ޤަދަރު (އެކާޅީސްވަނަ ބައި)
ޤަދަރު (އެކާޅީސްވަނަ ބައި)
ފަލަކް އޮފީހަށް ދާން ފެށީއްސުރެ ފަލަކް ކޮންމެވެސް ބޮޑު ކަމަކާއި ދިމާވެގެން އުޅޭހެން އަފްޒަލަށް ހީވަމުން ދިޔައެވެ. ފަލަކަށް ކޮންމެ ދުވަހަކު ގެއަށް އާދެވޭ ގޮތްވަނީ އިރުއޮއްސޭ ފަހުންނެވެ. ގެއަށް އައުމަށްފަހު ވެސް ފަލަކް އޭނައާއި މާ ގިނަ ވާހަކައެއް ނުދައްކައެވެ. ރޭގަނޑުގެ ކެއުމަށް ވެސް އަންނަނީ ޓެބްލެޓުން އޮފީހުގެ ފައިލްތައް ކިޔަމުންނެވެ.
“ތިއީ ފަލަކް އަބަދުވެސް މިކޮޅުގަ އުޅޭ ގޮތްތަ؟” އެއްރެއެއްގެ ކެއުމުގެ ތެރެއިން އަފްޒަލަށް އަހައިލެވުނެވެ.
“ހެހެ…..ނޫނޭ. އާއްމު ގޮތެއްގަ ގޭގަ މަސައްކަތް ނުކުރަން. އެކަމަކު ކްރައިސިސްއަކާ ދިމާވެގެން މި ދުވަސްކޮޅު މިއުޅެނީ. ބަޓް ޑޯންޓް ވޮރީ. އައި ވިލް ފިކްސް އިޓް އިން ޝާ ﷲ!”
ފަލަކް ހިނިތުންވުމަކާއިއެކީ އެ ވާހަކަ ނިންމައިލިއެވެ. ފަލަކް އެ ބުނީ ކޮން ‘ކްރައިސިސް’ އެއްތޯ އަހައި އަހައި ފަލަކް ޖަވާބެއް ނުދެއެވެ. އެހެންކަމުން އަފްޒަލް ވެސް ދެން އެ ސުވާލު ނުކޮށް ހުއްޓައިލިއެވެ. އެ މައްސަލަ ނުހަނު އަވަހަށް ޙައްލު ވާނެ ކަމަށް އަފްޒަލް ހީކުރިއެވެ.
އެހެނަސް އޭގެ 3 ދުވަސް ފަހުން ވެސް ފަލަކްގެ އުޅުމަށް ބަދަލެއް ނައުމުން މައްސަލަ ޙައްލު ނުވާކަން އަފްޒަލަށް ޔަޤީން ކުރެވުނެވެ. އަފްޒަލް ބޮޑަށް ކަންބޮޑުވީ އެ 3 ދުވަސް ތެރޭ ފަލަކް މާ ބޮޑަށް ބަލިވެސް ވާން ފެށުމުންނެވެ. 4 ވަނައަށްވީ ދުވަހު ހެނދުނުގެ ނާސްތާ ވެސް ރަނގަޅަށް ނުކޮށް ބޭސް ގުޅައެއް ކައިގެން ދާން އުޅުމުން، އަފްޒަލް ފަލަކް ގާތު ނުދާންވީ ނޫންތޯ ވެސް ބުންޏެވެ. އެހެނަސް ފަލަކް އެ އަޑު އެހުމެއްނެތި ދިޔައީއެވެ.
އެހެނަސް އެދުވަހު ހަވީރު ފަލަކް ގެއަށް އައި ވަގުތު ހުރި ގޮތް ފެނިފައި އަފްޒަލްގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ. މުޅި މޫނު ރަތްވެ، ދެލޯ މެރެން ކައިރިވެފައި ހުރި ތަން ފެނިފައި އަފްޒަލަށް ގޮސް ފަލަކްގެ ނިތުގައި އަތް ޖައްސައިލެވުނީ ބޭއިޚްތިޔާރުގައެވެ.
“ހުން އައިސްގެންތަ؟!” އިޙްސާސް ކުރެވުނު ހޫނު ކަމުން އަފްޒަލަށް ކަންބޮޑުވުމަކާއިއެކީ އަހައިލެވުނެވެ. އެއާއިއެކު ފަލަކް އޭނަގެ އަތް ފޮޅުވައިލިއެވެ.
“ކުޑަކޮށް އަރާމުކޮށްލީމަ ރަނގަޅުވާނެ. މި ދަނީ އަރާމުކުރަން.” ފަލަކް ބުންޏެވެ. އެއަށްފަހު އަފްޒަލަށް ފަސްދީފައި އަވަސްއަވަހަށް ހިނގައިގަތީ، އަފްޒަލަށް އޭނަގެ ބަލި ފޮރުވަން އުޅޭ ފަދައަކުންނެވެ.
އަފްޒަލްގެ ވެސް އުއްމީދަކަށްވީ ފަލަކް އެ ބުނީ ތެދަކަށްވުމެވެ. އަރާމުކޮށްލައިގެން ފަލަކް ރަނގަޅުވުމެވެ. ފަލަކަށްޓަކައި ހިތުގައިވި ކަންބޮޑުވުމުން އަރައިގަންނަން އަފްޒަލް މަސައްކަތް ކުރީ އަމިއްލަ ނަފްސުގާތު އެހެން ބުނަމުންނެވެ. އެހެނަސް ދޭތެރެދޭތެރެއިން ބޭއިޚްތިޔާރުގައި ފަލަކްގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބެލެމުން ދިޔައެވެ. އެ ދޮރު ހުޅުވާފައި ކޮޓަރިއަށް ވަންނަން އެތައް ހާސް ފަހަރަކު އަފްޒަލްގެ ހިތް ބުންޏެވެ. އެހެނަސް އެހެން ނެހެދީ، އެއިން އޭނައާއި ފަލަކްގެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތީވެއެވެ.
