ޤަދަރު (ސަތާޅީސްވަނަ ބައި)
“ބައްޕާ ކޮންތަނަކަށްތަ ތި ދަނީ؟”
7 އަހަރުގެ އަފްޒަލް އެ ސުވާލުކޮށްލީ، ބައްޕަ އަވަސް އަރުވައިގެން ރެސްޓޯރެންޓުގެ މައިދޮރުން ނިކުންނަމުން ދިޔަ މަންޒަރު ފެނުމުންނެވެ.
“މި ދަނީ ވަރަށް މުހިއްމު ކަމަކު ޒަހްރާ ދައްތަގެ ގެއަށް އިނގޭ ދަރިފުޅު. މީތި ޙަވާލުކޮށްފަ އެބަ އަންނަން ވަރަށް އަވަހަށް…” ބައްޕަ އަތުގައި އޮތް ސިޓީ އުރައެއް ދައްކަމުން ދޮރުން ނިކުތެވެ.
“ބައްޕާ ބައްޕާ އަހަރެން ގޮވައިގެން ދޭބަލަ. ބުނީމެއްނު މިއަދު އައިސް ކޯނު ގަނެދޭނަމޭ.” އަފްޒަލް އަވަސް އަރުވާފައި ބައްޕަގެ ފަހަތު އެޅުވިއެވެ. ބައްޕަ އޭނައަށް ބަލައިލަމުން އިންކާރު ކުރަން އުޅެފައިވެސް އަވަހަށް އަންނާށޭ ބުނުމުން އަފްޒަލް ދިޔައެވެ.
އިރުކޮޅެއްގެ ތެރޭގައި އަފްޒަލް އިނީ ބައްޕަ ދުއްވަމުން ދިޔަ ވޭނުގެ ފަހަތު ސީޓުގައެވެ. ބައްޕަ ނުހަނު ހާސްވެފައި ހުރެ އޭނަ ގާތު ވޭނުގެ ފަހަތަށް އެރުމަށް ބުނީ ކީއްވެކަމެއް އަފްޒަލަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އަފްޒަލް އިނީ އެކަމާއިމެދު ފޫހިވެފައެވެ. ފަހަތުގައި އިނުމުން ކުރިމަތިން އެއްވެސް މަންޒަރެއް ސާފުކޮށް ނުފެންނާތީއެވެ. އެހެންކަމުން އަފްޒަލް ނުރުހިފައި ކުޑަދޮރުން ބޭރު ބަލަން އިރުކޮޅަކަށް އިނެވެ. އެހެން އިންދާ ޝޮކެއް ލިބުނު ބައްޕަގެ ބިރުވެރިކަމުން ފުރިފައިވާ އަޑު އިވުމުންނެވެ.
“ސުބްޙާނަ ﷲ އެއީ މީހެއްތަ؟!”
ބައްޕަ އެ ސުވާލު ކޮށްލި އަޑާއިއެކު އަފްޒަލް ކުރިމަތީގައި ހުރި ސީޓުގައި ހިފަހައްޓައިލަމުން ތެދުވެލީ ވޭނުގެ ވިންޑް ޝީލްޑުން ކުރިމަތިން ފެންނަމުން ދިޔަ މަންޒަރެއް ފެނޭތޯއެވެ. އެހިނދު ވާތް ފަރާތުން ފެންނަމުން ދިޔަ ޢިމާރާތުގެ ބެލްކަނީއިން އެލުވިފައިވީ ހެދުމެއްހެން އަފްޒަލަށް ފުރަތަމަ ހީވިއެވެ. އެހެނަސް އެ ޢިމާރާތާއި ގާތްވީވީހެން އެއީ އަންހެނެއްކަން އެނގުންވި ވަގުތު އަފްޒަލްގެ މެއަށް ފިނިވިއެވެ. އެ ސިކުންތުކޮޅުގެ ތެރޭގައި އެ އަންހެން މީހާ ވެއްޓެން ފެށި މަންޒަރާއި އެކު ވޭނަށް ވަރުގަދަ ލޮޅުމެއް އައެވެ. އެ ލޮޅުމާއިއެކު ވޭނުގެ ވިންޑް ޝީލްޑާއި ބައެއް ކުޑަ ދޮރުތައް ތަޅައިގެން ދިޔަ އަޑާއިއެކު އަފްޒަލްގެ ބޮލަށް އެނބުރުން އެރިއެވެ. އެއަށްފަހު އިވުނު ބޮޑު އަޑު ފަތްގަނޑާއިއެކު އަފްޒަލްގެ ހޭނެތުނެވެ.
އެ މަންޒަރު ލޮލަށް ސިފަވުމާއިއެކު ނިދިފައި އޮތް އަފްޒަލަށް ހޭލެވޭ ގޮތްވީ ކުއްލި ގޮތަކަށެވެ. އެހިނދު އެ ފިނި ރޫމުގެ އޭސީގެ ފިނިކަމުގެ ތެރެއިން ވެސް އަފްޒަލް ދާހިއްލާފައިވިއެވެ.
އަފްޒަލް ފުން ނޭވާތަކެއް ލަމުން ތެދުވެ، އެނދުން ފައިބާލަމުން ތެދުވަން އުޅުނެވެ. އެހެނަސް ދެންމެ ހުވަފެނުން ފެނުނީ ޙަޤީޤީ ޙާދިސާއެއްކަން އެނގުންވުމުން އަފްޒަލަށް އިންގޮތަށް އިނދެވުނެވެ.
އާނއެކެވެ. އެއީ އަފްޒަލްގެ ބައްޕަ ނިޔާވި ދުވަހެވެ. ބައްޕަ ނިޔާވާން މެދުވެރިވި ޙާދިސާއަކީ އެއީއެވެ. ފަލަކްގެ މަންމަ ނިޔާވީ މާލޭގައި ދިމާވި ޙާދިސާއެއްގެ ތެރެއިންނޭ ބުނި ހިނދު އަފްޒަލްގެ ހަނދާނަށް އައީ އެދުވަހެވެ. އެ މަންޒަރުތައް ހުވަފެނުގައި ވެސް ފެނިގެން ދިޔައީ ފަލަކްގެ އެ ބަސްތަކާއިމެދު އޭނައަށް ވިސްނުނު ވަރުންނެވެ.
އެވަގުތު ވެސް ސިކުނޑިއަށް އެތައް ސުވާލެއް ވެރިވެގެން ދިޔައެވެ. އެހެންކަމުން އަފްޒަލް އެންމެ ފަހުން ނުހުރެވިގެން ފޯނު ނަގައި ވައިބާރ ހުޅުވައިލުމަށްފަހު މަންމައަށް ގުޅައިލިއެވެ. ދެ ތިން ރިންގަކަށްފަހު އެކޮޅުން މަންމަ ފޯނު ނެގިއެވެ.
“ހެލޯ ދަރިފުޅު….ކޮބާ ކިހިނެއްތަ؟ ސައިބޮއިފިން؟” އެކޮޅުން މަންމަގެ އަޑު އިވުމުން އަފްޒަލްގެ ހިތުގެ ތެޅުން ހަމައަކަށް އެޅޭ ގޮތްވިއެވެ.
