ޤަދަރު (ފަންސާސްނުވަވަނަ ބައި)
ފަލަކްގެ ފަރާތުން އައި މެސެޖަށް ބަލަހައްޓައިގެން އިނުމަށްފަހު ޢަބްދުލްޣަފޫރު އެ މެއިލްއަށް ޖަވާބު ފޮނުވުމަށް ‘ރިޕްލައި’ އަށް ފިތައިލިއެވެ. ޖަވާބު ލިޔަން އާ ގޮޅިއެއް ހުޅުވިގެން ދިޔުމުން ޓައިޕް ކުރުމުގެ ބަދަލުގައި ޢަބްދުލްޣަފޫރު އައިޕެޑް މޫނާއި ކައިރި ކޮށްލިއެވެ.
“ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ. ތި ކަމުގަ އަހަރެންގެ އިޢުތިރާޒެއް ނެތް. އެކަމަކު ތި ބިން އެހެން ފަރާތަކާއި ޙަވާލުކުރެވޭ އެއްބަސްވުމަށް އަހަންނަށް ދަޢުވަތު ދޭތި. ކުންފުނި ޙަވާލުކުރެވޭ ފަރާތަށް އަހަރެން ހުށަހަޅަން ބޭނުންވާ ޝަރުޠެއް އެބައޮތް.”
ޢަރަބި ބަހުން ޢަބްދުލްޣަފޫރު އެ ބަސްތައް ކިޔައި ނިމުނުއިރު، އެ މެސެޖު ޢަރަބިން ލިޔެވިއްޖެއެވެ. އެ މެސެޖު އެއްފަހަރު ކިޔައިލުމަށްފަހު ޢަބްދުލްޣަފޫރު އޭތި ފަލަކަށް ފޮނުވައިލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލީ ވެސް ހިތަށް ލިބިފައިވި ބަޔާންކުރަން ދަތި ހިތްހަމަޖެހުމާއި އެކީގައެވެ.
ހިތްހަމަޖެހުނީ އޭނަގެ ކާފަ ދަރި ކަމަށްވާ ފަލަކަކީ ހެޔޮ ވިސްނޭ ކުއްޖަކަށްވީތީވެއެވެ. ފަލަކް ބޮޑުވި ފަހުން އަދި ދުވަހަކުވެސް ފަލަކާއި ދިމާ ނުވިއެއްކަމަކު، ޢަބްދުލްޣަފޫރު ވަނީ އެތައް އަހަރެއް ވަންދެން ފަލަކަށް އެތައް ގޮތަކުން އެހީވެފައެވެ. ފަލަކަށް އެހީވާ ކޮންމެ ފަހަރަކު ޒަހްރާއަށް އެހީވެވޭހެން ޢަބްދުލްޣަފޫރަށް ހީވެއެވެ. އެހެނަސް އެ ހީވާ ހީވުމަކުން ހިތުގައިވާ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ އިޙްސާސަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
އާނއެކެވެ. ޒަހްރާގެ މަރުގެ ޒިންމާ ނަގަންޖެހެނީ އޭނަ ކަމަށް ޢަބްދުލްޣަފޫރަށް ޤަބޫލުކުރެވެއެވެ. ޒޫނާގެ ހިތުގައި ޒަހްރާއާ މެދު ޙަސަދަވެރިކަން އުފެދޭ ގޮތަށް ޢަމަލު ބެހެއްޓީ އޭނަ ކަމަށްވުމުންނެވެ. 4 އަންހެން ކުދިންގެ މެދުގައި ކިތަންމެ ހަމަހަމަވާން މަސައްކަތް ކުރިޔަސް، ޒަހްރާއަށް ޢަބްދުލްޣަފޫރުގެ ހިތުގައި ދެވިފައިވަނީ ޚާއްސަ މަޤާމެކެވެ. އެކުއްޖާއަށް އެންމެ ކުރީއްސުރެ ވެސް ﷲ ދެއްވާފައިވާ ރީތި އަޚްލާޤުގެ ސަބަބުންނެވެ.
އެހެން ކުދިންނަށް ވުރެ ބޮޑަށް ޒަހްރާއަށް ސަމާލުކަން ދެވޭކަން މާ ކުރިން ވެސް ޢަބްދުލްޣަފޫރަށް އިޙްސާސް ކުރެވިފައިވެއެވެ. އެހެންކަމުން އެ ތަބީޢަތާއި ދެކޮޅަށް ދިޔުމަށް ގަދައަޅައި މަސައްކަތް ކުރިއެވެ. ޤަޞްދުގައި ޒަހްރާއާ އެއްވެސް ވާހަކައެއް ނުދައްކައި ހަމައެކަނި އެހެން ކުދިންނާއި ވާހަކަ ދައްކާ ދުވަސްތައް ވެސް ހޭދަކުރިއެވެ. އެހެނަސް ޒަހްރާއަށްޓަކައި ހިތުގައިވާ ލޯތްބަށް ހަމަ ކުޑަވެސް ބަދަލެއް ނާދެއެވެ.
ޒޫނާ، ޒަހްރާގެ ބޮލުގައި ޤަތުލެއްގެ އިލްޒާމް އެޅުވި ދުވަހު، މުޅި ޢާއިލާއާއި ދެކޮޅުވެރިވާން ޢަބްދުލްޣަފޫރުގެ ހިތް އެދުނެވެ. ދެން ތިބި ކުދިން ވެސް ޒަހްރާއާއި މެދު ވާހަކަ ދައްކަމުން ދިޔަ ގޮތުން އެ ހުރިހާ އެންމެންނާއި ދިމާލަށް ހަޅޭއްލަވައި އަނގަ ބަންދުކުރަން ބޭނުންވިއެވެ. އެހެނަސް އެކުދިންނަށްޓަކައި ވެސް ހިތުގައި އޮތް ޙަމްދަރުދީ އިސްކުރިއެވެ. އަދި އެއީ ޒަހްރާގެ ކުށެއް ނޫންކަމަށް އޭނަ ހެކިވާކަން ލޯބިން ބުނެދޭން މަސައްކަތް ކުރިއެވެ. އެހެނަސް ޒުލްފާ އޭގެއިން އެއްވެސް ވާހަކައެއް ޤަބޫލުކުރަން ބޭނުމެއްނުވިއެވެ. ދަރިފުޅު މަރުވުމުން ޒުލްފާގެ ޙާލަތު ގޯސްވެގެން ދިޔަ ގޮތުންވެސް މެއެވެ.