ބޯތަށްޓަކަށް ފިނި ފެންފޮދެއް އަޅައި އޭގެ ތެރެއަށް ރުމާލެއް ލުމަށްފަހު ވެސް، ބޯތަށި ކާމޭޒުމަތީގައި ބަހައްޓައިލެވުނީ އެހެންވެއެވެ. އެހެނަސް ފަލަކަށްޓަކައި ކަމެއް ނުކޮށް ހުންނަން ހިތް ނޭދުމުން، އެރޭ ފަލަކް ކޮޓަރިން ނިކުތުމުން ފަލަކް ބޯނެ ސޫޕެއް ތައްޔާރުކުރަން އަފްޒަލް ފެށިއެވެ.
ސޫޕް ހެދުމަށްޓަކައި ބަދިގޭގެ ކަބަޑުތަކުގެ ތެރެއިން ބޭނުންވާނެ ތަކެތި އެއްކުރަން ފެށި ވަގުތު، ބޭރުން ފަލަކްގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެއާއިއެކު އަފްޒަލް ވަގުތުން ހުރިހާ އެއްޗެއް ދޫކޮށް ފަލަކްގެ ގާތަށް ދިޔުމަށް އަވަސްވިއެވެ.
“ފަލަކް މި ރުމާ…..މިރޭ ވެސް ދާންތަ ތިއުޅެނީ؟” ބަދިގެއިން ނިކުމެގެން އައިގޮތަށް ކާމޭޒުމަތީގައި ހުރި ކުޑަ ބޯތަށި ހިފައިގެން ފަލަކާއި ދިމާލަށް އަންނަމުން ދިޔަ އަފްޒަލްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ލޯ ރަނގަޅަށް ނުހުޅުވޭ ޙާލު، ފަލަކް ބޭރަށްދާން ތައްޔާރުވެ ހުރި ގޮތުންނެވެ.
ފަލަކް ދެންމެ ދެންމެ ވެއްޓިދާނެހެން ހީވި ހީވުމާއިއެކު އަފްޒަލަށް ފަލަކްގެ ގާތަށް ގޮސް ފަލަކްގެ ކުރިމަތީގައި ހުއްޓިލެވުނެވެ.
“މިރޭ ދެން މަޑުކޮށްލާ ފަލަކް. ކޮޓަރިއަށްވަދެ އަދި އަރާމުކުރޭ. އަހަރެން ތެތް ރުމާ އަޅައި-“
އަފްޒަލް އެހެން ބުނުމާއިއެކު ފަލަކް އޭނަގެ އަތުން ކުއްލި ގޮތަކަށް ތަށި ހޯދިއެވެ. އެވަގުތު ތަށީގައި ހުރި ފެނުގެ ބޮޑު ބައެއް ޓައިލްސް މައްޗަށް ވެސް ވެއްޓުނެވެ. ފަލަކް އެއަކަށް ފަރުވާލެއް ނެތި ތަށި ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި ގޮތުން އަފްޒަލް ނުރުހުންވާ އެ ވީ ނުރުހުމާއިއެކު އަފްޒަލް ދޮރު ހުޅުވައިލަމުން ކޮޓަރިއަށް ވަނެވެ. އަދި އެއްވެސް ކަމެއް ކުރުމުގެ ކުރިން ފަލަކްގެ ޙަރަކާތްތަކަށް ބަލަން ހުއްޓެވެ. ފަލަކް އެ ދިޔަ ގޮތަށް ގޮސް އެނދުގައި އިށީނދެ އަތުގައި ހުރި ތަށި އަރިމަތީ މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ފަރުވާ ކުޑަ ކަމާއިއެކީ އޭގެ ތެރޭގައި އޮތް ރުމާ ނިތުގައި އަޅަމުން އެނދުގައި އޮށޯތެވެ. ނަތީޖާއެއްގެ ގޮތުން އެ ރުމާ އެޅުނީ ވެސް މޫނުގެ އެއްފަރާތް ނިވާ ވާ ގޮތަށެވެ.
އެނދުން އެއްފައި ބާލައިގެން ރުމާލަކުން މޫނުގެ އެއްބައި ނިވާކޮށްގެން ފަލަކް އޮތްގޮތުން އަފްޒަލަށް އަމިއްލަ އަމިއްލައަށް ބޯހޫރުވައިލެވުނެވެ. އެވަގުތު ފަލަކަށް ނިދިފައިވިކަން ޔަޤީންވުމުން އަފްޒަލް ފަލަކްގެ ގާތަށް ދިޔައެވެ. އަދި ނިތުގައި ރީއްޗަށް އެ ރުމާ އަޅައިދިނުމަށްފަހު ފަލަކްގެ ފައި އެނދަށް އަރުވައިދިނެވެ. އެއަށްފަހު ރަޖާވެސް އަޅައި ދިނުމަށްފަހު އަފްޒަލް ކޮޓަރިން ނިކުމެގެން ދިޔައެވެ.
ކޮޓަރިން ނިކުމެގެން ދިޔަ ގޮތަށް ގޮސް އަފްޒަލް ސޫޕް ތައްޔާރު ކުރިއެވެ. އަދި ސޫޕް ތަށްޓަކަށް އެ އަޅައިގެން އަނެއްކާވެސް ފަލަކްގެ ކޮޓަރިއަށް ދިޔައެވެ. އެވަގުތު ވާރޭ ވެހޭކަން އަފްޒަލަށް އެނގޭ ގޮތްވީ އެޕާޓްމެންޓުގެ ބިއްލޫރި ފާރުތަކުގައި ވާރޭގެ ތިކިތައް ޖެހޭ އަޑު އިވުމުންނެވެ. މޫސުން ވެސް ފިނިވުމުން ފަލަކްގެ ސިއްޙަތު އިތުރަށް ގޯސްވާނެތާއޭ ހިތައި އަފްޒަލް މާޔޫސްވާ ގޮތްވިއެވެ.
