ޤަދަރު (އަށާރަވަނަ ބައި)
މަންމަ ގޮވައިގެން ހޮސްޕިޓަލަށް ގޮސް މާ ގިނައިރެއް ނުވެ އެރޭ ޑޮކްޓަރަށް ދައްކައި ނިމި، އަފްޒަލަށް ހޮސްޕިޓަލުން ނިކުމެވޭ ގޮތްވިއެވެ. މަންމަ އެ ހަފްތާ ތެރޭގައި ހަދާފައިވާ ޓެސްޓް ރިޕޯޓްތައް ބަލާފައި ޑޮކްޓަރު މާ ބޮޑު މައްސަލައެއް ނެތް ކަމަށް ބުނުމުން އަފްޒަލް ހުރީ ހިތްހަމަޖެހިފައެވެ. އެ ހިތްހަމަޖެހުމުގައި އޭނަ މަންމަ ގޮވައިގެން ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ދާން ޚިޔާލު ކުރިއެވެ. ޒައުލްގެ ކުލާސް ނިމޭ ގަޑި ޖެހެން އަދި ވަގުތު އޮތުމާއި އެކީ ވެސްމެއެވެ.
ރެސްޓޯރެންޓަކަށް ދިޔުމުގެ ޚިޔާލު މަންމައާއި ވެސް ޙިއްސާ ކުރުމަށްފަހު ކާރަށް އަރަން އުޅުނު ވަގުތު އަފްޒަލްގެ ފަޓުލޫނު ޖީބުގައި އޮތް ފޯނަށް މެސެޖެއް އައެވެ. ޢާއްމު ގޮތެއްގައި މެސެޖެއް އަޔަސް އަފްޒަލް ވަގުތުން ނުބެލިއެއްކަމަކު، އެ ވަގުތު ދެވަނަ ވިސްނުމެއްނެތި ފޯނު ނެގީ، ގޭގައި އެކަނި ހުރި ފަލަކް މަތިން ހަނދާންވުމުންނެވެ. މަންމަ ކާރަށް އެރުމުން ވެސް ކާރު ކައިރި ހުއްޓި ހުރެ އަފްޒަލް ފޯނު ހުޅުވައި ބަލައިލެވުނެވެ. ދޮންބެގެ ފަރާތުން މެސެޖެއް އައިސްފައިވިތަން ފެނި، އަފްޒަލަށް ފަޅި ސިކުންތެއްގެ ތެރޭގައި މެސެޖު ހުޅުވައިލެވުނެވެ.
“ނޫރާ ގޭގައެއް ނޫންދޯ ހުރީ؟ އަދި މަ ގުޅީމަ އޭނަ ފޯނެއް ވެސް ނުނަގައޭ. އޭނަ ކައިރި ބުނޭ މަގޭ ބޯ ގޮއްވަން ބޭނުން ނޫނިއްޔާ ގޭގަ ހުންނާށޭ މަ އަންނައިރަށް. މިހާރު މި އިނީ ޓެކްސީގަ.”
ދޮންބެގެ ފަރާތުން އައިސްފައިވި މެސެޖު ފެނި އަފްޒަލްގެ ލޯ ބޮޑުވެ، އަތް ފިނިވާ ގޮތްވިއެވެ. އިސާހިތަކު އަފްޒަލަށް ކާރަށް އަރައި ދޮރު ލައްޕައިލަމުން ކާރު ސްޓާޓް ކޮށްލެވުނެވެ.
“ކިހިނެއްވީ ދަރިފުޅު ހާދަ ހާސްވެފަ؟” އަފްޒަލަށް އައި ބަދަލު ފާހަގަވި ފަޒީލާއަށް ސުވާލު ކުރެވުނެވެ. އޭރު އަފްޒަލް ކާރު އަނބުރައިލަމުން ކާރު މަގަށް ނެރެ ދުއްވާލަނީއެވެ.
“ދޮންބެ އަނބުރާ އައިއްސި.” އަފްޒަލް ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއިއެކު އަފްޒަލް ބުނި އެއްޗެއް ނަގައިގަނެވި، ފަޒީލާ އިތުރު އެއްޗެކޭ ނުވެސް ބުންޏެވެ.
