ޤަދަރު (ފަސްދޮޅޮސްވަނަ ބައި)
ބިންމަތީގައި ބެހެއްޓިފައިވާ ދެ ފޮށްޓަށް ނޫރާ އޭނައާއި ނާއިލްގެ ހެދުންތައް އަޅަމުން ދިޔައިރު، ދެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. ނިތުން ދާތިކިތައް ހިއްލާފައިވީއިރު ހިތުގެ ތެޅުން ވެސް އަވަސްވެފައިވެއެވެ. އޭނަ ކުރަން ނިންމައިގެން އުޅޭ ކަންތަކުގެ ބޮޑުކަން ހިތަށާއި ސިކުނޑިއަށް އިޙްސާސް ކުރެވެމުން ދިޔަ ވަރުންނެވެ.
އާނއެކެވެ. އަދުހަމާއި ވަކިވާން ނޫރާ ނިންމައިފިއެވެ. އަދުހަމަކީ އޭނައަށާއި ނާއިލަށް ދުވަހަކުވެސް ހެޔޮ ވާނެ މީހެއް ނޫންކަން މިހާތަނަށް އައިއިރު ނޫރާއަށް ޔަޤީންވެފައިވެއެވެ. އެކަން ޔަޤީނާއި ހިސާބަށް ދިޔައީ، އަދުހަމްގެ ފޯނުން ފެނުނު މެސެޖުތަކުންނެވެ. އަދުހަމް ކޮށްފައިވާ ފާފަތަކުގެ ބޮޑުކަން ފެނިފައި، އެ ފާފަތަކުގެ އަސަރުން އަމިއްލަ ނަފްސާއި ދަރިފުޅު ރައްކާތެރިކުރަން ނޫރާ ނިންމިއެވެ.
އެ މެސެޖުތައް ފެނުނު ދުވަހުއްސުރެ ވެސް ފަލަކާއި އަފްޒަލަށް އެ ވާހަކަތައް އަންގަން ނޫރާގެ ހިތަށްއެރިއެވެ. އެހެނަސް އަފްޒަލާއި ފަލަކް އެހާ ދުރުގައި ތިއްބާ އޭނަ ޙަޤީޤަތް ހާމަކޮށްފިނަމަ، އަދުހަމް ދީފާނެ އަނިޔާއަކާއިމެދު ޖެހިލުންވިއެވެ. އަދުހަމްގެ މަންމައަށް އެ ވާހަކަތައް ކިޔައިދީފިނަމަ މަންމަގެ ޙާލަތު ގޯސްވެދާނެތީ އެ ޚިޔާލު ބަދަލުކުރިއެވެ. އެހެންކަމުން ނޫރާ ހުރީ ޙަޤީޤަތް އެއްވެސް މީހަކަށް ހާމަކުރުމާއިމެދު ޝައްކެއްގެ މަތީގައެވެ.
މިފަދަ ޙާލެއްގައި ވަނިކޮށް ނޫރާގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން އެނދުމަތިކުރަން ޖެހުނެވެ. މަންމަގެ ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވަނީ މީގެ 5 އަހަރު ކުރިން ކަމަށްވުމުން މަންމަ ކޮންމެ ބައްޔެއް ވިޔަސް އެކަމާއިމެދު ނޫރާ ވަރަށް ކަންބޮޑުވެއެވެ. އަދި އެ ފަހުން މަންމަ ބަލިވާ ކޮންމެ ފަހަރަކު އެ ޓްރާންސްޕްލާންޓް ހެދި ޢަރަބި ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޣަފޫރާއި ކޮންމެހެން ވެސް ބައްދަލުކުރެއެވެ. އެ ޑޮކްޓަރަކީ ރާއްޖެއަށް ގިނަގިނައިން ޒިޔާރަތް ކުރާ ޑޮކްޓަރަކަށް ވެސް ވީތީވެއެވެ.
އެހެނަސް އެދުވަހު އެ ޑޮކްޓަރު ރާއްޖޭގައި ނެތް ޚަބަރު އިވުމުން ނޫރާގެ ކަންބޮޑުވުން އިތުރުވިއެވެ. ކޮންމެހެން ވެސް އެ ޑޮކްޓަރާއި ވާހަކަ ދައްކަން ބޭނުންވީތީ ނޫރާ އެ ޑޮކްޓަރު ވީ ހިސާބެއް އިންޓަނެޓުން ފެނޭތޯ މަސައްކަތް ކުރިއެވެ. ‘އަރަބް ޑޮކްޓާރ ޢަބްދުލްޣަފޫރު’ ޖަހައިގެން ސާޗް ކުރުމާއިއެކު އެ ޑޮކްޓަރުގެ ފޮޓޯތަކާއި، ޢަރަބިން ލިޔެވިފައިވާ އެ ޑޮކްޓަރާއި ގުޅޭ ޢަރަބި ލިޔުންތައް ފެނިގެން ދިޔައެވެ. އެ ޑޮކްޓަރާއި ވާހަކަ ދެއްކޭނެ ގޮތެއް ފެނޭތޯ ނޫރާ އޭގެއިން ލިޔުމެއް ހުޅުވައި އެ ޕޭޖު އިނގިރޭސި ބަހަށް ބަދަލުކޮށްގެން ކިޔަން ފެށިއެވެ. މަންމަ ބަލަން އެއްރެއަކު ހޮސްޕިޓަލުގައި އިނދެ ކުރީކޮޅު އެ ލިޔުން މަތިންމަތިން ކިޔުނަސް ފަހުން އައިސް ރަނގަޅަށް ކިޔެން ފެށިއެވެ.
