ބަދަލުވާ ޙަޔާތް (ބާވީސްވަނަ ބައި): ނޭދެވޭ ވިސްނުންތައް ބަދަލުކުރުން
ދިރާސާތަކާއިމެދު ވާހަކަ ދައްކާއިރު، ސައިކޮލޮޖީގެ ދިރާސާތަކުން ވެސް ޑިޕްރެޝަނާއި އެންޒައިޓީގެ ޢަލާމާތްތައް ފަސޭހަ ކޮށްދޭ ކަންތައް ހޯދާފައިވެއެވެ.
އެ ޢަލާމާތްތައް ފަސޭހަ ކުރެވޭ ތަފާތު ގޮތްތައް އަޅުގަނޑު ޚުލާޞާ ކޮށްދޭނަމެވެ.
އެންމެ ފުރަތަމަ އަޅުގަނޑުމެން ވާހަކަ ދެއްކީ މީހެއްގެ ވިސްނުމާއި މެދުގައެވެ. އަޅުގަނޑުމެން ސަމާލުކަން ދޭ ކަންތައް ބަދަލުކޮށްގެން އަޅުގަނޑުމެންގެ އިޙްސާސްތައް ބަދަލު ކުރެވޭނެއެވެ. އެހެނީ އަޅުގަނޑުމެން ސަމާލުކަން ދޭކަމެއް އަޅުގަނޑުމެންގެ ނަޒަރުގައި ބޮޑުވެގެން ދެއެވެ.
އެހެންކަމުން މައްސަލަތަކަށް ސަމާލުކަން ދޭނަމަ، އެއީ އަޅުގަނޑުމެން ބަދަލުކުރަން ޖެހޭ ޒާތުގެ ވިސްނުމެކެވެ. މައްސަލަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އެއްކަލަ ހަތިޔާރު ހިފައިގެން ހުރި މީހާ ޒިޔާރަތް ކުރުމުން ކަން ކުރާނެ ގޮތަށް ކުރެވިދާނެއެވެ. ދޮރުގައި ހުރި ބަލުން ބޭރު ބަލައިލުމުން އޭނަގެ ނުރައްކާތެރިކަން ތިބާއަށް ފެނިގެން ދެއެވެ. އަމިއްލަ ނަފްސާއިމެދު ސިކުނޑިއަށް އަންނަ ނޭދެވޭ ޚިޔާލުތަކުގެ މިސާލަކީ އެފަދަ މީހެކެވެ. އެމީހަކު ގޭގެ ތެރެއަށް ވައްދައިފިނަމަ އޭނަ މުޅި ގެ ހަލާކު ކޮށްލާނެއެވެ. މި ޙާލަތުގައި އެ ޚިޔާލު ހަލާކު ކޮށްލާނީ ތިބާގެ ސިކުނޑިއާއި ހިތެވެ.
އެފަދައިން ޒިޔާރަތް ކުރާ އެހެން ޒާތުގެ މީހަކީ ވެސް އަނިޔާއެއް ދޭން އައި މީހެކެވެ. މި މީހާގެ މިސާލަކީ ކަންބޮޑުވުމެކެވެ. ކޮންމެވެސް ފިކުރެކެވެ. ޙަޔާތުގައިވާ ކޮންމެވެސް މައްސަލައެއްގެ ޚިޔާލެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ގެއަށް މިފަހަރު އައިސްފައި ހުރީ ހަތިޔާރުތަކަކާއެކީ ‘މައްސަލަ’ އެކޭ މޭމަތީގައި ލިޔެގެން އައިސް ހުރި މީހެކެވެ. އެހެންކަމުން މިފަހަރު މިއީ އަޅުގަނޑުމެންގެ ސިކުނޑީގެ ދޮރުގައި ޓަކި ދެމުންދާ މައްސަލައެކެވެ.
މި މައްސަލައާއި އަޅުގަނޑުމެން ރަނގަޅު ގޮތުގައި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ކުރިން ވެސް ބުނި ފަދައިން އެންމެ ގޯސްކޮށް މި ޙާލަތުގައި އެޅޭނެ ފިޔަވަޅަކީ އެ ‘މައްސަލަ’ އެތެރެއަށް ވައްދައި، އެއަށް ބިރިޔާނީ ކާންދީ، އެއަށް ސައިދީ، މުޅި ރޭ ގޭގައި ހޭދަ ކުރުމުގެ މަގު ފަހިކޮށްދިނުމެވެ. އެހެންނޫނީ ހަފްތާއެއް ވަންދެން ގޭގައި ހުރުމުގެ އިޒުނަ ވެސް ދިނުމެވެ.
އެ މައްސަލައަށް އަޅުގަނޑުމެން މިފަދައިން ސަމާލުކަން ދޭ ވަރަކަށް މައްސަލަ އިތުރަށް ވަރުގަދަ ވަމުންދާނެއެވެ. އަދި ބޮޑުވެސް ވަމުންދާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދޮރުގައި މައްސަލައެއް ޓަކި ދިނުމުން ހަދާނީ ކިހިނެއް ހެއްޔެވެ؟
އަޅުގަނޑުމެންގެ ޙަޔާތުގައި ހަމަ ކަންބޮޑުވާން ޖެހޭ ކަމެއް ދިމާވެދާނެއެވެ. އަޅުގަނޑުމެންގެ ކޮންމެވެސް ބިރެއް އޮވެދާނެއެވެ. އަޅުގަނޑުމެން ހާސް ކުރުވާ ކަމެއް އޮވެދާނެއެވެ. މިއާއި ކުރިމަތިލާނެ ރަނގަޅު ގޮތަކީ ކޮބައިހެއްޔެވެ؟
އެންމެ ފުރަތަމަ ކަމަކަށް ތިބާގެ އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ. މި ކަމާއިމެދު އަހަންނަށް ކުރެވޭނެ ކަމެއް އެބައޮތް ހެއްޔެވެ؟ އަހަރެންގެ ހިތުގައި މިއޮތް ބިރުވެރިކަމާއިމެދު އަހަންނަށް އެޅޭނެ ފިޔަވަޅެއް އެބައޮތް ހެއްޔެވެ؟ އެފަދަ ފިޔަވަޅެއް އޮތްނަމަ އެ ފިޔަވަޅު އަޅާށެވެ. މައްސަލަ ޙައްލުކުރަން މަސައްކަތް ކުރާށެވެ.