“ހެލޯ މަންމާ….އަދި ރަނގަޅަށް ސައި ނުބޮން. ފަލަކްއާއި އެކީ ކޮފީއެއް ބޮއިގެން އަދި ފަހުން ސައިބޯން ކަމަށް މިއިނީ. މަންމަ ކިހިނެއް؟ ބޭސް އެބަ ކަންތަ ޤަވާޢިދުން؟” އަފްޒަލަށް ވެސް ސުވާލުކުރެވުނެވެ.
“މަންމަ ހަމަ ރަނގަޅު. ބޭސް ނުކައި ނުވެސް ހުރެވޭނެއެއްނު ނާއިލް ސީދާ ތާވަލެއް ހަދާފަވިއްޔާ ހުންނަނީ މަންމަ ބޭސް ކާން. ހެހެ…” ފަޒީލާ ބުންޏެވެ.
“ހެހެ….އެ ކަލޯ ގައިގަ ވަރު އެބަ ޖެހޭދޯ ދޮންބެ ގޭގަ ނެތީމަ؟” އަފްޒަލަށް ބުނެވުނެވެ. ހަމަ އެހިނދު އޭނަގެ ދޮންބެ ގޭގައި ނެތުމަކީ ގެއަށް ލިބޭ ނިޢުމަތެއްގެ ގޮތުގައި ސިފަ ކުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ.
“އަދުހަމް….އެބަ ހުއްޓޭ ގޭގަ.” މަންމަ އެ ބުނެލި ބަސްތަކާއިއެކީ އަފްޒަލްގެ ދެބުމަ ކައިރިވިއެވެ.
“މިއަދުތަ އަނބުރާ އައީ؟” އަފްޒަލަށް އަހައިލެވުނެވެ.
“ނޫނޭ މިހާރު ދުވަސްކޮޅެއްވެއްޖެ. މަންމަ ނުބުނެ ހުރީ އަފްޒަލް ކަންބޮޑުވާނެތީ. އެކަމަކު މިހާރު ދޮންބެ އަނެއްކާވެސް ރަނގަޅުވީހެން މަންމައަށް ހީވަނީ. މިހާރު ހަޅޭއްލަވައި ނަހަދާ. ނޫރާއާއި ނާއިލްއަށް ވެސް ކަންތައް ކޮށްދޭ. ޖަލުން ސަލާމަތްވެގެން ކުރީކޮޅު އުޅުނު ގޮތަށް މިހާރު އުޅެނީ….” މަންމަ ނުހަނު އުއްމީދީ ގޮތަކަށް އެ ވާހަކަތައް ދެއްކުމުން އަފްޒަލަށް ލޯ މަރައިލެވުނެވެ.
ދޮންބެގެ އުޅުން މިވަގުތު އެހެން ހުއްޓަސް، އެކަން މާ ގިނަ ދުވަހު ދެމި ނޯންނާނެކަން އަފްޒަލަށް އެނގެއެވެ. އެކަން މަންމައަށް ވެސް އެނގޭނެކަން އަފްޒަލަށް ޔަޤީން ކުރެވެއެވެ. ކޮންމެ ގޮތެއްވިޔަސް އަފްޒަލް އެވަގުތު މަންމަގެ ހިތުގައިވި އުއްމީދުގައި ކޮޅުފައިން ޖަހަން ބޭނުމެއް ނުވިއެވެ.
“ރަނގަޅުވާނެ ކަމަށް ބަލަމާދޯ މަންމާ….އިން ޝާ ﷲ! މަންމާ، ސުވާލެއް ކޮށްލަން ވެގެންނޭ މި ގުޅާލީ.” އަފްޒަލް ބުންޏެވެ.
“ކޮން ސުވާލެއް؟”
“އެއްކަލަ….އަހަރުމެން ކުޑައިރު މާލޭގަ އުޅުނެއްނު ޒަހްރާ ދައްތައެއް؟ ޒަހްރާ ދައްތަ….ނިޔާވީ ކިހިނެއްކަން އެނގޭތަ؟”
އަފްޒަލް އެ ސުވާލުކޮށްލީ ޖެހިލުންވުމަކާއި އެކީގައެވެ. އެ ދުވަހަކީ ބައްޕަ ވެސް ނިޔާވި ދުވަސް ކަމަށްވުމުން މަންމަގެ އެ ހަނދާންތައް އާވެ މަންމައަށް އަސަރު ކޮށްފާނެތީވެއެވެ. ކުއްލިއަކަށް މަންމައާއި މިހާ ދުރުގައި ހުރެ އެ ސުވާލު ކުރެވުނީތީ ހިތާމަ ކުރެވޭ ގޮތްވިއެވެ.
އެހެނަސް ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު މަންމަގެ އަޑު އަފްޒަލަށް އިވުނެވެ.
“ޒަހްރާ ދައްތަ…..އެ ދައްތަ އުޅުނު ޢިމާރާތުގެ އެންމެ މަތީ ބައިން ވެއްޓުނީ. އެ ދުވަހު އެތާ ތިރިން އެކްސިޑެންޓްވި ވެހިކަލްތަކުގެ ތެރޭގަ އަފްޒަލްގެ ބައްޕަގެ ވޭނު ވީ. ކީއްވެ ތި ސުވާލު ތި ކުރަނީ؟” މަންމަ މަޑުމައިތިރި އަޑަކުން ސީދާ ސީދަލަށް ކިޔައިދިނެވެ.
“އަހަރެން ކުއްލި ގޮތަކަށް މިއަދު އެ ހަނދާން އާވީ މަންމާ….ޒަހްރާ ދައްތަ….އަމިއްލައަށްތަ މަރުވީ؟” އަފްޒަލް އެހިއެވެ.
“މަންމައަށް ވެސް ސާފުކޮށް ނޭނގެ ވީގޮތެއް. ޒަހްރާ ދައްތަގެ ބަސް ނޭނގޭތީ މަންމައާ އެ ދައްތަ އެހާ ގާތްކޮށެއް ނޫން އުޅުނީ. ދޭތެރެއަކުން ރެސްޓޯރެންޓު ކުރިމަތީގައި ހުންނަ ފަހާތަނުން ފެންނާނީ….ބައެއް މީހުން ބުނޭ އަމިއްލައަށޭ މަރުވީ. ބައެއް މީހުން ބުނޭ މީހަކު މެރީއޭ.”
“ބައްޕަ އެދުވަހު ގެއިން ނިކުތީ ޒަހްރާ ދައްތައާ ޙަވާލުކުރަން ކޮންމެވެސް ސިޓީ އުރައެއް ހިފައިގެން. އެއީ ކޯޗެއްކަން މަންމައަށް އެނގޭތަ؟”
“މަންމައަށް ހީވަނީ….ތިއީ ސަޢޫދީއިން ކިޔަވައިގެން އައި ބައްޕަގެ އެކުވެރި ވަކީލަކު ތައްޔާރު ކޮށްދިން ލިޔުމެއްހެން.”
