ޤަދަރު (ސައްބީސްވަނަ ބައި)
“އޮހް! މައްސަލައެއްނޫން. އަދި ފަލަކްމެންނަށް އަހަރެން ޑިނާރ ތައްޔާރުކޮށްދޭނަން. ނޫރާވެސް މިގެއަށް އައިސް މަންމައާއި އެކީ ވަގުތު ހޭދަ ކުރީމަ ރަނގަޅުވާނެހެން ހީވަނީ. ދެން އަވަހަށް ގެއަށް އަންނަންވީ ހަމަ. ފަލަކް ވެސް އެހާ ގިނައިރު ވަންދެން ގޭގަ ނެތީމަ އައި ވޯޒް ވޮރީޑް އެބައުޓް ޔޫ….” ދުރުދުރުން ވާހަކަ ދައްކަމުން ގޮސް އަފްޒަލްގެ ދުލުން އެ ބަސްތައް ބުނެވުނީ ޚުދު އޭނަގެ އިޚްތިޔާރުން ވެސް ބޭރުގައެވެ. ބުނެވުނީ ކީކޭކަން އެނގުންވީ ހިނދު ކާރު ތެރޭގައި އިނދެ އަފްޒަލް ހުއްޓުން އަރާގޮތްވިއެވެ.
އެ ބަސްތައް އިވިގެން ދިޔަ ފަލަކަށް ކުރެވިގެން ދިޔައީ މުޅިން ތަފާތު އިޙްސާސެކެވެ. އެތައް އަހަރެއް ވަންދެން އޭނަ ބިރުވެރި އުސްމިނަކުން ވެއްޓެމުން ދަނިކޮށް މީހަކު އޭނަ ހިފަހައްޓައިލިހެން ހީވިއެވެ. ކުރެވިގެން ދިޔަ އެ އިޙްސާސާއި އެކީ ފަލަކަށް ފަހަތުގައި ހުރި ފާރަށް މަޑުމަޑުން ލެނގިލެވުނެވެ.
ވާނީވެސް އެހެންތާއެވެ. މުޅި ޢުމުރު ދުވަހު އަމިއްލަ ނަފްސާއި މެދު ފިކުރުކުރަން ހުރީ ހަމައެކަނި އޭނަ ކަމަށް ހީކޮށްގެން ހުއްޓާ، އެ ހީކުރުން ބަދަލުކޮށްފާނެ މީހަކު އައިއްސިހެން ހީވާން ފެށިއެވެ. އެހެންކަމުން ދެން އޭނަ ހިނދުކޮޅަކަށް އަރާމުކޮށްލިޔަސް ރަނގަޅުވާނެކަމަށް ހިތް ބުނަން ފެށިއެވެ.
“ފަލަކް؟ އާރ ޔޫ ދެއާރ؟” ފަލަކް އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން އަފްޒަލް އެހިއެވެ.
“އަމް….ޔާ..” ފަލަކް ހޭވެރިކަމެއް ލިބުނު ފަދައަކުން ސީދާވެލެވުނެވެ.
“މި އަންނަނީ އިނގޭ އެހެންވީމަ؟” އަފްޒަލް ދެވަނަ ފަހަރަށް އެހެން ބުނެލީ ކާރު ސްޓާޓްކޮށްލަމުންނެވެ.
“ހްމް…އޯކޭ.” ފަލަކް ބުންޏެވެ.
އެއަށްފަހު އެ ދެމެދުގައި އަލްވަދާޢުގެ ބަސްތައް ބަދަލުވެ، ކޯލު ނިމުމަކަށްއައެވެ.
**
އޭގެ ބައިގަޑިއިރެއްހާއިރު ފަހުން އަފްޒަލް އޭނަގެ ކާރުގައި ފަލަކްގެ އިތުރުން ނޫރާއާއި ނާއިލް ވެސް ގެއަށް ގެނައެވެ. ގެއަށް އައި ދަތުރުމަތީގައި ފަލަކް ވަނީ ނޫރާ ގާތު އަދުހަމް ގޭގައި ނެތް ވާހަކަ ބުނެފައެވެ. އަދުހަމް ދިޔައީ އަނބުރާ އަންނަ ގޮތަކަށް ނޫންކަން ކިޔައިދިނީ އަފްޒަލެވެ.
“އެއީ ކުޑަ ދުވަސްކޮޅަކަށް އެކުވެރިއެއްގެ ގެއަކަށް ދިޔައީ ކަމަށްވާނީ. މަންމައާއި އަފްޒަލް ކިޔާ އެއްޗެއްސާ ހެދި އުދަގޫވެގެން އެގޮތަށް ދެއެއްނު؟ އަދި އަންނާނެ އަދުހަމް. އަދުހަމް އަނބުރާ އަންނަން ވާއިރަށް އަހަރެން އަދުހަމް ބޭނުންވާފަދަ އަންބަކަށް ވެވޭތޯ މަސައްކަތް ކުރާނަން. އޭރުން އަނެއްކާވެސް އަހަރުމެންގެ ކައިވެނި ރުޖޫޢަވާނެ…”
ނޫރާ ކާރު ތެރެއިން އެ ވާހަކަތައް ބުނެލީ އުއްމީދީ ގޮތަކަށެވެ.
