ޤަދަރު (ފަންސަޔާޅީސްވަނަ ބައި)
“ދެމީހުންނަށް އެއް ރޫމް ބުކްކުރީ؟”
“ހުމް….”
ފަލަކަށް އެ ދެކެވެމުން ދިޔަ ވާހަކައިގެ ޒާތް އެނގުންވީ އެ ހޫން ލައްވައިލެވުނު ފަހުންނެވެ. އެއާއިއެކު އަފްޒަލް އެ ބުނިހެން އޭނަ ދެމީހުންނަށް އެއް ރޫމް ބުކްކުރީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ.
“އެއީ….ދެމީހުން އެއްކޮޓަރިއެއްގަ ނިދާ ގޮތަށް؟” އަފްޒަލް ކޮށްލި ސުވާލުން ފަލަކަށް ކުއްލި ގޮތަކަށް ޖަވާބު ދެވުނެވެ.
“ނޫނޭ! އެހެންނެއްނޫން. އެއް ރޫމެކޭ ބުންޏަސް އެއީ އަސްލު ބޮޑު އެޕާޓްމެންޓެކޭ. އެކަހަލަ ތަންތާނގަ އާއްމުކޮށް ހުންނާނެ ދެ ތިން ކޮޓަރި. އެހެންވީމަ ރަނގަޅު ވާނެއެއްނު؟” ފަލަކް ގަދަކަމުން ހޭން މަސައްކަތް ކުރަމުން އެ ވާހަކަ ބުނެލިއިރު އެ ކޯތާފަތް ރަތްވެފައިވިއެވެ. އަދި ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ.
“އަ….އާނ. ރަނގަޅުވާނެދޯ؟ ހެހެ…..” އަފްޒަލަށް ވެސް ޖެހިލުންވުމަކާއިއެކީ ހީލެވުނެވެ. ޖެހިލުންވީ ދެންމެ އެ ހިތުގައި އޮތް އެދުން ފަލަކަށް ފަޅާ އަރާފާނެތީވެއެވެ. ހިސާބަކަށް ހިތާމަ ކުރެވޭ ގޮތްވީ އެ އެދުން މިރޭ ވެސް ފުރިހަމަ ނުވާނެހެން ހީވުމުންނެވެ. އެހެނަސް މިރޭ ވާން އުޅެނީ އަފްޒަލް ހީވެސް ނުކުރާ ގޮތަކަށްކަން އަފްޒަލަށް ރޭކާ ނުލައެވެ.
**
ގަޑިއިރެއްގެ ދަތުރަކަށްފަހު ފަލަކްގެ ކާރު ޕާކް ކުރެވިގެން ދިޔައީ ޕާމް ޓަވާރގެ ބިމު އަޑީ ޕާކްކުރާ ސަރަހައްދުގައެވެ. ދެމީހުން އެކީގައި ކާރުން ފައިބައިގެން ގޮސް ލިފްޓަށް އެރިއިރު އެހެން ބަޔަކު އެވަގުތު ލިފްޓަކަށް އަރަން ނާދެއެވެ.
“އަހަރުމެން ކުޑަކޮށް ލަސްވެއްޖެ އިނގޭ. އަހަރުމެން ފިޔަވާ މިހާރު އެންމެން ޕާޓީ ކުރަން ތިބޭނީ.” ފަލަކް ބުންޏެވެ. އެއާއިއެކު އަފްޒަލް ވެސް އާނއެކޭ ބުނެލަމުން ހީލިއެވެ.
ޕާމް ޓަވާރގެ އެންމެ މަތިން ދެވަނަ ފަންގިފިލާއަށް ދެވުމާއިއެކު އަފްޒަލާއި ފަލަކް ލިފްޓުން ނިކުމެގެން ދިޔައީ އެކުއެކީގައެވެ. ކޮރިޑޯ ތެރެއިން ހިނގަމުން ގޮސް ފަލަކް މަޑުކޮށްލީ ދެ ފަރާތަށް ހުޅުވޭ ދޮރެއްގެ ކުރިމަތީގައެވެ. ފަލަކް މަޑުކުރުމާއިއެކު އަފްޒަލް ވެސް މަޑުކޮށްލިއެވެ. ފަލަކް އުޖާލާވި ހިނިތުންވުމަކާއި ވިދުމެއްވި ލޮލާއި އެކީ އަފްޒަލަށް ބަލައިލަމުން އަފްޒަލްގެ އަތުގައި ހިފައިލިއެވެ. އަދި ހިނގާށޭ ބުނެލަމުން ފަލަކް ކުރިމަތިން ފެންނަމުން ދިޔަ ދޮރުގެ އެއްފަރާތް ހުޅުވައިލިއެވެ.
އެއާއިއެކު ދެމީހުންނަށް ވަދެވުނީ ދަނބު ކުލައިގެ ފަނޑު އަލިކަމެއް ވެރި ކުރުވާފައިވި ހޯލަކަށެވެ. ހޯލުގެ އެކި ދިމަދިމާލުން ވަށް މޭޒުތަކުގެ ދޮށުގައި އިށީނދެގެން ތިބިއިރު، ގިނަ މީހުން ހޯލުގެ އެކި ދިމަދިމާލުގައި ކޮޅަށް ވެސް ތިއްބެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކައިގެ ބަދަލުގައި ހޯލު ތެރެއިން އިވެމުން ދިޔައީ ހިތްގައިމު ޢަރަބި މަދަހައެކެވެ.
“ޕާޓީ ހަމަ ރަނގަޅަށް ވެސް ފެށިފަ ދޯ މި އޮތީ؟ ހެހެހެ…..މަހްރީންގެ ސްޓައިލަށް މިހިރީ ހަމަ ޕާޓީ ރާވާފަ…” ފަލަކް ބުންޏެވެ.
“މަހްރީން ތަ މި ޕާޓީ ރޭވީ؟” އަފްޒަލަށް އަހައިލެވުނެވެ. ހިތުގައި މަހްރީން އާއި މެދު ހުރި އުދަގޫ އިޙްސާސްތަކާއި އެކީގައެވެ.
“އާނ….މަހްރީން އަމިއްލައަށް މި ޕާޓީ އަހަރުމެންނަށްޓަކައި ރާވަން އިސްނެގީ ވެސް. ކުރީކޮޅު މަހްރީން އަފްޒަލާއި މެދު ކަންތައް ކުރި ގޮތަށްޓަކައި މާ ބޮޑަށް ހިތް ބުރަ ނުކުރައްޗޭ. އަހަންނަށް ވެސް ފާހަގަވި މަހްރީން އަފްޒަލް ބާކީ ކޮށްލަން އުޅުނުހެން. ފަހުން މަހްރީންއާ ވާހަކަ ދެއްކީމަ އެނގުނީ އަސްލު އަފްޒަލް އާ ހެދި އަހަންނަށް ބަދަލުތަކެއް އައިހެން ހީވީމަކަން މަހްރީން އަފްޒަލަށް ނުރުހުންވީ. އަހަރެން ބުރުގާ އެޅީ އަފްޒަލް ބުނެގެން ކަމަށް މަހްރީން ހީކުރީ. އޭގެ ސަބަބުން ކުންފުންޏަށް ގެއްލުމެއް ލިބިދާނެތީ މަހްރީން ކަންބޮޑުވީ. އެކަމަކު މިހާރު މަހްރީންއަށް ވެސް އެނގޭނެ އަހަރެން ކުންފުނި ރީބްރޭންޑް ކުރަން އުޅޭކަން. އެ ޚިޔާލު ކަމުދިޔަ ވަރުން މިހާރު ހުރިހާ ނުރުހުމެއް އެއްފަރާތް ކޮށްފަ އަހަރުމެންނަށްޓަކައި ޕާޓީއެއް އެ ބާއްވަނީ. އެހެންވީމަ އަހަރުމެން ވެސް މާޒީ ހަނދާން ނައްތާލަމާ ދޯ؟”
ފަލަކް އަފްޒަލްގެ އަތަށް ފިތައިލަމުން ލުއި ހިނިތުންވުމެއް ދައްކައިލިއެވެ. އެއާއިއެކު އަފްޒަލް ވެސް ހިނިތުންވެލިއެއްކަމަކު ދެންވެސް އޭނާގެ ހިތުގައި މަހްރީންއާއި މެދު ޝައްކުތަކެއްވިއެވެ. މަހްރީންގެ ލޮލުން އަފްޒަލަށް ފެނުނު ނަފްރަތަކީ އެހާ ފަސޭހައިން ފޭދިގެން ގޮސްދާނެ ނަފްރަތެއް ކަމަށް ޤަބޫލުކުރަން އަފްޒަލަށް ދަތިވިއެވެ. އެހެނަސް އެވަގުތު އެ ނުބައި ހީކުރުން ދުލާއި ހަމައަށް ގެންނަން އަފްޒަލް ބޭނުމެއް ނުވިއެވެ.
