ޤަދަރު (ފަސްވަނަ ބައި)
ގަޑިން 8:10 ވީ ހިނދު އަފްޒަލް ދުއްވަމުން ދިޔަ ކާރު އެއާރޕޯޓާއި ކައިރިވަމުން ދިޔައީއެވެ. އާދައިގެ މަތިން އެއާރޕޯޓުގެ މަލަމަތި ފެންނަން ފެށުމާއިއެކު ނޭވާ ކުރުވާން ފެށިހެން އަފްޒަލަށް ހީވިއެވެ. އެހެނަސް އެ އިޙްސާސްގެ މައްޗަށް ބާރު ފޯރުވުމަށްޓަކައި އަފްޒަލް ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އެއާއިއެކު ބޭރުން އިވެން ފެށި ފްލައިޓްތަކުގެ އަޑާއިއެކީ އަފްޒަލް އަމިއްލަ ނަފްސާއި ބެހޭގޮތުން އާ ވާހަކައެއް އަމިއްލަ ޒަމީރަށް ކިޔައިދޭން ފެށިއެވެ. އޭނަ ޙަޔާތުގައި އެއްފަހަރު ލޯބީގައި ނާކާމިޔާބު ވިޔަސް އަބަދުމެ ނާކާމިޔާބުވަމުން ނުދާނެ ކަމަށެވެ. ހުރިހާ އަންހެން ކުދިންނަކީ އެއްކަހަލަ ބައެއް ނޫންކަމެވެ. ﷲ ގެ އިރާދަފުޅުން، އޭނައަށް ބޭވަފާތެރިވުމުގެ ޚިޔާލެއް ވެސް ނެތި އޭނައަށް ލޯބި ދޭނެ ކުއްޖަކާއި އޭނަ ދިމާވާނެ ކަމަށެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކާއިއެކީ އަފްޒަލަށް ހިނިތުންވެލެވުނެވެ. އެވަގުތު އޭނަގެ އެ ޚިޔާލުތަކަކީ ޙަޤީޤަތެއްކަމަށް އޭނައަށް ޔަޤީނާއި ގާތް ކުރެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. އެތައް އަހަރެއް ފަހުން އޭނަގެ ހިތުގައިވާ ޒަޚަމްތަކަށް އެންމެފަހުން ޝިފާ ލިބުނީތޯ އަފްޒަލްގެ ހިތަށްއެރިއެވެ. އެކަމަށްޓަކައި އޭނައަށް ހިތާހިތުން ޙަމްދު ކުރެވުނެވެ. ދުވަހަކުވެސް އަރައި ނުގަނެވޭނެހެން ހީވާ ހިތާމަތަކުން ވެސް އަރައިގަންނަން އެހީތެރިވެވޮޑިގެންވަނީ ﷲ ކަން ހަނދާން ކުރަމުންނެވެ.
އަފްޒަލް ގޮސް އިންޓަރނޭޝަނަލް ޓާރމިނަލް ކައިރީގައި ހެދިފައި އޮތް ޓެކްސީ ރޮނގުގެ ފަހަތުގައި ޕާކްކޮށްލި ހިނދު ގަޑިން 8:15 ހިނގީއެވެ. އެހިނދު ކާރުގެ ޑޭޝްބޯޑުން ހުޅުވިފައިވާ މެޕުން އޭނަ އިންތިޒާރު ކުރަމުން ދިޔަ ފަރާތް ދަތުރު ކުރަމުން ދިޔަ ފްލައިޓް ޖެއްސިތަން ފެނުނެވެ. އާދެވުނީ ބަރާބަރު ގަޑިއަށްކަން އެނގުންވުމުން އަފްޒަލް ހިތްހަމަޖެހުނެވެ. ލިބިފައިވި ހިތްހަމަޖެހުމާއިއެކީ އެމީހެއްގެ އިސްތިޤްބާލުގައި އެއާރޕޯޓަށް ވަންނަން ވެސް އަފްޒަލްގެ ހިތަށްއެރިއެވެ. އެހެނަސް އެމީހަކަށް އޭނަގެ ސޫރަވެސް ނޭނގޭނެއޭ ހިތައި ޚިޔާލު ބަދަލުކޮށްލިއެވެ.