އަފްޒަލް އެ ޚިޔާލުގައި ހުރެ ގޮސް ފަލަކްގެ ދޮރު ހުޅުވައިލީ ވީހާވެސް މަޑުމަޑުންނެވެ. އެތެރެއަށް ބަލައިލިއިރު ފަލަކް ލޯ މެރިފައި އޮތް މަންޒަރު ފެނި އަފްޒަލަށް ހަމަޖެހުމެއް ލިބުނެވެ. އެއާއިއެކު ހަމަ އެހާވެސް މަޑުމަޑުން ދޮރު ލައްޕައިލުމަށްފަހު އަފްޒަލް ފަލަކްގެ އެނދުގެ ކައިރިއަށް ދިޔައެވެ. އަދި އެއްވެސް އަޑެއް ނުކިޔާނެ ފަދައަކުން އަތުގައި ހުރި ތަށި ގޮސް އަރިމަތީ މޭޒުމަތީގައި ބެހެއްޓިއެވެ.
އެއަށްފަހު އަފްޒަލް ކޮޓަރިން ނިކުންނަން އުޅުނެއްކަމަކު އެވަގުތު ފަލަކްގެ ސޫރަ ފެނިފައި މަޑުކޮށްލެވުނެވެ. މިވަގުތު ފަލަކްގެ ހުން ފިނިވެފައިވާނެތޯ ހިތާހިތުން ސުވާލުކޮށްލެވުނު ހިނދު ކުރުފައިމައްޗަށް ތިރިވެވުނެވެ. އަދި ދެ ޚިޔާލެއްގެ މަތީގައި ހުރެވެސް އަފްޒަލް ފަލަކްގެ ނިތްކުރި މަތީގައި އޮތް ރުމާ ނަގައި އެއްކަލަ ފެން ތަށީގެ ތެރޭގައި ބޭއްވިއެވެ. އެއަށްފަހު އަތުގެ ނުފުށް އެ ނިތްކުރީގައި ޖައްސައިލީ ފަލަކްގެ ހުން ހުރީ ކިހާ ވަރަކަށްތޯ ބެލުމަށެވެ. ހުން އިހުނަށްވުރެ ފިނިވެފައިވުމުން އަފްޒަލަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެއާއިއެކު އޭނަގެ އަތް ނަގާލެވުނެއްކަމަކު ދެންވެސް ފަލަކްގެ މޫނަށް ބަލަން އިނދެވުނެވެ.
ނިދިފައި އޮތްއިރު ވެސް ފަލަކްގެ ދެބުމަ ކައިރިވެފައިވި ގޮތުން އޭރުވެސް އެ ސިކުނޑިއަށް އަރާމެއް ނުލިބޭ ފަދައެވެ. އެ ސޫރައަށް ބަލަން އިންއިންހެން އަފްޒަލަށް ފަލަކްގެ މޫނަށް އެޅިފައިވި އިސްތަށިތައް ލަސްލަހުން ޝަހާދަތް އިނގިލިން އެއްފަރާތް ކޮށްލެވުނެވެ. ލޯބިވާގެ ހިތަށް އުދަގޫކުރަނީ ކޮން ކަމެއްތޯ ކިޔައިދޭނެނަމަ ކިހާ ރަނގަޅުތޯ އެވަގުތު ހިތާހިތުން ކިޔައިލެވުނެވެ. އެކަމެއް ޙައްލުކޮށްދޭން އެނގޭނީވެސް އޭރުންނެއް ނޫންހެއްޔެވެ؟
ފަލަކްގެ ހިތްހަމަޖައްސައިދޭން އެވަގުތު އޭނައަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް އަފްޒަލްގެ ހިތް ބުނި ހިނދު، މާޔޫސްވާ ގޮތްވިއެވެ. އެހެނަސް އޭނަ ފަލަކާއި އެކީ ހުރިކަން ކޮންމެވެސް ގޮތަކަށް ނާންގާ ދާންވެސް ބޭނުން ނުވުމުން އަފްޒަލަށް ފަލަކާއި ގާތްވެވެން ފެށިއެވެ. އަދި ދެވަނަ ވިސްނުމެއްނެތި ފަލަކްގެ ނިތުގައި ބޮސްދިނީ، އެތައް ދުވަހެއް ވަންދެން ހިތުގައި އޮތް އެ އެދުން ފުރިހަމަ ކުރުމަށް ވެސްމެއެވެ.
ގެނެވުނު ޙަރަކާތާއިމެދު އަފްޒަލަށް ރަނގަޅަށް ވިސްނޭގޮތްވީ ވެސް ބޮސްދިނުމަށްފަހު ފަލަކާއި ދުރުވެލެވުނު ވަގުތެވެ. އެވަގުތު އެއްފަހަރާ އޭނަގެ ސިކުނޑިއަށް ވެރިވާން ފެށި ޚިޔާލުތަކުން އެވަގުތުކޮޅުގެ ނުރައްކާތެރިކަން އިޙްސާސް ކުރެވި، އަފްޒަލްގެ މެއަށް ވެސް ފިނިވިއެވެ. ކުއްލި ގޮތަކަށް ފަލަކާއި ދުރުވެލަމުން އަވަސްއަވަހަށް އެއްކަލަ ރުމާ ނަގައި ފަލަކްގެ ނިތްކުރީގައި ބާއްވައިލެވުނީ އެހެންވެއެވެ. އަދި މަޑު ކުރުމެއްނެތި ފައި މައްޗަށް ތެދުވެލަމުން އަވަސް ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ދިޔައީ ވެސް އެހެންވެއެވެ.