ބާރަށް ކާރު ދުއްވާފައި ދިޔައީތީ 5 ވަރަކަށް މިނެޓް ތެރޭގައި އަފްޒަލަށް ހުޅުމާލެއާއި ހަމައަށް ދެވޭ ގޮތްވިއެވެ. ހުޅުމާލޭގެ މަގުމަތިން ދުއްވާފައި ދަނިކޮށް ފޯނު ވައިބްރޭޓްވާން ފެށުމުން އެއީ ދޮންބެ ކަން އަފްޒަލަށް މާ ރަނގަޅަށް ވެސް ނަގައިގަނެވުނެވެ. އެހެނަސް ފޯނު ނެގުމުގެ ބަދަލުގައި ކާރުގެ ސްޕީޑް މަތި ކުރުން ނޫންކަމެއް އަފްޒަލަށް ނުކުރެވުނެވެ.
ހުޅުމާލެއަށް ދެވުނުތާ މިނެޓަށްހާއިރު ތެރޭ ގެއާއި ކައިރިވަމުން ދިޔަދިޔަހެން އަފްޒަލް ބުރަކި ޖައްސައިލީ ކުއްލި ގޮތަކަށެވެ. އެހިނދު ގޭގެ ހުޅުވާފައިވާ ގޭޓުގެ ދޭތެރެއިން ދޮންބެ ގޭގެ މައިދޮރުގައި ތަޅަމުން ދިޔަ މަންޒަރު ފެނި މަންމަ ވެސް ‘ސުބްޙާނަ ﷲ’ އޭ ކިޔައިލިއެވެ. އަފްޒަލް ކާރު ނިވައިލަން ވެސް ޚިޔާލު ނުކޮށް އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ކާރުން ފޭބުމަށްފަހު ގޭގެ ގޭޓުން ވަދެގެން ދާން ފެށިއެވެ.
“މިއީ އަދި ކާކު؟ ބީރައްޓެހި މަންޖެއެއްދޯ އަދި މަ އަމިއްލަ ގެއަށް ނުވައްދާ މި ހުންނަނީ؟!”
ދޮންބެ އެހެން ބުނި އަޑަށް އަފްޒަލް އައީ އޭނަގެ ގާތަށް ދުވަހަކުވެސް ނާންނަ ޒާތެއްގެ ރުޅިއެކެވެ. އަދި އަމުދުން އެ ސުވާލަށްފަހު ދޮންބެ ކިޔައިލި ނުބައި ބަސްތައް އަމާޒުވީ ކާކަށްކަން އެނގުންވުމުން އެ ރުޅިވެރިކަމުގެ އަލިފާނަށް ތެޔޮ އެޅިގެން ދިޔަ ފަދައެވެ.
އަފްޒަލް ގޮސް ދޮންބެގެ ކައިރިއަށް ހުއްޓުނު ވަގުތަކީ ދޮންބެ ފަލަކަށް އެތިފަހަރެއް ދޭން އަތް އުފުލި ވަގުތެވެ. އިސާހިތަކު އަފްޒަލް އެ އަތުގައި ބާރަށް ހިފައިލީ އައިސްފައިވި ރުޅިއާއި އެކީގައެވެ.
އަފްޒަލްގެ ހިފައިލުން އިޙްސާސް ކުރެވުމާއިއެކު ރުޅިން ރަތްވެފައި ހުރި އަދުހަމް ކުއްލި ގޮތަކަށް އަފްޒަލާއި ދިމާލަށް ބަލައިލިއެވެ.
“ރުޅި އަޔަސް ކޮންމެހެން ނުޖެހޭދޯ ބީރައްޓެހި ކުއްޖަކާއި ދިމާލަށް އަތް އުފުލާކަށް؟” އަފްޒަލް އެހެން އެހިއިރު އަޑު ރޫރޫ އެޅިއެވެ. އެހިނދު އެތާހުރި ފަލަކަށް ހަމަޖެހުމުގެ ނޭވައެއް ދޫކުރެވުނީ ވެސް ކެނޑިކެނޑިގެންނެވެ.
“އެއްކަލަ ސޮރު އައިއްސިދޯ މާ މާތް މީހަކަށްވާން؟ އެކި އެކި ތަންތަނުން މިގެއަށް މަންޖެއިން ގެނެސްގެން ތީނަ ކުރަން އުޅޭ ކަމެއް މަށަކަށް ނޭނގެ!” އަދުހަމް ހަރުވަމުން ދިޔަ އަޑަކާއިއެކީ އެ ބަސްތައް ބުނެލުމާއިއެކު ފަޒީލާ ނުރުހުންތެރިކަމާއިއެކީ އަދުހަމްއޭ ކިޔައި ގޮވައިލިއެވެ. އަފްޒަލްގެ ނަމަށް ބުރޫ އަރާ ފަދަ ވާހަކައެއް އަޑުއަހަން ފަޒީލާއަށް ކެތް ނުކުރެވުނީއެވެ.
