ބަދަލުވާ ޙަޔާތް (ތިންވަނަ ބައި): ޙަޤީޤީ ލޯބީގެ އުފާ ލިބިގަތުން
ޙަޤީޤީ ލޯބީގެ އުފާ ލިބިގަތުމާއި، ނޭދެވޭ ގޮތުގައި އެ ލޯތްބަށް އެދުމުގެ ދެމެދުގައިވާ ތަފާތަކީ ކޮބައިހެއްޔެވެ؟
ދެމަފިރިންނާއި ގުޅޭ ގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. މި އާޔަތަކީ ވަރަށް ގިނަ ކައިވެނީގެ ދަޢުވަތުތަކަކުން އަޅުގަނޑުމެންނަށް ފެންނަ އާޔަތެކެވެ. އެއީ ސޫރަތުއްރޫމްގެ 21 ވަނަ އާޔަތެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
“ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.” ސޫރަތުއްރޫމް، 21
މި އާޔަތުގައި ނުހަނު ގިނަގުނަ ރީތި ފިލާވަޅުތަކެއްވެއެވެ. އެހެނަސް މިތާނގައި އަޅުގަނޑު ސަމާލުކަން ދޭން ބޭނުންވަނީ ޙަޤީޤީ ލޯބީގެ މަޢުޟޫއަށެވެ. މި އާޔަތުން އެނގެނީ ޙަޤީޤީ ލޯބި ބިނާވެގެން ވަނީ ހަމަހިމޭންކަމުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ لِّتَسْكُنُوا إِلَيْهَا އެވެ. لِّتَسْكُنُوا މި ބަސް އަންނަނީ سَكَنَ މި ބަހުންނެވެ. ޢަރަބި ބަހުގައި މީހަކު ތަނެއްގައި އުޅެން ފަށައިފިނަމަ، އެހެން ނޫނީ އެތަނެއްގައި ޤާއިމުވެއްޖެނަމަ އެއަށް ކިޔާނީ سَكَنَ އެވެ. މި ބަހުގެ މާނައަކީ ޤާއިމުވުމެވެ. މަޑުމައިތިރިވުމެވެ. ހަމަހިމޭންވުމެވެ. އަރާމު ލިބިގަތުމެވެ.
އެހެންކަމުން މި އާޔަތުގައި ލޯތްބާއި ދެމަފިރިންގެ ގުޅުން ސިފަވެފައި މިވަނީ ހަމަހިމޭންކަމާއި ޤާއިމުވުމުގައެވެ. އެއީ ހަމަޖެހުމެވެ. މަޑުމައިތިރިކަމެވެ. އަޅުގަނޑުމެންނަށް ދެއްވާފައިވާ ލޯބީގެ ސިފަ ކުރުމަކީ މިއީއެވެ.
ޤުރުއާނުގެ އެހެން އާޔަތެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
“އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!” ސޫރަތުލް ފުރްޤާން، 74
މި އާޔަތުގައިވާ قُرَّةَ أَعْيُنٍ ގެ މާނައަކީ ލޮލުގެ ފިނިކަމެވެ. އަމަން އަމާންކަމާއި ހިތްހަމަޖެހުމުގެ އިޙްސާސެވެ. މިފަދަ ލޯތްބަކީ، ފިލްމުތަކުންނާއި ޑްރާމާތަކުން އަޅުގަނޑުމެންނަށް ފެންނަ ލޯބީގެ ޚިޔާލާއި ވަރަށް ތަފާތު ލޯތްބެކެވެ. ފިލްމުތަކާއި ވާހަކަތަކާއި ޑްރާމާތަކުން ފެންނަ ލޯބީގައި ގިނަފަހަރު ހިތްހަމަޖެހުމެއް ނޯވެއެވެ. އަބަދުވެސް ސިފަކުރެވިގެން ދަނީ ލޯބީގެ ސަބަބުން ހިތުގެ ހަމަޖެހުން ނެތިގެންދާ ވާހަކައެވެ. އެހެންކަމުން އެ އެއްޗެހިން އަޅުގަނޑުމެންނަށް ދަސްވެގެންދަނީ އަބަދު ކަންބޮޑުވުމެއްގައި ވާންޖެހޭ ޒާތެއްގެ ލޯބީގެ މިސާލެވެ. އަދި ހިތްދަތިކަން ލިބޭ ލޯބީގެ މިސާލެވެ.
