ޤަދަރު (1-44 ޚުލާޞާ)
އަފްޒަލަކީ ޙަޔާތުގެ އެއްވެސް ކަމެއް ހިތް އެދުނު ގޮތަކަށް ފުރިހަމަވެގެން ދިޔަ ޒުވާނެއް ނޫނެވެ. އިންނަން ބޭނުންވި ކުއްޖާގެ މައިންބަފައިންނާއި ބައްދަލު ކުރި ރޭ އެ ކުއްޖާ އޭނައަށް ބޭވަފާތެރިވެ އެހެން މީހަކާއިއެކީ ފުރައިގެން ދެއެވެ. ޑޮކްޓަރުކަން ކިޔަވަން ބޭނުންވިއެއްކަމަކު ޙާލަތު އެކަމަށް ތަން ނުދިނެވެ. ނިޔާވެފައިވި ބައްޕަ މާލޭގައި ހުޅުވާފައިވި ރެސްޓޯރެންޓު ކުރި އަރުވަން ވިޔަފާރީގެ ދާއިރާއިން ކިޔަވަން އުޅުމުން އެކަމަށް ވެސް ފުރުސަތެއް ނުލިބުނެވެ.
އެންމެ ފަހުން އަފްޒަލް ކުރި އަރައިގެންދާން ފެށީ ބައްޕަގެ ރެސްޓޯރެންޓުގެ ކައްކާއެއްގެ ގޮތުގައެވެ. އޭގެ ސަބަބުން އަފްޒަލަށް ކާމިޔާބު ދިރިއުޅުމެއް ބިނާ ކުރެވިފައިވެއެވެ. އެ ކާމިޔާބީގެ ސަބަބުން ރެސްޓޯރެންޓު ބިނާ ކުރެވިފައިވި ޢިމާރާތުގެ ވެރިޔާ ކަމަށްވާ މަޖީދު އަފްޒަލަށް މުޅި ޢިމާރާތް ހިބަ ކޮށްދޭން ނިންމައެވެ. އެ ހިބައިގެ އިތުރުން މަޖީދު އަފްޒަލަށް އެހެން ކަމަކަށް ވެސް އެދެއެވެ. މަޖީދުގެ ދޮށީ ދަރިފުޅު ފަލަކާއި އިނުމަށެވެ.
ޢަރަބި މަންމައަކަށް އުފަން ފަލަކަކީ ދުބައިގެ ބޮޑު ކުންފުންޏަކަށްވާ ފެމިނިން ޑިޒައިންސްގެ ސީއީއޯއެވެ. ޢުމުރުން 6 އަހަރުގައި މަންމަ ނިޔާވެފައިވި ފަލަކް ފިރިހެނުންނަށް ނަފްރަތު ކުރެއެވެ. އަމިއްލަ ބައްޕަވެސް ހިމެނޭ ގޮތަށެވެ. މަންމަ ނިޔާވީ ބައްޕަގެ އިހުމާލުން ކަމަށް ފަލަކަށް ޤަބޫލު ކުރެވިފައިވާތީވެއެވެ. މަންމަ މަރުވި ގޮތުގެ ކުރު ހަނދާނެއް ފަލަކްގެ ސިކުނޑީގައިވެއެވެ. މާލޭގެ ޢިމާރާތެއްގެ ރެއިލިންގްގައި މަންމަ އެލުވިފައި އޮތްވާ ފިރިހެނަކު އައިސް މަންމަ އަތަށް ފައިން އަރާ ކޮއްޕާލާ މަންޒަރު ސިފަވެއެވެ. އަދި މަންމަ ގޮސް މަގުމަތިން ދުއްވާފައި ދިޔަ ކާރުތަކުގެ ތެރޭގައި ޖެހޭ އަޑުފަތްގަނޑު އިވެއެވެ. މި ޙާދިސާގެ ފަހަތުގައިވީ ކާކުކަން ދަނެގަންނަން 29 އަހަރުގެ ޢުމުރަށް އައިއިރު ވެސް ފަލަކް ބޭނުންވެއެވެ.