“ކައިވެނި ރުޖޫޢަކޮށްގެން ނޫރާ އަނެއްކާ ބޭނުންވަނީ އޭނަގެ އަތުން ނާއިލަށް އަނިޔާ ލިބެންތަ؟ އަދިވެސް އެ ކުއްޖާގެ އަތް މުޅިން ރަނގަޅު ނުވެއެއް ނޫންތަ؟” ފަލަކް ހިނދުކޮޅަކަށް ވެސް ނޫރާގެ ސިކުނޑީގައި އަދުހަމްގެ ޚިޔާލު ޒީނަތްތެރިވިޔަ ދޭކަށް ބޭނުމެއް ނުވިއެވެ.
އާދައިގެ މަތިން ފަލަކް އެފަދައިން ވާހަކަ ދެއްކުމުން އިސާހިތަކު ނޫރާގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ.
“އެއީ އަހަރެންގެ ސަބަބުންނޭ އަދުހަމަށް އެހެންވީ. އަހަންނަކީ އަދުހަމަށް ކަމުދާ ކަހަލަ އަންބަކަށްވި ނަމަ އަދުހަމް އެހާ ގޯސްކޮށް ނުއުޅޭނެ.” ނޫރާ ރޮމުން ބުންޏެވެ.
“ތިއީ ޙަޤީޤަތެއް ނޫން. ޔައުމުލް ޤިޔާމާ ގަ ވެސް މީހެއްގެ ޢަމަލުތަކުގެ ބުރަ އެހެން މީހަކު ނުއުފުލާނެ. އެހެންވީމަ އަދުހަމްގެ ގޯސް ޢަމަލުތަކަށް ނޫރާ ޒިންމާވާކަށް ނުޖެހޭ.” ފަލަކް ނޫރާގެ ކަރުނަތައް ފޮހެދެމުން ނަސޭޙަތްތެރިވިއެވެ.
ފަލަކްގެ އެ ބަސްތައް އަޑު އިވިފައި އަފްޒަލަށް ހުންގާނުގައި ތަންކޮޅެއް ބާރަށް ހިފަހައްޓައިލެވުނީ، އެ ބަސްތަކުން ހިތަށް އަސަރު ކުރުމުންނެވެ. ނޭނގުމެއްގެ ތެރެއިން ޚުދު އޭނައަށް ވެސް ދޮންބެގެ ޢަމަލުތަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. ދޮންބެ ގޯސް މަގަކުން ދަނީ އޭނައަށް ރަނގަޅަށް ނަސޭޙަތް ނުދެވޭތީ ކަމަށް ޤަބޫލު ކުރެވިފައިވެއެވެ.
އެހެނަސް އެވަގުތުކޮޅުގައި ފަލަކްގެ ބަސްތަކުން ޤުރުއާނުގެ އާޔަތެއް ވެސް ހަނދާންވުމުން އަފްޒަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ފަލަކް ދެންމެ އެ ބުނެލީ ޤުރުއާނުގެ އާޔަތަކުން ދޭހަވާ ބަސްތައްކަން އަފްޒަލަށް އެނގުންވީ ހިނދު، ޙައިރާންކަމެއް ވެސް ލިބުނެވެ. ބުރުގާ ނާޅާ ކުރު ހެދުން ލައިގެން ހުންނަ މި އަންހެން ކުއްޖާއަކީ، ޤުރުއާން ވެސް އުނގެނޭ ކުއްޖަކީތޯ ހިތަށްއެރިއެވެ. ބަލާބެލުމަށް އެއްވެސް މީހެއްގެ ހިތުގެ އީމާންތެރިކަން ދަނެއެއް ނުގަނެވޭނެކަން އެވަގުތު އަފްޒަލަށް ޔަޤީން ކުރެވޭހާވިއެވެ.
**
އެމީހުންނަށް ގެއަށް އާދެވުނުއިރު ފަޒީލާ ވެސް ކޮޓަރިން ބޭރުގައި އުޅެއެވެ. އަފްޒަލް ވަނީ ހުޅުމާލެއަށް ދިޔަ މަގުމަތީގައި މަންމަ އޭނައަށް ގުޅާފައިވުމުން ހުރިހާ ވާހަކައެއް ކިޔައިދީފައެވެ.
ގެއަށް ވަދެވުމާއިއެކު ނޫރާ ފަޒީލާއާއި ވެސް މާ ގިނަ ވާހަކައެއް ދެއްކުމެއްނެތި ވަނީ، އޭނައާއި އަދުހަމް ޙިއްސާކުރި ކޮޓަރިއަށެވެ. ނާއިލް ފަޒީލާ ފެނިފައި މާމާއޭ ކިޔައި ބައްދާލިއެއްކަމަކު ނޫރާ ބޭނުންވީ ނާއިލް ވެސް އޭނައާއި އެކީ ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވުމަށެވެ. ފަޒީލާ ވަކި ދެކޮޅު ހެދުމެއްނެތި ނާއިލް ފޮނުވައިލިއެވެ. އަދި އެތާ ހުއްޓިހުރި ފަލަކަށް ނަޒަރެއް ދިނެވެ. އެ ނަޒަރުގައިވި ތަފާތުކަން ފަލަކަށް ފާހަގަ ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ހިނިތުންވުމަކާއިއެކީ، ތިމަންނަ ނޫރާ ގެނައި އެއްޗެހި ކޮޓަރީގައި ތަރުތީބުކުރަން އެހީވެދޭނަމޭ ބުންޏެވެ. ފަޒީލާ ލުއި ގޮތަކަށް ބޯޖަހައިލުމުން ފަލަކް ވެސް ނޫރާމެންގެ ފަސް ފަހަތުން ކޮޓަރިއަށް ވަނެވެ.