“މަށަށް ވަރިހަމަ ތީނަ އުޅޭހާ ގޮތަކަށް އުޅުނަސް! އެކަމަކު މަ ވަންނަން ޖެހޭ ގެއަކަށް ވަނުމަށް މަށަށް މަނާ ކުރެވިގެނެއް ނުވާނެ!”
އަދުހަމްގެ ހިތުގައި އަމިއްލަ މަންމަގެ އިޙްސާސްތަކަށް ވެސް އިޙްތިރާމެއް ނެތް ފަދައެވެ. ފަޒީލާ އޭނަގެ ނަން ކިޔައިލުމުން ވެސް އޭނަގެ އަޑު އިތުރަށް ހަރުވުން ނޫންކަމެއް ނުވިއެވެ. އެ ވާހަކަ ބުނުމަށްފަހު އަދުހަމް އިތުރު އެއްވެސް އެއްޗެކޭ ނުބުނެ އޭނަގެ ފޮށި ދަމަމުން ގެއަށް ވަނެވެ. ފަލަކަށް ދޮރުމަތިން ދުރުވެ ނުލެވުނުނަމަ އަދުހަމް ފަލަކްގެ ގައިގައި ޖެހުނީސްކަން ޔަޤީނެވެ.
އަދުހަމް ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ބާރަށް ލައްޕައިލި ހިނދު، އޭރުވެސް ސަކަރާތްވެފައި ހުރި ފަލަކް ސިއްސައިގެންދާ ގޮތްވިއެވެ. އެކަން ފާހަގަވުމުން އަފްޒަލަށް ފަލަކާއި ދިމާލަށް ބަލައިލެވުނެވެ.
“އާރ ޔޫ އޯކޭ ފަލަކް؟” އަފްޒަލް އެހެން ބުނި ހިނދު ފަލަކާއި ދިމާލަށް ފިޔަވަޅެއް އެޅުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު ފަލަކް ފަހަތަށް ފިޔަވަޅެއް އަޅައިލުމުން އަފްޒަލް ހިތްދަތިވެގެން ދިޔަ ގޮތުން ޚުދު އޭނަ ވެސް ޙައިރާންވާ ގޮތްވިއެވެ. އަފްޒަލް ބަލަބަލާ ހުއްޓާ އިސްޖެހިފައި ހުރި ފަލަކް އޭނައަށް ބަލައިލުމެއް ވެސް ނެތި އަވަސް ހިނގުމެއްގައި ސިޑިއާއި ހަމައަށް ގޮސް ދުވުމެއްގައި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.
އެ ވަގުތުކޮޅުގައި އަފްޒަލްގެ ލޯމައްޗަށް ފަލަކް ގެއްލިގެން ދިޔަ ގޮތަށް އޭގެ އަނެއްދުވަހުގެ ހަވީރު ވީއިރު ވެސް އަފްޒަލަށް ފަލަކްގެ ސޫރަ ފެނޭ ގޮތެއް ނުވިއެވެ. ހަވީރު ގެއަށް އައިސް އަފްޒަލް މަންމަ ގާތުން ގޭގެ ޙާލަތާއި މެދު ސުވާލު ކުރުމުން، ފަލަކް ތިރިއަށް އައީ ހަމައެކަނި ހެނދުނު ސައިބޯން ކަމަށް ބުންޏެވެ. ހެނދުނު ނޫރާ ގެއަށް އައުމުން އަދުހަމް ރުޅި އިސްކޮށް، ނޫރާގެ މޫނުމައްޗަށް އެތި ފަހަރެއްދީ، ގަދަކަމުން ނޫރާ ކޮޓަރިއަށް ގެންދިޔަ މަންޒަރު ފެނިފައި ފަލަކް މައްޗަށް ދިޔަ ގޮތަށް ތިރިއަށް ނާންނަ ވާހަކަ މަންމަ ބުންޏެވެ.
އެއާއިއެކު އަފްޒަލް ކަންބޮޑުވާ ގޮތްވިއެވެ. މަންމަ ގާތު ފަލަކްގެ ކައިރިއަށް ގޮސް ޙާލު ބަލައި ކާން އައުމަށް އަންގައިދިނުމަށް ބުނެވުނެވެ. އެހެނަސް މަންމަ ބުނުމުން ވެސް ފަލަކް ތިރިއަށް އަންނަން އިންކާރު ކުރި ވާހަކަ ބުނުމުން އަފްޒަލް ދެރަވާ ގޮތްވިއެވެ. އަދި އަމުދުން ފަލަކް ހުރީ ރޮވިފައިހެން ހީވާ ކަމަށް މަންމަ ބުނި ބުނުމުން އަފްޒަލްގެ ކަންބޮޑުވުން ދެ ގުނަވިއެވެ.