ދުވަސްކޮޅެއް ފަހުން ޒުލްފާ ހިސާބަކަށް ހަމައަކަށް އެޅުމުން، ދަރިފުޅު މަރުވީ މައްސަލަ ކޯޓަށް ހުށަހަޅަން ބޭނުންވިއެވެ. އެހެނަސް އެ ޙާދިސާ ހިނގި ދުވަހު ފުލުހުންނަށް ރިޕޯޓްކޮށް، ތަޙްޤީޤު ކުރެވިފައި ނުވާތީ އެ މައްސަލަ ކޯޓަށް ހުށަހެޅޭ ގޮތެއް ނުވިއެވެ. އަދި އަމުދުން ޔޫސުފްއަށް ދެވުނު ޒަހަރު ފުޅި ވެސް ފަހުން ފެންނަ ގޮތެއް ނުވިއެވެ.
“ހަމަ ޔަޤީނޭ ޒަހްރާ އޭތި އަހަރުމެންނަށް ނުފެންނާނެހެން ނައްތާލީކަން….” ހޭބަލިވެފައިވާ މީހަކުހެން ގޭގެ ބޮޑު ކޮޓަރި އެފުށްމިފުށަށް ޖަހަމުން ދިޔަ ޒުލްފާ ގާތު ޒޫނާ އެހެން ބުނެލިއިރު ޢަބްދުލްޣަފޫރު ވެސް ހުއްޓެވެ. ޢަބްދުލްޣަފޫރު ވީ ނުރުހުމުގައި އެއްޗެކޭ ބުނަން އުޅެނިކޮށް ޒުލްފާ ވާހަކަ ދެއްކިއެވެ.
“ތީނަ ވެސް ކޮންމެހެން ވާހަކަ ދައްކާނެ ކަމެއްނެތް! ތީނަ ވެސް ތިއީ ޒަހްރާގެ އެއްބައި. އެކަން ކުރީ ތި ދެމީހުން ބައިވެގެން ކަމެއް، ތީނަ ކަމެއް ނޫނީ އޭނަ ކަމެއް މަށަކަށް ނޭނގޭ. މަ ކުރިމަތީގަ ތި އަނގަ ނުހުޅުވާތި އެންމެ ދޮގެއް ވެސް ހަދަން. ތި ދެމީހުންނާ ވެސް ވާހަކަ ދައްކާކަށް މަ ބޭނުމެއްނޫން!”
ޒުލްފާގެ ދުލުން އެދުވަހު އިވުނު ބަސްތަކުން ޢަބްދުލްޣަފޫރުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެދުވަހު ޒުލްފާއަށް ނަސޭޙަތްތެރިވުމަށް ޢަބްދުލްޣަފޫރު އެ ފުރުސަތުގެ ބޭނުން ހިފިއެވެ. ޒަހްރާއާއި ޒޫނާގެ ތެރެއިން މައުސޫމް އީ ކާކުތޯ ސާފުކޮށް ދެއްވުމަށް އެދި ދުޢާކުރުމަށް ޢަބްދުލްޣަފޫރު ޒުލްފާ ގާތު ބުންޏެވެ. ޒުލްފާގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭނެ ފަދަ ބަދަލު ހިފުމެއް ޙަޤީޤީ މުޖުރިމަށް ދެއްވާނީ ހަމަ އެކަނި ﷲ ކަން ހަނދާންކޮށްދިނެވެ.
އެ ދުވަސްވަރަކީ މަޖީދުގެ ޚިޔާލު މަތިން ޒަހްރާ މާލެއަށް ބަދަލުވީ ދުވަސްވަރެވެ. ޒަހްރާ މާލެއަށް ބަދަލުވުމުން ޢަބްދުލްޣަފޫރު ޒަހްރާ މަތިން އިންތިހާއަށް ހަނދާންވިއެވެ. ހަނދާންވާތީ ކުރީކޮޅު ނުހަނު ގިނައިން ޒަހްރާއަށް ގުޅައި ހެދިއެވެ. އެހެނަސް ގުޅާ ކޮންމެ ފަހަރަކު ޒަހްރާ ޒުލްފާއާއި ބެހޭ ގޮތުން ސުވާލުކޮށް، ދެރަވާކަން އެނގޭތީ ޢަބްދުލްޣަފޫރު ގުޅައި ހެދުން މަދު ކުރިއެވެ. ޒަހްރާއާ އެކީ ހުރި މަޖީދަކީ ޒަހްރާ ރަނގަޅަށް ބަލަހައްޓާނެ ޒުވާނެއްކަމަށް އިތުބާރު ކުރެވުނީތީވެސްމެއެވެ.
ޢަބްދުލްޣަފޫރު ޒަހްރާއާއި މެދު މާ ބޮޑަށް ފިކުރު ނުކުރަން ނިންމީ އެހާ ހިސާބުންނެވެ. މާލޭގައި ޒަހްރާ އުޅެނީ ކިހާ އުފާވެރިކޮށްކަން އިޙްސާސްވި ހިސާބުން ވެސްމެއެވެ. މި އިޙްސާސްގެ ތެރޭގައި ވަނިކޮށް ޒޫނާ ބިމުގެ މައްސަލައިގެ ޝަކުވާ އޭނަ ގާތު ކުރުމުން ޢަބްދުލްޣަފޫރު ނުރުހުންވާ ގޮތްވިއެވެ.
“އަމިއްލަ ދައްތައާއި މެދު ކުރެވިފައިވާ ގޯސް ކަންތައް މިހާރު މަދީތަ ޒޫނާ؟ ޒޫނާ ހަނދާން ނައްތައިލިޔަސް ބައްޕަ ހަނދާނެއް ނުނެތޭ އެއްވެސް ކަމެއް. ބައްޕައަށް އޮޅުވައެއް ނުލެވޭނެ ޒޫނާއަށް…..ﷲ އަށް ތައުބާވެ، ދެންވެސް ޒަހްރާއަށް މަޢާފަށް އެދި އެ ކޮއްކޮއަށް އިޙްސާންތެރި ނުވާނަންތަ؟”
ޢަބްދުލްޣަފޫރު އެ ސުވާލުތައް ކޮށްލީ، ޒޫނާއަށް ވެސް ހެޔޮ އެދޭ ޙާލުގައެވެ. ސުވަރުގެއިން އެ ދަރިފުޅު ވެސް ފެނުމަށް އެދޭ އެދުމާއި އެކީގައެވެ. އެހެނަސް ޒޫނާ ރުޅިވެރިކަމާއިއެކީ ‘ބައްޕާ’ އޭ ކިޔައިލުމަށްފަހު ބުމަގޮށްޖެހިއެވެ. އަދި އެއްޗެހި ގޮވައިގަންނަން އުޅެފައިވެސް، ޢަބްދުލްޣަފޫރުގެ މޫނުމަތިން ތަފާތެއް ނުފެނުމުން ޒޫނާ އެއްޗެކޭ ނުކިޔައި ޢަބްދުލްޣަފޫރަށް ފަސްދީފައި ދާން ހިނގައިގަތެވެ.