މަންމަ އެސްފިޔަ ޖަހައިލުމެއްނެތި ފަލަކް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އަފްޒަލް މަންމަގެ ކައިރިއަށް ޖެހިލިއެވެ.
“މަންމާ….ހިނގާ އެއްކަލަ ވާހަކަ ދައްކާލަން…” އަފްޒަލް މަޑުމައިތިރި އަޑަކުން ބުންޏެވެ. ފަޒީލާ އަފްޒަލަށް ބަލައިލަމުން ބޯޖަހައިލިއެވެ. އެއީ ކޮން ވާހަކައެއް ކަމުގެ ތަފްޞީލު ބޭނުމެއްވެސް ނުވި ފަދައެވެ.
**
ނޫރާ ނާއިލް ފެންވަރުވަން ވަނުމުން ފަލަކް ނޫރާ ގެނައި ބެކްޕެކުން ހެދުންތައް ނަގައި ގޭގެ ސިޓިންގް ރޫމުގައި ހުރި މެޝިނަށް އެޅިއެވެ. އޭނަ އެ މަސައްކަތްތައް ކުރަމުން ދިޔައީ، ނާއިލްގެ ކަންތައް ނޫރާއަށް ވަކި ބުރައެއް ނެތި ކުރެވުނަސް، އެހެން ކަންތައް ނުކޮށް ނޫރާ ހުރެދާނެކަން އެނގޭތީވެއެވެ. ހޮސްޕިޓަލުން އަމިއްލަ ގެއަށް ގޮސްފައި ވެސް ނޫރާ އެންމެ ފުރަތަމަ ކަމަކަށް ނާއިލް ސްކޫލްގައި އޮތް އިތުރު ޙަރަކާތަކަށް ގެންދަން ތައްޔާރު ކުރީއެވެ. އެފަދަ ހިތްވަރެއް ނޫރާގެ ކިބައިގައި ހުރިއްޔާ އަމިއްލައަށް ވެސް ތާޒާވެ، ރީތިވެލައިގެން މެންދުރު ކާނެ ކަމަށް ފަލަކަށް ހީކުރެވުނެވެ. އެހެނަސް ނާއިލް ސްކޫލަށް ދިޔުމާއިއެކު ނޫރާ އެނދުގެ ކައިރިން ބިންމަތީގައި އިށީން ގޮތަށް ނުވެސް ތެދުވުނެވެ.
ފަލަކް އުއްމީދު ކުރި ފަދައިން އެރޭ ވެސް ނާއިލް ފެންވަރުވައި، ނިންދަވަން ތައްޔާރު ކުރުމަށްފަހު ނާއިލް އެކޮޓަރީގައި ނިންދަވައި ވެސް ނިމުމުން، ނޫރާ ހިމޭންވާ ގޮތްވިއެވެ. ނާއިލްގެ ގައިމަތީގައި ރަޖާ އެޅުމަށްފަހު ނޫރާ އެނދުގެ ކޮޅުގައި އިށީން ގޮތަށް އިނީއެވެ. އެހެނަސް ނޫރާގެ މޫނުމަތިން އެވަގުތު ފެންނަމުން ދިޔައީ ތަފާތު އަސަރެކެވެ. އަމިއްލަ ގޭގައި ހުރިއިރު ފެނުނު ފަދަ ހިތާމަވެރިކަމެއް އެ މޫނުމަތިން ނުފެނެއެވެ. އޭގެ ބަދަލުގައި، އެ ކޮޓަރީގެ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ދިޔައިރު، ނޫރާ ފުން ވިސްނުމެއްގެ ތެރޭގައި ހުރިހެން ހީވިއެވެ.
އެ މަންޒަރު ފެނި، ފަލަކް ގޮސް ނޫރާގެ ކައިރީގައި އިށީނެވެ.
“މި ކޮޓަރި ފެނުނީމަ… ކޮންކަހަލަ ހަނދާންތަކެއް އާވަނީ؟” ފަލަކް ޝައުޤުވެރިކަމާއިއެކީ ސުވާލުކުރިއެވެ.
**
“މަޖީދުބެ އަހަރެން ގާތު އެ ވާހަކަ ދެއްކިތާ ދުވަސްކޮޅެއްވެއްޖެ މަންމާ. ކުރީކޮޅު އަހަރެން މަޖީދުބެއަށް މުޅިންހެން އިންކާރު ކުރީ. އެއީ ބައްޕަގެ އެކުވެރިޔަކަށްވީމަ އެހެން ހަދަން ޖެހިލުންވެސްވި. އެކަމަކު ފަލަކާއިމެދު އޭރު އަހަރެންގެ ނަޒަރިއްޔާތު ހުރި ގޮތުން އެއްބަސް ނުވެވުނީ. އަހަރެން އެއްބަސް ނުވިޔަސް މަޖީދުބެ އަހަންނަށް ވަގުތުދިން. މިކަމާއިމެދު ވިސްނަން. ހިއެއް ނުކުރަން އަހަރެންގެ ޚިޔާލު ބަދަލުވެދާނެ ކަމަށް. އެކަމަކު މި ފަހުން އައިސް ފަލަކްގެ އަޚްލާޤް ރަނގަޅަށް ފެންނަން ފެށީމަ އަހަރެންގެ ވިސްނުން ބަދަލުވާން ފަށައިފި….”