ދެވަނަ ކަމަކަށް އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ. އަހަރެން މި ބިރުގަންނަ ކަމުން އަހަރެން ރައްކާތެރި ކުރާނީ ކޮން ފަރާތެއް ހެއްޔެވެ؟ މި ސުވާލުގެ އޮންނާނީ އެންމެ ޖަވާބެކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
އެހެންކަމުން އެ މައްސަލަ އެތެރެއަށް ވައްދައި، އެއަށް ކާންދީ، ހުރުމަށް ތަން ހެދުމުގެ ބަދަލުގައި، ތިބާ ކަންބޮޑުވާ ކަމަކާއިމެދު ދުޢާ ކުރާށެވެ. ތިބާ ފިކުރު ކުރާ ކަމަކާއިމެދު ދުޢާ ކުރާށެވެ.
ބައެއްފަހަރު ތިބާ ބިރުގަންނަނީ ކަމަކުން ނިކުމެދާނެ ނަތީޖާއަކާއި މެދުގައެވެ. މިސާލަކަށް އަހަރެންގެ ދަރިންނަށް ކަމެއް ވެދާނެތީ އަހަރެން ބިރުގަނެއެވެ. އެއަށްފަހު އަޅުގަނޑުމެން އެއާއިމެދު މާ ބޮޑަށް ވިސްނަން ފަށަމުއެވެ. އަހަންނަށް މިވެނި ކަމެއް ދިމާވެދާނެތީ އަހަރެން ބިރުގަނެއެވެ. އެހެންނޫނީ އަހަރެންގެ ފިރިމީހާ/އަނބިމީހާއަށް ގޮތެއް ވެދާނެތީ ބިރުގަނެއެވެ. އެހެންނޫނީ އަހަރެންގެ މައިންބަފައިންނަށް ގޮތެއް ވެދާނެތީ ބިރުގަނެއެވެ.
މިކަންތަކާއިމެދު ދުޢާ ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން އެ މަންޒަރުތައް ޚިޔާލުތަކުގައި ކުރަހަން ފަށަމުއެވެ. އެ ޚިޔާލުތަކުގެ ތެރެއިން އެ މަންޒަރުތަކުގެ ހުރިހާ ތަފްޞީލަކާއިމެދު ވިސްނަމުއެވެ. ނަތީޖާއެއްގެ ގޮތުން ޖިސްމާނީ ގޮތުންނާއި، ޖަޒުބާތީ ގޮތުންނާއި، ނަފްސާނީ ގޮތުން ވެސް އެ ސިކުނޑިއަށް ގެނައި ޚިޔާލު ތަޖުރިބާ ކުރަން ފަށަނީ އެކަން ޙަޤީޤަތުގައި ވެސް ހިނގި ފަދައަކުންނެވެ.
އެހެންކަމުން ނުހިނގާ ކަމެއް ހިނގި ފަދައަކުން އަޅުގަނޑުމެންގެ ސިކުނޑީގައި އަޅުގަނޑުމެން އެ ތަޖުރިބާ އުފައްދަނީއެވެ. އެކަމާއިމެދު ދުޢާ ކުރުމުގެ ބަދަލުގައެވެ.
ތިބާ ބިރުގަންނަ ކަމަކާއިމެދު ތިބާ އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްފިނަމަ، އެކަމާއިމެދު ތިބާއަށް ކުރެވެން އޮތް ކަމެއް ކުރުމަށްފަހު ދުޢާ ކޮށްފިނަމަ، އެކަން ދޫކޮށްލެވޭނެއެވެ. އެކަން އެއްކޮށް ދޫކޮށްލާށެވެ. ތިބާ ވަނީ ﷲ އަށް ވަކީލުކޮށްފައިކަން ދަންނާށެވެ. ތިބާ އަމިއްލައަށް ކުރެވެން އޮތް ކަމެއް ކޮށްފީމުއެވެ. އެއަށްފަހު ތިބާ ﷲ އަށް ވަކީލު ކޮށްފީމުއެވެ. ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ގޮތަކީ މިއީއެވެ. ޖަމަލު ބަނދެފައި ﷲ އަށް ވަކީލު ކުރުމަށެވެ. (މި ޙަދީޘްގެ ތަފްޞީލު އެހެން ބައެއްގައި އަންނާނެއެވެ. އިން ޝާ ﷲ)
އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. މި މައްސަލައާއިމެދު އަހަންނަށް ކުރެވޭނެ ކަމެއް އެބައޮތް ހެއްޔެވެ؟ އެހެނީ ބައެއްފަހަރު އަޅުގަނޑުމެން ފިކުރުތަކާއިއެކީ ހަމައެކަނި އިށީނދެގެން ތިބެނީއެވެ. އެ ފިކުރުތަކާއިމެދު ކުރެވެން އޮތް ކަންތައް ހުރި ނަމަވެސްއެވެ. އެގޮތަށް ކަންތައް ކުރުމުން އަޅުގަނޑުމެން އަމިއްލަ ނަފްސުތައް އިތުރަށް ހާސްކުރުވުން ނޫންކަމެއް ނުކުރެވެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް އެންޒައިޓީއަށް ހުށަހަޅަނީއެވެ. ބައެއް މީހުން ބުނާ ގޮތުގައި އަޅުގަނޑުމެން އެތެރެފުށުން އެހާ ނޭދެވޭ ކަންތަކާއިމެދު ވިސްނަމުން ދާނަމަ، އަޅުގަނޑުމެންގެ ޙަޔާތުގައި ވެސް ނޭދެވޭ ކަންތައް ވާން ފަށައެވެ.
