ޤަދަރު (ސަޔާޅީސްވަނަ ބައި)
“އަހަންނަށް ނުފެނޭ އަފްޒަލްގެ އުނި ސިފައެއް. ތިއީ އަހަންނަށް ފުރިހަމަ ބައިވެރިއެއް.”
ފަލަކްގެ އެ ބަސްތައް އިވުމާއިއެކު އަފްޒަލަށް ފަލަކާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު ފަލަކް އިނީ ނުރައްކާތެރި ދަރަޖައަކަށް އޭނައާއި ކައިރީގަކަން އެވަގުތު އަފްޒަލަށް އެނގުންވީ މާ ބޮޑަށެވެ. އެރޭ ފަސް ވަނަ ފަހަރަށް ފަލަކްގެ ރީތިކަމަށް ގެއްލެން އަފްޒަލް އުޅެނިކޮށް ފަލަކް އޭނައާއި ގާތްވެލީ ގޮތުން އަފްޒަލްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފަލަކްގެ މަޑު ތުންފަތުގެ އިޙްސާސް ކުރެވިގެން ދިޔުމުން އަފްޒަލަށް ޙަރަކާތެއް ގެންނަން ނުވިސްނިފައި އިނދެވުނެވެ. މި ހުރެވުނީ ހުވަފެނެއްގައިތޯ ނުވަތަ ނޫންތޯ އެވަގުތު ޔަޤީންކުރަން ބޭނުންވެފައިވިއެވެ.
އެހެނަސް އަފްޒަލަށް އެކަމާއިމެދު މާ ބޮޑަށް ނުވިސްނެނީސް މާ ގިނައިރެއްނުވެ ފަލަކްގެ މޫނު އޭނައާއި ދުރުވެގެން ދިޔައެވެ. އެހިނދު އަފްޒަލަށް ފަލަކްގެ މޫނާއި ދިމާލަށް ބަލައިލެވުނެވެ. ދެންމެ މިވީ ކީއްތޯ އެ މޫނުން ނަގައިގަންނަން ބޭނުންވާ ފަދައަކުންނެވެ. އެ ހިނދު ފަލަކްގެ މޫނުމަތިން ފަލަކަށް ފެނުނީ ޖެހިލުންވުމެކެވެ. އެ ޖެހިލުންވުމާއިއެކީ ވެސް ފަލަކް އޭނައާއި ދުރު ނުވެ އިންގޮތުން އަފްޒަލަށް ލިބުނީ އެންމެ މެސެޖެކެވެ. ދެންމެ ފަލަކަށް އެ ގެނެވުނު ޙަރަކާތުން ފަލަކްގެ ހިތް ނުފުރުނު ކަމެވެ.
އެ މެސެޖު ލިބުމާއިއެކު އަފްޒަލް އެއްއަތުން ފަލަކްގެ މޫނުގައި ހިފެހެއްޓިއެވެ. އަދި އޭނަގެ މޫނު ފަލަކާއި ގާތްކޮށްލަމުން އެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.
ފަލަކް ގެނައި ޙަރަކާތާއި ޚިލާފަށް އަފްޒަލްގެ އެ ޙަރަކާތް ދިގުދެމިގެން ދިޔައެވެ. އެއާއިއެކު ކުރެވެމުން ދިޔަ އިޙްސާސްތަކަށް ދެމީހުންވެސް ގެއްލި، ހިނގަމުން ދިޔަ ވަގުތާއި ވަށައިގެންވި މާޙައުލާއިމެދު ވެސް ދެމީހުން ހަނދާން ނެތޭ ގޮތްވިއެވެ. އަފްޒަލް ފަލަކް އަތްދަނޑިމައްޗަށް އުފުއްލައިގެން ކޮޓަރިއަށް ދިޔަކަން ވެސް ފަލަކަށް އެނގުންވާ ގޮތްވީ އެނދުމަތީގައި އޮށޯވެވުނު ފަހުންނެވެ.
އަފްޒަލްގެ ބީހުންތަކަށް ފަލަކް ގެއްލިފައިވީ ވަރު އެނގުންވުމުން ޚުދު ފަލަކް ވެސް ޙައިރާންވާހާވިއެވެ. ފިރިހެނަކާއި މިފަދައިން ގާތްވުމަކީ އޭނަ ކުޑައިރުއްސުރެ ވެސް ބިރުވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވާ މަންޒަރެކެވެ. އެހެނަސް އަފްޒަލްގެ ކޮންމެ ބީހުމަކުން ވެސް ފަލަކަށް އިޙްސާސް ކުރެވުނީ އޯގާތެރިކަމެވެ. ކޮންމެ ބޮސްދިނުމެއްވެސް ތަރުޖަމާ ކުރެވިގެން ދިޔައީ ލޯބީގެ ގޮތުގައެވެ. އޭނަ އެ ދަރަޖައަށް ދާނީ އަފްޒަލަށް ކިހާ އިތުބާރެއް ކުރެވުނީމަކަން އެވަގުތު ވެސް ފަލަކަށް އެނގުންވިއެވެ.
އެކަން އެނގުންވުމާއިއެކު ފަލަކަށް ވެސް އޭނަގެ ހިތުގައިވާ ލޯބި އިޙްސާސް ކޮށްދެވޭތޯ މަސައްކަތް ކުރެވުނެވެ. އޭނަ އަފްޒަލަށް އިތުބާރު ކުރަންދެން އަފްޒަލް އޭނައަށްޓަކައި އިންތިޒާރު ކުރީތީވެއެވެ. އޭނައަށްޓަކައި ކެތް ކުރީތީވެއެވެ.
**
އޭގެ އަނެއްދުވަހުގެ ފަތިހު އަފްޒަލަށް ހޭލެވުނީ އަފްޒަލްގެ ފޯނު ފަތިސް ނަމާދުގެ އެލާމަށް ވައިބްރޭޓްވާން ފެށުމުންނެވެ. ލަސްލަހުން ލޯހުޅުވައިލެވުނު ވަގުތު ދަތްދޮޅީގެ ދަށުން މަޑު އިސްތަށިގަނޑެއްގެ އިޙްސާސް ކުރެވުނެވެ. އޭނަގެ އަތުތެރޭގައިވި ތުނި ހަށިގަނޑުގެ އިޙްސާސް ކުރެވުނީ އޭގެ ފަހުންނެވެ. އެއާއިއެކު އަފްޒަލަށް ހިނިތުންވެލެވުނެވެ. އޭނަގެ ގާތުގައި އެވަގުތު ވަނީ އޭނަގެ ޙަޔާތުގެ ލޯބިވެރިޔާކަން ޔަޤީންވީތީވެއެވެ.