އެ ވާހަކަ ދެއްކުމަށްފަހު ފަލަކް އަފްޒަލާއި އެކީ ދިޔައީ މަހްރީން ހުރި ތަނެއް ހޯދުމަށެވެ. ފަލަކަށް މަހްރީން ފެނުނީ ހޯލުގެ ކުރިމައްޗަށް ވާގޮތަށް ހުރި ސްޓޭޖުގެ އެއްފަރާތުގައި ހުރި ލެޕްޓޮޕަކާއި ކުޅެން ހުއްޓާއެވެ. މަހްރީން ފެނުމާއިއެކު ފަލަކް ސްޓޭޖުގެ ތިރީގައި ހުރެ މަހްރީންއަށް ގޮވައިލިއެވެ. އެއާއިއެކު މަހްރީން ހިސާބެއްގެ ސިހުމަކާއިއެކީ އެއްފަހަރު ފަލަކަށް އަނެއްފަހަރު ލެޕްޓޮޕަށް ބަލައިލީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. އަފްޒަލަށް އެކަން ފާހަގަ ކުރެވުނެއްކަމަކު ފަލަކަށް ފާހަގަވިހެން ހިއެއް ނުވެއެވެ.
“ކޮބާ ކިހިނެއް މިރޭ ރާވާފަ އޮތީ؟” މަހްރީން ސްޓޭޖުގެ އެއްފަރާތުން ފައިބައިގެން އައިސް އެމީހުންގެ ކައިރިއަށް އައުމުން ފަލަކް އިނގިރޭސި ބަހުން ސުވާލު ކުރިއެވެ.
“މިރޭ…އެންމެ ފުރަތަމަ ކަމަކަށް މޭމްއާއި މޭމްގެ ހަޒްބެންޑް ސްޓޭޖަށްދާނީ. ހަމަ ހުރިހާ މުވައްޒަފުންނަށް ފެނިލުމަކަށް. އެއަށްފަހު އެމީހުން ސުވާލުތަކެއް ކުރާނީ. ދެމީހުން ދިމާވީ ކިހިނެއްކަމާއި އެ ހުރިހާ އެއްޗެއް. އެންމެ ރަނގަޅުތޯ؟” މަހްރީން ލުއި ހިނިތުންވުމަކާއިއެކީ ދެމީހުންނަށް ވަކި ވަކިން ބަލަމުން އެހިއެވެ.
“އާނ….އޯކޭދޯ އަފްޒަލް؟” ފަލަކް އަފްޒަލަށް ބަލައިލުމުން އަފްޒަލް ވެސް ބޯޖަހައިލިއެވެ.
“އޯކޭ އެހެންވީމަ މިވަގުތު ދެމީހުން ސްޓޭޖަށް އަރަންވީ އިނގޭ. އަޅުގަނޑު އޯޑިއެންސްގެ ސަމާލުކަން ހޯދާފަ ސްޕޮޓްލައިޓް ދިއްލާނަން.” މަހްރީން ނުހަނު ގަޔާވެފައި އޭނަގެ ރޭވުން ކިޔައިދިނުމުން ފަލަކް ބޯޖަހައިލަމުން ހޫންލައްވައިލިއެވެ.
އިރުކޮޅެއްގެ ތެރޭގައި އަފްޒަލާއި ފަލަކް ތިބީ ސްޓޭޖްގެ މެދުގައި މަޑުކޮށްގެންނެވެ. އޭރު ސްޓޭޖަށް ވެރިވެފައި އޮތީ ފަނޑު އަލި ކަމެކެވެ. އެމީހުން އެތާ މަޑު ކުރިތާ މާ ގިނައިރެއް ނުވެ މަދަހައިގެ އަޑު ކެނޑިގެން ދިޔައެވެ. އެއާއިއެކު ހޯލުގައި ތިބި މީހުންގެ ނަޒަރުތައް ސްޓޭޖަށް ދަތުރު ކުރިއެވެ.
“އެންމެހާ ބޭފުޅުން. މިރޭގެ މިވަގުތުކޮޅު އަޅުގަނޑު މި ޚާއްޞަކޮށްލަނީ، މި ޕާޓީ އެ ބަޔަކަށް ޚާއްޞަ ކުރެވުނު ދެމީހުންނަށް. އާދެ، ފަލަކް މެޑަމް އަދި މެޑަމްގެ ހަޒްބެންޑް، އަފްޒަލް!”
މަހްރީން މުޅި ހޯލަށް އިވޭގޮތަށް ސްޓޭޖުގެ އެއްފަރާތުގައި ހުރެ އެހެން ބުނުމާއިއެކު އަފްޒަލާއި ފަލަކް ފެންނާނެހެން ސްޓޭޖުގެ މެދަށް ސްޕޮޓްލައިޓް ދިއްލިގެން ދިޔައެވެ. އެއާއިއެކު ހޯލުގައި އަތްތިލަ ބަޑީގެ އަޑު ގުގުމައިލިއެވެ.
ސްޓޭޖް މަތިން ފެންނަމުން ދިޔައީ ރީތިކަން ހުސްކުރި ދެމަފިރިއެއްގެ ލާމަސީލު މިސާލެއް ފަދައެވެ. ފަލަކް ގަދަ ނޫކުލައިގެ ލޭސް ފޮތިން ހުރި އާދައިގެ އަބާޔާއަކާއި، މަޑު ނޫކުލައިގެ ޝޯލްއެއް އަޅައިގެން ހުރިއިރު، ފެހި ކުލައިގެ އެ ޖާދުވީ ލޮލުގައި އުފާވެރި ވިދުމެއް ވިއެވެ. ފަލަކްގެ ކައިރީގައި ހުއްޓިހުރި އަފްޒަލް ފުރަތަމަ ފަހަރަށް ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިއިރު، އެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވާފައިވިއެވެ. އަދި އަމުދުން އަފްޒަލްގެ ސޫރައަށް ރީތިކަމެއް ގެނުވާފައިވީ، ފަލަކާއި އެކީ ހުންނައިރު އެ މޫނުމައްޗަށް ވެރިވާ އުފާވެރި ހިނިތުންވުމުންނެވެ.
އެ ހިނިތުންވުމާއި އުފާވެރިކަމަށް އަލިފާން ކަނި ބުރުވަމުން ދިޔަ ޙަސަދަވެރި ލޮލެއް ސްޓޭޖްގެ ތިރީގައި ތިބި މީހުންގެ ތެރެއިން ވި ކަމެއް ދެމީހުންނަށް ވެސް ރޭކާ ނުލައެވެ.
“ރީތިކަން ހުސްކުރި ޖޯޑެއް، އެހެން ނޫންތޯ؟ މިހާ ހިސާބުން އަޅުގަނޑު މި ދެމަފިރިންނާއި ސުވާލުތަކެއް ކޮށްލާނަން. މި ސުވާލުތަކަކީ އަޅުގަނޑުމެން އެންމެން ވެސް ނުހަނު ޖަވާބު އެނގެން ބޭނުންވެފައިވާ ސުވާލުތަކެއްކަން ޔަޤީން.” މަހްރީން އިނގިރޭސި ބަހުން އެ ވާހަކަތައް ދެއްކިއިރު ކޮންމެވެސް ފިރިހެން މުވައްޒަފަކު އައިސް އަފްޒަލާއި ފަލަކް އިށީނުމަށްޓަކައި ދެ ގޮނޑި ގެނެސްދިނެވެ.
ފަލަކާއި އަފްޒަލް އެ ދެ ގޮނޑީގައި އިށީނުމާއިއެކު މަހްރީން އޭނަގެ ސުވާލުތައް ފެށިއެވެ.
