ބަދަލުވާ ޙަޔާތް (ތޭވީސްވަނަ ބައި): ﷲ އަށް ވަކީލުކުރާނީ ކިހިނެއް؟
މި ރޫޙާނީ ދަތުރުގައި ހިތާއިމެދު ވާހަކަ ދައްކާއިރު އަޅުގަނޑު މިސާލެއް ދޭން ބޭނުމެވެ.
އަޅުގަނޑުގެ އަތުގައި މިހިރީ ފެން ތަށްޓެކެވެ. މި ތަށި މިހިރީ ފުރިފައެވެ. އަޅުގަނޑު މިވަގުތު މި ތަށްޓަށް އޮރެންޖް ޖޫސް އަޅަން އުޅެފިނަމަ، މި ތަށީގައި އެއަށް ޖާގައެއް ހުންނާނެ ހެއްޔެވެ؟ އެއްވެސް ޖާގައެއް ނެތެވެ. އެހެނީ އެ ތަށި ހުރީ ފެނުން ފުރިފައެވެ.
މިސާލަކަށް އަޅުގަނޑު ހަމަ ބޭނުންވަނީ މި ތަށްޓަށް އޮރެންޖް ޖޫސް އަޅާށެވެ. އެކަން ކުރަން އަޅުގަނޑު ޖެހޭނީ ކިހިނެއް ހަދަން ހެއްޔެވެ؟ އަޅުގަނޑު ޖެހޭނީ އެންމެ ފުރަތަމަ މި ތަށި ހުސްކުރާށެވެ. ތަށްޓަށް އެހެން އެއްޗެއް އެޅުމަށް އަޅުގަނޑު ޖެހޭނީ ތަށީގައި ޖާގަ ހަދާށެވެ.
ހިތުގެ މިސާލަކީ ވެސް މިއީއެވެ. މައްސަލައަކީ އަޅުގަނޑުމެންގެ ހިތްތަކީ ކަންވާރުތަކެއް ކަމެވެ. އަދި އެ ހިތްތައް ވަނީ އެކި ކަންތަކުން ފުރިފައެވެ. ހިތެއް ދުނިޔޭގެ ލޯބިން ފުރިފައިވާނަމަ، އެ ހިތުގައި ﷲ އަށްޓަކައިވާ ލޯތްބަކަށް މާ ބޮޑު ޖާގައެއް ނޯންނާނެއެވެ.
އެހެންކަމުން މި ރޫޙާނީ ދަތުރުގައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ދެ ބަޔަކަށް ބެހިގެންވެއެވެ. ފުރަތަމަ ބަޔަކީ ހިތް ހުސްކުރުމެވެ. މިއީ އަޅުގަނޑު އެންމެ ފުރަތަމަ ކިޔައިދިން ވާހަކަތަކެވެ. އެޓޭޗްމެންޓްތަކުގެ ވާހަކައެވެ. މި ފޯލްސް އެޓޭޗްމެންޓްތަކުން ވަކި ވުމަކީ ހިތް ހުސްކުރުމެވެ. މި ކަންތައްތަކަށް އަޅުގަނޑުމެންގެ ހިތުގެ މައި މަޤާމް ނުދެވޭނެ ކަމާއި، ‘އޮރެންޖް ޖޫސް ތެޔޮ ޓޭންކަށް’ ނޭޅޭނެ ކަމާއި، ދުނިޔަވީ ކަންތައްތަކަށް އެފަދަ ސަމާލުކަމެއް ދީފިނަމަ ހިތް ހަލާކުވާނެކަމާއި، މިއީ ލޯބީގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އެހެން އެއްޗެއް އެއްފަދަ ކުރުން ފަދަ ކަމެއްކަން ދަނެގެން ހުރުމެވެ. އަދި ހަމަ އެހެންމެ އެހެން ގޮތްގޮތަށް ވެސް ﷲ އާއި އެހެން އެއްޗެހި އެއްފަދަ ކުރެވެއެވެ. ތިބާގެ އުއްމީދުތަކާއި ތިބާގެ ބަރޯސާ ވުމުގައެވެ.
އެހެންކަމުން ފުރަތަމަ ބަޔަކީ ހިތް ހުސްކުރުމެވެ. އަޅުގަނޑުމެންގެ ހިތުގައި ޖާގަ ހަދަން އެބަ ޖެހެއެވެ. އެ ހިތުގައިވާ ފޯލްސް އެޓޭޗްމެންޓްތަކަކީ ކޮބައިކަން ދަނެގެންނެވެ. އަޅުގަނޑުމެންގެ ހިތުގެ މައި މަޤާމް ދީފައިވަނީ ކޮން ކަންތައްތަކަށްކަން ދަނެގެންނެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ހިތުގައި ހަމައެކަނި ﷲ އަށް ދޭންވާ ފަދަ މަޤާމެއް ދެވިފައިވަނީ ކޮން ކަންތަކަށްކަން ދަނެގަންނަން އަޅުގަނޑުމެން ތަމްރީނުތައް ހަދާފައިވާނެއެވެ. އޭގެއިން އެއް ތަމްރީނުގައި އަޅުގަނޑު ސުވާލުތަކެއް ކޮށްފައިވާނެއެވެ. އަޅުގަނޑުމެން އެންމެ ގިނައިން ވިސްނަނީ ކޮންކަމަކާއި މެދުގައިތޯ ފަދަ ސުވާލުތަކެވެ.
އަޅުގަނޑުމެންގެ ‘ތެޔޮ ޓޭންކަށް’ އެޅިފައިވަނީ ކޮން ‘އޮރެންޖް ޖޫހެއް’ ކަން އަޅުގަނޑުމެންނަށް ދޭހަ ކުރެވޭނީ އޭރުންނެވެ. އެ ޖޫސް އެތަނުން ނެރެވޭނީ އޭރުންނެވެ. އަދި ހަމަ އެއާއިއެކު އެ ޓޭންކް އެހެން އެއްޗަކުން ފުރުވޭނީ ވެސް އޭރުންނެވެ.
