ޤަދަރު (ތެއްތިރީސްވަނަ ބައި)
ޤަދަރު (ތެއްތިރީސްވަނަ ބައި)
ޓްރޯލީ ކޮއްޕަމުން އެއާރޕޯޓަށް ވަންނަމުން ދިޔަ ފަލަކްގެ މެއަށް އުދަގުލެއް ވަމުން ދިޔައެވެ. ކަންތައް މިވަނީ ވާންޖެހޭ ގޮތަކަށް ނޫންހެން ހީވަމުން ދިޔައެވެ. އެހެނަސް މިއީ އޭނަ ހާދަ ވަރަކަށް ވިސްނާފައި ނިންމި ނިންމުމެކެވެ. އޭނަ ފުރަން ނިންމީ ކައިވެނީގެ ވާހަކަތަކުން ދުރުވުމަށެވެ. ކައިވެންޏެއްގެ ‘މަޅީގައި’ އޮޅުމަކުން ވެސް ނުޖެހުމަށެވެ. އަދި އަމުދުން އަފްޒަލްގެ އެދުމަށް ޖަވާބެއްދީ، އަފްޒަލްގެ ހިތަށް ވެސް ހަމަޖެހުމެއް ގެނައުމުގެ ނިޔަތުގައެވެ.
އެހެނަސް މިވަގުތު އަފްޒަލްގެ ހިތަށް ހަމަޖެހުމެއް ލިބިފައިވާނެތޯ ފަލަކްގެ ހިތަށްއެރިއެވެ. ހަމަ އެވަގުތު ފަސްއެނބުރި ބަލައިލެވުނެވެ. އެވަގުތު އަފްޒަލަށް އެތާ ހުރެހުރެފައި އޭނައަށް ފަސްދީފައި ހިނގައިގަތީއެވެ. އެހިނދު ފަލަކްގެ ހިތަށް އިތުރު އުދަގުލެއްވިއެވެ. އަފްޒަލް ދެވަނަ ފަހަރަށް އޭނަ ދެކިލަން ވެސް ބޭނުން ނުވީ ހެއްޔެވެ؟
އެ ޚިޔާލުތަކުން ދުރުވާން ގަދައަޅައި މަސައްކަތް ކުރަމުން ފަލަކް ޗެކިން ކައުންޓަރާއި ހަމައަށް ދިޔައެވެ. ފަލަކަކީ ފްލައި ދުބައި އިން ނުހަނު ގިނައިން ދަތުރުކޮށްފައިވާ ޚާއްޞަ ކަސްޓަމަރަކަށްވުމުން، ސްނޯ އަތުން ހިފައިގެން ދިޔުމަށް އޭނައަށް މިފަހަރު ހުއްދަ ލިބިފައިވިއެވެ.
އެހެންކަމުން ބޮޑު ފޮށިތައް ލަގެޖަށް ދޫކޮށްލަމުން ފަލަކް އެއާރޕޯޓު ތެރެއިން ހިނގަމުން ދިޔައީ ސްނޯ އޭނަގެ އަތުން ހިފައިގެންނެވެ. ފަލަކް ޢާއްމު ގޮތެއްގައި ފުރަން އައިސް ކޮންމެވެސް ކާ ތަނަކަށް ވަދެ ކުޑަ ގޮތެއް ހަދާލައެވެ. އެހެނަސް މިއަދު އެކަހަލަ ތަނަކަށް ދާނެ ހިތްވަރެއް ވެސް ފަލަކްގެ ކިބައިގައި ނެތް ފަދައެވެ. ޚިޔާލުތަކަށް ގެއްލި ހުރެ އެއްވެސް މިޞްރާބެއްނެތި ފަލަކް ލަސްލަހުން ހިނގަމުން ދިޔައެވެ.
އަފްޒަލްގެ އެތައް އުފާވެރި ހަނދާނެއް ސިކުނޑިއަށް ވެރިވަމުން ދިޔައެއްކަމަކު، ކަންފަތުގައި ގުގުމަމުން ދިޔައީ އަފްޒަލާއި އޭނަ ދުރުވެގެން ދިޔަ ދުވަސްކޮޅު އެ ދެމެދުގައި ދެކެވުނު ވާހަކަތަކެވެ. އަފްޒަލްގެ ހިތާމަވެރި އަޑު އިވުމަކީ ފަލަކްގެ އެދުމަކަށް ނުވިޔަސް، އޭނައަށް އެ އަޑުތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އަފްޒަލް ކުރަމުން ދިޔަ ޝަކުވާތައް އިވެމުން ދިޔަދިޔަހެން ފަލަކަށް އަމިއްލަ ނަފްސަށް ނުރުހުންވެ، މަލާމާތް ވެސް ކުރެވެމުން ދިޔައެވެ. އަފްޒަލް ކަހަލަ ފިރިހެނަކަށް ފަސްދެވުނީތީވެއެވެ. ފަސްދީގެން އޭނައަށް މި ކުރެވެނީ ރަނގަޅު ކަމެއްތޯ ވެސް ތަކުރާރުކޮށް ފަލަކްގެ ހިތާއި ސިކުނޑި ސުވާލު ކުރަމުން ދިޔައެވެ.
