ޤަދަރު (ސަތާރަވަނަ ބައި)
“އެއީ ތެދެއްތަ، ފަލަކް؟” އަފްޒަލް ނުހަނު މަޑުމައިތިރި ކަމާއިއެކީ ސުވާލުކުރިއެވެ. އެހިނދު އަތް މުއްކަވައި ރުޅިން ރަތްވެފައި ހުރި ފަލަކް އަފްޒަލަށް ބަލައިލިއެވެ. ހަމައެއާއިއެކު އެ ލޮލަށް ވެރިވެފައިވި ރުޅިވެރިކަން ފޭދި، އެ ލޯމައްޗަށް ވެރިވެގެން ދިޔައީ ޖަޒުބާތުން ފުރިގެންވި އަސަރެކެވެ.
ފަލަކްގެ ލޮލުން އެ ފެނިގެން ދިޔަ އަސަރުން ފަލަކް އެންމެ ބަހެއް ވެސް ބުނެނުލަނީސް އެ ޖަވާބު އަފްޒަލަށް ލިބުނު ފަދައެވެ. އެހެނަސް އަފްޒަލް ފަލަކްގެ ބަހުގެ ތަސައްލީއެއް ވެސް ބޭނުންވިއެވެ. މާ ގިނައިރެއްނުވެ އަފްޒަލަށް އެ ތަސައްލީ ލިބުނީ، ފަލަކް ލަސްލަހުން އިސްޖަހައިލުމަށްފަހު ބޯޖަހައިލުމުންނެވެ. އެހިނދު އަފްޒަލަށް ޤަބޫލު ކުރަން ވެސް ދަތިވެފައި ފަލަކަށް ބަލަން ހުރެވުނެވެ.
“ކޮބާ؟ ބުނީމެއްނު އަފްޒަލް؟ މި ކުއްޖާއަށް ވެސް އަފްޒަލް ކަމުދެއޭ ހަމަ!” މަޖީދު އެހެން ބުނުމާއިއެކު ފަލަކް ވާހަކަ ދެއްކިއެވެ.
“ކޮންމެހެން ޔަޤީނުން ވެސް އިންނާނެ ވާހަކައެއް ނޫން މި ބުނީ. މީހެއްގެ މިޒާޖެއް ނޭނގި މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ މޮޔަ ކަމެއް….” ފަލަކް ހިތްވަރު ކޮށްފައި އެހެން ބުނެލީ އެވަގުތު ބައްޕައާއި އަފްޒަލްގެ ބަހަށް އޭނަ ހެއްލުނީއެއް ނޫންކަން އެމީހުންނަށް ޔަޤީން ކޮށްދިނުމަށެވެ. އެފަދަ ހިއެއް ފިރިހެނަކު ކުރުމަކީ ވެސް އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ނަގާ ފަދަ ކަމަކަށް ވާތީވެއެވެ.
“އެއީ އަހަރެން ވެސް ދެކޭ ގޮތް….ދެމީހުންގެ މިޒާޖު ރަނގަޅަށް އެނގިގެން ނޫނީ ކައިވެންޏެއް ކުރުން ރަނގަޅެއް ނޫން…” އަފްޒަލް ބުންޏެވެ. އާދައިގެ މަތިން އަފްޒަލް، ފަލަކް އުއްމީދު ނުކުރާ ކަހަލަ ވާހަކައެއް ދެއްކުމުން ފަލަކަށް އަނެއްކާވެސް އަފްޒަލާއި ދިމާލަށް ބަލައިލެވުނެވެ. މިއީ އޭނައަށް ސިއްރުން އޭނަގެ ހުރިހާ ނަޒަރިއްޔާތެއް ދަނެގެން ހުރި ކާހިނެއްތޯ އެވަގުތު ހިތަށްއެރިއެވެ.
“އެހެންވީމަ ބަރާބަރެއްނު؟ މިހާރު ވެސް ބައްޕައަށް އެބަ ހީވޭ ތި ދެކުދިންގެ މިޒާޖު ނުހަނު ގުޅޭހެން. ދެކުދިން އެއްގެއެއްގަ އުޅެންޏާ އެކަން ކުރަން ފަސޭހަވެސް ވާނެތާދޯ؟ ހެހެ….” މަޖީދު އެހެން ބުނުމާއިއެކު އަނެއްކާވެސް ފަލަކްގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ނެގިއެވެ. ބައްޕަ އެ އުއްމީދު ކުރަނީ އޭނަ އަފްޒަލާއި ނުހަނު ގިނަގިނައިން ވަކިން ބައްދަލު ކުރަންތޯ ހިތަށްއެރި ހިނދު އަފްޒަލް ވާހަކަ ދެއްކިއެވެ.
“އަޅުގަނޑަށް ބޮޑަށް ރަނގަޅީ މަޖީދުބެ ވެސް އަޅުގަނޑުމެންގެ ބައްދަލުވުންތަކުގަ ބައިވެރިވިއްޔާ. އެއީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ…” އަފްޒަލް ބުންޏެވެ.