ޑޮކްޓަރ ޢަބްދުލްޣަފޫރަކީ އެންމެ ކުރީއްސުރެ ވެސް އަބޫ ދާބީގެ މަޝްހޫރު ޑޮކްޓަރެއް ކަމާއި، އެ ޑޮކްޓަރުގެ 4 އަންހެން ކުދިން އުޅުނު ކަމެވެ. އޭގެ ތެރެއިން އެއްމާބަނޑު ދެ އަންހެން ކުދިންގެ ތެރެއިން ކުއްޖަކު ރާއްޖެއަށް ނިޔާވެ، ރާއްޖޭގައި ފަސްދާނުލެވިފައިވާ ވާހަކައެވެ. އޭގެ ސަބަބުން އެ ޑޮކްޓަރު މަހަކު އެއްފަހަރު ރާއްޖެއަށް އަންނަ ވާހަކައެވެ. އެ ލިޔުމުގެ ތެރެއިން އެ 4 އަންހެން ކުދިން ފެނިގެން ދިޔުމުން ނޫރާއަށް އެ ފޮޓޯ ގާތުން ބެލުނީ ބޭއިޚްތިޔާރުގައެވެ. އެ އެއްމާބަނޑު ދެބެއިންގެ ސޫރަ ފެނިފައި އެއީ ފަލަކްހެން ހީވުމުންނެވެ. ފަލަކްގެ މަންމަ ވެސް ވަނީ ނިޔާވެފައިކަން ހަނދާންވުމުން މިއީ ފަލަކާއި ގުޅުމެއް ހުރި ބައެއްތޯ ނޫރާގެ ހިތަށްއެރިއެވެ. ހަމަ އެހިނދު އެ ލިޔުމުގެ ތެރެއިން ޑޮކްޓަރަށް މެއިލް ކުރެވޭނެ އައިޑީއެއް ފެނުމުން ނޫރާ އެ މެއިލް ސޭވްކޮށްގެން މެއިލްއެއް ލިޔަން ފެށިއެވެ.
އޭގެ 24 ގަޑިއިރު ތެރޭގައި ނޫރާއަށް ޢަބްދުލްޣަފޫރުގެ ޖަވާބެއް ލިބުނެވެ. އެ ޖަވާބުގައި އޮތީ އޮންލައިންކޮށް ހިލޭވެސް ނޫރާގެ މަންމަ ބަލައިދީފާނެކަމަށް ބުނެފައެވެ. ނޫރާ ވީ އުފަލާއިއެކީ އެ ދުވަހު ހަވީރަށް އޭނަގެ ފޯނުން މަންމަ ކައިރީގައި އިނދެ ޑޮކްޓަރަށް ފޯނު ކުރިއެވެ. އަދި މަންމައަށް ކުރިމަތިވާ އުދަގޫތައް އެވަގުތުން ވަގުތަށް މަންމަ ލައްވާ ކިޔުއްވައި ޑޮކްޓަރުގެ ޖަވާބުތައް ހޯދިއެވެ. މަންމައާއިމެދު ކަންބޮޑުވާންވީ ސަބަބެއް ނެތްކަން ޑޮކްޓަރު ފަރާތުން އެނގުމުން ނޫރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ޑޮކްޓަރ….ޑޮކްޓަރާއި ވާހަކަ ދެއްކީމަ އަބަދުވެސް ހިތަށް ތަސައްލީއެއް ލިބޭ.” ނޫރާ، އޭނަގެ ފޯނަ އަމިއްލަ މޫނާއި ދިމަކުރަމުން ބުންޏެވެ.