އަފްޒަލް އުއްމީދުކޮށްގެން އިން ފަދައިން މިނެޓްތަކެއް ވީއިރުވެސް އެމީހެއްގެ ޚަބަރެއް ނުވެއެވެ. އިމިގްރޭޝަން ކައުންޓަރުގައި ގިނައިރު ނަގާނެތާއޭ ހިތައި އިތުރު 5 މިނެޓަށް މަޑުކުރަން އަފްޒަލް ނިންމިއެވެ. 5 މިނެޓް ފަހުން ނައިއްސިނަމަ އެއާރޕޯޓަށް ވަންނަން ހިތާހިތުން ނިންމިއެވެ.
އެ ވިސްނުމުގައި އިންދާ އަފްޒަލްގެ ސަމާލުކަން އެހެން ދިމާލަކަށް ދިޔައީ ކުޑަދޮރުން ބޭރަށް ނަޒަރެއް ދިން ހިނދު މަގުގެ އަނެއް ފަރާތުން ހުދުކުލައިގެ ބުޅަލެއް ދުވެފައި ދިޔަ މަންޒަރު ފެނުނެވެ. ޢާއްމު ގޮތެއްގައި ފެންނަ ބުޅާތަކާއި ބަލާއިރު އެ ބުޅާ ފަލަވެފައި ބޮޑުކޮށް އޮތް ގޮތުން އެއީ ބޭރު ބުޅަލެއްކަން އަފްޒަލަށް ނަގައިގަނެވުނެވެ. ބަލާބެލުމަށް އެއީ މަގުމަތީ ބުޅަލެއް ނޫންކަން ވެސް އަފްޒަލަށް ނަގައިގަނެވުނެވެ. އެއާރޕޯޓު ތެރެއިން ނިކުތް ބޭރު މީހެއްގެ ބުޅަލެއް އަތުން ދޫވެގެން ދިޔައީތޯ އަފްޒަލަށް އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ.
އަފްޒަލް ބަލަބަލާ އިންދާ އެ ބުޅަލުގެ ދުވުން ހިނގުމަކަށް ބަދަލުވިއެވެ. ކާރުގެ ކުޑަދޮރު ތިރި ކުރެވިފައިވުމުން އޭތި ކުޑަކޮށް ރޯލި އަޑުވެސް އަފްޒަލަށް އިވުނެވެ. އެއަށްފަހު އެކި ފަރާތަށް ބަލައިލި ގޮތުން އޭތި ގެއްލުނީތޯ ހިތަށްއެރިއެވެ.
އެކަމާއިމެދު ވިސްނުމުގެ ފުރުސަތެއް އަފްޒަލަށް ލިބުމުގެ ކުރިން ފެނިގެން ދިޔައީ އެ މަގުން ހިނގާފައި ދިޔަ ޒާތެއްގެ ފިރިހެނަކު އެ ބުޅާ ނެގި ތަނެވެ. އަދި ކުޑަކޮށް ދެފަރާތަށް ބަލައިލުމަށްފަހު އަވަހަށް އެތާހުރި ސައިކަލަކަށް އަރައި ދުއްވައިލި މަންޒަރެވެ. އެ ބުޅާ އެ ނެގީ އޭގެ ވެރި ފަރާތްތޯ ހިތަށްއެރި ވަގުތަކީ ކޮންމެވެސް މީހަކު ކާރުގެ ފަހަތު ދޮރު ހުޅުވައިލި އަޑު އިވުނު ހިނދެވެ. ދޮރު ހުޅުވުމާއިއެކު ނޭފަތުގައި ޖެހުނު މީރު ވަހެއްގެ ސަބަބުން އަފްޒަލް ކުޑަކޮށް ހުއްޓުން އަރާ ގޮތްވެސްވިއެވެ. އެ ވަހަކީ އަންހެން ސެންޓެއްގެ ވަހެއްކަން ޔަޤީން ކުރެވުމުންނެވެ. އަދި އޭނަ އެއާރޕޯޓަށް އައީ ހަމަ ޔަޤީނުންވެސް ފިރިހެނަކު ނަގަންކަން ހަނދާންވުމުންނެވެ.