“ކޮން ލިޔުމެއް؟”
“ނޭނގެ ބުނެދޭކަށް. ބައްޕަ މަންމަ ގާތު ބުނީ ޒަހްރާ ދައްތަ ވަކީލެއްގެ އެހީ ބޭނުންވެގެން ތިމަންނަގެ އެކުވެރިޔާގެ އެހީއަށް އެދުނު ވާހަކަ އެކުވެރިޔާ ބުންޏޭ. އެ އެކުވެރިޔާ ވެސް ނުބުނޭ އެއީ ކޮން އެހީއެއް ބޭނުންވެގެން ކަމެއް…”
“މަންމައަށް އެނގޭތަ ބައްޕަގެ އެ އެކުވެރިޔާއަކީ ކާކުކަން؟ ގުޅޭނެ ނަންބަރެއް އެނގޭތަ؟”
“ނަދީމް ކަންނޭނގެ ކިޔާނީ. މަންމައާއި ދިމާވެފަ ހުރި މީހެއް ނޫން އެއީ. އެހެންވީމަ މަންމައަށް ނޭނގެ ނަންބަރެއް.”
މަންމަ އެހެން ބުނުމުން ނިކަން ގަޔާވެފައި އަފްޒަލް އެހެން ސުވާލެއް ކޮށްލަން އުޅުނު ވަގުތަކީ، ބޭރުން ރޫމުގެ ދޮރު އަންލޮކް ކުރެވުނު އަޑު އިވުނު ވަގުތެވެ. ފަލަކް އައީކަން ޔަޤީންވުމާއިއެކު އަފްޒަލަށް ވާހަކަ ދެކެވުނެވެ.
“އޯކޭ މަންމާ ފަހުން ގުޅާނަން އިނގޭ. ގަޑިން ގަޑިއަށް ކައިގެން ބޭސް ކައްޗޭ. ގޭގެ އެންމެންނަށް ސަލާމް!”
އަފްޒަލް އެހެން ބުނި ވަގުތަކީ ފަލަކް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި ވަގުތެވެ. ފަލަކް ފެނުމާއިއެކު އަފްޒަލް ފޯނު އެނދުމަތީގައި ބާއްވަމުން އުޖާލާ ހިނިތުންވުމަކާއިއެކީ ތެދުވެގެން ގޮސް ފަލަކްގެ ގާތަށް ދިޔައެވެ.
“ހޭއި! ގަޑިއިރެއް ފަހުންދޯ ތި އައީ ހަމަ؟ އެކަމަކު އެއަށްވުރެ މާ ގިނައިރު ވިހެން އަހަންނަށް ހީވީ ކީއްވެތަ؟” އަފްޒަލް ފަލަކްގެ މޫނުގައި އެއްއަތުން ހިފަހައްޓަމުން ސަމާސާ ރާގެއް އެޅުވިއެވެ.
އޭގެ ބަދަލުގައި ފަލަކް އިތުރު ސަމާސާ ވާހަކައެއް ދައްކާނެ ކަމަށް އަފްޒަލަށް ހީކުރެވުނެވެ. އެހެނަސް ފަލަކް ލުއި ގޮތަކަށް ހީލަމުން އޭނައަށް ބަލައިލި ވަގުތު އެ ލޯ މަތިން އަފްޒަލަށް ފެނުނީ ވަރުބަލި ކަމެވެ. އެއާއިއެކު އަފްޒަލްގެ ހިނިތުންވުން ފޭދުނެވެ.
“ކިހިނެއްވީތަ ލޯބި؟ މަހްރީން ބުނީ ކީކޭ؟ ތިމަންނަ ކުރި ކަމެކޭތަ؟” އަފްޒަލް އޭނައަށް ހީވި ހީވުމުގެ މައްޗަށް ސުވާލުކުރިއެވެ. އެއާއިއެކު ފަލަކް ލުއި ގޮތަކަށް ބޯޖަހައިލިއެވެ.
“މަހްރީން ހުރިހާ ކަމެއް ރޭވި ޕާޓީއެއްގެ ތެރެއިން މަހްރީން އިޒުނަ ނުދޭ ކަމެއް ނުހިނގާނެދޯ؟ އެކަމަށް އެއްބަސްވި މަހްރީން…” ފަލަކް ތުންފިއްތައިލަމުން އިސްޖެހިފައި ހުރެ ބުންޏެވެ.
“ދެން….މަހްރީންގެ މެޑަމް އެކަމާއިމެދު ކޮންކަހަލަ ފިޔަވަޅެއްތަ އަޅާނީ؟” އަފްޒަލް އެހިއެވެ.
“ފިޔަވަޅެއް ނާޅަން މި ނިންމަނީ. މިވަގުތަށް.”
“ވަޓް؟! އެހާ ބޮޑު ކަމެއް ކުރި މުވައްޒަފަކަށް ފިޔަވަޅު ނާޅާ ތި ދޫކޮށްލަނީ؟!!!”
“އެއީ މިވަގުތަކަށް ހެދޭނެ އެންމެ ރަނގަޅު ގޮތް.”
“އެކަމަކު ފަލަކް-“
“އަފްޒަލް….މިވަގުތަށް އަހަންނަށް އިތުބާރުކޮށްދީ….އަހަރެން މިކަން ކޮންމެ ގޮތަކަށް ވެސް ޙައްލު ކުރާނަން އިން ޝާ ﷲ.”
ފަލަކް އަފްޒަލާއި ހަތަރުކަޅި ހަމަކުރަމުން ބުންޏެވެ. އެއާއިއެކު އަފްޒަލަށް އަނގަ ލައްޕައިލެވުނެވެ. ފަލަކް މިވަގުތު ބޭނުންވަނީ އެގޮތްހެން ހީވުމުންނެވެ.
އަފްޒަލް ބަލަބަލާ ހުއްޓާ ފަލަކް ގަދަކަމުން ވެރިކުރުވި ހިނިތުންވުމަކާއިއެކީ އިސްއުފުލައިލިއެވެ.
“އަފްޒަލް ބުނިންދޯ މި ހަފްތާ ނިމެންވާއިރަށް އަފްޒަލް މާލެއަށް އަނބުރާ ދާންޖެހޭނެއޭ؟” ފަލަކް ކުއްލި ގޮތަކަށް މަޢުޟޫ ބަދަލުކުރިއެވެ.
“އަ….އާނ…ކްރިސްޓަލް ޢިމާރާތުގެ ބައެއް މަސައްކަތްތައް ބަލަން އަހަރެން ދާންޖެހޭ…” އަފްޒަލް ހިސާބެއްގެ އޮޅުމެއްގައި ހުރެ ޖަވާބުދިނެވެ.
“އެހެންވީމަ ދެމީހުންނަށް ދުބާއިގަ އުޅެން މި ލިބޭ ހަފްތާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގަ ހިފަންވާނެއެއްނު؟ ހިނގާ ދެމީހުން ވެގެން މި ހަތް ދުވަސް ތެރޭގަ ދާނެ ތަންތަނާއި ކުރާނެ ކަންތަކުގެ ލިސްޓެއް ހަދާލަންދޯ؟” ފަލަކް އެ އަޑަށް ޖޯޝެއް ވެރިކުރުވަމުން ދޯދިނެވެ.