**
އަފްޒަލަށް ނޭނގުނު ކަމަކީ، އޭނަގެ ދޮންބެގެ ފަރާތުން ފެނުނު ޢަމަލުތަކުން ފަލަކް ބޮޑު ޝޮކަކަށް ގޮސްފައިވި ކަމެވެ. އަދުހަމަކީ ގޯސް މީހެއްކަމަށް ކުރިން ވެސް އަމިއްލައަށް ނިންމިފައިވިއެއްކަމަކު، އެތައް އަހަރެއްފަހުން އަނެއްކާވެސް އެހާ ގާތުން ފިރިހެނެއްގެ ރުޅިވެރިކަން ފެނި، މާޒީގެ ބިރުވެރި ހަނދާންތަކުން ސިކުނޑި ފުރިފައިވި ކަމެވެ. އޭގެ ސަބަބުން އޭނަ އެވަގުތު އުޅެމުން ދިޔަ މާޙައުލާއި މެދު ވެސް އޭނަގެ ސިކުނޑި ތަކުރާރުކޮށް އިންޒާރުތައް ދެމުން ދިޔައެވެ. ނޭނގުމެއްގެ ތެރެއިން ވެސް އަފްޒަލަށް އިތުބާރުކޮށް ގާތްވެވެން އުޅެވުނީތީ ހިތުގައި ބިރުވެރިކަމެއް ވިއެވެ. އެ ބިރުވެރިކަމުގެ ސަބަބުން އޭނައަށް ދޭތެރެ ދޭތެރެއިން ގަދައަށް ރޮވެމުން ވެސް ދިޔައެވެ. އޭނައާއި އެއްފުރާޅެއްގެ ދަށުގައި ތިބި ފިރިހެނުންގެ ކިބައިން ލިބިދާނެ އަނިޔާއަކުން އޭނަ ރައްކާތެރިވާނެ ހަމަ އެއްވެސް ގޮތެއް ނެތްހެން ހީވަމުން ދިޔައީތީވެއެވެ. މާޒީގެ އަނދިރިކަމުގެ ސަބަބުން، އޭނައަށް ލިބެން އުޅުނު އަނިޔާއިން އޭނަ ރައްކާތެރި ކޮށްދިނީ ވެސް ފިރިހެނެއްކަން ފަލަކްގެ ނަޒަރިއްޔާތުން ފޮހެވިފައިވާ ފަދައެވެ. އެންމެ ކުޑައިރުއްސުރެ ހިތުގައި ފިރިހެނުންނަށްޓަކައި އަށަގެންފައިވާ ނަފްރަތާއި، ނޭދެވޭ ޚިޔާލުތައް އެއަށްވުރެ ބޮޑުވެފައިވިއެވެ.
އެހެންކަމުން އަފްޒަލަށް ވެސް ފަސްދީ، އަނެއްކާވެސް އެއްވެސް ފިރިހެނަކަށް ކުޑަވެސް އިތުބާރެއް ނުކުރުމަށް ފަލަކްގެ ޒަމީރު އަންގަން ފެށިއެވެ. އެއްގޮތަކަށް ވެސް ކޮޓަރިން ނިކުންނަން ބޭނުމެއް ނުވީ އަދުހަމްގެ އިތުރުން އަފްޒަލާއި ވެސް ކުރިމަތި ނުލުމަށެވެ. މިހާ ހިސާބުން އަފްޒަލާއި އެއްކޮށް ދުރުވެލަން ފަލަކް ނިންމިއެވެ. އަފްޒަލަށް ދެން އިތުރު ސަމާލުކަމެއް އޭނަ ނުދީފިނަމަ އެކަން އެގޮތަށް ވާނެކަމަށް ފަލަކް ހީކުރިއެވެ. އެހެނަސް….