އެހެންކަމުން ކަމަކާއިމެދު މާ ބޮޑަށް ފިކުރު ކުރުމަކީ އެއްވެސް ފައިދާއެއް ހުރިކަމެއް ނޫނެވެ. އެއީ މުޅިން ވެސް ގެއްލުން ދެނިވި ކަމެކެވެ. ބޭސްވެރިކަމުގެ ގޮތުން ބަލައިފިނަމަ އެއިން ތިބާގެ ކޯރޓިޒޯލް (ހާސްވުމުން ހަށިގަނޑުގައި އުފެދޭ ހޯމޯން) އިތުރުވުން ނޫންކަމެއް ނުވެއެވެ. ހާސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ހަށިގަނޑަށް ނުހަނު ގެއްލުން ހުރި ކަންތަކެވެ. އެހެންކަމުން މައްސަލައަށް ހެޔޮ ބަދަލެއް ނުގެނެސް އަޅުގަނޑުމެން އަމިއްލަ ނަފްސުތަކަށް ގެއްލުން ދެނީއެވެ.
އެހެންކަމުން އަޅުގަނޑުމެން ފައިދާ ކުރަނިވި ގޮތަކަށް އަޅުގަނޑުމެންގެ ބިރުވެރިކަމާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އަބަދުވެސް އެ މައްސަލައާއިމެދު ތިބާއަށް ކުރެވޭނެ ކަމެއް އޮތް ނަމަ އެކަމެއް ކުރާށެވެ. އެއަށްފަހު ދުޢާކުރާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމަށް އެދޭށެވެ. ﷲ ގެ ޙަޟްރަތުން ހިދާޔަތަށް އެދޭށެވެ. އަދި ﷲ އަށް ވަކީލު ކުރުމަށްފަހު އެކަން ދޫކޮށްލާށެވެ. ދޫކޮށްލުމަށްފަހު ތިބާގެ ރައްކާތެރިއަކީ ﷲ ކަން ދަންނާށެވެ. ﷲ ތިބާ ރައްކާތެރި ކުރާނެކަން ޔަޤީން ކުރާށެވެ. އަމިއްލަ ނަފްސު ގާތު ބުނާށެވެ. އަހަރެން އަމިއްލައަށް ކުރެވެން އޮތް ކަމެއް ކޮށްފީމެވެ. އެއީ ﷲ އަހަންނަށް އެންގެވި ގޮތެވެ. އަދި މިހާރު އަހަރެން އެކަން ﷲ ގެ އަތްޕުޅަށް ދޫކޮށްލައިފީމެވެ. އެހެންކަމުން އަހަރެން ދެން ބިރެއް ނުގަނެއެވެ. އެހެނީ ﷲ އަހަންނަށް ނަޞްރު ދޭނެކަން އަހަންނަށް އެނގެއެވެ.
އަޅުގަނޑުމެން ﷲ އަށް ވަކީލު ކުރާ ވަރަކަށް، ހިތުގެ އަޑިން އަޅުގަނޑުމެންގެ ކަންތަކާއިމެދު އަޅުގަނޑުމެން ﷲ އަށް އިތުބާރު ކުރާ ވަރަކަށް، އަޅުގަނޑުމެން ތަޖުރިބާ ކުރާނެ އެންޒައިޓީ ދަށްވާނެއެވެ.
އަޅުގަނޑު ކުރިން ވެސް މި މިސާލު ދިނީމެވެ. އަނެއްކާވެސް އެ މިސާލު ދޭނަމެވެ. އެއީ ތިބާގެ މަންމަ ކާރުގައި ތިބާ ކޮންމެވެސް ތަނަކަށް ގެންދާ މިސާލެވެ. ތިބާ ދާ ތަނެއް ތިބާއަށް ނޭނގުނަސް ތިބާ ކަންބޮޑެއް ނުވާނެއެވެ. ތިބާ ބިރެއް ނުގަންނާނެއެވެ. ތިބާ ފުލުހުންނަށް ނުގުޅާނެއެވެ. އެހެނީ ތިބާގެ މަންމައަށް ތިބާ އިތުބާރު ކުރަމުއެވެ. ތިބާގެ މަންޒިލާއި ތިބާގެ ކަންތަކާއިމެދު ތިބާގެ މަންމައަށް އިތުބާރު ކޮށްފީމުއެވެ.
ތިބާ ޑޮކްޓަރަކަށް އިތުބާރު ކުރާއިރު ވެސް ތިބާ ދެ އަތް މައްޗަށް ނަގައި ޑޮކްޓަރު ހަދަންޖެހޭ ކޮންމެ ގޮތެއް ހަދަން ބުނަމުއެވެ. ތިބާ ވަޅިއެއްގެ ދަށަށް ދިޔުން ކަމަށް ވިޔަސްމެއެވެ. ތިބާ ޑޮކްޓަރަށް އިތުބާރު ކުރަމުއެވެ. އެ ފަރުވާގެ ތަފްޞީލުތައް ތިބާއަށް ނޭނގުނަސް ތިބާ ޑޮކްޓަރަށް އިތުބާރު ކުރަމުއެވެ.
ވަރަށް ގިނަ ފަހަރު ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ޙަޔާތުގައި ކަން ކުރައްވާ ގޮތް އަޅުގަނޑުމެންނަށް ދޭހައެއް ނުކުރެވެއެވެ. ނޭނގުމުން އަޅުގަނޑުމެން ބުނަމުއެވެ. އަހަރެން ކަންބޮޑު އެބަވެއެވެ. އަހަންނަކަށް މި ވާ ގޮތް ދޭހައެއް ނުކުރެވެއެވެ.