“އާނ….ހެހެ…” އަފްޒަލަށް ދެންވެސް ސުވާލެއްގެ ތެރޭގައި ހުރެ ބުނެވުނެވެ. އެވަގުތުވެސް ފަލަކްގެ ލޯމަތިން ކޮންމެވެސް ކަހަލަ ދަތިކަމެއް އަފްޒަލަށް ފެންނަމުން ދިޔައީތީވެއެވެ.
އެވަގުތުން ވަގުތަށް ވެސް އަފްޒަލް ފަލަކް ގާތު ކިހިނެއްވީތޯ އަހަން ބޭނުންވިއެވެ. މަހްރީން ދެއްކި ހުރިހާ ވާހަކައިގެ ތަފްސީލު ދިނުމަށް އެދެން ހިތް އެދުނެވެ. އެހެނަސް އެވަގުތު ފަލަކް އެ ވާހަކަ ދައްކަން ބޭނުމެއް ނުވާކަން އަފްޒަލަށް އެނގުންވިއެވެ. އެހެންކަމުން ފަލަކް އެވަގުތު ހިނިތުންވުމެއްގައި ހުންނަން ކުރި މަސައްކަތަށް އެހީތެރިވިއެވެ. ފަލަކް އޭނައާއި އެ ވާހަކަ ޙިއްސާ ކުރަން ބޭނުންވުމުން ޙިއްސާ ކުރާނެ ކަމަށް ނިންމަމުންނެވެ.
**
މެލޭޝިޔާއަށް ހަވީރުގެ ވަގުތެއްގައި އަނަސް ކުއަލަލަމްޕޫރުގެ މަގަކުން ކާރު ދުއްވާފައި ދިޔައީ ހޮޓެލަށް ދިޔުމަށެވެ. އެދުވަހަކީ ހޮޓެލްގެ ވެރިމީހާ ޢަބްދު ﷲ މަޖީދު ފުރާ ދުވަހަށް ވުމުންނެވެ.
މަޖީދަކީ އަނަސް އެންމެ ކުރީއްސުރެ ވެސް ނުހަނު ޤަދަރު ކުރާ ޝަޚްޞިއްޔަތެކެވެ. މަޖީދު އޭނައާއި ހޮޓެލްގެ އެހެން މުވައްޒަފުންނާއި ބާއްވާ ގާތް ގުޅުމުން މަޖީދުގެ ހިތްހެޔޮކަން އަނަސްއަށް ފަހުމް ކުރެވިފައިވެއެވެ. ވަކިން ޚާއްޞަކޮށް އޭނަ ފަދަ ޢުމުރުން ހަގު ކުއްޖަކަށް އިތުބާރުކޮށް އޭނަ މިހާ ހިސާބަށް ގެނައި ކަމަށްޓަކައި އަނަސްގެ ހިތުގައި މަޖީދަށްޓަކައި ޝުކުރުވެރިކަމެއް ވެސްވެއެވެ.
އެހެނަސް މިފަހުން އައިސް މަޖީދާއި އަނަސްގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރަން އަނަސް ބޭނުންވެފައިވެއެވެ. މަޖީދުގެ އަންހެން ދަރިފުޅު ޒުހާ ފެނުނު ދުވަހުއްސުރެއެވެ.
މަޖީދާއި ޒުހާ މެލޭޝިޔާއަށް އައި ދުވަހު އެދެމީހުން އެއާރޕޯޓުން ނަގައި ހޮޓެލަށް ގެންދިޔައީ އަނަސްއެވެ. ޒުހާ އަނަސްގެ ސަމާލުކަން ހޯދާފައިވަނީ އެދުވަހުއްސުރެއެވެ. ޒުހާ އޭނަ ފެނުމާއި އެކުހެން ބެލުން ތިރިކޮށް، ނޫންކަމަށް ހަދައި އަތުގައި އޮތް ފޮތް ހުޅުވި ގޮތުންނެވެ. އެއީ އަނަސްއަށް އޮޅުން އެރި ޙަރަކާތަކަށް ވެގެން ދިޔައެވެ. ޢާއްމު ގޮތެއްގައި އަންހެން ކުދިން އަނަސް ފެނިފައި ހިނިތުންވެ، އޭނަގެ ސަމާލުކަން ހޯދަން މަސައްކަތް ކުރެއެވެ.
އެހެނަސް ޒުހާގެ ފަރާތުން އެފަދަ ސިފައެއް ނުފެނުމުން އަނަސް ޙައިރާންވާ ގޮތްވިއެވެ. އިތުރަށް ގަޔާވެގެން ދިޔައީ ޒުހާގެ އަތުގައި ‘ޓޯކް ޓު ﷲ’ ކިޔާ ފޮތެއް އޮތް މަންޒަރު ފެނުމުންނެވެ.
އެރޭއްސުރެ ޒުހާ މަތިން ހަނދާން ނައްތައިލަން އަނަސްއަށް ދަތިވެފައިވިއެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސަށް ނުރުހުންވެސް ވެވޭ ގޮތްވިއެވެ. ނަންވެސް ނޭނގޭ އަންހެން ކުއްޖަކަށް ހިތް ކިޔަން ފެށީތީވެއެވެ. މަޖީދު އެރޭ އެ ކުއްޖާ އޭނައަށް ތަޢާރަފު ކޮށްދިނީއެއް ނޫނެވެ. އެ ކުއްޖާ އޭނައާއި މެދު ދެކޭނެ ގޮތެއް އެނގެނީއެއް ނޫނެވެ. އެހެނަސް ޔަޤީންވިހާ ވެސް ކަމަކީ އެ ކުއްޖާއަށް އަނަސްގެ ހިތް ކިޔުނީ އެއީ ދީންވެރި ކުއްޖެއްހެން ހީވުމުން ކަމެވެ. އެފަދަ ކުއްޖަކު މަދުން ފަހަރަކު ނޫނީ ނުފެންނާނެތީވެއެވެ.
ކޮންމެ ގޮތެއްވިޔަސް އެ އިޙްސާސްތަކުން އަރައިގަތުމަށް އަނަސް ﷲ ގެ ޙަޟްރަތުން އެހީއަށް އެދުނެވެ. އެ ކުއްޖާ މަތިން ހަނދާން ނައްތައިލުމަށް އިސްތިޚާރާ ނަމާދުކުރިއެވެ. އެ ހުރިހާ ކަމަކުން އެ އަންހެން ކުއްޖާ ހަނދާން ނައްތާލަން ހިތްވަރެއް ލިބިފައިވަނިކޮށް ހީވެސް ނުކުރާ ކަހަލަ ކަމެއް ވިއެވެ. އޭނަގެ ފޭސްބުކް ޕޭޖަށް މެސެޖެއް ފޮނުވާފައިވީ ޚުދު އެ އަންހެން ކުއްޖާއެވެ. އަދި އެއީ ވެސް އޭނަގެ ޤުރުއާނުގެ ކިޔެވުން ރީތިވެގެން އެ ކިޔެވުމުގެ ރެކޯޑިންގްއެއް ހޯދުމަށް އެދިއެވެ.