މަހްރީން އެންމެ ފުރަތަމަ ވެސް ކޮށްލި ސުވާލަކީ ދެމީހުން ދިމާވީ ކިހިނެއް ކަމާއި މެދުގައެވެ. އެ ސުވާލު އިވުމާއިއެކު ފަލަކާއި އަފްޒަލަށް ވެސް ހެވުނީއެވެ. މާލޭ އެއާރޕޯޓު ތެރެއިން ފަލަކްގެ ބުޅާ ގެއްލިގެން ދެމީހުން ގަންނަން ޖެހުނު ގަނޑު ހަނދާންވުމުންނެވެ. އެ ވާހަކަ ކިޔައިދޭން ފެށީ ފަލަކް ކަމަށް ވިޔަސް އަފްޒަލް ވެސް ނުހަނު ސަމާސާ ވެރި ގޮތަކަށް އެކި ތަންތަންކޮޅު އިތުރު ކުރަމުން ދިޔައެވެ. ދެންވެސް ކުރެވިގެން ދިޔައީ އާއްމު ގޮތެއްގައި އަލަތު ދެމަފިރިއަކާއި ކުރެވޭ ސުވާލުތަކެވެ. ދެމީހުންނަށް އެކަކު އަނެކަކާއިމެދު އެންމެ ކަމުދަނީ ކޮން ސިފައެއް ކަމާއި، ވަކިން ޚާއްސަކޮށް ފަލަކް އަފްޒަލް ޚިޔާރު ކުރީ ކީއްވެ ކަމާއިމެދުގައެވެ. މިހާ ދުވަސް ވަންދެން ކައިވެންޏެއް ނުކުރަން ހުރެފައި އަފްޒަލް ފަލަކްގެ ޚިޔާލު ބަދަލު ކުރީ ކިހިނެއްކަމާއި މެދުގައެވެ.
“އަހަރެން މިއީ އިޙްސާސްތަކަށް ބުރަވުމުގެ ބަދަލުގަ އަބަދުވެސް ސިކުނޑިން ނިންމުންތައް ނިންމާ މީހެއްކަން އެންމެންނަށް ވެސް އެނގޭނެ. އެހެންވީމަ އަފްޒަލް ޚިޔާރު ކުރީ އަފްޒަލް ދެކެ ވަރަށް ބޮޑަށް ލޯބިވާތީއޭ ބުނާކަށް ނެތިން. ހެހެހެ….އަފްޒަލްގެ ސަބަބުން އަހަރެން ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ގާތްވެގެން ދިޔަ. މިއަށްވުރެ ބޮޑު ސަބަބެއް ނޯންނާނެ ކަންނޭނގެ މީހަކު ޚިޔާރު ކުރަން. އަފްޒަލްގެ ރީތި އަޚްލާޤާއި ދީންވެރިކަން ފެނުނީމަ އަހަރެންގެ ވުޖޫދަށް ނޫރެއް އައިސް ހެޔޮ ނުބައި ވަކި ކުރެވުނު ކަހަލަ އިޙްސާސެއް ކުރެވުނު. ލޮބުވެތި އެކުވެރިން….އިސްލާމްދީނަކީ އެހާ ވެސް ބާރުގަދަ ދީނެއް. އަހަރެން މިއީ ދުވަހެއްގެ ކޮޅުން ވެސް ފިރިހެނެއްގެ ބަސް އަޑު އަހާނެ މީހެއް ނޫންކަން ތިޔަ އެކުވެރިންނަށް ވެސް އެނގޭނެ. އެކަމަކު އަފްޒަލް އަހަންނަށް އިސްލާމްދީން ދެއްކީ ބަހުންނެއް ނޫން. ޢަމަލުން. އެއިން އަހަރެންގެ ހިތް އަފްޒަލަށް ލެނބުނީ…..”
ފަލަކް އިނގިރޭސި ބަހުން އާދައިގެ ގޮތަކަށް ވާހަކަ ދެއްކީ އެކުވެރި ރާގަކަށެވެ. އޭނަގެ ވާހަކަ އަޑު އަހަމުން ދިޔަ މީހުންގެ ތެރޭގައި އިސްލާމް ދީނަށް ޝައުޤުވެރިވާ މީހުންނާއި، އަޅުކަންތަކަށް ފަރުވާ ކުޑަ ކުރާ މުސްލިމް ކުދިންނާއި، އިސްލާމް ދީން ދޫކޮށްފައިވާ ކުދިން ވެސް ހިމެނޭކަން ދަނެގެންނެވެ. ފަލަކްގެ އެދުމަކަށްވީ އެ ހުރިހާ ޒުވާނުންނަށް ވެސް އިސްލާމްދީނުގެ ރީތިކަން ފެނިގެން ދިޔުމެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނައަށް ފެނިގެން ދިޔަ ފަދައިންނެވެ.
ފަލަކްގެ އެ ވާހަކައިން ހޯލަށް ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރެއިން ދެން އިވިގެން ދިޔައީ އަންހެނެއްގެ އަޑެވެ. އެ އަންހެން މީހާ ކޮށްލީ މުޅިން އާދަޔާ ޚިލާފު ސުވާލެކެވެ.
“އަފްޒަލްގެ ރީތި އަޚްލާޤޭ ބުނާއިރު، ފަލަކަށް އަފްޒަލް އެނގެނީ ކިހާ ވަރަކަށްބާ؟”
ހޯލު ތެރެއިން އިވިގެން ދިޔަ އެ ސުވާލުން މުޅި ހޯލަށް ހިސާބެއްގެ ސިހުމެއް އައި ފަދައެވެ. ވަކިން ޚާއްސަކޮށް ‘ފަލަކް މޭމް’ ގެ ބަދަލުގައި ސީދާ ފަލަކްގެ ނަމުން އެ އަންހެން މީހާ ފަލަކާއި މުޚާތަބު ކުރި ގޮތުންނެވެ.
“އަމް….އަފްޒަލާއި ބެހޭގޮތުން ފުދޭވަރަކަށް އެނގިގެން މިހާ ހިސާބަށް މި އައީ. އިތުރަށް އެނގެންޖެހޭނެހެން ހިއެއް ނުވޭ…” ފަލަކް ސާބިތުކަމާއިއެކީ އެހެން ބުނެލީ، ހޯލު ތެރެއިން އެ ސުވާލު ކުރި މީހަކު ފެނޭތޯ މަސައްކަތް ކުރަމުންނެވެ. އެހެނަސް ހޯލަށް ވެރިވެފައި އޮތް ފަނޑު އަލިކަމުން އެކަންވީ ނާދިރު ކަމަކަށެވެ. ފަލަކްގެ ކައިރީގައި އިން އަފްޒަލް ވެސް އެ ވަގުތު ދެބުމަ ކައިރިވެފައި އިނީ، އެ ސުވާލު ކުރި މީހަކަށް ނުރުހުންވެފައިވާ ޙާލުގައެވެ.
“ފަހަތުން ފެންނަ ވީޑިއޯ ބަލާފަ ފަލަކް ތިހެން ބުނާނެ ހެނެއް ހިއެއްނުވޭ….”
އެ އަންހެން މީހާ އެހެން ބުނުމާއިއެކު ފަލަކްމެންގެ ފަހަތުން ޕްރޮޖެކްޓާރއިން އަޅުވައިލެވުނު ވީޑިއޯއެއް ފެންނަން ފެށިއެވެ. ވީޑިއޯއިން އަފްޒަލްގެ އަޑު އިވެން ފެށުމާއިއެކު ފަލަކާއި އަފްޒަލް އެދިމާލަށް އެނބުރިލީ އެކުއެކީގައެވެ.
“ލީނާ…..އަހަރެން ވަރަށް ބޮޑަށް ލޯބިވެއޭ ލީނާދެކެ. ލޯބިވާތީ އެހާ ގިނައިން ގުޅަން އެދެވެނީ. ބައްދަލުކުރަން އެދެވެނީ. ލީނާ އުޅޭ ގޮތުން ހީވޭ….ލީނާ އަހަންނާއި ވަކިވާން އުޅޭހެން ވެސް. އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫން އެއްގޮތަކަށް ވެސް. ލީނާ ތިއީ އަހަރެންގެ ފުރަތަމަ ލޯބި. އުއްމީދަކީ ލީނާ އަހަރެންގެ ފަހު ލޯތްބަށް ވެސް ވުން….”
ވީޑިއޯއިން އަފްޒަލް ގޮނޑިއެއްގައި އިސްޖެހިފައި އިނދެ އެ ވާހަކަ ދެއްކުމަށްފަހު ތެދުވެގެން އައިސް ވީޑިއޯ ނިވައިލިއެވެ. ޕްރޮޖެކްޓާރގެ އަލި ނިވިގެން ދިޔަދިޔަހެން ސްޕޮޓްލައިޓް އަނެއްކާވެސް ފަލަކާއި އަފްޒަލަށް ދިއްލައިލެވުނެވެ. އެހިނދު އަފްޒަލް އިނީ ނުތަނަވަސްވެފައިވާ ހިތަކާއިއެކީ ފަލަކަށް ބަލަހައްޓައިގެންނެވެ.