މިސާލެއްގެ ގޮތުން ރޯމިއޯ އެންޑް ޖޫލިއެޓް ނަގަމާ ހިނގާށެވެ. ރޯމިއޯގެ ބަސްތަކަށް ބަލާއިރު އޭނަގެ ހިތްދަތިކަން ހާމަވެގެން ދެއެވެ. ޖޫލިއެޓްއާއި ބައްދަލުވުމުގެ ކުރިން ރޯމިއޯ ލޯބިވެގެން އުޅުނީ ރޯޒަލީން ނަމަކަށް ކިޔާ އެހެން ކުއްޖަކާއެވެ. އެ ކުއްޖާއަށްޓަކައިވާ ލޯބީގެ ސަބަބުން ހިތުގައިވާ ވޭނުގެ ވާހަކަ ރޯމިއޯ ދައްކައެވެ. އެހެނަސް ޖޫލިއެޓް ފެނުމާއިއެކު މާ ގިނައިރެއްނުވެ ރޯމިއޯ، ޖޫލިއެޓް ދެކެ ލޯބިވެއެވެ. ދެން އަނެއްކާވެސް އެ ލޯބީގެ ސަބަބުން ކުރިމަތިވާ ހިތްދަތިކަމުގެ ވާހަކަ ރޯމިއޯ ސިފަކޮށްފައިވެއެވެ. މި ވާހަކައިގެ ނިމުން އަހަރުމެން އެންމެންނަށް އެނގެއެވެ. ވާހަކަ ނިމެނީ އެ ދެމީހުން އަމިއްލައަށް މަރުވުމުންނެވެ.
މިއީ ވާހަކަތަކުގައި ލޯބީގެ ޢާއްމު މިސާލެކެވެ. އެއަށްފަހު ވެސް އައި އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނިފައިވާ ލޯބީގެ ފިލްމުތަކާއި، ލޯބީގެ ލަވަތަކާއި ވާހަކަތަކުން ހަމަ މުޅިންހެން ލިބިގެންދަނީ އެ މިސާލެވެ. ލޯތްބަކީ އޭގައި ހަމަ ޖެހުން އޮންނަ ކަމެއް ނޫންކަމަށް އެމީހުން ސިފަކޮށްދެއެވެ.
އެއީ ކީއްވެ ހެއްޔެވެ؟ ޙަޤީޤީ ލޯތްބާއި، ލޯބީގެ ނަން ދެވިފައިވާ ރަނގަޅު ނޫން ގުޅުމެއްގެ ތަފާތު އަޅުގަނޑުމެން ދަނެގަންނާނީ ކިހިނެއް ހެއްޔެވެ؟
މި ކޯހުގައި އަޅުގަނޑު އެފަދަ ލޯތްބަކަށް ކިޔާ ނަން ތަޢާރަފު ކޮށްދޭނަމެވެ. އެހެނީ އެ ‘ލޯތްބާއި’، ﷲ ސުބުޙާނަހޫ ވަތަޢާލާގެ މައްޗަށް ބިނާވެފައިވާ ލޯބީގައި ވަރަށް ބޮޑެތި ތަފާތުތަކެއް ވެއެވެ. ﷲ އަކީ الوَدُزد އެވެ. ލޯބިވެވޮޑިގެންވާ ފަރާތެވެ. އެކަލާނގެއީ السَّلام ވެސް މެއެވެ. އަމާންކަމާއި ސަލާމަތްތެރިކަން ދެއްވާ ފަރާތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެން ލޯބިވެއްޖެނަމަ، އެ ލޯބިން ހިތްހަމަޖެހުމާއި އަމާންކަމާއި ސަލާމަތްތެރިކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެއެވެ.