އަފްޒަލް ދޮރު ލައްޕައިލި އަޑަށް ފަލަކް އަނެއްކާވެސް ލޯ ހުޅުވައިލިއެވެ. ލޯ ހުޅުވުމާއިއެކު ކޮޓަރީގެ ދޮރާއި ދިމާލަށް ބަލައިލެވުނީ ހިތާހިތުން އަފްޒަލަށް ގޮވޭ ޙާލުގައެވެ. އެވަގުތު ފަލަކް ބޭނުންވީ ކޮންކަމެއް ކަމެއް ޚުދު ފަލަކަކަށް ވެސް ނޭނގެއެވެ. އެނގުނުހާ ވެސް ކަމަކީ އަފްޒަލް އޭނަގެ ކައިރީގައި ހުންނަން ބޭނުންވިކަމެވެ. އަފްޒަލަށް ވެވުނުހާ ކައިރީގައެވެ.
ދެންމެ އޭނަގެ ނިތާއި ދިމާލުން ކުރެވުނު އިޙްސާސާއިމެދު ވިސްނުން ހުއްޓައި ނުލެވުމުން ފަލަކަށް ތެދުވެލެވުނެވެ. އެއާއިއެކު ބޮލުގައި އެޅިފައިވި ރުމާ، ވެއްޓުނެވެ. އެ ރުމާ ނަގައި އަރިމަތީ މޭޒުމަތީގައި ހުރި ތަށްޓަށް އެޅި ވަގުތު، މަތި އަޅާފައި ހުރި ސޫޕް ތަށްޓެއް ފަލަކަށް ފެނުނެވެ. ފަލަކް އޭގެ މަތި ނަގައިލުމާއިއެކު އޯރެންޖު ރަތްކުލައިގައި ހުރި އެ ސޫޕުން އެރި މީރު ވަހުން ފަލަކްގެ ބަނޑުހައިވާ ގޮތްވިއެވެ. އިސާހިތަކު ފަލަކް ވަތު ތަށްޓާއިއެކީ އެ ތަށި ނަގައި، ވަތުތަށި މަތީގައި އޮތް ސަމުސަލުން ސޫޕް ބޯން ފެށިއެވެ.
ޙަޔާތުގައި ފަލަކް ކިތަންމެހާ ވެސް ގިނަ މަޝްހޫރު ރެސްޓޯރެންޓުތަކުން އަގު ބޮޑު ކެއުންތައް އޯޑަރު ކޮށްފައިވެއެވެ. އެހެނަސް އޭގެއިން އެއްވެސް ކެއުމެއްގައި ދިން ރަހައާއި، އެވަގުތު އެ ސޫޕްގައި ދިން ރަހައާއި ނުބައްދަލެވެ. ވާނީވެސް އެހެންތާއެވެ. މިއީ އޭނަ ބަލި ޙާލަތުގައި އޮތްވާ އޭނަ ބުނުމެއްނެތި މަންމަ ފިޔަވައި އެހެން މީހަކު އޭނައަށްޓަކައި ކެއްކި ފުރަތަމަ ފަހަރެވެ. އޭނަގެ ނަސީބުގައި މިފަދަ މީހަކު ލެއްވީ ކިހިނެއްތޯ އެވަގުތު ފަލަކްގެ ހިތަށްއެރިއެވެ.
**
އޭގެ އަނެއްދުވަހު ފަތިސް ނަމާދަށްފަހު ފަލަކް ނުނިދައެވެ. އަފްޒަލްގެ ސޫޕް ބުއިމަށްފަހު ފަލަކް އަނެއްކާވެސް ބޭސް ގުޅައެއް ކައިލުމަށްފަހު ނިދާލުމުން، އެވަގުތު ހުން މުޅިންހެން ރަނގަޅުވެފައިވިއެވެ. އެހެނަސް ފަލަކަށް އެދުވަހު އޮފީހަށް ނުދާން ނިންމުނެވެ. އެއީ ކީއްވެކަމެއް ޚުދު ފަލަކަށް ވެސް ދޭހައެއް ނުކުރެވުނެވެ. އެނގުނުހާ ވެސް ކަމަކީ އޭނަ އޮފީހަށް ނުގޮސް މަޑުކޮށްފިނަމަ އަފްޒަލަށް ހިތްހަމަޖެހުމެއް ލިބޭނެ ކަމެވެ.
ފަތިސް ނަމާދަށްފަހު ނިދި ނައުމުން ފަލަކް ހެނދުނު ލައި އުޅޭ ކަހަލަ އާދައިގެ ކުރުތާއަކާއި ހަރުވާޅަކަށް ހެދުން ބަދަލުކޮށްލަމުން ކޮޓަރިން ނިކުތެވެ. ކިތަންމެ އިންކާރު ކުރަން ބޭނުންވިޔަސް ފަލަކް ނިކުތީ އަފްޒަލް ފެންނާނެ ކަމުގެ އުއްމީދުގައެވެ. ކޮޓަރިން ނިކުމެ ވަށައި ހޯދާލިއިރު އަފްޒަލް ފެންނަން ނެތުމުން މާޔޫސްވެ، ފޫހިވެސް ވާ ގޮތްވިއެވެ. އަފްޒަލްގެ ކޮޓަރީގެ ލައްޕާލެވިފައިވި ދޮރާއި ދިމާލަށް ބަލަން ފަލަކަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ.