އަފްޒަލް އެ ވާހަކަ ކިޔައިދިނީ ގޭގެ ބިއްދޮށުގައި އޮންނަ ބަގީޗާގައި ހުރި އުނދޯއްޔެއްގައި އިނދެއެވެ. އެވަގުތު މަންމަވެސް އޭނަގެ ކައިރީގައި އެ ވާހަކަ އަޑުއަހަން އިނެވެ.
“ހުމް….އެއީ ގޯސް ކުއްޖެއް ނޫންކަން އެންމެ ކުރީއްސުރެ ވެސް މަންމައަށް އެނގޭ. ހާދަ އިޙްތިރާމާއި އެކީގައޭ އެކުއްޖާ މަންމައާއި ވެސް ވާހަކަ ދައްކަނީ. ހާދަ އަޅާލައޭ އެންމެންނާ ވެސް. މިއަދު ވެސް މުޅި ދުވަސް އެ ހޭދަކުރީއެއްނު ނޫރާގެ ޚިދުމަތުގަ؟” ފަޒީލާ ބުންޏެވެ.
**
“މުޅިން އުފާވެރި ދުވަސްތަކެއް ނޫން ހަނދާންވަނީ މިކޮޓަރިއަށް އައިމަ. ވަރަށް ވޭނުގަ އުޅެންޖެހުނު ދުވަސްތަކާއި ރޭތައް ހަނދާންވަނީ. އެކަމަކު….އަހަރެން އަދިވެސް ހާދަ ލޯބިވެއޭ އަދުހަމް ދެކެ. އެކަހަލަ މީހެއްދެކެ އަހަންނަށް ލޯބިވެވެނީ ކީއްވެތަ ފަލަކް؟” ނޫރާ އެ ސުވާލުކޮށްލި ހިނދު އެ އަޑު ކުރެހުނެވެ.
“ލޯބިވުމަކީ ކުށެއް ނޫނޭ ނޫރާ. ލޯބިވުމަކީ ވަރަށް ރީތި ސިފައެއް. އެއީ ކޮންމެ ކޮންމެ މީހެއްގެ ހިތަށް ލިބިގެންވާ ޤާބިލުކަމެއް ވެސް ނޫން. ނޫރާއަށް ލޯބިވެވުނު މީހާ އެ ލޯބި ބަލައި ނުގަތުމަކީ ނޫރާގެ ކުށެއް ނޫން އެއްގޮތަކަށް ވެސް. އަދުހަމަށް ނޫރާ އެހާ ކަމުނުދަންޏާ ނޫރާއާއި ނުވެސް އިނީހެއްނު؟ އެކަމަކު ނޫރާއާއި އިނދެގެން 5 އަހަރު ވަންދެން ނޫރާއާއި އެކީ އެ އުޅުނީ. ނޫރާއަކީ ރަނގަޅު އަންބެއް ނޫންނަމަ އަދުހަމް އެހެން ހެދީސްތަ؟” ފަލަކް ސުވާލުތައް ކުރިއެވެ. އެހެން މީހުން ހެދިހެން ފަލަކްވެސް އެވަގުތު އަދުހަމް ކުށްވެރިކޮށް ވާހަކަ ދައްކަން ނުހަނު ބޭނުންވިއެވެ. އެކަމަކު އެވަގުތު ވެސް ބޭނުންވީ ނޫރާގެ ވިސްނުން ހުރި ހިސާބުން ނޫރާގެ ޚިޔާލު ބަދަލު ކުރާށެވެ.
“ނޫންދޯ؟ ހެހެ….އަދުހަމް ވެސް އަހަރެންދެކެ ލޯބިވާތީތާ އަހަންނާއި ގުޅިގެން އުޅޭނީ. ދަރިއަކު ލިބުނީމަ އަހަރެންގެ ހަށިގަނޑަށް އައި ބަދަލުތަކާއިހެދި އަދުހަމް ފޫހިވީ ކަންނޭނގެދޯ؟ އެހާ ހިސާބުން އަހަންނަށް އަނިޔާކުރަން ފެށީ…” ނޫރާ ޙަޤީޤަތް ދަނެގަންނަން ބޭނުންވާ ފަދައަކުން ވާހަކަ ދެއްކިއެވެ.
“ދަރިއަކު ލިބުނޭ ކިޔާފަ ކޮންމެހެން އަދުހަމް ނުޖެހޭ ނޫރާއާއިމެދު އެހެން ހަދާކަށް. ދަރިއަކު ލިބުނީމަ އަދި މާ ބޮޑަށް ލޯބިވެފަ އޯގާތެރިވާން ޖެހޭނީއެއްނު؟ އެއީ ހަމައެކަނި ނޫރާގެ ދަރިއެއް ނޫންވިއްޔާ. އެކަމަކު ގިނަ ފިރިހެނުންނަށް މިކަން ނުވިސްނެނީ ކަންނޭނގެ….” ފަލަކް ކިތަންމެ ބޭނުމެއް ނުވިޔަސް އެ ފަހު ޖުމްލަ ބުނެލިއިރު އެ އަޑުގައި ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ. އާދައިގެ މަތިން ފިރިހެނުންނަށްޓަކައި އޭނަގެ ހިތުގައިވާ ނަފްރަތު އުތުރި އަރައިގެން ދިޔައެވެ. އޭނަގެ ނަޒަރުގައި އެފަދައިން އަންހެނަކަށް ހުރިހާ ޙާލަތެއްގައި އޯގާތެރި ވެދާނެ ފިރިހެނެއް ނެތެވެ.
