްގެ ވެސް ޖަވާބު އަންނާނީ އެފަދަ ގޮތަކަށް ކަމަށް އޭނަ ހީކުރިއެވެ. އެހެނަސް…
“އާނ….ކުޑަކޮށް ޑިސްޓާބްވި. މިއަދު ހަވީރު ބޮޑު ފެމިލީއަކަށް ދިން ޚާއްސަ ސައެއް އޮވެފަ ރޭގަނޑު ވެޑިންގްއެއް އޮތީ. ޑެކަރޭޝަން ބައިގަ އުޅޭ ދެ ކުދިންނަށް ނާދެވޭތީ އަހަރެން އެކަމުގަ ވެސް އުޅެން ޖެހުނު ހެހެ….އަސްލު ހިއެއް ނުކުރަން ފަލަކް އަހަންނަށް ގުޅާނެ ކަމަށް. އެހެން ނޫންނަމަ ބުނީމުސް ބިޒީ ވާނެ ވާހަކަ. މާ ބޮޑަށް ބިޒީވިއްޔާ ފަހަރެއްގަ ފޯނު ނުނެގިވެސް ހިނގައިދާނެ…”
އަފްޒަލް ނުހަނު މަޑުމައިތިރި އަޑަކުން އެ ވާހަކަ ބުނެލި ގޮތުން ފަލަކަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ. މިއީ ފިރިހެނަކު އޭނަ ނުރުހުނު ކަމެއްގެ ވާހަކަ އެފަދަ އަޑަކުން އޭނަ ގާތު ބުނި އަޑު އޭނައަށް އިވުނު ފުރަތަމަ ފަހަރެވެ. އަފްޒަލް އެ ވާހަކަ ބުނިތާ ސިކުންތުކޮޅެއް ހިނގިއިރު ވެސް ފަލަކަށް ޤަބޫލުކުރަން ދަތިވެފައި އިނދެވުނެވެ. އެހެނަސް މާ ގިނައިރެއް ވާހަކަ ދެކެވުނެވެ.
“ސޮރީ…” ފަލަކަށް އެހެން ބުނެވުނީ އިސްޖެހިފައި އިނދެއެވެ. ދެން ދުވަހަކުވެސް މިއަދު ކަންތައް ކުރި ފަދައިން ނުކުރަން ޢަޒުމް ކަނޑައަޅަމުންނެވެ.
“ހެހެ….އިޓްސް އޯކޭ. އެނީވޭސް…ބައްޕަ ތިބުނާ ރެސްޓޯރެންޓަކުން ދުވަހަކުވެސް ކެއިންތަ؟ މީރުތަ އެތާ މީލްތައް؟”
އަފްޒަލް ހިނިތުންވުމަކާއިއެކީ މުޅި އެ ވާހަކަ ބަދަލުކޮށްލި ގޮތުން، އަފްޒަލް ހަމަ ޙަޤީޤަތުގައި ވެސް އޭނައަށް މަޢާފު ކުރީކަން ފަލަކަށް ޔަޤީން ކުރެވުނެވެ. އަފްޒަލަކީ ހާދަ ރަނގަޅު އިންސާނެކޭ އެވަގުތު ހިތަށްއެރިއެވެ. ފުރިހަމަ އިންސާނިއްޔަތުކަމަކީ އަނެކާގެ އިޙްސާސްތައް އެނގި، ރަޙުމްކޮށް އަނެކާއަށް ހެޔޮކޮށް ހިތުން ނޫންހެއްޔެވެ؟ ޙަޔާތުގެ މިހާ ހިސާބަށް އައިއިރު އޭނަގެ ކިބައިގައި އެފަދަ ސިފަތައް ހަރުލާފައި ނެތީ ކީއްވެތޯ ފުރަތަމަ ފަހަރަށް ފަލަކްގެ ހިތް ސުވާލު ކުރިއެވެ.