ފަލަކް އެވަގުތު ވެސް އޮތީ ނިދަންކަން ޔަޤީންވުމާއިއެކު އަފްޒަލް އެލާމް ނިއްވައިލަން އަވަސްވިއެވެ. ފަތިސް ނަމާދު ވަގުތު ޖެހެން އަދި ބައިގަޑިއިރު އޮންނާނެކަން އެނގުމާއި އެކުވެސްމެއެވެ. ފޯނު އޮތީ ފަލަކާއި ވީ ފަރާތުގެ އަރިމަތީ މޭޒުމަތީގައި ކަމަށްވުމުން އަފްޒަލް އެދިމާލަށް އަތްދިއްކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން ފަލަކް އަފްޒަލްގެ އަތުތެރޭގައި އިތުރަށް ފިތިގެން ދިޔަ ހިނދު، ފަލަކްގެ ދެލޯ ތަގުޅިވެގެން ދިޔައެވެ.
އަފްޒަލް އެލާމް ނިވައިލަމުން ފަލަކްގެ މޫނަށް ބަލައިލި ހިނދު، ފަލަކް ލަސްލަހުން ލޯ ހުޅުވައިލަނީއެވެ. ލޯ ހުޅުވުމަށްފަހު އަފްޒަލް ފެނުމާއިއެކު ފަލަކްގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އެ މަންޒަރު ފެނުމުން އަފްޒަލްގެ މޫނަށް ވެރިވި ލާނެތް ހިނިތުންވުމުން ފަލަކްގެ ޙާލަތުވީ ގޯހެވެ. އިސާހިތަކު އަފްޒަލާއި ދުރުވެލަމުން މޫނުގައި ރަޖާ އަޅައިލެވުނެވެ.
“އޫޕްސް….ރޯންގް ބެޑްރޫމްދޯ؟” އަފްޒަލް ސަމާސާ ރާގަކަށް ބުންޏެވެ. އެއާއިއެކު ރަޖާ ދަށުގައި އޮތް ފަލަކަށް ވެސް ހެވެން ފެށިއެވެ. ހެމުން ހެމުން ރަޖާ މޫނުން ނެގިއެވެ.
“އަދި ކިރިޔާއެއްނު ރައިޓް ބެޑްރޫމްގަ މި އޮވެވުނީ؟” ފަލަކް ލަދުގެންފައި އޮތްވަރުން އެ އަޑު ނިކުތީ ވެސް ނުހަނު މަޑުންނެވެ. އެ އަޑު މަޑުކަމުން ފަލަކް ބުނި އެއްޗެއް ނަގައިގަންނަން އަފްޒަލަށް ވަގުތުކޮޅެއް ވެސް ނެގިއެވެ. ނަގައިގަނެވުމާއިއެކު އަފްޒަލް ހީލަމުން އަނެއްކާވެސް ފަލަކް އޭނަގެ އަތުތެރެއަށް ގެނެސް ލޯބިން ބައްދައިލިއެވެ.
**
ފަތިސް ނަމާދަށްފަހު ފަލަކާއި އަފްޒަލް އެ ސުވީޓްގެ ކާމޭޒުދޮށުގައި އިށީނީ ކޮފީއެއް ބުއިމަށެވެ. އެ ހޮޓެލުން ލިބުނު ކޮފީގެ މީރު ރަހައާއިމެދު ވާހަކަ ދެއްކުމަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ވަގުތުކޮޅަށްފަހު ވާހަކަ ދެއްކީ އަފްޒަލެވެ.
“ދެން އަހަރުމެން މިހާ ގާތްވީމަ…ދުބައިގަ ދެން ނެތްތަ ފަލަކް އަހަރެން ގެންދަން ބޭނުން އެހެން ތަނެއް؟” އަފްޒަލް އެހިއެވެ.
“ނޫނޭ….ދުބާއިގަ ވިޒިޓް ކުރަންވީ ތަންތަން މަދެއް ނުވާނެ….ހަފްތާއެއްހާ ދުވަސް ވަންދެން ދެމީހުން ކޮންމެ ދުވަހަކު އާ ތަނަކަށް ދިޔަޔަސް ތަންތަން މަދެއް ނުވާނެ!” ފަލަކް ޖަވާބު ދިނެވެ.
“ތިހެން ވާހަކައެއް ނޫނޭ. ހެހެ….މި ބުނަނީ އަސްލު…ދުބާއިގަ އުޅޭނެއެއްނު ފަލަކްގެ ތިމާގެ މީހުން؟ ފަލަކްގެ މަންމައަކީ މި ރަށު މީހެއްވީމަ؟” އަފްޒަލް ބުންޏެވެ.
“އޮހް! ތިމާގެ މީހުން ވާހަކަދޯ؟ ތިމާގެ މީހުން….މި ރަށުގަ އުޅޭ އެކަމަކު އަހަރެން އުޅެނީ އެމީހުންނާއި އެހާ ގާތްކޮށެއް ނޫން. މަންމަ ފަރާތު ތިމާގެ މީހުން އަހަންނަށް އެންމެ ކުޑައިރުއްސުރެ ވެސް އެހާ ގިނައިން ފެނިފައެއް ނެތް. މަންމަ ނިޔާވި ފަހުން އަހަންނަށް އެމީހުން ފެނިފައެއް ވެސް ނެތް. އެ މީހުން ދުބާއިގަ އުޅުނަސް މިހާރު އުޅޭ ތަނެއް ނުވެސް އެނގޭ. ބޮޑުދައިތައެއްގެ ދަރިއެއް މިހާރު ފެނުނިއްޔާ އެނގޭނެ ކަމެއް ވެސް ނޭނގޭ. ހެހެ….”