ބައެއް ފަހަރު އަޅުގަނޑުމެންނަށް ފަހުމެއް ނުކުރެވޭނެއެވެ. އެހެނަސް އަޅުގަނޑުމެން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިތުބާރު ކުރަން ހެއްޔެވެ؟
އެއްވެސް ކަހަލަ ނޭދެވޭ ޚިޔާލަކީ އެއްކަލަ ގޭގެ ބޭރުގައި ހަތިޔާރު ހިފައިގެން ހުއްޓިގެން ހުރި ވަގުގެ ގޮތުގައި ވިސްނާށެވެ. އޭނަ އައީ އެއްވެސް ރަނގަޅު ކަމެއް ކުރާކަށް ނޫނެވެ. އޭނަ އައީ ގެއްލުން ދޭށެވެ. އަޅުގަނޑުމެން އެފަދަ ނޭދެވޭ ޚިޔާލަކަށް މަރުޙަބާ ކިޔައިގެން ނުވާނެއެވެ. އަޅުގަނޑުމެން އެއަށް ‘ކާންދީގެން’ ނުވާނެއެވެ.
ބިރުވެރިކަމާއި، އަމިއްލަ ނަފްސާއިމެދު ކުރެވޭ ނޭދެވޭ ޚިޔާލުތަކާއި، އުއްމީދު ކަނޑުވާލާ ޚިޔާލުތަކާއި ކުރިމަތިލުމަށް އެއަށްވުރެ ރަނގަޅު ގޮތެއް އަޅުގަނޑުމެން ހޯދަންޖެހެއެވެ. އެ ޚިޔާލުތައް ބަދަލުކުރަން އަޅުގަނޑުމެންނަށް އެނގެން ޖެހެއެވެ.
އަދިވެސް ޑިޕްރެޝަނާއި އެންޒައިޓީއާއި ކުރިމަތިލުމަށް ގެންގުޅެވޭނެ ބާރުގަދަ އާލާތެއް ވެއެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ވާ ނިޢުމަތްތަކަށް ސަމާލުކަން ދިނުމެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ނެތް އެއްޗަކާއިމެދު ވިސްނުމުގެ ބަދަލުގައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޑިޕްރެޝަނާއި އެންޒައިޓީއަށް ދެވޭ އެންމެ ބޮޑު އެއް ފަރުވާއަކީ ‘ގްރެޓިޓިއުޑް ޖާރނަލް’ އެކެވެ. އެ ދިރާސާގައި ބައެއްގެ އަތަށް ފޮތްތަކެއް ދެވުނެވެ. އެ ފޮތްތަކުގައި ކޮންމެ ދުވަހަކުވެސް އެމީހުން ޝުކުރުވެރިވާ 3 ކަމެއް ލިޔުމަށް އެންގުނެވެ. އަދި ބައެއް ދިރާސާތަކުގައި އެފަދަ 5 ކަމެއް ލިޔުމަށް އެންގުނެވެ. މިއިން ޑިޕްރެޝަނަށް ވަރަށް ބޮޑު ފަރުވާއެއް ލިބިގެން ދިޔަކަން ދިރާސާއިން ދެއްކިއެވެ.
ނަފްސާނީ ގޮތުން އެމީހުން އެވީ ކިހިނެއް ހެއްޔެވެ؟ އެމީހުން ސަމާލުކަން ދިންކަމެއް އެމީހުންގެ ނަޒަރުގައި ބޮޑުވެގެން ދިޔައީއެވެ. އެ ތަމްރީނުން ތިބާގެ ސިކުނޑި ތަމްރީންވެގެން ދަނީ ތިބާގެ ޙަޔާތުގައިވާ ރަނގަޅު ކަންތަކަށް ސަމާލުކަން ދިނުމަށެވެ. ތިބާ ޝުކުރުވެރިވާ ކަންތަކަށް ސަމާލުކަން ދިނުމަށެވެ. ތިބާ އެ ކަންތަކަށް ސަމާލުކަން ދިނުމުން އެކަންތައް ބޮޑުވެގެން ދެއެވެ. އަދި ތިބާގެ ޙަޔާތުގައި ނިޢުމަތްތައް ގިނަގުނަވެގެންވާ ކަން ތިބާއަށް އިޙްސާސް ކުރެވެން ފަށައެވެ. އަދި އިތުރު ހެޔޮ ކަންތައް ތިބާގެ ޙަޔާތަށް އައުމަށް ވެސް މަގުފަހި ވެގެންދެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ
“އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.” ސޫރަތް އިބްރާހީމް، 7
މިއީ ސެކިއުލާރ ސައިކޮލޮޖީއެވެ. އެންމެން ވާހަކަ ދައްކަނީ “ލޯ އޮފް އެޓްރެކްޝަން’ އާއި ބެހޭގޮތުންނެވެ. އެ ސިއްރުގެ ވާހަކައެވެ. ތިބާގެ އަމިއްލަ ނަފްސާއި ރަނގަޅަށް ވާހަކަ ދެއްކުމުގެ ބާރުގެ ވާހަކައެވެ. މި ހުރިހާ ކަމެއް ގުޅިފައިވަނީ ކޮންކަމަކާ ހެއްޔެވެ؟ އެ ކަންތައް ގުޅިފައިވަނީ ޝުކުރުވެރިކަމާ އެވެ. ކަންތަކާއި މެދު ރަނގަޅަށް ވިސްނުމާއެވެ. ހެޔޮ ކަންތަކަށް ސަމާލުކަން ދިނުމާއެވެ. އޭގެ ސަބަބުން ތިބާގެ ޙަޔާތަށް އިތުރު ހެޔޮ ކަންތައް އާދެއެވެ.