“އަމް…އެހެންދޯ؟ ބޭބެ މި ދުވަސްކޮޅު ވަރަށް ބުރަކޮށް މިއުޅެނީ ޙަޤީޤަތުގަ. އެހެން ގޮތެއް ނުހޯދޭނެތަ އަފްޒަލް؟” މަޖީދު އެހިއެވެ. އެހިނދު އަފްޒަލްގެ މޫނުމަތިން ހިސާބެއްގެ ނުރުހުމެއް ފެނުނެވެ.
“އެހެންވެއްޖެއްޔާ….އަޅުގަނޑު ގޭތެރޭގަ އެންމެން ތިބޭ ތަނެއްގަ އިނދެގެން ފަލަކްއާ ވާހަކަ ދައްކާނަން. އެހެން ނޫނަސް ކަމަނަ ރެސްޓޯރެންޓާއި ގުޅިގެން އަހަރުމެން ދައްކަން ޖެހޭ ވާހަކަތައް އެބަހުރި….ދޭތެރެއަކުން އެތަނަށް ގޮއްސަ އެހެން ނޫނީ ގޭގެ ކާ މޭޒުދޮށުން ދިމާކޮށްލާނީ. އެ ގޮތް އޯކޭދޯ ފަލަކް؟” އަފްޒަލް އޭނަ ދެކޭ ގޮތް ކިޔައިދެމުން ފަލަކަށް ދޯދިނެވެ. އެހިނދު ފަލަކަށް ބޯޖަހައިލެވުނީ އަފްޒަލް އެ ވާހަކަ ދައްކަމުންދާ ގޮތާއިމެދު އަންތަރީސްވެފައިވާ ޙާލުގައެވެ. އަފްޒަލް ދައްކާ ކޮންމެ ވާހަކައަކުންހެން އޭނަގެ ހިތަށް ހަމަޖެހުން ލިބިގެން މިދަނީ ކިހިނެއްތޯ ހިތަށްއެރިއެވެ.
ދެކެވުނު އެ ވާހަކައަށްފަހު މަޖީދު އެމީހުން ދޫކޮށް ދިޔުމުން ފަލަކާއި އަފްޒަލްގެ ދެމެދަށް ވެރިވީ ހިމޭންކަމެކެވެ. ގެއަށް ދިޔަ މުޅި ދަތުރު މަތީގައި ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވުނު ތާނގައި އެދުވަހު ގެއަށް ގޮސްފައިވެސް ދެމީހުންނަށް އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އޭނަ ވާހަކަ ނުދައްކައިފިނަމަ އެ ދެމެދުގައި ވާހަކަ ނުދެކެވޭނެކަމަށް ހިނދުކޮޅަކަށް ނަމަވެސް ފަލަކްގެ ހިތް ބުންޏެވެ. އެހެނަސް އެންމެ ފަހުން އޭނަ އެފަދަ ހީކުރުމެއް ހީކުރި ފަހަރު ވީގޮތް ހަނދާންވެފައި ފަލަކް ވަގުތުން ދެން އަފްޒަލާއިމެދު ނުވެސް ވިސްނަން ނިންމިއެވެ.
އަފްޒަލާއި ފަލަކްގެ ވާހަކަ މަދުވެގެން ދިޔަ އެ ދުވަހަކީ ޒުހާއަށް ވެސް ޒައުލްގެ ދުރުކަން އިޙްސާސް ވާން ފެށި ދުވަހެވެ. ޒައުލް ފަހުން ފަހުން އައިސް އޭނައާއި ވާހަކަ ދައްކައި ހަދާ ވަރަށް ނުދައްކާކަން ޒުހާއަށް ފާހަގަވާން ފެށިއެވެ. ޒައުލް ކުރާ މެސެޖުތައް މަދުވެފައި، ‘ބިޒީ’ ކަމުން ނުގުޅޭނެ ވާހަކަ ބުނާތާ ދެ ދުވަހެއް ވެއްޖެއެވެ. މި ކަންތަކާއިމެދު ޒުހާ ކަންބޮޑުވިއެއްކަމަކު ޒުހާ ޝަކުވާކުރަން ބޭނުމެއް ނުވިއެވެ. އޭނަ ޒައުލްއަށް އިތުބާރު ކުރާތީވެއެވެ. އަދި ޒައުލްއަށް ވަގުތުވުމުން އޭނައަށް ގިނަ ވަގުތު ދޭނެ ކަމަށް ހީކުރެވުނީތީވެއެވެ.