“ހިނގާ މިރޭ ރެސްޓޯރެންޓުން ބައްދަލު ކޮށްލަމާ…..މަޝްވަރާ ކުރަންޖެހޭ ކަމެއް އެބައޮތް. މިހާރު ޕްލޭން ކުރެވިފަ އޮތް ހިސާބުގެ ޕްރޮގްރެސް ބަލާލަން ބޭނުން…”
އެރޭގެ ޢިޝާ ނަމާދަށްފަހު ފަލަކް ފޯނު ބަލައިލިއިރު އަފްޒަލްގެ ފަރާތުން އައިސްފައި އޮތް މެސެޖަކީ އެއީއެވެ. އަފްޒަލާއި ދުރުވާން ވިސްނިއިރު އޭނަ ދަނީ އަފްޒަލާއި އެކީ މަސައްކަތް ކުރަމުން ކަން ފަލަކް މުޅިންހެން ހަނދާން ނެތިފައިވިއެވެ. އަފްޒަލާއި ބައްދަލު ކުރުމުގެ ޚިޔާލުން ވެސް ފަލަކް ޖެހިލުންވާ ގޮތްވިއެވެ. އެހެނަސް އޭނައަކީ އަމިއްލައަށް ކުރާ މަސައްކަތުގައާއި އެހެން ހުރިހާ ޙާލަތެއްގައި ވެސް ވަޢުދު ފުއްދާ މީހަކަށްވާތީ ފަލަކް އެ މެސެޖުގެ ޖަވާބަކަށް ‘އޯކޭ’ އޭ ލިޔެ ފޮނުވައިލިއެވެ. އެއަށްފަހު ރެސްޓޯރެންޓަށް ދާން ވީހާވެސް އަވަހަކަށް ތައްޔާރުވާން ފެށީ، މިރޭގެ ބައްދަލުވުން ވީހާވެސް އަވަހަކަށް ނިންމާލުމުގެ ނިޔަތުގައެވެ.
ފަލަކް އެރޭ ރެސްޓޯރެންޓަށް ދިޔަ މަގުމަތީގައި، ފިހާރަތަކަށް މަޑުކޮށް، ރެސްޓޯރެންޓުގެ މޭޒުމަތީގައާއި، ހޯލެއްގެ ފަރުދާތަކަށް އޭނަ ޚިޔާލުކޮށްފައިވާ ޒާތުގެ ފޮތިކޮޅުތައް ވެސް ގަތެވެ. އޭނަ ކުރިން ހުރީ، ދުބާއިއަށް އަނބުރައި ގޮސް، ސީދާ ފެމިނިން ޑިޒައިންސްގެ ފޮތިތައް އަފްޒަލަށް ދައްކައި ގޮތެއް ނިންމާށެވެ. އެހެނަސް އަފްޒަލަށް ކޮންމެހެން އެ ފޮތި ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިކޮޅުން ގަންނަ ފޮއްޗަށްވުރެ އެ ކޮޅުގެ އެއްޗެހި މާ މޮޅުވާނެކަމަށް ބުނެލުމުން އެ ނިމުނީ ނޫންހެއްޔެވެ؟ އަފްޒަލަށް ކަމުދާން ޖެހޭނީ ހަމައެކަނި އޭނަ ދައްކާލާ ޑިޒައިންތައް ނޫން ހެއްޔެވެ؟ ފަލަކްގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ކޮންމެ ޚިޔާލެއް ވީހާ ވެސް އަވަހަކަށް އޭނައާއި އަފްޒަލާއި ދެމެދު އޮތް ހުރިހާ ގުޅުމެއް ނެތި ކޮށްލެވޭނެ ގޮތްތައް ފަހި ކުރަމުން ދިޔައެވެ.
ހާސްވެފައިވި ސިކުނޑީގެ ސަބަބުން ފަލަކް އޭނައަށް އޭރު ޚިޔާލު ކުރެވިފައިވާ ޑިޒައިނާއި، ގަނެގެން ދިޔަ ފޮތިތަކުގެ ކުލައާއިމެދު ވެސް ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. އެހެނަސް މި ޑިޒައިނުން މި ވިޔަފާރި އެއްކޮށް ނިންމައިލުމަށް ގަދަ ޢަޒުމް ކަނޑަ އަޅަމުން ފަލަކް، ކްރިސްޓަލް ޢިމާރާތުގެ ކައިރިއަށް މަޑުކުރި ޓެކްސީއިން ފޭބިއެވެ.