އަފްޒަލް މިހާތަނަށް އައިއިރު ފަލަކަށް ލީނާގެ ވާހަކަ ކިޔައިދީފައެއް ނުވެއެވެ. އެ ވާހަކަ ކިޔައިދޭން އުޅެފައިވެސް އެކި ސަބަބުތަކާއި ހުރެ އެ މާޒީގެ ޞަފްޙާތައް ފަލަކަށް ދައްކައިލަން ޖެހިލުންވެފައިވީއެވެ. އެ ޖެހިލުންވުމަށްޓަކައި އަފްޒަލަށް އެ ވަގުތު އަމިއްލަ ނަފްސަށް ނުރުހުންވެވުނެވެ. އޭނަގެ ފަރާތުން ލީނާގެ ވާހަކަ ނޭނގި ހުރެ ފަލަކަށް މިފަދަ ގޮތަކަށް އެ ޚަބަރު ލިބިގެން ދިޔުމުންނެވެ.
ވީޑިއޯ ބެލުމަށްފަހު ފަލަކް އަނެއްކާވެސް ސްޓޭޖްގެ ކުރިމަތީގައި ތިބި މީހުންނާއި ދިމާލަށް އެނބުރިލީ ހިނދު އެ މޫނުމަތިން ފެނުނު އަސަރު ދަނެގަންނަން އަފްޒަލް ނުކުޅެދިފައިވިއެވެ. ހިތް ބިރު ގަންނަ ގޮތްވީ ފަލަކް އޭނައަށް ބެލުމެއްވެސް ނެތި އެންމެނާއި މުޚާތަބު ކުރަން މައިކު އުފުލައިލުމުންނެވެ.
“މި ވީޑިއޯ އަހަރުމެންނަށް ދައްކައިލެވުނީ ދެންމެ ސުވާލުކުރި އަންހެން ކުއްޖާގެ އެދުމަށް ދެއްތޯ؟ މި ވީޑިއޯ ބަލާފަވެސް އަހަރެން އަފްޒަލާއިމެދު ބުނާނީ އެކައްޗެކޭ. އަހަންނަށް އަފްޒަލް އެނގެންވާ ވަރަށް ހުރީ އެނގިފަ….”
ފަލަކް ސާބިތުކަމާއިއެކީ އެހެން ބުނެލި ބުނެލުމުން އަފްޒަލަށް އެސްފިޔަ ޖަހާ ނުލާ ފަލަކަށް ބަލަން އިނދެވުނެވެ. އެވަގުތު ހޯލު ތެރޭގައި މީހުން އެކަކު އަނެކަކާއި ދައްކަމުން ދިޔަ ވާހަކަތަކުގެ އަޑު ގަދަވިއެވެ. އަފްޒަލަށް ފަލަކް ކުރަނީ އަނދިރި އިތުބާރެއް ކަމަށް އެމީހުންނަށް ޤަބޫލު ކުރެވޭ ފަދައެވެ.
“ވީޑިއޯއިން އަހަންނަށް ފެންނަނީ މީގެ އެތައް އަހަރެއް ކުރިން އަފްޒަލް ދައްކާފައި ހުރި ވާހަކަތަކެއް. އެ ވީޑިއޯއިން ވެސް އަހަންނަށް ފެންނަނީ ނުހަނު ސާފު ހިތެއްގެ ވެރިއެއް. ލޯބިވެރިޔާއަށް ކެއްސެއް ނުދޭނެ ފަދަ ފިރިހެނެއް. ވަގުތު ދިނުމަށް އެދި އާދޭސް ކުރަން ނުޖެހޭނެ ޝަޚްޞިއްޔަތެއް. މި ސިފަތަކަކީ އަދި މިއަދު އެއަށްވުރެ ފުރިހަމައަށް އަފްޒަލްގެ ކިބައިގަ ހުރި ސިފަތަކެއްކަމަށް އަހަރެން ހެކިވަން….” ފަލަކް އެހެން ބުނެލަމުން އަފްޒަލަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
އެވަގުތު ހޯލުގައި ތިބި މީހުންގެ އަޑުތައް މަޑުވެގެން ދިޔަ ހިނދު އަފްޒަލްގެ ހިތް ޖަޒުބާތުތަކުން އުތުރި އަރަމުން ދިޔައެވެ. ފަލަކް ދެންމެ އެ ބުނެލީ އޭނަ މީގެ އަހަރުތަކެއް ކުރިން އޭނަގެ ކިބައިގައި ހުރިކަމަށް އޭރުގެ ލޯބިވެރިޔާއަށް ސާބިތުކޮށްދޭން މަސައްކަތް ކުރި ސިފަތަކެވެ. އޭނަގެ އެ ސިފަތައް ލީނާއަށް ފެންނާނެ ނަމަ ލީނާ އޭނަ ދޫކޮށް ނުދާނެކަމަށް އަފްޒަލަށް ހީކުރެވިފައިވިއެވެ. އެހެނަސް ލީނާއަށް ދުވަހަކުވެސް އެ ސިފަތައް ނުފެނުނު ފަދައެވެ. ނުފެނިފައި ވަނިކޮށް މިއަދު އެންމެން ކުރިމަތީގައި ހަމަ އެ ސިފަތައް މި ހާމަކޮށްދިނީ، އޭނައަށްޓަކައި ﷲ އިރާދަކުރެއްވި ޙަލާލު އަނބިމީހާއެވެ. އެ ޚިޔާލުން އެވަގުތު އަފްޒަލްގެ ލޮލުން ކަރުނަ ހިލިފައިވިއެވެ.
“އެކަމަކު ދޮގެއް ނަހަދާ ބުނާނަން. ދެންމެ ވީޑިއޯ ބަލާފަ ކުޑަކޮށް ހަސަދަވެރިވެސްވި އެ އަންހެން ކުއްޖާއަށް. އަފްޒަލް އެހާ ޒުވާން އިރު އެހާ ލޯބިކޮށް ހުރިއިރު އެ ކުއްޖާއަށް އަފްޒަލް ފެނިފަ ހުރީމަ. އަދި އެ ކުއްޖާއަކީ އަފްޒަލްގެ ފުރަތަމަ ލޯތްބަށްވީމަ….ހެހެހެހެ….އެހެންވީމަ މި ވަގުތު އަފްޒަލް ގާތު އަހާލަން ބޭނުން. އަފްޒަލްގެ ފަހު ލޯތްބަށްވުމުގެ ފުރުސަތު އަހަންނަށް ދޭނަންތަ؟”
ފަލަކްކޮށްލި ސަމާސާގެ ތެރެއިން އެތާތިބި އެންމެންނާއި އެކީ އަފްޒަލަށް ވެސް ހެވުނެވެ. އެހެނަސް އެ ވާހަކައިގެ ފަހުކޮޅުން އެންމެން ހިމޭންވީ، ފަލަކް އަފްޒަލަށް ބަލައިލަމުން ޖަވާބަކަށް އިންތިޒާރު ކުރަން ފެށުމުންނެވެ. މާ ގިނައިރެއް ނުވެ އަފްޒަލް އުފާވެރި ހިނިތުންވުމަކާއި، ކަރުނައިން ވިދަމުން ދިޔަ ލޮލާއިއެކީ ބޯ ޖަހައިލުމުން މުޅި ހޯލުގައި އަތްތިލަ ބަޑީގެ އަޑު ގުގުމަން ފެށިއެވެ. އެހިނދު ފަލަކް މައިކު ކައިރިކޮށްގެން އިނުމުން ފަލަކްގެ ލުއި ހުނުމުގެ އަޑުވެސް ހޯލު ތެރެއިން އިވިގެން ދިޔައެވެ.
**
އޭގެ 10 ވަރަކަށް މިނެޓް ފަހުން ފަލަކާއި އަފްޒަލް ގޮސް އެރެއަށް ފަލަކް ބުކްކުރި ރޫމަށް ވަދެވޭ ދޮރު ހުޅުވައިލީއެވެ. އެ ރޫމަށް ދިޔަ މަގުމަތީގައި އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ސްޓޭޖް މަތިން ދެކެވުނު ވާހަކަތަކުގެ ތެރެއިން ފަލަކަށް ނޭނގުމެއްގެ ތެރެއިން އަފްޒަލަށްޓަކައި ލޯބި ހުށަހެޅިފައިވާކަން ދެމީހުންނަށް ވެސް އެނގެއެވެ. ފަލަކް އެކަމާއިމެދު އުދަގޫވެފައި ހުއްޓެއްކަމަކު އަފްޒަލް އޭނައާއި ހިނިތުންވަމުން ދިޔައީތީ ފަލަކް ވެސް ނުތަނަވަސް ގޮތަކަށް ހިނިތުންވެ، ހެމުން ދިޔައެވެ.