ނޮޓިފިކޭޝަންތަކުން އެ މެސެޖު ފެނިފައި އަނަސްއަށް އެތައް އިރެއް ވަންދެން ހިނިތުންވުމެއްގައި ހުރެވުނެވެ. އޭގެ އަނެއްދުވަހު މަސައްކަތުގައި އުޅެމުން ވެސް މޮޔައެއްހެން އަނަސްއަށް ދޭތެރެ ދޭތެރެއިން ހިނިތުންވެވެމުން ދިޔައެވެ. ޒުހާއާއި އޭނަގެ ގުޅުން ކުރިއަށް ދާނެ ގޮތުގެ ޚިޔާލީ ފޮލާ ކެއްކެމުން ދިޔައެވެ. އެރެއިން ފަށައިގެން އޭނަގެ ކިޔެވުން ރެކޯޑު ކުރަން ފެށީ، އެ ގުޅުން ފެށޭނީ އޭނަ އަމިއްލައަށް ގޮސް އެ ރެކޯޑިންގް ޒުހާއާއި ޙިއްސާ ކުރާ ހިސާބުން ކަމަށް ސިކުނޑި ބުނަން ފެށިއެވެ.
އެހެނަސް އަނަސްގެ ތަޤްވާވެރިކަން އެފަދައިން ކަންތައް ކުރުމަށް އޭނައަށް ހުރަސްއެޅިއެވެ. ޒުހާ އުޅެނީ ހޮޓެލްގެ ކޮން ރޫމެއްގައިކަން ހޯދައި ޕެންޑްރައިވް ހިފައިގެން އަނަސް އެ ކޮޓަރިއާއި ދިމާލަށް ދިޔައީ ދެ ޚިޔާލެއްގެ މަތީގައި ހުރެއެވެ. މިއީ ކުރުން ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ހިތާހިތުން ކިޔަމުންނެވެ. އެންމެފަހުން އެ ކޮޓަރިއާއި ގާތްވަމުން ދިޔަދިޔަހެން އަނަސްއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. ޝައިޠާނާގެ ވަސްވާސްތަކާއި ގުޅޭ އާޔަތްތައް ހަނދާންވެގެން ދިޔުމުންނެވެ. ﷲ އަށް އުރެދެން އެކަލޭގެފާނަށާއި ހައްވާގެފާނަށް ވަސްވާސްދިން ގޮތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާދަމްގެފާނާއި ހައްވާގެފާނު ވެސް ލަދުވެތިކަމާއި ކުރިމަތިލައްވަން ޖެހުނު ގޮތެވެ.
އެއާއިއެކު އަނަސްއަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. އޭނަ މިދަނީ ﷲ ގެ ބަސްފުޅު އަޑުއަހަން ބޭނުންވާ ކުއްޖަކަށް އެ ބަސްތައް ފޯރުކޮށްދޭންކަން އޭނައަށް އެނގެއެވެ.
އެހެނަސް މި ‘ހެޔޮ’ ޢަމަލުގެ ފަހަތުގައިވި ނިޔަތުގެ ނުރައްކާތެރިކަން އެވަގުތު އިޙްސާސް ކުރެވުނެވެ. އަނަސްއަށް އަންހެން ކުއްޖަކާއި އަދަބުވެރިކަމާއިއެކު ވާހަކަ ނުދެއްކޭނީއެއް ނޫނެވެ. މިވަގުތު ވެސް އޭނަ ޒުހާ ކައިރިއަށް ގޮސް މާ ގިނަ ވާހަކަތަކެއް ނުދައްކައި މީތި ޙަވާލު ކުރެވިދާނެކަން އަނަސްއަށް އެނގެއެވެ. އެހެނަސް މިފަދަ މަގަކުން ޒުހާއާއި ގުޅުން ބަދަހި ކުރަން އުޅެފިނަމަ ޝައިޠާނާ އޭނަ މަޅީގައި ޖައްސާނެކަން އެވަގުތު އަނަސްއަށް ޔަޤީން ކުރެވުނެވެ. ލަސްލަހުން މިފަދަ ބައްދަލުވުންތައް ގިނަވަމުން ގޮސް ޚުދު އޭނައާއި ޒުހާވެސް ލަދުވެތިކަމެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު އެބައޮތެވެ.
އެ ޚިޔާލާއި އެކީ އަނަސް ވަގުތުން އޭނަގެ ރޭވުން ބަދަލުކުރިއެވެ. އަދި އެވަގުތު ޒުހާގެ ކޮޓަރިއަށް ފަސް ދިނުމަށްފަހު ރޫމް ސާރވިސް މެދުވެރިކޮށް އެ ޕެންޑްރައިވް ޒުހާއާއި ޙަވާލުކުރިއެވެ. އަދި އެފަހުން ވެސް ޒުހާއާއި ކުރިހާ މުޢާމަލާތެއް އެފަދައިން ދުރުދުރުން ކުރީ، ﷲ ގެ ރުހިވޮޑިގަތުމުން ދުރުނުވުމަށެވެ. ޒުހާއާއި ގާތްވެ ގުޅުން ބަދަހި ކުރަން ކިތަންމެ ބޭނުންވިޔަސް ހިތުގެ އީމާންތެރިކަމަށް ނޭދެވޭ އަސަރެއް ކުރުވާނެ ޢަމަލެއް ނުކުރުމަށެވެ.
އަނަސް ހުރީ ރަނގަޅު ގޮތުގައި ޒުހާއާއި ގުޅުމެއް ބޭއްވުމަށް ޒުހާގެ ބައްޕައާއި ވާހަކަ ދައްކަން ރަނގަޅު ފުރުސަތެއް ހޯދާށެވެ. އެހެނަސް ރޭ ޒުހާއާއި އޭނައަށް ބީރައްޓެހި ފިރިހެން ކުއްޖަކާއި މެދު ދެކެވުނު ވާހަކަތަކުން މިއީ އެފަދަ ކަމަކަށް ރަނގަޅު ވަގުތެއް ނޫންހެން އަނަސްއަށް ހީވިއެވެ.
“ނޫން…ޒައުލްއަށް އަހަންނެއް ނޭނގޭ. ނޭނގޭތީ ގުޅުން ނިމުމަކަށް އަންނަންޖެހުނީ. ޒައުލްއަށް އެކަން ފަހުމް ނުވިޔަސް. އަހަރެން ޒައުލްއަށް އެހީވީ ކޮންމެހެން އެ ގުޅުން އަނބުރާ އިއާދަ ކުރާކަށް ނޫން. އަހަރެންގެ ހިތުގައި ﷲ ލެއްވި ޙަމްދަރުދީއެއްގެ ސަބަބުން އެހީވީ. މުސްލިމް އަޚަކަށް އެހީވުމުގެ ސަވާބު ބޭނުންވީތީ އެހީވީ. އެހީ ނުވެއްޖެނަމަ ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީ ވާން ޖެހިދާނެ ކަމަށްޓަކައި އެހީވީ. މި ޤައުމުގައި ބައްޕަގެ ހޮޓެލަކަށް ހުންނަނީ މި ހޮޓެލް އެކަނި. ދެމީހުން ދިމާނުވާނެހެން އަހަރެން މިއުޅެނީ ވީހާވެސް އަވަހަކަށް ފުރަން….”