“އެކަމަކު އެއީ ކީއްވެ؟ ތިމާގެ މީހުންނާއި ގުޅުން ދަމަހައްޓަން ޖެހޭނެއެއް ނޫންތަ؟”
“އާނ…ދޯ؟ ވަރަށް ކުޑައިރު މަންމަ އަހަރެންގެ ބޮޑުދައިތައެއްގެ ގެއަށް ގެންގޮސް އެމީހުންނަށް ތަޢާރަފު ކޮށްދިން ހަނދާންވޭ. އެކަމަކު ވަރަށް ހަނދާންވޭ އެ ދުވަހު ބޮޑުދައިތަގެ ސޫރައެއް އަހަންނަށް ނުފެނޭ. ބޮޑުދައިތަ ހުރީ ބެލްކަންޏެއްގައި ހުރި ގޮނޑިއެއްގަ އަހަރުމެންނަށް ފަސްދީގެން. އެދުވަހުވެސް ބޮޑުދައިތަ މަންމައަށް ނުރުހުންވެފަ ހުންނާތީ. އަސްލު އެމީހުންނާއި އެހާ ގާތްކޮށް ނުއުޅުނީ އެމީހުންނާއި މަންމައާއި އަބަދު އަރައިރުންތަކެއް އޮންނާތީ. ހަނދާނެއް ނެތް ކޮންކަމަކާއި ގުޅޭ ގޮތުންކަމެއް އަރައިރުންވީ. މިހާތަނަށް އައިއރު ބައްޕަ ކައިރިން ވެސް އެހިފައެއް ނެތް….”
“މަންމަ މާލެއަށް ބަދަލުވީ އެ އަރައިރުންތަކާއި ހެދިތަ؟”
“ވެދާނެ….އެއާއިއެކު ބައްޕަގެ ބިޒްނަސް ވެސް އެންމެ ފުރަތަމަ ފެށީ މާލޭގަ. މިކޮޅުގަ ބިޒްނަސް ފަށަން ބިމެއް ނުލިބުނީމަ.”
“އެއީ ކީއްވެ ބިމެއް ނުލިބުނީ؟ މަންމަގެ ޢާއިލާ މިކޮޅުގަ އޮތިއްޔާ މަންމައަށް ލިބެންޖެހޭ ބިމެއް އޮންނާނެއެއްނު؟ ފެމިނިން ޑިޒައިންސް ފަށަން ވެގެން ވެސް ބިމެއް ނެތިގެން އަހަރެން އެކި ބިންތަކުގެ ވެރިންނަށް ގުޅައިގެން ބިމެއް ކުއްޔަށް ހިފީ. ދެން ވަކި ހިސާބަކުން އެ ބިމުގެ ވެރިޔާ އަހަންނަށް އެ ބިން ހިބައިން ދިނީ.”
“ހިބައިން ދިނީއޭ؟ އެއީ ފަލަކް ދަންނަ މީހަކީތަ؟”
“ނުދަންނަން. އަޑުއެހި ގޮތުގަ އެއީ ޢުމުރުން ދުވަސްވީ ބޭބެއެއް. ދުވަހަކުވެސް އެ ބޭބެއާއި ދިމަލެއް ނުވޭ. ބައްދަލުކުރަން އެދުނީމަ ވެސް ބައްދަލުވާން އެ ބޭބެ އެއްބަހެއް ނުވޭ…”
“އޮހް….ހިތްހެޔޮ ބޭބެއަކާއި ވައްތަރީދޯ؟ އެކަމަކު….ތިމާގެ މީހުންނާއި ފަލަކް އެހާ ދުރީ ކީއްވެ؟ އަހަރެން ހީކުރީ ފަލަކްގެ މަންމަ ނިޔާވީމަ ފަލަކްގެ ބޮޑުދައިތަމެން ކަމަށް ފަލަކް ބަލައި ބޮޑުކޮށްފަ ހުންނާނީ…”
“ނޫން….މަންމަ ނިޔާވީ މާލޭގަ….ދިމާވި ހާދިސާއެއްގެ ތެރެއިން. އެހާ ހިތާމަވެރި ގޮތަކަށް މަންމަ ދުނިޔެ ދޫކޮށް ދިޔުމުން ވެސް، ތިބުނާ ބޮޑުދައިތަމެން އައި ތަނެއް އަހަރެން ނުދެކެން…”
ފަލަކް ބުނެލި އެ ވާހަކައިން އަފްޒަލްގެ ދެބުމަ ކައިރިވިއެވެ. ފަލަކްގެ މަންމަ ނިޔާވީ މާލޭގައި ކަމަށް ބުނުމުންނެވެ. މި ހުރިހާ ދުވަހު އަފްޒަލް ހީކޮށްގެން ހުރީ ފަލަކްގެ މަންމަ ނިޔާވީ ދުބާއިގައި ކަމަށެވެ. ފަލަކްގެ މަންމަ ބަލިވުމުން ދުނިޔެ ދޫކޮށް ދިޔައީ ކަމަށް ހީކުރެވިފައިވިއެވެ. އެހެނަސް މާލޭގައި ދިމާވި ހާދިސާއެކޭ ބުނުމުން ސިކުނޑިއަށް އައީ ކުޑައިރުގެ ބިރުވެރި ހަނދާނެކެވެ. ބައްޕަ ނިޔާވި ދުވަހު ލޯ ކުރިމަތިން ފެނުނު ހާދިސާއެއްގެ ހަނދާނެވެ.
އަފްޒަލް އެ ޚިޔާލަށް ގެއްލެން އުޅުނު ވަގުތު ފަލަކްގެ ފޯނު ރިންގުވާން ފެށިއެވެ. ފަލަކް ސީރިއަސްކަމާއިއެކީ ފޯނު ނަގައި ކަންފަތުގައި ޖައްސައިލުމަށްފަހު އެކޮޅުން ބުނި އެއްޗަކަށް އާނބަސް ދިނެވެ. އެއަށްފަހު އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“އޮފީހަށް މިދަނީ އިނގޭ. ރޭގަ ޕާޓީގަ ކަންތައް ހިނގި ގޮތުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ ބަލަން އަހަރެން ދާނެ ވާހަކަ ރޭ މަހްރީން ގާތު ބުނެފަ އޮންނާނީ. ހަމަ ގައިމުވެސް މަހްރީންއަށް އެނގިގެން ރޭ ޕާޓީގަ އެކަހަލަ ވީޑިއޯއެއް އެޅުވޭނީ. ވީހާވެސް އަވަހަކަށް މިކަން ސާފުކޮށްލަން ބޭނުން…” ފަލަކް ވާހަކަ ދައްކަމުން ތެދުވެލުމަށްފަހު ކޮފީ ތަށި ދަމައިލިއެވެ.