އެ ފަހުން ޒަހްރާގެ ފަރާތުން ލިބުނު ކޯލަކުން، ޒަހްރާގެ އަތުން އެ ބިން ހޯދޭނެ ގޮތަކަށް ޒޫނާ، ޒަހްރާ ހައްލައިފިކަން ޢަބްދުލްޣަފޫރަށް އެނގުނެވެ. އެހިނދު ޒަހްރާއަށްޓަކައި ހިތް އިތުރަށް މަޑުވީ ހިނދު، ޒޫނާއަށް ހެޔޮ ވިސްނުން ދެއްވައި ހިދާޔަތް އިތުރުކޮށްދެއްވުމަށް އެދި ޢަބްދުލްޣަފޫރަށް ދުޢާ ކުރެވުނެވެ.
ޒޫނާއާއި ޒަހްރާގެ މި މައްސަލައަކީ ކުޑަ މައްސަލައެއް ކަމުގައި ދެކިގެން، އޭގެ ދެތިން ދުވަސް ފަހުން ޢަބްދުލްޣަފޫރު މިޞްރަށް ފުރައިގެން ދިޔައީ، ޑޮކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިދިނުމަށެވެ. މައްސަރަކަށް ވަންދެން ދިގުދެމިގެން ދިޔަ އެ ބުރަ ޕްރޮގްރާމްގެ ފަހު ދުވަހު، ޕްރޮގްރާމް ނިންމުމުގެ ރަސްމިޔާތުގައި ހުއްޓާ ޢަބްދުލްޣަފޫރަށް ޒުލްފާގެ ކޯލެއް އައެވެ.
“ބް….ބައްޕާ….ޒަހްރާ…މަރުވެއްޖެ!”
ފޯނުން އިވުނު އެ ބަސްތަކާއިއެކު ލިބުނު ޝޮކުން ރަސްމިއްޔާތުގެ ކުރީ ސަފުގެ ގޮނޑީގައި އިނދެފައި ޢަބްދުލްޣަފޫރަށް ތެދުވެލެވުނެވެ. އެއަށްފަހު ބާރު ހިނގުމެއްގައި އެ ހޯލުން ނިކުމެވުނީ މީހުންގެ ނަޒަރުތަކަށް ވެސް ސަމާލުކަމެއް ދިނުމެއް ނެތިއެވެ.
“ކީކޭތަ ތި ކިޔަނީ ޒުލްފާ؟” ހޯލުން ނިކުމެވުމާއިއެކު ޢަބްދުލްޣަފޫރަށް އަހައިލެވުނެވެ.
“ހަމަ ތެދެއް ބައްޕާ! ދެންމެ އަހަރުމެންނަށް ޚަބަރު ލިބުނީ. ޒަހްރާގެ އަވަށްޓެރިއަކު ޒަހްރާގެ ފޯނުން އަހަރުމެންނަށް ގުޅާފަ ޚަބަރުދިނީ. ހުކުރު ދުވަހު މެންދުރު ވަގުތު ބެލްކަނީއަކުން ވެއްޓި، ކާރުތަކުގަ ޖެހިފަ މަރުވީ…”
ޒުލްފާ ރޮވިފައިވާ އަޑަކުން ދެއްކި ވާހަކައިން އިސާހިތަކު ޢަބްދުލްޣަފޫރުގެ ދެލޯ ބޮޑުވެ، ނޭވާ ވެސް ހުއްޓުނެވެ. ހަމަ އެ ހިނދު އެ ލޮލަށް ކަރުނަތައް ޖަމާވި ހިނދު މޭގައި ތޫނު ރިހުމެއް އުފެދުނެވެ. މިއީ ހަމަ ޙަޤީޤަތެއްތޯ ހިތާހިތުން ސުވާލުކުރެވުނު ހިނދު ޒަހްރާއަށް އޭނަ އެންމެ ފަހުން ގުޅި ދުވަސް ހަނދާނެއް ވެސް ނެތްކަން އެނގުންވިއެވެ. އެއާއިއެކު ތުރުތުރު އަޅާ އަޑަކުން ޒަހްރާ އޮތީ ކޮންތާކުތޯ އަހައި އެތަނުން ނިކުންނަން ދުއްވައިގަތެވެ.
އެ ދުވުން ފެށި ގޮތަށް ހެދުން ވެސް ބަދަލުކުރުމެއް ނެތި ޢަބްދުލްޣަފޫރު ދިޔައީ އެއާރޕޯޓަށެވެ. އަދި މިޞްރުން ރާއްޖެއަށް ފުރަން ދިޔައީ އެ ޤައުމުގައި ހުރި އޭނަގެ މުދަލާއި ފައިސާގެ މަތިން ވެސް ހަނދާން ނައްތާލާފައެވެ. 9 ގަޑިއިރުގެ ދަތުރަކަށްފަހު ޢަބްދުލްޣަފޫރަށް މާލެއަށް ދެވުނުއިރު ޒަހްރާ ވަޅުލެވިއްޖެއެވެ. އޭނަ އަންނަން ދެން ވަޅުނުލާ މަޑުކުރުމަށް ބުނާނެ މީހެއް ވެސް ޢަބްދުލްޣަފޫރަށް ނޭނގުމުންނެވެ. މަޖީދަށް ގުޅަން މަސައްކަތް ކުރުމުން ގުޅާނުލެވުމުންނެވެ.
ޒަހްރާ ވަޅުލެވުނުކަން ޢަބްދުލްޣަފޫރަށް އެނގުނީ، މާލޭ އެއާރޕޯޓުން ދިމާވި ޓެކްސީ ޑްރައިވަރަކާއި ސުވާލުކުރުމުންނެވެ. ޒަހްރާގެ މަހާނަ ހުރި ސަހަރާއަށް މަޖީދު ގެންގޮސްދިނީ އެ ޓެކްސީ ޑްރައިވަރެވެ. ސަހަރާއަށް ގޮސް ޒަހްރާގެ މަހާނަ ކައިރިއަށް ދެވުމާއިއެކު ޢަބްދުލްޣަފޫރަށް ކަކޫ މައްޗަށް ތިރިވެވުނެވެ. އެއަށްފަހު ގަދައަށް ރޮވެން ފެށީ މޭގައިވި ރިހުމަށް ކެތް ނުކުރެވުމުންނެވެ. އޭނަގެ އެންމެ ލޯބިވާ ދަރިފުޅު އެންމެ ފަހު ވަގުތު އޭނައަށް ނުވެސް ފެނި، އޭނައަށް އަލްވަދާޢު ކިޔުނީތީވެއެވެ. އެކަމާއިމެދު ކުށްވެރި ކުރަންވީ އަމިއްލަ ނަފްސު ކަމެއް ނޫނީ އެހެން މީހެއް ކަމެއް ޔަޤީން ނުވުމުންނެވެ.