“އަލްޙަމްދުލި ﷲ! ދެންވެސް މި ކިޔައިދިން ގޮތަށް މަންމަގެ ކެއުން ދަމަހައްޓައްޗޭ. އޭރުން ތި އުދަގޫތައް ކުރިމަތިނުވާނެ އިން ޝާ ﷲ. އެއްވެސް ކަމެއް ދިމާވިއްޔާ މެއިލްއެއް ފޮނުވާލާ. ފަހަރެއްގަ ވަގުތުން ޖަވާބެއް ނުދެވިދާނެ. އެކަމަކު ވީ ވަރަކުން ދޭނަން އިން ޝާ ﷲ.” ޢަބްދުލްޣަފޫރު ހިތްހެޔޮ ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެ ހިނދު އެ އަޅިކުލައިގެ ލޯމަތިން ފެންނަމުން ދިޔަ އަސަރުން ނޫރާ ހައްތަހާވެސް ހަނދާންވަމުން ދިޔައީ ފަލަކް މަތިންނެވެ.
“ޑޮކްޓާރ ތިއީ….ފަލަކް މަޖީދާއި ތިމާގެ މީހެއްތޯ؟” ނޫރާއަށް ޖެހިލުންވުމަކާއިއެކީ އަހައިލެވުނެވެ. އެހިނދު ޢަބްދުލްޣަފޫރު ހިސާބަކަށް ހުއްޓުން އަރާފައި ހީލިއެވެ.
“ތި ދައްކަނީ ފެމިނިން ޑިޒައިންސްގެ ފަލަކް މަޖީދު ވާހަކަ ކަމަށްވަންޏާ އާނ…މިއީ ފަލަކްގެ ކާފަ.” ޢަބްދުލްޣަފޫރު ހިނިތުންވުމަކާއިއެކީ ބުންޏެވެ. އެއާއިއެކު ނޫރާގެ ދެލޯ ބޮޑުވިއެވެ.
“އަސްލުވެސްތޯ؟!”
“އާނ އަސްލުވެސް….އެކަމަކު މިއީ މާ ގިނަ މީހުންނަށް އެނގޭ ޙަޤީޤަތެއް ނޫން. ފަލަކަށް ވެސް ނޭނގޭނެ ހެހެ….ތި ކުއްޖާއަށް ކިހިނެއް ފަލަކް އެނގެނީ؟”
“ފަލަކަކީ އަހަރެންގެ ޅިޔަނެއްގެ އަނބިމީހާ.”
އެ ބަސްތަކާއިއެކީ ޢަބްދުލްޣަފޫރު ވެސް ޙައިރާންވެ، އިތުރަށް ސުވާލުތަކެއް ކުރިއެވެ.
ނޫރާއަށް ޢަބްދުލްޣަފޫރާއި ގުޅުން ބަދަހި ކުރެވުނީ އެހާ ހިސާބުންނެވެ. އެ ދުވަހުއްސުރެ ނޫރާ ހުރީ އޭނައަށް އަދުހަމްގެ ފޯނުން ފެނުނު މެސެޖުތަކުގެ ޙަޤީޤަތް ޢަބްދުލްޣަފޫރާއި ޙިއްސާކުރަން ބޭނުންވެފައެވެ. އެހެނަސް އެ މެސެޖުތަކުގެ ބިރުވެރިކަމުން ބުނަން ޖެހިލުންވެފައިވިއެވެ.
ނޫރާއަށް އެ ޖެހިލުންވުމުން އަރައިގަނެވުނީ އެންމެ ފަހުން އަދުހަމްގެ ފޯނުން ފެނުނު މެސެޖުތަކުންނެވެ. ފަލަކްގެ ބައްޕަ މަޖީދު ދުނިޔެ ދޫކުރީ މަޖީދު ރާއްޖޭގައި ހުއްޓާ އަދުހަމް ކުރި މަސައްކަތުންކަން އެނގުނު ދުވަހު ނޫރާގެ ވަށައި މުޅި ދުނިޔެ އެނބުރެން ފެށިއެވެ. އެ ދުވަހު ލިބުނު ޝޮކުގައި ނޫރާއަށް ވާހަކަ ދައްކަން ވެސް ނޭނގިފައި ހުރެވުނެވެ. އެހެނަސް ދެ ތިން ދުވަސްފަހުން އެ ޝޮކުން އަރައިގަނެވުމުން ކޮންމެހެން ވެސް ޢަބްދުލްޣަފޫރަށް އެ ޙަޤީޤަތް ހާމަކުރަން ނިންމިއެވެ. ޢަބްދުލްޣަފޫރު ވާހަކަ ދެއްކި ގޮތުން މަޖީދަކީ ވެސް ޢަބްދުލްޣަފޫރަށް ކިހާ މުހިއްމު މީހެއްކަން އެނގޭތީވެއެވެ. މަޖީދު މަރުވީ ބައްޔެއް ޖެހިގެން ނޫންކަމާއި އެކަން ކުރި މީހެއް ވާހެން ހީވާ ވާހަކަ ޢަބްދުލްޣަފޫރު ބުންޏެވެ.