**
“ހުމް….ހަމަ އަސްލުވެސް ވަރަށް ލޯބި ކުއްޖެއް އެއީ. އެންމެ ފުރަތަމަ ފަލަކް ފެނުނީމަ ހިތަށްއެރީ ހާދަ ލަދުކުޑަ ކުއްޖެކޭ. ނަމާދުވެސް ނުކުރާނެއޭ. އެކަމަކު މަންމަ ބުނީމަ އެނގުނީ ނަމާދު ކުރާކަން. ހެހެ….އަސްލު ބޮޑަށް އެހެން ހީކުރެވުނީ އަހަންނާ ބައްދަލުވި ދެ ތިން ފަހަރު މަތިން އަހަންނާ ވެސް ވާހަކަ ދެއްކި ގޮތުން. އަބަދު ހީކޮށްގެން އުޅުނީ އަހަރެން ފަލަކް ފަހަތު އަޅުވައިގެން އުޅެނީ ކަމަށް. އެހެންނޫނީ ކޮންމެވެސް ކުށްހީއެއްގަ އަހަންނާ ދިމާލަށް އެއްޗެހި ގޮވާފަ ހުރީ. އެކަމަކު ފަހުން އެނގުނީ…..އެއީ ފިރިހެނުންނާއިމެދު ފަލަކްގެ ނަޒަރިއްޔާތު ހުރި ގޮތުންކަން އަހަންނާއިމެދު އެގޮތަށް ފަލަކް ކަންތައް ކުރީ. ފަލަކްގެ ލިޔުންތައް ކިޔާފަ ހިއެއްނުވޭ ފިރިހެނުންނާއި ގުޅުންތައް ބާއްވައިގެން ޙަޔާތް ވޭތުކޮށްފަ ހުރި ކުއްޖެއްހެން. ހަމަ ހުރިހާ ގޮތަކުން ވެސް ވަރަށް ރަނގަޅު ކުއްޖެއް އެއީ….މާ ޝާ ﷲ!” އަފްޒަލް ފުލުފުލުން ފަލަކަށް ތަޢުރީފު ކުރިއެވެ.
“ދެން ކީއްވެ ދަރިފުޅު ފަލަކްގެ ކައިރިން އިންނަން ނޭދިގެން ތިއުޅެނީ؟ މަންމަ ވެސް ރުހޭ ކުއްޖެކޭ އެއީ.” ފަޒީލާ ބުންޏެވެ. އެއާއިއެކު އަފްޒަލް ފުން ނޭވައެއް ދޫކުރިއެވެ.
“އަހަންނާއިމެދު ފަލަކް ދެކޭ ގޮތެއް އަދިވެސް ޔަޤީން ނުވާތީ. އެއަށްވުރެ ބޮޑަށް ފަލަކަކީ ބުރުގާ ނާޅާ ކުއްޖަކަށް ވާތީ. ވަރަށް ހީވޭ އަހަރެން ފަލަކާއި އެކީ އުޅެން ފެށިއްޔާ ފަލަކް ބުރުގާ އަޅަން ފަށާފާނެހެން. އެކަމަކު މީހަކު ބަދަލުވެދާނެ ކަމުގެ އުއްމީދުގައެއް ނޫންދޯ ކައިވެންޏެއް ކުރަންޖެހޭނީ؟ އެ އުއްމީދުގަ ހުރެ އަހަރެން ފަލަކްއާއި ކައިވެނި ކުރިއްޔާ ދެމެދުގަ ޙައްލު ނުކުރެވޭނެ މައްސަލަތައް ޖެހިދާނެތީ ޖެހިލުންވޭ.” އަފްޒަލް ކިޔައިދިނެވެ.
**
“ހަމަ އަސްލުވެސް….ފިރިހެނުން ހަނދާން ނެތެނީ ކަންނޭނގެ އޯގާތެރިކަމަކީ ކޮބައިކަން. ގުޅުމުގެ ކުރީކޮޅުގަ އަދުހަމް އަހަންނާ ހާދަ އަޅާލިއޭ….ހިތަށް އަރާ އެ އަދުހަމް އަނެއްކާ އަހަންނަށް އަނބުރާ ލިބިދާނެބާވައޭ…ވަރިކުރި ވަގުތު އެތައް ދުވަހެއް ފަހުން މާޒީގައި އަހަންނަށް ދިމާވި އަދުހަމްގެ އަޑު އަހަންނަށް އިވުނީ…” ނޫރާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އަނެއްކާވެސް އެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އެއާއިއެކު އަނެއްކާވެސް ނޫރާގެ ޙާލަތު ގޯސްވެދާނެތީ ފަލަކް ކަންބޮޑުވިއެވެ.