ފުރަތަމަ ފަހަރަށް އެ ދޮރު ހުޅުވާލަންވީ ކަމަށް ފަލަކްގެ ސިކުނޑި އެންގިއެވެ. ރޭ އަފްޒަލް ވެސް އޭނަގެ ކޮޓަރިއަށް އައީއެއް ނޫންތޯ ހިތަށްއެރިއެވެ. އެހެންކަމަށްވާނަމަ އޭނަ އަފްޒަލްގެ ކޮޓަރިއަށް ދިޔަޔަސް ވަކި މައްސަލައަކަށް ނުވާނެއެއް ނޫންތޯ ހިތާހިތުން ކިޔުނެވެ. އެ ހުރިހާ ޚިޔާލެއް ކުރެވެމުން ދިޔައިރު، އެދެމެދުގައި ދުރުމިނެއް ބާއްވަން ނިންމީވެސް ޚުދު ފަލަކްކަން ފަލަކް ހަނދާން ނެތިފައިވިއެވެ.
ދެ ޚިޔާލެއްގެ މަތީގައި ހުރެވެސް ފަލަކަށް އަފްޒަލްގެ ކޮޓަރިއާއި ދިމާލަށް ދެވެން ފެށިއެވެ. އެ ދޮރާއި ހަމަވަމުން ދިޔަދިޔަހެން ކުއްލި ގޮތަކަށް އެ ދޮރު ހުޅުވިގެން ދިޔުމުން ފަލަކަށް އެތެރެއަށް ދަމައިލެވުނު ނޭވައަކާއިއެކީ ފަހަތަށް ޖެހިލެވުނެވެ. ފަލަކް ދެއަތް މައްޗަށް ހިއްލައި ދެލޯ ބޮޑުކޮށްގެން ހުންނަން ފެށުމުން، ތުވާލިން ބޯހިއްކަމުން ދިޔަ އަފްޒަލަށް ފަހަތަށް ބަލައިލެވުނެވެ.
“ހަންޑިއެއް ފެނުނީތަ ތިހާ ބިރުން ތިހިރީ؟” އަފްޒަލް ފަލަކަށް ބަލައިލަމުން އެހިއެވެ.
“ން…ނޫނޭ. ހެހެހެ…..” ފަލަކް ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. އެވަގުތު އަފްޒަލް ހުރި ގޮތަށް ފަލަކަށް ސަމާލުކަން ދެވުނީ މާ ބޮޑަށެވެ. އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ކަކުލާއި ހަމައަށް އޮތް ސޯޓެއް ލައިގެން އަފްޒަލް ހުރިއިރު، އެ ތެތް އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެން ތިކިތަށް އެ ކަނދުރާއާއި ޓީޝާޓުގެ ކޮނޑާއި ދިމާލުން ވެސް ފެންނަމުން ދިޔައެވެ. އަފްޒަލްގެ މޫނަށް ރަނގަޅު ނަޒަރެއް ދޭން އުޅުނު ވަގުތު އަފްޒަލް ވާހަކަ ދެއްކިއެވެ.
“ހާދަ ހެނދުނަކާ ތެދުވެގެން ތިއުޅެނީ؟ މިހާރު އޯކޭތަ؟” އަފްޒަލް އެ ސުވާލުތައް ކުރަމުން އޭނައާއި ދިމާލަށް އަންނަން ފެށުމުން ފަލަކްގެ ހިތް މޭފަޅާލާފައި ނިކުންނަން އުޅުނުހެން ހީވިއެވެ.
“އަ…އާނ އޯކޭ….” ފަލަކަށް އިސްޖަހައިލަމުން ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ.
“ހުމް….އޯކޭ ވައްތަރު އެބަޖަހާ ބަލާފަވެސް. މިއަދު ހުކުރު ދުވަސްވީމަ ސަޅިއެއްނު؟ ފުލް ޑޭއަށް ރެސްޓްކޮށްލާ ދެންވެސް….ކޮފީއެއް ބޭނުން؟” އަފްޒަލް ވާހަކަ ދައްކަމުން ގޮސް އަނެއްފަރާތަށް އެނބުރިލަމުން އެހިއެވެ.
“އަހަރެން ހަދާނަން! ދެމީހުންނަށް…ކޮފީ.” ފަލަކަށް އަވަސްއަވަހަށް އެހެން ބުނެވުނީ ކީއްވެކަމެއް ޚުދު ފަލަކަށް ވެސް ނޭނގުނެވެ. ފުރަތަމަ ފަހަރަށް ފަލަކް އެފަދަ ވާހަކައެއް ބުނުމުން އަފްޒަލްގެ މޫނުމައްޗަށް ވެސް ޙައިރާންކަން ވެރިވިއެވެ.
“އޯކޭ….ޤަޞްދުގައި ނުބައިކޮށް ނަހަދައްޗޭ އަހަންނަށް ދޭން އުޅޭތީ.” އަފްޒަލް ސަމާސާ ރާގެއް އެޅުވިއެވެ. އެއާއިއެކު ފަލަކް ހީލަމުން ނަހަދާނަމޭ ބުނުމުން، އަފްޒަލް އެބަ އަންނަމޭ ބުނެ ކޮޓަރިއަށް ވަނެވެ.
ފަލަކް ބަދިގެއަށް ގޮސް ކޮފީ ހަދަން ފެށިތާ މާ ގިނައިރެއް ނުވެ އަފްޒަލް ވެސް ބަދިގެއަށް އައެވެ. އަދި އެ ވަދެގެން އައި ގޮތަށް އައިސް ފަލަކް ހުރި ހިސާބާއި ކައިރިން ބަދިގޭގެ ކެބިނެޓް މަތީގައި އިށީނެވެ. އަފްޒަލްގެ އެ ކުއްލި ޙަރަކާތުން ދެމީހުންނަށް އެކަކު އަނެކަކަށް ބަލައި އަނެއްކާވެސް ހީލެވުނެވެ.
އެ ހުނުން ލަސްލަހުން ފޭދިގެން ދިޔަ ވަގުތު ފަލަކަށް ވާހަކަ ދެކެވުނެވެ.