ފުރިފައިވާ ފެން ތަށީގެ މިސާލަށް އަނބުރާ ދަމާ ހިނގާށެވެ. އަޅުގަނޑު މީތި ހުސްކޮށްފައި ނުފުރުވައިފިނަމަ، އަޅުގަނޑު އަތުގައި ހުންނާނީ ހުސް ތަށްޓެކެވެ.
ބައެއްފަހަރު މީހުންގެ މި ރޫޙާނީ ދަތުރުގައި އެމީހުން ވަރަށް ހުސްވެގެން ދެއެވެ. މިފަދައިން މުސްލިމް ނޫން މީހުންނަށް ވެސް ވެއެވެ. މި ޙަޔާތުގެ ޙަޤީޤަތް އެމީހުންނަށް ފަހުމްވެގެން ދިޔުމުންނެވެ. މީގެ ސަބަބުން އެމީހުންނަށް ހުސްކަމެއް އިޙްސާސް ކުރެވިގެންދެއެވެ. އެއީ ކީއްވެ ހެއްޔެވެ؟
އެމީހުންނަށް ފަހުމް ވެގެން ދަނީއެވެ. އަހަރެން މި ހުރިހާ ދުވަހު މި ދުނިޔަވީ ޙަޔާތުގެ ފަހަތުން ދުވީމެވެ. އެހެނަސް އެއީ އަވާމެންދުރެއް ނޫންކަމަކަށް ނުވިއެވެ. އެހެންކަމުން ދެން މި ޙަޔާތުގައި އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟
މި ސުވާލުން އެމީހުންނަށް ހުސްކަން އިޙްސާސް ކުރެވެއެވެ. ހަމައެކަނި މި ދުނިޔަވީ ޙަޔާތަކީ ހުރިހާ އެއްޗެއް ނޫންކަން އެމީހުންނަށް އިޙްސާސް ކުރެވިގެން ދެއެވެ. މިއީ މުޅި ޙަޤީޤަތް ނޫންކަން ފަހުމްވެގެން ދެއެވެ. މީހުން މަޝްހޫރު ކަމުގެ ފަހަތުން ދުވެއެވެ. މުދަލުގެ ފަހަތުން ދުވެއެވެ. ބާރުގެ ފަހަތުން ދުވެއެވެ. އެހެނަސް މީގެއިން އެއްވެސް ކަމެއްގައި ފުރިހަމަ ޙަޤީޤަތެއް ނެތެވެ.
މިފަދަ ޚިޔާލުތަކުގެ ހުސްކަމުގައި އެމީހުންނަށް އަމިއްލަ ހިތްތައް ފުރުވަންވީ ގޮތެއް ނޭނގެއެވެ. އެހެންކަމުން އެ ޙާލަތް ވެގެންދަނީ ވަރަށް ހިތްދަތި ޙާލަތަކަށެވެ.
އޮރެންޖް ޖޫސް ތެޔޮ ޓޭންކަށް އެޅުމުން ތަދުވެއެވެ. ފޯލްސް އެޓޭޗްމެންޓެއް ހިތުގައި ވުމުގައި ތަދެއްވެއެވެ. ހިތުތެރޭގައި ﷲ އާއި އެހެން އެއްޗެއް އެއްފަދަ ކުރުމުގައި ވޭނެއް ވެއެވެ.
ހަމަ އެހެންމެ މި އެޓޭޗްމެންޓްތަކުން ވަކިވެ، ހިތް ނުފުރުވައި ހަމައެކަނި ހުސްކުރުމުގައި ވެސް ހިތްދަތިކަމެއް ވެއެވެ.
އެހެންކަމުން ކުރިއަށް ހުރި ބައިތަކުގައި އަޅުގަނޑުމެން ވާހަކަ ދައްކާނީ ހިތް ފުރުވާނެ ގޮތްތަކާއި މެދުގައެވެ. ﷲ ގެ ލޯބިފުޅާއި ނޫރުފުޅުން ހިތްތައް ފުރުވުމަށް ބޭނުންކުރެވޭނެ ރޫޙާނީ އާލާތްތަކަކީ ކޮބައިހެއްޔެވެ؟
އެންމެ ފުރަތަމަ އަޅުގަނޑު އަލިއަޅުވާލަން ބޭނުންވަނީ ‘ތަވައްކުލް’ އަށެވެ. ތަވައްކުލް އަކީ ހިތް އެންމެ ބޮޑަށް ފުރުވާނެ އެއް ވަޞީލަތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިތުބާރު ކުރުމެވެ. ﷲ އަށް އިތުބާރު ކުރުމުން އަޅުގަނޑުމެންގެ ހިތުގައިވާ ހުސް ޖާގަތައް ފުރިގެންދެއެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ﷲ އަށް ވަކީލުކުރުން ޙައްޤުވާ ގޮތަށް ﷲ އަށް ވަކީލުކޮށްފިނަމަ އެކަލާނގެ ދޫންޏަށް ރިޒުޤު ދެއްވާ ފަދައިން ތިޔަބައިމީހުންނަށް ރިޒުޤު ދެއްވާނެއެވެ. ދޫނިތައް ހާލިން އުދުހިގެން ދަނީ ހުސްބަނޑާއި އެކީގައެވެ. އަދި އަނބުރާ އަންނަނީ ފުރިފައިވާ ބަނޑާއި އެކީގައެވެ.