އެ ޙާދިސާ ހިނގުމުގެ ކުރިން ބައްޕައާއި މަންމައާއި މެދު މައްސަލަތައް ޖެހިފައިވާކަން ފަލަކަށް އެނގެއެވެ. އެ މައްސަލަތަކުގެ ތެރެއިން ކޮންމެވެސް މީހަކު މަންމައަށް އަނިޔާ ކުރާ އަޑު ފަލަކަށް އިވިފައިވެއެވެ. އެއީ ބައްޕަ ކަމަށް ފަލަކަށް ޤަބޫލު ކުރެވިފައިވެއެވެ. އެހެންކަމުން ފިރިހެނުންނަކީ އެބައެއްގެ ކިބައިން އަންހެނުން ރައްކާތެރި ކޮށްދޭންޖެހޭ ބައެއް ކަމަށް ފަލަކް ޤަބޫލުކޮށް އެކަމަށް ވަކާލާތު ކުރެއެވެ. ދުވަހެއްގެ ކޮޅުން ވެސް މީހަކާއި ނުއިންނަން ފަލަކް ނިންމައިގެން ހުރީ ހުރިހާ ފިރިހެނުންނަކީ ނުލަފާ ބައެއްކަން ޔަޤީން ކުރެވިފައިވީތީވެއެވެ.
ކޮންމެ ގޮތެއްވިޔަސް ބައްޕަ މަޖުބޫރު ކުރުވުމުން ފަލަކް އަފްޒަލާއި ބައްދަލުކުރަން އެއްބަސްވެއެވެ. އަފްޒަލާއި ބައްދަލުވާ ދުވަހުއްސުރެ ވެސް އަފްޒަލްގެ ކިބައިން ފެންނަން ފެށި ރީތި އަޚްލާޤާއި އޯގާތެރިކަމުން ފަލަކްގެ ހިތް ބަދަލުވާން ފަށައެވެ. ކުރީކޮޅު އަފްޒަލްގެ ރަނގަޅުކަން ޤަބޫލުކުރަން ފަލަކަށް ދަތިވެއެވެ. އެހެނަސް އަފްޒަލްމެން ގޭގައި ކުއްޔަށް އުޅެމުން ފަހުން ފަހުން އައިސް އަފްޒަލްގެ ރަނގަޅުކަން ފަލަކަށް ފަހުމްވެގެންދެއެވެ. އެހެނަސް ދެންވެސް އަފްޒަލާއި ގާތް ގުޅުމެއް ބާއްވަން ފަލަކް ޖެހިލުންވެއެވެ. މުޅި ޢުމުރު ދުވަހު ފިރިހެނުންނަށް ކޮށްފައިވާ ނަފްރަތެއްގެ ސަބަބުން އެ ނަޒަރިއްޔާތު ބަދަލުކުރަން ދަތިވެފައިވިއެވެ.
އަފްޒަލަށް ވެސް ފަލަކްގެ އަޚްލާޤް ކަމުދިޔައެއްކަމަކު ފަލަކް ބުރުގާ ނާޅާތީ ފަލަކްގެ ދީންވެރިކަމާއިމެދު ހިތުގައި ސުވާލު އުފެދިފައިވެއެވެ. ބުރުގާ އެޅުމަކީ ފިރިހެނުން އަންހެނުންގެ މައްޗަށް މަޖުބޫރުކޮށްފައިވާ ކަމެއް ކަމަށް ފަލަކަށް ހީކުރެވިފައިވެއެވެ.
ފަލަކްގެ މި ޚިޔާލު ބަދަލުވަނީ ނޫރާގެ ފަރާތުންނެވެ. ނޫރާއަކީ އަފްޒަލްގެ ދޮންބެގެ އަދުހަމްގެ އަންހެނުންނެވެ. އަދުހަމް ނޫރާއާއި އެ މީހުންގެ ދަރިފުޅު ނާއިލާއިމެދު ކަންތައް ކުރަނީ ނުހަނު އިހާނެތިކޮށެވެ. ނޫރާ ވަނީ އަދުހަމްގެ އަތްދަށުވެ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައި ކަން ފަލަކަށް އަފްޒަލްމެން ގޭގައި އުޅެމުން އެނގިގެންދެއެވެ.
އަފްޒަލް އަދުހަމް ނުހުއްޓުވަނީ، އަދުހަމް ހުއްޓުވަން މަސައްކަތް ކޮށްފިނަމަ ނޫރާގެ ޙާލަތު ގޯސްވެގެން ދާތީވެއެވެ. ނޫރާ އެހާ ވެސް ބޮޑަށް އަދުހަމް ދެކެ ‘ލޯބި’ ވާތީވެއެވެ. އަދުހަމް ވަނީ އެހާވެސް ބޮޑަށް ނޫރާގެ ސިކުނޑި ދޮވެފައިކަން ވެސް ފަލަކަށް އެނގުންވެއެވެ. އެހެންކަމުން ފަލަކް އިސްނަގައިގެން ނޫރާ ކައުންސެލަރެއްގެ ގާތަށް ގެންދެއެވެ.