“!ފޮލޯ ދެޓް ބައިކް! ރިއަލް ކުއިކް”
ލައްޕައިލެވުނު ދޮރާއިއެކީ އަންހެން ކުއްޖެއްގެ އަޑު އިވިގެން ދިޔުމާއިއެކު އަފްޒަލަށް ފަހަތަށް ބަލައިލެވުނީ އޭނަގެ ޙައިރާންކަމުގެ މައްޗަށް ބާރު ނުފޯރުވުމުންނެވެ. އެއާއިއެކު އިސާހިތަކު އަފްޒަލްގެ ނޭވާ ކަރުގައި ތާށިވިއެވެ. ފެނިގެން ދިޔައީ އޭނަ އުއްމީދުވެސް ނުކުރާފަދަ ސޫރައަކަށް ވުމުންނެވެ. އެންމެ ފުރަތަމަ ވެސް ސަމާލުކަން ދެވުނު ގަދަ ފެހި ކުލައިގެ ލޮލުން އަފްޒަލް ސިހުރެއްގައި ޖެހުނު ފަދައެވެ. އެއަށްފަހު ހިތުގެ ބައްޓަމަށްވި އެ މޫނާއި ފަންކޮށް އޮތް ކަޅުކުލަގަދަ އިސްތަށިގަނޑެވެ. އޭނައަށް މި ބެލެނީ ބަލަން ނުޖެހޭ ފަދަ މަންޒަރަކަށްކަން އެނގެން އަފްޒަލަށް ސިކުންތުކޮޅެއް ނެގިއެވެ. އެއާއިއެކު އިސާހިތަކު އަނެއްފަރާތަށް އެނބުރިލީ ހިނދު ހިތުގެ ތެޅުން އަވަސްވެފައިވިއެވެ.
ފަހަތު ސީޓުގައި އިން ފަލަކަށް ވެސްވީ އެކަހަލަ ގޮތެކެވެ. ކުރީ ސީޓުން ފެނުނު ސޫރައިން އޭނައަށް ވެސް ބަދަލެއް އައެވެ. ހަތަރެސްކަން ބައްޓަމަށްވި މޫނާއި، އެ ގަދަ ބުމައާއި ރީތި ލޮލަށް ގެއްލިފައި އޭނައަށް ވެސް އިނދެވުނެވެ. ކުއްލި ގޮތަކަށް އެ ސޫރަ އޭނައަށް ފޮރުވިގެން ދިޔުމުން ނޭނގޭ ސަބަބަކާއިހުރެ ހިތަށް އުދަގޫވާ ގޮތްވެސްވިއެވެ. އެކަމާއިހެދި އަމިއްލަ ނަފްސަށް ނަފްރަތު ވެސް ކުރެވުނެވެ. އޭނަގެ މައްޗަށް އެފަދަ ބާރެއް ފޯރުވުމުގެ އިޒުނަ ހިނދުކޮޅަކަށް ނަމަވެސް ފިރިހެނަކަށް ދެވުނީތީވެއެވެ. ޚިޔާލުތައް ހަމައަކަށް އަޅުވަމުން ފަލަކް އެއްޗެކޭ ބުނަން އުޅުނު ތަނާހެން އެ ޑްރައިވަރު ވާހަކަ ދެއްކި އަޑު އިވުނެވެ.
“މިއީ އެހެން މީހަކު ނަގާފައި އޮތް ކާރެއް. މިތާ ކައިރިން އެހެން ކާރެއް ނެގުން އެދެން.” އަފްޒަލް ހުންގާނުގައި ބާރަށް ހިފަހައްޓައިގެން އިނދެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަދަބުވެރިކަމާއިއެކީ ބުންޏެވެ. އެހިނދު ދިވެހިން ވާހަކަ ދެއްކުނީތީ އަފްޒަލަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. ދެންމެ ފެނުނީ ދިވެހި ކުއްޖެއްތޯ ނޫނީ ބޭރު ކުއްޖެއްތޯ ޔަޤީން ނުކުރެވުނީތީވެއެވެ.