ނޭދެވޭ އިޙްސާސްތަކާއިއެކީ ފަލަކް ބޯޑިންގްއަށްފަހު ގޮސް ޑިޕާރޗާރގައި އިށީނެވެ. އެވަގުތު އަތުތެރޭގައި އޮތް ސްނޯ ނިދިފައި އޮތުމުން ފަލަކް ލަސްލަހުން ސްނޯ އުނގުމަތީގައި ބޭއްވުމަށްފަހު ފިރުމައިލިއެވެ. އެއަށްފަހު ކޮނޑުގައި އޮތް ދަބަސް ނަގައި ހުޅުވައިލަމުން ފޯނު ނެގީ، އޭނަ ފުރަން އުޅޭ ވާހަކަ މަހްރީންއަށް އެންގުމަށެވެ.
ޓެކްސްޓް މެސެޖަކުން ފަލަކް މަހްރީން ގާތު އެ ވާހަކަ ބުނުމާއިއެކު، އެރެއަށް ކޮންމެވެސް ބަޔަކާއި އެކީ ބައްދަލުވުމެއް ހަމަޖައްސަންތޯ މަހްރީން އެހިއެވެ. ޢާއްމު ގޮތެއްގައި ފަލަކް އެފަދަ މެސެޖެއް ފެންނައިރަށް އާނއެކޭ ބުނާނެއެވެ. ވިޔަފާރީގައި ކުރި އެރުން ލިބޭނީ އޭނަ ވިޔަފާރީގެ ކަންކަމަށް ސަމާލުކަން ދޭ މިންވަރަކުންކަން އެނގޭތީވެއެވެ.
އެހެނަސް އެވަގުތު ކީއްވެކަމެއް ނޭނގެއެވެ. އެ ދިރިއުޅުމަށް އަނބުރާ ދިޔުމުގެ ޚިޔާލުން ވެސް ފަލަކްގެ މޭ ނުބައި ކުރާ ގޮތްވިއެވެ. އޭނަ އަނބުރާ އެ ބުރަ ދިރިއުޅުމަށް ދާން ބޭނުންނުވާ ކަމަށް ހިތް ބުންޏެވެ. އިހުނަށްވުރެ ގިނައިން ފައިސާ ހޯދުމަށް އޭނަ މިހާތަނަށް ކުރަމުން އައީ އޭނަގެ ހިތަށް އެއްވެސް ހަމަޖެހުމެއް ގެނައި ކަމެއްތޯ އަމިއްލަ ހިތާއި ސުވާލު ކުރެވުނެވެ. އާނއެކެވެ. އޭނަގެ ހުނަރު ކުރި އަރައި ދާތަން ފެނުމަކީ އޭނައަށް ލިބޭ އުފަލެކެވެ. އެހެނަސް އޭނަގެ ދިރިއުޅުމަކީ ހަމައެކަނި މަސައްކަތްކޮށް، އެކަނިވެރި ހުސް ގެއަކަށް އަނބުރާ ދާންޖެހޭނެ ދިރިއުޅުމެއްތޯ އަމިއްލަ ޒަމީރާ ސުވާލު ކުރެވުނެވެ.
އެ ޚިޔާލާއި އެކީ އަފްޒަލް މަތިން ހަނދާން އާވި މިންވަރުން ވައިބާރ ހުޅުވައިލެވުނީ، އޭނައާއި އަފްޒަލާއި ދެމެދު ގިނަ ވާހަކަތަކެއް ދެކެވިފައި ހުރީ ވައިބާރއިން ކަމަށްވުމުންނެވެ. ފަލަކް ހިތުން ވައިބާރ ހުޅުވައިލީ އެދެމެދުގައި ކުރިން ދެކެވިފައިވާ ވާހަކަތައް އަލުން ކިޔުމަށެވެ. އަފްޒަލާއި އެކީގައި އުޅުން އޭނަ މިހާރު އުޅޭ ދިރިއުޅުމަށްވުރެ އުފާވެރި ވެދާނެތޯ އަންދާޒާ ކޮށްލަން ސިކުނޑި ބޭނުންވި ފަދައެވެ.
ވައިބާރއިން އަފްޒަލްގެ ނަމަށް ފިތައިލުމާއިއެކު ފަލަކަށް ޙައިރާންކަމެއް ލިބުނީ، ފަލަކް ކުރިން ނުކިޔާ ދިގު މެސެޖެއް ފެނުމުންނެވެ. އެއީ ފަލަކަށް އޮޅިގެން ހުޅުވި، ކިޔައި ނުލެވި އޮތް މެސެޖެކެވެ. އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އަފްޒަލް ބުނެގެން މޭޒު ފޮތިގަނޑުގެ އާ ޑިޒައިނެއް ފޮނުވުމުން އަފްޒަލް ދީފައިވާ ޖަވާބެކެވެ.