ޙަޤީޤީ ލޯބި ނޫން ގޮތަކަށް ވެވޭ ލޯތްބަކީ ކޮބައިހެއްޔެވެ؟ އެއަށް ކިޔަނީ ‘އަންހެލްދީ އެޓޭޗްމެންޓް’ އެވެ. ބައެއްފަހަރު ނަފްސާނީ ބަލިތަކުގެ ޢިލްމުގައި މިއަށް ‘އިންސެކިއުއާރ އެޓޭޗްމެންޓް’ އޭ ވެސް ކިޔެއެވެ. އެހެނަސް ޖުމްލަ ގޮތެއްގައި ބަލާނަމަ މިއީ ގެއްލުން ދެނިވި ‘އަންހެލްދީ އެޓޭޗްމެންޓް’ އެކެވެ. މިއީ ޙަޤީޤީ ލޯތްބާއި ތަފާތު އެއްޗެކެވެ. ލޯބީގައި އެހާ ވޭން ތަޖުރިބާ ކުރެވެނީ ޙަޤީޤީ ލޯބީގެ ބަދަލުގައި އެފަދަ ގުޅުމެއްގައި އުޅުމުންނެވެ.
އިސްލާމްދީނުގައި ދެމަފިރިއެއްގެ ދެމެދުގައި އޮންނަ ލޯތްބަކީ އަމާންކަމާއި ހަމަޖެހުން ލިބިގަންނަ ލޯތްބެކެވެ. އެއީ ވޭނާއި ކެކުޅުން ހިމެނޭ ލޯތްބެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށްޓަކައި ކަނޑައެޅުއްވި ގޮތަކީ އެއީއެވެ. އެހެނަސް އަޅުގަނޑުމެން މިއުޅެނީ ސުވަރުގޭގައެއް ނޫނެވެ. ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެއެވެ. ބައެއްފަހަރު އެ ގުޅުންތަކުގައި ހަމަޖެހުމެއް ނޯންނާނެއެވެ. ގޭތެރޭގައި މައްސަލަތައް ޖެހޭނެއެވެ. ގޭތެރެއަކީ ޠޫފާނުން ފުރިގެންވާ ތަނަކަށް ވެދާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށްޓަކައި ކައިވެނި ފަރުމާ ކުރައްވާފައިވާ ގޮތުން ގޭތެރެއަކީ ހިޔާވައްސެކެވެ. ތޫފާންވާނީ އެ ގެއިން ބޭރުގައެވެ. ގެއިން ބޭރުން މީހާއަށް ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުންތަކަށްފަހު ގޭގެ ތެރެއިން އެ މީހާއަށް ހަމަޖެހުން ލިބެންވާނެއެވެ. ގޭތެރެއަކީ މީހާއަށް ރައްކާތެރިކަމާއި އަރާމު ލިބޭ ތަނެއް ކަމުގައި ވާންވާނެއެވެ. ސޫރަތުލް ފުރުޤާނުގައިވާ އާޔަތުން އަޅުގަނޑުމެންނަށް ލިބެނީ މި ޢިބްރަތެވެ.
وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
“އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!” ސޫރަތުލް ފުރްޤާން، 74
މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އަޅުގަނޑުމެން އެދޭ ހަދިޔާއެކެވެ. ނިކަން މި ބަހަށް ސަމާލުކަން ދޭށެވެ. هَبْ لَنَا މި ބަސް އަންނަނީ ‘هِبَة’ މި ބަހުންނެވެ. މި ބަހުގެ މާނައަކީ ހަދިޔާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއް ނަންފުޅަކީ الوَهَّاب އެވެ. އޭގެ މާނައަކީ ހަދިޔާ ދެއްވުމަށް ލޯބިވެވޮޑިގެންވާ ފަރާތެވެ.