“ވަރަށް ގިނައިރު ނަގާނެތަ؟” ފަލަކް އަފްޒަލަށް ފަސްދީފައި ދާން އުޅުނު ހިނދު އަފްޒަލަށް ކުއްލި ގޮތަކަށް އަހައިލެވުނެވެ. އެއާއިއެކު ފަލަކް ފަސްއެނބުރި އަފްޒަލަށް ބަލައިލިއެވެ. އެހިނދު އެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
“މާ ގިނައިރެއް ނުނަގާނެ. ގަޑިއިރެއްހާއިރު ވާނީ. ދަތުރު ވަގުތާއި ލައިގެން. މިއަދު އޮފީސް ބަންދުވީމަ އޮފީހުގައެއް ނުއުޅޭނަން…” ފަލަކް އެ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.
“އޮހް….އޯކޭ.” އަފްޒަލް، ފަލަކާއި ހަތަރުކަޅި ހަމަކުރުމެއްނެތި ބޯޖަހައިލަމުން ބުނެލިއެވެ. އެއާއިއެކު ފަލަކް އަނެއްކާވެސް އަފްޒަލަށް ފަސްދޭން އުޅެފައި އަނެއްކާވެސް އަފްޒަލަށް ބަލައިލިއެވެ. އަދި ހިނިތުންވުމަކާއިއެކީ އަފްޒަލްގެ ކައިރިއަށް ގޮސް އަފްޒަލްގެ ކޯތާފަތަށް ބޮސްދިނެވެ. ފަލަކްގެ އެ ކުއްލި ޙަރަކާތުން ޙައިރާންކަމެއް ލިބުނު އަފްޒަލް، ފަލަކް ދުރުވެލީ ހިނދު ވެސް ފަލަކަށް ބަލަން އިނދެވުނެވެ. އެވަގުތު ފަލަކް ހީލުމުން، އަފްޒަލަށް ވެސް ހީލެވުނެވެ.
**
ސިޓިންގް ރޫމުގެ ސޯފާގައި އަމިއްލަ ފޯނަށް ނަޒަރު ހުއްޓައިގެން އިން ލީނާގެ ބުމަގޮށްޖެހިފައިވިއެވެ. ފޯނުން ލީނާ ހުޅުވައިގެން އިނީ ފެމިނިން ޑިޒައިންސްގެ ވެބްސައިޓެވެ. އެ ވެބްސައިޓުގައި ރޭ ބޭއްވުނު ޕާޓީގެ ފޮޓޯތައް ގެލަރީގައި ހިއްސާ ކުރެވިފައިވިއެވެ. އަދި ފޮޓޯތަކުގެ ދަށުގައި ފަލަކް ކައިވެންޏެއް ނުކުރުމަށް ނިންމައިގެން ހުރެފައި، ކައިވެނީގެ ގޮށްޖެހި ސަބަބު އެރޭ ފަލަކް ކިޔައިދިން ގޮތަށް ޝާއިއު ކުރެވިފައިވިއެވެ.
އަފްޒަލާއި ފަލަކް އެކުއެކީގައި ތިބި އެ ފޮޓޯތަކަށް ބަލަމުން ދިޔަދިޔަހެން ލީނާގެ ހިތުގައިވި ރުޅިވެރިކަމުގެ އަލިފާން ގަދަވަމުން ދިޔައެވެ. އެރޭ އޭނަ ފަލަކާއި ކުރި ސުވާލުތަކަށް ފަލަކް ޖަވާބު ދިން ގޮތުން ލީނާ ފަލަކަށް އައިސްފައިވަނީ އަމަށަކު ރުޅިއެއް ނޫނެވެ.
އޭނަ ހިތުން އެ ދެމީހުން ވަކިކޮށްލަން އެ ދެއްކި ވީޑިއޯއިން އެދެމީހުން ގާތްވެގެން ދިޔައީ ފަހެ ކީއްވެ ހެއްޔެވެ؟ ފަލަކް ހަމަ އެހާވެސް ބޮޑަށް އަފްޒަލަށް އިތުބާރު ކުރަނީ ހެއްޔެވެ؟ އެހެންނޫނީ އޭނަ ހީކުރި ގޮތާއި ޚިލާފަށް އަފްޒަލް ފަލަކަށް އޭނަގެ ވާހަކަ ކިޔައިދީފައިވަނީ ހެއްޔެވެ؟ އެ ދެމީހުން އެހާވެސް ގާތީ ހެއްޔެވެ؟
ލީނާގެ ސިކުނޑިއަށް އެ ޚިޔާލު ވެރިވި ވަގުތު އަފްޒަލާއި ފަލަކް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހިނިތުންވެގެން ތިބި ފޮޓޯއެއް ސްކްރީނުން ފެނިގެން ދިޔައެވެ. އަފްޒަލް ހެއްލިގެން ދިޔައީ ފަލަކްގެ އެ ރީތިކަމަށްތޯ އެވަގުތު ހިތަށްއެރިއެވެ. ފަލަކްގެ ރީތިކަމާއި ކާމިޔާބީއަކީ ކުރީއްސުރެ ވެސް ލީނާ ޙަސަދަވެރިވާ ކަންތަކެވެ. އެ ރީތިކަމުގެ ސަބަބުން އަފްޒަލްގެ ހިތުގައި މިއަދު އޭނައަށްޓަކައި ޖާގައެއް ނެތްހެން ހީވުމުން އެ ޙަސަދަވެރިކަން ދެގުނަ ވެފައިވެއެވެ. ފަލަކްގެ ކާމިޔާބީގެ ރަހައެއް ލިބޭތޯ މަހްރީންއާއި ގުޅުން ބަދަހި ކޮށްފައި ވަނިކޮށް ރޭ ކަންތައްވީ ގޮތުން މަހްރީން ވެސް އޭނަގެ މެސެޖުތަކަށް ޖަވާބު ދިނުން ހުއްޓާލައިފިއެވެ.