އަދުހަމް ކުރި ކަންތަކުގެ ވާހަކަ ބުނަން ކިތަންމެ ޖެހިލުންވިޔަސް، އެހާ ހިސާބުން ނޫރާގެ ހިތަށް އާ ޢަޒުމެއް ވެރިވިއެވެ. އަދުހަމްގެ ސަބަބުން އޭނަ ދެކެ ލޯބިވާ ފަލަކްގެ ޢާއިލާ މީހުންނަށް އެހާ ބޮޑު ދެރައެއް ލިބިފައިވާނަމަ ހަނު ނުހުންނަން ނޫރާ ނިންމިއެވެ. އެހެންކަމުން އަދުހަމަށް އޮތް ބިރުވެރިކަމުގެ މަތިން ހަނދާން ނައްތައިލަމުން ތިމަންނަ ހާމަ ކުރަން އޮތް ޙަޤީޤަތެއް އެބައޮތް ކަމަށް ޢަބްދުލްޣަފޫރުގާތު ނޫރާ ބުންޏެވެ. ޢަބްދުލްޣަފޫރު ކޮން ވާހަކައެއްތޯ އެހުމުން ހެއްކާއިއެކީ އެ ވާހަކަ ކިޔައިދޭނެކަމަށް ނޫރާ ބުންޏެވެ.
އެ ދުވަހުއްސުރެ ނޫރާ ހުރީ އަދުހަމްގެ މެސެޖުތައް އަމިއްލަ އަތަށް ގެންނާށެވެ. އެހެނަސް އޭގެ ކުރިން އަދުހަމް އެ މެސެޖުތައް ޑިލީޓް ކުރުމުން ނޫރާގެ ގޮތް ހުސްވިއެވެ. އެހެނަސް އެ މެސެޖުތައް އަނބުރާ އިޢާދަ ކުރަން ޒައުލް އެހީވެދިނުމުން އަނެއްކާވެސް ނޫރާގެ ހިތުގައި އުއްމީދު އާލާވިއެވެ.
ނޫރާ އެ މެސެޖުތައް ޢަބްދުލްޣަފޫރަށް ފޮނުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ޢަބްދުލްޣަފޫރު އޭނައަށް ޝުކުރު އަދާކުރިއެވެ. އަދި އަދުހަމް ކަހަލަ މީހަކާއިއެކީ އުޅެން ހެޔޮ ނުވާނެކަމަށް ބުނެ އަދުހަމަށް ވީހާވެސް އަވަހަކަށް ޢަބްދުލްޣަފޫރުގެ ފަރާތުން ފިޔަވަޅު އަޅާނެ ވާހަކަ ޢަބްދުލްޣަފޫރު ބުންޏެވެ.
އެ ފިޔަވަޅު އަޅާނެ ދުވަހަކަށް ނޫރާ ވަނީ އަދުހަމްގެ މަންމަ، މަންމަގެ އެކުވެރިންނާއިއެކީ ރާއްޖެތެރޭގެ ރަށަކަށް ފޮނުވާފައެވެ. އަދުހަމަށް ލިބެން އުޅޭ އަދަބެއް ބަލަން މަންމައަށް ކެތް ނުކުރެވިދާނެތީވެއެވެ. އަފްޒަލް ވެސް ނެތް ޙާލު، މަންމަ ބަލިވެއްޖެނަމަ ބޮޑުވަރުވެދާނެ ކަމުގެ ބިރު ހީވީތީވެއެވެ.
ހެދުންތައް ފޮށްޓަށް އަޅައި ނިންމުމަށްފަހު ނޫރާ ދެ ދަބަހުގެ ވެސް ޒިބު އަޅުވައިލުމަށްފަހު ވަރުބަލި ނޭވައެއް ދޫކޮށްލަމުން ބިންމަތީގައި އިށީނެވެ. އަދި ވޭތުވެދިޔަ 5 އަހަރު ވަންދެން އޭނައާއި އަދުހަމް ޙިއްސާކުރި ކޮޓަރީގެ ވަށައި ނަޒަރެއް ދިނެވެ. އެ ކޮޓަރީގެ ކޮންމެ ކަނަކުން ނޫރާއަށް ފެންނަމުން ދިޔައީ އޭނައަށް ލިބެމުން ދިޔަ އަނިޔާތަކެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ އޭނައާއި ނާއިލްގެ ރުއިމުގެ އަޑެވެ. މިއަދަށްފަހު ދެމައިން އެފަދައިން ރޯން ނުޖެހޭނެ ގޮތެއް ނިންމަން ނޫރާ އިނީ ނުގުޑާ ފަދަ ޢަޒުމެއްގައެވެ.
ނޫރާ އެހެން އިންދާ އެނދުމަތީގައި އޮތް ފޯނު ރިންގުވާ އަޑަށް ނޫރާ ބިމުގައި ކުޑަކޮށް ދެމިލަމުން ގޮސް ފޯނު ނެގިއެވެ. ގުޅަނީ ޒައުލްކަން އެނގި، ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ނޫރާ ދައްތާ މިހާރު ނާއިލް ކުޅެ ނިމިއްޖެ. ބުނީ މަންމަ ކައިރިއަށް ދާން ބޭނުމޯ…” ޒައުލް ބުންޏެވެ.