އެހެނަސް ޒުހާއަށް ކުރެވެމުން ދިޔައީ ކުށްހީއެކެވެ. ޒައުލް ޒުހާއަށް ދޭ ވަގުތު މަދުވެގެން އުޅެނީ އިހަކަށް ދުވަހު އެންޖެލާ ނުހަނު ގަޔާވެފައި އޭނައަށް ވަކިން މެސެޖު ފޮނުވަން ފެށި ފަހުންނެވެ. ޙަޤީޤަތުގައި ބުރު ސޫރައިން ޒައުލްގެ ނަޒަރުން ޒުހާއަށްވުރެ ރީތީ އެންޖެލާއެވެ. ޒައުލްއަށް ނޭނގި ނަމަވެސް ޒުހާގެ މެސެޖުތަކަށް ޖަވާބު ފޮނުވުމުގެ ކުރިން އެންޖެލާގެ މެސެޖުތަކަށް ސަމާލުކަން ދެވެނީ އެހެންވެއެވެ. ޒައުލްގެ ސިކުނޑީގައި މުސްތަޤްބަލުގެ ޚިޔާލެއް ނެތް ފަދައެވެ. އެންޖެލާއަކީ މުސްލިމް ކުއްޖަކަށް ނުވުމުން އެންޖެލާ އާއިއެކީ މުސްތަޤްބަލެއް ބިނާ ނުކުރެވިދާނެކަން އެނގުނަސް، އެ ބީރައްޓެހި ކުއްޖާއަށް ސަމާލުކަން ދޭން ބޭނުންވިއެވެ. އެހާ ރީތި ކުއްޖަކު އޭނައަށް ސަމާލުކަން ދިނުމުން އޭނައަކީ އަގެއްހުރި ފިރިހެނެއް ކަމުގެ އިޙްސާސް ކުރެވުނެވެ.
މީހެއްގެ އަގަކީ އެހެން މީހަކު އޭނައަށް ދޭ ސަމާލުކަމުން މިންކުރެވޭނެ އެއްޗެއް ނޫންކަން ޒައުލްއަށް އެނގޭނެނަމައެވެ. އެންމެ މާތް މީހަކީ ހިތުގެ ތަޤްވާވެރިކަން އެންމެ ބޮޑު މީހާކަން ޒައުލްއަށް އެނގޭނަމަ، އެފަދަ ނުރައްކާތެރި މަގަކުން ދިޔުމަށް ޚިޔާރު ނުކުރީސްކަން ޔަޤީނެވެ.
**
އޭގެ އަނެއްދުވަހުގެ ހަވީރު ފަލަކް ނޫރާއާއި އެކީ ހަވީރުގެ ސަޔަށްޓަކައި ކާމޭޒު ދޮށުގައި އިށީނެވެ. ފަލަކް ވީހާވެސް ވަރަކުން ނޫރާއާއި ގާތުން އުޅެމުން ދިޔައީ، ނޫރާގެ ގައިގެ އެކި ތަންތަނުން ފެންނަމުން ދިޔަ އަނިޔާތަކުގެ ސަބަބުންނެވެ. އެފަދަ އަނިޔާތައް ލިބިފައިވާ އަންހެނުންނަށް އެހީވުމަކީ އޭނަގެ ދިރިއުޅުމުގެ އެއް މަޤްޞަދު ކަމަށްވާތީވެއެވެ.
ފަލަކް ވީހާވެސް ވަރަކުން ސީދާ އެ އަނިޔާގެ ވާހަކަތައް ނުދެއްކިޔަސް އޭނަ ނޫރާއާއި އެކުވެރިވާން މަސައްކަތް ކުރިއެވެ. ކަރާއި އަތުގެ އެކި ތަންތަނުގައި ރަތްވެފައި ހުރިތަން ފެނި އެއީ ކިހިނެއްވީތޯ އެހުމުން ނޫރާ ވަކި ޖަވާބެއް ނުދީ ހީލީއެވެ. އިތުރަށް އެ ވާހަކަ ނުދައްކަން ފަލަކް ނިންމީ އެހެންވެއެވެ. އަދި ބަދަލުގައި ނޫރާގެ އިތުބާރު ހޯދަން މަސައްކަތް ކުރީ، އެހެން މީހަކަށް ޖެހިލުންވިޔަސް އެ ވާހަކަ ބުނަން ނޫރާ ބޭނުންވެއްޖެ ޙާލަތެއްގައި އޭނަގެ ކައިރިއަށް އަންނާނެ ފަދައަކުންނެވެ.
ދެމީހުން އެކީގައި ސައިބޯން ތިއްބާ ނޫރާ އަވަހަށް ސައި ގަޑި ނިންމާލަން ޖެހުނީ، ނާއިލް ސްކޫލްގެ މަސައްކަތަކަށް އެހީ ބޭނުންވުމުންނެވެ. ނޫރާ ދާން ހިނގައިގަތުމުން، ފަލަކް ކޮޓަރިއަށް ގޮސް އައިޕެޑް ހިފައިގެން އަނެއްކާވެސް ކާމޭޒުދޮށަށް އައެވެ. އެވަގުތު އޭނަގެ ސައިތަށި ހުސް ނުވާތީވެއާއިއެކު އެތާހުރި ބިސްކޯދުވެސް އޭނައަށް މީރުވުމުންނެވެ.