މިފަދައިން އެދެމީހުންގެ ގުޅުން ބަދަހިވެގެންދާ ދުވަސްވަރެއްގައި ބުރުގާއަކީ އިސްލާމް ދީނުގެ ޝިޢާރެއްކަން ފަލަކަށް އެނގެނީ ނޫރާގެ ފަރާތުންނެވެ. އެއާއިއެކު ކުޑައިރު މަންމަވެސް ބުރުގާ އެޅީ ކޮންމެހެން ބައްޕަގެ ސަބަބުން ނޫންކަން ފަލަކަށް އެނގުންވެއެވެ. އެއާއިއެކު ފަލަކް ބުރުގާ އަޅައި ތައުބާވެއެވެ.
ފަލަކަށް އެ އައި ބަދަލާއިއެކީ އަފްޒަލަށް ފަލަކާއި އިނުމަށް ނިންމެއެވެ. އަދި ނުހަނު ޚާއްޞަ ގޮތަކަށް ފަލަކް ގާތު އިނުމަށް އެދެއެވެ. ފަލަކް އެއަށް ވެސް ނޫނެކޭ ބުނެއެވެ. އެހެނަސް ދުބާއިއަށް ފުރަން އޮތް ދުވަހު، އޭނައަށް ދެން ދުވަހަކުވެސް އަފްޒަލް ނުފެނިއްޖެނަމަ ދެރަވާނެ މިންވަރު އިޙްސާސް ވުމުން، ފަލަކް ޚިޔާލު ބަދަލުކުރެއެވެ. އަދި އަފްޒަލްގެ ގާތަށް ގޮސް އަފްޒަލާއި އިންނަން އެއްބަސްވެއެވެ. ފަލަކާއި އަފްޒަލް ކައިވެނިކޮށްގެން ދުވަސްކޮޅަކަށް ދުބާއިއަށް ބަދަލުވެއެވެ.
އަފްޒަލާއި ފަލަކްގެ ކައިވެނި ކުރެވުނު ދުވަސްވަރަކީ، ފަލަކްގެ ބައްޕަ މަޖީދު ބަލިވެ އުޅެމުންދާ ދުވަސްވަރެކެވެ. އެހެނަސް ޖެހިގެން އުޅެނީ ކޮން ބައްޔެއްކަން މަޖީދު އެކަކަށް ވެސް ނާންގައެވެ. މަޖީދާއި، މަޖީދުގެ ގާތް އެކުވެރިޔަކަށް އުޅޭ ޑޮކްޓަރަށް އެނގޭ ގޮތުގައި ކޮންމެވެސް މީހަކު މަޖީދަށް ނުބައި ޒާތެއްގެ ބޭހެއް ދެނީއެވެ. އެހެނަސް އެއީ ކާކުކަމެއް ޚުދު މަޖީދަށް ވެސް ނޭނގެއެވެ.
އެއްފަހަރަކު އަފްޒަލާއި ފަލަކް މަޖީދު ބާއްވައިގެން ހޮސްޕިޓަލުގައި ތިއްބާ އަފްޒަލް އަދުހަމާއި ހޮސްޕިޓަލް ތެރެއިން ދިމާވެއެވެ. އަފްޒަލް ސުވާލުކުރުމުން އަދުހަމް އޮޅުވައިލެއެވެ. ޙަޤީޤަތަކީ އަދުހަމް މަސައްކަތް ކުރަނީ މަޖީދުގެ އެ ދުޝްމިނަށްޓަކައި ކަމެވެ. ޚުދު އަދުހަމް ވެސް އެ ދުޝްމިނާއި ދިމާވެފައެއް ނުވެއެވެ. ‘އެމް’ ނަމަކަށް ކިޔާ މީހަކު ބުނާ ކަންތައް އަދުހަމް ކޮށްދެނީ މެސެޖުތަކުގެ ޒަރިއްޔާއިންނެވެ. އަދުހަމް ކޮންމެ ކަމެއް ކޮށް ނިންމުމުން އެމީހަކު އަދުހަމަށް ލާރި ފޮނުވައެވެ. ލާރިއަށްޓަކައި އަދުހަމް އެ މަސައްކަތް ކުރަމުން ދެއެވެ.