ފަލަކަށް ކަމަނަ ރެސްޓޯރެންޓާއި ހަމައަށް ދެވުނުއިރު 9 ޖަހަން ފަސް މިނެޓު ހުއްޓެވެ. އަފްޒަލްގެ މެސެޖުގައިވާ ގޮތުން އޭނަ 9 ޖަހާއިރު 10 ވަނަ ނަންބަރު މޭޒުން ބައްދަލުކުރާނެ ވާހަކަ ބުނެފައިވެއެވެ. ފަލަކް އެ މޭޒުދޮށުގައި އިށީނދެ އަތުގައި ހުރި ކޮތަޅު ކައިރީގައި ހުރި ގޮނޑިއެއްގައި ބެހެއްޓިއެވެ. އެއަށްފަހު އޭނަ އިށީނދެގެން އިން ގޮނޑީގައި ހަމަޖެހިލީ ތަނާ ފަހަތުން މީހަކު އައިސް އޭނަގެ ކުރިމަތީގައި، ނުހަނު ރީއްޗަށް އެތުރިފައިވާ ސްޕެގެޓީ ތަށްޓެއް ބެހެއްޓިއެވެ.
“ޓަޑާ!” ތަށި ބެހެއްޓުމަށްފަހު އެހެން ބުނެލީ ފުރިހަމަ ހިނިތުންވުމެއްގައި ހުރި އަފްޒަލެވެ. އެއާއިއެކު ފަލަކަށް އެއްފަހަރު އަފްޒަލަށް އަނެއްފަހަރު ކުރިމަތީގައި ހުރި ތަށްޓަށް ބެލުނެވެ.
“މީ ކޯޗެއް؟” ފަލަކަށް އަހައިލެވުނެވެ.
“ސްޕެގެޓީ! ބުކަޓިނީ އަމަޓްރިޗާނާ ޓު ބީ ސްޕެސިފިކް!” އަފްޒަލް ޒާތަކަށް އެ ނަން ކިޔަމުން ގޮސް ފަލަކްގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑީގައި އިށީނެވެ. އެހިނދު ކީއްވެކަމެއް ނޭނގެއެވެ. އިސާހިތަކު ފަލަކްގެ ސިކުނޑީގައި ވިހާ ހާސްކަމެއް ފިލައި ދިޔަހެން ހީވިއެވެ. އެކަން އެނގުންވުމުން އަނެއްކާވެސް އޭނަގެ ޢަޒުމް ވަރުގަދަ ކުރަން އޭނަގެ ޒަމީރު އެންގިއެވެ.
“ނުބުނަމެއްނު މީލްއެއް ނަގާނެ ވާހަކަ؟” ފަލަކް ހިސާބެއްގެ ނުރުހުންތެރިކަމާއިއެކީ ބުންޏެވެ.
“އައި ނޯ…..އެކަމަކު ރަހަ ބަލައި ލެވިދާނެއެއްނު؟ ފަލަކްގެ ހުންނާނީ ވަރަށް އިންޓަނޭޝަނަލް ޓޭސްޓެއްދޯ؟ އަސްލު ތިކަހަލަ ކުދިންގެ ފީޑްބެކް ވަރަށް ބޭނުންވޭ ރެސްޓޯރެންޓްގެ ކުރިއެރުމަށް. މިއަށްޓަކައި ފަލަކަށް ޗާޖެއް ނުކުރާނަން. ހެހެ….” އަފްޒަލް ދެންވެސް އޭނަގެ ހިނިތުންވުން ދެމެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އޭނަ ޤަޞްދުގައި ފަލަކް ރެސްޓޯރެންޓަށް ގެނައީ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ފަލަކްގެ ޙާލު ބަލައި ފަލަކަށް ކާން ދިނުމަށެވެ. އޭނަގެ އެ ނިޔަތް އޮތްއިރު ވެސް ފަލަކް އޭނަ ދުރުކުރަން އުޅޭހެން ހީވީތީ ދެރަވިއެވެ.
“އޯކޭ…..ޖަސްޓް ވަން ބައިޓް އެހެންވީމަ..” ފަލަކަށް ބޭއިޚްތިޔާރުގައި އެހެން ބުނެލެވުނީ، ޙަޤީޤަތުގައި އެވަގުތު އޭނަ ބަނޑުހައިވެފައި ހުރި މިންވަރު އެނގުންވުމުންނެވެ. އަދި އަމުދުން އެ ސްޕެގެޓީއިން ދުވަމުން ދިޔަ މީރު ވަހުން، އެންމެ ފަހުން އަފްޒަލްގެ ގޭގައި ކެއި ޕާސްތާގެ މީރުކަން ވެސް ހަނދާން ވުމުންނެވެ.