އެ ބޮޑު ސުވީޓް ރޫމްގެ ދޮރު ހުޅުވުމާއިއެކު ފަލަކްގެ އަޑު އިވިގެން ދިޔައެވެ.
“އޯ ވާވް! ދިސް އިޒް އޯސަމްނެސް!!!”
ފަނޑު ރީނދޫ ކުލައިގެ އަލިކަމެއް ވެރި ކުރުވާފައި ހުރި ކޮޓަރިން ފެނުމާއިއެކު ފަލަކް ކިޔައިލިއެވެ. އެއީ ވަކި އެ ކޮޓަރި ފެނުމުން ފަލަކް އަޖާއިބުވީތީވެއެއް ނޫނެވެ. ފަލަކްގެ އުމުރުން މިހާ ހިސާބަށް އައިއިރު އޭނައަށް ވަނީ މިފަދަ އެތައް ކޮޓަރި ފެނިފައެވެ. އެހެނަސް އެވަގުތު ހިތުގައި އުތުރި އަރަމުން ދިޔަ ޖޯޝު ކޮންމެވެސް ގޮތަކަށް ބޭރުކުރަން ބޭނުންވިއެވެ.
“އެއީދޯ އެ ބުނާ އިންފިނިޓީ ޕޫލްއަކީ؟” އަފްޒަލް އެހެން ބުނެލީ ކުރިމަތިން ފެންނަމުން ދިޔަ ބެލްކަންޏަށް ނިކުމެވޭ ދޮރަށް ޢިޝާރާތް ކުރަމުންނެވެ. އެ ދޮރުގެ އަނެއްފަރާތުން ފެންނަމުން ދިޔައީ ފެންގަނޑެކެވެ. އެ ފެންގަނޑު ފަހަނަޅައި ޢިމާރާތުގެ ކުރިމަތިން ފެންނަމުން ދިޔަ އެހެން ޢިމާރާތްތައް ފެންނަމުން ދިޔަ ގޮތުން، އެ ނިމުމެއް ނެތް ފެންގަނޑެއްހެން ހީވަމުން ދިޔައެވެ.
“ޔެސް! އައި ކާންޓް ވެއިޓް….އަންނާނަން ހެދުން ބަދަލުކޮށްގެން.”
“ހެދުން ވެސް ހުރީތަ؟”
“ނޮޓް ފޯ ޔޫ! ފޯ މީ….އަހަންނަކީ މި ހޮޓެލްގެ ރެގިއުލާރއެއް ވީމަ އެމީހުން އެކަހަލަ ސަރޕްރައިޒްތައް ބަހައްޓާނެ ހެހެ…..އެބަ އަންނަން.”
ފަލަކް އެހެން ބުނެ ޒާތަކަށް ދުވަމުން އެ ކޮޓަރީގެ ކިންގް ސައިޒް އެނދު ފަހަނަޅައި ގޮސް އެހެން ބިއްލޫރި ދޮރެއް ކަހައި ކޮޓަރިއަކަށް ވަނެވެ. ފަލަކް އޭނަ ގާތު ބުނި ދެވަނަ ކޮޓަރިއަކީ އެއީތޯ އަފްޒަލްގެ ހިތަށްއެރިއެވެ. އެހެނަސް ބިއްލޫރި ދޮރެއް ލާފައި ނިދާ ކޮޓަރިއެއް ހުރެދާނެ ކަމަށް ޤަބޫލުކުރަން އަފްޒަލަށް ދަތިވިއެވެ.
އަފްޒަލަށް ހީވީ ރަނގަޅަށެވެ. ފަލަކް ގޮސް ވަނީ އެ ކޮޓަރީގެ ހެދުން ބަދަލުކުރާ ކޮޓަރިއަށެވެ. އެ ކޮޓަރީގެ ދެކޮޅުން ހެދުން އެޅުވިފައިވިއެވެ. އެއްފަރާތުގައި ފަލަކް ގޭގައި ލައި އުޅޭ ކަހަލަ ހެދުންތައް ހުރިއިރު އަނެއްފަރާތުގައި ފިރިހެން ގަމީސްތަކާއި ޓީޝާޓުތައް އެޅުވިފައިވިއެވެ.
އެ ގަމީސްތަކާއި ޓީޝާޓުތައް ފެނިފައި ފަލަކަށް ހިސާބެއްގެ ޙައިރާންކަމެއް ލިބުނެވެ. ފިރިހެނެއްގެ އަންނައުނުތައް އެތާ ހުންނަންވީ ސަބަބެއް ފަލަކަށް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. އެ ރޫމް ބުކް ކުރި އިރު އެ ރޫމް ހިފަން އުޅެނީ އޭނައާއި އޭނަގެ ފިރިމީހާއަށްޓަކައި ކަމަށް ބުނެވުނު ހަނދާން އާވިއެވެ.
އެއާއިއެކު ފަލަކްގެ ކޯތާފަތް ރަތްވެ މުޅި މީހާ ހޫނުވެގެން ދިޔައެވެ. ހޮޓެލް މީހުން ވެސް ވިސްނަނީ ހާދަ ލާނެތްކޮށޭ ހިތަށްއެރިއެވެ. އެއާއިއެކު ނޭނގޭ ސަބަބަކާއި ހުރެ ފަލަކަށް ހީލެވުނެވެ. ހޮޓެލް މީހުން އެ ހީކުރާ ގޮތަށްވުމަށް އެވަގުތު އޭނަގެ ހިތުގެ ކަނަކުން އެދުނު ފަދައެވެ.
ފަލަކް އެ ކޮޓަރިން ނިކުތީ ރަތް ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައެވެ. ފަހަތަށް ދޫކުރެވިފައިވި އިސްތަށިގަނޑުގައި ގޮށެއް ޖަހަމުން ފަލަކް ވަށައި ހޯދަމުން ދިޔައީ އަފްޒަލް ފެނޭތޯއެވެ.
ގޮށްޖަހައި ނިމުނު ވަގުތު އަފްޒަލް ލައިގެން ހުރި ކަޅުކުލައިގެ ކޯޓު އެނދުމަތީގައި އޮތްތަން ފަލަކްގެ ލޮލުގައި އެޅުމާއިއެކު، ފަލަކްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކުރިމަތިން ފެންނަމުން ދިޔަ ކަހައިލެވިފައިވި ބިއްލޫރި ދޮރުގެ އަނެއްފަރާތުން އަފްޒަލް ފެނުމުން ފަލަކަށް ލަސްލަހުން ދެއަތް ތިރި ކޮށްލެވުނެވެ.
އަފްޒަލް އިނީ ސްވިމިންގް ޕޫލަށް ފައި ބާލައިގެން އިށީނދެގެންކަން ފަލަކަށް އެނގުނެވެ. ލަސްލަހުން އަފްޒަލާއި ގާތްވަމުން ދިޔަދިޔަހެން އަފްޒަލް ލައިގެން ހުރި ހުދުކުލައިގެ އަތްދިގު ގަމީހުގެ އަތުކުރި އޮޅާލެވިފައިވިކަން ފަލަކަށް ފާހަގަވިއެވެ. އަފްޒަލް އިންނާނީ ކަޅުކުލައިގެ ފަޓުލޫނު ފައިކުރި ވެސް އޮޅާލައިގެންކަން ފަލަކަށް ވިސްނައިގަނެވުނެވެ.
ފަލަކަށް ފަސްދީގެން އިން އަފްޒަލާއި ނުހަނު ކައިރި ހިސާބަކަށް ފަލަކަށް ދެވުނުއިރު ވެސް އަފްޒަލަށް ފާހަގަވީ ހެނެއް ހިއެއް ނުވެއެވެ. މާރބަލް ޓައިލްސް މަތިން ފައިވާނަކާއި ނުލައި ފަލަކް އައުމުން ފިޔަވަޅުތަކުގެ އަޑުވެސް އަފްޒަލަށް ނުއިވުނީއެވެ.
އެހިނދު ފަލަކްގެ ސިކުނޑިއަށް ލާނެތް ޚިޔާލެއް ވެރިވިއެވެ. އެ ޚިޔާލުގެ ސަބަބުން ތުންފަތްމަތިން އެ ޒާތުގެ ހިނިތުންވުމެއް ވެސް ކުރެހިގެން ދިޔައެވެ. އެ ހިނދު އޭނަ އަފްޒަލާއި މިފަދަ ސަމާސާއެއް ކުރާހާ ގާތްވެއްޖެތޯ ވެސް ސިކުނޑި ސުވާލުކުރިއެވެ. އެހެނަސް އެވަގުތު ނޭނގޭ ސަބަބަކާއިހުރެ ފަލަކް ސިކުނޑިން ވިސްނާކަށް ބޭނުމެއް ނުވިއެވެ.