މިކަން ނޭނގި ނޫރާ އަނެއްކާވެސް އަދުހަމްގެ ދަޅަތަކަށް ހެއްލެން ފަށައެވެ. ފަލަކް ދިޔަފަހުން އަނެއްކާވެސް އަދުހަމަކީ ރަނގަޅު މީހެއްކަމަށް ހީކުރެވި، އަދުހަމްގެ ގާތަށް އަނބުރާ އާދެވެއެވެ. އަދުހަމް ފަހުން އައިސް ރާވައިގެން ހުރީ އެހެން އަންހެނަކާއި އިންނަން ކަމަށްވުމުން އަދުހަމް ނޫރާއާއި މާ ބޮޑަށް ޒުވާބުކޮށެއް ނަހަދައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޫރާއަށް ހީކުރެވެނީ އަދުހަމް ރަނގަޅުވީ ކަމަށެވެ. އަދި އަމުދުން ދުރުން މަންޒަރު ފެންނަމުން ދިޔަ އަދުހަމާއި އަފްޒަލްގެ މަންމަ ފަޒީލާއަށް ވެސް ހީކުރެވެމުން ދިޔައީ ހުރިހާ މައްސަލައެއް ޙައްލުވީ ކަމަށެވެ.
އެހެނަސް އަނެއްކާވެސް ނޫރާގެ ހިތަށް ލޮޅުމެއް އައީ، އެއްދުވަހު އަދުހަމްގެ ފޯނުން ފެނުނު މެސެޖުތަކުންނެވެ. ‘އެމް’ އާއި ޙިއްސާ ކުރެވިފައިވި މެސެޖުތަކެވެ. އެމީހަކު ބޭނުންވަނީ އަފްޒަލާއި ފަލަކް ވެސް ވަކިކުރަން ކަމަށް އެނގުނު ދުވަހު ނޫރާއަށް ސިހުމެއް ލިބެއެވެ. ނޫރާއަށް އެ މެސެޖު ފެނުނުކަން އަދުހަމަށް އެނގެއެވެ.
އަފްޒަލާއި ފަލަކް ކައިވެނި ކުރި ދުވަސްވަރަކީ އަފްޒަލްގެ ކޮއްކޮ ޒައުލް އަފްޒަލަށް ދޮގު ހަދައިގެން މެލޭޝިޔާއަށް ފުރި ދުވަސްވަރެވެ. ޒައުލް މެލޭޝިޔާއަށް ދިޔައީ ކޮލެޖް ކުދިންނާއިއެކީ ތަޢުލީމީ ދަތުރަކަށް ދާ ނަމުގައެވެ. އެކުދިން ވެސް މެލޭޝިޔާއަށް ފުރިއެއްކަމަކު މެލޭޝިޔާއަށް ދެވުމާއިއެކު ޒައުލް އެ ކުދިންނާއި ވަކިވެއެވެ. އަދި އޭނަގެ ލޯބިވެރިޔާ ކަމަށްވާ އެންޖެލާއާއި ބައްދަލުކުރަން ދެއެވެ.
ކުރިން ޒައުލް ރައްޓެހިވެގެން އުޅުނީ ފަލަކްގެ ކޮއްކޮ ކަމަށްވާ ޒުހާއާއިއެވެ. ފަލަކާއި އަފްޒަލަށް ވެސް އެ ދެމީހުންގެ ކޮއްކޮ މެން ކުދިންނާއި ރައްޓެހިވެގެން އުޅޭކަން އެނގުނެއްކަމަކު، އެ ކޮއްކޮމެން ރައްޓެހިވީ އެކަކު އަނެކަކާ ކަމެއް ނޭނގެއެވެ. ޒައުލް ޒުހާއާއި ރައްޓެހިވެގެން އުޅެފައި އިންސްޓާގްރާމުން އެންޖެލާއާއި ދިމާވުމުން ޒުހާއަށް ބޭވަފާތެރިވެއެވެ.
ޒައުލް ޒުހާއަށް ދެމުން ދިޔަ ސަމާލުކަން ކުޑަވި ދުވަސްވަރަކީ ޒުހާ ދީން އުނގެނެން ފެށި ދުވަސްވަރެވެ. ދީން އުނގެނެން ފެށުމުން އެހެން ނޫނަސް ޒައުލްގެ ބައެއް ސިފަތަކާއިމެދު ޒުހާ ހިތްހަމަނުޖެހެން ފެށިއެވެ. އަދި އަމުދުން ޒައުލްއާއިމެދު އޭނަ އުޅޭހެން ޒައުލް ނުއުޅޭތީ ދެރަވެސްވަމުން ދިޔައެވެ.