މަޖީދު އޭނައަށް ގުޅައިލީ އޭގެ އެއްދުވަސްފަހުންނެވެ. ޢަބްދުލްޣަފޫރު އެ ޚަބަރު ދިނުމާއިއެކު އެ ކަނޑު ދަތުރުގައި ހުރެވެސް އެހެން ބޯޓަކަށް އަރައި މަޖީދު ދެ ދުވަސް ފަހުން އަނބުރާ މާލެއަށް އައެވެ. މަޖީދު ފެނުމާއިއެކު ޢަބްދުލްޣަފޫރު މަޖީދު ކުށްވެރިކުރަން ބޭނުންވިއެއްކަމަކު، މަޖީދުގެ ހިތާމަވެރިކަން އެއަށްވުރެ ބޮޑުކަން ޢަބްދުލްޣަފޫރަށް އެނގުނެވެ. މަޖީދު އެއްރޭ އެއްދުވާ ވަންދެން ހުއްޓުމެއްނެތި ރުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއީ ތިމަންނަގެ ކުށެކޭ ބުނެ، އަމިއްލައަށް މަރުވާން ބޭނުންވާ ވާހަކަ ވެސް ބުނަމުން ދިޔައެވެ. އެހެނަސް ޢަބްދުލްޣަފޫރު މަޖީދަށް ނަސޭޙަތްތެރިވިއެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބުނަމުންނެވެ. ފަލަކަށްޓަކައި ނަމަވެސް ހިތްވަރު ކުރުމަށް ބުނަމުންނެވެ.
މަޖީދުގެ ގެ، ޒަހްރާގެ މަރުގެ ތަޙްޤީޤަށް އެދުވަސްވަރު ބަންދު ކުރެވިފައިވުމުން، ޢަބްދުލްޣަފޫރު މަޖީދާއިއެކީ އެ ދުވަސްވަރު ފަލަކާއިއެކީ އުޅެމުން ދިޔައީ ހޮޓަލެއްގައެވެ. އަދި އެ ދެމީހުން ވެސް ކޮންމެ ދުވަހަކު އެ ތަޙުޤީޤު ކުރިއަށް ދާގޮތް ބަލަމުން ދިޔައެވެ.
“އެމީހުން އެ ހަދަނީ ހުސް ދޮގު! ޒަހްރާ އަމިއްލައަށް މަރެއް ނުވާނެ….މަށަށް ޔަޤީން މިއީ ހަމަ ޒޫނާގެ ކަމެއްކަން!”
ފުލުހުންގެ ފަރާތުން އެމީހުންނަށް ސީދަލަށް އިވުނު ވާހަކަ އެދުވަހު ޓީވީގެ ޚަބަރަކުން ވެސް އިވެން ފެށުމުން މަޖީދު ހަރުއަޑުން ބުންޏެވެ. ޒޫނާގެ ނަން އިވުމާއިއެކު ޢަބްދުލްޣަފޫރުގެ މެއަށް ފިނިވިއެވެ.
“ޒް….ޒޫނާއޭ؟ ކީއްވެ ތިހެން ތި ބުނީ؟” ޢަބްދުލްޣަފޫރު މަޖީދުގެ ކައިރީގައި އިނދެ ސުވާލުކުރިއެވެ.
“އަހަރެން މާލޭގަ ހުއްޓާ އޭނަ އައި އަހަރުމެން ކައިރިއަށް. އައިއްސަ އެ ބިމެއް ނުލިބިގެން ޒަހްރާއަށް ކުދި ކިޔުނު. އޭނަ އަނބުރާ ދިޔައީކަމަށް ހީކޮށް އަހަރެން ފުރައިގެން ދިޔައީވެސް. އެ ނޫންނަމަ އަހަރެން ނުދިޔައީސް.” މަޖީދު ކިޔައިދިނެވެ.
މަޖީދު އެ ވާހަކަ ދެއްކި ދުވަހުއްސުރެ ޢަބްދުލްޣަފޫރުގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އޭނަގެ އަމިއްލަ ދަރިންގެ ތެރެއިން އެއްކުއްޖަކު އަނެއްކުއްޖާ މެރީތޯ ހިތް ސުވާލުކުރަން ފެށުމުންނެވެ. މީގެ ކުރިން ވެސް ޒޫނާއާއިމެދު ކުރެވިފައިވާ ޝައްކުގެ ސަބަބުން އެ ސުވާލުގެ ޖަވާބު ޢަބްދުލްޣަފޫރަށް ޔަޤީންވާން ގާތްވެފައިވިއެވެ. އެހެނަސް ދެންވެސް ޤަބޫލުކުރަން ބޭނުމެއް ނުވިއެވެ.
ޒަހްރާގެ މަރުގެ މައްސަލަ ކޯޓުގައި ނިމިގެން ދިޔަ ގޮތާއިމެދު އިޙްސާސް ކުރަންވީ ގޮތެއްވެސް ޢަބްދުލްޣަފޫރަށް ނޭނގުނެވެ. އެ މަރުގެ ފަހަތުގައި މުޖުރިމެއް ނެތް ކަމަށް ނިންމުނީތީ ހިތްހަމަޖެހެންވީ ކަމެއް ނޫނީ އެ މުޖުރިމަށް އަދަބު ނުލިބޭނެތީ ދެރަވާންވީ ކަމެއް ނޭނގުނެވެ. ކޮންމެ ގޮތެއްވިޔަސް ކޯޓު މައްސަލަ ނިމުމާއިއެކު ޢަބްދުލްޣަފޫރު އަބޫދާބީއަށް ފުރައިގެން ދިޔައެވެ. މަޖީދު ވެސް ފަލަކާއިއެކީ ފުރައިގެން ދުބާއިއަށް ދިޔަ ދުވަހެވެ.
ރަށަށް ގޮސް ގޭގެ ދޮރު ހުޅުވިގެން ދިޔުމާއިއެކު ޢަބްދުލްޣަފޫރު ކުރިމަތިލާންޖެހުނީ ރޮވެމުން ދިޔަ ޒުލްފާއާއި ޒައިނާއާއެވެ. ޒަހްރާއަށް އެމީހުން ކިތަންމެ ނުރުހުންވެފައިވިއެއްކަމަކު، ޒަހްރާ ދުނިޔެ ދޫކޮށް ދިޔުމުން އެމީހުންނަށް ފުންކޮށް އަސަރުކޮށްފައިވިއެވެ. އަދި އަމުދުން ޒަހްރާ މަރުވި ދުވަސްވަރު ޒޫނާގެ ޢަމަލުތައް ހުރިގޮތުން ޒަހްރާގެ މައުސޫމްކަން އެމީހުންނަށް އިޙްސާސް ކުރެވުނެވެ.