ތިބާގެ އަނބިންނާއި/ފިރިންނާއި އަދި ދަރިން ތިބާގެ ލޮލުގެ ފިނިކަމަށް ވުމަކީ ހަދިޔާއެކެވެ. ހަދިޔާއެއްގެ ޒާތަކީ ކޮބައިހެއްޔެވެ؟ ހަދިޔާއަކީ ތިބާއަށް އެކަން ޙައްޤުވާތީ ލިބޭ އެއްޗެއް ހެއްޔެވެ؟ ހަދިޔާއަކީ ތިބާ މަސައްކަތެއް ކޮށްގެން ހޯދާ މުދަލެއް ހެއްޔެވެ؟ ނޫނެކެވެ. ހަދިޔާއަކީ ދީލަތި ފަރާތަކުން ދޭ އެއްޗެކެވެ. އަދި ބައެއްފަހަރު އެ ހަދިޔާ ޙައްޤު ނުވާ މީހުންނަށް ވެސް ހަދިޔާ ދެވެއެވެ. އަދި ބައެއްފަހަރު އެކަމަށްޓަކައި މަސައްކަތެއް ނުކުރިޔަސް ތިބާއަށް ހަދިޔާއެއް ލިބިދާނެއެވެ. އެ ހަދިޔާ ދެވެނީ ހަދިޔާ ދޭ ފަރާތުގެ ދީލަތިކަމުންނެވެ.
ތިބާގެ އަނބިންނާއި/ފިރިންނާއި ދަރިން ތިބާގެ ލޮލުގެ ފިނިކަމަށް ވުމަކީ ﷲ ތިބާއަށް ދެއްވި ހަދިޔާއެކެވެ. މި ޙަޤީޤަތް މުހިއްމު ވަނީ ކީއްވެ ހެއްޔެވެ؟ ފުރަތަމަ ކަމަކީ އެއީ ތިބާއަށް ޙައްޤުވެގެން ލިބުނު ހަދިޔާއެއް ނޫންކަމެވެ. އަޅުގަނޑުމެން ހަދިޔާއަކަށް އެދި އާދޭސް ކުރަމުއެވެ. އަދި ހަދިޔާއަކަށްޓަކައި އަޅުގަނޑުމެން ﷲ އަށް އެދެން ވެސް ޖެހެއެވެ. އެހެނަސް އެ ހަދިޔާ ލިބުމުން އެއީ ތިބާއަށް ވީތީ ތިބާއަށް ލިބުނު ނިޢުމަތެއް ކަމަށް ހީކޮށްގެންނެއް ނުވާނެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީލަތިވަންތަ ކަމުން ތިބާއަށް ދެއްވި ހަދިޔާއެކެވެ.
ދެވަނަ ނުކުތާއަކީ، ތިބާއަށް މި ނިޢުމަތް ލިބިފައިވާނަމަ، ތިބާގެ އަނބިންނާ/ފިރިންނާއި ދަރިން ތިބާގެ ލޮލުގެ ފިނިކަމަށްވުމުގެ ނިޢުމަތް ލިބިފައިވާނަމަ، ތިބާގެ ގޭގައި ހަމަޖެހުން އޮތްނަމަ އެކަމަށް ޝުކުރުވެރިނުވެ ނުހުންނާށެވެ. އެއީ ތިބާ ކުރި ކަމެއްގެ ސަބަބުން ތިބާއަށް ލިބުނު ކަމެއް ކަމަށް ހީނުކުރާށެވެ. އަދި އެއީ ތިބާއަށް ޙައްޤުވާ ނިޢުމަތެއް ކަމަށް ޤަބޫލު ނުކުރާށެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހެދޭ ގޯހަކީ އެ ނިޢުމަތަށް ޝުކުރުވެރި ނުވުމެވެ. އެހެންނޫނީ ބައެއް މީހުން އެކަމާއިމެދު އަމިއްލަ ނަފްސަށް ތަޢުރީފު ކުރެއެވެ. އެމީހުންނަށް ހީވެއެވެ. އެމީހުންގެ ދަރިން އެހާ ރަނގަޅުވެފަ، އެހާ މޮޅީ، އެމީހުން ރަނގަޅުވެފައި މޮޅުވުމުންނެވެ.