“އުނހު….އަދިއެއް ނޫން. ނާއިލް ގޮވައިގެންދޭ އޭނަގެ އެކުވެރިން ލުޤްމާންގެ ގެއަށް. އޭރަށް އުފާވާނެ. ދެކުދިން ގޮވައިގެން އައިސްކްރީމަކަށް ވެސް ގޮސްލާ. ދައްތަ ލާރި ޓްރާންސްފާރ ކުރާނަން.” ނޫރާ ބުންޏެވެ. އެއާއިއެކު ޒައުލް ހޫންލައްވައިލަމުން ފޯނު ކަނޑައިލިއެވެ.
**
އެރޭ ދުބާއިގެ ގަޑިން 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު ފަލަކާއި އަފްޒަލް ތިބީ، ދުބާއިގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ‘އަމީލިއާ’ ރެސްޓޯރެންޓުގައެވެ. އެ ރެއަކީ އަފްޒަލާއި ފަލަކް ނުހަނު ބޮޑު މަޤްޞަދަކު މުހިއްމު ބަޔަކާއި މުހިއްމު ވާހަކައެއް ދައްކަން އުޅޭ ރެއަކަށްވުމުން، ރެސްޓޯރެންޓުގައި ހިފާފައިވީ މަތީ ބައިގައި ވަކިން ހުންނަ ބައެއްގައި ހުރި ބޮޑު، ވަށް މޭޒެކެވެ. އަފްޒަލާއި ފަލަކް އިށީނީ އެ މޭޒުގައި ޖެހިޖެހިގެން ހުރި ދެ ގޮނޑީގައެވެ.
“އެމީހުން އެބަ އާދޭތަ؟” އަފްޒަލް އެހިއެވެ.
“މަހްރީން ބުނި ތަންކޮޅެއް ލަސްވާނެ ވާހަކަ. އެކަމަކު ބިމުގެ ވެރި ބޭބެއަށް ތަންކޮޅެއް އަވަހަށް އާދެވޭނެ ކަންނޭނގެ.” ފަލަކް ބުންޏެވެ.
“ތި ބޭބެގެ ނަން ހަމަ އަދިވެސް ނޭނގެނީތަ؟” އަފްޒަލަށް އަހައިލެވުނެވެ.
“އާނއެކޭ….މެއިލްގަ ވެސް އޮންނަނީ ދަ ހެލްޕިންގް ޑޮކްޓާރ އޭ. ބިން ޙަވާލުކުރި ކޮންޓްރެކްޓްގަ އަސްލު ނަން އޮންނާނެ. އެކަމަކު މިހާރު ހަނދާނެއް ނެތް. ހަމަ ދަ ހެލްޕިންގް ޑޮކްޓަރ ގެ ގޮތުގަ އަބަދުވެސް އަހަރެންގެ ސިކުނޑީގަ އެ ބޭބެ ހުންނަނީ. ޢުމުރުން ދުވަސްވީ މީހެއްކަން އެނގުނީ އެއްދުވަހު މެއިލްއެއްގެ ތެރެއިން އެ ވާހަކަ ބުނީމަ.” ފަލަކް ކިޔައިދިނެވެ.
“އެހެންތަ؟ ދަ ހެލްޕިންގް ޑޮކްޓާރ…..ހާދަ އަޑުއެހި ނަމެއްހެން ހީވެއޭ…” އެ ބަސްތަކުން އަފްޒަލްގެ ހަނދާނަށް ކޮންމެވެސް ދުވަހެއް އައެވެ. އެހެނަސް އެއީ ކޮން ދުވަހެއްކަން ސާފު ނުވަނީސް ފަލަކްގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. އިސާހިތަކު ފަލަކް ފޯނު ނަގައި ކަންފަތުގައި ޖެއްސިތަން އަފްޒަލަށް ފެނުނެވެ.
“އާދެ މިއީ ފަލަކް….އަޅުގަނޑުމެން މި ތިބީ އަމީލިއާ ރެސްޓޯރެންޓުގެ މަތީ ބައިގަ. ދަ ހެލްޕިންގް ޑޮކްޓާރގެ ނަން ބުނީމަ މިކޮޅަށް ގެންގޮސްދޭނެ މީހެއް ދޮރު ކައިރީގަ ހުންނާނެ.” ފަލަކް ޢަރަބި ބަހުން ވާހަކަ ދެއްކިއެވެ. އެއަށްފަހު ފަލަކް ލުއި ގޮތަކަށް ހީލަމުން ފޯނު ކަނޑައިލުމުން އެ ދެއްކި ވާހަކައެއް އަފްޒަލް އެހިއެވެ.