“ވާވް! ދިސް އިޒް އޯސަމް….ހެހެ…އައި ގެސް މިހާ ހިސާބުން ކަމަނަ ރެސްޓޯރެންޓުގެ ހުރިހާ މަސައްކަތް ނިމުނީދޯ؟
އައި މަސްޓް ސޭ ފަލަކް، ޔޫ އާރ ރިއަލީ ގުޑް އެޓް ދިސް. އަސްލު ހިއެއް ނުކުރަން މަދު ދުވަސްކޮޅެއްގެ ތެރޭ މިހާ ރީތި ޑިޒައިންތައް އަހަންނަށް ލިބިދާނެކަމަށް. ފަލަކް މިކަން ކުރަން ވަރަށް މޮޅު، މާ ޝާ ﷲ! އެއްވެސް ހިސާބަކުން މި މަސައްކަތް ހުއްޓާ ނުލައްޗޭ. އުއްމީދަކީ ފަލަކް މިއަދު ތި ކާމިޔާބުވެފައި ހުރި ވަރަށްވުރެ ވެސް ބޮޑަށް ކާމިޔާބުވުން. އަދި…..އަހަންނަށް ވެސް އެ ކާމިޔާބީ ނުހަނު ގާތުން ފެނުން.”
އަފްޒަލްގެ މެސެޖުގެ ފަހަތުގައި ކޯތާފަތް ރަތްވެފައިވާ ހިނިތުންވުމެއްގެ އިމޯޓިކޯންއެއްވިއެވެ. މި މެސެޖަކީ އަފްޒަލް އޭނައާއި އިންނަން އެދުމަށް ޚިޔާލު ކުރަމުން ފޮނުވާފައިވާނެ މެސެޖެއްކަން އެވަގުތު ފަލަކަށް ޔަޤީން ކުރެވުނެވެ.
އެހިނދު ކީއްވެކަމެއް ނޭނގެއެވެ. ފަލަކަށް އޭނަގެ ފޯނު އަތް ދަބަހަށް އަޅައި، ދަބަސް ކޮނޑުގައި އަޅުވައިލަމުން ސްނޯއާއިއެކީ ތެދުވެލެވުނީ ކުއްލި ގޮތަކަށެވެ. އަދި އަވަސް އަވަހަށް ކުރިމަތިން ފެންނަމުން ދިޔަ ކައުންޓަރު ދޮށަށް ގޮސް ވާހަކަ ދެކެވުނެވެ.
“ސްކިއުޒް މީ….އަޅުގަނޑު މިއަދު ފުރުން ކެންސަލް ކުރަން ބޭނުން. ނަމަކީ އައިޝަތު ފަލަކް މަޖީދު. އިފް ޕޮސިބަލް އަޅުގަނޑުގެ ލަގެޖް އަނބުރައި އެއާރޕޯޓަށް ގެނެސްދެއްޗޭ. މިވަގުތު ވަރަށް އާރޖެންޓްކޮށް ދާންވެއްޖެ…”
ފަލަކް އަވަސްއަވަހަށް ބުނެލި ބަސްތަކުން ކައުންޓަރުގައި ހުރި ކުއްޖާގެ މޫނުމަތިން އޮޅުމެއް ފެނުނެވެ. އެ ކުއްޖާ ފަލަކް ގާތު އެއްޗެކޭ ބުނަން އުޅުނުތަނާހެން ފަލަކް އެ ކައުންޓަރަށް ފަސްދީފައި ދާން ހިނގައިގަތެވެ. ހިނގައިގަތް ވަގުތުވެސް އެ ކުއްޖާ ‘އެކްސްކިއުޒް’ އޭ ކިޔައިލި އަޑު ފަލަކަށް އިވުނެވެ. އެހެނަސް ފަލަކް އެއަށް ފަރުވާލެއް ދިނުމެއްނެތި ކުރިއަށް ދިޔައީ، އޭނަ ދޫކުރި ލަގެޖަށްވުރެ ވެސް މުހިއްމު ކަމެއް ކުރަން އޭނަ ވީހާވެސް އަވަހަކަށް އެބަޖެހޭ ކަމަށް އޭނަގެ ޒަމީރު ބުނަމުން ދިޔައީތީވެއެވެ.
**
ޑިޕާރޗާރއިން ނިކުމެގެން އައި ހުރިހާ ސެކިއުރިޓީ ގާޑުން ދެއްކި ހުރިހާ ވާހަކައަކަށް ބީރު ކަންފަތެއް ދެމުން، ފަލަކަށް އެއާރޕޯޓުން ނިކުމެވުނުއިރު 6 ޖަހާފައިވިއެވެ. ސްނޯ އަތުން ހިފައިގެން އަވަސް ހިނގުމެއްގައި ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އެހާ ހިސާބަށް ދެވުނުއިރު ފަލަކް މާނޭވާ ލެވިފައިވިއެވެ. އެ ނޭވައާއި އެކީ ވެސް ހިތް ދެކިލަން އެދެމުން ދިޔަ ސޫރައެއް ފެނޭތޯ ފަލަކް ލަސް ފިޔަވަޅުތަކެއްގައި މަގަށް ދިޔައީ ޓެކްސީއެއް ހޯދުމަށެވެ. އެހެނަސް މަގުގެ ކައިރިއަށް ގޮސް މަޑުކޮށްލި ވަގުތު، މަގު ހުރަސްކޮށް ފެންނަމުން ދިޔަ ދަގަނޑު ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިން މީހަކު ފަލަކަށް ފެނުނެވެ.