އެމީހުންނަކީ މޮޅު ބައެއް ކަމަށްވެދާނެއެވެ. (ތަބާރަކަ ﷲ) އެހެނަސް އެމީހުންނަށް މޮޅެތި ކުދިން ލިބިފައިވަނީ އެމީހުންގެ މޮޅުކަމުންނެއް ނޫނެވެ. އެމީހުންނަށް މޮޅު އަދި ޞާލިހު ދަރިން ލިބިފައިވަނީ ﷲ އެމީހުންނަށް އެފަދަ ދަރިން ދެއްވީތީވެއެވެ. އެކުދިންނަށް ހިދާޔަތް ދެއްކެވީ ﷲ އެވެ. ޞާލިޙު ކުދިން ތިބުމުގެ ‘ހަދިޔާ’ އެމީހުންނަށް ދެއްވީ ﷲ އެވެ. ޙައްޤުގެ މަތީގައި ތިބި ކުދިންނެވެ. މައިންބަފައިންނަށް ކަމޭހިތާ ކުދިންނެވެ. މި ހުރިހާ ކަންތަކަކީ ވެސް ހަދިޔާއެކެވެ. އަދި އެކަމާއިމެދު އަމިއްލަ ނަފްސަށް ތަޢުރީފު ކުރުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ.
ޤާރޫނަށް މިފަދަ ގޮތެއް ދިމާވިކަން އަޅުގަނޑުމެންނަށް ޤުރުއާނުން އެނގިގެން ދެއެވެ. ޤާރޫނަކީ މޫސާ ޢަލައިހިއްސަލާމްގެ ޒަމާނުގައި އުޅުނު ނުހަނު މުއްސަނދި މީހެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާ ގޮތުގައި އޭނަގެ ކުނޫޒުގެ ތަޅުދަނޑިއަކީ ވެސް އަގުހުރި އެއްޗެކެވެ. އެހާ މުދާ އޭނަގެ މިލްކުވެރިކަމުގައި ވެއެވެ. އަދި ޤާރޫނަކީ ނުހަނު ދެއްކުންތެރި މީހެކެވެ. މި ޒަމާނުގައި ވެސް އަޅުގަނޑުމެންނަށް ފެންނަ ފަދައިން މީހަކަށް އެއްޗެއް ލިބޭއިރަށް އެމީހަކު އެ ނިޢުމަތެއް ދައްކައި އުޅޭނެއެވެ.
ޝުކުރުވެރިވުމަށާއި ހިތްތިރި ކުރުމަށް ޤާރޫނަށް ނަސޭޙަތް ދެވުނެވެ. ޤާރޫނުގެ ޖަވާބަކަށްވީ ތިރީގައިވާ ބަސްތަކެވެ.
قَالَ إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِندِي
“އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ….”
މީގެ މާނައަކީ ޤާރޫނު އޭނައަށް ލިބިފައިވާ ނިޢުމަތަކަށްޓަކައި އޭނަގެ އަމިއްލަ ނަފްސަށް ތަޢުރީފު ކުރާ ކަމެވެ. ޤާރޫނުގެ ނިމުން އަޅުގަނޑުމެންނަށް ޤުރުއާނުން އެނގެއެވެ. އޭނަގެ ގެއާއިއެކީ އޭނަ ބިމުގެ ތެރެއަށް ގަންބާލެވިގެންދެއެވެ. އެހެންކަމުން ޤާރޫނު މުޅިން ހަލާކުގެ ތެރެއަށް ނިމިގެން ދިޔައީކަން އަޅުގަނޑުމެންނަށް އެނގެއެވެ.