“އަދުހަމް އެންމެ ފުރަތަމަ ވެސް އެންމެ ފަހުން ވެސް އަދި އެ ދޭތެރެއިން ވެސް އެ ދެއްކީ އަދުހަމްގެ ޙަޤީޤީ ކުލަތައް. ފުރަތަމަ ލޯބިން އެ ވާހަކަ ދެއްކީ ނޫރާ އޭނަގެ މަޅީގަ ޖައްސަން. ކައިވެނީގެ ތެރޭގަ އެހާ ބައިވަރު އަނިޔާތައް ދިނީ ނޫރާ އޭނަގެ މުށުތެރޭގަ ގެންގުޅެން. ވަރި ކުރި ވަގުތު އަނެއްކާ ލޯބިން ވާހަކަ ދެއްކީ ނޫރާ ދެންވެސް އޭނަގެ ޚިޔާލުތަކުގަ ޢުމުރު ހޭދަކުރާނެ ކަމުގެ އުއްމީދުގަ. ޓްރަސްޓް މީ ނޫރާ….މި ކަހަލަ ފިރިހެނުން އަހަންނަށް ކުރިން ވެސް ފެނިފަ އެބަހުރި. އޭނަގެ އެންމެ ބޮޑު ބޭނުމަކީ ނޫރާގެ މައްޗަށް އޭނަގެ ބާރު ހިންގުން. އޭނަގެ ހާޒިރީގަ ވެސް އަދި ޣައިރު ހާޒިރީގަ ވެސް. އެހެން އެއްވެސް ކަމެއްނޫން…..މިހާރު ވެސް ނޫރާ ހެދުން ވެސް ތި އަޅަނީ އޭނަ ބުނެފަ އޮތް ގޮތަށް ނޫންތަ؟ ގޭތެރޭގަ ވެސް ބުރުގާ އަޅައިގެން ތި އުޅެނީ!” ފަލަކް ވާހަކަ ދައްކަމުން ގޮސް އެ ފަހު ބަސްތައް ބުނެލީ ރުޅިވެރިކަމާއި، ހިތުގައި ބުރުގާއަށްޓަކައި އޮތް ރުޅިވެރިކަމާއި އެކީގައެވެ. ބުރުގާއަކީ އޭނަގެ ނަޒަރުގައި ހަރުކަށި ފިރިހެނުން އަންހެނުންގެ މައްޗަށް ބާރު ހިންގާ އެންމެ ލާއިންސާނީ ނިޝާނެވެ. އެ ބަސްތައް ވެސް ދުލާއި ހަމައަށް ގެންނަން އުޅެނިކޮށް ނޫރާ ވާހަކަ ދެއްކިއެވެ.
“އަދުހަމް ބުނެގެނެއްނޫނޭ ބުރުގާ އެޅީ…” ނޫރާ އޭނަގެ ކޯތާފަތަށް ފޭބި ކަރުނަ ފޮހެމުން މަޑުމައިތިރި އަޑަކުން ބުނެލި ވާހަކައިން ފަލަކް ހިމޭންވީ ހިނދު، މޫނުމަތީގައި ކުލަވަރު ބަދަލުވިއެވެ. ހިތުތެރޭގައި އުފެދިފައިވި އަލިފާނަށް ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ.
“ވް…ވަޓް؟” ލިބުނު ޝޮކުގެ ސަބަބުން ފަލަކަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ.
“އާނ….އަދުހަމްއާ ދިމާވުމުގެ މާ ކުރިން ވެސް ބުރުގާ އަޅައިފިން. އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް މިއީ. ﷲ ސުބުޙާނަހޫ ވަތަޢާލާ ބުރުގާ އަޅަން އަންގަވާފައިވާ ވާހަކަ އެނގުނީއްސުރެ މަންމަ ގާތު އެ ވާހަކަ ކިޔަން ފަށައިފިން. ހެހެ….އެއީ ވަކި އަހަންނަކީ ޞާލިޙު މީހަކަށް ވީތީވެއެއްނޫން. ﷲ ގެ ޢަޒާބަށް ބިރުވެތިވާތީ ބުރުގާ އެޅީ. ޢައުރާ ނިވާ ނުކުރާ އަންހެނަކަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ ވާހަކަ އިވިފައިވާތީ ބުރުގާ އެޅީ. ބުރުގާ އެންމެ ފުރަތަމަ އެޅި ދުވަހަކީ އަހަރެންގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސް. އެދުވަހު ނޭނގޭ މިނިވަންކަމަކާއި ހަމަޖެހުމެއް އިޙްސާސް ކުރެވުނު. ނޭނގޭ ރައްކާތެރިކަމެއް ލިބުނު ކަހަލަ އިޙްސާސެއް ކުރެވުނު.” ނޫރާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.
އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ފަލަކްގެ ހިތް މޭތެރޭގައި އޮވެ ޖެހި ފިތި ބާރުވަމުން ދިޔަހެން ފަލަކަށް ހީވިއެވެ. މި ހުރިހާ ދުވަހު އޭނަގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތަކަށް ގޮންޖެހެމުން ދިޔައީތީ އުދަގުލެއްވިއެވެ.
“ފަލަކްއަށް އެނގޭތަ؟ އަހަރެން އެންމެ ފުރަތަމަ ބުރުގާ އެޅިއިރު ލާން ފެށީ ވެސް ދިގު ހެދުންތައް. ދުވަހަކުވެސް ނުލަން މި ކަހަލަ ކުރު ހެދުންތައް. ގޭގަވެސް ގިނަ ފަހަރު އެ ހެދުންތަކުގެ ބުރުގާ އަޅައިގެން ހުރީ ގެއަށް ގިނަގިނައިން ބީރައްޓެހިން އައިސް އުޅޭތީ. މިގެއަށް އައިސްފައިވެސް އަފްޒަލްމެން ކުރިމަތީގައި ބުރުގާ ނަގާލާފަ ހުންނަން ބޭނުން ނުވާތީ ގިނަ ވަގުތު ބުރުގާ އަޅައިގެން ހުރެވެނީ….އެކަމަކު މި ކަހަލަ ކުރު ހެދުންތައް ލާން އަހަންނަށް ޖެއްސީ އަދުހަމް. އަހަރެން ހަމަ އެއްގޮތަކަށް ވެސް ބޭނުމެއް ނުވި ކުރު ހެދުންތަކަށް ބަދަލު ކުރާކަށް. އެކަމަކު އެ އަނިޔާތަކުން ސަލާމަތްވާން ވެގެން މިކަހަލަ ހެދުންތައް ގަންނަން ފެށީ….މި ވަރިއަކީ އެކަމަށްޓަކައި އަހަންނަށް ލިބުނު ޢަޒާބެއް ކަންނޭނގެ. އެހެންނޫނީ އަހަރެން ކުރު ހެދުންތައް ލުމުން ﷲ އަހަރެން ރައްކާތެރި ކުރީ ބާ؟” ނޫރާ އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ. ފަލަކަށް ބުނާނެ ވަކި އެއްޗެއް ނޭނގިފައި އިނދެވުނެވެ.