މި ސަބަބުތަކާއިހުރެ ޒުހާ ޒައުލްއާއި ވަކިވާން ކަނޑައެޅި ދުވަހު ޒައުލް އިސްނަގައި ޒުހާއާއި ވަކިވެއެވެ. އެހިސާބުން އެ ގުޅުން ނިމުމަކަށް އައިސް ޒައުލް އެންޖެލާއާއި ރައްޓެހިވެއެވެ.
އެންޖެލާއާއި ރައްޓެހިވާ ދުވަހުއްސުރެ ވެސް އެންޖެލާ ޒައުލް ގާތު ބުނީ ޒައުލްއާއި ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. އަދި ބައްދަލުކުރަން އަންނައިރު ވަކިވަރަކަށް ލާރި ވެސް ގެނައުމަށެވެ. އެންޖެލާ ޒައުލް ގާތު ބުނެފައިވާ ގޮތުން އެއީ މެލޭޝިޔާގައި ވަކިން ގެއެއްގައި އުޅޭ ނުހަނު ރަނގަޅު ވަޒީފާއެއް އަދާ ކުރާ ކުއްޖެކެވެ. އެހެނަސް ޙަޤީޤަތަކީ އެއީ މެލޭޝިޔާގައި އުޅޭ ދިވެއްސެއްކަމަށްވާ ލީނާގެ ގޭގެ މަސައްކަތު ކުއްޖާ ކަމެވެ. އަދި ލާރިއަށް ބޭނުންވެގެން ޒައުލްއަށް ސަލާންޖަހަނީ ކަމެވެ.
ޒައުލް މެލޭޝިޔާއަށް ގޮސް މަގުމަތިން ފޮށި ދަމަމުން ގޮސް އެންޖެލާގެ ގެ ހޯދައެވެ. އެ ބޮޑު ގޭގެ ދޮރު އެންޖެލާ ހުޅުވިއިރު އެންޖެލާއާއި އެއް ޢުމުރެއްގެ އެހެން ކުއްޖެއް ވެސް އެގޭގައި ހުއްޓެވެ. އެންޖެލާ އެ ވަގުތުން ވަގުތަށް ޒައުލްގެ އަތުން ލާރި ވެސް ޖަހައިގަތުމުން ޒައުލް މުޅިން މަގުމަތިވެއެވެ.
އެ ދުވަސްވަރަކީ ޒުހާ އިމްތިޙާންތައް ނިންމުމަށްފަހު ބައްޕައާއިއެކީ މެލޭޝިޔާގައި އުޅެމުން ދިޔަ ދުވަސްވަރެވެ. އެއްދުވަހު ކާރު ދުއްވަމުން ދިޔައިރު ޒައުލް ފެނުނުހެން ޒުހާއަށް ހީވެއެވެ. އެހެނަސް ޒުހާ އަވަސްއަވަހަށް އެ ޚިޔާލުތަކާއި ދުރުވެއެވެ.
އެހެންނޫނަސް މެލޭޝިޔާއަށް ބަދަލުވިފަހުން ޒުހާގެ ހިތް ފަތަހަ ކުރަމުން ދިޔަ ދިވެހި ކުއްޖަކާއި ބެހޭގޮތުން ޒުހާއަށް އިވިފައިވެއެވެ. އެއީ އެއްރެއަކު ޒުހާ ޖަމާޢަތުގައި ބައިވެރިވި ނަމާދެއްގައި އިމާމަކަށް ހުރި އަނަސްއެވެ. އަނަސްއަކީ ޒުހާގެ ބައްޕަ މަޖީދު މެލޭޝިޔާގައި ހިންގާ ހޮޓެލްގެ މެނޭޖަރެވެ. ޒުވާން ޢުމުރުގައި އަނަސް އެފަދަ މަޤާމަކަށް ދިޔައީ އެއީ އިޚްލާސްތެރިކަމާއިއެކީ ބުރަ މަސައްކަތް ކުރާ ކުއްޖަކަށް ވުމުންކަން ޒުހާއަށް އިވިފައިވެއެވެ. އަނަސްގެ ކިޔެވުން ރީތިވުމުން އެ ކިޔެވުމުގެ ރެކޯޑިންގްއެއް އޮންލައިންކޮށް އަޕްލޯޑް ކުރަން އެދި ޒުހާ އަނަސްއަށް މެސެޖެއް ކުރެއެވެ. އަނަސް އެ މެސެޖަށް ޖަވާބެއް ނުދެއެވެ. އެހެނަސް ދުވަސްކޮޅަކުން އެ ކިޔެވުމުގެ ރެކޯޑިންގް ހުރި ޕެންޑްރައިވެއް ޒުހާގެ ކޮޓަރިއަށް ގެނެވެއެވެ.