**
މިނެޓްތަކެއްގެ ތެރޭގައި އަފްޒަލްގެ ކާރު ގޮސް ޕާކްކުރެވުނީ ހުޅުމާލޭގައި ނުހަނު އަލަށް ހުޅުވުނު ރެސްޓޯރެންޓެއްގެ ކައިރިއަށެވެ. އަތިރި ފަރާތާއި ނުހަނު ގާތްކޮށް ހެދިފައިވާ ރެސްޓޯރެންޓަކަށް ވެފައި، ރެސްޓޯރެންޓުގެ ތެރެއިން އެކި ބާވަތުގެ ގަސްތައް ފެންނަމުން ދިޔަ ގޮތުން ހިތްގައިމު ގޮތެއްވިއެވެ.
އަފްޒަލާއި ފަލަކް ރެސްޓޯރެންޓުގެ ތެރެއަށް ވަންތާ މާ ގިނައިރެއް ނުވެ، ހަތަރު ގޮނޑި ހުރި މޭޒެއްގެ ދޮށުގައި މަޖީދު އިންތަން ދެމީހުންނަށް ފެނުނެވެ. ފަލަކަށްވުރެ ކުރިން އަފްޒަލް ހިނިތުންވުމަކާއި ‘މަޖީދުބެ’ އޭ ކިޔައި ގޮވައިލުމުން، ކުރިމަތީގައި ހުރި ފެންތަށްޓަށް ނަޒަރު ހުއްޓައިގެން އިން މަޖީދު އެދިމާލަށް ބަލައިލިއެވެ.
“އަނހަ….ދެކުދިން ތި އައީ ދޯ؟” އަފްޒަލާއި ފަލަކް ގޮސް މޭޒުދޮށުގައި އިށީނުމުން މަޖީދު އެ ދެމީހުންނަށް ވަކި ވަކިން ބަލައިލީ އުފާވެރި ހިނިތުންވުމަކާއި އެކީގައެވެ. އެހެނަސް އެ ހިނިތުންވުމުގެ އަސަރު މަޖީދުގެ ލޮލާއި ހަމައަށް ނުފޯރާހެން އަފްޒަލަށް ހީވިއެވެ. މަޖީދުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑީގައި އިށީންއިރު އަފްޒަލްގެ ހިނިތުންވުން ހިސާބަކަށް ފޭދުނު ސަބަބަކީ އެއީއެވެ.
މަޖީދަށް ދެވުނު ސަމާލުކަން ބޮޑުވުމުން ފަލަކް އެތާ ނުއިށީނދެ މަޑުކުރިކަން އަފްޒަލަށް ފާހަގައެއް ނުވިއެވެ. ފަލަކް ހުރީ ބައްޕަ ކައިރީގައި އިށީނުމާއިމެދު ދެ ޚިޔާލެއްގެ މަތީގައެވެ. އެހެނަސް އޭނަ އެވަގުތު ނުއިށީނިއްޔާ އަފްޒަލް އޭނައާއިމެދު ދެކޭނީ ކިހިނެއްބާއޭ ހިތަށްއެރުމުން ވަގުތުން އިށީނދެވުނެވެ. އެހިނދު އަފްޒަލާއި މަޖީދު އެކީގައި ފަލަކަށް ބެލި ހިނދު ފަލަކް ނޫންކަމަށް ހަދައި މޭޒުމަތީގައި ހުރި ފެންފުޅިން އޭނަގެ ތަށްޓަށް ފެން އަޅަން ފެށިއެވެ.