**
“އެކަމަކު އެތައް ދުވަހެއް ފަހުން ދަރިފުޅަށް ކުއްޖަކު ކަމުގޮއްސަ އެ ކުއްޖާއާއި ވެސް ނުގުޅުނިއްޔާ ކިހާ ދެރަ؟ މަންމަ ފަލަކަށް ނަސޭޙަތްތެރިވެދެންތަ ބުރުގާ އަޅަން؟” ފަޒީލާ އެހިއެވެ.
“ހެހެ….ނޫނޭ މަންމާ. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް، އިން ޝާ ﷲ. ފަލަކާއި އިންނަން އަހަރެން ހުރީ އިސްތިޚާރާ ކޮށްފަ. ފަލަކާއި އިނުމަކީ އަހަންނަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ އެކަން ކުރުމަށް ރަނގަޅު ނިޝާންތަކެއް ފެނިގެންދާނެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަހަރެން އިތުބާރުކުރަން މަންމާ. ދިރިއުޅުމުގަ އެއްވެސް ކަމެއް އަހަރެން ބޭނުން ގޮތަށް އެކަލާނގެ އިރާދަ ނުކުރެއްވިޔަސް، އެކަލާނގެ އަހަރެން ގެއްލެނި ނުކުރައްވާ. ކުރިއަށް އޮތްތާނގަ ވެސް ނުކުރައްވާނެ އިން ޝާ ﷲ.” އަފްޒަލް ސާބިތުކަމާއި އެކީ ބުންޏެވެ. އަފްޒަލްގެ ބަސްތަކާއިމެދު އުފާ ކުރެވުނު ވަރުން ފަޒީލާ އާނއެކޭ ބުނެ އަފްޒަލްގެ ބޮލުގައި ފިރުމައިލިއެވެ.
އެ ވާހަކަތައް ދެއްކުމަށްފަހު ފަޒީލާއާއި އަފްޒަލް އެކުއެކީގައި ތެދުވެލީ، ނޫރާއާއި ފަލަކްގެ ޚަބަރެއްވޭތޯ ބެލުމަށެވެ. އަފްޒަލް ފަލަކަށް ވަޢުދުވީ ފަދައިން އޭނަ ވަނީ އެ ދެމީހުންނަށް ދޭން ވަކިން ކެއުމެއް ކައްކާފައެވެ. ކެއްކުމުގެ ތެރެއިން މަންމައާއި ފެށި ވާހަކަ މި ނިމުނީ ކައްކައި ނިމި، އިރުގަނޑެއްވެސް ވީފަހުންނެވެ. އެހާއިރު ވީއިރު ނޫރާއާއި ފަލަކް ވެސް އަވަދިވެފައިވާނެކަމަށް އަފްޒަލަށް ހީކުރެވުނެވެ.
އެހެނަސް އަފްޒަލް ބަދިގެ ތެރެއިން ގެއަށް ވަދެގެން ގޮސް ސިޓިންގް ރޫމަށް ނިކުތް ހިނދު ފަލަކް، އަވަސް ހިނގުމެއްގައި ނޫރާގެ ކޮޓަރިން ނިކުމެ، ސިޑިއާއި ދިމާލަށް ދާތަން ފެނުނެވެ. އިސާހިތަކު އަފްޒަލަށް ފަލަކްގެ ނަމުން ގޮވައިލެވުނެވެ.
“ފަލަކް! އިޒް އެވްރީތިންގް އޯކޭ؟” ފަލަކް ހިނގާފައި ދިޔަ ގޮތުން އަފްޒަލަށް އަހައިލެވުނެވެ. އަފްޒަލްގެ އަޑު އިވުމާއިއެކު ފަލަކް ފިޔަވަޅުތައް މަޑުޖައްސައިލަމުން ފަހަތަށް ބަލައިލިއެވެ.
“ޔާ އޯކޭ…” ފަލަކް އެހެން ބުނެފައިވެސް ދާން އުޅުނެވެ. އެހެނަސް އަފްޒަލް ދެންވެސް ވާހަކަ ދެއްކިއެވެ.
“ނުކައިތަ މައްޗަށް ތި ދަނީ؟” އަފްޒަލް އެހިއެވެ. އެއާއިއެކު ފަލަކްގެ މޫނުމަތިން އެކަން ހަނދާންވި ފަދަ އަސަރެއް ފާޅުވިއެވެ.
“އޮހް! ނޫރާ މިހާރު އަންނާނެ ބޭރަށް ކާން. އަހަންނަށް…..ދެން މިރޭ ނުކެވޭނެ. އައިމް ރިއަލީ ސޮރީ އަފްޒަލް.” ފަލަކް މުޅިން އަފްޒަލާއި ދިމާލަށް އެނބުރިލަމުން ވަރަށް ދެރަވެފައިވާ ޒާތަށް އިސްޖެހިފައި ހުރެ ބުންޏެވެ.