އެމީހަކު އިށީނދެގެން ހުރީ ސީދާ ދިޔަގަނޑު ފެންނަ ގޮތަށް ކަމަށްވުމުން ފަލަކަށް އެ މީހަކު ފެނުނީ ފަހަތުންނެވެ. އެހެނަސް އެއީ ކާކުކަން ފަލަކަށް ސާފުކޮށް އެނގުންވީތީ ލަސްލަހުން ސްނޯ ތިރީގައި ބާއްވައިލެވުނެވެ. އޭނަ މަގު ހުރަސްކޮށް ދާން ފެށުމުން ސްނޯ ވެސް އޭނައާއި އެކީ އަންނަން ފެށިއެވެ.
ގޮނޑިތަކާއި ކައިރިވަމުން ދިޔަދިޔަހެން އެއީ ހަމަ އަފްޒަލްކަން ފަލަކަށް މާ ބޮޑަށް ވެސް ޔަޤީން ކުރެވޭ ގޮތްވިއެވެ. އަފްޒަލް އިނީ އިސްޖެހިފައިކަން އެނގުންވެގެން ދިޔަދިޔަހެން ފަލަކްގެ ލޮލުން ކަރުނަ ހިލުނެވެ. އަފްޒަލް މިހާއިރު ވީއިރު ވެސް ނުގޮސް ހުރީ އޭނަ ފުރަންދެންތޯ ހިތަށްއެރިއެވެ. އަފްޒަލް މިހާ ބޮޑަށް އޭނައާއިމެދު އަޅާލާނަމަ، އަލްވަދާޢު ވެސް ނުކިޔައި އޭނައަށް ފަސްދިނީ ކީއްވެ ހެއްޔެވެ؟
ހިތަށް ވެރިވަމުން ދިޔަ އެ ސުވާލުތަކާއި އެކީ ފަލަކް ގޮސް އަފްޒަލް އިން ގޮނޑި ބަރީގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. އަފްޒަލަށް ގޮވައި އެ ސުވާލުތައް ކުރަން ހިތް އެދުނެއްކަމަކު އެވަގުތު ފަލަކްގެ އަރުތެރެ ބެދިފައިވިއެވެ.
އެހިނދު ސްނޯ ގޮނޑިތަކުގެ ތިރިން ގޮސް އަފްޒަލްގެ ފައިގައި އޮޅެން ފެށިތަން ފަލަކަށް ފެނުނެވެ. އެއާއިއެކު އަފްޒަލް ތިރިއަށް ބަލައިލަމުން ސްނޯގެ ނަމުން ގޮވައިލުމަށްފަހު އެ ފަރާތަށް ބަލައިލަމުން އޭނައާއި ދިމާލަށް ބަލައިލި ހިނދު ފަލަކްގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
އެ ވަގުތުކޮޅަކީ އެ ދެހިތުގެ ވިންދު އެއްވަރުވެގެން ދިޔަ ވަގުތު ކޮޅެކެވެ. ފަލަކަށް ބަލަން ހުރެ އަފްޒަލް ލަސްލަހުން ތެދުވެލީ ހިނދު ބަޔާން ކުރަންދަތި އިޙްސާސްތަކެއް އެ ހިތަށް ވެސް ކުރެވެމުން ދިޔައެވެ. އެންމެ ބަހެއް ވެސް ބުނެލުމެއްނެތި ކަރުނުން ފުރިގެންވި ލޯތަކުން އެދެމެދުގައި އެތަކެއް ވާހަކަތަކެއް ދެކެވުނު ފަދައެވެ. ފަލަކް އެތާ ހުރި ހުރުމުން ތިމަންނަ މިހިރީ ހުންނާށޭ ބުނަމުން ދިޔަ ހިނދު، ތިމަންނަގެ ހިތް ހަލާކު ނުވީ ކިރިޔާ ކަމަށް އަފްޒަލް ބުނަމުން ދިޔަ ފަދައެވެ.
ފަލަކް ހުރި ގޮތަށް ހުއްޓާ އަފްޒަލް ލަސް ހިނގުމެއްގައި ފަލަކާއި ދިމާލަށް ދިޔައެވެ. އަފްޒަލް ގޮސް ފަލަކްގެ ކުރިމަތީގައި މަޑުކޮށްލި ވަގުތު ސްނޯ ވެސް ލަސްލަހުން ގޮސް އިރުއޮއްސޭ މަންޒަރު ފެނޭގޮތަށް އެތާ އިށީނެވެ.
“ނުފުރަނީތަ؟” އަފްޒަލަށް އަހައިލެވުނީ އެހެންނެވެ. ޤަބޫލުކުރަން ދަތިވެގެން އުޅޭ ފަދަ ގޮތަކަށެވެ. އެއާއިއެކު ފަލަކް ކަރުނަތަކުގެ ތެރެއިން ހީލިއެވެ.