“ހެހެ….އަފްޒަލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…އަފްޒަލާއި ހެދި 20 ވަރަކަށް އަހަރު ފަހުން ފަލަކް ބައްޕަގެ ކައިރީގައި އިށީނދެއްޖެ…” މަޖީދު އެހެން ބުނިއިރު ފެން ތަށި ބޯން އުޅުނު ފަލަކްގެ ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނަގެ ބައްޕަ ކައިރީގައި މިހެން ނުއިށީނދެވޭތާ ހަމަ މިހާ ދުވަސްވެއްޖެތޯ ހިތަށްއެރިއެވެ. އެކަމާއިމެދު މާޔޫސްވެވެން އުޅުނެއްކަމަކު އަމިއްލަ ނަފްސު ދިފާޢުވެސް ކުރެވުނެވެ. އެ ބައްޕަ ކައިރީގައި އިށީނދެވިފައި ނެތީ ކީއްވެކަމާއިމެދު އެ ބައްޕަ ނުހަނު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ހިތާހިތުން ކިޔައިލެވުނެވެ.
އަފްޒަލް މަޖީދާއި ފަލަކްގެ ދެމެދަށް ވެރިވި ސީރިއަސްކަން ފެނި، ލުއި ގޮތަކަށް ހީލިއެވެ.
“ހެހެ…..ބޭބެ ކީއްވެތަ މި ރެސްޓޯރެންޓުން ތި ބައްދަލުކޮށްލީ؟ ހީކުރީ ބޭބެ މާލޭގަ އުޅޭތީ މާލޭގެ ރެސްޓޯރެންޓަކުން ކަމަށް ބައްދަލު ކޮށްލާނީ…” އަފްޒަލް ބުންޏެވެ. އެހިނދު އެއްކަލަ ދުވަހު ވެސް މަޖީދުބެއާއި ހުޅުމާލެއިން ދިމާވި ހަނދާނެއް އާވިއެވެ.
“އާނދޯ؟ މިފަހުން ކުޑަ ކަމެއްގަ ހުޅުމާލޭ ތެރޭގަ ގިނައިން އުޅެވޭ…ހެހެ…” މަޖީދު ބުންޏެވެ.
“ކޮން ކަމެއްތަ؟” އަފްޒަލަށް އިތުރަށް ސުވާލުކުރެވުނީ، އެ ދުވަހު މަޖީދުބެގެ އަތުގައި ބޭސް ކޮތަޅެއް އޮތްކަން ވެސް ހަނދާންވުމުންނެވެ.
“އެއީ ހަމަ ވިޔަފާރީގެ ކަމެއް….އެހެން ބުނީމަ މި ހަނދާންވީ. ފަލަކްވެސް މިކޮޅަށް އައީ ވިޔަފާރީގެ ކަމަކުދޯ؟ ބައްޕަ ހީކުރީ ދެ ހަފްތާ ފަހުން އަނބުރާ ދާ ގޮތަށް ކަމަށް ތި އައީ….އެކަމަކު މިހާރު ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެ ކަންނޭނގެދޯ؟”
މަޖީދު އެ ސުވާލުކޮށްލުމާއިއެކު ފެންތަށިން ފެން ބޮމުން ދިޔަ ފަލަކް ކޮށި އަރާ ގޮތްވިއެވެ. އިވިގެން ދިޔައީ އަފްޒަލަށް ވެސް އާ ޚަބަރަކަށްވުމުން އަފްޒަލަށް ވެސް ފަލަކާއި ދިމާލަށް ބަލައިލެވުނެވެ. ފަލަކް އައިސްފައި ހުރީ އެންމެ 2 ހަފްތާއަށް ކަމަށް އަފްޒަލް ހިއެއް ނުކުރެއެވެ.