“ނޯ ނޯ އިޓްސް އޯކޭ. އޭޒް ލޯންގް އޭޒް ޔޫ އާރ އޯކޭ….” އަފްޒަލް ދެންވެސް ފަލަކްގެ މޫނުމަތީގައި ކުލަވަރު ދަނެގަންނަން މަސައްކަތް ކުރަމުން ބުންޏެވެ. އެހެނަސް އަފްޒަލް އުޅެއުޅެ ފަލަކަށް ވެފައި ހުރި ގޮތެއް ދަނެގަނެވޭ ގޮތެއްނުވިއެވެ. އަފްޒަލް ބަލަބަލާ ހުއްޓާ ފަލަކް ސިޑިން މައްޗަށް އަރައިގެން ދިޔައީއެވެ.
**
ފަލަކް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމާއިއެކު އާދައިގެ މަތިން ސްނޯ އޭނަގެ ފައި ކައިރިއަށް އައެވެ. އެހެނަސް މި ފަހަރު ފަލަކް ސްނޯއާއި ވަކި އަޅާލުމެއްނެތި ގޮސް އެނދުގައި އިށީނދެ ދެ އަތުން މޫނު ފޮރުވައިލިއެވެ. އެވަގުތު އޭނަގެ ހިތަށް އެންމެ ބޮޑަށް އުދަގޫވެފައިވީ، ދާދި ދެންމެއަކު އަފްޒަލާއި އޭނައަށް ވާހަކަ ދެކެވުނު ގޮތުންނެވެ. ޚުދު އަމިއްލައަށް ރަނގަޅަށް ނުކެވޭ ވާހަކަ ބުނުމަށްފަހު އަފްޒަލް ލައްވާ ބުރަ މަސައްކަތް ކުރުވައި އަފްޒަލްގެ ވަގުތު ބޭކާރު ކުރެވުނީތީވެއެވެ.
އެހެނަސް އޭނަ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ދާދި ދެންމެއަކު ނޫރާގެ ފަރާތުން އިވިފައިވާ ވާހަކަތަކުން އޭނަގެ ތަބީޢަތް މުޅިން ގޯސްވެފައިވިއެވެ. އަންހެނަކު އަމިއްލައަށް ބޭނުންވެގެން ބުރުގާ އެޅި ވާހަކަ ފަލަކަށް އިވިފައި މި ވަނީ ފުރަތަމަ ފަހަރަށެވެ. ދުބާއީގައި އޭނައާއި ދިމާވެފައިވާ އަންހެން ކުދިން ކުރެން ބުރުގާއާއި މެދު ސުވާލު ކުރެވިފައި ނުވަނީ، އެއީ އެކުދިންގެ ސަޤާފަތާއި ގުޅުން ހުރި ކަމެއް ކަމަށް ފަލަކަށް ޤަބޫލު ކުރެވިފައިވާތީވެއެވެ. ފަލަކަށް އެފަދައިން އެނގޭ ގިނަ ކުދިންނަކީ އެކި ފަހަރުމަތިން އެކި ޒާތްޒާތަށް ބުރުގާ އަޅާ ކުދިންނެވެ. އޭގެ ތެރެއިން ވަކި ޙާލަތްތަކުގައި ބުރުގާ ނަގާލާ ކުދިން ވެސް އުޅެއެވެ. އޭނަ ދެކޭ ގޮތުގައި މިނިވަންކަމާއިއެކީ ބުރުގާ އަޅާ ކުދިންނަކީ އެއީއެވެ.
އެހެނަސް މިއަދު ނޫރާގެ ފަރާތުން އޭނައަށް އިވިފައި މިވަނީ މުޅިން އާ ވާހަކައެކެވެ. ބުރުގާ އަޅަނީ ﷲ އަށްޓަކައި ހެއްޔެވެ؟ ދީނުގައި އަންގަވާފައިވާ ގޮތަކީ އެއީ ހެއްޔެވެ؟ ބޮޑުވަމުން އައިއިރު ޝެއިޚުން ދަރުސްތަކުގައި އެ ކަހަލަ ވާހަކައެއް ދައްކާ އަޑު ފަލަކަށް އިވިފައިވެއެވެ. އެހެނަސް ޝެއިޚުންނަކީ ވެސް ފިރިހެނުންނަށް ވުމުން އެއީ އެ މީހުން އަންހެނުންގެ މައްޗަށް ބާރު ފޯރުވަން އެހެން ފިރިހެނުންނަށް ހިތްވަރު ދިނުމަށް ކުރާ ކަމެއް ކަމަށް ފަލަކަށް ޤަބޫލު ކުރެވުނެވެ. އެހެނަސް އެއީ ކުށްހީއެއް ހެއްޔެވެ؟ މަންމަ ވެސް ބުރުގާ އަޅައިގެން އުޅުނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާތީވެ ހެއްޔެވެ؟
ހިތަށް ވެރިވި އެ ޚިޔާލާއި އެކީ ފަލަކްގެ ސިކުނޑި ހިމޭންވާ ގޮތްވިއެވެ.
ނުނިމޭ
Jana
May 8, 2023 @ 1:57 pm
Because it’s for Allah ❤️
Ash
May 8, 2023 @ 7:29 pm
🤍✨
❤️
July 29, 2023 @ 7:25 am
Omg