ހިމޭންކަމާއިއެކީ އެކަނި އިނދެ ސައިބޮމުން އައިޕެޑްގައި ފަލަކް ކުރަހަމުން ދިޔައީ، ‘ކަމަނަ’ ރެސްޓޯރެންޓުގެ އިންޓީރިއާ ޑިޒައިނިންގްއަށް ބޭނުންވާނެ އެކި އެއްޗެހީގައި ހުންނާނެ ޚާއްޞަ ޑިޒައިނެކެވެ. މަސައްކަތަށް މުޅިންހެން ގެއްލިފައި އިންދާ، މީހަކު ‘ހައި’ އޭ ކިޔައިލި އަޑަށް ފަލަކަށް އިސްއުފުލައި ބަލައިލެވުނެވެ. އެހިނދު ލެޕްޓޮޕް ހިފައިގެން އައިސް އެ މޭޒުގައި ކޮޅުގައި ހުރި ގޮނޑީގައި އިށީންނަން އުޅުނު އަފްޒަލް ހިނިތުންވުމަކާއިއެކީ އޭނައަށް ބަލަން ހުއްޓެވެ.
އެ ހިނިތުންވުން ފަލަކަށް ރީތިވިއެއްކަމަކު ކީއްވެ ކަމެއް ނޭނގެއެވެ. ފަޅި ސިކުންތެއްގެ ތެރޭގައި އެހެން ދިމާލަކަށް ބަލައިލަމުން ‘ހައި’ އޭ ބުނެލެވުނެވެ. އެ ހިނިތުންވުމުގެ ޖާދުލުގައި ޖެހިދާނެތީ ހިތް ބިރުގަތީ ކަންނޭނގެއެވެ.
“އޯކޭތަ އަހަރެން މިތާ އިށީނަސް؟” އަފްޒަލް އިށީނުމުގެ ކުރިން އެހިއެވެ.
“ހުމް…” އަނެއްކާވެސް ބެލުމެއްނެތި ފަލަކަށް ބުނެވުނީ އެހާވަރަށެވެ. އަފްޒަލް ގޮނޑި ދަމައިލުމަށްފަހު އިށީނީ ފަލަކް އެހެން ބުނުމުންނެވެ.
އަފްޒަލްގެ އެ ޙަރަކާތުން ފަލަކް އަޖާއިބުވާހާވިއެވެ. އަމިއްލަ ގޭގައި ހުރެ އެފަދަ ސުވާލެއް އަފްޒަލް ކުރަނީ ކީއްވެތޯ ހިނދުކޮޅަކަށް ފަލަކްގެ ހިތަށްއެރިއެވެ. އަފްޒަލް އެހާ ވެސް އޭނަގެ ފަސޭހަކަމަށް ސަމާލުކަން ދެނީތޯ ހިތަށްއެރި ހިނދު ފަލަކްގެ ގައިން ހީބިހި ނެގިއެވެ. އޭނައަށް މި ވަނީ ކިހިނެއްތޯ ހިތަށްއެރިއެވެ.
“ޑިޒައިނެއްތަ ތި ކުރަހަނީ؟” އަފްޒަލް އަމިއްލަ ލެޕްޓޮޕް ހުޅުވަމުން، ނުހަނު ގާތުން ފެންނަމުން ދިޔަ ފަލަކްގެ އައިޕެޑް ސްކްރީނަށް ނަޒަރެއް ދެމުން އެހިއެވެ.
“އާނ….ކަމަނަ ރެސްޓޯރެންޓަށް ވިސްނާފަ ކުރަހާ ޑިޒައިނެއް މިއީ.” ފަލަކް ބުންޏެވެ.
“އޮހް…އެހެންވީމަ ދައްކާލެ-“
“ނިމުނީމަ ދައްކާނަން!”
އަފްޒަލް އެހެން ބުނުމާއިއެކު ފަލަކް އައިޕެޑް ހިއްލާލަމުން ސްކްރީން ފޮރުވިއެވެ. އެންމެ ފުރިހަމައަށް އޭނައަށް ކުރެވިފައި ނުވާކަމެއް އެއްވެސް މީހަކަށް ދެއްކުމަކީ ފަލަކްގެ ގޮތަށް ނުވާތީވެއެވެ. އަދި އަމުދުން އެފަދަ މަސައްކަތެއް އޭނަ ވަކިން ޚާއްޞަކޮށް އަފްޒަލަށް ދައްކަން ބޭނުންނުވީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ.
“ހެހެ….އޯކޭއޭ. ފަލަކް ނުދައްކަންޏާ ނުބަލާނަން.” އަފްޒަލް ނުފިލާ ހިނިތުންވުމެއްގައި އިނދެ ބުންޏެވެ.
އެހިނދު ފަލަކްގެ ހިތަށް ލިބުނު ހަމަޖެހުމާއިއެކީ ހިތަށް އުދަގޫވެސްވިއެވެ. އޭނަ ފިރިހެނަކާއި ދައްކާ ވާހަކައެއް މިހާ ފަސޭހައިން މިދަނީ ކީއްވެތޯ ހިތަށްއެރިއެވެ. މިއީ މިކަން ވާންޖެހޭ ގޮތެއް ނޫންކަމަށް ބުނެ އޭނަ ސިކުނޑި ނޭނގޭ އިންޒާރެއް ދެމުން ދިޔައެވެ.