ހަމަ މިފަދައިން ތިބާ އަބަދު ނޭދެވޭ ކަންތަކަށް ސަމާލުކަން ދޭނަމަ، އަނދިރިކަމަށް އަބަދުވެސް ސަމާލުކަން ދޭނަމަ، މައްސަލަތަކަށް ސަމާލުކަން ދޭނަމަ، ތިބާގެ ޙަޔާތުގައި ނެތް އެއްޗަކަށް ސަމާލުކަން ދޭނަމަ، ތިބާގެ ޙަޔާތަށް އަންނާނީ އެފަދަ ކަންތަކެވެ.
އަޅުގަނޑުގެ ދަރުސްތަކުގައި އަބަދުވެސް މި މިސާލު ދެމެވެ. އަޅުގަނޑު މީމް އެއް ދުށީމެވެ. އޭގައި ހުރީ ދެ ފޮޓޯއެކެވެ. މަތީގައި ހުރީ ކޭކުކޮޅެއް ހިފަހައްޓައިގެން ހުރި ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ހުރީ ވަރަށް ބޮޑަށް އުފާވެއެވެ. އެ ކުއްޖާ އަތުގައި ކޭކުކޮޅެއް އޮތީތީވެއެވެ. އެ ފޮޓޯގެ ތިރީގައި ހުރީ އެހެން ފިރިހެން ކުއްޖެއްގެ ފޮޓޯއެކެވެ. މި ކުއްޖާގެ އަތުގައި ހުރީ މުޅި ކޭކެކެވެ. އެހެނަސް އެ ކޭކުގެ އެއް އެތިކޮޅު ނެތެވެ. އަދި އެކުއްޖާ ހުރީ ދެރަވެފައެވެ.
މި ދެ ފިރިހެން ކުދިންގެ ތަފާތަކީ ކޮބައިހެއްޔެވެ؟ އެންމެ ގިނައިން ކޭކު ހުރީ ކާކު އަތުގައި ހެއްޔެވެ؟ ތިރީގައި ހުރި ފިރިހެން ކުއްޖާގެ އަތުގައި ގިނަ ކޭކު ހުއްޓެވެ. އެހެނަސް ދެރަވެފައި ހުރީ އެ ކުއްޖާއެވެ. މަތީގައި ހުރި ކުއްޖާގެ އަތުގައި މަދު ކޭކު ހުއްޓަސް އެ ކުއްޖާ ހުރީ ވަރަށް އުފަލުންނެވެ.
އެ ދެ ޙާލަތުގެ އެންމެ މުހިއްމު އެއް ތަފާތަކީ އެ ދެކުދިން ސަމާލުކަން ދޭ ކަމެވެ. މަތީގައި ހުރި ފިރިހެން ކުއްޖާ ސަމާލުކަން ދެނީ އެ ކުއްޖާއަށް ލިބިފައިވާ އެއްޗަކަށެވެ. ތިރީގައި ހުރި ފިރިހެން ކުއްޖާ ސަމާލުކަން ދެނީ އޭނައަށް ލިބިފައި ނުވާ އެއްޗަކަށެވެ. އެކުއްޖާގެ އަތުގައި 13 ކޭކު އެތިކޮޅު ހުއްޓަސް އޭނަ ސަމާލުކަން ދެނީ ނެތް ކޭކު ކޮޅަށެވެ. އެހެންކަމުން އެކުއްޖާގެ ޙާލަތަކީ ހިތާމަވެރި ޙާލަތެކެވެ. އޭނަ ސަމާލުކަން ދޭ ކަމެއްގެ ސަބަބުންނެވެ.
އެހެންކަމުން ޝުކުރުވެރިވާން އަޅުގަނޑުމެން މަސައްކަތް ކުރުމުން އަޅުގަނޑުމެންގެ ޙަޔާތުގައި ނެތް ކަންތަކުގެ ބަދަލުގައި ވާ ކަންތައްތަކަށް އަޅުގަނޑުމެންގެ ސަމާލުކަން ދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ޑިޕްރެޝަންގެ ޢަލާމާތްތައް ޝިފާ ހޯދުމަށް ވަރަށް ރަނގަޅު ގޮތެކެވެ.
ދެން ކޮންކަމެއް ހެއްޔެވެ؟ އަޅުގަނޑު ކުރިން ވެސް ބުނެފައިވާ ވާހަކައެއް ތަކުރާރު ކޮށްލާނަމެވެ. حُسْنُ اظَّنّ بِللّهِ އެވެ. ﷲ އާއިމެދު އަބަދުވެސް ހެޔޮކޮށް ވިސްނުމެވެ. ކަންތައްތައް ދަތިވިޔަސް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންތައްތައް ނުދިޔަޔަސް، އަބަދުވެސް ﷲ ނިންމަވާނީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތްކަން ޔަޤީންކޮށް، އެކަލާނގެ އަޅުގަނޑުމެން ދެރަ ކުރައްވަނީއެއް ނޫންކަމާއި، އަޅުގަނޑުމެންނަށް އަނިޔާއެއް ދެއްވަނީއެއް ނޫންކަމާއި، އެކަލާނގެ އަޅުގަނޑުމެންނަށް ރުހިވޮޑިގެން ނުވަނީއެއް ނޫންކަން ޤަބޫލުކޮށް އެކަލާނގެއާއި މެދު ހެޔޮކޮށް ވިސްނުމެވެ. އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުން ބަދަލު ކުރެވޭނެ ގޮތްތައް ހުރެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ދެން ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ އަޅުގަނޑުމެންގެ އުޅުން ބަދަލު ކުރުމެވެ. ސެކިއުލާރ ސައިކޮލޮޖީގެ ތެރެއިން ޕޮޒިޓިވް ސައިކޮލޮޖީގެ ދާއިރާއިން ހެދިފައިވާ ދިރާސާތަކުގައި، އުފާވެރިކަން އިތުރުވަނީ ކޮން ކަމެއް ކުރުމުންތޯ ހޯދަން މަސައްކަތް ކޮށްފައިވެއެވެ. ނަފްސާނީ ދުޅަހެޔޮކަން އިތުރު ވަނީ ކޮން ކަންތަކުން ކަން ހޯދާފައިވެއެވެ. ޑިޕްރެޝަނާއި އެންޒައިޓީގެ ފަރުވާއަށް އެންމެ ރަނގަޅީ ކޮން ކަންތައްތަކެއްތޯ ހޯދާފައިވެއެވެ.