“ބަޓް އައި ކާންޓް އެފޯޑް ޓު ވޭސްޓް ޓައިމް! ދެންމެ ކޮންމެވެސް މޮޔައަކު އެތާ ބޭރުގަ އަހަރެންގެ ބުޅާ އޮތްވާ ނަގައިގެން ސައިކަލަކުން ގޮއްސި. ނިކަން އަވަހަށް އެ ކަޅުކުލައިގެ ސައިކަލުގެ ފަހަތުން ގޮސްދީ! މި ކާރު ހިފި މީހަކަށްވުރެ ދެ ގުނައަށް ލާރި ދޭނަން!” ފަލަކަށް ބުނެވުނެވެ. އޭނައަށް އެފަދައިން ވާހަކަ ދެއްކުނީތީ ޚުދު އޭނަ ވެސް ޙައިރާންވާ ގޮތްވިއެވެ. ޢާއްމު ގޮތެއްގައި ފިރިހެނަކު ކަމެއް ކޮށްދޭން އިންކާރު ކޮށްފިނަމަ ފަލަކް ދެވަނަ ފަހަރަކު އެމީހެއްގެ ކައިރިން ނޭދޭނެއެވެ. އެހީ ނުވުމަކީ ފިރިހެނުންގެ ތަބީޢަތްކަން ފަލަކަށް ހިތުގެ އަޑިން ޤަބޫލު ކުރެވިފައިވާތީވެއެވެ. ތަކުރާރުކޮށް އެމީހުން ކައިރިން އެދުމަކީ ވަގުތު ބޭކާރު ކުރުންކަމަށް ޔަޤީން ކުރެވޭތީވެއެވެ. މި ވަގުތުކޮޅުގައި މި ވަނީ ކިހިނެއްތޯ ހިތަށްއެރިއެވެ.
“އޮހް! ހުދުކުލައިގެ ބުޅަލެއްދޯ އެއީ؟” ދެންމެ ފެނުނު މަންޒަރު ހަނދާންވުމުން އަފްޒަލަށް ބުނެވުނެވެ.
“ޔެސް!” ފަލަކަށް ޖަވާބު ދެވުނެވެ.
“އޯކޭ….ތީތި ހޯދަން ހިނގާ…” އަފްޒަލް އެހެން ބުނެ ކާރު ޕާކްކޮށްފައި އޮތް ތަނުން ނެރެ، ކާރު ދުއްވައިލީ، އޭނަގެ ލޯ ކުރިމަތިން ހިނގި ވައްކަމެއް ޙައްލު ނުކޮށްފިނަމަ ޚުދު އޭނައަށް ވެސް ހަމަޖެހުމެއް ނުލިބޭނެތީވެއެވެ.
އެވަގުތު ފަހަތުގައި އިން ފަލަކަށް އިނދެވުނީ އަޖާއިބުވެ އަންތަރީސްވެފައެވެ. ވަމުން ދިޔަ ގޮތް ޤަބޫލުކުރަން ވެސް ދަތިވެފައެވެ. ދާދި ދެންމެއަކު އޭނަ ފިރިހެނެއްގެ ގާތުން އެހީއަށް އެދުމުން އޭނަ އެކަން ކޮށްދޭން ޤަބޫލުވީ ހެއްޔެވެ؟ އަދި އެ ވެސް އޭނަ އެހެން ކަމެއް ކުރަން އޮތްވައެވެ. އަދި ބުޅަލަކީ ގިނަ ފިރިހެނުންގެ ނަޒަރުގައި ހަރު މުދަލަކަށް ނުވާ ހިނދެވެ. ބުޅަލެއް ގެއްލުމަކީ ފިރިހެނުންގެ ނަޒަރުގައި ކުޑަ ކަމަކަށް ވާ ހިނދެވެ.
އަނެއްކާ މި ޒުވާނާ އޭނައަށް ‘އެހީ’ މި ވަނީ އޭނަގެ ފަރާތުން އެހެން ބޭނުމަކަށްތޯ ހިތަށް އެރި ހިނދު ފަލަކްގެ މެއަށް ފިނިވިއެވެ. އެހެންނޫނީ މި ޒުވާނާ އޭނައަށް އެހީވެދޭން އެއްބަސްވީ އޭނަ ދެގުނަ ލާރި ދޭން ބުނުމުންތޯ ހިތަށްއެރިއެވެ. އެހެނަސް….