އެހުރިހާ ކަންތައް ހާސްވަނަ ފަހަރަށް ލީނާގެ ސިކުނޑިއަށް ވެރިވެގެން ދިޔުމުން އަތުގައި އޮތް ފޯނު އަތުގެ ކޮޅަށް ހޫރައިލެވުނެވެ. އިސާހިތަކު ފޯނު ގޮސް ޓައިލްސް މަތީގައި ޖެހި ތަޅައިގެން ދިޔަ އަޑު ތަނުގައި ގުގުމައިގެން ދިޔައެވެ. އޭގެ އިރުކޮޅެއްގެ ތެރޭގައި އަވަސްއަވަހަށް އެންޖެލާ ސިޓިންގް ރޫމަށް އައިއިރު، އެންޖެލާގެ ފަހަތުން ކަހަލަ ގޮތަކަށް، ލީނާގެ ފިރިމީހާ ނިޒާމް ވެސް އެތަނަށް އައެވެ.
“ކިހިނެއް ވެގެންތަ ތި އުޅެނީ ލީނާ؟ ރޭގަ ވެސް ގެއަށް އައިއްސަ މިތާ ހުރި އެތަކެއްޗެއް ތަޅައިފި. ގޭގަ ދެފައި މައްޗަށް ނަގައިގެން އިނީމަ ފައިސާއަކީ އުޑުން އޮހޭ އެއްޗެއްހެންތަ ލީނާއަށް ހީވަނީ؟” ނިޒާމް އައިސް ރުޅިވެރިކަމާއިއެކީ ވާހަކަ ދެއްކުމުން ލީނާ ވެސް ތެދުވެލިއެވެ.
“ނިޒާމް ކޮންމެހެން ނުޖެހޭނެ އަހަންނާއި ތިހެން ވާހަކަ ދައްކާކަށް. އަހަރެން މިއީ ނިޒާމްގެ އަނބިމީހާ!” ލީނާ ހަރު އަޑުން ވާހަކަ ދައްކަމުން ގޮސް ނިޒާމްގެ ކުރިމަތީގައި ހުއްޓިލިއެވެ.
“އަނބިމީހާ ވަންޏާ މަގޭ ބޮލަށް އުދަގޫ ވާގޮތަށް ނުއުޅޭ. މަ މިގޭގަ ހުންނަ ދުވަސްތަކުގަ މަގޭ ބޯގޮއްވަން ނުއުޅޭ.”
“އަހަރުމެން ދެމީހުން އެކަކު އަނެކަކު ކުރާ ކަންތަކާއިމެދު ސުވާލުކުރަން ފެށީތަ؟ އެހެންވެއްޖެއްޔާ އަހަރެން ސުވާލެއް ކޮށްލަން ބޭނުން. ރޭގަ ކޮންތަނެއްގަ އުޅެފަ މާ ލަހުން ގެއަށް އައީ؟”
“ކޮންމެހެން މަ ނުޖެހޭ ތީނަ ކައިރި ބުނާކަށް.”
“އެހެންވެއްޖެއްޔާ މަށަށް ޑެބިޓް ކާޑު އަނބުރާދީ!”
ލީނާ އަމުރުވެރި ގޮތަކަށް އެހެން ބުނުމާއިއެކު ލީނާގެ ކަންފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. ކަންވީ ގޮތް އެނގުންވުމުން ފުން ނޭވާތަކެއް ލަމުން ލީނާ ނިޒާމަށް ބެލިއެވެ. އެހިނދު ލޮލުން ކަރުނަ ހިލިފައިވިއެއްކަމަކު ލީނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
“މާ ބޮޑާވެގެން ނުއުޅޭތި! ކަލޭގެ މަޤާމު އެނގިގެން މިގޭގަ އުޅެވޭނީ. ހަނދާން ކުރާތި!”
ނިޒާމް ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އެހެން ބުނެލީ ލޯ އަޅަމުންނެވެ. އެއަށްފަހު ލީނާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. ނިޒާމް ލޯމައްޗަށް ގެއްލުނު ވަގުތު ލީނާ އައިސްފައިވި ރުޅިއާއިއެކީ ކަރު ބުޑުން އަޑެއް ލައްވައިލިއެވެ. އެހިނދު ލީނާގެ ލޮލަށް ސިފަވެގެން ދިޔައީ ފަލަކްގެ ރީތި ސޫރައާއި ހިނިތުންވުމެވެ. ކުއްލިއަކަށް މި ހުރިހާ މައްސަލައެއްގެ އަސްލަކީ ފަލަކް ކަމަށް ލީނާއަށް އެވަގުތު ނިންމުނެވެ. އެއާއިއެކު ނުލަފާ ރޭވުމެއް އެ ސިކުނޑީގައި ރޭވެން ފެށިއެވެ.
**
ހޮޓެލް ރޫމުގެ ކުޑަދޮރުގައި ޖެހި ފައިބަމުން ދިޔަ ފެން ތިކިތަކަށް ބަލަން ހުރި ޒައުލް ފުން ވިސްނުމަކަށް ގެއްލިފައިވިއެވެ. އެހެން ހުރިއިރު ތަކުރާރުކޮށް ހަނދާން ކުރެވެމުން ދިޔައީ އިއްޔެ އޭނައާއި ޒުހާއާއި ދެމެދު ހިނގި ކަންތަކެވެ.
މަގުގެ އެއްފަރާތުގައި ހުރި ބެންޗުގައި އިންދާ ވައިބާރއިން ޒުހާގެ މެސެޖު ލިބުމާއިއެކު ޒައުލް އެ މެސެޖު ހުޅުވިއެވެ.
“އަހަރެން އެހީވެދޭނަން. މި ބުނާ ހޮޓެލަށް ގޮއްސަ ރިސެޕްޝަނަށް ގޮސް ފުރިހަމަ ނަން ބުނީމަ ރޫމެއް ދޭނެ.”
ޒުހާ އެ މެސެޖު ލިޔުމަށްފަހު ހޮޓެލްގެ ނަމާއި އެޑްރެސް ލިޔެފައިވިއެވެ. އެ މެސެޖު ފެނި އިސާހިތަކު ޒައުލްގެ ތުންފަތްމައްޗަށް ހިތާމަވެރި ހިނިތުންވުމެއް ވެރިވިއެވެ. އެއީ ހަމައެކަނި އޭނައަށް ބޯހިޔާވަހިކަމުގެ އަލިމަގެއް ފެނުނީތީވެއެއް ނޫނެވެ. ޒުހާގެ ހިތުގައި އަދިވެސް އޭނައަށްޓަކައި ޖާގައެއް ވާހެން ހީވީތީވެއެވެ. އަދި ޒުހާ އޭނަގެ ދެކެވީ ލޯބީގެ އޯގާތެރިކަމުގެ މަތިން ވެސް ހަނދާންވުމުންނެވެ.