“ބައްޕަ ފަހަރެއްގަ ނުރުހުންވެދާނެ މިހެން ބުނީމަ އެކަމަކު ޙަޤީޤަތް ވާނީ ޙަޤީޤަތަށް. ޒަހްރާ މަރުވި ދުވަހުގެ ފަހު ދުވަހު ޒޫނާ މާލޭގަ ހުރެފަ މި ރަށަށް އައީ. އަހަރުމެން އެ މަރާއިމެދު ސުވާލުކުރަން ފެށީމަ ޒޫނާ ނުތަނަވަސްވީ. ހަމަ އެދުވަހު ޒޫނާ ފިރިމީހާއާއެކީ ރިޔާޟަށް އަނބުރާ ގޮއްސި. ކޯޓުގަ މައްސަލަ އެ ނިމުނީ ރަނގަޅަކަށް ނޫން ބައްޕާ….” ޒުލްފާ ވާހަކަ ދެއްކިއެވެ.
“ތެދެއް ބައްޕާ….ޒަހްރާއަކީ އަމިއްލައަށް އަމިއްލަ ނަފްސު ޤަތުލުކުރާނެ މީހެއް ނޫން. އާޚިރަތް މަތިން އަބަދު ހަނދުމަ ކުރާ މީހަކު އެހާ ބޮޑު އުރެދުމަކުން ﷲ އަށް ނުއުރެދޭނެ….ޒޫނާއަކީ ބިރުވެރި މީހެއް ބައްޕާ. އަހަރުމެން މި ތިބީ އެ ފަހުން ޒޫނާއަށް ގުޅަން ވެސް ޖެހިލުންވެފަ.” ޒައިނާ ބުންޏެވެ.
ދޮށީ ދެ ދަރިންގެ ފަރާތުން އިވުނު އެ ވާހަކައާއިއެކު ޢަބްދުލްޣަފޫރު ރިޔާޟަށް ދިޔައީ، ޚުދު ޒޫނާ ކުރެން އޭނަ އަމިއްލައަށް ސުވާލު ކުރުމަށެވެ. ރިޔާޟުގައި ހުރި ޒޫނާގެ ފިރިމީހާގެ ގެއަށް ދިޔުމަށްފަހު ޒޫނާއާއި ވަކިން ވާހަކަ ދައްކަން ޢަބްދުލްޣަފޫރު ވަގުތުކޮޅެއް ހޯދިއެވެ.
“ކިހިނެއްވީ ބައްޕާ؟” އެ ގޭގެ ބިއްދޮށުގައި އޮންނަ ބަގީޗާގައި ބައްޕަ ކުރިމަތީގައި ހުއްޓިހުރި ޒޫނާ އެހިއެވެ. ޒޫނާގެ މޫނުމަތިން ނުތަނަވަސްކަމުގެ ކަންފުޅެއް ވެސް ނުފެނުމުން އޭނަ ހީކުރާ ހީކުރުމަކީ ގޯސް ހީއަކަށް ވުމަށް އުއްމީދު ކުރެވުނެވެ.
“ޒަހްރާ މަރުވިކަން ޒޫނާ ދެނަހުރިންތަ؟” ޢަބްދުލްޣަފޫރު އެ ސުވާލުކުރުމާއިއެކު ޒޫނާގެ ނަޒަރު ޢަބްދުލްޣަފޫރުގެ ނަޒަރާއި ވަކިވިކަން ޢަބްދުލްޣަފޫރަށް ފާހަގަވިއެވެ.
“ހޫމް…” ޒޫނާ ކުރު ގޮތަކަށް ބުންޏެވެ. ޒަހްރާ މަރުވީތީ ދެރަވާ ކަހަލަ އެއްވެސް އަސަރެއް އެ މޫނުމަތީގައި ނެތެވެ.
“ޒަހްރާ މަރުވިއިރު ޒޫނާ ހުރީ ކޮންތާކު؟” ޢަބްދުލްޣަފޫރު އެހިއެވެ. ހަމަ އެއާއިއެކު ޒޫނާގެ ބުމަގޮށްޖެހުނެވެ.
“އެއްކަލަ ޒުލްފާމެން ދެއްކި ވާހަކަދޯ ބައްޕަ ވެސް ތި ދައްކަނީ؟ ޒަހްރާ މެރީ އަހަންނޭ ނުބުނަނީސް ތި މީހުންގެ ހިތްހަމަނުޖެހޭނެދޯ ހަމަ؟ ޒަހްރާ މަރުވިއިރު އަހަރެން ހުރީ މާލޭގަ. އެކަމަކު އެއީ އަހަރެން ޒަހްރާ މަރާލި ކަމަށް ބެލެވޭނެ ހެއްކެއް ނޫން! މުޅި ދުނިޔެ އަހަންނާއި ދެކޮޅުވެރިވިޔަސް އަހަރެން އަމިއްލަ ނަފްސު ދިފާޢުކުރާނަން!”
ޒޫނާ ހަރުއަޑުން ބުންޏެވެ. ވާހަކަ ނިމުމާއިއެކު އިސާހިތަކު އެކި ދިމަދިމާލަށް ނަޒަރު ހިންގި ހިނދު ނިތުން ދާތިކިތައް ހިއްލާފައިވިއެވެ. ޒޫނާ ވަނީ ބޮޑު ފާފައެއްކޮށްފައި ކަމާއި، އެކަމާއިމެދު ދޮގު ހަދަނީކަމަށް ޢަބްދުލްޣަފޫރަށް އިޙްސާސް ކުރެވުމުން މޭ ނުބައި ކުރާ ގޮތްވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅެއް ވަންދެން ޒޫނާއަށް ބަލަން ޢަބްދުލްޣަފޫރަށް ހުރެވުނެވެ. އެއަށްފަހު ވާހަކަ ދެކެވުނެވެ.