ހަމަ އެ ވަގުތު ފަލަކްގެ ފޯނު ރިންގުވާން ފެށުމާއިއެކު ފަލަކް އޭގެ ސްކްރީނަށް ބަލައިލިއެވެ. މަހްރީންގެ ނަން ފެނުމާއިއެކު ފަލަކް ދެވަނަ ވިސްނުމެއްނެތި ފޯނު ނަގައި ވާހަކަ ދައްކަން ފެށިއެވެ. ޢަރަބި ބަހުން ވާހަކަ ދައްކަމުން ދިޔައިރު އަފްޒަލް އޭނައަށް ދޭތެރެ ދޭތެރެއިން ބަލަމުން ދިޔަކަން ފަލަކަށް ފާހަގަވިއެވެ. އެދިމާލަށް މުޅިން ނުބެލިޔަސްމެއެވެ.
މަދު މިނެޓްތަކެއްގެ ކޯލަކަށްފަހު ފަލަކް ފޯނު ބޭއްވުމުން އަފްޒަލް ވާހަކަ ދެއްކިއެވެ.
“ވޯކް ކޯލްއެއްދޯ އެއީ؟” އަފްޒަލް އެހިއެވެ. އޭގެ ޖަވާބުގައި ފަލަކް އޭނައަށް ލުއި ގޮތަކަށް ބަލައިލަމުން ބޯޖަހައިލިއެވެ.
“ޢަރަބި އެނގޭތީވެއެއްނޫން އިނގޭ އެނގުނީ. ވާހަކައިގެ ތެރެއިން އިނގިރޭސިން ބައެއް ޢަދަދުތައް ކިޔައިލި އަޑު އިވުނީމަ ހީވީ. ހެހެ….” އަފްޒަލް ލުއި ގޮތަކަށް ހީލުމުން ފަލަކް ހީލީ ޒާތަކަށެވެ. ކޮންމެ ފިރިހެނެކޭ ވެސް އެއްފަދައިން އޭނަގެ ދުލުން މިލިއަނުގެ ޢަދަދުތައް އިވިފައި އަފްޒަލް އޭނައަށް އިތުރަށް ޝައުޤުވެރިވީތާއޭ ހިތަށްއެރި ހިނދު ފޫހިވާ ގޮތްވިއެވެ. އެހެނަސް….
“ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންދޯ ފަލަކް މިހާ ހިސާބަށް އައިއްސަ ތިހިރީ؟ އިޓްސް ރިއަލީ އިންސްޕަޔަރިންގް. މާ ޝާ ﷲ!”
އަފްޒަލް އެ ބުނެލި ބަސްތަކާއިއެކީ ކުރަހަމުން ދިޔަ ފަލަކްގެ އަތުގެ ޙަރަކާތަށް ހުއްޓުމެއް އައެވެ. އެ އިވިގެން ދިޔައީ ހުވަފެނަކުން ވެސް ފިރިހެނަކު އޭނަ ގާތު ބުނެފާނެ ވާހަކައެއް ކަމަށް ފަލަކް ޤަބޫލެއް ނުކުރެއެވެ. އޭނައަށް މިހާތަނަށް ފެނިފައިވާހާ ފިރިހެނުން ވެސް އޭނަގެ ވިޔަފާރި ފެނިފައި ދައްކުވައިލީ ދަހިވެތިކަމެވެ. އެހެންނޫނީ އެމީހުންނަށްވުރެ އޭނަ ކާމިޔާބުވާތީ އެކަމާހެދި ޖެހިލުންވާކަމެވެ. އަދި ބައެއް މީހުން އެ ޖެހިލުންވުމުގެ ސަބަބުން ޤަޞްދުގައި އޭނައަށް ބަދުބަސް ބުނެ ދަށްކުރާ ހިސާބަށް ވެސް ގޮސްފައިވެއެވެ.
އެހެނަސް އެވަގުތު ފަލަކަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު ތަޖުރިބާއެކެވެ. އޭނަގެ ކައިރީގައި އެހެރީ ހިތުގެ ފުން މިނުން އޭނަގެ ކާމިޔާބީއާއިމެދު އުފާކުރާ އިންސާނެއްކަން އެނގުންވީ ހިނދު ފަލަކްގެ ލޮލުން ކަރުނަ ހިލެން އުޅުނެވެ.
ވާނީވެސް އެހެންތާއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އޭނަ މުޅިން ވެސް އުޅުނީ އެކަނިވެރިކަމުގައެވެ. ފަލަކް ދެކުނު ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ވެސް އެއީއެވެ. އަމިއްލައަށް ބުރަ މަސައްކަތްކޮށް އަމިއްލަ ދިރިއުޅުމާއިމެދު އަމިއްލައަށް ފަޚުރުވެރިވެ އުފާކުރުމުން ހިތްހަމަޖެހޭނެއެވެ. އެހެނަސް އެ ވަގުތުކޮޅުގައި ދިރިއުޅުމުގެ ހުރިހާ އުފަލަކީ އެއީއެއް ނޫންހެން ހީވާން ފެށުމުން ފަލަކަށް ތެދުވެލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު އަފްޒަލް އޭނައަށް ބަލައިލިކަން އެނގުމުން ފަލަކަށް ވާހަކަ ދެކެވުނެވެ.