މި ދިރާސާތަކުން ދެއްކި ގޮތުގައި، ޝުކުރުވެރިވުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅީ އެހެން މީހުންނަށް ޚިދުމަތް ކުރުމެވެ. އެހެން މީހަކަށް އެހީވުން ފަދަ ކަންތަކަކީ ނަފްސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމެއްކަން ދިރާސާއިން ދެއްކިއެވެ.
މީގެއިން އެއް ދިރާސާއެއްގައި 4 ބަޔަކަށް ދިރާސާގެ ބައިވެރިން ބެހިގެން ދިޔައެވެ. އޭގެ ތެރެއިން އެއްބައެއް ގާތު ބުނެވުނީ އަމިއްލަ ނަފްސަށް އެއްޗެހި ގަނެ އަމިއްލަ ނަފްސަށް ޚިދުމަތް ހޯދުމަށެވެ. އަޅުގަނޑުމެންގެ މިއަދުގެ ޘަޤާފަތުން އަޅުގަނޑުމެންނަށް ވިސްނިފައިވާ ގޮތުގައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް ޚިދުމަތް ކުރުމުން އަޅުގަނޑުމެން އުފާވާނެއެވެ. އެހެން ނޫންތޯއެވެ؟ އެ ކާރު ގަންނާށެވެ. އެ އާ ލެޕްޓޮޕް ގަންނާށެވެ. އެ އާ އައިފޯނު ގަންނާށެވެ. އުފާވެރިކަން ލިބޭނީ އޭރުންނެވެ. އެހެންނޫނީ މިވެނި ގެއެއް ގަންނާށެވެ. ހަށިގަނޑުގެ ބައްޓަން މިވެނި ގޮތަކަށް ބަދަލު ކުރާށެވެ.
މި ހުރިހާ ކަމަކުން ބުނާ ފަދައެވެ. ތިބާ އަމިއްލަ ނަފްސަށް ސަމާލުކަން ދީފިނަމަ، ތިބާއަށް އުފާވެރިކަން ލިބޭނެއެވެ.
އެހެންކަމުން އެ ދިރާސާގައި އެއްބައެއް ގާތު، ދިރާސާގެ މުއްދަތުގައި މިފަދައިން އަމިއްލަ ނަފްސަށް ޚިދުމަތް ކުރުމަށް އެންގުނެވެ. ދިރާސާގެ ދެވަނަ ބައިގައި ވާ މީހުން ގާތު އެހެން މީހަކަށް އެހީވުމަށް އެންގުނެވެ. އެމީހަކަށް ފަރުދީ އެހީއެއް ދިނުމަށް އެންގުނެވެ. ދިރާސާގެ ތިންވަނަ ބައިގައި ވާ މީހުންނަށް އެންގުނީ އިޖުތިމާޢީ ގޮތުން އެހެން މީހަކަށް އެހީވުމަށެވެ. ހަތަރު ވަނަ ބަޔަކީ ‘ކޮންޓްރޯލް ގްރޫޕެކެވެ.’ އެއީ އޭގެއިން އެއްވެސް ކަމެއް ނުކުރާ ބައެކެވެ. ދިރާސާގެ ނަތީޖާ ނެރުމަށް އެހެން ބައިތަކާއި އަޅާ ކިޔަން ހުރި ގްރޫޕެކެވެ.
މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، އެ ހަތަރު ބައިން ކުރެ އެ ބައެއްގެ އުފާވެރިކަން އިތުރުވެގެން ދިޔަ ހަމައެކަނި ދެ ބަޔަކީ އެހެން މީހުންނަށް އެހީވި ދެ ބައި މީހުންނެވެ. ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެން ދިޔައީ ހަމައެކަނި އެ ދެ ބައި މީހުންގެއެވެ. އަމިއްލަ ނަފްސަށް ޚިދުމަތް ކުރި މީހުންގެ އުފާވެރިކަން އިތުރެއް ނުވެއެވެ.
އެހެންކަމުން ސެކިއުލާރ ސައިކޮލޮޖީއިން ވެސް ދައްކާ ގޮތުގައި އަޅުގަނޑުމެންގެ އުޅުން ބަދަލު ކުރުމުން، އަޅުގަނޑުމެންގެ ޙާލަތް ބަދަލު ކުރެވޭނެއެވެ. އަދި މިފަދައިން ޙާލަތު ބަދަލު ކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އެހެން މީހުންނަށް ޚިދުމަތް ކުރުމެވެ. ބޭނުންޖެހިފައިވާ މީހަކަށް އެހީވުމެވެ. އެއީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށް އެހީވުން ފަދަ ކަމެކެވެ.
އަޅުގަނޑު ތަންކޮޅެއް ކުރިން މި ވާހަކަ ބުނެފައިވާނެއެވެ. އަޅުގަނޑުމެންގެ ޙާލަތު ބަދަލު ކުރުމަށް ފިޔަވަޅު އެޅުމާއި ގުޅޭ ގޮތުންނެވެ. އަޅުގަނޑު އަނެއްކާވެސް އެ ނުކުތާއަށް އަލިއަޅުވާލަން ބޭނުމެވެ. އިސްލާމީ ނަޒަރިއްޔާތަކުންނެވެ. ބައެއްފަހަރު އަޅުގަނޑުމެން ޑިޕްރެޝަނާއި އެންޒައިޓީގެ ޢަލާމާތްތައް ތަޙައްމަލު ކުރަން ޖެހެނީ އަޅުގަނޑުމެންނަށް ޙައްލު ކުރެވިފައި ނުވާ ފުން މައްސަލައެއްގެ ސަބަބުންނެވެ.