ޒުހާގެ އެ ބަސްތައް އިވިފައި އަނަސްގެ ހިތަށް މަސްހުނި ޖަޒުބާތުތަކެއް ވެރިވިއެވެ. ޒުހާއާއި އެ ފިރިހެން ކުއްޖާއާއި ދެމެދު ގުޅުމެއް އޮތްކަން އެނގުންވުމުން ހިތްހަމަނުޖެހުނެވެ. އެ ގުޅުން ނިމުމަކަށް އައި ވާހަކަ ޒުހާ ބުނުމުން ހިތްހަމަޖެހުނެވެ. އަދި އެ ފިރިހެން ކުއްޖާއަށް ޒުހާ އެހީވީ ހަމައެކަނި ﷲ އަށްޓަކައޭ ބުނި ގޮތުން ޒުހާއާއި މެދު ފަޚުރުވެރިވެވުނެވެ.
އެހެނަސް ޒުހާގެ މޫނުމަތިން އެ ދުވަހު ފެނުނު އަސަރުތަކުން ޒުހާ ވަނީ ފިރިހެން ކުއްޖަކާއި ގުޅުމެއް ބާއްވަން ބޭނުންވާ ފަދަ ޙާލަތެއްގައެއް ނޫންހެން އަނަސްއަށް ހީވިއެވެ. އެހެންކަމަށްވާނަމަ އޭނަ ޖެހޭނީ މިވަގުތަކަށް ޒުހާއަށް އަލްވަދާޢު ކިޔަންތާއޭ ހިތަށްއެރިއެވެ. އެ ޚިޔާލުން އަނަސް މާޔޫސްވެފައިވިއެވެ.
ހޮޓެލާއި ހަމަވީއިރު ވެސް އަނަސްގެ ހިތުގައި އެ މާޔޫސްކަން ވިއެވެ. އެހެނަސް ހޮޓެލްގެ ލޮބީއިން ފޮށިތަކާއިއެކީ ހުއްޓި ތިބި މަޖީދާއި ޒުހާ ފެނިފައި މޫނުމައްޗަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ.
“އައްސަލާމްޢަލައިކުމް ސާރ….ހޮޓެލްގެ ހުރިހާ ޚިދުމަތްތަކާއިމެދު ސާރ ހިތްހަމަޖެހުނުތޯ؟” ޒުހާއަށް ލުއި ނަޒަރެއް ދިނުމަށްފަހު އަނަސް މަޖީދާއި މުޚާތަބު ކުރިއެވެ.
“ވަޢަލައިކުމުއްސަލާމް. ޚިދުމަތްތައް ރަނގަޅުވާނެތާ އަނަސް ކަހަލަ ކުއްޖަކު މެނޭޖަރަކަށް ހުރިއްޔާ. ހެހެ…..” މަޖީދު ހީލުމުން އަނަސްވެސް އެ ހީލުމުގައި ބައިވެރިވިއެވެ. އެހިނދު ޒުހާ ހުރިގޮތަށް އޭނައަށް ބަލަހައްޓައިގެން ހުރި މަންޒަރު އަނަސްއަށް ލޮލުގެ ކޮޅުން ފާހަގަ ކުރެވުނެވެ. ޒުހާއަށް ބަލަން ހިތް ކިތަންމެ ވަރަކަށް އެދެމުން ދިޔައެއް ކަމަކު އަނަސް އޭނަގެ ބެލުން ރައްކާތެރި ކުރިއެވެ.
“މިއީދޯ ހުރިހާ ފޮށިތަކަކީ ސާރ. ހިނގާ….އަޅުގަނޑު ގެންގޮސްދޭނަން.” އަނަސް މަޖީދުގެ ފޮށްޓާއި އެކީ ޒުހާގެ ފޮށިވެސް ކައިރިއަށް ގެނެސް ހިއްލައިލިއެވެ. އެއަށްފަހު ދެންވެސް ޒުހާއަށް ބެލުމެއްނެތި ދެމީހުންނަށްވުރެ ކުރިން ހޮޓެލުން ނިކުންނަން ހިނގައިގަތެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި އަނަސް ކާރު ދުއްވަމުން ދިޔައީ އެއާރޕޯޓާއި ދިމާލަށެވެ. ކާރުގެ ފަހަތު ސީޓުގައި ޒުހާއާއި މަޖީދު ތިބިއިރު ކާރަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ކާރުގެ ފަހަތް ބަލާ ލޯގަނޑުން ޒުހާ ފުން ވިސްނުމެއްގައި ކުޑަދޮރުން ބޭރު ބަލަން އިން ތަން އަނަސްއަށް ފެނުނެވެ. އެ ލޯގަނޑުން އޭނައަށް ޒުހާ ފެނޭކަން އެނގުންވުމާއިއެކު އަނަސް އެ ލޯގަނޑު ތިރި ކުރިއެވެ.
ހަމަ އެވަގުތު މަޖީދު ގަދައަށް ކެއްސަން ފެށުމުން އަނަސްއަށް ފަހަތަށް ލުއި ނަޒަރެއް ދެވުނެވެ. ޒުހާ ވެސް ކަންބޮޑުވުމަކާއިއެކީ ބައްޕާއޭ ކިޔައި ގޮވިއެވެ.
މަޖީދު ގަމީހުގެ ޖީބުން ނެގި ރުމާލެއް ނަގައި އެ ރުމާލުގެ ތެރެއަށް ކެއްސި ހިނދު، ރުމާލުން ލޭ ފެނުނެވެ. ފެނުމާއިއެކު މަޖީދު ވަގުތުން އެ ރުމާ އަތުތެރެއަށް ލައި ގުޅައަކަށް ލީ ފޮރުވަން އުޅޭ ފަދައަކުންނެވެ.
“އާރ ޔޫ އޯކޭ ބައްޕާ؟ އަނެއްކާ ކެއްސަން ފެށީތަ؟ ބޭސް ގުޅައެއް ކާންވީއެއްނު؟” ޒުހާއަށް ކަންބޮޑުވުމަކާއިއެކީ ވާހަކަ ދެކެވުނެވެ. ބައްޕަ ދޭތެރެއަކުން ނުލަފާ ގޮތަކަށް ކެއްސާތާ މިވަނީ އެއްމަހަށްވުރެ ގިނަ ދުވަސްވެފައެވެ. އެހެނަސް ޒުހާ އަޅާ ނުލާ ހުންނަނީ ބައްޕަ އުޅެނީ ޑޮކްޓަރަށް ދައްކައި ބޭސް ގަނެގެން ކަމަށް ބުނެފައި އޮންނާތީވެއެވެ.
“ތެދެއް ސާރ؟ އިރުކޮޅަކަށް ކާރު މަޑުކޮށްލަންވީތަ؟” އަނަސްއަށް ވެސް ބުނެވުނެވެ.