“މިހާރު އެބަ އާދޭ އެ ބޭބެ. ކާންޓް ވެއިޓް!” ފަލަކް ފުރިހަމަ ހިނިތުންވުމަކާއިއެކީ ބުންޏެވެ. ފަލަކްގެ މޫނުމަތިން ފެނުނު ޖޯޝުން އަފްޒަލަށް ހީލެވުނެވެ.
މި ވޭތުވެ ދިޔަ ހަފްތާ ތެރޭ އަނެއްކާވެސް ޒޫނާ ދައްތައާ ބައްދަލުކުރަން ޖެހޭތީވެއާއި، މަންމަގެ މަރުގެ ވާހަކަ ދައްކަން ޖެހުނީތީ ފަލަކް ހުރީ ސީރިއަސްކަމުގެ ތެރޭގައެވެ. ޒޫނާ ދައްތަ އައުމުގެ ކުރިން އެ ބައްދަލުވުމަށް ފަލަކް ނުހަނު ލޯބިވާ އެ ބޭބެ އަންނާތީ އަފްޒަލް ވެސް އުފާވާ ގޮތްވިއެވެ.
އިރުކޮޅެއްގެ ތެރޭގައި ފަލަކާއި އަފްޒަލް ތިބި ބައިގެ ދޮރު ހުޅުވިގެން ދިޔަ ތަން ފެނި، ދެމީހުންނަށް ވެސް ތެދުވެލެވުނީ އެކުއެކީގައެވެ. ދެމީހުންނަށް ވެސް އުއްމީދު ކުރެވުނީ ކޮޅަށް ހުރި ފިރިހެނަކު ވަދެގެން އައުމަށެވެ. އެހެނަސް ރެސްޓޯރެންޓުގައި ފަލަކް އޭނަގެ މެހުމާނާއި ބެހޭގޮތުން އެންގި މުވައްޒަފު އެތެރެއަށް އައުމަށް ޢިޝާރާތް ކުރުމާއިއެކު އެ ދޮރު ވަދެގެން އަންނަން ފެށީ ކަރަންޓު ފުރޮޅުލީ ގޮނޑިއެއްގައި ހުރި ދުވަސްވީ ފިރިހެނެކެވެ. އެ ގޮނޑީގެ ފަހަތުން، އެ ފިރިހެން މީހާގެ ސެކްރެޓަރީހެން ހީވާ އިނގިރޭސި ޒުވާނަކު ކޯޓު ފަޓުލޫނުގައި އަންނަމުން ދިޔައެވެ. އެ ދުވަސްވީ ފިރިހެން މީހާ ވެސް ކޯޓު ފަޓުލޫނުގައި ޓައި އަޅައިގެން ހުރި ގޮތުން، އެ ނުރަ ޖަހާފައިވާ ތުނި އިސްތަށިގަނޑާއި ތުނބުޅީގެ އަސަރު ގެއްލުވަމުން ދިޔައެވެ. ބަލާބެލުމަށް ފެންނަމުން ދިޔައީ ހަމަ ޒުވާނެއް ފަދައިންނެވެ.
ކަރަންޓު ގޮނޑީގައި އެ ފިރިހެން މީހާ އަފްޒަލްމެންނާއި ކައިރިވަމުން ދިޔަދިޔަހެން ފަލަކަށް ލުއި ހިނިތުންވުމެއްގައި ހުރެވުނުއިރު އަފްޒަލަށް ހުރެވުނީ ވިސްނުމެއްގައެވެ. އެއީ ކޮންމެވެސް ތަނަކުން އޭނައަށް ފެނިފައިވާ ބޭބެއެއްހެން ހީވުމުންނެވެ.
ޢަބްދުލްޣަފޫރު އޭނަގެ ގޮނޑި ގޮސް މަޑުކޮށްލީ ފަލަކްމެން ތިބި މޭޒާއި ކައިރި ހިސާބެއްގައެވެ. އެއަށްފަހު އޭނަގެ ކައިރީގައި ހުރި ސެކްރެޓަރީ ގާތު އެވަގުތަށް ދިޔުމަށް ބޮލުން ޢިޝާރާތް ކުރިއެވެ. އެއާއިއެކު އެ ޒުވާނާ އެތަނުން ނިކުމެގެން ދިޔުމުން ޢަބްދުލްޣަފޫރު ފަލަކަށް ރަނގަޅު ނަޒަރެއް ދިނެވެ. އެ ސޫރަ ކިތަންމެ ފަހަރުމަތިން އިންޓަނެޓް މެދުވެރިވެގެން ޢަބްދުލްޣަފޫރަށް ފެނިފައިވިޔަސް، އެވަގުތު ހިތަށް ކުރީ ތަފާތު އަސަރެކެވެ. ޒަހްރާގެ ސޫރަ ފަލަކްގެ މޫނުން ފެނުނުއިރު، އެ މޫނުގައި ހުރި ޒަޚަމްތައް ފެނި، ޒަހްރާ ތަޙައްމަލުކުރި ވޭންތަކުގެ މަތިން ހަނދާން އާވިއެވެ.