އެކަން ޔަޤީންވުމާއިއެކު ފަލަކް ދެވަނަ ވިސްނުމެއް ނެތި އަފްޒަލްގެ ކޮނޑުގައި އަތް އަޅައި ކޮއްޕައިލިއެވެ. އިސާހިތަކު އަފްޒަލްގެ އަނގައިން ނިކުތް ހަޅޭކުގެ އަޑާއިއެކު ފެންތައް ބުރައިގެން ދިޔަ އަޑު އިވިގެން ދިޔައެވެ. އަފްޒަލް ވެއްޓިގެން ދިޔަ ގޮތް ފެނި ހިނދުކޮޅަކަށް ފަލަކްގެ ހިތުގައި ކަންބޮޑުވުމެއް އުފެދުނެވެ. އެހެނަސް މާ ގިނައިރެއް ނުވެ އަފްޒަލް ފެންގަނޑުން މައްޗަށް އަރައިގަންނަމުން ދެއްކި ވާހަކައިން މުޅި މޫޑު ބަދަލުވިއެވެ.
“މި ކުއްޖާގެ ވެސް ކަންތައްދޯ؟” އަފްޒަލް ޕޫލުގައި ކޮޅަށް ހުރެ އަތުގައި ހުރި ބާރު މިނަށް ފަލަކާއި ދިމާލަށް ފެން އުކަން ފެށިއެވެ. އެއާއިއެކު ދެއަތް ދިއްކުރެވުނު ފަލަކަށް ވެސް ހެވެން ފެށިއެވެ.
އަފްޒަލް ހުއްޓުމެއްނެތި ފެން އުކަމުން ފަލަކްގެ ގާތަށް ދިޔައެވެ. ފަލަކް ޕޫލުގެ އެކި ދިމަދިމާލަށް ދަމުން ފެނުން ސަލާމަތް ވާން މަސައްކަތް ކުރިއެއްކަމަކު އެކަން ވީ ބޭކާރެވެ. އަފްޒަލް ސްވިމިންގް ޕޫލުގެ ފާރާއި ހަމަވުމާއިއެކު އެއްވެސް އިންޒާރެއްނެތި ފަލަކްގެ ފައިގައި ހިފައި ދަމައިލިއެވެ. އެއާއިއެކު ފަލަކްގެ ތޫލި އަޑާއިއެކީ ފެންތައް ބުރައިގެން ދިޔަ އަޑު އިވުނެވެ.
އިރުކޮޅެއްގެ ތެރޭގައި ފަލަކް ފެންގަނޑުމަތިން އެރީ ހެމުން ކަމަށް ވިޔަސް ފެން ނޭފަތަށް އެޅުމުގެ ސަބަބުން ކެއްސަން ވެސް ފެށިއެވެ. އެހިނދު ފަލަކްގެ ކުރިމައްޗަށް ވާގޮތަށް ހުރި އަފްޒަލަށް ފަލަކްގެ ދެކޮނޑުގައި ހިފައިލެވުނެވެ.
“އޯކޭތަ؟” އަފްޒަލް އެހެން އަހައިލުމާއިއެކު އިސްޖެހިފައި ހުރި ފަލަކްގެ ކެއްސުން ހުއްޓުމަކަށް އައެވެ. އޭގެ ދެވަނަ ސިކުންތުގައި ފަލަކް އިސްއުފުލައިލުމާއިއެކު ފެނުނު މަންޒަރުން ފަލަކްގެ ހިތުގެ ތެޅުން ދެގުނަ ވިއެވެ.
އަފްޒަލްގެ ރީތި ސޫރަ އެތަނަށް ވެރިވެފައިވި ފަނޑު އައްޔާއިއެކީ ހިޔަނި އެޅިފައިވި ގޮތުން އެ ސޫރަ ފަލަކަށް ފެނުނީ ޖާދުވީ ގޮތަކަށެވެ. އެ އިސްތަށިގަނޑާއި މޫނާއި ތުނބުޅި ވެސް ތެމިފައިވި ގޮތުން ފަލަކަށް އެސްފިޔަ ޖަހައިލުމެއްނެތި އަފްޒަލަށް ބަލަން ހުރެވުނެވެ. ޖެހިލުންވުމެއްނެތި އަފްޒަލްގެ ލޮލަށް ވެސް ނަޒަރު ހުއްޓައިލެވުނު ގޮތުން ފަލަކަށް ޤަބޫލު ކުރަން ވެސް ދަތިވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާއިހުރެ އެ ވަގުތުކޮޅު އެގޮތަށް ދެމިގެންދާން ފަލަކްގެ ހިތް އެދުނެވެ.
އަފްޒަލް ވެސްވީ ހަމަ އެފަދަ ޙާލެއްގައެވެ. އެ މާޙައުލުގައި އަފްޒަލަށް ފަލަކް ފެންނަމުން ދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ކުރިން ވެސް ފަލަކްގެ ސޫރަ އޭނައަށް އެހާ ރީތިއިރު އެވަގުތު ފަލަކް ލައިގެން ހުރި ހެދުމާއި، ފަލަކާއި އޭނައާއި ދެމެދު ހުރި ގާތްކަން ފާހަގަވެ، އަފްޒަލް އާޝޯޚުވާ ގޮތްވިއެވެ. ފަލަކްގެ ތެމިފައިވާ އެސްފިޔަތަކުގެ ދަށުން ފެންނަމުން ދިޔަ ފުން ލޮލަށް ނަޒަރު ހުއްޓައިގެން ފުދޭވަރަކަށް ވަގުތު ވަންދެން އަފްޒަލަށް ވެސް ހުރެވުނެވެ. އެހެނަސް ވަކި ހިސާބަކުން އަފްޒަލަށް ފަލަކްގެ ކޯތާފަތަށް ބަލައިލެވުނީ، ފަލަކްގެ އިސްތަށިގަނޑުން، އިސްތަށިކޮޅެއް އެ ކޯތާފަތަށް އެޅިފައި ހުރި މަންޒަރު ފެނުމުންނެވެ. އެހިނދު އަފްޒަލަށް ލަސްލަހުން އޭނަގެ ކަނާތް އަތް ހިއްލައިލަމުން އެ އިސްތަށިކޮޅު ދުރުކޮށްލެވުނީ، ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އެ ޙަރަކާތް ގެނައުމަށްފަހު އަފްޒަލަށް އޭނަގެ ނަޒަރު އެހެން ދިމަދިމާލަށް ހިންގެން ފެށިއެވެ. ފަލަކްގެ ފިޔާތޮށި ކުލައަށްދާ މަޑު ތުންފަތުން ފެށިގެން ފަލަކްގެ ކަނދުރާއާއި ހަމައަށެވެ. އެވަގުތު އަފްޒަލަށް ކުރެވެން ފެށީ ކޮން ކަހަލަ ޚިޔާލުތަކެއްކަން އެނގުންވުމާއިއެކު، ހަމަހޭވެރިކަމެއް ލިބުނު އަފްޒަލަށް ފަލަކްގެ ގައިން ދޫކޮށްލެވުނީ ކުއްލި ގޮތަކަށެވެ. އޭނައާއި ފަލަކްގެ ދެމެދުގައި އަދި އޮތީ އެފަދަ ގުޅުމެއް ނޫންކަން އޭނަގެ ސިކުނޑި ހަނދާން ކޮށްދިން ފަދައެވެ.
އަފްޒަލް ކުއްލި ގޮތަކަށް އޭނަގެ ކޮނޑުން ދޫކޮށްލުމުން ފަލަކަށް އެއްފަހަރު އޭނަގެ ކޮނޑަށް އަނެއްފަހަރު އަފްޒަލަށް ބަލައިލެވުނެވެ. ދެންމެ ކަންތައް ވާން އުޅުނު ގޮތާއިމެދު އޭނައަށް ކުރެވުނު އިޙްސާސެއް ނަގައިގަންނަން ފަލަކަށް ދަތިވިއެވެ. އެނގުނުހާ ވެސް ކަމަކީ އަފްޒަލް އޭނައާއި ދުރުވުމުން އުފާވި ވަރަށްވުރެ ބޮޑަށް ދެރަވި ކަމެވެ.