“މައްޗަށް ގޮސްލާނަން….” ފަލަކް އެހެން ބުނި ހިނދު ކިތަންމެ ބޭނުމެއް ނުވިޔަސް އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އެކަން އެނގުންވުމުން ފަލަކް އޭނަގެ ލެޕްޓޮޕް ހިފައިގެން ސިޑިއާއި ދިމާލަށް ދިޔައީ އަފްޒަލާއި ވީހާވެސް ދުރަށް ދިޔުމަށް އަވަސް ހިނގުމެއްގައެވެ.
**
ފަލަކް އޭނައަށް ފަސްދީފައި ދިޔަފަހުން އަފްޒަލްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވެއެވެ. އޭގެ ސަބަބުން އެދުވަހު އޭނައަށް ފަލަކްގެ ފަރާތުން ފެނިގެން ދިޔަ ހުރިހާ ޙަރަކާތްތަކާއިމެދު ނުބައިކޮށް ވިސްނެމުން ދިޔައެވެ. ކުރީކޮޅު ފަލަކް އޭނައަށް ނުބެލީ ލަދުން ކަމަށް ހީކުރެވުނެއްކަމަކު، އެއީ އޭނަދެކެ ވާ ފޫއްސެއްގެ ބޮޑުކަމުން ކަމަށްވެސް ވެދާނެ ނޫންތޯ ހިތަށްއެރިއެވެ. ފަލަކް މަސައްކަތުގައި އިންދާ އޭނައަށް ވާހަކަ ދެކެވުނީ މާ ގިނައިންތޯ ހިތަށްއެރިއެވެ. ފަލަކް އެންމެ ފަހުން ދިޔައީ އެހެންވެތޯ އަމިއްލަ ޒަމީރާއި ސުވާލު ކުރެވެމުން ދިޔައެވެ.
އެހެނަސް ފަލަކް އެންމެ ފަހުން ބުނެލި ބަސްތަކުގައިވި ރިހުމާއިމެދު ވެސް އަފްޒަލަށް ވިސްނެމުން ދިޔައެވެ. އެކަމާއިމެދު ދެރަ ވެސް ވަމުން ދިޔައެވެ. އޭނައަށް ފަލަކް ދެރަވާ ކަހަލަ ވާހަކައެއް ދެކެވުނީތޯ އަމިއްލަ ނަފްސާއި ސުވާލު ކުރާ ކޮންމެ ފަހަރަކު އޮޅުން އަރަމުން ދިޔައެވެ. ހަމަ ޔަޤީނުންވެސް އެންމެ ފަހުން އޭނަ ފަލަކަށް ކުރީ ތަޢުރީފެއްކަން ޔަޤީން ކުރެވުނީތީވެއެވެ.
ވިސްނިވިސްނިހެން އަފްޒަލް ކޮންމެހެން ވެސް ފަލަކާއި ވާހަކަ ދައްކައި އެކަން ސާފުކުރަން ބޭނުންވިއެވެ. އެހެނަސް އެރޭ އޭނައަށް އެކަމަށް ފުރުސަތެއް ލިބޭ ގޮތެއް ނުވިއެވެ. އެރޭ މަންމަ ޑޮކްޓަރަށް ދައްކަން ދާން ހަމަޖެހިފައި އޮތީތީވެއެވެ. އަފްޒަލް ކަންބޮޑުވާ ގޮތްވީ އެރޭ ފަލަކް ގޭގައި މުޅިން އެކަނިވާނެތީވެއެވެ. ޒައުލް ވެސް އެރޭ ކޮލެޖްގެ ކްލާހަކަށް ދާން އޮވެފައި ނޫރާ ވެސް ނާއިލާއިއެކީ ނޫރާގެ މަންމަގެ ގެއަށް ކެއުމަކަށް ދާން ނިންމާފައިވިއެވެ.
“ވިލް ޔޫ ބީ އޯކޭ؟” ދާން އުޅެފައިވެސް މަޑުކޮށްލަމުން އެންމެންނަށް އަލްވަދާޢު ކިޔަން ތިރިއަށް އައިސް ހުރި ފަލަކް ގާތުން އަފްޒަލަށް ސުވާލު ކުރެވުނެވެ. އެ ވަގުތު އެ މޫނުމަތީގައިވި ކަންބޮޑުވުން އެތާ ތިބި އެންމެންނަށް ފާހަގަވިއެވެ.
“ޔެސް އައި ވިލް ބީ އޯކޭ….އެކަނި އުޅެން އާދަވެފަ ހުންނަނީ ހެހެ….” ފަލަކް އެ ޖަވާބު ދިނީ އަފްޒަލާއިއެކީ އަފްޒަލްގެ ކައިރީގައި ހުރި ފަޒީލާއަށް ވެސް ތަސައްލީއެއް ދިނުމަށެވެ.
“އެކަމަކު ދަރިފުޅު….ދެރަވޭ އެކަނި ބަހައްޓާފަ ދާންވީމަ….” ފަޒީލާ ފަލަކްގެ އެއްއަތުގައި ދެ އަތުން ހިފަހައްޓަމުން ބުންޏެވެ.