އިސާހިތަކު ފަލަކް އުލާއި ވަޅި ނަގައިގެން ސްޕެގެޓީކޮޅެއް ނަގައިގެން ކެއެވެ. އޭނަ ހުރީ އެންމެ ފަހަރަކު ކެއުމަށްފަހު ނުހަނު ހަމަޖެހިގެން އަފްޒަލް އެ ބޭނުންވާ ‘ފީޑްބެކް’ ދޭށެވެ. އެހެނަސް ބަނޑުހައިވެފައި ހުރި ވަރުން އެއްފަހަރު ކެއުމަށްފަހު ހުއްޓޭ ގޮތެއް ނުވިއެވެ.
“މީރުތަ؟” އަފްޒަލް ފަލަކަށް ބަލަން އިނދެ އަހައިލިއެވެ.
“އާނ ވަރަށް…..މީރު.” ފަލަކަށް ހަމަހޭވެރިކަމެއް ލިބޭ ގޮތްވީ އަމިއްލައަށް އެ ޖަވާބު ދެވުނު ވަގުތެވެ. އެހިނދު އަފްޒަލަށް ބަލައިލުމުން އަފްޒަލް ލުއި ގޮތަކަށް ހީލިއެވެ. އެ ހިނދު އެ ލޮލުން ފެނިގެން ދިޔައީ ފަލަކަށް މުޅިން ބީރައްޓެހި އަސަރެކެވެ. އަފްޒަލަށް މިވަގުތު އެ ކުރެވެމުން ދަނީ ކޮން އިޙްސާސެއްތޯ ފަލަކަށް ހިތާހިތުން ސުވާލުކުރެވުނެވެ. އޭގެ ޖަވާބު ނޭނގުނެއްކަމަކު، ޔަޤީންވިހާ ވެސް ކަމަކީ، އަފްޒަލްގެ ލޮލުން ފެނުނު އެ އުފާވެރިކަމުގެ ފަހަތުގައިވަނީ އޭނަ ކަމެވެ. އޭނައަށް އެއްޗެއް ކަމުދިޔުން ކަމެވެ.
އެކަން ޤަބޫލުކުރަން ދަތިވި ވަގުތު އަމިއްލައަށް ހުރެވުނު ގޮތް ފަލަކަށް އެނގުންވީ ކުއްލި ގޮތަކަށެވެ. އޭނަގެ އަނގައިގެ ބޭރުގައި އެވަގުތު ސޯސް ހުންނާނެކަން ޔަޤީންވި ވަގުތު، އިސާހިތަކު ފަލަކް އެތާ މޭޒުމަތީގައި ފަށްޖަހާފައި އޮތް ތުންފުހި ނަގައި، ތުންފަތް ފޮހެން ފެށިއެވެ.
“ހިނގާދޯ އަވަހަށް ޑިޒައިންތަކަށް ބަލައިލަން؟” ފަލަކް އެހެން ބުނެލީ ހިތާއި ދެކޮޅަށެވެ. އޭނަ އެވަގުތު ވެސް ބަނޑުހައި ނުފިލާތީވެއެވެ.
“ނޫނޭ….މީލް ނިންމާލާފަ ދިޔަޔަސް އޯކޭވާނެ. އަދި މަޑުކޮށްލައްޗޭ. ޑްރިންކެއް އެބަ ގެނެސްދެން….” އަފްޒަލް އެހެން ބުނެ ތެދުވެލީ، ފަލަކަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީއެވެ. އެކަމަށްޓަކައި ފަލަކަށް ހިތާހިތުން ޝުކުރު ކުރަމުން އަނެއްކާވެސް ކެއުން ކުރިއަށް ގެންދެވުނެވެ.
ކެއުމަށްފަހު އަފްޒަލް ދިން ނުހަނު މީރު ބުއިމަށްފަހު ފަލަކް ހުރީ ނުހަނު ހަމަޖެހިފައެވެ. އެއަށްފަހު އޭނަގެ ބައެއް ޚިޔާލުތައް ފަލަކް އަފްޒަލާއި ހިއްސާ ކުރިއިރު، މީގެ ގަޑިއިރުތަކެއް ކުރިން އަފްޒަލާއިމެދު ސިކުނޑި ދެމުން ދިޔަ އިންޒާރުތަކުގެ އަޑު މަޑުވެފައިވިއެވެ. އެހެނަސް އޭނަ ދެންވެސް ވަކި އަފްޒަލް ގާތް ކުރަނީއެއް ނޫންކަމަށް ފަލަކަށް އަމިއްލަ ނަފްސުގާތު ބުނެވުނެވެ. އާނއެކެވެ. އޭނަ އަފްޒަލަށް އިތުބާރު ކުރަނީއެއް ނޫނެވެ. އަމިއްލަ ގޭގައި ގޯސް ޢަމަލުތައް ހިނގަމުން ދާއިރު އަފްޒަލް އެކަން ހުއްޓުވަން ނުއުޅޭނީ އަފްޒަލް ވެސް ގޯސްވުމުން ނޫންތޯ ތަކުރާރުކޮށް ހިތް ބުނަމުން ދިޔައެވެ.