“އަސްލު….އަފްޒަލްއަށް ތެންކިއު ބުނަން ބޭނުންވެގެން އަހަރެން މި ހުންނަނީ. ފޯރ ޓޭކިންގް ކެއާރ އޮފް މީ….” ފަލަކް އެހެން ބުނުމާއިއެކު އަފްޒަލް ލުއި ގޮތަކަށް ޗޮއްކަނޑައިލިއެވެ.
“އަބަދު އަބަދު ސޮރީއަކާއި ތެންކިއުއެއް ދުލު ކުރީގަ ބާއްވައިގެން އުޅޭ ކުއްޖެއް. އަހަރެން އަދާކުރީ އަހަރެންގެ ޒިންމާއެއްނު؟” އަފްޒަލް ކޮނޑު އަރުވައިލަމުން ބުންޏެވެ.
“ނޫންދޯ؟ ޔޫ ވެންޓް އެބަވް އެންޑް ބިޔޮންޑް. ރޭގަ….” ފަލަކަށް އެ ބަސް ބުނެވުމާއިއެކު ކުއްލި ގޮތަކަށް ހުއްޓިލެވުނީ ރޭގެ ހަނދާން އާވެގެން ދިޔުމުންނެވެ. ރޭގެ އެ ‘ޙާދިސާ’އަށްފަހު އޭނައަށް މި ހުރެވުނީ އަފްޒަލާއި ކިހާ ކައިރީގަކަން އެނގުންވީ ހިނދު މެއަށް ފިނިވިއެވެ.
“ރޭގަ؟” އަފްޒަލް ވެސް އެ ސުވާލުކޮށްލި ހިނދު މެއަށް ފިނިވެފައިވިއެވެ. އެވަގުތު ފަލަކް ހުއްޓުން އަރާފައިވި ގޮތުން ރޭ އެ ދެމީހުންގެ ދެމެދުގައި ކަމެއް ހިނގިކަން ފަލަކަށް އެނގެނީތޯ ހިތަށްއެރިއެވެ. އެނގި ހުރެ ވެސް ފަލަކް އޭނައަށް ނުރުހުންނުވަނީ ހެއްޔެވެ؟!
“ރޭގަ….އަފްޒަލް ގެނެއްސަ ހުރި ސޫޕް ވަރަށް މީރު. އެގޮތަށް ސޫޕް ހަދަން އަހަންނަށް ދަސްކޮށްދެއްޗޭ! ހެހެ…..މިހިރީ ކޮފީ. ހިނގާބަލަ ދެމީހުން އެޕާޓްމެންޓް ތެރެ ބަލައިލަންދޯ؟ އަދި އަފްޒަލަށް ތި ފެންނަނީ އެޕާޓްމެންޓްގެ ކުޑަ ބައެކޭ….ހެހެހެ….” ފަލަކް ހުނުމުގެ ތެރެއިން އޭނަގެ ނުތަނަވަސްކަން ފޮރުވޭތޯ މަސައްކަތް ކުރިއެވެ.
އެހެނަސް އަފްޒަލަށް އެ ނުތަނަވަސްކަން ސާފުކޮށް ފެނުނެވެ. ފަލަކް އަމިއްލަ ކޮފީ ތަށި ހިފައިގެން ހެމުން އޭނައަށް ފަސްދީފައި ދާން ފެށި ވަގުތު ލާނެތް ހިނިތުންވުމެއްގައި އަފްޒަލަށް ހުރެވުނީ އެހެންވެއެވެ. ފަލަކް ލޯމައްޗަށް ގެއްލުމުން އަމިއްލަ ކޮފީ ތަށްޓާއި އެކީ ހިނގައިގަތް ހިނދު ލުއި ގޮތަކަށް އަފްޒަލަށް ހީލެވުނެވެ.
ފަލަކް އެޕާޓްމެންޓުގެ އެކި ތަންތަން ނުދެއްކިޔަސް އަފްޒަލް ވަނީ ފަލަކް އޮފީހުގައި ހުރި ވަގުތު ތަކުގައި އެޕާޓްމެންޓް ތެރެ ރަނގަޅަށް ބަލާފައެވެ. އެހެނަސް އެވަގުތު ފަލަކް އެކަން ކުރަމުން ދިޔައީ އަމިއްލަ ނުތަނަވަސްކަން ފޮރުވަންކަން އެނގިގެން އަފްޒަލް އެއީ ނުފެންނަ މަންޒަރުތަކަށް ކަމަށް ހެދި، ފަލަކް ކިޔައިދެމުން ދިޔަ ވާހަކަތަކަށް ހޫންލައްވަމުން ދިޔައެވެ.
ފަލަކްގެ ހެދުންތަކާއި ބޫޓުތަކަށް ޚާއްޞަ ކޮޓަރިން ފެށިގެން ކޮންފަރެންސް ރޫމާއި ހަމައަށް ފަލަކް ކޮންމެ ކޮޓަރިއެއްގެ ތަފްޞީލުތައް ކިޔައިދިނެވެ. އެންމެ ފަހަކަށް ވަދެވުނީ ކޮންފަރެންސް ރޫމަށް ކަމަށްވުމުން ފަލަކް ލަސް ހިނގުމެއްގައި ގޮސް އެތާ ހުރި ދިގު މޭޒުގެ އެންމެ ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ. ފަލަކް އިށީނުމުން އަފްޒަލް ވެސް ގޮސް ފަލަކްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ހަމަ އެވަގުތު ފަލަކް އަތުގައި އޮތް ރިމޯޓަކަށް ފިތައިލުމުން ކުރިމަތިން ސްކްރީނެއް ތިރިއަށް އަންނަން ފެށިއެވެ. ސްކްރީން އެއްކޮށް ތިރިވެ ނިމުމުން ފަލަކް ވާހަކަ ދެއްކިއެވެ.