“އައްސަލާމްޢަލައިކުމް….ދަ ހެލްޕިންގް ޑޮކްޓާރ! އަވަހަށް….މޭޒުކައިރިއަށް ވަޑައިގަންނަވާ.” ފަލަކް ސަލާމް ގޮވައިލަމުން މެހުމާންދާރީ އަދާކުރިއެވެ. އެއާއިއެކު ޢަބްދުލްޣަފޫރު ހީލަމުން ގޮނޑި ދުއްވާފައި މޭޒާއި ކައިރިވެލީ، ފަލަކާއި އަފްޒަލްގެ ކުރިމައްޗަށް ވާގޮތަށެވެ.
“ވަޢަލައިކުމުއްސަލާމް. މި ބޭބެގެ އަސްލު ނަން ފަލަކަށް ބުނެދޭން މިއީ ރަނގަޅު ރެއެއްދޯ؟ އެނގެން ބޭނުންވޭބާ؟” ޢަބްދުލްޣަފޫރު އަފްޒަލަށް ވިސްނައި ވާހަކަ ދެއްކީ ސާފު ރީތި އިނގިރޭސި ބަހުންނެވެ.
“ޔެސް!!!” ފަލަކް ބުންޏެވެ. އެއާއިއެކު ޢަބްދުލްޣަފޫރު އެއްޗެކޭ ބުނަން އުޅުނުތަނާހެން އަފްޒަލްގެ އަޑު އިވުނެވެ.
“ތިއީ ޑޮކްޓަރ ޢަބްދުލްޣަފޫރުތޯ؟!!” އަފްޒަލް އެހެން އަހައިލީ އުޖާލާވެގެން ދިޔަ މޫނަކާއި އެކީގައެވެ. އެއާއިއެކު ޢަބްދުލްޣަފޫރަށް ހީލެވުނެވެ. ވަކިން ޚާއްޞަކޮށް ފަލަކް އޮޅުމެއްގައި އިނދެ އަފްޒަލަށް ބަލައިލި ގޮތުންނެވެ.
“ތި ދިޔައީ ރަނގަޅަށް! ބައެއްފަހަރު ޢާއިލާއަށްވުރެ ބީރައްޓެހިންނަށް އަހަރުމެން މާ ރަނގަޅަށް އެނގޭނެދޯ އަފްޒަލް؟” ޢަބްދުލްޣަފޫރު ބުންޏެވެ.
“އެން؟ އަފްޒަލޭ؟ ޢަބްދުލްޣަފޫރޭ؟ ކިހިނެއްތަ މި ވަނީ؟” ފަލަކް އެއްފަހަރު އަފްޒަލަށް އަނެއްފަހަރު ޢަބްދުލްޣަފޫރަށް ބަލަމުން އެހިއެވެ.
“ލޯބި މިއީ ރާއްޖެއަށް ވަރަށް ގިނައިން ޒިޔާރަތް ކުރާ ވަރަށް މޮޅު ޑޮކްޓަރެއް. މަންމަ ވަރަށް ބޮޑަށް ބަލިވި ދުވަހު މި ޑޮކްޓާރ މަންމަގެ ބައްޔަކީ ކޮބައިކަން ރަނގަޅަށް ދަނެގަތީ. އަދި އަވަސް ފަރުވާއަށް ގެންދިޔައީ. އަހަރެން ވަރަށް އިންސްޕަޔާރވި ދުވަހެއް އެއީ…” އަފްޒަލް ކިޔައިދިނެވެ.
“އަފްޒަލް ވަރަށް ދެރަވެސްވި ދުވަހެއް ނޫންތަ އެއީ. ސްކޮލާރޝިޕްގެ އިންޓަވިއު އޮތް ދުވަހު މަންމަ ބަލިވެގެން ހޮސްޕިޓަލަށް ގޮއްސައެއްނު ހުރީ؟ އެ އަހަރު ނުއެއް ފުރުނުދޯ؟ ފަހުން ދިޔައިންތަ ޑޮކްޓަރުކަން ކިޔަވަން؟” ޢަބްދުލްޣަފޫރު އެހިއެވެ. އެއާއިއެކު އަފްޒަލް އިސްޖެހިއެވެ.
“ނޫނޭ….އެ ފަހުން ވެސް ނުދެވޭ. ކަލިނަރީ އާރޓްސް އަޅުގަނޑު ފަހުން ކިޔެވީ. އަމިއްލަ ރެސްޓޯރެންޓުގަ ކައްކާއެއްގެ ގޮތުގަ އަޅުގަނޑު އުޅެނީ…” އަފްޒަލް ދެރަވެފައި އިނދެ ކިޔައިދިނެވެ.