މިއީ އަޅުގަނޑުމެންނަށް ޢިބުރަތަކަށްވަނީ ކީއްވެ ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާ ހަދިޔާތަކަށް އަޅުގަނޑުމެން ޝުކުރުވެރި ނުވެ، އެ ނިޢުމަތްތަކަށްޓަކައި އަމިއްލަ ނަފްސަށް ތަޢުރީފު ކުރާނަމަ، އެ ހަދިޔާތައް އަޅުގަނޑުމެންގެ އަތުން ބީވެ ގޮސްދާނެއެވެ.
އެހެންކަމުން އަބަދުވެސް ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެއީ އަޅުގަނޑުމެންނަށް ޙައްޤު ނުވިޔަސް ﷲ ގެ ފަޟްލަވަންތަކަމުން އަޅުގަނޑުމެންނަށް ދެއްވާ ނިޢުމަތްތަކެއްކަން ހަނދާން ބަހައްޓަންވާނެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ވަޢުދުވެވޮޑިގެންވެއެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
“އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.” ސޫރަތް އިބްރާހިމް، 7
އެހެންކަމުން ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހެއެވެ. ޝުކުރުވެރި ނުވުމުގެ ސަބަބުން ނިޢުމަތްތައް ގެއްލުނު އެތައް ބައެއްގެ ވާހަކަ އަޅުގަނޑު އަޑުއަހާފައިވެއެވެ. މިސާލަކަށް ބައެއްގެ ދަރިންނަކީ ނުހަނު މޮޅުވެފައި ތެދުމަގުގައިވާ ކުދިން ކަމުގައި ވެދާނެއެވެ. އެހެނަސް އެމީހުން އެކަމާއިމެދު ޝުކުރެއް ނުކުރެއެވެ. އެހެންނޫނީ މާ ބޮޑު އަޅާއެއްވެސް ނުލައެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެވެސް ކަމެއް ދިމާވެ އެކުދިން މަގު އޮޅިގެންދެއެވެ. ހިތްތަކުގެ މައްޗަށް ބާރުފޯރުވަނީ ހަމައެކަނި ﷲ ކަން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި ހިތްތަކަކީ ފުރޮޅޭ އެއްޗެއްކަން ވެސް އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންކަމުން އެއްވެސް ކަމަކަށް ޝުކުރުވެރިނުވެ ތިބޭކަށް ނުވާނެއެވެ.
އަދިވެސް އެހެން މުހިއްމު ނުކުތާއެކެވެ. ބައެއްފަހަރު އަޅުގަނޑުމެންގެ ޢާއިލާއަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމަށް ވުމުން އަޅުގަނޑުމެން އެހެން މީހުންނާއިމެދު ދަށްކޮށް ދެކެމުއެވެ.
މިސާލަކަށް އަޅުގަނޑުމެންނަށް އުފާވެރި ޒަވާޖީ ޙަޔާތެއްގެ ނިޢުމަތް ލިބިފައިވެދާނެއެވެ. އަދި ޞާލިޙު ދަރިންގެ ނިޢުމަތް ލިބިފައިވެދާނެއެވެ. އުފާވެރި ޒަވާޖީ ޙަޔާތަކާއި ޞާލިޙު ދަރިން ތިބާއަށް ލިބިފައިވާނަމަ، ތިބާއަށް ދެއްވާފައި އެވަނީ ވަރަށް ވެސް ބޮޑު ހަދިޔާއެކެވެ.