“މިރެއަށް ދާންވީއެއްނު ފަލަކްގެ ބަޕް…..އެހެން ހޮޓެލަކަށް ވިޔަސް؟” ނާޒުކު ވާހަކައެއް ބުނަން އުޅެފައިވެސް އަފްޒަލް ރަނގަޅު ވަގުތުގައި އެ ވާހަކަ މަޑުކުރިއެވެ.
“ނޯ އައިމް ރިއަލީ އޯކޭ….އެހެންނޫނަސް މާ ގިނައިރަކަށް ވެސް ނޫނެއްނު ތި ދަނީ. ދެ ތިން ގަޑިއިރު އެންމެ. ބޭރު ޤައުމެއްގަ ވިއްޔާ ދަތުރަށް ވެސް މުޅި ރޭ ނަގާނެ. ހެހެ….ދައްތަ ކަންބޮޑުނުވެ ޑޮކްޓަރަށް ދައްކައިގެން އާދޭ. އަހަރެން މިގޭގަ ހުރެ މަސައްކަތަށް ރަނގަޅަށް ނުވެސް ވަދެވެނީސް ދައްތަ ހުންނާނީ ގޭގަހެން ހީވަނީ…” ފަލަކް އަފްޒަލަށް ޖަވާބު ދިނުމަށްފަހު މުޅިން ވެސް ވާހަކަ ދެއްކީ ފަޒީލާއާއެވެ. އެއާއިއެކު ފަޒީލާ ފުން ނޭވައެއް ދޫކޮށްލިއެވެ.
“އެންމެ ރަނގަޅު. ދަރިފުޅު ބުނަންޏާ އަހަރުމެންނަށް އެހެން ގޮތެއް ނެތް…” ފަޒީލާ އެހެން ބުނުމުން ފަލަކް ހިނިތުންވެލިއެވެ. އެހިނދު ޒައުލް ލަސްވެގެން ގޭގެ ދޮރު ހުޅުވައި ދޮންބެއޭ ކިޔައި ގޮވައިލިއެވެ.
“މި އަންނަނީ! ފަލަކް…..މި ދިޔައީ އިނގޭ. ދޮރު ތަޅުލާފަ ބަހައްޓާތި. އެއްވެސް މީހަކު އަޔަސް ދޮރު ނުހުޅުވާތި. މަތީ ބައިގަ ހުރިއްޔާ ބޮޑަށް ރަނގަޅުވާނީ. އެއްވެސް ކަމެއް ދިމާވިއްޔާ ވަގުތުން އަހަންނަށް ނޫނީ މަންމައަށް ގުޅާތި!” އަފްޒަލް ކަންބޮޑުވުމަކާއިއެކީ އެ ވާހަކަތައް ދެއްކިއިރު ފަލަކަށް އެ މޫނަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ލޮލުން އެ ފެންނަނީ އޭނައަށްޓަކައިވާ އަޅާލުންތޯ ހިތަށްއެރި ތަނާހެން ދުރު ބެލެން ފެށިއެވެ. އަދި އަފްޒަލަށް ދޭ ޖަވާބެއްގެ ގޮތުން ހަމައެކަނި ބޯޖަހައިލުން ނޫންކަމެއް ނުކުރެވުނެވެ.
**
އެންމެން ދިޔުމުން ގޭތެރެ ހިމޭންވުމުން ފަލަކް ޙަޤީޤަތުގައި ވެސް އުފާވާ ގޮތްވިއެވެ. މުޅި ގެއެއްގައި އެކަނި ހުރުމުން އޭނައަށް ލިބެނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އެހެނަސް އެރޭ ފަލަކްގެ އެ ހަމަޖެހުން ނެތިގެން ދިޔައީ ހީވެސް ނުކުރާ ފަދައަކުންނެވެ.
އަފްޒަލްގެ ނަސޭޙަތުގައި ހިފައިގެން ފަލަކް މަތީ ބައިގެ ކޮޓަރީގައި އިންދާ ގޭގެ ބެލް އަޅުވައިލެވުނު އަޑު އިވުނެވެ. އެއްވެސް މީހަކު އަޔަސް ދޮރު ނުހުޅުވަން އަންގާފައިވުމުން ފަލަކް އެ އަޑު ނުއިވޭ ކަމަށް ހެދިއެވެ. ދެވަނަ ފަހަރުވެސް އެ އަޑު އިވުމުން ފަލަކް އެ ނުވާ ކަމަކަށް ހެދިއެވެ. ތިންވަނަ ފަހަރު ބޭރުން އެ މީހަކު ތަކުރާރުކޮށް ބެލް އަޅުވައިލީ ރުޅިވެރިކަމާއި އެކީކަން ފަލަކަށް އެނގުންވިއެއްކަމަކު ދެންވެސް ބޭރަށް ދާން ޚިޔާލެއް ނުކުރިއެވެ. އެހެނަސް އެ ބެލްގެ ބަޓަން ހަލާކުވާވަރަށް އެމީހަކު އެއަށް ފިތަން ފެށިހެން ހީވުމުން ފަލަކް އިން ގޮނޑިން ތެދުވެލީ އައި ރުޅިއާއި ވެސް އެކީގައެވެ.