އެ ފަހުން ވެސް އެ ދެ މީހުން ދިމާނުވެ ދުރުދުރުން ބަދަލުވުންތައް ހިނގަމުން ދިޔައެވެ. ޒުހާ މެލޭޝިޔާގައި އުޅެމުން ހޮޓެލް މުވައްޒަފުންނާއިއެކީ މެލޭޝިޔާގެ ވަކި ހިސާބެއްގައި ޞަދަޤާތް ސްޓޭންޑެއް ހަދަން ނިންމިއެވެ. އެކަން ރާވާ ވައިބާރ ގްރޫޕަށް އަނަސް ޖޮއިން ނުކުރެއެވެ. އެހެނަސް އޭގެ އަނެއްދުވަހު ހެނދުނު ޒުހާގެ ޚިޔާލުތަކާއި އެއްގޮތަށް އެ ސްޓޭންޑްގެ ބޮޑުބައެއް ހަދައި ނިމިފައި ހުރެއެވެ. އެއީ އަނަސް ކުރި ކަމެއްކަން ޒުހާއަށް އެނގެނީ ސްޓޭންޑްގައި ބާއްވާފައި އޮންނަ ނޯޓު ކޮޅަކުންނެވެ. އެއިން ވެސް ޒުހާ އިތުރަށް އަނަސްއާއިމެދު ގަޔާވެއެވެ.
އެދުވަހު އެ ސްޓޭންޑުގައި މަސައްކަތް ކުރަމުން ދަނިކޮށް ޒުހާ ޒައުލްއާއި ދިމާވެއެވެ. ހެދުން ފޮށްޓެއް ހިފައިގެން ޙާލުގައި ޖެހިފައިވާ ފަދައަކުން ޒައުލް ހުރިތަން ފެނިފައި ޒުހާ ޒައުލްއަށް ކާއެއްޗެހީގެ ޕެކޭޖެއް ދެއެވެ. އެއަށްފަހު އެ ދެމެދުގައި ވާހަކައެއް ނުދެކެވެއެވެ.
އަފްޒަލާއި ފަލަކް ދުބައިއަށް އައިފަހުން އުޅެމުން އަންނަނީ ނުހަނު އުފަލުގައެވެ. ދެންވެސް އަފްޒަލާއި ގާތްވާން ފަލަކް ނަފްސާނީ ގޮތުން ތައްޔާރެއް ނުވާތީ ދެމީހުން އުޅެނީ ދެ ކޮޓަރީގައެވެ. އަފްޒަލް އެކަމާއި މައްސަލައެއް ނުޖައްސާ ފަލަކަށް ވަގުތު ދިނެވެ. ފަހުން އައިސް އެ ދެމެދުގައި އުފެދިފައިވަނީ ނުހަނު ގާތް އެކުވެރިކަމެކެވެ.
ދުބާއިއަށް އައިސް އެ ދެމީހުންނާއި ކުރިމަތިވި ހަމައެކަނި ގޮންޖެހުމަކީ ފަލަކާއި ނުހަނު ގާތުން އުޅޭ ފަލަކްގެ ސެކްރެޓަރީ މަހްރީންއެވެ. އަފްޒަލާއި އެކީ ފަލަކް ދުބާއިއަށް އައި ދުވަހުއްސުރެ މަހްރީންގެ މިޒާޖު ބަދަލުވެފައިވާކަން ފަލަކަށް ވެސް ފާހަގަވެއެވެ. އަފްޒަލަށް މަހްރީން އެއްވެސް އިޙްތިރާމެއް ނުކުރާ ފަދައެވެ. އަދި އަމުދުން މަހްރީން ފަލަކާއި މެދު ވެސް ބަހައްޓާ ގާތްކަން ނުބަހައްޓައެވެ.