“އެންމެ ރަނގަޅު. ބައްޕަ ދެން އިތުރަކަށް ޒޫނާއާއި ސުވާލެއް ނުކުރާނަން. ޒޫނާގެ ތި ބަހަށް އިތުބާރުކޮށްފިން. މިއަދަށްފަހު ބައްޕަ ތި ކުދިންނާއިމެދު ކަންތައް ކުރާނީ ހަމަހަމަކޮށް. ޒަހްރާއަށް ބައްޕަ ދީފައިވާ ބިންތައް ބައްޕަގެ ނަމަށް ބަދަލުކޮށްލާނީ. ދެން ހުރި ހުރިހާ މުދަލެއް ﷲ އަންގަވާފައިވާ ގޮތަށް ޢާއިލާ އެންމެންނަށް ބަހާލާނަން. ބައްޕަ ނުއުޅޭނަން ތި ކުދިންގެ ތެރެއިން އެއްވެސް ކުއްޖެއްގެ ގޭގަ. އޭރުން ވެސް ހީވެދާނެ ކަންނޭނގެ ބައްޕަ ވަކި ކުއްޖެއްގެ ގޭގަ މާ ގިނަ ވަގުތޭ ހޭދަކުރަނީ. ތި ހުރިހާ ކުދިން ވެސް ތި ތިބީ އަމިއްލަ ޙަޔާތްތައް ފަށައިގެން. އެހެންވީމަ ބައްޕަ ތި ކުދިން ތި ޙަޔާތްތަކުގަ އުޅެން ދޫކޮށްލާނަން. އެއްވެސް އެހީއެއް ބޭނުމިއްޔާ ބައްޕައަށް ގުޅައިލީމަ އެކަމެއް ފުރިހަމަ ކޮށްދޭނަން އިން ޝާ ﷲ.”
ޢަބްދުލްޣަފޫރު އެ ބުނެލި ބުނެލުމާއިއެކު ހަމަ އެ ދުވަހުވެސް އޭނަ އެ ވަޢުދުވި ގޮތަށް އޭނަގެ ހުރިހާ މުދަލެއް ބަހައިލިއެވެ. ޒަހްރާއަށް ދީފައިވާ ދެ ބިން ފިޔަވައެވެ. އެ ބިންތައް ޒޫނާ އެދޭފަދައިން ޒޫނާއަށް ދީފިނަމަ އެ ވެވެނީ ޒުލްފާއާއި ޒައިނާއަށް ބޭއިންސާފެއްކަން ދަނެގެންނެވެ.
ޒަހްރާގެ ދެބިމުން ކުރެ އަބޫދާބީގައިވާ ބިމުގައި ޢަބްދުލްޣަފޫރު އެޅީ ޔަތީމުންނަށް ޚާއްސަ ސްކޫލެކެވެ. ޒަހްރާގެ ނަމުގައި ހުޅުވި އެ ސްކޫލަށް ޔަތީމު ކުދިންނަށް ހިލޭ ތަޢުލީމު ލިބޭއިރު، ކުށުގެ ވެށިން ނިކުންނަ ޒުވާން މީހުންނަށް ވެސް އަނެއްކާ ކިޔަވަން ފަށައިގަތުމުގެ ފުރުސަތު ފަހިކޮށްދެވެއެވެ. އަދި ﷲ ރުހިވޮޑިގެންވާ ފަދަ ދިރިއުޅުމެއް އުޅުމަށް ތަރުބިއްޔަތު ކުރެވި، އެހީވެދެވެއެވެ. ޢަބްދުލްޣަފޫރަށް މި ޚިޔާލު ލިބުނީ ޚުދު އޭނަގެ ދަރިފުޅު ޒޫނާއާއި މެދު ވިސްނުމުންނެވެ. ޒޫނާ ޙަޤީޤަތުގައި ވެސް ތައުބާވާން ބޭނުންވާ ދުވަހަކުން އެ ތަނަކީ ޒޫނާއަށް ޙައްޤު އަދަބު ލިބުމަށްފަހު ހިޔާވައްސެއް ލިބޭނެ ތަނެއް ކަމުގައި ހެދުމަށެވެ.
ދުބާއިގައިވާ ޒަހްރާގެ ބިން ކިތަންމެ ވަރަކަށް ބޭނުންވިޔަސް ޢަބްދުލްޣަފޫރަށް އެއްވެސް މީހަކަށް ދެވޭ ގޮތެއް ނުވިއެވެ. އެ ބިމާއިމެދު ޒަހްރާ ކޮށްފައިވާ އުއްމީދުތަކުގެ ހަނދާން އާ ވާ ވަރުންނެވެ. އެ ތަނުގައި ހުޅުވާނީ ﷲ ރުހިވޮޑިގެންވާ ފަދަ ގޮތަކަށް ފަހާ ރީތި ހެދުންތައް ވިއްކޭ ތަނެއް ކަމަށް ބުނެފައިވާ ގޮތުންނެވެ. އެހެންކަމުން އެތަން އެފަދަ ވިޔަފާރިއަކަށް ކުއްޔަށް ދެވޭނެ ވާހަކަ އިންޓަނެޓް މެދުވެރިކޮށް އަދި އެ ބިމުގައި ޖަހާފައިވާ ބޯޑަކުން ވެސް އެންގިއެވެ.
މި ކަންތައް ކުރުމަށްފަހު ޢަބްދުލްޣަފޫރު އެކުވެރި ޢަރަބި ޢިމާރާތުން ބޭރަށް ފުރައިގެން ދިޔައީ، އަނބުރާ އެ ޤައުމަށް ނުދާން ނިންމަމުންނެވެ. ޒަހްރާއަށް އިންސާފު ނުލިބެނީސް އޭނައަށް ޒޫނާއާއި ކުރިމަތިލެވޭނެހެން ހީނުވުމުންނެވެ. ޒޫނާ ފެންނައިރު ހިތުގައި އުތުރި އަރާ ޖަޒުބާތުތަކުން ނިކުމެދާނެ އާޚިރު ނަތީޖާއާއިމެދު ބިރުގަތީތީވެއެވެ.
އެހެންކަމުން ޢަބްދުލްޣަފޫރު ލަންޑަނަށް ބަދަލުވެ، ލަންޑަންގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަން ފެށިއެވެ. އެހާ ދުރުގައި އުޅެމުން ކިތަންމެ ބުރަވިޔަސް ޢަބްދުލްޣަފޫރު ކޮންމެ ދުވަހަކު އޭނަގެ 3 އަންހެން ކުދިންނަށް ގުޅައި ޙާލު ބަލައެވެ. އަދި ޢީދު ދުވަސްތަކުގައި އޭނަގެ ކާފަ ދަރިންނަށް ހަދިޔާ ފޮނުވައެވެ. ދަތުރެއް ކުރިއްޔާ އޭނަ ދޭތެރެއަކުން ދަތުރު ކުރަނީ ރާއްޖެއަށެވެ. އެ ދާ ދަތުރަކީ ރާއްޖޭގެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދަތުރަކަށް ވިޔަސް، ޙަޤީޤަތުގައި ރާއްޖެއަށް ދެވެނީ ޒަހްރާއަށް ޒިޔާރަތް ކުރުމަށެވެ. އެހެންކަމުން ރާއްޖެއަށްޓަކައި ހިތުގައި އޮންނަނީ ތަފާތު ލޯތްބެކެވެ. ވަކިން ޚާއްސަކޮށް ރާއްޖެއިން ދިމާވި މަންމައަށް ނުހަނު އޯގާތެރި ޒުވާނަކާއިވެސް ދިމާވި ފަހުންނެވެ.