މިއީ ޞަޙީޙް ޙަދީޘެކެވެ. މިއިން އެނގެނީ ﷲ އަށް ޙައްޤުވާ ފަދައިން ވަކީލުކުރުމުން އަޅުގަނޑުމެންނަށް ފުދޭނެ ކަމެވެ. ﷲ އަޅުގަނޑުމެންގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ
“…އަދި اللَّه އަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނައަށް އެކަލާނގެ ފުދެއެވެ…” ސޫރަތުއްޠަލާޤް، 3
އެހެންކަމުން ﷲ އަށް ވަކީލު ކުރާ މީހަކަށް ﷲ ފުދޭނެއެވެ.
މި ވާހަކައިން އަޅުގަނޑު ދެން ވާހަކަ ދައްކަން ޖެހެނީ މިކަމުގެ އަނެއްކޮޅާއި މެދުގައެވެ. މީހުން ސުވާލުކުރާނެއެވެ. ކަމެއް ޙާޞިލު ކުރުމުގައި އަހަރެންގެ އަމިއްލަ ޒިންމާ އަދާ ކުރުން ކޮބައިހެއްޔެވެ؟
ބައެއް މީހުން ބުނެއެވެ. އަހަރެން ﷲ އަށް ވަކީލު ކޮށްފީމެވެ. އެހެންކަމުން ދެން އަހަރެން އިތުރު މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. އަހަރެންގެ އަމިއްލަ މަސައްކަތެއް ނުކުރާނަމެވެ.
ރަސޫލާ ﷺ މި ކަމުގެ މެދުމިން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވެއެވެ. އެ މަޝްހޫރު ރިވާޔަތުންނެވެ. އެއީ އެމީހެއްގެ ޖަމަލު ނުބަންނަ މީހާއާއި ގުޅޭގޮތުން އައި ރިވާޔަތެވެ.
އެ މީހާ ޖަމަލު ނުބަންނަނީ އޭނަ ﷲ އަށް ވަކީލު ކުރާތީވެއެވެ. އެހެންކަމުން ރަސޫލާ ﷺ އޭނައަށް ދަސްކޮށްދެއްވިއެވެ. ޖަމަލު ބަނދެފައި ﷲ އަށް ވަކީލު ކުރާށެވެ.
ބައެއްފަހަރު މި ޙަދީޘްގެ ތަރުޖަމާ ނުބައިކޮށް ކުރެވެއެވެ. އެ ނުބައި ތަރުޖަމާގެ ސަބަބުން ނުބައި ގޮތަކަށް މި ޙަދީޘް ފަހުމް ކުރެވޭހެން ވެސް އަޅުގަނޑަށް ހީވެއެވެ. ބައެއްފަހަރު މި ޙަދީޘް ތަރުޖަމާ ކުރެވެނީ މިހެންނެވެ. ޖަމަލު ބަނުމަށްފަހު ﷲ އަށް ވަކީލު ކުރާށެވެ. ޙަދީޘްގެ މާނައަކީ މިއެއް ނޫނެވެ. ޢަރަބިން ވެސް މި މާނަ އަންނަ ގޮތަށް ޙަދީޘް ކިޔޭ އަޑު އަޅުގަނޑު އަހާފައިވެއެވެ. އެހެނަސް ހަދީޘުން ބުނެވެނީ އެހެންނެއް ނޫނެވެ.
އެ ދެ މާނައިގެ ތަފާތަކީ ކޮބައިހެއްޔެވެ؟ ޖަމަލު ބަނުމަށްފަހު ﷲ އަށް ވަކީލު ކުރާށޭ ބުނުމުން ފަހުމް ކުރެވެނީ، އަޅުގަނޑުގެ އަމިއްލަ މަސައްކަތް ކުރާ ވަގުތު އަޅުގަނޑު ވަކީލު ކުރަނީ އެ މަސައްކަތަށެވެ. މިއީ މައްސަލަތަކުން ފުރިގެންވާ ވިސްނުމެކެވެ. މިއީ އެއްގޮތަކަށް ވެސް ރަނގަޅު ވިސްނުމެއް ނޫނެވެ.
ޙަޤީޤަތަކީ އަޅުގަނޑުމެން މަސައްކަތް ކޮށްފައި ވަކީލު ކުރަންޖެހެނީ އެ މަސައްކަތަށް ނޫންކަމެވެ. އަދި ﷲ އަށް ވަކީލު ކުރަންޖެހެނީ އެއަށް ފަހުގައެއް ނޫންކަމެވެ. އެހެނެއްކަމަކު އަޅުގަނޑުމެން އެ މަސައްކަތް ކުރަމުންދާ ވަގުތު ވެސް ﷲ އަށް ވަކީލު ކުރަމުއެވެ. އެ ދެ ކަންތައް އަންނަން ޖެހޭނީ އެކުއެކީގައެވެ.
މިއީ ވަރަށް ކުޑަކުޑަ މާނައިގެ ތަފާތެއްހެން ހީވެދާނެއެވެ. އެހެނަސް މިއީ ވަރަށް މުހިއްމު ނުކުތާއެކެވެ. އެހެނީ، މިސާލަކަށް މީހަކު ބަލިވެ އުޅޭކަން އެމީހަކަށް އެނގިއްޖެނަމަ، ޑޮކްޓަރު ގާތުން ފަރުވާ ހޯދައެވެ. ބޭސް ކައެވެ. މީހަކު ވަޒީފާއެއް ހޯދަމުން ދާއިރު، އެމީހުން އެކި ތަންތަނަށް ސިޓީލާން ފަށައެވެ.