“މިތާނގަވެސް އަހަރެން ވަރަށް ގިނަ މީޓިންގްތައް ބާއްވައި ކާމިޔާބީތައް ހޯދާފަ އެބަހުރި. އެއްވެސް ކުންފުންޏަކާއި ފެމިނިން ޑިޒައިންސްގެ އެއްބަސްވުމެއް އެކުލަވާލާ ވާހަކަ ދެއްކިއްޔާ އެ ކުންފުންޏަކުން އެ އެއްބަސްވުމަށް ނޫނެކޭ ނުބުނާނެ. ފެމިނިން ޑިޒައިންސްއާއި ގުޅުމަކީ އެހެން ކުންފުނިތަކަށް ވެސް ލިބޭ ފަޚުރަކާއި ކުރި އެރުމެއް. އެހާވެސް ކާމިޔާބު ކުންފުންޏެއް ފެމިނިން ޑިޒައިންސްއަކީ…..އެކަމަކު މިހާރު….”
ފަލަކް އެހާ ހިސާބަށް ވާހަކަ ދެއްކުމަށްފަހު ހުއްޓައިލުމުން އަފްޒަލަށް ފަލަކާއި ދިމާލަށް ބަލައިލެވުނެވެ. ފަލަކް މާޔޫސްވެފައި އިންތަން ފެނި، ފަލަކް ކަންބޮޑުވާ ސަބަބު އޭނައަށް އެނގެން އުޅޭހެން އަފްޒަލަށް ހީވިއެވެ.
“މިހާރު….ކުންފުނިތަކުން ބޭނުން ނުވަނީތަ ފެމިނިން ޑިޒައިންސް؟” އަފްޒަލް ހީވާ ހީވުމަކަށް އެހިއެވެ. އެއާއިއެކު ފަލަކް އަފްޒަލަށް ބަލައިލަމުން ހީލިއެވެ.
“ދެން ފޫހި ވާހަކަ ނުދައްކާ ހިނގާދޯ ރަނގަޅު ބްރެކްފާސްޓެއް ނަގަން؟” ފަލަކް އެހެން ބުނެ ތެދުވަން އުޅުމުން ފަލަކްގެ އަތް މަތީގައި އަފްޒަލް އަތް އެޅިއެވެ. އެއާއިއެކު ފަލަކަށް މަޑުކޮށްލެވުނެވެ.
“ލުކް….ފަލަކް. އަހަރުމެން މިތިބީ މެރީކޮށްގެން. އޭގެ މާނައަކީ އަހަރުމެން ދެމީހުން ދެމެދުގަ ސިއްރުތައް ހުރެގެން ނުވާނެއޭ. އަހަރުމެން ވާންޖެހޭނީ އެކަކު އަނެކެއްގެ ހަމަޖެހުމަށް. އަހަރެން ދެރަވޭ ފަލަކް އެކަނިމާއެކަނި މާ ބުރަކޮށް އުޅޭތީ. އަހަންނަށް ފަހަރެއްގަ ނޭނގިދާނެ ފަލަކް ވިޔަފާރީގަ ނަގާ ކަހަލަ ސްމާޓް ޑެސިޝަންތައް ނަގަން. އެކަމަކު ފަލަކްގެ ކަންބޮޑުވުންތައް އަޑުއަހާލަން އަހަރެން ބޭނުން….” އަފްޒަލް ހިސާބަކަށް ދެރަވެފައި އިނދެ ބުންޏެވެ. އެ މޫނުމަތީގައިވި އަސަރު ރަނގަޅަށް ދަނެގަނެވުނު ފަލަކަށް ފުން ނޭވައެއް ދޫކުރެވުނެވެ.
“އަފްޒަލް ވަރަށް ވޮރީވެއްޖެދޯ އަހަންނާއި ދޭތެރޭ؟ އައިމް ސޮރީ….އަސްލު އައިމް ނޮޓް ޔޫޒްޑް ޓު ޝެއަރިންގް. މަސައްކަތުގެ ވާހަކަ ވެސް، ކަންބޮޑުވުމެއް ވެސް…..ލައިފް ވެސް…ހެހެ…އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވޭނެހެން އަހަންނަށް ހީވާ ކަހަލަ. އަދި މި ފަހުން ވަކިން ޚާއްޞަކޮށް. އަހަރެން މި ހުރިހާ ދުވަސް ވަންދެން އިތުބާރު ކުރި ސެކްރެޓަރީ ވެސް އަހަންނާ ދެކޮޅުވެރިވާހެން ހީވެގެން މިއުޅެނީ….” ފަލަކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިނެވެ.
“ކޮން ކަމަކާ ހެދި ދެކޮޅުވެރިވެގެން އުޅެނީ؟” އަފްޒަލް އެހިއެވެ. އެއާއިއެކު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަން ނަގައިލީ ފަލަކެވެ.