“އާނ….އެހެންދޯ މިވީ؟ ހެހެ….” ފަލަކް އޭނަގެ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ބުންޏެވެ. އެއާއިއެކު އަފްޒަލް ވެސް އެ ޒާތަކަށް ހީލިއެވެ.
އެއަށްފަހު އެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަން އެންމެ ފުރަތަމަ ނަގައިލީ ފަލަކެވެ.
“އަސްލު….އައި ޑޯންޓް ތިން ޔޫ ޑިޒާވް މީ އަފްޒަލް. އަފްޒަލަށް ޙައްޤުވަނީ އަހަންނަށްވުރެ މާ ރަނގަޅު ކުއްޖަކު. އަހަރެން ކުރީގަ ހީކުރަމުން އައީ އަހަންނަށް ކާމިޔާބީތަކެއް ލިބި ލާރި ލިބިފަ ހުރީމަ އަހަންނަކީ އެއްވެސް އައިބެއް ހުރި މީހެއް ނޫންކަމަށް. އެކަމަކު އަފްޒަލާއި ދިމާވިފަހުން އެނގޭ އެއީ ޙަޤީޤަތެއް ނޫންކަން. އަހަރެން މިއީ ކިބުރުވެރިވެފައި އަބަދު އެހެން މީހުންގެ ހުރި އައިބުތައް ހޯދާ މީހެއް. އެއީ ހަމައެކަނި ފިރިހެނުންނާއިމެދު ކުރާ ކަމަކަށް ވިޔަސް އެއީ ކިހާ ގޯސްކަމެއްކަން މިހާރު އެނގޭ. މީހަކާއި އެކީ ނޫޅެ އެމީހެއްގެ ގޮތް ނުނިންމޭނެކަން މިހާރު ވަރަށް ސާފުކޮށް އެނގޭ. އެހެންވީމަ އާއިއެކީ އަހަރެން ނިންމާ ނިންމުމެއް މިއީ…”
“ފަލަކް-“
“ދުވަހެއްގެ ކޮޅުން ވެސް އަހަރެން ޒަވާޖީ ޙަޔާތަކާއިމެދު ޚިޔާލުކޮށްފާނެ ކަމަށް ހިއެއް ނުކުރަން. އެފަދަ ގުޅުމެއްގެ ޒާތްވެސް ޙަޤީޤަތުގަ އަހަންނަކަށް ނޭނގެ. އެހެންވީމަ އަހަންނަށް އެފަދަ ދިރިއުޅުމެއްގައި އުޅެން ދަތިވެދާނެ. އެކަމަކު ވެސް އަހަރެން އަފްޒަލާއި އިންނަން ބޭނުން. ނޭނގެ މި ބުނާ ވާހަކަތައް ހަމަޖެހޭ ކަމެއްވެސް…އަހަރެން އަމިއްލަ އެދުން ބޮޑުކަމުން ބުނެވޭ ވާހަކައެއް ކަންނޭނގެ މިއީ..”
“ފަލަކް-“
“ކޮންމެހެން އަހަރެން ނުފުރާ މަޑު ކުރީތީ އަފްޒަލް ނުޖެހޭ އިނގޭ އަހަންނަށް އާނއެކޭ ބުނަން. އަފްޒަލަށް އަހަންނަށްވުރެ މާ ރީތިވެފައި، ދީންވެރިވެ އަދި އަހަންނަށްވުރެ ރީތި ޒަވާޖީ ޙަޔާތެއް އަފްޒަލަށް ހޯދައިދޭނެ ކުއްޖަކު އަފްޒަލަށް ލިބިދާނެ. އެކަމަކު އަހަރެން އަފްޒަލާއި އެކީ އުޅެން ބޭނުން…”
މިފަހަރު ފަލަކް ވާހަކަ ދައްކައި ނިމުމުން އަފްޒަލް އެންމެ ބަހެއް ވެސް ބުނެނުލެ ފަލަކަށް ބަލަން ހުރީއެވެ. ފަލަކް އޭނަގެ ލޮލުން ކޯތާފަތަށް ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން އަފްޒަލަށް ލުއި ނަޒަރެއް ދިނެވެ. ދެންމެ އެ ވާހަކަތައް ދެއްކިއިރު އެންމެ ހިނދުކޮޅަކަށް ވެސް ފަލަކް އިސް އުފުލައެއް ނުލައެވެ. ފަލަކަށް އެހާވެސް ބޮޑަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވިފައިވިކަން އަފްޒަލަށް އެނގުނެވެ. އަދި އޭނަ ލައްވާ އެއްޗެކޭ ނުބުނުވަން އުޅެނީ ފަލަކް އެ ވަގުތު ވެސް ހާސްވެފައި ހުރި ވަރުންކަން ޔަޤީން ކުރެވުނެވެ.
“ފަލަކްގެ ވާހަކަ ނިމިއްޖެތަ؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަފްޒަލް އެހިއެވެ. އެއާއެކު ފަލަކް ބޯޖަހައިލަމުން ހޫންލައްވައިލިއެވެ. އަފްޒަލް ފުން ނޭވައެއް ދޫކުރިއެވެ.