“ހުމް….ކުޑައިރު ބުނި އެއްޗަކާ ގުޅުވައިގެންތަ އަނެއްކާ ތި ދާއިރާއަށް ތި ވަނީ؟” ޢަބްދުލްޣަފޫރު އެހިއެވެ.
“ކުޑައިރޭ؟” އަފްޒަލް އޮޅުން އެރިއެވެ.
“ހުމް….11 އަހަރުގެ ކުއްޖަކު އަހަންނަށް ދައްކާފަ ބޭސް ގަނެގެން ދިޔައިރު މަންމައަށް ކުދި ކިޔުނީ އަގުބޮޑު ބޭސް ގަންނާތީ. ބުނަމުން ދިޔައީ ޑޮކްޓަރު ބުންޏޭ މޭވާތަކުގަ ވިޓަމިން ސީ ހުންނާނޭ. އެހެންވީމަ އެ ގުޅަ ނުކައި އޯރެންޖު ކެއީމަ ރަނގަޅުވާނެއޭ…” ޢަބްދުލްޣަފޫރު ހަނދާންކޮށްދިނުމުން އަފްޒަލަށް ހީލެވުނެވެ.
“އޮހް! އެއީ ވެސް ޑޮކްޓަރދޯ؟ އަސްލު އެދުވަހަށްފަހު އަހަރެން ޑޮކްޓަރ އަކަށްވާން ބޭނުންވީ. ޑޮކްޓާރ އެހާ އެކުވެރިވެފަ، އެ ބައްޔަށް އެންމެ ރަނގަޅުވާނެ ކާއެއްޗެހި ބުނެދިނީމަ…ހެހެ…”
“އާނ އެއީ މިހާރު ވެސް އަހަރެން ދޭ ނަސޭޙަތެކޭ. އެހެންވީމަ މި ބުނަނީ ތި ދާއިރާއަށް އަފްޒަލް ވަނީ އެހެންވެހޭ. މިފަހުން ލަންޑަންގައިވާ އަހަރެންގެ ޓީމެއް ދިރާސާ އެބަކުރޭ އެކި ބަލިތަކަށް ޚާއްސަ މީލް ޕްލޭންތަކެއް. ތި ކަހަލަ ކުއްޖަކު އެ ޓީމަށް މަދީ…”
“އޮހް! ތިއީ ސަޅި ކަމެއް..”
އަފްޒަލް އެހެން ބުނުމާއިއެކު ފަލަކް އޭނަ އިން ކަން އަންގަން ކަރުކެހިލިއެވެ. އެއާއިއެކު އަފްޒަލާއި ޢަބްދުލްޣަފޫރަށް ފަލަކަށް ބަލައިލެވުނެވެ. އެހެން މީހުންނަށް ބޭއިންސާފުވެވިދާނެތީ ޒަހްރާ ނެތް ކަމަށް ހަދާހެން އޭނައަށް ފަލަކް ވެސް ނެތް ކަމަށް ހެދެނީތާއޭ ޢަބްދުލްޣަފޫރުގެ ހިތަށްއެރިއެވެ.
“ސޮރީ ލޯބި….ރޯލް މޮޑެލްއާ ކުއްލި ގޮތަކަށް ދިމާވީމަ މިކަހަލަ ގޮތެއް ދިމާވެދާނެ.” އަފްޒަލް މަޢާފަށް އެދުނެވެ.
“އާނ އެކަމަކު ހާދަ ޙައިރާނެއް އެބަވެއޭ. އަފްޒަލާއި ތި ބޭބެ އެހާ ގާތްވެފަ އަހަރެން ގާތް ނުވީމަ.” ފަލަކް ބުންޏެވެ.
“ދެމީހުންގެ އޮތީ އަދި މާ ގާތްގުޅުމެކޭ ފަލަކް….” ޢަބްދުލްޣަފޫރު ބުންޏެވެ. އެހިނދު ފަލަކްގެ ދެބުމަ ކައިރިވިއެވެ.
“ކޮން ގުޅުމެއް؟” ފަލަކް އެހިއެވެ.
އެއާއިއެކު ޢަބްދުލްޣަފޫރު ލައިގެން ހުރި ކޯޓުން ފޮޓޯއެއް ނަގައި ފަލަކަށް ދިއްކޮށްލިއެވެ. ފަލަކް އެ ފޮޓޯގައި ހިފައި ބަލައިލިއެވެ. ފޮޓޯގައި ތިބީ ކޮން ބައެއްކަން ޔަޤީންވުމާއިއެކު ފަލަކްގެ ދެލޯ ބޮޑުވިއެވެ.
*ނުނިމޭ
Jana
January 29, 2024 @ 4:44 pm
Salaam readers! Next will be the final episode In Sha Allah. It will be uploaded on Friday <3