ކާފަ ދަރިންގެ ތެރެއިން ޢަބްދުލްޣަފޫރަށް އެންމެ ގިނައިން ޚަބަރު ބެލޭ ކުއްޖަކަށް ފަލަކްވިއެވެ. ޒަހްރާގެ ހުރި ހަމައެކަނި ނިޝާނަކީ އެއީ ކަމަށްވާތީވެއެވެ. އަނެއްކާވެސް އޭނައަށް ބޭއިންސާފުން ކަންތައް ކުރެވިދާނެތީ ޢަބްދުލްޣަފޫރު ދެ ތިން ދުވަހު ނޫނީ ފަލަކަށް ހަދިޔާއެއް ވެސް ނުފޮނުވައެވެ. ބަދަލުގައި ފަލަކް ބޭނުންހާ ކަމެއް ފުރިހަމަ ކޮށްދިނުމަށް މަޖީދުގާތު އެދެއެވެ.
ފަލަކް ބޮޑުވަމުން ދަނީ، ބައްޕައާއި ދުރު، ރުޅިގަދަ ކުއްޖެއްގެ ގޮތުގައިކަން އެނގުނު ދުވަހު ޢަބްދުލްޣަފޫރުގެ ހިތަށް އުދަގޫވިއެވެ. އެކަން އެގޮތަށް ވަނީ ފަލަކް މަންމައެއްގެ ލޯތްބާއިނުލާ ބޮޑުވާތީކަމަށް ޢަބްދުލްޣަފޫރަށް ޤަބޫލުކުރެވުނެވެ. މަޖީދު ވެސް އެކަހަލަ ވާހަކައެއް ދެއްކުމުން އެހެން މީހަކާއި އިނުމުގެ ޚިޔާލު ދިނީ ޢަބްދުލްޣަފޫރެވެ.
އެހެނަސް މަޖީދުގެ ކައިވެންޏަށްފަހު ފަލަކް މުޅިން ވެސް ބޭނުންވީ ބައްޕައާއި ދުރުގައި އުޅެންކަން އެނގުންވުމުން ޢަބްދުލްޣަފޫރު އިތުރަށް ދެރަވާ ގޮތްވިއެވެ. ޒަހްރާގެ ދަރިފުޅު ވަނީ މައިންބަފައިންނަށް ވެސް އިޙްތިރާމް ނުކުރާ ކުއްޖަކަށްތޯ ހިތަށްއެރިއެވެ.
18 އަހަރުގެ ޢުމުރަށް އައިއިރު ފަލަކް ޢައުރަ ވެސް ނިވާ ނުކުރާކަން އެނގުމުން ޢަބްދުލްޣަފޫރު އޭނަ އެއްވެސް ދުވަހަކު ބައްދަލުވެސް ނުވާ އެކުއްޖާއަށް ނުރުހުންވާ ގޮތްވިއެވެ. އެހެނަސް ހަމަ އެ ކުއްޖާގެ މެއިލްއެއް އެއްދުވަހު އޭނައަށް ލިބިގެން ދިޔުމުން އެ ކުއްޖާއަށްޓަކައި ހިތުގައި ކުލުނެއް އުފެދުނެވެ.
“އަޅުގަނޑު މިއީ ބުރުގާ ނޭޅިޔަސް މުސްލިމެއް. އަޅުގަނޑު އިސްލާމްދީނަށް އިޙްތިރާމް ކުރަން. އެކަމަކު އަޅުގަނޑަށް ހީވަނީ ބައެއް މުސްލިމް ފިރިހެނުންގެ ސަބަބުން މުސްލިމް އަންހެނުން ވަނީ ނިކަމެތިވެފަހެން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ކުންފުނި މެދުވެރިވެގެން އަންހެނުން ބާރުވެރި ކުރުވަން. އަޅުގަނޑުގެ މަންމަގެ ޒަވާޖީ ޙަޔާތުގަ މަންމަގެ ފުރާނަ ގެއްލިގެން ދިޔަ ފަދަ ޙާލަތްތަކުން އެހެން އަންހެނުން ރައްކާތެރިކުރަން. ތިރީގައި މިވަނީ އަޅުގަނޑުގެ ވިޔަފާރީގެ ޚިޔާލު. އަޅުގަނޑަށް ތިޔަ ބިން ކުއްޔަށް ދެއްވުން އެދި އިޙްތިރާމާއެކު ދަންނަވަން.”
ފަލަކްގެ އެ ބަސްތައް ކިޔަމުން ދިޔަދިޔަހެން ޢަބްދުލްޣަފޫރުގެ ލޮލުން ކަރުނަ ހިލުނެވެ. މަންމަގެ މަރުގެ ސަބަބުން އެ ކުއްޖާއަށް ކޮށްފައިވާ އަސަރާއިމެދު ވިސްނާލެވުމުންނެވެ. އަދި އަމުދުން އެ ކުއްޖާއަށް ހީވަނީ މަންމަ މަރުވީ ގޯސް ޒަވާޖީ ޙަޔާތެއްގެ ސަބަބުންހެން ހީވުމުންނެވެ. އިސާހިތަކު ޢަބްދުލްޣަފޫރު ހުރިހާ ވާހަކައެއް ކިޔައިދޭން ހިތަށްއެރިއެވެ. އެހެނަސް ހެއްކެއް ނެތް ވާހަކައެއް ކިޔައިދޭނެ ގޮތެއް ނުވިސްނުމުން ޚިޔާލު ބަދަލުކުރިއެވެ.
އަދި އޭގެ ބަދަލުގައި ފަލަކަށް އެ ބިން ކުއްޔަށް ދިނެވެ. އަދި ފަލަކަށް ހެޔޮ މަގު ދެއްކެވުން އެދި ތަކުރާރުކޮށް ދުޢާކުރަން ފެށިއެވެ. އެ ދުޢާ ފުރިހަމަކުރުމަށް ޢަމަލެއްގެ ގޮތުން ދީނީ އެތައް ލިޔުންތައް ވެސް ފަލަކަށް ފޮނުވިއެވެ. ޢައުރަ ނިވާކުރުމާއި، އިސްލާމްދީނުގައި އަންހެނުން މާތްކުރައްވާފައިވާ މިންވަރާއި މެދުގައެވެ.