އެހެނަސް މި ނިޢުމަތް ލިބުމުން، އެ ނިޢުމަތް ލިބިފައިނުވާ މީހުންނާއި މެދު އަޅުގަނޑުމެންނަށް ގޯސްކޮށް ދެކެވެއެވެ. މިސާލަކަށް ވަރިވެފައިވާ މީހުންނާއި މެދުގައެވެ. އެހެންނޫނީ އެ ބައެއްގެ ދަރިންނަށް ހިދާޔަތް ލިބިފައިނުވާ މީހުންނެވެ. ބައެއްފަހަރު އެއީ އެމީހުންނަށް ހެދުނު ގޯހެއްގެ ނަތީޖާއެއްކަމަށް އަޅުގަނޑުމެންނަށް ހީކުރެވެއެވެ. އަދި އަޅުގަނޑުމެން އެމީހުންނަށްވުރެ ރަނގަޅުހެން ހީކުރެވިދާނެއެވެ. މިސާލަކަށް، ‘އޭނަގެ ދަރިން އަހަރެންގެ ދަރިންހާ ރަނގަޅު ނުވީ، އޭނަ އަހަރެން ކަހަލަ މަންމައަކަށް ނުވީތީވެއެވެ.’ މިފަދަ ކިބުރުވެރިކަމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.
ތިބާއަކީ ހަމަ ގައިމުވެސް ނޫޙު ޢަލައިހިއްސަލާމް ހާ ރަނގަޅު އިންސާނަކަށް ނުވާނެއެވެ. ނޫޙު ޢަލައިހިއްސަލާމްއަކީ ރަސޫލު ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވުރެ ވެސް ރަނގަޅު ބައްޕައެކެވެ. އެހެނަސް އެކަލޭގެފާނުގެ ދަރިކަލުންނަށް ހިދާޔަތް ނުލިބެއެވެ. އެ ދަރިކަލުން ވެގެން ދިޔައީ ކާފިރަކަށެވެ. އެ ދަރިކަލުން ނިމިގެން ދިޔައީ ވެސް ހަލާކުގެ ތެރެއަށެވެ.
އެހެންކަމުން މިވެނި މީހެއްގެ ދަރިއަކު ޞާލިޙު ދަރިއަކަށް ނުވީ، އެއީ ތިމަންނަ އެމީހާއަށްވުރެ ރަނގަޅުވުމުން ކަމަށް ހީކުރުމަކީ ކިބުރުވެރިވެފައި ނުރައްކާތެރި ވެސް ޚިޔާލެކެވެ. އެއީ ތިބާއަށް ލިބިފައިވާ ނިޢުމަތަށް ތިބާއަށް ޝުކުރު ނުކުރެވޭ ކަމުގެ ނިޝާނެކެވެ.
ކައިވެންޏާއިމެދު ވެސް ބައެއްފަހަރު އަޅުގަނޑުމެންގެ ނަޒަރިއްޔާތު ހުންނަނީ މިފަދައިންނެވެ. ވަރިވެފައިވާ މީހުންނާއި މެދު މުޖުތަމަޢުގެ އެންމެން ދެކެނީ ވަރަށް ގޯސްކޮށެވެ. އެ މީހުންގެ ކިބައިގައި ކޮންމެވެސް ގޯހެއް ވާކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ވަރިވެފައިވާ މީހުންނަކީ ދަށް ބައެއް ކަމަށް ޤަބޫލު ކުރެވެއެވެ. އަޅުގަނޑުމެންނަށް އުފާވެރި ޒަވާޖީ ޙަޔާތެއް ލިބިފައި އެމީހުންނަށް ނުލިބޭތީވެއެވެ.
މިއީ ވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ ތިބާގެ އުފާވެރި ޒަވާޖީ ޙަޔާތަކީ ﷲ ދެއްވި ހަދިޔާއެކެވެ. ރަސޫލާ ﷺ ސިފަކުރެއްވި ފަދައިންނެވެ. ޚަދީޖަތުގެފާނުގެ ލޯބިފުޅުން ﷲ ތިމަންކަލޭގެފާނަށް ރިޒުޤު ދެއްވިއެވެ. އެކަލޭގެފާނު އެ ޙަދީޘް ކުރައްވަނީ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަރާތުން ލިބުނު ލޯތްބެއް ކަމަށެވެ.