އެ ފަރުވާ ހޯދަމުން އެހެންނޫނީ ވަޒީފާ ހޯދަން މަސައްކަތް ކުރަމުންދާ ވަގުތު ވެސް ﷲ އަށް ފުރިހަމައަށް ވަކީލު ކުރަން ޖެހެއެވެ. އެ މަސައްކަތުގެ އެއްވެސް މަރުޙަލާއެއްގައި ތިބާގެ އެ މަސައްކަތަށް ވަކީލުކޮށްގެން ނުވާނެއެވެ. މިއީ ވަރަށް ވެސް މުހިއްމު ކަމެކެވެ.
މޫސާ ޢަލައިހިއްސަލާމް ގެ ވާހަކައަށް އަލި އަޅުވާއިރު، އެކަލޭގެފާނު ރަތް ކަނޑުގެ ކުރިމަތީގައި ހުއްޓި ހުރެވަޑައިގަތް ވަގުތާއި މެދު ވިސްނާއިރު، އެ ޙާލަތުގައި އެކަލޭގެފާނު މުޅިންހެން ވަނީ ބެދިފައެވެ. އެ ބޮޑު ކަނޑާއި ބާރުގަދަ ލަޝްކަރަކާއި ދެމެދުގައެވެ. އެ ހިނދު މޫސާ ޢަލައިހިއްސަލާމް ގެ ވަށައިގެން ތިބި މީހުން ހާސްވެ ކަންބޮޑުވާން ފަށައެވެ. އެމީހުން ބުނެއެވެ. އަހަރުމެން ހަމަ ޔަޤީނުންވެސް އަތުލައި ގަނެވިއްޖެއެވެ. އެހެނަސް ﷲ އަށް ޙައްޤު ގޮތުގައި ވަކީލު ކުރުމުގެ މާނަ މޫސާ ޢަލައިހިއްސަލާމްއަށް ދަސްވެ ވަޑައިގެންފައިވެއެވެ. އެހެންކަމުން އެ ޙާލަތުގައި އެކަލޭގެފާނު އެ ޙާލަތުގައި ވިދާޅުވިއެވެ.
قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ
“އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.” ސޫރަތުއްޝޫރާ، 62
މި އާޔަތުގައި މިވާ كَلَّا އަކީ ވަރަށް ބާރުގަދަ ބަހެކެވެ. އޭގެ މާނައަކީ ހަމަ އެއްގޮތަކަށްވެސް ނޫނެކެވެ. އެކަލޭގެފާނު އަތުލައި ނުގަނެވޭނެކަމުގެ އެ ފަދަ ޔަޤީންކަމެއް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވީ ކީއްވެ ހެއްޔެވެ؟ އެ އާޔަތުގެ ފަހުކޮޅުގައި ވަނީ ސަބަބެވެ. އެއީ އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެކަލޭގެފާނާއި އެކީ ވޮޑިގެންވާތީވެއެވެ. އަދި އެ ރަސްކަލާނގެ އެކަލޭގެފާނަށް މަގު ދައްކަވާނެކަން ޔަޤީންވެފައިވީތީވެއެވެ.
މިފަދަ ވަކީލު ކުރުމެއްގެ ނަތީޖާއަކީ، ﷲ ރަތްކަނޑު ހުޅުއްވައި ދެއްވުމެވެ. އަޅުގަނޑުމެންގެ މިއަދުގެ ޙަޔާތުގައި އަޅުގަނޑުމެން ދުވަހަކުވެސް ކަނޑެއް ކުރިމަތީގައި އޮވެފައި، ބޮޑު ލަޝްކަރެއް ފަހަތުން އަންނަ ޙާލަތަކަށް ނުދާނެއެވެ. (އިން ޝާ ﷲ) އެހެނަސް އަޅުގަނޑުމެން ވެސް ބެދިފައިވާހެން ހީވާ ޙާލަތްތަކަށް ނުދާނެ ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. އަޅުގަނޑުމެންނަށް އެ ޙާލަތަކުން ނުނިކުމެވޭނެހެން ހީވާ ޙާލަތްތައް ދިމާވެދާނެ ހެއްޔެވެ؟ އެހެންނޫނީ ޙައްލެއް ނެތްހެން ހީވާ ޙާލަތެއް ދިމާވެދާނެ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އާނއެކެވެ!
އެހެންކަމުން އަޅުގަނޑުމެން އެ ޙާލަތްތަކުގައި ވާ ހިނދު، މަތީގައި ދެންނެވުނު ފަދަ ވާހަކަ ތަކުން ހިތްވަރު ލިބިގަތުން ވަރަށް މުހިއްމެވެ. އެއީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. އެހެނެއްކަމަކު ހުރިހާ ޒަމާނަކަށް ފެތޭ ޢިބްރަތްތަކެވެ.
އެހެންކަމުން އެ ވާހަކައިން ލިބޭ ޢިބްރަތަކީ ކޮބައިހެއްޔެވެ؟ އެންމެ ފުރަތަމަ ކަމަކީ ތިބާ ފުރިހަމައަށް ﷲ އަށް ވަކީލު ކުރުމުގެ ނަތީޖާއެވެ. އެ ޙާލަތުން އަޅުގަނޑުމެންނަށް ފެނިގެންދަނީ އަޖާއިބު ކުރުވަނިވި ކަމެކެވެ. އާނއެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށްޓަކައި މާ ކަނޑެއް ދެ ފަޅިއެއް ނުކުރައްވާނެއެވެ. އެހެނަސް ތިބާގެ ޙަޔާތުގައިވާ ‘ރަތް ކަނޑެއް’ ﷲ ތިބާއަށްޓަކައި ހުޅުއްވައިދެއްވާ ޙާލަތްތައް އަންނާނެއެވެ. މިއީ މިސާލެކެވެ.