އެހެނަސް ފަލަކް އޭގެއިން އެއްވެސް ލިޔުމެއް ނުކިޔާކަން ޢަބްދުލްޣަފޫރަށް އެނގުނެވެ. ފަލަކް އޭނަ ފޮނުވާ ލިޔުންތަކުގެ ތެރެއިން ޖަވާބުދެނީ ހަމައެކަނި ވިޔަފާރިއާއި ގުޅޭ ލިޔުންތަކަށް ކަމަށްވުމުންނެވެ. މިގޮތުން ފަލަކްގެ ކުންފުނި ކުރިއަރައިގެން ދިޔަދިޔަހެން ޢަބްދުލްޣަފޫރު ދިން ޚިޔާލެއްގެ މަތިން ޒަހްރާގެ ނަމުގައިވާ ތަޢުލީމީ މަރުކަޒަށް ކުންފުންޏަށް ލިބޭ ފައިދާގެ ބައެއް ދޭން ވެސް ފަލަކް އެއްބަސްވިއެވެ.
މީގެ މަސްތަކެއް ކުރިން ފަލަކް ބުރުގާ އެޅި ޚަބަރު ލިބުމާއިއެކު އެންމެ ބޮޑު އުފަލެއް ލިބުނު އެކަކީ ޢަބްދުލްޣަފޫރެވެ. އޭގެ ދުވަސްކޮޅެއްފަހުން މުޅި ކުންފުނި ވެސް ފަލަކް އިސްލާމީ މިންގަނޑަކަށް ބަދަލުކުރުމުން ޢަބްދުލްޣަފޫރު ވީ އުފަލުގައި ޝުކުރުގެ ސަޖިދައެއް ވެސް ކުރިއެވެ. އަދި އެކަމަށްޓަކައި ފަލަކަށް މަރުޙަބާ ކިޔައި، ފަލަކަށް އެ ބިން ހިބައިން ދޭން ބޭނުންވާ ވާހަކަ ބުންޏެވެ. ފަލަކް އެ ހަދިޔާ ޤަބޫލުކުރިއެވެ.
ފަލަކްގެ ކުންފުނީގައި ފަލަކާއި ނުހަނު ގާތުން ޒޫނާގެ ދަރިފުޅު މަހްރީން މަސައްކަތް ކުރާކަން މަހްރީން އެ ކުންފުންޏަށް ވަން ދުވަހުއްސުރެ ވެސް ޢަބްދުލްޣަފޫރަށް އެނގެއެވެ. އެ ދުވަހުއްސުރެ ކުންފުނީގެ ސެކިއުރިޓީގާތު ޢަބްދުލްޣަފޫރު ވަނީ ފަލަކްގެ ރައްކާތެރިކަން ރަނގަޅަށް ބެލެހެއްޓުމަށް އެދިފައެވެ. އެތައް އަހަރެއް ވަންދެން ދެކުދިން އެކުވެރިކަމާއިއެކީ މަސައްކަތް ކުރާ ވާހަކަ އިވިފައިވެސް ޢަބްދުލްޣަފޫރަށް މަހްރީންއަކަށް އިތުބާރު ކުރެވޭ ގޮތެއް ނުވިއެވެ. ޒޫނާ ހުރިހާ ހިނދަކު ޒޫނާގެ ދަހިވެތިކަމުގެ އަސަރު މަހްރީންއަށް ކުރާނެކަން ވިސްނުނީތީވެއެވެ.
މިއަދު ފަލަކްގެ ފަރާތުން ލިބުނު މެއިލް އިން އެކަން ޔަޤީންވެގެން ގޮއްސިއެވެ. އެ ޔަޤީންކަން ދެގުނަވީ މިއަދު ޒުލްފާމެން ގުޅާފައި ފަލަކް އެމީހުންގެ ގެއަށާއި ޒޫނާގެ ގެއަށް ދިޔަ ވާހަކަ އިވުމުންނެވެ. ޒޫނާއާއި ފަލަކް އެއްތަނެއްގައި ތިބި މަންޒަރު ސިފަވުމުން ވެސް ޢަބްދުލްޣަފޫރުގެ ހިތް ބިރުގަތެވެ. އެކަމާއިހެދިއާއި، ފަލަކް މިފަހުން އެނދި ވާހަކަ އިވިފައި ޢަބްދުލްޣަފޫރު ފަލަކާއި ބައްދަލުކުރަން ވެސް ބޭނުންވިއެވެ. މިފަހުން ބަލި ޙާލަތު ހުންނަ ގޮތުން އެކަމަށް ފުރުސަތެއް ނުލިބުނީއެވެ. އެހެނަސް ފަލަކް އެ ބިން މަހްރީންއާ ޙަވާލުކުރާ އެއްބަސްވުމަށް ކޮންމެހެން ވެސް ދާން ޢަބްދުލްޣަފޫރު ނިންމިއެވެ.
“ކޮން ޝަރުޠެއްތޯ؟ އިސްލާމީ މިންގަނޑަކަށް ކުންފުނި ހިންގުންތޯ؟” ޢަބްދުލްޣަފޫރު އެ އިންގޮތަށް އިންދާ ފަލަކްގެ އިތުރު މެއިލްއެއް އައެވެ. އެއާއިއެކު ޢަބްދުލްޣަފޫރަށް ހީލެވުނެވެ.
“އަހަރެން އެތަނަށް ގޮއްސަ ޝަރުޠު ހުށަހަޅާނަން.” ޢަބްދުލްޣަފޫރު އަނެއްކާވެސް މެސެޖު ކިޔައިލުމުން އެ މެސެޖު ލިޔެވުނެވެ. އޭނަ އެ މެސެޖު ފޮނުވައިލި ވަގުތަކީ ‘ނޫރާ ވަޙީދު’ ގެ ފަރާތުން އޭނައަށް މެއިލްއެއް އައި ވަގުތެވެ.
“އެ ނަންބަރަކީ މިއީ. މެސެޖުތަކަކީ މިއީ….” ނޫރާ އެހެން ލިޔެ ފޮނުވާފައިވާ މެއިލް ފެނުމުން ޢަބްދުލްޣަފޫރުގެ ދެބުމަ ކައިރިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ނޫރާ ފޮނުވާފައިވާ ފައިލް ހުޅުވައި މެސެޖުތައް ކިޔަން ފެށި ހިނދު ދެލޯ ބޮޑުވިއެވެ.
ނުނިމޭ
Nae
January 28, 2024 @ 7:26 pm
Salaam
Whn is next part ?