“އެހެންނެއް ނޫނޭ ބައްޕާ….އަސްލު ކަމަނަ ރެސްޓޯރެންޓުގެ ޕްރޮޖެކްޓް ނަގައިގެން މިއުޅެނީ. އަދި އެ ޕްރޮޖެކްޓް ނުނިމެނީސް އެކޮޅަށް ދިޔުން އެހާ ރަނގަޅެއް ނުވާނެހެން ހީވާތީ މަޑުކޮށްލީ!” ފަލަކް ނުހަނު ބާރު އަޑަކާއިއެކީ ބިއްލޫރި ތަށި ބަހައްޓަމުން ހަރު އަޑުން ވާހަކަ ދެއްކި ގޮތުން ކައިރި މޭޒުތަކުގައި ތިބި މީހުން ވެސް އެ ދިމާލަށް ބަލައިލިއެވެ. އެކަން އެނގުންވުމުން ފަލަކް ގޮނޑިއަށް ލެނގިލަމުން ހަމަޖެހޭ ގޮތް ދެއްކިއެވެ.
“ހެހެ….ފަލަކް ބުނި ގޮތެއް ޤަބޫލުކުރާނީ….”
މަޖީދު ދެއްކި އެ ވާހަކައިން އަފްޒަލަށް މަޖީދާއި ދިމާލަށް ބަލައިލެވުނީ އިތުރު ސީރިއަސްކަމަކާއި އެކީގައެވެ. އެ ވާހަކައިން އުފެދުނު އިތުރު ސުވާލުތައް އަފްޒަލަށް އެވަގުތުން ވަގުތަށް ކުރެވެން އުޅުނެވެ. އެހެނަސް އެ ވަގުތު އެ މޭޒު ކައިރިއަށް ވެއިޓަރަކު އައުމުން އެކަމަށް ހުރަސް އެޅުނެވެ.
ވެއިޓަރު ދިން މެނޫއިން ކާ އެއްޗެހި ޚިޔާރު ކުރުމަށްފަހު މަޖީދު ފެށީ މުޅިން އެހެން ވާހަކައެކެވެ. އެ މެނޫއިން ފަލަކް ޚިޔާރު ކުރި ޒާތުގެ ޝަވަރުމާއަކީ ފަލަކް ކުޑައިރު ނުހަނު މީރުވެގެން އުޅުނު އެއްޗެއް ކަމަށްބުނެ، މާޒީގެ ހަނދާންތައް މަޖީދު އާ ކުރިއެވެ. އަފްޒަލް ވެސް ނުހަނު އުފާވެރިކަމާއިއެކީ އެ ވާހަކަތަކުގައި ބައިވެރިވިއެވެ.
“އަސްލު ހުރިހާ ގޮތަކުން ބަލާއިރުވެސް ބައްޕަގެ ނަޒަރުން ފަލަކާއި އެންމެ ގުޅޭނީ އަފްޒަލް ކަހަލަ ކުއްޖެއް. ފަލަކަށް އެނގޭނެ މީގެ ކުރިން ބައްޕަ މިކަހަލަ ވާހަކައެއް ދައްކާފަވެސް ނުހުންނާނެކަން. ތި ދެކުދިންގެ މިޒާޖު ބައްޕައަށް ސާފުކޮށް ފެންނާތީ ގުޅޭނެކަން އެނގެނީ….ހީވަނީ ދެކުދިން މިހާރު އެކަކު އަނެކަކާ ވާހަކަ ދައްކަން ފަށާފަ ހުރިއްޔާ އެކަން ފާހަގަވެދާނެހެން ތި ދެކުދިންނަށް ވެސް…” މަޖީދު ބުންޏެވެ.
އެ ވާހަކަ އިވިފައި ކޯތާފަތް ރަތްވެގެން ދިޔަ ފަލަކް ކަރުކެހިލަމުން ކައިރީގައި ހުރި ޖޫސްތަށިން ބޯން ފެށިއެވެ. އެހިނދު އަފްޒަލް ވާހަކަ ދެއްކިއެވެ.