ތިބާ ހީވެސް ނުކުރާ ގޮތްގޮތުން ﷲ ތިބާއަށްޓަކައި މަގުތައް ފަހިކޮށްދެއްވާނެއެވެ. މާލީ މައްސަލައެއްގައި ތިބާ ބެދިފައި ވަނިކޮށް އެކަލާނގެ ތިބާގެ އެ މައްސަލައަށް ހީވެސް ނުކުރާ ދިމާލަކުން ޙައްލެއް ދެއްކެވިއެވެ. ގުޅުމެއްގެ މައްސަލައަކަށް ވިޔަސް، ޞިއްޙީ މައްސަލައަކަށް ވިޔަސް، ކޮންމެ ކަމަކަށް ވިޔަސް އެކަލާނގެ ތިބާއަށްޓަކައި މަގެއް ފަހި ކޮށްދެއްވިއެވެ. އަދި ތިބާ ސަލާމަތް ކުރެއްވިއެވެ.
އަޅުގަނޑުމެންގެ ޙަޔާތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިފަދައިން ކަން ކުރައްވައެވެ. މިއީ ހަމައެކަނި ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ޙަޔާތުގައި ފެންނަ ކަންތަކެވެ. އެފަދައިން ކަންތައް ވަނީ ކިހިނެއް ވުމުން ހެއްޔެވެ؟ އަޅުގަނޑުމެން ﷲ އަށް ފުރިހަމައަށް ވަކީލުކޮށް އިތުބާރު ކުރުމުންނެވެ.
އެހެނަސް ފާހަގަ ކޮށްލަން ޖެހޭ ވަރަށް މުހިއްމު އެހެން ނުކުތާއެއް އެބައޮތެވެ. މި ވާހަކައިގައި އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަންވީ އެހެން ތަންކޮޅެއް ވެސް ވާ ކަމެވެ. އެއީ، އެ ޙާލަތުން ސަލާމަތްވުމަށް ފިޔަވަޅެއް އެޅުމަށް މޫސާ ޢަލައިހިއްސަލާމްއަށް ވަޙީ ކުރެއްވުނު ކަމެވެ. އެކަލޭގެފާނުގެ އަސާކޮޅު ކަނޑުގައި ޖެއްސެވުމަށް އެންގުނެވެ.
އެ ޙާލަތުގައި ހުރި މީހެއްގެ ނަޒަރިއްޔާތުން ނިކަން ވިސްނާލާށެވެ. އެމީހަކު ހިތަށް އަރާނެއެވެ. އަހަރުމެން މިއުޅެނީ ޤަތުލުވާށެވެ. އަހަރުމެންގެ ފަހަތުން މި އަންނަނީ ބޮޑު ލަޝްކަރެކެވެ. އެހެންނޫނީ އަހަރުމެން މިއުޅެނީ ކަނޑުގައި ޣަރަޤުވާށެވެ. އަސާ އަކުން ކަނޑުގައި ޖެހުމުން ވާނީ ފަހެ ކޮން ކަމެއް ހެއްޔެވެ؟
ބައެއްފަހަރު ﷲ ގެ އަމުރުފުޅުތަކާއިމެދު އަޅުގަނޑުމެން މިގޮތަށް ކަންތައް ކުރަމެވެ. އެ އަމުރުފުޅުތަކުގެ ޙިކުމަތް ދަނެގަންނަން އަމިއްލަ ސިކުނޑި ބޭނުން ކުރަމުއެވެ. އަޅުގަނޑުމެންނަށް ބުނެވެއެވެ. އެކަން އެގޮތަށް ކުރުމުން ވާނީ ފަހެ ކޮންކަމެއް ހެއްޔެވެ؟
އެހެނަސް މޫސާ ޢަލައިހިއްސަލާމް ﷲ ގެ އަމުރުފުޅަށް ކިޔަމަންވެ ވަޑައިގެންނެވި ގޮތާއި ﷲ އަށް ކުރެއްވި އިތުބާރު ނިކަން ދެކޭށެވެ. އެކަލޭގެފާނު އަޑުއައްސަވައި ކިޔަމަންވިއެވެ. سَمِعْنَا وَأَطَعْنَا އަކީ މިއީއެވެ. ﷲ ގެ އަޑު އެކަލޭގެފާނަށް އިވި ވަޑައިގަތުމާއިއެކު އެކަލޭގެފާނު ކިޔަމަންވިއެވެ.
އެ ޙާލަތުގައި ގިނަ ބަޔަކަށް އަސާކޮޅު ކަނޑުގައި ޖައްސަންވީ ސަބަބެއް ނުފެނިދާނެއެވެ. ޚުދު މޫސާ ޢަލައިހިއްސަލާމް އަށް ވެސް އޭގެ ފައިދާ ފެނިވަޑައި ނުގަންނަވާނެއެވެ. އެހެނަސް އެކަލޭގެފާނު އަމުރުފުޅު އަޑުއައްސަވައި އެ އަމުރުފުޅަށް ކިޔަމަންވިއެވެ.
އަޅުގަނޑުމެންގެ އުޅުން ބައްޓަން ކުރަންވާނީ މިގޮތަށެވެ. އަޅުގަނޑުމެންނަށް ﷲ ގެ އަމުރުފުޅުތައް ފަހުމް ނުވެދާނެއެވެ. މިސާލަކަށް ފަތިހުން ފެށިގެން އިރު އޮއްސެންދެން ރޯދާ ހިފުމަށް ﷲ އަންގަވާފައިވުމުން، އަޅުގަނޑުމެންނަށް އެއީ ކީއްވެގެންތޯ ބޭ އިޚްތިޔާރުގައި ނަމަވެސް އެހިދާނެއެވެ. އެހެނަސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އަޅުގަނޑުމެން އަމުރުފުޅުތައް އަޑުއަހައި ކިޔަމަންވަނީއެވެ. سَمِعْنَا وَأَطَعْنَا އެވެ.