“އަސްލު އަހަރެން ބުރުގާ އެޅީމަ އަހަރެންގެ ސެކްރެޓަރީއާއި އެހެނިހެން މުވައްޒަފުން ވެސް ނުރުހުންވެފަ ވަނީ. ފެމިނިން ޑިޒައިންސްގަ މިހާތަނަށް ދުވަހަކުވެސް ބުރުގާއާއި ގުޅޭ ކަހަލަ ހެދުމެއް ހަދާފައެއް ނެތް. އެކަހަލަ އެއްބަސްވުމެއް އެކުލަވާލަން އައި ބަޔަކު ވެސް އަހަރެން ހުރީ ފޮނުވާލާފަ. އޭރު އަހަރެންގެ ވިސްނުން ހުރި ގޮތުން. ދެން މިހާރު އަހަރެން ބުރުގާ އެޅީމަ ވެސްޓަން މީޑިއާގަ ވެސް ފެމިނިން ޑިޒައިންސްގެ ގޯސް އިމްޕްރެޝަނެއް ފެތުރެނީ. މިހާތަނަށް ކުންފުންޏާއިއެކީ މަސައްކަތް ކުރި ކުންފުނިތަކުގެ ތެރޭގަ ހިމެނޭ ފާޅުގަ މުސްލިމުންނާއި ހިޖާބަށް ވެސް ނަފްރަތު ކުރާ މީހުން. އެކަހަލަ ބައެއް ކުންފުނިތައް އަހަރުމެންނާއި މިހާރު ވަކިވެސް ވެއްޖެ. އޭގެ ސަބަބުން ކުންފުންޏަށް ގެއްލުންވަމުން ދަނީ…..”
ފަލަކް މާޔޫސީ ގޮތަކަށް ތަފްޞީލުކޮށް ކިޔައިދިނެވެ. އެ ވާހަކަތައް އިވުމުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި ފަލަކްގެ އުޅުން އެހާ ދަތިކޮށް ހުރީ ކީއްވެކަން އަފްޒަލަށް ނަގައިގަނެވުނެވެ.
“ދެން…ފަލަކްއަށް ވިސްނޭ ޙައްލަކީ ކޮބާ؟” އަފްޒަލް ފަރުވާތެރިކަމާއިއެކީ ސުވާލު ކުރިއެވެ.
“ނޭނގެ ހަމަ އެއްގޮތަކަށް ވެސް ހަދަންވީ ގޮތެއް. އަހަރެން ހިތުން މިކޮޅަށް އައީ އަބާޔާގެ ޑިޒައިންސްތައް ވެސް ފަށަންވެގެން. އެކަމަކު ކަންތައް މި ވަމުންދާ ގޮތުން ވަރަށް ދެރަ އެބަވޭ. ކޮންމެ ކަމެއް ކުރިޔަސް މި ގެއްލުންތަކުން އަރައި ނުގަނެވޭނެހެން ހީވަނީ. ބައެއްފަހަރު…ހިތަށްއަރާ ބުރުގާ ނޭޅުނުނަމައޭ…” ފަލަކް ބުނެލި ވާހަކައިން އަފްޒަލަށް ކުއްލި ގޮތަކަށް ފަލަކަށް ބަލައިލެވުނެވެ. ބުނެވުނު އެއްޗެއް އެނގުންވި ފަލަކް ވެސް ކުއްލި ގޮތަކަށް އަފްޒަލަށް ބަލައިލިއެވެ.
“ބުރުގާ ނަގާލާ ވާހަކައެއް ނޫން. ހަމަ ހިތަށްއަރާ އެއްޗެއް މި ބުނީ. ނަގާލަން ހިތަށް ނާރުވަން. ބޭނުމެއް ނޫން ނަގާ-” ފަލަކް އަވަސްއަވަހަށް ދައްކަން ފެށި ވާހަކަ މެދުކެނޑުނީ، އަފްޒަލް މަޑުމައިތިރި އަޑަކުން އޭނައަށް ގޮވައިލުމުންނެވެ.
“ފަލަކް ގާތު އަހަރެން ސުވާލެއް ކޮށްލަންތަ؟” އަފްޒަލް އެހިއެވެ.
“ކޮން ސުވާލެއް؟”
“ފަލަކް ބުރުގާ އެޅީ ކީއްވެ؟”
“ބުރުގާ އެޅީ…..މަންމަ ބުރުގާ އެޅި ސަބަބު ވިސްނުނީމަ. މަންމަ ބުރުގާ އެޅީ ކޮންމެހެން ބައްޕަ ބުނެގެނެއްނޫން. އެއީ ﷲ ގެ އަމުރުފުޅަށްވީތީ. މަންމަ އެގޮތަށް ދަސްކޮށްދިން ހަނދާންވީމަ.”
“އެހެންވީމަ ތި ބުނީ ފަލަކް ބުރުގާ އެޅީ ބޮޑަށް މަންމައަށްޓަކައިދޯ؟ މަންމަގެ ހަނދާނުގަ މަންމަގެ ނަސޭޙަތުގަ ހިފަންވެގެން؟”
“އައި ގެސް…..”
“އެއީއެއް ނޫނޭ އެކަން އޮންނަންވާ ގޮތަކީ. އަހަރުމެން ﷲ ގެ އަމުރުފުޅަށް ތަބާވާންޖެހެނީ ވަކި މީހަކު ބުނީތީ ވަކި މީހަކު ރުއްސާކަށް ނޫން. މީހުންގެ ރުހުމަށްޓަކައި ދިރިއުޅުމަކީ މުޅި މީހާ ބަރުބާދުކޮށްލާ ކަމެއް. އެއީ މީހުންގެ ހިތްތަކަކީ ބަދަލުވާ އެއްޗެއް. މީހުން ރުއްސުމަކީ މޮޅު ނުވާނެ ކުޅިވަރެއް. އޭގެ ބަދަލުގަ އަހަރުމެން މުސްލިމުން އަޅުވެތިވަނީ ހަމައެކަނި ﷲ އަށް. އަހަރުމެން ދިރިއުޅެން މަސައްކަތް ކުރަނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތަށް. އެކަލާނގެ ރުހިވޮޑިގަތުން އަހަރުމެން ހޯދައިފިނަމަ އެކަލާނގެ އަހަރުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވާނެ….”
އަފްޒަލް ކިޔައިދިން ވާހަކަތަކުން ފަލަކް ވިސްނުމަކަށް ގެއްލުނެވެ.
ނުނިމޭ
✨
December 15, 2023 @ 2:22 am
Nice nice