ބަދަލުވާ ޙަޔާތް (ހަތްވަނަ ބައި): ޖާދުވީ ނަޒަރިއްޔާތެއް
ބަދަލުވާ ޙަޔާތް 7
ކުރީ ދުވަހު އަޅުގަނޑުމެން ދަސްކުރި ދުނިޔެއާއި އާޚިރަތަށް އަހަމިއްޔަތުކަން ދިނުމާއި ގުޅޭ ޙަދީޘެވެ. އެ ދެ ކަންތަކަށް އަހަމިއްޔަތުކަން ދިނުމުގެ ނަތީޖާތަކާއި މެދުގައި އަޅުގަނޑުމެން ވާހަކަ ދެއްކީމުއެވެ.
އަހަމިއްޔަތުކަން ދޭންޖެހޭ ކަމަކަށް ސަމާލުކަން ދިނުމާއި ގުޅޭ ގޮތުން މިއަދު އަޅުގަނޑު ވާހަކަ ދައްކާނަމެވެ.
ތަންކޮޅެއް ކުރިން ‘މެޖިކް އައި’ ނަމަކަށް ކިޔާ އެއްޗެއް މަޝްހޫރުވެގެން ދިޔައެވެ. މެޖިކް އައި ޕޯސްޓަރުތަކެވެ. މެޖިކް އައި އަކީ އެއްވެސް އެއްޗަކަށްވާ އެއްޗެއް ނޫންހެން ހީވާ ފޮޓޯއެކެވެ. އެކި އެކި ބައްޓަންތައް މަތިމައްޗަށް ކުރަހާފައިވާ ފޮޓޯއެކެވެ. މެޖިކް އައި ފޮޓޯތައް ނިކަން ގޫގުލްއިން ހޯދައި ބަލާށެވެ.
އެ ފޮޓޯއިން ފެންނަނީ އެއްވެސް ތަރުތީބެއް ނެތި ބައްޓަންތައް ކުރާހާފައިވާ ތަން ކަމަށްވިޔަސް، ވަކި ގޮތަކަށް އެއަށް ބެލުމުން، ތިބާއާއި ދިމާލަށް އަންނަ 3 ޑީ ފޮޓޯއެއް ތިބާއަށް ފެނިގެންދާނެއެވެ. އެއީ ތިބާ އެއަށް ރަނގަޅަށް ސަމާލުކަން ދީފިނަމައެވެ. ތިބާ އެ ސަމާލުކަން ދޭ ގޮތް ފުރިހަމަ ކުރާ ވަރަކަށް އެ ފޮޓޯ ސާފުވަމުންދާނެއެވެ.
އެ 3 ޑީ ފޮޓޯ ފެންނާނެ ގޮތަކީ ކޮބައިހެއްޔެވެ؟ ތިބާ ޖެހޭނީ މެޖިކް އައި ގަނޑުގެ މެދުގައިވާ އެއް ނުކުތާއަކަށް ހުރިހާ ސަމާލުކަމެއް ދޭށެވެ. ތިބާގެ ލޯ ހުންނަންޖެހޭނީ އެ ދިމާލަށް ހުއްޓިފައެވެ. ތިބާ ޖެހޭނީ އެ ގަނޑު މޫނާއި ކައިރިކޮށް މެދުގައިވާ އެ ތަންކޮޅަށް ނަޒަރު ހުއްޓައިގެން ވަރަށް ލަސްލަހުން އެ ގަނޑު ތިބާގެ ލޮލާއި ދުރު ކުރާށެވެ.
މިއީ ވަރަށް ގިނައިން ޕްރެކްޓިސް ކޮށްގެން ކުރެވޭނެ ކަމެކެވެ. ބައެއް މީހުން އެހެން މީހުންނަށް ވުރެ އަވަހަށް އެ ފޮޓޯ ނަގައިގަނެވެ. އެހެނަސް މުހިއްމު ކަމަކީ އެ ސާފު ފޮޓޯ ފެންނާނީ، މެދުގައިވާ އެ ތަންކޮޅަށް ރަނގަޅަށް ސަމާލުކަން ދެވުމުން ކަމެވެ.
މެދުގައިވާ އެ ނުކުތާއިން ލޯ ދުރުވާއިރަށް އަނެއްކާވެސް އެ ފޮޓޯ އެއްކޮށް ނުސާފުވެގެންދާނެއެވެ. އަނެއްކާވެސް ފެންނަން ފަށާނީ އެއްވެސް ތަރުތިބެއްނެތި އެހެން މިހެން ހުއްޓި ބައްޓަންތަކެވެ.