ޒައުލް އެ ބެންޗުން ތެދުވުނު ގޮތަށް ޓެކްސީއަކަށް އަރައިގެން ހޮޓެލަށް ދިޔައެވެ. ސޫޓް ކޭސް ދަމަމުން ހޮޓެލަށް ވަދެގެން ދިޔައިރު ވެސް ޒައުލްއަށް ވަށައި ހޯދެމުން ދިޔައީ ޒުހާ ފެނޭތޯއެވެ. އެހެނަސް ރިސެޕްޝަނަށް ގޮސް ރޫމް ނަންބަރު ހޯދައިގެން އެ ރޫމް ހުރި ފަންގިފިލާއަށް ޒައުލްއަށް ދެވުނު ވަގުތުވެސް، ޒުހާ ފެންނަ ގޮތެއް ނުވިއެވެ.
ޒައުލްއަށް އެ ހިތް އެދެމުން ދިޔަ ސޫރަ ފެނޭގޮތްވީ، އެކަމާއިމެދު އުއްމީދު ކަނޑައިލެވުނު ހިނދެވެ. ޒައުލް އަމިއްލަ ރޫމާއި ހަމަވީ ވަގުތު އެ ފަންގިފިލާގެ ކޮރިޑޯއިން ޒުހާ ހިނގާފައި އަންނަމުން ދިޔަތަން ފެނުނެވެ. ޒުހާ ފެނުމާއިއެކު ޒައުލްއަށް އެދިމާލަށް އެނބުރި އެސްފިޔަ ޖަހާލުމެއްނެތި ބަލަން ހުރެވުނެވެ. ޒުހާ ހިނގަމުން ދަނިކޮށް ޒައުލްއާއި ކައިރިވީ ހިނދު އެއްލި ކަޅިއަކުން ޒައުލް ފެނުމާއިއެކު ޒުހާ ވެސް ހުއްޓުން އަރާ ގޮތްވިއެވެ.
“ޒުހާ….” ޒައުލް ހިސާބެއްގެ ވައި އަޑަކުން އެ ނަމުން ގޮވައި ޒުހާގެ ކުރިމަތީގައި ގޮސް ހުއްޓިލިއެވެ. އެހިނދު ޒުހާގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަން ކަމެއް ނޫނީ ރުޅިވެރިކަން ކަމެއް ނަގައިގަންނަން ޒައުލްއަށް އުދަގޫވިއެވެ.
“ހާދަ ދުވަހެއްވެއްޖެއޭދޯ؟ އައި މިސްޑް ޔޫ….” ޒައުލް ބުންޏެވެ.
ޒައުލް ހީކުރީ އޭނަ އެހެން ބުނުމާއިއެކު ޒުހާ ފެންކަޅިވާނެ ކަމަށެވެ. ރޮއިގަންނާނެ ކަމަށެވެ. އަދި ޒުހާ އަދިވެސް ޒައުލްދެކެ ވާ ލޯބިގެ ވާހަކަ ހާމަކުރާނެ ކަމަށެވެ.
އެހެނަސް ޒުހާގެ ނަޒަރުން އެވަގުތު ވެސް ޒައުލްއަށް ފެންނަމުން ދިޔައީ ދުރުކަމެކެވެ. ޒައުލްއާއި މުޅިން ބީރައްޓެހި އަސަރެކެވެ. ޒުހާ އިތުރު އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޒައުލް އިތުރަށް ވާހަކަ ދެއްކިއެވެ.
“ލުކް….ޒުހާ. އަހަންނަށް އެނގޭ އަހަރެން ކަންތައް ކުރި ގޮތާއިމެދު ޒުހާ ތިހިރީ ވަރަށް ދެރަވެފަކަން. ޒުހާ ނުޖެހޭ އަހަންނަށް އެއްވެސް ވާހަކައެއް ކިޔައިދޭކަށް. އަހަންނަށް ޒުހާ ވަރަށް ރަނގަޅަށް އެނގޭ. ކިތަންމެ ދެރަވެފަ ހުއްޓަސް މިއަދު އަހަންނަށް ތި އެހީވީ އަދިވެސް އަހަރެން ދެކެ ލޯބިވާތީ ނޫންތަ؟ ޒުހާ ހުރި ހޮޓެލުން އަހަންނަށް ރޫމެއް ހޯދައިދޭނީ އަހަންނާއި ގާތުގަ ވާން އެދޭތީ ނޫންތަ؟ ބުނެބަލަ ޒުހް-“
ޒައުލް ވާހަކަ ދައްކަމުން ގޮސް ޒުހާގެ ކޮނޑުގައި އަތްއަޅަން އުޅުނު ތަނާހެން ޒުހާ އެއަތް ފޮޅުވައިލިއެވެ. އެއާއިއެކު ޒައުލްއަށް ލިބުނީ ސިހުމެކެވެ.
“ނޫން…ޒައުލްއަށް އަހަންނެއް ނޭނގޭ. ނޭނގޭތީ ގުޅުން ނިމުމަކަށް އަންނަންޖެހުނީ. ޒައުލްއަށް އެކަން ފަހުމް ނުވިޔަސް. އަހަރެން ޒައުލްއަށް އެހީވީ ކޮންމެހެން އެ ގުޅުން އަނބުރާ އިއާދަ ކުރާކަށް ނޫން. އަހަރެންގެ ހިތުގައި ﷲ ލެއްވި ޙަމްދަރުދީއެއްގެ ސަބަބުން އެހީވީ. މުސްލިމް އަޚަކަށް އެހީވުމުގެ ސަވާބު ބޭނުންވީތީ އެހީވީ. އެހީ ނުވެއްޖެނަމަ ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީ ވާން ޖެހިދާނެ ކަމަށްޓަކައި އެހީވީ. މި ޤައުމުގައި ބައްޕަގެ ހޮޓެލަކަށް ހުންނަނީ މި ހޮޓެލް އެކަނި. ދެމީހުން ދިމާނުވާނެހެން އަހަރެން މިއުޅެނީ ވީހާވެސް އަވަހަކަށް ފުރަން….”