“ނޫނޭ ކުދިންނޭ. ހުރިހާ ކަމެއްވެސް ރަނގަޅު. ޢުމުރުން ދުވަސްވީމަ އެކަހަލަ ކަންތައް ވެސް ވާނެ ދޯ؟ ހެހެހެ…..”
މަޖީދު އެހެން ބުނުމުން އަނަސް ހީލިއެއްކަމަކު ޒުހާގެ މޫނުމަތިން ދެންވެސް ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. އެހެނަސް ދެން އިތުރު އެއްޗެކޭ ނުބުނީ، ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް ބައްޕަ އަޑު ނާހާނެކަން ޔަޤީންވީތީވެއެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު ތިން މީހުން އެއާރޕޯޓާއި ހަމަވިއެވެ. އަނަސް ފޮށިތައް ނަގައި މަޖީދާއި ޒުހާ ޗެކިން ކައުންޓަރުގެ ކިއުއާއި ހަމައަށް ދަންދެން އެހީވެދިނެވެ. އެހާ ހިސާބަށް ގޮސް އަނަސް އަލްވަދާޢު ކިޔުނު ހިނދު ހިނިތުންވުމުގައި ހުރެ ޒުހާއަށް ބެލުނީ ދެރަވެފައިވާ ހިތަކާއި އެކީގައެވެ. އޭގެ ބަދަލުގައި ޒުހާ ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމުން އަނަސްއަށް ހީލަމުން އިސްޖަހައިލެވުނީ އޭނަގެ ހިތާމަވެރިކަން މޫނުމަތިން ފާޅުވެދާނެތީވެއެވެ. އެއަށްފަހު ޒުހާއާއި މަޖީދަށް ފަސްދޭން އުޅުނީ ދެންމެ އޭނައަށް ޒުހާ ފެނިގެން އެ ދިޔައީ އެންމެ ފަހު ފަހަރަށްކަން އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އެހެނަސް އަނަސްއަށް މުޅިން ފަސް ނުދެވެނީސް މަޖީދު އޭނަގެ ނަމުން ގޮވައިލިއެވެ. އެއާއިއެކު އަނަސް، މަޖީދަށް ބަލައިލިއެވެ.
“ސާރ އާ ކުޑަ ވާހަކައެއް ދައްކާލަން އަނަސްއަށް މަޑުކޮށްލަދެވިދާނެތަ؟” މަޖީދު އެހިއެވެ. އެއާއިއެކު އަނަސް ލިބުނު ޙައިރާންކަމާއިއެކީ ވެސް ބޯޖަހައިލީ އެ ވާނީ ހޮޓެލްގެ ވާހަކައެއްކަމަށް ނިންމަމުންނެވެ.
މަޖީދު އަނަސް ގޮވައިގެން ދިޔައީ ޗެކިންގް ކައުންޓަރުގެ ކިއުއާއި ތަންކޮޅެއް ދުރު، މީހުން މަދު ހިސާބަކަށެވެ.
“މިއީ އަނަސްއާއި މި ވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތެއް ނޫން ކަންނޭނގެ އެކަމަކު….މި ބޭބެގެ ޢުމުރު ދެމި އޮންނާނީ ކިހާ ހިސާބަކަށް ކަމެއް ނޭނގޭ. އެހެންވީމަ ސުވާލެއް ކޮށްލާނަން. އަނަސް ޒުހާއާއި މެދު ދެކެނީ ކިހިނެއް؟” މަޖީދު ކޮށްލި އެ ސުވާލާއިއެކު އަނަސްއަށް މަޖީދާއި ދިމާލަށް ބަލައިލެވުނީ ބޮޑުވެގެން ދިޔަ ލޮލާއި އެކީގައެވެ.
“ތިބުނީ…ޒް..ޒުހާ….ކިހިނެއް؟” އަނަސްގެ ބަސްތައް އައީ ކެނޑިކެނޑިގެންނެވެ. އެއާއިއެކު މަޖީދަށް ހީލެވުނެވެ.
“ތިހާ ބިރުގަންނާކަށް ނުޖެހެއޭ….އަނަސް ގޯސްކަމެއް ކޮށްފަ އޮތިއްޔާއެއްނު ބިރުގަންނަން ޖެހޭނީ؟ ހެހެ…ބޭބެއަށް އެނގޭ އަނަސްއަކީ ރީތި އަޚްލާޤެއް ހުރި ރަނގަޅު ކުއްޖެއްކަން. އެކަން ޒުހާއަށް ވެސް މާ ބޮޑަށް ފާހަގަވެގެން ކަންނޭނގެ އުޅެނީ. ކުރީ ދުވަހު އަނަސްއާއި ގުޅޭ ބައިވަރު ސުވާލުތަކެއް ކުރި. އަނަސް ތިހާ ޅަ ޢުމުރެއްގަ ހޮޓެލް މެނޭޖަރަކަށްވީ ކިހިނެއްކަމުން ފެށިގެން ޒުހާ ހިންގި ޗެރިޓީ ވޯކަށް އެހީވެދިން ވާހަކައާއި ހަމައަށް. ބުނީ އަނަސްއަކީ ރަނގަޅު ހަރުދަނާ ކުއްޖެކޭ. ހޮޓެލްގައި އަނަސްގެ މަޤާމް މަތި ކޮށްދޭށޭ. މި ހުރިހާ ވާހަކައަކުން ސާރއަށް ލިބުނީ ވަރަށް ފުން މެސެޖެއް. ޒުހާއަށް އަނަސް ކަމުދަނީހެން ސާރއަށް ހީވަނީ….”
މަޖީދު އެ ދެއްކި ވާހަކަތަކުގެ ތެރެއިން އެ ފަހު ޖުމްލަ އިވުމާއިއެކު އަނަސްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އަދި ހަމަ އެވަގުތު އެއްލި ކަޅިއަކުން ކިއު ލައިނުގައި ހުރި ޒުހާ އަނަސްގެ ލޮލުގައި އެޅިއެވެ. އެވަގުތު ޒުހާގެ މޫނު ފެނިފައި އަނަސްގެ ހަނދާނަށް އައީ އެރޭ ޒުހާއާއި އެއްކަލަ ފިރިހެން ކުއްޖާއާއި މެދު ދެކެވުނު ވާހަކަތަކެވެ. މި ވަގުތު ޒުހާގެ ހިތުގައި އެ ފިރިހެން ކުއްޖާއަށް ދެވިފައިވަނީ އެރޭ ޒުހާ ބުނި ފަދައިން ހަމަ ބީރައްޓެހި އަޚެއްގެ މަޤާމުތޯ ހިތަށްއެރިއެވެ.
“އަޅުގަނޑު…..ވަރަށް އުފާވޭ ތި ވާހަކަތައް އަޑުއަހާފަ އެކަމަކު….ޒުހާ ސާފު ސީދާ ބަހުން އަޅުގަނޑާއި އިންނަން ބޭނުންވެއޭ ނުބުނަނީސް އަޅުގަނޑު އެއްވެސް ނިންމުމެއް ނިންމާކަށް ބޭނުމެއް ނޫން.” އަނަސް ތެދުތެދަށް ބުންޏެވެ.