“ވަރަށް ރީތި ރެއެއްދޯ؟ ހެހެހެ…..އަހަރެން ހުރީ އަސްލު ނުތެމެން ވެގެންޏޭ. އެކަމަކު ކުއްޖަކު ވެއްޖެއްޔާ ހަމަ މަޖާކޮށްލަން. އަދި އަހަންނަށް ފަތަން އެނގޭކަމެއް ވެސް ނޭނގޭއިރު. އަހަރެން މިތަނަށް ގެނބުނުނަމަ ކީއްކުރާނީ؟” އަފްޒަލް ފަލަކާއި ދުރަށް ހިނގާފައި ގޮސް ޕޫލުގެ ފާރު މައްޗަށް އަރައި އިށީނދެ ސަމާސާ ރާގެއް އެޅުވިއެވެ.
“އޯ ކަމޯން! އެވަރު ވިސްނާފަދޯ އަހަރެން އެކަހަލަ ކަމެއް ކުރާނީ؟ އަހަންނަށް ފަތަން އެނގެއޭ. ދެން ތިކަހަލަ ހޭންޑްސަމް ފިރިހެނަކަށް ފަތަން ނޭނގި ހުރޭތަ؟” ފަލަކް ލާނެތް ހިނިތުންވުމަކާއިއެކީ އެހެން ބުނެ ކުޑަކޮށް ފަތާލަމުން އަފްޒަލް އިން ދިމާލަށް ދިޔައެވެ. އަދި ޕޫލުގެ ފާރާއި ކައިރިވުމުން، މައްޗަށް އަރައި އަފްޒަލާއި ޖެހޭ ނުޖެހޭ ހިސާބުގައި އިށީނެވެ.
ފަލަކްގެ ޙަރަކާތްތައް ހުރި ގޮތުން އަފްޒަލާއި އެއްވަރަށް ފަލަކް ވެސް ޙައިރާންވިއެވެ. މިއީ އޭނަ ފިރިހެނެއްގެ ރީތިކަމަށް މިހާ ހާމަކޮށް ތަޢުރީފުކުރި ފުރަތަމަ ފަހަރެވެ. ތަޢުރީފު ކުރުމަށްފަހު އޭނަ އައިސް އިށީނދެގެން މި އިނީ ވެސް އެ ފިރިހެން މީހާއާއި ހާދަ ގާތުގައެވެ. ދުރުވާން ބޭނުންވެސް ނުވެފައެވެ.
“ހެހެ….އެހާ ހޭންޑްސަމްވީމަތަ މިރޭ އެހާ ގްރޭންޑްކޮށް އެންމެން ކުރިމަތީގަ އަހަންނަށް ލޯބި ހުށަހެޅީ؟” އަފްޒަލް ހިނިތުންވުމެއްގައި ފަލަކަށް ބަލަން އިނދެ ސުވާލުކުރިއެވެ. އެއާއިއެކު ފަލަކްގެ ކޯތާފަތް ރަތްވެގެން ދިޔައެވެ.
“ނޯ! ކޮންމެހެން އެހެންނެއް ނޫނޭ! އެތާނގަ އަހަރެންގެ މަޤާމުގެ ގޮތުން އެކަހަލަ ގޮތަކަށް ވާހަކަ އަނބުރައިލުން ނޫންގޮތެއް ނެތްދޯ؟ އަފްޒަލް އެ ވާހަކަތައް މާ ސީރިއަސްކޮށްތަ ނެގީ؟ ހެހެ..ހެހެހެ…” ފަލަކް ވާހަކަ ދައްކަމުން ޖެހިލުންވުމަކާއިއެކީ ހީލިއެވެ. އެހިނދު އޭނަގެ މޭތެރޭގައި އޮތް ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވަމުން ދިޔައެވެ.
“އެހެންދޯ އެވީ؟ އެކަމަކު އަހަރެން ވަރަށް ބޭނުން މިރޭ ފަލަކްގާތު މި ވާހަކަ ބުނެލަން. އައި ލަވް ޔޫ…” އަފްޒަލް އެހެން ބުނެލީ ފަލަކާއި ހަތަރުކަޅި ހަމަވުމުންނެވެ.
އެހިނދު ފަލަކްގެ ނޭވާ ހުއްޓުނުއިރު، ވިންދުވެސް ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. އަފްޒަލް އެ ބުނެލީ ކިތަންމެ ކުރު ޖުމްލައެއް ކަމަށްވިޔަސް އެ ޖުމްލައިގެ މާނަ ކިހާ ފުންކަން ފަލަކަށް އެވަގުތު އިޙްސާސް ކުރެވުނެވެ. ވަކިން ޚާއްޞަކޮށް އަފްޒަލް މިހާތަނަށް އޭނައާއިމެދު ބެހެއްޓި އޯގާތެރިކަމުގެ ފަހަތުގައި އެ ބަސްތައް ފޮރުވިގެން ވާކަން އެވަގުތު ޔަޤީންވިއެވެ.
“ހެހެ….ހިއެއް ނުކުރަން މިހާ އާދައިގެ ގޮތަކަށް އަހަރެން މި ވާހަކަ ބުނެފާނެކަމަށް. އަބަދުވެސް ބުނަން ބޭނުންވެފަ ހުންނަނީ. އެކަމަކު ރަނގަޅު ވަގުތަކަށް އިންތިޒާރުކުރީ. މިރޭ ފަލަކް އަހަންނަށް ތި ކުރި އިތުބާރުގެ ސަބަބުން އަހަރެންގެ ހިތުގައި ފަލަކަށްޓަކައި އޮތް ޤަދަރު އުފުލިއްޖެ. އެނގޭ އެކަހަލަ ވާހަކައެއް އިވުނީމަ ކިހާ ޝައްކެއް ކުރެވޭނެކަން ވެސް. އެވަގުތު އެ އެންމެންގެ ކުރިމަތީގަ ފަލަކް އަހަންނަށް ޝައްކުކުރިނަމަ އަހަންނަށް ޤަބޫލުވެސް ކުރެވުނީސް. އެކަމަކު ފަލަކް ޚިޔާރު ކުރީ އަހަންނަށް އިތުބާރުކުރަން. އަހަންނަށް އިތުބާރު ކުރީތީ ފަލަކްއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން….” އަފްޒަލް ބުންޏެވެ.
“ކް…ކޮންމެހެން އަފްޒަލްއަށް އިތުބާރުކުރާތީއެއް ނޫންދޯ؟ މީހުންގެ ކުރިމަތީގަ އަހަރެންގެ އިމޭޖްވެސް ހިފެހެއްޓުން މުހިއްމު. އެހެންވެ އެގޮތަށް ވާހަކަ ދެއްކީ…” ފަލަކް އަފްޒަލާއި ނަޒަރު ވަކިކޮށް ދެފަރާތަށް ދެފަރާތަށް ކަޅި ހިންގަމުން ވާހަކަ ދެއްކީ، ޙަޤީޤަތް ފޮރުވަން އުޅޭ ފަދައަކުންނެވެ. އޭނައަށް އެ ދަރަޖައަށް ފިރިހެނަކަށް އިތުބާރު ކުރެވިއްޖެކަން ޤަބޫލުކުރަން ދަތިވެފައިވިއެވެ.
“އިމޭޖް ހިފެހެއްޓިއްޖެދޯ މިހާރު؟ ކީއްވެ އަހަންނާއި މިވަގުތު ސުވާލު ނުކުރަނީ އެކަމާއި ދޭތެރޭ؟” އަފްޒަލް ޙަޤީޤަތުގައި ވެސް އެނގެން ބޭނުންވެފައި އިނދެ އެހިއެވެ. އެއާއިއެކު ފަލަކް ފުން ނޭވައެއް ދޫކޮށްލިއެވެ.
“އަސްލު….އަފްޒަލް ކުރިން ވެސް އެހެން ކުއްޖަކާއި އިންނަން އުޅުނު ވާހަކަ އަފްޒަލްގެ މަންމަ އަހަރެން ކައިރި ބުނި. މާ ގިނަ ތަފްސީލެއް ނުދޭ އެކަމަކު ބުނީ އެ ކުއްޖާ ފަހު ވަގުތު އަފްޒަލް ދޫކޮށްފަ ދިޔައިއްޔޭ. އަފްޒަލަށް އެގޮތަށް ނަހަދައްޗޭ. އެ ދުވަހުއްސުރެ އަހަރެން ހުރީ އަފްޒަލް އަހަންނަށް އެ ވާހަކަ ކިޔައިދޭނެ ދުވަހެއްގެ އިންތިޒާރުގަ. އަހަންނަށް އެ ވާހަކަ އަހަން ނުކެރުނީ އަހަރެން އެ އަންހެން ކުއްޖާއަށް ޙަސަދަވެރިވެގެން އުޅޭހެން އަފްޒަލަށް ހީވެދާނެތީ. އެކަމަކު އަސްލު މިރޭ ދެރަވެސްވި….އަފްޒަލްގެ ދުލުން އެ ވާހަކަ ނުއިވި ހުއްޓާ މާ ދުރު މީހެއް އެ ވާހަކަ ކިޔައިދިނީމަ….”