ޒުހާ ސީރިއަސްކަމާއިއެކީ ސާފު ސީދާ ބަހުން ދެއްކި ވާހަކައިން އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ޒައުލްގެ ކިބުރުވެރި ނަފްސަށް އަސަރު ކުރިއެވެ. މި ހުރިހާ ދުވަހު އޭނަގެ ފަހަތު އަޅައިގެން އުޅުނު ކުއްޖާ އޭނައަށް ފަސްދިނުމުންނެވެ. އެކަން ޤަބޫލުކުރަން ވެސް ޒައުލްއަށް ހިނދުކޮޅަކަށް ދަތިވިއެވެ.
އެހެނަސް ޒައުލް ބަލަބަލާ ހުއްޓާ ޒުހާ އޭނަގެ މޫނުން ނަޒަރު ވަކިކޮށް އެއްފަރާތަކަށް ޖެހިލަމުން ކުރިއަށް ހިނގަން ފެށިއެވެ. އެހެނަސް ޒައުލްގެ ފަހަތުން މީހަކު ފެނުނު ފަދައަކުން ޒުހާ ހުއްޓިލިއެވެ. ޒުހާއަށް ވީގޮތް ފެނި ޒައުލް ފަސްއެނބުރި އެދިމާލަށް ބަލައިލިއެވެ. އެހިނދު އެތާހުރީ، ޒައުލްއަށްވުރެ ތަންކޮޅެއް އިސްކޮޅުން ދިގު، ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި ޒުވާނެކެވެ. ޒުވާނާގެ ވާތް ފަރާތުގައި ޓެގެއް ޖެހިފައިވި ގޮތުން، ހޮޓެލްގެ މަތީ މަޤާމެއްގެ މުވައްޒަފެއްކަން އެނގުނެވެ.
ޒައުލް އެއްފަހަރު އެ ޒުވާނާއަށް އަނެއްފަހަރު ޒުހާއަށް ބެލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބި ގޮތުން އެއީ ބީރައްޓެހިން ހެނެއް ހިއެއް ނުވއެވެ. ހާސް ސުވާލު އެއްފަހަރާ ޒައުލްގެ ސިކުނޑިއަށް ވެރިވި ވަގުތު ޒުހާ އަނެއްކާވެސް ހިނގައިގެންފިއެވެ. އަދި އިތުރަށް އެ ޒުވާނާއަށް ބެލުމެއްނެތި ޒުވާނާ ފަހަނަޅައި ދިޔައީއެވެ. އެ ޒުވާނާ ޒުހާ ދިޔަ ދިމާލަށް ނަޒަރެއް ދިނުމަށްފަހު ޒައުލް ފެނިފައި ޒައުލްގެ ކައިރިއަށް އައިސް ހުއްޓިލިއެވެ.
“އަޅުގަނޑުމެންގެ ހޮޓެލަށް މަރުޙަބާ. އެއްވެސް އެހީއެއް ބޭނުންވޭތޯ؟” ޒުވާނާ އައިސް ޒައުލްއާއި ހިނިތުންވެލަމުން އިނގިރޭސި ބަހުން ސުވާލުކުރިއެވެ.
“ނޫން…” ޒައުލްއަށް އެ ޖަވާބު ދެވުނު ވަގުތު ޒުވާނާގެ ޓެގާއި ދިމާލަށް ނަޒަރެއް ދެވުނެވެ. ‘އަނަސް ޝުކޫރު’ ގެ ނަމުގެ ދަށުގައި ހޮޓެލް މެނޭޖާރއޭ އޮތް ގޮތުން އެ ޒުވާނާގެ ހައިބަތު ޒައުލްއަށް ނަގައިގަނެވެ.
ހޮޓެލް ރޫމަށް ވަންތާ 24 ގަޑިއިރު ވާން ގާތްވަމުން ދިޔައެއްކަމަކު ޒައުލްއަށް ދެންވެސް ވިސްނެމުން ދިޔައީ އެ މަންޒަރާއި މެދުގައެވެ. ރަށަށް ދާނެ ގޮތާއި މެދަށްވުރެ ފިކުރު ބޮޑު ވެފައިވީ ޒުހާއާއި އަނަސްއާއި ދެމެދު އޮވެދާނެ ގުޅުމަކާއި މެދުގައެވެ.
**
ދުބާއިގެ ގަޑިން ހެނދުނު 8:30 ވީ ވަގުތު ފަލަކް ވަދެގެން ދިޔައީ ދުބާއިގެ ފަސް ތަރީގެ ރެސްޓޯރެންޓެއްގެ ތެރެއަށެވެ. އެއީ ޗުއްޓީ ދުވަހަކަށްވެފައި މަހްރީން އޭނައާއި ބައްދަލުކުރަން އެދުނީ އެތަނުން ކަމަށްވާތީވެއެވެ.
އިރުކޮޅެއްގެ ހިނގާލުމަށްފަހު ދެމީހުންނަށް އިށީނދެވޭ ވަށް މޭޒެއްގެ ދޮށުގައި މަހްރީން އިން މަންޒަރު ފަލަކަށް ފެނުނެވެ. މަހްރީން ހުރީ އޮފީހުގައި އުޅޭ ގޮތާއި ޚިލާފަށް ޖިންސަކާއި މައްޗެއް ލައިގެން އިސްތަށިގަނޑު ފުރަގަހަށް ވާގޮތަށް އައްސައިގެންނެވެ. މީގެ ކުރިން ވެސް ފަލަކަށް މަހްރީން އެ ސިފައިގައި ހުރި މަންޒަރު ފެނިފައި ވެއެވެ. އެހެނަސް އެވަގުތު މަހްރީން ފެންނަމުން ދިޔަ ގޮތް ތަފާތުވިއެވެ. ފަލަކް ފެނިފައި ހިނިތުންވުމުގެ ބަދަލުގައި އެ ދިމާލަށް އައުމަށް ކުރީ ބޮލުގެ ޢިޝާރާތެކެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވައި ފަލަކް އައުމުގެ ކުރިން ބުއިމެއް ބޯން އިން ގޮތުން، މީގެ ކުރިން މަހްރީން ފަލަކަށް ކުރާ އިޙްތިރާމުގެ އަސަރެއް ނެތް ކަމުގެ އިޙްސާސް ފަލަކަށް ކުރެވުނެވެ.