“އައިބެއް ނެތް އިންސާނަކު ހޯދުމަކީ ނާދިރުކަމެއް، ފަލަކް. ފަލަކްގެ ކިބައިގަ އައިބުތައް ހުރި ފަދައިން އަހަރެންގެ ކިބައިގަ ވެސް އައިބުތައް އެބަހުރި. އަހަންނަކީ ޙަޔާތުގަ ކުރަން ފަށާ ވަރަށް ގިނަ ކަންތަކުގަ ނާކާމިޔާބުވެފަ ހުރި މީހެއް. އެ ނާކާމިޔާބީތައް ފެނިފަ ހުއްޓާ ފަލަކް އެހާ ވަރުގަދަ ޢަޒުމަކާއިއެކީ މުޅި ކުންފުންޏެއް އުފައްދައިގެން އުޅޭތަން ފެނުނީމަ އަސްލު ވަރަށް ބޮޑު ހިތްވަރެއް ލިބުނު. ފަލަކްގެ ލިޔުންތައް ކިޔާފަ އެނގުނު އަހަންނަށް ގޯސްކޮށް އެޅުނު ބައެއް ފިޔަވަޅުތަކަކީ ކޮބައިކަން ވެސް….” އަފްޒަލް ކިޔައިދިނެވެ.
އެވާހަކަތައް އަޑުއަހަން ފަލަކް ހުރީ ތެމިފައިވާ އެސްފިޔަތަކާއި އެކީ އަފްޒަލަށް ބަލަހައްޓައިގެންނެވެ.
“ފަލަކްގެ އަތުގަ އެހާ މުދާ ހުރެފަ ވެސް ފަލަކް ތިހާ ހިތްތިރިވުމަކީ ވެސް އަހަންނަށް ލިބުނު ފިލާވަޅެއް. ހިތަށްއެރީ އަހަންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ތިހާ ގިނަ މުދާ ދެއްވާފަ ނުވަނީ އަހަންނަށް ތި ފަދައިން ހިތްތިރި ނުވެވޭނެތީ ކަންނޭނގެއޭ….ފަލަކް ކިތަންމެ މަޝްހޫރު ވިޔަސް، އިހަކަށް ދުވަހު ބައްދަލުވި ކުއްޖަކަށް ވެސް އެހީވި ގޮތުން އަހަންނަށް ފަލަކް އަދި މާ ބޮޑަށް ކަމުދިޔަ. އެހާ ބޮޑެތި ގެ ތަކުގަ އުޅެފަވެސް އެކުއްޖާއަށްޓަކައި އެކުއްޖާގެ ގޭގައި މުޅި ދުވަހެއް ހޭދަ ކުރި ގޮތުން ވެސް އަހަންނަށް އެނގުނީ ފަލަކްގެ ހިތްހެޔޮކަން. އަހަރެން ދެކޭ ގޮތުގަ އުފާވެރި ޒަވާޖީ ޙަޔާތަކަށްޓަކައި މުހިއްމީ އެ ހިތްހެޔޮކަން….ފަލަކް ނުބުންޏަސް އަހަންނަށް އެނގޭ ޒަވާޖީ ޙަޔާތެއްގެ ޚިޔާލަކީ ވެސް ފަލަކަށް ދަތިވެދާނެ ޚިޔާލެއްކަން. މުޅި ޢުމުރު ދުވަހު ކަމަކާއިމެދު ގޯސްކޮށް ދެކުމަށްފަހު ނަޒަރިއްޔާތު ބަދަލު ކުރުމަކީ ދަތިކަމެއް….އަހަރެން އެކަމަށްޓަކައި ފަލަކަށް ވަގުތު ދޭނަން. ވަގުތު ދީގެން ފަލަކްގެ ނަޒަރިއްޔާތު ބަދަލު ކުރާނަން އިން ޝާ ﷲ!”
އަފްޒަލްގެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ފަލަކްގެ ގައިން ހީބިހި ނެގިއެވެ. މި ވަމުންދާ އެއްޗެއް ޤަބޫލުކުރަން ވެސް ނޭނގިފައި ފަލަކަށް ހުރެވުނެވެ. އެހެނަސް އެވަގުތު އަފްޒަލް ބުނެލި ވާހަކަތައް ޤަބޫލު ކުރެވޭ ގޮތްވިއެވެ.
އަފްޒަލްގެ އެ ވާހަކައަށްފަހު އެ ދެމެދުގައި ހިނިތުންވުންތައް ބަދަލުވިއެވެ. އެ ހިނިތުންވުންތައް މޫނުމައްޗަށް ވެރިވިތާ މާ ގިނައިރެއްނުވެ ދެމީހުންނަށް އެކުއެކީގައި ހީލެވުނީ، ހިތް ފުރިގެން ބަންޑުންވަމުން ދިޔަ އުފާވެރިކަމުގެ ސަބަބުންނެވެ.
**
އަފްޒަލް ފަލަކް ގޮވައިގެން އަނބުރައި ގެއަށް އައުމުން ގޭގެ އެންމެންނަށް ލިބުނީ ޝޮކެކެވެ. އެ ދެމީހުންގެ ބަދަލުވެގެން ދިޔަ ނިންމުމުގެ ވާހަކަ އިވިފައި އެންމެ ބޮޑު އަސަރެއް ކުރީ ފަޒީލާއަށެވެ.