ފަލަކް މިކަމާއިމެދު މަހްރީންއާއި ސުވާލުކުރެއެވެ. މަހްރީން ބުނަނީ ފަލަކް ބަދަލުވީ ކަމަށެވެ. ފަލަކް ބުރުގާ އެޅުމުން އެކަމަށް އަލި އެޅުވިއެވެ. އެއިން ކުންފުނީގެ އިމޭޖަށް އަސަރު ކުރާނެކަމަށް މަހްރީން ބުންޏެވެ. ފަލަކް ވަގުތުން އެކަމަށް ޙައްލެއް ހޯދައެވެ. އަދި ފެމިނިން ޑިޒައިންސްއަކީ އިސްލާމީ މިންގަނޑަށް ފެތޭ ހެދުންތައް ވިއްކާ ކުންފުންޏަކަށް ހަދަން ނިންމައެވެ. ކުންފުނީގެ ގިނަ ޑައިރެކްޓަރުންގެ ރުހުން އެއަށް ލިބެއެވެ.
ފަލަކް ހީކުރީ އޭނައަށް އައި ބަދަލުން ކުންފުންޏަށް ގެއްލުން ވެދާނެތީ މަހްރީން އޭނައަށްވީ ނުރުހުންތެރިކަން އެހާ ހިސާބުން ނިމިދާނެކަމަށެވެ. އެހެނަސް ފަލަކަށް ނޭނގުނު ކަމަކީ މަހްރީން ބޭނުންވަނީ ފަލަކް ހަލާކުގެ ތެރެއަށް ވެއްޓޭތަން ބަލަން ކަމަށެވެ. މަހްރީން ބޭނުންވަނީ ފަލަކްގެ މަޤާމެވެ. ފަލަކަށް ލިބިފައި ހުރި މުދަލެވެ. ކޮންމެވެސް ސަބަބަކާއިހުރެ ފަލަކްގެ މުދަލަކީ މަހްރީންގެ އެއްޗެއް ކަމަށް މަހްރީންއަށް ގުޅައި ހަދާ އޭނަގެ މަންމަ ވެސް ބުނެއެވެ. އަދި ފަލަކާއި އަފްޒަލް އެހާ ގާތުން އުޅޭތީ އެ މަންމަ ކަންބޮޑުވެއެވެ. ފަލަކްގެ މަންމަ ޒަހްރާ މަރުވި ގޮތް އަފްޒަލަށް އެނގޭނެ ކަމަށް މަހްރީންގެ މަންމަ ބުނެއެވެ.
އަފްޒަލާއި ފަލަކް ވަކިކުރަން މަހްރީން ބޭނުންވެފައިވި ސަބަބަކީ މިއީއެވެ. މި ކަމަށްޓަކައި މަހްރީން ލީނާއާއި އަތާއި އަތް ޖޯޑުކުރެއެވެ.
ލީނާއަކީ އަފްޒަލްގެ ކުރީގެ ލޯބިވެރިޔާއެވެ. އަފްޒަލާއި އިނުމަށް ދެ ޢާއިލާ ބައްދަލުކުރި ދުވަހު އެހެން ފިރިހެނަކާއިއެކީ ފުރައިގެން ދިޔަ އަންހެން ކުއްޖާއެވެ. އަފްޒަލް ދޫކުރުމަށްފަހު ލީނާ އިނީ މުއްސަނދި ވިޔަފާރިވެރިއެއް ކަމުގައިވާ ނިޒާމާއިއެވެ. މުއްސަނދިކަމަށް ހެއްލިގެން ގޮސް ލީނާ ބުރުގާ ވެސް ނަގާފައިވެއެވެ. އަހަރަކު އެތައް ޤައުމަކަށް ދަތުރުކުރެއެވެ. އަދި އެ ދަތުރު ތަކުގެ ރީތިކަން ސޯޝަލް މީޑިއާގައި ޤަވާޢިދުން ދައްކައެވެ.
ލީނާއަށް ފަލަކާއި މަހްރީންގެ ނަންބަރު ލިބިފައިވަނީ ވެސް އެ މުއްސަނދިކަމުގެ ސަބަބުންނެވެ. ކަމަކަށް ބޭނުންވުމުން ލީނާ ގުޅައިލަނީ ސީދާ ކުންފުނިތަކުގެ ވެރިންނާއި ކަމަށްވުމުންނެވެ. އެ ކިބުރުވެރިކަމުގެ ސަބަބުން ފަލަކް ލީނާއަށް އަބަދުވެސް ފޫހިވެއެވެ. އެއީ އަފްޒަލްގެ ކުރީގެ ލޯބިވެރިޔާކަން ނޭނގުނަސްމެއެވެ.