“އައިމް ރިއަލީ ސޮރީ….ހަމަ ވަރަށް ބޮޑަށް މަޢާފަށް އެދެން މިހާތަނަށް އައިއިރު އެވާހަކަ ކިޔައި ނުދެވި އޮތީތީ. އެކަމަކު މިރޭ ކިޔައިދޭނަން…” އަފްޒަލް އެހެން ބުނުމާއިއެކު ފަލަކަށް އަނެއްކާވެސް އަފްޒަލަށް ބަލައިލެވުނެވެ.
“އެއީ ލީނާ ކިޔާ ކުއްޖެއް. އަހަންނާއި ދިމާވީ ގްރޭޑް 12 ގަ ކިޔަވަމުން ދަނިކޮށް. އޭރުއްސުރެ ލީނާއާއި ރައްޓެހިވެގެން އުޅުނީ. އަހަރެން އަމިއްލައަށް އެދިގެން ގުޅުން ފެށުނީވެސް. އެކަމަކު އަހަރެން ލީނާދެކެ ލޯބިވީ ވަރަށް ލީނާ އަހަރެން ދެކެ ލޯތްބެއް ނުވޭ. އެންމެ ކުރީއްސުރެ ވެސް ލީނާ އަހަންނަށް ވުރެ ބޮޑަށް އެހެން ފިރިހެން ކުދިންނަށް ސަމާލުކަން ދޭކަން އެނގޭ. އެކަމަކު އަހަރެން ލީނާއަށް އިތުބާރު ކުރިން. އުއްމީދު ކުރީ ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް. އެކަމަކު އަހަރުތަކެއް ވޭތުވިއިރު ވެސް ލީނާގެ އެ އުޅުމަށް ބަދަލެއް ނާދޭ. ދެން އަހަންނަށް ހީކުރެވުނީ ލީނާއާއި ކައިވެނި ކުރީމަ ލީނާ އެހެން ފިރިހެން ރައްޓެހިން ދޫކޮށް އަހަންނަށް ސަމާލުކަން ދޭނެކަމަށް. ލީނާ ކައިވެންޏަށް އެއްބަސްވީމަ އަހަރެން ވަރަށް އުފާވި. އެކަމަކު ކައިވެންޏަށްޓަކައި ދެ ޢާއިލާ ބައްދަލުކުރި ރޭ ލީނާ ގެއަކަށް ނާދޭ. އެރޭ އެ ބައްދަލުވުމުގަ ހުއްޓާ އަހަންނަށް އެނގުނީ ލީނާ ފުރަން އުޅޭކަން. އެނގުމާއިއެކު އަހަރެން ދެވުނުހާ ބާރަކަށް އެއާރޕޯޓަށް ދިޔައީ. ދިޔައިރު ލީނާ ކޮންމެވެސް އެހެން ފިރިހެނަކާއިއެކީ ފުރަން ދިޔަތަން ފެނުނީ….”
އަފްޒަލް އެ ބުނެލި ފަހު ބަސްތަކާއިއެކީ ފަލަކްގެ ދެލޯ ބޮޑުވީ ހިނދު ދެބުމަ ވެސް ކައިރިވިއެވެ. އެހިނދު އަފްޒަލް އިސްޖެހިފައި އިން ގޮތުންނާއި، ދެންމެ އެ އިވުނު ވާހަކައިގެ ޒާތުން އެއިން އަފްޒަލަށް ކޮށްފައިވާނެ އަސަރު ފަލަކަށް އިޙްސާސް ކުރެވުނެވެ.
ފަލަކް ވަކި އެއްޗެކޭ ނުބުނެ އިންދާ އަފްޒަލް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ކޮންމެވެސް ސަބަބަކާއި ހެދިދޯ ލީނާ އެގޮތަށް ކަންތައް ކުރާނީ؟ މިއަދާއި ހަމައަށް ވެސް ވިސްނޭ އެކަމާއިމެދު ބައެއްފަހަރު. ލީނާއަށް ކަންތައް ކޮށްދިނުމުގަ އަހަންނަށް ކޮން ކަމެއް ގޯސްކޮށް ކުރެވުނީމަބާއޭ ލީނާ އަހަރެން ދޫކޮށް ދިޔައީ. އަހަރެންގެ ކިބައިގަ ކޮން އުނި ސިފައެއް ހުރެގެން ބާއޭ ލީނާ އަހަރެން ދޫކޮށް ދިޔައީ. އެ ސުވާލާއިމެދު ވިސްނުނީމަ އެކަހަލަ ބައިވަރު އުނި ސިފަތަކާއިމެދު ވިސްނޭ….ބައެއް ފަހަރު ޙައިރާންވޭ ފަލަކް ކަހަލަ ކުއްޖަކު އަހަރެން ޚިޔާރު ކުރީތީ. ހެހެހެ….” އަފްޒަލް އިސްޖެހިފައި އިނދެ ދެރަ ގޮތަކަށް ވާހަކަ ދައްކަމުން ގޮސް ފަލަކަށް ބަލައިލަމުން ހީލިއެވެ.
އެހިނދު ފަލަކަށް އަފްޒަލް ފެނިގެން ދިޔަ ހުވަފެނީ ނަޒަރަކުންނެވެ. އަފްޒަލްގެ އެ ރީތި ލޮލާއި ގަދަ ބުމައެވެ. އެ ފިރިހެންވަންތަ ބައްޓަމަށް ހުރި މޫނާއި އެ ތުނބުޅިއެވެ. އެ އޮމާން ރީތި ތުންފަތެވެ. އަފްޒަލް ދައްކަނީ ކޮން އުނި ސިފަތަކެއްގެ ވާހަކަ ކަމެއް ފަލަކަށް އެއްގޮތަކަށް ވެސް ނުވިސްނެވެ. ފަލަކަށް ވިސްނުނުހާ ވެސް ކަމަކީ އަފްޒަލް ދޫކޮށް ދިޔަ އަންހެން ކުއްޖެއްގެ ބަދުނަސީބުކަމެވެ.
“އަހަންނަށް ނުފެނޭ އަފްޒަލްގެ އުނި ސިފައެއް. ތިއީ އަހަންނަށް ފުރިހަމަ ބައިވެރިއެއް.”
ފަލަކަށް އެހެން ބުނެވުނީ އަފްޒަލްގެ މޫނުން ނަޒަރު ވަކި ކުރުމެއް ނެތިއެވެ. ފަލަކް އެހެން ބުނުމާއިއެކު އަފްޒަލް ފަލަކާއި ހަތަރުކަޅި ހަމަކުރިއެވެ. އެހިނދު ފަލަކަށް ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައި އަފްޒަލާއި ގާތްވެ، އަފްޒަލްގެ ތުންފަތުގައި ބޮސްދެވުނެވެ.
ނުނިމޭ
Jana
December 30, 2023 @ 3:07 am
Salaam kiyuntherin! In Sha Allah mi hisaabun komme dhuvahaku baeh up kuramun dhaanan. Emme fahu baithah Jana athun liyefa hureema type kuran vaguthu nagaane. Ehenveema komme dhuvahaku 1 part In Sha Allah.
Mi vaahaka mihaa bodah lasvegen dhiyaima kiyuntheringe faraathun nihaayathah maafah edhen. In Sha Allah dhen vaahaka thah genesdheynee liye nimmaafa ^_^ <3
mish
December 30, 2023 @ 7:41 am
omggg finallyy <3<3<3
i missed u so much sis
Jana
December 31, 2023 @ 2:29 am
Hehe….Missed you too mish *hugs*
Inaa
December 30, 2023 @ 3:04 pm
Masha Allah thanx v bodah.vaahaka vvvvvvv reethi ♥️♥️♥️♥️
Jana
December 31, 2023 @ 2:30 am
You are most welcome! Alhamdhulillah! 😀
Anonymous
December 31, 2023 @ 1:45 am
Finallyyyyyy 🥰
Jana
December 31, 2023 @ 2:30 am
Yessssssssssss!