މިއީ ތައުޙީދާއި ކިހާ ގުޅުން ހުރި މިސާލެއް ހެއްޔެވެ؟ ތިބާގެ ހުރިހާ ސަމާލުކަމެއް ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާއަށާއި އާޚިރަތަށް ދީފިނަމަ، ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅިގެންދެއެވެ. އެހެން ހުރިހާ ކަމަކުން ޢިބްރަތް ލިބިގަނެވެއެވެ. ޙަޔާތުގައި އެހެންޏާ ހަމަޖެހުން ނެތިކޮށްލާނެ ކަންކަން ތަރުތީބުވެގެންދެއެވެ. ސުބްޙާނަ ﷲ!
‘މެޖިކް އައި’ ގެ މި ތަމްރީނުން އެކަމުގެ މިސާލެއް ފެނިގެންދެއެވެ. މެޖިކް އައި ގަނޑުވެސް ތިބާ ލަސްލަހުން ތިބާގެ ލޮލާއި ދުރުކޮށްފިނަމަ ނުހަނު ސާފުކޮށް އެ ފޮޓޯ ފެނިގެން ދާނެއެވެ. ތިބާ އޭގެ މެދުގައިވާ ތަންކޮޅަށް ސަމާލުކަން ދީގެން ހުރިހާ ހިނދަކުއެވެ.
އެ ފޮޓޯ ހޯދުމުގައި ގެންގުޅެވިދާނެ އެއް އުކުޅަކީ، މެދުގައިވާ އެ ތަންކޮޅަށް ސަމާލުކަން ދޭން މަސައްކަތް ކުރުމުގެ ތެރެއިން، ވަށައިގެން ފެންނަމުންދާ ބައެއް އެއްޗެހި ނެތްކަމަށް ހަދަން މަސައްކަތް ކުރުމެވެ. އެކަންކަމަށް ސަމާލުކަން ދޭން ފަށައިފިނަމަ ފޮޓޯ އެއްގޮތަކަށް ވެސް ނުފެންނާނެއެވެ. އެހެންކަމުން މެދުގައިވާ ތަންކޮޅު ފިޔަވައި އެހެން ހުރިހާ ކަމެއް ‘ބެކްގްރައުންޑް’ އަށް ލާން މަސައްކަތް ކުރަން ޖެހެއެވެ. ފޮޓޯ ތިބާއާއި ދިމާލަށް އަންނަތަން ފެންނާނީ އޭރުންނެވެ.
މެޖިކް އައި މިހާރު އެހާ މަޝްހޫރު ނުވިޔަސް ތިބާ އަބަދުވެސް މި މިސާލު ހަނދާން ބަހައްޓާނެ ކަމަށް ހީކުރަމެވެ. މި މިސާލުން ޙަޔާތުގެ އަސްލު ވަރަށް ރަނގަޅަށް އެނގޭތީވެއެވެ. ތިބާގެ ހިތާއި، ކުރާ މަސައްކަތާއި އެންމެ ފަހުގެ ލަނޑުދަނޑިއަކީ އެއްދިމާލަކަށް (ތައުޙީދަށް) އަމާޒުވެފައިވާނަމަ، ޙަޔާތުގެ ކަންތައް ސާފުވެގެންދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ރުއްސެވުމަށް ތިބާގެ ޙަޔާތް ބިނާކޮށްފިނަމައެވެ. އާޚިރަތަށް ޙަޔާތް ބިނާކޮށްފިނަމައެވެ.
ޙަޔާތުގެ ދަތުރުގައި އަޅުގަނޑުމެން ބައެއްފަހަރު މި އަހަމިއްޔަތުގެ މަތިން ހަނދާން ނެތިދާނެއެވެ. މެޖިކް އައި ގައި ވާ ގޮތުން މެދުގައި އެ ވާ ތަންކޮޅާއި ދުރަށް ބަލައިފިނަމަ ފޮޓޯ ގެއްލިދެއެވެ. އެހެންކަމުން އަނެއްކާވެސް އެ ތަންކޮޅަށް ތިބާގެ ސަމާލުކަން ގެންނަން ޖެހެއެވެ.
ޙަޔާތުގައި ވެސް އަޅުގަނޑުމެން ކަންކުރަންވީ ގޮތަކީ މިއީއެވެ. ޙަޔާތުގައި ދިމާވާ ބައެއް ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ސަމާލުކަން ގެއްލިދެއެވެ. ބައެއްފަހަރު އަޅުގަނޑުމެން މާ ބޮޑަށް ނިޢުމަތްތަކުގެ ތެރެއަށް ގެއްލިދެއެވެ. އެހެންނޫނީ ދިމާވާ ކަމަކުން އަޅުގަނޑުމެންގެ ޙަޤީޤ މަޤްޞަދު މަތިން ހަނދާން ނެތިދެއެވެ.