“ވަޢަލައިކުމުއްސަލާމް ނަވީދު….ކިހާ ހިސާބެއްގަތަ ތިއުޅެނީ؟” އަފްޒަލް ވާހަކަ ދެއްކީ ކާރުގެ ޑޭޝްބޯޑް މެދުވެރިކޮށް އޭނަ ގުޅައިލި އެކުވެރިޔާއާއެވެ.
“މިހާރު ދަތުރެއް ލިބޭތޯ އެއާރޕޯޓާއި ދިމާލަށް މިދަނީ…” އެކޮޅުން ޖަވާބުދިން ނަވީދުގެ އަޑު މުޅި ކާރަށް އިވުނެވެ.
“ދެޓްސް ގްރޭޓް! އަޅެ ނިކަން އެއާރޕޯޓަށް އައިއްސަ ޑޮކްޓަރ ހުސާމް ޢަބްދު ﷲ ނަމަކަށް ކިޔާ މީހަކު ނަގާލަ ދެއްޗޭ. ވިދާދު ބުނެގެން އަހަރެން އެއާރޕޯޓަށް އައީ އެމީހާ ނަގަން. އެކަމަކު މިހާރު ކުޑަ ކަމެއް ޖެހިގެން އެހެން ދިމާލަކަށް މި ދަނީ.” އަފްޒަލް ވާހަކަ ދެއްކިއެވެ.
“ސުބްޙާނަ ﷲ! ޑޮކްޓަރ ހުސާމް ޢަބްދު ﷲ އޭ؟ އޭނަ އަނބުރައި އަންނަނީތަ؟! ތިއީ ޑްރައިވަރުންނަށް ވަރަށް ބައިވަރު ޓިޕްދޭ މީހެއް. ޑޮލަރުން ޢާއްމު ގޮތެއްގަ ޓިޕް ދޭނީ ވެސް. އަފްޒަލް ހަމަ ތި ދަތުރު ދޫކޮށްލާނީތަ؟”
“ހެހެ….އާނ ދެން މިރޭ މިހެން މި ދިމާވީ. ދެން ބޭއްވީއޭ. ކަމަކު މިއުޅެނީ.” އަފްޒަލް ބުންޏެވެ. އެއާއިއެކު އޭނަގެ އެކުވެރިޔާ އެކޮޅުން އޯކޭ ދިނުމަށްފަހު ފޯނު ކަނޑައިލިއެވެ.
އިވުނު ވާހަކަތަކުން ފަލަކަށް ގަބުވެފައި އިނދެވުނެވެ. މިއީ ފިރިހެނަކު އޭނައަށްޓަކައި ކަމެއް ‘ޤުރުބާން’ ކުރާތަން އޭނައަށް ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟ މި ޒުވާނާ ކޮންމެވެސް ގޮތަކުން އޭނަގެ ފައިދާ ނަގަން އުޅެނީ ހެއްޔެވެ؟ އޭނަ ރީތި އަންހެން ކުއްޖަކަށްވުމުން ގިނައިރު ވަންދެން އެ ކާރުގައި ބައިންދަން ބޭނުންވަނީ ހެއްޔެވެ؟ އެހެނަސް އެހެންވެސް ބުނެވޭކަށް ނެތެވެ. އެ ފުރަތަމަ ނަޒަރަށްފަހު އެންމެ ފަހަރަކު ވެސް އެ ޒުވާނާ ފަސްއެނބުރި އޭނައަށް ބަލައެއް ނުލައެވެ. އަދި އަމުދުން ފަހަތް ފެންނަ ލޯގަނޑުން ފަހަތަކަށް ވެސް ބަލައެއް ނުލައެވެ. އަނެއް މީހެއްގެ ލޮލަށް އެ ލޯގަނޑުން ބަލަމުން ދިޔަ މީހަކީ ފަލަކްއެވެ. އެކަމާއިމެދު ސުވާލުކޮށްފިނަމަ އޭނަ އިންކާރު ކުރާނެ ކަމުގައި ވިޔަސްމެއެވެ.