މުދަލުގެ ވަކި ބައެއް ފަޤީރުންނަށް ދިނުމަށް އެންގެވިފައިވުމުން، އަޅުގަނޑުމެން ސުވާލު އުފައްދަމުއެވެ. 2.5% ކީއްވެ ހެއްޔެވެ؟ މިވެނި އިންސައްތައެއް ނުދެނީ ކީއްވެ ހެއްޔެވެ؟ މަޣްރިބް ނަމާދުގައި ވަނީ 3 ރަކުޢަތެވެ. 4 ރަކުޢަތް ނޯންނަނީ ކީއްވެތޯ އަޅުގަނޑުމެން ސުވާލު އުފައްދަމެވެ.
އަޅުގަނޑުމެންނަށް ފަހުމް ނުކުރެވިދާނެއެވެ. އެހެނަސް ﷲ ސުބުޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން އަޅުގަނޑުމެން އަޑުއަހައި ކިޔަމަންވަމުއެވެ.
އެހެންކަމުން އެ ޙާލަތުގައި މޫސާ ޢަލައިހިއްސަލާމް އަރިހުގައި އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް އެންގެވުމުން އެކަލޭގެފާނު ކިޔަމަންވެ ވަޑައިގަންނަވައެވެ. މިއީ މި ވާހަކައިގެ ވަރަށް މުހިއްމު ތަންކޮޅެކެވެ. އެހެނީ މި ވާހަކައިން އެނގެނީ އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތުގައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތަކެއް ވާ ކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަކީލު ކުރުމަކީ އެއްވެސް ކަމެއް ނުކުރުމެއް ނޫނެވެ. އެންމެ މުހިއްމު ނުކުތާއަކީ މިއީއެވެ.
ރަސޫލާ ﷺ ﷲ އަށް ވަކީލު ކުރަންވީ ފުރިހަމަ ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވެއެވެ. އެއީ ޖަމަލު ބަނދެފައި، އެހެން ބަހަކުން ބުނާނަމަ، ތިބާއަށް ކުރެވެން އޮތް ކަމެއް ކުރަމުންދާ ވަގުތުވެސް ވެސް އެކަމާއިމެދު ﷲ އަށް އިތުބާރު ކުރުމެވެ.
އަޅުގަނޑަށް އިވިފައިވާ ވަރަށް ގިނަ ވާހަކަތަކުން އެތައް ބަޔަކު އަނިޔާވެރި އަދި ދަތި މާޙައުލުތަކުގައި ބެދިފައިވެއެވެ. ވަކިން ޚާއްޞަކޮށް އަންހެނުންގެ ފަރާތުން އަޅުގަނޑަށް މިފަދަ ގިނަ ވާހަކަތައް އިވިފައިވެއެވެ. އޭގެތެރެއިން ކޮންމެވެސް އެއް އަންހެނަކު 26 އަހަރު ވަންދެން ޖިސްމާނީ ގޮތުންނާއި ޖަޒުބާތީ ގޮތުންނާއި ބަހުގެ ގޮތުން ވެސް އަނިޔާވެރި ގުޅުމެއްގައި އުޅުނެވެ. އެ އަންހެން މީހާ އެ މާޙައުލުން ސަލާމަތްވާން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެ ޙާލަތުން އަމިއްލަ ނަފްސު ރައްކާތެރި ކުރަން އެއްވެސް ފިޔަވަޅެއް ނާޅައެވެ. މީހަކު ބުނެފާނެއެވެ. އެ އަންހެން މީހާ ﷲ އަށް ވަކީލު ކުރީއެވެ. އެހެނަސް ވަކީލު ކުރުމާއިއެކު އެ އަންހެން މީހާ ކުރަންޖެހޭ ކަންތަކެއް ވެސް ހުންނާނެއެވެ.
ސުބްޙާނަ ﷲ އެވެ! އެ އަންހެން މީހާ އެ ޙާލަތުން ސަލާމަތްވުމަށް ފިޔަވަޅެއް އެޅުމާއިއެކުހެން، އެ ޙާލަތް ބަދަލުކުރަން ފިޔަވަޅެއް އެޅުމާއި އެކުހެން ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އަންހެން މީހާއަށްޓަކައި ‘ރަތް ކަނޑު’ ހުޅުއްވައި ދެއްވިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އަންހެން މީހާއަށް ނަޞްރު ދެއްވީ އެހާ ހިސާބުންނެވެ.
އަޅުގަނޑަށް މިފަދަ އެތައް ވާހަކައެއް އިވިފައިވެއެވެ. އެފަދަ ޙާލަތްތަކުގައިވާ އަންހެނުން ފިޔަވަޅެއް އެޅުމާއި އެކުހެން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުން އުފުއްލަވައެވެ. ވަކީލު ކުރުމުގެ އަސްލަކީ މިއީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ
“…ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތް އެ ބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ ޙާލަތް ބަދަލެއް ނުކުރައްވާނެއެވެ…” ސޫރަތުއްރަޢުދު، 11
އެހެންކަމުން ވަކީލު ކުރުމުގައި ތިބާ ފިޔަވަޅު އަޅަންޖެހޭ ބައި ވެސް އޮވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެ ވޮޑިގެންވިއެވެ. ތިބާ އެކަލާނގެ އަރިހަށް އެއް ފިޔަވަޅު އަޅައިފިނަމަ، އެކަލާނގެ 10 ފިޔަވަޅު ތިބާގެ ގާތަށް އަޅުއްވައެވެ. ތިބާ ﷲ ގެ އަރިހަށް ހިނގާފައި ދާނަމަ، އެކަލާނގެ ތިބާގެ ގާތަށް ބާރު މިނުގައި ވަޑައިގަންނަވައެވެ.