“އަލްޙަމްދުލި ﷲ ޝުކުރު….ހާސް ފަހަރު ޝުކުރުކުރަން އެތައް އަހަރެއް ވަންދެން މި މަންމަ ކުރި ދުޢާ އިޖާބަވީތީ…” ފަޒީލާ އެހެން ބުނަމުން ފަލަކްގެ ގައިގައި ބައްދައިލީ، އުފާވެރިކަމުގެ ކަރުނަތަކާއި އެކީގައެވެ. އެހިނދު ފަލަކާއި އަފްޒަލްގެ ލޮލުން ކަރުނަތައް ނިރައިލިއެވެ.
ނޫރާ ވެސް ނުހަނު ޖޯޝާއި އުފަލާއި އެކީ އެ ދެމީހުންނަށް މަރުޙަބާ ކިޔުނެވެ. ޒައުލް އާދައިގެ މަތިން ވާނުވާ ނޭނގި ކޮޓަރިން ނިކުމެ ކޮންމެވެސް އެކަކު ކިޔައި ދިނުމުން ކުރު ގޮތަކަށް މަރުޙަބާ ކިޔުނެވެ.
ކައިވެންޏަށް ފަލަކް އެއްބަސްވީ އަމިއްލަ އެދުމުގައި ކަމަށްވިޔަސް، އޭނަގެ ކައިވެނީގެ ވާހަކަ ގިނަ މީހުންގެ ދުލުން އިވެން ފެށުމުން އަނެއްކާވެސް ފަލަކްގެ ހާސްކަން އިތުރުވާން ފެށިއެވެ. އޭނަ އެކަން އެއްވެސް މީހަކަށް ނުދެއްކިޔަސްމެއެވެ.
އަފްޒަލަކީ ރަނގަޅު މީހެއްކަން އެނގި، އަފްޒަލް އޭނައަށް ގޯސްކޮށް ނުހިތާނެކަން އެނގުނަސް، އެ ހާސްކަމުގެ މައްޗަށް ފަލަކަކަށް ބާރެއް ނުފޯރުވުނެވެ. އެކަމާއިހެދި އަމިއްލަ ނަފްސަށް ނުރުހުންވެސް ވެވޭ ގޮތްވިއެވެ. އަފްޒަލް ކަހަލަ ރަނގަޅު މީހަކަށް އެހާ ބޮޑަށް ޝައްކު ކުރެވޭތީވެއެވެ.
އެހެނަސް އަފްޒަލްގެ ފަރާތުން ފެންނަމުން ދިޔަ ޢަމަލުތަކުން ފަލަކަށް ލަސްލަހުން ވިޔަސް އެ ޝައްކުތަކާއި ދުރުވެވޭ ގޮތްވިއެވެ. ފަލަކް ހީކުރީ އޭނަ ކައިވެންޏަށް އެއްބަސްވުމުން އަފްޒަލް ބޭނުން ތާރީޚެއް ކަނޑައަޅައި އެދުވަހަކުން ކައިވެނި ކުރާނީ ކަމަށެވެ. އަދި އުޅޭނީ ވެސް އަފްޒަލް ބޭނުންވާ ފަދައިން މާލޭގައި ކަމަށެވެ. އެއާއިމެދު އޭނައަށް ބުނެވޭނެ ވަކި އެއްޗެއް ނޯންނާނެ ކަމަށެވެ. އެހެނަސް….
“ކައިވެނި ބާއްވާނީ ކޮން ދުވަހަކުތަ ފަލަކް؟”
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު ދެމީހުން ގޭތެރޭގައި އުޅެނިކޮށް ދިމާވުމުން އަފްޒަލްގެ އެދުމަށް ފަލަކް ސިޓިންގް ރޫމުގެ ސޯފާގައި އިށީނެވެ. އަދި ފަލަކް ގާތު އެހުމަށްފަހު ދެމީހުންނަށް ކޮފީ ހަދައިގެން އައިސް އަފްޒަލް ވަކިން ހުރި ސޯފާއެއްގައި އިށީނެވެ.
“ވީ…ކެއްފަހުން ރަނގަޅެއްނު؟ މާ ލަސްތަ؟” ފަލަކް ޖެހިލުންވުމަކާއިއެކީ އޭނަ ދެކޭ ގޮތް ބުންޏެވެ.
“ނޫނޭ ލަހެއްނޫން ހެހެ….އަސްލު މި އެހީ އަހަރެން ހިތަށް އެރީ ފަލަކް ދުބާއިއަށް ދާންޖެހިފަ އޮވެދާނެއޭ. އެކޮޅުގަ ބިޒްނަސް ކަންތައް ވެސް ބަލަން ޖެހޭނެއެއްނު؟ މިހާރު ޓޫ މަންތްސްއަށް ވުރެ ގިނަ ދުވަސް މިވީ ފަލަކް މިކޮޅުގަ އުޅޭތާ….” އަފްޒަލް ކަންބޮޑުވުން ފާޅުކުރުމުން ފަލަކަށް ނޭނގުމެއްގެ ތެރެއިން ހިނިތުންވެލެވުނެވެ.