ތިރީ ބަޔަށް ގޮސް ފަލަކް ބާރު ހިނގުމެއްގައި ގޮސް ދޮރު ހުޅުވައި އެ މީހަކާއި ދިމާލަށް ބާރަށް އެއްޗެހި ގޮވައިގަންނަން ބޭނުންވިއެވެ. އެހެނަސް ދޮރާއި ހަމައަށް ގޮސް ދޮރު ކައިރީގައި ހުރި ސްކްރީނުން ފެނުނު ސޫރައިން ފަލަކް ހުއްޓުން އަރާ ގޮތްވިއެވެ. އެއީ ފަލަކަށް ނޫރާގެ ކޮޓަރީގައި ހުރި ފޮޓޯއަކުން ފެނިފައިވާ ސޫރައެކެވެ. ވިއްސިފައިވި ބޮލަކާއިއެކީ ހަށިގަނޑުން ހިސާބަކަށް ފަލަކޮށް އެހެރީ ނޫރާގެ އަނިޔާވެރި ފިރިމީހާ އަދުހަމްކަން ފަލަކަށް ވަގުތުން ނަގައިގަނެވުނެވެ.
ސްކްރީނުން ފެންނަމުން ދިޔަ މަންޒަރުން އެވަގުތު އަދުހަމް ބެލް އެޅުވުން ހުއްޓުމަށްފަހު ފޯނުން ނަންބަރުތަކަށް ފިތައި ކަންފަތުގައި ޖެއްސިއެވެ. އެހެނަސް އެކޮޅުން ފޯނު ނުނަގައިގެން ކަންނޭނގެއެވެ. އައި ރުޅިއާއިއެކީ ފޯނު ކަންފަތުން ނަގައިލަމުން އަނެއްކާވެސް ދޮރުގެ ކައިރިއަށް އައިސް ދޮރުގައި ތަޅަން ފެށިއެވެ.
އަދުހަމް ފަދަ ފިރިހެނެއްގެ ގޮތް އެނގި، އެހާ ބާރު އަޑެއް ގާތުން އިވެން ފެށުމުން، ފަލަކްގެ ހިތް މޭ ފަޅާލާފައި ނިކުމެދާހާ ވަރަށް ތެޅެން ފެށިއެވެ. ވައްޓާލެވިފައިވާ އަތް މުއްކަވައި ހިތްވަރު ކުރަން އުޅުނެއްކަމަކު ގަނޑުވެފައި ހުރެވުނެވެ. ނޭނގޭ ސަބަބަކާއިހުރެ ގޮތް ހުސްވި އިޙްސާސާއިއެކީ ލޮލަށް ކަރުނަތައް ޖަމާވިއެއްކަމަކު ފަލަކް ލޯ މަރައިލަމުން ކަރުނަތައް ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ.
“ބަލަ މަ މިގޭ ބޭރުގަ ބަހައްޓަންތަ ތި މީހުން ބޭނުންވަނީ؟ ނޫނީ ވައްދަން ނުކެރިގެންތަ ތިއުޅެނީ؟ ހަމަ މިހާރު ހުޅުވާ މި ދޮރު!” އަދުހަމް ހަރު އަޑުން ބުންޏެވެ.
އަދުހަމް އެ ބުނި ބަސްތަކާއިއެކީ އައި ރުޅިން ފަލަކަށް ލޯ ހުޅުވައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ދޮރު ހުޅުވައިލީ އަތް ތުރުތުރު އަޅާ ޙާލުގައެވެ.
“މިއީ އަދި ކާކު؟ ބީރައްޓެހި މަންޖެއެއްދޯ އަދި މަ އަމިއްލަ ގެއަށް ނުވައްދާ މި ހުންނަނީ؟!”
އަދުހަމް އެހެން ބުނެ ފަލަކަށް މާނަ ވެސް ނޭނގޭ ނުބައި ބަސްތަކެއް ކިޔައިލިއެވެ. އަދި މިހާރު ތީނަގެ މަޤާމު ދައްކައިލާނަމޭ ބުނެ ފަލަކާއި ދިމާލަށް އަތް އުފުލިއެވެ. އެހިނދު ފަލަކަށް ލޯ މަރައި ތަގުޅި ކޮށްލެވުނީ ލިބެން އުޅޭ ޙަމަލާއެއްގެ ބިރުންނެވެ. އެހެނަސް ޙަމަލާ ނުލިބި ލަސްވާން ފެށުމުން ފަލަކަށް ލަސްލަހުން ލޯ ހުޅުވައިލެވުނެވެ. އެހިނދު އަދުހަމް ހިއްލައިލި އަތުގައި ހިފަހައްޓައިގެން ހުރީ އަފްޒަލެވެ.
ނުނިމޭ
Jana
January 10, 2023 @ 4:49 pm
Assalaam’alaikum. Dhen oiy bai Saturday ga In Sha Allah ^_^
SHA
January 11, 2023 @ 9:49 am
😍😍.
123
January 12, 2023 @ 2:36 pm
masha allah
Varah reethi mi story
February 4, 2023 @ 8:21 am
I love this story