އެހެންކަމުން އަޅުގަނޑުމެން ކުރާ މަސައްކަތް ﷲ ދެއްވާނެ އެހީފުޅާއި އެއްވަރެއް ނުވާނެއެވެ. އެހެނަސް އަޅުގަނޑުމެން ދެންވެސް އަމިއްލަ ފަރާތުން މަސައްކަތެއް ކުރަން ޖެހޭނެއެވެ. އަދި އަޅުގަނޑުމެން އެންމެ ކުޑަ މިންވަރަކުން ވެސް މަސައްކަތެއް ކޮށްފިނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށްޓަކައި ހުޅުއްވައިދެއްވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެހީތެރިވެ ވޮޑިގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އުފުއްލަވައެވެ. އެއްކަލަ ޙަދީޘްގައި އޮތްފަދައިންނެވެ. ދޫނިތަކަށް ރިޒުޤު ދެއްވާ ފަދައިން އެކަލާނގެ އަޅުގަނޑުމެންނަށް ރިޒުޤު ދެއްވާނެއެވެ.
ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ
“…އަދި اللَّه އަށް ތަޤްވާ ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (2) އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެތެވެ…” ސޫރަތުއްޠަލާޤް، 2-3
ތަޤްވާވެރި ވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އެއީ ﷲ އަބަދުވެސް ތިބާ ބައްލަވާ ވޮޑިގެންވާކަން ހަނދާނުގައި ބެހެއްޓުމެވެ. ﷲ އަށް ބިރުވެތިވުމެވެ. ތިބާގެ ޙަޔާތުގައި އެންމެ މުހިއްމު ފަރާތަކީ ﷲ ކަމުގައި ހެދުމެވެ.
މިފަދައިން ތިބާ ތަޤްވާވެރި ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ﷲ ތިބާއަށް ނިކުންނާނެ މަގެއް ދައްކަވާނެއެވެ.
ބައެއް ފަހަރު ވަކި ޙާލަތަކުން ނިކުންނާނެ ގޮތެއް ނެތްހެން މީހަކަށް ހީވެދާނެއެވެ. އަހަންނަކަށް މީގެ ޙައްލެއް އެއްގޮތަކަށް ވެސް ނުހޯދެއޭ ބުނެވޭ ޙާލަތަށް އައިސްދާނެއެވެ. ހަދަންވީ ގޮތެއް ނޭނގޭ ޙާލަތެއް އައިސްދާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތުން ދައްކަވަނީ ޙައްލެވެ. ތިބާ ތަޤްވާވެރި ވެއްޖެނަމަ ﷲ ތިބާއަށްޓަކައި އެ ޙާލަތުން ނިކުންނާނެ މަގެއް ދައްކަވާނެއެވެ. އަދި ހަމަ އެހެންމެ ތިބާ ހީވެސް ނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ ތިބާއަށް ރިޒުޤު ދެއްވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޢުދުފުޅަކީ މިއީއެވެ.
އެންމެ ފަހު ވާހަކައަކަށް އަޅުގަނޑު ޙިއްސާ ކޮށްލަން ބޭނުމީ ހާޖަރުގެފާނުގެ ވާހަކައެވެ. ހާޖަރުގެފާނަކީ އަޅުގަނޑުމެން އެންމެން އެކަމަނާގެ މިސާލަށް ތަބާވާ ކަމަނާއެވެ. ހައްޖާއި ޢުމްރާގެ ތެރެއިންނެވެ.
ހާޖަރުގެފާނު ހުންނެވީ އެއްވެސް މަގެއް ނެތް ހެން ހީވާ ފަދަ ޙާލަތެއްގައެވެ. އެކަމަނާ ވީ ސަހަރާއެއްގެ މެދުގައެވެ. ޅަ ދަރިކަލުންނާއި އެކީގައެވެ. އަދި އިތުރު އެހެން އެއްވެސް މީހެއް އެތާނގައި ނެތެވެ. އެހީވެދޭނެ ހަމަ އެއްވެސް މީހެއް ނެތެވެ. އަދި ފެނެއް ވެސް ނެތެވެ.
މި ޙާލަތުގައި ވެސް ހާޖަރުގެފާނު ﷲ އަށް ވަކީލު ކުރެއްވިއެވެ. އެކަމަނާ ﷲ އަށް އިތުބާރު ކުރެއްވިއެވެ. އެހެނެއްކަމަކު އަޅުގަނޑު ތިބޭފުޅުންނާއި ސުވާލެއް ކޮށްލާނަމެވެ. އެކަމަނާ އެތާ އިށީނދެ ވަޑައިގެން އިންނެވީ ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ އުޑުން ފެން އޮއްސަވަންދެން އެއްވެސް ކަމެއް ނުކޮށް އިންނެވީ ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެހީފުޅު އަންނަންދެން އެކަމަނާ އިށީނދެ ވަޑައިގެން އިންނެވީ ހެއްޔެވެ؟
މީގެ ޖަވާބު ތިބޭފުޅުންނަށް އެނގެއެވެ. ޖަވާބަކީ ނޫނެކެވެ. އެކަމަނާ ތެދުވެ ވަޑައިގެން ދުވެ ވަޑައިގެންނެވީއެވެ. އެކަމަނާ ކަމެއް ކުރެއްވީއެވެ. އެކަމަނާ ފިޔަވަޅެއް އެޅުއްވީއެވެ.
މިއީ އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތަށްޓަކައި އަޅުގަނޑުމެން ދަސްކުރަންޖެހޭ ފިލާވަޅެކެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ޙާލަތްތަކަށް ބަލައި އެ ބަދަލުވެދާނަމައޭ ހިތަށް އަރާ ޙާލަތްތަކެއް ވާނެއެވެ. އުދަގޫ ޙާލަތްތަކެވެ. އަނިޔާވެރި ޙާލަތްތަކެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ނުބައި ޙާލަތްތަކެވެ. އަޅުގަނޑުމެން ކަމަކާއިމެދު ހިތްހަމަނުޖެހިފައިވާ ޙާލަތްތަކެވެ.