“މިވަގުތު ޒުހާ ކައިވެންޏަކަށް ތައްޔާރުވާނެހެން ސާރއަށް ހިއެއްނުވޭ. އެކަމަކު ސާރގެ ހާޒިރީގަ ތި ދެކުދިން ބައްދަލުކުރަން އިޒުނަ މިދެނީ. ސާރ ދުނިޔެ ދޫކުރުމުގެ ކުރިން ޒުހާގެ ދޮންތަ ފަދައިން ޒުހާ ވެސް ޞާލިޙު ޒުވާނަކާއި ގުޅިގެން ދާ މަންޒަރު ދެކެން ބޭނުންވަނީ….އަނަސް މި ކަމާއިމެދު ވިސްނާލައްޗޭ.”
މަޖީދު އެ ދެއްކި ވާހަކައިން އިރުކޮޅަކަށް އަނަސްގެ ދެބުމަ ކައިރިވިއެއްކަމަކު ބޯޖަހައިލެވުނެވެ. އެ ވާހަކައިން އުދަގުލެއްވީ މަޖީދު ސާރ ދުނިޔެ ދޫކުރާ ވަރުގެ ބޮޑުކަމަކާއި ދިމާވެގެން އުޅޭހެން ހީވުމުންނެވެ.
މަޖީދާއި ވާހަކަ ދެއްކުމަށްފަހު އަނަސް އެއާރޕޯޓުން ނިކުމެގެން ގޮސް ކާރަށް އަރަން ކާރުގެ ދޮރު ހުޅުވިއެވެ. އެހިނދު ސީޓު މަތީގައި އޮތް ފޯނު ރިންގުވަމުން ގޮސް ކެނޑުނު މަންޒަރު ފެނުނެވެ. މިސްޑް ކޯލް އަރާފައި އޮތް އިރު ތިރީގައި އޮތް ނަމަކީ ‘ދޮންތަ’ އެވެ.
އަނަސް ފޯނު ނަގައި ކާރަށް އެރުމަށްފަހު ދޮރު ލައްޕައިލިއެވެ. އަދި ކާރު ސްޓާޓް ކުރުމަށްފަހު ‘ދޮންތަ’ އަށް ގުޅައިލިއެވެ.
“ސަލާމް ދޮންތާ ކީކޭ؟” އަނަސް އެހިއެވެ.
“ސަލާމް ސަލާމް މަގޭ ހޮޓެލް މެނޭޖަރު!” ފޯނުގެ އަނެއްކޮޅުން ޖަވާބު ދިނީ ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިގެން ހުރި ލީނާއެވެ.
“ކޮންމެހެން ތިހާ ތަޢުރީފު ނުކުރިޔަސް ހެވޭ. ކީއްވެ ތި ގުޅައިލެވުނީ؟ އަނެއްކާ ނިޒާމްބެއާއި ފައިޓް ކުރީތަ؟” އަނަސް އެހިއެވެ.
“ތި ފައިޓް އަބަދުވެސް ދަނީ ކުރިއަކަށްނު؟” ލީނާ އަމިއްލަ ނަފްސަށް މަލާމާތް ކުރާ ހީލުމަކާއިއެކީ ބުންޏެވެ.
“ސީރިއަސްލީ ދޮންތާ…..މެރިއޭޖް ވޯކް ނުކުރަންޏާ ޑިވޯސް ކުރިޔަސް މައްސަލައެއް ނެތޭ. މިއަދު ބައްޕަ ނެތް ދުނިޔޭގަ އަހަރެން ކަންނޭނގެ ދޮންތަ ރައްކާތެރިކޮށްދޭން ޖެހޭނީ. އެ މަޤާމުގަ ހުރެގެން މި ބުނަނީ ޑިވޯސް ކުރާށޭ. ތިއީ ދޮންތައަށް އަނިޔާވެސް ކުރާ މީހެއްކަމަށް ބުނީ ދޮންތަގެ އަމިއްލަ ދުލުން. ވަރަށް ހިތްހަމަ ނުޖެހިފަ މި ހުންނަނީ ތީނައާއި ޖެހިގެން ދޮންތަ ބުރުގާ ވެސް ނަގާލައިގެން އުޅޭ ގޮތުން….” އަނަސް ދޮންތައަށްޓަކައި ކަންބޮޑުވެފައިވާ ޙާލު ވާހަކަ ދެއްކިއެވެ.
“ހެހެހެ….މައި ލިޓްލް ޕްރޮޓެކްޓާރ….ހާދަ ލޯތްބޭ. އަޅެ އެކަމަކު ދޮންތަ ނިޒާމްބެ ޑިވޯސްކޮށްފިއްޔާ ކިހިނެއް ދެމީހުން އުޅޭނީ؟ މަންމައާއި ބައްޕަ ނިޔާވި ފަހުން ދެމީހުން މުޅިންހެން ބެލީ ނިޒާމްބެ ކަން އަނަސް ހަނދާން ނެތުނީތަ؟”
“ހަނދާނެއް ނުނެތޭ ދޮންތާ. އަދި އަދަށް ދާންދެން ވެސް ނިޒާމްބެއަށް ޝުކުރުވެރިވަން. އެކަމަކު އޭގެ ސަބަބުން އަހަރުމެން ނުޖެހޭ ނިޒާމްބެއަށް އަޅުވެތިވެގެން އުޅޭކަށް. މިއަދު ދޮންތަ ޖޮބެއް ނެތަސް އަހަންނަށް ރަނގަޅު މުސާރައެއް ލިބޭ. ދޮންތަ ނިޒާމްބެ ދޫކޮށްލިޔަސް އަހަރެން ދޮންތަ ބަލާނަން.”
“ހޫން…..ހާދަ ބޮޑުވެސް ވެއްޖެއޭދޯ މަގޭ ކޮއްކޮ! އެނީވޭސް….މިއަދު މި ގުޅާލީ ކޮއްކޮއަށްވުރެ ބޮޑަށް ހޮޓެލް މެނޭޖަރަކާއި ވާހަކަ ދައްކާލަންވެގެން. ތިހާ ހިސާބަށް އާދެވުނީމަ އެނގޭނެދޯ ޢިމާރާތެއްގެ މެއިންޓެނެންސްގެ ބައިވެސް…”
“އާނ އެނގޭ ކޮންމެވެސް ވަރަކަށް. ކިހިނެއްވީ؟”
“ހީޓަރަކުން ފެން ހޫނުވެގެން އަންނައިރު ހަންގަނޑު އަނދާވަރު ވެދާނެތަ؟”
“ހީޓަރ މަލްފަންކްޝަން ވެއްޖެއްޔާ އާނ….ކިހިނެއްވީ؟ ތިގޭގެ ހީޓާރގަ މައްސަލައެއް ހުރީތަ؟”
“ނޫނޭ….މިއުޅެނީ ކުޑަ ކަމަކު. ހެހެ….އޯކޭ. ތެންކިއު ބާއި.”
ދޮންތަ އެހެން ބުނެ ކުއްލި ގޮތަކަށް ފޯނު ކަނޑައިލި ގޮތުން އަނަސްއަށް ޙައިރާންކަމެއް ލިބުނެވެ.
ނުނިމޭ