އެ ޙާލަތުގައި އަޅުގަނޑުމެން ޖެހެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތައުބާވެ އަނެއްކާވެސް އެކަލާނގެއަށާއި އާޚިރަތަށް ސަމާލުކަން ދޭށެވެ. ‘ތައުބާ’ މި ބަހުގެ މާނައަކީ އެނބުރި އައުމެވެ.
ތައުބާގެ މާނައަކީ ތިބާއަށް ދެވެނީ ރަނގަޅު މަގަކުން ނޫންކަން ތިބާއަށް އެނގުމެވެ. އަދި އެނގިގެން ތިބާ ރަނގަޅު މަގަށް އެނބުރި އައުމެވެ.
ކާރު ދުއްވާފައި ދާއިރުވެސް ނުބައި ގޯޅިއަކުން އެޅިއްޖެނަމަ، ތިބާއަށް ގޯސް މަގަކުން ދެވިއްޖެކަމަށް ބުނެ ދެން ހުއްޓާލަން ޖީޕީއެސް ބުނޭ ހެއްޔެވެ؟ ނޫނެކެވެ. ބަދަލުގައި ޖީޕީއެސް ބުނަނީ ރަނގަޅު މަގު ހޯދަމުން ދާކަމަށެވެ. ތައުބާއަކީ މިއީއެވެ.
ޙަޔާތުގެ ދަތުރުގައި އަބަދުވެސް ނުބައި މަގުތަކަށް އެޅޭނެއެވެ. ކާރު ދުއްވުމުގެ ލައިސަންސް ލިބުމަކީ ނުބައި މަގަކުން ދެން ދުވަހަކުވެސް ނުދުއްވާނެ ކަމުގެ ގެރެންޓީއެއް ހެއްޔެވެ؟ ނޫނެކެވެ. އެހެނަސް އަބަދުވެސް ރަނގަޅު މަގަށް އެޅުމުގެ މަސައްކަތެއް އޮންނަން ވާނެއެވެ. ނުބައި މަގަކަށް އެޅޭއިރަށް އަޅުގަނޑުމެންނަށް އުއްމީދު ކަނޑާނުލެވޭނެއެވެ. އެހެން ހަދައިފިނަމަ ދުވަހަކުވެސް އެއްވެސް ތަނަކަށް ނުދެވޭނެތީވެއެވެ. އަޅުގަނޑުމެން އަބަދުވެސް އުޅޭނީ ކާރު މަޑުކޮށްލައިގެންނެވެ.
އެހެންކަމުން ޙަޔާތުގެ ދަތުރުގައި މި އާދަ އަޅުގަނޑުމެންގެ ކިބައިގައި އަށަގެންފައި ހުންނަންވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރެވޭ ދަތުރުގައެވެ. ތައުބާގެ މަގުންނެވެ. އަބަދުވެސް ރަނގަޅު މަގަށް އަޅަން މަސައްކަތް ކުރުމުގެ ރޫޙުގައެވެ.
މާތް ﷲ ތައުބާގެ މަގު އަޅަމެންނަށްޓަކައި ފަސޭހަ ކޮށްދެވާށި!
އަބަދުވެސް ހަނދާން ބަހައްޓާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެހީއާއި ނުލައި ތިބާއަށް ﷲ ގެ ގާތްކަމާއި ހަމައަށް ނުދެވޭނެއެވެ. ކޮންމެ ދުވަހަކު މަދުވެގެން 17 ފަހަރު އަޅުގަނޑުމެން ކިޔަމުއެވެ.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْن
“އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ.”
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމާއި އެކަލާނގެ ގެ އެހީ ހޯދުން ވަނީ ގުޅިލާމެހިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ގާތްވުމަށް އަޅުގަނޑުމެން އެކަލާނގެ ގެ އެހީ ބޭނުންވެއެވެ. ﷲ ގެ އެހީއާއި ނުލައި އެއްވެސް ހިދާޔަތެއް ވެސް އަދި ކާމިޔާބެއްވެސް ނުވެއެވެ.
މާތް ﷲ އަޅުގަނޑުމެންގެ ޙަޔާތުގެ ހުރިހާ ކަމެއް ތަރުތީބު ކުރައްވާށި! ރަނގަޅު ގޮތުގައި ލޯބިވުމަށް ހިދާޔަތް ދައްކަވާށި! ޚުދު އަޅުގަނޑުމެންނަށް ހިތްދަތިކަން ލިބޭނެ ފަދައަކުން ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއްވަރަށް އެކަލާނގެ ދެއްވި ނިޢުމަތްތަކަށް އަޅުގަނޑުމެންގެ ހިތުގައި ލޯބި ނުލައްވާށި!
ނުނިމޭ