މީގެއިން ކޮންމެ ޙާލަތެއްގައި ވެސް އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއް ވާނެއެވެ. ހާޖަރުގެފާނު ޢަމަލު ކުރެއްވި ގޮތަކީ މިއީއެވެ. އެކަމަނާ ޞަފާއާއި މަރުވާ އާއި ދެމެދު ދުވެވަޑައިގެންނެވިއެވެ.
ތިބާ ބައެއްފަހަރު ކަމެއް ކުރުމުން އެކަން ފޭލްވެއެއް ނޫން ހެއްޔެވެ؟ ތިބާ ދެވަނަ ފަހަރަށް ވެސް އެކަން ކުރުމުން ފޭލްވެއެވެ. ބައެއްފަހަރު އަޅުގަނޑުމެން އެންމެ ފަހަރަކު ފޭލްވުމުން ވެސް އުއްމީދު ކަނޑާލައި ހުއްޓާލަމުއެވެ. އެކަން ރަނގަޅެއް ނުވިއެވެ. އަހަރެން މަސައްކަތް ކޮށްފީމޭ އަޅުގަނޑުމެންނަށް ބުނެވެއެވެ.
އެހެނަސް ހާޖަރުގެފާނަށް ނިކަން ބައްލަވާށެވެ. އެކަމަނާ ޞަފާއާއި މަރުވާ އާއި ދެމެދު ދުވެވަޑައިގަތުމުން އެއްވެސް އެއްޗެއް ނުފެނުނެވެ. އެކަމަނާ އުއްމީދު ކަނޑާ ނުލައްވައެވެ. އެކަމަނާ އަނެއްކާވެސް ޞަފާއާއި ދިމާލަށް ދުވެ ވަޑައިގެންނެވިއެވެ. އެކަމަނާ އަނެއްކާވެސް މަސައްކަތް ކުރެއްވީއެވެ. އަނެއްކާވެސް އެއްވެސް އެއްޗެއް ނުފެނުމުން ދެންވެސް އުއްމީދު ކަނޑާ ނުލެއްވިއެވެ. އެކަމަނާ އަނެއްކާވެސް މަރުވާއަށް ދުވެވަޑައިގެންނެވިއެވެ. އެކަމަނާ މިފަދައިން ކަން ކުރެއްވީ އެއްފަހަރު ދެ ފަހަރު ތިން ފަހަރު ހަތަރު ފަހަރު ފަސް ފަހަރެއް ވެސް ނޫނެވެ. އެކަމަނާ އެފަދައިން ކަން ކުރެއްވީ 7 ފަހަރެވެ.
އެހެންކަމުން މިއީ ވަރަށް ފުން ފިލާވަޅެކެވެ. އުއްމީދު ކަނޑާ ނުލުމާއި ގުޅޭ ގޮތުންނެވެ. އުއްމީދުގައި ހިފުމާއި ގުޅޭ ގޮތުންނެވެ. އަދި ބައެއްފަހަރު އަޅުގަނޑުމެންނަށް މަގު ދެއްކެވިގެން ދިޔުމުގައި މަރުޙަލާތަކެއް ވާނެ ކަމެވެ. ޙަޔާތުގެ ކޮންމެ ކަމެއްގައި ވެސް މަރުޙަލާތަކެއް ވާ ފަދައިންނެވެ. ﷲ އިރާދަ ކުރެއްވިނަމަ ކުއްޖަކު އެއް ދުވަހުން ވިހެއީހެވެ. އެހެންނޫނީ އެއް ހަފްތާއިން ފުރާ ފުރިހަމަވެ ވިހެއީހެވެ. ގަހެއް އެންމެ ރެއެއްގެ ތެރޭގައި ފުރާ ފޯދިގެން ދިޔައީހެވެ. ﷲ އިރާދަ ކުރެއްވިނަމަ ރަސޫލާ ﷺ ގެ ރިސާލަތު އެއް އަހަރުން ނުވަތަ ދެ އަހަރުން ފުރިހަމަ ކުރެއްވީހެވެ.
އެހެނަސް ކޮންމެ ކަމެއްގައި ވެސް މަރުޙަލާތަކެއް ވާނެކަން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައި ވެއެވެ. ރަސޫލާ ﷺ ގެ ރިސާލަތު ފުރިހަމަ ވެގެން ދިޔުމަށް 23 އަހަރު ވޭތުވިއެވެ. ގަހެއް ފުރާ ފޯދިގެން ދިޔުމަށް ބައެއްފަހަރު 100 އަހަރު ވެސް ނަގައެވެ. ދަރިއަކު ވިހަނީ 9 މަހުންނެވެ. އެހެންކަމުން ﷲ ދަސްކޮށްދެއްވަނީ ކަންތައްތަކުގައި މަރުޙަލާތަކެއްވާކަމެވެ. ކޮންމެ ކަމެއް ވަގުތުންނެއް ނުވާނެއެވެ. އެހެނަސް ނުހުއްޓައި ކުރާ މަސައްކަތާއި އުއްމީދާއެކު ﷲ ގެ އިރާދަފުޅުން، އެކަލާނގެ ތިބާއަށްޓަކައި ނިކުންނާނެ މަގެއް ދައްކަވައެވެ. އަޅުގަނޑުމެން އަމިއްލަ މަސައްކަތް ކުރަމުންދާ ހިނދު ވެސް ﷲ އަށް ވަކީލު ކުރަމުން ދާންވާނެއެވެ.
ނުނިމޭ