“އަޅުގަނޑަށް ފަލަކް ކަމުދޭ….ދެމީހުން ވާހަކަ ދައްކަމުން މިދަނީ މިހާރު، ދޯ ފަލަކް؟ ހެހެ…ކުރީ ދުވަހު ބޭބެ ކައިރި ނުވެސް ބުނެ ފަލަކް ގޮވައިގެން ދިޔައިން އައިސްކްރީމް ބޯން. އެއީ ދެން އެދުވަހު ކަން ދިމާކުރި ގޮތުން އަޅުގަނޑު ދިޔައީ. އަޅުގަނޑަށް ބޮޑަށް ރަނގަޅީ މަޖީދުބެއާއި އެކީ މިގޮތަށް ފަލަކްއާ ބައްދަލުކުރަން….” އަފްޒަލްގެ އެ ވާހަކަ އިވިފައި މަޖީދު ހީލިއެވެ.
“ޞާލިޙު ކުދިން ވިސްނާނީ ތިގޮތަށްތާދޯ؟ ބޭބެ ކޮންމެ އެއްޗެކޭ ބުންޏަސް….އަލްޙަމްދުލި ﷲ! ވަރަށް އުފާވޭ އަސްލު….ޙަޔާތް މިފަދަ ފައްތަރަކަށް އައިސްފައި ވަނިކޮށް ފަލަކްގެ އެކަނިވެރިކަން ފިލުވައިލަން އަފްޒަލް ކަހަލަ ކުއްޖެއް ހޯދައިލެވުނީތީ…އެނގޭ މިހެން ބުނަން ވެސް ނުޖެހޭނެކަން އެކަމަކު….އަފްޒަލް ވަރަށް ރަނގަޅަށް ފަލަކް ބަލައިދެއްޗޭ…” މަޖީދު އެހެން ބުނެލީ ފުން މާނައެއް އެކުލެވޭ ހިނިތުންވުމަކާއި އެކީގައެވެ.
އަފްޒަލް އެ ވާހަކައަށް އެއްޗެކޭ ބުނަން އުޅުނު ތަނާހެން މަޖީދުގެ ފޯނު ރިންގުވާން ފެށިއެވެ. މަޖީދު ވަގުތު ފޯނު ނަގައި ޖަވާބުދާރީވިއެވެ. އެކޮޅުން ވާހަކަ ދެއްކި މީހަކަށް ކުރު ގޮތަކަށް މި އަންނަނީއޭ ބުނެ މަޖީދު ފޯނު ކަނޑައިލިއެވެ. އެއަށްފަހު ދެން މިވަގުތު ދާންވެއްޖެއޭ ބުނެ ކޮޅަށް ތެދުވިއެވެ. އަދި ދެކުދިން އަދި އިރުކޮޅެއް ވަންދެން ތިބެލާށޭ ބުނެލީ، އެ ދެމީހުން ވެސް ކައި ނުނިމޭތީވެއެވެ.
މަޖީދު އެ މީހުންނަށް ފަސްދީފައި ދާން ފެށުމުން ވެސް އަފްޒަލަށް ސީރިއަސް ނަޒަރެއްގައި މަޖީދަށް ބަލަން އިނދެވުނެވެ. އެކަން ފާހަގަވި ފަލަކް ކިހިނެއްވީތޯ އަހައިލިއެވެ. އަފްޒަލް ކުއްލި ގޮތަކަށް ފަލަކަށް ބަލައިލަމުން، ގަދަކަމުން ހިނިތުންވެ، ކަމެއް ނުވެއޭ ބުނެލިއެވެ. އެހިނދު މަޖީދު ލޯމަތިން ގެއްލިފައިވުމުން އަފްޒަލް ދެން ނުބައިކޮށް ނުވިސްނަން ނިންމިއެވެ. އެ ޚިޔާލާއިއެކީ އަފްޒަލް އަނބުރާ އޭނަގެ ކެއުމަށް ދާން އުޅުނުތަނާހެން، ބޭރުން ތަށިތައް ތަޅައިގެން ދިޔަ ބާރު އަޑެއް އިވިގެން ދިޔައެވެ.
ނުނިމޭ
I love this story
May 11, 2023 @ 9:58 am
I love this story