ކިތަންމެ މުއްސަނދި ދިރިއުޅުމެއް އުޅުނަސް ލީނާއަށް އުފާވެރިކަމެއް ނެތެވެ. ނިޒާމް ވަކި ހިސާބަކުން އޭނައަށް ފޫހިކޮށްފައިވާތީވެއެވެ. އެ ދެމެދުގައި ހިނގާ ޒުވާބުތައް ގިނަވެފައިވުމުން ލީނާ އަފްޒަލް މަތިން ހަނދާންވާން ފަށައެވެ. ހަނދާން އާ ވަމުން ދަނިކޮށް ފަލަކްގެ އިންސްޓާގްރާމްއިން ފަލަކާއި އެކީ އަފްޒަލް ހުރިތަން ފެނިފައި ހަސަދައިގެ އަލިފާނެއް ލީނާގެ ހިތުގައި ރޯވެއެވެ.
ލީނާ މި ޚަބަރު މަހްރީން ކުރެން އަހަން ފެށުމުން ލީނާއާއި އޭނަގެ މަޤްޞަދަކީ އެކައްޗެއްކަން މަހްރީންއަށް އެނގުނެވެ. އެއާއިއެކު ލީނާއާއި އެކީ މަސައްކަތް ކުރަން ނިންމައެވެ.
އެ ދެމީހުން ރޭވުމެއް ރޭވީ ފަލަކާއި އަފްޒަލް އޮފީސް މުވައްޒަފުންނަށްޓަކައި ބާއްވާ އެމީހުންގެ ދެވަނަ ކައިވެނި ޕާޓީއަށެވެ. އެ ޕާޓީގައި ލީނާ ކުރަން އުޅޭ ކަމަކުން ފަލަކާއި އަފްޒަލް ވަކިވާނެކަމަށް ބުނެ ލީނާ މަހްރީންއަށް ޔަޤީންކަން ދެއެވެ.
އެރޭގެ ވަގުތެއްގައި ފަލަކާއި އަފްޒަލް ކާރުގައި ދަތުރު ކުރަމުން ދިޔައީ ޕާމް ޓަވާރއަށެވެ. ފަލަކްގެ އެދުމުގެ މަތިން ފަލަކްގެ އޮފީސް މުވައްޒަފުންނަށްޓަކައި ބޭއްވޭ ކައިވެނި ޕާޓީއަށް ދިޔުމަށެވެ.
“ޔޫ ނޯ މި ހޮޓެލްގަ ހުންނާނީ މުޅި ދުނިޔޭގެ ވެސް އެންމެ އުސް އިންފިނިޓީ ޕޫލް. އަފްޒަލް އަދި ދުވަހަކުވެސް އިންފިނިޓީ ޕޫލްއެއް ނުދެކެންދޯ؟” ފަލަކް ކާރު ދުއްވަމުން ސުވާލުކުރިއެވެ.
“ނޫނޭ….ރިސޯޓުތަކުގަ މަސައްކަތް ކުރިއިރު ފެނުނު. އެކަމަކު އެހާ މަތިން އިންފިނިޓީ ޕޫލްއެއް ފެންނަންޏާ ވަރަށް ރީތިވާނެދޯ؟” އަފްޒަލް ބުންޏެވެ.
“ހުމް ހަމަ އަސްލުވެސް ވަރަށް ރީތި. އެހެންވެ އަފްޒަލަށް ދައްކަންވެގެން އަހަރެން ހުންނާނީ ހޮޓެލްގެ ރޫމެއް ބުކްކޮށްފަ. ޕާޓީ ނިންމާލާފަ ދާން.”
“ދެމީހުންނަށް އެއް ރޫމް ބުކްކުރީ؟”
“ހުމް….”
ފަލަކަށް އެ ދެކެވެމުން ދިޔަ ވާހަކައިގެ ޒާތް އެނގުންވީ އެ ހޫން ލައްވައިލެވުނު ފަހުންނެވެ. އެއާއިއެކު އަފްޒަލް އެ ބުނިހެން އޭނަ ދެމީހުންނަށް އެއް ރޫމް ބުކްކުރީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ.
ނުނިމޭ