ބައެއްފަހަރު އެއީ މާޒީގައި ކުރިމަތިވެފައިވާ ނަފްސާނީ ޒަޚަމެކެވެ. (ޓްރޯމާއެކެވެ). ބައެއްފަހަރު އެއީ މިވަގުތު ލިބެމުންދާ އެފަދަ ނަފްސާނީ ޒަޚަމެކެވެ. އަޅުގަނޑުމެންގެ ގުޅުންތަކުން އަޅުގަނޑުމެންނަށް ފުރިހަމަ ވާންޖެހޭ ޖަޒުބާތީ އެދުމެއް ނުފުދެނީއެވެ. އަޅުގަނޑުމެންނަށް ނޭނގޭ ކުރީގެ ނޫނީ މިހާރުގެ ޒަޚަމެއް ވެސް ހިތުގައި ހުރެދާނެއެވެ. އެ ޒަޚަމަށް ފަރުވާ ދޭން ޖެހޭ ގޮތަށް އަދި ދެވިފައި ނުވަނީއެވެ.
މި ޙާލަތުގައި އަޅުގަނޑުމެންނަށް ގިނަ ފަހަރު ހެދޭ ގޯހަކީ، އަޅުގަނޑުމެންނަށް ހީވާ ހީވުމެކެވެ. އަޅުގަނޑުމެންނަށް ހީވެއެވެ. އެ ޒަޚަމުގެ މަތީގައި ފޮތި އަޅައި ތަދުނުވާ ގޮތަށް ހަދައިފިނަމަ އެ ޒަޚަމް ގޮސްދާނެއެވެ. ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ހެދިގެން ހުރުމެވެ. އޭރުން ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. އެހެނަސް އެގޮތް މަސައްކަތެއް ނުކުރެއެވެ.
މީހުން ބުނެއެވެ. ވަގުތަކީ ހުރިހާ ކަމެއްގެ ވެސް ޝިފާއެކެވެ. އެހެނަސް ތިބާގެ އަތުގައި ވަޒަނުގެ ޒަޚަމެއް ހުރެފައި، ތިބާ އެތާނގައި މަލަން އަޅައިގެން ހުއްޓަސް، ފާއިތުވާ ވަގުތާއި އެކީ އެތަނަށް ޝިފާއެއް ނުލިބޭނެއެވެ. އެހެން ނޫންހެއްޔެވެ؟ އޭގެ ބަދަލުގައި ވަގުތާއިއެކީ އެ ޒަޚަމް ވާނީ ގޯހެވެ. ވަކި ހިސާބަކުން އަތް ކަނޑަން ވެސް ޖެހިދާނެއެވެ. އެހެންކަމުން އެ ޒަޚަމަށް ފުރިހަމަ ފަރުވާއެއް ނުދޭނަމަ އެ ޒަޚަމުގެ ސަބަބުން ތިބާ މަރުވެސް ވެދާނެއެވެ.
ލިބިފައިވާ ޒަޚަމަށް އެކަށީގެންވާ ފަރުވާއެއް ނުދޭނަމަ، ވަގުތަކީ އޭގެ ޒާތުގައި ޝިފާ ގެނެސްދޭ ކަމެއް ނޫނެވެ. އެހެންކަމުން ޖިސްމާނީ ހަށިގަނޑުގައި ޒަޚަމެއް ލިބުނު ކަމުގައި ވިޔަސް، ވަގުތުން ޝިފާ ލިބޭނީ އެއަށް ފަރުވާ ދިނުމަށް ފަހުއެވެ.
އެހެނަސް އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ، އަޅުގަނޑުމެންގެ ޖަޒުބާތީ ޒަޚަމެއް ހުރެއްޖެނަމަ، އެހެންނޫނީ ނަފްސާނީ ޒަޚަމެއް ހުރެއްޖެނަމަ، އެހެންނޫނީ އަޅުގަނޑުމެން ވަރަށް ހިތްދަތި ކުރުވި ކަމެއް ވެއްޖެނަމަ، އެއީ ނެތް ކަމެއް ކަމަށް ހަދައި، އެ ޖަޒުބާތުތައް ބޭރުވެސް ނުކުރުމުން އެ ކަންތައް ރަނގަޅުވެގެން ދާނެއެވެ. އެހެނަސް މިއީ އިންސާނީ ތަބީޢަތުގައި ކަން ހިނގާ ގޮތެއް ނޫނެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ހިތަށް އުދަގޫވާ ކަންތައްތަކާއި އަޅުގަނޑުމެން ކުރިމަތިލުން ވަރަށް މުހިއްމެވެ. އަދި އެ ކަންތައްތަކުގެ ފަހަތުގައިވާ މައި މައްސަލައަކީ ކޮބައިކަން ދަނެގަންނަން މަސައްކަތް ކުރުން ވަރަށް މުހިއްމެވެ. ތިބާ ވަނީ ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުރައްކާތެރި ގުޅުމެއްގައި ކަމަށް ވާނަމަ އެ ގުޅުމާއިމެދު ފިޔަވަޅު އެޅުން މުހިއްމެވެ. އެކަން ތަޙައްމަލު ކުރަމުން ނުދާންވީއެވެ. ވިހަ ބޮއިލައިގެން ހިނިތުންވެލައިގެން ހުންނަން ވީއެއް ނޫނެވެ.