“އެ ފެންނަނީ ދޯ އެ ސައިކަލު؟” އަފްޒަލް ތަންކޮޅެއް ކުރިން ފެންނަމުން ދިޔަ ސައިކަލަކަށް ޢިޝާރާތް ކުރަމުން އެހިއެވެ. އެއާއިއެކު ހަމަހޭވެރިކަމެއް ލިބުނު ފަލަކް އަވަސްއަވަހަށް ސީދާ ވެލަމުން ބަލައިލިއެވެ.
“ޔް…ޔެސް…” ނޭނގޭ ސަބަބަކާއިހުރެ ފަލަކަށް އޭނަގެ އަޑުވެސް ނެރެން ދަތިވެފައިވިއެވެ.
“އޯ…ކޭ!” އަފްޒަލް ދިގުކޮށް އެހެން ކިޔައިލަމުން ކުއްލި ގޮތަކަށް ސައިކަލުގެ ސްޕީޑް އިހުނަށްވުރެ ބާރު ކޮށްލަމުން ގޮސް ފުރުސަތަކަށް ބަލައި ކުއްލި ގޮތަކަށް ގޮސް އެ ސައިކަލު ކުރިމައްޗަށް ހުރަސް އެޅިއެވެ. ކުއްލި ގޮތަކަށް އެ އައި ބަދަލާއިއެކީ ފަލަކްގެ މޭގަނޑު އަތަށް އައެއްކަމަކު އާދައިގެ މަތިން އޭނައަށް ހަޅޭއްނުލެވެއެވެ. ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލު ވާތް ފަރާތަށް ނަޒަރެއް ދިން ވަގުތު ކާރާއި ދިމާލަށް އަންނަމުން ދިޔަ ސައިކަލު ބުރަކި ޖައްސައިލީއެވެ. މަންޒަރު ފެނި ފަލަކް ދެލޯ މަރައި ތަގުޅިކޮށް ގުދުވެލީ ހިނދު ސައިކަލު ކިރިޔާ ކާރުގައި ނުޖެހި މަޑުކޮށްލީއެވެ. އެހިނދު ކައިރިން އެހެނިހެން ކާރުތަކާއި ސައިކަލުތަކުގެ ބަރުގޮނުގެ އަޑު އިވުނެވެ. އެހެނަސް އަފްޒަލް އެއަށް ފަރުވާލެއްނެތި ކާރުން ފޭބީ އޭނަ ބައްދަލުކުރަން އައި މީހަކާއި ދިމާކުރުމަށެވެ. އަފްޒަލް ކާރުން ފޭބި މަންޒަރު ފެނި، ފަލަކް ވެސް ހަމައަކަށް އެޅެމުން ކާރުން ފޭބިއެވެ.
“މިއީ ބޯ ހަލާކުވެގެން އުޅޭ މީހުންތަ ކާރު ކާރަށް އަރައިގެން ދުއްވަނީ ވެސް؟!” އަފްޒަލް ފެނުމާއިއެކު އެއްކަލަ ސައިކަލުން ފޭބި ފިރިހެން މީހާ ހަޅޭއްލެވިއެވެ. އޭރުވެސް އޭނަގެ އަތުގައި ބުޅާ އޮތެވެ.
“ތި ބުޅާ ތީގެ ވެރިފަރާތާއި ޙަވާލުކޮށްލާ!” އަފްޒަލް އެމީހާގެ ކުރިމައްޗަށް ގޮސް ހުއްޓިލަމުން މަޑުމައިތިރި އަޑަކުން ބުންޏެވެ.
“ކޮން ވެރި ފަރާތެކޭ ކިޔާކަށް؟! ތިއީ ކާކު؟” އެ ޒުވާނާ ހަޅޭއްލެވިއެވެ.