ފަލަކްގެ ހިތުގައިވި އެ ބަސްތައް އަފްޒަލަށް އެނގުނު ފަދައެވެ. ފަލަކް ހުށަހަޅަން އައި ހުރިހާ ޚިޔާލުތައް އަފްޒަލާއި ޙިއްސާކޮށް ނިމުމުން، ފަލަކް ކްރިސްޓަލް ޢިމާރާތުން ނިކުންނަން ދިޔައިރު އަފްޒަލް އޭނައާއި އެކީގައި ދިޔައެވެ. އޭރުވެސް ދެމީހުން ދައްކަމުން ދިޔައީ މަސައްކަތުގެ ވާހަކައެވެ. އެ ވާހަކައަށް އެއްކޮށް ނިމުމެއް އައުމުން ފަލަކް ދެން ދަނީއޭ ބުނެ އަފްޒަލް ހުރިތާ ހުއްޓާ ކުރިއަށް ދާން ފެށިއެވެ.
“ފަލަކް!”
އަފްޒަލް ގޮވައިލި އަޑަށް ފަލަކަށް ފިޔަވަޅުތައް މަޑުޖައްސައިލަމުން ފަސްއެނބުރި ބަލައިލިއެވެ. އެހިނދު އަފްޒަލް އޭނަގެ ކައިރިއަށް އައެވެ.
“އައިމް ރިއަލީ ސޮރީ….ދޮންބެގެ ފަރާތުން ފަލަކަށް ފެނުނު ކަންތަކަށްޓަކައި..” އަފްޒަލް އިސްޖަހައިލަމުން އެހެން ބުނެލީ އެއީ އޭނަގެ ކުށެއްހެން ހީވާ ފަދައަކުންނެވެ. އެހިނދު ފަލަކްގެ ހިތަށް ޙައިރާންކަމެއް ލިބިގެން ދިޔައެވެ.
“އައިމް ރިއަލީ ޓްރާއިންގް ފަލަކް. ދޮންބެ އިސްލާޙުވޭތޯ ވަރަށް މަސައްކަތް އެބަކުރަން. އެކަމަކު މިހާތަނަށް އެކަން ކާމިޔާބެއް ނުކުރެވޭ. އިން ޝާ ﷲ ކޮންމެހެން ވެސް ފަލަކް އަހަރުމެން ގޭގަ ހުރިހާ ހިނދަކު ދޮންބެގެ އެ ބައި ނުފެންނާނެ ގޮތެއް ހެދޭތޯ މަސައްކަތް ކުރާނަން. ފަލަކަށް އެގޭގަ އުޅެން ދަތިއްޔާ ބުނައްޗޭ. އޭރުން އެހެން ގޮތެއް ހަމަޖައްސައިދޭނަން. ކޮންމެ ތަނެއްގަ ހުއްޓަސް ފަލަކް އުފަލުގަ ހަމަޖެހިގެން އުޅެން އަހަރެން ބޭނުމީ…” އަފްޒަލް ބުންޏެވެ. އެހިނދު ފަލަކަށް ބުނާނެ އެއްޗެއް ނޭނގި، އަފްޒަލަށް ބަލަން ހުރެވުނެވެ.
ނުނިމޭ
Sha
January 16, 2023 @ 11:43 am
Interesting 🔥💯
Jana
January 18, 2023 @ 3:58 pm
Yessssss! These characters be surprising me too XD
Ash
January 17, 2023 @ 6:34 am
Jana sis….
When is next episode..
I’m so in luv with this story 🤍
Jana
January 18, 2023 @ 3:59 pm
Next episode Friday night ga In Sha Allah. Jazaakillah Khairan for the support <3 <3 <3
ma
January 21, 2023 @ 10:09 am
which friday
Pistachio
January 21, 2023 @ 3:10 am
When is next part? I can’t waitttt 🫶🏻
Love this story
February 4, 2023 @ 8:32 am
Love this story