ކީއްވެކަން އެނގޭ ހެއްޔެވެ؟ ތިބާގެ ހިތަށް ނޭދެވޭ އަސަރު ކުރުވާ ކަމެއްގެ އަސްލަށް ތިބާ ބަދަލެއް ނުގެނެސްފިނަމަ، ޢަލާމާތްތަކަށް ބަދަލެއް ނާންނާނެއެވެ. ތަދު ކަނޑުވާ ބޭސްތައް ކަމުން، ތަދު ނުވާ ކަމަށް ހަދަމުން ދިޔަޔަސް، އެ ޒަޚަމުގެ އަސްލު ދަނެގަނެ އެ އަސްލަށް ބަދަލެއް ނުގެންނަނީހެވެ.
ފިޔަވަޅު ނެގުމާއިމެދު އިތުރަށް އަލި އަޅުވަން ބޭނުމެވެ. އިސްލާމީ ނަޒަރަކުން މިއީ އަޅުގަނޑުމެންގެ ދީނުގައި ވާ ކަމެކެވެ. ނަބިއްޔުންނާއި އަޅުގަނޑުމެންގެ ކުރިން އައިސްފައިވާ ބޭކަލުންގެ ވާހަކަތަކުގެ ތެރޭގައި މޫސާ ޢަލައިހިއްސަލާމް ގެ ވާހަކަ އޮވެއެވެ. އަޅުގަނޑަށް އެންމެ ރީތި ވާހަކަތަކުގެ ތެރެއިން އެއްވާހަކައަކީ މޫސާ ޢަލައިހިއްސަލާމް ރަތް ކަނޑުގެ ކުރިމަތީގައި ހުންނެވި ވާހަކައެވެ.
އެ ވާހަކައިގައި މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނަށް ތަބާވި މީހުން ރަތް ކަނޑުގެ ކުރިމަތީގައި ތިއްބެވިއެވެ. އެބައިމީހުންގެ ފަހަތުން ފިރުޢައުނާއި އޭނަގެ ލަޝްކަރު އެމީހުންނާއި ދިމާލަށް އެބަ އާދެއެވެ. ޤުރުއާނުގައި ﷲ ސުބުޙަނަހޫ ވަތަޢާލާ މި ވާހަކަ ސިފަ ކުރައްވާފައިވެއެވެ.
فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ
“ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، މޫސާގެފާނުގެ އަޞްޙާބުން ދެންނެވިއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެއެވެ.” ސޫރަތުއްޝޫރާ، 61
މި މަންޒަރުގައި މޫސާގެފާނުގެ އަޞްޙާބުންނަށް ފިރުޢައުނުގެ ލަޝްކަރު ފެނުމުން އިންތިހާއަށް ބިރުގަތީއެވެ. އެ ބިރުވެރިކަމުގައި އެމީހުން އެ ބުނަނީ އެ ލަޝްކަރު ތިމަންމެން އަތުލައިގަންނާނެ ކަމަށެވެ. އެހެނީ އެމީހުންގެ ކުރިމަތީގައި ވަނީ ރަތް ކަނޑެވެ. އެމީހުންގެ ފަހަތުން އަންނަނީ ބޮޑު މާ ސިންގާ ލަޝްކަރެކެވެ. އަދި އެމީހުންނަކީ އެ ލަޝްކަރުގެ އަޅުންނެވެ. އެހެންކަމުން އެމީހުން މުސާގެފާނު އަރިހުގައި އެ ދަންނަވަނީ އެމީހުން އަތުލައިގެންފާނެ ކަމަށެވެ. އެހެނަސް…
قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ
“އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެއެވެ.” ސޫރަތުއްޝޫރާ، 62
މޫސާގެފާނު އެކަލޭގެފާނުގެ އަޞްޙާބުންނަށް ދެއްވި ޖަވާބަކީ މިއީއެވެ. މިއަށްފަހު ދެން ވަނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑު އަލިއަޅުވަން ބޭނުންވަނީ މި ތަންކޮޅަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ވަޙީ ކުރައްވަނީ ފިޔަވަޅެއް އެޅުމަށެވެ. އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ.
އަޅުގަނޑު މިތަންކޮޅަށް އަލި އަޅުވަން ބޭނުމެވެ. އަޅުގަނޑުމެންގެ ޙާލަތް ބަދަލު ކުރުމާއި، ގޯސް ޙާލަތްތަކުން ނިކުތުމުގެ އެއް ބަޔަކީ، އަޅުގަނޑު އަމިއްލައަށް ކޮންމެވެސް ކަމެއް ކުރުމެވެ. އަޅުގަނޑު ފިޔަވަޅެއް އަޅަން ޖެހެއެވެ. ޙާލަތް ބަދަލު ކުރާނީ އަޅުގަނޑަށް ވީތީވެއެއް ނޫނެވެ. އެހެނެއްކަމަކު އަޅުގަނޑުމެން ވެސް ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ﷲ އަންގަވާފައިވީތީވެއެވެ.
އެ ޙާލަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާ ޢަލައިހިއްސަލާމް އަށް އެންގެވީ އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑު ދެ ފަޅި ކުރެއްވީ އެހާ ހިސާބުންނެވެ. މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ އަޞްޙާބުން ސަލާމަތްވެގެން ދަނީ އެހާ ހިސާބުންނެވެ.
ޚުލާސާއެއްގެ ގޮތުގައި ބުނެލާނަމެވެ. އާނއެކެވެ. މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ އަޞްޙާބުން ސަލާމަތް ކުރެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެނަސް ކޮންމެވެސް ފިޔަވަޅެއް އެޅުމަށް މޫސާ ޢަލައިހިއްސަލާމް އަށް އެންގުނެވެ. ގިނަ ފަހަރު އަޅުގަނޑުމެންގެ ޙަޔާތުގައި ވެސް އަޅުގަނޑުމެން މިފަދައިން ފިޔަވަޅެއް އަޅަން ޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ޙާލަތް ބަދަލު ކުރައްވައި އަޅުގަނޑުމެން ސަލާމަތް ކުރައްވަނީ އެއަށްފަހުއެވެ.
ނުނިމޭ