“ސްނޯ!” އެ ވަގުތު ޒުވާނާގެ އަނެއްފަރާތުން އައި ފަލަކް އެހެން ގޮވައިލުމާއިއެކު ސްނޯ ފަލަކާއި ދިމާލަށް ބަލައިލިއެވެ. އިސާހިތަކު ސްނޯ އެމީހާގެ އަތުން ފުންމައިލުމަށްފަހު ދުވެފައި ގޮސް ފަލަކްގެ ކައިރިއަށް ދިޔައެވެ. ފަލަކް ފެނިފައި އެ ޒުވާނާ ހުއްޓުން އަރައިގެން ހުރިތަން ފެނި އަފްޒަލް އިތުރަށް އެ ޒުވާނާއަށް ނުރުހުންވާ ގޮތްވިއެވެ.
“ދެންވެސް އެހެން މީހުންގެ އެއްޗެހި އެމީހުންގެ ހުއްދައާއި ނުލައި ނުނެގިއްޔާ ރަނގަޅުވާނީ. ތި ސައިކަލުގެ ނަންބަރު މިހާރު ވަރަށް ރަނގަޅަށް އެނގޭ…” އަފްޒަލް އެ ޒުވާނާގެ ކޮނޑުގައި އަތް އަޅައި ވާހަކަ ދެއްކީ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް އޭނަގެ ނަޒަރު ފަލަކް ހުރި ދިމާލުން ދުރަށް ގެންދާށެވެ. ޒުވާނާ ވީ ފޫއްސާއިއެކީ ނުބައި ބަހެއް ކިޔައިލަމުން އަފްޒަލްގެ އަތް ފޮޅުވައިފިއެވެ. އެއަށްފަހު ސައިކަލަށް އަރައި ރުޅިވެރިކަމާއިއެކީ ޒޫމް ލައްވައިލަމުން އެތަނުން ދުއްވައިލިއެވެ. ޒުވާނާ ލޯ މައްޗަށް ގެއްލުމުން އަފްޒަލް ފަލަކަށް ބަލައިލިއެވެ.
“އަވަހަށް ކާރަށް އަރާ….މާ ގިނައިރު ވަންދެން ކާރު މިގޮތަށް ނުބޭއްވޭނެ. އަދި އެއާރޕޯޓަށްދޯ ދާންޖެހޭނީ؟ ލަގެޖް ނުނަގާ އާދެވުނީމަ؟” އަފްޒަލް ފަލަކްގެ ކައިރިއަށް ގޮސް އަވަސްއަވަހަށް އަހައިލިއެވެ. އެހިނދު ލަގެޖާއިމެދު ހަނދާންވެސް ނެތިފައިވި ފަލަކަށް ބޯޖަހައިލުން ނޫންކަމެއް ނުކުރެވުނެވެ. އަދި އަފްޒަލް އަވަސްއަވަހަށް ގޮސް ކާރަށް އެރުމުން ފަލަކް ވެސް ގޮސް އަނެއްކާވެސް ފަހަތު ސީޓަށް އެރިއެވެ.
ފަލަކް ހީކުރީ ދެން އެ ކުރާ ދަތުރު މަތީގައި އަފްޒަލް އޭނައާއި ގާތްވާން މަސައްކަތް ކުރާނެ ކަމަށެވެ. އެދުމެއް ނެތި މިހާ ބޮޑު ވެދުމެއް ފިރިހެނަކު ވެދާނެކަމަށް ޤަބޫލުކުރަން އޭނައަށް ދަތިވެފައިވެއެވެ. އެހެނަސް ކާރަށް އެރުމަށްފަހު އަފްޒަލް ކޮށްލީ އެންމެ ސުވާލެކެވެ.
“ބުޅާ ރަނގަޅުތަ؟ އެއްވެސް އަނިޔާއެއް ލިބިފަ އެބަހުރިތަ؟” އަފްޒަލް ކުޑަކޮށް ފަހަތް ބަލާ ލޯގަނޑަށް ނަޒަރުތަކެއް ދެމުން ސުވާލުކުރިއެވެ.
“ހިއެއްނުވޭ…” ފަލަކް ސްނޯއަށް ރަނގަޅު ނަޒަރެއް ދެމުން ޖަވާބުދިނެވެ.