“އިޓްސް އޯކޭ….މިކޮޅުގަ ހުރެވެސް އެބައި ހިންގަން. ބަޓް ޔެސް….ތި ބުނިހެން އަސްލު އެކޮޅަށް ދާންޖެހޭ.” ފަލަކް ތެދުތެދަށް ބުންޏެވެ.
“ހުމް….ކައިވެންޏަށްފަހު ފަލަކް ޕްރިފާރ ކުރަނީ ކޮންތާކު އުޅެން؟ މިތާތަ ނޫނީ ދުބާއިގަތަ؟” އަފްޒަލް އެހިއެވެ. ފަލަކް އެއަށް ޖަވާބު ދިނުމުގެ ކުރިން ޖެހިލުންވާ ގޮތްވިއެވެ. އޭނަ ދޭން އުޅެނީ އަފްޒަލް ރުހޭ ކަހަލަ ޖަވާބެއް ނޫންހެން ހީވުމުންނެވެ.
“އަމް….ދުބާއިގަ.” ފަލަކް އިސްޖަހައިލަމުން އެހެން ބުނެލީ އޭގެ ނަތީޖާ ނިކުމެދާނެ ގޮތަކާއިމެދު ނުތަނަވަސްވެ އިނދެއެވެ.
“އޮބްވިއަސްލީ! އަހަރެން ވެސް ބުރްޖް ޚަލީފާގަ އުޅެއުޅެފަ އެހެން ތަނަކަށް ދާން ބޭނުމެއް ނުވާނެ. ހެހެހެ….” އަފްޒަލް ދިން ޖަވާބުން ފަލަކަށް ވެސް ހެވޭ ގޮތްވިއެވެ. އެހެނަސް އަވަސްއަވަހަށް ހުނުން ހުއްޓައިލަމުން ވާހަކަ ދެކެވުނެވެ.
“ދެން…..ދެމީހުން ވަކިންތަ އުޅޭނީ؟” ފަލަކަށް އަހައިލެވުނެވެ. ކައިވެންޏާއިމެދު ކިތަންމެ ވަރަކަށް ހާސްވިޔަސް ޔަޤީންވި ކަމަކީ އޭނަ ބޭނުންވަނީ އަފްޒަލްގެ ކައިރީގައި ހުރުން ކަމެވެ.
“ނޫނޭ….މެރީ ކޮށްގެން ހިނގާ އެކީގަ އެކޮޅަށް ދަމާ. އެއްކޮށް އެކޮޅަކަށް އަހަންނަށް ބަދަލެއް ނުވެވޭނެ އަސްލު. މަންމަ ވެސް މިކޮޅުގަ ހުރީމަ. އަދި އަހަރެންގެ ވިޔަފާރި މިކޮޅުގަ ކުރިއަށް ގެންދިޔުން އޮތީ. ޒައުލް ވެސް ހަދާ ނަހަދާ އެއްޗެއް އެނގި ހަމައަކަށް އެޅެންދެން ޒައުލްގެ ކަންތައް ވެސް ބަލަން ބޭނުން. އެހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ ލެޓްސް ސޭ ވިތިން ޓޫ ޔިއާރސް އަހަރެން އެއްކޮށް އެކޮޅަށް ބަދަލުވާނީއޭ. މަންމަ ވެސް ގޮވައިގެން އިން ޝާ ﷲ!” އަފްޒަލް ކިޔައިދިނެވެ.
އެ ވާހަކަތައް ވެގެން ދިޔައީ ފަލަކްގެ ހިތަށް ލިބުނު ރާހަތަކަށެވެ. އަފްޒަލް އޭނައާއި އެކީ މުސްތަޤްބަލުގައި އުޅެން ހާދަ ދުރަކަށް ވިސްނައިފިޔޭ ހިތަށްއެރިއެވެ.
ނުނިމޭ
Jana
June 12, 2023 @ 5:04 pm
Salaam kiyuntherin! Dhen oiy bai Thursday ga In Sha Allah ^_^
Anonymous
June 12, 2023 @ 5:51 pm
🤗.
Jana
June 15, 2023 @ 3:08 pm
*Hug back*
Adhi kuda thankolheh dhigukoh inthizaaru kollaa ingey Anonymous. Friday ga up vaane In Sha Allah ^_^
Ibaa
June 12, 2023 @ 5:35 pm
<3<3<3<3
Jana
June 15, 2023 @ 3:08 pm
<3 <3 <3 <3
Ash
June 12, 2023 @ 5:50 pm
Wowwwww. Interesting 🤩✨
Jana
June 15, 2023 @ 3:09 pm
Adhi interesting bai kuriah othy Ash! <3 <3 <3
Jana
June 15, 2023 @ 3:09 pm
Salaam readers. Please note that I will upload the next episode of Qadar tomorrow as I intend to make it longer than I initially planned. 😃 Hope all readers are doing well. Much love! ❤❤❤
Ibaa
June 15, 2023 @ 4:54 pm
cant’ wait sis 😄