އެހެނަސް ފަލަކް އެ ހުރިހާ ކަމެއް ފާހަގަ ނުވާ ކަމަށް ހަދަމުން ހިނިތުންވުމަކާއިއެކީ ގޮސް މަހްރީންގެ ކުރިމަތީގައި އިށީނެވެ.
“މާ ކުރިން އައިއްސަދޯ މަހްރީން ތިއިނީ؟ ހަމަ ދެންމެ 8:30 އެ ވީ. މަހްރީން އެ ގަޑި ކިޔާތީ މޭމް މިވަގުތަށް މި އައީ. އާރލީ ބްރެކްފާސްޓެއް ނެގީދޯ؟” ފަލަކް ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
މި ނޫނަސް ފަލަކް ވަނީ އޭނަގެ މުވައްޒަފަކު އޭނައާއި ދުރުވަމުންދާ ކަމުގެ އިޙްސާސް ކޮށްފައެވެ. އެ އިޙްސާސް ކުރެވޭތާ މާ ގިނަ ދުވަހެއް ނުވެ އެ މުވައްޒަފަކު ކުންފުނިން ވަކިވެއެވެ. އެފަދައިން ޢާއްމު ގޮތެއްގައި ވަނީ އެ މުވައްޒަފަކު ކުރި ކުށަކަށް ފަލަކް ކުންފުނީގެ ޤަވާޢިދާއި އެއްގޮތަށް އަދަބެއް ދިނިއްޔާއެވެ. އެހެނަސް މިހާ ތަނަށް އައިއިރު މަހްރީންއަށް އެފަދަ އަދަބެއް ލިބިފައެއް ނުވެއެވެ. ވީއިރު މަހްރީން އޭނައާއި ދުރުވާންޖެހޭ ސަބަބެއް ވިސްނައިގަންނަން ފަލަކަށް ދަތިވެފައިވިއެވެ.
“އާރލީ ބްރެކްފާސްޓެއް ކަމަށް ބަލަމާ. ކީއްކުރަން ބައްދަލު ކުރަން ބޭނުންވީ؟” މަހްރީން ޢަރަބި ބަހުން ސުވާލު ކުރިއެވެ. އޭރުވެސް މަހްރީން އިނީ އެއްފައި މައްޗަށް އަނެއްފައި އަރުވައިގެންނެވެ. ވާހަކަ ދެއްކިއރު ދޭތެރެއިން ފޯނަށް ބަލަމުން ދިޔަ ގޮތުން މި ބައްދަލުވުމުގެ ބޮޑު މީހަކީ މަހްރީންހެން ބަލާ މީހަކަށް ހީވެދާނެއެވެ.
“ރޭގަ ކަންތައްވީ ގޮތާއިމެދު ސުވާލުކޮށްލަން މި އައީ. އެ ޕާޓީ ތެރެއިން އެއްވެސް ވީޑިއޯއެއް މަހްރީންގެ އެނގުމަކާއި ނުލައި ނޭޅުވޭނެހެން ހީވަނީ. އެއީ މަހްރީން ކުރި ކަމެއްތަ؟ އެހެންނޫ-“
“އާނ އެއީ އަހަރެން ކުރިކަމެއް.” މަހްރީން ޖެހިލުންވުމެއް ވެސް ނެތި ފަލަކްގެ ވާހަކަ މެދު ކަނޑައިލަމުން ކުށަށް އިޢުތިރާފުވިއެވެ. އެ ބަސްތައް ބުނި ގޮތުން މަހްރީން އެ ކުރެވުނު ކަމާއިމެދު ފަޚުރުވެރިވާ ކަމުގެ އަސަރެއް އެ މޫނުމަތިން ފެނުނެވެ.
“އެކަމަކު….ކީއްވެ؟ ކީއްވެގެންތަ މަހްރީން މޭމްގެ އިމޭޖް ހަޑިވާނެ ފަދަ ކަމެއް ކުރީ؟ އެއީ ކާކު ބުނެގެން ކުރި ކަމެއްތަ؟”
“ލީނާ…..އެ ބުނާ އަފްޒަލްގެ އެކްސް ލީނާ. ފެމިނިން ޑިޒައިންސްއާއި އެކު ޑީލް ހަދައި އުޅޭ ލީނާއަކީ އެއީ…”
މަހްރީން މިފަހަރު ދިން ޖަވާބުން ފަލަކް ހުއްޓުން އަރާ ގޮތްވިއެވެ. ހިނދުކޮޅަކަށް ދެލޯ ބޮޑުވެ ނޭވާ ހުއްޓިފައި ހުރެވުނެވެ. މި ހުރިހާ އަހަރުތަކެއް ވަންދެން އޭނައާއި އެހާ ގާތްކޮށް އުޅެން މަސައްކަތް ކުރި އެ ލީނާއަކީ އަފްޒަލާއި ހަމަ އެހާ ގާތް ގުޅުމެއް އޮތް ކުއްޖަކީތޯ ހިތަށްއެރިއެވެ.
“އެކަމަކު….މަހްރީން ނުޖެހޭދޯ ލީނާ ބުނީމަ ލީނާ ބުނާހާ ގޮތަށް ހަދަން. ލީނާއަކީ ކިތަންމެ ގާތްކޮށް އުޅުނު ކަސްޓަމަރަކަށް ވިޔަސް…” ފަލަކް މަހްރީންގެ ނަޒަރިއްޔާތުން ވިސްނޭތޯ މަސައްކަތް ކުރިއެވެ. ފަލަކް އެހެން ބުނި ބުނުމަށް މައްޗަށް ނަޒަރު ހިންގައި މަހްރީން އަސަރެއް ނެތް ގޮތަކަށް ހީލި ގޮތުން ފަލަކް އޮޅުން އަރާ ގޮތްވިއެވެ.
“ހާދަ ލަހަކުންނޭދޯ ފަލަކްގެ ތި ސިކުނޑިއަށް ކަންތައް ނަގައިގަނެވެނީ. ރޭގަ ހިނގި ކަމަކީ ފަލަކްގެ އަގު ވައްޓައިލަން ޚުދު އަހަރެން އަމިއްލައަށް ރޭވި ރޭވުމަކަށް ވެސް ވެދާނެއެއްނު؟” މަހްރީން ނުލަފާ ހިނިތުންވުމެއްގައި އިނދެ ބުނެލި އެ ވާހަކައިން ފަލަކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ނުނިމޭ