“ނަސީބެއް ތިއީ! މި އުޅޭ ބައެއް މީހުން މި ދުވަސްކޮޅު ކަމަކާ ނުލާ ވެސް ޖަނަވާރުންނަށް އަނިޔާ ކުރޭ. ވީހާވެސް ވަރަކުން މިހާރު ޖަނަވާރުތައް ވެސް ގޭގެ ތެރޭގަ ގެންގުޅެންވީ…” އަފްޒަލް ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީ ބުންޏެވެ. އަފްޒަލްގެ އެ ވާހަކައިން ވެސް ފަލަކް އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ.
ފަލަކަށް ދެންވެސް ހައްތަހާވެސް ފެނިގެން ދިޔައީ އޭނައަށް އޭރުވެސް ނަން ނޭނގޭ އެ ޒުވާނާގެ ހިތްހެޔޮކަމެވެ. އެއާރޕޯޓު ތެރެއިން ޓްރޯލީ ބޭރަށް ގެނެސް އޭނައަށް ފުރުސަތެއް ވެސް ނުދީ އޭގައި ހުރި ސޫޓް ކޭސް ނަގައި ޑިކީއަށް ލައިދިނެވެ. އެއަށްފަހު އަނެއްކާވެސް އޭނަ ދާނީ ކޮން ޢިމާރާތަކަށްތޯ އަހައި އޭނަ ގޮވައިގެން އެ އެޑްރެހަށް ދިޔުމަށް އަވަސްވިއެވެ. އެ ޒުވާނާ އެ ފަދައިން ކަންތައް ކުރީ އޭނައާއި އެކުވެރިވާށޭ ވެސް ބުނެވޭކަށް ނެތެވެ. އެހެނީ ދެން ކުރެވުނު ފަހު ދަތުރު މަތީގައި އަފްޒަލް އޭނައަށް ނުބެލި ތާނގައި އެންމެ ބަހެއް ވެސް ބުނެ ނުލިއެވެ. އެކަމާއިމެދު ފަލަކްގެ ހިތުގައި ޝަކުވާ އުފެދުނު ގޮތުން އަމިއްލަ ނަފްސަށް އެއްޗެހި ގޮވުނެވެ.
ވާހަކަ ދައްކަން ބޭނުންވެގެން ހުރީ ހަމައެކަނި ފަލަކްއެއް ނޫނެވެ. އަފްޒަލް ވެސް ހުރީ ފަލަކާއި ކުރަން ބޭނުންވާ ސުވާލުތައް ގިނަވެފައެވެ. ވަކިން ޚާއްޞަކޮށް ފަލަކް ދާން އުޅޭ އެޑްރެހަކީ އޭނަގެ ރެސްޓޯރެންޓު ހުންނަ ޢިމާރާތަށްވުމުންނެވެ.
ނުނިމޭ
Jana
October 5, 2022 @ 6:35 pm
Salaam readers. Maa lahun dho Jana ah Monday mi aee? *hides* Jana ves hama varah bodah dheravey lasvaathy. Perhaps I’m going through more of writer’s block because of an extended period of stress haha! But its getting better I think.
Ehenveema dhen oiy bai Friday evening ah genesdheynan In Sha Allah. Much love readers! <3 <3 <3
Dhonthi
October 6, 2022 @ 12:15 pm
Assalaamualaikum Jana dhahthaa 😊 kihineii haalu??
Mi part ves varah varah reethi..Masha Allah 😍
Kuri ahh annaane parts thah varah reethi vefa majaa vaane hen heevanee….I am waiting for upcoming episodes..😊
Jana dhahtha ge thi masaii kathugai Allah barakaaii lavvaashi..Aameen
Take care Jana dhahthaa 😊
Jana
October 21, 2022 @ 1:22 am
Wa’alaikumussalaam. Suvaalu kurevunu dhuvahu Jana ge haalu fudheyvarakah rangalhu kanneynge hehe….e fahun anekka balive miulheny. Alhamdhulillah ‘alaa kulli haal ^_^
Alhe majaa tha kuriah ai baithah Dhonthi? *curious* hehe
Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen!
Take care you too, Dhonthi!
Mish
October 6, 2022 @ 3:48 pm
Both of them are😍😍
Story is even more 😍😍
Maasha Allah sis
Love <3<3<3
Jana
October 21, 2022 @ 1:19 am
Dhw Dhw Mish. *__* I’m in love with them too, to be honest. Love you too sis <3