ތިބާއަށް އުފާވެރި ޒަވާޖީ ޙަޔާތެއް ލިބިފައިވާނަމަ އެކަމާއިމެދު އަޅާނުލާ ޝުކުރުވެރިނުވެ ނުހުންނާށެވެ. އެކަމާއިމެދު އަމިއްލަ ނަފްސަށް ތަޢުރީފު ނުކުރާށެވެ. އޭގެ ބަދަލުގައި އެއީ ﷲ ގެ ޙަޟްރަތުން ލިބުނު ނިޢުމަތެއްކަމަށް ޤަބޫލު ކުރާށެވެ. އަދި ޝުކުރުވެރިވާށެވެ. އަދި އެ ނިޢުމަތް ލިބިފައިނުވާ މީހުންނާއިމެދު ދަށްކޮށް ނުދެކޭށެވެ.
އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ނިޢުމަތްތައް ދެއްވަނީ އެކަލާނގެ އިރާދަކުރައްވާ ފަދައަކުންނެވެ. އެކަލާނގެ ގެ ޙިކުމަތްތެރިކަމުގެ މަތިންނެވެ. ބައެއްމީހުންނަށް ބައެއް ނިޢުމަތްތައް ލިބިފައި އަނެއްބައި ނިޢުމަތްތައް ނުލިބިދާނެއެވެ. އަދި އެހެން ބަޔަކަށް ތަފާތު ނިޢުމަތްތައް ލިބިފައި އެހެން ނިޢުމަތްތައް ނުލިބިދާނެއެވެ. އަޅުގަނޑުމެން އެންމެންނަށް ވެސް ނިޢުމަތްތައް ލިބި، އިމްތިޙާންވެގެން ދަނީ ތަފާތު ގޮތްގޮތަށެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުރިހާ ލޯބީގެ އަސްލެވެ. އަދި އިސްލާމްދީނުގައި ލޯބީގެ ނިޔަތަކީ ހަމަޖެހުން ލިބިގަތުމެވެ. އަދި އެފަދަ ލޯތްބަކީ ﷲ ގެ ޙަޟްރަތުން ލިބޭ ހަދިޔާއެކެވެ. މީހަކަށް މި ހަދިޔާ ލިބިފައިނުވަނީ ކޮންމެހެން އެމީހެއްގެ ކިބައިގައި ހުރި ގޯހަކުންނެއް ނޫނެވެ. އެހެނެއްކަމަކު އެއީ އެމީހެއްގެ އިމްތިޙާނެވެ. އެހެންކަމުން އަޅުގަނޑުމެން އެހެން މީހުންނާއިމެދު ދަށްކޮށް ދެކިގެން ނުވާނެއެވެ. އަދި އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކާއިމެދު ޝުކުރުވެރިވާން ވާނެއެވެ.
ގޭގައި ހަމަޖެހުން ނެތް ޙާލަތްތަކުގައި، އެހެންނޫނީ އަނިޔާވެރިކަން ވެސް ވާ ޙާލަތްތަކުގައި، އަޅުގަނޑުމެން އެއިން ސަލާމަތްވުމަށް ފިޔަވަޅު އަޅަން ޖެހެއެވެ. ކެތްތެރިވުމުގެ މާނައަކީ އެކަމާއިމެދު އަޅާނުލުމެއް ނޫނެވެ. އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައިވަނީ އެއިން ސަލާމަތްވުމަށް މަސައްކަތް ކުރުމެވެ. މި ވާހަކަ އަދި އިތުރަށް ދެން ހުރި ބައިތަކުގައި ދެކެވޭނެއެވެ. (އިން ޝާ ﷲ)
ނުނިމޭ